" ތިބާއަށް ދޭހަ ނުވާ ކަންތައްތަކުގައި ﷲ ސުބުހާނަހޫ ވަތައާލާއަށް އިތުބާރުކޮށް އެ ފަރާތަށް ހުރިހާ ކަމެއް ދޫކޮށްލާށެވެ.***

"އެހާ ރަގަޅު އޮފާއެއް ދޫކޮށްލުމަކީ ފުދޭވަރެއްގެ އަދަބެއްނެތް ކަމަކަށް ނުވާނެތަ އިސްހާގު؟" ކައިލް ސިމްބާ އުރާލައިގެން ތެދުވުނެވެ. އިސްހާގުއާއި މިކާލް އެކަކު އަނެކަކަށް ހައިރާންކުރުވަނިވި ނަޒަރަކުން ބަލައިލިވަގުތު މިކާލް ކޮނޑު އަރުވައިލިއެވެ. އެދެމީހުން ކުރެ އެކަކަށްވެސް ނޭގުނީ ކައިލް އެ ހަފްލާއަށް ދާން ނިންމި މަގުސަދެވެ.

"ކޮންމެހެންވެސް ސިޓީއެއް ފޮނުވާފައި އެ ހަފްލާއަށް އަންނާނެކަމުގެ ޔަގީންކަން ދެއްޗޭ..."

***

ތަނަވަސްކަމާއި ހައިބަވަންތަކަމުން ފުރިފައިވާ އެކޮޓަރިތެރޭގައި ހުރި އެނދުވެސް އެންމެ މީހަކަށް ނިދާލާ ވަރަށްވުރެ އެތައް ގުނަ ބޮޑެވެ. އެހާ އަރާމު އުސް ގޮދަޑިއެކެވެ. ގިނަ ފަރުނީޗަރުތަކުގައިވަނީ މުއްސަދި މުށިކުލައެކެވެ. ހައިވަކަރު މުށިކުލައިގެ ތަޅުމެވެ. ކްރީމް ކުލައިގެ ސީލިން އިން އެލުވާފައިވާ ތަފާތު ޑިޒައިންގެ ބޮކިތަކެވެ. ކައިލްގެ ލޮލުގެ އެސްފިޔަތައް ތަޅުވާލާފައިވެސް ހުޅުވައިލަން ބޭނުމެއްނުވިއެވެ. އަދިވެސް ހޭލާކަށް އޭނަގެ ޟަމީރު ތަނެއް ނުދިނެވެ. އަދިވެސް އިތުރަށް ނިދައިލަން ހިތް އެދެނީއެވެ. ރޭގައިވެސް ފުރިހަމަ ނިންޖެއް ނުލިބުނެވެ. ހޮސްޕިޓަލުގެ ހާދިސާއިން ސިކުނޑި ހަލަބޮލިވީއެވެ. ބަލިމީހާ ގެނބުނުގޮތާއި ހޮސްޕިޓަލުގެ މާހައުލު އޭނަގެ ހަޔާތުގެ އެންމެ ނުބައި ވަގުތުކޮޅު ވުޖޫދަށް ގެނުވައިފިއެވެ. އޭނައަށް އެކަމަކު އަލުން ނިދީގެ ތެރެއަށް ފީނައިލެވޭނެ ގޮތެއްވެސް ނުވިއެވެ. އަނެއްކާވެސް އެ އަޑު އަންނަން ފެށިއެވެ. މެދުކެނޑުމެއްނެތި އެއް ވާނަކަށް ތަނެއްގައި އެއްޗެއް ޖެހޭ އަޑެވެ. ކައިރި ތަނަކުންނެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ނިދި ބަރުކައިގެންފައި ހުރެވެސް އޭނަ ތެދުވުނެވެ. މަޑު ކްރީމް ދޫލައިގެ ތެރެއަށް އޭނަގެ ހުސް ފައި ގެނބިގެން ދިޔައެވެ. ބޮޑެތި ކުޑަދޮރުގައި ދަމާފައިވާ ފަރުދާތައް އެއްފަރާތަކަށް ކަހައިލިއިރު ދޮރުތަކުގައި ފިނި ހިފާލާފައެވެ. ނުލާއި ރަތްކުލައިގެ ވުޑްޕެކާ ދޫންޏެއް ކުޑަދޮރުގެ މަތީގައިވާ ތަނެއްގައި އިނދެފައި އެގޮތަށް ފަޅާ އެރުމާއެކު ކައިލްއާއި ދިމާލަށް ބަލަން އިންފަދައެވެ. ވަގުތުން އަޑުވެސް ކެނޑިއްޖެއެވެ. ހޫނުތަނެއްގައި ހާލި ހަދައިގެން އިންނަންވީމަ މި ފިނި މޫސުމްގައި މިތާ ކީއްކުރަނީހެއްޔެވެ؟ ނޫނީ މި ދޫނި މިއައީ އޭނަ ހޭލައްވަން ހެއްޔެވެ؟ ކައިލް ބަލަން ހުއްޓާ އެ ދޫނި އުދުހިފައިގޮސް ޖައްވުގެ ތެރެއަށް ގެއްލުނެވެ.

