"އިމާމް އިބުނު އަލް ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ." އަޅާގެ ކަށްވަޅުގެ ހާލަތަކީ މޭގައިވާ ހިތުގެ ހާލަތެވެ. ކަށްވަޅުގެ ހާލަތު ދެނެގަންނަން ބޭނުންވާ ނަމަ ތިމާގެ ހިތުގެ ހާލަތު ދެނެގަންނާށެވެ."

***

"އަހަންނަށް ފައިސާއަށް ދަރާފައިއެއްނު ހުރީ...." އެ އަންހެންކުއްޖާ ފަހަތުން ހަޅޭއްލަވައިގަތެވެ. ކައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ އެނބުރި ބަލާލައިފިއެވެ. އެއީ ކާކުކަން ދެނެގަންނަން ހިނދުކޮޅެއް ނެގިއެވެ. ހަމަ އެތޮތްޕެވެ. ވަރުގަދަ މޭކަޕްއާއިއެކުވެސް އެލޯ ފާހަގަވިއެވެ. އޭނަގެ ލޮލާއި ދާދި ވައްތަރު ރަން މުށިކުލައިގެ ލޮލެވެ. ބަސް ޓިކެޓްގަންނަން އެހީތެރިވި އަންހެންކުއްޖާއެވެ. އެއީ ނޯރާހެއްޔެވެ؟ އާއެކެވެ. ހަމަ އެ ނަމުގެ ވެރިޔާއެވެ. އެކަމަކު ޔަގީންވަނީ އެކުއްޖާގެ އިސްތަށިގަނޑު ރަތްކުލައިގާ އޮތްކަން ހަނދާނަށް ނައުމެވެ. އަދި މޫނުގައި ކޮށްފައި މިވަނީ ކޮންފަދަ ހުތުރު މޭކަޕެއް ހެއްޔެވެ؟ މީހުން ރީތިވާން ކުރާ މަސައްކަތް އޭނަގެ ވިސްނުމަކަށް ނައެވެ.

"ތިއީ އޭނަ. ނޫންތަ؟ އަހަރެންގެ އަތުން ފައިސާއަށް އެދުނީމެއްނު. އޭރު ކޮން ގްރޭޑެއްގައިތަ؟" ނޯރާ ވިސްނަމުން ދަނިކޮށް ކައިލް ޖަވާބުދިނެވެ.

"ގްރޭޑް ހަތެއް....."

"ޔެސް.. އޭގެ މާނައަކީ އަހަރެން މަތިން ހަނދާން އެބަހުރިއޭތަ؟" ނޯރާ ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"އާނ އަހަރެންގެ މަތިން ހަނދާން ހުރިފަދައިން.." ކައިލް ގެ ޖަވާބު ކުރެވެ."އަހަރެންގެ ފަހަތުން އާދޭ...."

ކައިލް ހަނދާންވީ އޭނަގެ ވޮލެޓް ބޭކަރީގައި އޮތްކަމެވެ.

"އަހަރެން ބީރައްޓެއްސެއްގެ ފަހަތުން ދާންވީ ކީއްވެތަ؟ އަދި އެވެސް ފިރިހެނެއް. އަހަންނަކީ ތި ހީކުރާކަހަލަ އަންހެންކުއްޖެއްނޫން.." ނޯރާ ވަގުތުން ދެކޮޅުހެދިއެވެ.

"މިހުރިހާ އިރުވަންދެން ކުރިކަމަކީ އެއެއް ނޫންތަ؟ އަހަރެން ފޮލޯ ކުރީއެއް ނޫންތަ؟" ކައިލް ރުޅިނާންނަން ގަދައަޅާ މަސައްކަތްކުރިއެެވެ." ފައިސާ ބޭނުމިއްޔާ އާދޭ....."

އެ ލޮލުގައި އުޅެނީ ކޮން މައްސަލައެއްހެއްޔެވެ؟ އެއްވެސް ކަހަލަ ޖަޒުބާތެއް ނެތެވެ. ޖެހިލުމެއްނެތި މީހަކު މަރައިލަން ފަސްނުޖެހޭނެ ގާތިލެއްގެ ލޮލެވެ. ނޯރާގެ ހިތް ތުރުތުރުލާގޮތްވިއެވެ.

