އެވަގުތު ޔޫގަންނާ ކޮޓަރިތެރެއަށް ވަދެ ވަޑައިގަތުމުން ދެ ޒުވާނުން އެއްކޮށް އަދަބު އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެއްޖެއެވެ. ލޫސީ ހުރި ލަދުން އިސްޖަހާލައިގެންނެވެ. ރަސްގެފާނުގެ ފަހަތްޕުޅުން ހަށިގަނޑު ވަރުގަދަ ރޫމީއެއްވެސް ވަނެވެ. އޭނަ ހުރީ ސިފައިންގެ ހެދުމުގައެވެ. އޭނަވެސް ސަލާމްކުރިއެވެ. ޔޫގަންނާ ގޮޮނޑިކޮޅެއްގައި އިށީދެވަޑައިގެންފާ އެންމެނަށް އިށީންނަން އިޝާރާތްކުރެއްވިއެވެ.

"ލާވަން. ޖޯޖީ މިހިރީ މަންމާފުޅު ފޮނުއްވައިގެން ލާވަން ބަލާ އައިސް.."

ވަގުތުން ލާވަންއާއި ލޫސީ ހިމޭންވިއެވެ. މޫނުގެ ކުލަ މުޅިން ބަދަލުވިއެވެ. މި އުފާވެރި ދުވަސް ނިމެން އުޅެނީ ކިހިނެއް ބާވައެވެ.

ލާވަން ބަލާ އައި ސިފައިންގެ މީހާއަކީ އޭނަގެ ބައްޕާފުޅު ދާރިއަސްގެ ކެޕްޓަންއެކެވެ. ޝެހެޒާދާދެކެ އިންތިހާއަށް ލޯބިވާ ވަފާތެރި މީހެކެވެ. ލާވަންގެ މޫނަށް ނަޒަރު ހުއްޓުމާއެކު މޫނަށް ވެރިވެފައިވާ ރަތްކުލައާއި ލޮލުގައިވި އުދާސްތައް ޖޯޖީގެ ހިތުގައި ސުވާލުތައް އުފެއްދިއެވެ. ނުތަވަސްކަން ވެރިވެގެން ދިޔުމާއެކު ސުވާލުކޮށްލެވުނެވެ.

"މަނިކުފާނުގެ ސިއްހަތު ރަގަޅުހެނެއް ހިޔެއްނުވޭ. ބަލިވެ އުޅުއްވަނީތޯ؟ "

"ރޭގައި ގަދަޔަށް ހުން އައި....."

"އެހެންވިއްޔާ ދަތުރުކުރެވޭވަރުގެ ސިއްހަތެއްގައި ހުންނެވިކަމަކަށް ނުފެނޭ. އެކަމަކު އަޅުގަނޑަށް ބައްޕާފުޅު އަމުކުރު ކުރައްވާފައިވަނީ މަނިކުފާނު ގޮވައިގެން ވީހާވެސް އަވަހަށް އައުޒާޒު ކިއްލާއަށް އައުމަށް....." ޖޯޖީގެ މޫނުން ހިތާމަވެރިކަމުގެ އަސަރުތައް ފެނިލިއެވެ.

"ދަތުރުުނުކުރެވޭވަރުގެ ބައްޔެއް ނޫން އެކަމަކު އަނެއްކާ ކިހިނެއްވީތަ؟ "

"މަނިކުފާނުގެ މަންމާފުޅު އާލާސްކަންފުޅާ އުޅުއްވާތީ...." ޖޯޖީގެ ޖުމްލައާއެކު ލާވަންގެ ދެލޯ ބޮޑުވިއެވެ. ހާސްކަމުގެ އަސަރުތައް އިތުރުވިއެވެ.

"އެހެންވިއްޔާ މިވަގުތުވެސް ފުރަން ތައްޔާރަށް މިހިރީ..."

"އެކަމަކު މާދަން ފުރަން ބައްޕާފުޅު އެންގެވީ.." ޖޯޖީ ހަދާންކޮށްލަދިނެވެ.

"ޢެންމެ ރަގަޅު..."

"ލާވަންއަށްޓަކާ އަޅުގަނޑުގެ ހިތުގައި ޚާއްސަ ގަދަރަކާއި ކުލުނެއް އުފެދިއްޖެ. ނަމަވެސް މަންމާފުޅު އާލާސްކަންފުޅާ އުޅުއްވާތީ މިވަގުތު ނުގޮސްވާކަށް ނެތް. ލާވަން މިތާ ހުންނާނެނަމަ ކިތަންމެހާވެސް ރަގަޅު. ނަމަވެސް މިވަގުތު އެކަމަށް ބާރު އަޅާކަށް ނުކެރޭނެ. އަވަހަށް ގޮސް މަންމާފުޅަށް ފުރިހަމަ ސިއްހަތެއް ލިބިވަޑައިގެންނެވުމުން އެނބުރި އަންނައްޗޭ..." ޔޫގަންނާ ވިދާޅުވިއެވެ.

"މަނިކުފާނުގެ ހެޔޮފުޅުކަމާއި މެހުމާންދާރީ ދުވަހަކު ހިތަކުން ފިލައިގެން ނުދާނެ. އެކަމަށްޓަކާ އަބަދަށްވެސް ޝުކުރުވެރިވާނަން. އަޅުގަނޑާއިމެދު ތިޔަ ބަހައްޓަވާ ގާތްކަމާއި ހެޔޮފުޅުކަން އަބަދަށްޓަކާ ބާއްވާނެކަމަށް އަޅުގަނޑު އުއްމީދުކުރަން. މަންމާފުޅުގެ ހާލުކޮޅު ބޮޑުވިވަރުން ނޫންނަމަ އެގޮތަށް އަޅުގަނޑު އަންނަން ރަސްގެފާނު އަންގަވާނެހެން ހިޔެއްނުވޭ. މަންމާފުޅަށް ހެޔޮ ދުޢާކޮށްދެއްވަައްޗޭ. ފުރިހަމަ ސިއްހަތެއް ލިބުނުހާ އަވަހަކަށް އަންނާނަން..............." ލާވަން ކުޑަކޮށް ހިނިތުންވެލަމުން އަދަބުވެރިކަމާއެކު ދަންނަވައިފިއެވެ.

