"އެންމެ ފުރަތަމަ ސުވާލު ކުރެވޭނީ ނަމާދުން ކަމަށް ވާތީ އެއީ ސިކުނޑީގައިވާ އެންމެ ފަހު ކަންތައް ކަމަށް ނަހަދާށެވެ."

***

ބަހުގައި ވި އަންހެނަކު އޭނަގެ އެކުވެރިޔާގެ ގައިގާ އުޅަބޮށިން ކޮށްޓާލުމަށްފަހު ސިއްރުން އެއްޗެކޭ ބުނެލައިފިއެވެ. އަދި ދެމީހުންވެސް އަނެއް ފަރާތަށް ބަލައިލީ ކައިލްއާއި ދިމާލަށެވެ.

"އޭނަ ރީއްޗެއް ނޫންތަ؟"

"އެކަމަކުވެސް ބިރުވެރި. އެކަހަލަ މީހަކާއެކު އުޅޭކަށް ލާހިކެއްނޫން..." އަނެއް ކުއްޖާ ބުނެލީ ތަންކޮޅެއް ބާރަށެވެ.

"އޭނަ އަތަށް ލައްވަނީ ކޯންޗެއްތަ؟"

ކައިލް އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ލެދާ އަންގި އަތަށް ލައްވައިފިއެވެ. އޭނަ ނޫނީ އަނެއް ތިންމީހުން ކުރެން ބަޔަކު މިރޭ ދުނިޔެއާއި ވަކިވާނެއެވެ. ރަގަޅުކަމަކީ އޭނަގެ އަވަށާއި މި ތަން އެހާ ދުރުނޫންވީމައެވެ. ފުރަތަމަ އެޑްރެހަކީ އާއްމުން ގޮސްއުޅޭ އަގުހެޔޮ ޕަބްއެކެވެ. ފުރާޅާއި ކުޑަދޮރުތައްވެސް މަރާމާތުކުރަން ޖެހި އަދި ބިތްތަކުގައިވާ ކުލަވެސް އާކުރަން ޖެހިފައިވާފަދަ ބާ އިމާރާތެކެވެ. އޭނަގެ މަންމަގެ މަރާއި ގުޅިފައިވާ މީހަކު ހިންގާ ތަނެކެވެ. ތަނަށް އަންނަ ކަސްޓަރަމުންނަށް ޚިދުމަތްކޮށްދެނީވެސް އޭނައެވެ.ކައިލް އެތަނަށް ވަންއިރު ދެ ކަސްޓަމަރުން އެމީހުންގެ ބުއިންތައް ހުސްކޮށްލާފައި އަމިއްލަ ވާހަކައެއްގައި ތިއްބެވެ. އެތާގެ ވެރިމީހާ އޭނަގެ ގާތަށް އައެވެ.

"ފެން ތަށްޓެއް ލިބިދާނެތަ؟"

ކައިލް އެމީހާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. މަންމަ ދުނިޔެއަށް އެންމެ ފަހުގެ ނޭވާ ދޫކުރުމުގެ ކުރިން ފެނުނު އެންމެ ފަހު އެއްމޫނެވެ.

"ފެން؟" އެމީހާ ދެވަނަ ފަހަރަށްވެސް އަހައިލީ ކަޅިވިދިފައި ހުރެއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް މީހަކު ފެނަށް އޯޑަރުކުރިޔަސް ހައިރާންވާނީ އެހާވަރަށެވެ. އެމީހާ ފެން ގެނައުމުން ބިއްލޫރިތަށީގެ ހާލަތަށް ބަލާފައިވެސް ހޮޑުލެވޭގޮތްވިއެވެ. އޭނަ އެ ފެންތަށީގައި އަތްނުލާ އެންމެ ފަހު ދެ ކަސްޓަމަރުން ނިކުތުމުގެ އިންތިޒާރުގައި ވަގުތުތައް ގުނައިލަން އިނެވެ. އެމީހުން ނުކުތުމާއެކު އޭނަ ދޮރު ކައިރިއަށްގޮސް ބަންދު ބޯޑު އަޅުވާލައިފިއެވެ.

"ކަލޭ ކީއްތިކުރީ؟" އެމީހާގެ އަޑު ކައިލްއަށް އިވުނެވެ.

