"ހީވަނީ ބޭބެ މުސްލިމުންގެ އަތުން ބަލިވެގެން އައީހެން...." ޔޫހަންނާ ވިދާޅުވީ ހިތާމަވެރި ހިނިތުންވުމަކާއެކުގައެވެ.

"މުސްލިމުންނަށް އަޅުގަނޑުގެ ބައްޕަ ބަލިކުރެެވިދާނެތޯ؟ އެއީ ވާނެކަމެއްނޫންހެން އަޅުގަނޑަށް ހީވަނީ. ބައްޕަ އެނބުރި ވަޑައިގަންނަވާނީ މުސްލިމުންގެ އެންމެން ގަތުލުކުރައްވާފައި ނަސްރު ލިބިގެން............" ލޫސީ ކުރިއަށްވުރެ ބާރަށް ޔޫހަންނާގެ އަތްޕުޅުގައި ހިފީ ދޫކުރަން ބޭނުންނުވާފަދަ ގޮތަކަށެވެ. އޭނަގެ ހިތްވެސް ބިރުގަންނަނީއެވެ.

"ދަރިފުޅާ. އީސާއީންނަކީ އެމީހުން ގެ ވެރިފަރާތް ހަދުމަނެތި ކޮށްލާފައި އަޅުކަންތައް ދޫކޮށް ދުނިޔަވީ އުފަލާއި އަރާމަށް ގެނބިފައިވާ ބަޔެއް. އެފަދަ މީހުންނަށް ނަސްރު ލިބުމެއްނެތް. މުސްލިމުންނަކީ މާތް ރަސްކަލާނގެ ކިބައަށް އަޅުކަންކުރުމުގައި ދުވާލާއި ރޭގަނޑު ހޭދަކުރާ ބަޔެއް. ފަތަހައާއި ނަސްރަކީ އެމީހުންގެ ހައްގެއް......" ބޭރުން އިވޭ ހަޅޭކުގެ އަޑުފަށްގަނޑު ކައިރިވަމުން ދިޔައެވެ. މީހުން ރޮއި ހިތާމަކުރަނީއެވެ.

"ހީވާގޮތުން ބަޔަކު މީހުން އީސާއީންތައް ގަތުލުކުރަނީ.."ޔޫހަންނާ ކަންބޮޑުވެ ވަޑައިގެންފައިވާ ގޮތަކަށް ވިދާޅުވިއެވެ.

"ކިއްލާގެ ފާރުމައްޗަށް އެރީމަ ޚަބަރު އޮޅުންފިލާނެ ބޮޑުބޭބޭ...." ލޫސީ ބުނެލިއެވެ.

"އެ އަޑު އިވެނީ ޝަހަރުގެ ތެރެއިން. ވީމަ އެތަނަށްގޮސް ޚަބަރު ބަލާލާފައި އަންނާނަން. ދަރިފުޅު ބޭނުމިއްޔާ ފާރު މައްޗަށް އަރާ ބަލައިލާ....." ޔޫހަންނާ ވިދާޅުވުމުން ލޫސީގެ ހިތަށް ބިރުވެރިކަން ވަނެވެ.

"ނޫން. ބޮޑުބޭބޭފުޅަށް ފެނުނު ހުވަފެނާއިމެދު ވަރަށް ބިރުގަނޭ. ޝަހަރު މީހުންނަށް އަނިޔާކުރާ ބަޔެއްވެސް އެނގެނީއެއްނޫން. އެތަނަށް ވަޑައިނުގަންނަވާ. އަޅުގަނޑު ކައިރީ މަޑުކޮށްލަދެއްވާ..." ލޫސީ އާދޭހުގެ ނަޒަރަކުން ބަލައިލިއިރު ޔޫހަންނާގެ އަތުން ދޫކޮށްލާކަށް ނޫޅުނެވެ.

"ބޮޑުބޭބެ ކޮންމެހެންވެސް ދާން ޖެހޭނެ. އެކަމާ ފިކުރުނުކުރޭ.."

"ނޫން ނޫން. ވަޑައިނުގަންނަވާ. އަޅުގަނޑަށް ހީވާގޮތުން މުސްލިމުން އީސާއީންނަށް އަނިޔާކުރަނީ........"ލޫސީ ބުނެލިއެވެ.

"ދަރިފުޅާ. މުސްލިމުންނަކީ އަނިޔާވެރި ބަޔެއްނޫން. އެއީ އަމާނާތްތެރި އަޅުކަމުގައި ވަގުތު ހޭދަކުރާ ބަޔެއް. ކުޑަކުދިންނާ އަންހެނުން މުސްކުޅިންނާ ފާދިރީންނަށް ހަމަލާނުދޭން އެމީހުންވަނީ ވައުދުވެފައި....."

"މިހާރު ހާދަ އަޑުގަދައޭ. އަނެއްކާ ޝަހަރުގައި އަލިފާން ރޯވީތަ؟ " ލޫސީގެ ހާސްކަން އިތުރުވިއެވެ.

"މިއޮތީ ތަޅުދަނޑިއެއް. މީގައި ހިފާ. ހަވީރުވާންދެން ދުނިޔޭގައި ހުރިއްޔާ ތަޅުދަނޑި ބަލާ އަންނާނަން. ބޮޑުބޭބެއަށް ކަމެއް ދިމާވެއްޖެއްޔާ ފައްޅީގައި ހުރި ބޮޑުބޭބެގެ އަލަމާރި ހުޅުވާލާފައި އޭގައި ހުރި ލިޔުންތައް ބަލާލާ. ދަރިފުޅަށް ކަމުދަންޏާ އޭގައި ހުރި ގޮތަށް އަމަލުކުރޭ..." ޔޫހަންނާ ދިއްކޮށްލެއްވި ތަޅުދަނޑީގައި ލޫސީ ހިފިއިރު މޮޅިވެރިކަން އެ ލޮލުން ފައުޅުވޭވޭ ހުއްޓެވެ. ލޫސީ އެދުނީ ދިރިއުޅުމާއި މެދު މާޔޫސްނުވުމަށެވެ. ފޫހި ނުވުމަށެވެ.

