މާ ބޮޑު ވިސްނުމަކާ ނުލާ ގޮސް އޭނާ ދޮރު ހުޅުވައިލީ ފަހަރުގައި ރަޝާދުކަމަށް ހީކޮށްފަ އެވެ. އޭނާ ދޮރު ހުޅުވައިލުމަށް ފަހު، ބައްޕައޭ ބުނަން ވެގެން އުޅުނު ވަގުތު ރިއުމާން ފެނިގެން ސިހިފައި ފަހަތަށް ޖެހިލެވުނެވެ.

"ރިއުމާން އަނެއްކާ ކީކުރަން ތިއައީ؟" ސަޖަލްއަށް ސުވާލުކޮށްލެވުނީ ނުރުހިފަ އެވެ. އޭނާއަށް ރިއުމާންއަށް ބަަލަން ހުރެވުނެވެ.

"ސަޖޫ... ކަމް ބެކް ޓު މީ... އަހަރެން ވަރަށް ލޯބިވެޔޭ ސަޖޫ ދެކެ، އައި ލަވް ޔޫ ސޯ މަޗް... " ރިއުމާން ބުނެލިއެވެ.

"ރިއުމާން އަހަންނަށް އުނދަގޫ ނުކޮށް މިތަނުން ދޭބަލަ. އަހަރެންގެ ބައްޕަ އަންނަން އުޅޭނެ މިހާރު... އިހަށް ދޭ..." ރިއުމާންއަށް ބަލައިލަމުން ސަޖަލް މަސައްކަތްކުރީ އޭނާ އެތަނުން ފޮނުވައިލުމަށެވެ. އެހެންނަމަވެސް ރިއުމާން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ސަޖަލް ދޮރު ލައްޕަން އުޅުމުން، ރިއުމާން ދޮރުގައި އަތް ޖައްސައިލާ ސަޖަލްއަށް ހުރަސް އެޅިއެވެ. އޭރު ރިއުމާންގެ ދެލޮލުން ކަރުނައިގެ އަސަރާއެކު އެމޫނުމަތިން ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ.

"ކީއްވެތަ އަހަރެން ފޮނުވައިނުލެވިގެން ތިއުޅެނީ؟" ރިއުމާން ބުނެލުމަށްފަހު، ކުރިއަށް ޖެހިލިއެވެ.

"ރިއުމާން ދާށޭ...." ސަޖަލްއަށް ވެސް ބާރަށް ބުނެވުނެވެ. އޭނާ ކެނޑިނޭޅި މަސައްކަތްކުރީ ދޮރުފަތް ލެއްޕޭތޯއެވެ. އެހެންނަމަވެސް ރިއުމާން ފަދަ ޖާނުން ވަރުގަދަ މީހެއްގެ ކައިރީގައި ނިކަމެތި އަންހެން ކުއްޖަކަށް ދެެއްކޭނީވެސް ކޮން ގަދަކަމެއް ހެއްޔެވެ؟ ސަޖަލް ހާސްވިއެވެ.

"ސަޖަލްއަށް ޖެހޭނީ އަހަންނާއެކު އުޅެން..." ރިއުމާން ބުނެލިއެވެ.

"ކޮން ޙައްޤެއް އޮވެގެންތަ އަބަދު ތިހެން ތިކިޔަނީ؟ އަހަރެން އުޅެން ބޭނުންނުވާތީއޭ ރިއުމާން ދޫކޮށްލީ... ތެދު ގަބޫލުކޮށްބަލަ އާދޭސްކޮށްފަ ބުނަން..." ސަޖަލްވެސް ބާރަށް ބުނެލިއެވެ.

"ކީއްވެތަ އަހަރެން ލޯބިވާވަރު އިޙްސާސް ނުވަނީ؟ އެހެން މީހަކު ފެނުނީތަ؟" ރިއުމާން ކުއްލިއަކަށް އަހައިލިއެވެ.

"އެހެން މީހަކު ފެނުނީއެއް ނޫނޭ... އެކަމަކު އަހަންނަކަށް ހިޔެއްނުވޭ އިތުރަށް ރިއުމާންއާ އެކީ އުޅެގެން ރިލޭޝަންޝިޕް ވޯކްކުރާނެހެނެއް. މިހާރު އަހަރެން ރިއުމާން ދެކެ ބިރުގަނޭ... ކީއްވެތަ ތިހެން ތިއުޅެނީ؟..."

