"ﷲ ސުބުހާނަހޫ ވަތައާލާ ނޫން ފަރާތަކަށް ބަރޯސާ ވާން ވެއްޖެއްޔާ އެމީހަކު ބަލިކަށިވެދާނެއެވެ."

***

ކައިލްގެ ހިތް އަވަސްވިއެވެ. އޭނައަށް ޖަވާބު މިހާރުވެސް އެނގިއްޖެކަމަށް އޭނަގެ ހިތުގެ ކަނަކުން ބުނެލިއެވެ.

"ކައިލްގެ މަންމަ....." އިސްހާގު ހިތާމަވެރި ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ." އަނާލިއާ......"

"އެހެންވިއްޔާ އެމީހާ އެނގޭތަ؟ މަންމަ ކައިވެނި ކުރި މީހާ...." އުއްމީދުން ފުރިގެންވި ގޮތަކަށް ކައިލް ސުވާލުކުރިއެވެ. އިސްހާގު އިރުކޮޅެއްވާންދެން ހިމޭނުން އިނީ ވިސްނުމެއްގައެވެ.

"ޔަގީނެއްނޫން. އަހަރެންގެ އެކުވެރިއަކަށް އަނާލިއާ ފިރިހެނަކާއެކު ބަނޑުބޮޑު މީހުން އުޅޭ ވޯޑުން ފެނުނީމަ.ކައިވެނި ކުރިހެން ހީވީ...."

"ލޯބިވިނަމަ އެގޮތަށް ދިޔަދީގެން ނުވާނެއްނު.." ކައިލް ނިކަން މަޑުން ބުނެލިއެވެ. މަންމަ މީހަކުދެކެ ލޯބިވެ އަޅާލަފާނެކަން ޚިޔާލަށް ގެންނަންވެސް ފަސޭހައެއް ނޫނެވެ. މަންމަގެ ފަރާތުން އޭނައަށް ފެނުނުހާ އެއްޗަކީ ހިލަ ހިތެކެވެ. ފިނި ހިތެއްގެ ވެރިއެއްގެ ގޮތުގައެވެ.

" އަހަރެން އެކަމާ ރިގްރެޓް ނުކުރާހެން ހީވަނީތަ؟ ހަޔާތުގެ ކޮންމެ ދުވަހެއްގައި؟ ކައިލް ފެނުނީމަ ރިމައިންޑްސް މީ އޮފް އަނާލިއާ. ތީ ހަމަ އަނާލިއާއާއި ތަފާތެއް ނެތް ތަސްވީރެއްފަދަ."އިސްހާގު ހިނިތުންވެލިއެވެ." ހުރިހާ ކަމެއްވެސް ރަގަޅުވާނެ. ﷲ ކޮންމެ އިންސާނެއްގެ ހަޔާތް ރާއްވަވާފައިވަނީ އެންމެ ރަގަޅަށް. އަހަރެމެން އެދޭގޮތަކަށް އަދި ކަންތައް ހިނގާ ނުދިޔަސް."

އިސްހާގު ދާންވެގެން ކޮޅަށް ތެދުވުނެވެ. އަލްޔަސްއާއި މެދު ކަންތައް ހިނގިގޮތްވެސް އޭނައަށްވަނީ މިކާލްގެ ފަރާތުން އޮޅުން ފިލާފައެވެ. އޭނަވެސް އަނާލިއާއާއިމެދު ކަންތައްވީ ގޮތް އެނގެން ބޭނުންވާކަމީ ހަގީގަތެވެ. އެކަމަކު އޭނަގެ އެދުމަކީ ކައިލް އެކަން ހުއްޓައިލުމެވެ. ބަދަލު ހިފުމަކީ ކައިލްއަށް އެންމެ ރަގަޅުގޮތެއް ނޫނެވެ. ތެދަށް ބުނަންޏާ އޭނަ ކައިލް ގާތުގައިވެސް އޭނަގެ ވިސްނުން ހިއްސާ ނުކުރެއެވެ. އަނާލިއާ އަމިއްލައަށް ގެނބިގެން މަރުވީނޫން ބާވައޭވެސް އޭނަގެ ހިތަށް އެރިއެވެ. އަނާލިއާ ބަދަލުވީވަރު އޭނަވެސް ދަނެއެވެ. އަހަރުތަކެއް ކުރީގެ އަނާލިއާއާއި އަޅާ ކިޔާއިރު ބަދަލުވެފައެވެ. އެމޫނު ކައިލް އެކޭ ތަފާތެއް ނެތެވެ. ހުސްކަން ފެންނަން ހުންނަ ދެލޮލާއި މޮޅިވެރި މޫނެވެ.

