އިމާމް އިބުން ތައިމާ ރަހިމަހުﷲ ވިދާޅުވިއެވެ."ﷲ މައުރިފާ ކުރުމާއި ޒިކުރުކުރުމާއި އަދި އެފަރާތަށް އަޅުކަން ކުރުމަށްވުރެ ބޮޑު ލައްޒަތެއް ލިބޭ ކަމެއް މިި ދުނިޔެއަކު ނުވެއެވެ."

***

މަންމަ ނިޔާވިފަހުން އެތައް އަހަރުތަކެއް ފާއިތުވެއްޖެއެވެ. އަދި އިތުރު ދިހަ އަހަރު މަސައްކަތް ކުރަން ޖެހުނަސް އޭނަ މަންމައަށް އިންސާފު ހޯދާދޭނެއެވެ. ކިތަންމެ ޒަމާނަކުން ވިޔަސް އޭނައަށް ވަރިހަމައެވެ. އޭނަގެ ލަނޑުދަނޑިއެއް އެބައޮތެވެ. އެކަން ހާސިލުކުރަން ލައްކަ މަސައްކަތްކުރަން ޖެހެއެވެ. އޭގެ އަސްލަކީ ރުޅިވެރިކަމާއި ބަދަލުހިފުންކަމުގައި ވިޔަސް އޭނައަށް ފަރުވާލެއް ނެތެވެ. އެ ބޭނުންކަންތައް އޭނަ ހާސިލުކުރާނެއެވެ.

***

ނޯރާއާއި ކައިލް އަނެއްކާވެސް ދިމާވީ ކައިލް ބިޒިނަސް ކިޔަވަން ޒިއުރިކަށް ފުރި ދުވަހެވެ. އޭރު މައްސަރުތަކެއްވެސް ފާއިތުވެގެން ހިނގައްޖެއެވެ. ފުރުމުގެ ކުރިން ވިންޓަރފެލްއާއި ކައިރި ސަރަހައްދަށް ހިނގައިލަން ކައިލްއަށް ދެވުނީއެވެ. ނޯރާ ހުރީ އޭނަގެ އެންމެ ރީތި ހިނިތުންވުމުގައި ވިންޓަރފެލްގެ ހިތްގައިމު ބަގީޗާގައެވެ. އޭނައާއި ގާތުން ފެނުނީ ކައިލް ދެނެފަރިތަ މޫނެކެވެ. ކްލާހުގައި އެކީ ކިޔެވި ޒުވާނެއްކަމަށްވާ އައިޒަކްއެވެ. ނޯރާ ގާތުގައި ވަށިގަނޑެއް ހުރިއިރު އައިޒަކް ދޮންވެފައިވާ ރަތް އާފަލުތައް ބިނދެފައި ނޯރާގެ އަތަށް ދެމުން ދިޔައެވެ. ވީއިރު ނޯރާ ބުނި ވިންޓަރފެލްގެ އެކުވެރިޔާއަކީ އެއީތާއެވެ. ނޯރާ އަލުން ފެނިދާނެކަމަށް އޭނަ ހިޔެއް ނުކުރެއެވެ. އެވެސް ވިންޓަރފެލްގައެވެ. އަދި އައިޒަކްއާ އެކުގައެވެ. އޭނަގެ ސިކުނޑިއަށް ޝައްކާއި ވަހުމް ވަނެވެ. ބޭވަފާތެރިކަމުގެ އިހުސާސް އެދުވަހު ކުރެވުނެވެ. ނޯރާ އޭނަގެ ގެ ދޫކޮށްފައި އައީ މިގެއަށެވެ. ކައިލް އެހާވަރަށް ހަގީގަތް ކިޔާދީފައި ވަނިކޮށެވެ. ނޯރާގެ ބައްޕަގެ ގެއްލުމާއި އޭނަގެ މަންމަގެ މަރާއި އެ އާއިލާ ގުޅުމެއް އޮވެދާނެކަމަށް ބުނެފައިވަނިކޮށެވެ. އެންމެ ރަގަޅެވެ. އެކަން މިގޮތަށް އެ ހިނގީއެވެ. ނޯރާގެ އަމަލުތައް ކޮންމެ ގޮތަކަސް ހުއްޓަސް އޭނައާއި ކޮންކަމެއް ހެއްޔެވެ؟ އެކަމަކު މި އާއިލާއާއި އޭނަގެ މަންމަގެ މަރާއި ގުޅުމެއް އޮވެއްޖެއްޔާ އޭނަ މި އިމާރާތް ނައްތައިލާނެއެވެ. ގަލަކަށްފަހު ގަލެކެވެ. އޭނަގެ ދެ އަތުންނެވެ. ނޯރާ އެކަމާއި ރުހުނަސް ނުރުހުނަސް ގަބޫލުކުރިޔަސް ނުކުރިޔަސް ހެވެވެ.

***

ކައިލް ޒިއުރިކަށް ފުރީ ކުރިއަށްވުރެ އަޒުމް ވަރުގަދަވެފައި ހުރެއެވެ. އަށް އަހަރުވެގެން ދިޔައިރު އޭނަ ބިޒިނަސްއިން މޭޖާވެ ޕީއެޗްޑީވެސް ހާސިލުކޮށްފިއެވެ. އޭނަގެ ނަމުގައި އެތައް އިމާރާތެއް ހުއްޓެވެ. އަދި އޭނަގެ ނަން ވިޔަފާރީގެ ދާއިރާގައި ވިދާލިއެވެ. އެއީވެސް އިސްހާގުގެ އެހީއެއް ނެތިއެވެ. ހެދުން ފިހާރަތަކާއި ރެސްޓޯރެންޓް ފްރޭންޗައިސްކުރިއެވެ. އަދި ފަރުނީޗަރު ފިހާރަފަދަ ތަންތަންވެސް ހުޅުވިއެވެ. އެހުރިހާ ތަނަކަށްވެސް ކައިލް ނަންދިނީ ޕެޓްރިކޯއެވެ. ފުރަތަމަ އެނަން އިވުމުން ފޫހިވެ ތާކުންތާކުނުޖެހޭ ނަމެއްގެ ގޮތުގައި ދެކެވުނަސް އެއީ މިހާރު ދުނިޔޭގައި ބްރޭންޑެޑް ނަމެކެވެ. ހުރިހާ ތަނެއްގައިވެސް އެ ނަން ބަލައިގެންފައިވިއެވެ. އެ ވިޔަފާރިއާއި ވާދަކުރެވެނީވެސް މަދު ބަޔަކަށެވެ. އޭގެ ތެރޭގައި އައިޒަކްގެ ކުންފުނި އޮރޭލިއާ ހިމެނުނެވެ. އައިޒަކްވެސް ވަނީ ކާމިޔާބު ވިޔަފާރިވެރިއަކަށްވެފައެވެ. މަދު މުނާސަބާއެއްގައި އެދެމީހުން ދިމާވެ އަދި ދެމީހުން އެކީގައި ކިޔެވިކަން ހަނދާން ހުއްޓަސް ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ފިޔަވާ ދައްކާނަހަދައެވެ.

