"އަހަރެމެންގެ އުމުރުން ދުވަސްތައް ވޭތުވަމުން ދާއިރު އަހަރެމެންގެ މައިންބަފައިން މުސްކުޅިވަމުންދާކަން ހަދާން ނައްތައިލަމެވެ. އެމީހުން އަހަރެމެން ކުޑައިރު އަޅައިލިފަދައިން އެމީހުންނަށް އަޅާލާށެވެ."

***

އެރޭ ބައްޕަ ކާނާ ހިފައިގެން އަންނާނެކަމުގެ އިންތިޒާރުގައި ނޯރާ އިނެވެ. ރޭގަނޑު ކެއުމަށެވެ. އެކަމަކު މަހުމޫދު އެނބުރި ނައެވެ.

***

އަނާލިއާ އޭނާގެ މަންމައާއި ދަރިފުޅު ކައިލް ގޮވައިގެން އެހެން ތަނަކަށް ބަދަލުވިފަހުން އެތައް ހަފްތާއެއް ވޭތުވެގެން ދިޔައީ ހީނުކުރާހާ ހަލުވިކޮށެވެ. އެމީހުން އެންމެ ފަހުން ދިރިއުޅުމެއް ފަށައިގަތީ ލުސާންގެ ވެގަސް ކިޔާ ކުޑަ ވިލެޖެއްގައެވެ. އެމީހުން ކުރިން އުޅުނު ހިސާބަށްވުރެ އެތައް ތަނެއް ރަގަޅު، ތަރައްގީވެފައިވާ އަވަށެކެވެ. މާހައުލު ހިމޭންވެފައި މަންޒަރުތައް ޕޯސްޓްކާޑެއްހާ ފުރިހަމައެވެ. ލުސާން ކޯރުގެ ކައިރީގައި އޮންނަ އެތަން މަޝްހޫރުވެފައިވަނީ ނޭވާ ހިފަހައްޓާލާފަދަ ވިއުގެ ސަބަބުންނެވެ. މައުންޓް ޕިލޭޓަސް އަދި މައުންޓް ރިގީފަދަ ފަރުބަދަތައް އެކޯރުގެ ވަށައިގެންވެއެވެ.

އެ އަވަށުގެ މަގުތައް ސާފުވެފައި ހިނގާ މީހުން އަރާމުކޮށްލަން ދިގު ގޮނޑިތައް ހަދާފައިވެއެވެ. އަދިވެސް ހޫނު މޫސުން ނުނިމޭތީ ގަސްތައް ފަޚުރުވެރިކަމާއެކު އޭގެ ފެހިކަން ދައްކުވަމުން ދިޔައެވެ. އެކަމަކު ވައިގައި ފިނިކަން ހިފަންފެށިއެވެ. ޚަރީފަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.

އެ ސަރަހައްދުގައި ކުލަތަކުން ފުރިފައިވާ ކުދި "ކޮޓެޖް"ތައް ހުރެއެވެ. ފަރުމާކުރުމުގެ މުބާރާތެއްގައި ވާދަކުރަން ހިފާލާފައިވާ ގެތައް ފަދައެވެ. ކުޑަ ޕޯޓިކޯ ލާފައިވާ ގެތަކެވެ. މުށިތަކުގައި ޑެއިޒީތަކާއި ވިދުންފަދަ ރީދޫ އަދި ރަތް ޑެފޮޑިއެލް އަދި މީރުވަސް ދުވާ ފިނިފެންމާތަކުން ލޮލަށް ފިނިކަން ގެނެސްދެއެވެ. ފެހިކުލައިގެ މޭބިސްކަދުރު ވެޔޮތައް ފާރުތަކާއި ތިރިކޮށް ޖަހާފައިވާ ފެންސްގައި އޮޅާލައިގެންނެވެ. ކައިރީގައި ހުރި ބޭކަރީއަކުންނާ އެހިސާބުގައިވާ ސްޓޯލްތަކުން ވިއްކާ ތަފާތު ވައްތަރުގެ ކާ އެއްޗެހީގެ ވަހާއި އެކުވީމަ ދުވާ ވަސް ވަރަށް ހިތްގައިމެވެ. ރަށުގެ އާބާދީއަށްވުރެ ގިނަފޮތްތައް ހިމެނޭ ބޮޑު ލައިބްރަރީއެއްވެސް އެ ވިލެޖްގައި ހުރެއެވެ. ކުދި ރީތި ކެފޭތަކާއި އާޓް ގެލެރީތައް އެ ވިލެޖްގެ އެކި ކަނުން ފެނެއެވެ. ބައެއް ދިމާލުން އަންހެނެއް ނޫނީ ފިރިހެނެއް ނޫނީ ގްރޫޕެއްގެ ބަޔަކު ލަވަ ކިޔާތަން ނޫނީ ނަށާތަން ފެނުމަކީވެސް އާއްމުކަމެކެވެ.

ކައިލްގެ އާއިލާ ކުއްޔަށް ހިފި ކޮޓެޖަކީ ސާފުތާހިރު ކުޑަ ތަނެކެވެ. އެހާ ރީތި ކުޑަ ބަގީޗާއަކާއެކުގައެވެ. ހުދުކުލައިން ޕެއިންޓްކޮށްފައިވާ ފާރުތަކަށް މޭބިސްކަދުރު ވެޔޮ އަރުވާފައެވެ. އެގޭގެ މުށިކުލައިގެ ދޮރަކީ ދުވަސްވީ އެއްޗެކެވެ. ކުޑަދޮރުގެ ދާރަމަތީގައި ކުލަކުލައިގެ މާތައް ފޮޅިފައިވާ މުށިތައް ބަހައްޓާފައިވިއެވެ. އެގޭގައިވާ ދެކޮޓަރިން އެއްތަނުގައި ދިރިއުޅެނީ ކައިލްއާއި އޭނާގެ މާމައެވެ. އަނެއް ކޮޓަރި އަނާލިއާއަށް ހަމަޖެހުނުއިރު އެއްވެސް މީހަކު އެތަނަށް ވަނުމުގެ ހުއްދައެއް ނެތެވެ. ކައްކާބައި އެހާ ކުޑައެވެ. ސިޓިންރޫމްގައި އާދައިގެ ފަރުނީޗަރު ސެޓަކާއި ކައުޗަކާއި ޓީވިއެއް ވެއެވެ. ކައިލް ސްކޫލް އެއްޗެހި ބަހައްޓަން ފޮތް ހަރުގަނޑެއް ހުއްޓެވެ. ސާދާ ގެއެއް ނަމަވެސް ސާފުތާހިރުކަމުގައި އަރާ ހުރި ތަނެކެވެ. އެކަމުގެ ސަބަބުން ކުޑަވިޔަސް ތަނުގެ ރީތިކަން އިތުރުކޮށްދިނެވެ. ލަވެންޑަރގެ މަޑުމަޑު ވަސް މުޅި ގޭތެރެއަށް ފެތުރިފައިވިއެވެ. އަނާލިއާ އެފަދަ މީރުވަސް ދުވާ އުއްބައްތިތައް ދިއްލަން ގަޔާވެއެވެ. ސިކުނޑިއަށް އަރާމުކަމެއް ގެނެސްދީ ހަމަޖައްސުވާ އެއްޗެކެވެ. ނަމަވެސް ފޮނި މަލުގެ ވަހެއް ހުރުމުން ކައިލް ނިކަން ރުޅިއަންނަ އެއްޗަކަށްވިއެވެ.

