"ސީލިންއާއި ހަމަޔަށްވެސް ނުފޯރާނެހެން ހީވާ ތިބާގެ އަޑު، ހަތް އުޑު ހުރަސްކޮށް މައްޗަށް ދަތުރު ކުރެއެވެ."

މާތްﷲ ގުރުއާނުގެ ސަބާ ސޫރަތުގައި ވަހީކުރައްވާފައިވަނީ إِنَّهُ سَمِيعٌ قَرِيبٌމާނައަކީ "ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ."

***

ނާޔަލް އޮފީހުގައި ކުރިކާލި ކަނޑަމުން ދިޔައިރު އަތުކުރީގައި އޮތް ގަޑިއަށް އިރުއިރުކޮޅާ ބަލައިލެވުނެވެ. އެމީހުން މިހާރު އަތުވެދާނެހެއްޔެވެ؟ ފްލައިޓް މިހާރު ޖައްސަފާނެކަން ނޭގެއެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލެވެނީ ކައިލްގެ ފޯނެއްގެ އިންތިޒާރުގައެވެ. ނާޔަލްއަށް ބަޔަކު ފާރަލާފާނެތީ ކައިލް މެއިލްއެއްވެސް ނުފޮނުވައެވެ. ފަހަރެއްގައި އޭނަގެ މެއިލް ހެކްކޮށްފާނެކަމަށް ކައިލް ވިސްނީއެވެ. އޭނައަށް ބައްޕަ ފެނުނުހެއްޔެވެ؟ ބައްޕަ ދިރިދުނިޔޭގައި އެބަހުރިހެއްޔެވެ؟ އިންތިޒާރުގައި އެތައް އިރެއްވީފަހުން ފޯނުގެ ސްކްރީން ދިއްލުނެވެ. އޭނަ ހިނދުކޮޅެއްވެސް ގެއްލުވާނުލިއެވެ. އަވަހަށް ޖެކެޓާއި ފޯނު ޖަހައިގެންފައި އޭނަ އޮފީހުން ނުކުތީ އަވަސްއަރުވާލާފައެވެ.

ނާޔަލް ނުކުތްތަން ދެކެން ހުރި ނަރުސް އަންހެންކުއްޖާވެސް އެ ޚަބަރު އަންގަން ލަހެއް ނުކުރިއެވެ. ނޯރާ މުޅި ދުވަސް ހޭދަކުރީ ނާޔަލް އޮފީހުން ނުކުތުމުގެ އިންތިޒާރުގައެވެ. ކޮންމެ މިނިޓަކުހެން ނާޔަލް ފޯނު ޗެކްކުރުން ނޫންކަމެއް އެދުވަހު ކުރީއެއް ނޫނެވެ. ދުވަހަކުވެސް ނާޔަލް އެހާ ހާސްވެ ކަންބޮޑުވެފައި ހުރިތަނެއް އޭނަ ނުދެކެއެވެ. މަސައްކަތް ނިމުމަށްފަހުވެސް ނޯރާ އޮފީހުގައި މަޑުކޮށްލައިގެން އިނީ އެކަމަށް ބަލަބަލައެވެ. ނާޔަލް އެ ފިކުރުބޮޑުވާކަމެއް މިއަދު އޭނަ ހޯދާނެއެވެ.

ނޯރާއަށް ފެނުނީ ނާޔަލް ކަޅުކުލައިގެ ތޮތްޕެއް އަޅާލުމަށްފަހު ތިރިކޮށްލަމުން މޫނު ނުފެންނަގޮތަށް ނިވާކުރުމަށްފަހު ދާން ހިނގައިގަތް ތަނެވެ. ކުރިއަށްވުރެ ބޮޑަށް ނާޔަލް ކުރާކަމަކަށް ފާރަލާން ބޭނުންވިއެވެ. އޭނަގެ ބޭބެ ކުރަން މިއުޅެނީ ކޮންފަދަ ކަމެއްހެއްޔެވެ؟ކުއްލިއަކަށް އައި ޚިޔާލަކުން އޭނަގެ ގައިން ހީލިގަނޑެއް އަރައިގެން ދިޔައެވެ. މީހަކު މަރައިލުމުގެ ތުހުމަތުގައި ދާދި ފަހަކާއި ޖެހެންދެން އޭނަގެ ބޭބެ އޮތީ ޖަލުގައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ނާޔަލް ދާން އުޅޭ ތަނެއް ނޭގި އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހޮސްޕިޓަލް އިމާރާތުން ނިކުމެވެންދެން ނޯރާ އޭނަގެ ބޭބެގެ ފަހަތުގައި ޖައްސާލާފައި ހުއްޓެވެ.