އައިޒަކްގެ ވިޔަފާރި ފުޅާވީ ހުޅަނގުގެ މުއްސަދި ވިޔަފާރިވެރިއެއްކަމަށްވާ ޔޫސުފްގެ އަންހެންދަރިއަކާއި ކައިވެނިކޮށްގެންނެވެ. ޔޫސުފް ކުރިން ވަނީ އައިޒަކް އަދި ކައިލްގެ ވިޔަފާރިއަށްވެސް އިންވެސްޓްކޮށްފައެވެ. ޔޫސުފްގެ ދަރިފުޅު އައިޒަކްއާއި ކައިވެނިކުރުމުން އޭނަވަނީ ކައިލްގެ ވިޔަފާރިން އޭނަގެ ހިއްސާ ނަގާފައެވެ. އެކަމުން ކައިލްއަށް ގެއްލުމެއް ނުލިބުނީ ވިޔަފާރި ކުރިއަށް ގޮސްފައިވާ ވަރުން ކޮންމެފަދަ ކަމަކާއި ކުރިމަތިލުމުގެ ގާބިލުކަން ހުރީމައެވެ. ކައިލްގެ އުއްމީދުތައް އޭނަ އެވަނީ ފުރިހަމަކޮށްފައެވެ. މިހާރު ވިންޓަފެލް އާއިލާއާއި ކުރިމަތިލެވޭނެހާ ބާރާއި ނުފޫޒު އެބަހުއްޓެވެ. ވަގުތު ޖެހުނީއެވެ.

ނަވާރަސަތޭކަ ނުވަދިހަހަތްވަނަ އަހަރުގެ ފިނި މޫސުމްގައި ކައިލް ޒިއުރިކްގައި ވިޔަފާރީގެ ކަންތައް ނިންމައިލުމަށްފަހު މިކާލްއާއެކު ޕްރައިވެޓް ޖެޓްގައި ދަތުރުފެށީ ލުޒާންއަށް ދިޔުމަށެވެ. ލުޒަންއަށް ފޯރުމާއެކު ބައްދަލުވުމަކަށް ދާން ޖެހިފައި އޮތެވެ. އެ އިމާރާތަށް ވަނުމާއެކު ސާމިރު އޭނައާއި ބައްދަލުކުރަން އައިސް ހުރި ޚަބަރު ލިބުނީއެވެ. ސާމިރަކީ އައިޒަކްގެ ޕާސަނަލް އެސިސްޓެންޓެވެ.

ކޮފީ މޭޒުމައްޗަށް ސާމިރު ދޫކޮށްފައި ދިޔަ ކާޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ކައިލް އިނެވެ. ލެވެންޑާ ކުލައިގެ ކާޑެކެވެ. އެކާޑުގައި ބަރަނިފަށެއްގެ އެހީގައި ލެވެންޑާ މާ ކޯންޏެއް ހަރުކޮށްފައިވިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ ކައިލްގެ ޝައުގުވެރިކަން ދަމައިގަތީ އެކުލައެވެ. އޭނާ އެ ހުޅުވައިލުމުން އެއީ ކައިވެނީގެ ދައުވަތެއްކަން އެނގުނެވެ. އައިޒެކްގެ ނަމާއި ޖެހިގެން އިން ނަން ފެނުމާއެކު އެތެރޭގެ ކޮންމެވެސް ދިމާލަކުން އެއްޗެއް އުތުރިގަތްކަހަލަ އިހުސާސެއްވިއެވެ. އިރުގަނޑެއް ވާންދެން ކައިލް ޚިޔާލަކަށް ގެއްލިފައި އިނެވެ.

ކައިލް ތެދުވެ ލައިޓަރު ނެގުމަށްފަހު ކާޑުގައި ރޯކޮށްލުމާއެކު ހުޅުގަނޑު ހިފައިގަތެވެ. އޭނާ ކުޑަދޮރު ހުޅުވައިލުމުން ފިނިފިނި ވައިރޯޅިއެއް އޭނާގެ މޫނުގައި ބީހިލާފައި ހިގައްޖެއެވެ. ކާޑު އަޅިއަށްވެ ކުޑަދޮރުން ބޭރަށް ބުރަ ބުރައިގެން ދިޔަގޮތަށް ހުދުކަމުގެ ތެރެއަށް ގެއްލުނެވެ. ވެހެމުން ދިޔަ ސްނޯއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މާދުރުގެ ހަދާނެއް ހޭލައިގަތެވެ. ތޭރަ އަހަރު ކުރިން ހަމަ ފިނި މޫސުމްގެ ހަދާނުން ނުފިލާނެ ފަދަ ދުވަހެކެވެ.

ޚިޔާލެއްގެ ތެރެއަށް ފީނައިގެން އިރުގަނޑެއްވާންދެން އިނދެފައި ކައިލް ތެދުވެ ކޯޓު ގަޔަށް މަހާލުމަށްފަހު އޮފީހުން ނުކުތެވެ.