"އަހަރެން ބުނެފީމެއްނު އަހަންނަށް ސަޖަލްއާ ނުލާ ނޫޅެވޭނެޔޭ..." ރިއުމާން ސަޖަލް ވާހަކަ ދައްކައި ނިމުމުން އަނެއްކާވެސް ބުނެލިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ހިންގައިލިއެވެ.

"ސަޖޫއަށް އެނގޭނެ އަހަންނަކީ އެކަނި އުޅޭ މީހެއްކަން. އަހަންނަށް ތިގެން ނަހަދަބަލަ!" ރިއުމާން ސަޖަލްއާ ގާތަށް ފިޔަވަޅެއް އަޅައިލުމަށްފަހު ބުނެލިއެވެ.

"ނާންނާތި ކައިރިއަށް..." ސަޖަލް ހިސާބަކަށް ޖެހިލުންވެ ހުރެ ބުނެލިއެވެ. އޭނާ ފަހަތަށް އަނެއްކާވެސް ފިޔަވަޅެއް އަޅައިލީ ހާސްވެ ހުރެފައެވެ.

"އަހަންނަކަށް ސަޖަލްއާ ނުލޭ ނޫޅެވޭނެ..." ރިއުމާން އަނެއްކާވެސް ބުނެލިއެވެ. އެ އަޑުގައި ހިތާމަޔާ އެކުވެގެގެން ރުޅިވެރިކަމެއްވެސް ވިއެވެ.

"އުޅެވޭނެ... ޔޫ ނީޑް ހެލްޕް، ސީރިއަސްލީ... ރިއުމާން ޖަސްޓް ގޯ ޓު އަ ސައިކޮލޮޖިސްޓް އެންޑް ގެޓް ހެލްޕް ޕްލީޒް... އަހަންނަށް ތިހެން އުނދަގޫ ނުކުރޭ... މިހާރު އަހަރެމެން ދެމެދު އެއްވެސް ގުޅުމެއް ނެތޭ... އަހަރެން ކިތަށް ޗާންސް ދިނިންތަ؟ ކިތައް ފަހަރު ރިއުމާންގެ އުޅުން ބަދަލުކުރަން ފުރުސަތު ދިނިންތަ؟ އެކަމަކު އެއިން އެއްވެސް ކަމެއް ބަދަލުވިތަ؟ ނުވެއެއްނު؟ ސޯ ޕްލީޒް... ޖަސްޓް ގޯ... މިތަނުގައި ހަޅޭއްލަވަން މީ އަހަރެންގެ ގެއެއް ނޫނޭ... ޖަސްޓް ގޯ ޕްލީޒް..." ސަޖަލް ބުނެލިއެވެ. ރިއުމާން އުޅެމުން ދާ ގޮތުން އޭނާއަށް ވެސް ލިބެނީ ނުތަނަވަސްކަމެވެ.

"ކާކު ފެނުނީ؟ ބުނޭ ހަމަ މިހާރު..." ރިއުމާން އެހެން ބުނެލާފައި ސަޖަލްގެ އަތުގައި ހިފައިލިއެވެ. އޭރު އެ ދެމީހުން ތިބީ ގެއަށް ވަންނަ ދޮރާ ދިމާ ގޭތެރޭގައެެވެ. ދޮރު ހުރީ އޭރުވެސް ހުޅުވާފައެވެ.

"ދާންވީ މިގެއިން ހަމަ މިހާރު ދޭ..." ސަޖަލް ހާސްވެފައި ހުރުމުން އޭނާއަށް ރޮވޭ ގޮތްވެސް ވިއެވެ. ލިފްޓު ހުޅުވުނީ ވެސް އެވަގުތެވެ. އެތެރޭގައި ހުރި ރަޝާދަށް ވެސް ދެމީހަކު ޒުވާބު ކުރާ އަޑު އިވުނެވެ. އޭނާ ނިކަން އަވަސް އަވަހަށް ލިފްޓުން ފޭބިއެވެ. އެއަށްފަހު އެޕާރޓްމެންޓް ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާއަށް ފެނުނީ ސަޖަލް މީހަކާ ޒުވާބު ކުރާތަނެެވެ. ސީދާ ކާކުކަން ނޭނގުނުނަމަވެސް، އޭނާއަށްވެސް އެ ދެމެދުގައި ބޮޑު ކަންތައް ގަނޑެއް ހިނގައިގެން އުޅޭކަން ދެނެގަނެވުނެވެ. ހަމައެއާއެކު ރޮމުން ދިޔަ ސަޖަލް ހަޅޭއްލަވަމުން ދިޔަ ގޮތުން އޭނާ މާ ބޮޑަށް ހާސްވާ ގޮތްވިއެވެ.

