ގައިގާ ހުރި ބާރެއް ލާފައި އެ ހިލަގަނޑުގައި ހިފާ ދަމައިގަތުމުން ހިލަގަނޑު ނެއްޓި ދެެމީހަކަށް ނިކުމެވޭނެ ވަރުގެ ބާގަނޑެއް ހެދިއްޖެއެވެ. ދެމީހުން އެތަނުން ބޭރަށް ނުކުމެވުމުން ގަދަ ފިނިކަން ހަށިގަނޑުގައި ޖެހިގަތެވެ. އެކަމަކު ސާފު ވަޔާއި ތާޒާކަން އިހުސާސްކުރެވުނެވެ. ދެމީހުންނަށް އަދި ކިރިޔާ ހަލަބު ކިއްލާއިން ބޭރަށް ނުކުމެވުނީއެވެ. މިއީ ކިއްލާއިން ބޭރަށް ނިކުންނަން ހުންނަ ސިއްރު ދޮރެވެ. ސާޖީ ހިލަގަނޑެއް ކޮށްޕާލުމުން އެ ހިލަ ބާގަނޑުގައި ޖެހި އެތަން ބެދި ކުރިން ހުރިގޮތަށް ވުމުން އޭނާ ބައްތި ނިވާލައިފިއެވެ.

ލޫސީމެންނަށް ކިއްލާއިން ބޭރަށް ނުކުމެވުނީ ފަރުބަދައެއްގެ ތެރެއަށެވެ. ކިއްލާ ހުންނަ ހިސާބަށް ވުރެ މާ އުހެވެ. އެތަނުން ފެށިގެން ތަންކޮޅެއް ދުރުގައި ހުރީ ކިއްލާއެވެ. ކަނައަތްފަރާތުގައި ހަލަބުގެ ޝަހަރެވެ. ޝަހަރުގެ ކުރިމަތީގައި ފޭލިގެ ޖަހައިގެން ތިބި އަރަބިން އަންދަމުންދާ އަލިފާން މާ ދުރަށްވެސް ފެންނާން ހުއްޓެވެ. ދޭތެރެއަކުން ކުއްތާއެއް ނުވަތަ އަހެއް ގޮވައިލާ އަޑު އިވުނަސް މުޅި ހިސާބު އޮތީ ހިމޭންކޮށެވެ. ހަނދުވަރުގެ އަލީގައި ގަސްތަކުގެ ނިވަލުން ފިލަމުން ކަހަލަގޮތަކަށް މަޑުމަޑުން ޝަހަރާއި ވީކޮޅަށް ދެމީހުން ހިނގައިގަތެވެ. ބައިގަޑިއެއްހާއިރުވާން ދެން ގަދަ ފިނީގައި ހިލަ ބިންމަތީ ހިނގަން ޖެހުމުން ބޮޑު ތަކުލީފަކަށް ވެ ލޫސީ އަނބުރާ ދާންވެސް ހިތަށް އެރިއެވެ. މިކުރެވެނީ ރަގަޅުކަމެއް ބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ޚަޒާނާގެ މަތިން ހަދާންވުމުން ހިތްވަރު ލިބުނެވެ. ބޮޑު ހޮހަޅަކާއި ހަމަޔަށް ނުކުމެވުނުއިރު އެހިސާބުގައި ބޮޑެތި ހިލަތައް ޖަހާފައި ހުރިތަން ފެނުނެވެ. ސާޖީ މަޑުކޮށްނުލާ ކުރިއަށް ދިޔައެވެ.

"މިހާރު ތިދަނީ ކޮންތާކަށް؟ ހޮހަޅަ މިހިރީނު..." ލޫސީ ހުއްޓިފައި ގޮވައިލިއެވެ.

"މާފުކުރައްވާ....އަޅުގަނޑަށް އޮޅުނީ..." ސާޖީ އަނބުރާ އައެވެ. ހޮހަޅައިގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. އެތެރެއަށް ވަދެފައި އޭނަ ބައްތި ދިއްލާލާއިފިއެވެ.

ސާޖީގެ ފަހަތުން ލޫސީވެސް އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެގެން ދިޔަވަރަކަށް ޖާގަ ހަނިވެ އުދާސްވާގޮތްވިއެވެ. ކިރިޔާ ދެމީހުންނަށް ހިގާލެވޭވަރުގެ ޖާގައެކެވެ. ހޮހަޅައިގެ ނިމޭ ކޮޅާއި ހަމަޔަށް ގޮސްފައި ބޭރަށް ނުކުންނަ މަގު ހޯދަން ސާޖީ މަސައްކަތްކުރަން ފެށިއެވެ. އެ މަންޒަރު ބަލަން ލޫސީ އިރުކޮޅެއްވާންދެން ހުއްޓެވެ.

"ތި ބަލަނީ ނުބައި ފަރާތެއްނު. މަގު ފެންނާނީ ކަނައަތް ފަރާތުން....."

ސާޖީގެ މޫނުމަތިން ނުތަނަވަސްކަން ފެނުނަސް ކުޑަކޮށް ހީލިއެވެ.

"ލައްބަ ސާހިބުކަމަނާ. މަގު ފެންނާނީ ކަނައަތްފަރާތުން. ސާހިބާއަށް އުދަގޫވާނެ ވަރު ވިސްނި އެކަމާ ބޯގޮވާފައި ހުރީމަ އެއްވެސް ކަމެއް މިރޭ ރަގަޅަކަށް ނުދޭ..ކަނައަތް ފަރާތްކަމަށް ހީކޮށް ވައަތްފަޅި މި ބެލުނީ.........." ސާޖީ ހިލަތައް ފުރޮޅަން މަސައްކަތްކުރިއެވެ.

"ކިތައްފަހަރު ކަލޭ މިތަނަށް އައީ..." ލޫސީ ބޯ ހޫރާލިއެވެ.

"އެންމެ ފަހަރަކު...އެކަމަކު..." ސާޖީ އިތުރު އެއްޗެކޭ ބުނަން އުޅުނެވެ.

