"އެކަނިވެރިކަމާއި މާޔޫސްކަން ފިލުވައިލަން ގުރުއާނަކީ ހެޔޮވެގެންވާ ބައިވެރިއެކެވެ."

***

"އެނގޭތަ؟ އެބައުޅޭ މޮޔަ ދިވެހި ފިރިހެނެއް. އޭނަ ވަރަށް ކިޔާ އުޅުނު ތިމަންނައަކީ ޔޫރަޕުން އައި މީހެކޭ.ސަރުކާރުގައި އެދުނީ އޭނަ އެތަނަށް އެނބުރި ފޮނުވައިދޭން. އެއީ އެހާ ފަސޭހަކަމެއްނަމަ އަހަރެމެން އެންމެންވެސް ސަރުކާރުގައި ދަންނަވާނީ އަހަރެމެންނަކީ ފްރާންސް ނޫނީ ކޮންމެވެސް އެހެން ތަނެއްގެ ބަޔެކޭ." އާދަނު ވާހަކަދައްކަމުން ދިޔައީ އޭނަގެ އެންމެ ގާތް ރަހުމަތްތެރިންނާއި ވާހަދައްކާ ފަދައިންނެވެ." ޕީޕަލް ގޯ ސަޗް ލެންތު ފޯ ފްރީ ޓްރިޕް އެބްރޯޑް...." އާދަނު ދެއްކި ހާ ވާހަކަތަކުން ކައިލްގެ ސަމާލުކަން ދަމައިގަތީ އެވަގުތު ދެކެވުނު ވާހަކައެވެ.

"އެމީހާ މިހާރު ކޮބައިތަ؟" ކައިލް ސުވާލުކުރީ ފުރަތަމަ ފަހަރަށް އޭނަގެ އަޑު އާދަނަށް އިއްވަމުންނެވެ.

"އޯ...އެކަކަށްވެސް ނޭގޭ. އޭނަ އެންމެ ދުވަހަކަށް ހުރެފައި ޖެހިގެން އައި ދުވަހު އެ ދިޔައީ...... ހީވާގޮތުން ރަށް ދޫކޮށް ދިޔައީ..." އާދަން ކޮނޑު އަރުވައިލިއެވެ. "އޭނަ ރަގަޅަށްވެސް މޮޔަވެފައި ހުރީ. ތިޔަބޭފުޅުން ފެނުނީމަ ތިއީ މިތާ ބަޔެއް ނޫންކަން ޝައްކެއް ވަސްވާހެއް ނެތް މިންވަރަށް އެނގޭ. އަޅުގަނޑުމެން ރަށްފުށު މީހުންނަށްވިޔަސް ބޭރު މީހަކު ފެނުނީމަ ވަކިކުރަން ނޭގޭހާ މޮޔައެއްނޫން. އޭނަ ހީކުރީ އަޅުގަނޑުމެން މޮޔަ ހައްދައިލެވޭނެކަމަށް.."

އާދަނު ޗުސް ކަނޑައިލިއެވެ.

އޭނަ ކާރު މަޑުކޮށްލީ ސިޓީގައި ހުރި އެންމެ ފެންވަރު ރަގަޅު ހޮޓަލުގެ ކުރިމަތީގައެވެ. އެތާ ތިބެވޭނީ މުއްސަދިކަމުގެ ކޮޅެއްނެތް މީހުންނަށެވެ.

"ވީ ރީޗް ދަ ޑެސްޓިނޭޝަން މައި ފްރެންޑްސް...." އާދަނު ކާރުން ފޭބުމަށްފަހު ލަގެޖްތައް އެތެރެއަށް ވެއްދުމުގައި އެހީތެރިވެދިނެވެ.

ރޭގަނޑުގެ ހޫނު ވައިގާވެސް އަރާމު ކަމެއް ހުއްޓެވެ. ޒާފިރާ ދިގު ދަތުރަކަށްފަހު ވަރުބަލިކަން އިހުސާސް ކުރެވުނުލެއް ބޮޑުކަމުން އަނގައިން ނުބުނެ އިންކަމުގައިވިޔަސް ތުންފަތުގައި ދައުރުވޭވޭ ހުރި ހިނިތުންވުން ދައްކުވައިދިނީ އަމިއްލަ ފަސްގަނޑަށް ހުރި ލޯތްބެވެ.

"އާދަނު.." ކައިލް ގޮވައިލިއެވެ. އާދަނު ފުޅާކޮށް ހީލިއެވެ.

"ޔެސް ސަރ. ކޮންކަމެއްތޯ ބޭނުމީ؟"

"މާދަން އާދެވޭނެތަ؟ އަހަރެން ބޭނުމީ މިދަތުރުގައި އާދަނު އަހަރެމެންގެ ޑްރައިވަރަކަށް ހުރުން.."

އާދަންއަށް އިހުސާސްކުރެވުނީ އޭނަގެ ފުރާނަ ހަތް އުޑުގެ މަތިން އުދުހިފައި ދިޔަހެންނެވެ.

"އޮފްކޯޒް މައި ވެރީ ޑިއަރ ސަރ...." އާދަނުއަށް ހިނިތުންވުން ނުހުއްޓުވުނެވެ. އަމިއްލަ ނަފުސާއިމެދު އަބަދުވެސް އިތުބާރު އޮވެއެވެ. އޭނައަކީ ހަގީގަތުގައިވެސް މީހުންގެ ހިތްތައް އަތުލަން ކުޅަދާނަ މީހެކެވެ. ޔޫރަޕް މީހުން އޭނައަށް ފިދާވެ އެމީހުންގެ ޑްރައިވަރަކަށް އޭނަ ހަދަންވީ ކަމާއިމެދު އަޖައިބެއް ނުވެއެވެ. އާދަނު ކާރަށް އަރާފައި ކާރުގެ ލޯގަނޑުން ބަލައިލުމާއެކު އޭނަގެ ހިނިތުންވުން ވަގުތުން ފޭދި އަނގަ ލައްޕައިލެވިއްޖެއެވެ. އޭނަ ބިލެތް ނުލާ ދުފަން ހުއްޓާ ބިލެތް ލެވުނީއެވެ. ހުރިހާ ދަތްތައް ރަތްވެފައިވާއިރު ދޭތެރޭގައި ބިލެތް ފަތްކޮޅުތައް ހަރުލާފައި ހުރުމުން ގަތް ލަދެއްގެ ބޮޑުކަމުން އަނގަމަތީގައި އަތް އަޅައިލެވިއްޖެއެވެ. މިގޮތަށް ހުރިއިރު އޭނަ މިހުރިހާ އިރު ހުރެވުނީ މި ދަތްޕިލަ އިޝްތިހާރުކޮށްލައިގެން ހެއްޔެވެ؟

"އޭނަ ކީއްވެ؟" މިކާލް ސުވާލުކުރިއެވެ."އަހަރެމެންނަށް އެހެން ކާރެއްވެސް ކުއްޔަށް ނެގިދާނެ...."

