" އެންމެންގެ އީމާންކަމަކީވެސް މައްޗަށް ގޮސް ދަށަށް ދާ އެއްޗެކެވެ. އަދި އަހަރެމެން އެންމެންވެސް ކުށްތަކާއި ފާފަތަކަށް އަރައިގަންނަމެވެ. އެންމެ ރަގަޅު ފާފަވެރިންނަކީ ފާފަކޮށްފައި ތައުބާ ވާ މީހުންނެވެ."

***

ނާޔަލް ކައިލްއަށް ނަޒަރު ހުއްޓައިލިއެވެ. އޭރު އޭނަގެ މޫނުމަތީގައިވަނީ އުފަލާއެކު ސިހުމުގެ ކުލަވަރެވެ.އޭނަ މަޑުމަޑުން ބުނެލި ޖުމްލައިން ކައިލްއަށްވެސް ލިބުނީ ހައިރާން ކަމެކެވެ.

"ހީވާގޮތުން ބައްޕަ ދުނިޔޭގައި އެބަހުރި..."

"އަހަރެން ކުޑަކޮށް ރިސާޗެއް ހަދައިލުމުން މި މެއިލް ލިބުނީ ކޮންތަނަކުން ކަން އޮޅުން ފިލައިފި..." ނާޔަލް ކޮޅަށް ތެދުވަމުން ކޮމްޕިއުޓަރާއި ދުރަށް ދިޔައެވެ." އެ ނިސްބަތްވަނީ ދިވެހި ރާއްޖޭގެ ކޮންމެވެސް ޖަމްއިއްޔާއަކަށް ....."

"މޯލްޑިވްސް؟" ކައިލްގެ މޫނަށް ވެރިވެގެން ދިޔަ ހައިރާންކަމާއެކު އޭނައަށް އަނެއްކާވެސް ނަޒަރު ހުއްޓައިލެވުނީ ސްކްރީނަށެވެ. މިއީ ހަގީގަތުގައިވެސް މަހުމޫދުގެ މެއިލްއެއް ބާވައެވެ.

"އަހަރެމެންނަށް ބައްޕަ ހުރިތަނެއް ހޯދިއްޖެއްޔާ ކައިލްގެ މަންމަ އެހާ އަނިޔާވެރިގޮތަކަށް މަރައިލި މީހުން އެނގޭނެ. އޭރުން ހުރިހާކަމެއް ހައްލުވެދާނެ. އަދިވެސް މިހެން ބުނާނަން. އެކަމަކު ޓްރަސްޓްމީ. ބައްޕަ އެއްވެސް އިންސާނަކު މަރައެއްނުލާނެ. ބައްޕައަކީ ގާތިލެއް ނަމަ މިގޮތަށް އާޖެންޓް މެސެޖެއްވެސް ނުފޮނުވާނެ. އަހަރެން ގާތު ނޯރާ ބަލަހައްޓަން ނޭދޭނެ...."

"އެއީ ބައްޕަކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮތީ؟ އެއީ ކޮންމެ މީހަކަށްވެސް ވެދާނެ...." ކައިލް އަތް މޭގައި ހުރަސްކޮށްލިއިރު މޫނުގައިވަނީ ފިކުރުކުރާކަމެވެ. އޭނަގެ ޟަމީރު ބުނަނީ އެ މެއިލްއަކީ ޔަގީނުންވެސް މަހުމޫދު ފޮނުވި އެއްޗެއްކަމުގައެވެ. އެކަމަކު އެހާ ފަސޭހައިން އެކަން ގަބޫލުކުރަން ބޭނުންނުވީއެވެ. އެންމެ މެއިލްއެއްގެ މައްޗަށް އޭނަގެ ހުރިހާ އުއްމީދުތައް ބަރޯސާ ކުރިޔަދީގެން ނުވާނެއެވެ. އެއީ ކާކުގެ މެއިލްއެއްކަން ޔަގީންކުރަން އޭނަ ބޭނުމެވެ. މަހުމޫދު ދިރިހުރެއްޖެއްޔާ އޭނަގެ މަންމަ މަރައިލީ ކާކުކަން ވީހާވެސް އަވަހަށް ހޯދަން އޭނަވެސް ބޭނުންވާނެއެވެ. މަހުމޫދު ދުނިޔޭގައި ހުރެއްޖެއްޔާ ހުރިތަނަކުން އޭނަ ހޯދާނެއެވެ.

"ނާޔަލް. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތު ނުބުނައްޗޭ. ނޯރާ ގާތުވެސް... މިއީ މަހުމޫދުކަމަށް ވަންޏާ އަހަރެން ހޯދާނަން...."

އައިނުގެ ފަހަތުން ފެންނަ ނާޔަލްގެ ގަދަ މުށިކުލައިގެ ދެލޮލުން ކައިލްއަށް ނަޒަރު ހުއްޓައިލީ އުއްމީދުން ފުރިގެންވި ގޮތަކަށެވެ.

"ކިހިނެއް ހޯދާނީ؟"

"އަހަރެން އެތަނަށް ގޮސްގެން އަމިއްލައަށް ހޯދާނީ...."

