"ތިބާ ކުރާ ހެޔޮ އަމަލުތައް އަދި އެހެން މީހުންނަށް ކޮށްދިން ހެޔޮކަންތައް ﷲ ސުބުހާނޫ ވަތައާލާ ފަހަރެއްގައިވެސް ހަނދުމަފުޅު ނެތި ވޮޑިގެން ނުވެއެވެ. އަދި ތިބާ މީހުން ވޭންތަކުން ސަލާމަތްކޮށްދިނުން އަދި ކަރުނުން ފުރެން އުޅުނު ލޯތަކަށް ހިނިތުންވުން ގެނެސް ދޭ ދިނުންވެސް މެއެވެ."

***

"އަހަންނާއި އެ އަންހެންކުއްޖާގެވެސް އޮތީ ހަމަ އެގުޅުން.އެކުއްޖާ ކުލި ދައްކާ. އަހަރެންގެ މާމަ ބަލަހައްޓާދޭތީ އަހަރެން މުސާރަދެން." އެއްވެސް ޝައްކެއް ނުކުރެވޭވަރަށް ކައިލް ބުނެދިނެވެ. މިކާލްގެ ބޮލުގައި އެއޮތް އެއްޗަކާއިމެދު އޭނަގެ ހިތް މުޅިން ދެކޮޅެވެ. އައިޒަކް އެތަނުން ނުކުތީ ކޮފީއާއި ފޮނި ޕާން ހިފައިގެންނެވެ. އައިޒަކް ދިޔުމުން ނޯރާ ޖެހި ބުދެއްހެން ހިމޭނުން ހުއްޓެވެ. ދެން ކައުންޓަރާއި ދިމާލަށް ހިނގައިގަތީ ހުވަފެނެއްގައި ހުރި ކުއްޖެއް ފަދައިންނެވެ. އެއާއެކު މިކާލްއާއި ކައިލްއަށް ފެނުނީ ކުއްލިއަކަށް ނޯރާ އަރިއަޅައިލަން އުޅުނު ތަނެވެ. ހީވީ އަނބުރައިގެން ވެއްޓެނީހެންނެވެ. ދެން އެމީހުން ހައިރާންކުރުވާފައި ހުރިތަނަށް ތިރިވެ ނޯރާ ގިސްލާފައި ރޯންފެށިއެވެ.

މިކާލް ކަސްޓަމަރުންގެ ޚިދުމަތުގައި އަވަދިނެތި އުޅުނުއިރު ނޯރާގެ ހާލު ބެލުމަށް އެދުނެވެ. ކައިލް ހަށަން ބަދެލައިގެން ކައުންޓަރަށް ލެނގިލައިގެން ހުއްޓެވެ. ނޯރާ ހިތް ފުރެންދެން ރޯލިއެވެ.

"ވަޓްސް ރޯންގް؟" ނޯރާ ގަދަޔަށް ލޯ ފޮހެލުމުން ކައިލް ސުވާލުކުރިއެވެ. ނޯރާ އިސްއުފުލައިލާ ބަލައިލިއިރު މޮޅިވެރިކަމުން ފުރިފައިވާ ލޮލެކެވެ. ކުރީގެ ހަނދާންތަކެއް ހޭލައްވައިލިއެވެ. އޭނަގެ އުމުރުން ތޭރަ އަހަރުގައި މަންމަގެ މަހާނަ ކައިރީގައި ރޮއި ހަނާވާން ހުރިތަނެވެ. ނޯރާއަށް ކައިލްގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. ބޭނުންނުވިޔަސް ކައިލް ދެކެ ނަފްރަތެއް ނުކުރެވުނެވެ. އަހަރުތައް ވޭތުވެގެން ދިޔައިރު ކައިލްއަކީ ގާތް މީހެއްގެ ގޮތުގައި ދެކެވުނެވެ. އޭނަ ހިތްހަމަޖައްސައިލަދޭން ބުރަކަށީގައި ފިރުމައިލާނެ ނަމަ ނޫނީ އަތުގައި ހިފައިލާނެނަމައޭ ހިތަށް އަރައެވެ. އެކަމަކު އެއީ ކުޅަދާނަވާނެ ކަމެއް ނޫނެވެ. ހަމައެކަނި އެ މައްސަލައެއް ނޫނެވެ. އޭނައަކީ ފިރިހެންކުއްޖެކެވެ. އަންހެންކުއްޖެއްނޫނެވެ. ހުރިހާ ގޮތަކުން ބެލިޔަސް މިއީ ރަގަޅުކަމެއް ނޫނެވެ. ފަހަރެއްގައި ކައިލްއަކީ އަންހެންކުއްޖަކަށްވިނަމަ ހުރިހާ ކަމެއް ފަސޭހަވީހެވެ.

