ދޮރުފަތް ހުޅުވާލާފައި ސަޖަލް އެތެރެއަށް ވަތްހެން ހީނުވެ އޭނާ ފަހަތުން އައި މީހަކުވެސް އައިސް ގޭތެރެއަށް ވަނެވެ. އެއާއެކު ސަޖަލްއަށް ފަހަތަށް ބަލައިލެވުނެވެ. އޭނާ ސިހުނީ ރިއުމާން ފެނިފައެވެ. ރިއުމާންގެ ލޮލުގައިވި ރުޅިވެރިއަސަރާއި، އެމޫނުމަތީގައިވި ނުރުހުމުގެ އަސަރުތައް ފެނި، ސަޖަލްއަށް ބުމަ އަރުވައިލެވުނެވެ.
"ރިއުމާން ކީކުރަނީތަ މިތާ؟" ސަޖަލްއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ. ރިއުމާންގެ މޫނުމަތިން އޭނާއަށް ފެނުނު ނުރުހުމުގެ އަސަރުތައް މާނަ ކުރާކަށް އޭނާއަކަށް ނޭނގުނެވެ. ހަމައެއާއެކު، ރިއުމާން އޭނާއަށް ފާރަލަނީބާއޭ އޭނާގެ ހިތަށް އެރިއެވެ.
"ތި ސުވާލުކުރަން ޖެހޭނީ އަހަންނެއްނު... އަހަންނަށް ނޭނގެނީއެއް ނޫނޭ ސަޖަލް އުޅޭގޮތެއް..." ރިއުމާންއަށް ބުނެވުނެވެ. އޭރުވެސް، އެއަޑުގައިވަނީ ނުރުހުމުގެ އަސަރެވެ. އޭނާ ސަޖަލްދެކެ ލޯބިވާވަރު އިޙްސާސްނުވަނީ ބާއޭ ރިއުމާންގެ ހިތަށް އެރިއެވެ. ސަޖަލް އެހެން މީހަކާއެކީ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށްވާ އުނދަގޫ ސަޖަލްއަށް، އެންމެ ފަަހަރަކު އިޙްސާސްކޮށްލެވޭނެ ނަމައެވެ. އެހެން މީހަކާ އެކީ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ހިނގާ ޖަޒުބާތުތަކާ، އެހިތަށް ކެތްކުރަން ދަތިވާވަރު، ސަޖަލްއަށް އެނގޭނެނަމައޭ ރިއުމާންގެ ހިތަށް އެރިއެވެ.
އަހަންނަށް ކޮންކަމެއްތަ ކުރެވުނީ މާން؟ އަހަންނަށް ފާރަވެސް ލަނީތަ؟ އަދިވެސް އިތުބާރު ނުކުރެވެނީތަ؟" ސަޖަލްއަށް ވެސް ސުވާލުކޮށްލެވުނެވެ. އޭނާގެ ހިތުގައި ޝަކުވާތައް އުތުރި އަރަންފެށިއެވެ. ރިއުމާން އޭނާއަށް އިތުބާރުނުކުރާކަމުގައި އޭނާއަށް އެ ހިނދުވެސް ގަބޫލުކުރެވުނެވެ.
"ވަރަށް ދެރަވެއްޖެ. އަހަރެން ދަނީ..." ސަޖަލް އިތުރަށް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ރިއުމާންގެ ސަބަބުން އޭނާއަށް އިރުރު ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ސަޖަލް ލިފްޓަށް އަރައަރާ ހުއްޓާ ރިއުމާން ސަޖަލްގެ އަތުގައި ހިފާލުމަށްފަހު، އޭނާއާ ދިމާލަށް ދަމައިލިއެވެ. އެއާއެކު ސަޖަލް ގޮސް ޖެހުނީ ރިއުމާންގެ މޭމަތީގައެވެ. ރިއުމާންއާ އެހާ ގާތުގައި ހުންނަންވުމުން، ސަޖަލްގެ ހިތުގެ ހިނގުންވެސް ބާރުވާގޮތްވިއެވެ. އޭނާގެ ހަށިގަނޑުގައި މަޑުމަޑު ފިނިކަމެއްވެސް ދައުރުކޮށްލިއެވެ. އެހެންނަމަވެސް، އޭނާއަށް އެހިނދުވެސް ވާހަކަ ދެއްކުނީ ރިއުމާންގެ އަމަލުން ނުރުހިފައި ހުރެއެވެ.
