"އަހަރެމެން އެންމެން އެނބުރިދާނީ ހިރަފުހަށެވެ. ބައެއްމީހުން އުފާކުރާނެ އިރު އަނެއް ބަޔަކު ވާނީ އަލިފާނުގައެވެ. މިހާރު ހިރަފުހުގެ ދާނުގައި އޮތުމުން އެންމެން ރޯ އިރު އަހަރެންގެ ނުބައި ރިކޯޑްތަކާއެކު އަހަރެން މާ ގަދަޔަށް އެބަ ރޯކަން އެމީހުންނަކަށް ނޭގޭނެއެވެ. އެމީހުން އެނބުރި ގެއަށް ދާއިރު އަހަރެން ކުރިމަތިލާން ޖެހުނީ ހެއްދެވި ފަރާތާއެވެ." އިނގިރޭސި ޅެމެއް

ޖެނުއަރީ 1997

ރޭ ވެހުނު ސްނޯ ބިންމަތީގަޔާއި، ފަތްތަކުން މަހުރޫމްވެފައިވާ ގޮފިތަކުގައި ހަރުލާފައިވާއިރު ހުދު ޖަވާހިރުތައް ފަދައިން ދަޅަ އަރައެވެ. ފަތުރާފައިވާ ސާލެއްހެން އޮތް ހުދުކަމުގެ ތެރެއިން އެތަނަށް މަޑުކޮށްލި ކަޅުކުލައިގެ ކާރުގެ ވިދުން ފައުޅުވެއެވެ. ފަހަތުން އައި ކާރެއް އެ ކާރާއި އެއް ދިމާލެއްގައި މަޑުކޮށްލިތަން ފެނުނެވެ.

ވިހީގެ މެދުގެ އަހަރުތައް ގުނަމުންދާ ޒުވާނަކު އެ ކަޅުކާރުން ފޭބިއެވެ. ދެފަރާތުން ކުރުކޮށް ކޮށާލާފައި ފަހަތަށް އޮމާންކޮށްފައިވާ އިސްތަށިގަނޑުގެ ކުލަ ކަޅުކަމުންގޮސް ނޫކުލަ އަރާހެން ހީވިއެވެ. އެކުލައާއި އޭނާގެ ހުދުހަން ގުޅެއެވެ. ނިތުމައްޗަށް ފައިބައިގަތް އިސްތަށިތައް އެއްފަރާތްކޮށްލަން އޭނާ މަސައްކަތެއްނުކުރިއެވެ. އަވި އައިނެއްގެ އެހީގައި އޭނާގެ ލޯ ފޮރުވާފައިވިޔަސް އެ ގަދަ ބުމައިގައި ހިތްތައް ދަމައިގަންނަ ފަދަ ގޮތެއް ހުއްޓެވެ. ރީތިކޮށް ފަހާފައިވާ ސޫޓަކާއެކު ކޯޓެއް ލައިގެން ހެދުން އަޅާފައި ހުރި އިރު އަތަށް ލެދާ އަންގި ލައްވާފައެވެ.

އޭނާ ފެނުމާއެކު އެންމެންވެސް ތަންދޭން ދުރަށް ޖެހިލީ މީދާތަކަށް ބުޅަލެއް ފެނުމުން ބިރުން ދުއްވައިގަންނަ ފަދައަކުންނެވެ. ކައިލް އިސްހާގުއަކީ އެންމެންވެސް އެ މީހަކު ދެކެ ބިރުގަންނަ ޒުވާނެކެވެ. އެސްފިޔަ ޖަހައިލުމެއްނެތި މީހަކު މަރައިލަން ކެރިދާނެކަމަށްވެސް މީހުން ބުނެ އުޅެއެވެ. އުމުރުދުވަހު މަސައްކަތްނުކޮށް ހުއްޓަސް އަރާމު ދިރިއުޅުމެއް އުޅެވޭވަރަށް އޭނާގެ އަތުގައި ފައިސާ ޖަމާވެފައިވެއެވެ. އޭނާގެ ނަންމަތީގައި އެތައް އިމާރާތަކާއި ކުންފުނިތަކެއްވެއެވެ. އޭނާއަކީ އެތާގެ ސީއީއޯއެވެ.

އޭނާ އެ އިމާރާތާއި ދިމާލަށް މިސްރާބު ޖެހުމުން އޭނާގެ މީހުން ފަހަތުން ހިނގައިގަތެވެ.

"ސަރ ހެދުނުން ފެށިގެން މީހަކު ސަރއާއި ބައްދަލު ކުރަން އިންތިޒާރުގައި އެބައިން..." ރިސެޕްޝަނުގައި އިން ޔުނިފޯމް އެޅި އަންހެންކުއްޖާ ތެދުވެގެން އައިސް ކުރިމަތީގައި ހުއްޓުނެވެ.

"އައި ސީ...." ކައިލް މަޑުކޮށްނުލާ ފިޔަވަޅުތައް ނަގަމުން ދިޔައިރު އެކަމަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ.