ކައިލްއަށް ޖާގަ ލިބުނު ސްކޫލް ހުންނަނީ ވިލެޖާއި ތަންކޮޅެއް ދުރުގައެވެ. އެހިސާބަށް ފޯރަނީ ފައިމަގުގަ ގަޑިއެއްހާއިރުންނެވެ. ބައެއްދުވަސްތަކުގައި އޭނާއަށް ލަހުން ދެވުނަސް މުދައްރިސުން ފަހަރެއްގައިވެސް އޭނާއަށް އަދަބެއް ނުދެއެވެ. ސްކޫލުގައި ހުރި އެންމެ ސްމާޓް ދަރިވަރަށް އަދަބުދިނުމުގެ ހިތްވަރެއް ހުންނާނެ ހެއްޔެެވެ؟ ބައެއްދުވަހު އިރު ރަގަޅަށް ނާރަނީސް އޭނާ ސްކޫލަށް ދާން ހިނގައިގަންނާނެއެވެ. އޭރު އަދި ވިލެޖް އޮންނަނީ ނިދާފައެވެ. އަމާން ހިމޭން ވަގުތެކެވެ. އެގަޑީގައި މުޅި ދުނިޔެވެސް މަޑު ޖާދުވީ ނޫ އައްޔަކުން ފެންވަރުވާފައިވާފަދައެވެ. ހަމައެކަނި އިވިލާ އަޑަކީ ފަތްތައް މަޑުމަޑުން ނަށާލާ އަޑެވެ. އޭނާ ފަތިސްވަގުތު ދެކެ އިންތިހާއަށް ލޯބިވެއެވެ.

ކައިލް ސްކޫލަށް ދާއިރު ދޭތެރެއަކުން ހުސްވަގުތުކޮޅެއް ނަގައިލަން ޖެހެއެވެ. އަލްޔަސްގެ ދަށުން ހުންނަ ބާޒް އޭނާގެ ފައިގާ މަރުތޭލުން ތެޅުމުގެ ސަބަބުން އަދިވެސް ހިނގާއިރު ކަކުލުން ތަދުގެ އިހުސާސްވެއެވެ. އެތަދު އަންނަނީވެސް އިތުރުވަމުންނެވެ. އެރޭގެ ހައިޖާނަށްފަހު އޭނައަށް ހިނގެނީވެސް ކޮރެއް ޖަހަމުންނެވެ. ފަޔާއިހެދި މެދުކެނޑުމެއްނެތި ގަޑިއަކަށް ހިނގައިލެވޭ ވަރެއްވެސްނޫނެވެ. ކައިލް ގޮނޑިއެއްގައި ޖައްސާލުމަށްފަހު އިރުއަރާ މަންޒަރު ދެކުނެވެ. އުޑު މަޑުމަޑުން އެކި ކުލަތަކުން ފަވައިލަމުން ދިޔައެވެ. ފިޔާތޮށީގެ އެކި ކުލަތަކާއި ވައިލެޓް ރަތް އަދި އޮރެންޖްކުލަވެސް މެއެވެ. ހާދަ ރީއްޗެވެ. މިފަދަ ދުވަސްތަކުގައި އޭނާގެ ހިޔާލަށް އެތައް ސުވާލުތައް ހުރަސްކުރެއެވެ. ދިރިއުޅުމާއި ބެހޭގޮތުންނެވެ. ހަޔާތުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނާގެ އަދި އެހެން އެންމެންގެ ދިރިއުޅުމުގެ މަގުސަދަކީ ކޮބާހެއްޔެވެ؟ ޔަގީނުންވެސް އޭނާ ހެއްދެވި ފަރާތްވާކަން ގަބޫލުކުރެއެވެ. އަނާލިއާއާއި ޒާފިރާއަކީ މުސްލިމުންނެވެ. ޒާފިރާ ކުރިން އޭނާއަށް ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތައް ކިޔައިދީ އުޅުނެވެ. ކައިލް ކުޑައިރު ނިކަން ޝައުގުވެރިވިއެވެ. މިފަހުގެ ދަރިކޮޅުގެ ކުދިން ހަގީގަތެއްނެތް ސުޕަހީރޯއިންނަށް އެޑްމަޔާ ކުރާފަދައިން އޭނާވެސް ރަސޫލުންނަށް ލޯބިކުރިއެވެ. އޭނާ ބޮޑުވަމުން އައިއިރު އޭނާގެ ސުވާލުތަކާއި ޝައްކުތަކާއިމެދު ޚިޔާލު ބަދަލުކޮށް ހަދާނެ މީހަކަށް އެދެވުނެވެ. ރަގަޅު މަގު ދައްކާނެ މީހެއް ނެތުމުން މަގު އޮޅޭގޮތްވެ ކައިލް ބައެއް ނަމާދުތައް ދޫކޮށްލާ ފަރުވާކުޑަވިއެވެ. ޒާފިރާގެ އުމުރުން ދުވަސްވެ ލޮލުގެ ފެނުމުން މަހުރޫމްވުމުން ކައިލް ގަވާއިދުން ނަމާދުކުރޭތޯ ބަލައެއް ނުލެވެއެވެ. ކައިލް ދިރިއުޅެނީ އޭނާ ބޭނުންވާގޮތަށް އޭނާ ބޭނުން ކަމެއް ކުރަމުންނެވެ. އެކަމާއި ފަރުވާލެއް ހުރި މީހެއް އެކަން ހުއްޓުވާނެ މީހެއްނެތެވެ. ވީމަ އެކަމުގެ ފަރުވާލެއް އޭނާއަކަށް ނެތެވެ. އަނާލިއާވެސް އޭނާއަށްޓަކާ ނެތެވެ. އެންމެ ބޭނުންވީއިރުވެސް މެއެވެ. އޭނާ އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެހީވާން އަންނަނީ މާމަ ކަމަށްވާތީ ބައެއްފަހަރު ކައިލް ރުޅިއާދެއެވެ. އޭނާ ބަލިވުމުން އޭނާގެ މަންމަ އަޅާނުލަނީ ކީއްވެހެއްޔެވެ؟ އޯގާތެރިކަމާއެކު އެންމެ ލަފުޒެއްވެސް ބުނެނުލާ ސަބަބަކީކޮބާ ހެއްޔެވެ؟ ކައިލްއަށް އެއްގޮތަކަށްވެސް ނޭގުނެވެ. އޭނާއަށް ފަރުވާލެއް ނެތެވެ. ނޫނީ ފަރުވާލެއްނެތްކަމަށް ހެދެން މަސައްކަތްކުރެއެވެ. ކޮންމެ ދުވަހަކު ހިތް ވީދިގެންދާކަމަށް ނެހެދެން އޭނާ މަސައްކަތްކުރެއެވެ.