"ގެނޭ އަހަރެން މަގު ދައްކަފާނަން....." ލޫސީ ބައްތި އަތުލުމަށްފަހު ތިރީ ގައި ބެހެއްޓިއެވެ. އަދި ބިންމަތީ އިށީދެ ތިރީގައި އޮތް ހިލައެއް ދުރުކޮށްލުމާއެކު ވަދެވޭނެ ބާގަނޑެއް ފެނުނެވެ. ލޫސީގެ ފަހަތުން ސާޖީވެސް އެތަނަށް ވަނެވެ. އެއީ ހަތަރެސްކަން ކޮޓަރިއެއްފަދަ ތަނެކެވެ. ވަށައިގެން އަދި މަތީގައިވެސް ހުރީ ބޮޑެތި ހިލައެވެ. އެތައް ފަހަރު އެތަނަށް ވަދެ ތަޖުރިބާކޮށްފައިވާ މީހެކޭ ލޫސީ ތަފާތެއް ނެތެވެ. އެތަނުގެ ކަނައަތްފަރާތުގައި ހުރި ހިލަތައް ގުޑާލާތޯ މަސައްކަތްކުރިއެވެ. މާ ގިނައިރު މަސައްކަތެއް ނުކޮށް ނިކަން ފަސޭހައިން ހިލައެއް ނެއްޓިއްޖެއެވެ. އެތަނުން އަނެއްކާވެސް ނުކުމެވުނީ ހިލަތައް ހުރި ހިސާބަކަށެވެ. ހިލަތައް މަތީގައި ވެޔޮތައް އެކިގޮތްގޮތަށް ފަޅާފައި ހުއްޓެވެ. ކުރިމަތިން ފެންނާން ހުރީ ދޮރާށްޓެކެވެ. އެމީހުންނަށް އެ ދޮރާށި ފެނުމުން ޔޫހަންނާ އެ ވިދާޅުވި "ބަހާރުވާދީ" އަށް އާދެވިއްޖެކަން ޔަގީންވިއެވެ.

ދޮރާށި ހުޅުވާލާފައި ނުކުތްއިރު ކުރިމަތިން ފެންނާން އޮތީ ރީތި ވާދީއެކެވެ. ފަތިހުގެ ވަގުތުކަމުން ދުންފިނި ފައިބާފައި އޮތަސް ބައްތީގެ އަލީގައި ކޮންމެވެސް ވަރަކަށް ގަސްތައް ހެކައަޅައެވެ. ފިނިފިނި ވައިރޯޅިތައް މާމެލާމެލީގެ މީރުވަސް ނޭފަތާއި ހަމަޔަށް ފޯރުކޮށްދެމުން ދިޔައެވެ. ލޫސީ ރަގަޅަށް ސާލު ގައިގާ އޮޅައިލީ ފިނިކަން ގަދަވެ ކޮންމެވެސް ވަރަކަށް ރޫރޫއަޅާ ގޮތްވުމުންނެވެ. ހިނގިވަރުންނާއި ނުނިދާ ހުރުމުގެ ސަބަބުން ވަރުބަލިވެ އަރާމުކޮށްލަންވެސް ބޭނުންވިއެވެ. ފަތިސްވުމާއެކު ތަފާތު ވައްތަރުގެ ދޫނިތައް ލަވަ ކިޔަންފެށުމުން އެއީވެސް އަހާ ހިތްވާ ފަދަ އަޑަކަށްވިއެވެ.

ލޫސީ ތަންކޮޅަކަށް ހިނގައިިލިތަނާ ފެނުނީ ހިލަ ގޮނޑިއެކެވެ.

"ސާހިބުކަމަނާ އަރާމުކުރައްވަން ވީ ނޫންތޯ...." ސާޖީ ބުނެލިއެވެ.

"އެންމެ ރަގަޅު....." ލޫސީ އެ ހަރު ހިލަ ގޮނޑީގައި އޮށޯވެލުމަށްފަހު ރަޖާގެ ހިމާޔަތް ހޯދިއެވެ. ސާޖީ ތަންކޮޅެއް ދުރުގައި ވިނަތައް މަތީ އިށީދެ ދުރަށް ބަލަން އިނެވެ. ވަރުބަލިކަމާއި ނިދީގެ ސަބަބުން ގަދަހެދިޔަސް އެސްފިޔަތައް ބަރުވެ ދެލޯ މެރުނުތަނާ މީހަކު އެއްޗެކޭ ބުނެލިހެން ހީވިއެވެ.

"ސާހިބުކަމަނާ..."

"ކީކޭ؟ " ލޫސީ ސިހޭގޮތްވެފައި ބަލައިލިއިރު ސާޖީ އިނީ ތަންކޮޅެއް ކައިރީގައި އޭނަގެ މޫނަށް ކަޅި ހުއްޓާލައިގެންނެވެ.

"ރީތިކަމަކީވެސް ހަމަ އަޖައިބެއްފަދަ އެއްޗެއް. އިންސާނާގެ ހިތް އޭގެ މަގާމުން ފުންމާލާނެ. ބައެއްފަހަރު ތިމާގެ ފެންވަރުވެސް ހަދާން ނައްތައިލަން މަޖުބޫރުކުރުވާ..." ސާޖީ ގެ ނަޒަރު އޭނާގެ މޫނަކުން ނައްޓައެއްނުލިއެވެ. ލޫސީ ތެދުވެ އިށީނީ އެ ބެލުމުން އުދަގޫވެގެންނެވެ. ނުތަނަވަސްވެ އެހެން ކަހަލަ ބިރެއް ގެންފިއެވެ.

"ކަލޭ ތި ބުނި އެއްޗެއް ނޭގުނު....."

"މިބުނީ އަޅުގަނޑަށް ސާހިބުކަމަނާގެ ރީތިކަމުގެ ޖާދޫގައި ޖެހި މަގު އޮޅުވާލައިފިއޭ. ކަމަނާ ފެށުނީއްސުރެ އަބަދު ހިތުގައިވަނީ ސާހިބުކަމަނާ....."

ސާޖީގެ ވާހަކަ ހުރިގޮތުން ނުރުހި ހިތުގައި ރުޅީގެ އަސަރު ހިނގައިގަތް ނަމަވެސް އެއްޗެކޭ ބުނަން ފަސްޖެހުނެވެ. ކެތްތެރިވާން މަސައްކަތް ކުރިއެވެ. މިތިބެވުނީ އެއްވެސް އިންސާނެއްގެ ހިލަމެއްނުވާ އެކަނިވެރި ވާދީއެއްގައެވެ. ފަޅުތަނެއްގައެވެ. އެއްވެސް ފަރާތަކުން އެހީއެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ލޫސީ ހިމޭންކަން ޚިޔާރުކޮށް އިސްޖެހި ވިސްނުމެއްގައި އިނެވެ. މިތަނަށް އާދެވުނުކަމުގެ މޮޔަ ހާސްފަހަރު ހީވިއެވެ. ލާވަން މަތިން ހަދާންވިއެވެ. ނުވީތާކަށް ލާވަންއާއި ތޫމާ ފެނުމުން އެމީހުންނަށްވެސް އޭނަ ފިލީއެވެ. ހިތަށް ލިބުނު މޮޅިވެރިކަމުގެ ތެރޭ ގެނބެމުން ދަނިކޮށް ކެހިވެރި މީހާގެ އަޑު އިވުނެވެ.

"ސާހިބު ކަމަނާގެ ހިތްޕުޅުގައިވެސް އަޅުގަނޑަށްޓަކާ އިހުސާސެއް ވަނީތޯ؟ " ސާޖީގެ އުއްމީދު އާވިއެވެ.

"ކެހިވެރި މީހެއްނު. ކޮންކަހަލަ ވިޔާނުދާ ވާހަކަތަކެއް ކަލޭ ތިދައްކަނީ. އަނގަ މަޑުން ލައިގެން އިނދޭ......." ލޫސީގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ.