"އެއީ ބޭބެގެ ކާރެއްވެސް ނޫނެއްނު..."ނާޔަލް ކަޅުކުލައިގެ އެސްޔޫވީއަކާއި ދިމާލަށް ދާތަން ފެނިފައި ނޯރާ އަމިއްލަ ނަފުސަށް ކިޔާލިއެވެ. ނާޔަލް ޑްރައިވަރުގެ ސީޓުގައި ޖައްސާލުމަށްފަހު ކާރުގެ ތަޅުދަނޑި ހުންގާނުގައި ޖަހަން އުޅެނިކޮށް އަތް ތުރުތުރުލައިގެންފާ އަތުން ދޫވިއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު އަނެއްފަރާތުން ދޮރު ހުޅުވާލާފައި ޕެސެންޖަރު ސީޓުގައި އިށީނުމުން ބަލައިލެވުނެވެ.

"ނޯރާ..." ނާޔަލްއަށް ހައިރާންކަމެއް ލިބުނެވެ."ލުކް..އަހަރެން މިގަޑީގައި ކޮންމެހެންވެސް ތަނަކަށް ދާން ޖެހިއްޖެ..."

"މިތަނުން ގުޑިވެސް ނުލާނަން ވެގެން އުޅޭގޮތެއް ކިޔާނުދެންޏާ. އަންހެންކުއްޖަކާއި ބައްދަލުކުރަން ދާކަމަށްވަންޏާ އަހަރެންވެސް ގެންދޭ. އެކުއްޖަކާއި ބައްދަލުކުރަން ބޭނުން. އެކުއްޖަކަށް ކޮއްކޮ ތައާރަފުކޮށްދޭން ޖެހޭނެ..." ނޯރާ އަވަސް އަރުވާލާފައި ސީޓް ބެލްޓް އަޅާ ދަތުރަށް ތައްޔާރުވިއެވެ. އޭނަ އެތަނުން އެންމެ ތަންކޮޅެއްވެސް ދުރަށް ޖެހޭނެކަމުގެ އެއްވެސް ނިޝާނެއްނެތެވެ. ނާޔަލް ދެކޮޅު ހަދަން އުޅެފައިވެސް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ދިގު ނަޒަރަކުން ކޮއްކޮއާއި ދިމާލަށް ބަލަން އިނދެވުނެވެ. ނާޔަލް މިދާތަނަށް ދިޔުމުގެ ހައްގު ކޮއްކޮއަށްވެސް ހަގީގަތުގައި ލިބިގެންވެއެވެ.

"އޯކޭ ނޯރާ. ނޯރާއަށް އިންތިޒާރު ނުކުރެވޭނެތީ އަދި ތި ސްޕޮޓުން މޫވް ނުކުރާނެތީ ދަމާ ހިނގާ......."

"ކޮންތަނަކަށް؟" ނޯރާގެ ލޮލުން ފެނުނީ ކެތްތެރިކަން ކޮޅުން ލީކަމެވެ.

"ލަވެންޑަރ....."ނާޔަލްގެ ޖުމްލައިން ނޯރާގެ ބުމަ މައްޗަށް އެރިއެވެ. އޭނައަށް އިވުނީ ރަގަޅަށްހެއްޔެވެ؟

***

ނޯރާއަށް އެ ނަން ބޯޑު ފެނުމުން އޭނަ ބޭނުންވީ ހަމަ ކުއްލިއަކަށް ކާރުގެ ސީޓު ތެރެއަށް ކުޑަވެގެންގޮސް ގެއްލިގެން ދިޔުމަށެވެ. ކުއްލިއަކަށް ސީޓުބެލްޓް މާ ބާރުކަމުގެ އިހުސާސްވެސް ކުރެވުނެވެ. އެވެސް އޭނަ ހާސްކޮށް އެ ސީޓުގައި ޗެއިން ކޮށްފައިވާފަދައެވެ. އޭނަ ބޭނުންވީ ކާރުން ފައިބައިގެން އޭނަ އައިތަނަށް އެނބުރި ދިޔުމަށެވެ. މިގެއަށް ކައިލް ލަވެންޑަރގެ ނަމުން ނަން ދިނީ ކީއްވެހެއްޔެވެ؟އެބޮޑު ގެއަށް ވަންނާން އޮތް ދިގު މަގުން ދުއްވާފައި ދިޔައިރު އެ ތަނުގެ ރީތިކަމާއި ތަނަވަސްކަމަށް އޭނަގެ ހިތް އެތައް ހާސްފަހަރު ތައުރީފުކުރިއެވެ. މި ބިން ހާދަ ބޮޑުވެފައި މަންޒަރުތައް ހާދަ ރީއްޗެވެ. ވީއިރު ކައިލް ދިރިއުޅޭ ތަނަކީ މިއީތާއެވެ.އެ ބޮޑު ގަނޑުވަރާއި ހަމަޔަށް އާދެވުމުން ނޯރާއަށް ދޭހަވީ އޭނައަށް ކުށް ހީއެއް ކުރެވުނުކަމެވެ. ކައިލްގެ ވިޔަފާރި ތަންކޮޅެއް ކުރިއެރިކަމަށް ހީކުރެވުނަސް އަދި މިވަރުވެދާނެކަމަށް ހީކުރާނީވެސް ކިހިނެއްހެއްޔެވެ؟ ވިންޓަރފެލްހާ ޝާހީ އަދި ބޮޑު ތަނެއް ފެނިދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. އެކަމަކު އެއީވެސް ގޯސް ހީއެކެވެ.

