އޭނާއަށް ސިހުން ގެނުވީ ޖުމާނާ ވާހަކަ ދެއްކުމާއެކުގައެވެ. ނުވާ ކަމަކަށް ހަދާފައި އޭނާ ވެސް ވާހަކައިގައި ބައިވެރިވެލިއެވެ. އެފަދަ ވާހަަކަތަކެއްގައި ތިއްބާ ކުއްލިއަކަށް ސަޖަލްގެ ކަޅި ގޮސް ހުއްޓުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ޒުވާނާއަށެވެ.

އެތަނަށް ވަނީ ރިއުމާން ނޫން އެހެން ދެވަނަ މީހެއް ނޫނެވެ. ރިއުމާން އޭނާއާ ދިމާލަށް ބަލައިލުމާއެކު، ސަޖަލްގެ ނަފްސު ވެސް ހަރުކަށިވެލިއެވެ. އޭނާއަށް ބުރަކަށިވެސް ސީދާކޮށްލެވުނެވެ. ތަށީގައި ހިފައްޓާފައި އޮތް އަތަށްވެސް ބާރުކޮށްލެވުނެވެ. ހަމައެއާއެކު، އޭނާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ރިއުމާން އެތަނުގައި ހުރެ އިތުރުކަމެއް ކޮށްފާނެތީ އޭނާ ކަންބޮޑުވިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ އެ ދިމާލަށް ބަލަހައްޓައިގެން ހުރި ރިއުމާންއަށް ހުއްޓިފައެވެ. ސަޖަލް މާވަރަކަށް ދޮރާ ދިމާލަށް އެހެން އިނދެ ބަލަން ފެށުމުން އެކަން އެންމެ ފުރަތަމަ ފާހަގަވީ ސަޖަލްގެ ކުޑަކުޑަ ހަރަކާތަކަށްވެސް ސަމާލުކަން ދެމުން ދިޔަ ޒާމިންއަށެވެ. އޭނާއަށް ސަޖަލްގެ ނަޒަރު ހުއްޓިފައިވީ ދިމާލަށް ބަލައިލެވުނެވެ.އެއާއެކު އެތަނުގައި ހުރި ޒުވާނާ އޭނާއަށް ވެސް ފެނުނެވެ. އޭރު ލީނީންއާއި ޖުމާނާއާ ދެމީހުން އެންޖީއޯ އެއްގެ ވާހަކަގައި ތިއްބެވެ.

ޒާމިންއަށް އަނެއްކާވެސް ބަލައިލެވުނީ ސަޖަލްއަށެވެ. އޭނާ ސަޖަލްގެ މޫނުމައްޗަށް އަރާ ކުލަވަރު ވަރަށް ގާތުން ދިރާސާ ކުރަން ބޭނުންވާ ފަދައެވެ. އެހެންނަމަވެސް، އެ މޫނުމަތިން ފެނުނު އަސަރުތައް ދެނެގަންނަން އޭނާ ނުކުޅެދުނެވެ. ކިހިނެއްވީ ތޯ އަހާ ސުވާލު ކުރަން އޭނާއަށް ނުކެރުނު ނަމަވެސް، އެ ޒުވާނާއާ ސަޖަލްއާ ދެމެދު ކޮންމެވެސް ކަމެއް ހިނގައިފިކަމުގައި އޭނާގެ ހަވަނަ ހިއްސު އެވަގުތު ބުނެލިއެވެ. އަދި އެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން ވެސް އޭނާގެ ވިސްނުން ތޫނު ސިކުނޑިން އޭނާއަށް ޔަޤީންކޮށްދޭން މަސައްކަތްކުރިއެވެ.

ރިއުމާން އޭނާއާ ދިމާލަށް ބަލަން ހުރުމަށްފަހު، އެތަނުން ގޮނޑިއެއްގައި ސަޖަލްމެން ފެންނަހެން އޭނާ އިށީނދެލިއެވެ. އެތަން ބަލަން އިން ސަޖަލްއަށް އޭނާ ހިފައްޓައިގެން އިން ނޭވާވެސް ދޫކޮށްލެވުނީ ރިއުމާން އޭނާ ކައިރިއަށް ނައީތީއެވެ. އެކަމަކު ދެން ރިއުމާންއަށް އޭނާ ފެނިގެން ކަންތައް ކުރާނެ ގޮތަކާ މެދު ސަޖަލްއަށް ވިސްނައިލެވުނެވެ.

