އަހަރެމެން ގެ ފާފަތައް މަޚުލޫގުންނަށް އަހަރެެމެން ފޮރުވާއިރު އެ ފާފަތަކާއިގެން މިދަނީ ހެއްދެވި ފަރާތަށެވެ. އެފަރާތަށް ނުކިޔަމަންތެރިވާން އަހަރެމެން ލަދެއް ނުގަނެއެވެ. އަހަރެމެން މަރުވުމަށްފަހު ވާނެ ގޮތް ހަދާން ނައްތައިލަމެވެ. އަދި ހުދުކުލައިގެ ފޭރާން އޮޅައިލެވުމަށްފަހު ވާނެ ގޮތް ހަދާން ނައްތައިލަމެވެ."

***

"ކަލޭ އަދި މާމަގެ ސާމާނު ޕެކްކުރޭ. އަހަރެމެން ދަންވަރު މިތަން ދޫކޮށް ދަނީ...." އަނާލިއާ ވާހަކަދެއްކިއެވެ.

"ކޮންތާކަށް؟" ކައިލް އޭނާގެ މަންމަ ގާތުން އެހިއެވެ. އަނާލިއާ ޖަވާބެއްނުދީ ނިކުމެގެން ގޮސް ދޮރުން ބޭރުވިއެވެ. ޖަވާބެއް ނުދޭނެކަން ކައިލްއަށް ކުރިންވެސް އެނގުނެވެ. މަންމަގެ އާދަކާދަ މުޅިން ދަސްވެފައިވާތީ ޖަވާބަކަށް އެދި ސުވާލެއް ކުރުމަކީ ބޭކާރުކަމެއްކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ.

ކައިލްގެ ބެކްޕެކަށް އޭނާއާއި މާމަގެ ސާމާނު ގަންނަވާލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. މާމައާ ހަމަޔަށް އާދެވުނުއިރު މާމަ ފައިގައި ހިފަހައްޓައިގެން އިނދެ ކުކުރަމުން ދިޔައެވެ. ފައިތިލަ ދުޅަވެގެން ރަތްއަރާފައެވެ. އަލްޔަސްގެ ސަބަބުންނެވެ. ކައިލްގެ މުށް ބާރުކޮށްލާފައި އަނެއްކާ ހުޅުވިއެވެ. ތަކުރާރުކޮށް އެގޮތަށް ހެދީ އެތެރޭގައި ކެކިގަތް ރުޅިވެރިކަމުގެ އަލިފާން އޮއްބައިލެވޭތޯއެވެ. ޒާފިރާގެ ރޫޖެހިފައިވާ ކޯތާފަތްމަތިން ތިރިއަށް ދެމެމުން ދިޔަ ކަރުނަތަކަށް ބަލަހައްޓައިގެން ހުރެވުނީ ހިމޭންކަމާއެކު ހަދާނެގޮތް ހުސްވެފައި ހުރެއެވެ. އެމީހުންގެ ނިކަމެތިކަމާއެކު މާމައަށް ރަގަޅު ފަރުވާއެއް ހޯދެންވެސް އޮތީއެއް ނޫނެވެ.

ކައިލް އޭނާގެ ބެކްޕެކް އެއްލާލާފައި އެހެން ޓީޝާޓެއް ނަގައި މޫނުގައި މާސްކެއް ފަދައިން އޮޅާލާފައި ވިދުވަރެއްހާ ހަލުވިކޮށް ގެއިން ނުކުތެވެ. އަދި ބަގީޗާ ތެރެއިން ފެނުނު ދަބަރުޖެހި އަދި ދުވަސްވެފައި އޮތްމަރުތޭލެއް އަތަށް ހެޔޮވަރުކޮށްލައިފިއެވެ.

ރޭގަނޑުގެ އަނދިރިކަން ގަދައެވެ. އޭރުވެސް ފަޒާ ފުސްވެފައިވަނީ ބޯކޮށް ވެހެމުން ދިޔަ ސްނޯއިންނެވެ. ފިނިކަން އިންތިހާއަށް ގަދަވިއެވެ. މަގުތައް ވެސް ގާތްގަނޑަކަށް ފަޅުވެއްޖެއެވެ. އެންމެ ކާރެއް ނޫނީ ގިނަވެގެން ދެ ކާރު ނޫނީ ފެންނާކަށް ނެތެވެ. ސަބަބަކީ އޭރު މެންދަމާއި ކައިރިވެފައިވާތީއެވެ. ކައިލްގެ ގައިގައި ފިނި ވައިރޯޅިއެއް ބީހިލިއެވެ. އޭނާ މަރުތޭލުގައި ބާރަށް ހިފަހައްޓައިގެން ހުރެ ފިޔަވަޅުތައް އަވަސްކުރިއެވެ. ހުސް ފަޔާ ހިނގަމުން ދިޔައިރު ފައިގައި ހުރި ޒަހަމްތަކާއި ކެނޑިފާރުވެފައި ހުރިތަންތަނުގައި އޭރު ވެސް ރިއްސައެވެ. އެކަމަކު ފައި ހަލާކުވިޔަސް ކޮންކަމެއް ހެއްޔެވެ؟ ފިންޏަށް އޭނާގެ ހަށިގަނޑު ހޭނިއްޖެއެވެ.

ކައިލްގެ ސިކުނޑީގައި އަލްޔަސް އޭނާގެ މަންމައާއި ދެއްކި ވާހަކަތައް ގުގުމާފައި ހުއްޓެވެ.