މިކާލް އެވަގުތު" ބަންދު" ބޯޑު އަޅުވާފައި އެތަނަށް އައެވެ.

"ނޯރާ. ވީގޮތެއް ކިޔައިދީބަލަ. އޭރުން ރޮއްވައިލި މީހަކު ތަޅާ ތިރިކޮށްލަފާނަން...." މިކާލް ގަމީހުގެ އަތުކުރިވެސް އޮޅައިލީ އޭނަ ހުރީ އެކަމަށް ތައްޔާރަށްކަން ދައްކައިލުމުގެ ގޮތުންނެވެ. ނޯރާގެ ނަޒަރު ކައިލްއިން މިކާލްގެ މޫނަށް ދަތުރުކުރިއެވެ. އަދި އެވަގުތު އޭނައަށް ވިސްނުނީ އިސްހާގުއާއިއެކު މި ދެޒުވާނުންނަށް އިތުބާރުކުރެވޭކަމެވެ. ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތް މި ތިން ބީރައްޓެހިން ވެފައިވަނީ އާއިލާއަކަށް ވާވަރަށް ގާތް މީހުންނަށެވެ. ނޯރާ އޭނަގެ ބައްޕަގެ ޚަބަރުތައް ކިޔައިދިނެވެ. އައިޒަކްމެންގެ އާއިލާއާއެކު ބައްޕަ މަސައްކަތްކުރިކަމަށާއި ގެއްލުނު ދުވަހުގެ ވާހަކަތައްވެސް ކިޔައިދިނެވެ. އެ އާއިލާގެ މީހުންނާއި އަދި އެއްކޮށް އުޅުނު އެންމެންވެސް ލޯބިވާ މީހެއްކަމުގައި އޭނަ ވިއެވެ. އެއީ ރަގަޅު އިންސާނެކެވެ. އަދި ނުބައިގޮތެއް މެދުވެރިވާން ހައްގެއްވެސް ނޫނެވެ.

"ނުބައި ކަންތައް ދިމާވަނީ ހަމައެކަނި ނުބައި މީހުންނަކަށް ނޫން ނޯރާ..."ކައިލް ބުނެލިއެވެ.

"މޮންސްޓާސް.....އެ އަބަދުވެސް ދާނީ ރަގަޅުމީހުންގެ ފަހަތުން..." ކައިލް ބުނި އެއްޗަކުން މިކާލް ރޫރޫއަޅައިގަތެވެ.

"ހޭ. މޮންސްޓާސްގެ ވާހަކަ ދެއްކުން ހުއްޓައިލަފާނަންތަ؟ އެއީ ދުނިޔޭގައި އުޅޭ އެއްޗެއްވެސް ނޫން އަދި އަހަރެން ބިރުއެބަގަނޭ....."

"ނޫނޭ އެއީ ހަމަ ވަރަށް ރިއަލް އެއްޗެއް. ނޯރާ ނޭވާ ތިލަނީ ހަމަ އެއެއްޗެހިވެސް ނޭވާ ލާ ވައިން. އަދި ހަމަ އެ އެއްޗެހި ދިރިއުޅެނީވެސް ހަމަ މި އުޑުގެ ހިޔަލުގައި...އެނގެނީ ކިހިނެއްތަ؟ ހަމަ މިހާރުވެސް ނޯރާ ތިހުރީ މޮންސްޓާއެއްގެ ކައިރީގައި ނޫންކަމެއް."ކައިލް މާނައިން ފުރިގެންވި ގޮތަކަށް ބުނެލިއެވެ." އެންމެ ނުލަފާ މޮންސްޓާއިން....ތިބެނީ އިންސާނުންގެ ސިފައިގާ..."