"ކިހިނެއްވެގެން މިއުޅެނީ... ސަޖަލް، ދަރިފުޅާ މީ ކާކުތަ؟" ރަޝާދަށްވެސް ބުނެވުނެވެ. އޭނާ ގޭތެރެއަށް ވަދެ އެ ޒުވާނާއަށް ބަލައިލިއެވެ. ގައިގަނޑަކަށް އިސްކޮޅުން ހަފޫޓަށް ވުރެ ދިގު، އެ ޒުވާނާ މީގެ ކުރިން އޭނާއަށް ފެނިފައިނުވެއެވެ. އެ ޒުވާނާގެ މޫނުމަތިން އޭރު ފެނުނު ކުލަވަރު މާނަކުރަން އޭނާއަށް ނޭނގުމާއެކު، އޭނާއަށް އަނެއްކާވެސް ބަލައިލެވުނީ ސަޖަލްއަށެވެ. ރަޝާދުގެ އެ ނަޒަރު އޭނާއަށް ވާހަކަތައް ކިޔައިދޭށޭ ބުނާ ކަހަލައެވެ. ސަޖަލްއަށް އިތުރު ހާސްކަމެއް ލިބުނެވެ. އޭނާއަށް ބަސް ހުއްޓިފައި ހިނދުކޮޅަކަށް ހުރެވުނެވެ. އެފަދަ ގޮތަކަށް ބައްޕަގެ ކުރިމަތީގައި ހުންނަން ވުމުން އޭނާއަށް ނުތަނަވަސްކަން ލިބިފައިވާއިރު، އޭނާއަށް އަނެއްކާވެސް ރިއުމާން ގާތު އެތަނުން ދިޔުމަށް އެދެވުނެވެ. ރަޝާދަށް ބަލައިލުމަށްފަހު، ރިއުމާންވެސް ކުޑަކޮށް މަޑުޖެހިލިއެވެ. އޭނާ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ނުކުންނަން ހިނގައިގަތެެވެ. ރިއުމާން ލިފްޓަށް އެރިތަން ބަލަން ހުރުމަށްފަހު، ރަޝާދު ގޭގެ ދޮރު ލައްޕައިލުމަށްފަހު ސަޖަލްއާ ކުރިމަތިލިއެވެ. ހިންދިރުވައިލި ސަޖަލްއަށް ރަޝާދަށް ބަލައިލެވުނީ ބުނާނެ އެއްޗެއް ނޭނގޭ ޙާލުގައެވެ. އެ ހުރިހާ ވާހަކައެއް އޭނާ ބައްޕައަށް ކިޔައިދޭނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ދަރިފުޅާ... ހަމަޖެހިފަ ބައްޕައަށް ވާނުވާ ކިޔައިދީބަލަ؟ ދެންމެ ކާކުތަ އެ ހުރީ؟" ރަޝާދު އޯގާތެރިކަމާއެކު ސަޖަލްގެ ބޮލުގައި ފިރުމައިލަމުން އަހައިލީ އޭނާ ސަޖަލް ދެކެ ރުޅި ނާންނަކަން އަންގައިލުމުގެ ގޮތުންނެވެ. އޭނާއަށް ކަންތައް ކުރެވޭ ގޮތުން އަނެއްކާ ސަޖަލްއަށް އިތުރު ނުތަނަވަސްކަމެއް ލިބޭކަށް އޭނާ ނޭދެއެވެ. އޭނާ ސޯފާގައި އިށީންނަމުން ސަޖަލް ގާތުވެސް އިށީނުމަށް އެދުނެވެ.

"ބައްޕާ އެއީ.... އަޅުގަނޑު... މީ..." ސަޖަލްއަށް ވާހަކަ ދެއްކުނީ އަޅަ އަޅައިގަންނަމުންނެވެ. މީހާގެ ނޭވާވެސް ހާސްވާފަދަ އިޙްސާސެއް އޭނާއަށް ކުރެވުނެވެ. އެކަމަކު ދެން އިތުރަށް އެކަންތައް ބައްޕައަށް ސިއްރުނުކުރެވޭނޭކަން ސަޖަލްއަށް އެނގުމާއެކު، އޭނާ ހިތްވަރުކޮށްފައި ރިއުމާންގެ ވާހަކަ ބުނެލީ ޚުދު އޭނާވެސް އިތުރަށް އެކަންތައް އޭނާގެ ބައްޕައަށް ސިއްރުކުރަން ބޭނުން ނުވާތީއެވެ. އޭނާ ރިއުމާންގެ ވާހަކަ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. ހަމައެއާއެކު އޭނާގެ ކިބައިން އުނދަގޫތައް ކުރިމަތިވާ ކަމަށްވެސް ސަޖަލް ބުންޏެވެ.

