"މަރަކީ އެންމެ ބޮޑު މުސީބާތެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު މުސީބާތަކީ އަހަރެމެން ދުނިޔޭގައި ތިއްބާ ﷲ ސުބުހާނަހޫ ވަތައާލާ ދެކެ ގަންނަ ބިރު ނެތިގެން ދިޔުމެވެ."

***

ކައިލް ބަހުގައި އިށީދެލައިގެން އިނެވެ. ބަހުގެ ޓިކެޓް ގަތީ ނޯރާގެ ފައިސާއަށެވެ. ބޭސް ގަންނަން މަންމަ ގާތުން އެހީއަކަށް އެދޭނީއެވެ. ބަސް ގެއާއި ކައިރިވުމާއެކު އޭނާއަށް ގެ ކައިރިން މަންމަ ފެނުނެވެ. މަންމައާއި ގާތުގައި ފުޅާ ހިނިތުންވުމެއްގައި ހުރި އަލްޔަސް ފެނުމާއެކު އޭނާގެ ހިތް ނުހުއްޓުނީ ހަމަކިރިޔާއެވެ. ދެލޯ ބޮޑުކޮށްލެވުމާއެކު ނޭވާވެސް ހުއްޓުނެވެ. އޭނާގެ މޭ ފިތިގެން ދިޔުމާއެކު ނޭވާހާސްވެ ގެނބޭފަދަ އިހުސާސެއް ކުރެވުނެވެ. ކައިލްއަށް ފައި ހަރަކާތްކުރެވުމުގެ ކުރިން ބަސް އެހެން ގޯޅިއަކުން ލަނބާލާ ކުރިއަށް ދުއްވާލައިފިއެވެ. އަނެއްކާ ބަސްހުއްޓިއަކަށް މަޑުކޮށްލުމާއެކު މީހުންތައް އެތެރެއަށް ވަދެގަތުމުން ނިކުންނަން މަސައްކަތްކުރި ކައިލް ފަހަތަށް ކޮށްޕާލެވިއްޖެއެވެ. ބަސް އަނެއްކާވެސް އޭގެ މަންޒިލަށް ދަތުރުފެށިއެވެ.

ކައިލްގެ މަންމައާއި ހައްތަހާވެސް ދުރަށް ދެވެނީކަމުގައި އެވަގުތު ޟަމީރު އަންގާ ނާރުތަކުގައިވި ލޭ އަވަސްކަމާއެކު މުޅި ހަށިގަނޑުގައި ހިނގާލައިފިއެވެ. ދުނިޔޭގައި ހުރި އެންމެ ޝައިތާނީ އެކަކުގެ އަތް މައްޗަށް އޭނާގެ މަންމަ ދޫކޮށްލާފައި އޭނާ ދުރަށް ގޮސްގެން ނުވާނެއެވެ. ކައިލް މީހުންތަކުގެ ނުރުހުމުގެ ނަޒަރަށް ފަރުވާލެއްނެތި ކުރިއަށް ދާން މަސައްކަތްކުރިއެވެ.

"ތިގޮތަށް މީހުން ކޮށްޕުން ހުއްޓާލާ ޒުވާނާ. ކޮންތާކު މެނާސް ހުރީ؟" އުމުރުން ދުވަސްވީ މީހަކު ހަޅޭއްލަވައިގަތެވެ.

"އަހަރެން ދިޔަދީ ޕްލީޒް..." އޭނާ އާދޭސްކުރަމުން ބަހުން ނިކުންނަ ދޮރާއި ހަމަޔަށް ދާން އުޅުނެވެ. ކޮންމެވެސް މީހަކު އޭނާގެ މޭގައި އުޅަބޮށި އަޅުވާލުމާއެކު ބަލައިލެވުނީ ބިރުވެރި ފާޑުޖަހާ މީހެއްގެ މޫނަށެވެ. ތޮރުފޭނެ ހުރިހާ ދިމާލަކުން މޫނުމަތި ތޮރުފާލައިފާ ވާ މީހެކެވެ. ކަންފަތުގައި މުދިވެސް ލާފައެވެ.

"އަހަރެން ދިޔަދީ. ޕްލީޒް. ލެޓް މީ ގެޓް އައުޓް ފްރޮމް ހިއަ..." އޭނާ ގަޔަށް ލެވުނުހާ ބާރެއްލާފައި އެމީހާ ކޮށްޕައިލަމުން ހަޅޭއްލަވައިގަތެވެ. ބަސް ކުއްލިއަކަށް މަގުގެ އެއް ފަޅިއަށް މަޑުކޮށްލުމާއެކު ކައިލް ފުންމާލައިފިއެވެ. އޭރު އަމިއްލަ ފައިގާ އަޅާ ވޭން މަތިންވެސް އޭނާ ހަނދާން ހުރިހެނެއް ހިޔެއްނުވެއެވެ. ބަލިކަށި ދެފަޔަށް ލެވުނުހާ ބާރެއްލާފައި އޭނާ ކުރިއަށް ދިޔައެވެ. އޭނާއަށް ގެ ހުންނަ މަގާއި އަރާ ހަމަވީއިރު ފެނުނީ ކަޅުކުލައިގެ އެސްޔޫވީ ކާރެއްގެ ކުރީ ސީޓަށް މަންމަ އެރި މަންޒަރެވެ. އޭނާއަށް އެއީ ކާކުގެ ކާރެއްކަން ދެނެގަންނާކަށް ނޭގުނެވެ. އާންމުކޮށް އަލްޔަސް ދުއްވާ އުޅެނީ މަތިނެތް ރީނދޫ ކުލައިގެ ކާރެކެވެ. މީހަކު ކިޑްނެޕްކޮށްގެން ގެންދަންޏާ މިހާ ދެއްކުންތެރި އަގުބޮޑު ކާރެއްގައި ހަމަހޭގައި ހުރި އިންސާނެއް ވިއްޔާ ގެންދާނެހެއްޔެވެ؟

އެމީހުން އޭނާގެ މަންމަ ކިޑްނެޕްކުރީހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ.

