"ތިބާއަކީ ފާއިތުވަމުން ދާ ދުވަސް ފިޔަވާ އެހެން އެއްޗެއް ނޫނެވެ. ކޮންމެ ދުވަހެއް ވޭތުވެދާއިރު ތިބާގެ ހަށިގަނޑުން ބަޔެއްވެސް ނެތިގެން ދާނެއެވެ." ހަސަން އަލް ބަސްރީ
***
ހޭއި ހޭއި. އަހަރެން އަދިވެސް އެބައިނީމޭ މިތާ..އެނގޭތަ؟ އާދަނުވެސް އިނގިރޭސި ބަހުން ވާހަކަދައްކަބަލަ. އަހަރެން ބޭނުމެއްނުވޭ ކަލޭމެން ދެމީހުން ދިވެހިބަހުން ސިއްރުތައް ޝެއާކުރަން....."
އާދަނު އެ އިމާރާތާއި ހަމަޔަށް މަޑުކޮށްލުމާއެކު ކައިލްއާއި މިކާލް ވިސްނައިލީ މިތަނުން ފެންނާނެ ކަމަކާއިމެދުގައެވެ.
އެއީ އޮފީސް އިމާރާތެކެވެ. އެތަނުންވެސް އެމީހުންނަށް ނަސީބު އެހީވާގޮތެއް ނުވިއެވެ. އެތާ މުވައްޒަފުންގެ ތެރެއަކު މަހުމޫދު ކިޔާ މީހަކު ނޫޅެއެވެ.
"އާދަނު...." އޭނަ ދަންނަ މީހަކު ގޮވައިލިއެވެ. އަދި ވައި އަޑަކުން އަހައިލިއެވެ." ބޭރު މީހުން ގޮވައިގެން ކީއް ތިކުރަނީ؟"
"އެއީ މަގޭ ރަހުމަތްތެރިން.." ކުޑަކޮށް ފަޚުރުވެރިކަމާއެކު މޭ ފުއްޕައިލަމުން އާދަނަށް ބުނެވުނެވެ.
"އެމީހުން ދިވެއްސަކު ހޯދަން އުޅެނީ ކީއްވެތަ؟"އެ މުވައްޒަފު ސުވާލުކުރިއެވެ." އެމީހުން މަސައްކަތްކުރަނީ އަނެއްކާ ފުލުހުންނާ އެކީ؟"
"ފުލުހުންނޭ ތިބުނީ ކީއްވެތަ؟" އާދަނު އެހިއެވެ.
"މިތަނަށް މޮޔަ މީހަކު ވަދެ އޮފީސް ކެބިންއެއް ތަޅުލައިގެން އަހަރެމެންގެ ކޮމްޕިއުޓަރެއް ބޭނުންކުރި. އެމީހުން އަހަރެމެންގެ އޮފީހުގައި ބޮޑު ހައިޖާނުގަނޑެއް ހިންގި. ފުލުހުން އައިސް އެ ކޮމްޕިއުޓަރު ގެންދިޔަ." އެ މުވައްޒަފު ކޮނޑު އަރުވައިލިއެވެ." އަހަރެމެން އޮފީހަށް އަޖައިބުވާ ޒާތްޒާތުގެ އިވެންޓްތައް އެބަ ދަމައިގަނޭ. ފުރަތަމަ އެ މޮޔަމީހާ ވަނީ. މިހާރު ބޭރު ބަޔަކު ދިވެއްސަކު ނުފެނިގެން އައީ....."
އޭނައަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އާދަނު ބޭރު މީހުން ގާތަށް ދާން އަވަސްވެގަތެވެ. އޭނައަށް ލިބުނު ޚަބަރު އަވަހަށް ހިއްސާކުރިއެވެ."ތި ބޭފުޅުން ހޯއްދަވާ މީހާއަކީ ކާކުކަން އަޅުގަނޑަށް އެނގޭހެން ހީވޭ.. އެމީހާގެ ގެއަށް ފޮނުވާދޭން ރާއްޖެދޫކޮށް ދާން އުޅުނު މީހާ. އޭނަގެ މައްސަލަތައް ފުދޭވަރަށް ބޮޑުވި.."
"އޭނަ ވާނެހެން ހީވަނީ ކޮންތަނެއްގައި؟" ކައިލް ސުވާލުކުރުމުން އާދަނު ބޯ ޖަހައިލިއެވެ.
"އަޅުގަނޑުގެ އެކުވެރިއަކު ފުލުހުންގެ ތެރޭ އުޅޭ. އޭނަ ގާތުން އަހައިގެން އެކަން ހޯދަން މަސައްކަތްކުރެވިދާނެ..."
އާދަނުގެ ޖަވާބުން ކައިލްވެސް ހައިރާންވީ މިރަށުގެ އެންމެން ގުޅިފައިވާ މިންވަރު އެނގިއެވެ. އެންމެންވެސް އަނެކަކު ދަންނަފަދައެވެ. އަދި ފެންނަ ކޮންމެ މީހަކަށް ބޯ ޖަހައިލަމުން އަތް ހޫރަމުން އާދަނު ހިނގާފައި ދިޔަގޮތުން އޭނަގެ މާމަވެސް މި ރަށާއި އެހާ ގަޔާވި ސަބަބު ކައިލްއަށް ދެނެގަނެވުނެވެ. އެންމެންވެސް މިއުޅެނީ އާއިލާފަދައިން ގާތްކޮށެވެ.