"ރާއްޖެއަށް ހަމަ.....ދާނީތަ؟" ނާޔަލް ލޯ ބޮޑުކޮށްލުމުން ކައިލް ކޮނޑު އަރުވައިލިއެވެ.

" ނާޔަލް ނަމަ ކިހިނެއް ހަދާނީ؟ އެހެން މެއިލްއެއްގެ އިންތިޒާރުގައި ހުންނާނީތަ؟ އަންނާނެ ދުވަހެއް ނޭގުނަސް.."

"އަހަންނަށް ފްލައި ނުކުރެވޭނެ. ޕާސްޕޯޓް ހިފަހައްޓާފައި އޮންނަތާ ދުވަސްގަނޑެއްވެއްޖެ. ޖަލަށް ލީ މައްސަލައާއި ގުޅިގެން...." ނާޔަލްވެސް ކައިލްއާއެކު ދާހިތުން މަރުވާވަރުވިއެވެ. އޭނަވެސް ބައްޕަ ދުނިޔޭގައި ހުއްޓާ ދެކެން ބޭނުމެވެ. އޭނަގެ ހިތަށް ވެރިވެފައިވާ މާޔޫސްކަމާއި ނުތަނަވަސްކަމަށް ނިމުމެއް އަންނާނީ އޭރުންނެވެ.

"ކޮންމެވެސް ދުވަހަކުން ރާއްޖެ ދާން ނިންމައިގެން ހުރީ. މާމަ އެންމެ ފަހަރަކުނަމަވެސް މާމަގެ އުފަން ބިމަށް ޒިޔާރަތްކުރަން ބޭނުންވޭ. މިހާ އަވަސްކުރަން ޖެހިދާނެކަމަށް ހިޔެއް ނުކުރަން އެކަމަކު ޝަކުވާ ކުރަނީއެއްނޫން އިނގޭ." ކައިލް ނާޔަލްއަށް ޔަގީންކޮށްދޭން ބޭނުންވީ އެ ދަތުރަކީ އޭނައަށް ބުރައަކަށް ވާނެ ކަމެއް ނޫންކަމެވެ. މަހުމޫދު ހޯދުމުގެ މިޝަން އަދި ނާކާމިޔާބު ވިކަމުގައި ވިޔަސް އެންމެ ކުޑަވެގެން މާމަ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވެފައިވާތީ އެ ކަންތައް ފުރިހަމަކޮށްދެވޭނެއެވެ.

ނާޔަލް އެތައް ފަހަރު ކައިލްއަށް ޝުކުރުވެރިވިއެވެ. އިންތިހާ ދަރަޖައަށް އެ ހިތް ޝުކުރުން ފުރުނެވެ. އެއީ ބައްޕަގެ ފަރާތުން ލިބުނު މެސެޖެއްކަން އޭނައަށް ޔަގީނެވެ. އެއްވެސް މީހަކަށް ނޯރާއާއިމެދު އިތުބާރުނުކުރަން ބުނާނީ އެހެން ކާކުހެއްޔެވެ؟ އަދި އެ މެއިލް ރައްދުވަނީވެސް ދިވެހިރާއްޖޭގެ ޖަމްއިއްޔާއަކަށެވެ. މަހުމޫދަކީ ދިވެއްސެކެވެ. އެއީ އެންމެ ބޮޑު ހެއްކެވެ.

އެރޭ ކައިލް އޭނަގެ މާމަ ގާތު އޭނަ ރާއްޖެއަށް ޒިޔާރަތްކުރަން ނިންމި ވާހަކަ ބުނެލިއެވެ. މާމަ އުފަލުން ފުރުނެވެ.

"އޯ ކައިލް މާމަގެ ލޯބި ދަރިގަނޑު. މާމަ ފަހަރެއްގައިވެސް ހީނުކުރަން މާމަގެ ގެއަށް އަނބުރާ ދެވޭނެކަމަށް..." ޒާފިރާގެ ލޮލުން އައި ކަރުނައިގެ ތެރެއިން ކޮށިއަރާ ގޮތްވެފައި ބުނެލިއެވެ. އެލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

"ފާތިމާ. އަވަހަށް އަހަރެން ޕެކްކުރަން އެހީވެދީ...." ޒާފިރާ އަވަސް އަރުވާލާފައި ޚާދިމާއަށް ގޮވާލައިފިއެވެ. އެ އަޑުގައި ޖޯޝް އެކުލެވުނެވެ. މިސްރުގެ އެ ޚާދިމާވެސް އެވަގުތު ހާޟިރުވިއެވެ. މާމަގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ޚާދިމާއަށްވެސް އުފާވެރިކަން އިހުސާސްކުރެވުނެވެ.

"މާމާ. އެހާ އެކްސައިޓްވެފަތަ؟" ކައިލް މާމަގެ ހިނިތުންވެފައިވާ މޫނަށް ބަލައިލަމުން އެހިއެވެ. މާމަ އެހާވަރުން ރާއްޖެ ދާހިތުން އުޅޭކަން އެނގުނުނަމަ ލަސްނުކޮށް މާ ކުރިން ގެންދިޔައީހެވެ. ޒާފިރާ ބޯ ޖަހައިލިއިރު ހިނިތުންވުން ފުޅާވިއެވެ.