ކުޑަދޮރުން ފެންނަނީ ހިތްގައިމު އާޝޯޚުވާފަދަ ހިތްގައިމު މަންޒަރުތަކެވެ. ސްނޯއިން ފުރިފައިވާ ފަރުބަދަތައް ދުރުން ފެނިލާއިރު އެބިޔަ ބަގީޗާގައި ތަފާތު ވައްތަރުގެ ގަސްތަކެވެ. އެކަމަކު އޭގެ ރީތިކަން ފިނިމޫސުމްގެ ސަބަބުން ފޮރުވިފައެވެ. ފިނި މޫސުމާއި އޭނަގެ ހިތުގެ ހާލަތު ދާދި އެއްގޮތެވެ. ފިނިވެފައި ހުސްކަމުގެ ކޮޅެއް ނެތެވެ.

***

އެހެން މަންޒިލެއްގައި ނޯރާއަށް ހޭލެވުނީ އޭނަގެ އެލާމްގެ ސަބަބުންނެވެ. ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ދުރުން ފެންނަ މަންޒަރުތައް ދެކެން އިނެވެ.ކޮޓަރީގެ ބެލްކަނީއިން މަގާއި ދިގު އިމާރާތްތައް ހުރަހެއްނެތި ފެނެއެވެ. ހަށިގަނޑުގައި އޮޅާލައިގެން އިން ރަޖާ އިތުރަށް ބާރުކޮށްލުމަށްފަހު އޭނަގެ ލޯ ހިނގަމުން ދިޔައީ ސްނޯއިން ފޮރުވިފައިވާ ފަތެއް ނެތް ގަސްތަކަށެވެ. ފިނި މޫސުމް އަބަދުވެސް އޭނަގެ ހުރިހާ އެއްޗަކާއިމެދު ކުރެވޭ އިހުސާސް އިތުރަށް ފުންކުރުވައެވެ. އާދައިގެ ކުދި ކަންތައްތަކާއިމެދު ވެސް ޖަޒުބާތީވެދެއެވެ. ސްނޯ ވެހެން ފެށުމާއެކު ހަނދާނަށް އަންނަނީ އަށް އަހަރު ކުރީގެ އެ ފިރިހެންކުއްޖާއެވެ. ރަންމުށިކުލައިގެ ލޮލުގެ ވެރިޔާއެވެ. އެލޯ ސިފަކޮށްދޭން މީހަކު އެދިއްޖެނަމަ އޭނަ ބުނާނީ ކަޅު އަނދިރި ޖަންގައްޔެއްގެ ގަސްތަކުގައިވާ ފަތްތަކުގެ ތެރެއިން ފޭދިގެން އަންނަ އިރުގެ ރަން އަލިކަމުގައެވެ. އެލޯ ހަގީގަތުގައިވެސް ނޯރާ ގެ ހިތް ދަމައިގަނެއެވެ. ފެންނަ ކޮންމެ ފަހަރަކުއެވެ. އެތައް އަހަރެއްގެ ފަހުން ދިމާވުމުންވެސް އޭނައަށް އެކަން އިއްޔެވެސް ފާހަގަވިއެވެ. ކައިލް އޭނައަށް އެންމެ ސިޓީއެއްވެސް ނުފޮނުވިތާ އޭނަ ހުރިތަނެއް އެނގެންވެސް ބޭނުމެއްނުވިއެވެ. ނޯރާ އުޅުނު ހާލެއް އެނގުންވެސް މުހިއްމެއްނުވިއެވެ. އެންމެ ރަގަޅެވެ. ނޯރާ ވިސްނައިލިއެވެ. ކައިލް ކޮންމެހެން އޭނައާއިމެދު ވިސްނަން އޭނައަކީ ކައިލްގެ ކާކުހެއްޔެވެ؟ ލޭގެ ގޮތުން ގުޅުމެއް ނެތްތާގައި ލޯބިވެރިޔާއެއްވެސް ނޫނެވެ. އޭނައަކީ ބީރައްޓެއްސެކެވެ. ނޯރާ ދެނެގަންނަން ޖެހެނީ އޭނައަކީ ކައިލްއަށް މުހިއްމު މީހެއް ނޫންކަމެވެ. ނޯރާވެސް އެހާވަރުން ކައިލްއާއި ރުހެވުނީ އޭނަ ވަންނާނެ ހިޔާވައްސެއްނެތި ހުއްޓާ ބޯހިޔާވަހިކަމެއް ދިނީތީއެވެ. އަދި ވިއްސާރަ ރެއެއްގައި އޭނަ ކިޑްނެޕްކުރަން ފިރިހެނަކު އުޅެނިކޮށް ސަލާމަތްކޮށްދިނީތީއެވެ. އަދި ސްނޯވެހެމުން ދިޔަ ދުވަހެއްގައި އޭނައާއި ފުރަތަމަ ފަހަރަށްހީލީމައެވެ. އެ ކޯތާފަތަށް އެޅުނު އަޑިކޮޅު އޭނަވެސް ހައިރާން ކުރުވަނިވި ގޮތަކަށް ހިތާ ކުޅެލި ގޮތެވެ. ކައިލް އަދި އޭނައަށްޓަކާ ލަވެންޑަރ ގަހެއްވެސް ހޮވިއެވެ. ވީމަ އޭނަގެ ހިތުގައި ކައިލްއަށްޓަކާ އިހުސާސް ނުއުފެދެންވީ ކީއްވެހެއްޔެވެ؟ ލަވެންޑާ ގަހުގެ ފަތްތަކުގައި ފިރުމަމުން ދިޔައިރު ނޯރާގެ ކޯތާފަތުން ތިރިއަށް ހޫނުކަރުނަތިކިތައް ދެމިގަތްކަން އޭނައަށް އިހުސާސްވިއެވެ. ނޯރާ މަޑުމަޑުން ހުނެވެ. ނޫނެކެވެ. އޭނަ ރޮނީއެއް ނޫނެވެ. އެއީ ފިނިމޫސުމްގެ ފިނި ވައިރޯޅިތައް އެންމެ އެކަށީގެންވާ ވަގުތު އޭނައަށް ހަމަލާ ދިނީއެވެ.

