"ކެތްތެރިވާށެވެ. ތިބާގެ ހަޔާތުގެ ސަފުހާތައް ލައުހުލް މަހުފޫޒުގައި ލިޔުއްވާފައިވަނީ ރަހްމާން ވަންތަ ރަހީމް ވަންތަ މާތް ރަސްކަލާނގެއެވެ. ތިބާއަށް ނޭގުނަސް ހަޔާތުގައި ކިތަންމެ ރީތި އުފާވެރި ސަފުހާތަކެއް އަދި ކިޔާލެވެން ހުންނާނެކަމަށް އުއްމީދުކުރާށެވެ. ރީތި ނިމުމަކަށް އުއްމީދުކޮށް ދުޢާކޮށް އެފަރާތަށް ވަކީލުކުރާށެވެ."

***

ކައިލް މުޅި އެރޭވެސް ވޭތުކުރީ ނުދަންނަ އާ މަގުތަކުގައި ހިނގުމުގައެވެ. އެންމެންގެ ތެރެއިންވެސް ފާހަގަކުރެވޭނެ ޝައިތާނީ ހިނިތުންވުމެއްގެ ވެރިއަކު ހޯދުމުގައެވެ. އަލްޔަސްއެވެ. އޭނާއާއި ބައްދަލުވި އެއްވެސް ގޭންގެއްގެ މީހަކަށް އަލްޔަސްއާއި އޭނާގެ ގާތްމީހުން ދިޔަތަނެއް ނޭގެއެވެ. އެކަމަކުވެސް ކައިލް އެކި މަގުތައް ހޯދައެވެ. އަލްޔަސް ފެންނާނެކަމުގެ އުއްމީދުގައެވެ. މަންމަގެ މަރުގެ ބަދަލު ހިފުމުގެ އަޒުމް ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ގަދަވަމުންނެވެ. ކޮންމެ ރެއަކު ނާކާމިޔާބީގެ ހިތި ރަހައާއެކު ގެއަށް ވަންނަން ޖެހުނަސް އޭނާގެ އެ ހޯދުމުގެ މަސައްކަތަށް ހުއްޓުމެއް ނައެވެ.

އެކި ގޯޅިތަކުން ދިޔައިރު އޭނަ އިސްހާގުއާމެދު ވިސްނިއެވެ. ހަޔާތަށް އައި އެންމެ އުދަގޫ ދަތި ދުވަސްކޮޅު އިސްހާގުގެ އެހީއާއި ދީލަތިކަން ނުލިބުނުނަމަ އޭނައާއި މާމަ ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ ފަގީރުކަމުގެ ވޭނުގައި ނިމިގެން ދިޔައީސްކަން ނޭގެއެވެ. ފަސްއަހަރުކުރިން އޭނައަށް ދިރިއުޅުމުގެ ދަތި ރާސްތާގައި ކުރިއަށްދާން ހިތްވަރުލިބުނީ އިސްހާގުގެ ބަސްތަކެވެ. ވަޒީފާ ދިނުމަށްފަހު ކުރިމަގު ބައްޓަން ކުރުމުގައި އެހީތެރިވެދިނީ އެމާތް އިންސާނާއެވެ.

***

ކައިލް އެނދުގައި އޮށޯވެލައިގެން ނިތްމަތީގައި އަތް ބާއްވާލައިގެން އޮތްއިރު އޭނަގެ ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހަން ފެށީ ފުރަތަމަ އޭނަ އިސްހާގުއާއެކު މަސައްކަތް ފެށިގޮތެވެ.

މިއީ ކައިލްގެ ދިރިއުޅުން ބަދަލުވީ ރޭގެ ފަސް އަހަރު ކުރީގެ އެ މާޒީއެވެ.

ކައިލްގެ ނަޒަރުން އިސްހާގު ގެއްލެންދެން ބަލަން އިނދެފައި ކަޅި ހުއްޓައިލީ އުދަރެހަށެވެ. ފިޔަޖަހަމުން ދިޔަ ތަރިތަކަށެވެ. ބީރައްޓެހި ފިރިހެނެއްގެ ސަބަބުން ރައްކާތެރިކަން ލިބި އަދި ހިތްހަމަޖެހުން އިހުސާސްވީ ކީއްބެވާބައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. ކުރިން ގެއްލިފައިވާ ދުވަސްވީ ރަހުމަތްތެރިއެއް ފަދައިންނެވެ.

ފިނިވައިރޯޅިއެއް އޭނާގެ ގައިގާ ބީހިލާފައި ދިޔުމުން އޭނާ އަވަހަށް ގޭތެރޭގެ ހޫނުކަމަށް އޭނާގެ ޖަގަހަ ބަދަލުކޮށްލައިފިއެވެ.

