"ދުޅަހެޔޮ ހަށިގަނޑެއް ބޭނުން ނަމަ ހިނގުން ގިނަ ކުރާށެވެ. ދުޅަހެޔޮ ފުރާނައެއް ބޭނުން ނަމަ ނަމާދުކުރާށެވެ. ހަށިގަނޑާއި ފުރާނަ އެކުގައި ދުޅަހެޔޮ ކުރަން ބޭނުން ނަމަ ރޯދަ ހިފާށެވެ."

***

އުމަރު އިޝާރާތްކުރީ ތަޅުންމަތީގައި އޮތް ޕޯސްޓަރަށެވެ. ނޯރާގެ ބައްޕަ ގެއްލިގެން ހޯދަންވެގެން ހެދި ޕޯސްޓަރަށެވެ. ނޯރާގެ އަތުން ދޫވެގެން އެޕޯސްޓަރު ތަޅުންމަތީގައި ކިރިލަ ކިރިލާ އޮތެވެ." މި މީހާ ކަލޭގެ މަންމަ މަރައިލަން އަހަރެމެންނަށް އެންގީ....މާތްރަސްކަލާނގެ ގަންދީ މިބުނަނީ...."

އެ ޚަބަރު ނޯރާއާއި ކައިލްއަށް އައީ ނޫކަމުގެ ތެރެއިން އައި ހޮނެއް ހެންނެވެ. ނޫ ސާފު އުޑުން އައި ހޮނު ގުގުރިއެއްހެންނެވެ.

"ތިބުނި ބަހުގެ މާނައަކީ ކޮބާ؟" ނޯރާ އުމަރާއި ދިމާލަށް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭނަގެ ބިރު ނުތަނަވަސްކަމަށް ބަދަލުވިއެވެ. ހިތުގެ ތެޅުން އެތައް ގުނަ އިތުރުވެއްޖެއެވެ. ކައިލްވެސް އޭނަގެ ފައިތިލަ ކައިރިއަށް ވެއްޓިފައިއޮތް ޕޯސްޓަރަށް ނަޒަރު ހުއްޓައިލިއެވެ."ކަނައަތްފަރާތު ކޯތާފަތުގައި ލަކުނެއް ހުރި އަދި އައިނު އަޅާ" އަލްޔަސް އެމީހާ ސިފަކޮށްދޭން ބުނި ލަފުޒުތައް ސާފުކޮށް ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ. ޕޯސްޓަރުގައި ހުރި މީހާގެ ސިފަ އެއްވެސް ތަފާތެއް ނެތެވެ.

"އަހަރެންގެ ބައްޕަ އެއްވެސް މީހަކު މަރާނުލާނެ. އެއީ ކަލޭމެންކަހަލަ ގާތިލެއްނޫން..."އުމަރުގެ އަތުގައި އޮތް ޕޯސްޓަރު ޖަހައިގެންފާ ނޯރާ ހަޅޭއްލަވައިގަތެވެ. އަދި ބިންމައްޗަށް ވިހުރިފައިހުރި އެހެން ޕޯސްޓަރުތައްވެސް ނެގިއެވެ. އެއީ ނޯރާގެ ބައްޕަހެއްޔެވެ؟ކައިލް ހިތާހިތުން ސުވާލުކުރިޔަސް ހަގީގަތް މިއޮތީ ހާމައަށެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް ލިބިއްޖެއެވެ. ނޯރާ ކައިލްއާއި ހަތަރުކަޅި ހަމަކުރިއެވެ.

"ގަބޫލުކުރޭ. ބައްޕަ މެއްސަކަށްވެސް ގެއްލުމެއް ނުދޭނެ. މިފަދަ މީހުންގެ ވާހަކަތައް ގަބޫލުނުކުރޭ.."