"މިއީ މާމައަށް ލިބުނު އެންމެ ރަގަޅު ހަދިޔާ.."

"އެ ގައުމަށް އެހާ ދާ ހިތްވާ ވާހަކަ މާމަ ނުބުނީ ކީއްވެތަ؟" ކައިލް ބުމަ އަރުވައިލަމުން ސުވާލުކޮށްލީ އަމިއްލަ ނަފުސާއިމެދު ހިތާމަކުރަމުންނެވެ. މާމަ އެވަރުން އަމިއްލަ ގައުމަށް ދާހިތުން އުޅުނުއިރު އޭނައަށް އެކަން ދެނެގަތުމުގައި ކާމިޔާބު ނުކުރެވުނުކަމަށްޓަކައެވެ. ވިސްނައިލުމުން އޭނަގެ މާމައަކީ ދިވެއްސަކަށް ވީހިނދު އޭނަ ދުވަހަކު ނުދެކޭ ތަނަކާއި އޭނަވެސް ގުޅުން އެބަހުއްޓެވެ. ނަމަވެސް ޒާފިރާގެ ފިރިމީހާ ޔޫރަޕް ދަރިކޮޅު މީހަކަށް ވުމުން ކައިވެންޏަށްފަހު ސްވިޒަލެންޑަށް ދިރިއުޅުން ބަދަލުކޮށްލީއެވެ. އެވެސް އަނާލިއާ ވިހެއުމަށްފަހު އަހަރުތަކެއް ފަހުންނެވެ. އަނާލިއާ އުޅެބޮޑުވީ ސްވިޒަލޭންޑްގައި ކަމުން އުފަންވި ގައުމަށް އެހާ ވަރުން ދާކަށް ބޭނުމެއްނުވިއެވެ. އެކަމަކު ކައިލް ޝައުގުވެރިވިއެވެ. މާމަ އުޅެބޮޑުވި ގައުމު އެނގި ދެނެގަންނަން ބޭނުންވިއެވެ. އެއީ މާމަގެ ގެ ލޯބިވެރިޔާއާއި ދިމާވިތަނެވެ. އަދި އޭނަގެ މަންމަގެ އުފަން ބިމެވެ. އެގައުމަށް ދެވުނު ޝައުގު ފުންވިއެވެ. އެއީ މާނައެއްނެތް ދަތުރަކަށް ވެގެނެއް ނުދާނެއެވެ. އެއީ ހަގީގީ މެއިލްއަކަށް ވިޔަސް ނުވިޔަސް މެއެވެ.

ކައިލްއާއި މާމަ އަދި ޚާދިމާގެ އިތުރުން މިކާލްއަށްވެސް ޓިކެޓް ނަގާ ދަތުރަށް ތައްޔާރުވާންފެށިއެވެ. ކައިލް ނެތުމުން ވިޔަފާރީގެ ކަންތައްތައް ބަލަހައްޓަން އިސްހާގު މަޑުކުރީއެވެ. ސިމްބާވެސް އިސްހާގުގެ ހަވާލުގައި އެގޭގައި ބޭއްވިއެވެ. ރާއްޖެއަށް ކުރާ ދަތުރު ދިގެއްނޫނެވެ. އެންމެ ފަސް ދުވަހެވެ.

 

***

"އިސްހާގު. އަހަރެމެން ސަނީ ޕެރެޑައިސްއަށް ދާތީ އިސްހާގު ޖެލަސްވާނެކަމާއިމެދު ޔަގީން. މި ކަށިވެސް ގަނޑުވާފަދަ ފިނިމޫސުމްގައި މިތަނުގައި ހުންނަންވީމަ..." މިކާލް ފޮނިކެނޑީ އޭނަގެ ލަގެޖްތައް ދަމަމުން ގެއިން ނިކުންނަމުންނެވެ. އިސްހާގު ހިނިގަނޑެއް ޖަހައިލިއެވެ. ކައިލްއާއެކު މިކާލް ގެންދަން ދައުވަތު ދިނުމަށް އެދުނު މީހަކީވެސް އިސްހާގެވެ.

"މިކާލްއަށް އަދިވެސް ބޮޑެތި މީހުންނާއި އަދަބުވެރިކޮށް ވާހަކަދައްކަން ދަހެއްނުވޭ. ކިތައްފަހަރު ބުނާނީ އަންކަލް އިސްހާގު ކިޔާށޭ. އަދި ނުދެވުނީމަ އަހަރެން ދެރަވާންވީ ކީއްވެތަ؟ އެހުރިހާ ސަނީ ޕެރެޑައިސްއެކޭ އެއްވަރަށް މިގޭތެރެވެސް ހީފިލާވަރަށް ހޫނުވިއްޔަ." އިސްހާގު ދޮރުކައިރީގައި އޭނަގެ އަސާގެ މައްޗަށް ބުރަވެގެން ހުއްޓެވެ.