"މިކާލް. އަހަންނާއި ދިމާލަށް ތިގޮތަށް ބަލަނީ ކީއްވެތަ؟މޮންސްޓާއަކީ މަށެއް ނޫނޭ. އަދި ލުކް. އެންމެ ކައިރީގައިވެސް ތިހިރީ ކައިލް. މަށެއް ނޫން.." ނޯރާ ކައިލްއާއި ދިމާލަށް އިޝާރާތްކުރަމުން ކަޅިއަޅައިލިއެވެ. ކައިލްގެ ތުންފަތުން ފަނޑު ހިނިތުންވުމެއްގެ އަސަރު ނޯރާއަށް ފެނިލިއެވެ. ނޯރާއާއި ދިމާކުރުން މަޖާކަމަކަށް ވީއެވެ. ހާދަ ނުލަފައެވެ.

***

"ކައިލްއަށް ނޯރާގެ ބައްޕަ ހުރިތަނެއް ހޯދައިގަނެވިދާނެ. ނުވާނެތަ؟" ދެމީހުން އެކަނިވުމާއެކު މިކާލް އަހާލައިފިއެވެ." މީހުން ހޯދުމުގައި ސުޕަރ އެކްސްޕީރިއެންސް އެބަހުރިވިއްޔަ....."

"ނޯރާ ރަގަޅުވާނީ ފުލުހުންނާއި އެ ސުވާލުކުރީމަ.." ކައިލް ކޮނޑު އަރުވައިލިއެވެ.

"އެމީހުން ގާތު ނޯރާ ބުނަން ޖެހޭނީ މަރުވެފައިވާ ހަށިގަނޑެއް ހޯދަން..." ކައިލް ބުނި އެއްޗަކުން މިކާލް ކަޅި ހިންގައިލިއެވެ.

"ތިހާ ރަހުމް ކުޑަ އެއްޗެއް ބުނަން ޖެހޭތަ؟"

"ރަހުމްކުޑަ ވާކަށް ނޫން.އެއަށް ކިޔަނީ ލޮޖިކަލް ވުން. ނޯރާގެ ބައްޕަ އެއްވެސްކަހަލަ ހިލަމެއްނުވެ ދިޔަތާ ފަސް އަހަރުވީ. ދުޝްމަނުން ތިބެ ކިޑްނެޕްކުރިނަމަ އެކަން ކުރިބަޔަކު އޭނަގެ ފުރާނައިގެ އަގު ހޯދަން އުޅޭނެ. އެކަމަކު އެކަހަލަ ކަމެއްނުވޭ. އަދި ޔަގީންވާކަމަކީ ފަސްއަހަރުވާންދެން އެއްވެސް މަގުސަދެއްނެތި ބަޔަކު އޭނަ ހިފަހައްޓައިގެން ކާންދޭކަށް ނޫޅޭނެ......"

"ނޯރާ ކުރަން ޖެހޭކަމަކީ ވޮރެންޓް ހޯދައިގެން އޭނަގެ ބައްޕަ މަސައްކަތްކުރި ގެ ފާސްކޮށް އެގޭ މީހުންނާއި ސުވާލުކުރަންވީ.."

"އެކަމަކު އެ އާއިލާ އެ މައްސަލައިގެ ތެރެއަށް ވަންނަން ވީ ކީއްވެތަ؟ އަދި އެމީހުން ނޯރާގެ ބައްޕަ މަރައިލަން ބޭނުންވިޔަސް ވަޒީފާއިން ކެނޑުނު ދުވަހު މަރައިލަން ވީ ކީއްވެތަ؟" މިކާލް ވިސްނައިލިއެވެ.

"ސަބަބު ނޭގި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު މަރުވީ. އަދި އެފަދަ ގިނަ މަރުތައް ފޮރުވާފައިވަނީ ނުފޫޒުގަދަ މީހުން ބާރުގެ ބޭނުންކޮށްގެންނޭ. ނޯރާ އެ އާއިލާއާއި ބެހޭގޮތުން ދެއްކި ވާހަކަތައް ތެދުކަމުގައި ވަންޏާ އެމީހުންނަށް މީހަކު މަރާފައި އެކަން ސިއްރުކުރުމުގެ ގާބިލުކަން ހުންނާނެ...."

"ޔޫ ނޮ ވަޓް ކައިލް. ޑިޓެކްޓިވްއަކަށް ވާންވީނު. އެ ދާއިރާގައި ކާމިޔާބުވާނެ. ހަމަ ޔަގީން....."

