"ﷲއާއި ދީނާއި ތިބާ ދުރުކުރުވަނީ ކޯނޗެއްކަން ދެނެގަންނަން ބޭނުމިއްޔާ ނަމާދުގައި ތިބާ ވިސްނާ އެއްޗަކަށް ބަލާށެވެ."***

"އެހެންވިއްޔާ އޭނަ ގާތު މިގެއިން ދާން އަޅުގަނޑު ބުނާނަން..."ކައިލްގެ އަޑުގައިވަނީ ހަމަޖެހުމެވެ.

"ނޫން.."ޒާފިރާ ވަގުތުން ބޯ ހޫރައިލިއެވެ."އެކުއްޖާ ދާނެ ތަނެއްވެސް ނެތް..ހަމަ ޚިޔާލެއް ފައުޅުކޮށްލީ. މިވަގުތު ކައިވެނި ކުރާށޭ ނުބުނަމެއްނު...އެކަމަކު އެއްވެސް އިހުސާސެއް އޮތިއްޔާ ދެން ކައިވެންޏަށް އެދޭ..ކައިވެނި ލަސްނުކޮށް..."

"މާމާ... އަޅުގަނޑަށް ހީވާ ގޮތުން އޭނައަށް ވުރެ އަޅުގަނޑު މިގެ ދޫކޮށްފައި ދިޔަސް މާމައަށް މާ ރަގަޅުވާނެ. އެކުއްޖާ ކޮންކަހަލަ ފަންޑިތައެއް މާމައަށް ހަދައިގެން އުޅެނީ؟" ކައިލްގެ އެ ޖުމްލައިން މާމަ ހިނިތުންވެ ތަބީއަތު ރަގަޅުވިތަން ފެނި ކައިލްގެ ހިތް ހަމަޖެހި ހުރިހާ ހާސްކަމެއް ފިލައިފިއެވެ.

ނޯރާ ޖެހިގެން އައި ދުވަހު ތެދުވެ އާ ދުވަހަކަށްޓަކާ ތައްޔާރުވާން ފެށިއެވެ. އޭނަ ހިފަހައްޓާލައިގެން ހުރި ތަސްވީރަކަށް ބަލަން ހުރެވުނެވެ. އެންމެފަހުން އެ ކުރެހުން ނިންމުމުގައި އޭނަ ކާމިޔާބު ހޯދައިފިއެވެ. ކައިލް އަތުން ޕެއިންޓް ސާމާނު އަތުލައިގެން އޭނަ ކުރި މަސައްކަތް ގޯހެއް ނޫނެވެ. ބައްޕަގެ ސިފަތައް ގެނެވިފައިހުރިލެއް ކިތަންމެހާވެސް ފުރިހަމައެވެ. ނޯރާއަށްވެސް ދިރިހުރި އެއްޗެހީގެ ތަސްވީރު ކުރެހުމަކީ ގޯސްކަމެއްކަން އެނގެއެވެ. އެކަމަކު މިވަގުތު އެހެން ގޮތެއް ނެތީއެވެ. ބައެއްފަހަރު ޟަރޫރީ ހާލަތްތަކުގައި އެފަދަ ކަންތައް ހުއްދަވޭ ނޫންހެއްޔެވެ؟ އޭނަ މިދަނީ ބައްޕަ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ކެމެރާ ހޯދޭފަދަ ތަނަވަސްކަމެއް ނެތުމުން ބައްޕަގެ ތަސްވީރެއްވެސް ހުރީއެއް ނޫނެވެ.

ބުޚާރީ ގައި އަބުދުﷲ އިބްނު އުމަރު ރިވާކުރައްވާފައިވެއެވެ." ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ." ތަސްވީރު ކުރަހާ ހުރިހާ މީހުން ތިބޭނީ ނަރަކައިގެ އަލިފާނުގައެވެ އޭނަ ކުރެހި ކޮންމެ ތަސްވީރަކަށް ދިރުންލިބި އެއިން އޭނައަށް އަޒާބު ލިބޭނެއެވެ. " އަދި އަބުދުﷲ ވިދާޅުވިއެވެ. އެކަން ކުރަން ކޮންމެހެންވެސް ބޭނުމިއްޔާ ގަސްތަކާއި ދިރުމެއްނެތް އެއްޗެހީގެ ތަސްވީރު ކުރަހާށެވެ."