އިސްހާގު ދިޔުމުންވެސް ކައިލް އެތައް އިރެއްވާންދެން އެ ދިގު ގޮނޑީގައި އިނެވެ. އެހެން އިންދާ ކަޅުކުލައިގެ ކާރެއް ޕާކު ކުރިތަން ފެނުނެވެ. ކޮންމެވެސް ވަރަކަށް ޝައްކުވިއެވެ. އެހެންވެ ކޮންމެވެސް މީހަކު ބޭކަރީއިން ވައްކަން ކުރަން އުޅެނީކަމުގައި ހީކުރެވި އެ ކާރު އެތަނުން ދާންދެން ބަލަން އިނެވެ. އެއަށްފަހު އޭނަ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

 

***

ކައިލް ގެއަށް ވަންއިރު އޭނަގެ މާމަ ސިޓުން ރޫމްގެ ސޯފާއެއްގައި ރޭޑިއޯ އަހަން އިނެވެ.

"އަނާ؟" ކައިލް ދޮރު ހުޅުވުމާއެކު ޒާފިރާ ގޮވައިލިއެވެ.

"މާމާ. ކައިލްއޭ..." ކައިލް މާމަ ގާތަށް އައެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ބަލައިގެން މާމަގެ ކަނދުރާގައި އަތް އަޅުވައިލިއެވެ. ހަމުގައި ނުޖެހޭނެ ގޮތަށެވެ. މާމަ އަމިއްލައަށް ކުރަން ޖެހޭ ކަންތައްވެސް ކުރަން އުދަގޫވުމާއެކު އަދި މަންމަ މަރުވުމަށްފަހު މާމަގެ ކަންތައް ބެލެހެއްޓުން މިހާރު ދަތިވާން ފެށީ އެނަގެ ހަަފެފޯބިއާގެ ކަންތައް އެއްވެސް ވަރަކަށް ރަގަޅުނުވާތީއެވެ. ހަފެފޯބިއާއަކީ ފޯބިއާގެ ތެރެއިން މަދު މީހަކަށް ދިމާވ ނާދިރު ހާލަތެކެވެ.އެއީ އެއްވެސް މީހެއްގެ ހަމުގައި ޖެހިލަން އިންތިހާއަށް ބިރުގަތުމެވެ. ޕެރެލައިޒްވާހާ ބޮޑަށް ބިރުގަނެ މީހެއްގެ ގައިގާ އަތްލާން އަދި އެހެން މީހަކު އޭނަގެ ގައިގާ އަތްލާން ބިރުގަތުމެވެ. އަތް ލައިފިއްޔާ ކެތްނުކުރެވޭ ވަރަށް ތަދުވެ ހާސްވުމެވެ. ދިރިއުޅުމަށް އެންމެ ދަތިކުރުވާ އެ ހާލަތަކީ އޭނަގެ ހަލާކެވެ.މާމައާއިމެދުވެސް އޭނަ ހަމްދަރުދީވިއެވެ. އޭނަގެ އަތުގެ ބީހިލުމުން މާމައަށް ނުދެވޭތީއެވެ. ޒާފިރާވެސް އުމުރުން ދުވަސްވެ ބަލިކަށިވެ ހަނދާންވެސް ނެތެން ފަށައިފިއެވެ. ނޯރާ ހުރުމުން މާމަ ހީކުރަނީ އަނާލިއާ ކަމުގައެވެ.

"އަހަރެންގެ އަނާ ކޮބައިތަ؟ އެ ފޮނި ފޮނި އަޑު އިއްވާދީބަލަ...." ޒާފިރާ ހިނިތުންވެލިއިރު ނަޒަރު މާ ދުރަށް ހުސްކަމުގެ ތެރެއަށް ހުއްޓިފައެވެ.

"ލައްބަ މާމާ. މާދަން އަދި އޭނައާއި ދިމާވާނެ...މިހާރު ރޭގަނޑުވެއްޖެ. މާމަ އެނދަށް ނިދަން ދާންވީ ގަޑިވެސް ޖެހިއްޖެ......"