އެ ލަވެންޑާ ގަސް މަޑުމަޑުން ބޮޑުވެ ފޯދެމުން ދިޔައީ ސިއްހަތު ރަގަޅުކޮށެވެ. ބޮޑުވަމުން ދިޔަ ލަވެންޑަރ ގަސް ކިތަންމެ މުށިތަކަށް ބަދަލުކުރާން ޖެހުނެވެ. އަދި ބެލްކަނީއިން ފެންނަގޮތަށް އޭނަ ކިތަންމެ ލަވެންޑާއެއް ބަގީޗާގައި ހެއްދިއެވެ. ކައިލް ދިން ލަވެންޑާ ގަހަށް އޭނަ ޚާއްސަ ސަމާލުކަމެއް ދިނެވެ. މަރުވިޔަނުދީ ބަލަހައްޓަން އޭނަ ހާދަ ހިތްވަރުކުރިއެވެ. ދެވަނަފަހަރަށް އޭނަގެ އެލާމްގެ އަޑު އޭނަގެ ޚިޔާލުން ނެރުނެވެ. އޭނަ ޑިއުޓީއަށް ދާން ޖެހޭ ވަގުތު އިންޒާރުދިނީއެވެ. ހަގަޑި ބައިވެއްޖެއެވެ. ހަތެއްޖަހާއިރަށް ޑިއުޓީއަށް ހާޟިރުވާންޖެހެއެވެ. އަވަސް އަރުވާލާފައި ހޫނުފެނުން ފެންވަރާލުމަށްފަހު ތާޒާކަން އިހުސާސްވިއެވެ. ހޮސްޕިޓަލަށް ދާ މަގުމަތީގައި ނާސްތާ ކޮށްލާނެ އެއްޗެއް ގަނެލާނީއެވެ. މާގިނަ ވަގުތެއް ނެތެވެ. ޚިޔާލުތަކަށް ގެއްލިފައި ބައިގަޑިއެއްހާއިރު ބޭކާރުކޮށްލެވިއްޖެއެވެ.

***

އެގޭގެ އެހެން ކޮޓަރިއެއްގައި އައިޒަކް އޮފީހަށް ދާން ތައްޔާރުވެ ނިމުނެވެ. ރީތިކޮށް އިސްތިރިކޮށްފައިވާ ބިޒިނަސް ސޫޓުގައި ހުރިއިރު އޭނަގެ މުށިކުލައިގެ އިސްތަށިގަނޑު އޮތީ ފެނުގެ ސަބަބުން ތެތްކޮށެވެ. ހުދު ގަމީހުގެ ގިރުވާނުވެސް ކޮންމެވެސް ވަރަކަށް ތެމުނެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލަންވީކަމުގައި އޭނަގެ ހިތް ބުނެލީ އިސްތަށިގަނޑުގައި އިނގިލިތައް ހިންގައިލަމުންނެވެ. އިސްކޮޅު ސައިޒްގެ ބޮޑު ލޯގަނޑުން އަމިއްލަ ހަށިގަނޑަށް ނަޒަރު ހުއްޓައިލިއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ނޯރާވެސް އެކުޅެނީ ކުޅިގަނޑެކެވެ. އަންހެންކުދިންގެ ކުޅިގަނޑު އޭނަ މާ ރަގަޅަށްވެސް ދަނެއެވެ. ސަބަބަކީ އޭނަގެ މި ހިތްގައިމު މޫނާއި ދެކޮޅު ހަދަން ކެރޭނީ ކާކަށް ހެއްޔެވެ؟ ނޯރާ އޭނައާއި ކައިވެނި ކުރަން އެހާ ޝައުގެއް ނެތްކަމަށް ހެދިގެން ހުރިޔަ ދޭށެވެ. އެ ކުޑަ ކުޅިގަނޑު ކުރިއަށް ދިޔަދޭށެވެ. އަދިވެސް ކައިވެންޏަށް މައްސަރެއްހާ ދުވަސް އެބައޮތްތާއެވެ.