"ދަރިފުޅާ. މިއަދަކީ ހަޔާތުގެ ފަހު ދުވަހަށް ނުވާނަމަ ހަވީރު ބޮޑުބޭނެ އެނބުރި އަންނާނަން...." ޔޫހަންނާ ލޫސީ ގެނެސް މޭގައި ޖައްސަވާލައްވާ ސަލާމްކުރެއްވިއެވެ. އޭރު ލޫސީގެ ލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ. ލޫސީ ހިތާހިތުން ދުޢާކުރެއްވިއެވެ. އޭނަ ހެއްދެވި ފަރާތަށް ވަކީލުކުރިއެވެ. ޔޫހަންނާ ވަޑައިގަތުމުން ފިކުރުބޮޑުވެފައި އެތައް އިރެއްވާންދެން ލޫސީ އިނެވެ. ބޮޑުބޭބޭފުޅު ހުއްޓެވުނު ނަމައޭ ހިތަށް އެރިއެވެ. އެހާ ބޮޑަށް ބާރު ނޭޅުނީއެވެ. ފަހަތުން ދާން ކަމަށް ގަސްތުކޮށް ލޫސީ ފިޔަވަޅުތައް އަވަސްކޮށްލިޔަސް ޔޫހަންނާގެ ނިޝާނެއް ނުފެނުނެވެ. ލޫސީ ގަނޑުވަރުގެ ހުޅަގު ފަރާތުގައިވާ ހަރުފަތްތަކުން މައްޗަށް އަރައިގެން ގޮސް އުސް ފާރުތަކުގައިވާ ކުޑަދޮރެއްގެ ކައިރީ ހުއްޓި ބޭރަށް ބަލަންފެށިއެވެ. ދުރުން ޝަހަރު ފެންނާން އޮތަސް އެތާގެ އަހުލުވެރިންނަށް ޖެހިގެން އުޅޭ މުސީބާތްތަކެއް މިހާ ހިސާބަކުން ނުފެންނާނެއެވެ.

ޔޫހަންނާ ބައްދަލުވި ކޮންމެ މީހެއްގެ ކައިރިން ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން މަސައްކަތްކުރިއެވެ. އެކަކަށްވެސް ހިތްހަމަޖެހޭފަދަ ޖަވާބެއް ނުދެވުނެވެ. ކިއްލާގެ ދޮރާށި ކައިރީ ތިބި ސިފައިންނަށްވެސް އެނގުނުކަމަކަށް ނުވިއެވެ. އެންމެ ފަހުން ހިންގަވާފައި ޝަހަރާދިމާލަށް އެ ގަދަ އަވީގައި ވަޑައިގަންނަވަން ޖެހުމުން ދަލުން ފެންވެރުނެވެ. ޝަހަރާއި ހަމައަށް ދެވުމުން ހިތް ހަލާކުވާވަރުވިއެވެ. ރަށުތެރޭ މީހުންތައް ކޮޅުކޮޅަށް ދުވަނީއެވެ. އަންހެނުންތައް ކުޑަކުދިން ކިހިލީގައި ޖަހައިގެން ނޫނީ އަތުގައި ހިފާ ދަމަމުން ސަލާމަތްވާން ދުވައެވެ. ބައެއްމީހުންގެ މޫނުންނާއި ބޮލުން ލޭތައް އޮހެއެވެ.

"ކްރައިސްޓަށްޓަކާ އަޅުގަނޑުމެން ސަލާމަތްކޮށްދެއްވާ......" ޔޫހަންނާ ފެނުމުން އެންމެން އޭނަ ގާތަށް ބޮނޑިވެގަތެވެ.

"ކިހިނެއްވެގެން މިއުޅެނީ؟ " ޔޫހަންނާ އެއްސެވިއެވެ.

"އަޅުގަނޑުމެން މުސްލިމުންނާއި ސުލްހަވީކަން ޔޫގަންނާއަށް އިވިވަޑައިގަތީ. ރަސްގެފާނު މުސްލިމުންނާއި ހަގުރާމަކޮށް ބަލިވީމަ ސިފައިން ފޮނުވާ އަޅުގަނޑުމެން ލޫޓުވާ ގަތުލުކުރަން އޯޑަރު ދެއްވިގޮތަށް އަނިޔާވެރި ސިފައިން މިހާރުވެސް ތިންސަތޭކަ މީހުން ގަތުލުކޮށް އަޅުގަނޑުމެންގެ ދިރިއުޅުން ބަރުބާދުކޮށްލައިފި..."

"ރަސްގެފާނު ވީ ކޮންތާކުތަ؟ " ޔޫހަންނާ އެއްސެވިއެވެ.

"ޝަހަރުން ބޭރުގައި ހެން ހީވޭ. އެ ނުލަފާ ސިފައިން އެންމެން ކަތިނުލަނީސް އަޅުގަނޑުމެން މިހާލުން ސަލާމަތްކޮށްދެއްވާ..."

"ބޭބެއާއި ވާހަކަދައްކާލާފައި އެބައަންނަން...."

ޔޫހަންނާ ހިންގަވައިގަތްއިރު ވެސް ރަށުގެ ގޭގެތަކަށް ސިފައިން ވަދެ ލޫޓުވާ މަންޒަރު ފެނެއެވެ. ހިތް ފަޅައިގެންދާހާ ރަހުމް ކުޑައެވެ. ގެތައް ލޫޓުވާ ހުޅު ޖަހައިލައެވެ. ފިރިހެނުން ގަތުލުކޮށް ނޭޒާތަކުގައި ބޯ ޖަހައިގެން އުޅެއެވެ. މަގުމަތީގައި ލޭގެ ކޯރެވެ. އެކަން ހުއްޓުވަން ޔޫހަންނާ ސިފައިންނާ ވާހަކަދެއްކުމުން ގަބޫލެއް ނުކުރިއެވެ. ރަސްގެފާނުގެ އޯޑަރާއި ޚިލާފު ނުވެވޭނެކަން އެންގިއެެވެ. ދީނަށް ޚިޔާނަތްތެރިވި ބަޔަކަށް ހަމްދަރުދީ ނުވާނެކަމަށް ބުނެ ލޫޓުވުމާއިގެން ކުރިއަށް ދިޔައެވެ. އެ މަންޒަރުން އުދަގޫފުޅުވެގެން ޔޫހަންނާ އަވަސްވެގަތީ އޭނަގެ ބޭބޭފުޅާއި ބައްދަލުކުރެއްވުމަށެވެ. މި ޖަރީމާތައް ހުއްޓުވޭނެ އެހެން ގޮތެއް ނުފެނުނެވެ.