ވެއިޓަރު ގޮސް އެއްޗެކޭ ބުނުމުން އަތުގެ އިޝާރާތާއެކު ރިއުމާން އެއްވެސް އެއްޗެއް ބޭނުން ނޫންކަމުގައި ބުނެލިއެވެ. ރިއުމާންގެ ލޮލަށް ބަލަން އިނުމަށްފަހު ސަޖަލް، އެ ނަޒަރު ވަކިކޮށްލިއެވެ. ރިއުމާން އޭނާއަށް ފާރަލައިގެން އެ ހިސާބަށް އަންނާނޭ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ސަޖަލްއަށް ކަންބޮޑުވުމާއެކު ނިތުގައި އަތް ހިންގައިލެވުނެވެ.

"އާރ ޔޫ އޯކޭ؟" ސަޖަލްގެ ނުތަނަވަސްކަން ފެނުމާއެކު އެންމެ ފަހުން ޒާމިންއަށް ސުވާލުކޮށްލެވުނެވެ.

"އަނ. އާނ" ސަޖަލްއަށް ސިހިފައި އާއެކޭ ބުނެލެވުނީވެސް އަޅައަޅައިގަންނަމުންނެވެ.

"ތެދެއް ސަޖޫ؟ ވަޓް ހެޕެންޑް؟" ޖުމާނާ ލީނީންއާ ނަޒަރު ވަކިކޮށްލާ، ސަޖަލްގެ މޫނުމަތީގައިވި ހާސްކަން ފަހުމްވުމާއެކު އަހައިލިއެވެ. އެއާއެކު ސަޖަލް ދެފަރާތަށް ބޯ ހޫރައިލަމުން މޭޒުމަތީގައި ހުރި މިލްކްޝޭކް ތަށިން އެތިފޮދެއް ބޮއިލިއެވެ. އެއަށްފަހު އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

"ކަމެއްނުވޭ ޖުމީ... ފަހުން ދޯ..." ސަޖަލް ބުނެލިއެވެ. ޒާމިންމެން ތިބުމުން އޭނާ އެ ވާހަކަ ބުނާކަށް ގަސްތެއް ނުކުރިއެވެ.

"އޯކޭ..." ސަޖަލް އިރުއިރުކޮޅަކާ ފަހަތް ބަލައިލާތީ ޖުމާނާއަށް ވެސް ފަހަތަށް ބަލައިލެވުނެވެ. ވަށައިގެން ބަލައިލުމާއެކު ދޮރުގެ އެއްފަރާތުގައި އެމީހުންގެ މޭޒުތަކުގެ ފަހަތުގައި ހުރި މޭޒެއްގައި އިން ރިއުމާން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އެނބުރު ސަޖަލްއަށް ބަލައިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލާ ބޯ ޖަހައިލީ ހާސްނުވާށޭ ބުނާ ފަދައަކުންނެވެ. އޭރު އޭނާގެ ސިކުނޑީގައިވެސް ވަނީ ހާސްކަމެވެ.

ސަޖަލް އޭނާއާ ނަޒަރު ވަކިކޮށްލުމުން ރިއުމާންއަށް އަތުން ހިފައްޓާލާފައިވާ ފެންތައްޓަށް ބާރުކޮށްލެވުނެވެ. ހީވަނީ އެ އަތުގެ ތެރޭގައި އެ ތަށިވެސް ފުނޑުފުނޑު ކޮށްލަން ބޭނުންވެފައި ވާހެންނެވެ. އޭނާއަށް އޭރުވެސް ބެލެނީ ސަޖަލްއަށެވެ. މުޅި މީހާގެ އެތެރެ ހަށީގައި އުފެދުނު އިޙްސާސްއާއެކު، އޭނާއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. ސަޖަލް އެހެން ފިރިހެނަކާއެކު ފެނުމުން އޭނާއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. ވަގުތުން ގޮސްް ސަޖަލްގެ އަތުގައި ހިފާ އޭނާއާއެކު އެތަނުން ނުކުމެގެން ދާންވެސް ރިއުމާން އިނީ ބޭނުންވެފައެވެ. ސަޖަލް އޭނާއާ ދުރުވީ ސަބަބަކީ އެ ދެ ޒުވާނުންނޭ އޭނާގެ ހިތް ބުނަމުން ދިޔުމުގެ ސަބަބުންވެސް އޭނާގެ ރުޅިގަނޑު ވަނީ އިތުރުވެފައެވެ. ފެންތަށިން އެތި ފޮދެއް ބޮއިލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