ހަޔާތުގައި ދިމާވި ކަންތައްތަކުގެ ތެރެއިން އޭނަ އެންމެ ހައިރާންކުރުވަނި ކަމަކީވެސް އޭނަގެ މާމަ ޒައިނަބު އޭނަ ނޯރާއާއި ކައިވެނިކުރަން އެއްބަސްވިލެއް އަވަސްކަމާއި ފަސޭހަކަމެވެ. އޭނަ ނޯރާއަށް ހުރި ޝައުގު ފައުޅުކޮށް އެންމެނަށް އެނގުނަސް އެންމެ ފުރަތަމަ އޭނަ ކައިރިން ނޯރާއާއި ކައިވެނި ކުރަން އެވަރުގެ ޔަގީންކަމެއް އޮތްތޯ އެހީވެސް ޒައިނަބުއެވެ. ޒައިނަބު ބުނީ އެހާ އަޅުވެރި ސާދާ ކުއްޖަކާއިއެކު ހަލާލު ނޫން ގުޅުމެއް އޮތުމަކީ އެކަށީގެންވާ ގޮތެއް ނޫންކަމަށެވެ. ފާފައަކަށް ނާރަން ވީހާވެސް އަވަހަށް ގާނޫނީ ގޮތުން ކައިވެނި ކުރަން ބާރު އެޅިއެވެ.

ޒައިނަބު އެ ވާހަކަ އޮޅުން ފިލިއިރު ހަގީގަތުގައި ކައިވެންޏާއި ހިސާބަށް އޭނަ ނުވިސްނައެވެ. އެކަމަކު ޒައިނަބުގެ ސުވާލުން އޭނަ ނޯރާގެ ފަހަތުން ދިޔުން ސީރިޔަސް ކަމަކަށް ހަދަން ހިތްވަރު ލިބުނެވެ. ކުޑައިރު ފަދައިން އައިޒަކް ބޭނުންވާ އެއްޗެއް އޭނަ އަބަދުވެސް ހޯދައެވެ. ދޮރުގައި މަޑުމަޑުން ޓަކިދިން އަޑު ކަންފަތުގައި ޖެހުމާއެކު ތުންފަތުގައި ވި ހިނިތުންވުން ފިލާ ބުމަ ކައިރިކޮށްލެވިއްޖެއެވެ. އެއީ ކާކުކަން އައިޒަކްއަށް އެނގުނެވެ.

"އެތެރެއަށް ވަދޭ ސާރާ..." ދެން އެއްޗެއް ވިސްނިގެން ގޮސް ދޮރު ހުޅުވާލައިފިއެވެ. ސާރާ ފެނުމާއެކު ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލީ ގަދަކަމުންނެވެ. ސާރާ އައީ އާވިއަރަ އަރާ ހުރި ކޮފީތަށްޓެއް ހިފައިގެންނެވެ. ކްރީމްކުލައިގެ ހިޖާބަކާއި ހެދުމެއްގައި މާތްގޮތަކަށް ހެދުން އަޅައިގެންނެވެ. ތާޒާ ސްޓްރޯބެރީގެ މީރުވަސް އައިޒަކްގެ ނޭފަތުގައި ޖެހުނެވެ.

"ގުޑްމޯނިން އައިޒަކް.." ސާރާ ކިޔައިލީ ރަކިވެފައި ހުރެއެވެ. އެހާ އަޑު ނާޒުކްވެފައި އޯގާތެރިއެވެ. ބީރުކަމާއެކުވެސް ސާރާއަށް އަމިއްލަ ނަފުސަށް އިތުބާރު އޮވެ ކިޔޭ އެއް ބަހަކީ އެއީއެވެ.

"އާނ ޔަގީންކޮށްވެސް ވަރަށް ރަގަޅު ހެނދުނެއް...." އައިޒަކް އަނގަ ހަރަކާތްކޮށްލީ އޭނައަށް ވެވުނުހާ ރަގަޅަށް ސާރާއަށް ދޭހަވާފަދަ ގޮތަކަށެވެ.

"އެކަމަކު ސާރާ މިކޮޓަރިއަށް ވަންނަން ދެން..."އައިޒަކްގެ ހިތުގައި ޖުމްލައިގެ އަނެއް ބައި އޮތީއެވެ.

އައިޒަކް ކޮފީއަށް ޝުކުރުއަދާކުރިއެވެ. ސާރާ ޖެހި ބުދެއްފަދައިން އެތާގައި ހުރީއެވެ.