"ހޭއި ތަންކޮޅެއް ލަހުން ހިނގާފާނަންތަ؟ އަހަރެން މިހިރީ ހާދަ ބޮޑަށް ވަރުބަލިވެފައޭ. ތިހާ ބާރަށް ހިނގަން ވެއްޖެއްޔާ ބައިގަޑިއެއްހާއިރުން ނޯތްޕޯލާއި ހަމަޔަށް ދާނެ........." ނޯރާ ޝަކުވާކުރިއެވެ. އޭނަގެ ބަނޑަށްވެސް އުދަގޫވިއެވެ. ހާންތިވެފައިވާވަރުން ގައިގާ އެއްވެސް ކަހަލަ ހަކަތަވެރިކަމެއް ނެތި ފިޔަވަޅުތައް ނަގަން ޖެހުނީ ގަދަކަމުންނެވެ. ނޯރާ އޭނަގެ ރަތްވެފައިވާ ކަނދުރާގައި އަތުން ފިރުމައިލިއެވެ.

***

ކައިލް ދިން ސަތޭކައިގެ ނޫޓަށް ފަރުވާތެރިކަމާއެކު ބަލަން ހުރެވުނެވެ. އަދި ލޯ ފުޅާކޮށްލައިފިއެވެ. ހަގީގަތުގައި އޭނައަށް ދިން ފައިސާގެ އަދަދު ހަނދާން ނައްތައިލީހެއްޔެވެ؟ ކައިލް ހަދާންވެ ސަތޭކަ ދިހައަކަށް ހަދާނުލަނީސް އޭނަ އަވަހަށް އެ ފައިސާގެ ނޫޓު ޖަހައިގަތެވެ.

"ޝުކުރިއްޔާ.." ނޯރާ ހިނިތުންވެލިއެވެ." އަހަރެންނަށް އޯޑަރު ކުރެވިދާނެތަ؟" އައިސް ކެރެމެލް ކޮފީއަކާއި އެއްކޮށް ރެޑް ވެލްވެޓް ކޭކެއް ޕްލީޒް.." ޝެލްފް މަތީގައި އަތުރާލާފައި ހުރި ޒާތްޒާތުގެ ލުއި ކާނާ ފެނި އޭނަ ކުޅުދިޔާވާވަރުވިއެވެ.

"ހޭއި ކޮން ނަމެއްތަ ކިޔަނީ؟" ނޯރާ ދާންވެގެން އެނބުރުލުމަށްފަހު ސުވާލުކުރިއެވެ.

"އެއީ އެހާ މުހިއްމުކަމަކަށްވަނީތަ؟"

ނޯރާ އެސްފިޔަ ތަޅުވައިލިއެވެ. އިންސާނަކަށް "ރޫޑް" ވެވޭނީ މިހާވަރަކަށް ނޫންހެއްޔެވެ؟

"ވެލް..އަހަންނަށް ކިޔަނީ ނޯރާ.." ނޯރާ ބާރުބާރަށް އޭނަ އަމިއްލައަށް ތައާރަފުވެލިއެވެ. އެކަމަކު އޭގެ ޖަވާބަކަށް ހިމޭންކަމުގެ ސުކޫތެއް ދިގުދެމިގެން ދިޔުމަށްފަހު ކައިލް ޖަގަކަށް ކޮފީ އަޅާ އަޑުއިވުމުން ނޯރާގެ މޫނަށް ފުން ރަތްކުލައެއް ފާއްދާލައިފިއެވެ.

"އެކުއްޖާ އެނގޭތަ؟" އިސްހާގު ފަހަތުގައި ހުރެފައި ހިތުން އަހައިލީ ވައި އަޑަކުންނެވެ. އެކަމަކު އޭނަ އުއްމީދުކުރިވަރަށްވުރެ އެ އަޑު ތަނުގައި ގުގުމައިލިއެވެ. އިސްހާގު ކޮފީ ބީންސްއަޅާފައި ހުރި ފޮށިގަނޑެއް ހިފައިގެން ނުކުތެވެ.