އަލްޔަސްއާއި އޭނާގެ ގޭންގު މީހުން ޒިޔާރަތް ކުރާ ޕަބެއް އެތާ ކައިރީގައި ހުރެއެވެ. އެތަނުގެ ވެރިއަކީ ވެސް އަލްޔަސްއެވެ. ބޮކިތައް ނިވާލާފައި ހުރުމުން އޭނާއަށް ޔަގީންވީ އެތަނުގައި އެއްވެސް މީހަކު ނޫޅޭކަމެވެ. މަރުތޭލުގައި ބާރަށް ހިފަހައްޓައިގެން ހުރެ އޭނާ ކުޑަދޮރުތައް ތަޅާލުމަށްފަހު އެތެރެއަށް ވަނެވެ. ދެވަނަ ފަހަރަށް ވިސްނަން ނަހަދާ އޭނާ އަލިފާން ދަނޑިއެއް ރޯކޮށްލާފައި އެތެރެއަށް އެއްލާލާފައި މިނިޓެއްވާންދެން އެ މަންޒަރު ދެކެން ހުއްޓެވެ. ދޮރުފޮތިތަކުގައި ހުޅުހިފައިގަތް ގޮތަށް ފަރުދާތައް ލޯމަތިން ގެއްލުނެވެ. ކައިލް އެތަނުން ނުކުމެގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ނަސީބު ރަނގަޅުކަމުން އަލްޔަސްއާއި ބާޒް އަދި ގޭންގް މެމްބަރުންކޮޅެއް އަންނަތަން ފެނުނެވެ. އަނެއް ތިން މީހުން ލޯ ކުރިމަތިން ގެއްލެންދެން އިންތިޒާރުގައި ގަހެއްގެ ފުރަގަހުގައި ފިލާ ހުއްޓެވެ. ބާޒްވެސް ފޯނުކޯލެއްގައި ހުރެފައި އެހެން ދިމާލަށް ހިނގައިގަތެވެ. ލިބުނު ރަނުގެ ފުރުސަތު ނަގާނުލައި ކައިލް އެ ދިމާލަށް ދުއްވައިގަތެވެ. ކައިލްގެ އުމުރުން އެންމެ ސާދަ އަހަރު ނަމަވެސް ފަސް ފޫޓު ހަތް އިންޗީގެ އިސްކޮޅެއްގެ ވެރި އަލްޔަސްއާއި އޭނާގެ އިސްކޮޅު ދާދި އެއްވަރެވެ. އަދި އަލްޔަސްއަށްވުރެ ހިކިވެފައި ބަލިކަށިކަމަށް ފެނުނަސް އެ ކުއްލި އަދި ހިތަށް ނާރާ ހަމަލާއިން ރެކެވޭނެ ގޮތެއް ނެތި އަލްޔަސް ބަލިވިއެވެ. ކައިލްގެ މަރުތޭލުގެ ހަމަލާ އޭނާގެ ކަކުލަށް އެރުމާއެކު ވީ ތަދެއްގެ ބޮޑުކަމުން އޭނާއަށް ތިރިވެވިއްޖެއެވެ.

"ހޫ ދަ ހެލް......" އޭނާ މަގަށް ވެއްޓުނުއިރު ހަޅޭއްލަވައިގަތެވެ.

ކައިލްގެ ފައިން ޖެހީނުން އަލްޔަސްގެ ފޯނުވެސް ވިއްސާލައިފިއެވެ.

"ޔޫ *****..." ކައިލްގެ ނިތުގައިވާ ރޫތައް ފުންވުމާއެކު އޭނާ ހަޅޭއްލަވައިގަތެވެ. ބާޒްއަށްވެސް ނިއުޅެމުން ދިޔަ މަންޒަރު ގަބޫލުނުކުރެވިފައި ހުރެ ސިކުންތުކޮޅެއް ވީއިރު އަލްޔަސްއަށް އަނިޔާވެ ބިންމަތި ކޮށްލައިފިއެވެ. އޭނާ ބަލާކަށް ނުހުރެ ކައިލްއާ ކުރިމަތިލިއެވެ. މަރުތޭލު ދަމައިގެންފާ ކައިލްގެ ފަޔަށް ދެތިން އެތިފަހަރު ދޫކޮށްލައިފިއެވެ. ދެން ކައިލްގެ ބޮލަށް އެތިފަހަރެއް އެރިކަން އިހުސާސްވިއެވެ. އެއާއެކު ބަނޑުގައި އެތިފަހަރެއް ވިހެލުމާއެކު ކައިލް ބިންމައްޗަށް ދެމިއްޖެއެވެ. ހުރިހާ ތަނެއް ފުސްވާން ފެށިއެވެ. އޭނާގެ މޫނުގައި ބީހެން ފެށި ސްނޯގެ އެތިކޮޅުތަކުން ފިނިކަން އިހުސާސްވިއެވެ. އެންމެ ފަހު ފަހަރަށް ކައިލްގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރާ ފަދައިންނެވެ. އޭނާ ލޯ މަރާލުމާއެކު ދުނިޔެ ކަޅުކަމުގެ ތެރެއަށް ގެނބިއްޖެއެވެ. މޫނަށް ވަމުން ދިޔަ ފިނިކަމާއެކު އެއްޗެއް ދެމެމުންދާހެންވެސް ހީވިއެވެ. ލެޔެވެ.

"ބާޒް.....އަހަރެން ތެދުކުރޭ, އިޑިއަޓް.." އަލްޔަސް ގުގުރައިގަތެވެ.

