"ސަޖަލް" އޭނާ ސިހުނީ ރިއުމާން އޭނާއަށް ގޮވައިލި އަޑާއެކުގައެވެ.
ސަޖަލް ފަހަތަށް އެނބުރުނުއިރު ރިއުމާން އައިސް އޭނާއާއި ދާދި އެއްހަމައެއްގައި މަޑުކޮށްލަނީއެވެ. ސަޖަލް ލުއި ހިނިތުންވުމެއް ރިއުމާންއަށް ހަދިޔާކޮށްލިއެވެ. އޭރުވެސް ފުދޭވަރަކަށް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ.
"އަހަރެން ގެއަށް ލައިދީފާނަން.... އަހަންނާއެކު ދާން ކެރޭނެތަ؟" ރިއުމާން އަހައިލިއެވެ. އެ ތުންފަތްމަތީގައި މައުނަވީ ހިނިތުންވުމެއް ވިއެވެ. ސަޖަލް ދެކޮޅު ހެދިއެވެ. އެ ވަގުތު އޮފީސްތެރެއިން ނުކުތް ދެ ކުއްޖެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ. އެ ދެކުދިން އެކަކު އަނެކަކު ކައިރީގައި ކޮންމެވެސް އެއްޗެކޭ ކީތަން ސަޖަލްއަށް ވެސް ފެނުނެވެ.
"ނޫން ސަރ. އިރުކޮޅަކުން ވާރޭވެސް ހުއްޓާލަފާނެ... ކާރުގަ ގޮސްފިއްޔާ އަނެއްކާ މާދަމާ ޓެކްސީއެއްގައި އަންނަންޖެހޭނީ..." ސަޖަލް ކޮންމެެވެސް ބަހަނާއެއް ދައްކަން މަސައްކަތްކުރިއެވެ.
"އަހަންނާއެކު ދާން ބޭނުންނުވަނީތަ؟" ރިއުމާން އަހައިލިއެވެ.
"ސާރ"
"އިޓްސް އޯކޭ އޭ... ސަޖަލްގެ ގެ ހުންނަނީ ކިހާ ހިސާބެއްގައިތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.
މައްޗަން ގޯޅީގައި" ސަޖަލް ޖަވާބު ދިނެވެ. އޭނާ އަނެއްކާވެސް ނުދާންވެގެން ބަހަނާއެއް ދައްކަން މަސައްކަތް ކުރިއެވެ.
"ހިޔެއްނުވޭ ވާރޭވެސް އެހާ އަވަހަށް ހުއްޓާނެހެނެއް... އަހަރެން ލައިދީފާނަމޭ... ހަމަ އަހަރެން ވީމަ ނުދާންވެގެންތަ ތިއުޅެނީ؟" ރިއުމާން ބުނެލިއެވެ. އޭނާގެ އަޑުގައި ގާތްގޮތެއް ހުއްޓެވެ.
"ނޫން ސާރ. އެހެންވެގެނެއްނޫން!" ސަޖަލް އަނެއްކާވެސް ދެކޮޅު ހެދިއެވެ.
"އަހަރެން ހުންނާނަން ސަޖަލް އާއެކޭ ބުނަންދެން!" ރިއުމާން ބުނެލިއެވެ. އެއަށްފަހު އޭނާ ބުމަ އަރުވައިލިއެވެ. ރިއުމާން ސަޖަލްގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
ރިއުމާން ގާތުން ސަލާމަތްނުވެވޭނެކަން ޔަޤީންވެ ސަޖަލް އެއްބަސްވިއެވެ. އޭނާ ރިއުމާންއަށް ބަލައިލަމުން އާއެކޭ ބުނެލިއެވެ. ޚުދު އޭނާއަށްވެސް ލަސްވަމުންދިޔައީތީއެވެ.
ރިއުމާންއާއެކު ކާރަށް އަރަމުން ސަޖަލް އޭނާގެ ގެ ހުންނަ ހިސާބު ބުނަލަދިނެވެ. ކާރުތެރެއަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފޫދުއްވައިލީ ރިއުމާން ޖެހި ލަވައިގެ ސަބަބުންނެވެ. ވިއްސާރަ ދުވަހަކަށް ވުމާއެކު ކާރު ތެރެއަށް ވެެރިވެފައި ހުރި އޭސީގެ ފިނިކަމުގެ ތެރެއިން ސަޖަލް ހީކަރުވާ ގޮތްވިއެވެ.
"ފިނިވަނީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.