"އިސްހާގު. އަހަރެން ފަހަރެއްގައި މިރޭ އިރުގަނޑަކަށް ގެއަކު ނުހުންނާނަން. މާމަ ބަލައިދެވިދާނެތަ؟ ހަމައެކަނި މާމައަށް ކެއުން ދިނީމަ..." ކައިލް އިސްހާގުގެ ސުވާލު އެއްފަރާތްކޮށްލަން ފެށީ އެހެން ވާހަކައެކެވެ.

"އޯކޭ...އެނގިއްޖެ.މާމައާއިމެދު ނުވިސްނާ. ރިހާނާވެސް ހުންނާނެ. ރިހާނާ މާމައާއެކު ވަގުތު ހޭދަކުރަން ލޯބިކުރާނެ. ކައިލްއަށްވެސް ތައާރަފުކޮށްދޭން މިހުންނަނީ......" އިސްހާގުގެ ވާހަކައިން ކައިލް ކުޑަކޮށް ނިތް އަރުވައިލިއެވެ.

"ޝުކުރިއްޔާއޭ ބުނެލިނަމަވެސް އެންމެ ރަގަޅުވީސް އެނގޭތަ؟"އިސްހާގު ހިނިގަނޑެއް ޖަހައިލިއެވެ."ކައިލް؟"

"ހްމްމް....؟"

"ބަލައިގެން އުޅެއްޗޭ...." އިސްހާގުގެ އަޑަށް ސީރިޔަސްކަމެއް ވެރިކޮށްލަމުން ބުނެލިއެވެ. އިސްހާގު ހައިރާންކޮށްކަމުން ކައިލް ހިނިތުންވެލިއެވެ. އެއީ އެންމެ ތަދު އެކައްޗެވެ. އެކަމަކު ކައިލް ހީލައިފިއްޔާ މުޅި މޫނު އުޖާލާވެގެން ދެއެވެ. މި ޔަތީމުކުއްޖާއަށްޓަކާ އޭނަގެ ހިތް ލޯބިން އުތުރިއަރައެވެ. އެހެން ކުދިންނަށްވުރެ އަވަހަށް ހަރުވާން މަޖުބޫރުވި ޒުވާނެކެވެ. އޭނަގެ ޅަދުވަސްތައްވަނީ ފޭރިގަނެވިފައެވެ. ޖަޒުބާތުތައް ފޮރުވައިގެން ހިމޭންކަމާއެކު އަމިއްލައަށް އަނިޔާ ލިބިގަންނަމުން ދިޔައެވެ. ކައިލް އަންގަން ބޭނުންނުވާވަރަށް އެކުއްޖާގެ ހުރިހާކަމެއް އިސްހާގު ދަނެއެވެ.

***

ރޭލުގައި ޒިއުރިކަށް ފޯރީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ. އެއީ ސްވިޒަލޭންޑްގެ އެންމެ މުއްސަދި އެއް ޝަހަރެވެ. ޒަމާނީގޮތަށް ފަރުމާކުރެވިފައިވާ ރީތި އިމާރަތްތަކުގެ ސަބަބުން މުއްސަދިކަމާއި ހައިބަތުކަން ދައްކުވާދެއެވެ. ހުރިހާ ދިމާލެއްގައި ޗެރީ ބްލޮސޮމްސްތައް ފަރިވެ ފޮޅިފައިވާއިރު މަލުގެ ފިޔަތައް ވައިގެ ތެރޭ ނަށަމުން ދިޔައެވެ. ސްނޯވެހެމުން ދާ ފަދައިންނެވެ. އެކަމަކު ހުދުގެ ބަދަލުގައި މަޑު ފިޔާތޮށިކުލައަކުންނެވެ. ކުޅަދުންވަންތަކަމުގެ ފުރިހަމަކަމާއެވެ. އެކަމަކު ހެއްދެވި ފަރާތް ގަބޫލުނުކުރާ ކިތައް އިންސާނުން މި ދުނިޔޭގައި އެބައުޅޭހެއްޔެެވެ؟