"ސަރ އޭނަ މިތަނުން ދާކަށް އެއްބަހެއްނުވި..." އެ އަންހެންކުއްޖާ ކައިލްގެ ފަހަތުން ވަކި ދުރުމިނެއްގައި ހުރެ ކުރިއަށް ދިޔައީ ދެއަތްތިލަ ގުޅުވާލައިގެން ހުރެ ކަންބޮޑުވެފައިކަހަލަ ގޮތަކަށެވެ. ކައިލްއާއި ކައިރިނުވާން އެންމެންވެސް ދަނެއެވެ. މީހުން މާ ދޯޅުވެގެން އުޅުމުން އޭނާ އަންނަ ގަދަ ރުޅިއަކީ އޭނާއާއެކު މަސައްކަތްކުރާ އެންމެން ދަންނަ ހަގީގަތެކެވެ.

"އެއީ ކާކުތަ؟ އަހަރެން އޭނައާއި ޑީލްކޮށްފާނަން.." ކައިލްއާއި އެއްކޮށް ހިނގަމުން ދިޔަ މިކާލް އެންމެފަހުން ބުނެލިއެވެ. އުމުރު ދުވަހު އިންތިޒާރުކުރިޔަސް ކައިލްގެ ފަރުވާލެއް ނުހުންނާނެކަން އެންމެ ރަނގަޅަށް އެނގެނީ މިކާލްއަށެވެ.

"އޭނަގެ ނަމަކަށް ދެންނެވީ ސާމިރު.....ސަރ ނޫން މީހަކާއި ބައްދަލުކުރާކަށް އޭނަ ބޭނުމެއްނޫން," އެ އަންހެންކުއްޖާ ހާސްކަމާއި ނުތަނަވަސްކަން އެކުލެވޭފަދަ ނަޒަރަކުން ކައިލްއަށް ބަލައިލަމުން ޖެހިލުންވުމާއެކުވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާ ހެދުނުއްސުރެ ސާމިރުއާއި ކުރިމަތިލާ މުއާމަލާތުކުރިއެވެ. އޭނާ ބުނީ ކައިލްއާއި ބައްދަލުނުވެ ހުރި ތަނުން ގުޑާނުލާނެކަމުގައެވެ. ކައިލް އަންނާންދެން އޭނާ އިންތިޒާރުކުރާނެ ކަމުގައެވެ.

ކައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ސާމިރު؟" އެއީ އައިޒަކްގެ ޕާސަނަލް ސެކްރެޓަރީއެވެ. "އަހަރެންގެ އޮފީހަށް އޭނަ ފޮނުވާ......."

***

"ހެލޯ މިސްޓަރ ކައިލް...." ސާމިރު ކައިލްގެ އެ ބޮޑު އޮފީހަށް ވަދެފައި ހާސްކަމާއެކު ވަށައިގެން ނަޒަރު ހިންގާލައިފިއެވެ. ތަނަވަސް އެ އިމާރާތުގެ ކޮންމެ ދިމާލަކުން ފެންނަނީ މުއްސަދިކަމުގެ ކުލަވަރެވެ. އޮފްގަދަ މާބްލް ތަޅުމާއި ފަރުނީޗަރުތަކާއި ފާރުތަކުގެ ޑިޒައިން އަދި ބޮކިތަކުގެ އަގު މިލިއަނުން ގުނާނުލެވޭނެއެވެ. ސާމިރު ހީކަރުވާގޮތްވިއެވެ. ކަށިތައްވެސް ރޫރޫއަޅާފަދަ ފިނިކަމެކެވެ. ކައިލްއާއި ދިމާލަށް ޝައިތާނެކޭ ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންސާނަަކަށް މިހާ ގަދަ ފިނީގައި ކެތްކުރެވޭ ހެއްޔެވެ.

"ކޮންކަމެއް ބޭނުމީ ސާމިރު؟" ކައިލް އެއް ބުމަ އަރުވައިލިއެވެ.

ކައިލްގެ އިނގިލިތައް މަޑުމަޑުން ހަރަކާތްކޮށްލީ ނިތަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތްކޮށްލުމަށެވެ. އެ ހަރަކާތުންވެސް ސާމިރު ސިހުނުތަން ފެނިފައި ކައިލްގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ. ސާމިރު މަސައްކަތްކުރަމުން ދިޔައީ ހަމަޖެހޭކަން އެންގުމަށެވެ. އެކަމަކު އޭނާ އިނީ ބިރުން އަވަދިވާގޮތްވެފައެވެ. ކައިލްގެ ކުޑަ ހަރަކާތެއް ދެކެވެސް ބިރުންނެވެ. ކައިލްއަކީ އިންސާނެއްގެ ސިފައިގާ ހުރި ޝައިތާނެކެވެ. އޭނާގެ އެއްވެސް އިންސާނިއްޔަތު ކަމެއް ނުހުރެއެވެ. އިހުސާސްތަކެއް ނުހުރެއެވެ. އެއީ މަގުމަތީގައި އެންމެން ކައިލްއާއި ބެހޭގޮތުން ބުނެ އުޅޭ އެއްޗެކެވެ. އެމީހުން "ޑީމަން" އެކިޔާ މީހާގެ ހިތެއް ނޯވެއެވެ. ވީއިރު އޭނާ ބިރުނުގަންނަން ވީ ކީއްވެހެއްޔެވެ؟

މަޑުމުށިކުލައިގެ އެލޮލަށް ރަންކުލަ އަރާގޮތާއި ބޯ ކަޅު އެސްފިޔައިގެ ސަބަބުން ލިބިފައިވާ ރީތިކަމަކީ އިންސާނުންނަށްވެސް އާއްމުކޮށް ލިބިފައިވާފަދަ ރީތި ކަމެއް ނޫނެވެ. ތަފާތު ލޮލެކެވެ.

