"އެއްވެސް މީހަކަށް ނޭގި ކޮންމެ ދުވަހަކުވެސް ސިއްރުން ހެޔޮ އަމަލެއް ކުރާށެވެ. އެއީ ހަމަ އެކަނި ތިބާއާއި ﷲއާއި ދެމެދުގައިވާ ކަމަކަށް ހަދާށެވެ. އެއީ ކުޑަ ކަމެއް ނަމަވެސް އިޚުލާސްތެރިކަމާއި އެކު ކުރެވުނު ކަމަކަށް ވުމުން މީޒާނުގައި ބަރު އަމަލަކަށްވާނެއެވެ."

***

ކައިލްމެން މަހުމޫދު ގޮވައިގެން ދިޔައީ ހޮޓަލަށެވެ. މަހުމޫދު އެއްވެސް ވަރަކަށް އަނގައިން ނުބުނިތާ އެއްވެސް މީހަކާ ހަތަރުކަޅި ހަމައެއްނުކުރެއެވެ. އެއީ މަހުމޫދުކަން ޔަގީނެވެ. ނަމަވެސް އޭނައަކީ ކުރިން ހުރިމީހާއެއް ނޫނެވެ. އޭނަވަނީ މުޅިން ބަދަލުވެފައެވެ. ނޯރާއާއި ނާޔަލް ބުނީ އެމީހުންގެ ބައްޕަ ފަހަރެއްގައިވެސް މީހަކު ގަތުލުނުކުރާނެކަމުގައެވެ. ކައިލް އެ ޒުވާނުންގެ ބަސް ގަބޫލުކުރިއެވެ. ސަބަބަކީ މިހުރިހާ ކަމެއް އޭނަގެ މަންމަގެ މަރު މަހުމޫދު ވަޒީފާއިން ވަކިކުރުން އަދި އޭނަގެ ގެއްލުން ވިންޓަރފެލް އާއިލާއާއި އޮތް ގުޅުން ޔަގީނުންވެސް ކޮންމެވެސް ބޮޑު ކަންތައްގަނޑެއް މިކަމުގައި ފޮރުވިފައި އެބައޮތެވެ. އޭނަވަނީ ހަގީގަތް ހޯދުމާއި ގާތަށް އެއް ފިޔަވަޅު ކުރިއަށް އަޅާފައެވެ. ކޮންމެވެސް މީހަކު މިހުރިހާ ކަމެއްގެ ފަހަތުގައި އެބަހުއްޓެވެ. އަދި އެއީ ބަލިކަށި އުމުރުން ދުވަސްވީ އަދި ދެދަރިންގެ އެންމެ ރަގަޅު ބައްޕަ ކުރިކަމަކަށް ނުވާނެއެވެ. ކައިލް ގަސްތުކުރީ އޭނަގެ މާމައަށްވެސް އެކަން ސިއްރުކުރުމަށެވެ. ދުވަހަކު މާމަ މިހާ އުފަލުން ހުރތަނެއް ފެނިފައިނުވާތީއެވެ. މިދަތުރުގެ އުފާތައް ޚަރާބުކޮށްލަން އޭނަ ބޭނުންނުވީއެވެ. ސްވިޒަރލޭންޑަށް އެނބުރިގޮސް ނޯރާގެ ބައްޕައާއި ބެހޭގޮތުން މައުލޫމާތު ދޭނީއެވެ.

މިވަގުތު މަހުމޫދު އެހެރީ ހިތް ހަލާކުވާފަދަ ހާލަތެއްގައެވެ. ގައުމަށް އެނބުރި ދެވުނުހާ އަވަހަކަށް ފަރުވާވެސް ބޭނުންވެއެވެ. މަހުމޫދުގެ ޕާސްޕޯޓާއި ދަތުރުކުރަން ބޭނުންވާ އެހެން ލިޔުންތައް ހުރިނަމަ ހަމަ ވަގުތުން މިކާލްގެ ހަވާލުގައި އެނބުރި ސްވިޒަލޭންޑަށް ފޮނުވައިލަންވެސް އޭނަ ހުރީ ތައްޔާރަށެވެ. އެކަމަކު އެލިޔުންތައް ނިންމަން އެންމެ މަދުވެގެން ދެދުވަސްވަރު ނަގާނެއެވެ.