"ސާހިބުކަމަނާ. ރަހުމްކުރައްވާ. އަޅުގަނޑަށް ކަމަނާއާއި ނުލާ ދުނިޔެއަކު ނޫޅެވޭނެ. އަޅުގަނޑަކީ ކަމަނާގެ ލޯބީގައި ހިތްހަލާކުވެފައިވާ ނިކަމެތި އިންސާނެއް. ފެންވަރުގެ ތަފާތުކަމެއް ހުއްޓަސް އެއީ ލޯބީގައި ނާކާމިޔާބުވާން ޖެހޭ ކަމެއްކަމަށް އަޅުގަނޑު ނުދެކެން. ރަސްދަރިކަނބަލަކަށް އާދައިގެ ސިފައިންގެ މީހަކު ދެކެ ލޯބި ނުވެވޭނެތޯ؟ ރަސްކަލުން ލޯތްބަށްޓަކާ ތަޚުތާއި ތާޖު ދޫކުރައްވާފައި އެބަހުރި....." ސާޖީ ގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ހިގައްޖެއެވެ.

"ތަންކޮޅެއް ދުރުގައި ހުރޭ..." ލޫސީ ބުނެލިއެވެ.

"ލޯބިވާ ކަމަނާ. ހާދަ ދުވަހު ކެތްކޮށްފީމޭ....."

"ނުލަފާ ކަލޭގެއާ....ތި ކުރި ކުށުގެ ސަޒާ ވަރަށް ހިތިކޮށް ކަލެއަށް ފެންނާނެ.." ލޫސީގެ މޫނަށް ރުޅީގެ ރަތްކުލަ ވެރިވެގެން ދިޔުމާއެކު ބުނެލިއެވެ.

ސާޖީ ވިނަގަނޑުމަތިން ތެދުވުނުއިރު އޭނަގެ ބުމަވެސް ގޮށްޖެހިއްޖެއެވެ. ދެލޯ ކުޑަކޮށްލެވިއްޖެއެވެ.

"މިހާރު ކަމަނާ ތި ހުންނެވީ އަޅުގަނޑާއެކު މި ވާދީގައި އެކަނި. އިތުރު އެހެން އެއްވެސް ފުރާނައެއް މިތާކު ނެތް. ރުހުމުގައި ނޫނީ ނުރުހުމުގައިވެސް ކަމަނާގެ ލޯބި ހާސިލުކުރާނަން...." ސާޖީ އެއް އިނގިލި ދިއްކޮށްލިއެވެ.

"މޮޔަނުވޭ. ލޯތްބަކީ ގަދަކަމުން ހޯދޭ އެއްޗެއް ނޫން...."

"ނޫން ހޯދޭނެ. އަޅުގަނޑު ކަމަނާ މިތަނަށް ގެނައީވެސް ހަމަ މިހެންވެ...." ސާޖީ ކެހިވެރި ހުނުމަކާއެކު ބުނެލުމުން ލޫސީގެ ގައިން ހީބިހިނެގިއެވެ.

"ކަލޭ އަހަންނަށް އޮޅުވާލާ މަކަރު ހަދައިގެން މިތަނަށް ގެނައީ. ކެހިވެރިކަމާއި މަކަރުހެދުމަކީ ރަގަޅުމީހުންގެ ސިފައެއް ނޫން..."

"ލޯބީގައި ހުރިހާ ކުށަކަށްވެސް އަރައިގަނެވޭނެ. ކަމަނާއަށް އެނގިވަޑައިގަންނަވާތޯ؟ އަޅުގަނޑަކީ މި ޚަޒާނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ހުރި މީހެއްނޫން. މި ވާދީއަށްވެސް ދުވަހަކު އައި މީހެއްވެސް ނޫން. ޔޫހަންނާ ޗާޓުގެ މަސައްކަތުގައި އިންނަވަނިކޮށް އަޅުގަނޑު އެހީމަ ވިދާޅުވީ ލޫސީއަށްޓަކާ ރައްކާކޮށްފައިވާ ޚަޒާނާއެއްގެ ޗާޓޭ އެ ޚަޒާނާވަނީ ބަހާރުވާދީގައޭ. އޭގެ އިތުރުން މައުލޫމާތެއް ނުދެއްވާ. އެދުވަހުން ފެށިގެން އަޅުގަނޑު ހުރީ އެފަދަ ފުރުސަތަކަށް ބަލަން. ކްރައިސްޓްގެ އެހީތެރިކަމާއެކު އަޅުގަނޑަށް ކަމަނާ ލައްވާ މަގު ހޯދައިގެން މިހިސާބަށް ގެނެވުނީ. އަޅުގަނޑު އަދި ޚަޒާނާވެސް މިތަނުން ހޯދާނަން. ލޫސީއާއި އޭނަގެ މުދަލަކީ ހަމައެކަނި އަޅުގަނޑުގެ ހައްގެއް...." ސާޖީ ލޫސީއާއި ގާތުގައި އިށީދެ އަތުގައި ހިފައިލިއެވެ. ލޫސީ އަތް ފޮޅުވައިލީ ވިހަގަދަ އެއްޗެއް ކަށިޖެހުމުން ވާފަދައިން އަނގަޔަށް ނުބައި ގޮތެއް ހަދާލަމުންނެވެ. ނަމަވެސް ވިސްނާލަފައި ތަންކޮޅެއް ރީތިކޮށް ވާހަކަދެއްކިއެވެ.

"އަހަރެންގެ އަތުގައި ޚަޒާނާގެ ޗާޓު އެބައޮތް...."

"އޯ ތިވީ މާރަގަޅަކަށް...." ސާޖީ ހިނި އަތުވެއްޖެއެވެ.

"ކަލެއަށް މި ބަލައިގެންވެސް ޚަޒާނާ ހުރިތަނެއް ހޯދައިނުގަނެވޭނެ. އަހަރެން އެކަމަށް އެހީތެރިވެދީފާނަން. ކަލޭ އަހަރެން ކިއްލާއަށް ގެންގޮސްދީ. ޚަޒާނާ މުޅިން ކަލެއަށް ދީފާނަން. އަހަރެން ދޫކޮށްލާ....." ލޫސީ އެދުނެވެ.

"ކިހިނެއްތޯ އެހެންވާނީ؟ އަޅުގަނޑަށް ޚަޒާނާއަށްވުރެ ކަމަނާގެ ލޯބި މުހިއްމު. ޚަޒާނާ ލިބިގެން މުއްސަދިވިޔަސް އަދި އަޅުގަނޑުގެ ލޯބިވާ ކަމަނާ ނެތިއްޔާ ހަޔާތަށް ދިރުން އަންނާނެގޮތެއް ނެތް. ތިހެން ނަހައްދަވާ. އަޅުގަނޑުގެ ލޯބި ގަބޫލުކުރައްވާ...."