ފުލުހުންގެ މަރުކަޒަށް ދިޔަ މަގުމަތީގައި ކާރު ހަލާކުވުމުން އާދަނު ލަދުގަތެވެ. އެކަމަކު ކައިލްއާއި މިކާލްއަށް އެކަން މާ ބޮޑުކަމަކަށް ނުވިއެވެ. އެމީހުންނަށް ހިނގަން ޖެހުން ފަރުވާލެއް ހުރިކަމަކަށް ނުވީ މިއީ މި ގައުމަށް އައި ފުރަތަމަ ފަހަރުކަމަށް ވުމާއެކު ހިނގާބިގާވެ އުޅުމުން އެތަން ދަސްކޮށް މައުލޫމާތު ހޯދޭނެތީއެވެ. އެމީހުން ހިނގަމުން ދިޔައިރު މޫދު ކައިރިން ބޮޑު ބިމެއް ފެނުނެވެ.
"ކައިލް...މިރަށުގައި ދިރިއުޅެން ޚިޔާލުކުރާ ކަމަށް ވަންޏާ ގެއެއް އަޅަން އެންމެ ރަގަޅު ހިސާބަކީ މިއީ. މިއީ އަޅުގަނޑުގެ އެންމެ ފެވެރިޓް އޭރިއާ....." އާދަނު ބުނެލިއެވެ. ކައިލްއާއި މިކާލްވެސް އެ މަންޒަރުގެ ރީތިކަމާއި ގަޔާވެ ބަލަން ތިއްބެވެ. އާދަނަށް ކައިލްއަކީ އެއްބައި ދިވެއްސެއްކަން އެނގުމުން މިތަނުން ބިން މިލްކު ކުރެވިދާނެކަން އެނގުނެވެ.
"އެހާ ކަމުދަންޏާ އެހެން މީހުންނަށް މިތަން ނުދައްކާ އާދަނު އަމިއްލައަށް މިތަން ބޭނުންކުރެވިދާނެއްނު." ކައިލް މާ ބޮޑު ވިސްނުމަކާއި ނުލާ ބުނެލުމުން އާދަނު ޗުސްކަނޑާފައި އަތް ހޫރައިލިއެވެ."އޯ ދަރިފުޅާ. އަޅުގަނޑުގެ ގެއެއް އެބަހުރި. އަދި މިފަދަ ބިމެއް ގަންނާނެ މީހަކު ވަރަށް ނުވާނެ. ހަމައެކަނި ގަދަފަދަ މީހުންނަށް އެކަން ވާނީ. ތިބޭފުޅާ ފެންވަރުގެ މީހަކަށް ނޫނީ މިފަދަ ބިމެއް މިލްކެއް ނުކުރެވޭނެ."
އާދަނު އެހެން ބުނީ ތިމާގެ ނިކަމެތިކަމާއިމެދު ހިތްވަރު އެލުވައިނުލާން މަސައްކަތްކުރަމުންނެވެ. އޭނަ ކައިލްއާއި ދިމާލަށް ނަޒަރު ހުއްޓައިލިއިރު މިފަދަ އިހުތިރާމާއި ގަދަރުލިބޭފަދަ މީހަކަށް އޭނަ ފަދަ ސާދާ މީހަކު ވާނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. ކައިލްގެ ވަށައިގެން ލެވިފައި ހުންނަނީ ޝަޚުސީ ބާރެކެވެ. އާދަނު ދުވަހަކުވެސް މިފަދަ އިންސާނަކު ދެކެފައެއް ނުވެއެވެ. ޔަގީނެވެ. އާދަނުފަދައިން ފަގީރުކަމާއި ކެކުޅުންތައް ކައިލްއަކަށް އިހުސާސެއް ނުވާނެއެވެ. މިފަދަ ބިމެއް ގަނެނުލެވޭނެ ސަބަބެއްވެސް ކައިލްއަކަށް ވިސްނައި ނުގަނެވޭނެއެވެ.
"ހަމަ މިތާގައި ރީތި ގެއެއް. އަމިއްލަ އާއިލާއާއި އަންހެނުން. ކުދިން. ކިހާ ހިތްގައިމުވާނެ. ދެން އަންނަފަހަރަކުން އަންހެނުންވެސް ގެންނަންވާނެ އިނގޭ." އާދަނު ބުނެލިއެވެ.
"އާދަނު ތިހެން ބުނީމަ އަހަރެމެން ކޮންމެހެންވެސް އަނބިން ހޯދަން ޖެހިއްޖެ.." މިކާލް ހޭންފެށިއެވެ.
