"މާސިންގާ ކަނޑެއްގައި ދަތުރުކުރިޔަސް ނަވެއް އަޑިއަށް ދާނީ އޭގެ އެތެރެއަށް ފެންގަނޑު ވަނިއްޔާއެވެ. އެ އުސޫލުން ބަލާއިރު ދުނިޔޭގެ ނެގަޓިވިޓީވެސް އިންސާނާ މާޔޫސްކުރުވާނީ އެކަންތައްވެސް އޭނަގެ ހިތާއި ސިކުނޑިއަށް ވާސިލުވެދިނިއްޔާއެވެ."

***

ކައިލްގެ މަގުސަދަކަށްވީ ނޯރާގެ ބައްޕަ މަސައްކަތްކުރާތަން ދެކެލުމެވެ. އަދި އޭނަ މަސައްކަތްކުރީ ކޮންބަޔެއްގެ ދަށުގައިކަން ދެނެގަތުމެވެ. އޭނަ ދެނެހުރިގޮތުން މަހުމޫދު އަދާކުރީ މެދުވެރިއެއްގެ މަސްއޫލިއްޔަތެވެ. މަންމަގެ މައުލޫމާތު އެ ގާތިލުންނަށް ދިނީ ކޮންމެވެސް މީހެކެވެ. އަމުރުކުރީ އަދި އެހެންމީހެކެވެ. އެމީހަކީ އަދި ނޯރާގެ ބައްޕައެއް ނޫނެވެ. ކައިލް ހީކުރާގޮތަކީ އެއީއެވެ.އެކަމަކު އެކަމުގައި މަހުމޫދުވެސް ބައިވެރިވިކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އޭނަ ގެއްލުމުގެ އަސްލަކީ ކުށްވެރިކަމުގެ އިހުސާސެވެ. އެކަމަކު އަދި އެއީ އެހެން ވާހަކައެކެވެ. ކައިލް އެގެއާއި ދިމާލަށް ވިސްނުން ތެރިކަމާއެކު ބަލަންހުރީ އެގެއާއިމެދު ސިކުނޑި އެއްޗެއް ބުނަން ފެށީމައެވެ. ވަރަށް ދަންނަ ފާޑެވެ. އޭނަ ކުރިން މިގެ ދުށް ހެއްޔެވެ؟

"ބަގީޗާ ބަލަހައްޓާ މީހުން އަހަރެމެންނަށް ފާޑަކަށް އެބަ ބަލާ. ދަމާ ހިނގާ.." ނޯރާ މަޑުމަޑުން ބުނެލި ޖުމްލަ ކައިލް ޚިޔާލުތަކުގެ ތެރެއިން ނެރުނެވެ.

" ނޯރާއަށް މިކަން ފާޑެއްގެ ކަމަކަށް ނުވޭތަ؟ ބައްޕަ މުޅި އުމުރު ވަޒީފާ އަދާކުރީ މިގޭގައި އަދި މި އާއިލާއަށް ޚިދުމަތްކޮށްދިނީ. ހަމަ ކުއްލިއަކަށް އެއް ދުވަހު ވަޒީފާ ދޫކޮށްލާފައި ދެން ގެއްލުނީ. ބައްޕަ ގެއްލިފައި އަދި ހުރިތަނެއް ޚިޔާލަށްވެސް ނުގެނެވެންޏާ މިއީ އެކަން ހޯދަން އެންމެ އެކަށީގެންވާ ތަން ނޫންތަ؟" ކައިލް ފާރަށް ލެނގިލީ އޭނަގެ ބަނޑަށް އަޅާ ބާރު ކުޑަކުރުމަށެވެ. އޭނަގެ ޒަޚަމްތައް އަދިވެސް ހުރީ ތާޒާކޮށެވެ.

"ނޫން ކައިލްއަކަށް އަންޑަސްޓޭންޑްނުވާނެ. ވިންޓަރފެލްއިން ބައްޕައަށް ހިޔާވަހިކަން ދިނީ. އަދި ކާންބޯންދިނީ ބައްޕަ ވަރަށް ނިކަމެތި ހާލެއްގައި އުޅެނިކޮށް. އަހަރެމެން ދިރިތިބީ އެމީހުންގެ ސަބަބުންނޭވެސް ބުނެވިދާނެ. އެއީ ވަރަށް ދީލަތި އާއިލާއެއް.." ނޯރާ ބޯ ހޫރައިލިއެވެ. އެއާއިލާއިން އެއްވެސް ހާލެއްގައި އޭނަގެ ބައްޕަގެ ގެއްލުމާއި ގުޅުމެއް ހުރެދާނެކަމަށް ގަބޫލުކުރަން އޭނަގެ ޟަމީރު އެއްބަހެއްނުވިއެވެ.

"އެމީހުން ނޯރާމެން ސަވައިވްވާން އެހީވިއްޔާ އޭގެ އިދިކޮޅަށް ކަންކުރުމުގެ ގާބިލުކަން ހުންނާނެ. އެމީހުން ބޭނުން ކަމެއްކޮށްފައި އެކަމުން ބޯ ދަމައިގަނެވޭހާ މުއްސަދި ނުފޫޒުގަދަ އާއިލާއެއް ނޫންތަ؟ނޯރާ ބޮޑަށް ބޭނުންވަނީ މިއާއިލާގެ އަތެއް އެކަމުގައި ނުވުމަށްތަ؟ ނޫނީ ބައްޕަ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ދުވާލު މަސައްކަތްކޮށްފައި އަދި ރޭގަނޑު އޭނަ އަމިއްލައަށް ބޭނުންވެގެން މީހުން މަރާ މީހެއްގެ ގޮތުގައިތަ؟ ބައްޕަ އެހެން ދިރިއުޅުމެއް އުޅެނީ ނޯރާއަށްވެސް ސިއްރުން ނޫނީ މި އާއިލާއިން ބައްޕަ މީހުން މަރަން ފޮނުވީތަ؟" ކައިލް ބުނި އެއްޗަކުން ނޯރާ ކުރިން ވިސްނުން ނުހިންގާ ދިމާލަކަށް ޚިޔާލު ފޯރިއެވެ. އޭނަ ވިންޓަރފެލް އާއިލާއަށް ތުހުމަތު ކުރަން ބޭނުމެއްނޫނެވެ.