ޔޫގަންނާ ހުންނެވީ ކުޑަ ފަރުބަދަގަނޑެއްގެ މަތީގައެވެ. ކޯފާގެ ސަބަބުން ދެލޯ ރަތްކޮށްލައިގެން ހުރިގޮތުން ޔޫހަންނާވެސް ބިރުފުޅުގަންނަ ގޮތްވިއެވެ. އޭނައާއި އެކުގައިވީ އޮފިސަރުންވެސް ތިބީ ކަންބޮޑުވެ އިސްޖެހިފައެވެ. ޝަހަރު ތެރެއިން އިވެމުންދާ ރުއިން ހުއްޓުވަން އެކަކުވެސް ބޭނުންވާހެނެއް ހިޔެއްނުވެއެވެ.

"މިއީ ކޮންފަދަ އަނިޔާއެއްތޯ؟ އަޅުގަނޑުމެންގެ އީސާއީ އަޚުންނަށް އަނިޔާ ނުކުރައްވާ....." ޔޫހަންނާ ވިދާޅުވިއެވެ.

"އެކަހަލަ އުރެދިފައި ތިބި ނުލަފާ މީހުންނަށް ސަޒާލިބޭނެ.." ޔޫގަންނާ އަތްޕުޅުގައިވާ ޚަންޖަރު ކަމަރަށް ލެއްވުމަށްފަހު އަނެއް ފަރާތަށް އެނބުރި ވަޑައިގަތެވެ.

"ރައްޔިތުން ނުހައްގުގައި ގަތުލުކުރުމަކީ އަދުލުވެރި ރަސްކަލަކު ކުރާނެކަމެއްނޫން. ކްރައިސްޓް ކޯފާވެދާނެ. އަޅުގަނޑުމެންގެ ދުޝްމިނުން މަރަން މަނާކުރައްވާފައިވާއިރު އަދި އަޚުން ގަތުލުކުރަން ހެޔޮވާނީ ކިހިނެއްތަ؟ މިކަންތައް ހުއްޓުވާ...................." ޔޫހަންނާ ހުންނެވީ ކަންބޮޑުވެފައެވެ.

"އެމީހުން ރަސްގެފާނަށް ކެހިދިނީ. ޚިޔާނަތްތެރިވީ. އެލިބެނީ އެކަމުގެ ސަޒާ.." ޔޫގަންނާ ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ.

"މާތް ރަސްގެފާނު. ރައްޔިތުން ގަތުލުކުރެއްވުމަށްފަހު ވެރިކަން ކުރައްވަނީ ކޮންބަޔެއްގެ މައްޗައްތޯ؟ "

"އެކަހަލަ ފިޑިން ހަލާކުވެދިޔަސް މަށަށް ހެވޭ"

"އެމީހުން ކުރީ ކޮން ކުށެއްތޯ؟ " ޔޫހަންނާ ސުވާލުކުރެއްވިއެވެ.

" ދުޝްމިނުންނާއި ބައްދަލުކޮށް ވެރިޔާއަށް ކެހިދިނުމަކީ ކުޑަ ކުށެއްތަ؟ "

"އެއީ ކުށެއް ކަމަކަށް އަޅުގަނޑު ނުދެކެން. ދުރުވިސްނޭތީ އެމީހުން މުސްލިމުންނާއި ސުލްހަވީ. އެއީކުށެއްނޫން. އަމިއްލަ ސަލާމަތް ހޯދައިގަތީ..އަރަބިން މިކަންތައް ހަދާން ނައްތައެއްނުލާނެ އަދި ބަދަލުހިފަން އަންނާނެ.." ޔޫހަންނާ ވިދާޅުވިއެވެ.

"ހާ. ކާކަށް ބަދަލުހިފަން އަންނަން ކެރޭނީ؟ ޔޫހަންނާ. އެ ނުލަފާ މުސްލިމުންނާއި ސުލްހަވާން މަޝްވަރާދިނީ ކަލޭތަ؟ " ކުއްލިއަކަށް ޔޫގަންނާ އޭނައާއި ދިމާލަށް އެނބުރި ވަޑައިގަންނަވަމުން ލޯފުޅު ވައްކޮށްލެއްވިއެވެ. ކުރިއަށްވުރެ ކޯފާ ގަދަވެ މޫނު ރަތްވެއްޖެއެވެ. ނިތްކުރިއަށް ރޫތައް އަރުވައިލިއެވެ. އޭނަގެ އޮފިސަރުންވެސް ބިރުން ލޯ ބޮޑުކޮށްލައިގެން ތިބީ ހިރިލާންވެސް ނުކެރިފައެވެ.

"އަޅުގަނޑު އެކަހަލަ ނަސޭހަތް ދޭންވީ އެއްވެސް ސަބަބެއްނެތް..."

"ކަލެއަކީ މަކަރުވެރިއެއް. ފާދިރީން ނިކަން މަކަރުވެރިވެފައި ފިޑިވާނެ. މިހާރު މަށަށް ޔަގީންވެއްޖެ. އެމީހުންނަށް މުސްލިމުންނާއި ސުލްހަވާން ދަސްކޮށްދިނީ ކަލޭ..." ޔޫގަންނާ އެހާ ފަރުވާކުޑަކޮށް ޔޫހަންނާއާއި މިނޫނީ ވާހަކަދައްކާފައެއްނުވެއެވެ.

"ބޭބެ ކޯފާ މަޑުކުރައްވާ. ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް އެނގިވަޑައިނުގަންނަވާ..." ޔޫހަންނާގެ އެ ޖުމްލައިން ޔޫގަންނާގެ ކޯފާ އިތުރުވުން ނޫންކަމެއްނުވިއެވެ.

"ގޮތްކުޑަ މަކަރުވެރި ކަލޭގެ. ޝަހަރުގެ މީހުން ހައްލައިލާ އެމީހުންނަށް ވަސްވާސްދީ މުސްލިމުންނާއި ސުލްހަވާން ފޮނުވީ ކަލޭދޯ. ހުރި ނުބައިކަމާއެވެ."

"ނޫން. ތިހެން ހީފުޅުނުކުރައްވާ. ބޭބޭ. އަޅުގަނޑު އެކަހަލަ ކަމެއް ނުކުރަން. އެމީހުން އަމިއްލަ އަށް ސުލްހަވީ. އަޅުގަނޑު އެމީހުންނަށް ނަސޭހަތް ދީގެނެއްނޫން. އެކަމަކު ތިގޮތަށް ކުށެއްނެތް މީހުން ގަތުލުކުރަންޏާ ކްރައިސްޓް ބޭބޭފުޅު ގަތުލުކުރައްވާނެ......" ޔޫހަންނާ ވިދާޅުވިއެވެ.

