އިމާމް އަލީ ވިދާޅުވިއެވެ." އެހެން މީހުންގެ ފާފަތަކުގެ ވާހަކަތައް ދެއްކުމުން އެ ފާފަތައް ތިބާގެ އެއްޗަކަށް ވެދެއެވެ."

***

އޭނަގެ ޚިޔާލުތައް ވިއްސިވިހާލިކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ބިންޔާމީން ފޯނުނެގި އަޑުއިވުނެވެ. ދެންއިވުނީ ބިންޔާމީންގެ ފިޔަވަޅުތައް ކައިރިވަމުން އަންނަ އަޑެވެ. ކައިލް ކުޑަކޮށް އެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ކުޑަ ސާހަބް. ނާޔަލް މަހުމޫދު ކިޔާ މީހަކު ވަރަށް އާޖެންޓްކޮށް ވާހަކަ ދައްކަން ބޭނުމޯ..."

ނާޔަލް މިހާ ހެނދުނާ އޭނައަށް ގުޅުމުގެ ބޭނުމެއް ވިސްނުމަކަށް ނަޔަސް ޝައުގުވެރިވެ ނާޔަލްގެ ފޯނަށް ޖަވާބުދޭން އޭނަ ހިނގައިގަތެވެ.

"ކައިލް. ބޭނުން ވާހަކައެއް ދައްކައިލަން. އަހަރެމެންގެ ބައްދަލުވުން ސިއްރެއްގެ ގޮތުގައި ބާއްވަންވާނެ. އިތުރު އެއްވެސް މީހަކަށް އެނގިގެންނުވާނެ.." ނާޔަލް ތަންކޮޅެއް އަވަސް ވެފައި ހުރިފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

"އަހަރެން ކާރެއް ފޮނުވަދޭނަން އޭރުން އަހަރެން އުޅޭ ތަނުގައި ބައްދަލުކުރެވިދާނެ. އޭރުން އެހެން މީހަކަށް ނޭގޭނެ..."

ނާޔަލްގެ އަޑުގައިވި ގޮތަކުން އޭނައަށް ދިމާވެގެން އުޅޭ ހާލަތުގެ ކުއްލިކަމާއިއެކު ކައިލް ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ.

"މިއަދު ހަވީރު ކިހިނެއްވާނެ؟" ކައިލް އޭނަގެ ދުވަހުގެ ތާވަލާއިމެދު ވިސްނައިލަމުން ވަގުތެއް ދިނެވެ.

***

ނޯރާ ސާރާ އަދި އާވަ މަގުމަތިން ފެނުނު ކުޑަ ރެސްޓޯރެންޓަކުން މެންދުރު ކެއުމަށްފަހު ޝޮޕިން މޯލްތަކާއި ދިމާލަށް މިސްރާބުޖެހިއެވެ. މޯލްގެ ތެރޭގައި ހުރި ކެފޭ ފިހާރައަކުން ކޮފީ ބުއިންތައް ހިފައިގެން ބްރައިޑަލް ފިހާރައެއް ހޯދަން އުޅެގަތެވެ.

ސާރާއާއި ނޯރާ ގަދަކަމުން އާވާ ހެދުމެއް ލައްވަން ވައްދާފައި އިންތިޒާރުގައި ތިއްބެވެ. އާވާ އެ ދިގު ހުދު ހެދުމުގައި ނުކުތީ ވަރަށް ނުތަނަވަސްވެ މޫނު ހަދައިގެންނެވެ.

"ހާދަ ނަލައޭ.." ނޯރާ ތައުރީފުކުރިއިރު ހެދުމުގައި ހުރި ވިދާ އެއްޗެހިތަކުގެ ހިޔަނި އެޅި ނޯރާގެ ދެލޯވެސް ދިއްލިފައިވާފަދައެވެ.

"އަހަރެންވެސް ޓްރައިކޮށްފިން ދެން އޮތީ ނޯރާގެ ފަހަރު. ނޫނީ އެހެން ހެދުމެއް ނުލާނަން..." އާވާ ދޫނުކޮށް ކިޔަން ފެށުމުން ސާރާވެސް އެއްބައިވިއެވެ. އާވާ ނޯރާގެ އަތުގައި ހުރި ކޮފީތަށި ޖަހައިގެންފާ ހެދުމެއް ދެމުން އަތުގައި ހިފައިގެން ގޮސް ޗޭންޖިން ރޫމަށްލާފައި ދޮރު ލައްޕާލައިފިއެވެ.