"ތިބުނީ ކައިލްގެ މަންމަ މަރަން މި އާއިލާއިން ބައްޕަ ހަޔާކުރީއޭތަ؟" ނޯރާއަށް ބާރަށް އެހެން ބުނެލެވުނުއިރު އެ ޖުމްލައިގާ ހުރި ހެއްވާކަމަކުން އަނގަ ހޭވުނެވެ.

"އެއީ އިމްޕޮސިބަލް ކަމެއް ނޫން.." ކައިލް ކޮނޑު އަރުވައިލިއެވެ. ނޯރާއަށް އެކަން މަޖާކަމަކަށްވިއެވެ. ކައިލްގެ ޚިޔާލު އެހާ ތަފާތުވީ އެ އާއިލާއަކީ ކައިލްއަށް ދެނެފަރިތަ އާއިލާއަކަށް ނުވުމާއެކު ނޯރާގެ ޚިޔާލު ތަފާތު އެވީ އެ އާއިލާ އޭނައަށް ފުދޭވަރަކަށް އެނގޭތީއެވެ.

"ކޮންމެ ކަމަކީ ހީތަކެއްގެ މައްޗަށް ބިނާކޮށް ގަބޫލުކުރަން ޖެހޭ ކަމެއްނޫން."ނޯރާ ހަށަން ބަދެލިއެވެ.

"އެގްޒެކްޓްލީ..."ކައިލް މަޑުމަޑުން ބުނެލިއެވެ." ތިހާ ބޮޑަށް ދިފާއުކުރާހާ ވަރަށް އެ އާއިލާގެ ހަގީގަތް އެނގޭތަ؟"

ވާހަކައިގެ މިސްރާބު ދާގޮތް ނޯރާއަށް ކަމަކު ނުދިޔައެވެ. އަދި ކައިލް އޭނަގެ ހިތުގައި ޝައްކު އުފައްދަން ކުރާ މަސައްކަތްވެސް މެއެވެ.

"ކީއްވެ ރޮނީ؟" ކައިލް އެހެން ބުނުމުން ނޯރާއަށްވެސް ކޯތާފަތުން ހޫނުކަން އިހުސާސްވެ ހެދުމުގެ އަތުކުރިން ލޯ ފޮހެލައިފިއެވެ.

"އަހަރެން ރޮނީއެއްނޫން. އެއީ ވައިގެ ފިނިކަމުން ލޮލުން ފެން އަންނަނީ...." ނޯރާއަށް އަމިއްލަ ކޯތާފަތް ރަތްވިކަމުގެ އިހުސާސްވިއެވެ. އޭނަ ބުނި އެއްޗަކުން ރޮވުނީކަމުގައި ކައިލް ހީކުރީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އޭނައަކީ ތުއްތު ކުއްޖެއްނޫނެވެ. އެވަގުތު ނޯރާގެ ނަޒަރުގައި އަޅައިގަތީ ހަނާ އަޅައިލި އަތެކެވެ. އެއީ އައިޒަކްގެ މާމަ ޒައިނަބެވެ. ނޯރާ އެނބުރުނުއިރު ކައިލްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޭނަ އެތަނުން އެދިޔައީ އެނގުމެއްވެސް ނެތި އެހާ އަވަހަށެވެ. ފާރަވެރިޔަކު ދޮރާށި ހުޅުވާލަދިނުމުން ނިމުމެއްނެތް ދިގުމަގުން ހިނގަމުންގޮސް ގޭގެ ޕޯޓިކޯއާއި އަރާހަމަވިއެވެ. ޒައިނަބުގެ އަތުގައި ފޮތެއް އޮތެވެ. އޭނަ ލައިގެން ހުރި އަގުބޮޑު ކެހެރި ކޯޓުގެ ބޯކަމުން އޭނަގެ މޫނު ކިރިޔާ ފެންނަކަމެވެ."އާވް....ނޯރާ...ހިތަށް އެރިޔޭ ނޯރާއޭ އެކަމަކު އެހާ ދުރުން ވީމަ ޔަގީނެއްނުވި..."ޒައިނަބު ހިނިތުންވެލިއެވެ.

ޒައިނަބުގެ މޫނުގައި އެއްވެސް މޭކަޕެއް ލިޕްސްޓިކެއްނެތި ގުދުރަތީ ފުރިހަމަކަމުގައެވެ. ދެންމެ ތެދުވުނީކަން ނޯރާއަށް ޔަގީނެވެ. އާއްމުކޮށް މޫނުން ދައްކުވާ ހަރުކަށިކަމެއްނެތެވެ. މޭކަޕާއި ނުލާ އަސްލު ފެންނަނީ މައުސޫމްކަމާއިއެކު ކުޑަކުއްޖެއް ވައްތަރުޖަހާ މޫނެކެވެ. ފިނި މޫސުމްގައި ސްވެޓާރސްތައް ވިޔަން އިންނަ ލޯބި ލޯބި މުސްކުޅި މާމައެއްފަދައިންނެވެ.

