ފައިސަލް ދެފަރާތަށް ބޯ ހޫރައިލުމާއެކު މާފަށް އެދިފައި ދެން ބުނެލި ވާހަކައިން ސަޖަލްގެ ފައިދަށުން ހީވީ ބިންގަނޑުވެސް ދެމިގެން ދިޔަހެންނެވެ.

ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލުމާއެކު، އޭނާގެ ނޭވާ ވެސް އަރުތެރޭގައި ތާށިވިއެވެ. ދެފައިން ވާގި ދޫވެ ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު، އޭނާއަށް ފާރުގެ އެހީ ހޯދައިލެވުނެވެ. ފައިސަލް ސަޖަލްގެ ކައިރީގައި ހިތްވަރުކުރުމަށް ބުނުމަށްފަހު، އަނެއްކާވެސް އެތެރެއަށް ވަދެލިއެވެ. ސަޖަލް އަތުގެ ނުފުށުން ކަރުނަތައް ފުހުނު ނަމަވެސް، އޭނާގެ އެއްވެސް އިޚްތިޔާރަކާނުލާ އޭނާގެ ދެލޮލުގެ ތެރެއަށް ތާޒާ ކަރުނަތައް ޖަމާވެ، ފައިބަމުން ދިޔައެވެ. ޑރ. ފައިސަލް ނުކުތުމަށްފަހު، ސަޖަލްއަށް އެތެރެއަށް އައުމަށް ބުނެލިއެވެ. ސަޖަލްގެ ފައި ތުުރުތުރު އަޅަމުން ދިޔުމުގެ ސަބަބުން، އޭނާއަށް ހިނގަންވެސް އުނދަގޫވިއެވެ. ތުންފަތްވެސް ކޮންމެވެސް ވަރަކަށް ތުރުތުރު އަޅަމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލަމުން، އޭނާ އިހުސާސްތައް ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރިނަމަވެސް އެތެރެހަށީގައި އުފެދުނު ގިލަންވެރިކަމާއި ޖަޒުބާތުތަގެ ސަބަބުން އެކަން ކުރަން އޭނާއަށް އުނދަގޫވިއެވެ.

ލަސްފިޔަވަޅުތައް އަޅަމުން ގޮސް، ފޮތިގަނޑު އެއްފަރާތަކަށް ކައިލުމަށްފަހު، ސަޖަލް އެތެރެއަށް ވަދެލިއެވެ. އޭރުވެސް ނަރުހުންނާއި ޑޮކްޓަރުން އެތަނުގައި ތިއްބެވެ. ލޯ މެރިފައިވާ އޭނާގެ ބައްޕަގެ މޫނަށް ސަޖަލް، ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭނާ އެތަނުގައި ހުއްޓާ ބޮޑުދައިތަވެސް އެތެރެއަށް ވަނެވެ. އޭނާ ވެސް ފެންކަޅިވެފައިވާ ހާލު ސަޖަލްގެ ކޮނޑުގައި އަތް ޖައްސައިލަމުން ހިތްވަރުކުރުމަށް ބުންޏެވެ. ސަޖަލް ބޯޖަހައިލި ނަމަވެސް، އެއީ ކުރަން ކިހާ އުނދަގޫވާނެ ކަމެއްކަން އޭނާއަށް އެނގެއެވެ. ޖަލީލާވެސް ހުރީ އިންތިހާ ދެރަވެފައެވެ. އެހެން ނަމަވެސް އޭނާ ހިތްވަރުކުރީ ކޮންމެ ފުރާނަ އެއްވެސް މި ފަނާވަނިވި ދުނިޔެއާ ވަކިވެގެންދާނެކަން އަމިއްލަ ހިތަށް ވިސްނަދިދެމުންނެވެ.

"ސަޖަލް... ހިތްވަރުކުރޭ..." ޖަލީލާ ބުނެލިއެވެ.