"އާވާ...." ނޯރާ ގޮތްހުސްވެފައިވާ ފަދަ ގޮތަކަށް ރޮއިގަތުމުން ސާރާވެސް ހުނެވެ.

"އަހަންނަށް ޔަގީނޭ ނޯރާ އަމިއްލައަށް އެ ބަރު ހެދުން ނުލެވޭނެކަން.."އާވާ ސާރާ ގާތުގައި އިށީންނަމުން ބުނެލިއެވެ." މިތަނަށް އައިޒަކްވެސް އަހަރެމެންނާއެކު އަންނަން ބޭނުންވާނެކަން ޔަގީން..." އެބަސްތައް އަނގައިން ބޭރުވުމާއެކު އާވާ އެކަމާއި ހިތާމަކުރަމުން ސިއްރު ނަޒަރަކުން ސާރާއަށް ބަލާލައިފިއެވެ. ސާރާ ނިކަން ހަމަޖެހިލައިގެން ކައިވެނީގެ މަޖައްލާއެއްގެ ގަނޑުތައް އުކަމުން ދިޔައިރު ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އޭނަގެ ލޮލުގައި ހިތާމައިގެ ޒައްރެއްގެ މިންވަރު ނެތްއިރު އެއްވެސް ވަރަކަށް ކަންބޮޑުވެފައިވާހެނެއް ހިޔެއްނުވެއެވެ.

"ސާރާ..."އާވާ ސާރާގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ. އޭނަގެ ސަމާލުކަން ލިބުމުން ފޯނު އަތުލާފައި ލިޔުނެވެ." ނޯރާއާއި އައިޒަކްގެ ކައިވެންޏާއިމެދު ހަމަ އޯކޭތަ؟" ސާރާ ކުޑަކޮށް ސިހޭގޮތްވެފައި ހީލައިފިއެވެ.

"އަހަރެން ނޯރާދެކެ ލައިކްވޭ. އެ ކައިވެންޏާއިމެދު އުފާވޭ...ކީއްވެތަ؟" ސާރާ ލިޔުނެވެ.

"އޭނަ އުޅެނީ ސާރާގެ ފިރިމީހާއާއި ކައިވެނިކުރަން.." އެހެން އަހަން އުޅެފައިވެސް އާވާ ހުއްޓާލައިފިއެވެ. ސާރާގެ މައްސަލައެއް ނެތިއްޔާ ފިކުރުކުރާންވީ ކޮންކަމަކާހެއްޔެވެ؟ އައިޒަކް ހިތްއެދޭ ކުއްޖަކީ ނޯރާކަން ސާރާ ދެނެހުރީކަމަށް ވެދާނެއެވެ.

ހެދުން ބަދަލުކުރާ ކޮޓަރިތެރޭ ހުރި ދިގު ލޯގަނޑުގެ ކުރިމަތީގައި ހުރިއިރު ނޯރާ ވިސްނިއެވެ. ކައިވެންޏާއިމެދު އޭނަ ޚިޔާލުކުރި އިރެއްވެސް އައެވެ. ނޯރާ އޭނަގެ ހެދުމުގެ އަތުކުރީގައި ލޭސްއިން ޑިޒައިންކޮށްފައިވާ ބައިގާ އިނގިލިތައް ހިންގައިލިއެވެ. މިހެދުން ހާދަރީއްޗެވެ. ކައިވެނީގެ ހެދުމުގައި ހުންނާނެ ދުވަހެއްގެ ހުވަފެން އޭނަ ދެކުނެވެ. ލޯގަނޑުގެ ތެރެއިން އޭނަގެ މުށި ވިދާ ލޮލާއި މޫނުގެ އޮމާންކަން ފެނުނެވެ. ނޯރާ އަމިއްލަ އަތަށް ބަލައިލެވުނުއިރު ކަޅުކުލައިގެ އަންގި ލެއްވި އަތް އޭނަގެ އަތުތެރެއަށް ފިޓްވާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. އެ ކުއްލި އިމުން ބޭރު ޚިޔާލުން ދެލޯ ބޮޑުވިއެވެ. އެސިކުންތުކޮޅު އޭނައަށް ހަގީގަތުގައިވެސް ޚިޔާލުކުރެވުނީ އޭނަ ކައިވެނި ކުރެވެނީ ކައިލްއާއި ކަމުގައެވެ.ނޯރާ އަވަސް އަވަހަށް ބޯ ހޫރައިގަތުމާއެކު އެ މޮޔަ ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލައިފިއެވެ. އާވާއާއި ކައިލްގެ ކައިވެނި ކުރެވެން އުޅޭތީ އެކަމާއިހުރެ ކައިލްގެ ޚިޔާލު ހިތަށް ވެރިވެގަތީއެވެ.