ސަޖަލް ދެފަރާތަށް ބޯ ހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
"ފިނިވަންޏާ ފިނި ވަނިއްޔޭ ބުނެބަލަ... ސަޖޫ ހީވަނީ އަހަރެެން ވަރަށް ދުރުކޮށްލައިގެން އުޅޭހެން!" ރިއުމާން އެހާ ގާތްގޮތަކަށް ވާހަކަ ދެއްކުމުން ސަޖަލްއަށް ބުމަ އަރުވައިލެވުނެވެ. ސަޖޫއޭ ބުނުމުންވެސް އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
ކަމޯން... މީ އޮފީހެއް ނޫނެއްނު. އެޓްލީސްޓް މިވަގުތު އަހަންނަކީ ފްރެންޑެއް ގޮތަށް ދެކިބަލަ!" ރިއުމާން ބުނެލިއެވެ.
"އެކަމަކު ސާރ...އަޅުގަނޑު... ކިހިނެއް؟"
"ސާރ؟ ރިއުމާން ކިޔަސް އޯކޭ... އަހަރެންގެ ރައްޓެހިން ކިޔާނީ މާން!" ރިއުމާން ވާހަކަ ދެއްކިއެވެ. ސަޖަލް އެއްޗެއް ނުުބުނެ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ.
ގެއާ ހިސާބަށް އާދެވެންދެންވެސް ރިއުމާން ދިޔައީ ކެނޑިނޭޅި ވާހަކަ ދައްކަމުންނެވެ. ރިއުމާން ދައްކަމުން ދިޔަ ވާހަކައަށް ގިނަ ފަހަރު ސަޖަލް ބުނެލަނީ އާހޫމް އެކެވެ. ނޫނީ އޭނާ ބޯޖަހައިލަނީއެވެ.
ސަޖަލް ކާރުން ފައިބައިގެން ގޮސް ގެއަށް ވަތްއިރުވެސް ފުދޭވަރަކަށް ބޯކޮށް ވާރާވެހެމުން ދިޔައެވެ. އޭނާ ހިސާބަކަށް ތެމެންވެސް ތެމުނެވެ. ރިއުމާން ކާރު ދުއްވައިލުމާއެކު ސަޖަލް ލަސްނުކޮށް ގޭތެރެއަށް ވަނެވެ.
*****
ޚިޔާލުތަކުން ސަޖަލްއަށް ނުކުމެވުނީ ފަތިސްނަމާދު ބަންގީގެ އަޑާއެކުގައެވެ. ނުނިދާ އެހާ ގިނައިރު އޮވެވުނުކަންވެސް އޭނާއަށް ރޭކާލީ ދެނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ސަޖަލް އެނދުން ތެދުވިއެވެ. އެއަށްފަހު އޭނާ ފާޚާނާއާ ދިމާލަށް މިސްރާބުޖެހީ ފެންވަރައިގެން ނަމާދުކޮށްލުމުގެ ބޭނުމުގައެވެ.
ހަށިގަނޑަށް ވެރިވެފައިހުރި ކަންނެތް ކަމާއި ލޮޑުކަމާއެކު ވެސް ސަޖަލް ސިޓިންރޫމަށް ނުކުމެލިއެވެ. އޭރު ބައްޕަވެސް ފަތިން ނަމާދަށް ހޭލިގޮތަށް ގޭތެރޭގައި އުޅެއެވެ.
"ނަމާދުކޮށްފިންތަ؟" ރަޝާދު އަހައިލިއެވެ.
"ލައްބަ!" ސަޖަލް ޖަވާބުދެމުން ސޯފާގައި އިށީނދެލިއެވެ. އޭނާ ވިސްނައިލިއެވެ. ވަޒީފާއިން ވަކިވީ ވާހަކަ އޭނާ ބައްޕަ ކައިރީގައި ބުނަން ވީހެއްޔެވެ؟ ނޫނީ އިހަށް މަޑުކުރަން ވީހެއްޔެވެ؟ އޭނާ އަށް ބައްޕަގެ ފަރާތުން ކުރިމަތިވާ ސުވާލުތަކަށް ޖަވާދު ދެވިދާނެހެއްޔެވެ؟
"ދަރިފުޅާ!" ރަޝާދު ގޮވައިލުމުންވެސް ސަޖަލްއަށް އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ.
"ދަރިފުޅާ ސަޖަލް.. ކޮން ޚިޔާލެއްގަ؟ ކޮންކަމަކާތަ އެހާ ހާސްވެފަ ތި ހުންނަނީ؟" ސަޖަލްއަށް ހަމަހޭވެރިކަންވީ ދެވަނަ ފަހަރު ރަޝާދު ވާހަކަ ދެއްކުމާއެކުގައެވެ.
"ބައްޕާ... އަޅުގަނޑު ވާހަކައެއް ބުނަން ބޭނުން!"
ކޮން ވާހަކައެއް އަނެއްކާ؟" ސަޖަލްގެ މޫނުމަތިން ފެނުނު ހާސްކަން ރަޝާދަށްވެސް ކުޑަ ނުތަނަވަސްކަމެއް ވެރިކުރުވިއެވެ. އޭނާ ވެސް އައިސް ސޯފާގައި ޖައްސައިލަމުން ދަރިފުޅުގެ ވާހަކަތަކަށް ސަމާލުކަން ދިނެވެ.