ކައިލްގެ ކަންފަތުގައި އެ އަޑު ޖެހުނީ ބާޒް އޭނާގެ މޫނުނިވާކޮށްފައިވާ ފޮތިގަނޑު ދަމައިގަންނަން މަސައްކަތް ކުރަނިކޮށެވެ. އޭނާ މަންމައާއި މާމަ އެކަނި ދޫކޮށްލާފައި ދެވޭހެއްޔެވެ؟ އޭނާ މަރުވެގެން ނުވާނެއެވެ. އަދިއެއް ނޫނެވެ. އަދި ދުވަސްކޮޅެއްވާންދެން ކެތްކޮށްލަން ޖެހެއެވެ. އޭނާގެ މަންމައަށް އޭނާ ނުލާ އުޅެވިދާނެއެވެ. އެކަމަކު މާމައަކަށް ނުވާނެއެވެ. ކައިލް ގައިގައި ހުރިހާ ބާރެއް ލާފައި ތެދުވެގެން ރޭހެއްގައި ދުވާ ދުވުންތެރިއެއްގެ ސްޕީޑުގައި ނައްޓާލައިފިއެވެ. ގަނޑުފެނުގެ ބަދަލުގައި އަދަމުންދާ އަނގުރު އަލިފާނުގައި ފައި އެޅޭފަދައިން ފައިގައި ވޭން އެޅޭކަމުގައި އިހުސާސްވިއެވެ. ގެއާ ހަމަޔަށް ފޯރިއިރު އޭނާގެ ނޭވާ ރަނގަޅަށް ނުހިނގައެވެ. އެވަރުން ވެސް އޭނާ ލަސްކުރާކަށް ނޫޅުނެވެ. މޫނުގައި އޮޅާފައިވާ ޓީޝާޓު ދަމައިގެންފައި ބޮލުގައި ބާރަށް އޮޅާލައިފިއެވެ. ބާޒް މަރުތޭލުން ޖެހިތަން ފަޅައިގެންގޮސް ލޭ އޮހޭތީއެވެ. އޭނާގެ ގައިގެ ކޮންމެ ކަށިގަނޑެއްގައި އެބަ ރިއްސައެވެ.

"ހިނގާ ދަމާ.." ކައިލް ބުނެލިއެވެ. "ވީހާވެސް އަވަހަށް......" އަނާލިއާގެ ނަޒަަރު ކައިލްއަށް ހުއްޓުނެވެ. ބޮލުގައި އޮޅާފައިވާ ލެއިން ފޯވެފައިވާ ފޮތިގަނޑު ފެނުނެވެ. އަދި ފައިތިލައިން ލޭ ތިކިތައް ތަޅާތަންވެސް މެއެވެ. ހިތުގެ ކަނަކުން ކޮންމެވެސް ކަހަލަ އިހުސާސެއް ކުރިލާން އުޅުމާއެކު އޭނާ ޖަޒުބާތުތައް ކޮންޓްރޯލްކޮށްލައިފިއެވެ.

"ދަބަސްތައް ގެނޭ..." އަނާލިއާ ކުޑަތައް ހުޅުވައިލަމުން އެންގިއެވެ. ކައިލް އޭނާގެ ގައިގައި ރަޖާއެއް އޮޅާލުމަށްފަހު މާމަ ކޮނޑަށް ލައިގެން ހިނގައިގަތެވެ.

"އަދިވެސް ތިހިރީ ތެތް ހެދުމާއެކު..ނޫންތަ؟ އަހަރެން ބުނީމެއްނު..ބަލިވެދާނެއޭ....." ޒާފިރާގެ ލޮލަށް ފެންނާނެނަމަ މާމަ ބުނާނީ ކީކޭބާވައޭ ކައިލްގެ ހިތަށް އެރިއެވެ.

ނާޒުކު މާމަގެ ޟައީފުކަމާއި ކުޑަކަމާއި ހުރެ ބަރުދަނުގައި ކުޑަކުއްޖެއްހާ ވަރެވެ. އެހެންވެ ކައިލްއަށް އުފުލާލައިގެން ގެންދިޔުމުގައި އެއްވެސް ދަތިކަމެއް ނުވެ ދުރުގައި ފިޔަވަޅު އަޅަމުން ހިނގައިގަތެވެ.