ނޯރާ ކައިވެނީގެ ހެދުމުގައި ނުކުތްތަން ފެނި އާވާއާއި ސާރާއަށްވެސް ހައިރާންކަމާއެކު އަޑެއް ލައްވައިލެވުނެވެ. އެ މުށިކުލައިގެ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު ނިކަން ޝާހީގޮތަކަށް ފިޓްކޮށް ހުރުމުން ރަނިކަނބަލެއްފަދައެވެ. އެކުދިން ދުށް އެންމެ ރީތި ބްރައިޑަކީ ނޯރާއެވެ. އައިޒަކްއަކީ ނަސީބުވެރިއެކެވެ. އެ ޚިޔާލުންވެސް އާވާ ރުޅިއަންނަގޮތްވިއެވެ. ނޯރާ އައިޒަކްއާއި އެކަށީގެނެއްނުވެއެވެ. އައިޒަކްއަށް ނޯރާ ހައްގެއް ނޫނެވެ. ސާރާވެސް މެއެވެ. އެކަމަކުވެސް އޭނަ އެއުޅެނީ އެންމެ ފުރިހަމަ ދިރިއުޅުމުގައެވެ. ބޭނުންހާ އެއްޗެއް ހޯދައިގެންނެވެ.

ހެދުންތައް ޗެކްކޮށްލުމަށްފަހު ނޯރާ އޭނަގެ ހިޖާބުން ފޮރުވިގަތެވެ. ނޯރާގެ ރީތިކަން އެހެދުމުން ފޮރުވުނުވަރު އާވާއަށްވެސް ރޭކާލިއެވެ. މަގުމަތިން ފެންނަ މީހަކަށް ނޯރާ ފެނުނަސް އެކުއްޖާ ކައިވެނީގެ ހެދުމުގައި ރީތިވާނެ ވަރު ލަފާކޮށްލާކަށް ނޭގޭނެއެވެ.

އާވާ ނޯރާއާއި ސާރާއާއެކީގައި ހިނގަމުން ދިޔައިރު އެތައް ޚިޔާލެއް އޭނަގެ ސިކުނޑީގައިވިއެވެ. މުޅި އެ މޯލްގައި ތިބީ ބުރުގާ އަޅާ އެންމެ ދެ އަންހެންކުދިންނެވެ. އޭނައާއެކުގައި މިދާ ދެ އަންހެންކުދިން އެކަންޏެވެ. ގިނަ އަންހެންކުދިން އަގުބޮޑު ބާރު ހެދުންތަކުގައެވެ. ކުރު ހެދުންތަކުގައި ހިމަ ފައިތައް ހާމަކޮށްލައިގެންނެވެ. އަދި ރީތިކޮށް ސްޓައިލްކޮށްފައިވާ އިސްތަށިގަނޑާއި ދިގު ހާމަ ކަނދުރާގައިވާ ހާރުތަކެވެ. އެކަމަކު އެއިން އެންމެ ކުއްޖެއްވެސް ނޯރާއާއި ސާރާހާ ރީއްޗެއްނޫނެވެ. އެ ސާދާ ބައްޓަމެއްނެތް ހެދުންތަކުގައިވެސް އެކުދިން ފެންނަލެއް މާ ނަލައެވެ. ޔަގީނުންވެސް ނޯރާއާއި ސާރާ އެހެދުންތަކުގައި ތިބުމުން ފިރިހެނުންގެ ހިތް ދަމައިގަންނަގޮތެއް ނެތެވެ. އަދި އަންހެނުންވެސް އެމީހުންގެ ހެެދުންތަކަށް ހަސަދައިގެ ލޮލަކުން ނޫނީ ޖަޖްކުރާފަދަ ގޮތަކަށް ނަޒަރު ހުއްޓައެއްނުލިއެވެ. އެކަމަކުވެސް އެ ދެ އަންހެންކުދިންގެ ޝާހީ ގޮތެއް ހުއްޓެވެ. ފުރަތަމަ އާވާއަކަށްވެސް އެކުދިންގެ ފަރާތުން އެ ފެންނަނީ ކޮން ކަމެއް ކަމެއް ނޭގުނެވެ.