އޭނާ ކާރުގެ ފަހަތުން ދިޔަސް އެ ފުރޮޅުތަކަށްވުރެ އޭނާގެ ފައި ހަލުވިވާނެ ގޮތެއް ނެތެވެ. ބަލަބަލާ ހުއްޓާ ކާރުގޮސް ގޯޅިއަކުން ލަނބައިލާ ލޯމަތިން ގެއްލުނެވެ. ނާއުއްމީދާއެކު ގޮތްހުސްވި ސިކުންތުކޮޅު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ވަށައިގެން ހޯދައިލެވުނެވެ. ކައިލްގެ ލޮލުގައި އަޅައިގަތީ އޭނާގެ ކްލާސްކުއްޖެކެވެ. އަތުގައި އޮތް ފޯނުން ކޮންމެވެސް އެއްޗެއް ބެލުމުގައި އަވަދިނެތި ބައިކް މަތީގައެވެ.

"އަހަންނަށް ބައިކް ބޮރޯކުރެވިދާނެ؟" ކައިލް އަވަސްވެފައިވާ އަޑަކުން ބުނެލިއެވެ.

"އަހަރެން ބުނެފިއްޔާ.....ނޫނެކޭ؟" އެ ފިރިހެންކުއްޖާ އަނެއްކާވެސް ނަޒަރު ހުއްޓައިލީ އަތުގައިވާ ފޯނަށެވެ. ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ސޮރީ..." މަޑުމަޑުން މާފަށް އެދުމާއެކު އޭނާ އަތުގެ ބާރު ހަމަލާއެއް އެފިރިހެންކުއްޖާގެ މޫނަށް އަރުވާލައިފިއެވެ. ފިރިހެންކުއްޖާއަށް ލިބުނު ސިހުމާއެކު އޭނާ ބައިސްކަލް މަތިން ވެއްޓުނެވެ. ދެލޯ ފުޅާކޮށްލުމާއެކު ރަތްވެފައިވާ ކޯތާފަތުގައި އަތް ކާއްތާލެވުނެވެ. އޭނާ އަންތަރީސްވެ އަނގަ ހުޅުވިފައި ހުއްޓާ ކައިލް ބައިކްގައިގޮސް ލޯމަތިން ނިވާވިއެވެ.

ކައިލްގެ މޫނުމަތިން ފިނި ދަލެއް ހިއްލާލައިފިއެވެ. އޭނާ ދެފަރާތަށް ކަޅި ހިންގަމުން ދިޔައީ ކަޅުކުލައިގެ އެސްޔޫވީގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ. ބައިސްކަލް ދުއްވަމުންގޮސް އެތައް ގަޑިތަކެއް ފާއިތުވެއްޖެއޭ ހީވާހާ ދިގު އިންތިޒާރަކަށްފަހު އޭނާގެ ލޮލުގައި އެ ކާރު އަޅައިގަތެވެ. އެތައް އިރެއް ފަހުންނެވެ. އެތައް މޭލަކަށް ފެތުރިފައިވާ ކޯރު ލުޒާން ކައިރިންނެވެ. ކައިލް ބައިސްކަލުން ފައިބާ ބިންމައްޗަށް ވައްޓާލުމަށްފަހު ކާރާއި ދިމާލަށް ހިނގައިގަތެވެ.

***

ކައިލް ކާރާއި ދިމާލަށް ފިޔަވަޅުތައް އަޅަން ފެށުމާއެކު ހަގީގަތް އޭނާގެ ސިކުނޑީގައި ޖެހިގަތެވެ. އަދި ފިޔަވަޅުތައް ލަސްވިއެވެ. އޭނާ މިތަނުގައި ކުރާކަމަކާއި ބެހޭގޮތުން މަންމަ ސުވާލުކޮށްފިއްޔާ ދޭނެ ޖަވާބަކަށް އޭނާ ތައްޔާރެއް ނޫނެވެ. މަންމަގެ ފަހަތުން އެތަނަށް އައީމަ މަންމަ ނުރުހި ހިތްހަމަނުޖެހިދާނެ ބާވައެވެ. މަންމަ ރުޅިގަދަވެ އޭނާގެ ގައިގާ ޖަހާފާނެހެއްޔެވެ؟ ނޫނީ އާންމުކޮށް މަންމަ އަމަލުކުރާ ފަދައިން އޭނާ ހުރި ކަން އެނގޭކަމަކަށްވެސް ނަހަދާނެ ހެއްޔެވެ؟

ކައިލްއަށް ފަރުވާލެއް ނެތެވެ. މަންމަ ސަލާމަތުން ހުރިކަން އެނގެން އޭނާ ބޭނުންވީއެވެ. މަންމަ ބޭނުމިއްޔާ ޖެހިޔަސް މައްސަލައެއް ނެތެވެ. އޭނާ ކާރާއި ހަމަޔަށް ދިޔަސް ކުޑަދޮރު ހުރިގޮތުން އެތެރެ ފެންނަގޮތެއް ނުވިއެވެ. އޭނާ ކުޑަދޮރުގައި މޫނު ޖައްސާލައިފިއެވެ. ކާރުގެ ދޮރުގެ އަތްގަނޑުގައި ހިފެހެއްޓުމާއެކު ހުޅުވުމުން ހައިރާންވިއެވެ. އެތެރެވަނީ ހުހަށެވެ.