ކައިލް މާމަގެ އަސާ އަތަށް ދީފައި މާމަ ކޮޓަރިއާއި ހަމަޔަށް ގެންގޮސްދޭން އެހީތެރިވެދިނެވެ. އޭރުވެސް ޒާފިރާ އެދެމުން ދިޔައީ "އަނާ" ވާހަކަދައްކާ އަޑު އިއްވުމަށެވެ. އަދި މާމަ އެދެމުން ދިޔައީ ކައިލްއާއިވެސް ވާހަކަދައްކަން އިނުމަށެވެ. ޒާފިރާ ވަރަށް ދަންވާންދެން އިނެވެ. ކައިލް ކެތްތެރިކަމާއެކު އެ ވާހަކަތައް އަހަން އިން ނަމަވެސް ވަރުބަލިވާގޮތްވިއެވެ. އެންމެ ބޮޑު ސަބަބަކީ ކޮންމެ ފަހަރަކު މަންމަގެ ނަން އިވޭ ހިނދު އޭނަގެ ހިތުގައި ރިއްސާވަރެވެ. އޭނަގެ މާމައަށްޓަކާ ނޯރާ އަށް މިގެއަށް އަންނަން ދައުވަތު ދޭން ޖެހިދާނެއެވެ.

 

***

ނޯރާއައި ބައްދަލުވިފަހުން ހީވާގޮތުން ކައިލްގެ ހަޔާތުގެ ކޮންމެ ދުވަހެއް އޭނައަށް ގެނެސްދެނީ ބޭނުންނުވާ ހައިރާންކުރުވަނިވި ކަންތައްތަކެވެ. އެހެން ދުވަހެކޭ އެއްފަދައިން ކައިލް ރޭގަނޑު މަސައްކަތުދާން ނިކުތްއިރު އަނެއްކާވެސް އެ ކަޅު ކާރު ފެނުނެވެ. މިފަހަރު ޕާކުކޮށްފައި އޮތީ އެހެން ތަނެއްގައެވެ. އެކަމަކު އެ މޮޑެލްގެ އެކާރެވެ. ވާރޭ ވެހޭތީ އޭނަ މަޑެއް ނުކިރެއެވެ. އިސްހާގުވަނީ ފައިސާތައް ބޭންކުގައި ރައްކާކޮށްފައެވެ. ވީއިރު ވަގަކަށް ފައިދާއެއް ނުވާނެއެވެ. އޭނަ އެއްގޮތަކަށްވެސް ވާރެއާއި ތެމޭކަށް ބޭނުމެއް ނޫނެވެ. ވާރެއިންވެސް އޭނަގެ ހާސްކަން އިތުރުވެއެވެ. އޭނަ ކޮންމެ ބިރެއް ބޮޑުވިޔަސް ކުޑަ ވިޔަސް އެހުރިހާކަމެއް ގުޅިފައިވަނީ އޭނަ ގެނބުނު ހާދިސާއާއި މަންމަގެ މަރާއެވެ.

ނޯރާ ކުޑައެއް ހިފައިގެން ހިނގާފައި ދިޔަތަން ފެނުނެވެ. އާދައިގެ މަތިން ގަޔަށް ދޫކޮށް އޮތް ހެދުމަކާއި އެކު ފިޔާތޮށިކުލައިގެ ސްވެޓަރަކާއި ޖިންސެއް ލައިގެންނެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައި ވަށައިގެން ސްކާފެއް އޮޅާލާފައެވެ. ބޭނުންވާ ތަކެތި ގަނެލަން ބާޒާރަށް ދަނީއެވެ. ކައިލްއަށް ފާހަގަވީ ކަޅު ކާރު ނޯރާގެ ފަހަތުން ދުއްވާލިތަނެވެ. އެކަމަކު އޭނައާއި ކޮން ކަމެއް ހެއްޔެވެ؟ "ޑޭންގް އިޓް.."އޭނަގެ ވަފާތެރިކަމެއް ނެތް ހިތާއި ދިމާލަށް ނުރުހުމާއެކު ބަވާލައިފިއެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިއްޔާ މިފަދަ ކަމެއް ކުރާނެއެވެ. އޭނައަށް އެކަމާއި ފަރުވާލެއް ނުބަހައްޓާ ނުފެންނަ ކަމަށް ހަދާލައިގެން ނުހުރެވުނެވެ. މީހަކު ނުރައްކަލެއްގައިވާ ތަން ފެނި އަޅާނުލާނީ ހިތެއްނެތް މީހެކެވެ. އެނޫނީ ބިރުންނެވެ. އޭނަގެ އެއިން އެއްވެސް މައްސަލައެއް ނެތެވެ. ބިރެއް ނުގަންނަތާ އޭނައަކީ ހިތެއް ނެތް މީހެއްވެސް ނޫނެވެ.