ކައިލް އަތުގައި އޮތް ޗާޓެއްގައި އިނގިލިތައް ހިންގައިލިއެވެ. އޭނަ ދާންވީ މިސްރާބު އެނގެއެވެ. ބާރ އަކަށެވެ. އެއީ އެންމެ އަގު ބޮޑު އެއް ސަރަހައްދުގައި ހުރި ތަނެކެވެ. އެތަނަށް ވަންނަން ވީއައިޕީ ކާޑެއްވެސް ބޭނުންވާނެއެވެ. އަލްޔަސް ދިރިއުޅެނީ ބާރގެ މަތީގައި ފަންގިފިލާއެއްގައެވެ. އޭނަ މިތަން ގަނެ ހުޅުވިތާ ދުވަސްގަނޑެއް ވެއްޖެއެވެ. އޭނަ ފުން ނޭވާއެއްދޫކޮށްލާފައި ބާރގެ ތެރެއަށް ވަންނަން ހުރި ދޮރާއި ދިމާލަށް ހިނގައިގަތެވެ. މީހުންގެ ތެރެއަށް ވަންނަން ހިތަށް އެރުމުންވެސް ހަންގަނޑުގައި ސޫފިތައް ދުވަންފެށިހެން ހީވިއެވެ.

"ޔޯ އައިޑީ ސަރ؟" ދޮރުފާރަވެރިޔާ ސުވާލުކުރިއެވެ.

"އައިޑީ؟" ކައިލް ހައިރާންވިކަމަށް ހެދުނެވެ."އައި ސީ.....އަލްޔަސްގެ އާއިލީ މެމްބަރުންގެ އައިޑީ ބަލަންވެސް ސިކިއުރިޓީއިންނަށް އަންގާފައިތާ އޮންނަނީ. އަހަރެން އޭނައަށް އެބަ ގުޅަން އިނގޭ މަޑުކޮށްލާ. މި ސްޓޯރީ އިވުނީމަ އޭނަގެ އެކުވެރިން ގާތުވެސް ލަދުން ހަލާކުވާނެ. އޭނަގެ އަމިއްލަ އާއިލާވެސް ނޭގޭ ފާރަވެރިން ތިބީމަ....." އޭނަ އަމިއްލަ ފޯނުހޯދާކަމަށް ހެދެމުން ޖީބަށް އަތްކޮށްޕައިލިއެވެ.

"އަހް....ސަރ އަޅުގަނޑު މާފަށް އެދެން..." ޒުވާން ދޮރުފާރަވެރިޔާ އަވަހަށް ދޮރު ހުޅުވައިލަދިނެވެ. ކޮންފަދަ ބޮޑު މޮޔައެއް ހެއްޔެވެ؟ އޭނައަކީ އަލްޔަސްގެ އާއިލާ މީހެއްކަމަށް ހަމައެކަނި ގަބޫލުކުރީއެއް ނޫނެވެ. އެންމެ އަށާރަ އަހަރުކަންވެސް ދެނެގަންނަން ނޭގުނެވެ. އެތަނަށްވަދެވޭ ގާނޫނީ އުމުރަކީ އެކާވީސް އަހަރެވެ. އެކަމަކުވެސް ދޮރުފާރަވެރިޔާއަށް އޮތް ގެއްލުމެއް ނެތެވެ. އެތެރެއަށް އުމުރު ހަމަނުވާ ބީރައްޓެއްސެއް ވައްދައިގެން އަދި އަދަބު ލިބިގަންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ އޭނަގެ ބޮސް ދުނިޔޭގައި ހުރުމުގެ އެންމެ ފަހު ދުވަސްކަމުގައި މިއަދު ވެގެން ދާނެއެވެ.

***

އިސްހާގު ބިލްތައް ނިންމުމުގެ މަސައްކަތުގައި އިންދާ ބެލްޖެހި އަޑު އިވުނެވެ. ޚިދުމަތް ލިބިގަންނަން މީހަކު އައިކަން އަންގައިދިނީއެވެ. އޭނަ އިސްއުފުލައިލިއިރު އެތަނަށްވަނީ ކުރިން ކައިލްއާއެކު ހުރި އަންހެންކުއްޖާއެވެ.