ޖެހިގެން އައި ދުވަހު މަހުމޫދު ގާތު ކައިލް ބަހައްޓާފައި ކައިލް އޭނަގެ މާމަ ގޮވައިގެން ބޭރަށް ދިޔައެވެ. މިހާ ދުރުން އައިސް ކުރީގެ ތަޖުރިބާތައް އަލުން އިއާދަކޮށް އުފަލުގައި ހުރުމުން މާމަ މަހުރޫމް ކުރާކަށް ކައިލްއަކަށް ނުކެރޭނެއެވެ. އޭނަގެ ސިކުނޑި އެކި ޒާތްޒާތުގެ އުދަގޫކުރުވަނިވި ޚިޔާލުތަކުން ފުސްވެފައި އަދި ހިތްވެސް ތެޅިފޮޅުނީ ނާޔަލްއާއި ނޯރާއަށް އެކުދިންގެ ބައްޕަ ދުނިޔޭގައި ހުރިކަން އަންގާހިތުންނެވެ. އެހުރިހާ ކަމަކާއިއެކުވެސް ކައިލް އޭނަގެ މާމައަށް ދެއްކީ އޭނަގެ އެންމެ އުފާވެރި މޫނެވެ. ޒާފިރާ ދަންނަ މާމަ ދަރިފުޅަކީ އެމީހެއްގެ ސަބަބުން އަމާންކަން އިހުސާސްކުރުވާ އަބަދުވެސް އޭނަގެ ގާތުގައި ހުންނަ އެމީހަކަށް އެންމެ އިތުބާރުކުރެވޭ ފަރާތެވެ. ޒާފިރާ ދަންނަ ކައިލްއަކީ އެހެން މީހުން ކުރިމަތިލާން ޖެހޭ ކައިލްއެއް ނޫނެވެ.

ސަފިއްޔާ ހޮޓަލުގެ ބޭރުގައި އޭނަގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރީ ބޮޑު ބާލިދީއެއްގެ ފުރެންދެން ހުރި އޮޅު އަލާއި ކައްޓަލައާއިގެންނެވެ. ސަފިއްޔާއަށް ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅުޖެހޭއިރު އޭނަ އެއައީ މުޅި ޑިސެމްބަރުމަހުގެ ހުރިހާ ގޮވާނެއް ހިފައިގެންނެވެ.

"ޒާފިރާ. ތި ހުދު ލިލީ މާތައް ހާދަ ނަލައޭ..." ޒާފިރާގެ އަތުގައި ހުރި މާ ބޮނޑިއަށް ސަފިއްޔާ ތައުރީފުކުރިއެވެ.

"މާމަ ދަރިފުޅު މި ދިނީ.." ޒާފިރާގެ ތުންފަތަށް ފަޚުރުވެރި ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފިޔައެއް އިނގިލިތަކުގެ ތެރޭ ފިތައިލުމުން ލިލީމަހުގެ މީރުވަހުން ސިކުނޑިއާއި ރޫހުވެސް ދިރުވާލަދިނެވެ. އޭގެ ވަހުންވެސް އެއީ އަވަށްޓެރިންގެ ގޭގައި ގިނައިން ހެދިފައިވާ ލިލީ މާކަން ދެނެގަނެވުނެވެ. އެއީ ކުރީ ޒަމާނުގައި އެމީހުންގެ ގޭގައި އެންމެ އާއްމު މަލެވެ.

"ޒާފިރާ. އަލަ ކާން މޫދަށް ދަމާ ހިނގާ." ސަފިއްޔާ ޒާފިރާއާއި އަތް ގުޅައިލިއެވެ. އޭނައާއި އެއް އުމުރެއް ނަމަވެސް ޒާފިރާ ހާދަ ބަލިކަށިވެއްޖެއެވެ. އަދިވެސް ސަފިއްޔާއަށް އެހީއެއްނެތި ހިނގައިލެވެއެވެ. އަދި ލޮލަށް ފެނެއެވެ. އޭނައަށްވުރެ ދުވަސްވީކަމަށް ޒާފިރާ ދައްކާތީ ސަފިއްޔާ ހިތާމަކުރިއެވެ. ޒާފިރާ ހިނިތުންވެލައިގެން ހުރިނަމަވެސް މާޒީގެ އަހަރުތައް ޒާފިރާއަށް އެހާ އޯގާތެރިކަމެއް ނުދެއްކިކަން ދެނެގަނެވުނެވެ. ސްވިޒަލޭންޑުގައި އޭނަ ދިރިއުޅުނީ ކިހިނެއްހެއްޔެވެ؟ ދަރިފުޅު ކޮބާހެއްޔެވެ؟

މޫދަށްގޮސްފައި ކައިލްއަށް ފާހަގަވީ މާމަ އެއްވެސް އެއްޗެއް ނުކައި ކޮންމެވެސް ބަހަނާއެއް ދެއްކިކަމެވެ. ހެނދުނުގެ ނާސްތާ މާ ގަދަޔަށް ކުރި ކަމަށް ބުންޏަސް ކައިލް ގާތު ފާތިމާ ބުނީ މާމަ ކިރިޔާ ނާސްތާގައި އަތްލީ ކަމަށެވެ. މާމަ އަނެއްކާ ބަލީހެއްޔެވެ؟ އެކަމަކު ހިނިތުންވެފައިވާ މޫނުން ބަލިކަން ދެނެގަންނަން ފަސޭހައެއްނުވިއެވެ.