"ކައިލް ދަނީތަ؟" އަދިވެސް މިކާލްގެ އުމުރުން އަށާރަ އަހަރެކޭ އޭނަގެ އުޅުމާއި ވާހަކަދެއްކުން ތަފާތެއްނެތެވެ. އެކަމަކުވެސް ކޮންމެވެސް ވަރެއްގެ ހަރުކަމެއްވެސް ހުރެއެވެ. ބައެއްފަހަރު ފަރުވާކުޑަކޮށް އަދި އުދަގޫތައް ޖެއްސިކަމުގައި ވިޔަސް އެއީ ކައިލްގެ އެންމެ އިތުބާރުކުރެވޭ އެކުވެރިޔާ އަދި މުވައްޒަފުވެސް މެއެވެ. އޭނަގެ ބުޅި މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އަގުބޮޑު ސޫޓެއް ލައިގެން ހުރިއިރު އޭނަ ވެފައިވަނީ ހިތްދަމައިގަންނަ ރީތި މީހަކަށެވެ. ނަމަވެސް އޭނަގެ ސޭކު ހިނިތުންވުމާއި އަންހެންކުދިންނާއި ދިމާކުރާގޮތްގަނޑު ހުރުމުގެ ސަބަބުން އަންހެންކުދިން ދުވަނީ ދުރަށެވެ. ފުދުންތެރިކަމާއެކު ދެއްކުންތެރިކަން ހުއްޓަސް މިކާލްގެ އަމަލުގައި ސާދާކަމެއް ހުރެއެވެ. ސަބަބަކީ ފައިސާއަށް އޭނަގެ އެހާ ޝައުގެއް ނެތީމައެވެ.

"އަހަރެންގެ ކާރު ގެނެސްދީބަލަ މިކާލް. ގެއަށް ދާންވެއްޖެ..." ކައިލްއަށް އަދަބު އަދާކުރުމުގެ ގޮތުން މަސައްކަތް މެދުކަނޑާލާފައި ގުދުވެގެން ތިބި މީހުންނާއި އަޅާލުމެއް ނެތި އޭނަ ކިޔައިލިއެވެ.

"އަހަރެންވެސް ގެންދޭ." އެހެން މީހުންނަށް އަޑު އިއްވަން އޭނަ އަވަސްއަވަހަށް ލަފުޒެއް އިތުރުކުރިއެވެ."ސަރ......"

ދެމީހުން އެކަނިތިބޭއިރު އެފަދަ އެއްވެސް ރަސްމީ ކަމެއްނެތަސް މުވައްޒަފުންނަށް އޭނަ ކައިލްއަށް އިހުތިރާމް އަދާކުރާކަން އަންގަން ވާހަކަދައްކަނީ އަދަބާއި އިހުތިރާމްއާއެކުގައެވެ. އެމީހަކަށްވުރެ އިސް މީހުންނަށް އިހުތިރާމްކުރުމަކީ މުހިއްމުކަމެއްކަން އެންމެނަށް ހަނދާންކޮށްދޭން އޭނަ ބޭނުންވެއެވެ.

 

***

"ގެއަށް ނާންނަތާ ކިހާ ދުވަހެއްވެއްޖެ؟"މިކާލް ސުވާލުކުރިއެވެ."ހަގީގަތުގައިވެސް އަށް އަހަރު ވެއްޖެތަ؟"

"ކިތަންމެ ފަހަރު އަތުވެއްޖައިން. ހަނދާން ނެތުނީތަ؟"ކައިލް ބުނެލިއެވެ.

"އެކަމަކު އެއީ ވިޔަފާރި ދަތުރުތަކުގައި. ދުވަހަކު މަޑުނުކުރަމެއްނު..."

"މަޑުކުރުމުގެ ސަބަބެއް ނެތެއްނު"ކައިލް ކުރުކޮށް ބުނެލިއެވެ. އެކަމަކު މިހާރު މަޑުކުރަނީ ސަބަބެއް އޮތީމައެވެ. އޭނަ ހިތާހިތުން ކިޔައިލިއެވެ. ނުނިމި އޮތް ވިޔަފާރިއެއް ލުޒާންގައި އެބައޮތެވެ.

"އަހަންނަށްވެސް އެނގިއްޖެ. ޒިއުރިކްގައި ދިރިއުޅުމަށްފަހު މި ކުޑަ ޝަހަރުގައި އުޅެން މަ ވެސް ބޭނުމެއްނުވޭ. ހުރިހާ ތަނެއްވެސް......ހުދާއި އަޅިކުލައިގާ މިވަނީ ލުޒާންގައި...."މިކާލް ކާރުގެ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ.

"ހުދާއި އަޅިން ފެންނަނީ ފިނިމޫސުމްވީމަ.."ކައިލް ހަނދާންކޮށްދިނެވެ. ލުޒާންއަކީ ބަހާރު އަދި ހޫނު މޫސުމްގައި ކުލަތަކުން ފުރިފައިވާ ޝަހަރެކެވެ. އަދި ޚަރީފުގައި ރަނާއި މުށިކުލައިގާ އެހާ ހިތްގައިމެވެ. އެއްގޮތުން ބަލާއިރު ޒިއުރިކަށްވުރެ މާ ހިތްގައިމެވެ. ޒިއުރިކަކީ ހަލަބޮލި މަޑުޖެހުމެއްނެތް އަދި ކައިލް ރުހޭވަރަށްވުރެ ކުލަތަކުން ފުރިފައިވާ ސިޓީއެކެވެ. ލުޒާންގައި އިންސާނުން ފަރުމާކޮށްފައިވާ އިމާރާތްތަކަށްވުރެ ގިނައީ ގުދުރަތުން ޒީނަތްތެރިވެފައިވާ ތަނެވެ. ކައިލްގެ ކަޅުކުލައިގެ މާސިޑީޒް ބެންޒު އެރަށުގެ މަގުތަކުން ދުއްވާލާފައި ދިޔައިރު މީސްތަކުން ނުކުމެ ކުޅިބަލަން ތިބީ އަގުބޮޑު ކާރެއް އޭރު ފެނުން ނާދިރުކަމަކަށްވާތީއެވެ. އެއީ އެ އަހަރު ނިކުތް އެންމެފަހުގެ މޮޑެލްގެ ކާރެވެ. މީހުންގެ ސަމާލުކަން ދަމައިގަތުމަކީ އަޖައިބެއް ނޫނެވެ.