މަންމަ އަތުގައި އެހެން ކުޑައެއްވެސް އޮތެވެ. އެއީ އަނެއްކާ އޭނާއަށްޓަކައި މަންމަ ގަނެދިން ކުޑައެއްހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. އޭނާ ވަގުތުން އެ ޚިޔާލު ސިކުނޑިން ނެރެ އެއްލާލައިފިއެވެ. އޭނާގެ މަންމަ ފަހަރެއްގައިވެސް އޭނާއަށްޓަކައި އެފަދަ ކަމެއް ކޮށެއްނުދޭނެއެވެ. އެއީ ޔަގީނުންވެސް މާމައަށް ގެނައި ކުޑައެކެވެ. މާމަ އެ ކުޑަ އުފުލާލައިގެން ހުރިއިރު ކައިލް ދަބަސް ވެސް ނެގިއެވެ. ކައިލް ހިނގަމުން ދިޔައިރު ފަހަތަށް ބަލައިލެވުނީ އަލްޔަސްއާއި އޭނާގެ ގޭންގް މީހުންގެ ނިޝާނެއް ފެނިދާނެކަމަށެވެ. މޫނު ފޮރުވައިގެން ހުރެވުން ޔަގީނުންވެސް އެހީވެދީފިއެވެ. މޫސުން އެހާ ފިނިއިރު ރޭގަނޑުގެ ދަންވަރު އެގޮތަށް އެމީހުންނަށް މަރުތޭލަކުން ހަމަލާދިނީ ކާކުކަން އަލްޔަސްމެންނަށް އެނގުމެއް ނުވީކަން ޔަގީނެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކުޑަ އާއިލާ ރެފިއުޖީންނެކޭ ތަފާތެއް ނެތެވެ. ވަންނާނެ ގެދޮރެއް ނެތި ދުޝްމިނުންނަށް ފިލައިގެން އުޅޭ ބަޔެއްގެ ކުރިމަގުގައި ބިރުވެރިކަން ނޫން އެއްޗެއް އަދި ފެންނާކަށް ނެތެވެ. ޒާފިރާ ދެއަތް މައްޗަށް އުފުލާލައިގެން އިނދެ ދުޢާކުރިއެވެ. ޒާފިރާ ކައިލްއަށް ހިތްވަރު ދިނެވެ. މާތްﷲއަށް ވަކީލުކޮށް ދުޢާކުރުމުން ދެދުނިޔޭގެ ހުރިހާ އުފާތަކާއި ހިތްހަމަޖެހުން ލިބޭނެކަމަށް ބުނެދިނެވެ. ހިތްހަމަޖެހުމަކީ ކޮންމެހެން ބައިވަރު ފައިސާތަކެއް ލިބުމެއް ނޫނެވެ.

"އާމީން.." ކައިލް އުއްމީދެއް ނެތަސް މާމަގެ ހިތްހަމަޖައްސަން ދުޢާގައި ބައިވެރިވިއެވެ.

***

ސްވިޒަލޭންޑްގެ ކުޑަ ސަހަރެކެވެ. އެންމެ މޮޅު ވަކަރުން ހަދާފައިވާ ވަރުގަދަ ލޯތަކަށް ފިނިކަން ލިބޭ ޝާހީ ބޮޑު ގަނޑުވަރެއްފަދަ ގެއެކެވެ. ކާސިވް ފޮންޓުން ބޯޑުގައި "ވިންޓަރފެލް" އަޅާފައިވެއެވެ. ރަތާއި ހުދުގެ ފުޅާ ފްރެންޗް ދޮރުތަކާއި އަގުބޮޑު މެޓަލް ފުރާޅާއެކު ފުރިހަމައަށް ޒީނަތްތެރި ކުރެވިފައިވާ ހައިބަތުހުރި ޒަމާނީ ގެއެކެވެ. ޕޯޓިކޯގެ އެއްފަރާތުގައި އަލިފާން އަންދާ ތަނެއް ހަދާފައިވާއިރު ޕްލައިވުޑާއި ލެދާއިން ހަދާފައިވާ ބާލީސްޖެހި ގޮނޑިތަކާއި މޭޒުތައް އެތަނުގެ ވަށައިގެންވިއެވެ.

ގޭގެ ބަގީޗާއަކީ ވެސް ލޯތަކަށް އަރާމުވާފަދަ ތަނެކެވެ. ކުލަކުލައިގެ ފިނިފެންމާތަކާއި ލިލީސް އާއި ޑަފޮޑިލްސް އަދި ސަންފްލާވާފަދަ މާތައް ފެހިކަމުގެ ތެރެއިން ފާހަގަކުރެވެއެވެ.

އެގޭގެ ކުރިމަތީގައި އޮތް ބަގީޗާގެ ތެރޭގައި ކުޑަ ކުޑަ ނޯރާ އުޑުފައިން އިށީދެލައިގެން އިނދެ ކޮންމެވެސް އެއްޗެއް ތަޅުންމަތިން ހޮވަމުން ދިޔައެވެ. ދޭތެރެއަކުން ޓީޝާޓުގައި އަތް ފޮހެލައެވެ. އޭނާގެ މުށިކުލައިގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި އޮތްއިރު ހިތުގެ ބައްޓަމަށްވާ މޫނާއި ނިކަން ގުޅެއެވެ.

އައިޒެކް ރޮބޮޓެއް ހިފައިގެން ހުރެ ކުޑަދޮރުން ބޭރަށް ބަަލައިލިިއިރު ނަޒަރުގައި އަޅައިގަތީ ނޯރާއެވެ. އެއީ މަހުމޫދުގެ ދަރިފުޅެވެ. އެކުއްޖާ އަނެއްކާ ވެސް އައީއެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ އައިޒަކްއަށް ކިތަންމެ ފަހަރަކު ނޯރާ ފެނިފައިވިއެވެ. އެ ކުއްޖާ ކުޅޭތަން ވެސް ފެނިފައިވިއެވެ. ކިތަންމެ ފަހަރަކު އެކުއްޖާ އޭނާ ފެނިފައި ހީލި ނަމަވެސް އޭނާ އަނގައިން ބުނެފައެއް ނުވެއެވެ. އޭނާ ފަހަރެއްގައި ވެސް އެގޭތެރެއަށް ވަދެފައެއް ނުވެއެވެ. މަހުމޫދު އެ ކުއްޖާ އުޅެން ދޫކޮށްލަނީ ބަގީޗާ ތެރެއަށެވެ.