"ޒާފިރާ. އަހުމަދު މަތިން ހަނދާން އެބަހުރިތަ؟ ޒާފިރާ ހުހަށް ހެއްޔޭ އަހައިލަންވެސް ލަދެއް ނުގަތް އެ ފިރިހެނާ.. އެކަމަކު އެކަމާ ފިކުރުނުކުރޭ. އަހަރެން އޭނަގެ މޫނުމަތީ ތަފާލެއް ޖެހިން...." ސަފިއްޔާގެ ޖުމްލަތަކުން ޒާފިރާއަށް ހެވުނެވެ.

ޒާފިރާގެ ހަނދާން ބަލި ނޫނިއްޔާ އަހުމަދަކީ އޭނަގެ ފުރާވަރު ދުވަސްވަރު ފަހަތުން ދުވި ފިރިހެނާއެވެ.

ޒާފިރާގެ ހަނދާނުގައި އަދިވެސް އެ ދުވަސް ހަރުލާފައިވިއެވެ. ފަނަރަ އަހަރު ފުރުނުދުވަހު އޭނަ ލިބާސް ލެއްވިއެވެ. ރަތްކުލައިގެ ވިދާ ރީތި ލިބާހުގައި އެންމެ ފުރިހަަމައަށް ޑިޒައިންކޮށްފައި ކަސަބު އަޅާފައިވިއެވެ. އެ ދުވަހު އިހުސާސްކުރެވުނީ ރާނީއެއް ހެންނެވެ. އެދުވަހު ހެދުން ލައިގެން ޒިލޭބި ހިފައިގެން އޭނަ މޫދަށް ދިޔައެވެ. އަހުމަދު އެ ފަހާގޮސް އެންމެ ކުރިން އަތުލުމުގައި ކާމިޔާބުކުރިއެވެ. އެކަމަކު ޒާފިރާއަކީ ގޮތްދޫނުކުރާ ކުއްޖެއްކަމުން އަހުމަދާއި އިންނަން ދެކޮޅުހެދިއެވެ.

"އޭނަ އަދިވެސް ކައިވެންޏެއް ނުކުރަނީތަ؟" ޒާފިރާ އިސްއުފުލާލައިގެން އިންއިރު އެމޫނަށް މަޑުމަޑުން އަވި އެޅި ވައިރޯޅިތައް ބޮސްދިނެވެ.

"ނޫން. ނޫން. ތިންމީހުންނާއި ކައިވެނިކުރި. އެކަމަކު އެންމެންވެސް އޭނަ ދޫކޮށް ދިޔައީ. އޭނަ ހީކުރަނީ އަދިވެސް ވިއްސަކަށް އަހަރުގެ ކުޑަކުއްޖެއްކަމަށް އެހެންވެ ޒާފިރާ އެނބުރި އައިކަން އެނގުމާއެކު އަނެއްކާވެސް ހިތް އަތުލަން މަސައްކަތް ފެށީ...."

"ސަބަބަކީ އަހަރެމެންގެ ހިތް ޒުވާންވީމަ ސަފިއްޔާ. އެހާރެކޭ މިހާރުވެސް އަހަރެމެން ތަފާތެއްނެތް. އަހަރެމެން އެންމެންވެސް އެހެން. އަވަށުގައި އެތަން މިތާ ދުވެ....މަޑި އަރުވާ...ކުދި ބޯޓުފަހަރުތައް ހަދާ.. އެކަމަކު އަހަރެމެންގެ ދުވަސްވީ ހަށިތައް އަހަރެމެންނަށް ކިޔަމަނެއްނުވޭ....." ޒާފިރާގެ އެ ޖުމްލައިން ކައިލްގެ ހިތުގައި ރިއްސައިލިއެވެ.

"ތިބުނީ ތެދެއް. އަދިވެސް އެގޮތަށް ފަތަން ބޭނުންވޭ. މިހާރު ފެންގަނޑަށް އެރިއްޖެއްޔާ ފެންގަނޑުގައި ހަރުނުލާނެ އަދި ހުޅުތަކުގައި ރިއްސައިގަންނާނެ....."