"އޭނަގެ މައުލޫމާތު ފުދޭވަރަކަށް އެބަހުރި...އަދި އޭނައަށް އަހަރެމެންނަށް ހެލްޕްވެވިދާނެ...." ކައިލް ގެ ޖަވާބުން މިކާލްވެސް ބޯ ޖަހައިލީ އެއްބަސްވަމުންނެވެ.

"ތިބުނީ ރަގަޅަށް... އާދަނު އެ ބުނާ މީހާއަކީ މަހުމޫދުކަމުގައި ހީކުރެވެނީތަ؟"

މިކާލްއަށް ވަނީ ކައިލްގެ މި ކުއްލި ދަތުރުގެ ހަގީގީ މަގުސަދުވެސް އަންގާފައިކަމުން އޭނައަށްވެސް ފާޑެއްގެ ފޯރިއަކާއި ޖޯޝެއްލިބި އެކަމުގައި ބައިވެރިވާން ބޭނުންވިއެވެ. އިހުސާސްވި މިޝަންއެއްގައި އުޅެވޭކަމެވެ. އެމީހުންވެސް ވަރުބަލިވެފައިވާތީ ގަސްތުކުރީ އަވަހަށް ނިދީގެ އަރާމު ހޯދުމަށެވެ.

***

ޒާފިރާއަށް ހޭލެވުނީ ދޮންދޫނިތައް ލަވަ ކިޔާ އަޑަށެވެ. ކުޑަދޮރުތަކުން ފޭދިގެން އަންނަ ރަންކުލައިގެ އަވީގެ ސަބަބުން ފަރުދާތަކަށްވެސް ރަންކުލައެއް އެޅިފައިވިއެވެ. އަނދިރިތަނެއް ގެ ތެރޭގައި ކަޅި ހިންގަމުން ދިޔަ ޒާފިރާގެ ލޮލުގެ ކުރިމަތިން ފަނޑު ފަނޑު އަލިކަމެއް ހުރަސްކޮށްލިއެވެ. ވީއިރު އިރު އެރީތާއެވެ. ޒާފިރާއަށް އެކަން ރޭކާލިއެވެ. ޒާފިރާގެ ލޮލަށް މިހާރު ޑިޓެކްޓްވާހާ އެއްޗަކީ އަނދިރިއާއި އަލީގެ ހިޔަންޏެވެ. ދޭތެރެއަކުން އުޑުމަތި ސާފުރޭތަކުގައި ޒާފިރާއަށް ހަނދުގެ އަލިން ފޭދިގެންދާއިރު ފެނި މައްޗަށް ބަލާލާފައި ހިނިތުންވެވެއެވެ. ރެއާއި ދުވާ ވަކިކުރަން އެނގެއެވެ. އިރާއި ހަނދުގެ ގަދަ އަލިކަމަކީ އޭނަގެ ލޮލަށްވެސް އަލިކުރުވާ އެއްޗެކެވެ. ހޭލެވުމާއެކު ހިތުގައި ހިނގައިގަތް ޚިޔާލުތަކުން ހިތަށް މޮޅިވެރިކަމެއް ލިބުނެވެ. ލޮލުގެ އަލިކަން އަނބުރާ ލިބެން އެދެވުނެވެ. އެ ހިތާމައިގެ ވަގުތުކޮޅު އިރުކޮޅަކަށް ދެމިގެންގޮސްފައި އެއްކޮށް ފިލައިގެން ދާނެއެވެ. އަމިއްލައަށް އުމުރުން ދުވަސްވެ އަންނަމުންދާ ބަދަލުތައް އޭނައަކަށް ނުފެނެއެވެ. އެކަމަކު އަތުގެ ހަމުގައިވާ ރޫތައް އިތުރުވެ ބޮލުން އިސްތަށި ފޭބުމުން އެކަން ދެނެގަނެވެނީއެވެ. އޭނައަށް ލިބިފައިވާ ނިއުމަތްތައް ހަނދާން ކުރެވުމާއެކު ހިތަށް ބުނަންނޭގޭފަދަ އަމާންކަމެއް ލިބި ހިތާމަތައް ފިލައިގެން ދެއެވެ. އޭނަގެ ނުލާހިކު ލޯބިވާ މާމަ ދަރިއަކު އެހެރީއެވެ. ކުޑައިރު އެކުއްޖާއާއިމެދު ނަސީބު ކުޅެލި ކުޅިގަނޑުން ގޯސް މަގުން ދިޔުމުގެ ފުރުސަތުވެސް އޮތެވެ. ނަމަވެސް އެކުއްޖާ ވީ އޭނައަށް ލެއްވި ރަހުމަތަކަށެވެ.