"މަސައްކަތަށް ދޭ މިކާލް. އަދި އެކި ކަހަލަ ކެރިއާ އޮޕްޝަންތައް ސަޖެސްޓްކުރުން ހުއްޓައިލާ. އަދި އެވެސް ކޮންމެ ދުވަހަކު އެބަ ބަދަލުކުރޭ....."

"ކީއްކުރާނީ؟ އެހާވެސް ބައިވަރު ހުނަރު އެބަހުރި. ކޮންމެ ދާއިރާއެއްގައިވެސް ކުޅަދާނަކަމާއެކު ކުރިއަށް ދެވޭނެ..."މިކާލް ހީލާފައި ކުރިއަށް ޖެހިލީ ކައިލްގެ ގައިގާ ބައްދައިލުމަށެވެ. އެކަމަކު ކައިލް ކުއްލިއަކަށް ރެކުނު ގޮތަކުން މިކާލް ބަންޑުން ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. "ގޯޝް. ތި ޑިސްއޯޑަރގެ ސަބަބުން މީހަކު މަރުވެސް ވެދާނެ..."

"ނޯރާވެސް އެދުވަހު ވެއްޓި ބޮލަށް އަނިޔާވެ ސިކުނޑިއަށް ލޭއެޅި މަރުވިނަމަޔޯ؟ ހަމައެކަނި އަތުގައި ހިފާލައިގެން ސަލާމަތް ކުރެވެން އޮތްއިރު؟" މިކާލް ފެށިއެވެ. ދެން ބަލައިލިއިރު ކައިލް ފެންނާކަށް ނެތެވެ.

***

ވިންޓަރފެލްގެ ސުފުރާމަތީގައި އެންމެން ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމުގައި ތިއްބެވެ. އާވާ ނެތްކަން ފާހަގަކުރެވި ހައިތަމް އޭނަގެ އަންހެނުން ކައިރީ އާވާއާއި ބެހޭގޮތުން ސުވާލުކުރިއެވެ. ހަގީގަތަކީ ރޭ އެކުވެރިންނާއެކު ބާޒާރަށް ގޮސްފައި އައިގޮތަށް އާވާ ގޭގައި އުޅޭތޯ ބަލައިނުލެވުމުން އެކުއްޖާ ގެއަށް އައިކަމެއް އޭނައަށްވެސް ނޭގުނުކަމެވެ.

"ގުޑް މޯނިން ޑޭޑް...." އާވާގެ އަޑު އިވުމުން ލިއާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ."ގުޑްމޯނިން މާމާ..." ހެދުނު އެންމެނަށް ވަކިވަކިން ސަލާމް ކުރުމަކީ މަޖުބޫރު މާއްދާއެކެވެ. ޚާއްސަކޮށް މާމަ ޒައިނަބު އެތާ ހާޟިރުވެ ހުރިކަން އެންމެން ދެނެގަނެ އެކަން އެނގުނުކަން މާމައަށް އަންގަން ޖެހޭނެއެވެ. އެއީ އެންމެންގެ އާދައެކެވެ.

އާވާ ސިޑިން ފައިބައިގެން އައިސް އޭނަގެ ސީޓުގައި އިށީނެވެ.

އާދައިގެ މަތިން ވާވަރަށްވުރެ ގިނައިން މޭޒުމަތީގައި ތަފާތު ބާވަތްބާވަތުގެ ކާނާ އަތުރާލާފައެވެ. ތަފާތު ވައްތަރުގެ ސިރަޕް އަޅާފައިވާ ޕޭންކޭކުތަކެވެ. އެކިވައްތަރުގެ ޖޫސްތަކެވެ. މޭވާ ތަށިތަކެވެ. އަދިވެސް އެހެނިހެން ސާމާނެވެ. ގިނަ އެއްޗެހި ދާނީ އިސްރާފުވެގެންނެވެ.

"އާވާ ބޯޑިން ސްކޫލަކަށް ދިޔުމާމެދު ޚިޔާލަކީ ކޮބާ؟އެހެންނޫނަސް އަބަދުހެން ސްކޫލް މަސައްކަތުގައި އަބަދުހެން ގެއިން ބޭރުގައި ތިއުޅެނީ...." ހައިތަމް ވަރަށް އާދައިގެ ގޮތަކަށް އެވާހަކަ ފެށިއެވެ. އޭނަގެ ޕޭން ކޭކުގައި މޭޕްލް ސިރަޕްކޮޅެއް ޖެހިއެވެ. ލިއާނާ ހައިތަމްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ދެން އާވާގެ މޫނަށް އެ ނަޒަރު ދަތުރުކުރިއިރު ނުތަނަވަސްކަމުގެ ކުލައެއް ފެނުނެވެ. އާވާ ސްކޫލްދެކެ ނަފްރަތުކުރާ ވަރު އެންމެ ރަގަޅަށް ދެނެހުރި މީހަކީ އޭނައެވެ.