ކައިލްގެ ކާރު މަޑުކޮށްލީ މާސިންގާ ދޮރާށްޓެއްގެ ކައިރިއަށެވެ. ކަޅު ދަގަނޑުން ހަދާފައިވާ އެ ދޮރާށި ސިފަވަނީ ފޮތްތަކުގައި ހަވޭލީ ސިފަކޮށްދޭފަދައިންނެވެ. ރީތިވެފައި ކުރެހުމެއްފަދައިންނެވެ. ބަހާރު އަދި ހޫނު މޫސުމްގައި އެ ދޮރާށީގެ އެތެރެއިން ފެންނާން އޮތް ބަގީޗާގެ ރީތިކަން ބަޔާން ނުކުރެވޭހާ ފުރިހަމައެވެ. ފިނިމޫސުމްކަމުން ބަރަހަނާ ގަސްތަކާއި ހުދުބިންތައް ފެންނަނީ ސިއްރުވެރި ހިތްފަސޭހަ ތަނެއްގެ ގޮތުގައެވެ. އެ ހައިބަތުހުރި ގޭގެ ނަމަކީ ވިސްޓީރިއާއެވެ. މިކާލް ކާރުން ފޭބުމަށްފަހު ތަޅުދަނޑިއަކުން ފިތާލުމާއެކު ދޮރާށި ހުޅުވުނެވެ.

"މޭން. ޒިއުރިކްގައިވެސް މިހާ ހައިބަވަންތަކަން ބޮޑު ގަނޑުވަރެއްނެތް. ވަރަށް ހިތްގައިމު.."މިކާލް ތައުރީފުކުރިއެވެ. އަދި ކާރަށް އަރާ އިށީނެވެ. ބޮޑު ހަވޭލިއާއި ހަމަޔަށް ދާން އޮތް މަގުން ކާރު ދުއްވައިލިއިރު ދެފަރާތުގައި ހުރި ގަސްތަކުގެ ގޮފިތައް ގަނޑުފެނުގެ ބުރަދަން ހިފަހައްޓައިނުލެވިގެން ލެނބިފައެވެ. ކައިލް ކާރުން ފޭބިއިރަށް އިސްތިގުބާލަށް އައީ ހުދާއި ކަޅުގެ ޔުނިފޯމުގައި ހުރި ދެބައި އުމުރުގެ މީހެކެވެ. އެ މުނާސަބާއަށް ތައްޔާރުވުމުގެ ގޮތުން އޭނަ ހުރީ ނުރަވަމުން ދިޔަ އިސްތަށިގަނޑު ނިކަން ރީތިކޮށް އޮމާންކޮށްފައެވެ.

"މަރުހަބާ ކުޑަ ސާހަބް..." ކައިލްގެ ބަޓްލާ ބިންޔާމިން އަދަބު އަދާކުރުމުގެ ގޮތުން ކުޑަކޮށް ގުދުވެލިއެވެ.

"ކިހިނެއް ބިންޔާމިން؟"ކައިލް ކުޑަކޮށް ބޯ ޖަހައިލަމުން އަހައިލިއެވެ.

"ވަރަށް ރަގަޅޭ އަޅުގަނޑު ބުނާނީ ކުޑަ ސާހަބް..." ބިންޔާމިން ގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނުނެވެ. ބިންޔާމިން އޭނަގެ ސާހިބާދެކެ އިންތިހާއަށް ރުހެއެވެ. ހުރިހާ ޚާދިމުންނާއި އަޅާލާ ރަގަޅު ޒުވާނެކެވެ. ބައެއްފަހަރު އެމީހުން ޖެހިލުންވެ ބިރުގަންނަގޮތްވިޔަސް އަދި ކައިލްއާއި ދިމާވާ ފަހަރު ކިތަންމެ ބަސް މަދުކަމުގައިވިޔަސް އެފަދަ ކޮންމެ ފަހަރަކު ބިންޔާމިންގެ ހިތަށް އުފާވެރިކަން ލިބެއެވެ.

ކައިލްގެ ގަނޑުވަރު އެންމެ އަގުހުރި ވަކަރުން ބިނާކޮށް ޑިޒައިންކޮށްފައިވަނީ ދުނިޔެ ދުށް އެންމެ މަޝްހޫރު ފަރުމާވެރިންގެ ތެރެއިން ހޮވާލެވޭ މީހެކެވެ. ފުޅާ އަދި ޗާލުކަމެއް ހުރި އެ ސިޑިބަރީގައި ހުރި މުށިކުލައަށް ބޮޑު ޗާންދަލިޔާގެ އަލި އެޅުމުން އެ ގެނުވާ ލޮލަށް ފިނިކަން ލިބޭ ރީދޫ އަލިން މުޅި ހިސާބަށް ދިރުން ގެނުވައެވެ. ދިގު އަދި ފުޅާ އަގުހުރި އާސާރީ ކުޑަދޮރުތަކުގެ ހިތްގައިމުކަން އިތުރުކޮށްދެނީ ޖަރީކޮށްފައިވާ ގޮތާއެކު ޒަމާނީ އާއި އާސާރީކަންވެސް ދައްކުވާތީއެވެ. ކަނައަތްފަޅީގައި ބޮޑުކޮޓަރި އަދި ވައަތްފަޅީގައި ބަދިގެއާއި ކާ ބަޔެވެ. މަތީގައި އެތައް ކޮޓަރިތައްވަނީ މެހުމާނުން ގިނަވިޔަސް ފުދޭވަރަށެވެ.

މިކާލް މިސްރާބު ޖެހީ ބަދިގެއާއި ދިމާލަށެވެ. ކައިލްއާއި ބިންޔާމީން ސިޑިބަރި ކަޑައްތުކޮށް މަތީ ބަޔަށެވެ.

"ހެނދުނު ހޭލީއްސުރެ އިންތިޒާރުގައި އިނީ..." ބިންޔާމީން ކޮޓަރިއެއްގެ މަހޮގަނީ ވަކަރުން ހަދާފައިވާ ދޮރު ހުޅުވައިލަމުން މަޑުމަޑުން ބުނެލިއެވެ. އެކޮޓަރީގައި ރީދޫ އަދި ޕާސްޓްލް ނޫކުލަވެސް އެކުލެވެއެވެ. ދިގު ބިއްލޫރި ދޮރުތަކުން ފެންނަ މަންޒަރު ކިތަންމެހާވެސް ހުވަފެނީއެވެ. ދުރުދުރަށް ދާންދެން ފަރުބަދަތަކެވެ.އަރާމު ގޮނޑިއެއްގައި އިނދެ ހަތަރު މޫސުމްގެ ރީތިކުލަތައް ދެކެލާ ރިލެކްސްކޮށްލަން އެންމެ ފުރިހަމަ ތަނެވެ. އިރުއަލީގެ މަޑު ފިޔާތޮށިކުލައިގެ ވިދުން ސްނޯއިން ފުރިފައިވާ ފަރުބަދައިގެ މައްޗަށް އޮހި ޕައިން ގަސްތަކުގެ ކުރީގައި ބޮސްދެމުން ދިޔައީ އާޝޯޚުވާހާ ފުރިހަމައަށެވެ.