"އަހަރެން މި ދެއްކި ވާހަކައިގާ އެއްވެސް ދޮގެއްނުވޭ ކުއްޖާ. އޭނަ އަހަރެމެންނަށް އެޑްރެހާއި ނަން ދިނީ. އަހަރެމެންގެ ބަދަލުގައި އޭނަ ހޯދަން އުޅެބަލަ. އަހަރެން އެއްވެސް ގޯހެއް ނަހަދަން...." އުމަރު ބުނެލިގޮތާއި ހަރަކާތް ހުރިގޮތުން ދައްކަން އުޅެނީ އެ ގަތުލުގައި އޭނަގެ އެއްވެސް ދައުރެއްނުވާ ކަމާއި އޭނަގެ އެއްވެސް ކުށެއް ނެތްކަމުގައެވެ. އޭނައަށް ކައިލް ދިން ގޮށްމުށުގެ ހަމަލާ ހައްގެވެ. ބިންމައްޗަށް ދެމުނެވެ. ޚަބަރު ހުސްވުމުގެ ކުރިން އޭނަ އަމިއްލަ އަނގަ ގަދަކަމަށް ލައުނަތް ދިނެވެ. ބިންމައްޗަށް ވެއްޓިފައިވާ ދެމީހުންގެ ހަށިގަނޑަށް ބަލައިލުމުން ނޯރާގެ ހަށިގަނޑަށް ފިނިވިއެވެ. އެކަމަކު ދެމީހުންވެސް ނޭވާ ލާކަން ޔަގީންވުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ކައިލް އިތުރު އެއްޗެއް ބުނެލުމަކާއި ނުލާ އެތަނުން ދާން ހިނގައިގަތުމުން ނޯރާ ފަސްފަހަތުން ދިޔައެވެ. ލެޔާއި ތަތްތެޅިފައިވާ ދެމީހުންނާއެކު ހުންނަން އޭނަ ބޭނުމެއްނުވިއެވެ. ކައިލް ގެ ހަރު ހިނގުމާއެކު އެއްވަރުކުރަން އޭނައަށް ޖެހުނީ ދުވެފައިދާށެވެ.

"ކީއްކުރަން އައީ؟" ކައިލްގެ ހިނގުން މަޑެއްނުވިއެވެ.

"އެޑްރެސް ލިޔެފައި އޮތް ކަރުދާސް ފެނުނު. އަދި އިސްހާގުވެސް ބުނެފި ކައިލް ބުންޏޭ ތިމަންނަ ނައިއްޔާ ޒާފިރާ ބަލާދޭށޭ. މަރުވާން ނިންމައިގެންތަ އެމީހުންނާއި ފައިޓްކުރަން އައީ؟"

"އެހެންވެ މަގޭ ފަހަތުން އައީ.." ކައިލްގެ ރާގުގައި ނުރުހުން އެކުލެވުނެވެ.

"ލޭ އެބަ އާދޭ...."

"ދެޓްސް ނަން އޮފް ޔޯ ބިޒިނަސް.."ކައިލްގެ އަޑު ބާރުވެފައިވެސް ހަމަޔަކަށް އަޅުވައިފިއެވެ."އެކަން އެނގޭތަ؟ ބައްޕަ އެފަދަ މަސައްކަތެއްގައި އުޅޭކަން."

އޭނަގެ ކުށެއްނެތް ބައްޕައާއިބެހޭ ގޮތުން އެފަދަ ވާހަކައެއް އެއްވެސް މީހަކު ދައްކާ އަޑު އެހުން ނޯރާއަށް ކުޅަދާނައެއްނުވިއެވެ. ކުއްލިއަކަށް ނޯރާ ކައިލްގެ ކުރިމައްޗަށް އަރާ އޭނަ ހުއްޓުވުއެވެ. އަދި އޭނައަށް ބަލަން މަޖުބޫރުކުރުވިއެވެ." އެކަން ކުރީ އަހަރެންގެ ބައްޕައެއްނޫން. ތިއީ އޮޅުމެއް. އަހަންނަށް ޔަގީން. އަހަންނަށް ތިއީ ކޮންބަޔެއް ކަމެއްވެސް ނޭގޭ. އަހަރެންގެ ބައްޕަ ދުވަހަކުވެސް ކައިލް އަދި ކައިލްގެ މަންމަގެ ވާހަކައެއް ނުދައްކާ. އެހެންވީމަ ކީއްވެ އެގޮތަށް މަރައިލަން......."

ނޯރާގެ އަޑު ކެނޑޭގޮތްވިއެވެ. ހިންދިރުވައިލެވުނެވެ. ކައިލް އެގޮތަށް އޭނައާއި ދިމާލަށް ބަލަނީ ކީއްވެހެއްޔެވެ؟ އެ ކުށްވެރިކުރާފަދަ ނަޒަރާއި ނޯރާ ރުހޭގޮތެއްނުވިއެވެ.

"އެހެންވެދޯ ކުއްލިއަކަށް ހުރި ތަނަކުން އައިސް މިގޭގައި ދިރިއުޅެންފެށީ؟ މަގޭ ގޭގައި. ކީއްކުރަން ތިއުޅެނީ؟"ކައިލްގެ އެެ ޖުމްލަތަކުން ނޯރާއަށް ލޯ ބޮޑުކޮށްލެވުނެވެ.