"ދިސް އިޒް ވިއާޑް." ކައިލްއަށް މަޑުމަޑުން ކިޔައިލެވުނެވެ. މަންމަ އެރީ މިކަޅުކުލައިގެ ކާރަށް ކަން އޭނާއަށް ޔަގީނެވެ. ވީއިރު މަންމަ ކޮބާހެއްޔެވެ؟ އެވަގުތު އޭނާއަށް ކޯރުގައި މަޑުކޮށްލައިގެން އޮތް މަސް ދޯންޏެއް ފެނުނެވެ. އެދޯނި ދުއްވައިލީ އަނެއް ފަޅިއާއި ދިމާލަށެވެ. ދެވަނަ ސިކުންތުކޮޅުގައި ތަންކޮޅެއް ދުރުން ފެންމަތީގައި އޮތް މަޑު ވައިލެޓްކުލައިގެ ފޮތިކޮޅެއް އޭނާގެ ބާޒެއްފަދަ ތޫނު ލޮލުގެ ސްކްރީނަށް އެރިއެވެ. އެންމެ ސިކުންތުކޮޅެއްވެސް ގެއްލުވާލުމެއްނެތި ފައިގާ ހުރި ސްކޫލް ބޫޓު ބާލާފައި އޭނާ ކޯރަށް ފުންމާލައިފިއެވެ. އަމިއްލައަށް ފަތަން ދަސްކުރި ކައިލްއަކީ ފެތުމުގައި ކުޅަދާނަ ކުއްޖެކެވެ. އެކުވެރިންނާއި ނުލާ އޭނާގެ މުނިފޫހިފިލުވުމުގެ ބައިވެރިޔަކަށް ކަނޑުވިއެވެ. އޭނާ އާންމުކޮށް އެރިއުޅޭ ތަންތަނަށްވުރެ މި ކޯރު ފުންވެފައި ފިނިކަން ގަދައެވެ. އޭނާ ބޭގަރާރުކަމާއެކު ހޯދީ އޮޔާއި ދިޔަ އެ ފޮތިކޮޅެވެ. ހަށިގަނޑު ފިނީގެ ސަބަބުން ގަނޑުވިޔަސް އޭނާއަށް ފަރުވާލެއް ނެތެވެ. އޭނާ އެހިސާބާއި ކައިރިވިއިރު އޭނާގެ ސިކުނޑި ހައިޖާނެއްފަދައެވެ. ހިތް ކޮންމެ ސިކުންތަކުވެސް ހުއްޓިދާނެފަދައެވެ.

އަނާލިއާގެ ހަށިގަނޑު އޮޔާއި ގޮސް ގޮސް އޮތެވެ. މޫނުގެ އެއްބައި ފެނުގެ އަޑީގައި އޮތްއިރު އެމޫނު ހުދުކަމުން ކަފަކޮޅެއްފަދައެވެ. ދެބައިކުޅަ އެއްބައި މެރިފައިވާ ލޮލެވެ. ކައިލް އަނާލިއާއާއި ކައިރިއަށް ފަތައިގަތްއިރު ފައިގެ ހަރަކާތްތައްވެސް ކެނޑެން ފެށިއެވެ. އަދި ތޫނު ތަދެއް ފަޔަށް އެރިއެވެ. އަކުނިވަޔަށް ދަމައިގަތީއެވެ. އޭނާއަށް އިތުރަކަށް ފެތޭނެ ހުރިހާ މަގެއް ބަންދުވިއެވެ.

ކައިލްގެ އަނގަޔަށް ފެންގަނޑު ވަދެގަތެވެ. ކައިލްއަށް ތެޅިގަނެވުނެވެ. ގެނބެން ފެށިއިރު އެއްލިއަތުން ހިފުނީ އަނާލިއާގެ ގައިގައެވެ. އަނާލިއާގެ ފުރާނަނެތް ހަށިގަނޑު ކައިލް ގެނބުމުން ސަލާމަތްކޮށްދީފިއެވެ. އަނާލިއާގެ ގައިގާ ހިފައިގަނެވުމާއެކު އަޑުކޮޅަށް ކައިލްއަށް ހަޅޭއްލަވައިގަނެވުނެވެ.

"މަންމާ..." އަނާލިއާގެ މޫނަށް ނަޒަރު ހުއްޓައިލެވުނުއިރު ކައިލްގެ ކޯތާފަތް މަތިން ކަރުނަތިކިތައް ދެމެމުން ދިޔައެވެ. އަނާލިއާގެ ނަޒަރުވަނީ އުޑާއި ދިމާލަށް ހުއްޓިފައެވެ. ބިއްލޫރިކޮޅެއްފަދައިން އެދެލޯ ފެންނާން ހުއްޓެވެ.

"ޑޯންޓް ގޯ...ޕްލީޒް."

ހިކިފަސްތަން އޮތީ މާ ދުރުގައެވެ. އެހެން އިތުރު އެއްވެސް މީހެއް ނެތެވެ. އޭނާއާއި އޭނާގެ މަންމަގެ ހަށިގަނޑު އެކަންޏެވެ. ފަހަރެއްގައި ތަންކޮޅެއް އަވަހަށް ހޮސްޕިޓަލަށް ގެންދެވިއްޖެނަމަ މަންމަގެ ފުރާނަ ސަލާމަތްކުރެވިދާނެއެވެ. އެކަމަކު ކައިލްއަކަށް ފެތޭނެ ގޮތެއްނުވިއެވެ. އޭނާގެ ފަޔަށް ތަދުވާވަރުން ހަރަކާތެއްވެސް ނުކުރެވުނެވެ. ފުރަތަމަ އަދި އެންމެ ފަހު ފަހަރަށް މަންމަގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެވުނު ކައިލްއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. އަނާލިއާގެ ހަށިގަނޑު ފިނިވެ ހަރަކާތެއް ނެތުނަސް ކައިލްއަށް އިރުގަނޑަކަށް ހޫނުކަމެއް އިހުސާސްވިއެވެ.

ކޯރުގެ އަނެއް ފަޅިން ދަތުރުކުރަމުން ދިޔަ ކާރެއްފެނި ކައިލް އަޑަށް ލެވުނުހާ ބާރެއް ލާފައި ގޮވައިލިއެވެ.

"ހެލްޕް..." ހޫނު ކަރުނަތަކުން ކައިލްގެ ކޯތާފަތް ތެންމަމުން ދިޔައެވެ. ކާރު މަޑުކޮށްލުމެއްނެތި ދިޔަތަން ފެނި އޭނާގެ ހިތް ގެނބުނެވެ.