"މާން... ކިހިނެއްތަ ތިއުޅެނީ؟"
"ތި ސުވާލުކުރަން ޖެހޭނީ އަހަންނެއްނު. ސަޖަލް ކިހިނެއްތަ ތިއުޅެނީ؟ ފުރަތަމަ ބުނެބަލަ! އަހަރެން ނެތިއްޔާ އަބަދުވެސް ފިރިހެނަކާއެކީގަ... އަހަންނަށް ވާނެގޮތް އިޙްސާސްނުވޭތަ؟" ރިއުމާން ސަޖަލްއާ އިތުރަށް ގާތްވެލަމުން ބުނެލިއެވެ.
"މާން!... އަހަރެން ކިތައް ފަހަރުތަ ބުނަންވީ މާން ނޫން މީހަކާ އަހަރެން ގުޅުމެއް ނުބާއްވަމޭ.. އެކުވެރިއަކާ ވާހަކަ ދައްކައިލުމަކީ މައްސަލައެއް ނޫނޭ. ދެމެދު މައްސަލަތައް ޖެހެނީ ޓްރަސްޓް ނޯންނާތީއޭ އަހަންނަށް ތިހާ އިތުބާރު ނުުކުރާނެކަމަކަށް އަހަރެން ހިޔެއް ނުކުރަން... އަހަރެން ކިހިނެއް މާންއަށް ވިސްނައިދޭނީ؟... މިހާރު މާ މައްޗަށް ތިދަނީ... އަހަންނަށް ފާރަލުމާ ފަހަތުން ދާހާ ތާކަށް ދިޔުމާ... އަހަންނަކަށް ނޭނގެ ދެން އިތުރަށް ރިއުމާންއަށް ވިސްނައިދޭނެ ގޮތެއް... ދޫކުރޭ އަހަރެންގެ އަތުން..." ސަޖަލް ރިއުމާންގެ އަތު ތެރޭގައި އޮތް އޭނާގެ އަތް، މިނިވަންކުރަން މަސައްކަތް ކުރިއެވެ. އޭނާ ހުރީ ރިއުމާން ކަންތައް ކުރިގޮތުން ދެރަވެ، ހިތްހަމަނުޖެހިފައެވެ.
"ސަޖޫ... އަހަރެން..."
"ރިއުމާން! ޕްލީޒް، ޖަސްޓް ލީވް މީ އެލޯން... އައި ކާންޓް ޑޫ ދިސް އެނީމޯރ، ޓްރަސްޓް ނުކުރާ މީހަކާ އެކީ ކިހިނެއް އުޅޭނީ؟" ސަޖަލްއަށް ބުނެވުނެވެ. އޭނާ ރިއުމާންގެ އަތުތެރެއިން އަމިއްލަ އަތް މިިނިވަން ކޮށްލިއެވެ. ސަޖަލް ލިފްޓަށް އެރުމުން ރިއުމާން ލިފްޓް ހިފައްޓިއެވެ. އެގޮތުގައި އިރުކޮޅެއް ފާއިތުވިފަހުން، ލިފްޓުން އެލާރމް އަޅަންފެށިއެވެ.
"ރިއުމާން... ކިހިނެއްވެގެންތަ ތިއުޅެނީ؟ މީ އަހަރެންގެ އަމިއްލަ ގެއެއް ނޫނޭ... މި ލިފްޓަކީ އެހެންމީހުންވެސް ބޭނުން ކުރާ އެއްޗެކޭ، ދޫކުރޭ ހަމަމިހާރު..." ސަޖަލްއަށް އެންމެ ފަހުން ވާހަކަ ދެކެވުނެވެ. އޭނާ ހުރީ ރިއުމާންގެ ސަބަބުން އުނދަގޫވެފައެވެ. ސަޖަލް އެހެން ބުނެލުމުން ރިއުމާން ލިފްޓް ދޫކޮށްލިއެވެ. ލިފްޓް ލެއްޕުމާއެކު، ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ތިން ވަނަ ފްލޯއަށް ލިފްޓް އައުމާއެކު އޭނާ ލިފްޓުން ފައިބައިގެން ގޮސް ގޭތެރެއަށް ވަތްއިރު ބައްޕަ ރަޝާދު ސިޓިން ރޫމުގައި އިނެވެ.
