ފެހިކުލައިގެ ޗީޒްކޮޅެއް އަނގަޔަށް ލައިގެން ހަފަން އިން މަރިޔަމް ބޮޑުދައިތައާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. އެވަގުތު ކޮންމެވެސް ބަޔަކު ދޮރުގެ ފަރުދާ ހިއްލާލާފައި އެތެރެއަށް ވަނެވެ. މަރިޔަމް ހިމޭން ބުދެއްފަދައިން ބަލަން އިނެވެ. ކުރިމަތީގައި ތިބީ ބޮޑުބޭބެއާއި ނުދަންނަ މީހެކެވެ.

"މަރިޔަމް. ޝެހެޒާދާ ލާވަންގެ އެކުވެރިއަކު ބޭރުގައި މަޑުކޮށްލައިގެން އެބަހުރި...." ކަސިއަސްގެ ހިތުގައި ސުވާލުތައް އުފެދުނެވެ. ލާވަންއާއި މަރިޔަމް ބަގީޗާ ތެރެއިން ފެނިގެން އެހެން މީހަކުވެސް އޭނައަށް އެ ޚަބަރު ގެނެސްދިނެވެ. އަޅާނުލާ ހުރެވޭވަރަށްވުރެ ސީރިޔަސް މައްސަލައެކެވެ. ރަސްކަމާއި ގަނޑުވަރާއި ހަމައިގަ ލޯބީގެ ގުޅުމެއް އޮވެގެން ނުވާނެއެވެ. އަންހެންކުއްޖެއްގެ މޮޔަކަމުން އޭނަގެ މަތީ މަގާމުވެސް ގެއްލިދާނެއެވެ.

މަރިޔަމް ބޭރަށް ނުކުތްއިރު އިންތިޒާރުގައި ތޫމާ ހުރިތަން ފެނިފައި ހައިރާންވިއެވެ. ތޫމާ އޭނަ ލައިގެން ހުރި ކޯޓުގެ އެތެރޭ ޖީބަކުން ނެގީ ސިޓީއަކާއި އަތަރުފުޅިއެކެވެ.

"ޝެހެޒާދާ ލާވަންގެ ފަރާތުން ލޫސީއަށް.." ތޫމާ ހިނިތުންވެލިއެވެ.

"ކޮބާ ޝެހެޒާދާ. އޭނަ ވަޑައިނުގަތީ ކީއްވެ ބާ..." މަރިޔަމް ކަންބޮޑުވިއެވެ.

"ކުޑަކޮށް ރޯގާގެ އުދަގޫތައް ޖެހިގެން....."

"މާތް ރަސްކަލާނގެ އޯގާވަންތަކަމުން އަވަސް ޝިފާއެއް ދެއްވާށި.. އިރުކޮޅެއްފަހުން އަޅުގަނޑު އެ ގަނޑުވަރަށް ދާނަން. އަމާނާތްތެރިކަމާއެކު މި ހަދިޔާ ރައްދުކޮށްދޭނެކަމުގެ ޔަގީންކަން ޝެހެޒާދާއަށް އަރުވާތި................" މަރިޔަމް ރަކިގޮތަކަށް ހީލާފައި އެ ސިޓީއާއި އަތަރުފުޅި ކަރުވަޅުތެރެއަށް ލާ ފޮރުވައިލުމަށްފަހު އެތެރެއަށް ދާން ހިނގައިގަތެވެ.

މަރިޔަމްގެ ބޮޑުބޭބެ ކަސިއަސްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނި މަރިޔަމްގެ ހިތް ތުރުތުރުލައިގެން ދިޔައެވެ. އާއްމުކޮށް ބޮޑުބޭބެގެ ފަރާތުން ދެކެފައިވަނީ އޯގާތެރިކަމާއި ކުލުނެވެ. ނަމަވެސް ލާވަންއާއި އެކުވެރިކަން އޮތުމާއިމެދުވެސް ބޮޑުބޭބެ ނުރުހޭކަން ސާބިތުކޮށްދިނީ އެންމެ ޖުމްލައަކުންނެވެ.

"އަހަރެން އަންގަންދެން މަރިޔަމް ބޭރަށް ނުދާތި. އަންހެންދަރިއެއްގެ އަބުރާއި އިއްޒަތާމެދު އަހަރެން ވިސްނާ ވަރަށް މަރިޔަމްވެސް ވިސްނާހެނެއް ހީނުވޭ...."

އަމިއްލަ ދިފާއުގައި އަނގަ ހުޅުވައިލާކަށް މަރިޔަމްއަކަށް ނުކެރުނެވެ. އޭރުން އިތުރު ސުވާލުތައް ކުރިމަތިވާނެއެވެ. ލޫސީއާއި ލާވަންގެ ގުޅުން ބޭޒާރުވެ ރަސްގެފާނުގެ ކަންފަތްޕުޅަށް އެ ޚަބަރު އެރުުމަށްފަހު ދެންވާނެ ގޮތެއްނޭގެއެވެ. މަރިޔަމް ހިމޭންކަން ޚިޔާރު ކުރީ ލޫސީއަށްޓަކައެވެ. އެހާ ސިއްރުން ޝާހީ ދެބޭފުޅުން ބައްދަލުކުރަނިކޮށް އެހެން މީހެއްގެ ލޮލުގައި އަޅައިގެންފިއްޔާ ގަނޑުވަރަށް ޒަލްޒަލާއެއް އަންނާނެއެވެ.