އެވަގުތު ޚާދިމާއަކު ހުއްދަ ހޯދައިގެން އެތެރެއަށް ވަދެފައި ފަރިއްކޮޅު ތައްޔާރަށް ހުރި ވާހަކަ ނަންގަތެވެ. އެންމެންވެސް ސުފުރާ ތައްޔާރުކޮށްފައިވާ ބަޔަށް ދާން ހިނގައިގަތެވެ. މިރެއަށް ޚާއްސަކޮށް އެތައް ބާވަތުގެ އެއްގަމު މަހާއި ކުކުޅު ސުރުވާ އަދި ތަފާތު ފޮނި ބާވަތްބާވަތުގެ ތަކެއްޗާއި ގިތެލުގައި ފިހެފައިވާ ކަވާބާއި ގެރިމަސްފަދަ ކާނާ ހުއްޓެވެ. އެކިވައްތަރުގެ މޭވާތަކާއި ގަހުވައާއި ސަރުބަތުތަކުން މޭޒުތައް ފަޅުފިލުވާފައިވިއެވެ. މެހުމާނުން ވަދެ ލޫސީއަށް ފުރިހަމަ ސިއްހަތެއް ލިބުނުކަމަށްޓަކާ ތަހުނިޔާ ކިޔާ ހަދިޔާތައްވެސް ދިނެވެ. މި ހަފުލާއަށްވެސް އެތައް މެހުމާނުންނަކަށް ދައުވަތު ލިބިފައިވިއެވެ. އޭނައަށްޓަކާ ތައްޔާރުކުރެވުނު ޖާފަތުން ލިބެން ޖެހުނު ފުރިހަމަ ހަގީގީ އުފަލެއް ލޫސީއަކަށް ނުލިބުނެވެ. ލާވާން ފުރާ ވާހަކަ ދެއްކީއްސުރެ ހިނިތުންވުން ގެއްލުނުގޮތަށް ލޯ ވަނީ ފެންކަޅިވެފައެވެ. ލާވަންއާއި ދެކުދިން އެކަކު އަނެކަކަށް ބަލަން ތިއްބާ ކެއުން ނިމުނެވެ. އެތަނުން ބޭރަށް ނުކުމެވަޑައިގެންފާ ޔޫގަންނާ ލާވަންއާއި ވާހަކަދެއްކިއެވެ.

"އަރަބިން ކިއްލާ ހިސާރަކޮށްގެން ތިއްބާ ދުވާލު ދަތުރުކުރުން ފަސޭހައެއްނުވާނެ. އެހެންވީމަ މާދަމާ ރޭ މަނިކުފާނު ފުރުން އެންމެ ރަގަޅީ. ސިއްހަތު އެހާ ރަގަޅުނޫންވީމަ ކޮންމެވެސް ވަރަަކަށް އަރާމުކޮށް ގައިގާ ވަރު ޖައްސައިގެން މިފަދަ ދަތުރެއްގައި ފުރަންވާނީ. ފިނި މޫސުމަށްވާތީ ރޭގަނޑު ކިތަންމެ ފިނިވެފައި އަނދިރި ނަމަވެސް އެއަށްވުރެ ރައްކާތެރިގޮތެއް ނެތް. ދުވާލު ދަތުރުކުރަން ހަދައިގެން އަރަބިންގެ އަތް ދަށުގައި ހައްޔަރުވުމުގެ ބިރު އެބައޮތް. އެމީހުން ކޮންމެވެސް ދިމާލެއްގައި ފިލާ ތިބެދާނެކަމަށް އަދިވެސް ޝައްކުކުރެވޭ. ވީމަ ރައްކާތެރިކަމާއެކު ރޭގަނޑު ދަތުރު ފަށާ.." ޔޫގަންނާ ލާވަންއަށް ބައްލަވައިލެއްވީ ރުހުމުގެ ނަޒަރަކުންނެވެ.

"ލައްބަ. މަނިކުފާނު އެންގެވިގޮތެއް."

"ބައްޕާފުޅަށް އަޅުގަނޑުގެ ސިޓީއާއި ހަދިޔާ ތައްޔާރުކުރާނަން..." އެހެން ފަހަރާއި ޚިލާފަށް މިފަހަރު ޔޫގަންނާވެސް ދާރިއަސްއަށް ހަދިޔާ ފޮނުވަން ނިންމެވިއެވެ.

"އަޅުގަނޑުގެ މަތިން ހަދާން ނައްތަވާ ނުލައްވާނެކަމަށް ހީކުރަން..."

"ތިހާ އަޚުލާގު ރަގަޅު ކިޔަމަންތެރި ރަސްދަރިކަލެއްގެ މަތިން ހަނދާން ނެތޭނެ މީހެއް ނުވާނެ. މިހާރު މާ ދަންވެއްޖެ. ސިއްހަތު ދެރަވީމަ އަރަމުކޮށް ރަގަޅަށް އަވަހާރަފުޅު ނިދާލަންވާނެ. އަޅުގަނޑު ޑޮކްޓަރުވެސް ފޮނުވާނަން. ބޭސް ބޭނުންކުރީމަ ހަށިގަނޑުގައި ވަރުޖެހި ދަތުރުމަތިންވެސް އެކަށީގެންވާ ފައިދާ ކުރާނެކަމަށް ފެނޭ...."