"ތިއީ ހަމަ ވަރަށް ރަގަޅު ޚިޔާލެއް ހައިތަމް. ރޯޒްމޭރީ ބޯޑިން ސްކޫލުން އާވާއަށް ފައިދާކުރާނެ...." މާމަ ޒައިނަބް ހައިތަމްއާއި އެއްބައިވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ސްޓްރޯބެރީއެއް ކާލާފައި އޭނަ ނެޕްކިންއަކުން އަނގަމަތި ފޮހެލިއެވެ. އާވާގެ މޫނުގެ ކުލަވަރު ދެކެލަން އައިޒަކް އެ މޫނަށް ބަލައިލިއެވެ. ބޯޑިން ސްކޫލަށް ދާން ވެއްޖެނަމަ އެކުއްޖާ ކުފުރުގެ މަރަކުން މަރުވާނެކަން ޔަގީނެވެ.

"އާވާ ވަރަށް އުފާވާނެ އަންކަލް. އަބަދުވެސް އާވާގެ ޑްރީމަކީ ބޯޑިން ސްކޫލަކަށް ދިޔުން އޭރުން އަބަދުހެން ފޮތްތަކާއެކު ހުރިހާ ގަޑިއެއްގައި އުޅެވޭނެ. ގޭގައި އުޅުމަކީ އެކަންތައްތަކާ ދުރުހެލިވާ ކަމެކޭ އަބަދުވެސް ބުނޭ...." އައިޒަކްވެސް އޭނަގެ ޚިޔާލު އިތުރުކޮށްލިއިރު އޭނަގެ މަންމަގެ ލޮލުން" ހުއްޓާލާށޭ" ބުނެލާފަދަ ގޮތަކަށް ބަލާލައިފިއެވެ.

"ޑޭޑް. އަޅުގަނޑު މިހާރު ދާ ސްކޫލްވެސް ރަގަޅު." އާވާ އަވަސްއަވަހަށް ބުނެލީ އައިޒަކްއަށް މަރުގެ ނަޒަރެއް ދީފައެވެ. އަލިފާނުގެ ނަޒަރަކުން މީހަކު މަރުވާނެނަމަ އެވަގުތު އައިޒަކް މަރުވީހެވެ.

"މިއީ ސަޖެސްޝަނެއް ނޫން އާވާ. ބޯޑިން ސްކޫލާއިމެދު އާވާ ދެކޭގޮތް ބަދަލުކޮށް ތަންކޮޅެއް ޕޮޒިޓިވްކޮށް އެކަން ބަލައިގަންނަން ޓްރައިކޮށްބަލަ. މިއަންނަ އަހަރު އާވާ ދާނީ ބޯޑިން ސްކޫލަށް....." ހައިތަމްގެ އެ ލަފުޒުތަކަކީ އާވާގެ ޅަ ގޮތްދޫނުކުރާ ހިތަށް ވަން ތީރުތަކަކަށް ވިއެވެ. ޔާސްމީން ކާއެތިކޮޅު އަރުތެރެއިން ދިރުވަން މަސައްކަތްކުރިއިރު ލިއާނާ އޮރެންޖް ޖޫސްތަށި ބޮމުން ދިޔައީ ނަގުލީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އިނދެއެވެ. ތަށިތަކުގައި އުލާއި ސަމުސާ ޖެހޭ އަޑު އެ ފުން ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައެވެ. އާވާގެ ލޯ ކަރުނުން ފުރުނުތަން ފެނި އައިޒަކްއަށްވެސް އުދަގޫވިއެވެ. އޭނަ ތަށްޓަށް ބަލަން ފެށިއިރު އެއްޗެކޭ ނުބުނެވުނުނަމައޭ ހިތަށް އެރިއެވެ.

"އަޅުގަނޑު ބޯޑިން ސްކޫލަކަށް ދާން ބޭނުމެއްނޫން...." އާވާ ރޮމުން ތެދުވުނުގޮތުން ގޮނޑިވެސް ފަހަތަށް ވެއްޓެން ދިޔައެވެ.