ކައިވެންޏަށް އަށް މަސްވީއިރު އެދެމީހުން އެކީގައި އުޅޭ ދުވަސް މަދުވެފައިވި ސަބަބަކީ އައިޒަކް ދަތުރުކުރުން ގިނަކަމެވެ. ސާރާ ޚިދުމަތްތެރި އަންބެއްހެން ވިންޓަރފެލްގައި އޭނަ އެނބުރި އަންނަންދެން އިންތިޒާރުގައި ހުރެއެވެ. އެކަމަކު އައިޒަކްއަށް އަދިވެސް މިކަންތައްތަކަށް ހޭނޭ ގޮތެއްނުވިއެވެ. މި މައުސޫމް ކުއްޖާ އޭނައަށް ކޮފީ ހިފައިގެން އައުން ހެދުން އިސްތިރިކޮށްދިނުން އަދި ކޮޓަރި ސާފުކުރުންވެސް މެއެވެ. އޭނައަށް ބޭނުންވާވަރަށް އެކަންތައްކުރަން ޚާދިމުންވެސް އުޅެނީއެވެ. ތެދަށް ބުނަންޏާ ދެމަފިރިންކަމުގައި ވިޔަސް ދެމީހުން ދިރިއުޅެނީ ދެކޮޓަރީގައެވެ. އެއީ ވިންޓަރފެލްގައި އޮންނަ ގަދީމީ އާދައެކެވެ. ކޮންމެ މީހަކަށް އެމީހެއްގެ އަމިއްލަ ކޮޓަރިއެއް ހުރުމެވެ. ޒައިނަބުގެ ފިރިމީހާ ދުނިޔޭގައި ހުރިއިރުވެސް ޒައިނަބަށް ވަކި ކޮޓަރިއެއް ހުރެއެވެ. އެބޮޑު ގަނޑުވަރެއްފަދަ ގޭގައި އުޅޭ ކޮންމެ ދެމަފިރިއަކަށްވެސް އެމީހެއްގެ ޚާއްސަ ކޮޓަރި ހަމަޖެހިފައިވިއެވެ. ސާރާއަށްވެސް ހަމަޖެހުނު ކޮޓަރިއަށް އޭނަ އެއްބަސްވީ އެއްވެސް ދެކޮޅުހެދުމެއް ނެތިއެވެ. އަދި އެއްވެސް ވަރަކަށް އައިޒަކްގެ ކޮޓަރިއަށް ބަދަލުވާން ޚިޔާލެއްވެސް ނެތެވެ. އައިޒަކްވެސް އެކަމާއި ފަރުވާލެއްނެތެވެ. ސާރާއަކީ އަންހެނުންކަން އިހުސާސްވަނީ ހަމަ ކިރިޔާއެވެ. ބޮޑަށްދެކެވެނީވެސް ޚާދިމާއެއްގެ ގޮތުގައެވެ. ރީތި ޚާދިމާއެކެވެ.

"ސާރާގެ ކޮފީ ހަމަ އެމޭޒިން.." އައިޒަކް ކޮފީގެ ރަހަ ބަލައިލުމާއެކު ބުނެލީ ބޮޑުވާ އިނގިލި ހިއްލައިލަމުންނެވެ. މޭމަތީގައި ކޮފީތަބައް ޖައްސާލައިގެން ސާރާ ހުރީ އެފަދަ އެއްޗެއް ބުނެލުމުގެ އިންތިޒާރުގައިކަން އައިޒަކްއަށް ވިސްނުނީއެވެ. ދެން އަވަސް އަރުވާފައިވާ ކަހަލަ ގޮތަކަށް ތަބައް ބެހެއްޓުމަށްފަހު ސާރާގެ ހެދުމުގެ ޖީބުން ގަލަމަކާއި ނޯޓްފޮތެއް ނެގިއެވެ.

"ތިއުޅެނީ އޮފީހަށް ދާންތަ؟" ސާރާގެ ލިޔުން އަވަހެވެ.

"ހޫމް.."އައިޒަކް ބޯ ޖަހައިލިއެވެ.

"ކޮންއިރަކުން އެނބުރި އަންނަނީ؟" ޖެހިލުންވެފައި ސާރާ އެހިއެވެ."ފްރީވީމަ އަހަންނާއެކު ހިނގާލަން ގޮސްފާނަންތަ؟"

އައިޒަކްގެ ބުމަތައް މައްޗަށް ހިއްލުނީ އެ ރީތި ލިޔުމުން ލިޔެފައިވާ ޖުމްލަ ކިޔާލާފައި ހައިރާންވިލެއް ބޮޑުކަމުންނެވެ. ސާރާ ދުވަހަކުވެސް އެފަދަ ގޮތަކަށް އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. މިހުރިހާ ދުވަހު ޚާދިމާއެއްގެ ދައުރު އަދާކުރީ އުފަލާއެކުގައެވެ. އެކަން ބަދަލުކުރީ ކޮންކަމެއްހެއްޔެވެ؟ ޓުމާޓޯއެއްހެން ރަތްވި މޫނަށް އައިޒަކް ބަލައިލިއިރު އެކުއްޖާ ހުރީ ތަޅުންމައްޗަށް ބަލަހައްޓައިގެންނެވެ. ކާރުތައް ލިބެންހުއްޓާ އެހާ ވަރުން ހިނގާލަން ދާނީ ކާކުހެއްޔެވެ؟

"މިއަދަކު ނުވާނެ. ވަރަށް ބިޒީވާނެ." އައިޒަކް ސާރާގެ އަތުން ނޯޓްފޮތް އަތުލާފައި ލިޔުނެވެ. މިބީރު ކުއްޖާއާއި މިގޮތަށް އޭނަ މުއާމަލާރު ކުރާނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟ އައިޒަކް އެހެން ލިޔުމުންވެސް ސާރާ ހެވިފައި ހުރީ ދުނިޔޭގައި ހުރި އެންމެންގެ އިހުސާސްތައް އެންމެ އެނގޭ ކުއްޖާހެންނެވެ. ސާރާ އެއްޗެއް ލިޔަން ފެށުމުން އައިޒަކް އޭނަގެ ރިންގްވަމުން ދިޔަ ފޯނު ދައްކާލާފައި ނިކުމެގެން ދާނެ ބަހަނާއެއް ދެއްކިއެވެ. ސާރާއަށް ބަލައިލެވުނީ އޭނަގެ ނޯޓަށެވެ."ޓޭކް ކެއާ އެންޑް ހޭވް އެ ގުޑް ޑޭ އެޓް ވޯކް" ސާރާގެ ހިނިތުންވުން މަޑުމަޑުން ފޭދިގެން ދިޔައީ ޖޯޝްހުރި ދޫންޏެއްގެ ފިޔަކޮށައިލުމުން މައިތިރިވާފަދައިންނެވެ. އެހިތުގެ ހާލު ދެނެވޮޑިގެންވީ ހަމައެކަނި ހެއްދެވި ފަރާތެވެ.