"ނާޔަލް. ކައިލްއާއެކު ކޮން ބިޒިނަސްއެއް އޮތީ؟" ނޯރާ ކާރުން ފައިބަން އިންކާރުކުރިއެވެ. ނާޔަލް އަޅާނުލާ އަވަސްވެލާފައި ހިނގައިގަތުމުން ނޯރާވެސް ފަހަތުން ދުވަމުން ކަހަލަގޮތަކަށް ދިޔައެވެ. ފިނިމޫސުމްގެ ފިނިވައިރޯޅިތައް އޭނަ ވަށައިލުމުން ހީކަރުވައިގެން ރޫރޫ އަޅައިގަތެވެ.

ނޯރާ ކުރިއަށް ދިޔަވަރަކަށް އަޖައިބުވިއެވެ. އޭނަ ރީތި ގެތައް ދެކުނެވެ. އެކަމަކު މިއީ ކުރިން ދެކެފައިވާ ތަންތަނާއި ބަލާއިރު ދުނިޔެމަތީގެ ކަމެއްހެނެއްވެސް ހިޔެއްނުވެއެވެ. ލޮލުކޮޅަށް އޮބާފައިވާ ބަގީޗާއެވެ. ފަތްތައް ވެރިފައިވާ ގަހުގެ ގޮފިތަކުގައި ވިދަނީ ސްނޯއެވެ. ބަހާރު މޫސުމް އައުމުން އަދި އެއްވެސް ތަނެއް މި ބަގީޗާއާއި ވާދަނުކުރެވޭނެކަން ނޯރާއަށް ޔަގީންވިއެވެ.

ޔުނިފޯމް އަޅައިގެން ހުރި ބަޓްލާ އެއް އެކުދިންނަށް މަރުހަބާކިޔާފައި އަދަބުވެރިކަމާއެކު ދެންނެވީ ކައިލް އިރުކޮޅަކުން ތިރިއަށް އަންނާނެކަމުގައެވެ.

"ކިހިނެއް ކައިލްއާއި އެކުވެރިވެވުނީ؟ ބޭބޭ....."ނޯރާ ވައި އަޑަކުން އަހައިލިއެވެ.

"ނޯރާ ކިޔާދިން ވާހަކަތަކުން ކައިލްއަކީ ރަގަޅު މީހެއްކަން އެނގުނީ...." ނާޔަލް ކިތަންމެ ވަރަށް ހަމަޖެހެން މަސައްކަތްކުރިޔަސް އޭނަގެ ހިތް ރޭހެއް ޖަހަނީއެވެ. ކައިލް ސިޑިން ތިރިއަށް އަންނަތަން ފެނި ނޯރާގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ކަޅުކުލައިގެ ޖިންސަކާއި ދޫ ޓީޝާޓެއްލައިގެން ހުރިއިރު ނޯރާއަށް ވިންޓަރފެލްގެ ޑިނާއިން ފެނުނު އެމީހެއްދެކެ ޖެހިލުންވެ ވާހަކަދައްކަން އުދަގޫވި އެ ސީރިޔަސް ޒުވާނާއަށްވުރެ ތަފާތުކޮށް މިއަދު ފެނުނެވެ. އިސްތަށިގަނޑުވެސް މައްޗަށް ފުނާ އަޅާފައި އޮތުމުގެ ބަދަލުގައި ހޭވިފައެވެ. ތިރިއަށް އަންނަމުން ނޯރާ ފެނުމާއެކު ހައިރާންވިކަން ނޯރާއަށް އެނގުނެވެ.

"ނޯރާ ގާތު އެވާހަކަ ބުނީތަ؟ ނޯރާ މަޑުން ހުންނާނެކަމުގެ ޔަގީންކަން އެބައޮތްތަ؟" ކައިލް ސިޑީގެ މެދަކާއި ހިސާބުން ހުއްޓުނެވެ. އަދި އެއްބުމަ މައްޗަށް އެރުވިއެވެ. އެހިސާބަށް ކައިލް ބުނެލިއިރު ނޯރާ މަޑުމަޑުން ނާޔަލްގެ ގާތަށް ޖެހުނީ އެއީ އޭނަ ހިމާޔަތްކުރާ އައްޑަނައެއް ކަމުގައި ދެކުނު ފަދައިންނެވެ.

"އަހަންނަށް ހީވަނީ އެކަން ސިއްރުކުރަން ނޯރާއަށް އިތުބާރުކުރެވިދާނެހެން.."ނާޔަލް ބޯ ޖަހައިލިއެވެ.

"އާދޭ މައްޗަށް...."ކައިލް މައްޗަށް ދާން ހިނގައިގަންނަމުން ދައުވަތު ދިނެވެ.