އަނާލިއާ ފައިސާއަށް ކުރަހާދެއެވެ. އެކިޒާތްޒާތުގެ މަސައްކަތް އެތަން މިތާ ކުރެއެވެ. އަވަށްޓެރިންގެ ގޭގެ ސާފުކޮށްދިނުމާއި ކާރު ދޮވެދިނުންފަދަ ކަންތައްވެސް މެއެވެ. ކާން ބޯން ބޭނުންވާ ސާމާނު ގަންނަން އޭނާ ޚަރަދުކުރެއެވެ. އަދި ކުރަހަން ބޭނުންވާ ސާމާނު ހުސްވާން ކައިރިވުމުން އެވެސް ގަނެއެވެ. ކައިލްވެސް މަސައްކަތެއް ކޮށް އާމްދަނީ ހޯދަން ބޭނުންވިއެވެ. އޭރުން ސްކޫލް ބަހަށް ފީ ދެއްކޭނެތާއެވެ. ނަމަވެސް އޭނާގެ އުމުރުގެ ކުއްޖަކަށް ވަޒީފާއެއް ދޭނީ ކާކުހެއްޔެވެ؟

އަވަށްޓެރިއެއްގެ ޕޯޓިކޯގެ އެއްފަރާތުގައި ހުރި ފުރޮޅުލީ ގޮނޑިއަކީ އެއާއިލާ އެގޭގައި ވަޒަންވެރިވީއިރުވެސް އެތަން ފަޅުފިލުވި އެއްޗެކެވެ. ފަހަރެއްގައި އެގެ ދޫކޮށް އެތާ އުޅުނު ބަޔަކު ދިޔައީއެވެ. ނޫނީ ގޭގެ ވެރިޔާއަށް ޖެހުނު ބައްޔަކުން ސަލާމަތްވެ ގޮނޑީގެ ބޭނުން ކެނޑުނީއެވެ. އެންމެ ދުވަހަކަށް އެ ގޮނޑި އަތުލިޔަސް އެއްވެސް މީހަކަށްވާނެ ގެއްލުމެއް އޮތްކަމަކަށް އޭނަ ނުދެކުނެވެ. ކައިލް ޒާފިރާ އުފުލާލައިގެން ގޮސް ގޮނޑިއަށް އެރުވިއެވެ. އެތައް ސުވާލުތަކެއް އޭނާއާއި އަމާޒުވިއެވެ.

"އަހަރެން ކޮންތާކަށް ތިގެންދަނީ ކޮއިފުޅާ؟ އަހަންނަށް ހިނގެނީއެއްނޫން. މިއީ ކޮންކަމެއް؟" ޒާފިރާ ނިކަން މަޑުމަޑުން ގޮނޑީގެ އަތްގަނޑުގައި ފިރުމަމުން ދިޔައެވެ.

"އެހެން އޮށޯވެގެން އޮވެ އޮވެ މާމަ ފޫއްސެއްނުވޭތަ؟ މީގައި ދިޔައީމަ ހިތްހަމަޖެހޭނެ. މިއީ ފުރޮޅުލީގޮނޑިއެއް...." ކައިލް ބުނެދިނެބެ. ކައިލް ޒާފިރާގެ ކަދުރާގައި ޝޯލެއް އޮޅާލުމަށްފަހު އާ އިސްޓާކީނެއް ފަޔަށް ލައްވާދިނެވެ. އަދި ބޭރަށާއި ހާއްސަ ތަނަކަށް ދާންވުމުން ލާ ރީތި ބޫޓުވެސް ލެއްވިއެވެ. އާންމުކޮށް އެގޮތަށް ބޭރަށް ދިޔުމަކީ މަދުން ނޫނީ އޭނައަށް ލިބޭ ނަސީބެއް ނޫނެވެ. ކައިލް ހުރީ އަތްކުރު ޓީޝާޓަކާއި ދިގު ސޯޓެއްލައިގެންނެވެ. އޭނައަށް ފިނީގެ ފަރުވާލެއްނެތެވެ. ފަތްތައް މިހާރު ރަންކުލަ އަރާން ފަށައިފިއެވެ. ރަތް ރީދޫ އަދި ރަންކުލައިގެ ފަތްތަކުން ފުރިފައިވާ ގަސްތަކުން މަގު ފުރާލައިފިއެވެ. އެ ކުލަތައް ރީތިކަމުން ނަޒަރު ހުއްޓާލައިގެން ތިބެވިދާނެއެވެ. ފަތްތައް މަގުމަތީގައި ނަށައިލަނީ ގަސްތަކުގެ ގޮފިތަކުންވަކިވެ މިނިވަންވުމުން އުފާކުރާ ފަދައިންނެވެ. ބަގީޗާތަކުގައިވި ކުލަތަކުން ޖަރީވި މާތައް ގެއްލިއްޖެއެވެ. އޭގެ ބަދަލުގައި ފެންނަނީ ވަޅޯވެފައިވާ ގަސްތަކެވެ. އެކަމަކުވެސް އޭގެ ގޮތުގައި ޚަރީފު މޫސުމް ނަލައެވެ. ފަތްތައް ކުލަ ބަދަލުވާ މަންޒަރު އަޖައިބުކުރުވަނިވި ކަމެކެވެ. އަދި ވައިގާ ވަނީ އަރާމު ކަމެކެވެ. އެހާ ފިނި އަދި އެހާ ހޫނެއްވެސް ނޫނެވެ. ހަމަ ހިތްގައިމު ވަރަށެވެ. ކައިލް ޚަރީފުގެ ވަހަށް ލޯބިކުރެއެވެ. ވައިގާ ތަފާތުކަމެއް ހުރެއެވެ. ފަހަރެއްގައި ޚަރީފުގެ ކުރީކޮޅުގެ ވަހާއި އާފަލު ފްރިޓާޒް، ވެނީލާ، ހަވާދުލީ ކުކީޒް އަދި ރޯސްޓްކޮށްފައިވާ އާމަންޑްގެ ވަސް އެކުވުމުން ވައިގާ ހިފާފައި ހުންނަ މީރުވަހެއްކަމަށްވެސްް ވެދާނެއެވެ.

"މާމައަށް އެވަސް ދުވާތަ؟" މަޑުމަޑުން ފުރޮޅުލީގޮނޑި ދުއްވަމުން ދިޔައެވެ.

"ހޫމް....ވީއިރު ޚަރީފު މޫސުމް ފެށުނީ އޭން؟" ޒާފިރާގެ އެ ޖަވާބުން ކައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފެނުމަކާއި ނުލާވެސް އެގޮތަށް ދެނެގަންނަން އެނގުމަކީ އަޖައިބުކުރުވަނިވި ކަމެކެވެ. މުސްކުޅި މާމަގެ ސްމާޓްކަމާއިމެދު ކައިލް ފަޚުރުވެރިވިއެވެ.

"ކުލަތައް ކިޔާދީބަލަ ކޮއިފުޅާ...."

"މާމައަށް ގެސް ނުކުރެވޭތަ؟" ޒާފިރާ ހިތްހަމަނުޖެހުނުކަން އެނގުމުން ކައިލް ކުޑަކޮށް ކަރު ކަހާލުމަށްފަހު މާމައަށް ޚަރީފު މަންޒަރުތައް ސިފަކޮށްދޭން ފެށިއެވެ.

"ފަތްތަކުގައިވަނީ އިރުއޮއްސޭއިރު ހުންނަ ކުލަ..."

"އަދި ކިޔާދީ...." ޒާފިރާ ރޫޖެހިފައިވާ އަތުގައި ވައިރޯޅިތައް ބީހެމުން ދިޔައިރު ރަންކުލައިގެ ފަތެއް ލުއިކޮށް އަތްތިލައިގާ ބީއްސާލައިފިއެވެ.

"ބައެއް ފަތްތަކުގައި ރަންކުލަ....މަންމަގެ ގަހަނާތަކުން ފެންނަން ހުންނާނެ ކުލަ. ބައެއް ފަތްތައް އޮރެންޖުކުލައިގާ އަދި އަލިފާން ފަދައިން ރަތްކުލައިގާ އަދި ބައެއް ފަތްތައް ރީދޫކުލައިގާ. މިވަގުތު މާމަ ލައިގެން ހުރި ހެދުމުގެކުލަ........"