"ގުޑްމޯނިން އައިޒަކް މާމާ..."ނޯރާ ކަންބޮޑުވެފައިވާ ގޮތަކަށް ހިނިތުންވެލިއެވެ. ވައްކަމެއް ކުރަނިކޮށް ފަޅާ އެރުމުން ކަންބޮޑުވެފައިވާ ވަގަކަށްވެސް އިހުސާސްކުރެވޭނީ އެފަދަ ގޮތެކެވެ.

"ޒައިނަބް އާންޓީ ކިޔަސް ރަގަޅުވާނެ.." ޒައިނަބުގެ ހުނުމުގެ އަޑު އިވުނެވެ."މިހާ ފިނި ފިނި ހެނދުނެއްގައި މިގެއަށް އަންނަން ޖެހުނީ ކިހިނެއްވެގެންބާ."

"ފިންޏެއް ނުވޭތަ؟" ނޯރާ ލައިގެން ހުރި ސާދާ ހެދުމަށް ނަޒަރު ހުއްޓައިލަމުން ޒައިނަބު އެހިއެވެ.

"އޯ...އަޅުގަނޑު....އަޅުގަނޑު ވަޒީފާއަށް ދަމުން...." ނޯރާ ބުނީ މުޅިއަކުން ދޮގެއްނޫނެވެ. އަށެއް ޖަހާއިރަށް އޭނަ ވަޒީފާ ފެށޭނެއެވެ.

"އެހެންތަ؟"

ނޯރާ އެތަނުން ދާން އުޅެފައިވެސް ނެތް ހިތްވަރުލާފައި ސުވާލުކުރަން ނިންމިއެވެ."ޒައިނަބް އާންޓީ. އަޅުގަނޑުގެ ބައްޕައާއި ބެހޭގޮތުން އެއްޗެއް އަހައިލަން ބޭނުން. ސަބަބަކީ އިއްޔެ ބައްޕައާއި ބެހޭގޮތުން ވަރަށް އެހެންކަހަލަ ވާހަކައެއް އިވުނީމަ..."

"މަހުމޫދު ފެނުނީތަ؟ ކިހިނެއް ބައްޕަ؟" ޒައިނަބު ލޯ ފުޅާކޮށްލިއެވެ.

"ނޫން ނޫން. އެކަމަކު އިއްޔެ ދިމާވި ފިރިހެނުންތަކެއް..އަދި.." ކައިލް ހުރިނަމައޭ އެވަގުތު ހިތަށް އެރިއެވެ. ޒައިނަބުގެ ކުރިމަތީ އެވާހަކަދައްކަން ވުމުން އޭނަ ނުތަނަވަސްވެ ގަނޑުފެންގަނޑަކަށް ވެއްޖެއެވެ.

"ކަނބުލޯ.....އެތެރެއަށް ވަދެ ހުރިހާ ވާހަކައެއް ކިޔައިދީ.." ޒައިނަބު ކަންބޮޑުވެފައި ނޯރާގެ އަތުގައި ހިފައިލިއިރު އެ އަތްތިލަ ފިނިކަމުން ގަނޑުވެދާނެފަދައެވެ."ހީކަރުވައިގެން ރޫރޫއަޅަނީނު...." ޒައިނަބު އަވަހަށް ނޯރާގެ އަތުގައި ހިފާ އެތެރެއަށް ވައްދައިފިއެވެ. އެންމެ އަރާމުވަރުގެ ހޫނުކަމެއް އެމީހުން ވަށައިލިގޮތުން މީހެއްގެ ހޫނު ބައްދައިލުމެއްގެ އިހުސާސްކުރެވުނެވެ. ގޭތެރޭގައި ހިފާފައިވަނީ އެހާ ހިތްގައިމު ވަހެކެވެ. އެހާ ގަދަ ނޫން މަލެއްގެ ވަހެވެ. ބޮޑުކޮޓަރީގެ ސީލިންގައި އެލުވާފައި އޮތް ޗާންދަލިއާއެއްގެ ޖާދުވީ އަލީގައި އެތަން ފެންނާނެގޮތް ޚިޔާލަށް ގެނެވުނެވެ. ކަޅުކުލައިގެ ލެދާ ސޯފާތަކުގައި އަރާމު ބާލީސްތައް ޖަހާފައެވެ. އަދި މެދުގައި އަގުބޮޑު ކޮފީ މޭޒެކެވެ. ބަލައިލި ކޮންމެ ދިމާލެއް އޮފްއަރައެވެ. އެހާ ސާފެވެ. ޒައިނަބް އޭނަ ގާތު އިށީންނަން ބުނުމުން އޭގެ އަގާއިމެދު ވިސްނާފައި އިށީދެލަންވެސް ފަސްޖެހުނެވެ.

"ޖޫލީ. ޖޫލީ..." ޒައިނަބް ތަންކޮޅެއް ބާރަށް ގޮވައިލުމުން ސިކުންތުކޮޅެއް ނުވަނީސް ކަޅާއި ހުދުގެ ޔުނިފޯމެއްގައި ހުޅިއެއް ޖަހައިގެން ހުރި ޚާދިމާއަކު ދައްކާލައިފިއެވެ." ނޯރާއަށް ހޫނު ބުއިމަކާއި ކޯޓެއް ގެނެސްދީ..."

އޭރު ނޯރާގެ ޚިޔާލުގައިވީ ކައިލްއެވެ. ކައިލްއަށް ފިނިވާނެހެއްޔެވެ؟ ބަނޑުގައިވި ޒަޚަމާއެކު ގެއަށް ސަލާމަތުން ފޯރުނުހެއްޔެވެ؟ އޭނަ ރަގަޅުހެއްޔެވެ؟ އެދިޔައީ ޖެކެޓްވެސް ނޯރާއަށް ދީފައެވެ.