"ތިކުދިން ހިޖާބު އަޅަނީ ކީއްވެތަ؟" އެއީ އާވާ ބަދަލުވާން އޭނައަށް ކުރެވުނު ސުވާލެވެ. އެދުވަހު ނޯރާ ބުނީ އެގޮތަށް ފޮރުވިގެން ތިބެ ނަމާދުކުރުމުން ތަގުވާވެރިކަން އިތުރުވެ އީމާންތެރިކަން ވަރުގަދަ ވާކަމުގައެވެ. ވީއިރު ނަމާދުން ބޭރުގައި ތަގުވާއާއި އީމާންކަމުގެ އެއްބައި ދޫކޮށްލަން ވީ ކިއްކުރަން ހެއްޔެވެ؟ އެހެން މީހުންގެ ނަޒަރިއްޔާތާއި ޚިލާފަށް ނޯރާ ބުނީ އޭނަ ހިޖާބު އަޅަން ނިންމީ އޭނައަށް މީހުން ބަލާތީ ނޫނީ ހަށިގަނޑުގެ ބަޔެއް އެހެން މީހުންގެ ލޮލުގައި އަޅައިގަންނާނެތީ އެކަނި ނޫންކަމަށެވެ. އަދި އެއަށްވުރެ ފުން ސަބަބެއްވިއެވެ. އެކަކުވެސް ނޫރު ސޫރަތުގެ ތިރީސް އެއްވަނަ އާޔަތާއިމެދު ވިސްނާ ފިކުރު ހިންގާ އޭގެ މާނަ ދޭހަވެއްޖެއްޔާ ސާދާ ހެދުން އެޅުމާއިމެދު އެއްވެސް އަންހެނަކު ދެކޮޅެއް ނަހަދާނެއެވެ. އެކަމަކުވެސް ރައްބުލް އާލަމީންގެ ވަހީބަސްފުޅާއިމެދު އިތުބާރުކުރުމަށްވުރެ މީހުން އެހެން އިންސާނުންނަށް އިތުބާރުކުރަން ފަސޭހަވެދެއެވެ. އަދި ގުރުއާނުގެ އާޔަތްތަކާއިމެދު ސުވާލުކޮށް އުޅެއެވެ. އަދި ހިތްހަމަނުޖެހޭ ކަމެއް އޮތިއްޔާ އެމީހުންގެ ބޭނުންތަކަށް ފިޓްވާގޮތަށް އަނބުރައިލައެވެ. އަދި އެމީހުންގެ ހިތް ބޭނުންވާގޮތަށް މާނަ ކޮށްލައެވެ. ވިސްނުންކޮށި އިންސާނުންގެ ޚިޔާލު ހުންނަގޮތަކީ އެއީއެވެ.

އާވާ ސްކާފްކޮޅެއް ގަނެލިއިރު އޭނަ އުފަލުން މޫނުވެސް ދިއްލިފައިވިއެވެ. ނޯރާއާއި ސާރާވެސް އާވާ އެކުދިން ކުރިމަތީގައި އުޅެ ބޮޑުވެ ހަރުވަމުން އަންނަތަން ފެނި އުފާކުރިއެވެ.