ޑޮކްޓަރުން ފުރިހަމަކުރަންޖެހޭ ލިޔެ ކިޔުންތައް ފުރިހަމަކުރުމަށްފަހު، ހަށިގަނޑު ސަޖަލްމެންނާ ހަވާލުކުރިއެވެ. އާސަހަރާއަށް ހަށިގަނޑު ގެންދެވި ކަށުކަމާކެމީގެ ކަންތައް ކުރިއަށްގެންދެވުނެވެ. ޖަލީލާގެ ފިރިމީހާއާއި އެ އާއިލާގެ ބައެއް މަންބަރުންވެސް އެތަނަށް އައެވެ. މޫނުދެއްކުން ކުރިއަށް ގެންދެވުނުއިރު، ސަޖަލް އެތަނުގައި ހުރި ގޮނޑިއެއްގައި ބައިންދައިގެން ޖަލީލާ ސަޖަލްގެ ކޮނޑުގައި ފިރުމައިލަ ފިރުމައިލާ އިނެވެ. މީހުންގަނޑުގެ ތެރެއަށް ވަދެގެން އައި ޝައުފާއާއި ޖުމާނާގެ އިތުރުން އެންޖީއޯގެ އިތުރު ދެތިން ކުއްޖަކު މޫނު ބަލައިލާފައި ސަޖަލްގެ ކައިރިއަށް އައިސް ހުއްޓުނެވެ.

"ސަޖޫ..." ޝައުފާ ގޮވައިލިއެވެ.

"ކޮން އިރަކު ޝައު އައީ؟ ނުވެސް ބުނަމެއްނު..." ސަޖަލްއަށް ސުވާލުކޮށްލެވުނެވެ.

"ރޭގަ... އަހަންނަށް ގުޅާފަ ޖުމީ އެހެން ބުނީމަ އެނގުނީވެސް..." ޖުމާނާ ބުނެލިއެވެ. އޭނާ ސަޖަލްގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އިރުކޮޅަކު ޒާމިންއާއި ލީނީންވެސް އައިސް އެތަނަށް ވަނެވެ.

"ޒިމްއަށް ކިހިނެއް އެނގުނީ؟" ސަޖަލްއަށް ބަލައިލެވުނީ ޖުމާނާއަށާއި ޝައުފާއަށެވެ.

"ކުޑަކަމަކު ޒިމް އަހަންނަށް ގުޅި ވަގުތު އެ ވާހަކަަ އަހަރެން ބުނީމަ އެނގުނީ..." ޝައުފާ ބުނެލިއެވެ. ޒާމިންމެންވެސް މޫނު ބަލައިލުމަށްފަހު، އައިސް ސަޖަލްގެ ކައިރީގައި މަޑުކޮށްލިއެވެ. ސަޖަލްގެ މިލާފައިވާ މޫނާއި އެ މޫނުމަތީގައިވީ ހިތްހަލާކުވާފަދަ އަސަރުތައް ފެނުމުން، ޒާމިންގެ މެއަށް ވެސް ބުނެދޭން ނޭނގޭ އުނދަލެއް ވިއެވެ. އެ ދެލޯ ވަނީ ރަތްވެފައެވެ. ގިނައިރު ރުއިމުގެ ސަބަބުން އޭނާގެ ދެ ކޯތާފަތަށް ޖަންބުކުލައެއް ވެރިވެފައިވާއިރު، ނޭފަތްވެސް ވަނީ ރަތްވެފައެވެ. އިރުއިރުކޮޅަކާ ސަޖަލް ނޭފަތް އެތެރެއަށް ދަމައިލަމުން ކަރުނަތައް ފުހެމުން ދިޔައެވެ. ކެތްކުރަން އޭނާ އިންތިހާ މަސައްކަތް ކުރަމުންދިޔަނަމަވެސް ބައްޕަގެ އެ ވަކިވެދިޔުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ.

މޫނު ދައްކާ ނިމި ކަށުނަމާދުކޮށް ވަޅުލަންދެންވެސް ޒާމިންއާއި ލީނީންއާއި ޝައުފާމެން ސަޖަލްގެ ކައިރީގައި ތިއްބެވެ. ހުރިހާކަމެއް ކޮށް ނިމުމަށްފަހު، ސަޖަލް މެން ސަހަރާއިން ނުކުތްއިރު ހުރީ އަސުރުން އިރު ތިރިވެފައެވެ.