ތަނުގައި ދިއްލާލާފައިވާ އަލީގެ ސަބަބުން އެލޮލަށް އެޅިފައިވާ ރަންކުލައިގެ ސަބަބުން ވަކިން ބޮޑަށް ޝައިތާނީކަމަށް ދައްކައެވެ.

"ބޮސް އަޅުގަނޑު ކައިރީ ދެންނެވީ އަޅުގަނޑުގެ އަމިއްލަ އަތުން މި ކާޑު ހަވާލުކުރަން....." ސާމިރު އޭނާގެ ކޯޓުގެ ޖީބުން ކާޑެއް ނަގައިފިއެވެ. އޭރު އިނގިލިތައްވެސް ރޫރޫ އަޅައެވެ.

"އަޅުގަނޑު ދެން ގޮސްލާނަން...ބާއްޖަވެރި ދުވަހަކަށް އެދެން..." ސާމިރު އެހެން ބުނެފައި އަވަސްވެގަތީ އެތަނުން ސަލާމަތްވުމަށެވެ.

***

އައިޒަކް ގޭތެރޭގައި ފައި އެޅުމާއެކު މަރުހަބާ ކިޔުނީ ބައްދައިލުމަކުންނެވެ.

"ހޭ ލަވް...." އައިޒެކް ސިއެނާގެ ވިދާ މޫނަށް ނަޒަރު ހުއްޓާލަމުން ހިނިތުންވެލިއެވެ.

"ހެޕި ބާތުޑޭ..." ސިއެނާ އައިޒަކްގެ ކަނދުރާގައި ނިކަން ލޯބިން އަތް އަޅުވާލަމުން ބުނެލިއެވެ. ޒުވާންވަމުން ދާ ވަރަކަށް އައިޒަކްގެ ރީތިކަންދަނީ އިތުރުވަމުންނެވެ. ކުރުކޮށް ކޮށާލާފައިވާ މުށިކުލައިގެ އިސްތަށިގަނޑާއި އަޅި ދެލޮލާއެކު އެންމެ އެކަށީގެންވާ އިސްކޮޅުގެ ސަބަބުން އައިޒަކްވެފައިވަނީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނީ ލޯބިވެރިޔާއަށެވެ. ޔަގީނުންވެސް ސިއެނާގެ އެކުވެރިން ދެކެނީ އެހެންނެވެ.

"ކޮބާ ނޯރާ؟" އައިޒަކްގެ ސުވާލާއެކު ސިއެނާ މޫނު ހަދައިލީ ފޫހިވެގެން ހަލާކުވި ގޮތަކަށެވެ.
"މިއޮތް އުފާވެރި ދުވަހު އޭނަގެ ނަންގަތުމުގެ ބޭނުމަކީ ކޮބާ؟ އެ އީވިލް..... އެނީވޭ އެކަން ހަދާން ނައްތާލާ....."

ސިއެނާ ކަޅި ހިންގައިލިއެވެ. އޭނާ އައިޒަކްގެ އަތުގައި ހިފައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. އުފަންދުވަހަށް އަޅައިގެން އައި ކޭކު ދައްކަައިލުމަށެވެ. އައިޒަކްއަށް އިހުސާސްވީ ކޮންމެވެސް މީހަކު ބަލަން ހުރިކަމެވެ. އޭނާ ސިޑިބަރިއާއި ދިމާލަށް ނަޒަރު ހިންގައިލިއެވެ. އެއާއެކު ތުންފަތް މަތީގައި ވި ހިނިތުންވުން ނެތިގެން ދިޔައެވެ.

"އައިޒަކް. އަހަރެން މިކިޔާ އެއްޗެއް އެބަ އަހަންތަ؟" ޚިޔާލަކަށް ގެއްލުނު އައިޒަކްގެ ކަންފަތުގައި ސިއެނާގެ އަޑު ޖެހި ސިހޭގޮތްވިއެވެ.

"ކައިވެނީގެ ތައްޔާރީތައް ކިހިނެއްތަ؟ މާދަމާއަކީ ބޮޑު ދުވަސް. ހުސްކޮށް ތިބެން ވަގުތެއްނެތް. ފަހާ ތަނުން މިއަދު ގުޅި. އަހަރެންގެ ހެދުން ބަލާ އެތަނަށް ދާންވާނެ އިނގޭ." އައިޒަކްއަށް ސިއެނާގެ އަޑުވެސް މާދުރުން އިވޭފަދަ އަޑަކަށްވެ އެ އަޑަށް ސަމާލުކަން ނުދެވި އޭނާގެ ޚިޔާލަށް އެހެން ހަދާންތަކެއް ވެރިވިއެވެ.

