__________________

"ތީ ހަމަ އެކަނި މަގޭ ޙައްޤެއް..."

ސަޖަލް އޭނާއާއި ދޮރާ ދެމެދު ފިއްތާލައިގެން ހުރެ ރިއުމާން ބުނެލިއެވެ.

"ރިއުމާން!... ކިހިނެއްތަ ތިއުޅެނީ؟ ހަމަމިހާރު އަހަރެން ދޫކޮށްލާ!... ބުނެފީމެއްނު އަހަރެމެން ދެމީހުން ދެމެދު މިހާރު އެއްވެސް ގުޅުމެއް ނެތޭ...އަހަންނަށް އެބަ ލަސްވޭ..." އަތުގައި އޮތް ގަޑިއަށް ނަޒަރު ހުއްޓައިލަމުން ނުރުހިފައި ސަޖަލް ވާހަކަ ދެއްކިއެވެ. އެމޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތަކުން އޭނާ އެހުރީ ހިންހަމަނުޖެހިފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ. ދެބުމަ ކުޑަކޮށް ގޮށްޖަހާލައިގެން ހުރިއިރު ސަޖަލްގެ ނަފުސުގައިވެސް ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުއްޓެވެ.

"ނޫން... ތީ އަހަރެންގެ މީހެއް... ހަމައެކަނި އަހަރެންގެ މީހެއް... ޔޫ އާރ މައިން... އޮންލީ މައިން..." ރިއުމާން، ސަޖަލްގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތަށް ދަމައިލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ. ރިއުމާން މޫނުމަތީގައި ނުރުހުމުގެ ކުލަވަރުވީ ނަމަވެސް އޭނާގެ މޫނުމަތިން ހިސާބަކަށް ހިތާމައިގެ އަސަރު ފެންނަހެން ހީވެއެވެ. ލޮލުގައި ބުނެދޭން ނޭނގޭ ރިހުމެއް ހުރިހެން ހީވިއެވެ. ރިއުމާންގެ އެ ނަޒަރަކީ ތޫނު ނަޒަރެެކެވެ. އެ ފުންކަނޑެއްފަދަ ދެލޮލުގައި ވަނީ ބުނެދޭން ނޭނގޭ އަސަރަކާއި ޖަޒުބާތެކެވެ.

"އަހަރެންމީ ރިއުމާންގެ ޙައްޤެއް ނޫން... ކޮން ހައިސިއްޔަތަކުން ރިއުމާން ތިހެން ތިބުނަނީ؟" ސަޖަލް ނުރުހިފައި ބުނެލިއެވެ. އޭނާ ބެލީ ހިތުގެ އިޙްސާސްތައް ފޮރުވައިލުމަށްފަހު، ރިއުމާންއާ ކުރިމަތިލެވޭތޯއެވެ.

"އަަހަރެން ސަޖޫދެކެ ވަރަށް ވަރަށް ލޯބިވޭ... ވަރަށް ބޮޑަށް ލޯބިވޭ!" ރިއުމާން ވާހަކަ ދެއްކިއެވެ.

ސަޖަލް އިތުރު އެއްޗެއް ނުބުނުމުން އެދެމެދަށް ހިނދުކޮޅަކަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ކުއްލިއަކަށް ރިއުމާން އޭނާގެ މޫނު ސަޖަލްގެ މޫނާ ކައިރިކޮށްލިއެވެ. އެއަށްފަހު, އޭނާގެ ނިތްކުރި ސަޖަލްގެ ނިތްކުރީގައި ޖައްސައިލިއެވެ. އެއާއެކު ރިއުމާންގެ ހޫނު ނޭވާ ސަޖަލްގެ މޫނަށް އެޅެންފެށިއެވެ.

"ރިއުމާން... ޕްލީޒް... ޖަސްޓް ސްޓޮޕް ދިސް..." މޫނު އަނބުރައިލަމުން ސަޖަލް ބުނެލިއެވެ. އޭނާއަށް ރިއުމާންގެ އެ ޢަމަލުން އުނދަގޫވިއެވެ. ސަޖަލް މޫނު އަނބުރައިލުމުން ރިއުމާންއަށް ތަފާތު އަސަރުތަކެއް ކުރިއެވެ. ސަޖަލް އޭނާގެ މޫނު ބަލައިލަންވެސް ނުރުހެނީ ހެއްޔެވެ؟ އެހާވެސް ސަޖަލް އޭނާ ދުރުކޮށްލީހެއްޔެވެ؟ އެހެން ހިތަށް އެރުމުން ރިއުމާންގެ މޭގައި ތޫނު ތަދެއް އުފެދުނެވެ.

"އަހަރެން ދޫކޮށްލާ ރިއުމާން..." ސަޖަލް އަނެއްކާވެސް ބުނެލިއެވެ. އޭނާގެ އަޑުގައި ހަރުކަށިކަން ވިނަމަވެސް ރިއުމާން ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.