ކޮންމެ ގޮތެއްވިޔަސް އިސްހާގުގެ އެ ވާހަކަތަކުން ކައިލްއަށް ހިތްވަރު ލިބި އަޒުމް އާވިއެވެ. އުމުރުގައި ފުރަތަމަ ދުވަހު ޖެހިގެން އަންނަ ދުވަހަށްޓަކާ ކަމަކަށް އިންތިޒާރުކުރެވުނެވެ. އިސްހާގުއާއި ބައްދަލުކުރަން ހަތެއް ޖަހާއިރަށް އޭނަ ދާން ޖެހެއެވެ.

ކައިލް ކޮޓެޖްގެ އެތެރެއަށް ނަޒަރު ހިންގައިލިއެވެ. އެގެ ސާފުނުކުރާތާ ހަޔެއްކަ ދުވަސްވެދާނެއެވެ. މުޅިގޭތެރޭގައި ކާއެއްޗެހި އަޅާފައިވާ ކޮތަޅުތަކާއި ކަރުދާހެވެ. އެކި އެއްޗެހި އެތަންމިތަނަށް އުކާލާފައެވެ. ބައެއް ތަންތާ ހިރަފުހުގެ އަސަރެވެ. ޒާފިރާ ކޮޓަރީގައި ނިދިފައި އޮތުމުން އުދަގޫކޮށްނުލާ ކައިލް މަސައްކަތްފެށިއެވެ. އިރުގަނޑެއްގެތެރޭގައި ގޭތެރެ ރަމަތަކޮށްލާ އޮފް އަރުވާލައިފިއެވެ. މަސައްކަތް ނިންމައިލެވުމުން ކައުޗްގައި ހަށިގަނޑު ދަމާލައިފިއެވެ. އޭނަގެ ނަޒަރު މަންމަގެ ކޮޓަރީގެ ދޮރަށް ހުއްޓުމުން ހިތުގައި ރިއްސައިލިއެވެ. ކުއްލިއަކަށް ހިތުގައި އުފެދިގަތް ޝައުގުވެރިކަން އޭނަ ދަމާފައި އެދިމާލަށް ގެންދިޔައެވެ. އޭނަގޮސް ކޮޓަރީގެ ދޮރުތަޅުގައި ހިފާ އަނބުރައިލިއެވެ. އޭނަ ޔަގީންކުރިފަދައިން ދޮރު ހުރީ ތަޅުލާފައެވެ. އޭނަ ވަށައިގެން ލޯ ހިންގައިލިއެވެ. ނަޒަރުގައި އަޅައިގަތީ ސްކޫލް ދަބަހެވެ. އޭގެތެރެ ހާވަނިކޮށް ކަރުދާހަށް އަރުވާ ދަތްޗެއް ފެނިގެން އެ ނެގިއެވެ. އުކައިލެވޭ ބޭކާރު ތަކެތި އެއްކުރަނިކޮށް އެއިން ކުރާނެ ބޭނުމެއް ފެނިއްޖެއެވެ. އެތަޅުހުޅުވައިލަން އެންމެ މިނިޓެއްވެސް ކައިލް ނުނެގިއެވެ. މުޅި އުމުރުގައިވެސް އެ މަސައްކަތް ކުރި މީހެއް ފަދައިންނެވެ.

އެދޮރު ހުޅުވުމާއެކު ބީރައްޓެހި ތަފާތު އިހުސާސެއްގެ ތެރެއަށް ގެނބުނެވެ. އޭނަ ވަށައިލީ ލަވެންޑަރގެ މީރުވަހެވެ. އެއީ އޭނަގެ މަންމަގެ ހަށިގަނޑުގައި ހިފާފައި ހުންނަ ލުއި ފޮނި ވަހެވެ.އެކޮޓަރި އަނދިރިވެފައި ދައުވަތުދޭފަދަ އެއްވެސް ކަމެއް ނެތެވެ. އެތަނުގެ ވެރިޔާ ނެތްކަން އެކޮޓަރިއަށްވެސް އެނގުންވިފަދައެވެ. ހިތާމަވެރި މޮޅިވެރިކަމެއް އެތަނަށްވެސް ވެރިވެފައިވިއެވެ. ކައިލް ސްވިޗް ހޯދުމަށްފަހު ޖައްސައިލުމުން އެފެނުނު މަންޒަރުން އަޖައިބުވިއެވެ.

އެކޮޓަރީގައިވިހާ ފަރުނީޗަރަކީ ކުޑަ އެނދަކާއި އަނާލިއާގެ އެއްޗެހި އަޅައިލެވޭވަރުގެ އަލަމާރިއެކެވެ. އެނޫނީ މުޅިތަން ހީވަނީ ޕެއިންޓްކުރާމީހެއްގެ ސްޓޫޑިއޯއެއްހެންނެވެ. ފާރާއި ތަޅުންމަތީގައި އެކިސައިޒްގެ ކެންވަސްތަކެވެ. ކެންވަސްތަކަށް ތަފާތު ކުލަތައް ބުރުވާލާފައެވެ. ބޮޑު ގޮށްޓެއްގެ ތެރޭގައި އެކި ސައިޒްގެ ޕެއިންޓް ބުރުސްތަކެވެ. އެކިކުލައިގެ ޕެއިންޓް ޓިއުބްތައް ބިންމައްޗަށް ވިހުރިފައެވެ.