***

ކޮފީ މޭޒުމައްޗަށް ސާމިރު ދޫކޮށްފައި ދިޔަ ކާޑާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ކައިލް އިނެވެ. ލެވެންޑާ ކުލައިގެ ކާޑެކެވެ. އެކާޑުގައި ބަރަނިފަށެއްގެ އެހީގައި ލެވެންޑާ މާ ކޯންޏެއް ހަރުކޮށްފައިވިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ ކައިލްގެ ޝައުގުވެރިކަން ދަމައިގަތީ އެކުލައެވެ. އޭނާ އެ ހުޅުވައިލުމުން އެއީ ކައިވެނީގެ ދައުވަތެއްކަން އެނގުނެވެ. އައިޒެކްގެ ނަމާއި ޖެހިގެން އިން ނަން ފެނުމާއެކު އެތެރޭގެ ކޮންމެވެސް ދިމާލަކުން އެއްޗެއް އުތުރިގަތްކަހަލަ އިހުސާސެއްވިއެވެ. އިރުގަނޑެއް ވާންދެން ކައިލް ޚިޔާލަކަށް ގެއްލިފައި އިނެވެ.

ކައިލް ތެދުވެ ލައިޓަރު ނެގުމަށްފަހު ކާޑުގައި ރޯކޮށްލުމާއެކު ހުޅުގަނޑު ހިފައިގަތެވެ. އޭނާ ކުޑަދޮރު ހުޅުވައިލުމުން ފިނިފިނި ވައިރޯޅިއެއް އޭނާގެ މޫނުގައި ބީހިލާފައި ހިގައްޖެއެވެ. ކާޑު އަޅިއަށްވެ ކުޑަދޮރުން ބޭރަށް ބުރަ ބުރައިގެން ދިޔަގޮތަށް ހުދުކަމުގެ ތެރެއަށް ގެއްލުނެވެ. ވެހެމުން ދިޔަ ސްނޯއަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މާދުރުގެ ހަދާނެއް ހޭލައިގަތެވެ. ތޭރަ އަހަރު ކުރިން ހަމަ ފިނި މޫސުމްގެ ހަދާނުން ނުފިލާނެ ފަދަ ދުވަހެކެވެ.

***

ޖެނުއަރީ 1984

ކައިލްގެ މޫނަށް ސްނޯގެ އެތިކޮޅުތައް ބީހެމުން ދިޔައީ މަލެއްގެ ފިޔަތައް ފަދައިން ލުއިކޮށެވެ. ބޮލުން ފެށިގެން ފައިގެ އިނގިލިތަކާ ހަމަޔަށް ހީކަރުވަމުން ދިޔަ ނަމަވެސް ސްނޯއަކީ އަޖައިބުވާފަދަ ހިތްހަމަޖެހުމަކަށް ވިއެވެ. އޭނާ ހުރި ދިމާލަށް ތިރިވެ ފާރުގައި ބުރަކަށި ޖައްސާލައިގެން ބޮނޑިވެލިއެވެ. ޒަޚަމްތަކުން ފުރިފައިވި ފައިތިލައަށް ނަޒަރު ހުއްޓާލިއިރު ކަރުނަތިކިތައް އޭނާގެ އެސްފިޔަތައް ފޫދުއްވާލައިފިއެވެ. ދުނިޔެ ވީ އޭނާއަށް ނާއިންސާފުން ފުރިފައިވާ އަނިޔާވެރި ތަނަކަށެވެ.

އެހެން ދިޔަ މީހުންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ބައެއް މީހުން ކުޑަތަކުގެ ހިޔަލުގައެވެ. އަނެއް ބަޔަކު އަގުބޮޑު ކާރުގެ ތެރޭގައެވެ. ހޫނު ކެހެރި ކޯޓުގެ ހިމާޔަތުގައެވެ. ބައެއްމީހުން މި ފިރިހެންކުއްޖާއަށް ބެލީ ހަމްދަރުދީއިން ފުރިފައިވާ ނަޒަރަކުންނެވެ. އަނެއް ބަޔަކު ދެއްކީ ފޫހި ކުލަވަރެވެ. އެކުއްޖާ އެ ފާރުކައިރީގައި އިނުމަކީ އަވަށްޓެރިންނަށް އާ ކަމެއްނޫނެވެ. އޭނާގެ މަންމަ އަމަލުކުރާގޮތް އަވަށްޓެރިން ދަނެއެވެ. އަމިއްލަ ގޭގައި އެކުއްޖާ އުޅެނީ އަޅެއްގެ ދަރަޖައިގައެވެ. ބައްޕައަކީ ކާކުކަމެއް ދަންނަ މީހަކު ނެތެވެ. އަޑުއަރާފައިވާ ގޮތުން ދެމީހެއްގެ ފާފައިގެ ނިޝާނެކެވެ. އަނާލިއާއަކީ ކައިލްގެ އަސްލު މަންމަ ކަމުގައި ގިނަބަޔަކު ގަބޫލެއްވެސް ނުކުރެއެވެ. މަންމައަކަށް ދަރިއަކާއި ދޭތެރޭ އެހާ އަނިޔާވެރިއެއް ނުވެވޭނެއެވެ.