ޒާފިރާއަށް ރަގަޅަށް ކެވެއެވެ. އަމިއްލައަތުންނެވެ. އަދި ބަރަކާތުން ފުރިފައިވާ ވަހީގެ ބަސްފުޅުތައް ކިޔައިލެވެއެވެ. އަދިވެސް ހިތުގައި ގުރުއާން ލިޔެވިފައިވިއެވެ. އަދި ހުވަފެނުގައި ކުލަތައް ފެނެއެވެ. އަދި ދަރިފުޅު އަނާލިއާވެސް ދޭތެރެއަކުން ފެނިލައެވެ. ދަރިފުޅު ކުޑައިރު ޚިޔާލެއް ފިކުރެއްނެތި ހުދު ދޮންވެލިގަނޑުމަތީ ދުވަމުންދާއިރު އިސްތަށިގަނޑު އުދުހޭތަނެވެ. ކޮންމެވެސް ދުވަހަކުން އެ ހުވަފެންތަކަށް ބަދަލު އަންނާނެ ބާވައޭ ހިތުގެ ކަނަކުން އަހައިލެވުނެވެ. ކުލަތައް ނުފެނި ހުވަފެންތަކުގައިވެސް ހަމައެކަނި ހިޔަނިތައް ފެންނަން ފަށާނެހެއްޔެވެ؟ އޭނަގެ ދުނިޔޭގައި ކުލަ ނެތަސް ޒާފިރާ އަތްލުމަށާއި ފިނި ހޫނުމިން އަދި ވަސްތަކަށް ލޯބިކުރެއެވެ. އަނާލިއާ ފަދައިން ލަވެންޑަރއަށް ޚާއްސަ ލޯތްބެއް ޖެހިފައިވެއެވެ.

ކުޑަދޮރުތަކުން ފުރާނާލާފައި ކޮޓަރިތެރޭ ރަސްކުރަން ފެށި އިރުގެ އަވީގެ ހޫނުކަމުން ޒާފިރާގެ އަތަށް މަޑު މަޑު ހޫނުކަމެއް އިހުސާސްވިއެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު އެއީ ކާކުކަން އޭނަ ދެނެގަތެވެ.

"ކައިލް ހޭލާތަ؟ މާމަވެސް ދެންމެއަކު މި ތެދުވުނީ.."ޒާފިރާ ސީލިންއަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ.

"ގުޑް މޯނިން މާމާ... ނާސްތާ ކުރަން ތިރިއަށް ދަމާ.." ކައިލް ގުދުވެފައި އޭނަގެ އަތްދަނޑިމައްޗަށް މާމަ އުފުލައިލިއެވެ. އުމުރުން ދުވަސްވެ ބަލިކަށިވެ ޟައީފުވުމުގެ ސަބަބުން އެ ކުޑަ ނާޒުކް ހަށިގަނޑު ކުރިއަށްވުރެވެސް ކުޑަވެފައިވިއެވެ. ކައިލްއަށް އެގޮތަށް ކައިރިވާން އުދަގޫނުވާ ހަމައެކަނި މީހަކީ އޭނަގެ މާމައެވެ. އެކަމަކުވެސް ހަމުގެ ބީހިލުމާއި އޭނަ ދުރުހެލިވެއެވެ.

"މާމަ ޒިޔާރަތްކުރަން ބޭނުންވާ ތަނެއް އެބަހުރިތަ؟ މިރަށުގައި އުޅުނުއިރު މާމަ ދިރިއުޅުނީ ކޮން ގެއެއްގައިތަ؟" ކައިލް ސުވާލުކުރިއެވެ.

"އެމީހުން އެތާ ދިރިއުޅޭނެކަމެއް މާމައަކަށް ނޭގޭ.. އަދި މާމަ މަތިން ހަނދާން ކުރާނެކަމެއްވެސް ނޭގޭ..." ޒާފިރާގެ އަޑުގައި ހިތާމައިގެ ކުޑަ ނަމަވެސް އަސަރެއް އެކުލެވުނެވެ.

"އެމީހުންވެސް މާމަ ހަނދާންކުރާ ފަދައިން މާމަ މަތިން ހަނދާންކުރާނެ."ކައިލް ޔަގީންކަން ދިނެވެ.

ޒާފިރާ ހެދުނުގެ ނާސްތާއަށް ރޮށްޓާއި މަސްހުނި ކަމުން ދިޔައީ ނިކަން ގަޔާވެފައެވެ. އޭނަ އެދުވަސްތައް މަތިން ހާދަބޮޑަށް ހަނދާން ވެއްޖެއެވެ. ކައިލްވެސް މާމައަށް ދިވެހި ނާސްތާއެއް ގެނެސްދިނީ މާމަ ގަޔާވާނެކަން ޔަގީންވާތީއެވެ.

"ކޮންފަދަ އަވިދޭ ރީތި ދުވަހެއް.." މިކާލް ތިރިއަށް އަންނަމުން އަތް ދަމައިލަމުން ހިނިތުންވެލިއެވެ.

އަދި ކުޑަދޮރުން ބޭރަށް ބޯ ނެރެ އަވީގެ ހޫނުކަމުން އޭނަގެ މޫނަށް އަރާމު ލިބިގަތެވެ. ޔަގީނުންވެސް ސެރޮޓޯނިން ލެވެލް މަތިވިއެވެ.

"ކައިލް. އަހަރެމެން ކޮންމެ އަހަރަކުވެސް މިރަށަށް އަންނަން ޖެހޭ. ނޫންތަ ޒަފް ސިސްޓަރ.....މިތަން ވަރަށް ހިތްގައިމު"

"އަހަންނަށް ތި ގޮވާ ނަމަކުން....އަހަންނަކީ ޒުވާން އަންހެންކުއްޖެއްކަމުގެ އޮޅުން އަރާ ބަޔަކުވެސް ތިބެދާނެ..." ޒާފިރާ ހިނިއައިއިރު އެ ނަމާއި ގަޔާވެސް ވިއެވެ. އެހެން ބުނުމުން ހަގީގަތުގައިވެސް ޒުވާންކަން އިހުސާސްވިއެވެ. އެއް ޒަމާނެއްގައި އޭނަ ރާއްޖޭގައި ދިރިއުޅުނުއިރު އަވަށްޓެރި ކުދިން އެނަމުން ގޮވާހެދިއެވެ.

"މިކާލް އަމިއްލައަށް އާދެވިދާނެ ދާހާ ތަނަކަށް ކޮންމެހެން އަހަރެން ނުގެންދިޔަސް ވާނެ....." ކައިލް ޕާންފޮތްޗެއްގައި ކްރީމާއި ޖޭމް ހާކަމުން ބުނެލިއެވެ.