***

ދާނިޔަލްއަށް ފެނުނު މަންޒަރުތަކުން ހިތް ގެނބުނެވެ. ހިތާމައިގެ ސާލު އޭނަގެ ވަށައިގެން އޮޅާލާ ނޭވާ ނުތަނަވަސްކޮށްލައިފިއެވެ. ތޫމާ މަރިޔަމްއަށް އެގެންގޮސް ދިން ސިޓީއަކީ ޝެހެޒާދާ ލާވަންގެ އަމަލެއްކަން އޭނަ ދެނެހުއްޓެވެ. ލާވަން މިކުޅޭ ކުޅިގަނޑާއި އޭނަގެ ކޮއްކޮގެ ހިތާމަތައް ގުޅިފައިވާ ކަމާމެދުވެސް ޝައްކު ކުރެެވުނެވެ. އެހެން މީހަކު އެޚަބަރު އޭނައަށް ދިނަސް އޭނަ ދޮގު ކުޅައީ މަރިޔަމްގެ ހިތް އޭނައަށް އެނގޭކަމަށް ހީކޮށްފައެވެ. މަރިޔަމްދެކޭ ހިތުން އެގެއަށް ދާން ކުޅަ ދަތުރުން ދާނިޔާލްގެ ހިތަށް ތީރުތަކެއް ހެރިއްޖެއެވެ. މަރިޔަމްގެ އެ ރަކި ހިނިތުންވުމާއި ސިޓީ ފޮރުވިިގޮތުން އޭނައަށް ހުރިހާ ކަމެއް ޔަގީންވެއްޖެއެވެ. ލާވަންއާއި މަރިޔަމްގެ ސިއްރު ގުޅުމެއް އެބައޮތެވެ. ގަނޑުވަރަށް ވަންގޮތަށް ކޮޓަރިން ބޭރަށް ނިކުންނަ ހިތެއްވެސް ނުވިއެވެ. މަންމައަށް ޝައްކުވެދާނެތީ ކޮންމެ ފަހަރަކު ކާން ނުކުމެއެވެ. އިރުއޮއްސެން އުޅެނިކޮށް ޚާދިމާއަކު ވަދެ ބައްތިތައް ދިއްލަން ވަނުމުން ދާނިޔަލް ތެދުވެއްޖެއެވެ.

"ލޫސީ ގާތު މިކޮޓަރިއަށް ވަޑައިގަތުމަށް ބުނެބަލަ...."

"ލައްބަ މާތް ސާހިބާ..." ޚާދިމާ ގުދުވެ ސަލާމްކޮށްލުމަށްފަހު އަވަސްވެގަތީ ލޫސީއަށް އެ މެސެޖް ރައްދުކޮށްދިނުމަށެވެ.

ދިހަވަރަކަށް މިނިޓް ނުވަނީސް ލޫސީ އިނީ އެކޮޓަރީގައެވެ. ކްރީމްކުލައިގެ ހެދުމަކާއެކު ސާދާކޮށް ހުއްޓަސް ރަސްދަރިކަނބަލެއްގެ ފުރިހަމަކަން ފެންނާން ހުއްޓެވެ. ދެބެން ރަންކުލައިން ޖަރީކޮށްފައިވާ ގޮދަޑިޖެހި ގޮނޑީގައި އިށީދެލިއެވެ.

"ލޫސީއަށް ލާވަންއާއި މަރިޔަމްގެ ގުޅުމުގެ އެއްވެސް ޚަބަރެއް އެނގޭތަ؟ " ދާނިޔަލް ސީދަލަށް އެހިއެވެ.

"ނޫން ބޭބޭ އަޅުގަނޑަށް އެނގިފައެއްނުވޭ...." ލޫސީ ސިހިގެން ދިޔުމާއެކު ނިތްކުރިން ދާތިކިތައް ވިދައިގަތެވެ. ހިތް އޮއްސިގެން ދިޔައީ އުދުހޭތަރިއެއް ފަދަ ބާރުމިނުގައެވެ.

"ދެތިން މީހަކަށް އެދެމީހުން އެކީ ފެނިގެން އެވާހަކަ ދައްކައިފި. މަރިޔަމް އަކީ އެހާ ގޮތެއްނެތް ކުއްޖެއްކަމެއް ކުރިއަކުން ނުދަންނަން. ލޫސީ އޭނަ މިގަނޑުވަރަށް ނުގެންނައްޗޭ. އަހަރެން މަންމާފުޅަށްވެސް ދަންނަވާނަން.........." ދާނިޔަލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"ބައެެއްފަހަރު ލޮލަށް ފެންނަ ކޮންމެ މަންޒަރެއް ހަގީގަތަކަށް ނުވެ ހިނގައިދާނެ...." ލޫސީ ކަންބޮޑުވެފައިވާގޮތަކަށް ހިނިތުންވެލިއެވެ. އޭނަގެ ހިތްވެސް ބިރުގަންނަނީއެވެ.

"އަހަރެންވެސް ހުރީ އެ ޚަބަރު ދޮގުކުރަން ބޭނުންވެފައި. އެކަމަކު މަންޒަރު ދެކުނީ އަމިއްލަ ލޮލުން. ލާވަން ދުރުގައި ބަލަން ހުރެ އޭނަގެ އެކުވެރިޔާގެ އަތަށް ދީފައި ސިޓީއަކާއި އަތަރުފުޅިއެއް މަރިޔަމްއަށް ދިނީ. މަރިޔަމް ވަރަށް ރަކިކޮށް ހެމުން ގޮސް އޭނަގެ ގެއަށްވަނީ." ދާނިޔާލްގެ އެ ޖުމްލަތައް ލޫސީގެ ހިތަށް ތީރުތަކެއްފަދައިން ހެރި ލޭ އޮހިގެންފިއެވެ. ހިތަށް ބަރުދާސްތު ނުކުރެވޭފަދަ ވޭނެއް އަޅަންފެށިއެވެ.

"ކޮއްކޮ މަރިޔަމްއާއި އަނގައިން ނުބުނައްޗޭ..." ދާނިޔަލް އެންގިއެވެ.