"ތިކަމެއް ނުވާނެ. އަން މިއޮތީ ޗާޓު..." ލޫސީ ތެދުވެފައި ހެދުމުގެ ޖީބުން ޗާޓު ނަގާ ސާޖީގެ އުނގަށް އެއްލާލައިފިއެވެ.

"ނޫން. މިއަކުން އަޅުގަނޑަށް ލިބޭނެ އުފަލެއްނެތް. އަޅުގަނޑު ބޭނުމީ ކަމަނާ. މިހިތްވަނީ ދީވާނާ ވެފައި..."

"މޮޔަނުގޮވާ ހުރޭ...."

"ކަމަނާ ހާދަ ރީއްޗޭ. މިދޮން މޫނު ފެނުމުން ހިތް އޭގެ މަގާމުން ކައްސާލާ. އެންމެ ފަހަރަކު މި ދޮން ކޯތާފަތުގައި ބޮސްދިނުމުގެ ހުއްދަ ދެއްވާ......." ސާޖީގެ އެ ގޮތްކުޑަ ޖުމްލައާއެކު އޭނައާއި ދިމާލަށް ގުދުވެލުމުން ލޫސީގެ ހަށިގަނޑުގައި ހުޅު ރޯވިފަދައެވެ.

"މޮޔަނުވެ ދުރުގައި ހުރޭ. ގައިގާ އަތް ނުލާތި.." ލޫސީ ބާރަކަށް ބުނެލިއެވެ.

"އެންމެ ފަހަރަކު. ހަމަ އެންމެ ފަހަރަކު............." އޭނަ ގަދަކަމުން ލޫސީ އުނގަށް ލައިގެން ހިފަހައްޓަން މަސައްކަތްކުރިއިރު އެ އަތުގެ ދަށުން ސަލާމަތްވާން ކެނޑިނޭޅި ލޫސީ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އަންހެންކުއްޖަކަށް ވެފައި ނުނިދާހުރުމުގެ ސަބަބުންނާއި ގަދަ ފިނި އޭނަ ބަލިކަށިކޮށްލައިފިއެވެ. ލޫސީ ދެން އުޅުނީ ހެދުމުގެ ތެރޭ ފޮރުވާފައިވާ ޚަންޖަރު ނަގައިގެން ސާޖީއަށް ހަމަލާދޭށެވެ. އޭނަ ލޫސީގެ އަތާއެކު ޚަންޖަރުގައި ހިފަހައްޓަމުން ހިނިގަނޑެއް ޖަހައިލީ ނުބައިގޮތަކަށެވެ. އޭނަގެ ނުބައި މަގުސަދު އެނގި ހިތުގައި ހިނގައިގަތް ބިރުގެ ބޮޑުކަމުން ރޫރޫ އަޅައިގެންފާ ލޫސީ ހުރިތަނަށް ޚަބަރު ހުސްވެގެން ދެމުނެވެ.

***

ޔޫގަންނާ ކިއްލާތެރޭ ހިސާރުވެ ހުރިއިރު ވަށައިގެންވާހާ ރޫމީންގެ ރަސްކަލުންނާއި ވެރިން އަދި އާއްމުންގެ ސަމާލުކަން ހުއްޓިފައިވީ ހަލަބު ހަގުރާމައަށެވެ. އެ ހަގުރާމައިގާ ވެދާނެ ގޮތެއްގެ މައްޗަށް އެންމެންގެ ލޯތައް ހުއްޓިފައިވިއެވެ. ޔޫގަންނާގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން މުޅި ޝާމުގައި މަޝްހޫރުވެ ޝެހެންޝާހުވެސް އޭނަދެކެ ބިރުފުޅުގަނެއެވެ. ބައެއް ރޫމީން އުއްމީދުކުރަނީ މި ހަގުރާމައިގާ ޔޫގަންނާ މުސްލިމުން އަތުން ބަލިވެ ގަތުލުވެދިޔުމަށެވެ. އެރޫމީންގެ ހިތުގައި ރަސްގެފާނަށް އޮންނަ ބިރާއެކު ހިތުގައި ހަސަދަވެރިކަން އިންތިހާއަށް ވިއެވެ. ބޭރުފުށުން ރަސްގެފާނާއި ބައިވެރިވެ އޭނައަށް ތާއީދުއޮތްކަން ހާމަކުރިޔަސް އެމީހުންގެ އުއްމީދަކީ އޭނާ ބަލިވުމެވެ. ބާކީ ތިބި ރޫމީންގެ އުއްމީދަކީ ޔޫގަންނާގެ އަތުން މުސްލިމުން ވީހާވެސް އަވަހަށް ބަލިވެ އެމީހުންނަށް ރައްކާތެރިކަން ލިބުނެވެ. ވަށައިގެންވާ ވިލެޖްތަކުގެ މީހުންވެސް އެކަމަށް އެދިއެދި ތިއްބާ ހިސާރަ ދިގުދެމިގެންގޮސް މުސްލިމުންނާއި ސުލްހަވުން ނޫންގޮތެއް އެމީހުންނަކަށް ނުފެނުނެވެ. ޔޫގަންނާ ކިއްލާގައި ބަންދުވެގެން ހުއްޓަސް އެމީހުން މިތިބީ މުސްލިމުންގެ ފަރާތުން ހިމާޔަތެއް ލިބޭނެފަދަ ގޮތަކަށް ނޫނެވެ. ވިލެޖްތަކުގެ މީހުން މުސްލިމުންނާއި ސުލްހަވީ ޚަބަރު ލިބުމުން ޔޫގަންނާ ކިތަންމެ ކޯފާވިޔަސް އެމީހުންނަށް ސަޒާއެއް ދެވޭކަށްވެސް ނެތެވެ. އޭނާ މިހުންނެވީ ކިއްލާގެ ބަންދުގައެވެ. ބޭރަށް ނިކުމެވޭނެ ގޮތެއް ނެތެވެ.

އަރަބިން އެމީހުން ސުލްހަވީ ވިލެޖްތަކުގެ މީހުންނާއި ގުޅިގެން ކާބޯތަކެތި އިންތިޒާމު ކުރެވޭނެގޮތް ހަމަޖެއްސިއެވެ. ފަންސާސް މުޖާހިދުންގެ ލަޝްކަރަކާއެކު މުނާވިޝް ކިޔާ އޮފިސަރަކު ބަތުނާން ވާދީއަށް ދަތުރުފެށިއެވެ. އެމީހުން ދަތުރުކުރަމުން ދިޔައީ ރޫމީންގެ ލަޝްކަރަށް އެއްވެސް ބެލުމެއްނެތިއެވެ. ސަބަބަކީ ޔޫގަންނާ ކިއްލާތެރޭ ބަންދުވެފައި ވުމުން އެއްވެސް ފަރާތަކުން ނުރައްކަލެއް ނާންނާނެކަން ޔަގީންވާތީއެވެ. އެމީހުންނާއެކު ދަތުރުކުރަމުން ދިޔަ އަރަތްބަކު ފަހަތަށް ޖެހި ވަކިވީކަން އެމީހުންނަކަށް ނޭގުނެވެ. އެއީ ލަޝްކަރުތެރޭ ޖާސޫސްކުރަން ތިބޭ އީސާއީ އަރަބިންނެވެ.