"ވައި އާރ ޔޫ ޑުއިން ދިސް ޓު މީ؟" ހިތުގައި އުތުރި އަރަމުންދިޔަ ޝަކުވާތަކުގެ ސަބަބުން ރިއުމާންގެ ނަފްސުގެ ހަމަޖެހުން އެކީ ނަގައިލިއެވެ.

"ސަޖަލް ދޯ ކަންތައްތައް ހޭންޑަލް ކުރާނީ ޝައު ނެތްއިރު!" ތަނަށް އާދަޔާ ޚިލާފު މަޑުމައިތިރިކަމެއް ވެރިވުމުން ޒާމިން އަނެއްކާވެސް އެންޖީއޯއާ ބެހޭ ވާހަކައެއް ފެށީ އެ ހަމަހިމޭންކަން ފޫދުއްވައިލުމުގެ ބޭނުމުގައެވެ. އެތަނުގައި އެފަދަ ނުތަނަވަސްކަމެއް ވީތީ އޭނާއަށް އުނދަގޫވިއެވެ.

"އާނ. ޝައު ނެތްއިރު އާއްމުކޮށް އަހަރެން އިސްކޮށް ހަރަކާތްތެރިވާނީ..." ސަޖަލް ވެސް ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނާ ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލިނަމަވެސް އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އުދާސްކަން ޒާމިންއަށް ވެސް އެނގުނެވެ.

"ސަޖަލްވެސް ތީ ނުލާހިކު ހިންގައިލާ މީހެއްނު، އެހެންވީމަ ހާސްވާނެ ކަމެއް ނެތޭ..." ޖުމާނާ ހިނިތުންވެލިއެވެ. އޭނާވެސް ބެލީ ސަޖަލްގެ ހާސްކަން ދުރުކޮށްލެވޭތޯއެވެ. އެފަދަ ގިނަ ވާހަކަތަކެއްގައި އެމީހުން ތިބި ނަމަވެސް ނުތަނަވަސްކަން ވެރިވެފައި އިން ސަޖަލްއަށް ގިނަ ވަގުތު އިނދެވެނީ ނެގި މަޑުވިއެވެ. އެމީހުން ދައްކާ ވާހަކައަށްވެސް އޭނާއަށް ރަނގަޅަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ވިސްނެނީ ރިއުމާންއާ މެދުގައެވެ. ދެން ރިއުމާންގެ އަމަލުތައް ހުންނާނެ ގޮތަކާ މެދުގައެވެ.

"އެކްސް ކިއުޒް މީ، ބިލް ޕްލީޒް،" ޒާމިން ވެއިޓަރަށް ގޮވައިލުމަށްފަހު، ބިލް ގެނެސް ދިނުމަށް އެދުނެވެ. ލާރި ދެއްކުމަށްފަހު، އެންމެން އެކީގައި ބޭރަށް ނުކުންނަން ދިޔައިރުވެސް ރިއުމާން އެމީހުންނަށް ބަލަހައްޓައިގެން އިނެވެ. ޒާމިންވެސް ދޮރާ ހިސާބަށް އައިސް އެ ޒުވާނާއަށް ރީތިކޮށް ބަލައިލިއެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް އޭނާއަށް އެ ޒުވާނާގެ ގޮތްޖެހިފައިވާ ބުމައާއި ރުޅިވެރި މޫނު އަޅައިގަތެވެ.

ބޭރަށް ނުކުމެލުމަށްފަހު އެމީހުން ޕޭމެންޓުގައި މަޑުކޮށްލިއެވެ. ޒާމިން ބަލައިލީ ސަޖަލްއަށެވެ.