ފުލުހުންގެ މަރުކަޒަށް ދިޔުމުންވެސް މަހުމޫދުގެ ނަން އަޑު އެހިމީހަކު ހުރިކަމަކަށްވެސް ނުވިއެވެ. އެންމެން ތިބީ ހިމޭންވެފައެވެ. އަދި ވާހަކަދައްކަން ދެކޮޅުހެދިއެވެ. ކައިލް އެހިސާބުން ނިންމައިލާކަށް ގަސްތެއް ނުކުރިއެވެ. އޭނަ ބޭނުންވީ ތަނުގެ އިސްވެރިޔާއާއި ބައްދަލުކުރުމަށެވެ. ހައިކޮމިޝަނަރ ދުރުވުމުން ކައިލް އޭނައާއި އެކަހެރިކޮށް ބައްދަލުކުރިއެވެ. އޭނައަށް އެނގޭ އެއްޗެއް ހާމަކުރަން ނެގީ ދިހަވަރަކަށް މިނިޓެވެ. އެންމެ ފަހުން ހައި ކޮމިޝަނަރ އެހާ ފަސޭހައިން ކައިލް ގާތު ހުރިހާ ވާހަކައެއް ހާމަކުރަން ނިންމިކަމާއިމެދު އާދަނާއި އެހެން ފުލުހުން ވިސްނަން މަޖުބޫރުވއިއެވެ. ކައިލްގެ ފަރާތުން އޭނައަށް ލިބުނީ ކޮން މައުލޫމާތުތަކެއް ބާވައެވެ.
***
އެ ހުދު އިމާރާތް ހުރީ މީހުން އުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައެވެ. ބިޔަކޮށް ހެދިފައިވާ ގަސްތައް އެގޭގެ ވަށައިގެން ހުރުމުން އަދި ވަކިން އެކަހެރިކޮށް ދައްކައެވެ. ސަރުކާރުން އެގެ ފޮރުވަން ބޭނުންވާފަދައެވެ. އެއިމާރާތުގައި ޖަހާފައިވާ ބޯޑުގައި އެތަނުގެ ނަން ބޮޑުއަކުރުން އޮތެވެ.
"މިތަނަށް އައީމަ ހީބިހި ނަގައިގަނެއްޖެ.." މިކާލް ތުރުތުރު އަޅައިގަތެވެ. އާދަންވެސް ހިންދިރުވައިލީ ގަދަކަމުންނެވެ. މިއީ ޖިންނި އަވަލާފައިވާ ތަނެއްކަމަށް ރަށުތެރޭ ކިޔާއުޅެއެވެ. އިމާރާތުގެ އެތެރެވެސް އެއްވެސް ދިރުމެއްނެތި ހުސްކަމާއި ހިމޭންކަން ވެރިވެފައިވިއެވެ. ސީލިންއާއި ތަޅުންގަނޑުވެސް މަރާމާތުކުރަން ޖެހިފައިވާ ތަނެކެވެ. ފާރުތަކުގައި ދެލި ހާކާފައި އަދި އެކިކަހަލަ ކުރެހުންތަކަކީ ބަލިމީހުންގެ މަސައްކަތްހެން ހީވެއެވެ. ޔުނިފޯމްގައި ހުރި ނަރުހަކު ހައިރާންވެފައިހުރެ އެމީހުންނާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި އައެވެ.
"މިތަނުގައި ކީއްކުރަނީ؟ ބޭރުމީހުން މިތަނަށް ވަނުން މަނާ...."
"މިއައީ މަހުމޫދު ގެއަށް ގެންދާންވެގެން...."ކައިލްގެ ނަޒަރު ހުއްޓުނީ ފާރުގައިވާ މާނައެއްނެތް އެކި ކުރެހުންތަކަށެވެ. ޑޫޑުލްތަކަށެވެ. އޭގެ މާނައަކީ ކޮބައިބާވައޭ އޭނަގެ ހިތަށް އެރިއެވެ. ބައެއް ކުރެހުންތަކުން ހީވަނީ އެތަނުގެ ތެރޭގައި އެމީހުން އުޅޭގޮތް ދައްކުވައިދޭން ސްކެޗް ކުރެހި މީހާ މަސައްކަތްކޮށްފައިވާހެންނެވެ. މިފަދަ މަރުކަޒަކީ ބަލިމީހުންނަށް ޝިފާލިބި އަޅާލެވޭފަދަ ތަނަކަށް ވާންޖެހޭހިނދު މިފަދަ މާހައުލަކުން ޝިފާ ލިބޭނެހެއްޔެވެ؟ ނަރުސްކުއްޖާ އެންމެ ފުރަތަމަ ފަސްޖެހުނެވެ. ނަމަވެސް އޭނަގެ ހުއްދައަކަށް ބެލުމެއްނެތި އެފިރިހެނުން އޭނަ ފަހަނަޅާ ކުރިއަށް ހިނގައިގަތުމުން އޭނަވެސް އަވަސްއަވަހަށް އެމީހުންގެ ފަހަތުންގޮސް އަރާ ހަމަކުރިއެވެ.