"ސަޖަލް... ޖަލިއްތައަށް ފެންނަނީ އިހަށް ޖަލިއްތައާ އެކު ގެއަށް ގޮސްލަން.. އެކަނިއެއްނު ގެއަށް ދިޔަޔަސް ހުންނަން ޖެހޭނީ..." ޖަލީލާ ސަޖަލްގެ ކައިރީގައި ބުނެލިއެވެ.

"ގެއަށް ގޮސް ނިދާލަން ބޭނުމީ... ވަރަށް ވަރުބަލި..." އެހެންނަމަވެސް ސަޖަލް ބޭނުންވަނީ ގެއަށް ދާށެވެ.

"ސަޖަލް... އެހެންވިއްޔާ ޖަލިއްތަވެސް ދާނަން ސަޖަލްއާއެކީ..." ސަޖަލް ބުނެލިއެވެ. އެވަގުތު ޖަލީލާގެ ފިރިމީހާވެސް އައިސް ޖަލީލާ ކައިރީގައި އޭނާ ސަޖަލްއާއެކު އިހަށް ދިޔުމަށް އެދުނެވެ. ޖަލީލާ ބޯ ޖަހާލާފައި ސަޖަލް ގާތުން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ސަޖަލް އެއްބަސްވުމާއެކު އޭނާ ފިރިމީހާ ކައިރީގައި ގެއަށް ދިޔުމަށް އެދުނެވެ.

ސަޖަލް ކާރަށް އަރަންދެން ވެސް ޒާމިން ކަޅިޖަހާ ނުލާ ސަޖަލްއަށް ބަލަމުން ދިޔައެވެ. ހަޤީގަތުގައި އޭނާ ބޭނުންވަނީ ސަޖަލްއާއެކު ހުންނާށެވެ. ސަޖަލްގެ ކަރުނަތައް ފުހެލަދޭށެވެ. ސަޖަލްއަށް ހިތްވަރުދޭން އެންމެ ކައިރީގައި ހުންނަން އޭނާ ބޭނުންވެއެވެ. އެމީހުން އެތަނުންދިޔައީ ސަޖަލްމެން އެރި ކާރުގޮސް ލޯމަތިން ގެއްލުމާއެކުގައެވެ. ޒާމިންމެން ދިޔައީ ލޯ ފާމަށެވެ. އެތެރެއަށް ވަނުމަށްފަހު އޭނާ ސަޖަލްއަށް މެސެޖެއް ކުރަން އުޅުމަށްފަހުވެސް، އެހަށް މަޑުކޮށްލީ މިވަގުތު ސަޖަލްއަށް މެސެޖު ކުރުމަކީ އެންމެ ރަނގަޅުގޮތަށް ނުވާނެތީއެވެ.

*****

ގެއަށް ދިޔުމަށްފަހު ފެންވަރާލައިގެން ނުކުމެ، ސަޖަލް ގޭތެރޭގައި އޭނާ ގޭގައި ލާއުޅޭ ޓީޝާޓަކާއި ދޫ ހަރުވާޅެއް ލުމަށްފަހު، އެނދުމަތީގައި އިށީނދެލިއެވެ.

"ސަޖަލް... އެއްޗެއް ކައިލަން ވީނު... ނުކައި ތިހެން ހުންނާކަށް ނުވާނެ... ޖަލިއްތަ ހެދިކާއަކަށް އޯޑަރު ދެންތަ؟ ނޫނީ ނޫޑުލްސް ކަހަލަ ލުއި އެއްޗެއް ހަދައިދެންތަ؟" ޖަލީލާ ސުވާލުކޮށްލިއެވެ.