"ތިހޯދަން އައި ކުއްޖާ މިހާރު.......ޕާސަނަލް ލީވްއެއްގައި ހުރީ..."އިސްހާގު ބުނަން ފެށިއެވެ.

"އޯ ނޫން...އަޅުގަނޑު މި ފެނިފައި.." ނޯރާ ކަރުތެރެ ސާފުކޮށްލަމުން އޭނަގެ އަތުގައި އޮތް އިޝްތިހާރުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ."އަދިވެސް މީހުން އެބަ ހަޔާކުރަންތޯ؟"

"މަސައްކަތެއް ހޯދަން ތިއުޅެނީ؟" އިސްހާގު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އޭނަ އަސްލު ބައެއް ތަންތާ އިޝްތިހާރު ގަނޑުތައް ތަތްކުރީއެވެ. މިކާލްވެސް ޑެލިވަރީކޮށްދިނުމުގައި އުޅޭތީއާއެކު އެހެން އަތެއް ބޭނުންވާތީއެވެ. އަނެއްކާ ބޭކަރީވެސް ރަގަޅަށް ހިނގާތީ އިތުރު މީހުންގެ ޚިދުމަތް ބޭނުމެވެ." ދުވަހަކު މަސައްކަތް ކުރިންތަ؟"

"އެތަންމިތާ ވެއިޓްރެސްއަކަށް އުޅުނިން." ނޯރާ އަވަހަށް ބޯ ޖަހައިލިއެވެ.

"އުމުރުން ކިހާ ވަރެއްކަން އަހައިލެވިދާނެތަ؟"

"އަށާރަ.." ނޯރާ ބުރަކަށި ސީދާކޮށްލަމުން ސާބިތުކަމާއެކު ބުނެލިއެވެ. ބައެއްފަހަރު އޭނަ ހުންނަލެއް ހިމަތޮޅިކަމާއި ނާޒުކްކަމުން އުމުރުން މާ ޅަކަމުގައި މީހުން ދެކެ އުޅެއެވެ.

"އަށާރަ؟" އިސްހާގުވެސް ގަބޫލުކުރިހެނެއް ހިޔެއްނުވެއެވެ. އަދި ނޯރާ ބޮލުގައި އަޅައިގެން އުޅޭ ވިގްވެސް އެހާ ތަފާތެވެ. އޭނަ ހުރިގޮތުން އެހެން ކަހަލަ ގޮތެއް ހީވާން އުޅުނަސް ވާހަކަދެއްކުން ހުރިގޮތުން އަޚުލާގު ރަގަޅު ކުއްޖެއްކަން ދެނެގަނެވުނެވެ.

"ސަރގެ ދަރިފުޅަށް އެކަން ޔަގީންކޮށްދެވޭނެ. އަޅުގަނޑު ތަންކޮޅެއް ކުޑައިރު އެކީގައި ކިޔެވިން.."ނޯރާ އާދޭހުގެ ގޮތަކަށް ބަލައިލިއެވެ. އެ ލިބުނު މައުލޫމާތުކޮޅު އިސްހާގުގެ ޝައުގުވެރިކަން ދަމައިގަތެވެ.

"މަގޭ ދަރިފުޅު..." އިސްހާގު އަމިއްލަ ނަފުސަށް ކިޔައިލިއެވެ.

"އޯކޭ މަސައްކަތް ދީފިން. މާދަމާ ނުކުންނަންވީ.."

***

ބާރގެ ތެރެއިން އެތަނުގެ ވެރިޔާގެ މުއްސަދިކަން ހާމަކޮށްދިނެވެ. އެންމެ ޒަމާނީ ފަރުނީޗަރުތަކާ ކުރެހުންތެރިންގެ ހުނަރުވެރި މަސައްކަތާއެކު އެތެރެ އަތުރާފައިވާގޮތް ނިކަން ހިތްގައިމެވެ. ދެ ޖިންސްގެ މީހުން އަބުއި ހެދުންތަކުގައި ޑެސްކްތައް ކައިރީ ރަލުގެ ބުއިންތަކަށް ޣަރަގުވެފައި ތިބިއިރު އެއްބަޔަކު ކާޑު ކުޅެނީއެވެ. އަނެއް ބަޔަކު ޖުވާކުޅުމުގައެވެ. ބޭކާރުގޮތުގައި ވަގުތު ދުއްވާލަނީ އެހެން ޚިޔާލެއް ނެތް ފަދައަކުންނެވެ. އެ މަންޒަރުންވެސް ކައިލް ހޮޑުލަވާގޮތްވިއެވެ. އޭނައަށްވުރެ އެތައް ތަނެއް ދޮށީ އަންހެނަކު ނުބައި ހިންޏެއް އައިސްފައި ހުރެ ކައިރިވެލިއެވެ.