އޯހް...މާމަ މިއިނީ އެ ރީދޫކުލައިގެ ހެދުން ލައިގެންތަ؟ އުފާވެއްޖެ. މިހެދުމާއި މާމަ ނިކަން ގަޔާވޭ..." ޒާފިރާ ކުޑަކޮށް ހީލިއިރު އެ ތެތްކަން ވެރިވި ލޯ ވަކި ދިމާލަކަށް އަމާޒުވުމެއްނެތި އެކިދިމާލަށް ދަތުރުކުރިއެވެ.

"ވަރަށް އަމާން....." ކައިލްއަށް ޒާފިރާގެ މޫނު ނުފެނުނުކަމުގައި ވިޔަސް މާމަ ހިނިތުންވެފައިކަން އެނގުނެވެ. ކައިލް ދިގު ގޮނޑިއެއްގެ ކައިރިއަށް ގޮނޑި މަޑުކޮށްލާފައި ޒާފިރާއަށް ސެންޑްވިޗް ދިނުމަށްފަހު ވިނަގަނޑުމަތީ ޖައްސައިލީ އަރާމުކޮށްލުމަށެވެ. "މާމާ. އަހަރެން ދުވަހެއްގެ ކޮޅުންވެސްގެއިން ގޮއްސިއްޔާ މާމަ ހަދާނީ ކިހިނެއް؟"

ކައިލް ކުއްލިއަކަށް އެ ސުވާލުކޮށްލީ ޝައުގުވެރިކަމާއެކުގައެވެ. ފިލައިގެން ދިޔުމާއިމެދު ހިޔާލުކޮށް އެކަމަށް އަމަލީ ސިފަ ގެންނަން ވިސްނާތާ ދުވަސްކޮޅެއްވެއްޖެއެވެ. އޭނަގެ މަންމަގެ ހިތަށް އުފާވެރިކަން ލިބޭނެކަން ޔަގީނެވެ. މަންމައަށް އޭނާއަކީ ބޮޑު ބުރައެކެވެ. ކާންދޭން ޖެހޭ އިތުރު އަނގައެކެވެ. ޒާފިރާ ޖަވާބެއް ނުދިނުމުން ކައިލްއަށް މާމަގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ކޯތާފަތްމަތިން ތިރިއަށް ދެމެމުންދާ ކަރުނަތައް ފެނި ކަންބޮޑުވުމާއިއެކު ނުތަނަވަސްވިއެވެ. މާމަގެ މޫނުން ބިރުގެންފައިކަމާއި ލިބުނު ސިހުން ދުވާލުގެ އިރުފަދައިން ފެނުނެވެ. ޒާފިރާގެ ހިތަށް އެވަގުތު އައި ހިޔާލު ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ.

"މާމާ. އަހަރެން އެއްވެސް ތަަނަކަށް ނުދާނަން...." މާމަގެ ނާޒުކް އަތްތިލަ އޭނާގެ އަތުތެރެއަށް ލަމުން ކައިލް ބުނެލިއެވެ.

މާމައާއެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ބޭކަރީއަކާއި އަރާ ހަމަވީއިރު ކުޅުދިޔާވާހާ މީރުވަސްދުވިއެވެ. ފޮނި ޕޭސްޓްރީތަކާއި ކްރީމްޖެހި ހޫނު ކަޕްކޭކެވެ. އަވަންތަކުން ތާޒާ ޕާން ފިހެވޭ ވަހެވެ. އޭނާގެ އަތުގައި އެންމެ ފައިސާ ފޮތްޗެއް އޮތްނަމަ މާމައަށް ގަނެދިނީހެވެ.

"އޭ ކުއްޖާ..." ފުރަތަމަ ކައިލްގެ ކަންފަތް ކުށްކުޅައީ ކަމުގައި ހީކުރެވުނެވެ. ދެވަނަ ފަހަރަށް އެއަޑު ސާފުވިއެވެ. އޭނައަށް މީހަކު ގޮވަނީހެއްޔެވެ؟ ކައިލް އެނބުރި ބަލައިލިއިރު ބޭކަރީގެ ކުޑަދޮރަކުން މީހަކު ހަނާ އަޅަނީއެވެ. އަހަންނަށް ހެއްޔޭ އަހާލާފަދަ ގޮތަކަށް ކައިލް އަތުން އަމިއްލަ ހަށިގަނޑަށް އިޝާރާތްކޮށްލިއެވެ.

"އާން. މިތަނަށް އާދެބަލަ...." އެ މީހަކު ގޮވާލައިފިއެވެ. މެދުއުމުރުގެ ފިރިހެނެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވާއިރު އޭނާގެ އަވިން އަނދާފައިވާ ހަމުގެ ސަބަބުން އަޅި ދެލޯ އަޅައިގަނެއެވެ. ކައިލްގެ ފުރަތަމަ ހިޔާލަކަށް ވީ އޭނަ ފުރޮޅުލީ ގޮނޑި އަމުރު ނެތި ގެނައުމުން ކަމަށެވެ. އަދި އެގޮވައިލި މީހަކީ ވެރިފަރާތްކަމެވެ. ކައިލް ހިންދިރުވައިލިއެވެ. އޭނާގެ ޟަމީރުގެ އެއް ފަޅި ބޭނުންވީ މާމައާއިގެން އެތަނުން ދުވެ ފިލުމަށެވެ. އަނެއް ފަޅިން އެންގީ އޭނާ އެގޮނޑި ވަގަށް ނެގީނޫން ކަމަށާއި އިރުގަނޑަކަށް ކުއްޔަށް ނެގީކަމުގައި ބުނެ ތަފްސީލުދިނުމެވެ.

"އަން. މި ގެންދޭ...." އެ ފިރިހެންމީހާ ކޮތަޅެއް ދިއްކޮށްލައިފިއެވެ. ހައިރާންވެފައި ހުރި ކައިލް ޖެހިލުންވެފައި ހުރެ ކުރިއަށް ދިޔައެވެ. އެ ކޮތަޅުގެ ބޭރުގައި ލޯގޯއަކަށް ޖަހާފައި އޮތީ ކާސިވް ފޮންޓުން އޮތް އެންމެ ލަފުޒެކެވެ. "ޕެޓްރިކޯ"އެވެ. އެ ބަހުގެ މާނަ އެނގެން އޭނާއަށް އަހަރުތަކެއް ނެގިއެވެ. ޕެޓްރިކޯއަކީ ވާރޭވެހުމަށްފަހު ބިންގަނޑުގައި ދުވާ ހިތްގައިމު ވަހެވެ.