ލާވަންއާއި ޖޯޖީ ރަސްގެފާނާއި މަލަކާ ދާނިޔާލް އަދި ލޫސީއަށް ސަލާމްކުރައްވާފައި ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ލާވަން ދިރިއުޅޭ ގަނޑުވަރަަށް ދިޔަ މަގުމަތީގައި ޖޯޖީ ގާތުން ލާވަން އޭނަގެ ބައްޕާފުޅާއި މަންމާފުޅު އަދި ބޭބެ ލޫކާއާއި އާއިލާގެ އެހެން ބޭފުޅުންގެ ޚަބަރު އެހިއެވެ. ކުޑައިރުކޮޅެއްގެތެރޭ އޭނަ އުޅޭ ގަޑުވަރަށް ވަނެވެ. އެގަޑުވަރުގެ ކޮޓަރިއެއްގައި ޖޯޖީ ނިދާނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އެހާ ދިރު ދަތުރަކަށްފަހު ވަރުބަލިވެފައިވާތީ އޭނަ ގޮސް ތަންމަތީގައި އޮށޯތުމާއެކު ފުން ނިންޖަކަަށް ގެނބިއްޖެއެވެ. ނަމަވެސް ލާވަންގެ ނިދިވަނީ އެތައް ކޯހެއްގެ ދުރުމިނުގައެވެ. އެކި ޚިޔާލުތައް ހަތަރުފަރާތުން ވަށައިލާ އޭނަގެ ހިތް ނުތަނަވަސްކަން ކުރުވަންފެށިއެވެ. ލޫސީއާއި ވަކިވާން ޖެހޭކަމުގެ ހިތްދަތިކަން ލޮލުން ކަރުނަ އޮހޮރުވައިފިއެވެ. ބައްތި ނިވާލުމުން ކަނު އަނދިރިކަމުގެ ތެރެއަށް ކޮޓަރި ގެނބުނެވެ. އެ އަނދިރިކަމުގެ ތެރޭގައި ފަތިސްވާންދެން އޭނަ ތަންމަތީގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތީއެވެ. އިރުއެރުމުން އެކުވެރިޔާ ތޫމާއަށްވެސް ޚަބަރުވެ އޭނައާއި ބައްދަލުކުރާން އައިސް ހިތާމަކުރިއެވެ. ދެމީހުންވެގެން ދަތުރަށް ތައްުޔާކުރާންފެށިއެވެ. އިރުއޮއްސެން ކައިރިވީވަރަކަށް ލާވަންގެ ހާސްކަން އިތުރުވެ ހިތުގެ ތެޅުންވެސް މަޑުޖެހުނެވެ. ކޮންމެވެސް ސަބަބަކާހުރެ ދަތުރު ފަސްވުމަށް އެދި ދުޢާކުރެވުނެވެ. މަންމާފުޅަށް ފުރިހަަމަ ސިއްހަތެއް ލިބޭނެނަމައެވެ. ނަމަވެސް އާއިލާއާއި ވަކިވިތާ އެތައް ހަފްތާތަކެއް ވޭތުވެ ހިގައްޖެއެވެ.

ލޫސީއަށް އަލްވަދާއު ކިޔަން ގަނޑުވަރަށް ދިޔައީ ހިތްވަރުކޮށްގެން ހުރެއެވެ. އޭނަ ހުރީ ރަސްމީ ހަގުރާމައިގެ ހެދުމުގައެވެ. ހެދުމުގައި ޖަވާހިރުތައް ވިދައެވެ. ބޮލުގައި ދަގަނޑު ތާކިހާއެކެވެ. ކަމަރަށް ޖަހާފައިވާ ޚަންޖަރާއި މޭމަތީގައި އަޅުވާފައިވާ ރަން ސަލީބުން ޒީނަތްތެރިކަން އިތުރުކޮށްދެއެވެ. މިއަދު ހެދުން އަޅާފައި ހުރިގޮތުން ލާވަންގެ ހައިބަވަންތަކަން އެތައް ގުނަ އިތުރުހެން ހީވެއެވެ. އޭނަ އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނުއިރު ލޫސީ އިނީ ޚިޔާލަކަށް ގެއްލިފައެވެ. ކޮޓަރީގައި ދިއްލާލާފައިވާ ބައްތީގެ ހިޔަނި އެޅި އެދޮން މޫނު ވިދައެވެ. މޭޒުގައި ބޯ އަޅާލައިގެން އަސަރުން ފުރިފައިވާ ގޮތަކަށް އެއް ދިމާލަށް ބަލަހައްޓައިގެން އިންތަން ފެނި ލާވަންއަށް ހުއްޓުން އެރިއެވެ. ހިތްވެސް މަޑުޖެހިލިއެވެ. އިރުކޮޅެއްވާންދެން ޖެހި ބުދެއްހެން ގަނޑުވެފައި ލޫސީގެ މޫނަށް ބަލަން ހުރެފައި ފިނި ނޭވާއެއް ދޫކޮށްލިއެވެ. އުމުރަށް އެގޮތަށް ބަލަހައްޓައިގެން ހުންނަން ވިޔަސް ވަރުބަލިކަމެއް ފޫހިވުމެއް ނުވާނެކަން އެނގުނެވެ. ނަމަވެސް ފުރަން މާ ގިނަ ވަގުތެއް ނެތެވެ.

"ލޫސީ.........." ލާވަން އަސަރާއެކު ގޮވައިލިއެވެ.

ލޫސީ މޭޒުން ބޯ ހިއްލާލަފައި ބަލައިލިއިރު ކުރިމަތީގައި މިހިރީ އޭނަގެ ލޯބިވާ ޝެހެޒާދާ ލާވަންއެވެ. ހަގުރާމައިގެ ހެދުމުގައި ފުރަން ތައްޔާރުވެގެންނެވެ. ލޫސީގެ ހިތް ކުނޑިކުނޑިވެގެން ފައިބައިގަތް ފަދައެވެ. މޭގައި ތޫފާނެއް އުފެދިގަތެވެ.