"އެކަމަކު އުމުރުން ދުވަސްވުމަކީ ގޯހެއްނޫން ޒާފިރާ. އަހަރެމެންގެ ގިނަ ހަނދާންތަކެއް ފޮރުވާފައި އެބަހުރި. އަދި މިހާ ގިނަ އަހަރުތަކެއް ކޮށްފައި ގާތަށް އައީމަ ޝަކުވާއެއް ނުކުރާނަން...." ސަފިއްޔާ ޒާފިރާއަށް ބަލައިލަމުން ލޮލުން ކަރުނަ ފޮހެލައިފިއެވެ. ޒާފިރާގެ ކަޅި އޭނަގެ މޫނަކަށް ނުހުއްޓުނެވެ. އަދި އުމުރު ދުވަހުވެސް ދެން އެކަމެއް ނުވާނެކަން އެނގުނެވެ.

"އަހަރެމެންނަށް އަދަދު ނުކުރެވޭފަދަ ނިއުމަތް ދެއްވާފައިވޭ އެނގިގެންނާއި ނޭގުމުގެ ތެރޭ. ޝަކުވާކުރުމަކީ އަމިއްލަ އެދުން ބޮޑުކަމުގެ ނިޝާނެއް. ﷲ ސުހުބާހަނޫ ވަތައާލާ އަގުހުރި އެކުވެރިންނާއި ރަގަޅު މާމަދަރިއެއްގެ ނިއުމަތް ދެއްވި. އެއަށްވުރެ އިތުރަށް އެދޭނެ އެއްޗެއް ނެތް...." ޒާފިރާ ސަފިއްޔާގެ ވާހަކަތަކާއި އެއްބަސްވިއެވެ. ސަފިއްޔާއަށް ހީކުރެވުނީވެސް ޒާފިރާ ލޯފަންވުމުން ޝަކުވާ ކުރާނެކަމުގައެވެ. ދިރިއުޅުން ވޭންދެނިވި އެއްޗަކަށް ވާނެކަމުގައެވެ. އެކަމަކު ޒާފިރާ ދިރިއުޅުމާއިމެދު ދެކޭ ނަޒަރިއްޔާތު ރަގަޅެވެ. އޭނައަކީ އަޖައިބެއްހާ ރަގަޅު އަންހެނެކެވެ. މާތްﷲ ރަހުމަތް ލައްވާށިއެވެ.

"ކައިލްއަކީ ތަފާތު ރީތި ނަމެއް.."ސަފިއްޔާ ހިނިތުންވެލިއެވެ." އަހަރެމެން ކުޑައިރު މުޅި އާއިލާ އެއްކޮށް ރާވާލީމެއްނު. ލިބޭނެ ދަރިންނާއި މާމަ ދަރިން އަދި އެންމެނަށް ތަފާތު ނަންވެސް ދިނިން. ކައިލްއަށް އެނގޭތަ؟ ޒާފިރާ ފުރަތަމަ ދަރިފުޅަށް ދޭން ބޭނުންވި ނަމަކީ ޔަހުޔާ. އެނަމަށް މާމަ ވަރަށް ލޯބިކުރި..." ސަފިއްޔާ މާޒީގެ ހަނދާން އާކުރިއެެވެ. ޒާފިރާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު މޫނު ރަތްވިއެވެ.

"މާމައަށް ލިބުނީ އެންމެ އަންހެންދަރިއެއް...އަޅުގަނޑުގެ މަންމަ އަނާލިއާ...." މާމައާއި ސަފިއްޔާގެ ވާހަކަތައް މެދުކަނޑައިނުލަން ވަރަށް ގިނައިރުވާންދެން އިނެވެ. ސަފިއްޔާގެ ނަޒަރު ކައިލްއަށް ހުއްޓުނީ އަނާލިއާއާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވެގެންނެވެ."މަންމަ ތޭރަ އަހަރު ކުރިން ނިޔާވެއްޖެ."

"ސުބުހާނަﷲ..އެހާ ކުރިން ވީކަމެއް އަދި ކިރިޔާ މިއެނގުނީ. މާތްﷲ އެ ދަރިފުޅަށް ސުވަރުގޭގެ ރަހުމަތް ލައްވާށި..."ސަފިއްޔާ މޭގައި އަތުން ފިރުމައިލިއިރު މޫނުމަތިން މޮޅިވެރިކަން ފެނުނެވެ. ތޭރައަހަރަކީ ދިގު މުއްދަތެކެވެ. އެކަމަކުވެސް ކައިލްއަށް އިއްޔެވީކަމެއް ފަދައިން ހަނދާނުގައި ހަރުލާފައިވެއެވެ. ހުރިހާ ކަމެއްވެސްމެއެވެ. އޭނައަށް އިހުސާސްވިގޮތެވެ. މަންމަ ނިޔާވިއިރު ކަނޑުގެ ފިނި ހޫނުމިން ހުރިވަރެވެ. މަންމަގެ މަރުވެފައިވާ ހަށިގަނޑުގައި އަތްލެވުމުން ކުރެވުނު އިހުސާސެވެ. ކޮންމެ ކުދި ކުދި ކަމެއްވެސް ހަނދާނުގައި ލިޔެވިފައިވަނީ ނުފޮހެވޭނެހެންނެވެ. ކައިލްއަށް އޭނަގެ މާމައާއި ދިމާލަށް ބަލައިލެވުނުއިރު މާމަގެ ކޯތާފަތްމަތިން ދަތުރުކުރި ކަރުނަތިކި ފެނުނެވެ. މާމަ ކޯތާފަތް ފޮހެލިއެވެ.