ލޫސީ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ބައްޕާފުޅުގެ ޚަބަރެއްވެސް ނުވާތީ އަޅުގަނޑުގެ ހިތް ނުތަނަވަސްވޭ. ރޭގައިވެސް އެހެންކަހަލަ ހުވަފެނެއް ފެނުނީ......."

"ލޯބިވާ ކޮއްކޯ. ހުވަފެނަކީ ބިލާހެއް. މާތްރަސްކަލާގެ ދެރަގޮތެއް މިންވަރު ނުކުރައްވާނެ. ބައްޕަ އެ އަރަބިން ބަލިކޮށްލައްވާފައި ވަޑައިގަންނަވާތަން ދާދި އަވަހަށް ފެނިދާނެ. އެކަމާ ފިކުރުނުކުރޭ. ހިނގާ ކާން. ޝިކާރަކުރި މުސަޅެއްގެ މަސް ފިހެފައި ހުންނާނެ....." ދާނިޔާލް ފުންނޭވާއެއް ދޫކޮށްލިއެވެ.

ކެއުމަށްފަހު ކޮޓަރިއަށްވަން ގޮތަށް ކުޑަދޮރު ކައިރީ ހިތާމައިގެ ސާލު އޮޅާލައިގެން މޮޅިވެރިކަމާއެކު އެތައް އިރެއްވާންދެން ލޫސީ ހުއްޓެވެ. އޭނަގެ ބައިވެރިޔަކީ ކާއިނާތުގައިވާ ހަނދާއި ތަރިތަކެވެ.

އަނދިރިކަން ފުންކަމުން ހަނދާއި ތަރިތަކުގެ ރީތިކަން ފައުޅުވާއިރު ކުޅަދުންވަންތަކަމުގެ ހެއްކަކަށް ފުދެއެވެ. ބައްތިތަކުން ޖަރީވެފައިވާ ކަޅު ސާލެއްފަދައިން އުޑު ފެތުރިފައެވެ. ހީރި ތަކުގެ އަޑު މިއުޒިކެއްފަދައިން އެއް ވާނެއްގައި ހިފަހައްޓާފައިވާއިރު ދޭތެރެއަކުން އަހެއް ނޫނީ ކުއްތާއެއްފަދަ ޖަނަވާރެއްގެ އަޑު އިވިލައެވެ. ކިޑިކީއިން ފެންނަން އޮތް މާގަސްތައް ރޭގަނޑަށް ފޮޅި މާހައުލު ހުވަދުކޮށްލާފައިވެއެވެ.

"މަރިޔަމް ކީއް ތިކުރީ؟ ތިކަހަލަ އެކުވެރިއެއްކަމަށް ހިތަށް ނާރާ. ހިތް ހަލާކުކޮށްލައިފި."

***

މަރިޔަމް ސިޓީއާއި އަތަރުފުޅި އޭނަގެ ހެދުން އަޅާފައި ހުރި ފޮށީގެ އެންމެ އެތެރެއަށްލިއެވެ. ލޫސީއަށްޓަކާ އޭނަ މިހުރީ ގުރުބާންވާން ތައްޔާރަށެވެ. ގަނޑުވަރަށްދާ ހިތުން ހިތް ބޭގަރާރުވަނީއެވެ. އެންމެ ސޫރައެއް ދެކެލާހިތުންނެވެ. ނަމަވެސް މިހިރީ ގޭގައި ތަޅުލެވިފައެވެ. ފޮށިގަނޑުގެ އެންމެ އަޑީގައި އޭނަގެ މަންމަގެ އެންމެ ފަހު ސިޓީއާއި މަންމަ އޭނައަށް ވިޔެދިން ކުޑަ ހެދުމަކާއި އިންޖީލާއި ސަލީބެކެވެ. މި އެއްޗެެއްސަކީ މުޅީ ދުނިޔޭގައި ލައްވާފައިވާހާ އެއްޗަކަށްވުރެ އަގު ބޮޑު މުދަލެވެ. މަރިޔަމް ސަލީބުގައި ފިރުމައިލީ ނިކަން ލޯބިންނެވެ. ދެން އޮތީ ފޮތިން ހަދާފައިވާ ކުޑަ ބުދަކާ ގުޅިއެކެވެ. އެއީ ދާނިޔަލް އޭނައަށް ކުޑައިރު ދިން ހަދިޔާއެކެވެ. އަދިވެސް އެހަދާންތައްވެސް މިހިރީ ރައްކާކުރެވިފައެވެ.

***

"އަދިވެސް މަރިޔަމްގެ ޚަބަރެއްނުވޭތަ؟ " ދާނިޔަލް އެހިއެވެ.

"އޭނައަށް ލާވަންގެ ފަރާތުން ވަގުތެއް ވީމަކަން ނޭގޭ އާދެވޭނީ..." ލޫސީ ހިނިތުންވެލީ ހިތުގައިވާ ރިހުން ފޮރުވުމަށެވެ. މަރިޔަމް އޭނައާއި ލޯބިވާ ބޭބެގެ ހިތްވެސް ހަލާކުކޮށްލައިފިއެވެ. ބޭބެގެ ހިތުގައި މަރިޔަމްއަށްޓަކާ އިހުސާސްތަކެއް ނުވާނަމަ އެ ވާހަކަ ނުދައްކާނެތާއެވެ.

"ބޭބެ މިދަނީ އަސް ދުއްވާލަން. ބައިވެރިވާނަންތަ؟ " ދަނިޔާލް ދައުވަތު ދިނެވެ.