"އެންޖޯއި އިޓް. މާމައާއި ދެކުދިންނަށްވެސް މި ކަމުދާނެކަމަށް އުއްމީދުކުރަން..." އެކުވެރިގޮތަކަށް ހީލުމަށްފަހު އެ ފިރިހެންމީހާ ބޭކަރީގެ ތެރެއަށް ވަދެ ލޯމަތިން ގެއްލިއްޖެއެވެ. ކައިލް ކޮތަޅު ހުޅުވާފައި އޭގައި ހުރި އެއްޗެއް ފާސްކޮށްލައިފިއެވެ. ވެނީލާ ކްރީމް އަޅާފައި ހުރި އެންމެ ތުނި ޕޭސްޓްރީ ޝީޓުން ހަދާފައިވާ ކްރީމް ރޯލްސްއާއި އަޖައިބެއްފަދަ މީރުވަހެއް އެކުލެވޭ އެޕްލް ޓާޓްއެވެ. އޭނާގެ އަތުގައި ފައިސާނެތުމުން ހިލޭ ދިނީހެއްޔެވެ؟ އެކަމަކު ކީއްވެހެއްޔެވެ؟ ފަހަރެއްގައި އަދިވެސް ދުނިޔޭގައި އޯގާތެރި މީހުން ތިބީކަން ނޭގެއެވެ. ކޮންމެގޮތެއް ވިޔަސް އޭނާއަށް ބުނަން ނޭގޭފަދަ އުފާވެރިކަމެއް ލިބުނެވެ. އެންމެ ހައިރާންވީ ޒާފިރާ އަދި ކައިލްގެ އިތުރުން އަނާލިޔާއަށްވެސް ވާވަރަށް އަޅާފައި ހުރީމައެވެ. އެމީހުންނަކީ ތިން މީހުންގެ އާއިލާއެއްކަން އެނގުނީ ކިހިނެއްހެއްޔެވެ؟

އަނާލިއާ ގެއަށް ވަދެފައި މޫނު ހަދައިލީ ކަރުދާސްކޮތަޅުގައި ވި ލޯގޯ ފެނިފައެވެ. އެ ފިރިހެނާ މިއުޅެނީ ކީއްކުރަންހެއްޔެވެ؟ އަނާލިޔާ ބުމަ ގޮށްޖަހައިލުމާއެކު ގޮށްމުށްކަވައިލީ ބާރަކަށެވެ.

***

ފަތިސްވުމާއެކު މަސައްކަތުމީހުން އަވަދިނެތި އުޅުނީ ސްވިސް އާލްޕްސް ސްކޫލް ގޯތިތެރޭގައިވި ބިޔަގަސްތަކުން ވެރިފައި ހުރި ޚަރީފު ފަތްތައް ނަގާ ސާފުކުރުމުގައެވެ. އެ ބޮޑު ރަށެއްވަރުގެ ސްކޫލްގެ ދުރުދުރުން ފެންނާން ހުރީ ހައިބަހުރި އާލްޕްސް ފަރުބަދައެވެ. ފިނި މޫސުން ކަމުގައި ނުވިޔަސް ހުދުކަފަކޮޅެއްފަދަ ސްނޯއިން އާލްޕްސްގެ މަތި ވިދާއިރު ވިލާތަކާއި ވާދަކުރާފަދަ ރީތިކަމެއް ލިބިފައިވިއެވެ. މާތްﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ހެއްކެކެވެ.

ސްކޫލްގެ އެކި ގްރޭޑްތަކުގެ ކުދިން އެއްވަމުން ދިޔައިރު ގްރޭޑް ހަތެއްގެ ކުދިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

"ގުޑް މޯނިން މައި މިނިއަންސް....އެންމެންވެސް މިއަދުގެ ބްރޭކިން ނިއުސް އަހަން މިތަނަށް އެއްވޭ....." ކްލާހަށް ވައިން ސޫރީ އަތްތިލަ ބަޑިއެއް ޖަހައިލަމުން އެންގިއެވެ. އޭނާއަކީ އެގޮތަށް ހުރިހާ ޝައުގުވެރިވަނިވި މުހިންމު ކުދިންގެ ހަބަރުތައް ހޯދުމުގައި ކުރީގައި އުޅޭ ކުއްޖެކެވެ. އޭނާ އެ ޚަބަރުތައް ހޯދައިގަންނަ ގޮތުގެ ސިއްރެއް އެނގޭ މީހެއްވެސް ނެތެެވެ. ސޫރީގެ އެންމެ ގާތް އެކުވެރިން އޭނާ ވަށައިލިގޮތުން އޭނާގެ ލޮލުގައި ވާ އައިނުވެސް ރަގަޅުކޮށްލަން ޖެހުނެވެ. "ލޫނާ އެހެން ބޯއިފްރެންޑެއް ހޯދައިފި. އެއީ އަދި މި ޓައުނާއި ދެ ގަޑިއިރު ދުރުގައި އޮތް ތަނަކުން އެކަމަކު ޔަގީންވާ ގޮތުން އޭނާ ކޮންމެ ދުވަހަކު ދެގަޑިއިރުގެ ދަތުރަކަށްފަހު ލޫނާދެކެން އާދޭ..."

ސޫރީ ފާޑަކަށް ބޯ ހޫރާލާފައި ހީލީ އެއީ ބޭކާރު އަދި މާނައެއްނެތް ކަމެއްކަމުގައި ފެންނަ ކަހަލަ ގޮތަކަށެވެ.

"އޯ މައި ގޯޑް. ދެޓް އިޒް ސޯ ސްވީޓް..." އަނެއް ތިން އަންހެންކުދިން ރަތްވެފައިވާ މޫނުތަކުގައި އަތް ޖައްސައިލަމުން ފޯރިއާއެކު ކިޔާލައިފިއެވެ.

"އަދި އެނގޭތަ؟ ސިއެނާގެ ބައްޕަ މިބުނާ ބޯޑިން ސްކޫލުން ޖާގައެއް ހޯދީމަ އެތަނަށް ދާން ދެކޮޅު ހަދާފައި އަހަރެމެން ސްކޫލްގައި މަޑުކުރާށޭ އުޅެނީ..." ސޫރީގެ ޖުމްލައަށްފަހު އޭނާ އަނގަ ތަންމިނަށް ހުޅުވައިލީ އޭނާ އަދިވެސް އެ ހަބަރާއިހެދި ޝޮކެއްގައި ހުރިފަދައަކުންނެވެ.

"ނުވާނެ ތިހެނެއް...އެއީ އެންމެ ފެންސީ ބޯޑިން ސްކޫލް..." މިލީވެސް ލޯ ބޮޑުކޮށްލިގޮތުން ލޮލުގެ ގޮބޮޅިވެސް ފުންމާލަފާނެހެން ހީވިއެވެ. "އެއީ ގަނޑުވަރެއްފަދަ ތަނެއް."

"އެތަނުގެ ފީއަކީ އެއްލައްކަ ފަންސާސްހާސް ޑޮލަރު..." ސޫރީ އިތުރުކޮށްލީ އޭނާގެ ސެލްފޯނުން ގޫގުލްކޮށްލަމުންނެވެ. "އަހަރެންގެ ބައްޕައަށް އެފޯޑްވާނެނަމަ. ބޯޑިން ސްކޫލަކަށްވިޔަސް އުފަލާއެކު ދާނަން..."

"ކީއްވެ ސިއެނާ އެތަނަށް ދާން ދެކޮޅުހެދީ؟ ތިއީ ހަމަ ތެދުކަން ޔަގީންތަ؟ އެތަނުން ސިއެނާއަށް ޖާގަ ލިބުނުތަ؟" އެއްކުއްޖަކު ޔަގީންނުވެ ހުރެ އަހާލައިފިއެވެ.

"އޮފްކޯޒް. ޖާގަ ލިބުނު. އޭނަގެ ސްމާޓްވަރު އެނގެއެއްނު..." އެހެން ކުއްޖަކު ބުނެލިއެވެ. ސޫރީ މިލީއާއި ދިމާލަށް ނަޒަރު ހުއްޓައިލަމުން ލޯ ބޮޑުކޮށްލައިފިއެވެ.