ނޯރާ އޭނަގެ ބައްޕަގެ ތަސްވީރު ކުރެހީ ޚިޔާލުގައި ހުރި ގޮތަށެވެ. އަދި ހިތްހަމަޖެހުނީ އައިޒަކް އޭނައަށް ތަސްވީރުތައް ޕްރިންޓްކޮށްދޭން އެއްބަސްވުމުންނެވެ. އެ އާއިލާގައި ޕްރިންޓްކޮށްދިނުމުގެ ޚިދުމަތް ލިބެއެވެ. އެދުވަސްކޮޅު އެގޮތަށް ޗާޕުކުރުމުގެ ޚިދުމަތްދެވެން ހުންނަ ގެއަކީ މުއްސަދި އާއިލާކަމުގައި ބެލެވެނީ އެ ޒަމާނުގައި އެ ޚިދުމަތުގެ އަގުބޮޑުވުމުންނެވެ.

"އިސްހާގު ބޭބޭ. މިއީ އަޅުގަނޑުގެ ބްރޭކް ގަޑިވީމަ ކުޑަކޮށް ބޭރަށް ގޮސްލާނަން. އަދި އޯ......ހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ...." ނޯރާ އެޕްރޮން ނައްޓައިލަމުން ހިނިތުންވެލިއެވެ. އަދި ފާރުގައި ހުރި ހެދުން އަޅުވާތަނުގައި އެޅުވިއެވެ.

"ކުޑަދޮރެއްގެ ކައިރީ އެ ގަސް ބަހައްޓަން ހަނދާންކުރައްޗޭ. ޓުމާޓޯސް ހެދެން ވަރަށް ގަދަ އަވި ބޭނުންވާނެ....." އިސްހާގު އޭރު ހުރީ ކޮފީގައި ކުރެހުމަށެވެ. އެހާ ޒުވާން އަތަކަށް ނުވިޔަސް ހަރަކާތްތައް އަވަހެވެ. ކޮފީތަށީގައި އެގޮތަށް ކުރެހުން ހުރުމުން އެތަނަށް ވަންނަ މީހުން ހިތްހަމަޖެހެއެވެ.

"ޓުމާޓޯ؟" ނޯރާ ބުމަ ހިއްލައިލިއެވެ.

"އާން. ސިއްހަތަށް ރަގަޅު އެއްޗެއް ނޫންތަ؟ ޓުމާޓޯތައް އަޅަންފެށީމަ އެއިން ބައިވަރު އެއްޗެހި ހެދޭނެ...." އިސްހާގު އެ ޖުމްލައިން ނޯރާއަށް ކަންހިނގި ގޮތް ދެނެގަނެވުނެވެ. ކައިލް ޓުމާޓޯގަހެއްގެ ބަދަލުގައި ލަވެންޑާ ގަހެއް ގަނެދިނީއެވެ. އޭނަ ކާ ތަކެތިން ޓުމާޓޯ ނަގާތަން ކައިލްއަށް ފާހަގަވީހެއްޔެވެ؟ ނޯރާގެ ލޮލުން އުއްމީދުގެ ބައްތިތައް ދިއްލިގެން ދިޔައެވެ. އެ ހަދިޔާއަކީ ކައިލް އޭނައަށްޓަކާ ހޮވި އެއްޗެއްކަން ޔަގީންވުމުން ހިތަށް ބަޔާން ނުކުރެވޭފަދަ ހަމަޖަހުމެއް ލިބުނެވެ. އޭނަވެސް ކޮންމެވެސް ވަރަކަށް ނޯރާއާއި ރުހެނީހެއްޔެވެ؟ ނޯރާ ހިނގާފައި ދިޔައިރު އޭނަގެ ބޯ ހުރީ ވިލާތަކުގެ ތެރޭގައިކަމުގައި އިހުސާސްކުރެވުނެވެ. ތުންފަތުގައި ހިނިތުންވުމެކެވެ. ވަގުތުތައް ދިޔަގޮތެއް ނޭގި ހުއްޓާ ވިންޓަރފެލްއާއި އަރާ ހަމަވިއެވެ.

ނޯރާ މަޑުކޮށްލީ އެގޭގެ ހައިބަ ހުރި ބޮޑު ދޮރާށިކައިރީގައެވެ.ބަގީޗާ ބަލަހައްޓާ މީހާ ފެނުމުން އޭނައަށް ގޮވާލާފައި އައިޒަކް ގާތު އޭނަ ހުރިކަން އަންގަދޭން އެދުނެވެ. އެގޭގައި ކުރިން އުޅުނު ޓެކްސީ ޑްރައިވަރ މަހުމޫދުގެ އަންހެންދަރިފުޅުކަން އެނގުމާއެކު އޭނަ އަވަސްވެގަތީ އައިޒަކްއަށް އެންގުމަށެވެ.