ކައިލް ގުދުވެ ރަގަޅަށް އެކުރެހުންތަކަށް ބަލައިލިއެވެ. ގިނަ ކުރެހުންތަކަކީ ގެތަކާއި ފަރުނީޗަރުތަކާއި ގުދުރަތީ މަންޒަރުތަކެވެ. ބަހާރު މޫސުމްގައި ނޫއުޑާއި ގުޅި ލާމެހިފައިވާ ޕެސްޓްލް ފިޔާތޮށިކުލައިގެ ޗެރީ މަލާއި ހޫނު މޫސުމްގައި ފެހިކަންގަދަ ދަނޑުބިންތަކާއި ފަރުބަދަތައް ޚަރީފު މޫސުމްގެ ރަންކުލައިން ފޭރާން އަޅާފައިވާ ގަސްތަކާއި ފިނި މޫސުމްގެ ޖާދުވީ ހުދުކަން އޭނަގެ މަންމަ ސްކެޗްސްތަކަށް ގެނެސްދީފައިވާލެއް ބަޔާން ނުކުރެވޭހާ ފުރިހަމައެވެ.

އޭނަ މަންމައާއިމެދު ފަޚުރުވެރިވިއެވެ. ފުރިހަމަ މަންމައަކަށް ނުވެވުނަސް މަންމައަކީ ފުރިހަމަ ކުރެހުންތެރިއެއްކަން ސާބިތުކޮށްދީފިއެވެ.

މިހުރިހާ ކުރެހުންތައް ފެނުމުން އޭނަގެ ހިތުގައި އަނެއްކާ ރިއްސާލައިފިއެވެ. މަންމަގެ ތަސްވީރުތަކަށް ރަގަޅަށް ބަލައިލެވުމުގެ ފުރުސަތު ލިބުނީ މަންމަ ދުނިޔެއާއި ވަކިވުމުން ކަމުގައި ވުމުން އަދި ވަކިން ހިތަށް ކުރި ގޯނާބޮޑުވިއެވެ. މިއީ އޭނަގެ މަންމަ ވިއްކަން ޚިޔާލުކޮށްފައިވާ ތަސްވީރުތަކެވެ. އޭނައަށް މި ވިއްކައިލެވިދާނެހެއްޔެވެ؟

ކައިލް ކޮޓަރިން ނިކުންނަން ގަސްތުކުރިތަނާ އަލަމާރިން ކެންވަސްއެއްގެ ތަންކޮޅު ބޭރަށް ނިކުމެފައިވާ މަންޒަރު ފެނުނެވެ. އޭނަ އަލަމާރި ހުޅުވައިލުމާއެކު އަލަމާރިތެރެއިން ތަސްވިރުތައް ފައިބައިގަތީ އޭނަގެ ފައިބުޑަށެވެ. އެސިކުންތުކޮޅު ވަގުތުވެސް ހުއްޓުނުފަދައެވެ. އޭނަގެ ނަޒަރު ހުއްޓުނީ އޭނައަށެވެ. ލިބުނު ޝޮކްގެ ސަބަބުން އޭނަ ގަނޑުވާގޮތްވިއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އެހުރިހާ ތަސްވީރެއްގައި ހުރީ އޭނައެވެ. ކައިލްގެ އުމުރުން އެގާރަ އަހަރުގައި އޭނަ މާމައަށް ވާހަކަފޮތެއް ކިޔައިދެނީއެވެ. އުމުރުން ބާރަ އަހަރުގައި ބަގީޗާތެރެއަށް ވެއްޓުނު ދޫންޏަކަށް އޭނަ އަޅާލަނީއެވެ. އުމުރުން ސާދަ އަހަރުގައި އޭނަ މާމަ ފުރޮޅުލީ ގޮނޑިއަށް އަރުވައިގެން ދުއްވަނީއެވެ. ދެމީހުންގެ ތުންފަތުގައި ފުޅާ ހިނިތުންވުމެކެވެ.

ކިހިނެއް ހެއްޔެވެ؟

އޭނަ މާމަ ގޮވައިގެން ފުރޮޅުލީ ގޮނޑިއެއްގައި ގެންދިޔަތަން އަނާލިއާއަށް ފެނުނީ ކޮންއިރަކުހެއްޔެވެ؟ ފަހަރަކު ސުވާލެއް ސިކުނޑިއަށް އަރާ ފޭބިއެވެ. އަދި އެއަށްވުރެވެސް ޅައިރުގެ ތަސްވީރުތަކެއްވެސް ހުއްޓެވެ. އޭނައަށް އެއީ އޭނަކަން ޔަގީނެއްވެސް ނޫނެވެ. އެކަމަކު އެއީ އޭނަކަމުގައި ދެކެވުނީ ކޮންމެ ތަސްވީރެއްގެ ކަނުގައި އުމުރުން ވީ ދުވަސް ޖަހާފައި ވުމުންނެވެ. އޭނަގެ އުމުރުން އެެއް އަހަރުގައި ފުރަތަމަ ފަހަރު ފިޔަވަޅު އަޅަން ދަސްކުރިއިރު އޭރު އަދި ލޯފަންނުވާ މާމަގެ ކައިރީގައި އުފާވެރި ހިނިތުންވުމެއްގައެވެ. ކީއްވެހެއްޔެވެ؟ ކައިލްގެ ކަކުލުހުޅުން ވާގި ހުސްވެ ހުރިތަނަށް ތިރިވެވިއްޖެއެވެ. ހަމައެކަނި ކައިލްގެ ދުލުން ބޭރުވީ ހަމައެކަނި" މަންމަ.....ކީއްވެ" އެވެ.