"އަހަރެންގެ ވާހަކަ ގަބޫލެއްނުކުރި." ގެނބެމުން ދިޔަ ހިތާއެކު ނޯރާއަށް ވިސްނިއްޖެއެވެ.

"ގަބޫލުކުރަންވީ ކޮންކަމެއްކަން އަހަންނަކަށްވެސް ނޭގޭ.."ކައިލްގެ އަޑު މަޑެވެ. އަދި އެމޫނުގެ ހުދުކަމުން އަނބުރައިގެންފާނެއޭވެސް ނޯރާ ހީކުރިއެވެ.

ކައިލްވެސް އޭނަގެ ހަށިގަނޑުގައި ބާކީ ހުރި ހަކަތަކޮޅު ނޯރާއާއި ވާހަކަދައްކައިގެން ބޭކާރުކޮށްލާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ގެއާއި ހަމަޔަށް ފޯރުމަށެވެ.

"އެމީހާ ހެދީ ދޮގު..." ނޯރާއަށް ބުނެވުނީ އެހާވަރަށެވެ.

ބައްޕަގެ މައުސޫމްކަމާއި ގާތިލެއްނޫންކަން ބަޔާންކޮށްދޭން ދައްކާނެ ހެއްކެއް އޭނަގެ އަތަކު ނެތެވެ. އޭނަގެ ބައްޕަ އެތަނަކު ނެތެވެ. ހުރިތަނެއްވެސް އެނގެނީއެއް ނޫނެވެ. ކައިލް ހިނގައިގަތުމުން ނޯރާއަށް ބަލަން ހުރެވުނެވެ. ކައިލްއަށް ފަރުވާ ބޭނުންވެއެވެ. އޭނަ ހިނގަނީވެސް ކުޑަކޮށް ގުދުވެލައިގެން ހުރެއެވެ. އޭނައަށް އަނިޔާވެ ޒަަޚަމްވެފައި ހުރިކަން ޔަގީނެވެ. ވަރަށް ބޮޑަށެވެ. ކައިލް ހިގާފައި ދިޔަ މަގުމަތީގައި ލޭގެ ނިޝާންތަކެވެ. ނޯރާ ޕޯސްޓަރުތައް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އަދި ކައިލްގެ ފަހަތުން ހިނގައިގަތެވެ.

ދެމީހުންވެސް ހިނގަމުން ދިޔައިރު އެދޭތެރެއަށް ވެރިވެފައިވަނީ ކަށްވަޅުފަދަ ހިމޭންކަމެކެވެ. އެކަމަކު ސިކުނޑީގެ އަޑު ގަދަކަމާއި ހައިޖާނު ބޮޑުކަމުން ފަޅައިގެންދާހާވިއެވެ. މިހާ ޒަމާންކޮށްފައިވެސް ކައިލް އޭނައަށް އިތުބާރުނުކުރާކަން އެނގުމުން އަނގައިން ބުނަންވެސް ޖެހިލުންވިއެވެ. އެ ގޭގެ ތެރޭގައި ދިރިއުޅޭ ވަގެއްފަދައިން އިހުސާސްވިއެވެ. އެތަނަށް އެއްވެސް ހައްގެއްނެތް ބީރައްޓެއްސެއްފަދައިންވެސް މެއެވެ. ދައުވަތު ނުދޭ މެހުމާނެކެވެ. އަދި އެގޭގައި ހުންނައިރު ހިތްހަމަޖެހުމާއި އަރާމު އަދި ހޫނުކަން ލިބުނަސް އެގޭ މީހެއްކަމަށް ހީކުރެވުނަސް ހަގީގަތުގައިވެސް އޭނައަކީ ބީރައްޓެއްސެކެވެ. އެހުރިހާ އަރާމަކާއި ހޫނުކަމެއް މިހާރު އޭނަ ދޫކޮށްލާފައި ހިނގައްޖެއެވެ. އެ އަމާންކަން ނެތިގެން ހިނގައްޖެއެވެ. ވައިގާ އޭނައަށް އުދަގޫވާގޮތަކަށް ހިފަހައްޓާފަދަ ބުރަދަނެއް ހުރިފަދައެވެ. ހިތްވެސް ނުތަނަވަސްވަނީއެވެ.