ޔޫގަންނާ އޭނަގެ ޖާސޫސުން މެދުވެރިކޮށް އަރަބިން އުޅޭގޮތް ގާތުން ބަލަމުން ދިޔައެވެ. އޭނަގެ އެންމެ ޚާއްސަ ޖާސޫސުންނަކީ އީސާއީ އަރަބިންނެވެ. އެމީހުންނަށް އަދި ރަގަޅަށް ގްރީކް ބަސް އެނގުމަކީވެސް ބޭނުންތެރިކަމެކެވެ.

ޔޫގަންނާ އޭނަގެ ކިއްލާގެ ކޮޓަރިއެއްގައި ޖެނެރަލުންނާ މަޝްވަރާ ކުރައްވަން އިންނެވިއެވެ. ޖެނެރަލުންވެސް ތިބެނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ހަލަބު ޝަހަރުގެ މީހުން އެމީހުން ހިފާ މުސްލިމުންނާ ހަވާލުކޮށްފާނެކަމުގެ ބިރުވެސް ހީވެފައެވެ. އެ މަޝްވަރާގައި ތިއްބާ ޖާސޫސަކު ޚަބަރު ހިފައިގެން އައެވެ. އެއީ ޣައްސާނު ގަބީލާގެ މީހެކެވެ،

"މާތް ސާހިބާ. މިއީ އެމީހުންނަށް ކެއްސެއްދޭން އެންމެ ރަގަޅު ވަގުތު..."

"އެއީ ކީއްވެ؟ "

"މުސްލިމުންނަށް ހަލަބުގެ ޝަހަރުންވެސް ބޭނުންވާ އަދަދަކަށް ކާނެ އެއްޗެހި ނުލިބުނު. ކާނާއާއި ސާމާނު ފޯރުކޮށްދޭން ބުނި ގަބީލާއެއް އުޅޭ އަވަށަކަށް މުސްލިމުންގެ ގާފިލާއެއް ހިގައްޖެ. އެއީ ބަތްނާން ވާދީ. އެމީހުންނާ އަހަރެން މިއައި މަގުމަތީގައި ދިމާވި. ހަމައެކަނި ލިބާސްތައް ލައިގެން ދުނިދަނޑި އެކަނި ހިފައިގެން ތިބީ. އެމީހުން އެ އަވަށަށް ދަތުރުކުރަނީ ޖަމަލުތަކާއިގެން ކާބޯ ތަކެތިބަލާ. އެމީހުންނަށް ހަމަލާދެވިއްޖެއްޔާ ވަރަށް ރަގަޅުވާނެކަމުގައި ފެނޭ. އަޅުގަނޑު އެމީހުންނާއެކު ދަތުރުކުރަމުންގޮސް ވަކި ހިސާބަކުން ލަޝްކަރާ ވަކިވެގެން މިއައީ......"

"ސާބަހޭ ހިތްވަރުގަދަ ޒުވާނާ. ތިގޮތަށް މުސްލިމުންގެ ތެރޭ އަދިވެސް މަސައްކަތްކުރަމުން ގެންދޭ. އެމީހުންގެ ޚިޔާލު މިހާރު ކިހިނެއް ހުރީ؟ " ޔޫގަންނާ އެއްސެވިއެވެ.

"މުސްލިމުންނަކީ ހަގީގަތުގައި ވަރަށް ހިތްވަރުގަދަ ބަޔެއް. އެންމެ ފިނޑި ހަގުރާމަވެރިޔެއްވެސް ނުހުރޭ އެމީހުން ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް މިކިއްލާ ފަތަހަކުރަން ނިންމައިގެން. ނޫނީ އެމީހުން ދެކެނީ ހިސާރުކޮށްގެން ގިނަ ދުވަސްވީމަ ކިއްލާ މީހުންނަށް ދަތިވެ އަމާން ދީ ނިކުންނާނެކަމަށް. އެއުއްމީދުގައި އެމީހުން ތިބީ. ފަހަތަށް ޖެހޭ ވިސްނުމެއް ނެތް.." އަރަބި ޖާސޫސް ދެންނެވިއެވެ.

"އާނ އަރަބިންނަކީ ދަގަނޑުން ހައްދަވާފައިވާ ބަޔެއް ބާވައޭވެސް ހިތަށް އަރާ. އެމީހުންގެ ހިތްވަރާއިމެދު ހަމަ ހައިރާން ވާން ޖެހޭ. މިއީ ވަރަށް ސީރިޔަސް މުހިއްމު މައްސަލައެއް..." ޔޫގަންނާ ކާރކަސްއަށް ބައްލަވައިލެއްވިއެވެ. "ގައިދަމޫންއަށް އެއް ހާސް ހަގުރާމަވެރިންނާއިގެން ގޮސް އެ ގާފިލާއަށް ހަމަލާދީ ހުރިހާ ސާމާނެއް ހައްޔަރުކުރަން އަންގާ. ދުވާލު ދަތުރުނުކުރަން އަންގަންވާނެ. ރޭގަނޑު ނޫނީ ދަތުރުކުރުމަކީ ރައްކާތެރިގޮތެއް ނޫން.. ގައިދަމޫންމެން ނިކުންނަންވާނީ ސިއްރު މަގުން........" ޔޫގަންނާ ހަދަންވީގޮތް ކާރކަސްއަށް އޮޅުން ފިލުވާދިނެވެ. ކާރކަސް އެ އަމުރުފުޅުތަކަށް އަމަލުކުރަން ވަގުތުން އުޅެގަތެވެ. އޭނަ ގަނޑުވަރުން ނުކުމެގެންގޮސް ހަގުރާމައިގެ މަހުކަމާއަށް ވަނެވެ.

ގައިދަމޫން ވަގުތުން އެއް ހާސް ސަވާރުންނާއެކު ގޮސް ކިއްލާއިން ނުކުމެވެން ހުރި ސިއްރު ދޮރާށިން ނުކުތެވެ. އެއީ ހަމަ އެރޭ ލޫސީއާއި ސާޖީވެސް ކިއްލާއިން ބޭރަށް ނުކުތް މަގެވެ. ގައިދަމޫން ހުރީ ވަރަށް އުފާވެ ފަޚުރުވެރިވެފައެވެ.