"ބިންޔާމިން. ޖެލަސްވެފައި.ނޫންތަ؟" މިކާލް ބިންޔާމީނަށްވެސް ހިނިތުންވުމެއް ދިނެވެ. އޭނަ އަދަބުވެރިގޮތަކަށް ބޯ ޖަހައިލިއެވެ.

"އަޅުގަނޑު މިގެދެކެ ފުދޭވަރަކަށް ގަޔާވޭ. އަދި މިތަނުގައި ދިރިއުޅެން ވަރަށް އުފާވެ ހިތްހަމަޖެހޭ ސާހަބް ކައިލްގެ އިންތިޒާރުގައި ހުންނަން..."

"ކަލޭމެން ދެން އެއްވެސް މަޖާކުރުމެއް ނެތެއްނު. އަހަރެމެން މިދަނީ މަޖާކޮށްލަން. ދޯ ކައިލް....." ކައިލް ސިޑިން ތިރިއަށް އަންނަތަން ފެނި މިކާލް އެހިއެވެ. ފާތިމާވެސް ޒާފިރާގެ ފުރޮޅުލީ ގޮނޑިދުއްވަމުން މަޑުމަޑުން އައެވެ. ފާތިމައަކީ ފިރިމަރުވެފައިވާ މެދުއުމުރުގެ މިސްރު އަންހެނެކެވެ. މައިވަންތަކަމާއެކު ހިތްހެޔޮކަމެއް ލިބިފައި އަދި ޒާފިރާއަށް ވެވުނު އެންމެ ރަގަޅަށް ޚިދުމަތްކުރާ އަންހެނެކެވެ. އަދި މުސްލިމަކަށް ވުމުން އިތުރު ޕޮއިންޓެއްވެސް ލިބެއެވެ.

"ޓޭކް ކެއަރ އޮފް ޔޯ ސެލްފް ކައިލް.." އިސްހާގު ހިނިތުންވެލިއެވެ." ހޭވް އެ ލަވްލީ ޓައިމް މަދާ...." އިސްހާގު ޒާފިރާގެ ކޮނޑުގައި މަޑުމަޑުން ފިރުމައިލިއެވެ. ޒާފިރާ ހިނިތުންވެލިއެވެ." އައި ޝުއަރ ވިލް ސަން...ރަގަޅަށް ކާތި އަދި ބޭސް މަތިން ހަދާން ނައްތައިނުލާ ގަޑިން ބޭސްކާންވާނެ އިނގޭ"

ކައިލްއާއި އިސްހާގަށް ނަޒަރު ބަދަލުކޮށްލެވުނެވެ. އިސްހާގު ޒާފިރާއަށް މަންމަ ކިޔައިފިއްޔާ މަޖަލަށް ހަދައިގެން ނަމަވެސް ޒާފިރާ އެކަން ރަގަޅުކޮށްދެއެވެ. އެކަމަކު މިހާރު މަޑުމަޑުންގޮސް އެކަމަށް ހޭނިއްޖެކަމުގައި ފެނެއެވެ. ޒާފިރާގެ ޖުމްލަތަކުން އިސްހާގަށް ކިހާ ބޮޑު އެއްޗެއްކަން ކައިލްއަށް އެނގުނެވެ. އިސްހާގުގެ ހިތަށް އުފާވެރިކަމާއި ހޫނުކަން އިހުސާސްވިއެވެ. ޒާފިރާ އެންމެފަހުން އޭނަ ދަރިއެއްގެ ގޮތުގައި ބަލައިގެންފިކަން ދެކެން އަނާލިއާ ހުރިނަމައޭ ހިތަށް އެރިއެވެ. އެތައްއަހަރުތަކެއް ފަހުންވެސް މެއެވެ.

"ހޭއި ހޭއި ނޯ ހަގްސް އިސްހާގު. މިދަނީ އެންމެ ފަސް ދުވަހަށް. ތިހާ ޖަޒުބާތީ ވަކިވުމަކަށް ނަހަދާ.."މިކާލް އެހެން ބުނެފައިވެސް ބާރަކަށް ބައްދައިލިއެވެ. އޭނަގެ ބޮޑުބޭބެއަކީ މާބޮޑަށްވެސް ޖަޒުބާތީ މީހެކެވެ.

އެންމެން ކާރަށް އެރި ވަގުތު ޒާފިރާ ކުއްލިއަކަށް ކަމެއް ހަނދާންވިއެވެ."ކައިލް... މާމަ ކޮންމެހެން ޒިޔާރަތްކުރަން ޖެހޭ މީހަކު އެބަހުރި."