"އަޅުގަނޑުގެ ހަށިގަނޑު ފިންޏަށް ވަރަށް ބޮޑަށް ރިއެކްޓްކުރޭ . އެހާ ފިނިވަނީއެއްވެސް ނޫން..." ރޫރޫ އެޅުން ހުއްޓުވުމަށް އަމިއްލަ އަތުގެ އިނގިލިތަކަށް އޮބަމުން ނޯރާ ބުނެލައިފިއެވެ.

"ނޯރާ ބުނެބަލަ. އަހަންނަށް ވެދެވޭނީ ކޮން އެހީއެއްތަ؟ އައިޒަކް ތައްޔާރުކުރި ޕޯސްޓަރު ދެކުނިން އަދި އެއީ ރަގަޅު ޚިޔާލެއްކަމަށް ގަބޫލުކުރެވުނު. އަހަރެމެން ކުރިން އެކަން ކުރެވުނުނަމަ..."ޒައިނަބު އޭނަގެ އަތުގައި އޮތް ފޮތް ކޮފީ މޭޒުމަތީގައި ބޭއްވިއެވެ. ނޯރާ އޭނައާއި ދިމާވި ފިރިހެނުން ބައްޕަގެ ބޮލުގައި އެޅުވި ތުހުމަތު ކިޔާދިނެވެ.

"ތިއީ ވާނެކަމެއް ނޫން. މަހުމޫދު އެކަމެއް ނުކުރާނެ..."ޒައިނަބް މެޔާއި ދިމާލަށް އަތް ގެންދިޔަގޮތުން ބިރުގަތްހެން ހީވިއެވެ." އެމީހުން އެގޮތަށް މަހުމޫދާއި ބެހޭގޮތުން ދޮގު ވާހަކަ ދެއްކީތީ ގާނޫނީ އަދަބުލިބެން ޖެހޭނެ. އަދި މަރެއްގެ ތުހުމަތު އެޅުވީތީވެސް..."

ޒައިނަބުގެ ހިތްވެސް އޭނަގެ ކުރީގެ މުވައްޒަފާއިމެދު ހަމްދަރުދީވިއެވެ.

"އޭނަ އެގޮތަށް ވަޒީފާދޫކޮށްފައި ގެއްލެންވީ ކީއްވެހެއްޔެވެ؟"

"އަޅުގަނޑުގެ ބޭބެ ނާޔަލްއަށްވެސް ދިމާވީ ހަމަ އެގޮތަށް. މަރުގެ ތުހުމަތު ބޮލުގައި އަޅުވާފައި ލަންޑަންގެ ޖަލެއްގައި ހުރީ.." ނޯރާ ބުނެލިއެވެ. ޒައިނަބު ނާޔަލްއާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދިއެވެ. އޭނަވެސް އިނީ އިވުނު އަޑުތަކުން ޝޮކެއްގައެވެ. ނޯރާ އުޅޭނީ ހާދަ ހާލުގައެވެ.

"ޕުއަރ ޗައިލްޑް. އެހެންވީމަ ކިހާ އެކަނިވެރިކޮށް އަދި ބިރުން ދިރިއުޅުން ވޭތުކުރަން ޖެހިފައި ތިވަނީ. ކޮންތާކު މިހާރު އުޅެމުން ތިދަނީ އަދި ކޮން ހާލެއްގައި؟" ޒައިނަބު ނޯރާގެ އަތުގައި ހިފެހެއްޓިއެވެ.

"އަޅުގަނޑު ކޮޓަރިއެއް ކުއްޔަށް ނަގައިގެން މިއުޅެނީ. މިހާރު މިވިސްނަނީ ލަންޑަނަށް ގޮސް ބޭބެގެ ކޭސްއަށް އެހީތެރިވާން. ވަކީލުންގާތުގައި އަޅުގަނޑު ބައްޕަގެ ވާހަކަވެސް ދެއްކީމަ ފަހަރެއްގައި އެމީހުންނަށް އެއްޗެއް އޮޅުން ފިލާފާނެ. ބައްޕަ ގެއްލުމުގެ ކުރިން ކޮންމެވެސް ބަޔަކަށް ބައްޕަ ފެނިފައިވަނީ. އަޅުގަނޑަށް ހީވާ ގޮތުގައި ނާޔަލް ހައްޔަރުކުރުމާއި ބައްޕަގެ މަރާއި ކޮންމެވެސް ކަހަލަ ގުޅުމެއް އެބައޮތް.."

ކޮންތަނެއް ކުއްޔަށް ނަގައިގެން؟ ކިހާވަރަކަށް؟" ޒައިނަބުގެ ސުވާލުން ނޯރާ ލަދުވެސް ގަތެވެ." ބައްޕަ ފެންނަން ދެން ނޯރާ މިގެއަށް ބަދަލުވެ މި އާއިލާއާއެކު އުޅެންވީނު. މަހުމޫދަށްޓަކާ އެވަރުގެ ކަމެއް ކޮށްދިނުމަކީ އަހަރެމެންނަށްވެސް އޮތް ކަމެއް. އަދި ބޭބެ ޖަލުގައި އޮތްކަމެއްވެސް އެނގުނީއެއް ނޫން. ވީމަ.." ޒައިނަބުގެ ނަޒަރު ތިރިއަށް ދަތުރުކުރިއެވެ. ނޯރާއަށްވެސް ބަލައިލެވުނީ އޭނަ އަރައިގެން ހުރި ބޫޓަށެވެ. އެ ދެރަވަރުގެ ބޫޓުގައި މި އަގުބޮޑު ދޫލަމަތީ ފައި އެޅުނުކަމަށްޓަކާ ނުބައި އިހުސާސް ކުރެވުނެވެ.