"އެނގޭތަ؟ އަހަރެމެން މިދަނީ އެންމެ ފަންސާސް މީހުންނާ ހަގުރާމަ ކުރާށޭ....." އޭނަގެ ޖުމްލައިން ހަގުރާމަވެރިން އުފާ ފާޅުކުރަން ފެށިއެވެ. އެމީހުންނަށް ލިބުނީ ބުނަން ނޭގޭފަަދަ ފޯރިއަކާއި ޖޯޝެކެވެ. ފޯރިއާއެކު ދަތުރުކުރަމުން ދަނިކޮށް ދުނިޔެމަތި އަލިކުރަމުންގޮސް އިރުގެ ރަން ދޯދިތަކުން ފެހިކަން ގަސްތަކާއި ވިނަތައް އަލިކޮށްލައިފިއެވެ. އެމީހުންނާ އެންމެ ކުރިން ދިމާވީ ބަކަރުހުއިހައްޕާ މީހަކާއެވެ. ގައިދަމޫން އެމީހާ ހުއްޓުވިއެވެ.

"ކަލޭ މިހެން ދަތުރުކުރި އަރަބިން ދެކުނިންތަ؟ "

"ލައްބަ ސާހިބާ..."

"ގާފިލާގައި ކިތައް މީހުން އުޅޭނެ..."

"ގިނަވެގެން ފަންސާސް އަރަބިންހެން ހީވަނީ.." ބަކަރިހުއިހައްޕާ މީހާ ބުނެލިއެވެ.

"ދެން ކީއްވެ ކަލޭގެ ބަކަރިތައް އަތުލައިނުގަތީ؟ "

"ސަބަބަކީ އަޅުގަނޑަކީ މުސްލިމުން ސުލްހަ ވި އަވަށެއްގެ މީހަކަށް ވާތީ....." އެމީހާ ބިރުގަންނަގޮތްވިއެވެ.

"ބަލަން ހުންނާތި. އެ އަރަބިންގެ ދުވަސް ދުއްވާލާފައި ކަލޭމެން ޚިޔާނަތްތެރިންގެ އަވަށްތަކުގައި ހުޅު ޖަހާނަން. ހުރިހާ އެންމެނަށް ސަޒާދޭނަން.." ގައިދަމޫން ރުޅިއައިސްފައި ހަރުކަށިކޮށް ބުނެލިއެވެ.

"އަޅުގަނޑުމެން ނިކަމެތިންގެ ކޮން ކުށެއްތޯ ތިކަމުގައި އޮތީ. އެފަދަ ކަންތައްތައް ނިންމަނީ ވެރިން. އަޅުގަނޑުމެން ކިޔާނެ އެއްޗެއް އަހާނެ ބަޔަކު ނޫޅޭ..." ބަކަރި ހުއިހައްޕާމީހާ ބިރުން މޭގައި އަތް ޖައްސާ ބާރުކޮށްލަމުން ބުނެލިއެވެ. "އަޅުގަނޑު ސަލާމަތްކޮށްދެއްވާ........"

"ކަލޭ ދޭ. އެކަމަކު ވެރިން ޚިޔާނާތްވީމަ ވާނެގޮތް ހަލަބުގެ ޝަހަރުންވެސް ފެނިފައިވާނީ.. ކަލޭމެންނަށްވެސް އެކަމާ ކުރިމަތިލާން ޖެހޭނެ." ގައިދަމޫން އެމީހާ ފޮނުވައިލުމުން ފުރާނަ ސަލާމަތްވީކަމަށް ޝުކުރުކުރަމުން ބަކަރިތައް ގޮވައިގެން ކުރިއަށް ހިނގައިގަތެވެ.

ތަންކޮޅަކަށް ދަތުރުކުރިތަނާ ފަރުބަދައެއްގެ ނިވަލަށް އާދެވިއްޖެއެވެ. އެތަނަށް ނުކުމެވުނީ މުނާވިޝްއާއި އޭނަގެ ކުޑަ ލަޝްކަރަށެވެ. އޭނަގެ އަތުގައި ހަނގުރާމައިގެ ދިދަ އޮތްއިރު ލަޝްކަރުގެ ފަހަތުގައި ޖަމަލާއި ހިމާރުތަކަށް އެތައް ސާމާނުތައް އަރުވާފައި ހުއްޓެވެ. ގައިދަމޫންއަށް އެ މަންޒަރު ފެނި އަވަހަށް ސަފުތައް އަތުރާ ހަމަލާދިނުމަށް ތައްުޔާރުވެއްޖެއެވެ. އެ ބޮޑު ލަޝްކަރު ފެނި އަނބުރާ ދާން ހިތަށް އަރާފައިވެސް މުސްލިމުން ފިނޑިވާކަށް ބޭނުމެއްނުވިއެވެ. ނަމަވެސް އެމީހުން ތިބީ ކަންބޮޑުވެފައެވެ.

"މަގުފޭރޭ އަރަބިންނޭ. ކަލޭމެން ބޭނުންވަނީ ހަގުރާމަތަ؟ ނޫނީ އަމާންދޭނީތަ؟ " ގައިދަމޫން ލަޝްކަރުގެ ކުރިއަށް ނުކުމެ ބާރު އަޑުން ބުނެލިއެވެ.

މުނާވިޝްއަށް އެ މަންޒަރު ފެނުމުން އޭނަގެ ލަޝްކަރަށް ބަލައިލިއެވެ،

"އޭ މާތްﷲގެ މަގުގައި ހަގުރާމަކުރާ ކުޅަދާނަ މުޖާހިދުންނޭވެ. އެންމެނަށްވެސް ރޫމީންގެ ލަޝްކަރުގެ ބޮޑުކަން އެބަފެނޭ. ފިލައިގެން ދިޔުމަކީ އެކަށީގެންވާކަމެއް ނޫން. އެކަމަކު އެމީހުންގެ ކުރިމަތީ ނިކަމެތިވެ އަމާން ދިނުމަށްވުރެ ހިތްވަރާއެކު ހަގުރާމަކޮށް ޝަހީދުވެގެން ދިޔުމުން މުޖާހިދުން ބޭނުންވާ ކަންތައް ހާސިލުކުރެވުނީ. އެކަމަކުވެސް މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. ތިޔަބޭކަލުންގެ ޚިޔާލަކީ ކޮބާ؟ އަމާން ދޭންވީތަ؟ ނޫނީ ހަގުރާމަ ކުރާނީތަ؟ " މުނާވިޝް އެހިއެވެ.

"އަޅުގަނޑުމެންގެ ގެދޮރުދޫކޮށް އެތައް މޭލު ދުރުގައި ގަދަފިނީގައި މިތިބީ މާތްﷲގެ ރުއްސެވުން އެދިގެން. މާތްﷲގެ މަގުގައި ހަގުރާމަކޮށް ޝަހީދުންގެ ދަރަޖަ ހޯދުން. އެއަށްވުރެ މާތް ނަސީބެެއް ނުލިބޭނެ. އަޅުގަނޑުމެން އަމާންދޭކަށް ބޭނުމެއްނޫން. ހަގުރާމަކޮށް މަރުވެގެން ދިޔުން ހިތަށް ފަސޭހަވާނެ ފިލައިގެން ދިޔުމަކީ ފިނޑި އަމަލެއް. އަދި އަމާން ދިނުމަކީ މޮޔަކަމެއް. މުޖާހިދުންނަށް އޮތީ ހަގުރާމަކޮށް ކާމިޔާބު ކުރުން ނޫނީ ޝަހީދުވުން.." މުޖާހިދުން އަމާން ދޭން ދެކޮޅުހެދިއެވެ.