"މިހާރު؟" ކައިލް ފަހަތަށް ބަލާލާފައި އަނެއްކާ މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އަދި ކާރު ގެ ދުވެލި ލަސްކޮށްލައިފިއެވެ."މާމާ...ކާކުތަ؟"

 

 

***

ނޯރާ މޯޅިއަކަށް ދެމިލިއެވެ. ރޭ އޭނައަށް ހަމަ ނިދި ނުލިބުމުގެ ސަބަބުން އޭނަ ގެ ތަބީއަތު އަދި މުޅިން ހަމަޔަކަށް ނޭޅެއެވެ. އެވަރުން ނުވެގެން އަރިދަފުސް ރޯގާ ޖެހި ދޭތެރެއަކުން ގަދަޔަށް ކެއްސައިގަތެވެ. މަސައްކަތްކުރަން ލާ ހެދުމާއި ސާޖިކަލް މާސްކު އެޅުމަށްފަހު ހޮސްޕިޓަލުގެ ކޮފީ ޝޮޕާއި ދިމާލަށް ހިނގައިގަތީ ރައުންޑް ފެށުމުގެކުރިން ކޮފީއަކުން އޭނަ ހޭލެއްވުމަށެވެ.

"ނޯރާ...." ފުން އެކަމަކު މަޑު މަޑު އަޑެކެވެ. އާއްމުކޮށް ނީވޭފަދަ ހިތްދަމައިގަންނަފަދަ ގޮތެއް އެ އަޑުގައި އެކުލެވެއެވެ. ނޯރާއަށް ފަހަރެއްގައިވެސް ނޯޅޭނެ އަޑެކެވެ. އަވަސް ހަރަކާތަކާއެކު އެނބުރުނީ އެ އަޑުގެ ވެރިޔާ ދެކޭހިތުންނެވެ. އެކަމަކު ކައިލްއާއެކު އޭނަގެ މާމަ ހުރެދާނެކަމަށް ނޯރާ ފަހަރެއްގައިވެސް އުއްމީދެއް ނުކުރެއެވެ. ނޯރާ ކޮފީތަށި ހިފައިގެން ނުކުމެފައި ކިޔާނެ އެއްޗެއްވެސް ނޭގުނެވެ. އިރުކޮޅެއްވާންދެން ބަސް ހުއްޓިފައި ހުރެވުނެވެ. ސަބަބަކީ ކައިލް އޭނަގެ މާމަ ގޮވައިގެން ހޮސްޕިޓަލަށް އަތުވެދާނެކަމަށް އުއްމީދު ނުކުރާތީއެވެ. ޒާފިރާ ނޯރާ ގާތުވަނީ ކައިލް ހޮސްޕިޓަލްތައް ދެކެ ނަފްރަތުކުރާ މިންވަރު ހާމަކޮށްދީފައެވެ.

"އުދަގޫކުރެވުނު ކަމަށްޓަކާ މާފަށް އެދެން. އެކަމަކު އަހަރެމެން ފުރުމުގެ ކުރިން މާމަ ކޮންމެހެންވެސް ބައްދަލުކޮށްލަން ބޭނުންވީ...." ކައިލް ބުނެލިއެވެ. ނޯރާއަށް އިސްއުފުލާ ކައިލްގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. އޭނަ މާސްކު އަޅައިގެން ހުއްޓާ ކައިލް އޭނަ ދެނެގަތްގޮތާއިމެދު ހައިރާންވެ އެކަމާއިމެދު ނޫނީ އެވަގުތު ނުވިސްނުނެވެ.

"ކިހިނެއް އަހަރެން ދެނެގަނެވުނީ؟" ވިސްނުމަކާއި ނުލައި އެ ސުވާލުކޮށްފައި ދުލުގައި ދައިގަނެވުނެވެ.

"މިތަނުގައި ހުރި ބުރުގާ އަޅާ އެކަނި ފަރާތަކީ ތިއީކަމަށް އެނގިފައި އޮތީ." ކައިލްގެ މޫނުން ސަމާސާގޮތެއްވެސް ފެނުނެވެ. ހުރިތަނަށް ގެނބި ގެއްލޭނެ ނަމައޭ އެވަގުތުކޮޅު ނޯރާގެ ހިތަށް އެރިއެވެ. މާސްކުން އޭނަ ރަކިވީވަރު ފޮރުވާދިންކަމަށްޓަކާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.

"ކައިލް މާމާ....މިއަދު އެޕޮއިންޓްމެންޓެއް އޮތީތަ؟" ނޯރާ ފުރޮޅުލީ ގޮނޑިކައިރިއަށް ތިރިވެލަމުން ޒާފިރާގެ އަތުގައި ހިފެހެއްޓިއެވެ. ޒާފިރާ ނޯރާގެ އަތުގައި ފިރުމަމުން ހޭންފެށިއެވެ."މިފަހަރު މިއައީ ނޯރާގެ ޕޭޝަންޓެއްގެ ގޮތުގައެއްނޫން. ދަތުރަކު މިދަނީ. މިހަފްތާގެ އެޕޮއިންޓްމެންޓަށް ނާދެވޭނެ ވާހަކަ ބުނަން މިއައީ.."

"އަސްލުވެސް؟ ކިހާ ދުވަހަކަށް ދަނީ؟" ނޯރާ ސުވާލުކުރިއެވެ.