"މާމާ..."ކައިލް ހިނިތުންވެލިއެވެ. ޒާފިރާ އިނީ ކުޑަދޮރު ކައިރީ ހުރި އުނދޯއްޔެއްފަދަ ގޮނޑިއެއްގައެވެ. މަޑުމަޑުން ހެއްލަމުން ދިޔައެވެ. ތަސްބީހަ އަތުގައި އޮތެވެ. ތާއަބަޒި ޒިކުރުކުރުމުގައި ވަރުބަލިކަމެއް ނެތެވެ. އެމޫނުގައިވަނީ ނޫރާނީކަމެކެވެ. ޒާފިރާ އެނބުރި ހީލިއިރު ލޮލުގެ ކަނުގައި ކުދި ރޫތައް ފައުޅުވިއެވެ.

"ކައިލް...މާމަގެ ކޮއިފުޅު އައީ...." ޒާފިރާ އަތް ދިއްކޮށްލައިފިއެވެ. ކައިލްގެ އަންގި ލައްވާފައިވާ އަތްތިލަ މާމަގެ އަތުގެ ތެރޭގައި ބޭއްވިއެވެ. ޒާފިރާ މަޑުމަޑުން ފިރުމައިލިއެވެ. ޒާފިރާގެ އަތް ނަގާ އެ އަތް ވަށައިލެއްވީ ލިލީ މާ ބުކޭއަކުންނެވެ. ޒާފިރާ އެ މާބޮނޑި ނޭފަތާއި ކައިރިކޮށްލުމާއެކު ލޮލުގެ ރޫތައް ފުންވިއެވެ. ލިލީގެ މީރުވަސްދެކެ އިންތިހާއަށް ލޯބިކުރެއެވެ.

ކައިލް ލުޒާންގައި ގިނަދުވަހަށް މަޑުނުކުރިޔަސް ކޮންމެ ދަތުރެއްގައ މާމައާއެކު ގިނަވަގުތ ހޭދަކުރަން އިސްކަންދެއެވެ. ޒާފިރާވެސް ދަތުރުކުރަން ލޯބިކުރާކަމުން ކިތަންމެ ފަހަރަކު ޒިއުރިކަށްގޮސް ކައިލްއާއެކު ވަގުތު ހޭދަކުރިއެވެ. ޒާފިރާގެ އިސްތަށިގަނޑު އެއްކޮށް ހުދުވެ ސްނޯކޮޅަކަށްވިޔަސް މޫނުމަތިން އުމުރަށްވުރެ ހަނގުކަމަށް ދައްކައެވެ. ކޯތާފަތް ފިޔާތޮށިކުލަ އަރާފައި ސިއްހަތު ރަގަޅުކަމަށްވެސް ދައްކައެވެ.

"މާމައަށް ފިންޏެއް ނުވޭތަ؟" ޒާފިރާ މާމަގެ ކަނދުރާގައި އިތުރު ޝޯލެއް އޮޅާލަދިނެވެ. އަދި ކަކޫ ޖައްސާލައިގެން ކައިރީގައި އިށީނެވެ.

"މާމަ މުޅިން ރަގަޅު. ކޮއިފުޅާ އެއްޗެއް ކައިފިންތަ؟ބަދިގޭގައި އުޅޭ ކުދިންކޮޅު ކައިރީ މާމަ ބުނިން ކޮއިފުޅަށް މީރު އެއްޗެހި ތައްޔާރުކުރާށޭ..." ޒާފިރާގެ ނަޒަރު އެހެން ދިމާލަށް ހޫރުނަސް އޭނަ ކައިލްގެ އަންގި ލެއްވި އަތުގައި ހިފަހައްޓާލައިގެން އިނެވެ. ދުނިޔޭގެ ހުރިހާ މުދާތައް އެއްކުރިކަމުގައި ވިޔަސް ޒާފިރާގެ ލޮލުގެ ފެނުން އަނބުރާ އަންނާނެ ކަމެއް ނޭގެއެވެ. އެއީ ކައިލްގެ ހިތަށް ތަދުވާ ކަމެކެވެ. އޭނަގެ މާމަގެ ލޮލަށް ފެނުމަށް ކައިލް ހާދަ ވަރަކަށް އެދެއެވެ. އެކަމަކު އެކަމާ ޒާފިރާ ދުވަހަކުވެސް ޝަކުވާއެއްނުކުރެއެވެ. އޭގެ ބަދަލުގައި ޒާފިރާ ބުނީ އެއީ ނިއުމަތެއް ކަމުގައެވެ. ސަބަބަކީ މީހުންގެ ރަހުމެއްނެތް އަނިޔާވެރި އަމަލުތައް ދުށުމުން ލޯ މަހުރޫމް ވެފައިވާތީއެވެ. އެހެންވުމުގެ ސަބަބުން ހިތަށް ހަމަޖެހުމެއް ލިބިފައިވިއެވެ. ދަރިފުޅު އަނާލިއާއަށް ދެވުނު ތަދު އޭނަގެ ލޮލުގެ ފެނުން ގެއްލުމާއި އަޅާ ނުވެސް ކިޔޭނެއެވެ. އެކަން ދަންނަނީ ހަމައެކަނި ޒާފިރާއެވެ. ހުރި ހަމައެކަނި އަންހެންދަރިފުޅު އަނާލިއާގެ މަތިން ހަނދާން ނުކުރާ އެންމެ ދުވަހެއްވެސް ވޭތުވެގެނެއް ނުދެއެވެ. އިންސާފު ލިބެންދެން ހަނދާން ނުނެތޭނެކަމަށް ޒާފިރާ އުއްމީދުކުރެއެވެ. ހިތަށް ހަމަޖެހުން ލިބޭނީ އެ ދުވަހަކުންނެވެ. ކައިލް ހުރިހާ ކަމެއް ރަގަޅުކުރާނެކަން އޭނައަށް އެނގެއެވެ. އެއީ އެންމެ ފުރިހަމަ މާމަ ދަރިފުޅެވެ. އެންމެ ފުރިހަމަ ފިރިހެން ދަރިފުޅެވެ. އަނާލިއާ އެކަން ދެކެން ހުރިނަމައެވެ.