"މިއައީ ވަދާއުގެ ސަލާމް ކޮށްލަން ލޯބިވާ ލޫސީ...." ލާވަން މަޑުމަޑުން ބުނެލިއެވެ.

"ދެން ހަމަ ފުރަނީތޯ؟ ހާދަ ދެރައޭ..ނުގޮސް ނުވާނީތޯ." ލޫސީ ގޮނޑިން ތެދުވުނެވެ.

އިތުރަށް ވާހަކަދައްކާނެ ހަކަތައެއް ހަށިގަނޑުގައި އަދި ދުލުގައިވެސް ނެތެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް ތިރިއަށް ދެމިގަތީ އަމިއްލަ ބާރަކައި ނުލައެވެ. ލޯބިވެރިޔާގެ ކަރުނަތައް ފެނި ލާވަންގެ ހިތްވަރާއި ކެތްތެރިކަން ފެނަށްވެގެން ހިގައްޖެއެވެ. އޭނަގެ ލޯވެސް ކަރުނުން ފުރުނެވެ. ލާވަން ކުރިއަށް ޖެހިލުމުން އޭނަގެ މޭގައި ލޫސީ ލައްވެލިއެވެ. ދެމީހުންވެސް ރޮނީއެވެ. އިރުގަނޑެއްވާންދެން އަނގައިން ބަހެއް ނުބުނެވި ހިމޭން ކަރުނަތައް ބަސްމޮށުމަށް ވިއެވެ.

"ލޯބިވާ ލޫސީ. ހިތާމަ ނުކުރޭ. މިހާ ކުއްލިގޮތަކަށް ވަކިވާން މަޖުބޫރުވެދާނެ ކަމަކަށް ހީކުރެވިފައިވެސް ނެތް. ނަމަވެސް މަންމާފުޅުގެ އާލާސްކަންފުޅު އަޅުގަނޑު ދަތުރުކުރަން މަޖުބޫރުކުރުވައިފި. ނުރޮއި. ތިގޮތަށް ރޯތަން ފެނުމުން އަޅުގަނޑަށް ކުރާނެ އަސަރާއި ހިތާމަކުރާނެ ވަރު ލޫސީއަަށް އެނގޭނެނަމަ....." ލާވަން ފަށުވި ރުމާލުން ލޫސީގެ ކޯތާފަތް ފޮހެލަދިނެވެ.

"މިކަމުގައި ލާވަންގެ ކުށެއްނެތް. ހިތުގެ މައްޗަށް ބާރު ނުފޯރުމަކީ އަޅުގަނޑުގެ ފިޑިކަން. މިއީ ބަދުނަސީބު ހިތުގެ މޮޔަކަން............" ލޫސީ ނޭފަތް ދަމައިލިއެވެ.

"ނޫން. ތިޔަ ނާޒުކް ހިތަށް އަނިޔާދިން މީހަކީ އަޅުގަނޑު. ރޮއްވީ އަޅުގަނޑު. އެކަމަށް އަމިއްލަ ނަފުސަށް މާފެއް ނުދެވޭނެ. ލޫސީއާއި ވަކިވުމަކީ އަޅުގަނޑުގެ ހިތަށް ކެތްކުރެވޭވަރުގެ ކަމެއްވެސް ނޫން. މިފަދަ ހިތާމައަަކަށް ކެތްކުރާނެ ގޮތެއް ވިސްނުމަކަށްވެސް ނާދޭ. ރޭވެސް އެންމެ ފަހަރަކުވެސް ލޮލަށް ނިންޖެއްނައި. ވަކިވާން ޖެހޭނެކަން ހިތަށް އަރާ ހިތާމަކުރުމުގައި މުޅި ރޭ ހޭދަކުރީ. ވީމަ މިއަށްވުރެ ދުނިޔެއާއި ވަކިވެގެން ދިޔަސް ހަށިގަނޑާއި ހިތަށް ފަސޭހަވާނެ. ލޯބިވާ ލޫސީ. މި ދަތުރުމަތީގައި އަޅުގަނޑު މަރުވުމަށް ދުޢާކޮށްދީ. އަދި ހިތްހެޔޮކޮށްދޭތި......" ލާވަން ވާހަކަދައްކަމުން ދިޔައިރު ލޫސީގެ ލޮލުން ވަދާއުގެ ކަރުނަ ފައިބަމުން ދިޔައެވެ. އެހިތްވެސް ހަލާކުވަނީއެވެ.

"ތިޔަފަދަ ނުބައި ދުޢާކުރަން ނޭދިބަލަ ހެޔޮނުވާނެ. އަބަދުވެސް ލާވަންއަށްޓަކާ ކުރާނީ ހެޔޮ ދުޢާ. ލާވަންވެސް އަޅުގަނޑަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކޮށްދޭތި...." ލޫސީ ލާވަންގެ މޫނަށް ބަލަން ހުރެ ލޮލުން ކަރުނަ ފޮހުނަސް ތާޒާ ކަރުނަތައް ލޯ ފުރުވައިލައެވެ.

"ލޯބިވާ ލޫސީ. ހިތާމަ ނުކުރޭ. ދެރަނުވޭ. ދުނިޔޭގައި ހުރިއްުޔާ އަދި އަންނާނަން. މިހާރު ފުރާގަޑިޖެހެނީ. އެންމެން އިންތިޒާރުގައި ތިބޭނެ............."

"ދިޔަސް އެންމެ ރަގަޅު. އެކަމަކު އަޅުގަނޑުގެ ހިތްވަނީ ހަލާކުވެފައިކަން ހަދާން ނައްތާ ނުލައްވާ..."

"އަޅުގަނޑުގެ ހަށިގަނޑު އައުޒާޒު ކިައްލާގައި ވިޔަސް ހިތްވަނީ ލޫސީއާއެކު. ގިޔާމަތާއި ހަމަޔަށްވެސް މިހިތަކީ ލޫސީގެއް ހައްގެއް. އަބަދަށްޓަކާ އެކީގައިވާނަން...."ލާވަން ލޫސީގެ އަތުގައި ހިފަމުން ވައުދުވިއެވެ.