"އިށީދެ ތަށި ހުސްކުރޭ އާވާ...." ހައިތަމް ބަލާވެސް ނުލާ އެންގިއެވެ. ލިއާނާ އާވާގެ އަތުގައި ހިފާ ދަމައިގަނެ ގޮނޑީގައި ބައިންދަންދެން އޭނަ ހުރީ ކޮޅަށެވެ. އޭނަ އާވާއާއި ދިމާލަށް ބޯ ހޫރައިލަމުން "ނޫނެކޭ" ބުނާގޮތަށް އަނގަޔަށް ހަދައިލިއެވެ. ހޫނު ކަރުނަތައް ކޯތާފަތުން ދެމެމުން ދިޔައިރު އާވާ ބަނަސް އެއްގޮތަށް އަނގައިގާ ޖެހިއެވެ. އެންމެންވެސް ހިމޭންކަމާއެކު ނާސްތާއަށް އިންސާފުކުރަމުން ދިޔައެވެ.

***

އަލްޔަސް ވައުދުވީ ފަދައިން އޭނަ ކައިލްއަށް މެއިލް ކުރިއެވެ. ކުޑަ ޕޯސްޓްކާޑަކާއެކު ބާރ އެއްގެ ތަސްވީރެކެވެ. ތިން މީހެއްގެ އެޑްރެސް ލިޔެފައި އޮތެވެ. އެކަމަކު ކޮން ތަނެއްކަމެއް އޭނައަކަށްވެސް ނޭގުނެވެ. އެންމެ ކައިރީގައި ހުރި ފޯނު ބޫތަށް ވަނުމަށްފަހު އޭނަ އަލްޔަސް ދިން ނަމްބަރަށް ގުޅާލައިފިއެވެ.

"ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެ އަލްޔަސް..."

"އެއީ ފަސޭހަ މަސައްކަތެއް ނޫނޭ ކުއްޖާ. އެމީހުން ދެނެގަތުމަށް އުޅުމަކީވެސް އަހަންނަށް ހުރި ބިރެއް. ސަބަބަކީ އެމީހުން މަސައްކަތްކުރަނީ މަޝްހޫރު ލީޑަރުންގެ ދަށުން..." އަލްޔަސް ވާހަކަދެއްކިއެވެ." ކަލޭގެ މަންމައާއި ވާހަކަ ދައްކަން ހުރި މީހާ އަހަރެން ހޯދައިފިން. ފައިސާ ދިނުމުން ނޫނީ ވާހަކަދައްކަން އެއްބަހެއް ނުވި. އޭނައަކީ ހިޓްމޭންއެއް އަދި އަނެއް ދެމީހުންނާއި އޭނައަށް ފައިސާ ދީގެން ކަލޭގެ މަންމަ މަރަން ފޮނުވީ. ޔަގީނުންވެސް އެއީ ހަމަ ގަތުލެއް. އަމިއްލައަށް މަރުވީއެއްނޫން..."

"ކާކު އެމީހުން ފޮނުވީ؟"ކައިލްގެ މުށުތެރޭ އޮތް ފޯނަށް ބާރުކޮށްލެވުނެވެ.

"އެކަމުގެ ފަހަތުގައި ހުރި މީހާ އޭނައަކަށްވެސް ނޭގުނު. އެމީހުން ހަޔާ ކުރި މީހަކު ފޮނުވީ އޭނަގެ ޚާދިމެއް. އެމީހާ އަނާލިއާގެ އެޑްރެސް ދީފައި އަދި ހިޓްމެންއަށް ބަޑިވެސް ދިން. އެ ޚާދިމަކީ ކާކުކަމެއްވެސް އެމީހުންނަކަށް ނޭގުނު. ފަގީރު ބަލިކަށިކޮށް ހުރި މީހެކޯ. އޯ....ހޫމް އޭނަގެ ކަނައަތްފަރާތު ކޯތާފަތުގައި ލަކުނެއް ހުރި އަދި އައިނު އަޅައިގެން ހުރީ.." އަލްޔަސް ކިޔާދިނެވެ. އެ ޚާދިމްއާއި ބެހޭގޮތުން އެމީހުންނަށް އެނގުނީ އެވަރަށް. އޭނަ ދިރިއުޅޭތަނެއް އަދި މަސައްކަތްކުރާ ތަނެއްވެސް ނޭގެ. އެހެންނޫނަސް އެމީހުންނަށް ޚާދިމުގެ އެއްވެސް ކަމެއް ދެނެގަތުން މުހިއްމެއްނުވި.."