"އޯނޯ...ޒައިނަބް އާންޓީ ހާދަ ރަގަޅޭ. އެކަމަކު ރަގަޅުވާނެ. އަޅުގަނޑަށް އަމިއްލައަށް އުޅެވިދާނެ.މިހުރިހާ އަހަރުތަކުގައިވެސް ދިރިއުޅުނިން. މިހާރު ހުރިހާވެސް އެދުމަކީ ބައްޕަ ހުރިތަނެއް ހޯދުން އަދި ދެންވާނެ ގޮތެއް ބެލުން..."

"އަހަރެން މަޖުބޫރުކުރަން. ނޯރާގެ ތި ވާހަކަތައް އަހާފައި ނޯރާ މިއަނިޔާވެރި ދުނިޔެއާއި އެކަނި ކުރިމަތިލާން ދޫކޮށްލާނެ ފަދަ ހިތެއް އަހަރެންގެ ނެތް..." ޒައިނަބު ބުނެލިއެވެ.

"ވިންޓަފެލް އަބަދުވެސް އަޅުގަނޑަށް އެހީތެރިވެދިން. ތިޔަ ވެދެއްވި އިހުސާންތެރިކަމުގެ ބަދަލު އަދާކުރާނީ ކިހިނެއްބާވައޭ ހިތަށް އަރާ..އަޅުގަނޑަށް މިގެއަކު ނުހުރެވޭނެ ޒައިނަބް އާންޓީ. ތިޔަބޭފުޅުން އަޅުގަނޑާއި އާއިލާއަށް ފުދޭވަރަށްވުރެ އިތުރަށްވެސް އެހީ ފޯރުކޮށްދީފި..." ނޯރާ އަދަބުވެރިކަމާއެކު އެ ހުށަހެޅުން ދޫކޮށްލުމުން ޒައިނަބް ހިތާމަވެރި ހިނިތުންވުމެއް ދިނެވެ.

"މަހުމޫދު ބަލާބޮޑުކުރީ ރަގަޅު އަންހެންދަރިއެއް. ހަމަމިހާރުން ފެށިގެން ނޯރާގެ ބޭބެގެ ކޭސް ބަލައިދޭނަން. އޭނަ ހައްޔަރުކުރުމާއެކު އެންގިނަމަ. އަހަރެން ވައުދުވަން. ލަހެއްނުވެ ބޭބެއާއި ދިމާވާނެ. އަދި ބައްޕަވެސް..." ޒައިނަބު ނޯރާގެ އަތަށް މަޑުމަޑުން ފިތާލިއެވެ. އެ ބަސްތަކުން ނޯރާގެ ދަތިވެފައިވާ ހިތަށް އަރާމެއް ލިބި ހަމަޖެހުނެވެ. ހިތް ޝުކުރުން ފުރުމާއެކު ނޯރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެވަގުތު ޖޫލީ މާޝްމެލޯ އަޅާފައި ހުރި ހޫނު ޗޮކްލެޓް ތަށްޓެއް ގެނެސް ފޯރުކޮށްދިނެވެ.

"ދިޔުމުގެ ކުރިން މި ތަށި ބޯލާ.."ޒައިނަބު އެދުނެވެ. ރަހަ މީރުކަމުން ކައިލްއަށްވެސް ރަހަ ދައްކައިލެވޭނެ ނަމައޭ އޭނަގެ ހިތަށް އެރިއެވެ. އޭނަ އެ ރެސިޕީއަހަން ވީކަން ނޭގެއެވެ. އޭރުން އިސްހާގުގެ ބޭކަރީގައި މި ތައްޔާރުކޮށްލެވޭނެއެވެ.

***

ޕެޓްރިކޯގައި ކައިލްއާއި މިކާލް މަސައްކަތްކުރަމުން ދިޔައެވެ. ހަގީގަތުގައި ކައިލް މިކާލްއަށް އަމުރުކުރަމުން ދިޔައީއެވެ.

"ވީއިރު ތިބުނަނީ ނޯރާގެ ބައްޕަ ކަލޭގެ މަންމަގެ މަރާއި ގުޅުމެއްވެއޭތަ؟"މިކާލް ލޯ ބޮޑުކޮށްލައިފިއެވެ. ކައިލް ބޯ ޖެހިއެވެ.

"އުމަރަކީ އިތުބާރުކުރެވޭ ޒާތުގެ މީހެއްވެސް ނޫން. އެކަމަކު މީހަކު ދޮގު ހަދަންޏާ ނޫނީ ތެދުބުނަންޏާވެސް އެނގޭނެ ދޯ. އޭނަ ޔަގީނުންވެސް ދޮގެއް ނަހަދާ. އެވަރު އެލޮލަށް ބަލާފައި އެނގުނު."

"ނޯރާގެ ބައްޕަ ސަތޭކަ ޕަސެންޓް ޔަގީން ކޮށް އެ ރޭވުމުގައި ބައިވެރިވި. މޭން އިއްތިފާގެކޭ ދެންވެސް ބުނޭ.މިހާރު އޭނަގެ އަންހެންދަރި ކަލެއާއި އެއް ފުރާޅެއްގެ ދަށުގައި އެ ދިރިއުޅެނީ. ކޮންމެވެސް ނުބަޔެއް އެބައުޅޭ..." މިކާލްގެ އަތުގައި ހުރި ކަޅުކޮފީއިން ކޯވަރެއް ބޯލުމުން ވަގުތުން ސިކުނޑި އިތުރަށް ހޭލިއެވެ."މައި ގޯޑް ކައިލް ހަދާން އެބަހުރިތަ؟ ނޯރާ ބުނި އޭނަގެ ބޭބެވެސް ކޮންމެވެސް މީހަކު މަރާލައިގެން ޖަލުގައޭ ވީ. ދަރިވެސް ބައްޕަގެ މަގުން އެ ހިނގަނީ. އޭނައަށް އިތުބާރުކުރެވޭތަ؟"

"އަހަރެން މިހިރީ މޮޔަވެފައިހެން ހީވީތަ؟ ފެންނަހާ ކޮންމެ މީހަކަށް އިތުބާރުކުރާހާ؟" ކައިލް ސުވާލުކުރިއެވެ.