"ހެޔޮ ކޮންމެ އެއްޗަކަސް..." ސަޖަލްގެ އެ ޖަވާބާއެކު، ޖަލީލާ ކުޑަކޮށް ހަމަޖެހުނީ ސަޖަލް ދެކޮޅު ނުހެދުމުންނެވެ. ލަސްކޮށްފިނަމަ ސަޖަލްގެ ޚިޔާލު ބަދަލުވެދާނެތީ އޭނާ ކައްކާބަޔަށް ވަދެ ފަސޭހަކޮށް ތައްޔާރުކުރެވޭނޭ އެއްޗެއްހަދަން ބޭނުންވާ ސާމާނު ހުރިތޯ ބެލިއެވެ. ނަސީބަކުން ސޭންޑްވިޗް ހަދަން ބޭނުންވާ ސާމާނު ހަމައަށް ހުރުމުން އޭނާ އަތްމަތި އަވަސްކޮށްލާފައި ސޭންޑްވިޗް ހަދަން އަވަސްވެތެވެ. މަސައްކަތް ނިންމާލުމަށްފަހު، މޭޒުމަތި ސާފުކޮށްފައި ސައި ހެދުމަށްފަހު އޭނާ ސަޖަލްއަށް ގޮވިއެވެ. ސަޖަލް އައިސް މޭޒުދޮށުގައި އިށީންނަމަވެސް އޭނާއިނީ ކާހިތްނުވެފައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި އޭނާ ކާންފެށިއެވެ. ދެލޮލަށް ކަރުނަތައް ޖަމާވާން ނެގީ އަނެއްކާވެސް ކުޑަ ހިނދުކޮޅަކެވެ. ބައްޕަގެ ހަނދާންތައް އޭނާއަށް އުނދަގޫކުރަނީއެވެ.

"ސަޖަލް..." ޖަލީލާ ސަޖަލްގެ ކޮނޑުގައި ފިރުމައިލަމުން ހިތްވަރުދިނެވެ. ކައިގެން ސަޖަލްވެސް ގޮސް އެނދުގައި ޖައްސައިލުމާއެކު، އޭނާއަށް ވެސް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ. ޖަލީލާވެސް ސޯފާގައި އޮށޯވެލިއެވެ. ސަޖަލް އެކަނިކޮށްލާފައި ދާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

******

ބައްޕަގެ މަރަށް ހަފްތާއެއް ފާއިތުވެދިޔަފަހުން ސަޖަލް ވެސް ހަމައަކަށް އެެެޅެމުން ދިޔައެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ އޮފީހުން ޗުއްޓީއެއް ނެގީ ހަމަޖެހިލުމުގެ ބޭނުމުގައެވެ. އެ ދުވަސްތަކުގައި އެންޖީއޯގެ އެއްވެސް ކަމެއް ވެސް އޭނާ ނުކުރެއެވެ. ޝައުފާމެން ވެސް އޭނާއާ އިތުރު ކަމެއް ހަވާލެއް ނުކުރެއެވެ. އެހެންނަމަވެސް އެންޖީއޯގެ ފަރާތުން ކޭސްތައް ނަގާ ކޯޓުތަކުގައި އަޑުއެހުންތައް ކުރިއަށްދާކަން ސަޖަލްއަށް ޝައުފާމެން އެންގިއެވެ.

ޗުއްޓީއަށްފަހު ފުރަތަމަ ދުވަހު އޮފީސް ނިންމާލާފައި، ސަޖަލް ގެއަށް އައިއިރު ރިއުމާން އޭނާގެ ފަހަތުން އައިކަމެއް ނޭނގެއެވެ. ސައިކަލު ޕާކުކޮށްލާފައި އޭނާ ހިނގައިގަތް ވަގުތު ހުއްޓުން އެރީ މީހަކު އޭނާއަށް ގޮވައިލުމާއެކުގައެވެ. އަޑު އައި ދިމާލަށް ބަލައިލިއިރު، ރިއުމާން މަގުގެ އަނެއްފަރާތުގައ ހުރެފައި މަގު ހުރަސްކުރަނީއެވެ. ސަޖަލްއަށް ރިއުމާންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ރިއުމާން އައިސް ސަޖަލްގެ ކައިރިއަށް ހުއްޓި ސަޖަލް ކިހިނެއްތޯ ސުވާލުކޮށްލިއެވެ. އެހެންޏާ ހުންނަ ހަރުކަށި އަސަރުތަކެއް އެ އަޑަކުން މިފަހަރު ސަޖަލްއަކަށް ފާހަގައެއް ނުކުރެވުނެވެ.