"މަމް ޕްލީޒް ސްޓޭ ވިތް މީ. ނޮޓް ޔެޓް. ޔޫ ކާންޓް ގޯ ޔެޓް....." ދުވަހެއްގެ ކޮޅުންވެސް އެހިތް އަލުން ފަސޭހަ ނުވާވަރަށް ޅަހިތް ހަލާކުވެ ގިސްލާ ރޮމުން ކައިލް ވާހަކަދެއްކިއެވެ. ކައިލްގެ އުމުރުގެ ކުއްޖަކާއި ބަލާފައި ހަރުވެ އަދި އަމިއްލައަށް އުޅުނަސް ހަގީގަތުގައި އޭނާއަކީ ޅަ ކުއްޖެކެވެ. އޭނާގެ އުމުރުގެ ކުއްޖަކު ދިރިއުޅެން ޖެހޭނީ ލޯބި އަޅާލާ އާއިލާއަކާއިއެކު ފުރާވަރު އުމުރުގެ ކުރީކޮޅު ވީޑިއޯ ގޭމް ކުޅެ މަޖާ ނެގުމުގައެވެ. އެކަމަކު އޭނާ މިއޮތީ މިތާގައެވެ.

ގަނޑުވަމުން ދިޔަ ފިނި ފެނުގައި އޭނާގެ ފިނިހިތެއްގެ ވެރި މަންމަގެ ފިނި ހަށިގަނޑާއެކުގައެވެ.

***

ގާތްގަނޑަކަށް ދެގަޑިއެއްހާ އިރު ފާއިތުވެހެން ހިގައްޖެއެވެ. އަނާލިއާއާއި ކައިލް ފެނުނީ ކޯރަށް އުފާކުރަން ދިޔަ ފަތުރުވެރިންގެ ބަޔަކަށެވެ. އެމީހުންނަށް އެހިސާބަށް ފޯރިއިރު ކައިލްގެ ހޭ ކިރިޔާ ހުރިކަމެވެ. އޭނާގެ މަންމަގެ ހަށިގަނޑުގައި އަތް ވަށާލައިގެން މޭމަތީގައި ބޯ އަޅާލައިގެން އޮތްއިރު ލޮލުގެ އެސްފިޔަތަކުގައި ހިކިފައިވާ ކަރުނައެވެ. އެއަށްވުރެ ގިނައިރުވިނަމަ ހައިޕޯތާމިއާވެ ކައިލްގެ ފުރާނަވެސް ވަކިވެގެން ދިޔައީސްކަން ޔަގީނެވެ. އެމަންޒަރުން އެކަނިވެސް ފަތުރުވެރިންގެ ހިތް ކުދިކުދިވާވަރުވިއެވެ.

އެމީހުން ވަގުތުން ކައިލްއާއި އަނާލިއާގެ ހަށިގަނޑު އެމީހުން ދަތުރުކުރި އުޅަނދަށް ނެގިއެވެ. އަދި ވަގުތުން ހޮސްޕިޓަލާއި ހަމަޔަށް އެމީހުން ގެންދިޔުމުގައި އެހީތެރިވެދިނެވެ. އޭގެފަހުން ވީގޮތެއް ނޭގި ކައިލްގެ ހަބަރުހުސްވިއެވެ. ކައިލްއަށް ހޭލެވުނުއިރު އޮވެވުނީ ހޮސްޕިޓަލުގެ އެނދެއްގައެވެ. އައިވީ އަތަށް ގުޅާފައި މޭމަތީގައި ވައިރުތައް އަޅާފައެވެ. ފައިގާ ޕްލާސްޓަރު ގަނޑެއް އަޅާފައެވެ. ދަންނަ މޫނެއް އޭނާއާއި ދިމާލަށް ގުދުވެލައިގެން އޮތްތަން ފެނުނެވެ.

އެއީ ބޭކަރީއިން އޭނާއާއި ދިމާވި މާތް އިންސާނާއެވެ.

އެކަމަކު އޭނާގެ މަންމަ އެއްވެސް ތަނަކުން ނުފެނުނެވެ.

***

އަނާލިއާ ދުނިޔެއާއި ވަކިވިފަހުން ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައެވެ. ޒާފިރާއާއި ކައިލް އެމީހެއްގެ ގޮތުގައި އަނާލިއާއަށްޓަކާ ހިތާމަކުރިއެވެ. ކައިލް އޭނާގެ މާމަގެ ހިތް ހަމަޖައްސައިދޭން ސްކޫލަށް ނުގޮސް ގޭގައި މަޑުކޮށްލިއެވެ. ޒާފިރާގެ ހިތުގައި ރިއްސިއެވެ. އަމިއްލަ ދަރިއަކު ވަޅުލާން ޖެހުމަކީ އެއްވެސް މަޔަކު ދެކެން ބޭނުންވާނެ ދުވަހެއް ނޫނެވެ. އޭނާގެ ދަރިފުޅުގެ ހަޔާތް ބަރުބާދުވީ އޭނާގެ ސަބަބުންނެވެ. އެހާ ޅައިރު މީހަކާއި އިންނަން ނުޖެހުނުނަމަ ފަހަރެއްގައި އަނާލިއާއަށް ތަފާތު އުފާވެރި ދިރިއުޅުމެއް ލިބުނީސްކަން ނޭގެއެވެ. އެކަމަކު އެހެން ވި ނަމައޭ ބުނުމަކީ މާނައެއް ނެތް އަދި ނުބައި ލަފުޒެކެވެ. އޭނާގެ ދަރިފުޅު ވަކިވެގެން ދިޔައީއެވެ.

އަނާލިއާގެ މަރުގެ ސަބަބަކަށް ފޯމުގައި ޖަހާފައި އޮތީ ގެނބުމެވެ. އެކަމަކު ކައިލްއަށް އެނގުނެވެ. އޭނާގެ މަންމަ ގެނބުނީއެއް ނޫނެވެ. އޭނާގެ މަންމަ އެއްވެސް ރަހުމެއް ނެތި މަރައިލެވުނީއެވެ. އެންމެފަހުން ހަގީގަތާއި ކުރިމަތިލާން ޖެހުނަސް އޭނާގެ މަންމަ މަރުވިކަން ގަބޫލުކުރަން ތައްޔާރެއް ނޫނެވެ.