 

***

ވިންޓަރފެލްގައި އާވާގެ އެންމެ ވަރުގަދަ މަސައްކަތަކީ ސިއްރުން އެންމެން ދައްކާ ވާހަކައެހުން ކަމަށްވާތީ ނިކަން ބިރުވެރި ޚަބަރެއްވެސް އެނގުނެވެ. އޭނަގެ ދުލުން ބަސްހުއްޓުނެވެ. އަތް މުށްކަވައިލެވުނެވެ. އޭނަގެ އުމުރުން އެންމެ ފަނަރަ އަހަރުގައި މާމަ އޭނަގެ ކައިވެނި ރޭވީ ކީކޭ ހިތަށް އަރައިގެންހެއްޔެވެ؟ އަދި އެއީ އެކަނިއެއް ނޫނެވެ. އޭނަ ބޯޑިންސްކޫލަކަށްވެސް ފޮނުވައިލަން އުޅެނީއެވެ. އެވެސް އޭނަ އެކަމާއި ދެކޮޅު ހަދަނިކޮށެވެ. އޭނަ މިއާއިލާއަށް ނަފްރަތުކުރަނީ އިންތިހާއަށެވެ.ވިސްނުމުގައި އެތައް އިރެއް ހޭދަކޮށްފައި އޭނަ އައިޒަކްގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

"އާވާއާއި ސިއެނާވެސް މެނާސްތައް ދަސްކުރަން ވެއްޖެ. ކޮޓަރިއަށް ވަނުމުގެ ކުރިން ޓަކިދޭކަށް ނޭގޭތަ؟" އައިޒަކް ހަޅޭއްލަވައިގަތީ ފުރަގަހަށް އަތްގެންގޮސް އެއްޗެއް ފޮރުވަން މަސައްކަތްކުރަމުންނެވެ.

"ތިއީ ކޯނޗެއް؟" އާވާ ލޯ ހަނިކޮށްލައިފިއެވެ. އޭނަގެ ހިތް ޝައްކުން ފުރުނެވެ.

"އާވާއާއި ބެހޭކަމެއް ނޫން އެހެންވީމަ...." އައިޒަކްގެ ޖުމްލަ ފުރިހަމަނުވަނީސް އާވާ ފުންމައިގެން އައިގޮތަށް އޭނަގެ ގަޔަށް ބޮލަށް އަރައިގަތެވެ. އެޕާރުސަލް ޖަހައިގަންނަން އުޅެގަތެވެ. އެއީ ނިކަން ރީތިކޮށް ބަންދުކޮށްފައިވާ ޕާރުސަލެކެވެ. އާވާ މޫނު ހަދައިލިއެވެ." އެއީ ބޭކަރީގައި އުޅޭ ގާލްފްރެންޑްގެ؟"

އައިޒަކް އަވާގެ ކަންފަތުގައި ހިފައިލުމުން އޭނަ ކަންފަތަށް ތަދުވާހާ ބާރަށް ހަޅޭއްލަވައިގަތެވެ. ދުނިޔޭގައި ތިބި އެންމެ އަޑުހަރު އަންހެންކުދިން ސިއެނާ އާއި އާވާއާއެކު ގުޅުމެއް އޮތީ އޭނައަށް ދިރިއުޅުމުގައި ގޯސްކޮށް ކުރެވިގެންބާވައޭ ހިތަށް އެރިއެވެ." އެއަންހެންކުއްޖާއާއެކު ނޫޅެވޭނެ.."އާވާ ހަށަން ބަދެލިއެވެ.

"ކީއްވެ؟" އައިޒަކް ވަތްގަނޑުގެ އަޑިއަށް އެ ޕާރުސަލް ލާފައި ހިންދެމިލިއެވެ.

"މާމައާއިހެދި.....އަމިއްލައަށް ބޭނުންވާ އަންހެންކުއްޖަކު ދެކެ ލޯބިވެ ކައިވެންޏާއި ހަމަޔަށް ދިޔަދޭނެހެން ހީވޭތަ؟ މި އާއިލާތެރޭގައި ލޯބިން ކައިވެނިކުރި އެންމެ މީހެއްވެސް ދައްކަބަލަ...." އާވާ ޗުސްކަނޑައިލިއެވެ."މި ލައުނަތްލެއްވި އާއިލާ..."