"އަދްނާން. އުމަރު..ކަރީމް....ތިއީ ކާކު؟" ކައިލް ޖަވާބުދިނީ ސުވާލަކުންނެވެ.

"ވަޓް....." ސިކުންތުކޮޅެއްފަހުން އެމީހާ ފަސްޖެހުނެވެ. އޭނަ ފޯނުކައިރިއަށް ޖެހިލާފައި ނަމްބަރުތަކަށް ފިތަން އުޅެނިކޮށް ކައިލް ފޯނު ދަމައިގަތީ އެ އަތް އިދިފުށަށް ދަމައިގަންނަމުންނެވެ. ލިބުނު ވޭނުގައި އެމީހާއަށް އަޑުކޮޅަށް ހަޅޭއްލަވައިގަނެވުނެވެ.

"ތަދުވެއޭ...."

"ވީއިރު ތިއީ ކާކުތަ؟" ކައިލް އަދިވެސް ބޮޑަށް އަތަށް ވާންކުރަމުން ސުވާލު ތަކުރާރުކުރިއެވެ.

"އުމަރު. އަހަންނަކީ އުމަރު. ކަރީމްއާއި ބައްދަލުކުރަން ބޭނުމިއްޔާ ކަރީމަށް ގުޅާފައި އަންނާށޭ ބުނެފާނަން. އޭނަ މިތާ ކައިރީ ދިރިއުޅެނީ...އަދި އަދްނާން. އެ މޮޔަ ފިރިހެނާ ޑްރަގް މައްސަލައެއްގައި ޖަލަށް ލާފައި އޮތީ..." އުމަރުއޭ ކިޔުނު މީހާ ހުރިހާ އެއްޗެއް ބަންޑުން ޖަހައިލީ މި ބީރައްޓެހި ޒުވާނާ އޭނައަށް އަނިޔާނުކުރާނެ ކަމުގެ އުއްމީދުގައެވެ.

"ތިއީ ރަގަޅުގޮތެއް. ކަލޭގެ އެކުވެރިޔާ ކަރީމަށް ގުޅާފައި މިތަނަށް އަންނަން ބުނޭ..." ކައިލް ފޯނުގެ ރިސީވަރު ނަގާފައި އުމަރަށް ދިއްކޮށްލައިފިއެވެ."ތިއީ ކަލޭގެ އެންމެ ފަހުގެ ކޯލަށް ވާން ބޭނުން ނޫނިއްޔާ އެއްވެސް ސަކަރާތެއް ޖަހަން ނޫޅޭތި. އަހަރެން މިހިރީ ކުޅިވަރު ކުޅޭފަދަ މޫޑެއްގައެއް ނޫން..."

އުމަރު ކިޔަމަންތެރިކަމާއެކު ބޯ ޖަހައިލިއެވެ.

"ހޫމް....ކަރީމް.؟ މިއަދު އަހަންނަށް ޒިޔާރަތް ކުރެވިދާނެތަ؟" އެބަހުރި މީހަކު...މިބުނީ...އާ ޑްރިންކް....އަހަރެން ބޭނުން ކަރީމް އޭގެ ރަހަ ޓެސްޓްކޮށްލަން....." އުމަރު އޭނަގެ ލަފުޒުތައް ބަދަލުކޮށްލީ ކައިލްގެ އިންޒާރުގަ ނަޒަރަކުން ފިނިވެފައެވެ.

"އޯކޭ. ދިހަ މިނިޓް ތެރޭ ދިމާވާނެ..."

އުމަރު ރިސީވަރު ބޭއްވިއެވެ.

"ތިއީ މުސްކުޅިންގެ އަތުން ފޭރެން އުޅޭ ދަރިއެއްތަ؟" އުމަރު ވާހަކަދެއްކިއިރު އޭނަގެ ކަޅުކުލަ އަރާ ދަތްތައް ފެނިލިއެވެ.