ސޫޓެއްގައި ހުރި ފިރިހެނަކު ކުޑަ އަޅައިގެން ކާރުން ފޭބިއެވެ. އަދި ނޯރާއާއި ދިމާލަށް ހިނގައިގަތެވެ. އޭނަ ކޮންމެވެސް އެއްޗެކޭ ބުނުމުން ނޯރާ ހުރީ ނިކަން ހަމަޖެހިލާފައެވެ. އެއީ ނޯރާ ދަންނަ މީހަކީ ހެއްޔެވެ؟ އެހެންވެދާނެއެވެ. ކައިލް އަނެއް ފަރާތަށް އެނބުރުނީ ދާންވެގެންނެވެ. އެވަގުތު އެ ފިރިހެނާ ނޯރާގެ އަތުގައި ހިފައިގެން ދަމަމުންގޮސް ކާރަށް އަރުވަން މަސައްކަތް ކުރިއެވެ.

***

ނޯރާ އޭނަގެ އަތް މިންޖުކުރަން މަސައްކަތްކުރިއެވެ. އޭނަގެ ނިޔަފަތިތައް އެމީހާގެ އަތަށް ވައްދައިލުމުން ހިނދުކޮޅަކަށް ނަމަވެސް އެމީހާގެ އަތް ދޫކޮށްލެވިއްޖެއެވެ. އަނެއް އަތުން ކުޑައިގާ ހިފަހައްޓާލައިގެން ހުރީ ނޯރާގެ ނަސީބު ރަގަޅުކަމުންނެވެ. އޭނަ ނޯރާގެ އަތުގައި ހިފެހެއްޓީ އަނެއް އަތުންނެވެ. އަތް ދޫވުމާއެކު ނޯރާ ދުއްވައިގަތެވެ.

"ހެލްޕް......"ނޯރާގެ ހަޅޭކުގެ އަޑު ވާރޭގެ ތެރެއަށް ހިނދުނެވެ. އެމީހާ ނޯރާގެ ފަހަތުން އައެވެ. އެ ފިޔަވަޅުތަކުގެ އަޑު ނޯރާއަށް އިވުނެވެ. ނޯރާއަށް ފަހަތަށް ނަޒަރު ހިންގައިލެވުނީ ފިޔަވަޅުގެ އަޑު ކެނޑުމުންނެވެ. އޭނަގެ މޫނުގައި ޖެހެމުން ދިޔަ ބޮޑެތި ވާރޭތިކިތައް ހެދުމުގެ އަތުކުރިން ފޮހެލަމުން އެސްފިޔަ ޖަހައިލިއެވެ. އެއީ ބޭކަރީގައި މަސައްކަތް ކުރާ ޒުވާން ފިރިހެންކުއްޖާއެވެ. އެކުއްޖާގެ ނަން އަދިވެސް އޭނައަށް އެނގެނީއެއް ނޫނެވެ. އެ ފިރިހެންކުއްޖާ އެމީހާގެ ކުޑައިން އެމީހާގެ ކަރަށް ވާންކުރަނީއެވެ. ކޮންމެވެސް ގޮތަކުން އެމީހާ ސަލާމަތްވެ ކައިލްގެ ބަނޑަށް ވީއްލައިލި އެތިފަހަރުން އޭނަ ވެއްޓުނެވެ. އެ މަންޒަރު ފެނުމުން ދުވެފައިގޮސް އަތަށް ކިރިޔާ އުފުލައިލެވޭ ވަރު ގެ ގަލެއް އެމީހާއާއި އަމާޒުކޮށް ފޮނުވައިލުމުން އެރީ ބޮލުގެ ފުށްކިބައަށެވެ. އެމީހާ ރޮއިގެންފާ ފަހަތަށް ވެއްޓެން އައެވެ. ދެވަނަ ސިކުންތުކޮޅުގައި އެމީހާ ދުއްވައިގަތެވެ.