"ތިޔަ ވައުދުތަކަށް އަމަލުކުރާނެކަމަށް އުއްމީދުކުރަން ނޫނީ އަޅުގަނޑަށް ވާނެގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތުން......."

ލާވަން ލޫސީއަށް ހިތްވަރުދެއްވާފައި މަޑުމަޑުން ވާހަކަދެއްކިއެވެ. ހިތްވަރުކުރުމަށް އެދުނެވެ. މަންމަގެ ހާލުރަގަޅުވީހާ އަވަހަށް ލޫސީގެ ގާތައަށް އަންނަން ވައުދުވުމުން ލޫސީގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހިނިތުންވެލެވުނެވެ. ދެލޯބިވެރިން އެކީ ވާހަކަދައްކަމުން މަޑުމަޑުން ހިނގާފައިގޮސް ގަނޑުވަރުގެ ދޮރާށްޓާއި އަރާ ހަމަވިއެވެ. މަރިޔަމްއާއި ދިމާވެގެން ސަލާމްކުރުމުން މަރިޔަމްގެ ލޯ ފުރިގެން އައީވެސް ކަރުނުންނެވެ.

"އަނހަ މަރިޔަމްވެސް ތިރޮނީ؟ މިފަދަ ދަނޑިވަޅެއްގައި އަހަންނަށް ހިތްވަރުދޭންވީމަ ތި ރޮނީ.. އަވަހަށް ހުއްޓާލާ. އަހަރެން އަބަދަށްޓަކާ ގެއްލެނީއެއްނޫން. އެބުރި އަންނާނަން..."

"ޝެހެޒާދާ ލާވަން. އެކުވެރިންނާއި ވަކިވުމަކީ ހިތަށް ވޭންދެވިނިކަމެއް."

"މަރިޔަމް. ދުނިޔެއަކީ ހުރިހާ އުފަލަކާއި ހަމަޖެހުމެއް އުނގަށް ބަންޑުންވެ އުފަލުގައި ދިރިއުޅެން އޮތްތަނެއް ނޫން. ހިތާމަތަކާއި އަޑިގުޑަންތައް ހަޔާތުގައި ނާންނަނަމަ މިވާނީ ސުވަރުގެ ކަމުގައި ނޫންތަ؟ މަރިޔަމް ލޫސީގެ ހިތްހަމަޖައްސަދީ. ނޫނީ ލޫސީގެ ހިތް ހަލާކުވެދާނެ. ވަރަށް އަސަރުކޮށްފައި ހުރީ. މަރިޔަމް ތީ އެންމެ ގާތް އެކުވެރިޔާ. އެކަނިނުކޮށް އަހަރެން އަންނާންދެެން ލޫސީ ބަލަހައްޓާދީ....އަހަރެން މަރިޔަމްއަށް ޝުކުރު އަދަކުރަން. މަރިޔަމްގެ ސަބަބުން އަހަންނާއި ލޫސީގެ ގުޅުން ފެށުނީ. އެކަން ހަދާން ނައްތައެއްނުލާނަން....."

"ޔަގީންކަމެއް. ލޫސީއަކީ އަހަރެންގެ ސާހިބާ. ގާތް އެކުވެރިޔެއްގެ ޝަރަފް ދިންކަމީ ސާހިބުކަމަނާގެ ހެޔޮފުޅުކަން. އެހެންވެ އެކަމަނާގެ ހުރިހާ ހިތާމައަކާއި އުފަލަކާއި ބައިވެރިވާނަން. ޝެހެޒާދާ އެނބުރި ކިއްލާއަށް ވަޑައިގަތުމަށްފަހު އަޅުގަނޑުމެން މަތިން ހަދާން ހުންނާނެކަމެއް ވެސް ނޭގޭ...." މަރިޔަމް ރުމާލުން މޫނު ފޮހެލައިފިއެވެ.

"ކިހިނެއް ހަދާން ނައްތާލާނީ. އަހަރެން މިދަނީ ހިތް މިތާ ބާއްވާފައި...."

ލާވަން ފުރުވަން އެކުދިން ކިއްލާގެ ދޮރާށްޓާއި ހަމަޔަށް ދިޔައިރު އެތަނުގައި ޔޫގަންނާ ކާކަސް އަދި ޖޯޖީވެސް އިންތިޒާރުގައި ތިއްބެވެ. ޔޫގަންނާ ލާވަންގެ ގެނެސް މޭގައި ޖައްސަވައިލެއްވިއެވެ.

"ލާވަންގެ ވަކިވުމުން ވަރަށް އަސަރުކޮށްފި. މަންމާފުޅުގެ ހާލުކޮޅު ރަގަޅުވީހާ އަވަހަކަށް މިކޮޅަށް އަންނަންވާނެ......."

"ލައްބަ ސާހިބާ.. އަޅުގަނޑު ވަރަށް އަވަހަށް އަންނާނަން...."