"ކޮން ދިމާލަކަށް ދަނީ؟" ޒާމިން ސަޖަލް ކުރެން އަހައިލިއެވެ.

"މައްޗަން ގޯޅިއަށް..." ސަޖަލްވެސް ޒާމިންއަށް ބަލައިލިއެވެ. އޭނާއަށް ލޯގަނޑާ ދިމާލަށް ބަލައިލެވުނީ އެ ގަޑީގައިވެސް ރިއުމާން އެމީހުންނަށްބަލަން އިން ކަހަލަ އިޙްސާސް އެއް ކުރެވުމުންނެވެ. އޭނާގެ ނަފްސުގައި ވަނީ ބުނެދޭން ނޭނގޭފަދަ އުނދަގޫކަމަކާއި ނުތަނަވަސްކަމެކެވެ. ޖަވާބުތައް އެހާ ކުރުކޮށް ދެވެނީވެސް އެހެންވެއެވެ. ޖުމާނާއަށް ސަޖަލްގެ ހާސްކަން ފާހަގަވުމާއެކު، އޭނާ ސަޖަލްގެ އަތުގައި ހިފައިގެން ކުޑަކޮށް ކުރިޔަށް ޖެހިލިއެވެ.

"ސަޖޫ އޭނަ މިތަނަށްވެސް އެ އައީ ސަޖޫ ފަހަތުންތަ؟ މިހާރު މާ މައްޗަށް އެދަނީ! ވީހާވެސް އަވަހަކަށް ޕޮލިހަށް ދާން އަހަންނަށް ފެންނަނީ... ނެތެއްނު ސަލާމަތެއް!" ޖުމާނާއަށް ބުނެވުނެވެ.

"އާނ..." ސަޖަލް ކުުރު ޖަވާބެއް ދިނެވެ.

ޒާމިންއަށް ވެސް ފަސް އެނބުރި އެ ޒުވާނާއަށް ބަލައިލެވުނެވެ. ސަޖަލްގެ ނުތަނަވަސްކަން ގުޅިފައިވަނީ އެ ޒުވާނާއާކަން އެނގުމުން ހިސާބެއްގެ ގޮތެއް އޭނާއަށް ވިއެވެ. އެއީ ކާކުކަން އެނގުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުތުރި އެރިނަމަވެސް އޭނާއަށް އެ ސުވާލު ސަޖަލްއާ ކުރާކަށް ނުކެރުނެވެ. އޭނާގެ ފިނޑިކަމާމެދު އޭނާ ހައިރާންވެސް ވިއެވެ.

"ސަޖޫ. އެކަމާ ނުވިސްނާ ދެން.... އަހަރެން ގުޅާނަން އިނގޭ ފަހުން... " ޖުމާނާ ސަޖަލްގެ ކޮނޑުގައި ކުޑަކޮށް ޖަހައިލަމުން ބުނެލިއެވެ. ސަޖަލްވެސް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ބައިދަވޭ އަހަރެންވެސް މައްޗަން ގޯޅިއަށޭ ދަނީ... އެކީ ދަމާ..."

ޖުމާނާ އޭނާ ފަހުން ގުޅާނެކަމަށް ބުނަމުން ގެއާ ދިމާލަށް ހިންގައިގަތެވެ. ލީނީންއަށް ފޯނެއް އައީ އެވަގުތެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެެވެ.

"ޒިމް، އަހަރެން އެބަ ޖެހޭ ކުޑަކަމަކު ހޮސްޕިޓަލަށް ވަދެލަން. އަހަރެން ކުރިން ގޮސްލާނަން..."

"އޯކޭ! އަހަރެން މާދަން ހަބަރެއް ވާނަން އިނގޭ!" ލީނީންއަށް ބަލައިލަމުން ޒާމިން ބުނެލިއެވެ. ލީނީން އޭނާގެ ސައިކަލަށް އަރާ ދުއްވައިލުމާއެކު، ޒާމިން މާނަފުން ބެލުމަކުން ސަޖަލްއަށް ބަލައިލިއެވެ. އޭނާއަށް ސަޖަލްގެ އެ ބޮޑު ދެލޮލަށް ބަލަން ހުރެވުނީ ކަޅި ޖަހާލުމެއްވެސް ނެތިއެވެ. ބަލައިލާ ކޮންމެ ފަހަރަކު، ދިގު އެސްފިޔަތަކުން ހިޔާ އެޅިފައިވާ އެ ކަޅުކަން ގަދަ ކަޅި ހިމެނޭ ބޮޑު ދެލޮލުން ހީވަނީ އޭނާއަށް ޖާދޫއެއް ޖައްސާހެންނެވެ.