***

"ސިއެނާ. ދިހައެއް ޖަހާ ބޮޑުވެއްޖެ...." މީހަކު ބާރުބާރަށް ގޮވާލައިފިއެވެ."ހެދުން ލިބިއްޖެ. ތިރިއަށް އައިސް ހެދުން ހެޔޮވަރުތޯ ބެލިއްޔާ ރަގަޅު..."

ސިއެނާ ފިޔާތޮށިކުލައިގެ ފަށުވި ބާލީހެއް ކަންފަތްމަތީގައި އަޅާ ބާރުކޮށްލައިފިއެވެ. މިހާ ހެދުނާ މަންމަގެ އަޑު އެހާ ހަރީ ކީއްވެހެއްޔެވެ؟

"ސިއެނާ މިސް.. ޔޯ ޑްރެސް ފޯ ވިންޓަރފެލް....."ޚާދިމާއަކު އެހިސާބަށް ބުނާއިރަށް ސިއެނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. ލޯ ތަންމިނަށް ހުޅުވާލުމާއެކު އޭނަގެ ހަނދާނަށް އައީ ވިންޓަރފެލްގައި އޮންނާނެ ޕާޓީއެވެ. ސިއެނާއަށް އެ ޚަބަރު ލިބުނީ އައިޒަކްގެ ފަރާތުންނެވެ. އެ ސަޔަށް ވިންޓަރފެލްއަށް އަންނާނެ ކަމަށް ބެލެވޭ ޚާއްސަ މެހުމާނުންނާއި ބެހޭގޮތުންވެސް މެއެވެ. އަދި އެތަނަށް އަންނާން އޮތް އެކަކީ ކައިލް އިސްހާގު ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނަގެ ޅަ ހިތް ހަލާކުކޮށްލި ފިރިހެނާއެވެ. އަށް އަހަރުކޮށްފައި ދިމާވާން މިއުޅެނީއެވެ. ބައްޕައެއްނެތް ފަގީރު ފިރިހެންކުއްޖަކު ބޮޑުވެގެން ކާމިޔާބު ވިޔަފާރިވެރިޔަކަށް ވެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ އޭނަގެ ހުށަހެޅުމަށް އެއްބަސް ނުވުމުން ބަދަލު ހިފުމުގެ ގޮތުން ފަގީރު ކޮޔެކޭ ކިޔާފައި ޚަބަރު ފެތުރިގޮތް ހަނދާންވުމާއެކު ކުޑަވެވުނެވެ. ކައިލް އެހުރިހާ ކަމެއް ހަނދާންނެތި އާ ފެށުމަކުން ފަށާނެކަމަށް އޭނަ އުއްމީދުކުރިއެވެ.

ސިއެނާ އޭނަގެ ރީތިވާ މޭޒުގެ ކުރިމަތީގައި އިށީދެލައިގެން އިނެވެ. އޭނަގެ ރީތިކަމަށް ފުރަގަސްދޭނެ އެއްވެސް ފިރިހެނަކު ނުވާނެކަން ޔަގީނެވެ. އޭނަ ހަގީގަތުގައިވެސް ޒުވާންވީއިރު ރީތި ހިތްތައް ދަމައިގަންނަފަދަ އަންހެނަކަށް ވެއްޖެއެވެ. އަދި އޭނަ މިއަދު އަޅާނީ އެންމެ ފުރިހަމަ ހެދުމެވެ.އޭނައާއި ވާދަނުކުރެވޭނީ ހަމައެކަނި ރީތިކަމުގެ ރޮގުގައެއް ނޫނެވެ. އޭނައަކީ ކާމިޔާބު ފެޝަން ޑިޒައިނަރެކެވެ. އަދި ހެދުމުގެ ބްރޭންޑެއްގެ ވެރިޔާއެވެ.

***

ވިންޓަރފެލްގެ ޅީ ދަރިންކަމަށްވާ ޔާސްމީނާއި ލިއާނާ ޚާދިމާއިންނަށް އޯޑަރު ދެމުން ހުރިހާ ތައްޔާރީތައް އެންމެ ފުރިހަމަގޮތުގައި ކުރާތޯ ބަލަމުން ދިޔައެވެ. އެދެ އަންހެނުންގެ މިޒާޖު ދިމާ އިދިކޮޅެވެ. ޔާސްމީން ބޮޑަށް ބުރަވަނީ އޭނަގެ ފިރިމީހާއާއި ދަރިފުޅުގެ ކަންތައްތަކުގައި އަވަދިނެތި އުޅުމަށެވެ. އަދި ޒައިނަބު ރުއްސަން މަސައްކަތްކުރުމުގެ އިތުރުން އޭނަގެ މަޑުމައިތިރި އަޅާލާ ސިފަތައްވެސް ހުރެއެވެ.