އެހެން ބްރައިޑަލް ފިހާރައަކަށް ވަދެފައި ނޯރާއާއި އެހެން ކުދިން ދޮރުމައްޗަށް ނިކުތްއިރު ހޯލުގައި ހިނގަން ހަދާފައި އޮތް މަގުން އަންނަތަން ފެނުނީ ކައިލް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނަގެ ފަހަތުން ފިރިހެނުންތަކެއް އާދެއެވެ. އޭނަ މަޑުކޮށްލީ ފިހާރައެއްގެ ކުރިމަތީގައެވެ."ޕެޓްރިކޯ"ގެ ނަން ލޮލުގައި އަޅައިގަތުމާއެކު ދުނިޔެއަށް އެ ބްރޭންޑް މަޝްހޫރުވެފައިވާވަރު ނޯރާއަށްވެސް ވިސްނައިގަނެވުނެވެ. އޭނަ ލިޔުންތަކެއްގައި ސޮއިކުރުމަށްފަހު ސީދާ މިސްރާބުޖެހީ އެކުދިން މަޑުކޮށްލައިގެން ތިބި ދިމާލަށެވެ. އާވާއަށް އެކަން ފާހަގަނުވެ ސާރާއަށް ދައްކަމުން ދިޔައީ ހެއްވާގޮތަކަށް ޑިޒައިންކޮށްފައި ހުރި ބޫޓެކެވެ. ނޯރާ ތެޅިގެންފައި އަވަހަށް ފޯނު ކަންފަތުގައި ޖަހާލައިގެން މީހަކާއި ވާހަކަދައްކަން ހުރިކަމަށް ހެދުނެވެ. ފޯނު ޖަހައިގެން ހުރެވުނީ އެކޮޅުކޮޅުންނެވެ. ކައިލްގެ ނަޒަރު ހުއްޓުނީ ނޯރާމެން ތިބި ފިހާރައިގެ ނަމަށެވެ. އަދި ނޯރާގެ ކުރިއަށް އޮތް ކައިވެނީގެ ހަނދާން އާވިއެވެ. ކައިލްއަށް އޭނަ އެނގޭނެކަމަކަށް ނޯރާ އެއްގޮތަކަށްވެސް ހިޔެއްނުކުރެއެވެ. ކަޅު އަވިއައިނުން ލޯ ފޮރުވައިގެން ހުރުމުން އެނގޭނީވެސް ކިހިނެއްހެއްޔެވެ؟ ނޯރާ ވެސް އެނގުނުކަމަކަށް ނެހެދިއެވެ. ކައިލްވެސް އޭނައަކީ ނުދަންނަ މީހަކަށް ހެދިއިރު އޭނަ އަޅާލާކަމަށް ހެދެންވީ ކީއްވެހެއްޔެވެ؟

***

"އަހަންނާއި ބައްދަލުކޮށްލަން އެއްބަސްވިކަމަށްޓަކާ ޝުކުރުވެރިވަން ކައިލް...."ނައިލް ކަޅުކުލައިގެ ލެދާ ކޯޗުގައި އިށީނެވެ.

" ޑޮކްޓަރ ނާޔަލް.."

"ކޯލް މީ ނާޔަލް. އަހަންނަށް ޑޮކްޓަރެކޭ ކިޔަން އެކަށީގެން ނުވޭ..." ނުތަނަވަސްކަމުގެ ސަބަބުން އަނދިރިވެގެން ދިޔަ މޫނަކާއެކު ނާޔަލްއަށް ބުނެވުނެވެ." ފުރާނަތައް ސަލާމަތްކުރަން އަހަންނަށް ޖެހޭއިރު އެކަމަކު......"

"ވަޓްސް ރޯންގް؟ ކަމެއް ދިމާވީތަ؟"ކައިލް ކެމޮމައިލް ސައިތަށްޓެއް ޖޯޑަކަށް އެޅުމަށްފަހު މަޑުމަޑުން އެ ތަށި ނާޔަލްއާއި ކައިރިކޮށްލަދިނެވެ. ނާޔަލް ކެފެއިން ބޭނުންނުކުރާތީ ނާޔަލްއަށްޓަކާ އެ ސަައިގެނައީ އޭރުން ނާރުތައްވެސް ވެރިވެފައިވާ ވާންކަން ކަނޑުވައިލާނެތީއެވެ.

"އަހަރެން އައީ ކީއްވެބާވައޭ ހިތަށް އަރާނެ.."

"އާނ.. ދުވަހަކުވެސް ދެމީހުން އެއްވެސް ވިޔަފާރިއެއް ކުރި ހަނދާނެއް ނުވޭ. ހައު މޭ އައި ހެލްޕް ޔޫ؟" ކައިލް ޝައުގުވެރިކަމާއެކު ސުވާލުކުރިއެވެ."ތިއީ އާވާއާއި ބެހޭގޮތުން ކަމަށް ވަންޏާ....."