"އެކަމަކު އަހަރެން ކައިލްއާއި އެކު ތަންތަނަށް ދާން ލޯބިކުރަނީ."މިކާލްވެސް ނާސްތާކުރަން ސީޓެއްގައި ހަމަޖެހިލިއެވެ."އެދެ ޒުވާނުންގެ އޮންނަ ގާތްކަމާއި އެކުވެރިކަން ފެނި ފާތިމާގެ ހިތަށްވެސް އުފާވެރިކަން ލިބެއެވެ.

"ކައިލް ހުންނައިރު އަހަންނާއިމެދު އެހެން މީހުން ހެޔޮކޮށް ހިތާ މިންވަރު ދެގުނަ އިތުރުވޭ......"މިކާލް އިތުރުކޮށްލިއެވެ.ފާތިމާއަށްވެސް ހެވުނެވެ. މި ލޯބި ލޯބި އެކުވެރިކަމުގެ އަސްލެވެ. ކައިލްގެ އެ ހުންނަ ޝަޚުސިއްޔަތާއި އެހެން މީހުން ކުރާ ގަދަރާއި އިހުތިރާމް ހޯދަން މިކާލް އަމިއްލަ މަސްލަހަތަށް ކައިލްގެ ބޭނުން ހިފަނީތާއެވެ. ވަރުގަދަ އެކުވެރިކަމެކެވެ. ފާތިމާ ހިނިއައިސްފާ އިންތަން ދެކެ ކައިލް މިކާލްގެ އެ ވާހަކަތަކާއި ދެކޮޅެއް ނެހެދިއެވެ. ލަވެންޑަރގައި ދިރިއުޅޭ ޚާދިމާއިންތަކަށް އޭނަގެ ރަހުމްކުޑަކަމާއި އަނިޔާވެރިކަން އަދި ފިނި ހިތުގެ ޚަބަރުތައް އަހާފައިވާތީ އެންމެންވެސް އޭނަދެކެ ބިރުގަނެއެވެ. އަމިއްލަ ގައުމާއި މިހާ ދުރަށް މާމައަށް އަޅާލަން އައިސްފައި ހުރުމުން ފާތިމާގެ ހިތްހަމަޖެހޭފަދަ ގޮތަކަށް އޭނަވެސް އުޅެން ބޭނުމެވެ.

ބަރާބަރު އަށެއް ޖެހިއިރު އާދަނު ހުރީ ހޮޓަލުގެ ދޮރުމަތީގައި އެމީހުންގެ އިންތިޒާރުގައެވެ. އޭނަގެ އަތުގައި ފޯނެއް ނެތުމުން ކައިލްއަށް ގުޅާފައި އަންނަންވީ ގަޑިއެއްވެސް އެހޭނެ ގޮތެއްނުވީއެވެ.

"ކޮންތަނަކަށް ދުރުވާންވީ ސަރ؟" އެންމެން ކާރަށް އެރުމުން އާދަނު އެހިއެވެ.

"އާދަނު ގަޑިއަށް ވަރަށް ފަރުވާތެރި...." ކައިލްގެ ކުއްލި ތައުރީފުން އާދަނުގެ ކޮނޑު އިތުރަށް ހިއްލުނެވެ.

***

ކަނޑާއި އެއްވެސް ވަރަކަށް ކައިލް ގަޔާނުވިކަމުގައި ވިޔަސް މާމައަށްޓަކާ މޫދަށް އަންނަންޖެހުނެވެ. އެވެސް މާމަ ކުޑައިރު އެ ތަނެއްގައި ވަގުތުތައް ހޭދަކުރި މޫދަށެވެ. ތެދަށް ބުނަންޏާ ދުރުދުރަށްދާންދެން ގޮސް އުދަރެހާއި ގުޅިފައިއޮތް ނޫކުލައިގެ ކަނޑުގެ ރީތިކަމާއި މިފަހަރު ކައިލްއަށްވެސް ދެކޮޅެއް ނެހެދުނެވެ. ވައިގާ ހިފާފައިވާ ލޮނު ވަހާއެކުގައިވެސް އެ ވަހުގައި އަރާމުކަމެއް ވިއެވެ. ސިކުނޑި ތާޒާކުރުވާފަދަ ވަހެކެވެ. ވައިރޯޅިތައް ތަންކޮޅެއް ގިނަވުމާއެކު އެންމެންގެ އިސްތަށިގަނޑު ވިހުރުވަމުން ދިޔައެވެ. ކައިލް އޭނަގެ މާމަ ގޮނޑިން ބޭލުވުމަށްފަހު މާމަ ހިނގިޔަ ދިނެވެ. ޒާފިރާ ކައިލްގެ އަތުގައި ހިފަހައްޓާލައިގެން ހުރީ ނިކަން ބާރަށެވެ. ކައިލްވެސް ހިނގަމުން ދިޔައީ މާމައާއި އެއްވަރަށް ލަސް ފިޔަވަޅުތަކެއްގައެވެ. މާމަގެ މޫނަށް ބަލަމުންނެވެ. މާމަ ގެ ތުންފަތުގައި އަބަދުވީ ހިނިތުންވުމެކެވެ. އެންމެ ސިކުންތުކޮޅަކަށްވެސް ފިލާނުދެއެވެ.

ޒާފިރާ އިރުކޮޅެއްވާންދެން ހުއްޓިލައިގެން ހުރުމަށްފަހު ފައިވާން ބޭލިއެވެ. ކޮންމެ ހަރަކާތެއްވެސް ލަސްވެފައި މަޑުމައިތިރިއެވެ. ދޮންވެލިގަނޑު ފައިތިލައިގާ ބީހިލުމުން ޅަ ދުވަސްވަރު އެނބުރިއައިހެން ހީވިއެވެ. އޭރު އޭނައަކީ އަށް އަހަރުގެ ޒާފިރާއެވެ. ޒާފިރާއަކީ އެންމެންގެ ލީޑަރުފަދައިން މިކާލްއައި ކައިލްވެސް ބޫޓު ބޭލިއެވެ. އެއީ ކޮންމެހެންވެސް މަޖުބޫރުކަމެއް ހެންނެވެ.