"ބައްޕަ ކައިރީގައި މިހާދުވަސް ވިއިރުވެސް ނުބެނެ ހުރީ ކީއްވެތަ؟"

ރަޝާދު އެ ހުރިހާ ވާހަކައެއް ކަނުލާ އަޑުއަހަން އިނުމަށްފަހު ދެން އެކަހަލަ ކަމެއް ވެއްޖެނަމަ ލަސްނުކޮށް އޭނާގެ ކައިރީގައި ބުނަން އެދުނެވެ. ބައްޕަ ކައިރީގައި އިން ސަޖަލްއަށް ފޯނެއް އައުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"އޭތް ސަޖޫ؟ ގްރޫޕް ބަަލައިލައިފިންތަ؟" ގުޅީ ޖުމާނާއެވެ.

"ނޫނޭ ޖުމީ ކިހިނެއްވީ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"ޝައު އަންނަ ހަފްތާގައި ކުއްލިއަކަށް ރާއްޖޭން ބޭރަށް ދާންޖެހޭކަމަށް ގްރޫޕްގައި ބުނެފަ އެބައިން. ޝައު މަންމަ ބަލިވެ އުޅޭ ވާހަކަ ބުންޏެއްނު. މިކޮޅުން އެކޮޅަށް ދާން ރިފަރ ކޮށްގެން ދަނީއޭ ބުނީ، އެހެންވީމަ އޭނަ އެގްރީމެންޓްގައި ސައިންކުރުން އަވަސްކުރާ ވާހަކަ ބުނެފަ އެބައިން..." ޖުމާނާ ބުނެލިއެވެ.

"ނޭނގެ އަހަރެން ބަލައިލާނަން... އިތުރު އެއްޗެއް ބުނިތަ؟" ސަޖަލްވެސް އޮޅުން ފިލުވައިލަން ބޭނުންވެ ހުރެ އަހައިލިއެވެ.

"އާނ... ބުނި މާދަމާއަށް މީޓިންއެއް ޝެޑިއުލް ކޮށްފަ ޒާމިންމެންނާ ވެސް ވާހަކަ ދައްކައިލާނަމޯ މި ހަފްތާ ތެރޭގައި އެގްރީމެންޓުގައ ސޮއިކުރަން. އަދި ސަޖަލްއަށް ހުރިހާކަމެއްގެ ހޭންޑް އޯވަރ އެއްވެސް ދޭނަމޯ ބުނި... އޭރުން ޝައު ނެތަސް ސަޖަލްއަށް އެބައި ކުރިއަށް ގެންދެވޭނެއެއް ނޫންހޯ... ދެން ބޭނުންވެއްޖެއްޔާ އެހީވާން އަހަރެންވެސް ހުންނާނެއެއްނޫންހޯވެސް ބުނި... " ޖުމާނާ ސަޖަލްއަށް ކުޑަ ގޮތަަކަށް ކިޔައިދިނެވެ.

"ހޭ ޖުމީ މިރޭ ބިޒީތަ؟ ބިޒީ ނޫނިއްޔާ ހިނގާބަލަ ކޮފީއަކަށް ދާން..." ސަޖަލް އެހެން ބުނެލީ އޭނާގެ ސިކުނޑި ހާސްވެފައިހުރީތީ، ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުންވެގެންނެވެ. ހުރިހާކަމެއް ބައްޕައަށް ވުރެ ބޮޑަށް އޭނާއަށް ކިޔައިދޭން ފަސޭހަވާނީވެސް އަންހެން ކުއްޖަކަށްތާއެވެ.

"ނޫނޭ. އަނެއްހެން ބިޒީއެއް ނޫން... އެރައުންޑް ނައިން ކިހިނެއް ވާނީ... ސަޖޫ އަންނަންވީނު އަހަރެމެން ގެކައިރިއަށް... މިތާ އިންނަ ކޮފީ ޝޮޕް އެނގެއެއްނުން، އެތަނަށް ދަމާ......" ޖުމާނާ ބުނެލިއެވެ.