"އަހަރެން ރަނގަޅު..."

"ސަޖޫ ކީއްވެ އަހަރެން ގާތު ނުބުނީ ބައްޕަ ނިޔާވި ވާހަކަ..." ރިއުމާން ކުއްލިއަކަށް އެހެން އަހައިލުމާއެކު، ސަޖަލްއަށް އޭނާގެ ބުމަ އަރުވައިލެވުނެވެ.

"ކިހިނެއް ރިއުމާންއަށް އެނގުނީ..." ސަޖަލް ސުވާލުކޮށްލިއެވެ.

"އަހަރެންގެ އެކުވެރިއެއްގެ ފަރާތުން... " ރިއުމާން ބުނެލިއެވެ.

"އަހަރެން އެ ދުވަހަށްފަހު ސަޖަލް ފެނޭތޯ ވަރަށް ބަލަން. އެކަމަކު އަދި އަލަށް މި ދިމާވީ... އަހަރެން މިއައީ ފަހަރެއްގައިވެސް އުނދަގޫ ކުރާކަށް ނޫން... " ރިއުމާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ބުނެލިއެވެ.

"ރިއުމާން ކިހިނެއް؟" ސަޖަލްއަށް ސުވާލުކޮށްލެވުނެވެ. ރިއުމާންގެ ފުށުން އޭނާއަށް އިތުރު ބަދަލުތަކެއް ފާހަގަކުރެވުނު ނަމަވެސް އެއީ ކޮންކަހަލަ ބަދަލުތަކެއްކަން ދެނެގަންނަން އޭނާ ނުކުޅެދުނެވެ.

"ރަނގަޅު... އިތުރަށް ފުލުހަށް މައްސަލަ ނުލާފާނަންތަ؟ އަހަރެން މިހާރު އުނދަގުލެއް ނުކުރަމެއްނު. މައްސަލަ ނަގާބަލަ! ނޫނީ ކޯޓް ކޭސްއަކަށޭ ވާނީ..." ރިއުމާން ބުނެލިއެވެ.

"އަހަރެން އިތުރަކަށް މައްސަލައެއް ނުޖައްސާނަމޭ ރިއުމާން އަހަންނަށް އުނދަގޫ ނުކުރަންޏާމުން... އޭރުން އެ ހިސާބަކަށް މައްސަލައެއް ނުދާނެއެއްނު..." ސަޖަލް ރިއުމާންއަށް ބަލައިލިއެވެ.

"އަދިވެސް އަހަންނަށް އިތުރު ފުރުސަތެއް ދޭކަށް ނުވިސްނަންތަ؟" ރިއުމާންގެ ވާހަކައިގެ މިސްރާބު ކުއްލިއަކަށް ބަދަލުވުމާއެކު، ސަޖަލްއަށް ބުމަ އަރުވައިލެވުނެވެ.

"ކިހިނެއްވީ؟ ނޫނީ އެކުވެރިއަކަށް ވެސް ވުމުގެ ފުރުސަތެއް ނެތްތަ؟" ސަޖަލް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ރިއުމާން އަނެއްކާވެސް ސުވާލުކޮށްލިއެެވެ.