"އަސްލުވެސް؟އެއްވެސް ކަމެއް ނުކުރަމޭ ކިޔައިގެން ތިހަދަނީ ދޮގު. އެންމެންވެސް ގަތުލުކޮށްލާނަން. ކަލެއަކަށްވެސް ސަލާމަތެއް ނުވެވޭނެ. އެންމެ ފުރަތަމަ ފަށާނީ ކަލެއިން.......... " ޔޫގަންނާ ކަމަރުގައިވާ ޚަންޖަރު ދަމައިގަތެވެ. އަބަދު އަޅުކަންތަކާ އުޅުއްވާތީ އޭނަގެ ބޭބެފަދައިން ވަރުގަދަ މީހެއްނޫނެވެ. ބަލިކަށި ބޭފުޅެކެވެ. ކިތަންމެ މަސައްކަތްކުރިޔަސް ޔޫގަންނާގެ ވަރުގަދަ އަތްޕުޅުގެ ދަށުން މިންޖެއް ނުވެވޭނެއެވެ. ޔޫގަންނާ އޭނަގެ ކޮއްކޯފުޅު ކޮށްޕާލުމުން މަތަވީ ހިލަގަނޑެއްގައި ޖެހިފައެވެ.

"ބޭބޭ...." ޔޫހަންނާ އެއްޗެކޭ ވިދާޅުވާން އުޅުއްވުމުން ޔޫގަންނާ ހަަޅޭއްފުޅުލައްވައިގަތެވެ.

"ކަލޭ މަށާ ވާހަކަނުދައްކާތި."

"ތިއުޅުއްވަނީ ކިހިނެއް ހަދަންތޯ؟ "ޔޫހަންނާ ހިތާމަވެރި ނަޒަރަކުން ބައްލަވާލެއްވިއެވެ.

"މިއުޅެނީ ކަލޭ މަރާލަން.." ޔޫގަންނާ ވިދާޅުވިއިރު މޫނުފުޅުމަތިން ކޯފާގެ އަސަރުތައް އެންމެ މަތީ ދަރަޖައިގައެވެ. ޝައިތާނާ އޭނަގެ ސިކުނޑީގައި ވަކި ހިއްޕާލާފައިވީ ހެވާއި ނުބައި ވަކިކުރަން އެނގޭވަރަކަށް ނޫނެވެ.

"އަޅުގަނޑު ގަތުލުކުރިޔަސް ހަގީގަތް ބަދަލެއްނުވާނެ.."

"ކަލެއަކީ ކެހިވެރިއެއް މަަކަރުވެރިއެއް. ތިކަހަލަ މީހުންގެ ފަރާތުން އެހެން މީހުން ސަލާމަތްކުރަން ޖެހޭނެ...."

"ތިޔަކުރައްވަނީ ބޮޑު އަނިޔާއެއް..." ޔޫހަންނާ ވިދާޅުވިއެވެ.

"އަނިޔާއެއްނޫން. ތިކަހަލަ ޣައްދާރުންނަށް ހައްގުވަނީ މަރު..." ޔޫގަންނާ ޚަންޖަރު ދަންމަވައިގެންފާ ޔޫހަންނާގެ މޭފުޅުގައި ޖައްސަވާލެއްވިއެވެ. ޔޫހަންނާއަކީ އަޅުވެރި ޚުލްގުފުޅު ހެޔޮ އެންމެންގެ ލޯބިލިބިގެންވާ ފާދިރީއެކެވެ. ރައްޔިތުންނާއި ސިފައިންގެ ހިތުގައި އޭނައަށް ޚާއްސަ ގަދަރެއް ދެވިފައިވިއެވެ. އެތާތިބި ޔޫގަންނާގެ އޮފިސަރުންވެސް އޭނަ ސަލާމަތްކުރަން ކުރިއަށް ޖެހުނެވެ. ނަމަވެސް ޔޫގަންނާގެ ހަރުކަށިކަމާއި އޭނަގެ ކޯފާވެފައި ހުންނެވި ވަރުން އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

"ބޭބޭ. އަޅުގަނޑު ގަތުލުކުރެއްވުމުން ފާފަވެރިވަޑައި ނުގަންނަވާ..."

"އަހަރެން ކަލޭ ގަތުލުކުރާނަން. ތިކަހަލަ މީހަކު ގަތުލުކޮށްގެން ފާފައެއްނުވާނެ..." ޔޫގަންނާ ގަދަ އަޑުފުޅުން ވިދާޅުވިޔަސް އެފަދަ ކަމެއް ކުރަން ކެރޭނެކަމަކަށް އޮފިސަރަކުވެސް ހިޔެއް ނުކުރެއެވެ.

"އެންމެ ރަގަޅު. ބޭބެ ބޭނުމިއްޔާ އަޅުގަނޑު ގަތުލުކުރޭ. ނަމަވެސް މުސްލިމުން ދީނަށްޓަކާ ހަގުރާމަ ކުރާހަ ހިނދަކު އެމީހުން ބައްޔެއް ނުކުރެވޭނެ. އަޅުގަނޑުވެސް އެދެނީ ބޭބޭގެ ވެރިކަން އަބަދަށް ދެމި އޮންނަން. އަދި ހެޔޮ ހާލުގައި ދުނިޔޭގައި ލެހެއްޓެވުން. ނަމަވެސް ބޭބެ މުސްލިމުންނާ ސުލްހަ ނުވެ އެގޮތަކަށް ރަސްކަން ދެމި ނޯންނާނެކަން ޔަގީން..." ޔޫހަންނާ ވިދާޅުވިއެވެ.

" އޭ މޮޔަ ފާދިރީ ކަލޭގެޔާ. ބޭކާރު އަނގަ ނުތަޅުވާ....."

"އަދި އެންމެ ވާހަކައެއް އަޑުއައްސަވާ. ލޫސީއަށް ދެރަގޮތެއް ނަހައްދަވާތި. އެދަރިފުޅުގެ މައްޗަށް އޯގާތެރިވެވަޑައިގަންނަވާ ނޫނީ އަޅުގަނޑުގެ ފުރާނައަށްވެސް ދަތިވެދާނެ..." ޔޫހަންނާ އެވާހަކަ ވިދާޅުވީ ލާވަންއާއި ލޫސީގެ ލޯތްބަށް އިޝާރަތްކުރައްވާފައެވެ. ފަހަރެއްގައި އެ ގުޅުމާއި ޔޫގަންނާ ގަބޫލުނުވެ ދެކޮޅުހައްދަވާފާނެތީއެވެ.