މަންމަގެ އެ އަނިޔާ އިންސާފުވެރިކުރަން މަސައްކަތްކޮށް ކައިލް ވަރުބަލިވެއްޖެއެވެ. މިއީ އާއްމު ހާލަތެއް ނޫނެވެ. އެހެންކުދިންގެ މަންމައިން ދަރިންދެކެ ލޯބިވާ ވަރާއި އަޅާލާވަރު އޭނާ ދަނެއެވެ. އޭނާއަކީ ގޯސްކުއްޖެއް ނޫނެވެ. މަންމަ ކަންތައް މިކުރަނީ ގޯސްކޮށެވެ. އޭނާ ދުނިޔެއަށް އައިކަމަށްޓަކާ މަންމަ އޭނާ ދެކެ ނަފްރަތުކުރާކަން ގަބޫލުކޮށް އެކަމަށް އޭނާ ހޭނިއްޖެއެވެ. އެގޮތަށް ގަބޫލުކުރުން މާ ފަސޭހައެވެ. މަންމަގެ އެ އަމަލުތައް އެހެންމީހުންނަށް އިންސާފުވެރިކޮށްދީ އަދި މަންމައަކީ "ނޯމަލް" މަންމައެއްކަން ބުނެދިނުމަށްވުރެ ހިމޭންވުން މާ ފަސޭހައެވެ.

ސްކޫލްގައި ކައިލްއަށް ގަނާކުރާކަން އޭނާގެ މަންމަ އަނާލިއާ ދަނެއެވެ. ސަބަބަކީ އެކުއްޖާގެ ފަގީރުކަމެވެ. ހަރާމް ދަރިއެއްކަމުގައި ގޮވާ މަލާމާތްކުރެއެވެ. ދުނިޔެއަށް އައިކަމަށްޓަކާ ގަނާކުރަނީއެވެ. އޭނާގެ ލޮލުގައި ހުންނަ މަޑު މުށި އަދި ގިނަ ފަހަރު ރަންކުލަ އަރާ ލޮލުގެ ސަބަބުން އަދި ގަނާކުރުން ވީ އިތުރެވެ. އޭނާއަށް ޑީމަން ކިޔާ ނަން ހަރުކުރިއެވެ. އޭނާގެ ސްކޫލް ބޫޓު ވަގަށް ނެގިޔަސް މަންމަށް ވަރިހަމަވިއެވެ.

"ސްކޫލް ބޫޓާއި ނުލާ ގެއަށް ވަންނަން ހިތަށްވެސް ނާރުވާތި" މަންމަ އެންގީ އެހެންނެވެ.

"ސަރުކާރުން ޓްރޭޝްބިންތައް އަޕްގްރޭޑް ކޮށްލައިފިއެއްނު. ލުކްސް މޯ ލައިކް ހިއުމަން.." އެހިސާބާއި އަރާ ހަމަވި ދެ ފިރިހެނުން ހިނިގަނޑެއް ޖަހައިލިއެވެ.

ކައިލް އިސްއުފުލައި ބަލައިލިއިރު އެއީ އަލްޔަސްއާއި އޭނާގެ އެއް އަތް ކަމުގައިވާ ބާޒްއެވެ. އެހިސާބުގަނޑުގެ އެންމެ މަޝްހޫރު ގޭންގްސްޓާރުންނެވެ. އަލްޔަސް ގެ މުއްސަދިކަން ގުޅިފައިވަނީ ކޮންތަނަކާއި ކަމެއް ނޭގެއެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިކޮށް އުޅޭ ކަމަށް ވާހަކަދެކެވޭއިރު އޭނާއާއި ފުލުހުންގެ އޮންނަ އެކުވެރިކަމުގެ ސަބަބުން އޭނާގެ ނުބައި ފަރާތެއް އަދި އެއިން ކުށެއް ސާބިތުވާކަމަކަށް ނުވިއެވެ. އޭނާގެ ގޭންގްގެ ޒުވާނަކު މަރުވުމުން އެ ތަހުގީގުވެސް ކުރިއަކަށް ނުދިޔައެވެ. ޒުވާނާގެ އާއިލާ ތުހުމަތުކުރީ އެ ޒުވާނާ މަރައިލީ އަލްޔަސް ކަމަށެވެ. ނަމަވެސް އެ ފައިލްވެސް ހުޅުވައިލެވޭގޮތެއް ނުވިއެވެ. ކައިލް އޭނާގެ މަންމައާއި މާމައާއެކު ދިރިއުޅެނީ މި އަލްޔަސްގެ ގެއެއް ކުއްޔަށް ހިފައިގެންނެވެ.

"ކަލޭގެ މަންމަ ކޮބައިތަ؟"އަލްޔަސް ހަރުކަށި ރާގަކަށް ސުވާލުކުރިއެވެ.

"ބޮސް. ޑަސްޓްބިންތަކަށް ވާހަކަދެއްކޭތަ؟" ބާޒް ހިނިގަނޑެއް ޖަހައިލިއެވެ. އޭނާ ކުޑަ އަލްޔަސްގެ ބޯ މައްޗަށް ނަގައިގެން ހުރީ ސްނޯއިން ހިމާޔަތްދިނުމަށެވެ. އެދެމީހުން ކައިލް ދޫކޮށްލާފައި ގޮސް އެގެއަށް ވަންތަން ކައިލްއަށް ފެނުނެވެ.