"ގިނަ އަދަދެއްގެ ފައިސާއަށް މީހުން މަރަމުން އުޅޭއިރު މަސައްކަތް ތިކުރަނީ މިހާ އާދައިގެ ތާކުންތާކުނުޖެހޭ ތަނެއްގައި..." ކައިލް ޗައްކަނޑައިލިއެވެ." މިއީ ބޭކާރުކަމެކޭ ހިތަށް ނާރާތަ؟"

"އަހަރެން ފައިސާ ހޭދަކުރަނީ އެހެން މީހުންނަށްޓަކާއެއްނޫން. އެހެން މީހުންގެ ލޯތަކަށް މި ތަން ޒީނަތްތެރިކުރަން. އަހަރެން އެ ބޭނުންކުރީ އަހަރެން ބޭނުންވާ ތަނެއް ގަންނަން. އަދި އަހަންނަށް އަހަރެން ބޭނުންވާ އެއްޗެހި ލިބިއްޖެ..." އުމަރު ބުނެލިއެވެ. ކައިލް ބޭނުންވީ އެ އޮރި ހިނިތުންވުން އުމަރުގެ ތުންފަތުން ފޮހެލާށެވެ.

"މިހާރު ވިސްނިއްޖެ. ކަލޭ ތިއައީ މީހަކު މަރަން އެހީ ހޯދަން؟" އޭނަ އަޑު މަޑުކޮށްލިގޮތުން ހީވީ އެތާ ތެރޭ އޭނައާއި ކައިލް ނޫން ބަޔަކު ތިބުމުން ކަންބޮޑުވިހެންނެވެ." ތިއީއެއްނޫން މީހުން ހަޔާކުރާ ގޮތަކީ ކޮއިފުޅާ..."

"ކަލޭގެ އެކުވެރިޔާ އަންނަންދެންވެސް ދިރިހުންނަން ބޭނުމިއްޔާ އަނގަ ލައްޕާލައިގެން ހުރޭ...." ކައިލް ދަތްތަކަށް ބާރުލިއެވެ.

އިރުގަނޑެއް ނުވަނީސް އުމަރުގެ އެކުވެރިޔާ ވަނެވެ. އުމަރަށްވުރެ ޒުވާންކަމަށް ދައްކައެވެ. ތުނބުޅި ބާލާފައިހުރިއިރު މޫނުމަތިން "ސައިކޯޕާތެއް"ކަމުގެ ކުލަވަރެއް ނުފެނުނެވެ. އަދި ތަންކޮޅެއް ބިޔަވެފައި މަސްތައް ޖަހާފައި ހުރިގޮތުން ކޮންމެފަދަ މީހަކު ބަލިކޮށްލުމަކީ ދާދި ފަސޭހަކަމެއްކަން ޔަގީނެވެ.

"މިއީ ކާކުތަ؟" ކަރީމްގެ އަނގަ ހަރަކާތްކޮށްލީ އުމަރުގެ ކޮނޑުގައި ކޮށްޓައިލަމުންނެވެ.

"ކަލޭމެންގެ އެކަކު އަހަރެމެންނާއި އެއްތަން ނުވިކަމަށްޓަކާ ހިތާމަކޮށްފިން." އުމަރު ކަރީމަށް ލޮލުން އިޝާރާތްކޮށް އިންޒާރު ދިންތަނާ ކައިލް ފެށިއެވެ.

"ކިހިނެއް މިވަނީ؟" ކަރީމްގެ އަޑު ގަދަވިއެވެ.

"އޭނަ އެއައީ އަހަރެމެން ހަޔާ ކުރަން ހެން ހީވޭ." އުމަރު ޖަވާބުދިނެވެ.

"ތިވާހަކަ ފޯނުންވެސް ބުނެވިދާނެ ދޯ. އަހަންނަށް ގަބޫލުކުރަން ދަތި ކަލޭ އަހަރެންގެ ހަވީރު މެޗްވެސް ގެއްލުވާލައިފި. އެންމެ ރަގަޅު. އަހަރެމެން ދުއްވައިލަން ވީ ފިރިހެންމީހާގެ ނަމަކީ ކޮބައިތަ؟" އެދެމީހުން އެހާ އާދައިގެ ގޮތަކަށް މީހުންގެ ފުރާނަ ނަގައިލާ ވާހަކަ ދައްކާތަން ފެނި ކައިލް ފޫހިވެގެންގޮސް ހަލާކުވާވަރުވިއެވެ. އެމީހުންނަށްޓަކާ އެއީ "ނަމެކެވެ." އެ ނަމާއި ގުޅޭ އާއިލާ އަދި އެކުވެރިންނާއިމެދު އެމީހުން ނުވިސްނައެވެ. މިމީހުންނަށްޓަކާ އެއީ ނަމެކެވެ. އެކަމަކު އެހެން ބަޔަކަށް އެ ނަން ވާނީ އެބަޔެއްގެ މުޅި ދުނިޔެކަމުގައެވެ.