ނާޔަލް ނޯރާއަށް އައުމަށް އިޝާރާތްކުރިއެވެ. ނޯރާގެ ބުމަ ކައިރިކޮށްލެވުނެވެ. މި ހިނގަނީ ކޮން ކަންތައްގަނޑެއްހެއްޔެވެ؟ ފޮރުވަނީ ކޮން ސިއްރެއްބާވައެވެ. ކައިލް އެދެ ޒުވާނުން ގޮވައިގެން އެ ފުޅާ ކޮރިޑޯއިން ހިނގައިގަތްގޮތަށް ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފިއެވެ. އުމުރު ދުވަހުވެސް އެފަދަ ބޮޑު ސަޕްރައިޒެއް ލިބޭނެކަމެއް ނޭގެއެވެ. ހުއްޓުން އެރިގޮތަށް ނޭވާލާން ނޭގި ގަނޑުވެފައި ހުރެވުނީއެވެ. ދުވަހަކުވެސް ހަނދާނުން ކައްސާލައިގެން ނުދާނެ އެމޫނަށް ބެލުނުގޮތަށެވެ. އެއީ އޭނަގެ ބައްޕައެވެ.

"ބައްޕާ......"ނޯރާއަށް އަނގަމަތީ އަތް އެޅުނުގޮތަށް ބައްޕަގެ ނަން ކިޔައިލެވުނީ ކޮށިއަރާގޮތްވެފައެވެ. ނާޔަލްވެސް ބައްޕައާއި ދިމާލަށް ހިނގައިގަތްއިރު ނޭވާ އެތެރެހަށީގައި ތާށިވެ ޖަޒުބާތްތައް ހިފަހައްޓަން މަސައްކަތްކުރަން ޖެހުނެވެ.

މަހުމޫދު އެނދުގައި އިށީދެލައިގެން އިންއިރު ނަޒަރު ހުއްޓިފައިވީ ފުޅާ ކުޑަދޮރާއި ދިމާލަށެވެ. އެތެރެއަށް ވަން މީހުންނާއި ދިމާލަށް އޭނައަށް ބަލައިލެވުނީ ހަމަ އެފަދަ ނަޒަރަކުންނެވެ. އެތަނަށް ވަނީ ކޮންބަޔެއްކަން އެނގުނުކަމުގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.

ނޯރާ ދުވެފައިގޮސް ބައްޕަގެ ގައިގާ ބައްދާލިއިރު ކޯތާފަތްމަތިން ކަރުނަތައް ދެމެމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. އޭނަ ހެއްދެވިފަރާތަށް ކޮންމެ ދުވަހަކު ދުޢާކުރިއެވެ. އަދަދުކުރަން ނޭގޭހާ ގިނައިންނެވެ. އަދި ﷲ ސުބުހާނަހޫ ވަތައާލާ އޭނަގެ ދުއާތައް އައްސަވާ ވޮޑިގެންފިއެވެ. އޭނަ ހަޅޭއްލަވާ ރޮއިހަދާކަށް ނުޖެހުނެވެ. ހިމޭން ދުއާތައްވެސް އެފަރާތް ދެނެވޮޑިގެންވެއެވެ.

ޤުރުއާންގެ އިބްރާހީމް ސޫރަތުގެ ތިރީސް ނުވަވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ""އިންޑީޑް މައި ލޯޑް އިޒް ދަ ހެއަރަ އޮފް ސަޕްލިކޭޝަން." އަޅުގެ ވެރި ރަސްކަލާނގެއީ އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ."

އަދިވެސް ﷲ ސުބުހާނަހޫ ވަތައާލާ ބަގަރާ ސޫރަތުގެ ސަތޭކަ އަށްޑިހަ ހަ ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ "ތިމަން ރަސްކަލާނގެ ހަޟުރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ އެއުރެން ތިމަންރަސްކަލާނގެއަށް އިޖާބަ ދޭހުށިކަމެވެ."

ބައެއްފަހަރު ދުއާގެ ބާރު ބަޔާންކޮށް ނުދެވޭނެއެވެ. އަދި އެތައް ބަޔެއްގެ ދިރިއުޅުން ސަލާމަތްކޮށްދޭ ހަތިޔާރެކެވެ. ބައެއްފަހަރު ވަގުތުން ދުޢާ އިޖާބަވެއެވެ. އަދި ބައެއްފަހަރު ދުވަސް ނަގައެވެ. އަނެއްބައި ފަހަރު އާޚިރަތާއި ހަމަޔަށްވެސް ދުޢާ ލަސްވެދެއެވެ. އެކަމަކުވެސް ދުޢާ ކަރާމާތްތެރި ނަތީޖާ ގެނެސްދީ ދިރިއުޅުން ބަދަލުކޮށްލަދެއެވެ. ކަރުނުން ފުރިފައިވާ ދެލޮލާއެކު ނޯރާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ނާޔަލްގެ އަތްވެސް އޭނަގެ އާއިލާ ވަށައިލެވުނެވެ. އޭރު އެލޯވެސް ފުރިފައިވަނީ ކަރުނުންނެވެ.

އާއިލާގެ އެ ވަގުތުކޮޅަށް ތަން ދިނުމަށް ކައިލް މަޑުމަޑުން ދޮރު ލައްޕާލާފައި ނުކުތެވެ.