"އެންމެ ފަސް ދުވަހަށް އެހެންވީމަ އަނެއް ހަފްތާއަށް އެޕޮއިންޓްމެންޓް ހަދާލާނީ ދޯ....އެގޮތް ރަގަޅުވާނެ."

ނޯރާ ހިނިތުންވެލިއެވެ. ޒާފިރާމެން ދަނީ ކޮންތަނަކަށް ތޯ އަހަން ބޭނުންވިޔަސް ޒާތީ ސުވާލެއްކަމުގައި ފެނުނެވެ. ކައިލް އެހާ ގާތުގައި ހުރުމުން އެ ހިތްވަރު ނުކުރެވުނީއެވެ.

"މާމަ ކޮންމެހެންވެސް ބައިވަރު ސޮވެނިއާސް ގެންނާނަން. އެ ހަދިޔާ ލިބުނީމަ ސަޕްރައިޒްވާނެ..."ޒާފިރާ އުފަލުން ފޮޅިފައި އިންކަން ނޯރާއަށްވެސް އެނގުނެވެ.

"އަހަންނަށް؟ އިޓްސް އޯކޭ...ކޮންމެހެން އެއްޗެއް ނުގެނަޔަސް.........."

"ތީ ކޮން ފާޑެއްގެ ވާހަކައެއް ނޯރާ. ތިއީ މަގޭ މާމަ ދަރިއެއްފަދަ ކުއްޖެއް.." ޒާފިރާގެ ހިނިތުންވުން ފަނޑުވިތަން ފެނުމާއެކު ނޯރާ އަވަސްއަވަހަށް ލަފުޒުތައް ބަދަލުކޮށްލިއެވެ."ވަރަށް އުފާވާނެ...ބައިވަރު ހަދިޔާ ގެންނައްޗޭ."

ނޯރާ ޒާފިރާގެ ހަށިގަނޑުގައި ބައްދައިލަމުން މަޑުމަޑުން ބުނެލިއެވެ." އުފާވެރި ރައްކާތެރި ދަތުރަކަށް އެދެން. މާމާ...فی امان اللہ.."

 

***

އާދަނު ފުދޭވަރަކަށް ކާށިތެޔޮ ލުމަށްފަހު އިސްތަށިގަނޑު މެދުން ބައިކޮށްފައި ފުނާ އަޅައިލިއިރު ޖޯޝާއެކު މަޑުމަޑު ރާގެއް އަޅުވަމުން ދިޔައެވެ. ވަށްކޮށް ހުރި ލޯގަނޑު ކުރިމަތީގައި ހުރެ ކޮންމެ އިސްތަށްޓެއްވަކިން ރީތިކޮށް ބަހައްޓަން އިސްކަންދިނެވެ. އޭނަ އަރައިގެން ހުރި ޕޮލިޝްކޮށްފައިވާ ބޫޓަށްވުރެ އިސްތަށިގަނޑުގެ ކަޅުކަން ގަދަވެފައި ވިދުން ގަދައެވެ. ޖަމީލާ ރީތިކޮށް އިސްތިރިކޮށްފައިވާ ހުދުކުލައިގެ ގަމީހެއް ގެނެސްދީފައި ޗުސް ކަނޑައިލިއެވެ.

"ކިހާ އިރެއްވާންދެން ލޯގަނޑުކައިރީގައި ފަރި ބަލަން ހުންނާނީ؟"

"ޖަމީލާ ހަމަޖެހިބަލަ. މިއަދު ބޮޑު މުނާސަބާތެއް އެބައޮތް..." އާދަނު ހިނިތުންވެލިއިރު މޫނުވެސް ވިދައެވެ. ޖަމީލާ ޝައްކުން ފުރިގެންވާ ނަޒަރަކުން ބަލަން ހުއްޓެވެ. އޭނަގެ މޮޔަ ފިރިމީހާ ކާށިތެލުގެ ތެރެއަށް ގެނބުނީ ހެއްޔެވެ؟ އާދަނު ހުރީ އެންމެ ފުރިހަމައަށް ހެދުން އަޅައިގެންނެވެ. އަތްކުރު ހުދު ގަމީހަކާއި އެންމެ އާ މުށިކުލައިގެ ހަރުވާޅެވެ. ޗެއިނަކުން ހިފަހައްޓާލެވިފައިވާ އައިނެވެ. އެ އައިނު އެޅުމުން ފުސްކޮށް ދެއްކިޔަސް އޭނަ އައިނު އަޅައިގެން ހުރުމުން ސިފަ ހުންނަގޮތް އޭނައަށް ކަމުދެއެވެ. އެހެން ހުރިހާ ދުވަހަކަށްވުރެ މިއަދު ލޮލަށް ފުސްވުންވެސް އޭނަ މިދުވަހުގެ އެންމެ ރީތިކޮށް ހެދުން އަޅާ ތައްޔާރުވުން ނުހުއްޓުވޭނެއެވެ. އާދަނު ނިންމައިލިއިރު އަތުކުރީގައި ރަންގަޑިވެސް އެޅިއެވެ. އެއީ އެރަށަށް އައި ފަތުރުވެރިއެއްގެ ފަރާތުން ހިލޭ ލިބުނު އެއްޗެކެވެ.