"ލޫސީގެ ނަން ގަތެއްކަމަކު ކަލޭގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ..." ޔޫގަންނާ ވިދާޅުވީ ހަރުކަށިގޮތަކަށެވެ.

"އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރާކަށް ނެތިން. ނަމަވެސް މިއަދު ބޭބެގެ އަރިހުގައި ދަންނަވަންވީ ވާހަކައެއް އެބައޮތް. އަޅުގަނޑު ވަރަށް ގިނަ ފޮތްތައް ކިޔަވާ ދިރާސާ ކުރިން. އަރަބިންގެ ތެރޭ މުހައްމަދު ނަބީކަމާއިގެން ފޮނުއްވޭނެކަމުގައި ވޭ. އެކަލޭގެފާނު ގެންނަވާ ދީން މުޅި ދުނިޔޭގައި ފެތުރޭނެ. މިއުޅޭ އަރަބިންނަކީ މުސްލިމުންނަކީ އެ ދީނަށް ނިސްބަތްވާ އެ ނަބިއްޔާގެ އުއްމަތުގެ މީހުން. އަޅުގަނޑު ބޭބެ ހެކިކޮށް އިސްލާމްދީނަށް މިވަންނަނީ. މާތްﷲ އަޅުގަނޑުގެ ފާފަ ފުއްސަވާށި..."

"އޭ ނަސީބު ކުޑަ މީހާ. ކަލޭ އިސްލާމްވާނެކަން އަހަންނަށް ކުރިންވެސް ވިސްނުނޭ......" ޔޫގަންނާ ކޯފާ ކުރިއަށްވުރެ ގަދަވުމާއެކު ލޯ އަނގުރު އަލިފާންކޮޅެއްހެން ރަތްވެއްޖެއެވެ. އަދި ޚަންޖަރު ޔޫހަންނާގެ މޭފުޅަށް ހަރައިލެއްވީ ކެތްނުކުރެވިގެންނެވެ. " لا إله إلا الله محمد رسول الله" ޔޫހަންނާގެ އެންމެ ފަހު ލަފުޒާއެކު އުޑާއި ދިމާލަށް ބައްލަވާލެއްވީ ހިނިތުންވަމުންނެވެ. ޔޫގަންނާ ޚަންޖަރު ދަންމަވައިގަތުމުން ލޭގަނޑު އޮހިގަތްގޮތަށް މުޅި ހިސާބު ރަތްކޮށްލައިފިއެވެ. ޔޫހަންނާގެ ފުރާނަވެސް ހަށިކޮޅާއި ވަކިވެ އެ ފުރާނައިގެ ވެރިފަރާތަށް ދަތުރުކޮށްފިއެވެ. އެ މަންޒަރު ދެކެފައި ކިތަންމެ އަސަރުކޮށް ހިތާމަކުރިޔަސް އެއްވެސް އޮފިސަރެއްގެ ލޮލުން ކަރުނައެއްވެސް ނައެވެ. އެމީހުން ތިބީ އެހާވެސް ބިރުގެންފައެވެ. ޔޫގަންނާ އޭނަގެ އަމިއްލަ ކޮއްކޮ އަވަހާރަކޮށްލާފައި ދުރަށް ޖެހި ވަޑަައިގެންނެވިއިރު އޭނަ ކޯފާ މަޑުވެ ހަމަޔަކަށް އެޅޭގޮތްވެއްޖެއެވެ. ކޮއްކޮގެ ފުރާނަނެތް މަސްގަނޑަށް ބަލައިލެއްވިއިރު ޔޫހަންނާގެ ތުންފަތްޕުޅުގައި ހިނިތުންވުމެވެ.

ރުޅިއަކީ ޝައިތާނީ އަމަލުތަކުގެ ތެރޭ ހިމެނޭ ނުބައިކަން ބޮޑު ސިފައެކެވެ. ރުޅި މައިތިރިނުވެއްޖެނަމަ މީހާގެ ސިކުނޑި ބަލިކަށިވެ ފަސޭހައިން ޝައިތާނާ އެމީހަކަށް ބަރުފޯރުވާ އަތުން ފައިން ގޯސް ހައްދުވާނެއެވެ. ޔޫގަންނާއަށް ހޭވެރިކަންވީއިރު އޭނަގެ އަތުން ކުރެވިފައި އެވާ ބޮޑު ފާފައިގެ ބުރަދަނުގައި ނުކުޅަދާނަވެ އުމުރަށް ހިތާމަކުރާނެކަމެއް ކަމުގައިވިއެވެ. ޔޫގަންނާއަށް ކަރުނަތަކެއް ނުހުއްޓުވުނެވެ. ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމަކާނުލައެވެ.

"ހިތާމަހުރި. އަހަންނަށް މިކުރެވުނީ ކޮންކަހަލަ ކަމެއްތަ؟ އަހަރެންގެ ކޮއްކޮގެ އެއްވެސް ކުށެއްނެތި އަމިއްލަ އަތުން މަރައިލެވުނީ.." ޔޫގަންނާ އެހެންވިދާޅުވެ ކީރިތިކުރައްވާން ފެށުމުން އޭނަގެ އަރިހުގައި ވާ އޮފިސަރުންވެސް ހިތާމަކޮށް ރުއިމުގެ އަޑުގަދަވިއެވެ. އިރުކޮޅެއްފަހުން ހަމަޔަކަށް އެޅި ޔޫގަންނާ އަރިހުގައިވާ މީހުންނަށް ބައްލަވާލެއްވިއެވެ.