"ނޫން. އެއީ އާވާގެ ވާހަކައެއްނޫން."ނާޔަލް ބޯ ހޫރުވާލައިފިއެވެ."ނޯރާ.....އަހަރެން ގާތުގައި ކައިލްގެ ވާހަކަ ދެއްކީ. ވިންޓަރފެލް އާއިލާއިން އަހަރެން މުޅި އުމުރު ޖަލުގައި އޮތުމުން ސަލާމަތްކޮށް ދިނުމުން އަހަރެން ކޮއްކޮއާއި ބައްދަލުވީ. އެހުރިހާ ކަމަކާއި ބެހޭގޮތުން މުޅިން ރަގަޅު ގޮތަކަށް ނޫން ވިސްނުނީ. މީހަކު މަރައިލިކަމުގެ ދޮގު ތުހުމަތު ބޮލުގައި އަޅުވާ......"

ނާޔަލް ވާހަކަ ހުއްޓައިލީ ކައިލް އޭނަ ދޮގު ތުހުމަތޭ ބުނުމުން މޫނަށް އެރި ކުލަވަރުން އެއީ ޝައްކުގެ ނިޝާނެއްކަން އެނގިފައެވެ.

"ކުށެއްނެތްކަން ސާބިތުވާންދެން އަހަރެން މީހަކު މަރައިލިކަން ކައިލް ބޭނުންގޮތަކަށް ދެކުމުގެ މިނިވަންކަން އެބައޮތް. މިވަގުތު ކުށެއްނެތްކަމުގެ އެއްވެސް ހެއްކެއް އަތަކު ނެތް. ނޯރާ ހުރިހާ ވާހަކައެއް ކިޔައިދިން އެހެންވީމަ ޝައްކުގެ ނަޒަރަކުން ދެކުން އެއީ ގޯހެއްނޫން. ބައްޕަފަދައިން ފިރިހެން ދަރިފުޅުވެސް...ކައިލް ހީކުރާގޮތުން ކައިލްގެ މަންމަގެ ގާތިލަކީ ބައްޕަ...."

ނާޔަލް ގެ ޖުމްލައިން ކައިލްގެ ބުމަ މައްޗަށް ހިއްލައިލެވުނީ ހައިރާންކަމާއެކުގައެވެ. ވީއިރު އެއީ ނޯރާ ކައިލް ޚިޔާލުކުރާގޮތް ނަގައިގަތް ގޮތެވެ. އޭނަ ދެކުނީ ކައިލް ނޯރާގެ ބައްޕައަށް ތުހުމަތުކުރާކަމަށެވެ. އެކުށް ނޯރާގެ ބައްޕަގެ ބޮލުގައި އަޅުވާކަމަށެވެ. މިކާލްވެސް އެ ޚިޔާލު ފައުޅުކުރިޔަސް ކައިލްއަށް އެއީ ހަމަޖެހޭ ކަމަކަށްނުވިއެވެ. ޓެކްސީޑްރައިވަރަކު އެގޮތަށް އޭނައާއި އެއްވެސް ގުޅުމެއް ނެތް އަންހެނަކު މަރާލާފައި ގެއްލެންވީ ކީއްވެހެއްޔެވެ؟ ކަމެއް ދިމާވެގެން ނޫނީ މަރުވެގެން ނޫނީ އެގޮތަށް މީހަކު ގެއްލިދާނެހެއްޔެވެ؟

"އެކަމަކު ކިއުރިއަސްވި ތަންކޮޅަކީ އެއީއެއްނޫން. ނޯރާ ބުނި ކައިލް ވިންޓަރފެލް އާއިލާއާއިމެދު ޝައްކުކުރިކަމަށް......" ނާޔަލް ކައިލްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ." އަހަންނެކޭ އެއްގޮތަށް...."