"އެކުޑަ ކުއްޖާ މިއަދު ކީއްކުރަނީބާ؟" އައިޒެކްއަށް ނޭނގުނީ އޭނާއަށްވުރެ ނޯރާ ދެ އަހަރު ދޮށިކަމެވެ. އެންމެފަހުން އައިޒެކްގެ ހިތުގައި އުފެދިގަތް ސުވާލުތަކަށް ޖަވާބެއް ނުލިބި ބޭގަރާރުވެގެން އޭނާ ގެއިން ނުކުތީ ނޯރާ ކުރާކަމެއް ބަލައިލުމަށެވެ. އެކުއްޖާ އެއުޅެނީ އެކަނިވިއްޔާއެވެ. ފަހަރެއްގައި އޭނާއަށް އަނގައިން ބުނެވިދާނެއެވެ.

"ހޭއި ކީއް ތިކުރަނީ؟" އައިޒެކް އިރުކޮޅެއްވާންދެން ބަލަން ހުރެފައި ގޮވައިލިއެވެ. ނޯރާ އޭނާގެ އާމަންޑް ބައްޓަމަށްވާ ބޮޑު ބޮޑު ދެލޮލުން ބަލައިލިއިރު އެލޮލުން ސިހުން ފެނުނެވެ. ކުށެއް ކުރަނިކޮށް ހިފުނީމަ ބިރުން ހުރި ގޮތަކަށެވެ.

"އަޅު...އަޅުގަނޑު މި ބިނީއެއްނޫން. ތަޅުންމައްޗަށް ވެރިފައިި ހުރީ. އެހެންވެ މި ނަގަނީ. އެހެންނޫނަސް މި މާތައް މަރުވަނީ....." ނޯރާ އަވަސްއަވަހަށް އޭނާގެ އަމަލު ދިފާއުކުރިއެވެ.

"ޕްރޮމިސް.." ނޯރާ އިތުރަށް އެ ޖުމްލައަށް ބާރުދިނުމުގެ ގޮތުން އިތުރުކޮށްލިއެވެ. ފިނި މޫސުމަށް އެޅުމުން ހަގީގަތުގައިވެސް މާތައް މަރުވަނީއެވެ.

"ދެޓްސް އޯލްރައިޓް. ތިއީ އަހަރެންގެ އެއްޗެހި..މިހުރިހާ މާތައް...." އައިޒަކް ކޮނޑު އަރުވާލިއެވެ. "މާތައް ބިނދެލިޔަސް ފަރުވާލެއްނެތް. ހަމަ ރަނގަޅުވާނެ..."

އައިޒަކް އެހެން ބުނީ ފަޚުރުވެރިކަމާއެކު އިސްއުފުލާލައިގެން ހުރެއެވެ. އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. މި ބަގީޗާއަކީ އޭނާގެ މަންމަގެއެވެ. މަންމަގެ އެއްޗެހިވާނީ އޭނާގެ އެއްޗެއްސަށް ނޫންހެއްޔެވެ؟

"އެހެންވީއިރު އަޅުގަނޑަށް ދަނބުކުލައިގެ ދެ ރޯޒް ލިބިދާނެތަ؟" ނޯރާގެ ކޯތާފަތަށް އެޅުނު އަޑިކޮޅު ފާހަގަވިއެވެ.

އައިޒަކް އެއްގޮތަކަށްވެސް ނޯރާ އެގޮތަށް އެދިފާނެކަމަށް ހީނުކުރެއެވެ. އޭނާ ހިންދިރުވައިލިއެވެ. ދެ މާ ބިނދެލީ ކޮނޑުމަތިން ފަހަތަށް ބަލައިލުމަށްފަހުގައެވެ. ބަގީޗާ ބަލަހައްޓާ މީހާއަށް އޭނާ ހިފިއްޖެއްޔާ އަލީގެ ދުވެލީގައި ގޮސް މަންމައަށް ރިޕޯޓްކުރާނެއެވެ. އޭނާގެ ނިމުން އަންނާނެއެވެ.

"މިއީ ނޫ..ދަނބުކުލައެއް ނޫން." ނޯރާ އެ މާތައް އަތުލަމުން ބޯ ހޫރައިލިއެވެ. އަދި އިނގިލިން އިޝާރާތްކުރިއެވެ. "ތަންކޮޅެއް މައްޗަށް ބަލައިލަބަލަ. އެހެރީ ދަނބުކުލައިގެ މާތައް."

"އަހަރެންގެ އަތް ފޯރާ ހިސާބުގައެއް ނޫން." އައިޒަކް މޫނު ހަދައިލުމުން ނޯރާ ދެރަވިއެވެ.

"ދެން ތިމަލުން ކީއްކުރަން އުޅެނީ؟" އައިޒަކް އެހިއެވެ.

"އަޅުގަނޑު ދައްކައިލަންތަ؟ ވޮޗް..."ނޯރާ ޖޯޝާއެކު ބުނެލިއެވެ. އޭނާގެ ހިމަ އިނގިލިތަކުގެ ހަރަކާތްތައް އަވަހެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ މަލުން ކުޑަ ތާޖެއް ހަދައިފިއެވެ. އަދި އޭނާގެ ނަޒަރު އައިޒެކްގެ އަތުގައި އޮތް ރޮބޮޓަށް ހުއްޓުނެވެ. އަދި އައިޒެކްގެ ރޮބޮޓްގެ ބޮލުގައި ތާޖު އަޅުވާލަދީފިއެވެ. ސިކުންތު ކޮޅެއްވެސް ނުވަނީސް އައިޒެކް އެ ހޫރުވާލައިފިއެވެ.

"އާ ޔޫ ސްޓުޕިޑް؟ އެއީ އަންހެންކުއްޖެއް ނޫނޭ..." އައިޒެކްގެ އެ ޖުމްލައިން ކޮންމެއަކަސް ނޯރާއަށް މަޖާވީވަރުން ހެވެން ފެށުނެވެ.