"ތިގޮތަށް ވާހަކަދައްކާ ވަރަށްވުރެ އަދި މާ ޅަ. ބާބީ ނޫނީ އެފަދަ އެއްޗަކާއި ކުޅެން ދޭ......"

"އާނ. އެކްޒެކްޓްލީ.އަހަރެންގެ އުމުރުން އެންމެ ފަނަރަ އަހަރު އެކަމަކު އަށާރަ އަހަރުވާއިރަށް ކައިވެނިކުރުވަން އެވިސްނަނީ.." އޭނަ އަތަށް ގެނައި ހަރަކާތްތަކުން ހާމަކޮށްދޭން އުޅުނީ އޭނައަށް ލިބުނު ޝޮކެވެ.

"ވަޓް؟" ކާކާއި ކައިވެނި ކުރުވާ ވާހަކަތަ؟" އައިޒަކްވެސް ބުމަ ހިއްލައިލިއެވެ.

"ޑޭޑްގެ ފްރެންޑެއްގެ ދަރިއަކާއި...އޭނަގެ ފިރިހެންދަރިފުޅު އަހަންނާއި އެއްވަރު. އެމީހުންގެ އަންހެންދަރިއެއްވެސް ހުރޭ. އަހަންނަށްވުރެ ތަންކޮޅެއް ދޮށި. އައިޒަކް އެކުއްޖާއާއި ކައިވެނިކޮށްފިއްޔާ އެ މޮޔަ ފިރިހެނާއާއި ކައިވެނިނުކުރިޔަސް ރަގަޅުވާނެ. އަދި އޭނަ ހުރި ސިފައެއްވެސް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް..." އާވާގެ ޚިޔާލަށް އައީ އެލްފްއެއްގެ ސިފައިގާ ހުރި ފިރިހެނަކަށްވުމުން ވަގުތުން މޭނުބައިކޮށްގެން އޯކަށް ދަމައިގަތެވެ. އެކައިވެންޏަކީވެސް އާއިލީ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރަން ކުރެވޭ ކައިވެންޏެއް ވިއްޔާއެވެ.

"ތިބުނި ބައްޕަގެ އެކުވެރިޔާ ޔޫސުފްގެ ސްމާޓް ފިރިހެންކުއްޖަކާއި ނުކުޅެދޭ އަންހެންކުއްޖެއް ހުރޭ....."އައިޒަކް ހަށަން ބަދެލިއެވެ." އަދި ތިބުނަނީ ރަގަޅު ސްމާޓް ފިރިހެނަކާއި އާވާ ކައިވެނިކުރުމަށްވުރެ ނުކުޅެދޭ އަންހެންކުއްޖަކާއި އަހަރެން ކައިވެނިކުރުން މާ ރަގަޅޭތަ؟"

"އާނ. ކޮންމެ ކަމެއްވެސް މާ ރަގަޅު އަހަރެންގެ ކައިވެނި ކުރެވުމަށްވުރެ......" އާވާ އަމިއްލަ އެދުން ބޮޑުކުރިއެވެ."

އަހަންނަށް މިހާރުވެސް ވެޑިން ބެލްސް އެބަ އިވޭ ސްވީޓް އާވާ....."އައިޒަކް އާވާ ރުޅިއަރުވައިލިއެވެ. މޭވާ އަޅާ ޓުކުރިން ބްލޫބެރީއެއް ނަގާފައި އޭނަ އަނގަޔަށް ލިއެވެ."ސްވީޓް......."އައިޒަކް ލަވައެއްކިޔާ ރާގަކަށް އެހެން ބުނެލީ އޭނަ ގޮނޑިން ވައްޓައިލެވުމުގެ ކުރިންނެވެ.

"ކުޑަ ސާހަބް..."މަހުމޫދުގެ ދަރިފުޅު އެބަހުރި ބައްދަލުކުރަން އައިސް.." ސާމިރުގެ މޫނު ދޮރުގެ ދޭތެރެއިން ފެނިިލިއެވެ. އެއާއެކު އޭނައަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނީ އައިޒަކް ބިންމަތީގައި އޮތްތަން ފެނިފައެވެ. ހަތަރެސްފައި ދަމާލައިގެން އޮތްއިރު އޭނަގެ ގައިމަތީގައި އަދި ބިންމަތީގައި ބްލޫބެރީ ވިހުރުވިފައެވެ. ގަމީސްވެސް ފޯވެފައިވަނީ ބްލޫބެރީންނެވެ. ސާމިރުގެ ނަޒަރު ދެން ދަތުރުކުރީ އެ ހަމަލާދިންކަމަށް ޝައްކުކުރެވޭ ހަތަރުފޫޓް ދިހަ އިންޗީގެ ކުޑަކުޑަ "ކަލްޕްރިޓް"އަށެވެ. އެމޫނުގައިވަނީ ކިބުރުވެރިކަމެވެ. އެގޭގެ ޝައިތާނީ އަންހެންދަރިއެވެ.