"އަހަންނާއިއެކު ކާޑު ކުޅޭނަންތަ؟" އޭނަގެ ދިގު އިސްތަށިގަނޑު ކޮނޑުމަތިން ވައްޓައިލަމުން ބުނެލިއެވެ. ކައިލް ސަމާލުކަމެއް ނުދީ ކުރިއަށް ހިނގައިގަތެވެ.

"ހޭއި މިސްޓަރ." އެ އަންހެނާ އޭނަގެ ކޮނޑުގައި އިނގިލި ޖައްސައިލުމުގައި ކާމިޔާބުކުރިއެވެ. އޭނައަށް ދިން ނަޒަރަކީ އުމުރު ދުވަހުވެސް މީހަކު ދިންފަދަ ނަޒަރެއް ނޫނެވެ. އިންތިހާ ދަރަޖައިގެ ފޫހިކަމެއް އެ ބެލުމުގައި ވިއެވެ. އެކަމަކު އޭނަ ބިރުން އަވަސްއަވަހަށް އަތް ދަމައިގަނެގެން ކުރިއަށް ދެމިގަތީ އަދި ހަމަ އެކަނި އެހެން ވެގެނެއްވެސް ނޫނެވެ. އެ ބެލުމުގައި ހުރި ނުރައްކާތެރި ކަތިލައިލާ ފަދަ ވިދުމުންނެވެ. އެއީ އަލްޔަސްގެ ހިޓްމޭނެއް ބާވައެވެ. އެ އަންހެނާ ބިރުން ރޫރޫ އަޅައިގަތެވެ.

ކައިލް މިތަނަށް އައީ މަޖާކުރުމުގެ ނިޔަތުގައެއް ނޫނެވެ. އެ އަންހެނާ އޭނައާއި ސަކަރާތްޖަހަން އުޅުމުން މުޅިން ނާކާމިޔާބުކޮށްލައިފިއެވެ.

***

އަލްޔަސް ސިގްރެޓެއް ރޯކޮށްލުމަށްފހު ކައުޗްގައި އިށީނެވެ. އޭނަ ލޯ މަރައިލުމަށްފަހު ޖެޒް މިއުޒިކަށް ހިތް ދޫކޮށްލައިގެން އިރުގަނޑެއްވާންދެން އިނެވެ. ދޮރު ހުޅުވައިލެވުނު އަޑަށް އޭނަ ލޯ ހުޅުވާލިއިރު ކުރިމަތީގައި ހުރީ ކަޅުން ނިވާވެގެން ހުރި ޒުވާނެކެވެ. ކަޅުކުލައިގެ ކޯޓެއްގައި ފޮރުވިގެން ހުރިއިރު އަތަށްވެސް ކަޅު އަންގިއެއް ލައްވާފައެވެ. އަލްޔަސް ބުމަ އަރުވައިލިއެވެ. މިއީ ކާކުހެއްޔެވެ؟ އާ ކަސްޓަމަރެއްހެއްޔެވެ؟އެ ޒުވާނާ ކޮޓަރީގެ ދޮރު ތަޅުލިތަން ފެނި އޭނަ ކޮޅަށް ތެދުވުނެވެ.

"ތިއީ ކާކު؟ މިތާ ކީއްކުރަނީ؟" އަލްޔަސް ބުމަކައިރިކޮށްލަމުން އަހާލައިފިއެވެ.