"މިފަހަރު ކިހާ ދުވަހެއްވާންދެން މަޑުކުރާނީ؟" ޒާފިރާ ސުވާލުކުރިއެވެ.

"މާމަ ބޭނުންހާ ދުވަހަކަށް. ޒިއުރިކްގެ މަސައްކަތްތައް ނިންމާލައިފިން.."ކައިލް ޒާފިރާގެ އަތަށް ފިތާލައިފިއެވެ. މާމައަކީ އޭނަގެ ހުރިހާވެސް އެއްޗެކެވެ. އޭނަގެ މިދުނިޔޭގައިވާ ހަމައެކަނި މީހަކީ އެއީއެވެ. ފަހަރެއްގައި ހަމައެކަނި މީހާއެއް ނޫނެވެ. ފަހަތުން މީހަކު ކަރުކެހިލުމުން ކައިލް ހިތާހިތުން ކިޔާލިއެވެ.

"އިސްހާގު..."ކައިލް ތެދުވަމުން ގޮވައިލިއެވެ.

"ވެލްކަމް ހޯމް ދަރިފުޅު....."އިސްހާގު ކައިލްއާއި ސަލާމްކޮށްލިއެވެ. އެވަގުތު މިކާލް ދޮރުން ބޯ ދިއްކޮށްލިއެވެ."ކާ އެއްޗެހި ހިހޫވަނީ"

ކައިލްގެ ވަށައިގެންވަނީ އޭނައަށް އަޅާލާ މިހުރިހާ ދުވަހު އޭނައަށް ހިތްވަރު ދިން މީހުންނެވެ. ލޯބިވާ އަޅާލާ އާއިލާއެއް އޭނަ ހޯދައިފިއެވެ. އިސްހާގުވެސް އެތައް ދިގު ސެޝަންތަކުގެ ފަރުވާއިން ސަލާމަތްވިއެވެ. ބޭސްނިމުނުއިރު ވަރަށް ބޮޑަށް ހިކި ކޯތާފަތް ވަޅުވަދެއްޖެއެވެ. އުމުރުން މާ ދުވަސްވީކަމަށް ދެއްކިއެވެ. އެކަމަކުވެސް ﷲ ސުބުހާނަހޫ ވަތައާލާ އޭނައަށް ޝިފާދެއްވިއެވެ. އޭނަ ދިރި ލެހެއްޓެވީތީ ހުރިހާ ހަމްދެއް އެފަރާތަށެވެ. އެވަރުން ހިތްހަމަޖެހެއެވެ.

އިސްހާގު ކައިލްގެ ގަނޑުވަރުގައި ދިރިއުޅެމުން ލުޒާންގައި ކައިލްގެ ވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އަމިއްލަ މަންމައަކާއިމެދު އަޅާލާވަރަށް އޭނަ ޒާފިރާއަށްވެސް އަޅާލާ މަންމަ ކަމުގައި ދެކުނެވެ. ޒާފިރާގެ ދަނބިދަރިއެއްގެ މަގާމު އެއް އިރެއްގައި ނުލިބުނީ ހަމަ ކިރިޔާއެވެ. ޒާފިރާވެސް އޭނައާއިމެދު ދެކެނީ ދަރިއެއްފަދައިންނެވެ. އަދި އޭނަ އިސްހާގަށް މާފުވެސްކޮށްފިއެވެ. ކައިލްއަށް އެހީތެރިވެ އޭނައަށް މަގުދައްކައިދިނީ އިސްހާގުކަން ޒާފިރާއަށް އެނގުނެވެ. އެކަމާއި ޒާފިރާގެ ހިތް ޝުކުރުން ފުރުނެވެ. އަދި އިސްހާގުއާއި އަނާލިއާގެ ކައިވެނިކޮށްދެވުނު ނަމައޭ ހިތަށް އެރިއެވެ. އެދެމީހުން ކައިވެނިކުރިނަމަ ކަންތައްވެގެން ދިޔައީހީ ހާދަ ތަފާތުކޮށެވެ.

"އެނގޭތަ؟މާމަ މިދުވަސްކޮޅު ނިކަން ހޮސްޕިޓަލަށް ދާހިތުން އުޅޭ."އިސްހާގު އެވާހަކަ ފެށުމުން ޒާފިރާ އަމިއްލަ ތުންފަތުގައި އިނގިލި ޖައްސައިލަމުން ނިތްކުރިއަށް ރޫ އަރުވާލިއެވެ.

"ކިހިނެއްވީ؟ މާމަ ބަލީތަ؟"ކައިލް ނުތަނަވަސްވި ވަރު މޫނުމަތިން ފެނުނެވެ.

"މާމަ ގަޔާވާފަދަ ޑޮކްޓަރެއް އެތާ މަސައްކަތްކުރާތީ.." އިސްހާގު ހިނިގަނޑެއް ޖަހައިލުމުން މިކާލް ތުނބުން ފުމެލިއެވެ." އަހަރެމެންގެ ޒާފިރާ އާންޓީގެ ހިތް އަތުލައިގަތް ޗާމިން ފިރިހެނާއަކީ ކާކުތަ؟"

"ކޮންކަހަލަ މޮޔަ ވާހަކައެއް؟" ޒާފިރާގެ ތުންފަތަށް ފަނޑު ހިންޏެއް ވެރިވިއެވެ.

"މަންމައަށް އެނގޭތަ؟ މަންމަވެސް އަދި އެފަދަ ކަމަކަށް އެހާ މުސްކުޅިއެއްނުވެއޭ...." އިސްހާގުވެސް ލޯ މަރައިލިއެވެ.