ކުރެހުންތަކުން އޭނައަށް ދޭހަވީ އެއްވެސް ހަނދާންތަކެއް ގެއްލިޔަނުދޭންވެގެން މަންމަ ތަސްވީރުތައް ކުރެހީކަމަށެވެ. ފޮޓޯނެގުމުގެ ބަދަލުގައި ކުރަހާލައިގެންނެވެ. އޭނަ ތުއްތުއިރު އަނާލިއާގެ އަތުތެރޭ އޮތް ފޮޓޯއެއް މޭގައި ޖައްސާ ބާރުކޮށްލައިގެން އިނދެ ކައިލް ހިމޭން ކަރުނަ އޮއްސިއެވެ. އޭނައާއެކު މަންމަ ކުރަހާފައިވާ ހަމައެކަނި ފޮޓޯގަނޑަކީ އެއީއެވެ.

އަލަމާރީގެ މަތީބައިގާ މުސައްލައަކާއި ނަމާދުދޮޅި އަދި ރީތި މުސްހަފްއެއްވެސް އޮތެވެ.

އޭނަގެ މަންމައަކީ އެހެން މީހުންނާއި ތަފާތު މީހެކެވެ. އެކަމަކު ހިތެއް ނެތް މީހެއް ނޫނެވެ. ދީންވެރިކަމާއި ހެއްދެވިފަރާތާއި އޮތް ގުޅުން އެހެން މީހުންނަށް އޮތީ ފޮރުވިފައެވެ. އެކަންވެސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާއެވެ.

އެރޭ ކައިލް ނިދަން އޮށޯތްއިރު ހިތުގައި އަނދަންފެށީ އެހެން ކަހަލަ އަލިފާނެކެވެ. ބަދަލުހިފުމުގެ އެދުންވެރިކަމެވެ. އޭނަ ބޭނުންވީ އަލްޔަސްއާއި އޭނަގެ ގޭންގްގެ އެންމެންގެ ވަސް ދުނިޔެއިން ފޮހެލުމަށެވެ. އޭނަ މަންމަގެ މަރުގެ ބަދަލު ހިފާނެއެވެ.

***

ޖެހިގެން އައި ދުވަހު ކައިލް އަވަސްވެގަތީ އޭނަގެ އިންތިޒާރުގައި ހުރި އިސްހާގުއާއި ބައްދަލުކުރުމަށެވެ. އިސްހާގު ހުރީ ނިކަން ރީތިކޮށް ހެދުން އަޅައިގެންނެވެ. އަނދިރި އަޅިކުލައެއްގެ ފަޓުލޫނަކާއި ހުދުކުލައިގެ ގަމީހެއް ލާފައި ވިދާ ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ.

"ބަރާބަރު ގަޑިއަށް ތިއައީ ޔަންގް މޭން....ވަގުތަށް ހުރުމަތްތެރިކޮށް ހިތުމަކީ އަހަރެން ލޯބިކުރާކަމެއް...." އިސްހާގު ހިނިތުންވެލިއެވެ." ތިހިރީ ވަރަށް އެކްސައިޓްވެފައިކަން އެނގޭ. ބަލާބަލަ ލޮލުގެ ވަށައިގެން ތިހިރީ ކަޅުވެފައި......"

"ޓީޗް މީ...." ކައިލްގެ ޖަވާބުން އިސްހާގުވެސް ހައިރާންވިއެވެ." އަހަންނަށް ފައިޓްކުރަން ދަސްކޮށްދީ......."

"އަހަރެން މިއީ މޮޅު ފައިޓާރއެއްކަން އެނގުނީ ކިހިނެއް؟" އިސްހާގު ހީގަތެވެ.

"ތި ޓެޓޫ......." ކައިލް އިޝާރާތްކުރީ އޭނަގެ އަތުގެ މުލައްދަނޑިއަށެވެ.