***

ގެއަށް ވަދެވުމާއެކު ކައިލް އޭނަގެ ކޯޓު ބާލާފައި ލައިގެން ހުރި ސްވެޓަރވެސް ބޮލުން ބާލައިފިއެވެ. ނޯރާއަށް ލެވުނު ނޭވާ ބޭރަށް ނުލާ ހިފަހައްޓައިލެވުމާއެކު އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ. އެ ހުދު ގަމީސްވަނީ ލެއިން ތެމި ކަޅިވެފައެވެ. އޭނަ ދެފައި މައްޗަށް ކޮޅަށް ހުރެވުނީ ކޮން ބާރަކާއި ލައިގެން ކަމެއް ނޯރާއަށް ނޭގުނެވެ. ކައިލް ގަމީސްވެސް ހަށިގަނޑާއި ވަކިކޮށްލައިފިއެވެ. ނޯރާއަށް ވަގުތުން ދުރަށް ބަލައިލެވިއްޖެއެވެ. ކައިލް އޭނަ އެތާ ހުރިކަން ނޭގޭކަމަށް ހަދައިލުމުން އެއީ މަލާމާތެއްކަމަށް ނޫނީ އޭގެ އިދިކޮޅުކަމެއްވެސް ނޭގުނެވެ. ކައިލްއަށް އޭނަ ނުފެންނަނީހެއްޔެވެ؟

"އާ ޔޫ އޯކޭ؟ އެމްބިއުލެންސަކަށް ގުޅަންތަ؟" ނޯރާ އޭނައާއި ދިމާލަށް ކުޑަކޮށް ބަލައިލަމުން އެހިއެވެ. އަބަދުވެސް ޑޮކްޓަރަކަށްވާން އުއްމީދުކުރަމުން އައި ނޯރާއަށް ކައިލް ގެ ހާލު ފެނުމުން އެހީވާން ބޭނުންވިއެވެ. އޭނަގެ ބުރަކަށްޓާއި ބަނޑުގައިވާ ޒަޚަމްތައް ފެނުމުން މިވަގުތު އެދެމީހުން ދޭތެރޭގައި އޮތް ހާލަތު ހަދާންނައްތައިލަން ބޭނުންވިއެވެ. އަދި އެއީ ފިރިހެނެއްކަންވެސް މެއެވެ. މިވަގުތު އޮތީ އިންސާނިއްޔަތަށްޓަކާ އެހީވުމެވެ. ކައިލް އޭނަގެ އަތަށް ލައްވާފައިވާ ލެދަރ އަންގި ބޭލުމުން ޒަޚަމެއްނެތް އޮމާން ފުރިހަމަ ދިގު އިނގިލިތައް ފައުޅުވިއެވެ. އޭނަ ބަދިގެތެރެއިން ނެގި ތުވާލިކޮޅެއް ތެންމައިލުމަށްފަހު ޒަޚަމްތައް ސާފުކުރަން ފެށިއެވެ.

"ނިދަން ދޭ ނޯރާ..." އޭނަ މަޑުމަޑުން ބަނޑުގައި އެތެތް ފޮތިކޮޅު ކާއްތައިލަމުން ބުނެލިއެވެ. ނޯރާގެ ކޯތާފަތަށް ހޫނުވީ ކައިލް އޭނަ ބީރައްޓެއްސެއްކަމުގެ އިހުސާސްކޮށްދިން ވަރުން ލަދުން ކަމެއް ނޫނީ އޭނަގެ ހާޟިރުގައި ހުސް ގަޔާއި ހުރުމުން ކަމެއް ނޭގުނެވެ. ނޯރާގެ ނަޒަރު މާ ދުރަށް ހުއްޓުނެވެ. އަދި އެއްޗެއް ވިސްނާލާފައި އޭނަ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އިރުގަނޑެއް ފަހުން ފަސްޓްއެއިޑް ފޮށްޓެއް ގެނެސް ކާބައިގެ މޭޒުމަތީ ބެހެއްޓިއެވެ.

"ތި ޒަޚަމްތައް ފަހައިލަން ޖެހޭނީ ނޫނީ އަވަހަށް ނޫނީ ލަހުން ވިޔަސް ހޮސްޕިޓަލަށް ދާން ޖެހޭނެ..." ނޯރާގެ ޖުމްލަ އިވުނުކަމެއްވެސް ނޭގެއެވެ. ކައިލް ބަލާވެސް ނުލިއެވެ. ނޯރާ އެނބުރުނެވެ. އަދި ދުރަށް ދާން ހިނގައިގަތެވެ.