އެދެމީހުން ދޮރުގައި ޓަކިދިނުމެއް ނެތި ގޭގެ ހުރުމަތް ކަނޑާލާފައި ވަދެގަތެވެ. އޭރު ކައިލްގެ މަންމަ އަނާލިއާ އުއްބައްތިއެއް ރޯކޮށްލަނީއެވެ.

"ކުލި ދެއްކުމެއްނެތި އަގުބޮޑު އުއްބައްތިތައް ރޯކޮށް މަޖާ ނަގާ މީހެއް ނިކަން ބަލައިލަބަލަ........" އަލްޔަސްގެ އަޑުވަނީ މަލާމާތުން ފޯވެފައެވެ. އޭނާގެ ބަރު އަޑު އިވިފައި ބިންމަތީގައި އޮތް ކުނަލެއްގެ މަތީގައި އޮތް ކައިލްގެ މާމަ ޒާފިރާ އިށީންނަން މަސައްކަތްކުރިއެވެ.

"އަނާ......" ޒާފިރާގެ އަޑު ނިކަން މަޑެވެ. އޭނާގެ ކަޅި އެކި ދިމާލަށް ހިނގަމުން ދިޔައިރު ވަކި ދިމާލަކަށް އެ ކަޅި ނުހުއްޓުނެވެ. އެއް އިރެއްގައި މުށިކުލައިގާ ވި ކަޅި ފޭދެމުންގޮސް އަޅިކުލައެއް ޚިޔާރުކޮށްފިއެވެ.

"އަހަރެން މި މަސް ނިމޭއިރަށް ކުލި ދައްކާނަން.." އަނާލިއާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.

"ޔަގީންވާ ކަމަކީ މި ކަމަނާގެ ލަދެއް ހަޔާތެއް ނެތްކަން....." އަލްޔަސް ގަދަކަމުން ހީގަނެފައި ދެން ބުމަ ގޮށްޖަހައިލިއެވެ." މިހާރު ފައިސާ ގެނޭ. މިހާރު ތިން މަސް ފާއިތުވެގެން ހިނގައްޖެ......."

"ފައިސާ ލިބޭނީ މި މަސް ނިމުނީމަ.." އަނާލިއާގެ ލޮލުން ފެނުނު ގޮތްދޫނުކުރުން އަލްޔަސްގެ ރުޅިގަނޑު ހައްދުން ނައްޓުވައިފިއެވެ. އޭނާ ކުރިއަށް ހިނގައިގަތުމާއެކު އޭނާ އަތުން އުއްބައްތި ޖަހައިގެންފާ އެ ހޫރުވައިލިއެވެ. އަމާޒުވީ ޒާފިރާ އިށީދެގެން އިން ކުނަލަށެވެ.

"މިއީ ކަލޭ ލައްވާ ކުޅުވާ ކުޅިގަނޑެއްނޫން. ޔޫ ބި*.. މާދަމާއާއި ހަމަޔަށް އަހަންނާއި ފައިސާ ހަވާލުނުކޮށްފިއްޔާ ކަލޭމެން އެންމެންގެ ދިރިއުޅުން ނިންމާލާނަން. ޑޯންޓް މެސް ވިތް މީ....." އަލްޔަސް އިންޒާރުދިން އިރު އޭނާގެ މޫނުމަތިން ފެނުނު ކުލަތަކުން މީހަކު ބިރުން ހިތް ފަޅައިގެންދާނެއެވެ. އެހާވެސް ނުރައްކާތެރި މީހެއްގެ ގޮތުގައި އަނާލިއާއަށް އޭނާ ފެނުނެވެ.

"ނޫނީ ކަލޭ އަގު އަދާކުރަން ބޭނުންވަނީ ކަލޭގެ ހަށިގަނޑުންތަ؟" އަލްޔަސްގެ ތުންފަތަށް ޝައިތާނީ ހިންޏެއް ވެރިވިއެވެ. އެވަގުތު ޒާފިރާ ހިގަމުން އައިސް ވައިގެ ތެރޭގައި އަތް ހަރަކާތްކުރީ އަލްޔަސްގެ މޫނަށް އެތިފަހަރެއް ވީއްލުމަށެވެ. ނަމަވެސް އެތިފަހަރު ދިޔައީ ހުހަށެވެ. ބާޒް އޭނާ ކޮށްޕާލުމާއެކު ވިއްސައިގެން ގޮސް ބިންމަތީގައި ޖެހުނެވެ. އަނާލިއާ ކަޅި އަޅައިގަތްގޮތުން ބާޒްގެ ހަށިގަނޑުވެސް ތޮރުފައިލާފަދަ ތޫނުކަމެއްވިއެވެ. ބޭ އިޚުތިޔާރުގައި އޭނާއަށް ފަހަތަށް ޖެހިލެވުނެވެ.

އަނާލިއާވެސް އަލްޔަސްގެ ގައިގާ ޖަހަން އަތް މަޅައިލިނަމަވެސް އޭނާ މާ ހުޝިޔާރެވެ. އޭނާ ވީއްލައިލި އެތިފަހަރުން އަނާލިއާއަށް ހަށިގަނޑު ސަމާލުކުރެވުމެއް ނެތި ގޮސް ޖެހުނީ އަނދަ އަނދާ އޮތް ކުނަލުގެ ކައިރިފަށުގައެވެ. ކައިލްއަށް ދޮރުމައްޗަށް އެރުނީ އެވަގުތުއެވެ. އޭނާގެ ދެލޯ ފުޅާވިއެވެ.