"ދެން ބުނަބަލަ!"
ބައްޕާ... އަޅުގަނޑު ވަޒީފާއިން ވަކިވެއްޖެއިން..." ސަޖަލް ހިތްވަރުކޮށްފައި ބުނެލިއެވެ. އޭނާ ރަޝާދަށް ބަލައިލިއެވެ.
"އެކަމަކު ކީއްވެ ދަރިފުޅާ؟" ހައިރާންކަމެއް ވެރިވުމާއެކު ރަޝާދަށް އަހައިލެވުނެވެ.
"ދެން އެހެން ވަޒީފާއެއް ހޯދާނީ..." ސަޖަލް އިސްޖަހައިލިއެވެ. ކަންތައްތައް ވީގޮތް ހަޤީގަތަކަށް ކިޔައިދޭން އޭނާގެ ނަފްސު ދެކޮޅު ހެދިއެވެ. ރަޝާދުވެސް އިތުރަށް އެއްޗެއް ނުުބުނީ ސަޖަލް އެ ނިންމުން ނިންމުމުގެ ފަހަތުގައި ބޮޑު ސަބަބެއް ވާނޭކަމަށް އޭނާއަށް ގަބޫލުކުރެވޭތީއެވެ. އެހާ އަދާކުރާހިތުން އަދާކުރި ވަޒީފާއިން ވަކިވާން ސަޖަލް ނިންމާނީ ގައިމު ކޮންމެވެސް ބޮޑުކަމެއް ވީމަތާއޭ އޭނާގެ ހިތަށް އެރިއެވެ.
ހެނދުނު ނުވައެއް ޖެހިފަހުން ސަޖަލް ފިހާރެއަށް ދާން ނުކުތީ ސައިބޮއި އެއްޗެއް ތައްޔާރުކުރަން އެއްޗެއް ގަނެލުމުގެ ބޭނުމުގައެވެ.
ދޮރުން ނުކުމެވުނުތަނާ އޭނާއަށް ސިހުން ލިބުނީ އެ ތަނަށް މަޑުކޮށްލި ކާރުން ފޭބި ރިއުމާން ފެނިފައެވެ. ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިހާ ހެނދުނާ އޭނާ ހުރީ ރިއުމާންއާ ކުރިމަތިލާން ޖެހުމުން ރުޅިއައިސް ހިތްހަމަ ނުޖެހިފައެވެ.
"ސަޖަލް!" ރިއުމާން ސަޖަލްއަށް ގޮވައިލަމުން އައިސް ސަޖަލް ކައިރީގައި މަޑުކޮށްލިއެވެ.
"ރިއުމާން ކީކުރަން މިތަނަށް ތިއައީ... ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އަހަންނަށް އުނދަގޫ ނުކޮށްފާނަންނަ؟"
"ސަޖޫ... ޕްލީޒް... އަހަރެން ވަރަށް ލޯބިވޭ... އަހަންނަށް މިސްޓޭކެއް ހެދުނު ނަމަ މާފަށް އެދެން. އަލުން އޮފީހަށް ޖޮއިން ވެބަލަ!" ރިއުމާން އާދޭސްކުރިއެވެ. ރިއުމާން ސަޖަލްގެ ނިތްކުރިމައްޗަށް ބަލައިލިއެވެ. އަޅާފައިވާ މަލަންކޮޅު ނައްޓާލާފައި ހުރި ނަމަވެސް އަދިވެސް އެތަނުގައި ފާރުގަނޑު އިނެވެ.
"އަހަރެން އެ ނިންމުން ނިންމީ ވަރަށް ވިސްނުމަށްފަހު ރިއުމާން... " ސަޖަލް ބުނެލިއެވެ. ރިއުމާން ސަޖަލްގެ އަތުގައި ހިފައްޓައިލިއެވެ. ސަޖަލް އެ އަތް ފޮޅުވައިލުމާއެކު ރިއުމާން އަނެއްކާވެސް ސަޖަލްގެ އަތުގައި ހިފައިލިއެވެ.
"ރިއުމާން... ބަަލަ މީ ރޯމާ ދުވާލޭ... މަގުމަތީގައި ތިހެން އުޅުނީމަ ވެއްޓޭނީ ހަމައެކަނި ރިއުމާންގެ އަގެއް ނޫނޭ! އަހަރެންގެ އަގުވެސް ވެއްޓޭނޭ... މީހަކު ވީޑިއޯ ކޮއްފިއްޔާ ކިހިނެއް ހަދާނީ؟... ހަމަ މިހާރު އަހަރެން އަތުން ދޫކުރޭ!" ސަޖަލްގެ ގާތަށް ރުޅިއައިސް އަނެއްކާވެސް ރިއުމާންގެ އަތް ފޮޅުވައިލިއެވެ.