"އަހަރެންގެ ދީނާ ގައުމަށްހުރި ލޯބީގެ ބޮޑުކަމުން ލޯބިވާ ކޮއްކޮ މަރައިލިތަން ކަލޭމެން އެންމެނަށް ފެނިއްޖެއެއްނު. ހަލަބު ޝަހަރުގެ ވެރިންނާ ވިޔަފާރިވެރިން އަހަންނަށް ޣައްދާރުވެއްޖެ. ކަލޭމެން ގޮސް އެ އެންމެން ގަތުލުކޮށް މުޅި ޝަހަރު ވީރާނާކޮށްލާ. އެކަކުވެސް ސަލާމަތުން ބަހައްޓައިގެން ނުވާނެ...."ޔޫގަންނާ އަމުރުކުރެއްވިއެވެ. އީސާއީ ސިފައިންތައް ހަޅޭއްލަވަމުން ދުއްވައިގަތްއިރު ހީވީ މޮޔަވެފައި ތިބި ބަޔެއްހެންނެވެ. ހަގީގަތުގައި ޔޫގަންނާ އެންމެ ކުރިން ޝަހަރަށް އަރާ ވަޑައިގެން އެރަށުގެ އަހުލުވެރިންނަށް އެންގީ މުސްލިމުންނާ ސުލްހަވާން އިސްނެގި މީހެއްގެ ނަން ހާމަކުރުމަށެވެ. ރައްޔިތުން ވަކިމީހެއްގެ ނަން ބުނާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް ޖާސޫސުންގެ ފަރާތުން އެއީކޮން ބަޔެއްކަން އޮޅުން ފިލާފައިވާތީ ސިފައިންތަކަށް އެވަފުދުގެ މީހުން އުޅޭ ގެތަކަށް ގޮސް އެމީހުން ގަތުލުކުރަން އެންގެވިއެވެ. ގޭގެ ދޮރުމަތިން ބައްދަލުވި މީހުންނާއި އެނދުގައި ނިދާފައި ތިބި މީހުންވެސް ސިފައިންގޮސް ގަތުލުކުރިއެވެ. ޔޫހަންނާ އަވަހާރަވުމުން އަދި ސިފައިންނަށް ލިބުނު އޯޑަރާއެކު މުޅި ޝަހަރު ވީރާނާކޮށްލަން އަރައިގަތުމުން ރައްޔިތުން ބިރުން ހަލާކުވާވަރުވިއެވެ. ބައެއް ސިފައިން ނޭޒާތަކުގެ ކޮޅަށް ކުޑަކުދިން އަމުނައިގެން ހިނގާތީވެސް ފެނެއެވެ.

ޔޫގަންނާ އޭނަގެ ކޮއްކޮގެ މަރުވެފައިވާ މަސްގަނޑުކައިރީގައި ކުޑަކަކޫ ޖައްސަވައިގެން އިށިންނަވާ އެއަތްޕުޅުގައި ހިއްޕެވިއެވެ. ގަނޑުފެންކޮޅެއްހާ ފިންޏެވެ.

"އަަހަރެންގެ ކޮއްކޮ މަރުވެގެން މިދިޔައީ ޝަހީދެއްގެ ގޮތުގައި. މި އަނިޔާލިބިގެންވާ ކޮއްކޮގެ މަރު އަހަރެންގެ މުޅި އުމުރުދުވަހު ހިތުން ފިލައިގެން ނުދާނެ. އަބަދަށްޓަކާ ރޮއްވާނެ. ހިތާމަހުރި. އަހަންނަށް ކަލެއާއި ވާހަކަދެއްކުނީ ކޮންފަދަ ހަރުކަށިކޮށް. އެކަމަކު ކަލޭ ވާހަކަދެއްކީ އިހުތިރާމާ އަދަބުވެރިކަމާއެކު. މިހަދާންތައް އަހަރެންގެ ލޮލުން އަބަދަށްޓަކާ ކަރުނަ އޮހޮރުވާނެ. އަހަރެންގެ ލޫސީއަށް މި ޚަބަރު ލިބޭއިރު އެކުއްޖާ ހިތާމައިން މަރުވާނެކަން ޔަގީން. ލޫސީ އެންމެ ލޯބިވާމީހަކީ ތިއީ. ކިހިނެއް އަހަރެން ހަދާނީ. މިކުރެވުނީ ކޮންފަދަ ބޮޑު ކުށެއް............."

އެވަގުތު ސިފައިންގެ ވެރިޔާ ކަސިއަސް އަދަބުވެރިކަމާއެކު ކުރިއަށް ޖެހުނެވެ.

"އަރަބިންގެ ލަޝްކަރު އެބައާދޭ......"

އޭރު އަސުރުވަގުތު ފާއިތުވެ އިރުގެ އަލިކަން މަޑުވެއްޖެއެވެ. ފަޒާގައި ފިނިކަން ގަދަވާންފެށިއެވެ. ލޫސީ ކިއްލާގެ ފާރުމަތީ ޝަހަރާއި ދިމާލަށް ބައްލަވަން ހުންނަވަނިކޮށް ގަންސްރޭންއާއި ވީ ފަޅިން ހިރަފުސް ބުރުވާލާފައި އަންނަ ލަޝްކަރެއް ފެނުނެވެ. އަސްތަކުގައި އެ މީހުން ބާރަށް އަންނައިރު ފަގުޑިއާއި ދިގު ލިބާސް ވައިގެތެރޭ ހޫރެމުންދާތީ އެއީ އަރަބިންކަން ޔަގީންވެ ބިރުގަންނަގޮތްވެއްޖެއެވެ. މިވާން އުޅެނީ ކިހިނެއްހެއްޔެވެ؟ ލޫސީ ސިހިފައި ފާރާދިމާލަށް ތިރިއަށް ބަލައިލިއިރު ދެން ފެނުނީ ހިތަށް ފިނިކަން ލިބޭފަދަ މަންޒަރެކެެވެ. ފާރާއި ދާދިކައިރީގައި ލާވަން ހުރީ އޭނައަށް ނަޒަރު ހުއްޓާލައިގެންނެވެ. ލޫސީ ލަދުން މަރުވާވަރުވިއެވެ. އިސްޖެހުނެވެ. ދެލޯ މަރާވެސްލައިފިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވައިލާއިރަށް ލާވަން އަތުގެ އިޝާރަތުން ސަލާމް ކުރުމުން ލޫސީއަށްވެސް އިޝާރަތުން ޖަވާބުދޭން މަޖުބޫރުވިއެވެ. އެހެން ހުރެފައި އަނެއް ފަޅިއަށް ބަލައިލިއިރު ކަމަކުދާކަަށް ނެތެވެ. އަރަބި ލަޝްކަރު ހަލަބާއި ވަރަށް ގާތަށް އަތުވެއްޖެއެވެ. އެތައް ދުރަށް ސަފުތައް ދެމިފައެވެ. އެވަރުންވެސް ލޫސީ ބޭނުންވީ ބޮޑުބޭބެ އަދި ބައްޕައާއި ދާނިޔަލްގެ ޚަބަރެއް ލިބެންދެން އެތަނުގައި މަޑުކޮށްލުމަށެވެ.