"މިސްޓަރ މަހުމޫދު އެއްވެސް ވިޒިޓާއަކު އަންނަކަމަކަށްނޫން ހުރީ...." އޭނަ އެ ކޮޓަރީގެ ދޮރާއި ހަމަޔަށްގޮސްވެސް އެންމެ ފަހު ފަހަރަށްވެސް މަސައްކަތްކުރީ އެމީހުން ހުއްޓުވުމަށެވެ. އެމީހުންގެ ކޮނޑުމަތިންވެސް ނަރުސްކުއްޖާ ބަލައިލީ އެހެން ނަރުހެއް ނޫނީ ފާރަވެރިޔަކުވެސް ފެނިލުމުގެ އުއްމީދުގައެވެ. އޭރުން މި ބޭރުމީހުން ހުއްޓުވުމުގައި އެމީހުންނަށް އެހީތެރިވެވިދާނެއެވެ. ކައިލް ފަސްޖެހުމެއްނެތި އެ ހުދުކުލައިގެ ދޮރު ހުޅުވާލައިފިއެވެ.
***
ނޯރާ ކައުޗްގައި އިށީދެލައިގެން އިނީ މޭގައި އަތް ހުރަސްކޮށްލައިގެންނެވެ. ނާޔަލް މޭޒުކައިރީގައި އިށީދެލައިގެން އިނދެ ކަރުދާސްތަކާއި ކުޅެންއިން ތަން ބަލަން ނޯރާ އިނީ ލޯ ހަނިކޮށްލައިގެންނެވެ.
"ވެގެން އުޅޭގޮތެއް ބުނަން ގަސްތުކުރަނީ ކޮންއިރަކުންތަ؟" ނޯރާގެ ރާގު ހުރިގޮތުން ހީވަނީ ނާޔަލްއަށްވުރެ އެތައް އަހަރެއް ދޮށީ އޭނަހެންނެވެ.
"ތިބުނީ ކީކޭ ނޯރީ؟" ނާޔަލްއަށް އޮޅިގެން ކިޔުނީ މަހުމޫދު ނޯރާއަށް ލޯބިން ކިޔާ އުޅޭ ނަމުންނެވެ. ނޯރާގެ ނުރުހުން ކުރިއަށްވުރެ ބޮޑުވިއެވެ.
"ތިހެން ނުކިޔާށޭ ނުބުނަންތަ؟"
"ކީއްވެ ކަމެއް ނުވާކަމަށް ހެދެނީ؟ ސިކްލީވްތައް އެވަރަށް ފޮނުވާ އެއްވެސް ސާޖަރީއެއް ހަދަން އެއްބަސްނުވެ އެވެސް އިނގިއްޔެއް ޒަޚަމްވީކަމަށް ހަދާފައި.؟ އަދި ހެނދުނ ހޫނުު ކޮފީތަށްޓެއް ބޮއި ނިންމައިލީ ކޮފީ ނާޅާ...."
"އެއީ ފެން...." ނާޔަލް އެއްޗެކޭ ބުނަން އުޅުނެވެ.
"ކާކު ގަބޫލުކުރާނީވެސް ހަމައެކަނި ހޫނުފެން ބޯންކަމަށް ބޭނުންވީ؟ ނަރުސްކުއްޖަކަށް ސާފުކޮށް ފެނުނު އިންސްޓެންޓް ކޮފީ މިކްސް ކަނޑާލާފައ އެގެންގޮސް ޑަސްބިނަށް ލީތަން. ރިއަލީ ނާޔަލް. ބުނޭ މިހާރު..." ނޯރާއަށް ވައިގެ ތެރޭ އަތް ހޫރައިލެވުނީ މާޔޫސްވީ ވަރުންގޮހެވެ."މިފަހުން އަބަދުވެސް ޑިސްޓްރެކްޓްވެފައި. ކީއްވެތަ؟"
ނާޔަލް ފުން ނޭވާއެއް ބޭރުކޮށްލާފައި އައިނުނެގިއެވެ. އަދި ސައިނަސް ޕޮއިންޓްތަކުގައި މަސާޖުކުރަން ފެށިއެވެ."އަދި ބުނާނަން ނޯރާ. ދުވަސްކޮޅެއް ދީ..."
"އަންހެންކުއްޖެއްގެ ވާހަކަތަ؟"ނޯރާ ކުއްލިއަކަށް ބުމަ އަރުވައިލިއިރު އަޑުގައި ޖޯޝް އެކުލެވުނެވެ.
"ހޫމް ބައި ދަ ވޭ ކައިވެނީގެ ތައްޔާރީތައް ކިހިނެއް އޮތީ؟" ނާޔަލްގެ ސުވާލު ނުނިމެނީސް ފެނުނީ އެ އޮފީހުގެ ދޮރު ލެއްޕި ނޯރާ ދިޔަތަނެވެ. ނާޔަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ދޫކޮށްލާފައި ނޯރާ ދާނެ ހަމައެކަނި ގޮތަކީ އެއީއެވެ.