ލިއާނާ ބޮޑަށް ޝައުގު ހުންނަނީ ދުނިޔަވީ ތަކެއްޗަށެވެ. އޭނަގެ ސަމާލުކަން ދަމައިގަންނަނީ އެންމެފަހުގެ ފެޝަންތަކާއި ގަހަނާތަކާއި އެކުވެރިންނާއެކު ބާޒާރުކުރުމވެ. އޭނަގެ ދަރިފުޅު އާވާ އުޅެނީ ކޮންތާކުކަން ނޭގޭފަހަރުވެސް އާދެއެވެ. އަދި އެކަމާއި އެހާ ބޮޑަށް އަޅާލާވެސް ނަހަދައެވެ. އާވާ ބޭނުންގޮތަކަށް އުޅެން ދޫކޮށްފައި ބަހައްޓަނީއެވެ. އޭނަ އެކަންތަކާއި ޝާމިލުވަނީ ހައިތަމް އާވާއާއި ބެހޭގޮތުން ސުވާލުކުރިއްޔާއެވެ.

"ލިއާ. އާވާ ކޮބައިތަ؟" ޔާސްމީން އަހައިލީ އޭނަގެ އަތުގައި އޮތް ކާތަކެތީގެ ލިސްޓުން ނަޒަރު ވަކިކޮށްލަމުންނެވެ.

"އަހަންނަކަށް ނޭގޭ. ކީއްވެ އެހެން އެހީ؟"

"ޔަޒީދު ބުނި މިރޭ ޕާޓީއަށް ފުދޭވަރަކަށް ގަދަރުހުރި ޒުވާނުން އަންނާނެއޭ. ހައިތަމް އާވާއަށްޓަކާ ބައިވެރިޔަކު ހޯދަން ބޭނުންވާ ވާހަކަ ބުނި. އަދި ވަކި ޚާއްސަ މީހަކު ހައިތަމްގެ ޚިޔާލުގައިވޭ. އަހަރެންވެސް އެ ނަން ހަނދާންނެތިއްޖެ. މިދުވަސްކޮޅު ވަރަށް މަޝްހޫރުވެގެން އުޅޭ ޒުވާނެއް..." ޔާސްމީން ކިޔައިދިނެވެ.

"ޔަސް. އާވާ ގަބޫލުވާނެހެން ހީވޭތަ؟އަހަރެން ބުނާގޮތަށް ހައްދަން އުޅުމަކީވެސް ކުރެވޭ ކަމެއްނޫން. އެހާވެސް ސްޓަބްން. އަހަރެން ބުނެފާނަން. އާވާއާއި އެގޮތަށް އުޅެގަތް މީހަކަށް އާވާ ދުނިޔޭގެ ދެކޮޅު ދައްކައިލާނެ."

ޔާސްމީން ހިނި އައެވެ.

"އާވާއަށް ބޭނުންވަނީ ހަމަ ރަގަޅު ޒުވާނެއް. އޭރުން ހުރިހާކަމެއް ހަމަޔަކަށް އެޅިދާނެ.."

"އަހަރެންވެސް އުއްމީދުކުރަނީ އާވާ މީހަކާއި އިނދެގެން އަވަހަށް މިތަނުން ދާން.."ލިއާނާގެ އެ ޖުމްލައިން ޔާސްމީނު ސިހުނެވެ. މަންމައަކު ދަރިއަކު ގެ ދޫކޮށް ދާން އެދުނީމައެވެ.

"ހޫމް ..ޔަސް. ހަމަ ކުއްލިއަކަށް ހަނދާންވީ. އައިޒަކްއާއި ސާރާގެ ގުޅުން ކިހިނެއްތަ؟ އެއްވެސް ވަރެއްގެ ކުރިއެރުމެއް އައިތަ؟ ސާރާގެ ޕޭރެންޓުންވެސް މިރޭ އަންނާނެއްނު.."ލިއާނާގެ ޖުމްލައިން ޔާސްމީންވެސް ބޯ ޖަހައިލިއެވެ.

"ސާރާ އަށް ބަލާފައި ދެރަވެގެން ހުރިހެން ހިޔެއްނުވޭ. ނޫންތަ؟އަހަންނަށް ހީވަނީ ސާރާ އުފަލުން ހުންނަހެން. ފަހަރެއްގައި ސާރާއާއި ބެހޭގޮތުން އައިޒަކްގެ މައިންޑް ބަދަލުކޮށްލީކަމަށް ވާނީ...."