"ޖަލިއްތަވެސް އައި މިއަދު ބޮނޑިބަތް ކައްކައިގެން ހިފައިގެން... އެހެރީ..." ސަޖަލް ފެނުމާއެކު އޭނާ ވާހަކަ ދެއްކަމުން މޭޒުމަތީގައި ހުރި ބޮނޑިބަތް ތަށި ދައްކައިލިއެވެ.
"އެހެންތަ؟ އެގެއަށް ވެސް ގޮސްލަންވީދޯ، ދުވަސްކޮޅެއްވެއްޖެ ނުދެވޭތާ!" ސަޖަލް އެހެން ބުނެލާފައި ގޮސް، އޭނާ ގަނެެގެން ގެނައި އެއްޗެހި މޭޒު ދޮށުގައިހުރި ގޮނޑީގައި ބެހެއްޓިއެވެ. އެއަށްފަހު އޭނާ ރަޝާދާ ވާހަކަދެއްކިއެވެ. އޭރު، އެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާ ފޯނަށް މެސެޖެއް އައުމާއެކު ބަލައިލިއެވެ. އެންޖީއޯގެ ފަރާތުން މީޓިންއަކަށް ކިޔާފައި އައި މެސެޖެެކެވެ.
"ކިހިނެއްވީ؟" ރަޝާދު އެއްސެވެ.
"މިރޭ އަނެއްކާ މީޓިން އެއް އެބައޮތް... ކާން ހަދާފަ އިނގޭ ދާނީ ބައްޕާ... އަށެއް ޖަހާއިރަށް ދާންޖެހޭ..." ސަޖަލް ބުނެލިއެވެ. ރަޝާދު ބުނީ އެންމެ ރަނގަޅުކަމުގައެވެ. އެރޭ ސަޖަލް އިޝާ ނަމާދުކޮށްލައިގެން އެންޖީއޯއަށް ދާންވެގެން ނުކުތްއިރު ހަތްގަޑި ބައިވަނީއެވެ. އޭނާ ސައިކަލަށް އަރައިގެން އެންޖީއޯ ހުންނަ ހިސާބަށް ދެވުނުއިރު ސާޅީސްފަހެއް ވަނީއެވެ. ސައިކަލު ޕާކުކޮށްލާފައި އޭނާ އާދައިގެ ފިޔަވަޅުތަކެއްގައި ގޮސް އިމާރާތުގެ އެތެރެއަށް ވަނުމަށްފަހު، ލިފްޓަށް އަރައިގެން މިސްރާބުޖެހީ ހަތަރުވަނަ ފަންގިފިލާއަށެވެ. ލިފްޓުން ނުކުމެ ކާޑު ޖައްސައިލާ ދޮރު ހުޅުވައިލުމަށްފަހު، އޭނާ އެތެރެއަށް ވަތްއިރު، ޝައުފާއާއި ޖުމާނާއާއި އިތުރު ދެ ކުއްޖަކުވެސް ތިއްބެވެ. ސަޖަލް އައިސް ވަނުމުން ޝައުފާ ސަޖަލްއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
"ކިހިނެއް ސަޖޫ؟" ޝައުފާ ސުވާލުކޮށްލިއެވެ.
"ރަނގަޅު..." ސަޖަލް ކުރު ޖަވާބެއް ދިނެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ. އިތުރު ދެ ކުއްޖަކު އައުމުން އެމީހުންވެސް އިރުކޮޅަކު އެތަނުގައި ވާހަކަ ދައްކައިލަން ތިބެފައި، ދެން ދިޔައީ މީޓިން ރޫމަށެވެ. ބައެއްކަންތައްތަކާ މަޝްވަރާކޮށް ނިންމައިލުމަށްފަހު، އެންމެން ނުކުތްއިރު ކޮންމެވެސް ވަރަކަށް ވިއްސާރަ ވިލާތައް ވެސް އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ވައިވެސް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭ ފަދައަކުންނެވެ. މަގުމަތިވެސް އެހެންޏާ އޮންނަވަރަށް ވުރެ ހަލަބޮލިކަމަށް ދައްކަނީ ކޮންމެ މީހަކުވެސް ވިލާގަނޑުގެ ކުރިން ގެއަށް ދާން ބޭނުންވެފައިވާތީއެވެ.