"ތިހާ މުސްކުޅި ފިރިހެންދަރިއެއްގެ މަންމައަކަށް އަހަރެން ވާނީ ކިހިނެއްތަ؟" ޒާފިރާ ޗައް ކަނޑައިލިއެވެ. މާމަ ހިނިތުންވެ ސަމާސާ މިޒާޖެއްގައި އިންތަން ފެނި ކައިލްގެ ހިތަށް އުފާވެރި އިހުސާސްތަކެއް ކުރެވުނެވެ. މާމަ ދުވަހަކުވެސް މިހާ އުފަލުން އިންތަނެއް އޭނަ ނުދެކެއެވެ. އެމީހުން ތަންކޮޅެއް ކުރިން އުޅުނު ހާލާއިއެކު އޭރު ދުނިޔެވެސް ރަހުމެއް ނުކުރިއެވެ. އެކަމަކު މިހާރު އެމީހުންނަށް ތަނަވަސް ދިރިއުޅުމެއް ދެއްވައިފިއެވެ. އެންމެ އުހާއި ހަމަޔަށް ދެވެން މަދު ފިޔަވަޅުތަކެވެ. އަދިވެސް އެއްކަމެއްހެ ހައްލު ނުހޯދެއެވެ. މަންމަގެ މަރެވެ. އޭރުން ޒާފިރާއާއި ކައިލްއަށްވެސް ދާއިމީ ހަމަޖެހުމެއް ލިބިދާނެއެވެ.

"އެ ފިރިހެނާއަކީ ކާކުތަ؟" މާމައާއި ފިރިހެނަކު އެގޮތަށް ދިމާކުރުމުން ނުރުހިފައި ކައިލްގެ ބުމަ ކައިރިކޮށްލުމުން އިސްހާގު ކޮނޑު އަރުވާލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ.

 

 

***

 

ވިންޓަރފެލްގެ ގޭޓް ހުޅުވާލުމާއެކު ކާރު ކުރިއަށް ދުއްވާލައިފިއެވެ. ކާރު މަޑުކޮށްލުމާއެކު ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ. އައިޒަކް ހުރީ އަގުބޮޑުސޫޓެއްގައެވެ. އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި ހުރިއިރު އޭނަވީ ހިތްތައް ދަމައިގަންނަފަދަ ރީތި ޒުވާނަކަށެވެ. މުށިކުލައިގެ އިސްތަށިގަނޑުވެސް ކަނދުރާއާއި ހަމަޔަށް ފޯރައެވެ. ގިނަ ގަޑިތައް މޫދާއި އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑަށް ރަންކުލަ ވެރިވެފައި ފިނީގެ ސަބަބުން އަނެއްކާ ކުލަ ފަނޑުވާން ފަށައިފިއެވެ. ސައުވީސް އަހަރުގައި އޭނަގެ ތުނބުޅިވެސް ކޮންމެވެސް ވަރަކަށް ފަޅައިފިއެވެ. އޭނަ އެދެނީ ތުނބުޅި ދިގުވުމަށެވެ. ތުނބުޅިއަކީ ފިރިހެނާގެ އެންމެ ފުރިހަމަ ސިފަ ނޫންހެއްޔެވެ؟ އައިޒަކް އަވި އައިނު ނެގުމުން އޭނަގެ އަޅި ލޯ ފައުޅުވިއެވެ. ގޭތެރޭގައި ފައި އެޅުމާއެކު ޖޫލީ އައިގޮތަށް އޭނަގެ ކޯޓު އަތުލިއެވެ. އޭނަ މިއައީވެސް ސިއެނާއާއި އެކުވެރިންނާއެކު ޑައުންޓައުންގައި ހުރި ރެސްޓޯރެންޓެއްގައި އޭނަގެ އުފަންދުވަސް ފާހަގަކޮށްފައެވެ. ސިއެނާގެ ވެނީލާ ސެންޓްގެ ވަސް އޭނަގެ ހެދުމުގައި ހަރުލާފައި އަދިވެސް ވިއެވެ. އަންހެންކުދިންނާއި އެކުދިންގެ ސެންޓްތަކެވެ.

އައިޒަކް ކިނބިހި އެޅިތަނުން އޭނަގެ މަންމަވެސް އެތަނަށް އައެވެ.

"އޯ.....ޑިއަރ. ރޯގާ ޖެހުނީތަ؟އައިޒަކް. މަންމަ ބުނަމެއްނު ފިނި ދުވަސްތަކުގައި ހީފިލާވަރަށް ހެދުން ލާށޭ....."ޔާސްމީނު ކަންބޮޑުވުމާއެކު ދަރިފުޅުގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.

"މަންމާ ކާއެއްޗެއް ލިބިދާނެތަ؟ އައިމް ސްޓާވިން.." އައިޒަކް މަންމަގެ ކަންބޮޑުވުންތަކަށް ސަމާލުކަން ނުދީ އަވަހަށް އެތަނުން ދާން އުޅުނެވެ."މިދަނީ ރޫމަށް އެއްޗެހި ބަދަލުކުރަން.."

"ދަރިފުލު ސާރާއާއި ބައްދަލުކޮށްބަލަ. ކޮންއިރެއް އެކުއްޖާ އިންތިޒާރުކުރާތާ...."ޔާސްމީނުގެ ލޮލުގައި ވިދުމެއްވިއެވެ. އައިޒަކްއަށް އެނަމުގެ އަޑު އިވުމުން ފޫހިވިކަން އަންގަން ވަގުތުން ކަޅި އަނބުރާލައިފިއެވެ.

"ގެއަށް އަންނަތަނުން އޭނަގެ ވާހަކަ ދައްކަނީ ކީއްވެ މަންމާ..މަންމާ އެކަމެއްނުވާނެ. ވަރަށް ވަރުބަލިވެފައި މިހިރީ..." މަންމަގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އޭނަ ހިނގައިގަތީ ފުޅާ ސިޑިބަރިއާއި ދިމާލަށެވެ. ޔާސްމީން ލަސްލަހުން ބޯ ހޫރައިލިއެވެ. އައިޒަކްގެ އެހެރީ ހަމަ ބައްޕަގެ މިޒާޖެވެ. އޭނަގެ ހަރުދަނާކަމާއި ލިބުނު ކުރިއެރުންތަކާއިމެދު ޔާސްމީން ފަޚުރުވެރިވެއެވެ. އެކަމަކު ދަރިފުޅު ހާދަ ގޮތްދޫނުކުރެއެވެ.