ލޫސީ ގަނޑުވަރުތެރޭ އެހެން ހުރެ ހުރެ ފޫހިވެފައިވާތީއާއި އެ ބޭވަފާތެރިޔާގެ ސޫރައެއް އޮޅިގެންވެސް ފެނިދާނެކަމުގެ އުއްމީދުގައި ބޭބެއާއެކު ދުއްވާލަން ދާންވެގެން އަސް ތަބީލާއަށް ގޮސް އަސް ނެރުނެވެ. އެހާވަރުން ދުއްވާލަންގޮސްފައި ނުދެވުނުނަމައޭ ދެބެންވެސް ހިތަށް އެރިއެވެ. ހިތް ނޭދުނަސް މަރިޔަމްގެ ގެ ހުރި ހިސާބަށް ދެވުނީ ހިތުގެ ޒަޚަމްތައް އިތުރުވާންވެގެންނެވެ. މަރިޔަމްމެންގެ ގެ ކައިރީގައި ހުރި ޒައިތޫނު ގަހަކަށް ލެނގިލައިގެން ހުރީ ލާވަން ފިޔަވާ ދެވަނަމީހެއް ނޫނެވެ. އެންމެ ކުރިން އަސް އަނބުރައިލީ ލޫސީއެވެ.

ލޫސީގެ ލޮލަށް ކަރުނަ ނައީ ހަމަ ކިރިޔާއެވެ.

"ލާވަން ދީވާނާވެއްޖެ ހަމަ.." ދާނިޔަލްގެ ޖުމްލަ ލޫސީއަށް ރީއްޗަށް އިވުނެވެ.

***

މުސްލިމުން ވުޟޫކޮށްލައިގެން ހުސް މައިދާނަށް ޖަމާވެ ތައްޔާރުވަމުން ދިޔައީ އިޝާނަމާދަށެވެ. އަބޫ އުބައިދާ ވަޑައިގަތުމުން އެންމެން އޭނަގެ ފަހަތްޕުޅުގައި ސަފު ހަދާލުމުން އެކަލޭގެފާނު އިމާމުވެ ހުންނަވާ ނަމާދު ކުރައްވަންފެއްޓެވިއެވެ.

މުސްލިމުން އަޅުކަމުގައި ތިއްބާ އެހިސާބަށް ފޯރި ހަލަބު ޝަހަރުގެ އީސާއީންކޮޅެއް ހައިރާންކަމާއެކު އެ މަންޒަރުގެ ފުރިހަމަކަމުން ގެއްލިފައި ތިއްބެވެ. އެ ތިންމީހުންނަކީ ސުލްހަވާންވެގެން ހަލަބު ޝަހަރުން އެ ލަޝްކަރަށް ފޮނުވި ތިން މީހުންނެވެ.

"ޔޫނުސް. އަރަބިން އަޅުކަމަށް ހާދަހާ ފަރުވާލެއް އެބަ ހުރި. ކޮންފަދަ ކިޔަމަންތެރިކަމެއް...."

ޔޫނުސް: "މާތް ރަސްކަލާގެ ހަދުމަކޮށް އަޅުކަން ކުރުމުގައި ހޭދަކުރާ މީހުންނަށް ނަސްރު ލިބޭނެ. އެމީހުން ކުރާ ހަގުރާމަތަކުގައި ކާމިޔާބު ލިބުމުގެ އަސްލު މިފެންނަނީ..."

އީސާއީއެއް: "މާތްރަސްކަލާގެއަށް އަޅުކަން ކުރާ މީހުންނަކީ ވައުދު ފުއްދާ އަމާނާތްތެރި ޚުލްގު ހެޔޮ ބަޔެއްކަމުގައިވެސް ވާނެ..."

ޔޫނުސް: "ހެއްދެވި ފަރާތަށް ބިރުގަންނަ ބަޔެއް ވެއްޖެއްޔާ އެމީހުން އެފަރާތަށް ކިޔަމަންތެރިވާނެ..."

އީސާއީއެއް:" މުސްލިމުން އެހާ އޯގާތެރި ބަޔަކަށްވި ސަބަބު ތިބުނީ."

ޔޫނުސް: "ބޮޑާކަަމާއި ކިބުރުވެރިކަމަކީ އިންސާނާގައި ލެއްވި އެންމެ ނުބައި އެއް ސިފަ. މުސްލިމުން އެކަން ދެނެގެން ތަރައްގީގެ ފަލްސަފާގައި ހިފީމަ ކުރިއަރައިގެން މިދަނީ."

އީސާއީއެއް: " ވަކިކޮޅަކަށް ބުރަނުވަންޏާ ބުނެވޭނީ މުސްލިމުންނަކީ ހެޔޮލަފާ ރަގަޅު ބަޔެއްކަމުގައި..."

ޔޫނުސް: "ކަލޭމެންނަށްވެސް ދިިމިޝްގުގައި ހިނގި ކަންތައް އެނގެއެއްނު. މުސްލިމުންނަކީ ވަކި އުސޫލުތަކެއްގައި ސާބިތުވެ ތިބޭބަޔެއް. އެމީހުންނަކީ ވައުދެއްކޮށްފިނަމަ ޚިލާފުވާ ބަޔެއްނޫން.........."

އީސާއީއެއް: "އަޚުންނޭ. އިހަށް ހިމޭންވޭ. އެމީހުން އަޅުކަންތައް ނިމިއްޖެ. މިހާރު ފޭލިގެތަކަށް ދާން ފަށައިފި......"

ޔޫނުސް: "އަހަރެން އެމީހުންގެ އަމީރުގެ ޚަބަރު އޮޅުން ފިލުވާނަން...."

ޔޫނުސް ފޭލިގެތައް ހުރި ދިމާލަށް ހިނގައިގަތްތަނާ އެންމެ ކުރިން ދިމާވި އަރަބިމީހާ ހުއްޓުވިއެވެ.

"އަޅުގަނޑުމެން މިއައީ މި ލަޝްކަރުގެ ވެރިޔާއާއި ބައްދަލުކުރަން..."

އަރަބި މީހާ : "ތިއީ ކާކު؟ "

ޔޫނުސް:" އަޅުގަނޑަކީ އީސާއީއެއް...."