"ހިނގާފަތަ އުޅެނީ؟" އަވަސްވަމުން ދިޔަ ހިތް ހަމައަކަށް އަޅުވަމުން ޒާމިން ސަޖަލްއާ ސުވާލުކޮށްލިއެވެ.

"ނޫން. ސައިކަލުގަ..." ސަޖަލް ހިނިތުންވެލަމުން އެހެން ބުނެލި ނަމަވެސް، އިރުއިރުކޮޅަކާ އޭނާއަށް ރިއުމާންއާ ދިމާލަށް ބަލައިލެވެއެވެ.

"ހިނގާ ދަމާ... ނުގޮސް ހުންނަންތަ ގަސްތުކުރަނީ؟" ޒާމިންއަށް އެކަން ފާހަގަވިނަމަވެސް އޭނާ އެނގޭކަމަކަށް ނުހަދާ އެހެން ބުނެލިއެވެ.

"ހެހެ ނޫނޭ... ހިނގާ ދަމާ..." ސަޖަލްވެސް ބުނެލިއެވެ. އެއަށްފަހު އޭނާ ގޮސް ސައިކަލަށް އަރާ ތަޅުދަނޑި ޖަހާ ސައިކަލު ސްޓާރޓްކޮށްލިއެވެ. ޒާމިންވެސް އޭނާގެ ސައިކަލަށް އެރިއެވެ.

ސަޖަލްއާ ޒާމިންއާ ދެމީހުން ސައިކަލަށް އަރާ ދުއްވައިލިތަން ބަލަން އިން ރިއުމާންގެ ދެބުމަ ވަނީ ގާތްވެފައެވެ. ސަޖަލްއަށް އައި ބަދަލުތަކަކީ އޭނާއާއެކު ހުރި ޒުވާނާގެ ސަބަބުން އައި ބަދަލު ތަކެއްކަމުގައި ރިއުމާންއަށް ވިސްނެމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާގެ އެތެރޭގައި އުފެދިގެން އުޅޭ ރުޅިގަނޑު ކޮންޓްރޯލް ކުރަންވެސް އޭނާއަށް ދަތިވިއެވެ. މެއަށް ދިލަތަދެއް އިޙްސާސްވާހެން ރިއުމާންއަށް ހީވިއެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ. ނިކަން އަވަސް އަވަސްކޮށްލައިގެން ނުކުތްއިރު ސަޖަލްމެން ނައްޓައިލައިފިއެވެ. ރިއުމާން އޭނާގެ ފޯނު ނަގާ ކޮންމެވެސް އެއްޗެއް ބަލައިލިއެވެ. އެއަށްފަހު ފުންނޭވާއެއް ލިޔެވެ. އިރުކޮޅަކު އޭނާ އެހެން ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ.

ސަޖަލްއާ ޒާމިންއާ ދެމީހުން ދާދި އެއްވަރެއްގައި ތިބެ ސައިކަލު ދުއްވާފައި މައްޗަންގޯޅިއާ ދިމާލަށް މިސްރާބުޖެހިއެވެ. ޒާމިންއަށް ސަޖަލްއާ ދިމާލަށް އިރުއިރުކޮޅަކާ ބަލައިލެވެއެވެ. އޭނާ ސަޖަލްއާ ވާހަކަ ދައްކަން ބޭނުންވެފައިވާވަރު އެކަމުން އެކަނިވެސް ހާމަވެއެވެ. އެހެން އެންމެންގެ ތެރޭގައި ޖެހިލުމެއްނެތި ވާހަކަ ދައްކާ ޒާމިންއަށް ފުރަތަމަ ފަހަރަށް ޖެހިލުންވުމެއް އިޙްސާސްވިއެވެ.