"ކަލޭމެން ފިރިހެނުންނޭ ތިކިޔަނީ ކިއްވެ؟ ހަމައެކަނި ފިރިހެނުން މަރަން ކަލޭމެން ހަޔާކުރަނީ؟" ކައިލް ބުމަ އަރުވައލީ އެދެމީހުންގެ މޫނަށް ވިސްނުންތެރިކަމާއެކު ބަލަމުންނެވެ.

"ނޫން ބްރޯ. ފިރިހެނެއް އަދި އަންހެނެއް ވިޔަސް...ތަފާތެއްނެތް. ވީމަ އެއީ އަންހެނެއްތަ؟ ބޭވަފާތެރި އަންބެއް. ގާލްފްރެންޑް؟" ކަރީމް ގޮނޑިއެއްގައި އިށީދެ ހަމަޖެހިލިއެވެ.

"ކަލޭމެން އަހަރެންގެ މަންމަ މަރައިލީ. ބޯޓަކުން ވައްޓާލައިގެން..." ކައިލް ވާހަކަ ކުރުކޮށްލަން ސީދާ މައުޟޫއަށް ދިޔައެވެ. އެމީހުންނަށް އެނގެން ޖެހޭ އެއްޗެއް ބުނެދިނެވެ. މި މޮޔަ ސައިކޯޕާތުން އެއްވެސް އިހުސާސެއްނެތި ގަތުލުކުރުމުގެ ވާހަކަ ދައްކާއަޑު އަހަންވެއްޖެއްޔާ އޭނަގެ ބޯ ގޮވައިފާނެއެވެ. އުމަރުއާއި ކަރީމް އެކަކު އަނެކަކަށް ބަލާލައިފިއެވެ. ހައިރާންވެފައެވެ. "ކާކު؟" އުމަރުވެސް އަނގަ ހަރަކާތްކޮށްލުމުން ކަރީމްވެސް ނޭގެއޭ ބުނުމުގެ ގޮތުން ކޮނޑު އަރުވާލައިފިއެވެ.

"އަހަރެންގެ މަންމަ މަރަން ކަލޭމެންނަށް އޯޑަރު ކުރީ ކާކުތަ؟"ކައިލް ސުވާލުކުރިއެވެ.

"އަޑުއަހާބަލަ ކޮއިފުޅު. ކޮންމެހެން ކަޑަކޮށްލާކަށް ނޫން އެކަމަކު އައިތަނަކަށް އެނބުރި ދިޔުން އެންމެ ރަގަޅުވާނީ. އަހަރެމެންގެ ދެމީހުން އެބަތިބި. އަދި ފަހަރެއްގައި ނޭގި ހިގައިދާނެ އެކަމަކު ކަރީމަކީ ކުޅަދާނަ ޕްރޮފެޝަނަލް ފައިޓާއެއް..." އުމަރު ވަތްގަނޑުން ނެގީ ފިޔޮހީގެ މިޔައިގެ ތޫނުކަމުން ދަޅައަރައެވެ.

"އެއީ ލޭކް ލުޒަން ކައިރީ. އެސްވީޔޫ ކަޅުވޭނެއްގައި މަންމަ ގެންދިޔައީ. އަދި ކަނޑަށް ވައްޓައިލީ. އެފަހުން ފަސް އަހަރުވެއްޖެ.. ކާކު އެ މަސައްކަތް ހަވާލުކުރީ؟" ކައިލްގެ އަޑު ކިތަންމެ މަޑަސް އެ އަޑުގައި ޖެހިފައިވާ ރުޅިވެރިކަމާއި ނަފްރަތު ކޮންމެ މީހަކަށްވެސް ދެނެގަނެވޭނެއެވެ. އެހާވަރަށް ބުނެދިނުމުން އެދެމީހުންނަށްވެސް އެއްފަހަރާ ހަނދާންވިކަން އެނގުނީ މޫނަށް ވެރިވި ކުލަވަރުންނެވެ.