"ވާރޭ ވެހިގަންނަނީ ކަންނޭނގެ ދޯ..." ޖުމާނާ ބުނެލިއެވެ.
"ޖުމީ ހިނގާފަ ދޯ މިއަދު ތިއުޅެނީ..." ސަަޖަލް ވެސް މަގުމައްޗަށް ވަށައިގެން ބަލައިލިއެވެ.
"އާނ! ސައިކަލު ހަލާކުވެގެން ހަދަންދީފައޭ ވީ ބުނީމެއްނު، އަދިވެސް ނުނިމެޔޭ....." ވަޔާއެކު ވިހުރެމުންދިޔަ އޭނާގެ ރާޅުބާނީ އިސްތަށިގަނޑު މަތަކުރަން މަސައްކަތް ކުރަމުން ޖުމާނާ ވާހަކަދެއްކިއެވެ.
"އަހަރެން ގެންގޮސްލަދީފާނަން...އާދޭ..."
ސަޖަލްވެސް އުޑުމައްޗަށް ބަލައިލަމުން، އޭނާގެ ސައިކަލާ ދިމާލަށް ހިނގައިގަތެވެ. އޭނާ ސައިކަލު ނެރިލުމަށްފަހު، ޖުމާނާ އަރަންދެން މަޑުކޮށްލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އެތަނުން ދިޔަ ރިއުމާން އަޅައިގަތުމާއެކު، ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއުމާން އޭނާއަށް ފާރަލަނީކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.
"އޭތް... ހިނގާބަލަ ދާން... ކިހިނެއް ވެފަ މިހާރު ތި އިނީ؟" ޖުމާނާ ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ސިހިފައި ކީކޭ ހޭ އަހައިލެވުނެވެ.
"ކިހިނެއްވެފަހޭ ތިހުރީ؟ ހިނގާބަލަ ދާން، އެހެންނޫނީ މިއަދު ތެމިގެން ދާން ޖެހޭނީ..." ޖުމާނާ އުޑުމައްޗަށް ބަލައިލަމުން ބުނެލިއެވެ. ސަޖަލްވެސް ދެފަރާތަށް ބޯ ހޫރައިލަމުން ސައިކަލު ދުއްވައިލީ އިތުރަށް މިވަގުތު އެކަންތައްތަކާ ނުވިސްނަން ހިތާ ހިތާ ވައުދުވަމުންނެވެ. ޖުމާނާ ގެއަށްލާފައި ސަޖަލް ގެއަށް ދާން ނައްޓައިލިއިރު ކޮންމެވެސް ވަރަކަށް ވާރޭ ކަނި ތަޅަންފެށިނަމަވެސް އޭނާއަށް ވިލާގަނޑުގެ ކުރިން ގެއަށް ދެވުނެވެ. ގެއަށްގޮސް ފެންވަރާލައިގެން ނުކުމެ ސަޖަލް އެނދުގައި ޖައްސައިލީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ.
އެހެން އޮއްވާ އޭނާއަށް ރިއުމާންގެ މެސެޖެއް އައެވެ. އޭނާ އެ މެސެޖް ހުޅުވާ ބަލައިލިއެވެ. އޭގައި އޮތީ މާފަށް އެދިފައެވެ. އެހެންނަމަވެސް ސަޖަލް އެ މެސެޖަށް ރިޕްލައި ކުރާ ޚިޔާލެއް ނުކުރެއެވެ. ރިއުމާންގެ ސަބަބުން އޭނާ ހުރީ، ހަޤީގަތުގައިވެސް ހިތްހަމަ ނުޖެހިފައެވެ. ދެރަވެފައެވެ. ރިއުމާން އޭނާއަށް އިތުބާރު ނުކުރުން އެއީ އޭނާގެ ހިތަށް އެކަމުން އިންތިހާ އުނދަގޫވެ، ތަދުވިކަމެކެވެ. ފާރަލުމަކީ އޭނާއަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނޭކަމެއް ނޫނެވެ. އޭނާއަށް އުދާސްކަމާއެކު، ފުންނޭވާއެއް ދޫކޮށްލެވުމާއެކު، ތުންފަތުގައި ދަތް އަޅައިލެވުނެވެ. މާދަމާވެސް، އޭނާ ރިއުމާންއާ އޮފީހުގައި ކުރިމަތިލާން ޖެހޭނެއެވެ. އެކަމުގެ ސަބަބުންވެސް އޭނާއަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ ފަދަ ނުތަނަވަސްކަމެކެވެ. ހާސްކަމެކެވެ. ރިއުމާންއާއެކީ އޭނާއަށް މުސްތަޤްބަލެއް ބިނާކުރެވޭނޭ ބާއޭ ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ދިރިއުޅުމެއް ބިނާކުރުމަށް ދެފަރާތުން ވެސް އެކަކު އަނެކަކަށް އިތުބާރުކުރުން މުހިންމެވެ. އެހެންނޫނީ ހަަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން ސަޖަލްއަށް ވެސް އެނގެއެވެ. ރިއުމާންގެ އަމަލުތައް ހުންނަގޮތުން އޭނާއަށް، އަމިއްލަ ހިތާ ޝަކުވާ ކުރެެނީވެސް އެހެންވެއެވެ. ސަޖަލްއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ.