ސިފައިންގެ މީހަކު ކިއްލާގެ ކުޑަދޮރެއް ހުޅުވާލައިގެން ބޭރަށް ބަލައިލިއިރު މުޅި ހިސާބުގަނޑުގައި ރަސްކަން ކުރަނީ ގަދަފަދަ އަނދިރިވެރިކަމެވެ. އެއްވެސް ދިރޭ ފުރާނައެއްގެ ހިލަމެއްނުވެއެވެ. ސިފައިންގެ މީހާ ފާރުމަތިން ބޭރަށް ފައިބާފައި ވަށައިގެންވާ ސަރަހައްދު ހޯދުމަށްފަހު ހިތްހަމަޖެހިގެން ހުރެ ކިއްލާއަށް ވަނެވެ. މަގު ސާފުކަމުގައި ބުނެލިއެވެ. އެހާބޮޑަށް ފާސްކުރަން ޖެހުނީ އަރަބިން ދެކެ ގަންނާކުރައްވާ ބިރާއި ރައްކާތެރިކަމަށް ސަމާލުކަން ދޭވަރުންނެވެ. ކިއްލާގެ ދޮރާށިން ބޭރަށް ނުކުމެފައި އަހަށް ސަވާރުވުމުގެ ކުރިން ލާވަން ފަހަރަކު މީހަކާ ސަލާމް ކުރިއެވެ. އެންމެ ފަހުން ލޫސީއާއި ސަލާމްކޮށްލިއެވެ. ހިތްވަރުކުރުމަށާއި އުއްމީދާއެކު އިންތިޒާރުކުރުމަށް އެދެމުން އެ ނާޒުކް އަތްތިލައިގާ ހިފާ ބާރުކޮށްލިއެވެ. އެއަށްފަހު ލާވަން އަސްދުއްވައިލީ ފަސް އެނބުރި ބަލައިލުމެއްނެތިއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލާފައެވެ. އޭނައާއި ޖޯޖީ ލޯމަތިން ގެއްލުމުން ލޫސީ ރުމާލުން ކަރުނަ ފޮހެމުން ލާވަން ދިން ރުމާ މޫނުގައި ޖައްސާލައިފިއެވެ. މިއޮތް ހާލަތުގައި ލާވަންއާއި ބައްދަލުވެވޭނެ އެންމެ ފަހު ފަހަރޭ ލޫސީގެ ހިތަށް އެރީ ކީއްވެކަމެއް ނޭގުނެވެ. އަރަބިން ކިއްލާއަށް އަދި ހަމަލާދޭނެއޭ ހިތް ބުނީ ކީއްވެކަމެއް ނޭގެއެވެ.

ގަނޑުވަރުގެ ކޮޓަރިއެއްގައި ދާނިޔަލްއާއި މަރިޔަމް ވާހަކަދައްކާލާ ހޭން ތިއްބާ އެހެންލާފައި މީހަކު ހުރަސްކުރިކަމެއް އެކުދިންނަކަށް ނޭގުނެވެ. އެކުދިންގެ ލޯބި ބޭޒާރުވެ ކަންފަތްތަކަށް ފޯރުމުގެ ވަގުތު ކައިރިވެއްޖެ ކަމެއްވެސް ނޭގުނެވެ. އެހެން ކަންކަމާއި މެދު ވިސްނާ ފިކުރުކުރާވަރަށްވުރެ އެދެހިތްވަނީ ގުޅިފައެވެ.

***

މަރިޔަމް ބަދިގެއަށްވަދެ ކާނާ ތައްޔާރުކުރަމުން ދިޔައީ ދާނިޔަލްއަށްޓަކައެވެ. ހޫނު ކަވާބާއެކު ގަހުވަ ހެދިއެވެ. އަދި މާމުޔާއި ޕިސްޓާ އެލްމަންޑް އަދި ޗީޒްފަދަ އެއްޗެހި އަޅައިގެން ތައްޔާރުކުރި ފޮނި އެއްޗެއްގެ ރަހަ ބަލައިލިއެވެ. ހިތްހަމަޖެހޭވަރުވިއެވެ. ތަބައް ހިފައިގެން ގޮސް ދާނިޔަލްގެ ކޮޓަރިއަށް ވަނީ ހުއްދަ އަތުލައިގެންނެވެ. ދާނިޔަލް މަރިޔަމްއަށް މަޖުބޫރުކުރީ އޭނައާއެކު ކެއުމުގައި ބައިވެރިވުމަށެވެ. ކައިނިމެންދެން މަރިޔަމް ހުރިހާ ކަމެއްގެ މަތިން ހަދާން ނެތިފައި ހުއްޓެވެ. ބޯމަތިވާން އުޅޭ ތޫފާންގެ އެއްވެސް ހިލަމެއްނެތެވެ. އޭނައާއި ދާނިޔަލްގެ އެކުވެރިކަމާއި ދެކޮޅުވެދާނެ މީހަކު ހުރިކަމެއް ނުދެނެހުއްޓެވެ.

އިރުގަނޑެއް ނުވަނީސް ޒައިތޫން ގޮވައިލެއްވުމުން ޚިދުމަތެއް ބޭނުންފުޅުވެގެން ކަމަށް ހީކޮށް އެކޮޓަރިއަށް ވަނެވެ.

"މަރިޔަމް އިށީދޭ...."

ޒައިތޫންގެ އަޑުފުޅުގައި ހުރި ހަރުކަށިކަމަކުން މަރިޔަމް ހިތަށް ބިރުވެރިކަން ވަނުމާއެކު އިސްޖެހިއްޖެއެވެ.

"މި ގަނޑުވަރުތެރޭ ހިނގައިގެން ނުވާނެ މަންޒަރުތަކާއި އަޑުތަކެއް ފެނިއްޖެ. ދާނިޔަލްއާއި މަރިޔަމްގެ އެކުވެރިކަމަކީ އަހަންނަށް އެކަމާއި ނުރުހުވޭކަމެއް ނޫން. ކަލޭމެން ކުދިން އުޅެބޮޑުވީ އެކީގައި. ދުވަހަކު އެކަމާއި ދެކޮޅުވެ މައްސަަލަ ޖައްސާފައެއް ނުވާނަން. އެކުވެރިކަމަކީ އެހެންކަމެއް. އެކަމަކު ވަކި ހައްދެއް އެކަމުގައި އޮންނަން ޖެހޭނެ ކަމަށް އަހަރެން ދެކެނީ. މަރިޔަމްއަށް އެނގޭތަ؟ އައުޒާޒު ކިއްލާގެ ރަސްގެފާނުގެ ދަރިކަނބަލުން ޒާރާއާއި ދާނިޔަލްގެ ކައިވެނީގެ ވާހަކަ ދެކެވެމުން މިދަނީ. އަހަރެން މަލަކާއަށް އެކަމަށް އެދި ސިޓީވެސް ފޮނުވައިފިން. އެހެންވީމަ މަރިޔަމް ތިކަން ހަދާން ނައްތާލާ. މަރިޔަމް ތިކުރި ކުށުގެ ސަޒާ ރަސްގެފާނު އެއަށްވުރެ ހަރުކަށިކޮށް ދެއްވުމުގެ ކުރިން އަހަންނަށް ފެނުނު އަދަބެއްވެސް ދޭނަން...."