"އެއީ ކަލޭގެ މަންމަ؟" އުމަރު އެއްބުމަ އަރުވައިލިއެވެ." މަންމައަށް ވިޔަސް ނުވިޔަސް އަހަރެމެންގެ ކަލެއަށް ގެއްލުމެއްދޭކަށް ނޫޅެން ބްރޯ. އަހަރެމެންނަށް ފައިސާ ދިނީމަ ވަޒީފާ އަދާކޮށްފައި ރުފިޔާ އަތުލަނީ. ނޯ ސްޓްރިންގްސް އެޓޭޗްޑް" ކަރީމް އެއްވެސް ޖަޒުބާތެއް ނެތި ވާހަކަދެއްކިއެވެ. އެ ރަހުމެއްނެތް ލަފުޒުތަކަށް ލިބުނު ޖަވާބަކީ މޫނުމައްޗަށް އެރި ބާރު އެތިފަހަރެވެ. ނޭފަތުން ލޭ އޮހިގަތުމާއެކު ކަރީމްގެ ލޯ ބޮޑުވިއެވެ.

"ވަޓް ދަ......" ކަރީމް ހަމަލާދޭން އުޅުނެވެ. ނަމަވެސް އަތްފައި ހަލުވައިލާނެ ވަގުތެއްނުދީ ކައިލް އޭނަ ބިންމައްޗަށް ތިރިކޮށްލިގޮތަށް އެތައް ހަމަލާއެއް ދިނެވެ. އަތަށް ލައްވަފައި ހުރި އަންގީގެ ސަބަބުން ތަދު އިހުސާސްވިލެއް ބޮޑުހެން ކަރީމަށްހީވިއެވެ. އަނގައިގެ ތެރެއިން ދަތެއް ވެއްޓުނުކަން ޔަގީންވިއެވެ. އެއީ މިފަހުން ރަން ފަށަލަ ލައްވާފައި ހެދި ދަތް ބާވައޭ ހިތަށް އެރިއިރަށް ހިތަށް ފިނިވެގެން އައެވެ. އުމަރު ބިރުވެރިކަމާއެކު ނިއުޅެމުންދާ މަންޒަރުތަކަށް ބަލަން އިރގަނޑެއްވާންދެން ހުއްޓެވެ. ކަރީމަށްވުރެ ހަށިގަނޑުން އެތައްތަނެއް ކުޑަ ޒުވާނަކު ކަރީމް ބަލިކޮށްލީ ކިހިނެއްހެއްޔެވެ؟ އިތުރަށް ސިކުންތުކޮޅަކު މަޑުކޮށްލިޔަސް ކަރީމްގެ ފުރާނަ ހިނގައިދާނެކަމުގެ ބިރު އުމަރުއަށް ހަރަކާތް ކުރަން މަޖުބޫރުކުރުވިއެވެ. އުމަރު ފިޔޮހި އަތަށް ހެޔޮވަރުކޮށްލިއެވެ. ކައިލްގެ ކަނދުރާގައި ކިރިޔާ ފިޔޮހި ބީހިލިކަމެވެ. ކައިލް ހުށިޔާރުކަމާއެކު ފިޔޮހި ދަމައިގަތްގޮތަށް ބޫޓުން ބޭލި އެތިފަހަރު އުމަރު މަތަކުރުވިއެވެ.

"މީހަކު މަރައިލަން އެންގީ ކާކުކަމެއް ނޭގޭ؟ އަދި މީހަކު މަރައިލަން ޖެހުނު ސަބަބަކީ ކޮބައިކަމެއްވެސް ނޭގޭ...." ކައިލް އުމަރުގެ ކަނދުރާގައި ފިޔޮހި ޖެއްސުމުން އޭނައަށް ބަލައިލެވުނީ ހަރަކާތެއްނެތި ބިންމަތީގައި އޮތް ކަރީމަށެވެ. ކަރީމްގެ ފުރާނަ ދިޔައީހެއްޔެވެ؟

"އަހަރެން ހުވާކޮށްފައި ބުނަން އެއީ ކާކުކަމެއް ނޭގޭ. އަހަރެމެންނަށް ލިބުނީ އެޑްރެސްއެއް. ހީވާގޮތުން މާވިއްކާ ފިހާރައެއް. އަދި ނަމެއް ލިބުނީ. އެނިމުނީ."

އެ މާވިއްކާ ފިހާރައަކީ ކައިލްގެ މަންމަ މަސައްކަތްކުރަން ދިޔަ ފިހާރައެކެވެ.