އަރަބިމީހާ: ކަލޭ ނުބުންޏަސް އަހަންނަށް އެކަން އެނގިއްޖެ. ތިޔަ އަންނަނީ ކޮން ހިސާބަކުން؟ "

ޔޫނުސް: "އަޅުގަނޑުމެން މިއައީ ހަލަބުގެ ޝަހަރުން...."

އަރަބިމީހާ "އަހަރެމެންގެ އަމީރާއި ބައްދަލުކުރުމުގެ ބޭނުމަކީ ކޮބާ؟ "

ޔޫނުސް: "އެވާހަކަ ދެންނެވޭނީ އަމީރުގެ ފައިންޕުޅު ފެނިގެން....."

އަރަބިމީހާ: "އެވާހަކަ ނުބުނެވެންޏާ އަމީރާއި ހަމަޔަށް ތިއިން އެކަކަށްވެސް ނުދެވޭނެ..."

ޔޫނުސް: "އަޅުގަނޑާއި މި ދެ އެކުވެރިން މިތަނަށް މިއައީ ހަލަބުގެ މީހުން ސުލްހަވާން ބޭނުންވާތީ އެކަން ހުށަހަޅަން."

އަރަބިމީހާ :" ހަމައެކަނި ތިންމީހުންތަ؟ "

ޔޫނުސް އާއެކޭ ބުނުމުން އެތާ މަޑުކޮށްލާށޭ ބުނެފައި އަރަބިމީހާ ފޭލިގެތައް ހުރި ހިސާބަށް ހިނގައިގެންފިއެވެ.

"މިމީހުން މިއުޅެނީ ހާދަވަރަކަށް ބަލައިގެން ދޯ..."

ޔޫނުސް: "ހަގުރާމައިގެ ވަގުތު އެންމެންވެސް އުޅޭނީ ބަލައިގެން...."ތިންމީހުން ވާހަކަދައްކަން ތިއްބާ މާ ގިނައިރުތަކެއް ނުވަނީސް އަރަބިމީހާ އަންނަތަން ފެނުނެވެ. އެމީހުންގެ ވެރިޔާއާއި ބައްދަލުކުރަން އަންނަން އެންގިއެވެ.

ޔޫނުސް: " ދާންވީ އަހަރެން އެކަނިތަ؟ "

އަރަބި މީހާ :"ތިން މީހުންވެސް ދިޔުމުގެ ހުއްދަ އެބައޮތް.."

ޔޫނުސްއާއި އެކުވެރިން ލަޝްކަރުގެ ތެރެއިން ކުރިއަށް ހިނގައިގަތެވެ. އީސާއީން ހައިރާންވެ އަންތަރީސްވާވަރުވިއެވެ. ރާބުއިމާއި ކުޅިވަރު ކުޅުންފަދަ އެއްވެސް ދުނިޔަވީ ކުލައެއް ނުފެނުނެވެ. މުސްލިމުން ތިބީ މުޅިންވެސް އަޅުކަމުގައެވެ. އެމީހުން އަވަދިނެތި އުޅެނީ ގުރުއާން ކިޔެވުމާއި ހަދީސްތައް ކިޔުމުގައެވެ. ނަމާދު ކުރުމުގައެވެ. އަންހެނުންގެ ފޭލިގެ ކަައިރިން ހިނގާފައި ދިޔައިރު ކުޑަކުދިން ގުރުއާން ކިޔަވާ އަޑު އިވި ޝައުގުވެރިވިވަރުން އަރަބި މީހާ ކައިރިން މަޑުކޮށްލުމުގެ އަމުރަކަށް އެދުނެވެ.

"އެއީ ކުޑަކުދިން ގުރުއާން ކިޔަވާ އަޑު. ދުވާލު ހަތަރުދަމު އެކުދިން ހަގުރާމައިގެ އެކި ކަންތައް ދަސްކުރަން އުޅޭ އަދި ބަލިމީހުންނަށް އެހީތެރިވެދޭ. ރޭގަނޑު ނަމާދުކުރުމާ ގުރުއާން ކިޔަވަން ދަސްކުރުމުގާ އެކުދިން އުޅޭ. ފަތިސްނަމާދަށްފަހު ލިޔަން ކިޔަން ދަސްކުރޭ...."

އީސާއީން ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާލީ ތައުރީފުކުރާފަދަ ގޮތަކަށެވެ. އެމީހުން ކުރިއަށް ހިނގައިގަތީ އިރުކޮޅެއްވާންދެން ގުރުއާނުގެ އަޑުއަހަން ތިބެފައެވެ. މުސްލިމުން ފޭލިގެތަކުގެ ދޮރުމަތީގައި ހަތިޔާރު ސާފުކުރަން ތިބިތަން ފެނުނެވެ. އަބޫ އުބައިދާގެ ފޭލިގެ ފެނިފައި އީސާއިން ތިބީ ގަބޫލު ކުރަން ދަތިވެފައެވެ. އެމީހުން ހީކުރީ އެކަލޭގެފާނު އިންނަވާނީ ޒީނަތްތެރި ބޮޑު ފޭލިގެއެއްގައި ކަމަށެވެ. އަގުބޮޑު ކުރެހުންތައް އަޅާ މޮޅު ސަދުވާ ދަމާފައި ހުންނާނެކަމުގައެވެ. ނަމަވެސް އާދައިގެ ދެރަ ފޭލިގެއެވެ. ދޮރުމަތީގައި ރަޖާއަކާއި މުސައްލާތަކެވެ. ދޮރުމަތީގައި އަނދަ އަނދާ ހުރި ބޮޑު އަލިފާންގަނޑުގެ އަލީގައި އެތާ ތިބި އެންމެންގެ މޫނުތައް ވަކިކުރަން އެނގޭވަރުވިއެވެ. އެއިން މުސައްލާއެއްގެ މަތީ އަބޫއުބޭދާ އިންނެވިއިރު މުޅި ޝާމުކަރަ ސިއްސުވައިލި ޒުވާން މުޖާހިދުން ވެސް އެތާ އިށީދެވަޑައިގެން ތިއްބެވިއެވެ. އެންމެން ތިބީ އެއްކަލަ ހެދުން އަޅައިގެންނެވެ. ވެރިޔާއަށް ވަކި ޚާއްސަ އިއްޒަތެއް ނެތެވެ.

އަރަބިމީހާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ފޭލިގޭގެ ދޮރުމަތީގައި ހުދު ތުނބުޅިއެއްގެ ވެރިއަކަށް އެއިންނެވީ އަހަރެމެންގެ އަމީރު އަބޫ އުބައިދާ.."

އީސާއީން ބޯ ގުދުކޮށްލާފައި އިހުތިރާމް އަދާކުރަމުން ސަލާމްކުރިއެވެ.

"އިށީދޭ. ތިއީ ކޮންބަޔެއްތަ؟ ތި އަންނަނީ ކޮންތާކުންތަ؟ "

ޔޫނުސްއާއި އެކުވެރިން އެތާ އޮތް މުސައްލައެއްގެ މަތީ އިށީނެވެ. ޔޫނުސް ސާހިބާއޭ ކިޔާފައި ވާހަކަދައްކަން އުޅުމުން އަބޫ އުބައިދާ އެކަން މަނާކުރައްވާފައި ބޮޑާކަން އެކުލެވޭ ލަފުޒުތަކުން އޭނައާއި މުޚާތަބު ނުކުރުމަށް ވިދާޅުވިއެވެ. އޭނައަކީވެސް މާތްﷲ ގެ އަޅެއްކަމުގައި ހަނދާންކޮށްދެއްވިއެވެ.

ޔޫނުސް: "އެންމެ ރަގަޅު. އަޅުގަނޑުމެންނަކީ އީސާއީން. މިއައީ ހަލަބުގެ ޝަހަރުން..."

އަބޫއުބައިދާ: "ޔޫގަންނާ ފޮނުވި މީހުންތަ؟ "

ޔޫނުސް: "ނޫން. އަޅުގަނޑުމެން މިއައީ ހަލަބުގެ ޝަހަރު މީހުން ފޮނުވީމަ."

އަބޫއުބައިދާ:" ބޭނުމަކީ ކޮބާ؟ "

ޔޫނުސް: "އަަޅުގަނޑުމެން ބޭނުމީ ސުލްހަވާން. ސުލްހަ ހުށަހަޅަން. ޝަހަރު މީހުން ހަގުރާމަކުރަން ނުރުހޭ. އެންމެން މަޝްވަރާކޮށްފައި ނިންމީ އަޅުގަނޑުމެން ތިންމީހުންގެ ވަފުދެއް އައުމަށް."

އަބޫއުބައިދާ:" ކަލޭމެންގެ ވެރިޔާ ޔޫގަންނާގެ ހުއްދަ އަތުލިންތަ؟ "

ޔޫނުސް: " ޔޫގަންނާއަކީ ހަގުރާމަކޮށް ނާކާމިޔާބު ނުވަނީސް ސުުލްހަ ގަބޫލުކުރާނެ ވެރިއެއްނޫން.."

އަބޫއުބައިދާ: "އެކަމަކު ކަލޭމެންގެ ވެރިންނާއި ދެކޮޅަށް ސުލްހަވާނީ ކިހިނެއްތަ؟ "

ޔޫނުސް :" ދިމިޝްގު ބައިތުލް މަގުދިސް އަދި ޔަރުމޫކް ހަގުރާމައިގާ ވީގޮތް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން ގަބޫލުކުރާގޮތުން މާތްރަސްކަލާނގެ ރުހިވޮޑިގަތުންވަނީ ތިބޭފުޅުންނާއެކީ. މުސްލިމުންނާއި ހަގުރާާމަކުރުމަކީ ހެއްދެވި ފަރާތާ ހަގުރާމަކުރުންފަދަ ކަމެއް.ވީމަ އެންމެ ރަގަޅުގޮތެއް ކަަމަށް އޮތީ ސުލްހަ......"

އަބޫއުބައިދާ: "ޔޫގަންނާ މިހާރު ކަންތައް ކުރާން ގަސްތުކުރާގޮތެއް އެއްވެސް ވަރަކަށް އެނގިފައިވޭތަ؟ "

ޔޫނުސް: "ޔޫގަންނާ މުސްލިމުންނާ ހަގުރާމަކުރުމަށްޓަކާ މިއަދު ހެދުނު ހަލަބުން ނުކުމެ ވަޑައިގެންނެވީ........"

އަބޫއުބައިދާގެ މޫނުފުޅުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިވަޑައިގަތެވެ. އަދި ލަޝްކަރުގެ އަދަދާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ޔޫނުސް ދިހަ ހާސްމީހުންނޭ ބުނުމުން ހުރިހާ މުޖާހިދުންނެއް ކަންބޮޑުވެ އެކަކު އަނެކަކަށް ބަލައިލިއެވެ.

"ހިތާމަހުރި. އަހަރެމެންނަށް މިހެދުނީ ކިހާ ބޮޑު ގޯހެއް. ކައުބުއާ އެހެން މުޖާހިދުންގެ ހާލެއްވެސް ނޭގޭ........."

ޚާލިދު: "އަޅުގަނޑުގެ ލަޝްކަރަށް މެންދުރު ނުފުރުނުކަން ވަރަށް ދެރަ. މާތް ﷲ އެންމެން ސަލާމަތް ކުރައްވާށި........."