ޖެހިގެން އައި ދުވަހު، ހޭލައިގެން ސަޖަލް އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރުވެސް އޭނާއަށް ވިސްނެނީ ރިއުމާންއާ މެދުގައެވެ. އޭނާ އިންތިހާ ލޯބި ވިނަމަވެސް ކަންތައްތައް ވަމުންދާ ގޮތުން، އެ ގުޅުން ކުރިއަށް ގެންދެވިދާނެބާއޭ އޭނާގެ ހިތަށް އަރަނީއެވެ. ރިއުމާންއާ ވަކިވާ ޚިޔާލުން އެކަނިވެސް އޭނާގެ ހިތަށް ގޮތެއް ވެެގެންދިޔައެވެ. އެކަމުން އެކަނިވެސް އޭނާ ރިއުމާން ދެކެ ވާ ލޯބި އަންދާޒާ ކޮށްލެވެއެވެ.
ސަޖަލް އޮފީހަށް ދިޔައީ ބައްޕައަށް ސައި ހަދައިދީފައެވެ. އޭނާ ގޮސް ވައިޓް ލިލީ އެންޓަޕްރައިޒެސްގެ އޮފީހުގެ ޕާކިން އޭރިޔާގައި ސައިކަލު ޕާކުކޮށްލާފައި، ގޮސް އެތެރެއަށް ވަތްއިރު، އެއްފަރާތުގައި ހުރި ކައުންޓަރު ކައިރީގައި، ރިއުމާން މަޑުކޮށްލައިގެން ހުރިތަން ފެނި، އޭނާއަށް މަޑުޖެހިލެވުނެވެ. އެއަށްފަހު، ފުން ނޭވާއެއް އޭނާ ދޫކޮށްލިއެވެ. ހީވީ ހުރިހާ ހާސްކަމެއް ނެރިލަން ބޭނުންވެފައި ހުރިހެންނެވެ. އޭނާ ހިކިފައިވި ތުންފަތުގައި ދޫހާކައިލާ ތުންފަތް ތެންމައިލިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު، އޭނާ ދެ ވިސްނުމެއްގައި ހުރި މީހަކު ފަދައިން ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އުޅުނީ ރިއުމާންއަށް ނުފެނި އެތަނުން ދާންކަމަށްވިޔަސް އެކަމަށް ނަސީބު އޭނާއަށް ތަނެއް ނުދިނެވެ. ރިއުމާންވެސް އެނބުރި ބަލައިލީ އެވަގުތެވެ. އެއާއެކު ރިއުމާންއަށްވެސް ސަޖަލް ފެނިއްޖެއެވެ. ސަޖަލް އެނގުނު ކަމަށް ނުހަދާ ލިފްޓަށް އެރިތަނާ ރިއުމާންވެސް ދުވެލާފައި އައިސް ލިފްޓަށް އެރިއެވެ. ސަޖަލް އެއްޗެއް ނުބުނެއެވެ. އޭނާ ރިއުމާންއަށް ބަލާވެސް ނުލައެވެ. ރިއުމާން މަޑުމަޑުން ސަޖަލްގެ އަތުގައި ހިފައިލިއެވެ. އެއާއެކު ސިހުނު ސަޖަލްއަށް ރިއުމާންއަށް ބަލައިލެވުނެވެ. ރިއުމާންގެ އެ ބީހިލުމުން އޭނާގެ މުޅި އެތެރެހަށީގައި ވެސް ފިނިކަމެއް ދައުރުކޮށްލިއެވެ. އެއާއެކު އޭނާގެ ލޭގެ ހިނގުން އަވަސްވިއެވެ. ރިއުމާންގެ އެފަދަ ކުޑަ ކުޑަ އަމަލަކުންވެސް ސަޖަލްއަށް އެ އަންނަ ބަދަލުތަކުން ޚުދު ސަޖަލްވެސް ހައިރާންވެއެވެ.