ޚާލިދު ބިން ވަލީދުގެ ވެރިކަމުގައި އެހިސާބަށް އައި ލަޝްކަރަށް ޝަހަރުތެރެއިން މީހުންގެ ރުއިމުގެ އަޑުއިވިގެން އެމީހުންނަށް އަނިޔާކުރަނީކަން އެނގި އަވަސްވެގަތީ އެމީހުންނަށް އެހީތެރިވެދިނުމަށެވެ. ޔޫގަންނާއަށް މުސްލިމުންގެ ލަޝްކަރު ފެނިވަޑައިގެން ހަގުރާމައިގެ ބެރުޖަހަން އެންގެވިއެވެ. ރޫމީންގެ ލަޝްކަރު ޝަހަރުތެރެއިން ނުކުމެގެން އައިސް ސަފު ހަދާލާފައި ހަގުރާމައަށް ތައްޔާރުވިއެވެ. ޚާލިދު މުޖާހިދުންނަށް ހިތްވަރާއެކު ހަގުރާމަކޮށް ރޫމީން ބަލިކުރަން ނަސޭހަތްތެރިވިއެވެ. އިރުކޮޅެއް ނުވަނީސް މުސްލިމުން ﷲއަކްބަރު ކިޔަމުން ހަމަލާދިނުމުން އިސާހިތަކު ހަގުރާމަ ހޫނުވެ ދެފަރާތުން ހަށިތައް ގަތުލުވެ މައިދާނަށް އެޅެންފެށިއެވެ. ވެރިމީހާގެ އަމުރަށް ހަގުރާމަކުރިޔަސް ރޫމީ ސިފައިންތިބީ ބިރުން ހަލާކުވާވަރުވެފައެވެ. އަރަބި މުޖާހިދުން ސިންގާތަކެއްފަދައިން އެދޭ ހަމަލާތަކަށް ރައްދުދޭން ނުކުޅެދިފައެވެ. ޔޫގަންނާ އެމީހުންނަށް ހިތްވަރުދެއްވަމުން ގޮސް ނުކުމެވުނީ ޚާލިދުގެ ކުރިފުޅުމައްޗަށެވެ. ޔޫގަންނާ ތުރުކުރައްވައިގެން ހުރި ހެދުމާ ކަނޑިފެނިވަޑައިގަތުމާއެކު މިއީ ރޫމީންގެ ވެރިޔާކަން ވަގުތުން އެނގިވަޑައިގަތެވެ.

"މިއީ ޚާލިދު ބިން ވަލީދު، ކުރިމަތިލާނެ ހިތްވަރު ހުރިއްޔާ ހަގުރާމަކުރަން އާދޭ. "

ޚާލިދުގެ ނަންފުޅު ޔޫގަންނާވަނީ ކިތަންމެފަހަރަކު އައްސަވާފައެވެ. ނަމަވެސް މިނޫނީ ފެނިވަޑައިގެންފާ ނެތުމުން މި ނަން މަޝްހޫރު ކުޅަދާނަ ފަހުލަވާނަށް ނިކަން ރަގަޅަށް ބައްލަވާފައި ހަގުރާމަކުރަން ތައްޔާރުވެ ވަޑައިގެންފިއެވެ. ޔޫގަންނާ ފޮނުވައިލާ ކަނޑިއެތިފަހަރު ޚާލިދު ކުޅަދާނަކަމާއެކު މަތަކޮށްލައްވައެވެ. ޚާލިދު ފޮނުވައިލި ހަމަލާއެއް އޭނަގެ ދަގަނޑު ތާކިހާގައި ޖެހި ކަފައިގެންވެސް ދިޔައެވެ. އެކަލޭގެފާނު ކަނޑި ދަންމަވައިގަންނަވަން އުޅުއްވިއިރު ކަނޑި ބިންދައިގެން ދިޔުމުން ޔޫގަންނާ ދިން ހަމަލާ އައްޑަނައިން މަތަކޮށްލެއްވިއެވެ. އެއެތިފަހަރު އައްޑަނަކަފާލާފައި ޚާލިދު އިންނެވި އަހުގެ ބޮލަށް ނޭރީ އަސްވެސް ހުޝިޔާރުކަމާއެކު ފަހަތަށް ޖެހިލުމުންނެވެ. ދެބޭފުޅުންގެ ހަމަލާތައް ކުރިއަށް ދިޔައީ ނުރައްކާތެރިކޮށެވެ. އަރަބީންގެ މުޖާހިދަކު ޚާލިދުއަށް ކަނޑިއަކާއި އައްޑަނައަށް ފޯރުކޮށްލަދިނުމުން ހަގުރތާމަ ހޫނުވިއެވެ. ހަގުރާމަކުރަމުންގޮސް ދެ ފަހުލަވާނުންގެ އަސްތައް ވަރުބަލިވެއްޖެއެވެ. އެއްފަހަރު ޚާލިދުގެ ކަނޑި އެތިފަހަރެއް ޔޫގަންނާގެ އަހުގެ ނިތްކުރިއަށް އެރުމާއެކު އެސޮރަށް ތަދުވީވަރުން އަނބުރާލާފައި ދުއްވައިގަތެވެ. އޭރު ނިކަން ފޯރިއާއެކު ހަގުރާމަކުރިއަށްދަނީއެވެ. ނަމަވެސް ރަސްގެފާނު ފިލަން ދުވެވަޑައިގަންނަވާތަން ފެނިފައި ރޫމީންވެސް ބަލިވެ އެކި ދިމާލަށް މިސްރާބުޖެހީ ފިލުމަށެވެ. ބައެއްމީހުން ދުއްވައިގަތީ ކިއްލާއާއި ދިމާލަށެވެ. އަނެއް ބަޔަކު ޖަންގައްޔާއި ދިމާލަށެވެ. ޚާލިދު އަމުރުކުރެއްވީ ޖަންގައްޔާއި ދިމާލަށް ދުވާ މީހުންގެ ފަހަތުން ދިޔުމަށެވެ. އެމީހުން ވަށާލާފައި ހަގުރާމަ ފެށިއިރު ދުރުން އަބޫ އުބައިދާގެ ލަޝްކަރުވެސް ދައްކާލައިފިއެވެ. އެބޮޑު ލަޝްކަރު އައުމުން ޖަންގައްޔަށް ހިމާޔަތް ހޯދަން ވަން އެއްވެސް ރޫމީއަކު ސަލާމަތްވިޔަނުދީ ގަތުލުކޮށް ހުސްކޮށްލައިފިއެވެ.