"އިށީދޭ....." ކައިލްގެ ފިނި އަޑު ވައިވެސް ކަފާލަފާނެފަދައޭ އަލްޔަސްގެ ހިތަށް އެރިއެވެ. އެކަމަކު އަޖައިބުވީ އެ ޒުވާނާއަށް ކިޔަމަންގަނެވުނީމައެވެ. ކައިލްވެސް ކުރިމަތީގައި ހުރި ކައުޗްގައި ޖައްސައިލިއެވެ. އޭނަގެ ލޯމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު ދުރުކޮށްލަމުން ސީދާ އަލްޔަސްގެ ލޮލާއި ދިމާލަށް ކަޅި ހުއްޓައިލިއެވެ.

"އަހަރެންގެ މަތިން ހަނދާން ނެތުމަކީ ލަދުވެތިކަމެއް.." އަލްޔަސްއަށް އޭނަ ވަކިކުރަން ނޭގުނުކަމީ ފެންނަން ހުރި ހަގީގަތެކެވެ. އަލްޔަސްގެ މޫނުގެ ދެތިން ދިމާލަކުން ރޫޖެހުމުގެ އިތުރުން ފަސް އަހަރުތެރޭގައި އިތުރު ބަދަލެއް އައިސްފައެއް ނުވެއެވެ. އަލްޔަސް އޭނަގެ މޫނުގައި އަތުން ފޮހެލިއެވެ. އޭނަ ދާހިއްލާގޮތްވިއެވެ. އޭނަ މި ޒުވާނާގެ ލޯ ދެކުނީ ކޮންތަނަކުން ހެއްޔެވެ؟

"އަހަރެންގެ އަމިއްލަ ސަރަހައްދަކަށް ވަދެގަނެ އަހަންނަށް އަމުރުކުރަން ތިއީ ކާކުހޭ؟" އަލްޔަސް ރުޅިވެރިކަމާއެކު ކުއްލިއަކަށް ތެދުވުނެވެ." އެ ސްޓުޕިޑް ގާޑުން ކޮބާތަ؟"

އޭނަ ފޯނުނެގިއެވެ. ދެންވީ ހިތަށްވެސް ނާރާ ގޮތެކެވެ. އެ ޒުވާނާ އޭނަ ކައުޗަށް ތިރިކޮށްލިގޮތަށް ފޯނުވެސް ހޫރާލައިފިއެވެ." މީހެއްގެ ހަޔާތުގެ ބައްތި އަބަދުގެ އަބަދަށްޓަކާ ނިވާލާފައި އެއްވެސް އެއްޗެކޭ ހިތަށް ނާރުވާ މާ ޒަމާނަށް ދިރި ހުރެވިއްޖެއޭ ހިތަށް ނާރާތަ؟"

"ކީކޭ ތިކިޔަނީ؟" ކައިލްގެ އަންގި ލައްވާފައި ހުރި އަތުން އޭނަގެ ކަނދުރާއަށް ބާރުކުރަމުން ދިޔުމުގެ ސަބަބުން ނޭވާ އުފުރި އަރަން ފެށިއެވެ.

"ކަލޭ އަހަރެންގެ މަންމަ މަރައިލީ..."ކައިލްގެ އިނގިލިތަކަށް ބާރުލަމުން ދިޔަ ވަރަކަށް އޮކްސިޖަން މަދުވެ އޭނަގެ މޫނަށް ރަތްވަމުން ދިޔައެވެ." ޔޫ މާޑަރަރ....."

އަލްޔަސް ދަތްކުނޑި ވިކައިގަތްލެއް ބާރުކަމުން ދަތްޕިލާއަށްވެސް ތަދުގެ އިހުސާސްކުރެވުނެވެ. މިކުއްޖާ އޭނަ އޮބައިގަތީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ދަރިއެއްވަރުގެ ޒުވާނެކެވެ. އަލްޔަސް އޭނަގެ ޖެކެޓްގެ ޖީބުގައި އޮތް ފިސްތޯލައާއި ދިމާލަށް އަތް ގެންދަން މަސައްކަތްކުރިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނައަށް ލިބުނު ވޭނުގައި އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ކައިލް އޭނަގެ ކުޑަހުޅު ބިންދައިލީއެވެ. ކައިލް އޭނަގެ ހުހަށް އޮތް އަތުން އެ ފިސްތޯލަ ނެގިއެވެ. އަދި އޭގައި ހުރި ވަޒަންތައް އޮއްސާލުމަށްފަހު ފިސްތޯލަ ބިންމައްޗަށް ދޫކޮށްލިއެވެ. އެ ފިސްތޯލައިން އެވަގުތުވެސް އަލްޔަސްގެ ފުރާނަ ދަމައިގަނެވުނީހެވެ. އެކަމަކު އޭރުން އެއްވެސް ވޭނެއްނެތް އަވަސް މަރަކަށް ވާނެއެވެ.