"ކޮންއިރަކު އެއާޕޯޓަށް ދާން ނައްޓައިލަނީ؟" ޖަމީލާ އުނދޯލީގައި އިށީދެ ހެއްލަން ފެށިއެވެ." އަދި ތިހާ ފޯރިއާއެކު ތިދަނީ ކޮންފަދަ ވަރުގަދަ މެހުމާނަކު ބަލާ؟"

"ޓްރެވެލް އެޖެންސީގައި ހުންނަ އެކުވެރިއަކު ބުނި ރަގަޅަށްވެސް މުއްސަދި ބަޔަކު މިއަދު އަންނަނީއޭ. ހީވާގޮތުން މިއީ އެމީހުން ރާއްޖެ އަންނަ ފުރަތަމަ ފަހަރު. އަހަރެމެން ދިވެހިން އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔަންވާނެ.."

އާދަނު ގެއިން ބޭރަށް އެޅި ފިޔަވަޅާއެކު ލުއި ވައިރޯޅިއެއް އޭނަގެ ގައިގާ ބީހިލިއެވެ. ވަގުތުން އަތް ހިއްލައިލެވުނީ އިސްތަށިގަނޑު ހުރިގޮތަށް ބޭއްވުމަށެވެ.

"ބައްޕާ. ގެއަށް އަންނައިރު ޖޫސްޕެޓީއެއް ގެނެސްދީފާނަން؟ ޕްލީޒް..." އާދަނާއި ޖަމީލާގެ ފިރިހެންދަރިފުޅު ގޮވައިލިއެވެ.

"ދަރިފުޅާ. ޖޫސްޕެޓީއަށްވުރެ މާ ގިނައިން ލިބޭނެ. ޔޫރަޕްގެ މޮޅު ކެއުންގަނޑުވެސް ލިބިދާނެ....." އާދަނު އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުމާއެކު ފިޔަވަޅުތައްވެސް އަވަހެވެ.

ޚާއްސަ މެހުމާނުންގެ އިންތިޒާރުގައި ކާރުގެ ބޮނެޓަށް ލެނގިލައިގެން އާދަނު ހުއްޓެވެ. އެހިސާބުގައި ތިބި ކުދި އުޅަނދާއި ބަލާއިރު އޭނަގެ ކަޅުކުލައިގެ ވިދާ ކާރުގެ ބޮޑުކަމުން ޚާއްސަވެ ލޮލުގައި އަޅައިގަންނާނެއެވެ. އެކާރުގެ ކުލައިންވެސް ދައްކުވައިދިނީ އެއީ ޚާއްސަ މެހުމާނުންނަށްޓަކާ ރިޒާވް ކުރެވިފައިވާ ކާރެއްކަމެވެ. އާދަނު އެކަމާއި އިންތިހާއަށް ފަޚުރުވެރިވިއެވެ. އޭނަ އިންތިޒާރުކުރަމުން ދިޔަ މެހުމާނުން ވަކިކުރަން އާދަނަށް އުދަގުލެއްނުވިއެވެ. އިސްކޮޅުން ދިގު ދެ ޒުވާނުން އެހާ ރީއްޗެވެ. އެދެމީހުންގެ ހުރި ތަފާތު ރީތިކަމަކުން އެތާ ތިބިހާ ބަޔެއްގެ ނަޒަރު އެޒުވާނުންނަށް ހުއްޓުނެވެ. ލައިގެން ތިބީ ސާދާ ހެދުމެވެ. އާދައިގެ ޓީޝާޓާއި ޑެނިމްއެވެ. އެކަމަކު އެމީހުން ލޯތަކަށް ފެންނައިރުވެސް "މުއްސަދިކަން" ދައްކުވާފަދަ ގޮތެއް ހުއްޓެވެ. ޚާދިމާއަކު ފުރޮޅުލީ ގޮނޑިއެއް ދުއްވަމުން އަންނަތަން ފެނުނެވެ. އޭގައި އިނީ ދުވަސްވީ އަންހެނެވެ. އާދަނު އެދިމާލަށް މިސްރާބުޖެހިއެވެ.

"ހެލޯ ސާރސް...ޕްލީޒް ދިސް ވޭ....." އޭނަ ކާރާއި ދިމާލަށް އިޝާރާތްކުރިއެވެ. އަދި އެހެންމީހަކު ބުނުމަކާއި ނުލާ އެހުމަކާއި ނުލައި އާދަނު އަވަހަށް ލަގެޖް ލާފައި ހުރި ޓްރޯލީ އެ ބުޅި އިސްތަށިގަނޑުގެ ވެރި ޒުވާނާގެ އަތުން އަތުލައިގެން ކާރާއި ދިމާލަށް ހިނގައިގަތެވެ. އެންމެ ކުރިން މިކާލްއަށް ހީކުރެވުނީ ރޯމާ ދުވާލު އެމީހުން ފޭރިގަންނަނީހެންނެވެ. އެކަމަކު ދެން އެނގުނީ އިސްތަށިގަނޑު ބައިކޮށްފައިވާ ދެބައި އުމުރުގެ މީހާއަކީ އެމީހުންނަށް ޚާއްސަކޮށްފައިވާ ކާރުގެ ޑްރައިވަރުކަމެވެ.

