ޚަޒާނާއެއް ހޯދަން...." ލާވަން ތެދުވެ އުފާވެރިގޮތަކަށް ހީލަމުން ބުނެލިއެވެ. އެންމެނަށްވެސް މިހާރު ލާވަން ހުރީ ބުއްދިގޯސްވެފައި ކަން ޔަގީންވިއެވެ. އެދައްކަނީ ކޮން ބަހާރު ވާދީއެއްގެ ވާހަކައެއްހެއްޔެވެ؟ ލޫސީ ޚަޒާނާއެއް ހޯދަން ދާންވީ ކީއްކުރަންހެއްޔެވެ؟ އެހެން މީހަކަށް އެނގޭ ވާދީއެއް ނޫނީ ޚަޒާނާއެއް ނޫނެވެ. އެކަކުވެސް އަޑުއެހި ވާދީއެއް ނޫނެވެ. މިހިސާބުގައި އެނަން ކިޔާ ވާދީއެއް އޮތްނަމަ އެމީހުންނަށްވެސް އެނގޭނެއެވެ. އެންމެން ލާވަންއަށް ބަލަންފެށީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ދާނިޔާލް ގޮސް ލާވަންގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"ލާވަން ހުވަފެނެެއް ފެނުނީތަ؟ މޭޒުގައި ބޯ އަޅާލައިގެން އޮތްވާ ކުޑަކޮށް ނިދުނީ. މަރިޔަމް ލާވަންއަށް ސައިތަށްޓެއް ގެނެސްދޭން ޚާދިމާއަކަށް އަންގާދީފާނަންތަ؟ " ދާނިޔަލް މަރިޔަމްއަށް ބަލާލިއިރު އެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރުތަކެވެ.

"ލައްބަ އަޅުގަނޑު މިއަންނަނީ.." މަރިޔަމް އަދަބު އަދާކޮށްފައި ފަރިގޮތަކަށް ހިނގާފައި ނުކުތެވެ

"ދާނިޔަލް. އަޅުގަނޑަށް ހުވަފެނެއް ފެނުނީއެއް ނޫން. އަޅުގަނޑަށް މި ޑައިރީ ފެނުނީމަ ނުބަލަން ވަރަށް މަސައްކަތްކުރިން. ނަމަވެސް މިފޮތް މިތާ ކުރިން ނޯންނާތީ ހިތަށް އެރީ ލޫސީ އެއްޗެއް ލިޔުއްވާފާނެއޭ. މި ބައްލަވާ.." ލާވަން ފޮތް ދިއްކޮށްލީ ޒައިތޫންގެ އަތަށެވެ. ޒައިތޫންއާއި ދާނިޔަލް އޭގައި ހުރި މެސެޖް ކިޔާލުމަށްފަހު އެކަކު އަނެކަކަށް ބަލައިލީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ.

"ކޮންތާކު އޮންނަ ބަހާރު ވާދީއެއްތަ؟ "

"އެހެން ކިޔާ ތަނެއް މިހިސާބުގައި ނޯންނަނީތޯ؟ " ލާވަން ކަންބޮޑުވިއެވެ.

"އަޅުގަނޑުމެން އަޑުނާހަން. ލޫސީ އެހާ މޮޔަކަމެއް ކުރީ ކީއްވެތަ؟ އެހާ ފަސޭހައިން މީހުންނަށް އިތުބާރުކުރާ ކުއްޖެއްވެސް ނޫން. އެކަމަކު އެހެން މީހަކަށް އަންގާލުމެއްނެތި ނުދަންނަ މީހަކާއެކީ އެހާ ދުރު ތަނަކަށް ދިޔައީ ކީކޭ ކިޔައިގެން ކަމެއްވެސް ނޭގޭ. މާތްރަސްކަލާގެ އެކުއްޖާއަށް މިއަޅާގެ ދަރިފުޅަށް ދެރަގޮތެއް މެދުވެރި ނުކުރައްވާށި..." ޒައިތޫން ދެލޯ ފޮހެލިއެވެ. އޭރު ޚާދިމާއަކު ސައި ގެނެސް މޭޒުމަތީ ބަހައްޓައިފިއެވެ. އެންމެން ސައިބޯންފެށީ ފިނިކަން ކަނޑުވައިލުމަށެވެ.

"މަރިޔަމް މިލިޔުން ކިޔާބަލަ." ޒައިތޫން ވިދާޅުވިއެވެ.