އާދަނުއަށް ޒާފިރާގެ ލޯފަންކަން މިކާލްގެ ފަރާތުން އެވަގުތު އެނގުމާއެކު އޭނަ ރުމާލުން ކަރުނަ ފޮހެމުން ދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ލޯ ހިކޭނެ ގޮތެއްނުވިއެވެ.

ޒާފިރާ ކަނޑުގެ ލޮނުގަނޑު ފައިތިލައިގާ ޖެހެންދެން ހިނގިއެވެ. ކައިލް ޖެހިލުންވެ މޭނުބައި ކުރުމާއެކުވެސް އޭނަގެ ފައިތިލަ ފެނުގެ އަޑީގައި ފޮރުވެންދެން ހިނގިއެވެ. އަޖައިބު ކަމަކީ އޭނަ ކަނޑުދެކެ ގަންނަ އިންތިހާ ދަރަޖައިގެ ބިރު ހިނދުކޮޅަކަށްނަމަވެސް ހަނދާން ނެތުމެވެ. އެއީ މިއީ އެހެން މަންޒިލަކަށް ވުން ކަމުގައި ވެދާނެއެވެ. ނޫނީ ކަނޑު ފެންނަލެއް ހިމޭންކަމެވެ. ނޫނީ އޭނަގެ މާމަ ގާތުގައިވުމެވެ. މިއީ އޭނަގެ މަންމަ ގެނބިގެން ދިޔަ ކަނޑު ނޫންކަން ކައިލް އޭނަގެ ނަފުސަށް ހަނދާންކޮށްދެމުން ދިޔައެވެ. މި ކަނޑުގެ ލޮނުގަނޑު ހިމޭންވެފައި ހޫނެވެ. ހަނދާންނެތިގެން ނުބޮވި އައިއިރު ސައިތަށީގެ ހޫނުކަން މަޑުވެފައިވާ ފަދައިންނެވެ.

ޒާފިރާ އެދިމާލަށް ތިރިވެ ވެލިގަނޑުމަތީގައި އިށީދެ ދެއަތަށް ވެލިތައް ނެގިއެވެ. އޭގެތެތްކަމާއި މަޑުކަން އިހުސާސްވިއެވެ.

"މާމަ ކުޑައިރު މާމަގެ މަންމައާއެކު މިތަނަށް އަންނަން. މަންމަ ވެލިތައް ހޮވާއިރު މާމަ ސްޓާރފިޝް އެއްކުރަމުން އުޅުނީ. ބައިވަރު ސްޓާރފިޝް އުޅުނު." ޒާފިރާގެ ބޮލުގައި އޮޅާފައި އޮތް ފަށުވި ސްކާފް ވަޔާއެކު އުދުހިގަތުމުން އެ ސްނޯކޮޅެއްފަދަ ހުދު އިސްތަށިގަނޑު ވަޔާއެކު ވިހުރި ނަށަންފެށިއެވެ.

"މާމާ ކަންބޮޑުނުވޭ. އެއްވެސް މީހަކު މިތާ ނެތް......" މާމައަށް ކައިލް ޔަގީންކަން ދިނެވެ. މާމަގެ އިސްތަށިގަނޑުގައި އެގޮތަށް ވައި އެޅުވުމުގެ އުފާ އިހުސާސްކުރުވަން ބޭނުންވީތީއެވެ. ކައިލް މާމަގެ ގާތުގައި މަޑުމަޑުން އިންއިރު ނަޒަރު ހުއްޓިފައި ހުރީ ދުރުން އުދުހެމުން ދިޔަ ދޫނި ބައިގަނޑަކަށެވެ. އެއްވެސް މަންޒިލެއް ނެތި މިނިވަންކަމާއެކު އެކި ދިމާލުން އުދުހެމުންގޮސް ރުއްތަކުގެ މަތިންވެސް އުދުހުނެވެ.

"މާމަ ހިތަށް އަރާތަ ސްވިޒަލޭންޑަށް ދިރިއުޅުން ބަދަލު ނުކުރެވުނުނަމައޭ ؟"

"އޯ.....މާމައަކަށް ޔަގީނެއް ނޫން..." ޒާފިރާގެ ޔަގީންކަމެއްނެތް ޖަވާބުން ކައިލްއަށް ވިސްނުނެވެ. އަމިއްލަ ގެއަށްވުރެ އެހެން އެއްވެސް ތަނަކީ އެއްޗެއް ނޫނެވެ.

"މާމަ ދިރިއުޅުނު ގެއޭ ބުނީ ކޮންތަނެއްގެ ވާހަކަ؟ އެގެއަށް ދަމާ ހިނގާ. ފަހަރެއްގައި ހަމަ އަވަށްޓެރިން އުޅެދާނެ..."

އާދަނަށް އެ ގެ ހުރި ހިސާބު ކިޔާދިނުމާއެކު އޭނަ ދެނެގަތެވެ. އެކަމަކު އެހިސާބުގައި ދިރިއުޅޭ ބަޔަކު އޭނައަށްވެސް އެނގުނުކަމަކަށް ނުވިއެވެ. އެހިސާބަށް ފޯރިއިރު މަގުގެ ދެފަރާތުގައި ފަސްވަރަކަށް ކުދި ގެ ރާނާފައި ހުއްޓެވެ. ކުޑަ ދެފިހާރަވެސް މެއެވެ. ދިރިއުޅުމަށް ބޭނުންވާއެއްޗެހި ލިބެން ހުރި ފިހާރައަކާއި ދަނޑުގައި ހައްދާ އެއްޗެހި ވިއްކާ ތަނެކެވެ. އަވަށްޓެރިން ހޭލަމޭލަވެ އުޅެއެވެ. އުމުރުން ދުވަސްވީ މީހުން ފަނުން އެއްޗެހިތައް ވިޔަމުން ދިޔައިރު އެހެން އަންހެނަކު މަގުމަތީގައި އިލޮށިފަތްޗަކުން ކުނި ފޮހެން ހުރިއިރު ފަތްތަކާއެކު ހިރަފުސް އުދުހޭވަރުން އެތަނުގައި ދުންފިނި ހެދިފައިވިފަދައެވެ. ކުއްލިއަކަށް އެމީހުންގެ ހަރަކާތްތަކަށް ލަސްކަމެއް އައީ މަޑުކޮށްލި ކާރުން މީހުންތަކެއް ފޭބުމުންނެވެ. ފަތުރުވެރިންތައް މިތާ ކީއްކުރަނީހެއްޔެވެ؟