"އެމީހުން އެބަތިބިތަ؟ނޯރާއާއި އޭނަގެ ބޭބެ؟"މިކާލް ސުވާލުކުރުމުން ކައިލް ނިތް އަރުވައިލިއެވެ."އޭނައަށް އޭނަގެ ކުދިން ވަކިކުރަން އެނގުނުހެން ހިޔެއްނުވޭ...."

ކައިލްއާއި މިކާލް އިށީދެލައިގެން ތިބީ އެގޭގެ ފަހަތުގައިވާ މަޑު ގޮދަޑިޖެހި ސޯފާ ގޮނޑިތަކުގައެވެ. ޝާހީގޮތަކަށް ޑިޒައިން ކުރެވިފައިވާ އަލިފާން އަންދާ އެއްޗެއެއް މެދުތެރޭގައި ހުރުމުން ގަނޑުފެންފަދަ ވައިރޯޅިތަކާއި ފަޒާގެ ފިނިކަމުން ކޮންމެވެސް ވަރެއްގެ އަރާމުކަމެއް ހަށިގަނޑަށް ލިއްބާދިނެވެ.އަލިފާނުގެ ހޫނު އޮރެންޖްކުލައިގެ އަލި އެ ދެ ޒުވާނުންގެ މޫނަށް އެޅި ފެންނަނީ އުޖާލާކޮށެވެ.

"އޭނަ ހަނދާން ނެތުނީކަމަށް ހެދެނީތަ ނޫނީ...." މިކާލްގެ ހިތުގައި ޝައްކު އުފެދުނެވެ.

"އަހަންނަކަށް ހިޔެއްނުވޭ. އެސައިލަމްގައި ބާރުގަދަ ބޭސްތަކެއް ދީ އޭގެ ތެރެއަށް ގަންބާލާފައި އެވަނީ. ގަސްތުގައި. އެމީހުން މަހުމޫދުގެ ފުރާނަ ދުއްވާލަން އުޅުނުހެން ހީވޭ.."ކައިލް އަނދަމުންދިޔަ އަލިފާންގަނޑަށް ނަޒަރު ހުއްޓާލައިގެން އިންދާ ލޯ މެރެން ފެށުމުން ގޮނޑިއަށް ލެނގިލިއެވެ. ޒާފިރާގެ މަރުގެ ސަބަބުން އޭނައަށްވަނީ ބޮޑު އަސަރެއްކޮށްފައެވެ. އަދި އެހާ ދިގު ދަތުރަކަށްފަހު ވަރުބަލިވެސްވެފައެވެ.

"ކައިލް. ޔޫ ލުކް ލައިކް އެ މެސް. އެއްޗެއް ކައިފިންތަ؟ ތިގޮތުގައި އިތުރު އެންމެ ދުވަހެއްވެސް ހޭދަކުރާނެ ގޮތެއް ބުނެބަލަ."އަލިފާނުގެ ހޫނުކަމާއެކުގައިވެސް މިކާލް ހީކަރުވައިގަތެވެ.

"މާމަހެން ތި ވާހަކަދައްކަނީ..." ކައިލް ގެ ޖުމްލައިން މިކާލްގެ ހިތުގައި މި އާއިލާއެއް ނެތް ފިރިހެންކުއްޖާއަށް ހަމްދަރުދީ އުފެދުނެވެ.

"ނޯރާއާއި ނާޔަލް ނުކުތީމަ މިތަނަށް ފޮނުވާނަން އިނގޭ. ވީމަ ތިހެން އިނދެ ނުނިދައްޗޭ..."މިކާލް ގޭގެ ހޫނުކަމުގެ ތެރެއަށް އަވަހަށް ވަނެވެ.

***

އައިޒަކް އޮފީހުން ތަންކޮޅެއް އަވަހަށް އައީ މެޗް ބަލައިލުމަށެވެ. ބަދިގެއަށް ވަދެފައި ޕޮޕްކޯން ބޯތަށްޓަކާއެކު ޗޮކްލެޓްތަކެއް ނެގިއެވެ. އަދި އޮރެންޖް ޖޫސްތަށްޓެއް އަޅަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއިރު ސާރާ ފެނުނެވެ. ބަގީޗާ ބަލަހައްޓާ މީހާ ގަސްމުށިތަކެއް އެހެން ތަނަކަށް ބަދަލުކުރުމުގައި އުޅުނުއިރު ސާރާވެސް އެހީވުމުގައި އަވަދިނެތިއެވެ. ނޯރާ އެދެއްކީ ކޮންފަދަ ވާހަކައެއްހެއްޔެވެ؟ ސާރާ އައިޒަކްއާއި ކައިވެނި ކުރީ ކޮންމެހެން ރުހޭތީ ނޫންކަމަށެވެ. އޭނަ ޔަގީންކުރީ ސާރާ މޮޔަވާވަރަށް އޭނަދެކެ ލޯބިވާކަމުގައެވެ. މިބުނީ އެހެން ހީނުކުރެވެންވީ ކީއްވެހެއްޔެވެ؟ ސާރާ ކޮންމެ ދުވަހަކު ހެނދުނު ކޮފީ ގެނެސްދެއެވެ. ހެދުންތައް އިސްތިރިކޮށްދެއެވެ. އަދި އައިޒަކް އެންމެ ގަޔާވާ ލުއިވަހެއް އެކުލެވޭ ފޮނިތޮށި އުއްބައްތިތައް ރޯކޮށްފައި ބަހައްޓާދެއެވެ. އަދި އޭނައަށްޓަކާ ޕެއިންޓްވެސް ކޮށްދެއެވެ. އަދި އެހެރަ އޭނައަށް ޚާއްސަކޮށްފައި އެ ދޭ ހިނިތުންވުންތަކެވެ. ވިދާ ލޮލާއި ރަކި ހިނިތުންވުމެވެ.