***
ނޯރާގެ ގޯސްވެފައިވާ ތަބީއަތު އިތުރަށް ނުބައިވީ އޭނަގެ އިންތިޒާރުގައި އޮފީހުގައި އައިޒަކް މަޑުކޮށްލައިގެން އިންތަން ފެނިފައެވެ."އައިޒަކް. މިއީ ހިތަށް އަރާ އިރަށް އައިސް ގޮސްވާން ހުރިތަނެއް ނޫން. މިއީ ހޮސްޕިޓަލެއް. ކިޔަން ނޭގޭތަ؟"
"މެންދުރު ކެއުން ހިފައިގެން މިއައީ.."އައިޒަކް ނޯރާގެ ނުރުހުމުގެ ނަޒަރަށް އަޅާނުލިއެވެ.ގަނޑުކޮށްފައިވާ ޕިއްޒާ ފޮށިތަކެއް މޭޒުމަތީގައި ހުއްޓެވެ.
"މިގޮތަކަށް ކަންތައް ކުރަމުން އަންނަނީ ކީއްވެތަ އައިޒަކް؟ އަހަރެން މިބުނަނީ ސީރިޔަސްކޮށް. ކީއްވެ މިހެން. އަހަންނަކަށް ނޭގޭ.. އަހަރެންދެކެ ލައިކްވަނީވެސް ކީއްވެތަ؟" ނޯރާ އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. އޭނައަށް އެއްގޮތަކަށްވެސް ވިސްނައިގަންނާކަށް ނޭގުނެވެ.
އައިޒަކް ނޯރާގެ މޭޒުކައިރީގައި ހުރި ގޮނޑީގެ ލެނގޭބައިގާ ބޯ ޖައްސާލަމުން ހަމަޖެހިލިއެވެ. އޭރުވެސް ނޯރާ ދޮރުމަތީގައި މަޑުކޮށްލައިގެން އޭނަގެ މޫނަށް ކަޅި ހުއްޓާލައިގެން ހުރިއިރު އެ ލޮލުގައިވަނީ ނުރުހުމެވެ. ހަރުކަށި ނަޒަރެކެވެ. އައިޒަކް ކޮނޑު އަރުވައިލިއެވެ.
"އަހަންނަކަށްވެސް ނޭގޭ. ތިއީ ދުނިޔޭގައި ހުރި އެންމެ ރަގަޅު ކުއްޖާއެއްނޫން. އަދި ރީތިކަމުގައިވެސް ހަމަ އެވްރެޖް އެކަމަކު އަހަންނަށް ހީވަނީ ޑެސްޓިނީގައި އޮތީ ދެމީހުން އެކީގައި ވުންހެން ދެން ކިހިނެއް ތަގުދީރާއި ދެކޮޅުހަދާނީ؟"
ނޯރާ ކަޅިއަޅައިލިއެވެ.
" މާމަ ނޯރާ މިކައިވެނިން އެހާ ފަސޭހައިން ދިޔަކަނުދޭނެ ފުރަތަމަ ދުވަހުވެސް ދެކޮޅުހެދިނަމަ. ކީއްވެ ނެހެދީ؟ ފަހަރެއްގައި ސިއްރު ސިއްރުން ލައިކް ވެވެނީ......"
"ހަގީގަތުގައިވެސް ކައިވެނި ނުކުރެވޭނެ ވާހަކަ ފުރަތަމަ ދުވަހުވެސް ބުނެވެން ޖެހޭނެ. ބޮޑު ގޯހެއް އެހެދުނީ. ޒައިނަބު އާންޓީ އަހަރެމެންގެ ކައިވެނި ކުރަން ފައިވިއްދާފައި ހުރިވަރު އަންދާޒާ ނުކުރެވުނީ. ސީރިޔަސްކޮށް އާންޓީ އަހަރެމެންގެ ކައިވެނި ކުރުވަފާނެކަމަށް ގަބޫލުވެސް ނުކުރެވުނީ..."ނޯރާ ހީލިއެވެ."ބަލާބަލަ އެ ލަފުޒުގައިވެސް މިހިރަ ހެއްވާގޮތެއް.."ކައިވެނި" މި ލަފުޒު އަހަރެމެންގެ ދޭތެރޭ ބޭނުންކޮށްގެން ނުވާނެ. ގާތްގަނޑަކަށް ހަމަ ކޮމިކަލް. އަބަދުވެސް އައިޒަކްއާއިމެދު ދެކުނީ ކޮއްކޮއެއްގެ ގޮތުގައި..."
"އަހަރެން ދުވަހަކު ތިއީ ދައްތައެއްގެ ގޮތުގައި ނުދެކެން އަދި ލޭގެ ގޮތުން ގުޅުމެއްނެތް. ތިއީ އަހަރެންގެ ދައްތައެއްނޫން. އެހެންވީމަ ދައްތައެއްގެ ގޮތުގައި ދެކެންވީ އެއްވެސް ސަބަބެއްނެތް......"އައިޒަކްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ނަރުސްކުއްޖަކު އެއޮފީހަށް ވަންނަން އައެވެ. އެކުއްޖާގެ ފިޔަވަޅުތައް ހުރި ހިސާބަށް ހުއްޓުނީ މޭޒަށް ލެނގިލައިގެން ހުރި ޒުވާނާ ފެނިފައެވެ. އަޅިކުލައިގެ ސޫޓެއްގައި ހުރީ އެކުއްޖާ ދެކުނު އެންމެ ހިތްގައިމު ޒުވާނާއެވެ. މިއީ ނޯރާގެ ވާންއުޅޭ ފިރިމީހާއޭ ކިޔައިގެން ވާހަކަދެކެވޭ ޒުވާނާބާވައެވެ. ހާދަ ނަސީބު ރަގަޅެވެ.