"މަލިކާ....އަޅުގަނޑު......." މަރިޔަމް ބިރުން ރޫރޫ އަޅައިގަތެވެ.

"މަރިޔަމް ގިނަ ވާހަކަ ނުދައްކާ. މަށަށް މަރިޔަމް މަޖުބޫރުކޮށްފީމު. މަރިޔަމްއަށް އޮތް އަދަބަކީ އަޑީ ބިންގަރާހުގައި އަހަރެން އަންގަންދެން ބަންދުުކުރުން ރަސްގެފާނަށް މި ގަނޑުވަރުތެރޭ ހިންގި ކަންތައް ގަނޑު އެނގޭނަމަ މަރިޔަމްގެ ބޮލާއި ހަށިގަނޑު ދެތަނުގައި ވީސްކަން ކަށަވަރު....." ޒައިތުން އިޝާރާތްކޮށްލުމާއެކު ސިފައިންގެ ދެމީހަކު ވަދެ މަރިޔަމް ގެ އަތުގައި ހިފަހައްޓައިގެން އެތަނުން ގެންދަން ފެށުމުން ރޮއި އާދޭސްކުރިއެވެ. އެންމެ ފަހަރަކު މާފުކުރަން އެދުނެވެ. އޭނަ މިތަނުން ދުރަށް ހިނގައިދާނެކަމަށާއި އެކަމަކު އަޑީގެ ބިންގަރާހުގައި ބަންދުނުކުރަން އެދި އެތައް ވަރެއްވިއެވެ. ނަމަވެސް ޒައިތޫންގެ ހިތަށް ރަހުމު ވަނަސް އެކަމެއް ނުދެއްކިއެވެ.

ވަރުގަދަ ދެ ސިފައިން އެކުއްޖާ ގޮވައިގެން ގޮސް ގަނޑުވަރުގެ ތެރޭގައި ހުރި ހިލައިގެ ސިޑިއަކުން ބިންގަރާހަކަށް ފޭބިއެވެ. އޭނަ ރޮރިރޮއި ހުއްޓާ އުފުލާލައިގެން ގޮސް ބަންދު ގޮޅިއަކަށް ލާ ބަންދުުކުރިއެވެ. އެމީހުން ދިޔުމުން މަރިޔަމް ފާރުގައި ބުރަކަށި ޖެއްސިގޮތަށް ކަކުލުގައި މޫނު ފޮރުވިއެވެ. ރަސްދަރިކަލެއްދެކެ ވެވުނު ލޯބީގެ އަގު މިގޮތަށް އަދާކުރަން ޖެހިދާނެކަމަށް އޭނަ ހީކޮށްފައެއް ނެތެވެ. ދާނިޔަލްއަށް އެނގިގެން ސަލާމަތްކުރަން އަޔަސް މި ލޯބީގެ ނިމުން ދާނީ ހިތިކޮށްކަމުގައި ހިތް ބުނަންފެށިއެވެ. އޭނައަށް ދާނިޔާލް ގެއްލުނީއެވެ. އޭނަ ޖެހޭނީ މި ލޯބި ގުރުބާންކުރާށެވެ. މި ބިންގަރާހަކީ އޭނަގެ ކަށްވަޅެވެ. މިއީ އެންމެ ބޮޑެތި ކުށްވެރިންގެ ޖަލެވެ. މަލިކާ އޭނަ ހިމެނީ އެންމެ ބޮޑު ކުށްވެރިންގެ ގިންތީގައެވެ. ދެން ދުވަހަކު އިރުގެ އަލިކަމެއް ފެންނާނެކަމެއް ނޭގެއެވެ. ހިތުގައި ޖެހިފައި އަސަރާއެކު ރޮމުން މަރިޔަމް ދުޢާކުރިއެވެ. ކްރައިސްޓާއިމެދު ޔަގީންކަމެއްނެތި މުސްލިމުންގެ ވެރި ރަސްކަލާނގެއަށްވެސް ދުޢާކުރެވުނީ ގޮތް ހުސްވެގެންނެވެ.

***

މަރިޔަމްގެ ޚަބަރެއް ނުވުމުން ފޫހިވެފައި ހުރެ އޭނަ އެކަނިމާއެކަނި ފައްޅިއަށްގޮސް ބޮޑުބޭބެގެ އަލަމާރިން ދީނީ ފޮތްތަކެއް ގެނެސް ކިޔަންފެށިއެވެ. ރޭ ފެނުނު ހުވަފެނާއިމެދު ވެސް އޭނަ ބިރުގަނެ އެ ވާހަކަ މަރިޔަމްއާއި ހިއްސާކުރަން ބޭނުންވިއެވެ. ލާވަންގެ ޚަބަރެއްނުވާތީވެސް ވިސްނެނީއެވެ. ސަލާމަތުން ކިއްލާއަށް ދެވިއްޖެހެއްޔެވެ؟ ނޫނީ ދުޝްމަނުންގެ އަތްދަށުގައި ހައްޔަރުވީހެއްޔެވެ. ފޮތް ކިޔަން އުޅުނަސް ކަރުނަތައް ފައިބާވަރުން އެކަމެއް ނުކުރެވުނެވެ.