"ރޮބޮޓުންނަކީ ފިރިހެންކުދިންނެއް ވެސް ނޫން ސިލީ." ނޯރާ އެ ތާޖު ނެގިއެވެ. "ރޮބޮޓުންނަކީ އަންހެންކުދިންނެއް އަދި ފިރިހެން ކުދިންނެއްވެސް ނޫން. ރޮބޮޓުންނަކީ ރޮބޮޓުން..."

"މަގޭ ރޮބޮޓަކީ ބޯއިއެއް. އަހަންނަށް ޔަގީން ތީނަގެ ބައްޕައަށް އެފޯޑް ނުވާނެކަން. "އައިޒެކް ރުޅިއައިސްފައި ކިޔައިލިއެވެ." މަގޭއަކީ ލިމިޓެޑް އެޑިޝަނެއް. އަހަރެންގެ ބައްޕަ ގަނެދިނީ އެއްހާސް ޑޮލަރަށް..."

އައިޒެކް ފޮނިބައިސާ ކެނޑިއެވެ.

އެވަގުތަކީ އައިޒެކްގެ އާއިލާގެ ޑްރައިވަރު އެގެއިން ނުކުމެގެން އައިސް އަރާހަމަވީ ވަގުތެވެ. އޭނާ ނޯރާގެ އަތުގައި ހިފައިގެން ހިނގައިގަތްލެއް ބާރުކަމުން ނޯރާގެ އަތުން މަލުގެ ތާޖުވެސް ދޫވިއެވެ.

"ބައްޕާ. އަޅުގަނޑުގެ މަލުގެ...." އޭނާ ފަހަތަށް އެނބުރި ބިންމަތީގައި އޮތް މަލުގެ ތާޖަށް ބަލައިލިއެވެ. އެކަމަކު މަހުމޫދުގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނެތެވެ.

"ބައްޕާ ކާރު ކޮބައިތަ؟ ގެއަށް ދަނީ ހިނގާފައިތަ؟" ނޯރާ ސުވާލުކުރިއެވެ. "ގެ ކިހާ ދުރު. އެހާ ދުރަށް ހިނގާފައި ދިޔުމަކީ ކުރެވޭނެކަމެއްނޫން."

"އެއީ ޔަޒީދުގެ އާއިލާގެ ކާރެއް. ނޯރާ. ފުރަތަމަ އެއީ ބައްޕަގެ ކާރެއްވެސް ނޫން..." މަހުމޫދު ޖަވާބު ދިނެވެ.

"އެކަމަކު އަޅުގަނޑުމެން މިގެއަށް އައީ ކާރުގައި...."

"އަހަރެމެންނަށް ކާރެއް ބޭނުމެއްނުވޭ. އެމީހުންގެ ފަރާތުން އެކައްޗެއްވެސް ބޭނުމެއްނޫން..." މަހުމޫދުގެ އަޑު މަޑުކަމުން ކިރިޔާ އިވުނުކަމެވެ. މަހުމޫދު ދޭތެރެއަކުން ފަހަތަށް ބަލައިލައެވެ. ފިޔަވަޅުތައް އެހާ އަވަހެވެ.

"ބައްޕާ އަޅުގަނޑު ތި ބިރުގަންނަވަނީ. ތިހާ ބާރަށް ހިނގަނީ ކީއްވެތަ؟ ބޫޓުގެ ނާޑުވާވެސް ނެއްޓިއްޖެ...." ނޯރާ ތުން އޫކޮށްލަމުން ޝަކުވާކުރިއެވެ. "ކިހިނެއްވީ ބައްޕާ؟"

ދަރިފުޅުގެ ސުވާލުތަކަށް ޖަވާބުދެވޭނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ހާލަތު ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. އަދަދު ނުކުރެވޭވަރަށް ޚިޔާލުތައް ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އޭނާގެ ހިތްވަނީ ބޮޑު ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ދެންމެ އޭނާއަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން އޭނާގެ މުޅި ހަށިގަނޑުވެސް ރޫރޫ އަޅައެވެ. ބިރުންނާއި އަދި ފޯރިއާއެކުގައި މެއެވެ.

"ބަޓް ދޭ ޕްލޭން އެންޑް ﷲ ޕްލޭންސް. އެންޑް ﷲ އިޒް ދަ ބެސްޓް ޕްލޭނާ," އެވަގުތު މަހުމޫދުގެ ސިކުނޑިއަށް އައި އާޔަތަކީ އެއީއެވެ. އެފަދަ އާޔަތްތައް ހަޔާތުގެ ކޮންމެ ކަމަކަށް ހިތްވަރުދެއެވެ.

މަހުމޫދުއާއި ނޯރާ އެކީގޮސް ބަހަށް އަރާ ސީޓުގައި ހަމަޖެހިލައިފިއެވެ. މަހުމޫދު އޭނާގެ ދަރިފުޅުގެ ކުޑަ އަތްތިލަ އަތުތެރެއަށް ލިއެވެ.

"ނޯރާ. ނޯރާގެ ބޭބެގެ ގާތަށް ލަންޑަނަށް ދާން ބޭނުންތަ؟ ފަހަރެއްގައި ބައްޕަމެންނަށް އެކޮޅަށް ބަދަލުވެވިދާނެ. ބައްޕަ އަޑުއަހާގޮތުން އެއީ ވަރަށް ހިތްގައިމު ތަނެއް..."