މަންމަ ދާންވީ ކީއްވެހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލެއްވެއެވެ. އޭނާ މަންމަގެ ގާތުގައި ބުނަން ބޭނުންވާ އެކީގައި ކުރަން ބޭނުންވާ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެހެން އާއިލާތައް ފަދައިންނެވެ. މިހުރިހާ ދުވަހުވެސް ކައިލްއަށް ދިރިހުރުމުގެ ވާ ފަށުގައި ހިފަހައްޓައިގެން ހުރެވުނީ އުއްމީދެއް އޮތީމައެވެ. އޭނާގެ މަންމަ އޭނާއާއިމެދު އިހާނެތިކޮށް ކަންތައް ކުރާ ސަބަބު ދެނެގަނެވި އެކަންތަކުން އަރައިގަނެވި އުފާވެރި ކަމާއެކު އުޅޭނެ ދުވަހަކަށް އޭނާ އުއްމީދުކުރިއެވެ. އެކަމަކު އެކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިވިއްޖެއެވެ.

އޭނާއާއި މާމައަށް އެހަފްތާތެރޭ އަޅާލާ އެހީތެރިވެދިނީ ބޭކަރީއިން ދިމާވި ފިރިހެން މީހާއެވެ. ކޮންމެ ވަގުތަކު އޭނާ ކާން ހިފައިގެން އެގެއަށް ޒިޔާރަތްކުރެއެވެ.

"ކީއްވެ އަހަރެމެންނަށް އެހީވަނީ؟" ކައިލް ސުވާލުކުރީ އެއްރޭ ކާން ހިފައިގެން އައިސް އެމީހާ ދާން އުޅުނު ވަގުތުއެވެ.

އޭނާ އިރުގަނޑެއްވާންދެން ކައިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ފެންޑާގެ ފަތްތަރުމަތީ އިށީނދެ ކައިލްއަށް ގާތުގައި އިށީންނަން އެދުނެވެ. ކައިލް އިށީންގޮތަށް ކަކުލުގައި އަތް ވަށައިލިއެވެ.

"މިއަދު ނޫނީ މާދަން ތި ސުވާލު އަންނާނެކަން އަހަންނަށް އެނގޭ.." އޭނާ ހީލިއެވެ.

"ކައިލްގެ މަންމަ.....އަނާލިއާ އަދި އަހަރެން..ވަރަށް ޒަމާންވެއްޖެ އަހަރެމެން އެކަކު އަނެކަކަށް ދަންނަތާ. އަހަރެން އަނާލިއާއަށް ދަރަނިވެރިވެފައި މިހިރީ. އަނާލިއާ މަންމަ ލޯ އަނދިރި ނުވިނަމަ އަހަރެން ދެނެގަނެވުނީސް. އެހެންވިނަމަ އަހަރެންގެ އެހީތެރިކަން ބަލައިގަންނާނެކަމާއިމެދު ޝައްކު. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަހަރެން މިއީ ކާކުކަން ނޭނގުން..." ކައިލްއާއި ދިމާލަށް ނަޒަރު ހުއްޓައިލިއިރު އޭނާގެ ލޯ ތެމެންފެށިއެވެ.

"ތިއީ ކާކުތަ؟ އަހަރެންގެ މަންމައާއި މާމަ އެނގެނީ ކިހިނެއް؟" ކައިލް ޝައުގުވެރިކަމާއެކު ސުވާލުކުރިއެވެ. އޭނާ ކުރިއަކުން މި މީހާ ނުދެކެއެވެ. މަންމަގެ ހަމައެކަނި އާއިލާއަކީ ޒާފިރާއެވެ. އިތުރު އެއްވެސް މީހަކު ނެތެވެ. އެހެންވީމަ އެ އާއިލާގެ މީހަކަށް ޔަގީނުންވެސް ނުވާނެއެވެ.

"އަހަންނަށް ކިޔަނީ އިސްހާގު.....ޒެކް ކިޔަސް އޯކޭ. އެހެން ކިޔަން ފަސޭހަވެސް ވާނެ ދޯ......" އޭނާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ކައިލް ގުޑާވެސް ނުލާ އިނެވެ. އިސްހާގު ހީލަމުން އަތް ދުރުކޮށްލިއެވެ. "އަދިވެސް އަހަރެމެން އެކުވެރިންނަށް ނުވޭ ދޯ. އެއީ އަދި އެކަން ހިނގާނެގޮތް ކަމަށް ގަބޫލުވެސް ކުރެވޭ. މައްސަލައެއް ނެތް. އަދިވެސް ވަރަށް ކޮންފިއުޒްވެފައި ހުންނާނެކަން ޔަގީން. އެކަމަކު ބުނަންތަ؟ އަހަރެންގެ ފަރާތުން އެއްވެސް ގެއްލުމެއް ދެރައެއް ނުލިބޭނެ އިނގޭ..."

"އައިމް ހާމްލެސް" އޭ އިސްހާގު ބުނެލި ވަގުތު ކައިލްގެ ލޯ ދަތުރުކުރީ އިސްހާގުގެ އަތުގެ މުލައްދަނޑިއަށެވެ. ހުސްވަގުތު ޖިމަށްގޮސް މަސައްކަތްކުރުމުން ލިބިފައިވާ ވަރުގަދަ ހަށިގަނޑެއްކަން ނޭނގެއެވެ. އޭނާގެ ގަމީހުގެ އަތުކުރިން އެއްބައި ފޮރުވިފައިވާ ޓެޓޫއެއް ފެންނާން ހުއްޓެވެ. އިންސާނާގެ ބޮލުގެ ކަށިގަނޑުގެ ޓެޓޫއެކެވެ.

ކައިލްގެ މޫނަށް ވެރިވިކުލަވަރާއި ބުމައަށް ހެދިގޮތް އިސްހާގަށް ފެނުނެވެ.

"އަހަންނަކީވެސް މުސްލިމެކޭ. އެނގޭތަ؟ އެ ރިވާޓް އެކްޗުއަލީ..." އިސްހާގު ތަފްސީލު އިތުރަށް ކިޔާދިނެވެ.