ނޯރާ ކައިލް ތެދުކުރަން އަތްދިއްކޮށްލިއެވެ. ކައިލް އެ އަތުގެ އެހީ ހޯދުމެއްނެތި އަމިއްލައަށް ދެފައިމައްޗަށް ކޮޅަށް ތެދުވުނެވެ.

"ދެން މި ވާރޭ ތެރޭ ހުންނާނީތަ؟ ހިނގާ ދަމާ.." ކައިލް ބޭކަރީއާއި ދިމާލަށް ދުވަމުން ކިޔާލިއެވެ. ނޯރާވެސް ފަހަތުން ދިޔައެވެ.

 

***

ކައިލްއާއި ނޯރާ ޕެޓްރިކޯގެ ދޮރުމަތީގައި މަޑުކޮށްލަމުން ކައިލް އިސްތަށިގަނޑުން ފެން ފޮޅައިލިއެވެ. އޭނަވެސް ހުރީ ތެމިފޯވެފައެވެ. އޭނަގެ އަނެއް ފަޅިން އެހެން މަންޒަރެކެވެ. ނޯރާ ގެ ބޮލުން ފެށިގެން ބޮޑުވާއިނގިއްޔާއި ހަމަޔަށް ތުރުތުރުލަނީއެވެ. ކަށިގަނޑު ތެރެއަށްވެސް ފިނިވަދެ ހަލާކުވަނީއެވެ. އަމިއްލަ ހަށިގަނޑާއި ބައްދައިލެވުނީ ހޫނުކުރުމަށެވެ.

"ޝުކުރިއްޔާ.." ނޯރާ ބުނެލިއެވެ.

"އެއީ ކާކުތަ؟"ކައިލް ސުވާލުކުރިއެވެ." ކާކުގެ ފަރާތުން ފިލަން ތި ދުވަނީ؟"

"އައިމް ނޮޓް....." ނޯރާ އެއްޗެކޭ ބުނަން އުޅުމުން ކައިލް މެދުކަނޑައިލިއެވެ." ސިފަބަދަލުކޮށްގެން ނިކުމެ އުޅެނީ. ބޭރުގައި އުޅެންޏާ އަބަދުވެސް ވަށައިގެން ހޯދާ. އަބަދު އެލާޓްގައި.އެހެންވީމަ ޝައްކުވެސް ކުރެވޭނެ ދޯ."

"އެހީމަ މިބުނީ. އަހަރެންގެ ބޭބެ ނާޔަލް...ބޭބެވަނީ މީހެއްގެ މަރުގެ ތުހުމަތުގައި އެކަމަކު އަހަރެން ގަބޫލުކުރާގޮތުން ފްރޭމްކުރީ. ބޭބެ ހައްޔަރުކުރުވި މީހުން ކޮންމެވެސް ސަބަބަކާއިހެދި އަހަރެންގެ ފަހަތުން އެއުޅެނީ." ނޯރާ ތަފްސީލުކޮށް ކިޔާދިނެވެ."އަހަރެންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްކަމެއް ނޭގޭ. އެކަމަކު އެގޮތަށް ގެއްލުވައިލާކަށް ބޭނުމެއްނޫން. އެހެން ހިތަށް އެރުމުން ބިރުވެސް ގަނޭ. އަހަންނަށް ކަމެއްވެ އެކަން އިތުރު އެއްވެސް މީހަކަށް ނޭގި ސިއްރުވުން..އެމީހުން މިފަހަރު ހޯދައިގަތީ ކިހިނެއްކަމެއް ނޭގޭ. ވަރަށް ބަލައިގެން އުޅުނީ...."

ނޯރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ކައިލް ހަނދާންވީ ސްކޫލް ތެރޭ ދައުރުވި އޭނަގެ ޕޯސްޓަރެވެ. ސިއެނާގެ އެ ތަސްވީރަށް ނޯރާވެސް އަރާފައި ހުއްޓެވެ. ކައިލް ވާހަކަދެއްކީ ނިކަން ހަމަޖެހިލާފައި ހުރެއެވެ." އަދިވެސް އެމީހުން ފަހަތުން އަންނާނެ.އަހަރެންގެ ގޭގައި މަޑުކުރަން ބޭނުންތަ؟ އިފް ޔޫ ޑޯންޓް މައިންޑް މާމަ އަބަދުވެސް ނޯރާގެ ވާހަކަ އަހާ. މާމަގެ އަންހެންދަރިފުޅާއި ނޯރާ ވަކި ކުރަން ނޭގެނީ....ތަނެއް ފެނެންދެން އަހަރެމެންގެ ގޭގައި ހުރެވިދާނެ..."

ނޯރާ ޖަވާބެއް ނުދިނުމުން ކައިލް ބަލައިލިއިރު އޭނަ ރޮނީއެވެ. ސިކުންތުކޮޅެއްގެ ތެރޭ އެތެރެއަށް ވަދެ އޭނަގެ ބައެއް ހެދުންތައް ހިފައިގެން ނުކުތެވެ.

"ޝުކުރިއްޔާ..." އޭނަ ނޭފަތް ފޮހެލަމުން ބުނެލިއިރު މޫނުމަތިންވެސް ފެންނަނީ ޝުކުރުވެރިކަމެވެ.

އޭރު ވާރޭވެސް ހުއްޓާލައިފިއެވެ. ކައިލްވެސް ބޭނުންވީ ފުރުސަތުގެ ބޭނުންކޮށްގެން އަވަހަށް ގެއާއި ހަމަޔަށް ދެވޭތޯއެވެ.

"ކައިލް......" ކައިލް އެނބުރި ބަލައިލިއިރު ނޯރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ." މަގޭ ނަން...."

"އޯހް...." ނޯރާ ބޯ ޖަހައިލިއެވެ." ތޭންކްސް ކައިލް...."

ނޯރާއާއި ކައިލް އެކީ ހިނގަމުން ދިޔައިރު ނޯރާ ކައިލްއަށް ހިނިތުންވުމެއް ހަދިޔާކުރިއެވެ. ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު ފިޔަވާ މުޅި ސަރަހައްދަށް ވެރިވެފައި އޮތީ ހިމޭންކަމާއިއެކު ފިނިކަމެވެ. ނޯރާ ކަރުކެހިލަމުން ސުވާލުކުރިއެވެ.

"ޕެޓްރިކޯގެ މާނަ އެނގޭތަ؟"

"ނޫން.."ކައިލް ކުރު ޖަވާބެއް ދިނެވެ. އޭނަ ބޭނުމީ އެކަނިވެރިކަމެވެ. އިތުރު ވާހަކައެއް ނުފަށާ ގެއަށް ދިޔުމެވެ. އޭނަ އުއްމީދުކުރަނީ އޭނަގެ އެ ޖަވާބުން އެއްޗެއް އެނގި އިތުރަށް ނޯރާ ނުފަށާނެކަމަށެވެ.

" ވައިގެ ވަސް އެބަދުވައެއްނު. މަދާ ނެޗަރގެ ވަސް. ވާރޭވެހޭއިރު އެ ދުވާ ވަސް...އެއީ ޕެޓްރިކޯ..." ނޯރާ ފުން ނޭވާއެއް ލިއެވެ." އަހަރެން ވަރަށް ލޯބިކުރަން. މި ސްމެލް ރަގަޅެއްނޫންތަ؟ ވަރަށް އަރާމުވާފަދަ ވަހެއްނު އެ ދުވަނީ. ހިތަށް އަރާ އިސްހާގު އެ ނަން ބޭކަރީއަށް ދޭން ހޯދައިގަތީ ކިހިނެއް ބާވައޭ. ހީވަނީ ކިހިނެއް؟" ނޯރާ ކައިލްއާއި ސުވާލުކޮށްލިއެވެ. އޭނަ ކައިލްގެ ފަހަތުގައި ހުރެ ހިނގަމުންދާތީ ކައިލްގެ މޫނެއް ނުފެނެއެވެ.