އެ ވާހަކަ އިވުމުން މުނާވިޝް ހިނިތުންވެލިއެވެ. އެލިބުނީ އޭނަ އުއްމީދުކުރި ވަރުގެ ޖަވާބެކެވެ.

"އަޅުގަނޑު ވަރަށް ހިތްހަމަޖެހިއްޖެ. މަރަކީ ކޮންމެވެސް ދުވަހަކުން ކުރިމަތިވާނެ އެއްޗެއް. ހަގުރާމައިގާ ހިތްވަރުކޮށް މަރުވެގެންދާ ޝަހީދުންގެ ނަންތައް އަބަދުގެ އަބަދަށް މުސްލިމުން ޒިކުރާ ކުރާނެ. އެމީހުންގެ ނަންތައް ތާރީޚުގައި ރަން އަކުރުން ލިޔެވި ދަރިފަސްކޮޅަށް ދާންދެން އެންމެންގެ ދޫ މަތީ ވާނެ. އެނަންތައް ކިޔޭނީ އިއްޒަތާއެކު. ހިތްވަރުގަދަ ބަތަލުންނަކީ އެއީ. މުޖާހިދުންނަށް ޝަހީދެއްގެ ދަރަޖަ ލިބުމަށްވުރެ މަތިވެރި އުފަލެއްނެތް. ދުނިޔޭގައި އެމީހެއްގެ ނަން މަތިވެރިވެ އަދި އާޚިރަތްދުވަހުން އެމީހަކަށް ޖަންނަތުގެ މަތިވެރި ދަރަޖަލިބޭނެ. އިރާދަކުރެއްވިއްޔާ ދެން އަހަރެމެން ބައްދަލުވާނީ ސުވަރުގެއިން..............." މުނާވިޝް ގުރުއާނުގައިވާ އާޔަތެއް ކިޔާދިނުމުން މުޖާހިދުންގެ އުފާވެރިކަން އިތުރުވިއެވެ. ވަގުތުން ﷲއަކްބަރުގެ ކަލިމައިގެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ދިޔުމައެކު ނޭޒާތައް ދިއްކޮށްގެން ކުރިއަށް ޖެހިލިއެވެ.

ގައިދަމޫން ހީކުރީ މުސްލިމުން ހަތިޔާރު ބަހައްޓާފައި އަމާން ދޭނެކަމުގައެވެ. ނަމަވެސް ހިތްވަރާއެކު ހަގުރާމަކުރަން ފެށުމުން ލިބުނު ހައިރާންކަމާއެކު އަނގަވެސް ހުޅުވުނެވެ. މުސްލިމުންގެ މިހިރަ ހިތްވަރެކެވެ.ނޫނީ ހިސާބަށް ވުރެ މޮޔައީހެއްޔެވެ. އެމީހުން ހިނި އަންނަގޮތްވެސް ވިއެވެ. އެކަކު އަނެކަކަށް ބަލާލަމުން ހީލިއެވެ. ރޫމީން ހައިރާންވެފައި ތިއްބާ މުސްލިމުން ފޯރިއާއެކު އައިސް އެތައް ބަޔަކު އެއްފަހަރާ ބިންމަތި ކޮށްލުމުން ހޭވެރިކަން ވިއެވެ. ގައިދަމޫންވެސް ރޫމީންނަށް ހިތްވަރު ދެމުން ލަޝްކަރުގެ ތެރެއަށް ވަދެގަތެވެ. ހޫނުކަމާއެކު ހަގުރާމަފެށުނެވެ. ކިތަންމެ ވަރަށް ރޫމީން ގަނޑު ކޮށާ ތިރިކުރިޔަސް އެކަކުވެސް މަދުވާހެނެއް ހިޔެއްނުވެއެވެ. މުސްލިމުން ވަށާލާފައި އޮތް ރޫމީން ސައިލެއްފަދައިން އަރައިގެން އަންނަނީއެވެ. މުނާވިޝް ކަނޑީގެ އެތިފަހަރުން އެއްފަހަރާ ދެތިން ރޫމީންގެ ބޯ އުދުއްސާލައެވެ. އެހެންވެ ރޫމީން އޭނަދެކެ ބިރުގަނެ ހިތްވަރު އެލެން ފެށިއެވެ. ގައިދަމޫންއަށް މުނާވިޝްގެ އަތުގައި ދިދަ އޮތްތަން ފެނި އެއީ އެމީހުންގެ ވެރިޔާކަން އެނގުނެވެ. އަދި އޭނަގެ ކުޅަދާނަކަން ފެނިގެން އޭނަ ދުނިޔޭގައި ހުރެގެން މުސްލިމުންގެ ހިތްވަރު ބަލިނުވާނެކަން ވިސްނި ރޫމީންގެ ފަންސާސް މީހުންނާއިގެން ހަމައެކަނި އޭނައާއި ހަގުރާމަކުރަން ފެށިއެވެ. އައިސްފައި ހުރި ފޯރީގައި އެހެން މުސްލިމުންނާއި ދުރަށް ދެވި ރޫމީންގެ ތެރެއަށް ވަދެ އެމީހުން އޭނަ ވަށާލައިފިއެވެ. ރޫމީންގަނޑު ދުރަށް ޖައްސަން އުޅެއުޅެވެސް ހައްތަހާ އޭނައަށް ދަތިވިއެވެ. އެތައް ކަނޑިއެތިފަހަރުތަކެއް އޭނަގެ ގަޔަަށް އަރާ ޒަޚަމްވެއްޖެއެވެ. ޒަޚަމްތަކުން މާ ގިނައިން ލޭ ފޭބުމުގެ ސަބަބުން ވަރުހުސްވެއްޖެ އަސްމަތީ އިނދެވޭވަރެއްވެސް ނޫނެވެ. ވަށައިގެން އޮތީ ދުޝްމިނުންތަކެވެ. ވަރުބަލިވެފައިވާ ވަރުން އައްޑަން އުފުލައިލާނެ ވަރެއްވެސްނެތެވެ. ހުރިހާ ކަނޑި އެތިފަހަރެއް ހުރަހެއް ނެތި އަރަމުން ދިޔައީ އޭނަގެ ހަށިގަނޑަށެވެ. މުނާވިޝް އުޑާއި ދިމާލަށް ބަލައިލަމުން ދުޢާކުރިއެވެ. އެއާއެކު އަސްމައްޗަށް އޭނަ ދެމިއްޖެއެވެ.

އެމަންޒަރު ފެނުމުން ގައިދަމޫން އޭނަގެ ކަނޑިން ހޫރާލި ބާރު އެތިފަހަރު މުނާވިޝްގެ ބޯ ކަނދުރާއާއި ވަކިކޮށްލައިފިއެވެ. ނޭޒާއެއްގައި އެ ބޯ އުފުލައިލައިފިއެވެ.