"މި ޓެޓޫ....މިއީ ތަންކޮޅެއް ކުރިން އަހަރެން އީސާއީއެއްގެ ގޮތުގައި ހުރިއިރު ޖެއްސި އެއްޗެއް...އެކަމާއި އަހަރެން އަދިވެސް ރިގްރެޓް ކުރާ އެއް ކަންތައް..." އިސްހާގު މުލައްދަނޑީގައި އިނގިލިން ފިރުމައިލަމުން ބުނެލިއެވެ. "އެކަމަކު އިތުބާރު ހޯދަން މިވަރުން ނުފުދޭކަން އެނގޭ.. އެކަމަކު އަހަރެމެން ދެ މީހުން އަދި އެއްކޮށް ގުޅިގެން އުޅެވޭނެއޭ ހިތް ބުނޭ. އެނގޭތަ؟ ކައިލް ފެނުމުން އަހަންނަށް ފެންނަނީ މީގެ ތިރީސް އަހަރުކުރީގެ އަހަރެން."

އިސްހާގު ހީލުމުން އަޅި ދެލޯ ވިދައިލުމާއެކު ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ. އޭނާއަކީ ރީތި މީހެކެވެ.

"ކައިލް ރީތިކޮށް ބޮޑުވެފައި ހުއްޓާ ފެނުނީމަ ވަރަށް އުފާވެއްޖެ." އިސްހާގު ކައިލްގެ އިސްތަށިގަނޑު ހާވައިލީ އޭނާ އެކަމަސް ހުރަސް އަޅަން މަސައްކަތްކުރަނިކޮށެވެ.

"ތިހެން ނަހަދާ.." ކައިލް މޫނު ހެދިއެވެ.

އިސްހާގު ހަމައެކަނި ހީލީއެވެ.

"އަހަރެން ކިހިނެއް ދަރަނި އަދާކުރާނީ؟" އިސްހާގު ތެދުވުމުން އޭނާ ސުވާލުކުރިއެވެ.

"އެންމެ ފަހުން އަހަންނާއި ދިމާވި ތަނުން އަހަންނާއި ބައްދަލުކުރޭ. ބޭކަރީ ކުރިމަތިން ހަތެއް ޖަހާއިރު. އަހަރެމެންގެ ވާހަކައިގެ ނުނިމިއޮތް ބައި ކުރިއަށް ގެންދާނީ. ހަފްތާވެސް ނިމެނީދޯ؟ އޯ އަހަރެން ދާން ވެއްޖެ." އިސްހާގުގެ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހުއްޓައިލީ ޖީބުގައި އޮތް ފޯނުން އެލާމް އަޅަން ފެށުމުންނެވެ.

"ވީކެންޑެއްގައި ހަތެއް ޖަހާއިރު އަހަރެން ތެދުވާންވީ ކީއްކުރަން....." ކައިލް ފެށިނަމަވެސް އިސްހާގުއަށް އަޑުއިވުނުކަމަކަށް ނުވިއެވެ. އޭރު އޭނާ މާ ދުރަށް ހިގައްޖެއެވެ. ކައިލްގެ ނަޒަރުން ގެއްލެންދެން ބަލަން އިނދެފައި ކަޅި ހުއްޓައިލީ އުދަރެހަށެވެ. ފިޔަޖަހަމުން ދިޔަ ތަރިތަކަށެވެ. ބީރައްޓެހި ފިރިހެނެއްގެ ސަބަބުން ރައްކާތެރިކަން ލިބި އަދި ހިތްހަމަޖެހުން އިހުސާސްވީ ކީއްބެވާބައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. ކުރިން ގެއްލިފައިވާ ދުވަސްވީ ރަހުމަތްތެރިއެއް ފަދައިންނެވެ.

ފިނިވައިރޯޅިއެއް އޭނާގެ ގައިގާ ބީހިލާފައި ދިޔުމުން އޭނާ އަވަހަށް ގޭތެރޭގެ ހޫނުކަމަށް އޭނާގެ ޖަގަހަ ބަދަލުކޮށްލައިފިއެވެ.

***

އެޕްރީލް 1989

"މިތަން ޔަގީނުންވެސް މިހާރު ވަރަށް ރަގަޅަށް އެބަ ހިނގާ.." އިސްހާގު ހިނިތުންވެލިއެވެ. "އަހަރެމެންގެ ލޭޑީ ކަސްޓަމަރުން ދުވަހަކަށް ވުރެ ދުވަހަކަށް މިދަނީ އިތުރުވަމުން...."

އިސްހާގުގެ އެ ޖުމްލަ ނުސީދާކޮށް އަމާޒުވީ ކައިލްއަށެވެ. ކައިލް ޒުވާންވީއިރު ތަފާތު ރީތިކަމެއްލިބުނެވެ. ހަފޫޓް ދެއިންޗީގެ ދިގު އިސްކޮޅެއްދެއްވާފައިވާއިރު ކަސްރަތީ ހަށިގަނޑެކެވެ. އަދި ކަންފަތާއި ހަމަޔަށް ދިގުކޮށްލާފައި އޮންނަ ހޭވިފައިވާ އިސްތަށިގަނޑު އޭނާގެ ރީތިކަން އިތުރުކުރުވާ ސިފައަކަށްވިއެވެ.

"އަހަރެމެންނަށް އާ އަންހެން ކުދިން ލިބޭ. އެކަމަކު އެކުދިން އެނބުރި އަލުން އާދޭތަ ޒެކް؟ ކައިލް ކަޅިއަޅައިގަތުމުން ބިރުން ފިތްކެނޑިގެން އެކުދިން ހިނގައިދޭ................." ކެފޭގެ ބިލެއް ހަދަން ހުރި ކައިލްއާއި ދިމާލަށް މާޔޫސްކަމުގެ ބެލުމަކުން ބަލައިލަމުން މިކާލް ބުނެލައިފިއެވެ.

"މިހާރު އަހަރެންގެ މޫނުން މައްސަލައެއް ފެންނަނީތަ މިކާލް؟" އިސްއުފުލައިލުމެއް ނެތި ކައިލް ކިޔާލައިފިއެވެ.