"ނައިން އޯކޭ ވާނެ. އަހަރެންވެސް ބައްޕައަށް ކާންދީ ހަދާފަ ދާނަން... އެހިސާބަށް ގޮސް ގުޅާނަން އޯކޭ..." ސަޖަލް އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނާ ސޯފާއިން ތެދުވިއެވެ. ސަޖަލް ގޮސް ވަނީ ކޮޓަރިއަށެވެ.

***

ބައްޕަ ކެއުމުން ތަށިތައް ދޮވުމަށްފަހު ސަޖަލް ގެއިން ނުކުތްއިރު ނުވައެއް ޖަހަން ހުރީ ދިހަ ވަރަކަށް މިނިޓެވެ. ބުރުޒުމަގުން އައިސް އަމީނީ މަގަށް އެޅުމަށްފަހު، އޭނާ ހުރިގޮތަށް ގޮސް މަޑުކޮށްލީ، ކަލާފާނު ސްކޫލު ކައިރީގައި ހުރި ކޮފީ ޝޮޕްގެ ކުރިމައްޗަށެވެ. އެއްފަރާތުގައި ސައިކަލު ޕާކުކޮށްލަމުން ސަޖަލް ޖުމާނާއަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު ޖުމާނާ ފޯނު ނެގިއެވެ.

"ޖުމީ... ފައިބާ... ތިރީގަ މިހުރީ" ސަޖަލް ބުނެލުމާއެކު ޖުމާނާ އެކޮޅުން އާނއެކޭ ބުނެ ފޯނު ބޭއްވިއެވެ.

"ސަޖޫ..." އޭގެ ކުޑައިރުކޮޅެއްފަހުން ޖުމާނާ ފޭބިއެވެ. ސައިކަލު މަތީގައި އިން ސަޖަލް ފެނިގެން އޭނާ ސަޖަލްއަށް ގޮވައިލިއެވެ. ސަޖަލްވެސް ސައިކަލުން ފައިބާ އޭނާގެ އިސްތަށިގަނޑު ރީތިކޮށްލަމުން ޖުމާނާއަށް ބަލައިލާ ހިނިތުންވެލިއެވެ. އޭރު ޖުމާނާ ވެސް ހުރީ އައިސް އޭނާއާއި ދާދި ގާތުގައި ހުއްޓިއެވެ.

"ކިހިނެއްވެގެންނޭ އަނެއްކާ ކުއްލިއަކަށް ކޮފީއަކަށް ދާން ބުނީ؟ އެ ރިއުމާންގެ ކަމެއްތަ؟" ޖުމާނާ ސުވާލުކޮށްލިއެވެ.

"އެ ނޫންކަމެއް އެބައޮތްތަ އަހަރެން ބޯ ގޮވަން... ނެތެއްނު..." ސަޖަލް ބުނެލިއެވެ.

"އައްދޭ... ޔަޤީން ބޮޑުކަމެއް ވެއްޖެ... އަވަހަށް ކިޔައިދީބަަލަ! ކުރިން ދުވަހުވެސް އެ ވާހަކަ އެ ގަޑީގައި ނުދެއްކިޔަސް އަހަންނަށް އެނގުނޭ ބޮޑުކަމެއް ވެއްޖެކަން." ޖުމާނާ ސަޖަލްގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ކޮފީ އަށް އައިސް މިތަނުގައި ހުރެގެންތަ ހުރިހާއެއްޗެއް ކިޔައިދޭންވީ... ހިނގާބަލަ... އެތެރެއަށް ގޮސް އެއްޗަކަށް އޯޑަރުކޮށްގެން ހަމަޖެހިލައިގެން ވާހަކަ ދައްކާނީ... އަހަރެންގެ ބޮލުގައިވެސް ހީވަނީ އެއްޗަކުން ތަޅާހެން... ހުވާ މޮޔަވާވަރުވޭ އެބަ!" ދެ އެކުވެރިން އެފަދަ ވާހަކަތަކެއްގައި ތިބެގެން ގޮސް ކޮފީ ޝޮޕް ދޮރު ހުޅުވާލާފައި ވަނެވެ. އެމީހުން އިށީނީ ވަންނަ ދޮރުގެ އެއްފަރާތުގައި ހުރި މޭޒުގެ ދޮށުގައެވެ. އެ މޭޒު ދޮށުގައި ދެމީހުން ތިބިއިރު ބޭރު ރީތިކޮށް ފެންނަނީ ބިއްލޫރި ޖަހާފައިވާތީއެވެ.

"ވަން ހޮޓް ޗޮކްލެޓް ފޯ މީ... ސަޖޫ ކޯންޗެއް؟" ވެއިޓަރު އައުމާއެކު ޖުމާނާ ބުނެލިއެވެ.