"ކުޑަ ސާހަބު. އެހީއެއް ބޭނުންތޯ؟" ސާމިރު ހާސްކަމާއެކު ސުވާލުކުރީ ހިތްހަމަނުޖެހޭ ނަޒަރަކުން އާވާއަށް ބަލައިލަމުންނެވެ. އާވާ ދަތްތައް ދިލުވައިލީ ސިންގާއެއް އޭތީގެ ޝިކާރައަކަށް ދަތްތައް ހާމަކޮށްލާފަދައިންނެވެ."ކޯނޗެއް ތިބަލަނީ މުސްކުޅިޔާ؟" އާވާ އަޑު ނެރުނީ ކަރުތެރެއިންނެވެ.

"ޢަހަރެންގެ ކޮޓަރިއަށް ވަނުން މަނާ އާވާ. އަހަންނަށް އިތުރަށް ނުފެންނާތި. އަހަރެން ހުވާކުރަން އާވާގެ ބައްޕައަށް ކިޔާދޭނަން ނޫނީ...." އައިޒަކް ހަޅޭއްލަވާފައި ދުމެއްހެން އެތަނުން ނުކުތެވެ.

***

އާވާއާއިހެދި ހެދުން ބަދަލުކުރަން އައިޒަކްއަށް މަޖުބޫރުވިއެވެ. މުށިކުލައިގެ ހަރުވާޅަކާއި ހުދު ގަމީހެއްލައިގެން ކުރުކޮށް ކޮށާލެވިފައިވާ މުށި އިސްތަށިގަނޑު ރީތިކޮށް ފުނާ އަޅާލުމަށްފަހު ނުކުތްއިރު މަޖައްލާއެއްގެ ބޭރުގަނޑުން ނުކުތްފަދައެވެ. އައިޒަކްގެ ޚާދިމް ސާމިރު ދުރުގައި ބަލަން ހުރީ ޝައްކުގެ ނަޒަރަކުން ލޯ ހަނިކޮށްލައިގެންނެވެ. މަހުމޫދުގެ ދަރިފުޅާއި ބައްދަލުކުރަން މިހާ ރީތިކޮށް ހެދުން އަޅައިގެން އައީ ކީއްވެބާވައޭ ސުވާލު އުފެދުނެވެ. ކޮންމެވެސް ކަހަލަ ކަމެއް އެބަ ހިނގައެވެ.

"ސޮރީ ނޯރާ އިރުގަނޑެއްވީމަ..." އައިޒަކް އަތުން ގަމީސް އޮމާންކޮށްލިއެވެ.

"އެކަމާ އެއްވެސް މައްސަލައެއްނެތް... ބައްޕަ ގާތުން އެހިންތަ؟ ޗާޕުކުރެވިދާނެތޯ؟" އުއްމީދުން ފުރިގެންވާގޮތަކަށް އޭނަ ސުވާލުކުރިއެވެ.

"ތަސްވީރު ގެނައިންތަ؟" އައިޒަކް ސުވާލުކުރުމާއެކު ނޯރާ ތަސްވީރު ފޯރުކޮށްލަދިނެވެ.

"ވާއު. ހާދަ ހަގީގަތާއި ވައްތަރޭ. އަސްލުވެސް ހުނަރު އެބަހުރި އިނގޭ." އައިޒަކް ތައުރީފުކުރިއެވެ. އޭނަ މަހުމޫދުގެ މޫނު ހަނދާން އެބަހުއްޓެވެ. މާ ރަގަޅަށްވެސް މެއެވެ. އެއީ އޭނަ އެންމެ ލޯބިވި ޓެކްސީ ދުއްވާ މީހާއެވެ. އެހާ އޯގާތެރި ރަގަޅު ދުވަސްވީ މީހެކެވެ. އޭނަ އެ ދިޔައީ ކޮންތާކަށްހެއްޔެވެ؟

"ސަތޭކަވަރަކަށް ޕޯސްޓަރު ތައްޔާރުކޮށްލަންވީ ދޯ..." އައިޒަކް ސުވާލުކުރިއެވެ.