"އަހަރެން ބުނެފީމެއްނު މިހާރު ރިއުމާން ކައިރީގައި އަހަރެމެން ދެމީހުންގެ ގުޅުން އެކީ ނިމުނީއޭ... އެހެންވީމަ ރިއުމާންއަށް ވެސް ރަނގަޅުވާނީ ދެން އެހެން ކުއްޖަކު ހަޔާތަށް ގެނެސްގެން ރަނގަޅަށް އުޅުނިއްޔާ. އަހަރެން މަތިން ހަނދާން ނައްތާލާ... އޭޒް ފޯ ދަ ފްރެންޑްޝިޕް، އަހަރެން ބޭނުމެއް ނޫން އަހަރެމެން ދެމެދު އެއްވެސް ގުޅުމެއް ބާއްވާކަށް. އެކަން އެގޮތަށް ކުރަން އަހަރެން ކޮމްފޮޓަަބަލްއެއް ނޫން. ދުވަހަކުވެސް ނުވާނެ! އަހަރެން މިހެން މިބުނާ ސަބަބަކީ ކޮބައިކަން ރިއުމާންއަށްވެސް އެނގެއެއްނު..." ސަޖަލް ބުނެލިއެވެ. އޭނާ އެހެން ބުނެފައި ގެއާ ދިމާލަށް ހިނގައިގަތީ ރިއުމާންއަށް އިތުރު އެއްޗެއް ބުނަން ފުރުސަތެއް ނުދީއެވެ. އަނެއްކާ އޭނާ އެކަނިއުޅޭއިރު، އުނދަގޫކުރަން ރިއުމާން ނާންނާނެބާއޭ ސަޖަލްގެ ހިތަށް އެރިއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. ބޮޑުދައިތަ ޖަލީލާ އޭނާގެ ކައިރީގައި ބޮޑުދައިތަމެން ގެއަށް ދާން އެދުނު ނަމަވެސް ސަޖަލް އެކަމާ ގަބޫލުނުވީ އޭނާ އެތައް ދުވަހަކު ބައްޕައާއެކު އުޅުނު އެގެ ދޫކޮށްލަން ހިތް އެއްބަސް ނުވީމައެވެ.

ގެއަށް ވަދެ ދޮރުގައި ލެނގިލައިގެން އިރުކޮޅަކު ސަޖަލްއަށް ރިއުމާންގެ ހިޔާލުތަކުގައި ހުރެވުނެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު، ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ.

*****

ސެޝަންތައް ނަގަން ފެށިފަހުން، ރިއުމާންއަށް ވެސް ދިޔައީ ލުއިލިބެމުންނެވެ. އޭނާގެ ހިތުގެ ތެރޭގައި ރައްކާކޮށްފައިހުރި ޝަކުވާތައް ބޭރުކުރެވެން ފެށުމުން އޭނާއަށް ވެސް ހިތްހަމަޖެހުން ލިބެމުން ދިޔައެވެ. މިހާރަކަށް އައިސް އޭނާއަށް އެންމެ ނުތަނަވަސްކަން ވެރިވާ އެއްކަމަކީ އޭނާގެ ބައްޕަ ނާޝިދުގެ ކައިވެންޏެވެ. އިތުރު ކައިވެންޏެއް ކުރަން ނާޝިދު ބޭނުންވިއެއްކަމަކު އޭނާއާ އެކަމާ މަޝްވަރާ ކުރީ ކީއްކުރަން ބާއޭ ރިއުމާންގެ ހިތަށް އަރަމުންދިޔައެވެ. ނުކުރިނަމަ ގައިމު އޭނާއަށް އެ ނުތަނަވަސްކަމެއް ނުލިބޭނެތާއެވެ.

އަނެއްކާވެސް ނާޝިދުއާއެކު ކެއުމަކަށް އައުމަށް އޭނާ ރިއުމާންއަށް ދައުވަތު ދިނުމުން ރިއުމާން އެދުނީ ވިސްނަން ވަގުތުކޮޅެއް ދިނުމަށެވެ.