"ތި ޓެޓޫގެ މާނައަކީ ތިއީ ސްވިސް ސްވޯޑްސްގެ މީހެކޭ. މިހާރު ބޭކަރީއެއްގައި މަސައްކަތްކުރާތީ ހީވަނީ ދީން ބަދަލުކުރުމަށްފަހު އެ ގޭންގް ދޫކޮށްލީހެން....." ކައިލް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މީހުން ވަރަށް ބިރުގަނޭ އެ ގްރޫޕްދެކެ. އެހެންވެ އެތަނުގައި މަސައްކަތްކުރާއިރު ޓެޓޫ ފޮރުވޭގޮތަށް ހެދުން އަޅަނީ.." ކައިލް ބޭކަރީއާއި ދިމާލަށް އިޝާރަތްކުރިއެވެ." އެތާ މަސައްކަތްކުރަނީ. ނޫންތަ؟"

"އާހް.......އަނާލިއާ ވިހެއީ ސްމާޓް ފިރިހެން ދަރިއެއް....." އިސްހާގު ކައިލްގެ އެއްވެސް ޖަޒުބާތެއް ނުފެންނަ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ޅަކަމެވެ. ޅައުމުރުގައި އެކުއްޖާގެ ހަޔާތަށް އައިސްގެ އުޅޭ ކޮޅިގަނޑާއި ކުރިމަތިލައިގެން އުޅޭ މުސީބާތްތަކާއި ކުރިމަތިލާގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.ތަޅަން ދަސްކުރުމަށްވުރެ އެހެންކުދިން ކަންބޮޑުވާނީ އޮންލައިން ވީޑިއޯ ގޭމްއަކުން ބަލިވެދާނެތީ އެވެ. ނަމަވެސް ކައިލްގެ ޚިޔާލުގައިވަނީ ތެޅުމުގެ މާހިރަކަށް ވުމެވެ.

"ތި ގޭންގްއަކީ ޖޫޑޯ މާސްޓަރުން އުޅޭކަމަށް މަޝްހޫރު ބަޔެއް. ޓީޗް މީ ޕްލީޒް.." ކައިލް އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ.

"ފުރަތަމަ އެންމެ މުހިއްމު ކަންތައްތަކާ ވާހަކަ ދައްކަމާ...އަހަރެން ބޭނުން އެހީތެރިވާނެ އިތުރު އަތެއް. އަހަރެންގެ ބޭކަރީގައި މަސައްކަތްކޮށްފާނަންތަ؟" އިސްހާގު އެހިއެވެ.

"އަހަރެން ބޭނުމެއްނޫން. އެކަމަކު އަހަރެން ގެ ދަރަނި ދައްކަންޏާ އެނޫން ޗޮއިސް އެއްނެތް ކަން ނޭގޭ.." ކައިލް ޖަވާބުދިނެވެ.

"އެހެންވިއްޔާ މިއަދުން ފެށިގެން ޔޫ އާ ހަޔާޑް....." އިސްހާގުގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ހުރީ ކައިލް ގަބޫލުނުކޮށްފާނެތީ ކަންބޮޑުވެފައެވެ.

"އެކަމަކު މި މަޖާ ނަން ކިޔާ ތަނުގެ ވެރިޔާއާއި ވާހަކަދައްކަން ނުޖެހޭނެތަ؟" ކައިލް އޭނަގެ އަތްތިލަ ކުރު ޖީބަށް ޖަހައިލަމުން "ޕެޓްރިކޯ"ގެ ނަން ބޯޑަށް ބަލައިލިއެވެ.

"އެހެންވިއްޔާ ވާހަކަ ދައްކަނީ އެމީހާއާއި... ތިބުނާ ހެއްވާ ނަން ކިޔާ ތަނުގެ ވެރިޔާއާއި...." އެންމެ ފަހުގެ ތިން ލަފުޒަށް ބާރުލާފައި އިސްހާގު ކިޔާލައިފިއެވެ. ކައިލްގެ ތުންފަތަށް ހައިރާންކަމާއެކު ހިނިތުންވުމެއް ވެރިވިތަން ފެނި އިސްހާގަށް ހަމަޖެހުމެއް ލިބުނެވެ. އަދި އޭނައަށްވެސް ހިނިތުންވެވުނެވެ. ބޭކަރީގެ އެތެރެ ތަނަވަސްވެފައި ހޫނެވެ. މުށިކުލައިގެ ވަކަރު ފާރުތަކާއި ތަޅުންމަތި އަދި ހޫނު އަލިތަކުން އެތަނަށް އަމާންކަމާއި ހިމޭންކަމެއް ގެނުވާދެއެވެ. ވަށްމޭޒުތަކާއިއެކު ވަށައިގެން ވަކަރު ގޮނޑިތައް ޖަހާފައިވިއެވެ. ވަކަރު ފިލާތައް މަތީގައި މާގަސްތައް އިންދާފައިވާ މުށިތަކެވެ. އަދި ފާރުތައް ފަޅުފިލުވާލާފައިވަނީ ކުޅުދިޔާވާފަދަ ކާއެއްޗެހީގެ ފޮޓޯތަކުންނެވެ. ކައުންޓަރުގެ ފަހަތުގައި ފިހެފައިވާ ސާމާންތައް ހުރިއިރު އެންމެކަމުދަނީ މީރުވަހެވެ.