ކުއްލިއަކަށް އައިޒަކްގެ ހަނދާނަށް އައީ ކުރީ ދުވަހެއްގައި ސާރާ އޭނަ އަވަދިނެތި ނޫޅެންޏާ އެކީ ހިނގައިލަން ދާން ދިން ދައުވަތެވެ. އެދުވަހު އެއްބަސް ނުވެވުނީ ވިންޓަރފެލްގައި ހަފްލާއެއް އޮތުމުންނެވެ.

ނޯރާ ސާރާ އޭނައަށް ޝައުގެއް ނެތޭ ކިޔާފައި އެބުނި އެއްޗެއް އައިޒަކްގެ އެ ބޮޑު "އީގޯ"ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.ސާރާ އޭނައާއި ހެދި އުޅޭކަން ކޮންމެހެންވެސް ނޯރާއަށް ހެއްކާއިއެކު ދައްކަން ޖެހޭނެއެވެ. އޭރުން ފަހަރެއްގައި ނޯރާގެ ހިތުގައި ހަސަދަވެރިކަންވެސް ހިނގައިގަންނާނެއެވެ.

އައިޒަކް ޕޮޕްކޯން ބޯތަށްޓާއި ހުރިހާ އެއްޗެއް މޭޒަށް ދޫކޮށްލާފައި ބަގީޗާތެރެއަށް ދާން ހިނގައިގަތެވެ.

"ހޭއި ސާރާ..."އައިޒަކް ފަހަތުން އައިސް ސާރާގެ މޫނުމަތީގައި އަތް ހިންގައިލުމުން ސިހޭގޮތްވިއެވެ. ސާރާ ފަހަތަށް ޖެހުނީ ޝޮކެއްގައި ހުރި ގޮތަކަށެވެ. އެހާ ބޮޑު ޝޮކެއް ލިބެންވީ ކީއްވެހެއްޔެވެ؟ ބިރުގަތްހެންވެސް ހީވިއެވެ. ނަމަވެސް ސާރާ ދާދިއަވަހަށް ހަމަޖެހިލާފައި ހީލިއެވެ. ކޯތާފަތާއި ނޭފަތުގެ ކުރި ފިނިފެންމަލެއްހެން ރަތްވެފައިވުމާއެކު ބުދު ގެއަކުން ނިކުމެގެން އައި ކުއްޖެއްފަދައެވެ. އައިޒަކް އޭނަގެ ފޯނު ނަގާފައި ސުވާލެއް ޓައިޕްކޮށްލައިފިއެވެ.

"މިއަދު މަށާއިއެކު ހިނގާލަން ދެވިދާނެތަ؟"

ސަރާ އާއެކޭ ބުނާނެކަން ޔަގީނެވެ. އޭރުން އޭނަގެ ނުކުތާ ސާބިތުކޮށްދެވުނީއެވެ. އެކަމަކު އައިޒަކްގެ މޫނުގެ ކުލަ އޮއްސުނީ ސާރާގެ ބުމަ ކައިރިކޮށްލެވުމާއެކު އެހީވެވެން ނެތްފަދަ ނަޒަރެއް ދިނުމުންނެވެ. ސާރާ އައިޒަކްގެ ފޯނު އަތުލަން އަތް ދިއްކޮށްލިއެވެ.

"އައިމް ސޮރީ. މިއަދު ކުޑަކޮށް ބިޒީ. ޕްލޭންސްތައް އެބަތިބި." ސާރާ ޓައިޕްކޮށްލުމަށްފަހު މާފަށް އެދޭފަދަ ހިނިތުންވުމަކަށްފަހު ގަސް މުށި ހިފައިގެން ދާން ހިނގައިގަތީ އައިޒަކް ހުވަފެނަކަށް ގެއްލިފައިވާފަދަ ގޮތަކަށް ހުއްޓުން އަރުވާފައެވެ. އޭނަ ލަދުގަންނާނެކަމަކަށް އުއްމީދެއްނުކުރިނަމަވެސް އަމިއްލައަށް ލަދުގަތެވެ. އޭނަގެ އަމިއްލަ ނަފސަށް އޮތް އިތުބާރު މާބޮޑުވީއެވެ.ވީއިރު އެހާވަރުން ސާރާ އޭނައާއި ކައިވެނިކުރީ ކީއްވެހެއްޔެވެ؟ އެއީ ޔަގީނުންވެސް ފައިސާއާއި ހެދިއެއްނޫނެވެ. ސަބަބަކީ ސާރާގެ އާއިލާ މުއްސަދިވެފައި ފައިސާ ހޯދާނެ އެހެން ވަސީލަތްތައް ހުރުމެވެ.