އަބޫއުބައިދާ:" އަހަރެމެންނަށް މިވަގުތު ހާލަތު ހުރިގޮތުން ކަލޭމެންނާއި ސުލްހަ ވެވޭކަށް ނެތް، އަހަރެމެންގެ ހަގުރާމަވެރި އަޚުންނަށް އެހީތެރިކަން ފޯރުވަން ހަމަ މިހާރު ދާން ވެއްޖެ...."

އީސާއީން ވަރަށް ހިތާމަކުރިއެވެ. ސުލްހަވާން އައުމަށްފަހު ހުސްއަތާ އަނބުރާދާކަށް ނުރުހުނެވެ. އެމީހުން ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެންނާ ތިބޭފުޅުން ސުލްހަ ނުވިކަމީ ހިތާމަހުރިކަމެއް.."

އަބޫއުބައިދާ: "އެބަޔެއްގެ ރަސްގެފާނު އަހަރެމެންގެ އަޚުންނާއި ހަގުރާމަކުރަނިކޮށް އެބަޔަކާ ސުލްހަވެވޭނީ ކިހިނެއްތަ؟ "

ޔޫނުސް: "އެކަމަކު އަލުގަނޑުމެން ހުސްއަތާ އެބުރި ހިގައްޖެނަމަ ސުލްހަވާން އެދި އެދި ތިބި ބަޔަކާއި އަރަބިން ސުލްހަ ނުވިކަމުގެ ޚަބަރު މުޅި އެ ކަރައިގާ މަޝްހޫރުވާނެ. ހަގުރާމައަށް ނުރުހޭ ބަޔަކު ސުލްހަވާން އެދުނީމަ އެކަން ގަބޫލު ނުކުރިކަމުގައިވާނެ. އަދި ހަގުރާމައާއި ނުރުހޭ މީހުންނަށްވެސް މުސްލިމުންގެ ފަރާތުން އުދަގޫތައް ފޯރާނެ......"

އަބޫއުބައިދާ: "އެކަން އެހެން އޮތްކަމުގައި ވިޔަސް އަހަރެމެންގެ ހަގުރާމަވެރިންނަށް އެހީތެރިވާން މިހާރު އެބަޖެހޭ. ސުލްހަވާކަށް ވަގުތެއްނެތް...."

ޔޫނުސްގެ އެކުވެރިޔާ:" ސުލްހަވާން ތިބި ބަޔެއް ހުއްޓުވުމުގެ ކުރިން އަޅުގަނޑު އެއްޗެއް ދަންނަވައިލަން ބޭނުން........"

އަބުއުބައިދާ: " ބުނޭ..."

އީސާއީ: "ހުރިިހާ ނަބީބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގައިވެސް ވަނީ މީސްތަކުންނަށް އޯގާތެރިނުވާ ބަޔަކަށް މާތް ރަސްކަލާގެ އޯގާތެރިވެ ވޮޑިނުގަންނަވާނެކަމުގައި. މާތްރަސްކަލާގެ އެންމެ ލޯބިވެ ވޮޑިގެންވާ ބަޔަކީ މީސްތަކުންނަށް އޯގާވެ ރަހުމްކުރާ މީހުންނާއި ކުރެވޭ ކުށްތަކަށް މާފުކުރާ މީހުންނަށް...."

އަބޫއުބައިދާ:" ތިއީ ތެދެއް. މާތް ﷲ ވަހީކުރައްވަނީ.. إن الله يحب المحسنين "

ޔޫނުސްގެ އެކުވެރިޔާ:" ވީއިރު ތި ބޭފުޅުން އެ ހުކުމްފުޅު ގަބޫލު ނުކުރައްވަނީ ކީއްވެތަ؟އަޅުގަނޑުމެން މިއައީ ސުލްހަވާން. ވީއިރު އަޅުގަނޑުމެންގެ ހުށަހެޅުން އަނބުރާ ރައްދުކުރައްވަނީ ކީއްވެތޯ "

އެ ޖުމްލައިގެ އަޑު އިވިފާ އަބޫއުބައިދާ ގެ ފިޔަވަޅުތައް ހުއްޓުނެެވެ. އެ މަންޒަރު ފެނި ޒިރާރުގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. ރޫމީންނާއި ސުލްހަވާކަށް ވަގުތެއް ނެތެވެ.

"އީސާއީން ދައްކާ ވާހަކަތަކާމެދު އަޅާލާނެކަމެއްނެތް. އަޅުގަނޑުމެންނަށް މިމީހުންނާ ސުލްހަ ވެވޭނީ ކިހިނެއްތޯ؟ އެމީހުންގެ ވެރިޔާ އެހެރީ އަޅުގަނޑުމެންގެ އަޚުންނާއި ހަގުރާމައަށް ނުކުމެ..."

ޚާލިދު:" ނަމަވެސް އަޅުގަނޑަށް ފެންނަގޮތަކީ ސުލްހަވުން. އޭރުން ޔޫގަންނާއަށް މިމީހުން މަދަދެއް ނުކުރާނެ. ވީއިރު ލަޝްކަރު ކޮންމެވެސް ވަރަކަށް ބަލިކަށިވާނެ."

މުޖާހިދެއް: "އެކަމަކު އޭރުން އީސާއީންގެ ޖާސޫސުން ލަޝްކަރުގެ ތެރެއަށް އަންނާނެ. ޖާސޫސްކުރަން ފަށާނެ.."

ޒިރާރު: " އެހެން ހަދައިފިއްޔާ ސުލްހައިގެ އެއްބަސްވުން ނިމިދާނެ..."