"ވަރަށް އުފާވެއްޖެ. ލޫސީ ހުންނެވިތަން އެނގިއްޖެ. މިއަށް ވުރެ ބޮޑު އުފަލެއް ނުލިބޭނެ." މަރިޔަމް އަށް ހެވިއްޖެއެވެ.

"ބަހާރުވާދީގެ ވާހަކަ ލޫސީ ދައްކާތަ؟" ޒައިތޫން ސުވާލުކުރެއްވިއެވެ.

"ނޫން އަޅުގަނޑަކަށް ނޭގޭ. ލޫސީ ދުވަހަކު ބަހާރުވާދީ އަދި ޚަޒާނާއެއްގެ ވާހަކަވެސް ނުދައްކާ...." މަރިޔަމް ކަންބޮޑުވެގެން އިނގިލީގައި ދައިގަތެވެ.

"ސާޖީއެއް ދަންނަންތަ؟ ސިފައިންގެ ތެރޭ އުޅޭ މީހެއް.."

"ނޫން ސާހިބުކަމަނާ. އަޅުގަނޑު ނުދަންނަން. " މަރިޔަމް ބުނެލިއެވެ.

"ލޫސީ އެންމެ ގާތް ސިއްރުވެރިޔާއަށްވެސް ނާންގާ ލޫސީ އެ ދިޔައީ ތިޔައީ ނުރައްކާތެރިކަމުން ފުރިފައިވާ ކަމެއް. ރަސްގެފާނު އަދިވެސް ވަޑައިނުގަންނަވާ...." ޒައިތޫންގެ ލޯފުޅު ރުމާލުން ފޮހެލެއްވިއެވެ.

"މަންމާ. ލޫސީ އަރަބިންނާއިހެދި ލަސްވެދާނެ ވާހަކަ ލިޔެފައި އެބައޮތް. އަޅުގަނޑުމެން އުއްމީދު ކަނޑާލައިގެން ނުވާނެ. ކޮއްކޮ އެނބުރި އަންނާނެ.." ދާނިޔަލް އޭނަގެ މަންމައަށް ހިތްވަރުދިނެވެ.

***

ޔޫގަންނާއަކީ ހިތްވަރުގަދަ ރަސްކަލަކަށްވެފައި އެންމެން އޭނަދެކެ ޖެހިލުންވެ އިހުތިރާމް ކުރާ ޝަޚުސިއްޔަތަކެވެ. ކިތަންމެ ބޮޑު މުސީބާތެއްޖެހުނަސް އެކަމާއި ހާސްވެ ކަންބޮޑުވުމަކީ އޭނަގެ ތަަބީއަތު ތަންދޭ ކަމެއްނޫނެވެ. ނަމަވެސް މިއަދު އޭނަވަނީ ހިތާމައިގެ ކަނޑެއްގައި ޣަރަގުވާން ތައްޔާރުވެފައެވެ. ލޯބިވާ ކޮއްކޮ އަވަހާރަވުމާއި އަރަބިންނާއި ކުރަން ޖެހިފައިވާ ދަތިއުދަގޫ ހަގުރާމަ ކިއްލާ ހިސާރަކުރުން އަދި އެންމެފަހުން ލޯބިވާ ދަރިކަނބަލުން ލޫސީ ގެއްލުން ވެގެން ދިޔައީ އޭނަަފަދަ ވަރުގަދަ ރަސްކަލަކަށްވެސް ކެތްނުކުރެވޭފަދަ ބޮޑު ހިތާމައަކަށެވެ. ޔޫހަންނާ ވިދާޅުވިފަދައިން ހަލާކުވެ ވަގުތު ކުޑަތަންވާކަމުގެ އިހުސާސްތައް އޭނަ ވަށާލައިފިއެވެ.