"ދޫކޮށްލާ ރިއުމާން..." ސަޖަލް ނުރުހުނުކަން ހާމަކޮށްލަމުން ރިއުމާންގެ ފުރިހަމަ ނަން ކިޔައިލިއެވެ. އޭނާ ލިފްޓް ތެރޭގައ ހުރި ސީސީޓީވީއަށްވެސް އަވަސް ނަޒަރެއް ދިނެވެ.
"ސަޖޫ... އައި..." ރިއުމާންއަށް ބުނެވުނެވެ. ސަޖަލް ބަލައިލި ދިމާލަށް، އޭނާއަށް ވެސް ބަލައިލެވުނެވެ. އެނބުރި ސަޖަލްއަށް ބަލައިލި ނަމަވެސް އޭނާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ، ސަޖަލްގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ހީވީ ދުލުގައި ތަޅެއް ލެވުނު ހެންނެވެ. އޭނާގެ މޫނުމަތިން، ދެރަވެފައިހުރިކަމުގެ އަސަރުތައް އޭރު ފެންނަމުން ދިޔައެވެ. އެކަމުން އިތުރަށް ރިއުމާންއާ ވާހަކަ ނުދައްކާ ރުޅި އައިސް ހުންނަން ސަޖަލްއަށް ހިތްވަރުލިބުނެވެ.
"ދޫކޮށްލަބަލަ އަހަރެންގެ އަތުން... ސީސީޓީވީވެސް އެބަ ހުއްޓޭ... ހުރިހާ މަންޒަރެއް ފެންނާނެ. އޮފީހުގެ ތެރޭގައި ފާޑު ފާޑުގެ ވާހަކަ ދެއްކީމަ މާ ރީއްޗެއް ނުވާނެ..." އޭނާ ދެވަނަ ފަހަރުވެސް އޭނާގެ އަތުން ދޫކޮށްލުމަށް ބުނެލިއެވެ. އޭރު ލިފްޓްވެސް އައިސް ހަވަނަ ފަންގިފިލާއަށް ހުއްޓެނީއެވެ. ރިއުމާން އަވަސް އަވަހަށް އަތުން ދޫކޮށްލިއެވެ. ސަޖަލް ލިފްޓުން ނުކުމެގެން އެދިޔަ ބާރުމިނުގައި ގޮސް، އޭނާގެ ކެބިންއަށް ވަދެ ދޮރު ލެއްޕިއެވެ. އެއަށްފަހު، އޭނާއަށް ގޮސް ގޮނޑީގައި އިށީނދެވުނީ ކިރިޔާއެވެ. ރިއުމާން އައިސް ކެބިންއަށް ވަނެވެ. ސަޖަލްއަށް ރިއުމާން އެގޮތަށް ވަނުމުން އިށީނދެގެން އިންނާކަށް ނުކެރުނެވެ. އޭނާ ތެދުވެލިއެވެ. އޮފީހުގައި އޭނާ މަސައްކަތް ކުރަން ޖެހެނީ ފަހަރެއްގައިވެސް ރިއުމާންގެ ދަށުންކަމެއް އޭނާ ހަނދާންނައްތައެއް ނުލައެވެ.