"މިހާރު އަހަންނާއި މި ދަރިފުޅު އެކަނި....ސަފިއްޔާ. އަހަރެމެންނާއެކު ދުވަސްކޮޅެއް ހޭދަކޮށްލަން އަންނަންވީނު. ސަފިއްޔާ އެ ގައުމާއި ގަޔާވާނެ. ޒިޔާރަތްކޮށް ދެކެލަން ބޭނުންވާ ބައިވަރު ތަންތަން ހުންނާނެ.."

ސަފިއްޔާވެސް ޒާފިރާގެ ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ބޯ އަޅައިލިއެވެ. ފައިތިލަ ދޮންވެލިގަނޑުގެ ތެރެއަށް ކޮށްޕާލައިގެންނެވެ.

"އިބްރާހިމްއަށް އަހަރީ ޗުއްޓީ ލިބުނީމަ އަހަރެމެންނަށް ޓިކެޓެއް ނަގަން ބާރު އަޅާނަން....."

"އަޅުގަނޑު ތިކަން ކޮށްދީފާނަން. ދަތުރުކުރަން ވަގުތެއް ވީމަ މެއިލްއެއް ފޮނުވާދެއްވާ. އާދަނު އަތުގައި އަޅުގަނޑާއި ގުޅޭނެ ކޮންޓެކްޓް މައުލޫމާތު ހުންނާނެ..."ކައިލް ވަގުތުން ހުށަހެޅިއެވެ. އެއީ މާމަ އެދޭގޮތް ކަމަށް ވަންޏާ މާމަގެ ހުރިހާ އެކުވެރިންނަށް މާމަ ގާތަށް ޒިޔާރަތްކުރަން އޭނަ ދައުވަތުދީ ހުރިހާ ޚަރަދެއްކުރާނެއެވެ.

"މާމާ. މާމަގެ އެހެން އެކުވެރިންނަށްވެސް ދައުވަތުދޭންވާނެ. ދާން ބޭނުންވާ ކޮންމެ މީހަކަށް ދަތުރު ހަމަޖައްސަދޭނަން."ކައިލް މާމަށް ޔަގީންކަން ދިނެވެ. ޒާފިރާގެ މާމަ ދަރިފުޅު ވާޖިބު އަދާކުރާގޮތާއި ހިތްހެޔޮކަމާއިމެދު ސަފިއްޔާ ހިތާހިތުން ތައުރީފުކުރިއެވެ. އެކުއްޖާ ވައްތަރީ އެ ލޯބި ލޯބި ހިތްހެޔޮ ޒާފިރާ ކުޑައިރެވެ. އެކަމަކު އެ މަޑުމައިތިރި މީހުންނާއި ދުރުން އުޅޭ މިޒާޖު ވާރުތަވީ އޭނަގެ މައިންބަފައިންގެ ފަރާތުންކަމަށް ވެދާނެއެވެ.

"ސަފިއްޔާ. އެކުވެރިންގެ ވާހަކަދެއްކީމަ ހަނދާންވީ. ސްވިޒަލޭންޑްގައިވެސް ވަރަށް ގާތް އެކުވެރިން އުޅޭނެ. އެމީހުންނަށް ސަފިއްޔާ ތައާރަފުކޮށްދޭހިތުން ކެތް ނުކުރެވޭ. އެތަނުން އެކެއްގެ ނަމަކީ ނޯރާ. އެއީ ޑޮކްޓަރެއް...."ޒާފިރާ ކިޔާދިނެވެ.

"ޑަކުތަރު؟ ޒާފިރާ. އެކުވެރިން ހޯދުމުގައި ބަލަން ފަށައިފިން. އަހަންނާއި ރަހުމަތްތެރިކަން ބާއްވަން ބޭނުންކަން ޔަގީންތަ؟ އަހަންނަކީ އާދައިގެ ދަނޑުވެރިއެއް...." ސަފިއްޔާގެ ޖުމްލައިން ޒާފިރާ މަޑުމަޑުން ސަފިއްޔާގެ އަތުގައި ބޮނޑިއެއް އެޅިއެވެ.