ހުދާއި ކަޅުގެ ގެތަކުގެ ތެރެއިން ފުރާޅުގެ އެއްބައި ރަތުން ހުރި ގެ ދެނެގަންނާކަށް އުދަގުލެއްނުވިއެވެ. އެގެ ހުރީ ޒާފިރާ ބަޔާންކޮށްދިން ގޮތަށް ތަފާތެއް ނެތިއެވެ. ހުދާއި ކަޅުގެ ފުރާޅަކުން ހިޔާކޮށްފައިވާ ހިތްފަސޭހަގެއެކެވެ. ޒާފިރާ ބުނިގޮތުން ކައިލްގެ ކާފަ އެގެ އިމާރާތްކުރަން ފަށާފައި ވަކި ހިސާބަކުން އަގުބޮޑުކަމުން ފުރާޅު މުޅިން ރަތް ނުކުރެވުނީއެވެ.

"މާމާ. މިތިބީ މިތާގައި. މާމަގެ ގެ އަދިވެސް އެބަހުރި. އަދިވެސް މި މަގުން ފެންނަން ހުރި އެންމެ ރީތި ގެ...."

"މެޑަމް. މި ހިސާބު ވަރަށް ހިތްގައިމު.." ފާތިމާ މަޑުމަޑުން ޒާފިރާގެ ކޮނޑުގައި ފިރުމައިލިއެވެ. އެގޮތަށް ފިރުމައިލަން ބިރުގަންނަ މާމަދަރިއަކު ހުރުމުން ފާތިމާ އެކަން ދަނެ އެކަންތައް ފޫބައްދަން އޭނައަށް ވެވުނުހާ މަސައްކަތެއް ކުރެއެވެ. މުސްކުޅި މާމައަށްޓަކައެވެ.

"އެތަނަށް......ގެންގޮސްދެވިދާނެތަ؟ ޒާފިރާ ގެ އަޑު ނިކަން މަޑެވެ. ކައިލް ގޮނޑި މަޑުމަޑުން ދުއްވަމުން އެގެއާއި ދިމާލަށް ހިނގައިގަތީ އަވަށްޓެރިންގެ ހައިރާންކުރުވަނިވި އަދި ޝައުގުވެރި ނަޒަރުތަކަށް ސަމާލުކަމެއް ނުދީއެވެ.

"ލެޓް މީ ޑޫ ދަ ޓޯކް. ހިއަރ ޕީޕްލްސް ޑޯންޓް އަންޑަސްޓޭންޑް އިނގިރޭސި ޔޫ ނޯ...." އާދަނު ބުނެލިއެވެ.

"ސޮފިއްޔާ.....އޭނަ އެބަހުރިތަ؟" ޒާފިރާ ސީދާ ދިވެހި ބަހުން ވާހަކަދެއްކުމުން އާދަނުވެސް ގަނޑުވިއެވެ . މިއީވެސް ދިވެހިން ހެއްޔެވެ؟ މަގުމަތި ފޮހެން ހުރި އުމުރުން ދުވަސްވީ އަންހެންމީހާ ގާތަށް އައެވެ. އޭނައަށް އެ އިވުނީ އޭނަގެ ނަން ހެއްޔެވެ؟

"ސަފިއްޔާ؟ އަހަންނަކީ ސަފިއްޔާ.." މުސްކުޅި އަންހެންމީހާ ބުނެލިއެވެ. އައިނެއް އަޅައިގެން ހުރިއިރު ބުރަކަށީގައި ގުދެއްވެސް ލާފައެވެ.

"ސަފިއްޔާ..." ޒާފިރާ އަޑު އައި ދިމާލަށް ގޮނޑި ދުއްވާލައިފިއެވެ." މިއީ ޒާފިރާއޭ....."

ސަފިއްޔާގެ އަތުގައި އޮތް އިލޮށިފަތިން މުށް ދޫވެ ބިންމަތީގައި ޖެހުނީ ލުއި އަޑަކާއެކުގައެވެ. އޭނަ ޝޮކްޖެހިފައި ފާޑަކަށް ގުޑައިލަން ނޭގި ޒާފިރާގެ މޫނަށް ބަލަން ހުރީއެވެ. ދެވަނަ ސިކުންތުގައި ގޮސް ޒާފިރާގެ ގައިގާ އޮޅުލައިގަތްގޮތަށް ދެލޯ ފުރިގެން ބަންޑުންވެގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. ގާތްގަނޑަކަށް ތިރީސްފަސް ވަރަކަށް އަހަރުފަހުން ޒާފިރާ ފެނިދާނެކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. އެކަމަކު އޭނައަށް ލިބުނު އެކަނި ގާތް އެކުވެރިޔާ މިހުރީ ކުރިމަތީގައެވެ. އޭނަގެ ޅަ ދުވަސްވަރާއި އުމުރުން ވިހީގެ އަހަރުތައް އެކީ ހޭދަކުރި އެކުވެރިޔާގެ މަތިން ހަނދާންނައްތާލެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ދުވަސްވަރު ރާއްޖެއަށް އައި ފަތުރުވެރިޔަކާއި ކައިވެނިކޮށްގެން ޒާފިރާ ފުރީއެވެ. އެދެމީހުންގެ ދަރިފުޅަށް ތިން އަހަރުވާންދެން މިރަށުގައި ދިރިއުޅުމަށްފަހު އަބަދަށްޓަކާ ދިޔައީއެވެ.