"އޭނައަށްވެސް އެ ނަމުގެ މާނަ ނޭގޭ ކަމަށްވާނީ...." ކައިލްގެ ޖަވާބުން ނޯރާ ދެރަވިއެވެ. އެނަމުގެ ފަހަތުގައި ކޮންމެވެސް ކަހަލަ ޖަޒުބާތީ ފަސާނާއެއް ވާނެކަމުގައި އޭނަ އުއްމީދުކުރިއެވެ."ފަހަރެއްގައި އޭގެ މާނައަކީ ބުރަ ދުވަހަކަށްފަހުހޫނު ޕޭސްޓްރީއަކާއެކު ހޫނު ކޮފީތަށްޓެއް ބޯލުމަކީ ހިކި ބިންގަނޑަށް ވާރޭވެހޭއިރު އެ ދުވާ މީރުވަސްހާ އަރާމުކަމުގައި ކަން ނޭގޭ..."

ނޯރާގެ ހިތަށް އެކި އެއްޗެހި އަރާ ފޭބިއިރު ކައިލް ވިސްނަނީ އެހެން ދުވަހަށްވުރެ މިއަދު ގެއަށް ދާ ރާސްތާ ދިގުވެގެން އުޅެނީ ކީއްވެބާވައޭއެވެ.

 

***

މައްސަރުތަކެއް ފާއިތުވެގެން ދިޔައީ އޮމާންކަމާއެކުގައެވެ. ނޯރާވެސް ދިރިއުޅެމުން ދިޔައީ ކައިލްގެ ގޭގައެވެ. އަންހެނަކަށް އަޅާލާ އެހީތެރިވުމަކީ ފިރިހެންކުއްޖަކަށް އުދަގޫވާނެކަމެއް ކަން އެނގޭތީ އޭނަ ޒާފިރާއަށް އެހީތެރިވެދިނެވެ. ނޯރާގެ އަމިއްލަ ކާފައާއި މާމައަށް އަޅާލާފައިވާތީ އެކަމުގެ ތަޖުރިބާ ލިބިފައިވިއެވެ. އެކަމުގެ ހުނަރު ކިތަންމެހާވެސް ރަގަޅެވެ. ނޯރާ އެކަމަކަށް އަގެއް ނުނަގައެވެ. އޭނަ އެކަން ކޮށްދެނީ އަމިއްލައަށް ކޮށްދޭ ހިތުން ހިތުން ރުހުމުންނެވެ. އެވަރުންވެސް ޒާފިރާއަށް ޚިދުމަތްކޮށްދޭތީ ކައިލް އޭނައަށް މުސާރަދިނެވެ. އަދި ނޯރާ އެގޭގެ ކުލި ބަރާބަރަށް ދެއްކިއެވެ. ބައެއްފަހަރު ޒާފިރާގެ އިތުރުން ކައިލްއަށް ވާ ވާރަށްވެސް އޭނަ ކައްކައެވެ. އެކަމަކު އޭނަ ތައްޔާރުކުރި އެއްޗެއް މަދުފަހަރެއްގައި ނޫނީ ކައިލް ބޭނުމެއް ނުކުރެއެވެ. އޭނައަކީ ކޮންމެ ކޮންމެ އެއްޗެއް ކައިއުޅޭ ކުއްޖެއް ނޫނެވެ.

ނޯރާގެ ނަސީބު ރަގަޅުކަމުން ކައިލްގެ ފޮތްތައް އަބަދުވެސް ބަހައްޓަނީ ލިވިން ރޫމްގައެވެ. ކައިލް ގޭގައި ނޫޅޭވަގުތު ބަލާފައި އޭނަ ސިއްރުން ޓެކްސްޓް ފޮތްތައް ހާވައެވެ. އަށާރައަހަރުގެ ކުދިން ކިޔަވާ އުޅޭ އެއްޗެއް ދޫކޮށްލަން އޭނަވެސް ބޭނުމެއްނޫނެވެ. ފިރިހެންކުއްޖަކާއިއެކު ދިރިއުޅުމާއިމެދު ޔަގީންކަމެއް ނެތަސް ކައިލް ގިނަވަގުތު ގެއިން ބޭރުގައި އުޅޭތީ އެކަމުން ނޯރާ އަމިއްލަ ނަފުސަށް ހަމަޖެހުން ގެނުވައެވެ. ނޯރާ ވިސްނައިދިނީ މިހާލަތުގައި އެއްވެސް ގޯހެއް ނެތްކަމުގައެވެ. އެހެން މީހުންވެސް އެޕާޓްމެންޓްތަކުގައި އެކީގައި ދިރިއުޅެނީ ނޫންހެއްޔެވެ؟ މިއީ ކައިލްގެ ގެ ކަމުގައިވިޔަސް މާ ބޮޑު ފަރަގެއް ނެތެވެ. ހަމަ އެޕާޓްމެންޓެއްގައި ދިރިއުޅެވޭފަދައެވެ. މިވަގުތު ނޯރާއަށް އެންމެ މުހިއްމު އެއްޗަކީ ސަލާމަތީ ފިޔަވަޅުތަކެވެ. އަދި ކައިލްއަކީ ނުރައްކާތެރި މީހެއްކަމަކަށް އޭނަ ނުދެކެއެވެ.