"އަހަންނަށް އިތުބާރު ނުކުރަންތަ؟ އަހަރެން ގާތު ހުރިހާ ވާހަކައެއް ކިޔާދީ ގޮވައިގެން ދިޔަނަމަ. އަހަރެން ހުއްޓާ އެއްވެސް މީހަކަށް އެގޮތަށް ވަޅި ހަރައިލާކަށް ނުކެރޭނެ. އަދި އެތަނަށް އެވަގުތު ނޯރާއަށް ދެވުނީމަ އެކަން މަޖާކަމަކަށް ނުވޭތަ؟ އޭނަ އަދި ކައިލް ގަޔަށް ވަޅި ހެރިއިރު އެތާހުރެ އެހީއެއްވެސް ނުވިއެއްނު. އެހީވިތަ؟" އުމަރުމެންނަށް މަހުމޫދުގެ ޕޯސްޓަރު ފެނި އޭނަ ދެނެގަނެވުނުކަން އެނގުނުވަގުތުން ފެށިގެން މިކާލްގެ ހިތް ޝައްކުން ފުރާލައިފިއެވެ. އެހުރިހާ ވާހަކަތައް އެތަނަށް ވަން ނޯރާއަށް ސާފުކޮށް އިވުނެވެ. އެޒުވާނުންނަށް އެކަމެއް ނޭގުނެވެ. ނޯރާ އެތަނުން ނުކުތީ ހަލާކުވެފައިވާ ހިތަކާއިގެންނެވެ. އުފުލަން އުދަގޫވަރަށް ހިތަށް ބަރުވިއެވެ.

***

ކައިލް އެރޭ ގެއަށް ދިޔައިރު ނޯރާ ގޭގެ ދޮރުމަތީގައި އޭނަގެ އިންތިޒާރުގައި ކުރިކާލި ކަނޑާލަ ކަނޑާލާ ހުއްޓެވެ. ކައިލްގެ ނަޒަރު ހުއްޓުނީ ނޯރާގެ ބުރަކަށީގައި އަޅުވާފައި އޮތް ދަބަހަށެވެ.

"ދިޔުމުގެ ކުރިން ދެކެލަން ބޭނުންވީ.."ނޯރާ ގަދަކަމުން ހީލިއެވެ."މި މަހުގެ ކުލި މިހިރީ......."

ނޯރާ ދިއްކޮށްލީ ސިޓީ އުރައެކެވެ.

"ހުންނާނެ ތަނެއް ހަމަޖެހުނީތަ؟"

"އާނ. ފެނިއްޖެ..." ހަގީގަތަކީ އޭނަ ދާންވީ މަންޒިލެއް އަދި ކަނޑަ ނޭޅޭކަމެވެ. އެކަމަކު ކައިލްގެ ގޭގައި އެންމެ ދުވަހަކަށްވެސް ހުންނާކަށް އޭނަގެ ހިތެއްނޭދެއެވެ. މިހުރިހާ ދުވަސްވީއިރުވެސް ކައިލް ގެ އިތުބާރެއް އޭނައަކަށް ނުހޯދުނެވެ." މިހުރިހާ ދުވަހު މިގޭގައި ހުރުމުގެ ފުރުސަތުދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން...ގުޑްބައި ކައިލް..."

ކައިލް ނޯރާއާއި ނަޒަރު ގުޅުވާލައިގެން ހުރި ހިނދުކޮޅު އެލޮލުން ހަނދުގެ ހިޔަނި ފެނުނެވެ. އަލުން ނޯރާ ނުފެންނާނެ ކަމުގެ އިހުސާސް ކައިލްގެ ހިތުގައި ގަދަވެގަތެވެ." ތި ގަހާއި އަޅާލާތި. އެއަށްޓަކާ ބޮޑު ޚަރަދެއް ކުރަން ޖެހުނު..." ކައިލް ނޯރާގެ އަތުގައި ހުރި ލަވެންޑަރ ގަސް ޖަހާފައި ހުރި މުށިގަނޑާއި ދިމާލަށް ބަލައިލިއެވެ. ނޯރާ ދިޔަދޭކަށް ކައިލް ބޭނުމެއްނުވިއެވެ. އެކަމަކު މަޑުކުރަން ބުނުމުގެ ހައްގެއްވެސް ނެތެވެ. އެއީ ނޯރާގެ ހަޔާތެވެ. ނޯރާގެ ނިންމުމެބވެ. އެހެންނޫނަސް މަޑުކުރަން ބުނަން މާ ލަސްވެއްޖެއެވެ. ނޯރާ އިތުރު ލަފުޒެއް ބުނުމެއްނެތި ކައިލް ފަސްދީފައި ގޮސް އޭނަގެ ނަޒަރުން ގެއްލުނެވެ.