"ސްމާޓް؟ އެހެނެއްނުވާނެ. ސިއެނާ ހިސާބު މާއްދާއިން ފާސްނުވޭ އެކަމަކު އޭނަގެ ބައްޕައާއި މި ސްކޫލާއި ގުޅުން އޮތީމަ ޓީޗަރު ފާސްކޮށްލަދިނީ..." މިލީ ހިނިގަނޑެއް ޖަހައިލިއެވެ.

"އޯ އަސްލުކޮށް؟" ކުރިން ވާހަކަދެއްކި ކުއްޖާ އަހައިލިއެވެ. އޭރު ސޫރީއާއި އެހެން އެކުވެރިން ގަދަޔަށް ބޯ ހޫރަމުން މިލީއަށް އަނގަ މަޑުން ލައިގެން ހުންނަން އިޝާރާތްކުރިއެވެ.

"ހޫމް މުއްސަނދި އާއިލާއަކުން ނައިނަމަ ސިއެނާ ޖެހޭނީ ރިޕީޓްކުރަން..." ކުއްލިއަކަށް އޭނަގެ ކަކުލަށް ސޫރީގެ ހަމަލާއެއް އެރުމުން ވޭނާއެކު ހަޅޭއްލަވައިގަތެވެ. "އޯ ސޫރީ. ވަޓް ވޯޒް ދެޓް ފޯރ...."

"ބިހައިންޑް ޔޫ..." ސޫރީ އަނގަ ހަރަކާތްކޮށްލިއެވެ. އެއާއެކު މިލީއަށް ވިސްނިގެން "ސިއެނާ ހެއްޔޯ ހަމައެގޮތަށް އެހިއެވެ. ސޫރީ ބޯ ޖަހައިލިއެވެ.

"އެކަމަކު އެނގޭތަ؟ ސިއެނާއަކީ ހަމަ ސްވީޓްހާޓެއް..."މިލީ ކަންބޮޑުވެފައިވާގޮތަކަށް ހެމުން ބުނެލިއެވެ. ސިއެނާ ކަޅި ހިންގައިލިއެވެ.

"ތިހާވަރަށް އަހަންނާއި ބެހޭގޮތުން ވާހަކަދައްކަން ވަގުތުވާނަމަ ކިޔެވުމަށް ސަމާލުކަން ދީ ސްމާޓްވެބަލަ އޭގެ ބަދަލުގައި. އޮފް ކޯޒް. އަހަންނަށް ޖާގަވެސް ލިބުނު. ދާން ބޭނުންނުވީ. އަހަންނަކީ ސްޕޮއިލްޑް ބްރެޓެއްނޫން." ސިއެނާ ހިނގަމުންގޮސް އޭނަގެ ސީޓުގައި އިށީދެ ހަމަޖެހިލިއެވެ. ލޫނާވެސް ފަހަތުންގޮސް ސިއެނާ ގާތު އިށީނެވެ.

"މިއީ ހަމަ އެކަހަލަ ކުދިން. އެބުނާހެން އަބަދު ގޮސިޕްކުރުމުގައި...ގްރޯ އަޕް ގާލްސް..." ލޫނާވެސް ލޮލަށް ގޮތެއް ހަދައިލަމުން އޭނަގެ ފޮތްތައް ރީތިކޮށް މޭޒުމަތީ އަތުރާލައިފިއެވެ. ސިއެނާއާއި ލޫނާއަކީ އެ ގްރޭޑްގައި ތިބި އެންމެ ރީތި އަދި މަޝްހޫރު ދެކުދިންނެވެ. އެހާ ޅައުމުރުގައިވެސް އުޅުމާއި އަމަލުން ތަންކޮޅެއް ހަރު އަދި ޝާހީގޮތެއް ހުރުމުން އެކުދިންގެ އުމުރަށްވުރެ ހަރުކަމަށް ދައްކައެވެ. އެކުދިންގެ ކަޅު ލިސްޓަށް އަރާފާނެތީ އެހެން ކުދިން ކަންބޮޑުވެއެވެ. ސިއެނާއާއި ލޫނާގެ ނުރުހުން އަމާޒުވެއްޖެ ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ އެކުދިން ބާއްވާ ވަރުގަދަ ޕާޓީތަކަށް ދައުވަތު ނުލިބުމެވެ. ހުރިހާ ކުދިންވެސް ތިބެނީ އެކަމަށް އެދިއެދިއެވެ. ސިއެނާމެންގެ ރުހުން ހޯދުމުގައެވެ.

"އައިމް ސޯ ސޮރީ ސިއެނާ. އަހަރެން އެހެން މާނަކޮށްފައި ބުނި އެއްޗެއް ނޫން...ސޮރީ...." މިލީ އެހެން ބުނެލިއިރު މޮޅިވެރިކަމުގެ ތަސްވީރެއްފަދައެވެ.

"ތިހާ ވަރަށް އެކަމާ ބޭޑް ފީލްވަންޏާ ކެންޓީނަށް ގޮސް ބަނާނާ ބްރެޑެއް ގެނެސްދީ..." ސިއެނާ މޭމަތީގައި އަތް ހުރަސްކޮށްލިއެވެ.

"ޝުއާތިންގް މައި ލޭޑީ..." މިލީ އަދަބުވެރިކަމާއެކު ކުޑަކޮށް ގުދުވެލުމަށްފަހު ދުއްވައިގަތީ މުދައްރިސް ދުރުވުމުގެ ކުރިން ކެންޓީނުން ސިއެނާ ބޭނުންވި އެއްޗެއް ގެނެސްދިނުމުގެ އަޒުމުގައެވެ. ސިއެނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ތުންފަތަށް ވެރިވެގެން ދިޔައީ ނުލަފާ ހިނިތުންވުމެކެވެ. މިލީއަށް ލިބެން އުޅޭ ލަނޑު ދެރައެއްނޫނެވެ. "މޭންޑައުން..." ސިއެނާ އަމިއްލައަށް ކިޔައިލީ އޭނަގެ ޓީމުގެ އެކަކު އޭނަގެ ދަންތުރައިގާ ޖެހުނުލެއް ފަސޭހަކަމުންނެވެ. ސިއެނާ ކްލާހުގެ ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އެކުދިންގެ ކްލާސްރޫމް ހަތްވަނަ ބުރީގައި ހުރުމުން މަންޒަރުތައް ފެންނަލެއް ރީތިކަމުން ނޭވާ ހިފަހައްޓައިލާ ވަރުވެއެވެ. އަޅިކުލައިގެ އުޑާއި އަދި ރަންކުލައިގެ ގަސް ކަރަތަކެވެ. އެކަމަކު އޭނަގެ ނަޒަރު ގައި އަޅައިގަތީ ސްކޫލް ދޮރާށްޓެވެ. ދަންނަ މޫނެއް ފެނިފައި އޭނަގެ ލޯ ދިއްލިއްޖެއެވެ. އެއީ އޭނާ އިންތިޒާރު ކުރި މޫނެވެ. ރީތިކޮށް އޮމާންކޮށްފައިވާ ކަޅު އިސްތަށިގަނޑާއި ރަންކުލަ އަރާ މުށި ދެލޮލިގެ ވެރިޔާއެވެ.