ރިއުމާން ސެޝަން ނިންމާލާފައި، ނުކުމެގެން ކާރާ ދިމާލަށް ހިނގައިގަތެވެ. ސެޝަންގައި ދެކެވުނު ވާހަކަތަކަށްފަހު ބައްޕަގެ އެ ދައުވަތު ގަބޫލުކުރުމަކީ، އެންމެ ރަނގަޅު ގޮތްކަމުގައި ރިއުމާންގެ ހިތް ބުނުމާއެކު އޭނާ ބޭނުންވީ މިފަހަރު އެގޮތަށް އަމަލުކުރާށެވެ. ފަހަރުގައި ބައްޕަ އޭނާއާ މެދު އޮތްގުޅުން އިތުރަށް ރަނގަޅުކުުރަން މަސައްކަތް ކުރަނީކަމަށްވެސް ވެދާނެއެވެ. ނޫނީ މާޒީގައި ކަންތައް ކުރެވުނު ގޮތާ މެދު ލަދުގަނެ ހިތާމަކުރަނީކަމަށް ވެސް ވެދާނެއެވެ. ހެދުނު ގޯސްތައް ރަނގަޅުކުރަން މަސައްކަތްކުރަނީ ކަމަށްވެސް ވެދާނެއެވެ.

ރިއުމާން އޭނާގެ ފޯނު ނަގާ ނާޝިދުގެ ނަންބަރަށް ގުޅައިލިއެވެ. ލަސްތަކެއްނުވެ ނާޝިދު ފޯނު ނެގިއެވެ.

"މީ... އަނެއް... ކެއުމަށް ދާނެ ވާހަކަ ބުނެލަންވެގެން!" ރިއުމާން ލަސްލަހުން ބުނެލިއެވެ. ފޯނު ބާއްވަމުން އޭނާ ގޮސް ކާރަށް އަރާ ގެއާ ދިމާޔަށް ދިޔުމަށް ދުއްވައިލިއެވެ.

ޖެހިގެން އައި ރޭގައި ރިއުމާން ނާޝިދުމެންގެއަށް ދިޔައިރު، ބައްޕަ އިންނަން އުޅޭ އަންހެން މީހާވެސް އިނެވެ. އެންމެން އެކުގައި ކެއުމަށް އިންސާފުކުރަން ފެށިއެވެ.

"ބައްޕަ މިރޭ ރިއުމާން މިގެނައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން..." ނާޝިދު ވާހަކަ ފެށީ ހުނައިދާ ލޮލުން އިޝާރާތް ކޮށްލުމުންކަން ރިއުމާންއަށް އެނގުނެވެ. އެހެންކަމުން އޭނާ ނާޝިދުގެ ވާހަކައަށް ސަމާލުކަން ދިނުމުގެ ގޮތުން ނާޝިދަށް ބަލައިލިއެވެ.

"ބައްޕަ ބޭނުން ރިއުމާންގެ ކިބައިން މާފަށް އެދެން..." ނާޝިދުގެ ޖުމްލައާއެކު ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ ބައްޕަ އޭނާގެ ކިބައިން އަލަށް މާފަށް އެދުނު ފަހަރުކަމަށްވީތީ ހުއްޓުން އަރާފައި އޭނާއަށް އިނދެވުނީއެވެ. ބައްޕަ ބަދަލުވީބާއޭ ރިއުމާންގެ ހިތަށް އެރިއެވެ.

"ރިއުމާން ކުޑައިރު ގޭތެރޭގެ މަސްލަހަތު އޮތީ އެންމެ ރަނގަޅަށް ނޫންކަން ބައްޕަވެސް ޤަބޫލުކުރަން... ކުށްކުރީ ހަމައެކަނި ރިއުމާންގެ މަންމައެއް ނޫން... މި ބައްޕަގެ ވެސް އިހުމާލު އެބައޮތް... " ނާޝިދު އޭރުވެސް އިނީ ރިއުމާންއަށް ބަލަހައްޓައިގެންނެވެ. ރިއުމާންއަށް އޭރުވެސް އިނދެވުނީ ވިސްނައިގަންނާނޭ އެއްޗެއްވެސް ނޭނގިފައެވެ. ހީވަނީ ނާޝިދުގެ އެވާހަކައިން އޭނާއަށް ކުއްލި ޝޮކެއް ލިބިފައިވާހެންނެވެ.