"ހަމަ އެހާ ފަސޭހައިން މަންމަ މަރައިލީ. ފައިސާއާއިހެދި" ކައިލް އެވަގުތު އެހާ ބޭނުންވި އެހެން ކަމެއްނެތެވެ. އެމީހާގެ ކަރަށް ވަޅި ހަރާލާ ދުނިޔެއިން ނައްތައިލުމެވެ.

"ތިއުޅެނީ އަހަރެން މަރައިލަންތަ؟" އުމަރުގެ ލޮލުން ބިރުގެ އިންތިހާ ފެނުނެވެ. މިގޮތަށް މަރުގެ ރަހަ ދެކެން ޖެހި އޭނަ ގާތިލެއްގެ އަތްދަށުވެ ނިމިގެން ދާނެ ދުވަހެއް ދެކެން ޖެހިދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އެމީހުންވަނީ ކިތަންމެ މީހުންނެއްގެ ފުރާނަ ދުއްވާލާފައެވެ. މުއްސަދި ވިޔަފާރިވެރިންނާއި ޑްރަގް ލޯޑުން ސިޔާސީ ލީޑަރުންވެސް މެއެވެ. އެކަމަކު އޭނަގެ ކަނދުރާއަށް ދިއްކޮށްލެވިފައިވާ ޚަންޖަރަކީ އޭނަގެ އަތްދަށުން މަރުވެގެން ދިޔަ ފަގީރު އަންހެނަކަށްޓަކާ ބަދަލުހިފުމުގެ ގޮތުން ދިއްކޮށްލެވުނު ހަތިޔާރެކެވެ. އެ އަންހެނާއަކީ އޭނަ ގެއްލުނަސް އެހެން މީހެއް ނޫނީ ބަޔަކު އޭނަ ގެއްލިގެން އުޅޭނެހެން ހީވި އަންހެނެއްވެސް ނޫނެވެ. އާދައިގެ މީހެކެވެ. ހުސްހަށިބައި އެކަނިވެރި އަންހެނެކެވެ.

"އަޑުނާހަންތަ ހަރުބަހެއްވެސް އޮވެއެއްނު. ލޮލަކަށް ލޮލެއް؟"

ކައިލް އެވަގުތު އުމަރުގެ ގަޔަށް ވަޅި ހެރުނަ ނުދިނުމުން ސަލާމަތްކޮށްދިނީ ކަރީމެވެ. އޭނަ ކައިލްގެ ބުރަކަށީގައި ގޮނޑިން ވިހެލި އެތިފަހަރުން ފިޔޮހިވެސް އަތުން ދޫވިއެވެ. ދަނޑިވަޅު ބަލާފައި އުމަރު ކައިލްގެ މޫނުމަތީގައި އެތިފަހަރެއް ޖަހާ ތުންފަތް ފަޅާލުމަށްފަހު ކަރީމްއާއި ދިމާލަށް ފިޔޮހި ހޫރާލައިފިއެވެ. ވައި ކަފާލާފައި ދިޔަ ފިޔޮހި ބިންމަތީގައި ނުޖެހެނީސް އޭނަ ހިފީ ކުޅަދާނަކަން ދައްކައިލަމުންނެވެ. ކައިލްވެސް އެނބުރިލާފައި ކަރީމްއަށް ހަމަލާދޭން އުޅުނީ އުމަރަށްވުރެ ވަރުގަދަވާނީ ކަރީމްކަން ދެނެގެންނެވެ. ނަމަވެސް ކަރީމްގެ ހަމަލާއިން ކައިލްގެ ކޮނޑަށް ތޫނުތަދެއް އިހުސާސްވިއެވެ. ފިޔޮހީގެ މިޔައިގެ ތޫނުކަން ދެން އެރީ އޭނަގެ ބަނޑަށެވެ. ކައިލް ކަރީމްގެ އަތުން ފިޔޮހި ފޭރިގަތްއިރު އޭނަގެ އަތަށް އަންގި ލައްވާފައި ހުރުމުން އޭނަގެ އަތް ސަލާމަތްވިއެވެ. އެއާއެކު ކަރީމަށް ލިބުނު ވޭނާއެކުތޫނު ހަޅޭކުގެ އަޑު ފަޒާގައި ބިރުވެރިގޮތަކަށް ގުގުމައިލީ އޭނަގެ އަތުގެ އިނގިލިތައް ހަރަކާތެއް ނެތި އެލުނީމައެވެ. ކައިލް އޭނަގެ އަތުގެ ކުޑަހުޅު ބިންދައިލީއެވެ. ދަނޑިވަޅު ބަލާފައި އުމަރު އަޅާ އިތިކޮށް ދުއްވައިގަތެވެ.