"އަހަރެން........" އަލްޔަސް އެއްޗެކޭ ބުނަން އުޅުނެވެ. ކައިލް އޭނަގެ ކަރުން ދޫކޮށްލުމުން ބާރު ނޭވާއެއް ލާފައި ކަނދުރާގައި ފިރުމަން އިނެވެ.

"އެންމެ އިނގިއްޔެއް ހަލުވާލިޔަސް އެންމެ ފަހުގެ ވަގުތުކަމުގައި ވާނެ......" އަލްޔަސް ބިންމަތީގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިތަން ދެކެ ކައިލް އިންޒާރުކުރިއެވެ."ކަލޭ ހަނދާން ނެތުނީތީ އަހަރެން އެކަމަށް އެހީވާނަން. ކަލޭ އަހަރެމެން އަތުން އިލީގަލްކޮށް ފައިސާ ހޯދަމުން ދިޔައީ. އަދި އަހަރެމެންނަށް އެތައް އަހަރެއްވާންދެން އަނިޔާ ކުރި. ކަލޭގެ ހައްގެއް ކަމުގައިނުވާ ފައިސާ ހޯދަން މަޖުބޫރުކުރަމުން ދިޔައީ..."

ކައިލްގެ ވާހަކަތައް އޭނަގެ ކަންފަތަށް ވަންހެން ހިޔެއްނުވެއެވެ. އަލްޔަސް މޭޒުދަށުގައި ހުރި އިމަޖެންސީ ފިތަށް އޮބަން ސިއްރުން މަސައްކަތްކުރިއެވެ. އޭނަގެ ދުޝްމިނުން ފުދޭވަރަކަށް ގިނަކަމުން އޭނަ ހުންނަނީ އެކަމަށް ތައްޔާރުވެގެންނެވެ. ސިކުންތުކޮޅެއް ނުވެ ދޮރުގެ ތަޅު ހަލާކުކޮށްލާފައި ދެމީހަކު ދުވެފައި ވަނެވެ.

"މިއީތަ ދުވަސްވީ ރައްޓެއްސަކަށް މަރުހަބާ ކިޔަން އެނގުނުގޮތަކީ؟"ކައިލް ބޯ ހޫރާލީ މޮޅިވެރިވީފަދަ ގޮތަކަށެވެ.

"ގެޓް ހިމް...." އަލްޔަސް ގުގުރައިގަތެވެ. އެތަނަށް ވަން ދެމީހުންވީ ބޭކާރު ބޭނުން ނުހިފޭ ބަޔަކަށެވެ. ކައިލް ދާދި ފަސޭހަކަމާއެކު އެދެމީހުން މަތަކުރިއެވެ. ކައިލްއަށް ނުވިސްނުނީ އަލްޔަސް އަދި އެހެން ފިސްތޯލައެއް ކައުޗްގެ ދަށުގައި ފޮރުވާފައި އޮތްކަމެވެ. ކައިލް ބޯ އަރިކޮށްލާފައި އޭނަގެ ދެއަތް މައްޗަށް ހިއްލައިލިއެވެ.

"އަހަރެން ހީކުރިވަރަށް މޮޔައެއް ނޫން އަލްޔަސް....."

"ކަލޭ ތިއީ ކާކުހެއްޔޭ؟ބާ***......." އަލްޔަސް ހަޅޭއްލައިގަތެވެ. އޭރު އޭނަގެ އިނގިލިތައްވީ ފިސްތޯލައިގެ ޓްރިގަރގެ މަތީގައެވެ.

ނުނިމޭ

ކޮމެންޓް 0