"ފަހަރުގައި އޭރު އެގޮތަށް ބައްޕައަށް ކަންތައް ނުކުރެވުނު ނަމަ... އެހާ އަނިޔާވެރި ނުވެވުނުނަމަ، މިއަދުގެ ޙާލަތު ފަހަރުގައި މިހެން ނޯވެދާނެ... ނޯވެދާނެއެއްނޫން... ނޯންނާނެ... އެއީ ޔަގީންކަމެއް... ރިއުމާންއަށް މާޒީގެ އެހިތިކަން ތަޖުރިބާކުރަން ޖެހުނީ މަންމައާއި ބައްޕައަށްވެއް ހެދުނު ގޯސްތަކެއްގެ ސަބަބުން... އެކަމަށް ވެސް މިއަދު މާފަށްއެދެން. އެއީ އޭރު ކަންތައް ވާންޖެހޭ ގޮތެއް ނޫންކަަމަށް ބައްޕައަށް މިއަދު ޤަބޫލުކުރެވިއްޖެ!" ނާޝިދު ވާހަކަ ދައްކާ ނިންމައިލަމުން ހުނައިދާއަށް ބަލައިލިއިރު، ހުނައިދާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލައިގެން އިންތަންފެނި އޭނާއަށް ވެސް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ހިތުގެ އެންމެ ފުންމިނުން ހުނައިދާއަށް ޝުކުރުވެރިވިއެވެ. މިއަދު އޭނާއަށް އެއައި ބަދަލުތަކަކީ ހުނައިދާގެ ސަބަބުން އައި ބަދަލުތަކެއްކަން ނާޝިދަށްވެސް ފަހުމުވެއްޖެއެވެ.

އެ މަންޒަރު ބަލަންއިން ރިއުމާންއަށް ވެސް ކަންތައް ވީގޮތް ވިސްނައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ބައްޕަ އިންނަން އުޅޭ އަންހެން މީހާކަން އޭނާއަށް އެނގުނެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ރިއުމާންއަށް އިސްޖަހައިލެވުނެވެ. ކިތަންމެ ބޮޑުވެފައި ހުރިނަމަވެސް ބައްޕައަށް ބައްޕަ ކުރި ކުށް އިޙްސާސްވިކަން އެނގުމުން ރިއުމާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ އިޙްސާސްތައް ބައްޕައަށް އިޙްސާސްވެއްޖެ ކަމުގައި ރިއުމާންގެ ހިތް ބުނެލިއެވެ. އޭނާގެ މާޒީގެ ހިތިކަމުގެ ސަބަބުން ނަފްސާނީ ގޮތުންނާ ޖިސްމާނީގޮތުން އޭނާއަށް ކުރި އަސަރުތައް ބައްޕަގެ ސިކުނޑިއަށް ވިސްނުނުކަމަށްޓަކައި އޭނާގެ ހިތް އުފާކުރިއެވެ. އޭނާގެ މައިންބަފައިންނަށް އޭނާގެ ހިތުގެ ޙާލު އެންމެ ފަހަރަކުވެސް ފަހުމްވުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ.

"ރިއުމާން..."

އިސްޖަހާލައިގެން އިން ރިއުމާން ސިއްސައިގެން ދިޔައީ ނާޝިދު އޭނާއަށް ގޮވައިލުމާއެކުގައެވެ. އޭނާ އެގޮތަށް އިންދާ އަނެއްކާ ދެވަނަ ފަހަރުވެސް ނާޝިދު ރިއުމާންއަށް ގޮވައިލިއެވެ.

"ރިއުމާން... ކޮންމެވެސް އެއްޗެއް ބުނެބަލަ! މާފަށް އެދެން މިހާ ލަސްވީކަމަށް ޓަކައި ވެސް ބައްޕައަށް މާފުކުރޭ... " ނާޝިދު ބުނެލިއެވެ. އޭނާ ރިއުމާންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"މާފުކޮށްފިން..." ދެވިސްނުމެއްގައި އިނދެފައި ރިއުމާން އޭނާގެ ޖަވާބު އިއްވައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0