ރަސްގެފާނަށް ފުރަތަމަ ޔަގީންކުރެވިފައި އޮތީ އަރަބިން ބަލިކޮށްލުން ފަސޭހަވާނެކަމަށެވެ. ނަމަވެސް އެހެން ރޫމީންނަށް ދިމާވިފަދަ ބިރުވެރި ތަޖުރިބާކުރެވި އަރަބިންނާއިމެދު ކުރެވުނީ ކުށްހީއެއްކަން ޔަގީންވެއްޖެއެވެ. އަރަބިން ކިއްލާ ހިސާރަކުރުމާއެކު ހަލަބުގެ ޝަހަރުވެސް އެވަނީ އޭނަގެ އަތްދަށުންގޮސްފައެވެ. އެރަށުގެ ރައްޔިތުންވަނީ މުސްލިމުންނާ ސުލްހަވެފައެވެ. އޭނަގެ ލަޝްކަރުގެ ފިޑިކަމާއިއެކު ނުކުމެ އަރަބިންނާއި މުގާބަލާ ކުރާނެ ހިތްވަރެއްނެތެވެ. ނަމަވެސް މުސްލިމުންނާއި ސުލްހަވުމަކީ އޭނަގެ އިއްޒަތާ ގަދަރަށް ކުޑަމީސްވާނެކަމެއްކަމަށް ގަބޫލުކޮށް އެ ޚިޔާލު އެއްފަރާތްކޮށްލީއެވެ. އޭނަ އެންމެ ފަހު ނޭވައާއި ޖެހެންދެން މުސްލިމުންނާއި ސުލްހައެއް ނުވާން އަމިއްލަ ނަފުސަށް ވައުދުވިއެވެ. ދެން މިހާރު މިއޮތީ އަނެއް ތޫފާން ކުރިމަތިވެފައވެެ. ލޯބިވާ ދަރިފުޅު ވީނުވީއެއް ނޭގި ގެއްލުނީއެވެ. ލޫސީ ގެއްލުމުން ހުރިހާ ސިފައިންނަށް އަންގައިގެން މުޅި ކިއްލާ ހޯދާ ބެލިއިރުވެސް ލޫސީ ނެތްކަން ޔަގީންވިއެވެ. އެންމެފަހުން ނާކާމިޔާބުވެ އަނބުރާ ގަނޑުވަަރަށް ވަޑައިގެންނެވިއެވެ. އޭރު އޭނަގެ މޫނުފުޅު މިލާފައިވާ އިރު އެތައް ޒަމާނެއްވާންދެން އާލާސްކަންފުޅާއި އުޅުއްވާފައި ތެދުވެ ވަޑައިގެން އުޅުއްވާފަދައެވެ. ދެލޯ ފުޅުގައި ތެތްކަމެެވެ.

ލޫސީގެ ކޮޓަރިތެރޭގައި ޒައިތޫން ދާނިޔާލް ލާވަން އަދި މަރިޔަމް އިށީދެލައިގެން ތިއްބެވެ. ރަސްގެފާނު ފެނިވަޑައިގަތުމުން އެންމެން ތެދުވެ އަދަބު އަދާކުރިއެވެ.

"އަޅުގަނޑުމެންގެ ދަރިފުޅުގެ ޚަބަރެއް ވެއްޖެތޯ؟ " ޒައިތޫން ސުވާލުކުރެއްވިއެވެ.

"ނޫން. އަދި ނުވޭ. މުޅި ކިއްލާގައި ނުހޯދާ އެންމެ ތަންކޮޅެއްވެސް ނެތް. ކިއްލާގައި ލޫސީނެތް. އެހެންނޫންނަމަ މިވަރަށް މަސައްކަތްކުރިއިރު އެދަރިފުޅަށް ފިލައިގެން ހުރުމަކީ އެކަށީގެންވާކަމެއްނޫން. އަރަބިންނާހެދި ޝަހަރުތަންތަނާއި ހަމަޔަށް ދެވުމަކީ އެކަށީގެންވާކަމެއް ނޫން..ވީ ގޮތެއް ވިސްނުމަކަށްވެސް ނާދޭ. ކޯރުތަކާއި ފެންގަނޑުތައްވެސް ހޯދައިފިން......." ޔޫގަންނާ މާޔޫސްވެފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ.

"މަނިކުފާނުގެ ހާލުކޮޅު ފެނި ހިތަށް މާ ބޮޑަށް އަސަރުކޮށްފި." ޒައިތޫނު ވިދާޅުވިއެވެ.

" ހާލު ބޮޑުނުވާންވީ ކީއްވެ މަލަކާ. ލޫސީ ގެއްލުމުގެ ހިތާމަ މުޅިން މާޔޫސްކޮށްލައިފި. ޔޫހަންނާގެ ނަސޭހަތް ގަބޫލުކުރެވުނުނަމަ...."

"ބަހާރުވާދީއަކީ ކޮންތާކު އޮންނަ ވާދީއެއްތޯ؟ " ޒައިތޫން އުއްމީދުން ފުރިގެންވާގޮތަކަށް ޔޫގަންނާގެ މޫނަށް ބައްލަވާލެއްވިއެވެ.