"ނޫން ނޫން. ސަތޭކަ ހަމަކުރަން މަސައްކަތަކަށްނުވާނެތަ؟ މާ ގިނަ.." ނޯރާ ލޯ ބޮޑުކޮށްލީ ޗާޕުކުރާ މެޝިންތައްވެސް ތަރައްގީވަމުން އައިވަރު އޮޅުން ނުފިލާތީއެވެ. އައިޒަކް ހީގަތެވެ.

"ކަންބޮޑުނުވޭ. މިއަންނަނީ. ދިހަމިނިޓްވެސް ނުވާނެ..." އައިޒަކް ގަޑިއަށް އަވަހަށް ނަޒަރު ހިންގާލާފައި ސިޑިން އަރައިގެން މިސްރާބުޖެހީ އޭނަގެ ބައްޕަގެ އޮފީހަށެވެ. ބައްޕަ ދުރުވަން އަދިވެސް ގަޑިއެއްހާއިރު އެބައޮތެވެ. އެހެންވީމަ މި މަސައްކަތް ފަސޭހަކަމާއެކު ނިންމައިލެވޭނެއެވެ."ވޯންޓެޑް" ޖެހި ޕޯސްޓަރު ތައްޔާރުކޮށްލިއިރު މަހުމޫދު ހޯދި މީހަކަށް ދިހަހާސް ރުފިޔާ ލިބޭނެކަމުގައިވެސް އިތުރުކޮށްލިއެވެ. ތިރިއަށް އައި މަގުމަތީގައި އޭނަ ނޯރާއަށް ދޭން ތައްޔާރުކުރި ހަދިޔާމަތިން ހަނދާންވެ އެބަލާ ދާން ގަސްތުކުރިއެވެ. އެއީ މިފަހުން ނެރުނު ފްލިޕް ފޯނެކެވެ. އެކަމަކު އެއްވެސް ތަނަކުން އެ ފެނުނުކަމަކަށް ނުވިއެވެ." އެމޮޔަ އާވާ...."އައިޒަކް އަމިއްލަ ނަފުސް މައިތިރިކުރަން ފުން ނޭވާތަކެއް ލިއެވެ. ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސައިލުމާއެކު ސިހިފައި ކުއްލިއަކަށް އެނބުރުނެވެ.

"މާމާ..."އައިޒަކް ސިހިފައި އަވަހަށް ޕޯސްޓަރުތައް ފޮރުވަން އަތް ފުރަގަހަށް ލިއެވެ.

"ކޮބާ މަންމަ؟ އަހަރެމެން މިހާރު ތިބޭނީ މޯލްގައޭ ބުނިގޮތަށް ވިނަމަ. ހީވާގޮތުން ވަރަށް ސިހިއްޖެ. ކޯނޗެއް ތިފޮރުވީ؟" ޒައިނަބުގެ އަތުގައި އޮތް ރަން އުޅާއެއް ރަގަޅުކޮށްލަމުން އެހިއެވެ.

"އޯ...އަހް.....އަޅުގަނޑު ނޯރާއަށް އެހީވަނީ. އޭނަ ބޭނުންވަނީ ބައްޕަ ހޯދަން. އެހެންވެ މި ޕްރިންޓްކޮށްފައި މަގުގައި މި ޕޯސްޓަރުތައް ހަރުކުރަން."އައިޒަކް އެ ޕޯސްޓަރުތައް ދެއްކިއެވެ.ޒައިނަބު އެ ތަސްވީރުގައި ބީހިލީ ނިކަން މަޑުމަޑުން އޯގާތެރިކަމާއެކުގައެވެ." ހީވަނީ ހަމަ މަހުމޫދު މިތާހުރެގެން ހިނިތުންވެލާހެން.."ޒައިނަބުގެ އަޑަށް މޮޅިވެރިކަމެއް އައެވެ." ވަރަށް ރަގަޅު ނޯރާއަށް އެހީވީމަ. އައިޒަކް. އެކަމަކު ފަރުވާތެރިވާތި. ލިޓްލްވަން..މާމަމެންނަށް ނޭގޭ އަދި މަހުމޫދުއަށް ދިމާވި ކަންތައްގަނޑެއް. އަދި މަހުމޫދު މުޅި ދުނިޔެއަށް ފިލައިގެންގޮސް ކުރަނީ ކޮން މަސައްކަތެއްކަމެއްވެސް ނޭގޭ."