ކައިލް ކައުޗްގައި އިށީދެފައި ނޯރާ ދިން އެއްޗެހި ބޭނުންކޮށްގެން ޒަޚަމްތައް ފަހަން ފެށިއެވެ. އެތައް ފަހަރު އެ މަސައްކަތްކޮށްފައިވާތީ އުދަގޫކަމަކަށްނުވިއެވެ. އެކަމުގެ ތަޖުރިބާ ވަރަށް ހުރެއެވެ. އޭނައަށް ނިދުނީ ކިހާއިރަކުން ކަމެއް ނޭގެއެވެ.

***

ހޭލެވުމުން އެނގުނީ ނިދިފައި އޮވެވުނީ ކައުޗްގައި ކަމެވެ. ފިނި މޫސުމްގެ އިރުގެ އަލިކަން ފަނޑުގޮތަކަށް ދޮރުގެ އެތެރެއަށް ފުރޭނިގެން އެޅިފައިވިއެވެ. އޭނަގެ ގައިމަތީ ރަޖާ އޮތްއިރު ހީޓަރުވެސް ހުރީ ޖައްސާފައެވެ. ފިނި ނުވި ސަބަބަކީ އެއީއެވެ. އޭނަގެ ޒަޚަމްތަކުގައި އަދިވެސް ގަދަޔަށް ވޭން އަޅައެވެ. ފިނި ދުވަހެއްކަން އެނގެނީ ކުޑަދޮރުގައި ފިނި ހިފާފައިވުމުންނެވެ. ގަޑިއަށް ބަލައިލިއިރު ހަތެއް ޖަހަން ފަނަރަ މިނިޓެވެ. އޭނަ ކޮނޑު އަރުވާލާފައި ބޯ ކެހެރި ސްވެޓަރެއް ގަޔަށް މަހައިލުމަށްފަހު މާމަގެ ހާލު ދެކެން ދިޔައެވެ. އޭރުވެސް މާމައޮތީ އަރާމު ނިންޖެއްގައެވެ. އޭނަ ހީޓަރުގެ ހޫނުމިން އަދިވެސް މަތިކޮށްލީ މާމައަށް އެއްވެސް ވަރަކަށް ފިނީގެ އިހުސާސް ވިޔަނުދޭންވެގެންނެވެ. ހުސްވެފައިވާ ތަށިތައް ފެނުމުން ނޯރާ މާމައަށް ކާންދިންކަން އެގުނެވެ. ކާކޮޓަރީގެ މޭޒުމަތީގައި ކާން ހަދާފައި ހުއްޓެވެ. ފެނު ކެއްކި ބިހާއި ޗީޒް ބަޓަރ އަދި ޕާނެވެ. އާވިއަރައަރާ ހުރި ހޫނު ކޮފީ ޖަގެއްވެސް ހުއްޓެވެ. ކައިލް ކޮފީތަށްޓެއް ހިފައިގެންގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ނޯރާ ކައިލްގެ ހެދުންތައް ދޮވެގެންގޮސް ރޯނުގައި އަޅުވަން ހުއްޓެވެ. އެކުއްޖާ އެކުރަނީ ކީއްހެއްޔެވެ؟ ނޯރާގެ ބައްޕަ ކައިލްގެ މަންމަ މަރައިލަން އެންގީތީ އެކަމުގެ ކުށް އިހުސާސްވެ އޭނައާއިމެދު އޯގާތެރިކޮށް ކަންތައް ކުރަނީހެއްޔެވެ؟ ޒަޚަމްގައި މާ ގަދަޔަށް ވޭން އަޅަން ފެށުމުން އޭނަ ގޮސް މަޑުކޮށްލީ ކައުޗްގައެވެ. ނޯރާގެ އިންތިޒާރުގައެވެ. އޭނަ ނޯރާއާއި ވާހަކަދައްކަން އެބަޖެހެއެވެ.

"ކިހިނެއް ހާލު؟" ނޯރާ އެހިއެވެ.

"ބައްޕައާއި ބެހޭގޮތުން އިވުނު ވާހަކަ...ބައްޕަ މަސައްކަތްކުރީ ޓެކްސީ ޑްރައިވަރަކަށްކަން ޔަގީންތަ؟"

"އާނ ބައްޕައަކީ ޓެކްސީ ޑްރައިވަރެއް...." ނޯރާގެ އަޑުގައި ފުރިހަމަ ޔަގީންކަމެއް ވިއެވެ.