"ޗޮކްލެޓް މިލްކް ޝޭކްއެއް ޕްލީޒް..." ސަޖަލް ވެއިޓަރަށް ބަލައިލާ ހިނިތުންވެލުމާއެކު އެތަނުގައި ހުރި އަންހެން ކުއްޖާވެސް އޭނާގެ އަތުގައި އޮތް ކުޑަ ނޯޓު ފޮތުގައި ނޯޓު ކޮށްލަމުން ކައުންޓަރާ ދިމާލަށް ހިނގައިގަތެވެ.

"ސޯ ކިޔައިދީބަަލަ ތި ވެގެން އުޅޭ ގޮތެއް އަހަންނަށް..." ޖުމާނާ ސުވާލުކޮށްލިއެވެ.

"ނުވާ އެއްކަމެއްވެސް ނެތް... އެ ރިއުމާން އަހަންނަށް ފާރަވެސް ލަނިއްޔޭ... މިއަދުވެސް ގެއަށް ގޮސް ހުއްޓާ ބައްޕައައީ... "

"އޭތް އޭތް... ހަމަޖެހިފަ ހުރިހާއެއްޗެއް އަހަންނަށް ކިޔައިދީބަލަ..." ޖުމާނާ އެހެން ބުނެލުމުން ސަޖަލް ކުރިން ވީ ކަންތަކުގެ އިތުރުން، މިއަދު ވީހުރިހާ ކަމެއް ވެސް ޖުމާނާއަށް ކިޔައިދިނެވެ. ޖުމާނާއަށް ވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ދެން ޕޮލިހަށް މައްސަލަ ހުށައަޅަންވީނު... މިހާރު މާ މައްޗަށް ދޯ އެ ދަނީ ފާރަލާ ގެއަށް ވަންނަ ހިސާބަށް ދިޔައިމަ..." ޖުމާނާ އެންމެ ފަހުން ބުނެލިއެވެ.

"ޕޮލިހަށް މައްސަލަ ދޯ. އޭނަ އަހަންނަށް އެމޯޝަނަލީ ވެސް ބްލެކް މެއިލް ކުރެޔޭ... އެތައް މެސެޖެއް ފޮނުވާ... ނަންބަރު ބްލޮކް ކުރީމަ އެހެން ނަންބަރުތަކުންވެސް މެސެޖްކޮށް... ނޭނގެ ދެން އަހަންނަކަށް ހަދޭނެ ގޮތެއް. އަހަންނާ ނުލާ ނޫޅެވޭނެޔޯ ވެސް ކިޔާ... " ސަޖަލް އޭނާގެ ހިތުގެ ޙާލު އެކުވެރިޔާ ކައިރީގައި ބަޔާންކުރަމުން ދިޔައެވެ. ޖުމާނާގެ ހިތްވަރުގެ ބަސްތަކުން ސަޖަލްއަށް ވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ. އޭނާއަށް ވެސް އިންތިހާ ލުއި ވިއެވެ. ހިތުގެ ނުތަނަވަސްކަމާއި ކަންބޮޑުވުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ނަފްސަށް ލިބިފައިހުރި ވާންކަން ދޫވެ ހިސާބެއްގެ ހިންހަމަޖެހުމެއް ލިބި ސިކުނޑިން ބޮޑު ބަރުކަމެއް އުފުލުނު ފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. އެމީހުން ވާހަކައިގައި ތިއްބާ އެތަނުގެ ދޮރު ހުޅުވާލާފައި އިތުރު ދެމީހަކު އެތެރެއަށް ވަނެވެ.

ލީނީންއާއެކު ގޮސް ކޮފީ ޝޮޕަށް ވަތް ޒާމިން ވަށައިގެން ބަލައިލީ ހުސް ގޮނޑިއެއް ހޯދައިލުމުގެ ބޭނުމުގައެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ސަޖަލް އަޅައިގަތެވެ. ކައިރީގައި އިން ކުއްޖާ އިނީ އެމީހުންނަށް ފުރަގަސްދީގެން ކަމުން އެއީ ކޮން ކުއްޖެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ޒާމިން މާ ވަރަކަށް އެމީހުންނަށް ބަލަން ފެށުމުން ސަޖަލްއަށްވެސް އެ ދިމާލަށް ބަލައިލެވުނެވެ. ޒާމިން ފެނިގެން އޭނާއަށް ކުޑަ ހައިރާންކަމެއް ވެސް ލިބުނެވެ. ޒާމިން ލާފައިހުރީ އަތްދިގު އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖީންސްއެކެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ވާއިރު ވަރަށް ކެޝުއަލް ލުކް އެކެވެ. އޭނާގެ ކައިރީގައި ހުރި ޒުވާނާވެސް ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ކަނޑު ނޫކުލައިގެ ޖީންސްއެއްގައެވެ.