"މިއަޅާއަށް ކުރިމަތިވެފައިވާ ހިތާމައިން ސަލާމަތް ކުރައްވާދޭވެ. މިފަދަ ހިތްދަތިކަމެއް މިލިބެނީ ކީއްވެތަ؟ލާވަން. މަރިޔަމް. އަހަރެން ހާދަ އެކަނިވެރިވެއްޖެއޭ. ދިރިއުޅުމަށްވެސް ދަތިވެއްޖެ......... "

ލޫސީ ބަގީޗާގެ ތެރެއަށް ނުކުމެގެންގޮސް އިށީނީ އޭނައާއި ލާވަން އެންމެ ކުރިން އިށީދެގެން ތިބި ގޮނޑީގައެވެ. އެތައް އިރެއްވާންދެން ތަފާތު ޚިޔާލުތަކެއްގައި ބަނދެވިފައިި އެކަނިމާއެކަނި އިނެވެ.

 

***

މުސްލިމުން ކިއްލާގެ ހިސާރަ ދޫކޮށްލާފައި ދިޔުމުންވެސް ޔޫގަންނާގެ ލަޝްކަރުން ކިއްލާގެ ދޮރު ހުޅުވާލާފައި ނިކުންނާކަށް ގަސްތެއް ނުކުރިއެވެ. އެމީހުން އަދިވެސް އަރަބިންދެކެ ގަތް ބިރު ފިލައިގެން ނުދަނީއެވެ. ކިއްލާ ބަންދުކޮށްގެން އަދިވެސް އެތިބެނީ އަރަބިން ފިލާ ތިބެފައި ހަމަލާއެއް ދީފާނެކަމުގެ ބިރު ހީވެއެވެ. އެހެންކަމާއެކު އެ ލަޝްކަރުން ފާރުމަތީގައި އަބަދުހެން ފޯރިމަރަމުން ރަގަޅަށް އެތަން ބަލަހައްޓަމުން ދިޔައީ ފަރުވާކުޑަކޮށްލުމެއް ނެތިއެވެ.

އަނދިރިކަން އިންތިހާއަށް ގަދަ ކަޅުފޮއި ރެއެކެވެ. ފިނިފައިބަމުން ދިޔައެވެ. ދާމިސްއާއި މުޖާހިދުން ހޮހަޅައިގެ ތެރޭ ތިބެ އިޝާ ނަމާދުކުރިއެވެ. އެއަށްފަހު އަލިފާންގައި ރޯ ފިލުވާލައިގެން ކާތަކެތި ތައްޔާރުކޮށްގެން ކާންފެށިއެވެ.

"މިރޭގެ މަސައްކަތް ފެށުނީ. އަހަރެން އެމީހުންގެ ޚަބަރެއް ވޭތޯ ބަލާފައި އަންނާނަން. ލަސްވިޔަސް ބޭރަށް ނުނިކުންނައްޗޭ........" ދާމިސް އެންގިއެވެ. އަދި ރަޖާތައް ނަގައިގެން ގައިގާ އޮޅާލިއެވެ.

"ލައްބަ...."

ދާމިސް ދިޔަތާ ގަޑިއެއްހާއިރު ފަހުން ރޫމީންގެ މީހަކު ގެނެސް އެބޭކަލުންނާއި ހަވާލުކުރިއެވެ. އޭނަ ދަންނަނީ ހަމައެކަނި ރޫމީބަހެވެ. އަރަބިން ވާހަކަދައްކާކަށް ނޭގުނެވެ. އަރަބިދަންނަ މީހަކަށް ނުވުމާއެކު އޭނަގެ ފަރާތުން އެއްޗެއް އޮޅުން ނުފިލާނެތީ އަނެއްކާވެސް އެހެން މީހަކު އަތުލައިގަނެވޭތޯ ދާމިސް ނުކުތެވެ. އަރަބިން އެ ރޫމީންގެ މީހާ ގެންގޮސް ހޮހަޅައިގެ އެތެރޭގައި އިށީންނަން އެންގިއެވެ. މާގިނަ އިރުތަކެއް ނުވަނީސް އިތުރު ހަތަރުމީހުން ގޮވައިގެން ދާމިސް އައެވެ. ނަސީބު ދެރަކަމުން އެމީހުންނަށްވެސް އަރަބިބަސް އެނގޭކަމަކަށް ނުވިއެވެ. އެވެސް ވީ ބޭކާރު މަސައްކަތަކަށެވެ. އެ ރޫމީންވެސް ކުރިން ގެނައި މީހާ ގާތު އިށީދެލައިގެން ފިކުރުކުރަން އިސްޖެހިފައި ތިއްބެވެ. ތިންވަނަފަހަރަށް ދާމިސް ނުކުމެގެން ދިޔަފަހުން އިންތިޒާރު މާދިގުވެ އޭނަ އަތުލައިގަތީކަން ޔަގީން ކުރެވުނެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވޭތުވެގެން ދިޔައީއެވެ. މުޖާހިދުން އެކަމާ ފިކުރުބޮޑުވެ އެކަކު އަނެކަކާ މަޝްވަރާކުރަންފެށީ ދެން ހަދަންވީ ގޮތަކާމެދުގައެވެ. އެންމެފަހުން ނިންމީ ދެ މުޖާހިދުން ޚަބަރު ބަލައިލަން ނުކުތުމަށެވެ. އަމިއްލައަށް އިސްވެ ދާން ނިންމި ދެމުޖާހިދުން ތެދުވުނުތަނާހެން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ހުރިހާ މުޖާހިދުން ހަތިޔާރުތަކާއިގެން ތެދުވުނެވެ. ދާމިސް އަތުލައިގެން ރޫމީން އެމީހުން ތިބިތަން ޔަގީންވެ ހޯދަން އަންނަނީކަން އެނގުނެވެ.

ނުނިމޭ

ކޮމެންޓް 0