"އޭޒް އެ މެޓާ އޮފް ފެކްޓް އައި ޑޫ ހޭވް އެ ޕްރޮބްލެމް. ޔެސް. ތަފާތުކޮށްލަން ހީލަން ފަށަންވީނު...." މިކާލް ޝަކުވާކުރާ ރާގަކަށް ބުނެލިއެވެ.

"ޢެނގޭތަ؟ އަހަރެން އަދިވެސް ހިތަށް އަރާ ކަލޭމެން ދެމީހުން އެކުވެރިންނަށް ވީ ކިހިނެއް ބާވައޭ." އިސްހާގު އޭނާގެ ބޯ ކަހައިލިއެވެ. "ސީރިޔަސްކޮށް ތިއީ އެކުވެރިންކަން ޔަގީންތަ؟"

"ޔެސް......." މިކާލްގެ ޖަވާބު އައި ވަގުތު ކައިލްވެސް ޖަވާބުދިނެވެ. "ނޫން........"

"ޢައިމް ޔޯ ފްރެންޑް މޭން....ކަމޯން.." މިކާލް ކަޅި ހިންގައިލިއެވެ.

"ހަނދާން އެބަހުރިތަ؟ މޫނަށް އެތިފަހަރެއް ވީއްލާލާފައި ބައިކް ފޭރިގެން ދިޔަ ދުވަސް......"

"އެއީ ހަތަރުފަސް އަހަރު ކުރިން، އަހަރެމެން މިހާރު ދެން ގާތްގަނޑަކަށް ބޮޑެތި ފިރިހެނުން. އަދި އަހަރެން އެއްބަސްވަން އަދި ރެސްޕެކްޓްވެސް ކުރަން އަހަރެންގެ ބައިކް އަނބުރާ ގެނެސްދިނީތީ. އަހަރެން ހީކުރީ އެ އަލުން ނުފެންނާނެކަމަށްވިއްޔަ." މިކާލްވެސް އޭނާގެ ކޮނޑާއި ހަމަޔަށް ދިގުކޮށްލާފައި އޮންނަ ބުޅި އިސްތަށިގަނޑުން ހުޅިއެއް ޖަހާ އައްސާލުމަށްފަހު ކޮފީ ހެދުމުގެ މަސައްކަތާއިގެން މަޝްޣޫލުވެގަތެވެ.

އެދުވަހު ކައިލް އޭނާގެ މޫނުގައި ބޮނޑިއެއް އެޅުމަށްފަހު އޭނާ ދެކުނީ ކައިލްއަކީ "ބުލީ"އެއް ކަމުގައެވެ. އެކަމަކު އޭނާ ދުވަހަކުވެސް އެފަދަ ބުލީއެއް ނުދެކެއެވެ. ބައިކް އަނބުރާ ގެނެސްދިނުމުގެ އިތުރުން ބަދަލުގައި އަމިއްލަ މޫނަށް އެތިފަހަރެއް ވީއްލުމުގެ ފުރުސަތުވެސް ދިނީއެވެ.

"މިދިޔަ އަހަރުވެސް ކައިލް އަހަރެން ސަލާމަތްކޮށްދިން. ވަގުންގެ ފަރާތުން..." މިކާލް އިތުރުކޮށްލަދިނެވެ.

"އެހެންވެގެން ކައިލްގެ ފަހަތުން ދާހާތަނަކަށް ތިދަނީ؟" އިސްހާގަށް މަޖާވިއެވެ. "ސަބަބަކީ އޭނާއާއެކު ހުރެއްޖެއްޔާ ގޭންގްސްޓާރުންނާއި ބުލީއިން ފަހަތަކުން ނާންނާނެ...."

"އެގްޒެކްޓްލީ." މިކާލް އެއްބަސްވިއެވެ. "ވީމަ އަހަރެމެން އެކުވެރިންނަށް ވަނީ؟ ނޫންތަ؟"

"އަހަންނަށް ދޭހަވަނީ ބޮޑަށް ތިމާގެ ހިމާޔަތެއްކަމުގައި ޔޫޒްކުރަނީހެން...." އިސްހާގް އެހެން ބުނުމުން މިކާލް އަޅާނުލީ އެއީ އެއީވެސް ތެދެއްކަމުގައި ވާތީއެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ.

"އަހަރެން މީނައަށް ވަޒީފާދިނީވެސް ކީއްކުރަން؟" އިސްހާގް ހިތްހަމަނުޖެހިފައިވާ ގޮތަކަށް ބުނެލިއެވެ. މިކާލް ބިމަށް ވެރުނު ކޮފީ ސާފުކުރަން އުޅުމުގެ ތެރޭގައި ތަށްޓެއް ތަޅައިލީއެވެ.

"އަހަރެން ހީކުރީ ކައިލް މިކަހަލަ ކަމެއް ކުރާތީ މަޖާ ވަޒީފާއަކަށް ވާނެއޭ." މިކާލް ޝަކުވާކުރިއެވެ. މިކާލްއަކީ މަޖާ ޒުވާނެކެވެ. އެތާ ވަޒީފާ އަދާކުރަން ފެށީއްސުރެ ކެފޭގެ މާހައުލުގައި ހިފާފައިވަނީ ސަމާސާގެ ކުލަވަރެވެ. އަދި މިކާލް ފަހަރެއްގައިވެސް ކައިލްގެ ބައްޕައެއް ނެތުމުން އެކަމަށް މަލާމާތްކޮށް ނޫނީ ދިމާކުރުމުގެ ބަސްތަކެއް ބޭނުންކޮށްފައެއް ނުވެއެވެ. އަދި ކައިލްގެ މަންމަވެސް ވަކިވެފައިވާކަން އޭނާގެ ބޮޑުބޭބެ އިސްހާގުގެ ފަރާތުން އެނގިފައިވިއެވެ. ކައިލް ދިރިއުޅެނީ އޭނާގެ މާމައާއެކުގައެވެ.

"އިސްހާގު. މިއަދު ޓްރެއިނިން ބިމަށް ނުދަންތަ؟" ކައިލް ސުވާލުކުރިއެވެ.

"ކައިލް ބްރޭކެއް ނަގަން ކޮންމެހެންވެސް އެބަޖެހޭ. މާ ގަދަޔަށް ޓްރެއިނިން ޖައްސަން ވެއްޖެއްޔާ ބަލިވެދާނެ." އިސްހާގު ކަންބޮޑުވިއެވެ.