"އެހެންވީމަ އެކުވެރި ވެވުނީ ކަމަށް މިބަނީ އިނގޭ..." ޒާމިންއަށް ދައްކާނެ ވާހަކައެއް ނޭނގުމާއެކު ބުނެލިއެވެ. އޭނާގެ އަމާޒަކަށް ވީ ކޮންމެވެސް ވާހަކައެއް ސަޖަލްއާ ދެއްކުމެވެ.

"ހެހެ އާ މި ހަމަ އެކުވެރި ވެވުނީ..." ސަޖަލްވެސް މަގުމައްޗަށް ސަމާލުކަން ދީގެން އިނދެ ބުނެލިއެވެ. ސަޖަލްގެ ގެއާ ހިސާބަށް ދެވެން ދެންވެސް ޒާމިން އާ ދެމީހުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަމުން ދިޔައެވެ. ސަޖަލްގެ ގެއާ ހިސާބަށް އާދެވުމާއެކު ޒާމިން ސަޖަލްއަށް ރޭގަނޑުގެ ސަލާމް ކޮށްލިއެވެ.

"ގުޑް ނައިޓް ސަޖޫ... ސީ ޔޫ އިނގޭ..." ޒާމިން ބުނެލިއެވެ. އެއަށްފަހު އޭނާ ހިނިތުންވެލިއެވެ.

"ގުޑް ނައިޓް..." ސަޖަލްވެސް އެހެން ބުނެލުމަށްފަހު ސައިކަލު ޕާކުކޮށްލާފައި ނިކަން އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ. ޒާމިން ސައިކަލު ދުއްވައިލީ ސަޖަލް ގޮސް ގެއަށް ވަތް ފަހުންނެވެ. ލިފްޓުން އަރައިގެން ގޮސް ގެއަށް ވަތްއިރު ރަޝާދު އޮތީ ސޯފާގައި ނިދާފައެވެ. އޭރު އަޅުވާފައި ހުރި ޓީވީގެ އަޑުވެސް ކޮންމެވެސް ވަރަކަށް އިވިއިވި ހުއްޓެވެ.

"ބައްޕާ... މިތަނުގައި އޮވެގެންތަ ނިދަނީ...؟" ސަޖަލް ރަޝާދަށް ގޮވައިލަމުން ސުވާލުކޮށްލިއެވެ.

"ނޫނޭ. ޓީވީ ބަަލަން އޮއްވާ ނިދުނީ.. ދެންމެތަ ދަރިފުޅު ތިއައީ؟" ރަޝާދު ސުވާލުކޮށްލިއިރު އެ އަޑުގައި އޭރުވެސް ނިދީގެ އަސަރު ހުއްޓެވެ. ސަޖަލް އާއެކޭ ބުނެލުމަށްފަހު ކޮޓަރިއަށް ވަނުމުން ރަޝާދުވެސް ޓީވީ ނިއްވާލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ފާހާނާއަށް ވަދެ މޫނު ދޮވެ ހަދައިގެން އައިސް ސަޖަލް އެނދުގައި އޮށޯވެލިއެވެ. ފޯނަށް ކެނޑިނޭޅި މެސެޖްތައް އަންނަން ފެށީ އެވަގުތެވެ. ނުދަންނަ ނަންބަރަކަށް ވުމާއެކު ވެސް އޭގައި ލިޔެފައިވާ އެއްޗެހިން އެއީ ރިއުމާންގެ ކަމެއްކަން އޭނާއަށް އެނގުނެވެ. ރިޕްލައި ދޭ ޚިޔާލެއް ސަޖަލް ނުކުރެއެވެ. ނަންބަރު ބްލޮކް ކޮށްލަން އުޅެފައިވެސް ރިއުމާން ކިޔާ އެއްޗެއް އަޑުއަހަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ ފަހަރަކު މެސެޖެއް ކިޔަމުން ދިޔައެވެ. ފުރަތަމަ ކޮޅު ސަޖަލްއާ ދިމާލަށް އެއްޗެހި ކިޔާފައި މެސެޖް ކުރިނަމަވެސް ފަހުން ފަހުން އައިސް ހުރީ އާދޭސްކޮށްފައި ހުރި މެސެޖްތަކެވެ. އޭނާއަށް އެއް ފުރުސަތު ދޭން ބުނެފައި ކޮށްފައި ހުރި މެސެޖްތަކެވެ.