ސަޖަލް ވެސް އޭނާއާ ދިމާ ފަހަތަށް ބަލާވަރުން އެންމެ ފަހުން ޖުމާނާއަށް ވެސް ފަސްއެނބުރިލާ ބަލައިލެވުނެވެ. އެއާއެކު އޭނާގެ ލޮލުގައި ޒާމިންއާއި ލީނީން އަޅައިގަތެވެ.

ސަޖަލް ފެނުމާއެކު ޒާމިން އޭނާގެ އެއް އަތް އުފުއްލާލާ ހައި ޖަހައިލިއެވެ. އެއަށްފަހު އޭނާ ކައިރީގައި ހުރި ލީނީންއަށް ބަލައިލުމަށްފަހު، އެދިމާލަށް ހިނގާށޭ ބުނެލިއެވެ. ދެމީހުން އެކުގައި ގޮސް ސަޖަލްމެން ކައިރީގައި ހުއްޓެވެ.

"މިތާ އިށީނަސް އޯކޭތަ؟" ޒާމިން އިސްވެ ސުވާލުކޮށްލިއެވެ. އެއާއެކު ޖުމާނާ ސަޖަލްއަށް ބަލައިލުމަށްފަހު އާއެކޭ ބުނެލިއެވެ. ސަޖަލްގެ އެއްފަރާތުގައި އިށީނުމަށް އިޒްނައަކަށް އެދި ޒާމިން ބަލައިލިއެވެ. ސަޖަލް ހިނިތުންވެލުމުން ޒާމިން ސަޖަލްގެ އެއްފަރާތުގައި އިށީންއިރު ލީނީން އިށީނީ ޖުމާނާގެ އެއްފަރާތުގައެވެ.

"ކޮފީތަކަށް އާއްމުކޮށް އަންނަންތަ މިތަނަށް؟" ޒާމިން އިސްވެ ތަނުގައިވި ހިމޭންކަން ފޫދުއްވައިލަމުން އަހައިލިއެވެ. އޭނާއަށް އެހެން ބުނެވުނުތަނާ ވެއިޓަރު ސަޖަލްއާ ޖުމާނާގެ އެއްޗެހި ހިފައިގެން އައިސް ބަހައްޓައިލިއެވެ.

"އެކްސް ކިއުޒް... އެސްޕްރެސޯއެއް... ލީނީ ކޯންޗެއް؟" ޒާމިން ވެއިޓަރަށް ބަލައިލަމުން ބުނެލިއެވެ. ލީނީން ވެސް ބުނީ އޭނާއަށް އެސްޕްރެސޯއެއް ކަމުގައެވެ.

"ދެން ދޭތެރެއަކުން އައިސް ވަދެލެވޭ ކޮފީ ޝޮޕްއެއް ދޯ ސަޖޫ..." ލީނީން ވައިޓަރު ދިޔުމުން ނަޒަރު ވަކިކޮށްލަމުން ސަޖަލްމެންނަށް ބަލައިލުމާއެކު ޖުމާނާ ބުނެލިއެވެ.

"ސަޖޫތަ ކިޔަންވީ އަހަރެންވެސް؟ ބައިދަވޭ ދެމީހުން ދިމާވީމަ މި ހަނދާންވީ... ޝައު އަހަންނަށް ގުޅި މިއަދު. އެގްރީމެންޓް އަވަސްކޮށްލަން ވެގެންނޯ!" ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން ޒާމިން ބުނެލިއެވެ.

"އާނ އެނގޭ... ކިހިނެއްވީ؟ ނަން ކަމުނުދަނީތަ؟ ބައިދަވޭ ކޮބާތަ އަނެއް ކުއްޖާ؟" ޖުމާނާ ބުނެލިއެވެ. ސަޖަލްވެސް ލުއިކޮށް ހީލިއެވެ.

"ނޫނޭ... އަހަރެން މި އަހައިލީ އަނެއްކާ އަހަރެން އެހެން ކިޔަސް އޯކޭ ހޭ ދޯ... ދެން ތިބުނީ ޝުޖާ ވާހަކަތަ؟ އޭނަ މާ ބިޒީ ކޮށްލައިގެން އުޅެނީ... " ޒާމިން ބުނެލިއެވެ. އޭނާ މާނަ ފުން ނަޒަރަކުން ސަޖަލްއަށް ބަލައިލިއެވެ.