ކައިލް ހިމޭންކަމާއެކު އަޑުއަހަން ހުރީ ރުޅިމައިތިރިކުރަން މަސައްކަތްކުރަމުންނެވެ.

" އެމީހަކު އަނާލިއާ މަރައިލަން ބޭނުންވި ސަބަބެއް އަދި އެމީހަކީ ކާކުކަމެއްވެސް އެމީހުންނަށް ނޭގޭ. އެމީހުންނަށް އަނާލިއާ ކާކުކަމެއްވެސް ނޭގޭ. އެމީހުން އެކަން ކުރީ ފައިސާއާއިހެދި. މޭން ...އެމީހުން އަހަންނަށްވުރެ ނުބައިކަން ބޮޑު...."

"އޯ..އަދި އަހަރެން ޕޯސްޓްކާޑުގައި އެ ތިން މީހުންގެ އެޑްރެސް ލިޔުނިން. ބޭނުން ކަމެއް ދެން ކުރޭ. މިހާރު ދެން ވައުދު ކުރިގޮތަށް އަހަރެންގެ އާއިލާއާއި ދުރުން ހުރޭ....." އަލްޔަސް އެންގިއެވެ.

ކައިލް ފޯނު ބާއްވާފައި އެ ބޫތުން ނުކުމެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އަދި ހުރިތަނަށް ތިރިވެ ފާރުގައި ބުރަކަށި ޖައްސައިލެވުނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލެވިއްޖެއެވެ. ބޮލުގައިވެސް ރިއްސައެވެ. ހިތުގައިވެސް މެއެވެ. އެމީހުންނަށް އަނާލިއާއަކީ ކާކުކަމެއްވެސް ނޭގެއެވެ. އެކަމަކުވެސް މަގުސަދެއްނެތި އެމީހުން މައުސޫމް އިންސާނެއްގެ ފުރާނަ ނަގާލައިފިއެވެ. އެއްވެސް ސަބަބަކާހެދި އެއް ނޫނެވެ. އެމީހުން މަންމަ މަރައިލީއެވެ. ކުޅަދުރެއް ނައްތައިލާ ފަދައިންނެވެ. އެކަމަކު އިންސާނެކެވެ. އޭނަ އެ ކޮންކްރީޓް ބިންމަތީގައި އެތައް ފަހަރަކު މުށްކަވާފައި ވާ އަތުން ޖެހިއެވެ. ހަމަޔަކަށް އެޅުނީ އެތައްފަހަރު ބިންމަތީގައި ޖެހުނު ފަހުންނެވެ. އޭނަގެ އިނގިލިތަކުގެ ހުޅުތައް ޒަޚަމްވެ ލޭ އޮހިގަތެވެ. ކައިލް އުދަގުލުން އެތަނުން ތެދުވެގެން އުޑާއި ދިމާލަށް ނަޒަރު ހިންގައިލިއިރު އެތައް ތަރިތަކެއް ވިދާ ބަބުޅައެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނަ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކައިލް ގެއާއި ހަމަވީއިރަށް ލޮލުގައި އަޅައިގަތީ ތެޅިފޮޅެމުން ކޮޓަރިން ނުކުމެގެން ދުވެފައި އައި ނޯރާއެވެ. ހާސްވެފައި އައި ބާރުމިނުގައި ކައިލްގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ.

"މާމަ.....މާމަ...." ނޯރާއަށް އެއްޗެކޭ ނުބުނެވުނީސް ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ދެނެގަތް ކައިލް ސިކުންތުކޮޅެއްގެ ތެރޭގައި ހުރީ މާމަގެ ކައިރީގައެވެ.

"މާމާ..." ކައިލް ހާސްކަމާއެކު އޭނަގެ މާމައަށް ގޮވައިލިއެވެ. އެވަގުތުވެސް ނޯރާއަށް ފާހަގަކުރެވުނީ ކައިލް އޭނަގެ މާމަގެ ހަމުގައި އަތް ނުލާކަމެވެ.

ނުނިމޭ

ކޮމެންޓް 0