އޭނަ ޕަބްގެ ދޮރު ހުޅުވައިލިއިރަށް ކޮންމެވެސް މީހަކު އެތެރެއަށް ވަންއިރު އެމީހަކުވެސް ނޭވާ އުފުރޭގޮތްވެފައެވެ.

"ހޭއި މިތަން ހުޅުވާފައެއްނޫން. އަހަރެންގެ މަގުން ދުރަށް ދޭ...." އުމަރު އަވަސްކަމާއެކު އެހެން ބުނެލާފައި ނިކުންނަން އުޅުނަސް އެމީހަކު ދޮރުމަތިން ދުރަށް ނުގޮސް ކުރި ބައްދައިގެން ހުރީއެވެ.

"ކައިލް ހުއްޓާލާ. ތިކަން ނުކުރޭ.." އޭނަ ހަޅޭއްލަވައިގަތެވެ. އެ އަޑު އިވުމާއެކު ލިބުނު ޝޮކަކުން ކައިލްވެސް ކުއްލިއަކަށް އެނބުރި ބަލާލައިފިއެވެ. އޭނަ ކަރީމްގެ ކަނދުރާ ކަނޑައިލަން ކަނދުރާގައި ފިޔޮހި ޖައްސާލައިގެން ހުރި އަތް ތިރިވީ ބޭ އިޚުތިޔާރުގައެވެ.

"ނޯރާ މިތާ ކީއް ތިކުރަނީ؟"

"އޭނަ މަރާނުލާ...އެމީހުންގެ ފެންވަރަށް ނުވެއްޓޭތި. ޑޯންޓް ބީ ލައިކް ދެމް...." ނޯރާ ބޯ ހޫރައިލަމުން ރޮއިގަތެވެ. އޭނައަށްވެސް ކުއްލި ހައިރާންކަމަކާއި ބިރުވެރިކަމެއް ލިބި އަޑުންވެސް އެކަން އެނގެއެވެ. އޭނައަށް ރަގަޅަށް ނޭވާވެސް ނުލެވެއެވެ. އެހާ ދުރަށް ނޯރާ އައީ ދުވެފައިކަން އެނގެނީ ހާސްވެފައި ހުރިވަރުންނާއި ނިތްކުރީގައި ހުރި ދާތިކިތަކުންނެވެ.

އުމަރުއަށް އެވަގުތުކޮޅު ރަނުގެ ފުރުސަތަކަށްވިއެވެ. މިއީ ޔަގީނުންވެސް މި ޒުވާނާ "ކައިލް" ދަންނަ ފަރާތެކެވެ.

އޭނަ ހުށިޔާރުކަމާއެކު އެ އަންހެންކުއްޖާ ހިފަހައްޓަން އުޅުނުއިރަށް އޭނަގެ ބަނޑަށް ވީއްލައިލި އެތިފަހަރުން ހުރިތަނަކަށް ތިރިވެވިއްޖެއެވެ. އޭނަ ފަހަރެއްގައިވެސް އެފަދަ ހަމަލާއަކަށް އުއްމީދެއް ނުކުރެއެވެ. މިއީ ކޮން ޒުވާން ކުދިންނެއްހެއްޔެވެ؟ އަދި ތެޅުމުގެ ހުނަރަށް މިހާ މޮޅީ ކިހިނެއްހެއްޔެވެ؟ އެކަމަކުވެސް އުމަރު އެކުއްޖާއަށްވުރެ އަދި ބަލިކަށިވެގެން ނުވާނެއެވެ. ޔަގީނުންވެސް އެކުއްޖާއަށްވުރެ އޭނަ ނުލަފާވެފައި ރަހުމްކުޑަވާނެއެވެ. އޭނަ ތެދުވެފައި މިފަހަރު ނޯރާ ދަމައިގަތީ ތަންކޮޅެއް ވިސްނުންތެރިކަމާއެކުގައެވެ. ރަހުމެއްނެތި އިސްތަށިގަނޑުގައި ހިފާ ދަމައިގަތްގޮތުން ނޯރާއަށް ހަޅޭއްލަވައިގަނެވުނެވެ.