"ސަޖޫއަށް ހީވަނީތަ މި ސިޓީ އަހަރެންގެ މޫނުމައްޗަށް އެއްލާލާފަ އައިމަ އަހަރެން ސަޖޫ ދޫކޮށްލާނެޔޭ..." ރިއުމާން އޭނާގެ އެއް އަތުގައި އޮތް ސިޓީ އުރަ ސަޖަލްއަށް ދައްކައިލިއެވެ. ސަޖަލް މިފަހަރުވެސް ޚިޔާރުކުރީ ހިމޭންކަމެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ބުނެބަލަ!" އަތުގައި އޮތް ސިޓީ ދައްކައިލަމުން ރިއުމާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ސަޖަލް ދުރުބަލަހައްޓައިގެން ހުރުމުން ރިއުމާންއަށް އުނދަގޫވިއެވެ.

"ސަޖޫ ލުކް އެޓް މީ..." ރިއުމާން ބުނެލިއެވެ. އެ އަޑުގައި ހިސާބަކަށް އަމުރުވެރިކަން ހުއްޓެވެ. އެވަރުންވެސް ސަޖަލް ރިއުމާންއާ ދިމާލަށް ބަލައެއް ނުލިއެވެ. އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

"ސަޖަލް! ލުކް... އެޓް... މީ..." ފަހަރަކު އަކުރަކަށް ބާރުލާފައި އަނެއްކާވެސް ރިއުމާން ބުނެލިއެވެ. އޭނާ އަތުގައި އޮތް ސިޓީ އުރަ ވީދާ ކުދި ކުދި ކޮށްލަމުން އުކާލިއެވެ.

"ތި ސިޓީ އުރަ ވީދައިލައިގެން އެއްވެސްކަމެއް ބަދަލުވާނެތަ ރިއުމާން؟... ނުވާނެ... އަހަރެންގެ ނިންމުން މިހާރު އަހަރެން ނިންމައިފިން..." ސަޖަލް ނުރުހުމާއެކު ވާހަކަ ދެއްކިއެެވެ.

"އަހަރެމެން ދެމީހުން ދެމެދު އޮތް ގުޅުމަކީ އެހާ ފަސޭހައިން ނައްތައިލެވޭނެ ގުޅުމެއް ނޫން... ވައި ޑޯންޓް ޔޫ އަންޑަސްޓޭންޑް... އައި ރިއަލީ ލަވް ޔޫ..."

"ރިއުމާންއަށް ކީއްވެގެންތަ އަންޑަސްޓޭންޑް ނުވަނީ؟ އަހަރެން ދާށޭ ބުނީމަ އަދިވެސް ކީއްވެތަ ތި ހުންނަނީ؟"

ސަޖަލް އެހެން ބުނުމުން ރިއުމާން ސަޖަލްގެ އަތުގައި ހިފައިލިއެވެ.

"އަހަންނަށް އަންޑަސްޓޭންޑް ނުވަނީއެއް ނޫނޭ ސަޖޫ... ކީއްވެތަ ޤަބޫލުނުކުރަނީ؟ އަހަރެން ހަމަ ހަޤީގަތުގައިވެސް ސަޖޫ ދެކެ ލޯބިވެޔޭ... އަހަރެން ކިހިނެއް ސަޖޫއާ ނުލާ އުޅޭނީ؟" ރިއުމާންގެ އަޑަށް މަޑުމޮޅިކަން ވެރިވުމާއެކު، އޭނާއަށް ބުނެވުނެވެ.

ސަޖަލް ރިއުމާންގެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު، އަނެއްކާވެސް އެގެއިން ނުކުމެގެން ދިޔުމަށް ބުނެލިއެވެ.

"ރިއުމާން އަހަރެން ދެކެ ލޯބިވަންޏާ ކީއްވެގެންތަ އެންމެ ފަހަރަކު ވެސް އަހަރެން ބުނާގޮތަށް ކަންތައް ނުކުރެވިގެން ތިއުޅެނީ؟"

"ސަޖޫ... އައި ޖަސްޓް ކާންޓް ލެޓް ޔޫ ގޯ... ކަމް ބެކް ބޭބީ..."

"އެހަށް މިވަގުތު މިތަނުން ގޮސްދީފާނަންތަ ރިއުމާން... ޕްލީޒް... އަހަންނަށް އެބަ ލަސްވެޔޭ..." ސަޖަލް ބުނެލިއެވެ.

"ސަޖޫ އަހަރެން ތިހާ ދުރުނުކޮށްބަލަ!"

"އެހެރީ ވަތް ދޮރު... ހަމަ މިހާރު ނުކުމޭ ރިއުމާން... އަހަރެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ރިއުމާންއާއެކު އުޅޭކަށް..." ސަޖަލް ބުނެލީ އަޑަށް ބާރުލަމުންނެވެ.

"ނުދާނަން... ތީ އަހަރެންގެ މީހެކޭ ބުނެފީމެއްނު..." ރިއުމާން ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. ރިއުމާން އުޅެންފެށި ގޮތަކުން ސަޖަލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަން ވަތް ނަމަވެސް އޭނާ މަސައްކަތް ކުރީ އެ އަސަރުތައް މޫނުމަތިން ނުދައްތާވޭތޯއެވެ.