"ސަފިއްޔާކަހަލަ އެކަކުވެސް ނުހުންނާނެ. އެއްވެސް މީހަކަށް ހިތުން އެ ޖާގައެއް ނުދެވޭނެ....."ޒާފިރާ އެކުވެރިޔާއަށް ޔަގީންކަން ދިނެވެ."ނޯރާއަކީ މާމަ ދަރިއެއްފަދަ ކުއްޖެއް...އަހަރެން ވައުދުވިން ބައިވަރު ހަދިޔާ ގެންނާނެކަމަށް.ކައިލް. މާމައަށް ބޮލިތަކެއް ގެނެސްދީބަލަ. އެންމެ ރީތި ބޮލިތައް ހޮވަންވާނެ....."

"ނޯރާއަށް ބޮލިތައް ގެންގޮސްދޭންތަ؟" ސަފިއްޔާ މާޒީގެ ތެރެއަށް ފީނައިގަތެވެ." އެހެން ބުނީމަ ހަނދާންވީ. އަހަރެމެން ބޮލިތައް ހޮވަން އޭރު ކިހާ ފޯރިއެއްހުރި. ނޫންތަ ޒާފިރާ؟ އަހަރެމެންގެ އަތުގައި ހުރި ބިސްކޯދުހުރި ދެ ދަޅު ފުރެންދެން ބޮލި އަޅާފައި ދޯ. އަދި ވަރަށް ނާދިރު ފިޔާތޮށިކުލައިގެ ބޮއްޔެއްވެސް ހޮވީމެއްނު. އަދި އެ ބޮލީގެ ހައްގުވެރިޔަކާއިމެދު ކިތައް ދުވަސްވަންދެން އަރައިރުންވިން." ސަފިއްޔާގެ ވާހަކައިން ޒާފިރާއަށްވެސް ހެވުނެވެ. އެ ބުނި ދުވަސްތައް މަތިން ޒާފިރާ ހަނދާންވިއެވެ.

"މިހާރު އެފަދަ ކުލަތައް ހުރި ބޮލި ފެނުނަސް އެ ނަގާ ނުލާ ދޫކޮށްލަން. އަދި މޫދަށް ދާއިރު އެ ބޮލިތައް އަނެއް ފަހަރުވެސް ފެންނަން އެދެވޭ. އެކަމަކުވެސް ބޮލިތައް ނަގާކަށް ބޭނުމެއްނުވޭ. އަހަރެމެންގެ އުމުރުން ދުވަސްވަމުންދާ ކަމުގެ ހެއްކެއް....." ސަފިއްޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ތިބުނީ ހަމަ ރަގަޅަށް..ކުޑަ ކުޑަ ސަފިއްޔާ ބޮއްޔާއިހެދި ފުރާނައިން ގުރުބާންވާވަރުވެ އެ ގެންގޮސް ދަޅަށް އަޅާ ރައްކާކުރި..މިއީ ދިރިއުޅުމުގެ ކަންތައް ހުންނަގޮތް. ހަޔާތުގައި ލިބުނުހާއެއްޗެއް ދޫކޮށްލާ އެ ދުރުދުރުން ބަލާލައިގެން ހިތް ހަމަޖައްސާލާ އެ އެއްޗެއް ހުންނަތަނުގައި ހުންނަން ބޭނުންވަނީ މިހާރު...."

ޒާފިރާއާއި ސަފިއްޔާއާއި ދޭތެރޭ ދެކެވުނު ޖަޒުބާތީ ވާހަކަކޮޅުން ކައިލްއަށް ހަޔާތުގެ ފިލާވަޅުތަކެއް ލިބުނެވެ. ހިމޭންކަން ދިގުދެމިގެން ދިޔުމުން ކައިލް އެނބުރުނުއިރު މާމައާއި ސަފިއްޔާއަށް ވަނީ ނިދިފައެވެ.ޒާފިރާ ފުރޮޅުލީގޮނޑީގައި އިންއިރު ސަފިއްޔާ ގޮނޑީގެ އަތްގަނޑުގައި ބޯ އަޅާލައިގެން ދެ މީހުންގެ އިނގިލިތައް މަހާލެވިފައެވެ. ކައިލް އޭނަގެ ކެމެރާގައި އެމަންޒަރު ރައްކާކުރިއެވެ. އުމުރުން ދުވަސްވުމަކީ މިއީއެވެ. އެއް މިނިޓްގައި ވާހަކަދައްކަން ތިބެފައި އަނެއް މިނިޓްގައި ހަމަ ފުންނިންޖަކަށް ގެނބިދާނެއެވެ. ތުއްތުކުދިން ފަދައިންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ ކައިލްގެ ހިތަށް އަސަރުކޮށް ދެރަވިއެވެ. މިއީ ދިރިއުޅުމެވެ. ދިރިއުޅުމަކީ ހިތި ފޮނި އެއްޗެކެވެ. އުފާވެރި ހަނދާންތަކާއެކު ހިތާމަތައްވެސް ގުޅި ލާމެހިފައެވެ.