ކައިލްއަށް ފާހަގަކުރެވުނީ އެންމެ ރެއެއްގެ ތެރޭ ނޯރާއަށް އައި ބަދަލެވެ. ލޮލުގެ ވިދުން ގެއްލި ކޯތާފަތް ވަޅުވަދެ އެންމެ ރެއަކުން އުމުރުން އެތައް ދުވަހެއް ފާއިތުވެދިޔަފަދައެވެ. ހީވާގޮތުން ރޭ ނޯރާ އެންމެ ފަހަރަކުވެސް ލޮލު ފިޔަ ޖަހައިނުލައެވެ.

" އެންމެ ރަގަޅު އިތުބާރު ނުކުރެވުނަސް. އަހަރެން މިރޭ މިގެއިން ގޮސްދާނަން.."

"ބައްޕައާއެކު ކޮންތާކު އުޅުނީ؟" އަނެއް ސުވާލެވެ. ނޯރާގެ ލޮލަށް ހޫނު ކަރުނަ ބޮނޑިވެގަތެވެ. ކައިލް އޭނަގެ ގާތު މަޑުކުރަންވެސް ނޭދުނެވެ. އޭނަ އުއްމީދުކުރީ ކޮން ކަމަކަށް ހެއްޔެވެ؟ ކައިލްގެ ހިތުގައި އޭނައަށްޓަކާ މަގާމެއް އޮތްކަމަށް ހީކުރެވުނީ އޭނަގެ މޮޔަކަމުންނެވެ. ނޯރާ އޭނަގެ އެޑްރެސް ބުނެދިނެވެ. އެކަމަކު އެގޭގައި އެހެން އާއިލާ އެއް ދިރިއުޅޭކަމުގައިވެސް ބުނެލިއެވެ. އޭނައަށް ވެވޭނެނަމަ އޭނަ ކައިލް އެހިސާބަށް ގެންގޮސް އެގެވެސް ދައްކުވާނެއެވެ. އޭނަގެ އެ މުސްކުޅިގެއިން ކައިލްއަށް ފެންނާނީ ކޯންޗެއްހެއްޔެވެ؟ ހަތިޔާރެއްހެއްޔެވެ؟

"ބައްޕަ މަސައްކަތް ކުރި ތަނަށް ގެންގޮސްދީފާނަން. އޭރުން އަހަރެން ހަދަނީ ދޮގެއް ނޫންކަން އެނގޭނެ. ބައްޕަ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރީ ވިންޓަރފެލްގައި...އަދި އެގޭގައި އުޅޭ މީހުންނަށް ބައްޕަގެ ހަގީގަތް ފުދޭވަރަކަށް އެނގޭނެ. ބައްޕައާއިމެދު ތިހާ ނުބައިކޮށް ހީކުރީމަ އެމީހުންވެސް ކައިލްއަށް ހޭނެ..."

"އެގެއަށް އަހަރެން ގެންގޮސްދީ.." ކައިލް ފިޔަވަޅުމައްޗަށް ތެދުވުނެވެ.

"ހިނގޭނެތަ؟"ކައިލްގެ ބަނޑާއި ދިމާލަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ކައިލް ބޯ ޖަހައިލިއެވެ.

ނޯރާ ދޫ ޖިންސަކާއި ތުނި ސްވެޓަރެއްގައި ހުރިގޮތަށް ބޭރަށް ނުކުތެވެ. ކައިލް އޭނަގެ ޖެކެޓް ގެންދިޔައެވެ.

"ހީކަރުވަނީނު. ޓޭކް ދިސް." ކައިލް ދިއްކޮށްލިއެވެ.

"ނޫން ޝުކުރިއްޔާ.." ނޯރާ ގެ ލަފުޒުތައް މަދެވެ. އޭނަ ހުރީ މޮޅިވެރިވެ ހިތް ހަލާކުވާވަރުވެފައެވެ. އަދި ކައިލްގެ އަމަލުތަކުން ހިތް އަނެއްކާ އަނބުރުވައިލާކަށް ބޭނުމެއްނުވިއެވެ. އެވަރުންވެސް ކައިލް އޭނަގެ ކޮނޑުގައި ޖެކެޓް އެޅުވިކަން އެނގުމުން ދެކޮޅުހަދާފައިވެސް ޖެކެޓްލާން ޖެހުނެވެ. ހަގީގަތުގައި ނޯރާ ހުރީ ހީކަރުވާފައެވެ.