"ނޫން... ތީ ކުށްހީއެއް.... އަހަންނަށް އެބަ ލަސްވެޔޭ ބުނެފީމެއްނު ރިއުމާން... ޖަސްޓް ގޯ...." ރިއުމާންގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕައިލަން މަސައްކަތް ކުރަމުން ސަޖަލް ވާހަކަ ދެއްކިއެވެ. ރިއުމާންގެ މޫނުމައްޗަށް މޮޅިވެރިކަން ވެރިވިއެވެ.

"އަަހަރެން ދެކެ ލޯބިވަންޏާ ޖަސްޓް ގޯ ރިއުމާން... ޖަސްޓް ގޯ... ގޯ އަވޭ ފްރޮމް ހިޔަ ރައިޓް ނައު. އޯ އެލްސް... އައި އެމް ކޯލިންގް ދަ ޕޮލިސް..." ސަޖަލް އެހެން ބުނެލިއިރު އެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ. އޭނާ ފޯނު ނަގާ ގުޅަންވެގެން އުޅުނު ވަގުތު ރިއުމާން އޭނާގެ އަތުގައި ހިފެއްޓިއެވެ.

"ހަނދާންކުރާތި އަހަރެން އަދިވެސް އަންނާނަން..." ރިއުމާން ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ. ރިއުމާން އެވަގުތަށް ގޮތް ދޫކުރުމަށްފަހު، ދޮރާ ދިމާލަށް ހިނގައިގަތެވެ. ސަޖަލްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާއަށް ބަލައިލެވުނީ ، މޭޒުމަތީގައި ހުރި ތަށި ބަރިއަށެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ސަޖަލް ތަށިބަރިތައް ހިފައިގެން ގެއިންނުކުންނަން މިސްރާބުޖެހިއެވެ. ރިއުމާން އާހެދި އޭނާއަށް ވެފައިހުރި އުނދަގޫ އޭރުވެސް މޫނުމަތިން ފެންނަމުން ދިޔައެވެ. ހިސާބަކަށް ނުތަނަވަސްކަން އެމޫނުމަތީގައި ވިއެވެ.

ރިއުމާން ދިޔަކަން ޔަޤީންކުރުމަށްފަހު، އެޕާރޓްމެންޓުން ނުކުމެ ދޮރު ލައްޕައިލުމަށްފަހު ސަޖަލްގެ ތަޅުލިއެވެ. އެއަށްފަހު އޭނާ ލިފްޓް އަންނަންދެން އިރުކޮޅަކު މަޑުކޮށްލިއެވެ. ސަޖަލް ސިހުނީ ފޯނު ރިންގުގެ އަޑާއެކުގައެވެ.

"އަޅުގަނޑު މިހާރު މިދަނީ... ކުޑަކޮށް ބިޒީކޮށް އުޅުނީމަ ލަސްވީ..." ސަޖަލް ބުނެލިއެވެ. އޭނާ އަނެއްކާވެސް ލިފްޓްގެ ފިތަށް އޮބައިލިއެވެ.

އަވަސް ކުރަންވެގެން ސަޖަލް މަގުމަތިން ދިޔަ ޓެކްސީއަކަށް އަރައިގެން މިސްރާބުޖެހީ ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަކަށް ދިޔުމަށެވެ. ޓްރެފިކް ބޮޑުކަމުން އޭނާއަށް ހޮސްޕިޓަލާ ހިސާބަށް ދެވުނީ ފަނަރަ ވަރަކަށް މިނިޓްފަހުންނެވެ. ޓެކްސީ ޑްރައިވަރަށް ލާރި ދިނުމަށްފަހު، ފައިބާ ސަޖަލް ކުޑަކޮށް ދުވެލާފައި ގޮސް ހޮސްޕިޓަލް އެތެރެއަށް ވަނެވެ. ހޮސްޕިޓަލްތެރޭގައި އާދައިގެ މަތިން މީހުން ގިނައެވެ. ސަޖަލްގެ މިސްރާބުހުރީ މެޑިކަލް ވޯޑާ ދިމާލަށެވެ. އޭރުވެސް އޭނާގެ އަތުގައި ކާއެއްޗެހި އަޅާފައި ހުރި ކޮތަޅު އޮތެވެ.

ވޯޑަށް ވަންނަ ދޮރުގައި ކާޑު ޖައްސައިލާފައި އޭނާ ދޮރު ހުޅުވައިލިއެވެ. އެއަށްފަހު އެތެރެއަށް ވަދެލިއެވެ. އޭނާގެ ފިޔަވަޅުތައް މަޑުވީ ސަތޭކަ ފަސްވަނަ ކޮޓަރިއާ ހިސާބަށް އާދެވުނު ފަހުންނެވެ. މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ސަޖަލް އެތެރެއަށް ވަދެލިއެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. އެހެންވާހަކަަކެކޭ އެއްގޮތަށް މި ވާހަކަވެސް ތިޔަ އެންމެހާ ކިޔުންތެރިންނަށް ކަމުދާނޭ ތަފާތު ރީތި ވާހަކައަކަށް ވާނޭކަމަށް އުންމީދު ކުރަމެވެ.

ކޮމެންޓް 0