ކައިލް އެތެރެއަށް ވަދެފައި ފައިސާ އަޅާފައިވާ ސިޓީއުރަ ކައުޗާއި ދިމާލަށް އެއްލައިލުމަށްފަހު ވެއްޓިގަތެވެ. މިހާރުވެސް މިގެއިން ފަޅުކަމާއި ހުސްކަން އިހުސާސްވާންފެށިއެވެ. އޭނަ ދޮރާއި ދިމާލަށް ބަލަން އިނީ ނޯރާ ޓަކިދީފައި އެތެރެއަށްވަދެ އޭނަ ދާނެ ތަނެއް ނެތްކަމަށް ބުނާނެ ކަމުގެ އުއްމީދުގައެވެ. އިވެމުން ދިޔަ ހަމައެކަނި އަޑަކީ އެއް ހަމަޔަކަށް ހިނގަމުން ދިޔަ ސިކުންތު ކަށީގެ އަޑެވެ. ނޯރާ އެދިޔައީ އެގޭގައި އޭނަ ދިރިއުޅުނުކަމުގެ ހުރިހާ ނިޝާންތަކެއް ފޮހެލާފައެވެ.

***

ތަންގަނޑަކަށް ހިނގާފައި ނޯރާ ބެންޗެއްގައި އިށީނެވެ. އަދި އޭނަގެ ދަބަސް ހުޅުވާލައިފާ ހެނދުނު އޭނައަށް ކައިލް ދިން ޖެކެޓްނެގިއެވެ. ކައިލް އޭނައާއެކު ވުމަށް ހަނދާނެއްގެ ގޮތުގައި ކޮންމެވެސް އެއްޗެއް އޮންނަން ބޭނުންވިއެވެ. އޭނަ ޖެކެޓް މޭގައި ޖައްސާލަމުން ރުޔެވެ. އޭނައަށް ރައްދު ނުވެވުނު ލޯތްބަށްޓަކައެވެ. ބަންޑުން ނުކުރެވުނު އިހުސާސްތަކަށްޓަކައެވެ. އޭނައަށް ފުރުސަތެއްވެސް ނުލިބުނު ފުރަތަމަ ލޯބި ވަޅުލުމަށްފަހުއެވެ. އޭނަގެ ގެއްލިފައިވާ ބޭބެއާއި ބައްޕައަށްޓަކާވެސް ކަރުނަ އޮއްސިއެވެ. އެދެމީހުންވެސް ކުށެއްނެތްކަން އޭނައަށް ޔަގީނެވެ. ނަމަވެސް މަލާމާތް ކުރެވުނީއެވެ. އެމީހުންނަކީ ގާތިލުން ކަމުގައި ދެކޭ ފިރިހެނަކާއެކު އޭނައަށް ނުހުރެވޭނެއެވެ. ނޯރާގެ އެސްފިޔަތައް ފިޔަ ޖަހައިގަތުމާއެކު ބަލައިލެވުނީ ކާރެއްގެ ހެޑްލައިޓްގެ ތޫނު އަލި ލޮލަށް އެޅިފައެވެ. އެއީ ކާކުހެއްޔެވެ؟

***

ކައިލް ނިދަން އެރިޔަސް ލޮލަށް ނިންޖެއްނައެވެ. ނޯރާ އެގެއިން ދިޔުމުން މާމަ ހިތްހަމަނުޖެހި އެކަމާއި މައްސަލަޖައްސާ ބޮޑު ހަމަނުޖެހުންގަނޑެއް ހިނގިއެވެ. ކައިލްއާއިމެދުވެސް މާމަ ހިތްހަމަނުޖެހުނީ ނޯރާ ފޮނުވައިލީ ކައިލް ކަމަށް ނިންމައިގެންނެވެ. ހެނދުނު ހިނގި ހާދިސާތައްވެސް އޭނަގެ ސިކުނޑިއަށް އަރާ ފޭބިއެވެ. އޭނަގެ ޚިޔާލުތައް ނޯރާއިން ގޮސް ވިންޓަރފެލްއަށް ދަތުރުކުރިއެވެ. ނޯރާގެ ބައްޕައާއި އޭނަގެ މަންމައާއި އޮވެދާނެ ގުޅުމަކާއިމެދު ވިސްނިއެވެ. ހަމައެކަނި ހެއްކަކީ ވިންޓަރފެލްއެވެ. އަޖައިބުކުރުވަނިވި ގޮތަކަށް ދެނެފަރިތަ ގެއެކެވެ.

ކުއްލިއަކަށް އައި ޚިޔާލަކުން ތެދުވެގެންގޮސް މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާފައި ބޮކިތައް ދިއްލާލައިފިއެވެ. އަނާލިއާ ދުނިޔެއާއި ވަކިވެގެން ދިޔަފަހުން އެއްވެސް އެއްޗެއްގައި އަތްނުލާ އެކޮޓަރި އެހެރީ ހުރިގޮތަށެވެ. ކައިލްގެ ނަޒަރު ފަރުވާތެރިކަމާ އަވަސްކަމާއެކު އަނާލިއާގެ ކުރެހުންތަކަށް ދަތުރުކުރަމުން ދިޔައެވެ. އެހެރީއެވެ. ގެއެއްގެ ތަސްވީރެވެ. ތަފާތު އެންގެލްއަކުން ކުރަހާފައި ހުއްޓަސް އެއީ ހަމަ އެގެއެވެ. ޝައްކެއްނެތި އެ ކުރެހުމަކީ ދުވަސްވެފައިވާ ކުރެހުމެކެވެ. ބައެއް ދިމާލުން އާސާރީކަމެއް ފެންނާން ހުއްޓެވެ. އެކަމަކު ކުޑަކޮށް އެޑިޓްކޮށް ޒަމާނީ ކުލަ ޖައްސައިލުމުން އެއީ ހަމަ ވިންޓަރފެލްއެވެ. އަނާލިއާ ކުރަހާފައި އެވަނީ ހަމަ އެގެއެވެ.