"މަލް މަޑުކޮށްބަލަ...." އެނބުރި ދާން ހިނގައިގަތް ކުއްޖާއަށް ނޯރާ ގޮވާލައިފިއެވެ. އަދި މޭޒުމަތީގައި ހުރި ޕިއްޒާ ފޮށިތައްނެގިއިރު އޭނަގެ ބޮލުން މައްޗަށް އުސްމިން ހުއްޓެވެ. އޭނަ ނަރުސްކުއްޖާގެ އަތަށް އެ ފޮށިތައް ދިނެވެ.
"އެހެން ކުދިންނަށް ބަހާލައިގެން ކާލާ..." ނޯރާ ބުނީ ފަސް އެނބުރި ބަލައިލުމެއްނެތިއެވެ. ނޯރާ އޮފީހުން ނިކުމެގެން ދާން އުޅުމުން އައިޒަކްއަށް ހިފެހެއްޓުނީ އޭނަ ލައިގެން ހުރި ކޯޓުގެ އަތުކުރީގައެވެ. އެފަދަ އަމަލެއް ކުރުމުން ނޯރާގެ ލޯބި ހޯދުމުގެ ހިތް ބޮޑަށް ޖެހެނީއެވެ. އޭނަގެ އަޒުމް ވަރުގަދައެވެ. އޭނަގެ މީހަކަށް ނޯރާ ނަހަދާ އޭނަ ހުއްޓައެއްނުލާނެއެވެ. ނޯރާ ޖެހޭނީ އޭނަގެ އިހުސާސްތަކަށް ބޯ ލަނބާށެވެ.
"ނޯރާ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން ނެތިން މި ކައިވެނި ކެންސަލް ކުރަން އަދި އުއްމީދުކުރަނީ ނޯރާވެސް ތައްޔާރުވާނެކަމަށް...."
"އައިޒަކް ތިއީ މީހެއްގެ ފިރިއެއް، އަހަރެންގެ މައްޗަށް ބޭކާރު ވަގުތު ދުއްވާނުލާ ސާރާ އުފާކޮށްދޭން މަސައްކަތްކުރިއްޔާ މާ ރަގަޅެއްނުވާނެތަ؟"ނޯރާ އައިޒަކްގެ އަތް ފޮޅުވައިލިއެވެ.
"އަހަންނާއި ސާރާގެ އޮތީ ކޮންކަހަލަ ކަމެއްކަން އެނގޭނެ. އެ ކައިވެންޏަކަށް ނުވޭ. އެއީ ބޮޑަށް ވިޔަފާރިއެއް."އައިޒަކް ފިނިގޮތަކަށް ބުނެލިއެވެ."އަހަންނަށް އެނގޭ ސާރާ ދެން އަހަންނާއިހެދި މޮޔަވެފައިކަން ހުރީ. އެކުއްޖާ އަހަންނަށް ހަމަޖެހިގެން އެކަނި އުޅެވުނަކަ ނުދޭ. އަހަންނަށް ހޭލެވޭއިރަށް އެކުއްޖާ ތައްޔާރުކުރާ އަހަރެން ރުޅިއަންނަ އެފޮނި ގަދަ ކޮފީ ހިފައިގެން އައިސް ހުންނާނެ.. ނޯރާ ސާރާގޮތަށް ނުވީމަ ވަރަށް ހިތްހަމަޖެހޭ.ޕަޕީއެއްހެން އަބަދު ފައިކައިރީގައި އޮންނާކަށް ބޭނުމެއްނޫން."
"އައިޒަކް. އަހަރެން ގާތު ތިބުނަނީ ސާރާ އައިޒަކްއަށް ތިހާ ޝައުގުވެރިވާކަމަށް ގަބޫލުކުރަމޭ؟" ނޯރާ ލޯބޮޑުކޮށްލިއެވެ."އޭނަ ކައިވެނިކުރީ އައިޒަކްދެކެ ލޯބިވެގެންކަމަށް ހީކުރަނީތަ؟ ފިލްމުތަކުން ފެންނަފަދަ ފުރަތަމަ ނަޒަރުން ލޯބި؟"
އައިޒަކްގެ މޫނުމަތިން ފެނުނު ކުލަވަރު ޖަވާބަކަށް ފުދުނެވެ. އައިޒަކް ޔަގީންކޮށްގެން އެހެރީ ސާރާ އޭނަދެކެ އިންތިހާއަށް ލޯބިވާކަމުގައެވެ.