***

ހެނދުނުގެ ވަގުތުކަމުން އަދިވެސް މަގުތައް އޮތީ ނިދާފައެވެ. ރޭ ވެހުނު ސްނޯއިން ގަސްތަކުގެ ކުރި ވިދައެވެ. އަދި ކާރުތަކާއި ބިންގަނޑުވެސް ޒީނަތްތެރިކޮށްލާފައެވެ. އެއީ ހުދު އަޖައިބުން ފުރިގެންވާ ދުނިޔެއެކެވެ. އެމަގުތަކުގައި ނޯރާ ކުރިން ހިނގާފައިވިޔަސް މިއަދު ތަފާތުކަމެއް އިހުސާސްކުރެވުނެވެ. ހިތަށް އަނިޔާވެފައިވި ނަމަވެސް އޭނައަށް ހުރިތާ ތަނެއް ފެނުނީ ދެގުނަ ރީތިކޮށެވެ. ސްނޯއިން ހެދުން އަޅާފައިވާ ގަސްތައް ދުވަހަކުވެސް މިހާ ޗާލުކަމެއް ނޭގެއެވެ. އެމީހުން ބަދަރުމަތިން ހިނގާފައި ދިޔައިރު ބަދަރުގައި އަޅުވާފައިވާ ބޯޓުތައްވެސް ފުރިހަމަ ކަމުގައި ފެނުނެވެ. އޭނަގެ ފިޔަވަޅުތައް ލަސްވެ ލޮލުކޮޅަށް އޮބާލާފައިވާ ކަނޑާއި ދިމާލަށް އިރުގަނޑަކަށް ބަލަން ހުރެވުނެވެ.

"ކަނޑުދެކެ ރުޅި އަންނަންތަ؟" ނޯރާގެ އަނގައިން އެ ލަފުޒުތައް ބޭރުވިގޮތެއް ނޭގުނެވެ. ބާރަށް ބުނަން ބޭނުމެއްވެސް ނޫނެވެ. ކައިލްގެ މަންމަ ނިޔާވީ ކަނޑަށް ގެނބިގެންނެވެ. އަދި ކައިލްގެ ފުރާނަވެސް އެ ކަނޑުގެ ރާޅުތަކުގެ ވަކިތަކުން ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.

"އެނގޭތަ؟ ކަނޑު ފަހަރެއްގައިވެސް އެއްވެސް މީހަކަށް ނުބައިކަމެއް ކުރީއެއްނޫން. އެ ވުޖޫދުގައި އެވަނީ އެ ވުޖޫދުގައި އޮންނަންވީގޮތަށް. ކުށް ރައްދުވަނީ މީހުންނަށް......" ނޯރާ ބުނެލިއެވެ.

"ތިބުނީ ރަގަޅަށް..." ނޯރާ ހައިރާންކުރުވާފައި ކައިލް ޖަވާބުދިނެވެ. ކުއްލިއަކަށް މީދަލެއް ނޫނީ މުގޮށްޓެއް ފަހަތުން ދުއްވައިގަތް ބުޅަލަށް މަގުދޭންވެގެން އެއްފަރާތަށް ޖެހިލިވަގުތު އޭނަ އަރި އަޅައިލިއެވެ. ކައިލް އޭނަގެ ޖެކެޓްގައި ހިފާ ދަމައިނުގަތްނަމަ އޭނަގޮސް ޖެހުނީހީ ކަނޑުގައެވެ." މިފަހަރު ކަނޑަށް ވެއްޓުނުނަމަ ކަނޑުދެކެ ތިބުނާހާ ލޯތްބެއް ނުވީސްކަން ޔަގީން.."

ކައިލްގެ އެބަހާއި ނޯރާ އެއްބަހެވެ. އޭނަ ގަނޑުވެދާނެއެވެ.

"އެއްޗެއް ދެކެ ލޯބިވެވިފައި ހަމަ އަނެއް މިނިޓްގައި ނަފްރަތުވެސް ކުރެވިދާނެ. އެއީ ދިރިއުޅުމުގެ އުސޫލު..."ކައިލް ބުނެލިއެވެ. ކަނޑުން އައި ރޯޅިއެއްގައި ލޮނުގެ ވަސް އެކުލެވުނުއިރު ނޯރާގެ ކަނދުރާއާއި ދިމާލުން ގަތާފައިވާ އިސްތަށިގަނޑުން ދޫވެފައިވާ އިސްތަށިތައް ވިހުރުވާލިތަން ކައިލްއަށް ފާހަގަކުރެވުނެވެ. ނޯރާ އެއައީ އޭނަގެ ތޮފިވެސް ހަނދާން ނައްތާލާފައެވެ. ދެމީހުން އެކީ ހިނގަމުންގޮސް ވިންޓަރފެލްއާއި އަރާ ހަމަވިއެވެ.