އައިޒަކް އޭނަގެ މެޗްގެ މަތިން ހަނދާންކުރުމަށްފަހު އެ ބަލަން ގަސްތުކުރީ ފަހަރެއްގައި މި އުދަގޫދެނިވި ޚިޔާލުތަކުން މެޗް އޭނަގެ ސިކުނޑި ދުރުހެލިކުރުވާނެތީއެވެ.

"އާވާ....ސާރާއާއެކު ކޮންތަނަކަށް ދާން ތިއުޅެނީ؟" އައިޒަކް ދަމުން އާވާގެ ކޮޓަރީގެ ދޮރުން ބޯ ދިއްކޮށްލިއެވެ. ސާރާ ކަމެއް ރާވާފައި އޮތިއްޔާ އެއީ އާވާ ނޫނީ ނޯރާ ނުވަތަ ދެމީހުންނާއެކީގައެވެ.

"ޓަކިނުދެވޭތަ؟" އާވާ ކަޅި ހިންގައިލިއެވެ."އަދި ތިބުނީ ކީކޭ؟"

"އެއީ މަގޭ އަނބިމީހާ. އެހެންވީމަ އޭނަ ދަނީ ކޮންތަނަކަށްކަން މަށަށް އެނގެން ޖެހޭނެ. ނޫންތަ؟"

"ސާރާ؟ މިއަދު އެއްވެސް ޕްލޭނެއް ނެތް..." އާވާ ކުޑަކުޑަ ވެލާއަކަށް ލެޓިއުސް ފަތެއް ކާންދޭން އިނެވެ. އައިޒަކް ބުމަ ގޮށްޖެހިއެވެ. ނޯރާގެ ބޭބެއާއެކު ޕްލޭންތައް ހަދާފައިވިއްޔާ ސާރާ ދެން ކާކާއިއެކު ކޮންކަމެއް ރާވާފައި އޮތީހެއްޔެވެ؟ ސާރާ އޭނާގެ ގާތު ދޮގުހެދީބާވައެވެ.

"ބޭބީ ވެލާއެއް މި ކޮޓަރީގައި ކީއްކުރަނީ؟ މިއެއްޗެހި މިހާރު އެކްސްޓިންކްޓް ވުމުގެ މަގުމަތީ......"

"އަހަރެން މީތި މިތާ ބާއްވާކަށް ނޫން ގެނައީ. މަގުމަތިން ފެނުނު އެއްޗެއް."އާވާ މޫނުހެދިއެވެ." އައިޒަކް އަމިއްލަ ހަށިގަނޑު މި ކޮޓަރިން ނެރެ އަމިއްލަ ކަންތައްތަކާއި ބެހިބަލަ...."

އައިޒަކް ޓީވީ ސްކްރީނުގެ ކުރިމަތީގައި އިނަސް މެޗަށް ސަމާލުކަމެއް ނުދެވުނެވެ. އޭނަގެ ސިކުނޑި އެނބުރެމުން ދިޔައީ އެހެން ތަނެއްގައެވެ.

***

ނާޔަލްއާއި ނޯރާއަށް ބައްޕައާއި ދިމާވ ހާދިސާ އެނގުމުން ގަނޑުވެފައި ތިބެވުނެވެ. ނޯރާ އަދި ހައިރާންވެ ދެރަވުމުގެ އިތުރަށް އޭނަގެ ބޭބެދެކެ ރުޅިއާދެވުނީ އޭނަ އެކަންތަކުގެ ތެރެއަށް ވަނަނުދީ ދުރުކޮށްލާފައި ބެހެއްޓިކަން އެނގިފައެވެ. އަދި ނާޔަލްއަށް ލިބުނު މެއިލްވެސް ފޮރުވީމައެވެ. ހުރިހާ ޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދީ އުފާވެރިކަމެވެ. އޭނަގެ ބައްޕަ ދުނިޔޭގައި ހުރީތީއެވެ. ރުޅީގެ މައްޗަށް ކުރި އަތުލީ މާތްﷲއަށް އޭނަ ޝުކުރުވެރިވުމެވެ.

އެންމެން އެއްބަސްވީ ހޮސްޕިޓަލުން ޑޮކްޓަރަކު ނުގެނައުމަށެވެ. އެހޮސްޕިޓަލާއި ވިންޓަރފެލްގެ ގުޅުން އޮތީމައެވެ. ބައްޕައަށް ޝިފާ ލިބި ހަނދާން އަނބުރާ އަންނަންދެން ބައްޕަގެ ޑޮކްޓަރެއްގެ ގޮތުގައި ހުންނާނީ ނޯރާއެވެ. ބޭސްތަކުގެ ނަންތައް ބަލައިލުމުން ސިއްހަތު ރަގަޅު މީހެއްގެ ސިކުނޑިވެސް ޚަރާބުކޮށްލާވަރުގެ ބާރުގަދަ ބޭސްތައް ހުރިކަން އެނގުނެވެ. އެކަމަކުވެސް ފަރުވާކުރެވޭނެއެވެ. އެބޭސްތަކުގެ އަސަރު ކެނޑެން ދުވަސްނަގާނެއެވެ. އެހާ ދުވަސްވާންދެން ނޯރާ ބައްޕައަށް އެހީވާނެއެވެ.