"ވަޓް އޭމް އައި އީވެން ޑުއިން..." ސަޖަލްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެންމެ ފަހުން އޭނާ އެ ނަންބަރު ވެސް ބްލޮކް ކޮށްލިއެވެ. އިތުރަށް ނުވިސްނަން ނިންމާ ސަޖަލް ލޯ މަރައިލިއެވެ.

ޖެހިގެން އައި ދުވަހުގެ ރެއަށް މީޓިން ޝެޑިއުލް ކުރުމަށްފަހު، ޝައުފާ އެކަން ހުރިހާއެންމެނަށް އެންގިއެވެ. އެރޭ މީޓިންގައި އެމީހުން އެގްރީމެންޓުގައި އަވަހަށް ސޮއިކުރާ ވާހަކައިގެ އިތުރުން ކުރަން ހުރި ހުރިހާ މަސައްކަތެއްގެ ހޭންޑް އޯވަރ އެއް ހުރިހާ އެންމެނަށް ޝައުފާ ދިނެވެ. އަދި ކަންތައްތައް ކުރިއަށް ގެންދަންވީ ގޮތުގެ ކުޑަ ޚުލާސާ އެއްވެސް އޭނާ ސަޖަލްއަށް ދިނެވެ.

ޖެހިގެން އަންނަ ދުވަހު އެގްރީމެންޓުގައި ސޮއި ކުރާ ވާހަކަވެސް ޝައުފާ ބުންޏެވެ. ޝައުފާ އައިސް އެގްރީމެންޓުގައި ސޮއި ކުރާގޮތަށް ލަސްކޮށްލާ ޚިޔާލު ނިހާ ދިންކަމުގައި ވީނަމަވެސް އެހެން އެންމެންވެސް ބޭނުންވީ އަވަހަށް އެގްރީމެންޓުގައި ސޮއިކުރާށެވެ. ބައްދަލުވުން ނިންމައިލުމަށްފަހު، ސަޖަލް ސައިކަލުގައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ ގެއާ ހިސާބަށް ދެވުމުން ސައިކަލު ޕާރކުކޮށްލާފައި ގޮސް ގެއަށް ވަންނަން ވެގެން ތަޅުގައި ހިފައިލި ވަގުތު އޭނާގެ އަތުގައި މީހަކު ހިފައްޓިއެވެ. ބަލައިލިއިރު ރިއުމާން ހުރިތަން ފެނުމުން ސަޖަލްއަށް ރިއުމާންގެ ނަން އޭނާގެ ދުލުން ބޭރުކޮށްލެވުނެވެ. ރިއުމާންގެ މޫނުމަތިން ފެނުނު ރުޅިވެރި އަސަރުތަކުން އޭނާއަށް ހިންދިރުވައިލެވުނީ، އެ މޫނުމަތީގައިވީ ނުރައްކާތެރި ވިދުވަރުންނެވެ.

"މަގުމައްޗޭ މީ ރިއުމާން...ދޫކުރޭ" ސަޖަލްއަށް ބުނެވުނެވެ.

"އެއީ ދޯ ވެގެން މިއުޅޭ ގޮތަކީ؟ ކާކުތަ އެއީ؟ ބުނެބަލަ! އެހެންވެގެންތަ އަހަރެންގެ އެއްވެސް މެސެޖަކަށް ރިޕްލައި ނުކުރަނީ؟" ރިއުމާން ދެބުމަ ގޮށް ޖަހައިލައިގެން ހުރެ ބުނެލިއެވެ. އޭރު ރުޅިއާ ދެރަ އެކުވެގެން ރިއުމާންގެ އަޑުވެސް ތުރުތުރު އަޅައެވެ. އަލުން އަނބުރާ އޭނާގެ ޙަޔާތަށް އައުމަށް އެދި އާދޭސް ކުރަން ރިއުމާން ބޭނުންވިނަމަވެސް، އޭނާގެ އެތެރެހަށީގައި އުފެދުނު ޖަޒުބާތުތައް އޭނާއަށް ބޭރުކުރެވެމުން ދިޔައީ ރުޅިވެރިކަމުގެ ސިފައިގައެވެ. މީހެއްގެ އޯގާތެރި ފިރުމުންތަކަށް އެދި އޭނާގެ ހިތް ރޮމުން ދިޔަނަމަވެސް އެކަން އޭނާއަށް ބޭރުފުށުން ދައްކާކަށް ފަސޭހައެއް ނުވިއެވެ.