"ސަޖޫ... އައި އެމް ސޮރީ އެގޮތަށް ކަންތައް ކުރެވުނީމަ... ދެން އެކަހަލަ ކަމެއް ނުވާނެ... " ރިއުމާން މާފަށް އެދިލިއެވެ. އޭނާގެ އަޑުގައިވި އަސަރުން، ސަޖަލްއަށްވެސް ރިއުމާންއަށް މާފު ނުކޮށެއް ނުހުރެވުނެވެ. އޭނާ އާއެކޭ ބުނެލީ ދެން ރިއުމާންގެ ފަރާތުން އެފަދަ އަމަލެއް ނުފެންނާނެ ކަމުގެ އުންމީދުގައެވެ. ހަމައެއާއެކު އޭނާއަށް ރިއުމާންގެ މޫނުމަތިން ފެނުނު ކުލަވަރުންނެވެ. އަދި ޚުދު އޭނާވެސް ރިއުމާން ދެކެ ލޯބި ވާތީ އާވެސް އެކުގައެވެ.
"ތޭންކްސް ސަޖޫ... އަހަރެން އަސްލުވެސް ވަރަށް ލޯބިވޭ..." ރިއުމާން ސަޖަލްގެ އުނގަނޑުގައި ހިފާ އޭނާއާ ދާދި ގާތަށް ދަމައިލިއެވެ.
"މާން... މީ އޮފީހޭ... ދުރަށް ޖެހިލަބަ މީހަކަށް ފެނިދާނެ..." ސަޖަލް މޫނުލަދުން ރަތްވުމާއެކު ބުނެލިއެވެ. އެއަށްފަހު، އޭނާ ދުރަށް ޖެހިލިއެވެ. ރިއުމާންވެސް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން، ދަނީކަމުގައި ބުނެ ސަޖަލްގެ ކެބިންއިން ނުކުމެލިއެވެ. ސަޖަލްވެސް ހިނިތުންވެލަމުން ގޮނޑީގައި އިށީނދެލާ އޭނާ މަސައްކަތަށް ސަމާލުވެލިއެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރިއުމާންގެ އުޅުމަށް އެއްވެސް ބަދަލުތަކެއް ނާދެއެވެ. ސަޖަލް ކުރި އުންމީދުވެސް ފެނަށް ވެގެން ދިޔައީއެވެ. އެ ދުވަހަކީވެސް އެފަދަ ދުވަހެކެވެ. އޮފީސް ނިންމާފައި ސަޖަލް ސައިކަލަށް އަރަންވެގެން ދިޔައީ ރިއުމާން ދެކެ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އޭނާއަށް ސައިކަލަށް އަރާ ތަޅުދަނޑި ސައިކަލަށް ޖެހުނީ ކިރިޔާއެވެ. އޭނާގެ ފަހަތުން އައި ގޮތަށް އައިސް، ރިއުމާން ސައިކަލު ތަޅުދަނޑި އަތުލިއެވެ.
"ރިއުމާން... ކިހިނެއްތަ ތިއުޅެނީ... ހަމަމިހާރު ގެނޭ ތަޅުދަނޑި..." ސަޖަލްއަށް ބާރަށް ބުނެވުނެވެ.
"ކީއްވެތަ އަހަރެން ދައްކާ ވާހަކަ އަޑު ނާހާ ދާންވެގެން ތިއުޅެނީ... އަހަންނަން އުނދަގޫވާތީއޭ ރުޅި އަންނަނީ ސަޖަލް އެހެން މީހުންނާ ވާހަކަ ދެއްކީމަ....ކިތަށް ފަހަރުތަ އަހަރެން އެހެން ބުނަންވީ؟..."
"އެނގޭތަ ތިކުރެވެނީ ކީއްކަން. ތިއަކަށް ނުކިޔާނެ ލޯތްބެއް. ތިޔަށް ކިޔާނީ އޮބްސެޝަން. ކޮންޓްރޯލް ކުރުން...އަހަންނަށްވެސް ކެތްކޮށްގެން އުޅެވިއްޖެ!" ސަޖަލްއަށް ބުނެވުނެވެ. އޭނާ ތަކުރާރުކޮށް ބުނަމުން ދިޔައީ، ސައިކަލު ތަޅުދަނޑި އޭނާއަށް ދިނުމަށެވެ. ރިއުމާން އެދުނީ، އޭނާގެ ގެއަށް އޭނާއާއެކު ދިޔުމަށެވެ. ވާހަކަ ދައްކައިގެން ހުރިހާކަމެއްވެސް ހައްލުކުރެވޭނޭ ކަމުގައެވެ. ސަޖަލް އެއްބަސް ނުވިނަމަވެސް، ރިއުމާން އެހާ ފަސޭހައިން ދޫ ނުދޭނެކަން އޭނާއަށް އެނގުނެވެ. އެންމެފަހުން ސަޖަލްއަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. އޭނާ ރިއުމާންއާއެކު، ރިއުމާންމެން ގެއަށް ދިޔައީ ރިއުމާންގެ ކާރުގައެވެ. ރިއުމާން ބުނީ ތަޅުދަނޑި ދޭނީ އޭނާއާއެކު ގެއަށް ގޮސް ވާހަކަ ދައްކާ ކަންތައްތައް ހަމައަކަށް އެޅުވުމުން ކަމުގައެވެ.