އެރޭ ކައިލް އޭނަގެ މާމަ ޒާފިރާއަށް ރޭގަނޑުގެ ސަލާމް ކުރުމުން މާމަ ބުނެލީ" ގުޑްނައިޓް ޚަލީލް"އެވެ. އެއީ ކައިލް އޭނަގެ ކާފަގެ ނަން ފުރަތަމަ އަދި އެންމެ ފަހު ފަހަރަށް އަޑު އެހި ފަހަރެވެ.

ޖެހިގެން އައި ދުވަހު މާމަ ހެޔެއްނުލިއެވެ. މަރަކީ އެހާވެސް ގާތުގައިވާ އެއްޗެކެވެ. ހިޔަނިފަދައިން އިންސާނާއާއެކު ވެއެވެ. ޒާފިރާވެސް ދެކެން ބެނުންވާ އަދި ކުރަން ބޭނުންވެފައި ހުރި ކަންތައް ހުއްޓެވެ. ކައިލް ބޭނުންވީ އޭނަ މަންމަގެ މަރުގެ ބަދަލު ހިފާ މަންޒަރު މާމައަށް ފެނުމެވެ. އެކަމަކު ﷲ ސުބުހާނަހޫ ވަތައާލާވަނީ ހުރިހާ މަޚުލޫގުންގެ މަރުގެ ވަގުތު ކަނޑައަޅުއްވާފައެވެ. ވަގުތު ޖެހުމުން ލަހެއް ފަހެއް ނެތެވެ. މާމަގެ ވަގުތު ޖެހުމުން ﷲގެ ހަޟުރަތަށް ދަތުރުކުރީއެވެ. އެންމެ ފަހުގެ ވަގުތުތަކުގައި މާމަ ގެ ދިރިއުޅުން އުފާވެރިވެފައި ހަމަޖެހިފައިވިއެވެ. ހުދު ހެދުމުގައި މާމަގެ ހަށިގަނޑު ފޮރުވިފައިވީއިރުވެސް ތުންފަތުން އެ ހިނިތުންވުން ފިލައިގެނެއް ނުދިޔައެވެ.

ކަށުނަމާދަށްފަހު ހޮޓަލަށް އައުމުން ހަގީގަތް ކައިލްގެ ސިކުނޑީގައި ޖެހިގަތެވެ. އޭނަގެ މާމަ އޭނައާއި ވަކިވެގެން ދިޔައީއެވެ. ތޭރަ އަހަރުވާންދެން އެންމެ ކަރުނަތިއްކެއްވެސް ލޮލުން އޮހޮރުވާނުލާ ކައިލް ވޭތުކުރިއެވެ. އޭނަގެ އާއިލާގައި ހުރި ހަމައެކަނި މެމްބަރު އޭނަގެ ގެ އަދި އޭނަގެ ހިމާޔަތް ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީއެވެ. ކައިލް ކަރުނަ އޮއްސިއެވެ. މިހުރިހާ އަހަރުތަކެއްވާންދެން ވާ ވަރަށް އެލޮލުން ކަރުނަ އަޔަދިނެވެ.

***

ދެ ދުވަސްފަހުން އާދަނު ކައިލްއާއި މިކާލް އަދި ފާތިމާ އެއާޕޯޓަށް ގެންގޮސްދިނެވެ. މިހާ ރަގަޅު ބަޔަކަށް އަލްވަދާއު ކިޔަން ޖެހުމުން އާދަނުގެ ހިތަށް އަސަރުކޮށް ފެންކަޅިވިއެވެ. ބިޔަ އެޑެލްވެއިސް ފްލައިޓް ރަންވޭދޫކޮށް ވައިގެ ތެރެއަށް އަރައިގެން ދިޔަ މަންޒަރު ބަލަން ހުރިއިރު އޭނަގެ ހިތަށް ހުސްކަމެއް އިހުސާސްވިއެވެ. އެމީހުންނަށް މަރުހަބާކިޔަން ދިޔައިރު އޭނަ ހާދަ ވަރަކަށް ފޯރިއައެވެ. އެކަމަކު މިއަދު ފެނުނީ އޭގެ އިދިކޮޅު މަންޒަރެވެ.