"ބާރަށް ހިނގާބަލަ. ނޫނީ ގަޑި ޖެހިދާނެ ޔޫ ސްލޯ ޓާޓްލް..." ސިއެނާ ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ. އެވަގުތު ރަނގަބީލު ޖަހައިފިއެވެ. ސިއެނާ ހަމަޖެހިލައިގެން ގޮސް އޭނަގެ ސީޓުގައި އިށީންނަން ގަސްތުކުރިއެވެ. އޭގެ ބަދަލުގައި އޭނަ ޖެހުނީ ތަޅުންމަތީގައެވެ. އައިޒަކްގެ ދިގު ދެފައި ދަމަން ހަދައިގެން ބަދުނަސީބު ލައްވައިލީ އޭނައަށެވެ. އައިޒަކް ނުހޭންވެގެން ތުންފަތް ޖައްސާ ބާރުކޮށްލައިގެން އިނެވެ.

"ސީރިޔަސްލީ ކޮންމެވެސް ދުވަހަކުން އައި ވިލް ކިލް ޔޫ..." ސިއެނާ ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ. "ކޮން އިރަކުން އައީ؟ އަހަރެން އުންމީދުކުރީ އެހެން ދުވަހެކޭ އެއްގޮތަށް ގަޑި ޖެހިގެން އައިސް ކްލާހުން ނެރެލާނެކަމަށޭ...."

ސިއެނާއަށް އެގޮތަށް ޖެއްސުންކޮށް ރުޅި އަރުވާލާފައި ރެކިގަނެވޭނެ ހަމައެކަނި ކުއްޖަކީ އައިޒަކްއެވެ. އެއް ސަބަބަކީ އޭނައަކީ ގާތް އެކުވެރިއަކަށް ވުމެވެ. އެދެމީހުންގެ އާއިލާ މުއްސަދިވެފައި އޮތް އާއިލީ ޒަމާންވީ އެކުވެރިކަމެއް އޮތުމެވެ. ދެމީހުން އަރައިރުން ނުވާ ވަގުތެއް ވިއްޔާ އެދޭތެރޭގައި އޮންނަނީ ރަގަޅު ގުޅުމެކެވެ. ސިއެނާއަށްވުރެ މާލީގޮތުން ދަށް ކުދިންނާއި ގުޅިގެން އުޅުމަށް ސިއެނާ ނަފްރަތުކުރިޔަސް އައިޒަކް ތަފާތެވެ. އައިޒަކް ބޭނުންވެއްޖެ ހިނދެއްގައި އޭނަ ނުލާހިކު އޯގާތެރިވެފައި ހިތްހެވެވެ. އެހެން މީހުންނަށް ވުރެ މޮޅުކަމަށް ހެދި ދެއްކުންތެރިކަމެއް ސިއެނާފަދައިން އޭނަގެ ނުހުރެއެވެ. އެވަގުތަކީ މުދައްރިސް ވައިން ވަގުތެވެ. އޭނަ މަޝްހޫރުވެފައިވަނީ ހުންނަ ހަރުކަށިކަމުންނެވެ. ހިޓްލަރުގެ އަންހެން ވައްތަރޭވެސް ކިޔައެވެ. ގަޑިއަށް ހާޒިރުނުވާ ކުދިން ލަހުން ކްލާހަށް ވެއްދުމާއި ހާޒިރުނުވާކަމަށް ނިންމާލާފަދަ މީހެކެވެ. އެހާ ހަރުކަށި މުދައްރިސަކަށް ހުންނަނީ އޭނަ އެކަންޏެވެ.

"އޭނަ ކޮބާތަ؟" ސިއެނާއަށް މަޑުމަޑުން ކިޔައިލެވުނީ ދޮރާއި ދިމާލަށް ނަޒަރު ހުއްޓައިލަމުންނެވެ.

***

ކައިލް ފިނިކަމުން ގަނޑުފެންކޮޅެއްފަދަ ފާރަށް ލެނގިލައިގެން ހުއްޓެވެ. ހޯލުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ކައިލް ބަލައިލިއެވެ.

"މިތާ ތިހިރީ ކީއްވެ؟" މިލީ ނޭވާ ހަމަޔަކަށް އަޅުވައިލަން މަޑުކޮށްލަމުން ސުވާލުކުރިއެވެ.

"އާ ޓީޗަރ..." ކައިލް ކުރުކޮށް ބުނެލިއެވެ.

"އެހެންވިއްޔާ؟" މިލީ ހައިރާންވިއެވެ.

"އޭނަ އަހަރެމެން ނުވައްދާނެ..." ކައިލް އުޑަފައިން އިށީނެވެ.

"އެއީ ކީއްވެ؟ އެންމެ ފަސްމިނިޓް ގަޑިޖެހުނީ. އެއީ ގަޑިޖެހުމެއް ނޫން. އެހެނޭ ކިޔާފައި އަހަރެމެން ނުވައްދާ ނުހުރެވޭނެ..."

"އެހެންވީއިރު ދޭ..."

"ރީތިކޮށް ވާހަކަދައްކަން ނޭގޭ ދޯ." މިލީ ރުޅިއައިސްގެން މޫނު ހުތުރުކޮށްލިއެވެ. ކައިލް އެއްޗެކޭ ނުބުނެ ތަޅުންމަތީގައި އިށީނީ ފަޔަށް ތަދުވާންފެށިލެއް ބޮޑުކަމުންނެވެ. ހާދަ ދުރަށް ހިނގާފައި އާދެވިއްޖެއެވެ.

"ކީއްތިކުރީ؟ ތިއީ ކިހާ މުޑުދާރުތަނެއް..."މިލީ ފަކުރުގަނެފައި ބުނެލިއެވެ.

"އެހާ ހަޑިތަނެއްނޫން. މަސައްކަތްކުރާ މީހުން އޮފް އަރުވާފައި އެހެރީ. ކޮންމެ ދުވަހަކު އެމީހުން ދެއިރު ދެ ދަޅައަށް އެކަންތައް ކުރޭ." ކުއްޖަކު ވާހަކަދެއްކި އަޑު އިވުމާއެކު މިލީ އެނބުރި ބަލާލައިފިއެވެ. ކުރު އިސްތަށިގަނޑު ފޮރުވޭވަރަށް ބޮލުގައި ސްކޫލް ތޮފިއަޅައިގެން އަތްމަތީގައި ފޮތްތައް ބަރިއަކަށް ޖަހާލައިގެން ހުރި ކުއްޖާ ފެނުމާއެކު މިލީއަށް އުފަލުން އަޑެއްލައްވާލުމާއެކު ބައްދައިގަނެވުނެވެ.

"ނޯރާ..." މިލީގެ ހަރަކާތާއެކު ނޯރާގެ އަތުގައި ހުރި ފޮތްތައް ރާސްލާފައި ފައިބައިގަތެވެ. ކައިލްގެ ފައިމައްޗަށް ވެއްޓެން ދިޔަ ފޮތުގައި ނޯރާއަށް ކިރިޔާ ހިފައިލެވުނުކަމެވެ. އެކަމަކު ކައިލް ދިފާއުވާން އެންމެ މަސްކޮޅެއްވެސް ހަރަކާތްކޮށެއް ނުލިއެވެ.

"ހީޒް ވިއަޑް" މިލީ ނޯރާގެ ކަންފަތް ދޮށުގައި ކިޔާލައިފިއެވެ.

"އޭނަ ރޮނީތަ؟" ނޯރާވެސް ވައިއަޑަކުން އަހާލައިފިއެވެ. މިލީ ބުމަ ކައިރިކޮށްލިއެވެ.