***

ފިނިމޫސުމްގެ ފިނި އަދި ކަޅު ރޭގަނޑެއްގައި ކައިލްގެ ފިޔަވަޅުތައް އަޅަމުން ދިޔައީ ވިންޓަރފެލްއާއި ދިމާލަށެވެ. އެހިސާބަށް ގޮސްފައި އެގެއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ގަނޑުވަރެއްހާ ހިތްގައިމު އިމާރާތެކެވެ. މުއްސަދި ބަޔެއްގެ މިލްކެކެވެ. އެމީހުންނަކީ އަލްޔަސްފަދަ ބަޔެއްވެސް ނޫނެވެ. މިއީ އަދި ތަފާތު ފެންވަރެކެވެ. ސަރުކާރާއި ސިޔާސަތަށް ނުފޫޒު ފޯރުވާވަރުގެ ބާރުގަދަ މީހުންނެވެ.

ފަހުން ކައިލްއަށް އެނގުނު ގޮތުގައި އެގޭގެ ވެރިޔާއަކީ އަންހެނެކެވެ. އޭނަގެ ފިރިހެން ދެ ދަރިންނާއި އަންހެންދަރިއަކު ހުރެއެވެ. ފިރިހެންދަރިންނަކީވެސް މިލިޓަރީގެ އިސް މަގާމުގައި ތިބި މީހުންނެވެ. އަދި އެމީހުންގެ ނަމުގައި އެތައް ބިމަކާއި އިމާރާތެއްވިއެވެ. އެދުވަސްކޮޅު އިސްހާގުވެސް އޭނަގެ ވަސިއްޔަތާއި ބެހޭގޮތުން ކައިލްއާއި މަޝްވަރާކުރިއެވެ. އިސްހާގު ފުއްޕާމޭގެ ކެންސަރާއި ހަނގުރާމަކުރާކަން އެނގުމުން ކައިލް ހިތާމަކުރިއެވެ. ކައިލް ނޫން މީހަކު އޭނަގެ ބޭކަރީއާއި ކުޑަ ގެސްޓްހައުސްއާއި ހަވާލުވާކަށް އޭނަ ނޭދުނެވެ. ކައިލްގެ ވިސްނުންތޫނުކަމާއެކު ވިޔަފާރީގެ ރޮގުގައި ކުރިއަށްދާން އިސްހާގު އެދުނެވެ. ކައިލްގެ ތޫނުފިލިކަމާއެކު އޭނަ ބޭނުން ކޮންމެ ދާއިރާއަކުން ކުރިއަށް ދެވިދާނެއެވެ. ޑޮކްޓަރަކަށް އައި ޕައިލެޓަކަށްވާން ބޭނުންވިނަމަވެސް އެކަން ކުރުމުގެ ގާބިލުކަން އޭނައަށް ދެއްވާފައިވިއެވެ. ކައިލް އެކަމާއި ފަސްޖެހެން ފެށުމުން އިސްހާގު ބުނީ އޭނަގެ މަރުހޫމް މަންމައަށްޓަކާ އެއަށްވުރެ އިތުރަށް ކަންކޮށްދޭން ކައިލް ޖެހޭނެކަމުގައެވެ. އޭނައަށްވެސް ހަމަޖެހިގެން އަމާންކަމާއެކު ދިރިއުޅެވޭނީ ކައިލް ކާމިޔާބު މީހަކަށް ވީމައެވެ.

ވިސްނާ ފިކުރުކުރުމުގައި އެތައް ވަގުތެއް ހޭދަކުރުމަށްފަހު ކައިލް ނިންމީ ބިޒިނަސްއިން ޑިގްރީއަށް ކިޔެވުމަށެވެ. އޭނަގެ އެހެން ނިޔަތެއްވެސް ވިއެވެ. ވިންޓަރފެލްފަދަ ގެއަކާއި ދެކޮޅަށް ހަގުރާމަކުރަންޏާ އޭނަ ކާޑު ބޭނުންކުރަން ޖެހޭނީ ބުއްދިވެރިކަމާއެކުގައެވެ. މުއްސަދިންނާ އެކުވާނީ މުއްސަދިންނެވެ. އޭނަ އެކަނި ވިންޓަރފެލްއާއި ދިމާކުރަން ވެއްޖެއްޔާ ޖަލުގައި އޭނަގެ ނިމުން އަތުވެދާނެއެވެ. ޖަލުގެ ތޭރިތަކުގެ އެތެރޭގައި ހުރެގެން މާ ބޮޑުކަމެއް ނުކުރެވޭނެ ނޫންހެއްޔެވެ؟ މަންމަ މަރައިލީ ވިންޓަރފެލްކަމުގެ ސާބިތު ހެއްކެއްވެސް އޮތީއެއް ނޫނެވެ. މުޅިންވެސް ހީތަކެވެ. މަންމަ ނިޔާވިފަހުން އެތައް އަހަރުތަކެއް ފާއިތުވެއްޖެއެވެ. އަދި އިތުރު ދިހަ އަހަރު މަސައްކަތް ކުރަން ޖެހުނަސް އޭނަ މަންމައަށް އިންސާފު ހޯދާދޭނެއެވެ. ކިތަންމެ ޒަމާނަކުން ވިޔަސް އޭނައަށް ވަރިހަމައެވެ. އޭނަގެ ލަނޑުދަނޑިއެއް އެބައޮތެވެ. އެކަން ހާސިލުކުރަން ލައްކަ މަސައްކަތްކުރަން ޖެހެއެވެ. އޭގެ އަސްލަކީ ރުޅިވެރިކަމާއި ބަދަލުހިފުންކަމުގައި ވިޔަސް އޭނައަށް ފަރުވާލެއް ނެތެވެ. އޭނަ ބޭނުންކަންތައް އޭނަ ހާސިލުކުރާނެއެވެ.

ކޮމެންޓް 0