ދޭތެރެއަކުން ޒިޔާރަތްކުރާނެކަމަށް ޒާފިރާ ވައުދުވިއެވެ. އެކަމަކުވެސް އެއީ ހުސް ވައުދެކެވެ. އޭރު ފޯނެއް އަދި މެއިލްއެއް ނެތުމާއެކު އަދި އެހާ ދުރަށް ސްވިޒަލޭންޑާއި ހަމަޔަށް ސިޓީ ފޮނުވޭނެ ގޮތެއްވެސް ނެތީއެވެ. އެހެންވުމުގެ ސަބަބުން ސަފިއްޔާއާއި ޒާފިރާގެ ހުރިހާ ގުޅުމެއް ކެނޑުނީއެވެ. އޭނަގެ އެންމެ ލޯބިވި އެކުވެރިޔާގެ ހަނދާނުގައި އެތައް ކަރުނައެއް އޮއްސިއެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ހަނދާނުގައި ބައި ފަނޑުވެ ގާތްގަނޑަކަށް ޒާފިރާގެ މޫނުވެސް ހަނދާނުން ކައްސައިލީއެވެ. އަލުން އެކުވެރިޔާ ފެނުމުގެ އެއްވެސް އުއްމީދެއް ނެތުމާއެކު އެއްވެސް މިފަދަ ކަމަކަށް އޭނަ ހުރީ ތައްޔާރުވެގެނެއް ނޫނެވެ. އެކަމަކު މިހިރީ އޭނަގެ ވަކިވެގެން ދިޔަ އެކުވެރިޔާއެވެ.

"ސަފިއްޔާ. އަހަރެންގެ މަތިން ހަނދާން ނައްތާނުލި......" ޒާފިރާގެ އަޑުވެސް ކުރެހިގެން ދިޔައީ ސަފިއްޔާގެ ގައިގާ ބައްދާލައިގެން ހުރެ ވާހަކަދެއްކިއިރުއެވެ.

"ޒާފިރާ ކިހިނެއް ހަނދާން ނައްތައިލާނީ؟ އެހާ ދުވަހަށް އަހަރެމެންނާއި ވަކިވީ. އަހަންނަށް މާފެއްވެސް ނުކުރެވޭނެ....." ސަފިއްޔާ ވާހަކަދެއްކީ ރޮމުންނެވެ.

"ޒާފިރާ؟" އަވަށްޓެރިން އެންމެންހެން ބޮނޑިވެ ކުޑަ ޖަމާއަތެއް ވެއްޖެއެވެ. އެތަނުން ވާހަކަދެއްކީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. ސަފިއްޔާ ފަދައިން އޭނަގެ މޫނުމަތިންވެސް ފެނުނީ ހަމަ އެ ހައިރާންކަމެވެ.

"ޒާފިރާ އެންމެންވެސް މިތާ އެބަތިބި. ޒާފިރާ ފިޔަވާ އެއްވެސް މީހަކު މިތަނުން ނުދޭ. އެހެރީ އިބްރާހިމް..." ސަފިއްޔާ އެހެން ބުނެފައި ޒާފިރާގެ މޫނަށް ރަގަޅަށްބަލައިލުމާއެކު އޭނަގެ ދެލޮލާއި ޒާފިރާގެ ލޯ ބައްދަލުނުވާކަން އެނގުނެވެ. އެވަގުތު އޭނަގެ ހިތުގެ ތެރެއިން ބަޔެއް ހަލާކުވެގެން ދިޔަފަދަ ގޮތެއްވެ އެކުވެރިޔާއަށްޓަކާ އޭނަ ކަރުނަ އެޅިއެވެ.

"އިބްރާހިމް. މިތަނަށް އާދެބަލަ. ޒާފިރާއާއި ވާހަކަދައްކަބަލަ. ބުނެބަލަ އިބްރާހިމްއޭ މިހިރީ...."

އިބްރާހިމްއަކީވެސް ޒާފިރާއާއި ސޮފިއްޔާގެ އެކުވެރިއެއްގެ ގޮތުގައި ހުރެފައި ސަފިއްޔާއާއި ކައިވެނިކުރި މީހާއެވެ." އިބްރާހިމް. ހާޖީ ގޮވައިގެން އަންނަން ދޭ. އަމިއްލަ ލޮލުން ނުދެކި އޭނަވެސް ޒާފިރާ ހުރިކަމަށް ގަބޫލެއް ނުކުރާނެ.." ސަފިއްޔާ ފޯރިއާއި ޖޯޝް އެކުލެވޭ އަޑަކުން ބުނެލިއެވެ. އުމުރުން ދުވަސްވީ އެކުވެރިން އަލުން ގުޅުނު އަސަރުން ފުރިގެންވާ މަންޒަރު ދެކެން ހުރި ފާތިމާވެސް ލޮލުން އައި ކަރުނަ ފޮހެލިއެވެ. އެންމެ ރަގަޅެވެ. އެމީހުން ދެއްކި ވާހަކަތައް ނޭގުނު ކަމުގައިވިޔަސް ހަރަކާތާއި އަމަލުން ފުދޭވަރަށް އޮޅުން ފިލައިފިއެވެ.

"ކައިލް. އެމީހުން ކިޔާ އެއްޗެއް އެނގޭތަ؟ މާމަ އަމިއްލަ ބަހުން ވާހަކަދެއްކި އަޑު އަހަންނަށް އިވިފައި ނެތީ ކީއްވެތަ؟" މިކާލް ކައިލްއާއި ސުވާލުކުރިއެވެ. ކައިލްއަށް އެމީހުންގެ ބަހުރުވަ ކިތަންމެހާވެސް ރަގަޅަށް އެނގުނެވެ. ޒާފިރާއާއި ކައިލް އެކަނިވެއްޖެއްޔާ ޒާފިރާ އަބަދުވެސް ކައިލްއާއި ދިވެހިބަހުން ވާހަކަދައްކައެވެ. އޭނަ އެބަސް ދަސްކުރީ މާމަ ގާތުންނެވެ. ޖަރުމަން ބަހުން ވާހަކަ ދައްކާހާ ފަރިތަކޮށް ދިވެހިންވެސް އޭނައަށް ވާހަކަދެއްކިދާނެއެވެ.

"އަހަރެންގެ މާމަ ދަރިފުޅުވެސް އެބަހުރި. އެދަރިފުޅު ފެނޭތަ؟ކައިލް...މިއީ މާމަގެ އެންމެ ގާތް އެކުވެރިން. އަދި އެމީހުން މާމަ މަތިން ހަދާން އެބަހުރި....." ޒާފިރާ ކައިލްއަށް ގޮވާ ކައިރިއަށް ގެނެސްފައި އެމީހުންނަށް ތައާރަފުކޮށްދިނެވެ. އޭނައަށް ޝައުގުން ފުރިފައިވާ ލޯތަކާއި ސަމާލުކަން ލިބުނެވެ. ކައިލް އެމީހުންނަށް ނިތް އަރުވައިލިއެވެ.