ނޯރާގެ ދެލޯ ކުއްލިއަކަށް ދިއްލުނެވެ." އޯހ ބައްޕާ. އަޅުގަނޑު ވަރަށް ދާ ހިތްވޭ. މިއީ ހަމަ އެންމެ ބެސްޓް ނިއުސް. އައި ކާންޓް ވެއިޓް. އައިމް ސޯ އެކްސައިޓެޑް." ނޯރާއަށް ލިބުނު ޖޯޝާއެކު ފައި ހަލުވައިލަމުން އޭނާގެ ބައްޕަގެ އަތަށް ފިތައިލިއެވެ. "ބޭބެއަށް ސަޕްރައިޒެއް ދޭނީ...."

"މްމްމް. އެންމެ ބެސްޓް ސަޕްރައިޒަށް ވާނީ...." ދަރިފުޅުގެ ފޯރިއާއި ޖޯޝް ދެކެފައި މަހުމޫދު އުފާވެރިގޮތަކަށް ހީލިއެވެ.

ނޯރާއަކީ އޭނާގެ ލޮލުގެ ނޫރެވެ. އޭނާގެ ހިތްވަރެވެ. އެ ނިއުމަތަށްޓަކައި އޭނާ ކޮންމެ ދުވަހަކު ﷲ ސުބުހާނަހޫ ވަތައާލާއަށް ޝުކުރު ދަންނަވައެވެ. ނަމްރާގެ ވަކިވުމަށްފަހު ނޯރާ ނެތްނަމަ އޭނާ ކެތްކުރާނެ ގޮތެއް ވެސް ނޭނގެއެވެ. ނަމްރާ ދުނިޔެއާއި ވަކިވެގެން ދިޔައީ ނޯރާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. ފަސް އަހަރުގެ ކުއްޖަކާއި ދިހަ އަހަރުގެ ކުއްޖަކު ބަލައި ބޮޑުކުރުމަކީ ކިހާވަރެއްގެ ބުރަ މަސައްކަތެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. އޭނާއަށް އެކަން ނުވާނެއޭ ހީވި ފަހަރު އަޔަސް މިހާރު މިތިބެވުނީ މިހިސާބަށް އާދެވިފައެވެ. މަޑުމައިތިރި އަދި ހިތްހެޔޮ މިޒާޖެއްގެ ނޯރާއަކީ އެކުއްޖާގެ މަންމަ ފަދައިން އޭނާގެ އަނދިރިކަން ދުރުކޮށްލަދޭ އަލިކަމެވެ. އަދި ނާޔަލްއަކީ ކޮންމެ ބައްޕައަކު އެދޭނެފަދަ ފިރިހެން ދަރިފުޅެވެ. ޒިންމާދާރު ސްމާޓް ޒުވާނެކެވެ.

"އަލްހަމްދުލިﷲ" މަހުމޫދު މަޑުމަޑުން ކިޔައިލީ ބަހުގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އޭނާގެ ކުދިންނަކީ އޭނާގެ ހުރިހާ އުފާތައްކަމާއި އެކުދިންނަށްޓަކާ އޭނާ ގުރުބާންވާވަރު ﷲ ދެނެވޮޑިގެންވެއެވެ. މި އަނިޔާވެރި ދުނިޔޭގައި އޭނާއަށް ކުރިއަށް ދެވެނީ އެކުދިންގެ ސަބަބުންނެވެ.

***

ނޯރާގެ އަތުން ދޫވި މަލުގެ ތާޖާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އައިޒަކް ހުރެފައި އެ ނެގިއެވެ. އަދި ގެއަށް ވަނެވެ.

"އައިޒަކް އަލީ ޔަޒީދު .ބޭރުގައި ކީއްކުރަނީ؟ މަންމަ ހުރިހާ ތަނެއް ހޯދައިފިން...." އައިޒަކްގެ މަންމަ ޖޭސްމިން ބުނެލިއެވެ. "އަންކަލް ހައިތަމް ބަލާ އެއާޕޯޓަށް ދާން ނައްޓައިލަން މިއުޅެނީ......."

"ޖޫލީ......" ޖޭސްމިން ގޮވައިލިއެވެ. އެ ނަން ގޮވައިލުމާއެކު ޚާދިމާއަކު އިސްތިރިކޮށްފައިވާ ގަމީހަކާއިގެން އައެވެ. "މިއޮތީ މެޑަމް...."

ޖޫލީ ގަމީސް ދިއްކޮށްލާފައި އަދަބު އަދާކުރުމުގެ ގޮތުން ބޯ ތިރިކޮށްލިއެވެ. ޖޭސްމިން ގަމީސް އަތުލާފައި އައިޒަކްގެ އަތަށް ދިނެވެ. "ކަމޯން. އަވަހަށް ތައްޔާރުވޭ ދަރިފުޅާ. އަހަރެމެން ލަސްވާކަށް ބޭނުމެއްނޫން....."