އޮއްސިފައިވާ މޫނާއެކު އޭނަގެ ނަޒަރު ހުއްޓުނީ އަތުގައިވާ ފޮށްޓަށެވެ. ކައިލް ވަކިވެގެން ދަމުން ހަދިޔާކުރި އެއްޗެކެވެ. ފުރަތަމަ ފަހަރަށް އާދަނަށް ފޯނެއް ލިބުނީއެވެ. އޭނައަކީ ރާއްޖެއިން މޮބައިލް ފޯނެއްލިބުނު ފުރަތަމަ މިހާކަމަށް ވެދާނެއެވެ. އެފޯނުގައި ކައިލްއާއި ގުޅޭނެ ހުރިހާ މައުލޫމާތެއްވިއެވެ. ސަރުކާރުގެ އިދާރާއަކުން ފުރަތަމަ ފަހަރަށް އެ ފޯނަށް އައި ކޯލުގައި އެންގީ އޭނަގެ ނަމުގައި ބިމެއް ރެޖިސްޓްރީ ކުރެވުނު ވާހަކައެވެ. ފައިސާވެސް މުޅިން ދައްކާފައެވެ. އެ ބިމަކީ އާދަނު މުޅި ހަޔާތުގައި އެތަނަކާއި ގަޔާވި ބިމެވެ. އޭނަ ރުހޭ މުއްސަދިންނަށް އޭނަ ދައްކަމުން އައި ބިމެވެ. އެކަމަކު މިހާރު އެއީ އޭނަގެ މިލްކެކެވެ. ހުވަފެނުގައިވެސް މިލްކުވާނެކަމަށް އުއްމީދު ނުކުރިތަނެކެވެ. އޭނަގެ ހަޔާތުގައި ދެކެފާނެކަމަށް އުއްމީދު ނުކުރި ބިން އޭނައަށް ލިބުނީއެވެ. ކައިލްގެ އިހުސާންތެރިކަމުގެ ބަދަލުގައި މިއަދު އޭނައަށް ކޮށްދެވޭނެހާ ކަމަކީ ހެޔޮ ދުޢާކޮށްދިނުމެވެ. އާދަނު ގެ ހަޔާތުގައި އެފަދަ ޒުވާނަކާއި ދިމާވެފައެއްނެތެވެ. އަދި ފަހުންވެސް އެފަދަ މީހަކައި ދިމާވާނެކަމާއިމެދު ޝައްކެވެ. އާދަނުގެ ދުޢާއަކީ ކައިލްއަށް އުފާވެރިކަން ދެއްވުމެވެ. އަދި ކުރާ ކޮންމެ ކަމެއްގައި ކާމިޔާބު ދެއްވުމެވެ. އަދި އެލޮލުގައިވި ހިތާމައާއި މޮޅިވެރިކަން އެ ޅަ ފުރާނައާއި ވަކިވެގެން ދިޔުމަށްވެސް ދުޢާކުރެވުނެވެ.

***

ނާޔަލް އޮފީހުގައި ކުރިކާލި ކަނޑަމުން ދިޔައިރު އަތުކުރީގައި އޮތް ގަޑިއަށް އިރުއިރުކޮޅާ ބަލައިލެވުނެވެ. އެމީހުން މިހާރު އަތުވެދާނެހެއްޔެވެ؟ ފްލައިޓް މިހާރު ޖައްސަފާނެކަން ނޭގެއެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލެވެނީ ކައިލްގެ ފޯނެއްގެ އިންތިޒާރުގައެވެ. ނާޔަލްއަށް ބަޔަކު ފާރަލާފާނެތީ ކައިލް މެއިލްއެއްވެސް ނުފޮނުވައެވެ. ފަހަރެއްގައި އޭނަގެ މެއިލް ހެކްކޮށްފާނެކަމަށް ކައިލް ވިސްނީއެވެ. އޭނައަށް ބައްޕަ ފެނުނުހެއްޔެވެ؟ ބައްޕަ ދިރިދުނިޔޭގައި އެބަހުރިހެއްޔެވެ؟ އިންތިޒާރުގައި އެތައް އިރެއްވީފަހުން ފޯނުގެ ސްކްރީން ދިއްލުނެވެ. އޭނަ ހިނދުކޮޅެއްވެސް ގެއްލުވާނުލިއެވެ. އަވަހަށް ޖެކެޓާއި ފޯނު ޖަހައިގެންފައި އޭނަ އޮފީހުން ނުކުތީ އަވަސްއަރުވާލާފައެވެ.

 

ނުނިމޭ

ކޮމެންޓް 0