ޒައިނަބު އަޑު މަޑުކޮށްލިއެވެ.

"ނޯރާގެ ބޭބެއާއި ބެހޭގޮތުންވެސް ފާޑުފާޑަށް ވާހަކަދެކެވޭ."

އައިޒަކް އެއްވެސް ޖަވާބެއްނުދީ މަޑުމަޑުން ބޯ ޖަހައިލީ އަދަބުވެރިކޮށެވެ. މާމަ އެފަދަ ކަންތައްތަކާއ ވިސްނުމަކީ އާއްމުކަމެއްކަން އޭނަ ދަނެއެވެ. އެކަމަކު އޭނައަށް އެނގެނީ މަހުމޫދަކީ ގޯސް މީހެއް ނޫންކަމެވެ. އަދި އޭނަގެ ދަރިފުޅު ނޯރާވެސްމެއެވެ.

ނޯރާއަށް އެ ޕޯސްޓަރު ފެނުމާއެކު ލޯ ބޮޑުވިއެވެ."ދިހަހާސް ރުފިޔާ؟ އަހަރެންގެ އަތުގައި އެހާ ފައިސާއެއް ނެތް..." މިސާލަކަށް އަދި މީހަކު އޭނަގެ ބައްޕަ ހުރިތަނެއް ހޯދަދިން ކަމުގައިވިޔަސް އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ދިނުމަކީ އެކަަށީގެންވާ ކަމެއް ނޫނޭ އޭނަގެ ހިތަށް އެރިއެވެ.

"އެކަމާއި ކަންބޮޑުނުވޭ. އަހަރެން ފައިސާ ހަމަޖައްސާނަން.."

"އެއީ ކީއްވެތަ؟ އަހަންނަށް އައިޒަކްގެ ފައިސާއެއް ނުނެގޭނެ...." ނޯރާ އަވަހަށް ބުނެލިއެވެ.

"ލުކް. ނޯރާގެ ބައްޕައަކީ އަހަރެމެންގެ ގޭގައި ގިނަ ދުވަހު މަސައްކަތް ކުރި ވަފާތެރި މުވައްޒަފެއް. އެއް ޒަމާނެއްގައި. އޭނަ އަދި ވަޒީފާ ދޫކޮށްލިޔަސް. އަދި އޭނަ ގެއްލިއްޖެއްޔާ އަހަންނަށްވެސް އޭނަ ހޯދުމުގައި އެހީތެރިވެވިދާނެ.."

"ނޫންތަ ނޯރާ؟އަހަރެންގެ އާއިލާ ފުރިހަމަ އެއްބާރުލުން ދޭނެ، އަދި އަހަރެންގެ ފައިސާ އަތުލަނީ ކަމަށް ދެކެންޏާ ފަހުން އަހަންނަށް އެ ފައިސާ އަނބުރާ ދެއްކިދާނެ. ބައްޕަ ފެނުނީމަ...ޑީލް؟"

ނޯރާ އައިޒަކްއަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް އޭނައަށް އިހުސާސްކުރެވުނީ އައިޒަކް އޭނައަށްވުރެ ދުވަސްވީކަމުގައެވެ. ސަބަބަކީ އޭނަގެ އަޑުގައި އެހާވެސް ހަރުކަން ހުރީމައެވެ. އެ ބޮޑާ ބާރަ އަހަރުގެ ފިރިހެންކުއްޖާ މިހާ ހިތްހެޔޮ ޒުވާނެއްގެ ގޮތުގައި ފެނިދާނެކަމުގައި ހީކުރާނީ ކާކުހެއްޔެވެ؟

"ޑީލް...." ނޯރާ ދާންވެގެން އެނބުރުނެވެ. އޭގެ ކުރިން ހިނިތުންވުމެއް ދިނެވެ.

"ހޭއި ނޯރާ.." އައިޒަކް ގޮވައިލިއެވެ.

"ހޫމް؟" ނޯރާ އެނބުރުނެވެ.

"އަހް....މާދަން ފްރީވާނެތަ؟ސްކީ ރިޒޯޓަކަށް ޓްރިޕެއްގައި ދާން. އަހަރެން އާއިލާއާއެކު ވީކެންޑްގައި ދާންވެގެން. އަދި ނޯރާ ބޭނުމިއްޔާ ދަންނަ އަންހެން ކުދިންވެސް ގެނެވިދާނެ. މިބުނީ އެކުވެރިން....އަދި ކޮންމެހެން އަގު ނުދިނަސް އޯކޭވާނެ...."