ޝަހަރުގެ ރައްޔިތުން އަބޫއުބައިދާގެ އަރިހަށް އައިސް ކަންތައް ހިނގިގޮތް ކިޔައިދިނެވެ. ޔޫގަންނާ ސިފައިން އެމީހުންގެ ތިންސަތޭކަވަރަކަށް މީހުން މަރާލިއެވެ. އެކަމާ މުސްލިމުން ވަރަށް ހިތާމަކުރިއެވެ. ނަމަވެސް ޔޫގަންނާގެ ލަޝްކަރުން މަރުވިމީހުންގެ އަދަދު ތިންހާހަށް އަރާނެއެވެ. ޝަހަރުގެ މީހުން ރޫމީންގެ ސާޅީހަކަށް ޖެނެރަލުން އަބޫއުބައިދާގެ ކުރިފުޅުމައްޗަށް ގެނައެވެ. ޝަހަރުގެ މީހުންބުނީ ޔޫގަންނާ ދޫކޮށްލާފައި އައިމީހުން ކަމަށާއި އެކަމަކު އެމީހުންގެ ތެރެއިން ވާ ބަޔެއް ނޫންކަމުގައިވެފައި އަދި ސުލްހަނާމާގައި އެމީހުން ނުހިމެނޭތީ ފޮރުވައިގެން ގެންގުޅެން ބޭނުންނުވީކަމުގައެވެ. އަބޫއުބައިދާ އެމީހުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވިއެވެ. ހަތްމީހުން އިސްލާމްވިއެވެ. އެހެންމީހުން ދީން ގަބޫލުނުކުރުމުން ގަތުލުކުރެއްވީއެވެ.

ޝަހަރުގެ މީހުން ޔޫގަންނާ އޭނަގެ ކޮއްކޯފުޅު ޝަހީދުކޮށްލި ޚަބަރުވެސް ކިޔައިދިނެވެ. އަދި އޭނަ އިސްލާމްވީކަމަށް ޖެނެރަލްއަކު ހެކިދިނެވެ. ޝަހާދަތް ކީކަމުގައިވެސް ބުންޏެވެ. އަބޫއުބައިދާ ޚާލިދުއާއި އެހެން މުޖާހިދުންނާއެކު މާރުކޭޓުގެ އެންމެ އުސް ހިސާބަށް ދިޔައިރު ޔޫހަންނާގެ މަރުވެފައިވާ މަސްގަނޑު އަދިވެސް އެތާ އޮތެވެ. އޭނަގެ އިނގިލިން އުޑާއި ދިމާލަށް އިޝާރަތްކޮށްގެން އޮންނެވިއިރު މޫނު އަލިކަމުން ސާދަވިލޭރޭގެ ހަނދުފަދައެވެ. ތުންފަތުގައި ހިނިތުންވުމެވެ. އަބޫއުބައިދާގެ އަމުރުފުޅަށް އެ ހަށިގަނޑު އެތަނުން ގެންދެވުމަށްފަހު ފޮތިގަނޑެއްގައި ނިވާކުރެއްވުމަށްފަހު ކަށުނަމާދުކޮށް ވަޅުލެއްވީ ޝަހީދެއްގެ ގޮތުގައެވެ.

އެއަށްފަހު އަބޫއުބައިދާގެ އެންގެވުމަށް ޝަހަރުގެ ކުރިމަތީގައިވާ މައިދާންގައި މުސްލިމުން ފޭލިގެ ތައް ޖަހައި މަންޒިލްކޮށްފިއެވެ. އޭރު އިރުއޮއްސެން ވަރަށް ކައިރިވެއްޖެއެވެ. މުޖާހިދުން ތިބީ އަސުރުނަމާދު ނުކޮށްކަމަށް ވާތީ ވުޟޫކޮށްލައިގެން ނަމާދަށް ތައްޔާރުވާންފެށިއެވެ.

ޔޫގަންނާ ބަލިވެގެން ފިލަން ދުވެ ވަޑައިގަންނަވަމުންވެސް ކަސިއަސްއަށް އަމުރުކުރެއްވީ ޔޫހަންނާގެ ހަށިކޮޅު ކިއްލާއަށް ގެންގޮސް ބޮޑުވަޒީރަށް ދަންނަވާ އަދި ހުރިހާ ރައްޔިތުން ކަޅުހެދުން ލުމަށެވެ. ކަސިއަސްއަށް ޔޫހަންނާގެ ހަށިގަނޑު ނުފެނުމުން ޔޫގަންނާގެ އަރިހު ދެންނެވުމުން އެކަމާ ހިތާމަފުޅުކުރެއްވިއެވެ. މުސްލިމުންނަށް އެހަށިކޮޅު ލިބުނީކަން ޔަގީންކުރެވުނަސް އެހެންމީހުންނަށް އެކަން އަންގަވަން ބޭނުންފުޅުނުވިއެވެ. ކަސިއަސްއަށް އެންގެވީ ފޮށްޓެއް ގެނެސް އޭގައި ޔޫހަންނާގެ ހަށިކޮޅުވާކަމަށް އެހެންމީހުންނަށް ހީކުރުވުމަށެވެ. އެހެންމީހުންގެ ކުރިމަތީގައި އެހާ ދަށްވެ އޭނަގެ އަގު ވެއްޓޭކަށް އޭނަ ބޭނުންފުޅުނުވީއެވެ.

***

ޔޫގަންނާއާއި ސިފައިން ހަގުރާމައިގެ މައިދާނުން ބަލިވެގެން ކިއްލާތެރެއަށްވަދެ ތަޅުލީއިރުވެސް ލޫސީ ހުރީ ފާރުމަތީގައި މަންޒަރު ދެކޭށެވެ. އިރުއޮއްސި އަނދިރިކަން ވެރިވާންފެށުމުން ލޫސީ ވަށައިގެން ހޯދާލިއިރު ލާވަން ފެނުނެވެ. އޭރު ލާވަންގެ ގާތު މަރިޔަމްވެސް ހުއްޓެވެ. މަރިޔަމް ލާވަންއަށް ބަލާލަފައި ހީލިއެވެ. ލޫސީގެ ހިތަށް ކަށިތަކެއް ހެރުނުފަދަ އިހުސާސްތަކެއް ކުރެވި މޭގައި އަތް އަޅާލައިގެން އަވަހަށް ހަރުފަތްތަކުން ތިރިއަށް ފައިބާންފެށިއެވެ.

ނުނިމޭ

ކޮމެންޓް 0