"ކަލޭ އަހަންނާއި ދިމާލަށް އައިއްޔާ މިކުއްޖާ މަރައިލާނަން..."

އުމަރު ނޯރާ މަތަކުރަން މަސައްކަތްކުރަމުން އިންޒާރުދިނެވެ. ކައިލް ޖަވާބެއްނުދީ އަތަށް ފިޔޮހި ހެޔޮވަރުކޮށްލަމުން ކުރިއަށް އައިގޮތުން އުމަރު ގަންނާކުރެއްވި ބިރުން ނޯރާގެ ގައިން ދޫކޮށްލުމަށްފަހު ކަކޫމައްޗަށް ތިރިވެ ރަހުމް ކުރަން އެދުނެވެ.

"އަހަންނަށް މާފުކޮށްދީ. ޕްލީޒް. އަހަރެމެންންކަށް އެއީ ކަލޭގެ މަންމަ ކަމެއް ނޭގުނީ. އަހަރެމެންނަށް އޮތީ އެ މަސައްކަތްކުރުން ނޫނީ ޖަލަށް ދިޔުން. ނޫނީ އެއަށްވުރެ ނުބައި ގޮތެއް ދެން އޮތީ. މަރުވުން. އަހަރެމެންނާއި އެ މަސައްކަތް ހަވާލުކުރި މީހުން އަހަރެމެން ޖަލުން ސަލާމަތްކޮށްދިން އަދި ދިރިއުޅުނަ ދިން...." އުމަރު ރޯންފެށީ އޭނަގެ ޖާނުން ވަރުގަދަ އެކުވެރިޔާ ކަރީމް އޮތް ހާލުފެނިފައެވެ. ލެޔާއި ތަތްތެޅި އޮތްއިރު ފުރާނަ ހުރިހެނެއްވެސް ހިޔެއްނުވެއެވެ. އޭނަ ރަގަޅަށްވެސް ބިރުގަނެއްޖެއެވެ. ކޮންމެހެން ކަރީމްގެ ގައިގާ ތަޅައިގެން އެވަރުކޮށްލީމައެއްނޫނެވެ. އޭނަ ބިރުގަތީ ކައިލް އޭނައާއިމެދުވެސް އެމޭރުމުން ކަންތައްކޮށްފާނެތީއެވެ. އޭނަ މި ޒުވާނާދެކެ އިންތިހާއަށް ބިރުގަނެއްޖެއެވެ.

"ކައިލް. ހިނގާ ގެއަށް ދަމާ. ޕްލީޒް. ފިޔޮހި އެއްލައިލާ. މިތަނުން ނިކުންނަން ހިނގާ..." ނޯރާ އެހެން ބުނެލީ އިންތިހާއަށް ބިރުން ހުރެއެވެ. ކައިލްގެ މޫނަށް ބަލާފައި އަދި އަތުގައި އޮތް ފިޔޮހިދެކެވެސް މެއެވެ.

"އެ...އެއީ އޭނަ...." ކުއްލިއަކަށް އުމަރު ހިސްޓީރިޔާ ޖެހިފައިވާ މީހެއްފަދައިން ހަޅޭއްލަވަން ފެށިއެވެ." އެއީ އަހަރެމެން ގާތު ކަލޭގެ މަންމަ މަރަން ބުނި މީހާ...."

އުމަރު އިޝާރާތްކުރީ ތަޅުންމަތީގައި އޮތް ޕޯސްޓަރަށެވެ. ނޯރާގެ ބައްޕަ ގެއްލިގެން ހޯދަންވެގެން ހެދި ޕޯސްޓަރަށެވެ. ނޯރާގެ އަތުން ދޫވެގެން އެޕޯސްޓަރު ތަޅުންމަތީގައި ކިރިލަ ކިރިލާ އޮތެވެ." މި މީހާ ކަލޭގެ މަންމަ މަރައިލަން އަހަރެމެންނަށް އެންގީ....މާތްރަސްކަލާނގެ ގަންދީ މިބުނަނީ...."

އެ ޚަބަރު ނޯރާއާއި ކައިލްއަށް އައީ ނޫކަމުގެ ތެރެއިން އައި ހޮނެއް ހެންނެވެ. ނޫ ސާފު އުޑުން އައި ހޮނު ގުގުރިއެއްހެންނެވެ.

ކޮމެންޓް 0