"އޭނަ ދެން އަހަންނާއި އިންނަން ވީ ކީއްވެތަ؟"
"ސާރާ ލޯތްބެއް ނުވޭ. އައިޒަކް."
"އެނގޭތަ؟ސާރާއަށްވެސް އެނގެއޭ އޭނައާއި ގަޔާނުވާ ކަމާއި ފޭކް ސްމައިލް ދައްކައިގެން ހުންނަކަން. އެކަމަކު ސާރާ ފަރުވާލެއްނެތީ އޭނަގެ ހިތުގައިވެސް އެއްވެސް އިހުސާސެއް ނެތީމަ." ނޯރާ ބުނެލިގޮތުން އައިޒަކްގެ ބަސް ހުއްޓުނެވެ. ތިއީ ހަމަ ތެދެއްހެއްޔޭ އޭނަގެ ލޯ ސުވާލުކުރާފަދައެވެ. މިއީ އައިޒަކްއަށް ލިބުނު އާ މައުލޫމާތަކަށްވިއެވެ. އޭނަ މިހުރިހާ ދުވަހު ގަބޫލުކުރީ ސާރާ އޭނަދެކެ ލޯބިވިކަމުގައެވެ. ސާރާއާއި ނޯރާ އުޅެނީ ގާތްކޮށެވެ. ނޯރާގެ ކޮއްކޮއެއްފަދައިންނެވެ. ސާރާއަށް އިތުބާރުކުރެވި އޭނަގެ ދިރިއުޅުމާއި ސިއްރުތައް ހިއްސާ ކުރީކަމަށްވެދާނެއެވެ. އަދި އައިޒަކްއާއި ކައިވެނި ކުރި ސަބަބުވެސް މެއެވެ. ސާރާގެ ވާހަކަ ނޯރާއަށް އެނގެން ޖެހޭނެކަމުގައި ސާރާއަށް ގަބޫލުކުރެވުނީ ނޯރާ އައިޒަކްއާއި ކައިވެނިކުރަން ވުމުން ކުށްވެރި އިހުސާސްތަކެއް ހިތުގައި އުފެދިދާނެތީއެވެ.
"ޑޫ ޔޫ ފީލް ބޭޑް ނައު؟" އައިޒަކްގެ މޫނުމަތިން ނޯރާއަށް ހިތާމައިގެ ކުލަވަރު ފެނުނެވެ.
"އެހެނެއްނޫން. އެކަމަކު އެކުއްޖާއަށް އެކްޓްކުރަން އެނގޭތީ ހައިރާންވެއްޖެ..."އައިޒަކް މޫނު ހެދިއެވެ." އެހާ ފޭކްކޮށް ހުރިހާ ކަމެއް އެކުރީ. މަށަށްވުރެ މާ ގޯސް...."
ލޯބިނުވަންޏާ ދެން އޭނައާއި ސާރާ ކައިވެނި ކުރަންވީ ސަބަބަކީ ކޮބާހެއްތެވެ؟ ނޯރާ ބުނީ އައިޒަކް އެހާ ބޮޑަށް އެކަން ދެނެގަންނަން ބޭނުމިއްޔާ ސާރާ ކުރެން އެހުމަށެވެ.
"ސާރާއަކީ ފޭކް ކުއްޖެއްނޫން. ހެދުން އިސްތިރިކޮށްދީ ކޮފީ ގެނެސްދެނީ ކޮންމެހެން ރަގަޅުކަމަށް ހެދޭކަށްނޫން. އެއީ ހަމަ ރަގަޅު އަންހެންކުއްޖެއް. އަދި ރަގަޅު އަންބެއްގެ ގޮތުގައި ހުރީ. އެއްވެސް ކަހަލަ އިހުސާސެއް އައިޒަކްއަށްޓަކާ ނެތަސް..." އެންމެ ފަހުގެ ޖުމްލަތަކަށް ތަންކޮޅެއް ބާރުލާފައި ނޯރާ ކިޔައިލިއެވެ. އައިޒަކް ރަގަޅަށް ދަންނާތީ އޭނަގެ ރޭވުން ކާމިޔާބުވާނެކަން ނޯރާއަށް ހީވިއެވެ. ލޯބި ނުވުމާއި އޭނަ ދަށްވުމަށް އައިޒަކްއަށް ކެތެއްނުވާނެއެވެ. ހުރިހާކަމެއް ވާން ޖެހޭނީ އޭނަ ބޭނުންވާގޮތަށެވެ. ސާރާ އޭނަދެކެ ނުރުހޭކަމަށް އެނގުމުން އައިޒަކް ސާރާ އޭނަދެކެ ލޯބިވާން މަޖުބޫކުރުވަން މަސައްކަތްކުރާނެއެވެ. އެހާވެސް އައިޒަކް "ޅަ"އެވެ. އުފަންވުމާއެކު ރަން ސަމުސާއަކުން ކާން ދޭންފެށުމުން އަދި އަބަދުވެސް އާއިލާގެ ހިފެހެއްޓުމެއްނެތް ލޯބިން ހަލާކުކޮށް އަޅާލުން ދިނިމުގެ ސަބަބުން އޭނަގެ އުޅުން ހުންނަނީ އެފަދަ ގޮތަކަށެވެ. އޭނައަށް އެއްޗެއް ގެއްލުމުގެ ރަހަ ދެކެފައެއްނުވެއެވެ. އަމިއްލަ މުހިއްމުކަމާއި ބޮޑާކަން އޭނަގެ ގައިން ފިލުވުމުގެ ވަގުތު ޖެހިއްޖެއެވެ.