"އަހަރެން މާދަން އަންނާނަން. މޫވް. ޔޫ ޓްރޭޝް....." އަލްޔަސް އުޅަބޮށިން ކައިލްގެ މޭގައި އަޅާ ކޮށްޕައިލިގޮތުން ވީ ތަދެއްގެ ބޮޑުކަމުން ގުދުވެވުނެވެ. ކައިލްގެ ލޯ އޭނާގެ މާމައިން ގޮސް މަންމައާއި ހަމަޔަށް ދަތުރުކުރިއިރު އެތެރެހަށީގައި އެއްޗެއް އަނދަން ފެށިއެވެ. އެއީ ކޯންޗެއް ކަމެއް ނޭގުނެވެ. ނަމަވެސް އެއީ މި ސިކުންތާއި ހަމަޔަށް އޭނާގެ ހިތުގައި އުފަންވިފަދަ ޖަޒުބާތެއް ނޫނެވެ. ބުނެދޭން ނޭގޭފަދަ ނުރައްކާތެރި ހޭލައިގަތުމެކެވެ.

ކައިލްގެ ލޯ ހުއްޓުނީ އަނދަމުންދާ ކުނަލާއި ހަރަކާތެއް ނެތި އޮތް އަނާލިއާ އަށެވެ. ހުޅުގަނޑު އެކި ދިމާލަށް ދޫނެރެމުން ބިރުވެރިކަމާއެކު ހުރިހާ ތަނެއް ދިރުވައިލަން އުޅޭފަދައެވެ. ކައިލް އަވަސް ހަރަކާތަކާއެކު އަލިފާނުގެ ހުޅުގަނޑާއި ހަމަލާ ދީ މައިތިރިކޮށްލުމުގައި ކާމިޔާބު ހޯދީ މިނިޓެއްގެ ތެރޭގައެވެ. އޭނާ މާމަ ތެދުކުރަން އުޅެގަތެވެ. މަޑު މަޑު ބީހިލުމާއެކުވެސް އެއީ ކައިލްކަން މާމަ ދެނެގަތެވެ. އޭނާގެ ހަރުކަށިކަމެއް އައިސްފައިވާ ހަށިގަނޑު މަޑުވެ ހަމަޖެހުމުގެ ނޭވާއެއްލައިފިއެވެ.

އަނާލިއާ ކައިލް އެތާ ހުރިކަން އެނގުނު ކަމަކަށްވެސް ނަހަދާ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

"އެމީހުން.....ދިޔައީތަ؟" ޒާފިރާ ވައި އަޑަކުން އަހައިލިއެވެ. އެކަމަކު އެ ކަޅި އެންމެ ފަހަރަކުވެސް ކައިލްގެ ކަޅިއާއި ބައްދަލެއް ނުވިއެވެ.

"އާނ މާމާ. އެމީހުން ހިގައްޖެ..." ކައިލް ޖަވާބު ދިނެވެ. އެއާއެކު އޭނާއަށް މާމަގެ ފަޔަށް ތަދުވެ ނުހިނގޭކަން އެނގުމުން ހިތް ފުންމާނުލީ ހަމަކިރިޔާއެވެ.

"މާމަ އިށީންނަން އެހީވެދީ..." ވޭނުގެ ސަބަބުން ޒާފިރާގެ އަޑު ތުރުތުރުލާ ގޮތްވިއެވެ.

ކައިލް ޒާފިރާ ކައުޗްގައި ބައިންދާފައި ފައިގައި ހިފައި އެކިގޮތްގޮތަށް ބެލިއެވެ.

"މާމަ ހޮސްޕިޓަލަށް ގޮސްގެން ފައި ޗެކްކުރުވަން ޖެހެނީ....." ކައިލްގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ.

އުމުރުން އެންމެ ސާދަ އަހަރުނަމަވެސް އެ އުމުރުގެ ކުއްޖަކާ ބަލާފައި ހަރުދަނާ އަދި ޒިންމާދާރު ކުއްޖެކެވެ. ބައްޕައަކާއި ނުލާ ދުނިޔެއަށް އުފަންވުމުން އޭނާގެ ޅަ ދުވަސްވަރު ވޭތުވީ އެހެން ކުދިން ފަދައިން އުފަލުގައެއް ނޫނެވެ. އޭނާއަށް ހިނގާބިގާވެ ވާހަކަދެއްކެން ފެށީއްސުރެ އަމިއްލަ ނަފުސާއެކު ލޯފަން މާމަ ބެލުމުގެ ޒިންމާ ނަގަން ޖެހުނެވެ. އަނާލިއާ ހުއްޓަސް ތަފާތެއް ނުފެނުނެވެ. އޭނާ ހުރުމެކޭ ނެތުމެކޭ އެއްވެސް ތަފާތެއް ހުރީއެއް ނޫނެވެ. އޭނާ އެގޭތެރޭގައި އުޅޭކަމުގެ އިހުސާސް ކުޑަވެފައި ވާހަކަދެއްކުން އިންތިހާއަށް މަދެވެ. އެހިތުގައި އިންސާނަކަށްޓަކާ ލޯބީގެ ކުނޑިފަށެއް ވާނަމަ އެ ލޯބި އޮތީ އޭނާގެ ލޯފަން މަންމައަށްޓަކައެވެ. ނަމަވެސް އެލޯބިވެސް އޭނާ ދައްކާކަށް ބޭނުމެއްނޫނެވެ.