"ނޫން. ދަންނަ ތަނެއްނޫން. ޔަގީނުންވެސް މި ހިސާބަކު އޮންނަތަނެއްނޫން. ކިހިނެއްވީ މަލަކާ.." ޔޫގަންނާގެ އެ ޖަވާބުން ޒައިތޫންގެ މޫނުފުޅުގެ ކުލަ ފަނޑުވުމާއެކު ލޮލުން ކަރުނައިގެ އަސަރު ފައުޅުވެއްޖެއެވެ. ޒައިތޫން ދިއްކޮށްލެއްވީ ލޫސީގެ ޑައިރީއެވެ.

"މިއޮތީ ލޫސީ ދަމުން ލިޔުނު ސިޓީ....."

ޔޫގަންނާ އެ ލިޔުންކޮޅު ކިޔާލުމާއެކު ކޯފާގެ އަސަރުތައް މޫނުގައި ހިގާލައިފިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ކުރުކާލި ކަނޑާލައްވަމުން ގޮސް ކިޑިކީއިން ބޭރަށް ނަޒަރު ހުއްޓަވާލެއްވިއެވެ.

"އޭނައަށް ކިޔަނީ ސާޖިސް. ވަރަށް މަކަރުވެރި ކެހިވެރި މީހެއް. ހީލަތްތެރިއެއް. އޭނަ ލޫސީގެ ބޮލަށްވަދެ ހައްލާލައިގެން އެ ގެންދިޔައީ. ނުބައި ނުލަފާމީހެއް. މިތާގައި ބަހާރުވާދީއެއް ނޯންނާނެ. ލޫސީވެސް އަދި ބީރައްޓެއްސެއްގެ ވާހަކަ ގަބޫލު ކުރީ ކީއްވެބާ. ތިޔަ މީހާ އުޅޭތޯ އެންމެ ކުރިން ބަލަންވީ. މަރިޔަމް ނިކަން އަަވަހަށް ބޮޑުބޭބެ ގާތަށްގޮސް އޭނަ ވީތަނެއް އޮޅުން ފިލުވައިގެން އާދޭ. އޭނަ ހުރި ތަނަކާ ނެތިއްޔާ ނެތީ ކިހާއިރެއްވަންދެން ކަމާއި އޭނަގެ ހުރިހާ ޚަބަރެއް އޮޅުން ފިލުވާ..."

"ލައްބަ ސާހިބާ.." މަރިޔަމް ބޯ ގުދުކޮށްލާފައި މޭގައި އަތް ޖައްސާލިއެވެ. އަދި ރާސްލާފައި ދުއްވައިގަތީ އޭނައާއި ހަވާލުވެވުނު މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށެވެ.

"ބައްޕާފުޅާ. ލޫސީ އަކީ އެހާމޮޔަ ކުއްޖެއްނޫން. އެހާ ފަސޭހައިން ނުހެއްލޭނެ. ހީވާގޮތުން ބޮޑުބޭބެ ކޮންމެވެސް ވަސިއްޔަތެއް ކުރީ. އެފަދަ ލިޔުމެއް ނޫނީ ވަސިއްޔަތެއް ފެނޭތޯ ބަލައިލަންވީ ކަންނޭގޭ..." ދާނިޔަލް މޭޒުގެ ވައްގަނޑު ހުޅުވައިލިއެވެ. އެންމެންވެގެން ހޯދުމުންވެސް ފެނުނީ ކިޔަވަންގެންގުޅޭ އިލްމީ ފޮތްތަކާއި ދީނީ ފޮތްތަކެވެ. އެބުނާފަދަ ވަސިއްޔަތެއް އަދި ސިޓީއެއްވެސް ނުފެނުނެވެ. އަލަމާރި ހުޅުވަން ބަލައިލިއިރު ތަޅުލާފައި ހުރުމުން ދެން ޖެހުނީ ތަޅުދަނޑިއެއް ހޯދާށެވެ. އެހެން އުޅެނިކޮށް ތަޅުދަނޑިފަތްޗެއް ފެނުނެވެ. ނަމަވެސް ތަޅަށް ހެޔޮވަރުގެ އެއްވެސް ތަޅުދަނޑިއެއް އޮތްކަމަކަށް ނުވިއެވެ. ލާވަން އެތަން މިތަން ހާވަނިކޮށް ކުޑަ ތަޅުދަނޑިއެއް ފެނުމުން ޔޫގަންނާގެ އަތްޕުޅަށް ދެއްވައިފިއެވެ. ނިކަން ފަސޭހައިން ދޮރު ހުޅުވުނެވެ. އެންމެ ފުރަތަމަވެސް ނަޒަރު ހުއްޓިވަޑައިގަތީ ރަތްކުލައިގެ ފަށަކުން ބަދެފައިވާ ކަރުދާސްބޮނޑިއަކަށެވެ. އެ ހުޅުވާލައިގެން ބައްލަވަމުން ދިޔައިރު އޭނަ ކީރިތިކުރައްވަމުން ގެންދަވާތަން ފެނުމުން އެންމެނަށް އަސަރުކޮށް ހިމޭންވެ ބަލަހައްޓައިގެން ތިއްބެވެ. ޔޫގަންނާ އެކަރުދާބޮނޑީގައި ބޮސްދެއްވިއެވެ.