"އަހަރެން ބްރޭކެއް ބޭނުމެއްނޫން..." ކައިލް މަޑުމަޑުން ބޯ ހަލުވައިލިއެވެ. "މާ ދުވަސް ވެއްޖެ މިހާރު.." ކައިލް މަޑުމަޑުން ކިޔާލަމުން ގޮށްމުށް ކަވައިލީ ބާރަށެވެ.

"ޓްރެއިނިން ސެޝަންތަކުގައި އަހަންނަށް ބައިވެރިވެވިދާނެތަ؟ އަދި ފައިޓްކުރަން ދަސްކުރެވިދާނެތަ؟" މިކާލް އިސްހާގު ކައިރިން އަހައިލިއިރު ލޮލުގައި އާދޭސް އެކުލެވުނެވެ.

"ޓްރަސްޓް މީ. މިކާލް ބޭނުމެއްނުވާނެ. ކައިލް މިހިރަ ހިސާބަށް އަންނަން ވެގެން ކިތައް އަހަރު ނަގައިފި. އޭނާއަށް ވުރެ އުމުރުގެ ގޮތުން އަދި ބަރުދަނުގެ ގޮތުން ދެގުނަ މީހުންނާއި ތަޅާ ބަލިކުރަމުން އެދަނީ. އަދި ބުނަންތަ؟ އެ ފިރިހެނުންނަކީ ތެޅުމުގައި އެންމެ ކުރީގައި އުޅޭ ނުރައްކާތެރި މީހުން. އެއީ ނުރައްކާތެރި ތަނެއް. އެކަމަކު ކައިލް ތަފާތު. އެތަނުންވެސް އެންމެ ގަދައީ ކައިލް..." އިސްހާގު ފަހުރުވެރިކަމާއެކު ބުނަމުން ދިޔައެވެ. ކައިލްއަކީ އޭނާގެ އެންމެ ކުޅަދާނަ ދަރިވަރެވެ. މިހާ ބިރުކުޑަ ޖެހިލުމެއް ނެތް އަދި އަޒުމް ވަރުގަދަ ކުއްޖަކާއި އޭނާއާއި ދިމާވެފައެއް ނެތެވެ. އެކަމަކު ކައިލްގެ މަގުސަދަކީ ބަދަލު ހިފުމެވެ. އެއީ އިސްހާގު ތާއީދުކުރާކަމެއް ނޫނެވެ. ކައިލްގެ އަމާޒަކީ އޭނާގެ މަންމަގެ ގާތިލު ހުރިތަނަކުން ހޯދާ އެމީހެއްގެ ފުރާނަ ހަށިގަނޑާއި ވަކިކޮށްލުމެވެ. ހުރިހާ ދަލާއި ލެޔާއި ކަރުނަތައް ވެސް އެކަމަށް ދުއްވާލަ ދަސްކުރަމުން އެދަނީ ތެޅުމުގައެވެ. އެހުރިހާ ބުރަ މަސައްކަތެއްގެ ބޭނުމަކީ މަންމައަށްޓަކާ ބަދަލު ހިފުމެވެ.

"މާދަން ކްލާސްތައް ފެށޭނެ. މިވަގުތު ސްކޫލަށް ފޯކަސް ކުރޭ. މިއީ ލާސްޓް ސެމެސްޓާ. ހައިސްކޫލްވެސް ވަރަށް މުހިންމު..." އިސްހާގު ނަސޭހަތްތެރިވިއެވެ. "ދެން ކަލޭމެން ކުދިން ދިޔަސް ހެޔޮ. މާދަން ރިހާނާ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމެންޓެއް މިރޭ އެބައޮތް. އެހެންވެ އަވަހަށް ކެފޭ ބަންދުކުރަން މިއުޅެނީ."

އިސްހާގު ރިހާނާއަށް އަޅާލާވަރު ނުދަންނަ މީހެއް ނެތެވެ.

"ކައިލް. ހިނގާ މެޗެއް ކުޅެލަން. މޫސުން ކިހާ ރީތި..." މިކާލް ޚިޔާލެއް ދިނެވެ.

"އައި ކާންޓް. އަހަރެން މަސައްކަތެއް ކުރަން އެބަޖެހޭ.." ކައިލް ވަގުތުން ދެކޮޅުހެދިއެވެ.

"އޯކޭ ލޫޒާރ..." މިކާލް ކަޅި ހިންގައިލިއެވެ. ކައިލް ބޭކަރީއިން ނިކުމެގެން ހިނގައިގަތްއިރު އޭނާގެ ހިޔާލުގައިވާ އެއްޗެއް އެކަކަށްވެސް ދެނެގަންނާކަށް ނޭގުނެވެ.

ކައިލް މުޅި އެރޭވެސް ވޭތުކުރީ ނުދަންނަ އާ މަގުތަކުގައި ހިނގުމުގައެވެ. އެންމެންގެ ތެރެއިންވެސް ފާހަގަކުރެވޭނެ ޝައިތާނީ ހިނިތުންވުމެއްގެ ވެރިއަކު ހޯދުމުގައެވެ. އަލްޔަސްއެވެ. އޭނާއާއި ބައްދަލުވި އެއްވެސް ގޭންގެއްގެ މީހަކަށް އަލްޔަސްއާއި އޭނާގެ ގާތްމީހުން ދިޔަތަނެއް ނޭގެއެވެ. އެކަމަކުވެސް ކައިލް އެކި މަގުތައް ހޯދައެވެ. އަލްޔަސް ފެންނާނެކަމުގެ އުއްމީދުގައެވެ. މަންމަގެ މަރުގެ ބަދަލު ހިފުމުގެ އަޒުމް ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ގަދަވަމުންނެވެ. ކޮންމެ ރެއަކު ނާކާމިޔާބީގެ ހިތި ރަހައާއެކު ގެއަށް ވަންނަން ޖެހުނަސް އޭނާގެ އެ ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނައެވެ.

 

ނުނިމޭ

ކޮމެންޓް 0