ކައިލްގެ ހަފެފޯބިއާ ހުންނަކަން ނޯރާ ދެނެގަތެވެ. އެހެންވެ އެހެން ފިރިހެނުންދެކެ ގަންނަ ބިރުވެސް ކައިލްދެކެ އޭނަ ނުގަނެއެވެ.

 

***

އެއީ ހަފްތާގެ ބަންދެވެ. ވިންޓަރފެލް އާއިލާ މީހުން ދޭތެރެއަކުން ބާއްވާ ހަވީރު ސަޔަށް އިންސާފުކުރުމުގައި އަވަދިނެތި އުޅެއެވެ. އެއީ ނިކަން ހައިބަތު ހުރި އިވެންޓެކެވެ. ގާތް އަދި ދުރުގައި އުޅޭ އާއިލާގެ މެމްބަރުންވެސް އެންމެ ރީތިކޮށް ހެދުން އަޅައިގެން އެތަނަށް ހާޟިރުވެއެވެ. އެގޭގެ ބަގީޗާއަކީ ބަހާރު މޫސުމްގެ އެންމެ ރީތި މަންޒިލްއެވެ. މަޑު މަޑު ގޮދަޑި ޖެހި ގޮނޑިތައް ޑިޒައިނާ މޭޒުތަކުގެ ވަށައިގެން އަތުރާލާފައެވެ. ޚާދިމާއިން ކޮޅުކޮޅަށް ހަރަކާތްތެރިވަނީ ނެޕްކިންތަކާއި ތަށިތައް މޭޒުމަތީ އެތުރުމުގައެވެ. އެއްބަޔަކު މީރުވަސްދުއްވާފައިވާ އުއްބައްތިތައް ދިއްލުމުގައެވެ. ގަސްތަކުގައި ފެއަރީ އަލިތައް ހަރުކުރުމުގައެވެ. އެ ބޮކިތަކުން ފަތުރާލާފައިވަނީ ލޮލަށް ފަސޭހަވާފަދަ ރީދޫ އައްޔެކެވެ.

އައިޒަކް ފުޓްބޯޅަމެޗެއް ބަލައިލަން ކައުޗްގައި އޮށޯވެލައިގެން އޮތްވާ އޭނަގެ ބަޓްލާ ސާމިރު ވަދެގެން އައެވެ.

"ޔަންގް މާސްޓަރ...ގެސްޓެއް އެބަހުރި. އަންހެންކުއްޖެއް....." ސާމިރުގެ ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން އޭނަ ބުނެލިއެވެ.

"ކާކު؟ ސިއެނާތަ؟" އައިޒަކް ކަންނެތްކަމުން ތެދުވާހިތެއް ނުވިއެވެ.

"ނޫން ޔަންގް މާސްޓަރ. ސިއެނާއާއި އާއިލާ އަދި ނާދޭ...." އެ އައިމީހަކު ފޮނުވައިލަން ސާމިރުއަށް އަންގަން އުޅެފައިވެސް ޝައުގުވެރިވިއެވެ. އޭނަ ތެދުވެ ލޯގަނޑުން ޗެކްކޮށްލިއެވެ. ގަމީސް ރީތިކޮށް ހަރުވާޅުގެ ތެރެއަށް ޖަހައިލިއެވެ. އަދި ބޭރަށް ދާން ހިނގައިގަތެވެ." އޭނަ ވީ ކޮންތާކު؟"

"ދޮރާށިން ބޭރުގައި..." ސާމިރު މައުލޫމާތު ދިނެވެ. އެހާވަރުން މިގެއާއި ހަމަޔަށް އޭނަ ހޯދަން އައީ ކާކުހެއްޔެވެ؟

ނުނިމޭ

ކޮމެންޓް 0