މުސްލިމުން ހިތްވަރާއެކު ހަގުރާމަ ކުރަމުން ދިޔައިރު އެކަކު އަނެކަކުގެ ހާލު ބަލައިލާނެ ފުރުސަތެއް ނުލިބުނެވެ. ހައްތަހާ އުޅުނީ ވަށައިގެން އަންނަ ރޫމީންތައް ގަތުލުކުރުމާއި ދިފާއުވުމުގައެވެ. ކުއްލިއަކަށް ރޫމީންތައް އުފަލުން ހަޅޭއްލަވައިގަތް އަޑަށް ބަލައިލިއިރު ފެނުނީ ހިތްފަޅައިގެންދާ ފަދަ މަންޒަރެކެވެ. އެމީހުންގެ ވެރިޔާ މުނާވިޝްގެ ބޯ ނޭޒާއެއްގެ ކުރީގައެވެ. އެއާއެކު ހިތްވަރު ބަލިވެ ހަގުރާމަ ކުރާނެ ވަރެއްނެތި ފިލައިގެން ދާނެ މަގެއް ހޯދަން ފަށައިފިއެވެ. ލިބުުނު ދަނޑިވަޅުގައި އަރަބި މުޖާހިދުންގެ ވިއްސަކަށް އަސްވާރުން އަސްތަކުގައި ބާރުބާރަށްގޮސް ރޫމީންނަށް އަތުނުވެ ދުރަށް ހިގައްޖެއެވެ.

ގައިދަމޫން އުފަލުގެ ކޮޅެއް ނެތެވެ.

"މި ޖާހިލު އަރަބިން ތިމާމެން ވަރުގެ ހިތްވަރުގަދަ ބަޔެއް ނެތްކަމަށް ހެދިގެން އެބައުޅޭ. އަދި ރޫމީންނަކީ ފިޑިންކަމުގައި ކިޔަމުން އެބައުޅޭ. މިފަހަރު އެއީ ކުށްހީއެއްކަން އެނގިއްޖެ. ދެން ދުވަހަކު ރޫމީންނަކީ ފިޑިންނޭ ބުނާކަށް ނުކެރޭނެ. ހިނގާ ދަމާ. މުސްލިމުން ބަދަލު ހިފަން ނާންނަނީސް ސާމާނުތައް ހިފައިގެން ފަރުބަދަ ތަކުގެ ތެރޭ ފިލައިގެން ތިބޭނީ. މިރޭ ކިއްލާއަށް ދާނީ......"

މުސްލިމުން ކާނާއާއި ސާމާނުތައް އަރުވާ ބަރާކޮށްފައި ހުރި ޖަމަލުތަކާއި ހިމާރުތަކާއިގެން ގޮސް އެމީހުން ފަރުބަދަ މައްޗަށް އަރައިފިއެވެ.

***

އުޑުމަތި ސާފު ވިލާގެ އަސަރު ނެތް ދުވަހެއްކަމުން އަވި ނިކަން ގަދައެވެ. ފަރުބަދަމަތީގެ ހިލަތަކުން އާވިއަރާފަދައެވެ. މުނާވިޝްގެ ލަޝްކަރުން ސަލާމަތްވި މީހުން ބާރު ބާރަށް އަސް ދުއްވާފައި ގޮސް ލަޝްކަރާއި އަރާ ހަމަވީއިރު އަބޫއުބައިދާ ހުންނެވީ އުސްފަސްގަނޑެއްގެ މަތީގައި އެ މަންޒަރު ބައްލަވާށެވެ. އެކަލޭގެފާނު ޚާލިދުއާއެކު އެމީހުންނާއި ދިމާލަށް ހިންގަވައިގެންފިއެވެ. ކަމެއް ގޯސްވެއްޖެކަން އެނގިވަޑައިގެން އަބޫއުބައިދާ ހިތާމަފުޅުކުރެއްވިއެވެ. މުސްލިމުންނަށް މުސީބާތެއް ޖެހިވަޑައިގަތީކަން އެނގިވަޑައިގަންނަވާ ދުޢާފުޅުކުރެއްވިއެވެ. މުސްލިމުންނަށް އޮތީ ކެތްކުރުމެވެ. ހަގުރާމައިގާ ބައެއްފަހަރު ބަލިވެ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހޭނެއެވެ. އެކަމަކު އާޚިރުގައި ނަސްރު އޮތީ މުސްލިމުންނަށެވެ. އެންމެ ފުރަތަމަ އެހިސާބަށް އާދެވުނީ ޔައުގޫބުއަށެވެ.

"ޔައުގޫބު ކިހިނެއް ވީ؟ ކޮބާ އެހެން މީހުން؟ " އަބޫއުބައިދާ އެއްސެވިއެވެ.

"އަޅުގަނޑުމެންގެ ވެރިޔާ ޝަހީދުވެއްޖެ. ތިރީސް މުޖާހިދުންވެސް ޝަހީދުވީ. އަޅުގަނޑުމެންގެ ސާމާނުތައްވެސް ފޭރިގެންފި....."

"މުސްލިމުންނަށް ހަމަލާދިނީ ކޮންބަޔެއްތަ؟ " އަބޫއުބައިދާ އެއްސެވިއެވެ.

"ރޫމީން....."

"ރޫމީންއައީ ކޮންތާކުންތަ؟"

"އަޅުގަނޑުމެން ކާބޯތަކެއްޗާއިގެން އަންނަނިކޮށް ކުއްލިއަކަށް ރޫމީންގެ ބޮޑު ލަޝްކަރެއް މައިދާން ފުރާލާފައި އޮތްތަން ފެނުނީ. އަޅުގަނޑުމެންގެ ވެރިޔާއާއެކު ހިތްވަރާއެކު ހަގުރާމަކުރަމުން ދަނިކޮށް އޭނަ ޝަހީދުވީ. އަޅުގަނޑުމެންނަށް އެ މަންޒަރު ފެނުމުން ހިތްވަރު ބަލިވެ ފިލާން ދުވުނީ. އެމީހުންގެ ވެރިޔަކަށް ހުރީ ފަލަ ރޫމީއެއް..." ޔައުގޫބު މޮޅިވެރިކަމާއެކު އެ ހާދިސާ ހިގިގޮތް ކިޔާދިނެވެ.

"ހިތާމަހުރި. އެކަމަކު ކިއްލާ ހިސާރަކޮށްގެން ތިއްބާ ރޫމީންނަށް ކިއްލާއަކުން ބޭރަށް ނުނިކުމެވޭނެ. ވީއިރު ތިމީހުން އައީ ކޮންތާކުންތަ." އަބޫއުބައިދާ ފިކުރުފުޅު ބޮޑުވިއެވެ.

އޭރު ސަލާމަތްވީ އެހެން މުޖާހިދުންވެސް އަރާ ހަމަކޮށްފިއެވެ.

ކޮމެންޓް 0