އަބޫއުބައިދާއަށްވެސް ފެނިވަޑައިގެންނެވީ ސުލްހަވުމަށެވެ. ގަންސްރޭންގެ ވެރިން ދިންފަދައިން ދިހަ ލައްކަ ރުފިޔާދޭން ހުށަހެޅުމުން އެމީހުން އެދުނީ ފަސްލައްކައަށް ކުޑަކޮށްދިނުމަށެވެ. ގަންސްރޭންގެ މީހުންހާ އެމީހުން މުއްސަންޖެއް ނޫނެވެ. ސުލްހަނާމާގައި އެހެންމީހުންނާއި ޚިލާފަށްހަލަބުގެ ޝަހަރުވެރިންނަށް އިތުރު ޝަރުތުތަކެއް ވިއެވެ. އެއީ އީސާއީން ޔޫގަންނާއަށް މަދަދުނުކުރުމަށާޔޫގަންނާގެ ލަޝްކަރުގެ ޚަބަރުތައް މުސްލިމުންނަށް ގެނެސްދިނުމާ ހަގުރާމައިގެ ވަގުތުގައި މުސްލިމުންނަށް ކާބޯތަކެތި ހަމަޖައްސާދިނުމެވެ. ސުލްހަ ނާމާގެ ދެކޮޕީ ތައްޔާރުކޮށް ނިމުނުތަނާ އީސާއީން އަސްމަތީގައި ހުރި ރަނާރިހީގެ ކޮތަޅުތައް ހިފައިގެން އައެވެ. އެތަކެތި ކިރުމަށްފަހު އެއްކޮޕީ އަރަބީންގެ ފަރާތުން ސޮއިކޮށްފާ ޔޫނުސްއާއި ހަވާލުކުރެވުނެވެ. އަނެއް ކޮޕީގައި ޔޫނުސްއާއި އެކުވެރިން ސޮއިކޮށްފައި މުސްލިމް ލަޝްކަރާއި ހަވާލުކުރިއެވެ. މުސްލިމުންނާއި ހަލަބުގެ ޝަހަރުގެ މީހުން ސުލްހަވީއެވެ. ޔޫނުސް އާއި އެކުވެރިން އެތަނުން ދަތުރު ފެށީ ނިކަން ހިތްހަމަޖެހިފައި ތިބެއެވެ.

***

ޒައިތޫން ގަނޑުވަރުގެ ކޮޓަރިކޮޅެއްގައި އިންނަވަނިކޮށް ލޫސީ ވަނެވެ.

"މަންމާ. ބޭބެ ހަތިޔާރުތަކާއިގެން އަހުގައި ދަތުރުކޮށްފި.........." ލޫސީ ދިން ޚަބަރަކުން ޒައިތޫނަށް ތެދުވެވިއްޖެއެވެ.

"ދަރިފުޅު ގާތު އެއްޗެކޭ ބުނިތަ؟ އެވާނީ ޝިކާރަކުރަން ދިޔައީ ކަމަށް..." ޒައިތޫން ކުޑަކޮށް ހީލިއެވެ.

"ނޫން ބައްޕަގެ އަރިހަށޭ ކިޔާފައި....."

ޒައިތޫންގެ މޫނަށް އަނދިރިވެ ހުރިތަނަށް ތިރިވިތަން ފެނި ލޫސީ ޚާދިމާއިންނަށް ގޮވަން ފެށިއެވެ. އެންމެންވެގެން ޒައިތޫން ނަގައިގެންގޮސް އެނދުގައި ބޭއްވިއެވެ. ލޫސީ އޭނަގެ މަންމަގެ މޫނުގައި ފިނިފެން އުނގުޅަންފެށުމުން ދެލޯ ހުޅުވާލިއިރު ލޯ ފެނިފައިވަނީ ކަރުނުންނެވެ.

"މަންމަ އެވަރަށް ބުނީމޭ އެ އަދާވަތްތެރިންނާއި މުގާބަލާ ކުރަން ނުދާށޭ. މުސްލިމުންނަކީ އަނިޔާވެރި މުރުވައްތެރިކަމެއް ނެތް ނުލަފާ ބަޔެއް. އެމީހުންގެ އަތްދަށުވާ އެއްވެސް މީހަކަށް ރަހުމެއް ނުކުރާނެ. މަންމަގެ ދަރި...އަނބުރާ އަންނާނެކަމެއްވެސް ނޭގޭ" ޒައިތޫން ހިތްވަރުކޮށްފައި އެނދުން ތެދުވުނެވެ.

"ނޫން މަންމާ. ކްރައިސްޓްގެ އޯގާތެރިކަމުން ބައްޕާފުޅަށް ނަސްރު ލިބޭނެ އަދި ބައްޕަ ފަޚުރުވެރިވާފަދަ ހަގުރާމަވެރިޔަކަށް ބޭބެވެސް ވާނެ. ރަސްކަލެއްގެ ދަރިއަކު އަދި މުސްތަގުބަލުގެ ރަސްގެފާނުވާން ޖެހޭނީ އެފަދަ ހިތްވަރުގަދަ ޖެހިލުން ކުޑަ ބަތަލަކަށްކަން މަންމައަށްވެސް އެނގިލައްވާނެ. ބޭބެއަކީ މިއާއިލާގެ ޝަރަފް..." ލޫސީ މަންމައަށް ހިތްވަރުދިނެވެ.

"ތިކަން މަންމައަށް އެނގޭ. އެއީ މަންމަގެ ސިންގާ. އެކަމަކު މަންމަ ބޭނުންވީ ދާނިޔަލް މީހަކާއި އިނދެގެން ފިރިހެނެއްގެ ގޮތުގައި ހުރެ އެހިސާބަށް ދިޔުން..މަންމަ އެބަހުރި ދާނިޔަލްއާއި އެކަށީގެންވާވަރުގެ ބައިވެރިޔަކު ހޯދާފައި..."

"މަންމާ އެއީ ކާކުތޯ؟ " ލޫސީ ޝައުގުވެރިވިއެވެ. މަރިޔަމްގެ ނަން ސިކުނޑީގެ ކަނެއްގައި ފިޔަޖަހައިލުމުން ބިރު

ކޮމެންޓް 0