"އަނާ ރަނގަޅުތަ؟ އަނިޔާއެއް ވިތަ؟" ޒާފިރާގެ ފުސް ދެލޮލުގެ ކަޅި ހިނގާގޮތުން ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން ހޯދުމުގައި ބޭގަރާރުވެފައިވާ ހެންނެވެ.

"މާމަ ކަންބޮޑުނުވޭ. މަންމަ މުޅިން ރަނގަޅު..." ކައިލް އެހެން ބުނެލީ އަނާލިއާ ވަން ކޮޓަރިއާއި ދިމާލަށް ނަޒަރު ހުއްޓާލަމުންނެވެ.

"ހިކިލައިގެން އާދޭ ކޮއިފުޅާ. ނޫނީ ބަލިވެދާނެ.." ޒާފިރާ ތުން ތަޅުވައިލިއެވެ. ދެން ތަސްބީހަ ކިޔަންފެށިއެވެ. އޭނާ ގިނަވަގުތު ﷲއަށް ވަގުތުދީ ޒިކުރުކޮށް ތަސްބީހަ ކިޔުމުގައި ހޭދަކުރުމުން އެކަނިވެރިކަމާއި މާޔޫސްކަން ފިލައެވެ.

ޒާފިރާގެ ހިތް މާމަ ދަރިފުޅު ކައިލްއަށްޓަކާ ހަލާކުވާވަރުވިއެވެ. ކައިލް ދުނިޔެއަށް އުފަންވުމުން އެދަރިފުޅު ދެކެ ނަފްރަތު ކުރެވުނުކަމީ ހިތި ހަގީގަތެކެވެ. އެކަމަކު އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅެން ޖެހުމުން އެކުއްޖާއަށްޓަކާ ހިތުގައި ކުލުނު ނުއުފެދި ހުރެވުމަކީ ވެވޭވަރުގެ ކަމަކަށްނުވިއެވެ. އެހާވެސް ކައިލްގެ ހިތް މަޑެވެ. ކޮންމެ ދުވަހަކު އެތައް އެއްޗެއް ކިޔާއިރުއެވެ. އަމިއްލަ ގޭގައެވެ. އަމިއްލަ މަންމަގެ ފަރާތުންނެވެ. އެކަމަކު އަނާލިއާ އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފައެއް ނުވެއެވެ. މިފަހަކަށް އައިސް މަންމަގެ ހިމޭންކަން ކައިލްއަށް ވީ ހިތަށް މާ ތަދުކުރުވި ދުޝްމިނަކަށެވެ. އަނާލިއާ އެކުއްޖާއާއިމެދު އެގޮތަށް އަމަލު ނުކުރާނެ ނަމައޭ ޒާފިރާގެ ހިތަށް އެރިއެވެ. އެތައްފަހަރު ދުއާ ކުރެވުނެވެ. އެކަމަކު އެކުއްޖާއާއި އެއްކޮޅަށް ވަކާލާތުކުރުމުގެ ހައްގު އޮތްކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އަދި އެކަމުގައި އެންމެ ބަހެއް ބުނުމުގެ ހައްގު އޮތްކަމަށް ގަބޫލު ނުކުރަނީވެސް އަނާލިއާ ކައިލްއާ މެދު އެގޮތަށް އަމަލުކުރަން ފެށީ އޭނާގެ ސަބަބުން ކަމަށް ގަބޫލުކުރެވޭތީއެވެ. އެ ފިރިހެންމީހާއާ ކައިވެނި ކުރަން ބާރު ނޭޅުނުނަމައެވެ.

ކައިލް ފާހާނާއަށް ވަދެ ތެތް އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްއިރު ކޮޓަރިތެރޭގައި އަނާލިއާ ހުއްޓެވެ.

"ކަލޭ އަދި މާމަގެ ސާމާނު ޕެކްކުރޭ. އަހަރެމެން ދަންވަރު މިތަން ދޫކޮށް ދަނީ...." އަނާލިއާ ވާހަކަދެއްކިއެވެ.

"ކޮންތާކަށް؟" ކައިލް އޭނާގެ މަންމަ ގާތުން އެހިއެވެ. އަނާލިއާ ޖަވާބެއްނުދީ ނިކުމެގެންގޮސް ދޮރުން ބޭރުވިއެވެ. ޖަވާބެއް ނުދޭނެކަން ކައިލްއަށް ކުރިންވެސް އެނގުނެވެ. މަންމަގެ އާދަކާދަ މުޅިން ދަސްވެފައިވާތީ ޖަވާބަކަށް އެދި ސުވާލެއް ކުރުމަކީ ބޭކާރުކަމެއްކަން އޭނާއަށް ރަނގަޅަށް އެނގޭމެއެވެ.

ނުނިމޭ

ކޮމެންޓް 0