"ތިއީ ކޯންޗެއްތޯ؟ " ޒައިތޫން އެއްސެވިއެވެ.

"މިއީ ޔޫހަންނާގެ ވަސިއްޔަތް ނާމާ..."

"އެކަމަކު ތި ލޫސީއަށް ލިބުނީ ކިހިނެއްތޯ؟ " ޒައިތޫން ހައިރާންފުޅުވިއެވެ.

"ކޮއްކޮ އަވަހާރަވާނެކަމަށް ކުރިއްސުރެ ޝައްކުވެ ވަސިއްޔަތްކޮށް ލޫސީއާއި ހަވާލުކުރީހެން ހީވަނީ.." ޔޫގަންނާ ވިދާޅުވިއެވެ.

"ދަނިޔަލްއަށް ނުދެއްވީ ކީއްވެތޯ؟ އޭނައަކީވެސް ޔޫހަންނާގެ ބޮޑުބޭބެ ދަރިއެއް ނޫންތޯ؟ "ޒައިތޫން ވިދާޅުވިއެވެ.

"ދާނިޔަލްއަށްވުރެ ލޫސީ އޭނަގެ ބޮޑުބޭބެއައިހެދި މާ ބޮޑަށް އުޅޭ. އެހެންވެކަމަށް ވާނީ. އަހަންނަށްވެސް ތި ސުވާލުގެ ޖަވާބެއް ނޭގޭ........"

"އަޅުގަނޑުމެންނަށް ބަލައިލެވިދާނެތޯ؟ " ޒައިތޫން ޝައުގެވެރިކަމާއެކު އަތްޕުޅު ދިއްކޮށްލެއްވުމުން ޔޫގަންނާ މަޑުމަޑުން އަތްދުރުކޮށްލެއްވިއެވެ. އަދި ކަރުދާސްބޮނޑި އިހުއޮތްގޮތަށް ހައްދަވާފައި އަލަމާރިތެރޭގައި ބޭއްވިއެވެ.

"މީގައި މިހިރީ ލޫސީއައި ބެހޭ ވާހަކަތައް އެކަނި....."

"ބަހާރުވާދީގެ ވާހަކަ އެބައޮތްތޯ؟ "

"އެބައޮތް. ހަލަބުކައިރީގައި އޮންނަ ވަރަށް ރީތި ހިތްފަސޭހަ ވާދީއެއްކަމުގައި ވަނީ. އަހަންނަށްވެސް ނޭގޭކަމެއް ކޮއްކޮއަށް އެނގުނުގޮތެއްވެސް ނޭގޭ.. އަޅުގަނޑު ހީކުރިވަރަށްވުރެ ކޮއްކޮގެ ވިސްނުން ތަނަވަސް. ޚަޒާނާއެއްގެ ވާހަކަ އޮތީމަ އެކަން ޔަގީންވީ........." ޔޫގަންނާ ހިތާމައާއެކުވެސް ހިނިފުޅުވަޑުވައިލެއްވިއެވެ.

"ސާޖިސްގެ ވާހަކަ އެބައޮތްތޯ؟ "

"ނެތް..."

"އެހެންވިއްޔާ ލޫސީ އެމީހާއާއެކު ދިޔުމުގެ މަގުސަދަކީ ކޮބާ. އަޅުގަނޑު ހާދަ ބިރެއް އެބަގަނެޔޭ. އެނުލަފާ މީހާގެ ނުބައި ނިޔަތް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެ.." ޒައިތޫން ދެއަތް މައްޗަށް އުފުލާލާފައި ދުޢާކުރިއެވެ.