"ރިއުމާން ކީކޭތަ ތިކިޔަނީ؟ ކިހިނެއްވެގެންތަ ތިއުޅެނީ، ހެޔޮނުވާނެ ތިހެން ނޫޅެބަލަ! އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭބަލަ!" ވަށައިގެން ބަލައިލުމާއެކު ސަޖަލްއަށް ބުނެވުނެވެ. މީހުންގެ ލޮލުގައި އެ މަންޒަރު އެހާ ވަރަށް އަޅައިގަންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ބެލީ ވީހާވެސް މަޑުމަޑުން ވާހަކަ ދެއްކޭތޯއެވެ.

"އަހަންނަށް އޭރުވެސް އެނގޭ އިތުުރު ފިރިހެނެއް ފެނިގެންކަން ސަޖަލް އަހަންނާ ދުރުވީ؟ ބުނެބަލަ މީ ދޮގެކޭ! ނުކެރޭނެ ދޮގެކޭ ބުނާކަށް. ރޭގަވެސް އަހަރެންގެ މި ދެލޮލުންނޭ ފެނުނީ ފިރިހެނަކު ކައިރިއަށް ލައިގެން އިންތަން. ވައި ސަޖޫ؟ އެހާ އަވަހަށް އަހަރެެން ދެކެ ވީ ލޯބި ގެއްލުނީތަ؟" ރިއުމާން އޭރުވެސް ހުރީ ސަޖަލްގެ އަތުގައި ހިފައްޓައިލައިގެންނެވެ. ހަރުކަށިކޮށް ވާހަކަ ފެށިނަމަވެސް ފަހަތަށް ދިޔައިރު އޭނާގެ އަޑުވެސް ކުރެހުނެވެ. އެހެންނަމަވެސް ސަޖަލްގެ އަތުން ދޫކުރާ ޚިޔާލެއް އޭނާ ނުކުރެއެވެ. އެހެންހުރިއިރު އޭނާގެ ދެލޮލުގެ ތެރެއަށް ވެސް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އަނދިރީގެ ތެރެއިންވެސް އެތަން ސަޖަލްއަށް ރީތިކޮށް ފެނުނެވެ. އޭނާގެ މެއަށްވެސް ހިސާބަކަށް ފިނިވިއެވެ. ރިއުމާންގެ ދެލޮލުން އޭނާއަށް ފެނުުނު ވިދުމަކީ ކަރުނަކަން ޔަޤީންވެ އޭނާއަށް އެދެލޮލަށް ބަލަަލައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. ސީދާ ސަޖަލްގެ ދެލޮލަށް ބަލަން ހުރި ރިއުމާންއަށް ހިނދެއް ހިނދަކަށް ސަޖަލްގެ އަތަށް ބާރުކުރެވެމުން ރިއުމާންއަށް ދެވުނުއިރު އޭނާގެ އެތެރެ ހަށީގައި އުފެދިގެން އުޅޭ ތޫފާން މައތިރި ކުރާނެގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

ސަޖަލްވެސް އަށް ހުރެވުނީ ރިއުމާންގެ އެ ގަދަ ޗޮކްލެޓް ކުލައިގެ ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. އެ ދެލޮލުގެ ބާރުގައި ހީވަނީ އޭނާ ގައިދު ކޮށްލާފައިވާހެންނެވެ. އެ ވޭނީ ރިހުން ހިމެނޭ ދެލޮލުން ނަޒަރު ވަކިކޮށްލަން ނުކެރިފައި އޭނާއަށް ހުރެވުނީ ރިއުމާންގެ ދެލޮލުން އޭނާއަށް ފެނުނު އަސަރުތަކުގެ ސަބަބުންނެވެ.

(ނުނިމޭ)

ކޮމެންޓް 0