ނޯރާ ކުޑަކޮށް ހީލިއެވެ." ތި ލޯބި އޮފާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމަކު ތި އާއިލާއާއެކު ދިޔުމަކީ ވިއާޑް ކަމަކަށް ނުވާނެތަ؟ އަދި އަހަރެންވެސް އެހާ ކޮމްފޮޓަބްލްއެއް ނުވާނެ...." ނޯރާ އަދަބުވެރިކަމާއެކު އެކަމުން މަނާވެގަތެވެ. މި ގުޅުމުގައި އެހެން ކުލައެއް ޖެހޭނީ ކޮން ދުވަހަކުން ހެއްޔޭ އައިޒަކް ހިތާ ހިތުން ސުވާލުކުރިއެވެ.

***

ކައިލް ބަހުގެ އެންމެ ފަހަތު ސީޓުގައި ޖައްސައިލިއެވެ. އޭނަ ލައިގެން އިނީ ދިގު ކަޅުކުލައިގެ ކޯޓެކެވެ. އޭނަ އެގޮތަށް "ހަންޓް"އަށް ދާފަހަރު ވިއްޔާ އޭނަ ބޭނުންކުރަނީ އެ ކޯޓެވެ. އޭނަގެ މިޝަންގައި ދާ ދިޔުމަށް އޭނަ ދީފައި އޮންނަ ނަމަކީ" ހަންޓް"އަށް ދިޔުމެވެ. އޭނަގެ މަންމަގެ ގާތިލުން ހޯދަން ދިޔުމަށް ގުޅޭ ނަމެކެވެ. އޭނަގެ ޑެނިމް ޖިންސާއިއެކު ކަޅުކުލައިގެ ސްވެޓާގެ އިތުރުން ހުދުކުލައިގެ ގަމީހެއްވެސް ލައިގެން ހުރީ ކޮންމެހެން ފިނިވެގެނެއް ނޫނެވެ. ފުލުހުންގެ ފަރާތުން ސަލާމަތްވާން ޖެހޭ ދަނޑިވަޅެއް އަންނަ ހާލަތެއްގައި ހެދުން ބަދަލުކުރަންވެސް ޖެހިދާނެއެވެ. އޭނަ ސީޓުގައި އިށީދެގެން އިންއިރު ގިނަ މީހުންގެ ނަޒަރު އޭނަގެ ފައިތިލައަށް ހުއްޓޭކަން ފާހަގަވިއެވެ. އެއީ އަލަށް ވާ ކަމެއް ނޫނެވެ. މި ޒުވާނާ ފިނިން ސަލާމަތްވާން އިސްޓާކީނަށް ނާރާތީ އެންމެންވެސް އެކަމާއިމެދު ވިސްނަނީއެވެ. ކައިލް އޭނަގެ އަތުގައި އޮތް ކަރުދާސްގަނޑަށް ބަލައިލިއެވެ. އަލްޔަސް ދިން އެޑްރެސްތަކެވެ. އަދި ތިން ތަނަށް މަޑުކުރުމުން މިރޭގެ ކަންތައް ނިމުނީއެވެ.

ބަހުގައި ވި އަންހެނަކު އޭނަގެ އެކުވެރިޔާގެ ގައިވާ އުޅަބޮށިން ކޮށްޓާލުމަށްފަހު ސިއްރުން އެއްޗެކޭ ބުނެލައިފިއެވެ. އަދި ދެމީހުންވެސް އަނެއް ފަރާތަށް ބަލައިލީ ކައިލްއާއި ދިމާލަށެވެ.

"އޭނަ ރީއްޗެއް ނޫންތަ؟"

"އެކަމަކުވެސް ބިރުވެރި. އެކަހަލަ މީހަކާއެކު އުޅޭކަށް ލާހިކެއްނޫން..." އަނެއް ކުއްޖާ ބުނެލީ ތަންކޮޅެއް ބާރަށެވެ.

"އޭނަ އަތަށް ލައްވަނީ ކޯންޗެއްތަ؟"

ކައިލް އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ އަތަށް ލެދާ އަންގި ލައްވައިފިއެވެ. އޭނަ ނޫނީ އަނެއް ތިންމީހުން ކުރެން ބަޔަކު މިރޭ ދުނިޔެއާއި ވަކިވާނެއެވެ.

ކޮމެންޓް 0