ތަޖުރިބާހުރި ޑްރައިވަރަކަށްވެފައި ޓުއަރގައިޑެއްކަމުން އޭނަ މާލޭގެ ބީޗްތަކާއި ތަންތަން ދައްކަމުން ކާރު ކުރިއަށް ދުއްވަމުން ދިޔައެވެ.

"ދިސް ޔޯ ފަސްޓް ޓައިމް؟" އާދަނު އިނގިރޭސި ބަސް އެނގޭކަން އަންގާލަން ބޭނުންވިއެވެ.

"އާން. ހާދަ ލޯބި ތަނެކޭ..."މިކާލް ކުޑަދޮރުން ބޭރުން ބަލަމުން ދިޔައިރު ދުނިޔޭގެ އަނެއްކޮޅަށް ބޯކޮށް ސްނޯފައިބާ އެހާ ފިނިގަދަކަން ގަބޫލުކުރަންވެސް ދަތިވިއެވެ." އޯ....އަހަރެންގެ މޫނުގައި އިރުގެ އަލި ބީހުން މިސްވެއްޖެ..."

މިކާލް ތުނބުން ފުމެލުމުން އާދަނު ހިނިގަނޑެއް ޖަހައިލީ "ގެސްޓް"ގެ އަމަލު ހުރިގޮތް ފެނި ހިތްހަމަޖެހިފައެވެ.

"މައި ނޭމް އިޒް އާދަމް ވަޓް އާ ޔޯ ނޭމްސް ސަރސް އެންޑް މެޑަމްސް...."

"އަހަންނަކީ މިކާލް އަދި އެހާ އަނގައިން ނުބުނެ މިއިންނަނީ ކައިލް އަދި ކައިލްގެ މާމަ ޒާފިރާއާއި މި ލަދުރަކި ލޭޑީއަކީ ފާތިމާ...." މިކާލް އެންމެންގެ ތައާރަފެއް ދިނީ އޭނަގެ މީހުންނާއިގުޅޭ މިޒާޖުގެ ސަބަބުން ދިވެހި ޑްރައިވަރުދެކެވެސް ރުހެވުމުންނެވެ.

އާދަނު އަބަދު އިންނަނީ ހެވި ދިއްލިފައެވެ. އަދި މަޖާ ކަމެއް ދެއްވާފައިވާ މީހެކެވެ. އެމީހުން ހޮޓަލާއި ހަމަޔަށް ދިޔަ މަގުމަތީގައި އާދަނު ހުއްޓާނުލާ އަނގަ ތެޅިއެވެ. އޭނަ ޔޫރަޕްމީހުން ދެކެ ވާ ލޯތްބާއި އެތަންތާ އުޅޭ އޭނަގެ އެކުވެރިންގެ ވާހަކަތަކެވެ." ޖޭމްސްއާއި ސްވިޒަލެންޑުން ދިމާވެއްޖެއްޔާ މަގޭ ސަލާމް ބުނައްޗޭ. ހީޒް މައި ބިގް ފްރެންޑް...." އާދަނު އެހެން ބުނުމުން މިކާލް ހީލިއެވެ. އާދަނަށް ހީވީ ސްވިޒަލޭންޑްގައި ހުންނަނީ ޖޭމްސް ކިޔާ އެންމެ މީހެއްކަމުގައިހެއްޔެވެ؟

"އެނގޭތަ؟ އެބައުޅޭ މޮޔަ ދިވެހި ފިރިހެނެއް. އޭނަ ވަރަށް ކިޔާ އުޅުނު ތިމަންނައަކީ ޔޫރަޕުން އައި މީހެކޭ.ސަރުކާރުގައި އެދުނީ އޭނަ އެތަނަށް އެނބުރި ފޮނުވައިދޭން. އެއީ އެހާ ފަސޭހަކަމެއްނަމަ އަހަރެމެން އެންމެންވެސް ސަރުކާރުގައި ދަންނަވާނީ އަހަރެމެންނަކީ ފްރާންސް ނޫނީ ކޮންމެވެސް އެހެން ތަނެއްގެ ބަޔެކޭ." އާދަނު ވާހަކަދައްކަމުން ދިޔައީ އޭނަގެ އެންމެ ގާތް ރަހުމަތްތެރިންނާއި ވާހަދައްކާ ފަދައިންނެވެ." ޕީޕަލް ގޯ ސަޗް ލެންތު ފޯ ފްރީ ޓްރިޕް އެބްރޯޑް...." އާދަނު ދެއްކި ހާ ވާހަކަތަކުން ކައިލްގެ ސަމާލުކަން ދަމައިގަތީ އެވަގުތު ދެކެވުނު ވާހަކައެވެ.

 

ނުނިމޭ

ކޮމެންޓް 0