ދެ ވިޔަފާވެރި ގުޅުވައިލުމުގެ ގޮތުން އައިޒަކްގެ ބައްޕަ ޔަޒީދު އަދި ބޮޑުބޭބެ ހައިތަމްވަނީ އެމީހުންގެ އެކުވެރިޔާ ޔޫސުފްއާއި އޮތް ގުޅުން އިތުރު ފަތްތަރަކަށް ގެންދާން ނިންމާފައެވެ. އަދި އެގޮތަށް އާއިލީ ގުޅުމަކަށް ގެންދެވޭނީ ކައިވެނިންނެވެ. ހަގީގަތުގައި އެދެބެންގެ މަންމަ ޒައިނަބު ބޭނުންވީ އާވާއާއި ޔޫސުފްގެ ފިރިހެންދަރިފުޅާއި ގުޅުވުމެވެ. އެކަމަކު އާވާގެ ހުންނަ ޅަގޮތްގަނޑާއި އެއްޗެހި އެނގި ޔޫސުފްގެ ތައުލީމީ ސީރިޔަސް ފިރިހެންދަރިފުޅު ވަގުތުން އެކައިވެންޏަށް އިންކާރުކުރިއެވެ. އައިޒަކްގެ ނަސީބު ދެރަކަމަށް އޭނަ ނިންމީ ޔޫސުފްގެ އަންހެންދަރިފުޅު ސާރާ އޭނައާއި ރުހޭކަން އެނގުމުންނެވެ. ސާރާ އެކަން ސިއްރުކޮށްގެން ހުއްޓާ އެކުއްޖާ ލިޔެފައިވާ ނޯޓަކުން ސާރާގެ މަންމައަށް އެ ހަގީގަތް ފައުޅުވީއެވެ. ސާރާއަކީ އެދެމަފިރިންގެ ލޮލުގެ ނޫރެވެ. އެދެމަފިރިން ދަރިއަކު ނުލިބިގެން އެތައް އަހަރެއްވާންދެން މަސައްކަތްކުރިއެވެ. ސާރާގެ މަންމަ ބޭނުންވީ އަންހެންދަރިއެކެވެ. ސާރާއަކީ އެދެމަފިރިންނަށް ލެއްވި ރަހުމަތެކެވެ. އެކުއްޖާގެ ހިތް މީހަކަށް ދެވުނުކަން އެނގުމުން އެކަން ކާމިޔާބުކޮށްދޭން އެމީހުން މަސައްކަކުރިއެވެ.އައިޒަކްއާއި ސާރާގެ ކައިވެނި ކުރެވުނު ސަބަބަކީ އެއީއެވެ.

އައިޒަކްއާއި ސާރާގެ ކައިވެނި ކުރެވުނީ ވިންޓަރފެލްގައި ކުޑަ ހަފްލާއެއްގައެވެ. ސާރާ އެހާ ބޮޑު ހަފްލާއަކަށް ގަބޫލެއްނުވިއެވެ. އެދެމީހުންގެ ކައިވެންޏަށްޓަކާ އާއިލާއިން ޚަރަދުކުރަން އުޅުނުހާ ފައިސާތައް ސާރާ ދިނީ ސަދަގާތުގެ ފަންޑަށެވެ. މަޖުބޫރު ކައިވެންޏަކަށް ވުމުގެ އިތުރުން ސާރާއަކީ އައިޒަކް ގަޔާވާވައްތަރުގެ އަންހެންކުއްޖެއް ނޫނެވެ. އެހާ އަޅުވެރިއެވެ. އައިޒަކްއަށްވުރެ އުމުރުން ދެ އަހަރު ހަނގުވިޔަސް ދުނިޔެއާއިމެދު އޭނަ ދެކޭ ގޮތާއި އެކު ހަރުގޮތެއްވެސް ހުރެއެވެ. ބުއްދިވެރި ކުއްޖަކަށްވިޔަސް މައުސޫމްވެފައި މޮޔަކަންތައް ކޮށްލާފަހަރުވެސް އާދެއެވެ. މާ ބޮޑަށްވެސް މައުސޫމްއެވެ. ކައިވެންޏަށްފަހު ސާރާ ބޭނުންވިފަދަ ދިރިއުޅުމެއް ނުލިބުމުންވެސް އެކުއްޖާގެ އެހެރަ "ސްވީޓް"ކަމުން އައިޒަކް ރުޅިގަނޑު ފަޅައިގެންދާވަރުވެއެވެ. އޭނަ ކައިވެނި ކުރަން ބޭނުންވީ ސާރާއަކާ ނޫނެވެ. އެހެން ކުއްޖަކާއެވެ.

އައިޒަކްގެ ލޯ އޭނަ ދެކެން ބޭނުންވާ ފަރާތެއް ހޯދަން ހޯލްތެރެ ސްކޭން ކޮށްލިއެވެ. ނުފެނުމުން އޭނަ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އޭނަ ކައުޗުގައި ޖައްސާލުމަށްފަހު ޓައީއަށް ދޫކޮށްލިއެވެ. ގަޑިވެސް ޗެކްކޮށްލީ ތާރީޚު ބަލައިލުމަށެވެ. ކައިވެންޏަށް އޮތީ ބަރާބަރު އެއްމަހެވެ. އެނދުމައްޗަށް ފޯނު އެއްލައިލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓަން ފެށިއިރު ތުންފަތުގައި ވީ ހިނިތުންވުމެކެވެ.

"ގޯޝް.....ޓަކި ނުދެވެނީތަ؟" އައިޒަކް ހަޅޭއްލަވައިގެންފާ އަވަހަށް ގަމީސް އޮޅާލާ އޭނަގެ މޭމަތި ފޮރުވާލައިފިއެވެ. އެއީ ސާރާއެވެ. އައިޒަކް އޭނަގެ ނަޒަރު ވަގުތުން ޖެހިލުން ކުޑަކަން އަންގާގޮތަކަށް ބަދަލުކޮށްލީ ކާކުކަން އެނގުމުންނެވެ.

"ހެލޯ...." އޭނަ އަތް ހޫރައިލަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.

ކޮމެންޓް 0