"ވަޓް؟" މިލީއަށް ބަލައިލެވުނުއިރު ކައިލް އަތުން ގަދަޔަށް މޫނުމަތި ފޮހެލީއެވެ. "ނޯރާއަށް އޭނައަކީ ކާކުކަން ނޭގެނީ. އޭނަގެ އެއްވެސް އިމޯޝަންސްއެއް ނުހުރޭ އެއީ ދުނިޔެއިން ދެކުނު އެންމެ އިމޯޝަންލެސް ބޯއި. އަޑުއިވޭގޮތުން އޭނަ ދުނިޔެއަށް އައިއިރުވެސް ނުރޮއި..." މިލީ ނޯރާގެ އަތުގައި ހިފާ ތަންކޮޅެއް ދުރަށް ގެންގޮސް އޭނަގެ މައުލޫމާތުގެ ޚަޒާނާއިން ނޯރާއާއި ހިއްސާކުރިއެވެ.

"އަޖައިބެއްނު ތިއީ. ހުރިހާ ކުދިންވެސް ދުނިޔެއަށް އަންނައިރު ރޮނެއެއްނު. ނޫންތަ؟ އެކްސެޕްޓް މޮންސްޓާ ބޯއިސް..." ނޯރާ އާއި އެއްބައިވެގެން މިލީވެސް ހިނިގަނޑެއް ޖަހައިލިއެވެ. ފަޔަށް ވާ ތަދަށްވުރެ އެކުދިންގެ ހުނުމުގެ އަޑުން ކައިލްގެ ބޮލަޑް އުދަގޫވެ ރުޅިއަންނަގޮތްވިއެވެ. އޭނާ ބެކްޕެކް އަޅުވާލައިގެން ދުރަށް ހިނގައިގަތީ މިލީ އޭނަގެ ނަމުން ގޮވިޔަސް ސަމާލުކަމެއް ނުދީއެވެ. ކުއްލިއަކަށް އެހެން ހިޔާލެއް އައުމާއެކު ކައިލް އެނބުރި އެކުދިންނާއި ދިމާލަށް އަންނަން ފެށިއެވެ.

"އޭނަ އަހަރެން ގައިގާ ޖަހަންތަ މިއަންނަނީ؟" މިލީއަށް ދިގު ނޭވާއެއް ލަމުން އަނގަ ހުޅުވައިލެވުނީ ބިރުގެންފައެވެ. ކައިލް އެކުދިންނާއި އަރާ ހަމަކުރިއެވެ.

"އަހަންނަށް ދިހަ ރުފިޔާ ދީފާނަންތަ؟" އޭނަ ފުން ނޭވާއެއް ލުމަށްފަހު ސީދާ ނޯރާ ކައިރިން އަހާލައިފިއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް މީހެއްގެ ގާތުން ފައިސާގެ އެހީއަކަށް އެދުނީއެވެ. އެހެން ކުދިން އަބަދުވެސް އެކުދިންގެ މެންދުރު ކެއުމަށް ފައިސާ ގެނެސް ހަދައެވެ. އޭނަ ފިޔަވައެވެ. އޭނަ މިވަގުތު މިވަނީ ފައިސާގެ އެހީއަކަށް ބޭނުންވެފައެވެ. މިހާލަތުގައި ގެއާއި ހަމަޔަށް ދިޔުމަކީ ކުރެވޭނެކަމެއް ކަމަކަށް އޭނަގެ ހިތެއް ނުބުނެއެވެ.

'ހޭއި. އަހަން ޖެހެނީ އަހަރެން ކައިރީ ނޫންތަ؟ އަހަރެމެންނަކީ ކްލާސްމޭޓުން..." މިލީ އެ ވާހަކައިގެ ތެރެއަށް ވަނެވެ. "އަމުދުން ކައިލްއަށް ނޯރާ އެނގެނީއެއްވެސް ނޫން."

"ކެންޓީނަށް ގޮސް އެއްވެސް އެއްޗެއް ނުލާ އައުމުން އަތުގައި މިވަގުތު ފައިސާނެތްކަން އެނގުނީ. އެކަމަކު އޭނަ އަތުގައި އެބަހުރި.." ކައިލް ނޯރާއަށް އިޝާރާތްކުރިއެވެ. ނޯރާގެ ޔުނިފޯމްގެ ޖީބުން ފައިސާގެ ނޫޓެއް ފައިބައިގަންނަން ތައްޔާރަށް އޮތެވެ.

"ދެޓް ސިއެނާ. އަހަންނަށް ޔަގީންވެއްޖެ. އޭނަ އަހަރެންގެ ފައިސާ އަޅާފައި ހުރި ޕާސް ފޮރުވާފައި އަހަރެން ބޭކާރު މަސައްކަތަކު ދުއްވީ އޭރުން ގަޑިޖެހޭނެއްނު." މިލީ އަމިއްލަ ކޯތާފަތުގައި ދެއަތުން ތަޅައިގަތެވެ. "އަހަރެން ކިހާ މޮޔަ. އަބަދުވެސް ސިއެނާގެ ރިވެންޖް ޕާފެކްޓް. އަބަދުވެސް..."

"އަހަރެން އަނބުރާ ދޭނަން. އައި ޕްރޮމިސް." ކައިލް ރެއިލިންގައި ހިފަހައްޓައިލީ އޭނާގެ ބުރަދަން ހިފަހައްޓަން އުނދަގޫވުމުންނެވެ. އޭނާގެ ފައިގެ ތަދު މިހާ ބޮޑުވާން ފެށީ ކީއްވެހެއްޔެވެ؟ ނޯރާ ޖެހިލުންވިއެވެ. އޭނަ ދެން ގުދުވެލާފައި ކައިލްގެ މޫނަށް ބަރާބަރު މިނިޓެއްވާންދެން ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އެމޫނުން ފެންނަނީ ހިމޭންކަމާއި ހަމަޖެހުމެވެ. އެއްވެސް ޝުއޫރެއް ދެނެގަންނަން ނޯރާއަށް ނުކުޅެދުނެވެ. ނޯރާ ވިހި ސްވިސް ފްރޭންކް ދިއްކޮށްލައިފިއެވެ. އޭނަގެ އަތުގައި އޮތް ހަމައެކަނި ފައިސާއެވެ.

"އަހަރެން ތިޔަ މޫނު ހިތު ދަސްކޮށްފިން. އެހެންވީމަ ކޮންމެހެންވެސް ފައިސާ އަނބުރާ ދައްކަންވާނެ..." ނޯރާ ބުނެލިއެވެ. ކައިލް ހަމައެކަނި ބޯ ޖަހާލާފައި ހިނގައިގަތްއިރު އޭނާގެ ހިނގުމުގައި ތަފާތުކަމެއް ހުރިކަން ނޯރާއަށް ފާހަގަކުރެވުނެވެ.

***

ކައިލް ބަހުގައި އިށީދެލައިގެން އިނެވެ. ބަހުގެ ޓިކެޓް ގަތީ ނޯރާގެ ފައިސާއަށެވެ. ބޭސްގަންނަން މަންމަ ގާތުން އެހީއަކަށް އެދޭނީއެވެ. ބަސް ގެއާއި ކައިރިވުމާއެކު އޭނާއަށް ގެ ކައިރިން މަންމަ ފެނުނެވެ. މަންމައާއި ގާތުގައި ފުޅާ ހިނިތުންވުމެއްގައި ހުރި އަލްޔަސް ފެނުމާއެކު އޭނަގެ ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ. ދެލޯ ބޮޑުކޮށްލެވުމާއެކު ނޭވާވެސް ހުއްޓުނެވެ.

 

ނުނިމޭ

ކޮމެންޓް 0