***

އެއީ ހައިބަތުހުރި ޝާހީ ގެއެކެވެ. އިމާރާތުގެ ކޮންމެ ބަޔެއްވެސް ދައްކުވައިދިނީ މުއްސަދިކަމެވެ. ފިނިމޫސުމްގެ ހުވަފެނީ ބިމެއްހެން ސްނޯއިން ފޮރުވިފައިވާ އެ ބޮޑު ގަނޑުވަރު ފެންނަނީ ހަވޭލީއެއް ހެންނެވެ. ކްރީމް އަދި ރަންކުލަ މުށިކުލައާއި ގުޅި އާސާރީ އަދި ޒަމާނީ ގޮތްގަނޑެއްވެސް ދައްކުވައެވެ. އިހުގެ ރަސްކަލުންނާއި ރާނީންނަށް ޚާއްސަތަނެއް ފަދައިންނެވެ. ބަގީޗާ ހައްދާ މީހުން ބިންގަނޑުން ސްނޯ ސާފުކުރުމާއިގެން އަވަދިނެތި އުޅުނެވެ. ވަރުގަދަ ރަންކުލައިގެ ދޮރާށިވަނީ ބަންދުކޮށްފައެވެ.

"ނޯރާގެ ބައްޕަ މަސައްކަތްކުރީ މިތާ؟" ކައިލްގެ ނަޒަރު އެ އިމާރާތުގެ އެކި ބަޔަށް ދަތުރުކުރިއެވެ.

"ހޫމް. މިތާ އަހަރެންގެ އެކުވެރިއެއް އުޅޭ. އަހަރެމެން އެތެރެއަށް ވަނުމުގެ ހުއްދައަށް އެދިފާނަން. ކައިލްއަށް އެކި މީހުންނާއި ސުވާލުކޮށްހެދީމަ އަހަރެންގެ ބައްޕަ މަސައްކަތްކުރީ މިތާގައޭ ބުނެ ހެދީ ދޮގެއްނޫންކަން އެނގޭނެ..."

"އަހަރެން ގަބޫލުކުރަން.."ކައިލްގެ ޖަވާބުން ނޯރާ ބުމަ އަރުވައިލިއެވެ.

"ދެން މިތަނަށް ގެންނަން ބުނީ ކީއްވެތަ؟"

ކައިލްގެ މަގުސަދަކަށްވީ ނޯރާގެ ބައްޕަ މަސައްކަތްކުރާތަން ދެކެލުމެވެ. އަދި އޭނަ މަސައްކަތްކުރީ ކޮންބަޔެއްގެ ދަށުގައިކަން ދެނެގަތުމެވެ. އޭނަ ދެނެހުރިގޮތުން މަހުމޫދު އަދާކުރީ މެދުވެރިއެއްގެ މަސްއޫލިއްޔަތެވެ. މަންމަގެ މައުލޫމާތު އެ ގާތިލުންނަށް ދިނީ މަހުމޫދެވެ. އަމުރުކުރީ އަދި އެހެންމީހެކެވެ. އެމީހަކީ އަދި ނޯރާގެ ބައްޕައެއް ނޫނެވެ. ކައިލް ހީކުރާގޮތަކީ އެއީއެވެ.އެކަމަކު އެކަމުގައި މަހުމޫދުވެސް ބައިވެރިވިކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އޭނަ ގެއްލުމުގެ އަސްލަކީ ކުށްވެރިކަމުގެ އިހުސާސެވެ. އެކަމަކު އަދި އެއީ އެހެން ވާހަކައެކެވެ. ކައިލް އެގެއާއި ދިމާލަށް ވިސްނުން ތެރިކަމާއެކު ބަލަންހުރީ އެގެއާއިމެދު ސިކުނޑި އެއްޗެއް ބުނަން ފެށީމައެވެ. ވަރަށް ދަންނަ ފާޑެވެ. އޭނަ ކުރިން މިގެ ދުށް ހެއްޔެވެ؟

ކޮމެންޓް 0