ނޯރާ އަބަދުވެސް ވިންޓަރފެލް ދިފާއުކުރިއެވެ. އެކަމަކު އެންމެފަހުން އޭނަގެ ނަޒަރިއްޔާތު ބަދަލުވެ އެހެން ގޮތަކުން ދެކެވެންފެށިއެވެ. ކޮންމެވެސް މީހަކު އޭނަގެ ބައްޕަ ގަސްތުގައި ދުރުތަނަކަށް ފޮނުވައިލީއެވެ. އަދި މޮޔައިންގެ ހޮސްޕިޓަލަކުން ޖާގަ ހޯދީއެވެ. ހީވާގޮތުން އެމީހެއްގެ މަގުސަދަކީ މަހުމޫދު ވުޖޫދުން ގެއްލުވައިލުމެވެ. ހުރިހާ ހެއްކެއް ނައްތައިލުމުގެ ބޭނުމުގައެވެ. މިވަގުތު އިނގިލި ދިއްކުރެވޭ ތަނަކީ ވިންޓަރފެލްއެވެ. ކައިލް އެބުނީ ރަގަޅަށެވެ. ކޮންމެވެސް ސިއްރު ކަންތައްގަނޑެއް އެބަހިނގައެވެ.

"އަހަރެމެންނަށް މިކަންތައް ފުލުހުންނަށް އެންގެން ނެތް. އެމީހުން މަސައްކަތްކުރަނީ ކޮންބަޔެއްގެ ދަށުންކަން ނޭގޭ. ބޮޑެތި ޖަމާއަތްތައް އަތު އަޅުވާލައިގެން ތިބެނީ ކޮން ބަޔެއްކަން އަނދިރީގައިވާއިރު އެމީހުންނަށް އިތުބާރެއް ނުކުރެވޭނެ.."ކައިލް ގެ ނަޒަރު ހުއްޓުނީ ނޯރާއާއި އޭނަގެ ބޭބެއަށެވެ. ދެބެން އެއްތަނެއްގައި ތިބުމުން ހާދަ ވައްތަރެވެ. ބައްޕަ މަހުމޫދުގެ މުށިކުލައިގެ ކަޅިއާއި ތަފާތެއްނެތް ކަޅިއެވެ.

ނާޔަލް ކުޝަންޖެހި ގޮނޑިން ތެދުވެގެންގޮސް އަލިފާނަށް އަތްތިލަ ދިއްކޮށްލީ ފިނިވެފައިވާ އަތްތިލަ ހޫނުކޮށްލުމަށެވެ."ނޯރާ. ބައްޕައަށް ބޭނުންވާ ބޭހުގެ ލިސްޓެއް ދީ. ގަނެގެން ގެނެސްދޭނަން. މިތަނުގައި ބައްޕަގެ ގާތުގައި ކޮއްކޮ ހުންނަން ޖެހޭނެ. ވަރަށް އަވަހަށް އަންނާނަން އިންޝާﷲ...."

"ނާޔަލް އެކަމަކު....." ނޯރާވެސް ކުއްލިއަކަށް ގޮނޑިން ތެދުވެއްޖެއެވެ. އެކަނި ކައިލްއާއެކު މިގޭގައި ހުންނަން އޭނަވެސް ބޭނުމެއްނުވިއެވެ.

"އެންމެ ގާތުގައި ހުރި ފާމަސީވެސް ބަންދުކުރަން މިހާރު އުޅޭނެ.." ނާޔަލް އަތުކުރީގައިވާ ގަޑިއަށް ބަލައިލަމުން އޭނަގެ ރިންގުވަމުން ދިޔަ ފޯނަށް ޖަވާބުދިނެވެ. ނޯރާގެ ޖުމްލަ ނުނިމެނީސް ނާޔަލް އަވަސް އަރުވާލާފައި ދާން ހިނގައިގަތެވެ. ބޭބެގެ ފަހަތުން ދާން ހިނގައިގަތް ނޯރާއަށް ކައިލްގެ ނަޒަރު ހުއްޓުނެވެ.

"ނޯރާ....." ނޯރާ ލައިލައި ހުރި ނޭވާވެސް ހުއްޓުމާއެކު އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅުނެވެ. ކައިލްގެ އަޑުން އެނަން ކިޔައިލިގޮތުންނެވެ. ކޮންމެ ފަހަރަކު ކައިލް އޭނަގެ ނަން ކިޔާހިނދު އިހުސާސްކުރެވެނީ ކޮންމެ ފަހަރަކު އޭނައަށް އާ ނަމެއް ދެވޭހެންނެވެ. އަދި އެ ހިތް ތުރުތުރުލައިގަތެވެ.

 

ނުނިމޭ

ކޮމެންޓް 0