"އެމީހުންނަށް އިތުބާރުނުކުރަންތަ؟" ކައިލް ސުވާލުކުރިއެވެ."ކީއްވެ؟ ޖަލުން ސަލާމަތްކޮށްދިނީ އެމީހުން. ނޫންތަ؟"

"އެވެސް ހަމަނުޖެހޭ ކަމެއް. ވިންޓަރފެލް މީހުންނަށް އަހަރެން މީހަކު ނުމަރާކަމުގެ ހެއްކެއް ނެތި އެހާ ފަސޭހައިން ޖަލުން ސަލާމަތްކޮށްދިނީ ކީއްވެތަ؟ އަދި ފުލުހުންވެސް އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ ހަމަ އެހެން ދިޔަދިނީ ކީއްވެތަ؟ ގާތިލަކު ސަލާމަތްކޮށްދިނީ ކީއްވެތަ؟"

" ކުށެއްނެތްކަން އެމީހުންނަށް އެނގޭކަމަށް ވާނަމަ އެކަނި...." ކައިލްގެ މަޑުމައިތިރި ޖަވާބުން ނާޔަލް ބޯ ޖަހައިލިއެވެ.

"އެގްޒެކްޓްލީ..."

"އެމީހުން ނާޔަލް ޖަލަށް ލާފައި ސަލާމަތްކޮށްދިނީ؟" ޖަވާބެއް ލިބޭނެކަމަށް ނުބަލާ ކައިލް އެހެން ބުނެލީ އަރަތުގެ އެތިކޮޅުތައް އެއްކުރަން މަސައްކަތްކުރަމުންނެވެ.

"ސީދާ އެހެން ބުނާކަށް ނޭގޭ އެކަމަކު އެއީ ހަމަވެދާނެކަމެއް.."ނާޔަލް ބޯ ޖަހައިލިއެވެ." އެރޭ ޑިނަރގައި އެގެއިން ފެނުމުން އެ އާއިލާއާއި އެހާ ގަޔާނުވާކަން ވިސްނުނު. އެކަމަކުވެސް އެ ޕާޓީއަށް ހާޟިރުވެ ހައިތަމްގެ ދަރިފުޅާއި ކައިވެނި ކުރަން އެއްބަސްވި. އެމީހުންނާއި ދެކޮޅަށް ކޮންމެވެސް ކަމެއް އެބަ ރާވަން. ނޫންތަ؟"

ނާޔަލްގެ އެ ސުވާލުން ކައިލްއަށް ވިސްނުނީ މަހުމޫދުގެ ދެ ދަރިންގެ ހުރި ތަފާތެވެ. ނާޔަލް ފުދޭވަރަކަށް ސްމާޓެވެ.

" އެރޭ އަލިފާން ރޯކޮށްލީ ކައިލްގެ ބުޅާ...."ކޮފީ މޭޒުމަތީ ކަންނެތްގޮތަކަށް އޮށޯވެލައިގެން އޮތް ފަލަ ބުޅަލަށް ނަޒަރު ހުއްޓައިލަމުން ނާޔަލް ބުނެލިއެވެ.އެސޮރުގެ ނަން ކިޔައިލިކަން އެނގުމާއެކު އޭގެ ދިއްލިފައިވާ ރީދޫ ދެލޮލުން ނާޔަލްއާއި ހަތަރުކަޅި ހަމަކޮށްލަމުން "މިއާވް"އޭ ކިޔާލައިފިއެވެ. އަނެއްކާވެސް ވަރަށް ހައިބަކަން އެކުލެވޭ ގޮތަކަށް ކެހެރިގަނޑުގައި ދޫ ލާންފެށިއެވެ.

"އެމީހުންގެ ނުބައިކަމުގެ އެއްވެސް ހެއްކެއް ލިބިފައިވޭތަ؟ހަގީގަތުގައި މި ހުރިހާކަމެއްގެ ފަހަތުގައިވަނީ ކާކުތަ؟"ކައިލް ސުވާލުކުރިއެވެ." ބައްޕަ ގެއްލުމުގެ ފަހަތުގައިވަނީ އެމީހުންކަން ގަބޫލުކުރެވޭތަ؟ އެކަމަކު ނާޔަލްގެ ކޮއްކޮ އެ ޚިޔާލާއި ވަރަށް ދެކޮޅު. އެމީހުން ދުވަހަކުވެސް ގޯސްކަމެއް ކޮށްފާނެކަމަކަށް ގަބޫލެއް ނުކުރޭ...."