"އެއީ އެކުވެރިން ކިޔާ ގޮތޭ ދޯ...ސަޖޫ!" ޖުމާނާ ބުނެލިއެވެ.

"ދެން އެކުގައި މަސައްކަތް ކުރަން އުޅޭއިރު އެކުވެރި ވެވޭނެތާ... އެހެންވީމަ މައްސަލައެއް ނެތްކަމަށް ނިންމާފަ އަހަރެންވެސް ދެން ސަޖޫ ކިޔާނީ... ވާހަކަ ދައްކައިލާ އެކަކު އަނެކަކު އެނގުނީމައެއްނު އެކުގައި މަސައްކަތްކުރަން ވެސް ފަސޭހަ ވާނީ... " ޒާމިން ބުނެލިއެވެ.

"ތީ ވެސް ތެދެއް..." ސަޖަލް އެހެން ބުނެލިއެވެ.

"އަމް. އަހަންނަށް ތި ކުއްޖާގެ ނަމެއް ހަނދާނެއް ނެތް..."

"އައި އެމް ޖުމާނާ... ޔޫ ކޭން ކޯލް މީ ޖުމީ..." ޖުމާނާ ބުނެލިއެވެ.

"ސޯ އަސްލު އެންޖީއޯގެ އިތުރުން ކޮންކަމެއްތަ ކުރަނީ؟ އައި މީން ޖޮބްސް، ދެން އެނގެއެއްނު އަހަރެމެން ދެމީހުން ކުރަނީ ކިއްކަން؟" ޒާމިން ބުނެލިއެވެ.

"އަހަރެންނަކީ ކައުންސިލަރ އެއް..." ޖުމާނާ ބުނެލިއެވެ.

"ސިޔާސީތަ؟ހެހެ" ޒާމިން ލާނެއްގޮތަކަށް އަހައިލިއެވެ.

"ހެހެ ނޫނޭ... ކައުންސެލިންދޭ ކައުންސިލަރ އެއް..." ޖުމާނާ ބުނެލިއެވެ.

"އަހަރެމެންވެސް ކައުންސެލިން ނަގަން ޖެހެންޏާ ދެވޭނެތާ ދޯ ޒިމް..." އެހުރިހާއިރު އެއްޗެއް ނުބުނެ އިނދެފައި ވާހަކަދެއްކި ލީނީން ބުނެލިއެވެ.

"އެންޑް ސަޖަލް އޯ؟" ޝައުގުވެރިކަމާއެކު ޒާމިން ސުވާލުކޮށްލިއެވެ.

"އަހަރެން ކިޔެވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ... މި ދޭތެރެއަކުން ޖޮބް އިން ވަކިވެފަ އެހެންތަނަކުން އަދި ވަޒީފާ އެ ހަމަޖެހުނީ" ސަޖަލް ބުނެލިއެވެ.

އެމީހުން އެކި އެކި ވާހަކަތަކުގައި ތިއްބާ ޒާމިންމެންގެ ކޮފީ ހިފައިގެން ވެއިޓަރު އައެވެ. އެ އެއްޗެހި ބަހައްޓާފައި ވެއިޓަރު ދިޔުމުން، ޒާމިންވެސް ކޮފީއިން އެތި ފޮތެއް ބޮއިލިއެވެ. އިރުއިރުކޮަޅަކާ އޭނާ ސަޖަލްއަށް ބަލައިލައެވެ. ތަނުގައިވި އޮރެންޖް އަލިކަމުގެ ތެރެއިން ސަޖަލްގެ މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. ޒާމިންއަށް ކަޅި ޖަހައިނުލާ ސަޖަލްއަށް ބަލަން އިނދެވުނެވެ.

އޭނާއަށް ސިހުން ގެނުވީ ޖުމާނާ ވާހަކަ ދެއްކުމާއެކުގައެވެ. ނުވާ ކަމަކަށް ހަދާފައި އޭނާ ވެސް ވާހަކައިގައި ބައިވެރިވެލިއެވެ. އެފަދަ ވާހަަކަތަކެއްގައި ތިއްބާ ކުއްލިއަކަށް ސަޖަލްގެ ކަޅި ގޮސް ހުއްޓުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ޒުވާނާއަށެވެ.

(ނުނިމޭ)

ކޮމެންޓް 0