"ސާރާ އަހަންނާއި މެރީ ކުރަން ބޭނުންވީ ކީއްވެތަ؟" އައިޒަކް ބުމަ އަރުވައިލިއެވެ. އެކަން ހޯދަން ބޭނުންވެ ނުތަނަވަސްވާގޮތްވިއެވެ."އޭނަ އުޅެނީ ފައިސާއާއި ހެދިތަ؟"
އެ ލަފުޒުތައް އަމިއްލަ ދުލުން ބޭރުވުމުން އެ ބަސްތަކުގެ ހުރި ހެއްވާކަންވެސް އަމިއްލައަށް އެނގުނެވެ. ސާރާގެ އެހެރަ މައުސޫމްކަމާއި މަޑުމައިތިރިކަމާއެކު ފައިސާގެ ފަހަތުން ދުވާނެހެން ހިޔެއްނުވެއެވެ. އެކަމަކު ފައިސާ ނޫނީ ލޯތްބަށް ނުވަންޏާ ސާރާ އޭނައާއި ކައިވެނި ކުރީ ކޮން ބޭނުމަކުހެއްޔެވެ؟ ނޯރާ ބުނީ އައިޒަކް އެކަން ދެނެގެނަންނަން ބޭނުމިއްޔާ ސާރާ ގާތުން އެ ސުވާލުކުރުމަށެވެ.
***
"އެއީ ނޯރާގެ ބައްޕަކަން ޔަގީންތަ؟"މިކާލް ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. އޭނަގެ ނަޒަރު ހުއްޓުނީ އެނދުގެ ފައިލާކޮޅުގައި އިށީދެލައިގެން އިން ބަލިކަށި އުމުރުން ދުވަސްވީ މީހާއަށެވެ. އިނގިލިތައް ލަންބަމުން ގުރުއާނުގެ އާޔަތްތައް މަޑުމަޑުން ކިޔަވަމުން ދިޔައެވެ. ކައިލް ބޯ ޖަހައިލިއެވެ."އެއީ މަހުމޫދު. މި މަރުކަޒުގައި އޭނަ ހިފަހައްޓައިގެން ތިބި މީހުން އަމަލުކުރިގޮތް އަނިޔާވެރިކަމުން ތިމާއަކީ ކާކުކަން ހަނދާންނެތުނީ......"
"މިސާލަކަށް މަހުމޫދު މީހުން ގަތުލުކުރުމުން މޮޔަވީކަމަށް ވެއްޖެއްޔާ؟" މިކާލް ކައިލްގެ ކޮނޑުމަތިން ބޯ ދިއްކޮށްލައިގެން ބަލަން ހުރީ މަހުމޫދަށެވެ.
"ހިޔެއްނުވޭ." ކައިލް މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ." އޭނައަށް އަރާމުކުރިޔަ ދެމާ."
ކައިލްމެން މަހުމޫދު ގޮވައިގެން ދިޔައީ ހޮޓަލަށެވެ. މަހުމޫދު އެއްވެސް ވަރަކަށް އަނގައިން ނުބުނިތާ އެއްވެސް މީހަކާ ހަތަރުކަޅި ހަމައެއްނުކުރެއެވެ. އެއީ މަހުމޫދުކަން ޔަގީނެވެ. ނަމަވެސް އޭނައަކީ ކުރިން ހުރިމީހާއެއް ނޫނެވެ. އޭނަވަނީ މުޅިން ބަދަލުވެފައެވެ. ނޯރާއާއި ނާޔަލް ބުނީ އެމީހުންގެ ބައްޕަ ފަހަރެއްގައިވެސް މީހަކު ގަތުލުނުކުރާނެކަމުގައެވެ. ކައިލް އެ ޒުވާނުންގެ ބަސް ގަބޫލުކުރިއެވެ. ސަބަބަކީ މިހުރިހާ ކަމެއް އޭނަގެ މަންމަގެ މަރު މަހުމޫދު ވަޒީފާއިން ވަކިކުރުން އަދި އޭނަގެ ގެއްލުން ވިންޓަރފެލް އާއިލާއާއި އޮތް ގުޅުން ޔަގީނުންވެސް ކޮންމެވެސް ބޮޑު ކަންތައްގަނޑެއް މިކަމުގައި ފޮރުވިފައި އެބައޮތެވެ. އޭނަވަނީ ހަގީގަތް ހޯދުމާއި ގާތަށް އެއް ފިޔަވަޅު ކުރިއަށް އަޅާފައެވެ.
ނުނިމޭ