"ނޯރާ ވަރަށް މައުސޫމް. ކޮއްކޮގެ ހިތުގައި މީހުންނާއިމެދު އެއްވެސް ކަހަލަ ނަފްރަތެއް އަދި ނެގަޓިވް ޚިޔާލެއް ނުގެންގުޅޭނެ..މާބޮޑަށްވެސް ހިތް ހެޔޮ. ވިންޓަރފެލް އާއިލާއިން އެހީވީމަ އެމީހުންނާއިމެދު އެއްވެސް ނުބައި ވިސްނުމެއް ގެންގުޅެން ނޯރާ ބޭނުމެއް ނުވޭ. މީހުންނަށް ވަރަށް ފަސޭހައިން އިތުބާރުކުރާ ކުއްޖެއް. އަހަންނާއި ޚިލާފަށް... ކައިލްގެ ގޭގައި ގޮސް ހުރިކަމާއިމެދުވެސް އަޖައިބެއް ނުވަން. އެކަމަކު އަދިވެސް އަހަންނަށް އަންޑަސްޓޭންޑް ނުވާ ތަންކޮޅެއް އެބައޮތް. އެހެންމީހުންނަށް ފަސޭހައިން އިތުބާރުކުރިޔަސް އެހެން ފިރިހެނުންނާއިމެދު އަބަދުވެސް ނޯރާ ސަމާލުވޭ...." ނާޔަލް ވިސްނުންތެރިކަމާއެކު ކައިލް ދިރާސާކުރަމުން ދިޔައީ ތަންކޮޅެއް ޝައުގުވެރިވެފައެވެ.

"ސޯ.....ވަޓް އިޒް އިޓް؟ނާޔަލް ކޮން ވާހަކައެއް ދައްކަން ބޭނުންވީ؟"ކައިލް ނޯރާއާއި ބެހޭގޮތުން ނާޔަލް ދެއްކި ވާހަކައަށް ސަމާލުކަމެއް ދިން ހެނެއް ހިޔެއްނުވެއެވެ. ވަގުތުން މުހިއްމު މައުޟޫއަށް ވާހަކަ ގެންދިޔައެވެ.

"އަހަންނަށް ކައިލްގެ ކޮމްޕިއުޓަރ ބޭނުން ކުރެވިދާނެތަ؟" އޮފީސް މޭޒުމަތީގައި ހުރި ކޮމްޕިއުޓަރަށް އިޝާރާތްކޮށްލަމުން ނާޔަލް އެހިއެވެ."

"އެންމެ ރަގަޅު..." ކައިލް ނާޔަލްގެ ހަރަކާތްތަކަށް ބެލިއެވެ. ނާޔަލްއަށް ފެނުނީ ކޮންކަމެއްހެއްޔެވެ؟ އޭނައަށް އެނގުނުކަމެއް ހިފައިގެން ކައިލްގާތަށް އައުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟

"މި ކިޔާބަލަ..." ނާޔަލްގެ އެދުމަށް ކައިލް ގާތަށްގޮސް ނާޔަލްގެ ކޮނޑުމަތިން ބޯ ދިއްކޮށްލަމުން ކޮމްޕިއުޓަރ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ.

"ކޮއްކޮއާއިމެދު އެއްވެސް މީހަކަށް އިތުބާރު ނުކުރައްޗޭ. ޓޭކް ކެއާ އޮފް......" ފުރިހަމަ އެއް ޖުމްލައަކާއެކު އަނެއް ޖުމްލަ އޮތީ މެދުކަނޑައިލެވިފައެވެ.

"މިއީ ކާކުގެ ފަރާތުން؟" ކައިލްގެ ބުމަ މައްޗަށް އަރުވައިލިއެވެ. އެއީ ކޮންމެވެސް މީހަކު ފޮނުވާފައިވާ މެއިލްއެކެވެ.

ނާޔަލް ކައިލްއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު އޭނަގެ މޫނުމަތީގައިވަނީ އުފަލާއެކު ސިހުމުގެ ކުލަވަރެވެ.އޭނަ މަޑުމަޑުން ބުނެލި ޖުމްލައިން ކައިލްއަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

"ހީވާގޮތުން ބައްޕަ ދުނިޔޭގައި އެބަހުރި..."

 

ނުނިމޭ

ކޮމެންޓް 0