ރިއުމާން އުޅޭ އެޕާރޓްމެންޓަށް ދެވުމާއެކު ސަޖަލްއަށް އަނެއްކާވެސް އޭނާގެ ތަޅުދަނޑި ދިނުމަށް ބުނެވުނެވެ. ރިއުމާން ތަޅުދަނޑި ދޭ ޚިޔާލު ނުކުރުމުން، އެންމެފަހުން ސަޖަލްގާތަށް ވެސް ރުޅި އަންނަގޮތް ވިއެވެ. އޭނާ ތަކުރާރުކޮށް އޭރުވެސް ބުނަމުންދިޔައީ ތަޅުދަނޑި ދިނުމަށެވެ.
"އަހަރެން ބުނީމަ ކީއްވެތަ ސަޖަލްއަށް އޭނާއާ ދުރުގަ ނުހުރެވެނީ؟ ކީއްވެތަ ފިރިހެން ކުދިންނާ ވާހަކަ ދައްކަނީ... އެ ނިހާލްއަކާ، އޮފީހުގައި އުޅޭ ފިރިހެން ކުދިންނާވެސް ކީއްވެތަ އޭހާ ގާތްކޮށް އުޅެނީ؟" ރިއުމާން އަހައިލިއެވެ.
"މާން... ޕްލީޒް... އަންޑަރސްޓޭންޑް ވެބަލަ! މީހަކާ ހިނިތުންވެލައިގެން ވާހަކަ ދައްކައިލުމަކުން ގެއްލުމެއް ނެތޭ... ފިރިހެން ކުއްޖަކާ ވާހަކަ ދައްކައިލާ ކޮންމެ ފަހަރަކު އޭގެ މާނައެއް ނޫނޭ އެއީ ގުޅުމެއް އޮންނަނީ އޭ... ތި ވިސްނުން ބަދަލު ނުކުރަންޏާ އަހަރެން ކިތަންމެ ލޯބިވިޔަސް ބޭނުމެއް ނޫން ރިއުމާން އާ އެކު އުޅޭކަށް." ސަޖަލްއަށް އެންމެފަހުން ބުނެލިއެވެ.
"އައި... އައި ޖަސްޓް ވޯންޓު ޓޭކް އަބްރޭކް ފޮރޮމް އޯލް ދިސް ރިއުމާން... އައި ޖަސްޓް ކާންޓް ޑޫ ދިސް އެނީމޯރ...ގެނޭ ތަޅުދަނޑި އަހަރެން ދާން ވެއްޖެ..." ރިއުމާން ސަޖަލްއަށް ބަލަން ހުންނަން ފެށުމުން، އަނެއްކާވެސް ސަޖަލް ވާހަކަ ދެއްކިއެވެ.
ރިއުމާން ކުއްލިއަކަށް އެހެން ހުރެފައި އައިސް ހިފީ ސަޖަލްގެ އަތުގައެވެ. ސަޖަލް އެ އަތް ފޮޅުވާލާފައި ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ރިއުމާން ކުރިއަށް ފިޔަވަޅު އަޅަމުންދިޔަ، ވަރަކަށް ސަޖަލް ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. އޭނާ މަތަވީ ފާރުގައި ޖެހިފައެވެ. ރިއުމާން އައިސް ސަޖަލްއާ ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.
"ވީ ކޭން މޭކް ދިސް ވޯކް... ސަޖޫ..." ރިއުމާން ބުނެލިއެވެ.
"ނޯ ވީ ކާންޓް... އައި ކާންޓް ދޫ ދިސް އެނީ މޯރ އޭ ބުނެފީމެއްނު..."
(ނުނިމޭ)