"ކައުންޓަރުގައި ކަސްޓަމަރުންނަށް ސާރވް ކުރަން ޖެހޭނީ. އެކަން ވާނެތަ؟"

"އެކަމަކު ސްކޫލްވެސް އޮންނާނެ.." ކައިލް ބޯ ޖަހައިލިއެވެ.

"ހޫމް ސްކޫލަށް ހާޟިރުވާން ޖެހޭނެކަން އެނގޭ، މިއީ ހަމަ ޕާޓްޓައިމް ޖޮބެއް އެކަމަކު އެކަށީގެންމާ މުސާރައެއް ދޭނަން. ހަތަރަކުން ފެށިގެން އަށެއް ޖަހަންދެން މަސައްކަތްކުރަން ޖެހެނީ. އެގޮތް ރަގަޅުތަ؟"އިސްހާގު ބޯ ކަހައިލީ ކޮންމެވެސް އެއްޗެއް ވިސްނާފަދައިންނެވެ.

"އެކަމަކު......މިތަން ބަންދުކުރަނީ ދިހައެއް ޖަހާއިރު ނޫންތަ؟"ކައިލް ސުވާލުކޮށްލިއެވެ.

"އާނ. އެކަމަކު މައިނާއެއް ލައްވާ ރޭގަނޑު އެހާ ލަސްވަންދެން މަސައްކަތް ކުރުވާކަށް ނެތިން..........."

***

ކައިލް އެ ފަސް އަހަރު ކުރީގެ ޚިޔާލުތަކުގެ ތެރެއިން ނުކުމެފައި ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ. މިހާރު އޭނައަކީ އެ ކުޑަ ކުއްޖާއެއް ނޫނެވެ. ޖާނުގައި ވަރުހުރި ބާރުގަދަ ފިރިހެނެކެވެ. އޭނަ ޒުވާންވެ މަންމަގެ ގާތިލުގެ ކިބައިން ބަދަލުހިފޭވަރުގެ ގާބިލުކަމެއް ލިބިއްޖެއެވެ. އެކަމަކު އަލްޔަސް ގެއްލުނީ ކޮންތާކަށް ވަދެހެއްޔެވެ؟ އޭނަ ދުނިޔޭގައި އެބަހުރިބާވައެވެ. ހުރިނަމަ ނުފެންނަނީ ކީއްވެބާވައެވެ.

***

ޕާކެއްގެ ހިތްގައިމު ސަރަހައްދެކެވެ. ނޯރާ ދިގު ގޮނޑިއެއްގައި ޖައްސާލުމަށްފަހު އޭނަގެ ޒަޚަމްވެފައިވާ އަތަށް ނަޒަރު ހިންގައިލިއެވެ.

"ޑޭމް އިޓް...." ކުއްލިއަކަށް ވާރޭގެ ހަމަލާ އައުމާއެކު އޭނައަށް ދުއްވައިގަނެވުނީ ވާރެއިން ހިމާޔަތްކޮށްދޭނެ ޖަގަހައަކާއި ދިމާލަށެވެ. އެހެން ލާފައި ދިޔަ މީހުންނަށް މޫނު ފޮރުވަން އޭނަ ތޮފި ތަންކޮޅެއް ތިރިކޮށްލައިފިއެވެ." އަހަރެން އަދިވެސް ފިލަން މަސައްކަތް ކުރަނީ ކީއްވެތަ؟" އޭނަ އަމިއްލަ ނަފުސަށް އަޑުލައިގަތެވެ." ތިހާ ފިނޑިމީހަކަށް ނުވޭ ނޯރާ...."

އޭނަ ދަބަހުން ނެގި ކުޑަ ލޯގަނޑަކުން މޫނު ޗެކްކޮށްލައިފިއެވެ. އޭނަ ރަތްކުލައިގެ އިސްތަށްޓެއް ކަންފަތުގެ ފުރަގަހަށް ލިއެވެ. އަދި ކަޅުރަތްކުލައިގެ ފަށަލައަކުން ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކް އާކޮށްލައިފިއެވެ. މިވަރުން އެއްވެސް މީހަކަށް އޭނަ ދެނެގަނެވިދާނެހެން ހިޔެއްނުވެއެވެ.މަގަށް ވެއްޓިފައި އޮތް ކޮފީ ދަޅެއް އޭނަ ނެގިއެވެ. ރަގަޅު އެއްޗެއް އަނގަޔަށް ނުލެވޭތާ ހަފްތާއެއްހާ ދުވަސްވީއެވެ. އޭނަ ހާންތިވަނީއެވެ. ދަންނަ މޫނެއް ފެނުމާއެކު ދެވަނަފަހަރަށް ޔަގީންކުރަން ބަލައިލެވިއްޖެއެވެ. އެއާއެކު އުއްމީދީ ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ.