"ސަޖޫ... އަހަ..."
ރިއުމާން... ޕްލީޒް... މީ މަގުމައްޗޭ... ފަހުން... އަހަރެން ބައްޕައަށް ސައިވެސް ހަދަން ޖެހޭ... ތިހެން ނޫޅެބަލަ! ތީ މީހުން އުޅޭ ގޮތްތަ؟" ސަޖަލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ރިއުމާން ސަޖަލްގެ އަތުގައި އަނެއްކާވެސް ހިފައްޓަން މަސައްކަތްކުރިއެވެ. ސަޖަލް އެ އަތް ފޮޅުވައިލިއެވެ. މަގުމަތިން ދިޔަ ގިނަ މީހުންގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ. އަތް ފޮޅުވައިލުމަށްފަހު ސަޖަލް ފިހާރައާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ހުރީ ރިއުމާންއާ ހެދި އުނދަގޫވެފައެވެ. ސަޖަލް ފިހާރަ ތެރެއަށް ވަނުމާއެކު ރިއުމާން މަޑުކުރީ ބޭރުގައެވެ.
ގަންނަން ބޭނުންވާ އެއްޗެހި ނަގައިގެން އައިސް ކައުންޓަރު ދޮށުގައި ހުރި ސަޖަލް ލޯގަނޑުން ރިއުމާން ހުރިތޯ ބަލައިލިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލީ ރިއުމާން ހުރިތަން ފެނުމުންނެވެ. ރިއުމާން ގޮތް ދޫނުުކުރާނެކަން އޭނާއަށް އެނގެއެވެ. ސަޖަލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ކޭޝްތަ؟ ކާޑުތަ؟" ސަޖަލްއަށް ހޭވެރިކަންވީ ކައުންޓަރު ދޮށުގައި ހުރި ކުއްޖާ ވާހަކަ ދެއްކުމާ އެކުގައެވެ.
"ކާޑު..." ސަޖަލް އޭނާގެ ކާރު ނަގާ ލާރި ދެއްކިއެވެ. އެއަށްފަހު ކޮތަޅުތައް ހިފައިގެން އޭނާ ނުކުތެވެ. އޭރުވެސް ރިއުމާން އެތަނުގައި މަޑުކޮށްލައިގެން ހުއްޓެވެ.
"ސަޖޫ... އަހަރެން ތި އެއްޗެހި ގެންގޮސް ދީފާނަން"
"އަހަރެން ނޫޅެމޭ ކޮންމެހެން މި އެއްޗެހި ހިފަން ބުރައަކަށް ވެގެންނެއް..." ސަޖަލް ނުރުހިފައި ބުނެލިއެވެ. ރިއުމާން އައިސް ސަޖަލްގެ އަތުން އެކޮތަޅުތައް އަތުލަންވެގެން އުޅުނެވެ.
"ބަރެއް ނޫންތަ؟"
"ކިހާ ދެރަކަމެއް ރިއުމާން!" ސަޖަލް ރިއުމާން ކޮށްޕައިލިއެވެ.
"އަހަންނަށް މިހާރު ރިއުމާންއާ ރައްޓެހިވެވުނު ކަމުގެ މޮޔަ އެބަ ހިތަށް އަރާ" ސަޖަލްއަށް ބުނެވުނެވެ.
އޭނާ ގެއާ ހިސާބަށް ދަންދެން ރިއުމާން ފަހަތުން އައެވެ. ސަޖަލް ގޭތެރެއަށް ވަނުމާއެކު ރިއުމާންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އޭނާ ކާރަށް އަރަންވެގެން މިސްރާބުޖެހިއެވެ. އޭރު އެމޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ސަޖަލް ކަންތައް ކުރާގޮތުން އޭނާ ވަނީ މާޔޫސްވެފައެވެ. ކާރަށް އަރާ ދުއްވައިލަން އުޅުނު ވަގުތު މަގުގެ އެއްފަރާތުން ދިޔަ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ލޮލުގައި އަޅައިގަތުމާއެކު ރިއުމާންއަށް ހުންގާނުގައި ބާރަށް ހިފައްޓައިލެވުނެވެ. އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. މީހާގެ ނަފްސަށް ހަރުކަށިކަން ވެރިވެގެންގޮސް ނާރުތަކަށްވެސް ވާންކަމެއް އިޙްސާސްކުރެވުނެވެ. އޭނާއަށް ދެތިންފަހަރަކު ފުންނޭވާއެއް ދޫކޮށްލެވުނީ ހަށިގަނޑުގައި އުފެދިފައިވާ އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ.
(ނުނިމޭ)