"ދެން ކީއްވެ އޭނަ ނޯރާއާއި ކައިވެނިކުރަނީ؟"ލިއާނާ އިތުރަށް އޮޅުން ފިލުވާހިތުން އަހައިލިއެވެ."ސާރާއަށް އައިޒަކްގެ ދެވަނަ އަންބެއްގެ ވިސްނުން ހަމަ އޯކޭތަ؟"

"ނޯރާއަކީ ޑޮކްޓަރެއް. ރަގަޅު މުސާރަ ލިބޭ. އެހާ ހިތްހެޔޮ.އެކުއްޖާގެ ޗާމްތަކަށް މަންމަ ހެއްލުނީމަ ހައިރާނެއްނުވޭ. މަންމަ އެހެރީ އެ ކައިވެނިކުރުވާ ހިތުން ކެތްނުލަވާފައި. ތެދަށް ބުނަންޏާ އަހަރެންވެސް ފުދޭވަރަކަށް ނޯރާދެކެ ރުހޭ. ޅީދަރިއެއްގެ ގޮތުން ނޯރާ ހުރުމަކީ އުފާވާކަމެއް. ކޮންމެހެން ސާރާ ގޯސްވީމައެއްނޫން. ސަބަބަކީ ސާރާ ފުދޭވަރަކަށް ހިމޭންވީމަ......"ޔާސްމީން ބުނަމުން ދިޔައެވެ.

"އެކަމަކު ނޯރާ އެކައިވެންޏާއިމެދު އެހާ ހިތްހަމަޖެހޭހެން ހިޔެއްނުވޭ. އައިޒަކް ދެއަހަރު ހަނގު ދޯ. އަދި ނޯރާ އޭނައާއިމެދު އަބަދުވެސް އަމަލުތައް ބަހައްޓަނީ ކޮއްކޮއެއް ފަދައިން."ލިއާނާ ހީގަތުމުން ޔާސްމީންވެސް ހީލިއެވެ. ލިއާނާ އެބުނީ ދޮގެއްނޫނެވެ. އެކަމަކު ޔާސްމީން އޭނަގެ ފިރިހެންދަރިފުޅުގެ ހިތް ދަނެއެވެ. އޭނަ ނޯރާދެކެ އިންތިހާއަށް ލޯބިވެއެވެ. ނޯރާ އެއްބަސްވެއްޖެއްޔާ ރަގަޅެވެ.

"އާވާ....." ދަރިފުޅު ސިޑިން ފައިބައިގެން އަންނަތަން ދެކެފައި ލިއާނާ ގޮވައިލިއެވެ. އަދި ދަރިފުޅާއި ދިމާލަށް އަވަހަށް ދިޔައެވެ."ގޭގައި އުޅޭކަމެއްވެސް ނުދެނެހުރިން. ކޮންތާކަށް ތި ނައްޓައިލަނީ؟

"އަހަރެން ދާތަނެއް ބެލުމުގެ ޝައުގު މަންމަގެ އުފެދުނީ ކޮންއިރަކު؟" އާވާ ތުންތަޅުވައިގަތެވެ. އެކިގޮތްގޮތަށް ފަށަލަތަކަށް ކޮށާފައިވާ އިސްތަށިގަނޑާއި ދޫ ކަޅުކުލައިގެ ޓީޝާޓް އަދި ބެގީ ޖިންސްގެ ސަބަބުން ފިރިހެންކުއްޖެކޭ ތަފާތެއްނެތެވެ.

"އާވާ. މިރޭ ބޭރުގައި އުޅެގެން ކަމަކުނުދާނެ. ބައްޕައަށް ފާހަގަނުވެ ނުދާނެ. ކޮންމެހެންވެސް މިރޭ ޑިނާގައި ބައިވެރި ވާން ޖެހޭނެ އިނގޭ.."

"ނުވާނެ. މާނައެއް ނެތް ތައުރީފުތަކާއި ފޭކް ހިނިތުންވުންތައް ހިފައިގެން އަންނަ މީހުންނާއެކު އުޅެން ނަފްރަތުކުރާ ވަރު މަންމައަށް ރަގަޅަށް އެނގޭނެ. އެމީހުން އަޅާލާހާ އެއްޗަކީ ފައިސާ. މިގޭތެރޭގައި އުޅޭ ކޮންމެ މީހެއްވެސް އަދި ބައްޕަގެ ކޮންމެ އެކުވެރިއެއްވެސް. އެކަހަލަ މޮޔަމީހުން އަހަރެން ވަށާލައިގެން ތިބޭ ތަނެއްގައި ހުންނާކަށް ބޭނުމެއްނޫން..."

"އާވާ..." ލިއާނާ ލޯ ބޮޑުކޮށްލަމުން އަޑެއް ލެއްވިއެވެ. އަދި އާވާގެ އަޑު މަޑުކުރަން އިންޒާރު ދިނެވެ. އާވާ ދާން އުޅެގަތުމުން ލިއާނާ ހިފަހައްޓަން މަސައްކަތްކުރިއެވެ. އާވާ އޭނަގެ މަންމަގެ އަތް ފޮޅުވައިލަން މަސައްކަތްކުރަނިކޮށް މަންމަގެ އަތުގައި ނޫފައިގެންފައިވި ތަންގަނޑެއް ލޮލުގައި އަޅައިގަތެވެ. ހެދުމުގެ އަތުކުރި ހާމަވި ވަގުތު ފެނުނީއެވެ. އާވާ އޭނަގެ މަންމަގެ އަތުގައި ހިފަހައްޓައިލިއެވެ.

"އޭނަ އަނެއްކާވެސް މަންމައަށް އަނިޔާކުރީތަ؟" އާވާގެ ލޮލުން އަލިފާނުގެ ހުޅު ރޯވިފަދައެވެ.

ނުނިމޭ

ކޮމެންޓް 0