"އޯ މަގޭ ޒާފިރާ. ހާދަ ރީތި މާމަ ދަރިއެކޭ. އޭނަ ހުސްހަށިބައިތަ؟ މަގޭ ދަރި ސާދިއާ އަދިވެސް ހުރީ ހުހަށް. އެނގޭތަ؟" މުސްކުޅި އަންހެނަކު ތައުރީފުކުރުމުން ޒާފިރާ ހިނިގަނޑެއް ޖަހާލައިފިއެވެ. ސަފިއްޔާ އެންމެ ފަހަރަކުވެސް ޒާފިރާގެ އަތުން ދޫކޮށެއްނުލައެވެ. އޭނަ ވަގުތުން އެންމެން އޭނަގެ ގެއަށް ވަންނަން ދައުވަތު ދިނެވެ. ހަގީގަތުގައި އެއީ ޒާފިރާގެ ކުރީގެ ގެއެވެ. އޭނަ ސްވިޒަލޭންޑަށް ފުރިއިރު އެގެ ސަފިއްޔާއަށް ހަދިޔާކުރީއެވެ.

ކައިލް އޭނަގެ މާމައަށް ނަޒަރު ހުއްޓައިލިއިރު އެހާ އުފަލުން މާމަ ހުއްޓާ ފެނުނު ފުރަތަމަ ފަހަރުކަމުގައިވިއެވެ. މާޒީގެ ހުރިހާ ހިތާމަތަކާއި ހިދްތިކަމެއް ހަނދާން ނައްތައިލިފަދައެވެ. އޭނަ ހެމުން ދިޔައީ އަވަށްޓެރި ކުދިންނާއެކު ވަގުތު ހޭދަކުރާ ކުޑަކުއްޖެއް ފަދައިންނެވެ. ކައިލްއަށްވެސް މިއީ މާމަގެ އަސްލު ކަން އެނގުނެވެ. މާމައަކީ އުފާވެރި ރީތި ފުރާނައެކެވެ. ދުވަހަކު ނުދެކޭފަދަ ނޫރާނީކަމެއް މާމަގެ މޫނުން އޭނައަށް ފެނުނެވެ. ކެތްނުކުރެވޭފަދަ ހިތާމަތަކެއް މާމަ އުފުލިއެވެ. ލޯބިވާ ފިރިމީހާގެ މަރު ދެކެ އަދި ހުރި އެންމެ އަންހެންދަރިފުޅުވެސް ހަޔާތުގައި ވަކިވެ ދިޔައީއެވެ. މާމަ އުޅެމުން ދިޔައީ ކުލައެއްނެތް ދުނިޔެއެއްގައެވެ. އެކަމަކު މިހާރު މާމަ ގެ ހުނުން ކިހާ ރީތިވެފައި އުފާވެރިހެއްޔެވެ؟ އެންމެ ފަހުން މާމަގެ "ގެއަށް" މާމަ އައީއެވެ.

ކައިލް މާމަ އެއްފަރާތަށް ގެންގޮސްފައި ވާހަކަދެއްކިއެވެ. އޭނަ މުހިއްމު މަސައްކަތެއް ނިންމަންޖެހޭ ކަމަށާއި މާމަގެ މައްސަލައެއް ނެތިއްޔާ މާމަ އެކުވެރިންނާއެކު ވަގުތު ހޭދަކުރަން ބަހައްޓާފައި އޭނަ ދާނީ ކަމުގައެވެ. ޒާފިރާ ވަގުތުން އެއްބަސްވިއެވެ. އޭނަ ބޭނުންވީ އެކުވެރިންނާއެކު ވުމަށެވެ. ބައިވަރު ޚަބަރުތަކާއި ވާހަކަތައް ދައްކަން ހުންނާނެއެވެ. ފާތިމާ މާމަ ގާތުގައި މަޑުކޮށްލީއެވެ.

"އާދަނު އަދިވެސް ރޮނީތަ؟ ހާދަ ޖަޒުބާތީއޭ...ނޫންތަ؟" މިކާލް ކާރަށް އަރާފައި ހީލިއެވެ.

"އަޅުގަނޑު ނުދެނެހުރިން ތި ބޭފުޅުން ދިވެހިންކަމެއް. އެކަމަކު އެނގުނީމަ ވަރަށް އުފާވެއްޖެ..." އާދަނު ދިވެހި ބަހުން ވާހަކަދެއްކިއެވެ.

"އާދަނު. އަހަރެމެން މޯލްޑިވްސް ޖަސްޓިސް ބިލްޑިންއަށް ގެންގޮސްދީފާނަންތަ؟" ކައިލްވެސް ވާހަކަދެއްކީ ދިވެހިންނެވެ. މިކާލް އެކަމާއި ހިތްހަމަނުޖެހުނެވެ. އެ ބުނާ އިމާރާތަކީ މަހުމޫދު ނޫނީ އެހެންމީހަކު ނަމަވެސް މެއިލް ކުރަން ބޭނުންކުރި ކޮމްޕިއުޓަރ ހުރި އިމާރާތެވެ.

"ހޭއި ހޭއި. އަހަރެން އަދިވެސް އެބައިނީމޭ މިތާ..އެނގޭތަ؟ އާދަނުވެސް އިނގިރޭސި ބަހުން ވާހަކަދައްކަބަލަ. އަހަރެން ބޭނުމެއްނުވޭ ކަލޭމެން ދެމީހުން ދިވެހިބަހުން ސިއްރުތައް ޝެއާކުރަން....."

އާދަނު އެ އިމާރާތާއި ހަމަޔަށް މަޑުކޮށްލުމާއެކު ކައިލްއާއި މިކާލް ވިސްނައިލީ މިތަނުން ފެންނާނެ ކަމަކާއިމެދުގައެވެ.

 

ނުނިމޭ

ކޮމެންޓް 0