***

ހައިސްކޫލްގެ އެންމެ ފަހު ސެމެސްޓާގައި ސިއެނާގެ ހިތް ފުރަތަމަ ފަހަރަށް ހަލާކުވިއެވެ. ދުވަސްތައް ފާއިތުވެގެން ގޮސް އޭނަ ކުޑައިރު ހިތް ކީ ފިރިހެންކުއްޖާދެކެ ލޯބިވެވުނީއެވެ. އޭނައަށް ނޭގުނީ އޭނައަށްޓަކާ އެއްވެސް ޝައުގުވެރިކަމެއް ނެތް ޒުވާނަކަށްޓަކާ ހިތް ދެވުނުކަމެވެ. އަދި ކައިލް ދުރަށް ހިނގައިގަތުމުން ހޫނު ކަރުނަތަކުން ލޮލުން ދިލަ ނެގިއިރު ކޯތާފަތުން ތިރިއަށް ދެމިގަތެވެ. އަދި އަނިދިރިކަން އޭނަގެ ހިތަށް ފޭދިގެންފިއެވެ. ހިތުގެ ބައްޓަމަށްވާ ޗޮކްލެޓްފޮށި އޭނަ އެއްލައިލިއެވެ. ކައިލް އެންމެ ކުޑަވެގެން ބިމާއި ދިމާލަށްވެސް ނަޒަރު ހުއްޓައެއްނުލިއެވެ. ރުޅިވެރިކަމުގެ އަލިފާން އަނދައިގަނެ ރުޅިވެރިކަން ހިތުގައި އަށަގަންނާކަށް މާ ގިނައިރެއް ނުނެގިއެވެ. ގްރޭޑް ހަތެއްއިން ފެށިގެން އޭނަގެ ހިތް ދެވުނު ކުއްޖާ ގާތު ހިތް ބަންޑުންކުރަން އޭނަގެ ހުރި ހުރިހާ ހިތްވަރެއް ނެރެން ޖެހުނެވެ. އެކަމަކު އޭނަގެ ވަގުތުން އެންމެ މިނިޓެއްވެސް ދޭކަށް ކައިލް ބޭނުމެއްނުވިއެވެ.

"ހައު ޑެއަރ ޔޫ....." އޭނަގެ އަތުގެ އިގިލިތައް މުށްކަވައިލެވުނީ ބާރަށެވެ."ޔޫލް ޕޭ ފޯ ދިސް...."

***

ޕެޓްރިކޯ ބޭކަރީއާއި ކައިރި ވުމާއެކު ކައިލް ސްކޫލް ޖެކެޓް ހަށިގަނޑާއި ވަކިކޮށްލައިފިއެވެ. އެކަމަކު އޭނަގެ ހިނގުން މަޑުކޮށެއްނުލިއެވެ. އޭނަ ކުރިއަށް ދަމުންގޮސް ގެ ފަހަނަޅާ ކުރިއަށް ދިޔައެވެ. ބޯ ހަރަކާތްކުރުމަކާއި ނުލައި އޭނަ ކަޅި އެފަރާތަށް ހިންގައިލިއެވެ. އަލިކަމެއް ނެތެވެ. އެމީހުންގެ ގެއަށް އޭނައާއި އިސްހާގު ނޫން މީހަކު ވަދެއްޖެއްޔާ ދޮރުން ދިއްލޭގޮތަށް އޭނަވަނީ ސިކިއުރިޓީ ސިސްޓަމް ހަރުކޮށްލާފައެވެ. އޭނަ ކުރިއަށްގޮސް ބޭކަރީވެސް ފަހަނަޅާ ދިޔައީ މީހަކު އޭނަގެ ފަހަތުން އުޅޭކަމުގެ ހިލަމެއްވެފައެވެ. ސްކޫލުން ފެށިގެންނެވެ. އެންމެ ކުރިން ހީކުރެވުނީ ސިއެނާ ކަމުގައެވެ. އެކަމަކު އެއީ އެހާ ސިއްރުން ވަގުވަގަށް ފަހަތުން އުޅޭނެ ކުއްޖެއްހެން ހިޔެއްނުވެއެވެ. ސިއެނާ ބަދަލުހިފުމުގެ ހަަރަކާތެއް ރާވާނެކަން ޔަގީންވިޔަސް އޭނައަށް ސިއެނާއަކީ ކާކުކަމާއި އޭނައަށް ކުރެވޭނެކަންތައްވެސް އެނގެއެވެ. އޭނަގެ ފަހަތުން އުޅެނީ ޕްރޮފެޝަނަލް މީހެކެވެ. އޭނައަށް ފިޔަވަޅުގެ އަޑުވެސް އިއްވާނުލައެވެ. އޭނަގެ ހަވަނަ ހިއްސު އިންޒާރު އެބަދެއެވެ. އޭނައަށް މީހަކު ފަހަތުން އަންނަކަން އެނގި އެކަން ދެނެގަންނަން އުޅުމުންވެސް އެކަމެއް ނޭގުނެވެ. ޔަގީނުންވެސް އަލްޔަސް އެއް ނޫނެވެ. ނޫނީ އަލްޔަސްގެ ގޭންގުން އޭނަ ނުދަންނަ މީހެކެވެ. މަގުމަތިން ފެނުނު އެއްވެސް މީހަކު އޭނައަކަށް ނޭގުނެވެ. ފަހަތުން އަޅައިގަތް މީހާ ވަރުބަލިވީކަން ނޭގެއެވެ. ތިމާއަކީ ކާކުކަން އަންގައިލަން އެންމެފަހުން ނިންމީކަމަށް ވެދާނެއެވެ. ފިޔަވަޅުތަކުގެ އަޑު ގަދަވިއެވެ. އޭނަގެ ފަހަތުން ގެއްލުންދޭން އަންނަ ޝިކާރަވެރިއެއް ވިއްޔާ ބަލާނީ އޭނަގެ ދިފާއު އެންމެ ކުޑަވާނެ ދަނޑިވަޅަކަށެވެ. ކައިލް އޭނަގެ ބޫޓޫގެ ނާޑުވާ ރަގަޅުކުރަން އުޑަފައިން އިށީނެވެ. އެއާއެކު ކުއްލިއަކަށް ތެދުވެ އެމީހަކަށް ހަމަލާދިނީ އެމީހަކު ހިތަށްވެސް ނާރާނެފަދައަކުން އެހާ ހަލުވިކޮށެވެ. އޭނަގެ ސްކޫލް ޖެކެޓް އެމީހެއްގެ ކަރުގައި އޮޅާލުމާއެކު ފާރުގައި ޖެއްސިއެވެ.