އެވަގުތު ބައްދަލުވެ އުޅޭ ކޮޓަރިއަށް ދެވެން ހުންނަ ބޮޑުދޮރުތައް ހުޅުވާލުމަށްފަހު ނުކުމެގެން އައީ ޔަޒީދުއާއި އޭނާގެ މަންމަ ޒައިނަބުއެވެ. ޖޭސްމިން އޭނާގެ މައިދައިތަގެ ހެދުމަށް ލޯ ހިންގައިލިއެވެ. އޭނާ ހުރީ ބޮލުން ފެށިގެން ބޮޑުވައި އިނގިއްޔާ ހަމަޔަށް މުޅިން ފޮރުވިގެންނެވެ. އެހެންވާނެ ނޫންހެއްޔެވެ؟ ފަސް އަހަރަށްފަހު އޭނާގެ ފުރަތަމަ އުފަން ދަރިފުޅު ފެންނަނީއެވެ. ހުދު ކަފަކޮޅެއްފަދަ އިސްތަށިގަނޑުން ރީތިކޮށް ހުޅިއެއް ޖަހާފައި ވާއިރު ދޭތެރެއަކުން ކޮންމެވެސް ވަރަކަށް މަޑު ރަންކުލަ ދޭތެރެއަކުން ފެނިލައެވެ. އެއީ މަދުމަދުން ހީނާފަތް އަޅާތީއެވެ. އަތާއި ކަނދުރާ އަގުބޮޑު ގަހަނާތަކުން ފަޅުފިލުވާއިރު އެ ޒީނަތްތެރިވެފައިވަނީ ޗާލުކުލަތަކުގެ މައުދަންތަކުންނެވެ. އެމެރަލްޑް ރޫބީ ފަދަ ކޮންމެ ނަމެއް ވެސް ކިޔާށެވެ. ޒައިނަބް ގެ މިލްކުގައި ނެތް އެއްޗެއް ނުވެއެވެ. މޫނުގައި ރޫޖެހުނަސް އޮމާންވެފައި ވިދާއިރު އެމޫނު ދައްކުވައިދެނީ ހަމައެކަނި ރީތިކަމެވެ. އެ ލޯ ސާފުވެފައި ވިސްނުންތޫނުކަމަށް ދައްކައެވެ. ޒައިނަބްގެ އުމުރުން ހަތްދިހަ އަހަރުނަމަވެސް ޖޭސްމިން ގަބޫލުކުރަން ޖެހުނު ހަގީގަތަކީ އޭނާ މިހާ ބިރުގަންނަ އެހެން އަންހެނަކު ނުވާކަމެވެ. އޭނާގެ ހާޒިރުގައި ހުރުމުންވެސް މީހަކު ބިރުން ކުޑަކަކޫމައްޗަށް ތިރިވެދާވަރުވެއެވެ.

މަހުމޫދުއާއި މިމީހުން ބޭއްވީ ކޮންފަދަ ބައްދަލުވުމެއް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އަދި މިދުވަހުގައެވެ. އޭނާ ނުލައި ބައްދަލުވުންތައް ބާއްވާތީ އޭނާ ރުޅިއާދެއެވެ. އަދި އޭގެ އެންމެ ނުބައި ތަންކޮޅަކީ ޔަޒީދުއަކީ މަންމަގެ ރަންދަރިއަކަށްވީމަ އޭނާއާއި މަންމަގެ ދޭތެރޭ ހިއްސާކުރާ ސިއްރުތައް އޭނާއަށްވެސް ފޮރުވާކަމެވެ. އޭނާ ބުނާނީ ކުންފުނީގެ ވާހަކަތައް ކަމަށާއި އަދި ވިޔަފާރީގެ ވާހަކަތައް ޖޭސްމިންއަށް ދޭހަނުވާނެކަމަށެވެ. އެހެންވީމަ މިވާގޮތުން އެމީހުންގެ ޑްރައިވަރަށް ވެސް އޭނާއަށްވުރެ ""ކުންފުނީގެ ސިއްރުތައް" އެނގުމުގެ އައުލާކަން ބޮޑީ ތާއެވެ. މަހުމޫދާ ބެހޭގޮތުން ވިސްނައިލިއިރު އޭނާ މިހާރު ކޮބާހެއްޔެވެ؟ އެމީހުން ޑްރަވައިރާއި ނުލާ އެއާޕޯޓަށް ދާނީ ކިހިނެއްހެއްޔެވެ؟ ފަހުން ޖެސްމިންއަށް ވެސް ކުޑަވަރެއްގެ ހައިރާންކަމެއް ލިބުނީ އެމީހުންގެ ގޭގެ ވަޒީފާ މަހުމޫދު ދޫކޮށްލިކަން އެނގިފައެވެ. އޭނާގެ ބަދަލުގައި ކާރުގައި އިންތިޒާރުގައި އިނީ އާ ޑްރައިވަރެވެ. އާ މޫނެއް ޑްރައިވަރެއްގެ ގޮތުގައި ފެނުމުން ތަފާތުގޮތެއް ވިއެވެ. މަހުމޫދު އެ އާއިލާގެ ޚިދުމަތުގައި ވިހި އަހަރު ވަންދެން އުޅުނެވެ. ނޫސްބަހާ އާދައިގެ ވަޒީފާއަކުން ޑްރައިވަރަކަށް ބަދަލުވީއިރު އޭނާ ތެދުވެރިކަމާއެކު ވަޒީފާގައި ދެމިހުއްޓެވެ. ޒައިނަބުގެ މަރުހޫމް ފިރިމީހާ އޭނާދެކެ އިންތިހާއަށް ލޯބިވިއެވެ. ފަހަރެއްގައި އިތުރަށް އެގޭގައި ވަޒީފާގައި ހުންނަން މަހުމޫދު ބޭނުންނުވީކަމަށް ވެދާނެއެވެ. އޭނާގެ ސާހިބާ ނިޔާވީމައެވެ.

އެރޭ ބައްޕަ ކާނާ ހިފައިގެން އަންނާނެކަމުގެ އިންތިޒާރުގައި ނޯރާ އިނެވެ. ރޭގަނޑު ކެއުމަށެވެ. އެކަމަކު މަހުމޫދު އެނބުރި ނައެވެ.

(ނުނިމޭ)

ކޮމެންޓް 0