"ކާކު ކަލޭ ފޮނުވީ؟" އޭނަގެ އަޑު މަޑުވެފައި ވިހަކަން އެކުލެވުނެވެ. އެމީހާގެ ކަރުގައި އޮޅާފައިވާ ޖެކެޓަށް އަތުން ބާރުކުރަމުން ދިޔަ ވަރަކަށް އެމީހާ ސަލާމަތްވާންވެގެން އަތުގެ އިނިގިލިތަކުން ޖެކެޓުގައި ވަކި އަޅަންފެށިއެވެ. އަދި ކައިލްގެ އަތަށްވެސް ނިޔަފަތިތައް ވައްދައިލިއެވެ. އެއާއެކު ލޭއޮހިގަތެވެ. ކައިލްއަށް ކޮންމެވެސް ކަމެއް ގޯސްހެން ހީވުމާއެކުއެ މީހާގެ ކަނދުރާއިން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ. އެ އަތްތިލަ ގާތިލެއްގެ އަތަށްވުރެ ނާޒުކްއެވެ. މާ މަޑުވެފައި އަންހެންވަންތައެވެ. އެއީ ޔަގީނުންވެސް އަންހެންކުއްޖެކެވެ.

"ތިއީ ކާކުތަ؟" އޭނަ ބުމަ ގޮށްޖަހާލުމާއެކު އެކުއްޖާގެ ބޮލުގައި އަޅާފައިވާ ތޮފި ދަމައިގެންފިއެވެ. އަދި ފަހަތަށް ޖެހިގަތެވެ.

" ކިރިޔާނު އަހަރެން މަރައިނުލީ..." އެ އަންހެންކުއްޖާ ކައިލްގެ މޭގައި އަތް އަޅާ ކޮށްޕައިލަމުން ހަޅޭއްލަވައިގަތެވެ.

"ދިރިހުރިކަމަށްޓަކާ އުފާކުރޭ..." ކައިލް އަނެއް ފަރާތަށް އެނބުރުނެވެ. އަދި ކޮނޑާއި ދިމާލުން ތޮފި އެއްލާލައިިފިއެވެ. ކޮންމެހެން މިކަހަލަ މޮޔައަކާއެކު ވަގުތު ދުއްވައިލުމުގެ މާނައެއްނެތެވެ. މިވާނީ ވަންނާނެ ގެދޮރެއް ނެތް މީހަކަށެވެ. އޭނަ ފޭރެންވެގެން އުޅުނީއެވެ.

"އަހަންނަށް ފައިސާއަށް ދަރާފައިއެއްނު ހުރީ...." އެ އަންހެންކުއްޖާ ފަހަތުން ހަޅޭއްލަވައިގަތެވެ. ކައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނަ އެނބުރި ބަލާލައިފިއެވެ. އެއީ ކާކުކަން ދެނެގަންނަން ހިނދުކޮޅެއް ނެގިއެވެ. ހަމަ އެތޮތްޕެވެ. ވަރުގަދަ މޭކަޕްއާއިއެކުވެސް އެލޯ ފާހަގަވިއެވެ. އޭނަގެ ލޮލާއި ދާދި ވައްތަރު ރަން މުށިކުލައިގެ ލޮލެވެ. ބަސް ޓިކެޓްގަންނަން އެހީތެރިވި އަންހެންކުއްޖާއެވެ. އެއީ ނޯރާހެއްޔެވެ؟ އާއެކެވެ. ހަމަ އެ ނަމުގެ ވެރިޔާއެވެ.

 

ނުނިމޭ

ކޮމެންޓް 0