"ތިކަމާ ވަރަށް ހައިރާންވެއްޖެ. ލޫސީ އެހާ އަަވަހަށް މީހަކު ބުނާ އެއްޗެއް ގަބޫލެއްނުކުރާނެ.."

"ސާޖިސް ބޮޑުބޭބެއާއެކު ވަަރަށް ގިނައިން ފެނޭ. ޚަޒާނާއަށް މަގުދައްކާދޭން އޭނައާއި ހަވާލުކުރެއްވީ ކަމަށް ވެދާނެ..އެހެންވީމަ އަޅުގަނޑުމެން ކެތްތެރިކަމާއެކު އިންތިޒާރުކުރަންވީ..." ދާނިޔަލް އިސްޖަހާލައިގެން ޚިޔާލުގެ ކަނޑަކަށް ގެއްލިފައި އިނެވެ. ލާވަންވެސް އިނީ އިންތިހާއަށް ދެރަވެ އިސްޖެހިފައެވެ. ލޫސީ ސަލާމަތުން އެނބުރި އައުމަށް ދުޢާކުރެވުނު އަދަދެއްވެސް ނޭގެއެވެ.

މާގިނައިރުތަކެއް ނުވަނީސް މަރިޔަމްއާއެކު ކާރކަސް ދޮރުގެ ފަރުދާތައް ހިއްލާލާފައި ވަދެ އަދަބުވެރިވެލައިގެން ހުއްޓުނެވެ.

"ސާޖިސް ފެނިއްޖެތަ؟ "

ނޫން ސާހިބާ. އޭނަ އަކީފަސްވަނަ ގްރޫޕްގެ އޮފިސަރެއް. ކެޕްޓަން ބުނާގޮތުން ވިއްޔާ ރޭ ބޭރަށް ދިޔަގޮތަށް އޭނަގެ ޚަބަރެއްނުވޭ. "

"އެކަމަކު ސިފައިންގެ މީހަކު ގެއްލުނީމަ އަހަންނަށް ނޭގުނީ ކީއްވެ؟ "

"އޭނަ ގެއްލުނުކަމުގެ ރިޕޯޓު ރޭވެސް ހަނގުރާމައިގެ މަޙުކަމާއަށް ލިބިފައި އޮތްކަމަށްވަނީ. އަޅުގަނޑަށް ރޭ ގައިދަމޫން ފުރާތީ އެކަމާއި އުޅެންހަދައިގެން އެވާހަކަ ނުދެންނެވުނީ...." ކާރކަސް ބުނެލިއެވެ.

"ތިއީ ވަރަށް ދެރަކަމެއް. އެތަނުގައި ހިނގާ ކޮންމެ ހަރަކާތެއްގެ ރިޕޯޓު އަހަންނަށް ލިބެންޖެހޭނެ. އަރަބިން ކިއްލާ ހިސާރަކޮށްގެން ހަގުރާމައިގެ ހާލަތުގައި އޮތްވާ ފަރުވާކުޑަކޮށްލައިފިއްޔާ ވާނީ ކިހިނެއް؟ ސިފައިންގެ މީހަކަށް ނޫނީ ކޮމަންޑަރަކަށް ހެދޭ ކުޑަ ކުށަކީ އަހަރެމެންގެ ނިމުން ކަމަށްވެދާނެ. އެއިން މީހަކު އަރަބިން ކިއްލާއަށް ވެއްދުމަކީވެސް އެކަށީގެންވާކަމެއް. އެހެންވީމަ މީގެ ފަހުން ކިއްލާގެ ފާރަވެރިންނަށް އަންގަންވާނެ ވަރަށް ރަގަޅަށް ކިއްލާ ބަލަހައްޓަން. ސިފައިންގެ ތެރޭ ހިނގާ ކޮންމެ ކަމެއް އަހަންނަށް އެނގެންވާނެ." ޔޫގަންނާ އެންގެވިއެވެ.

އޭނައަކީ ކުރިން އާދައިގެ ކުދި ކުށްތަކުގައި މީހުންނަށް ބޮޑެތި އަދަބު ދެއްވާ ރަސްކަލެކެވެ. ހުކުމްތައް ތަންފީޒު ކުރުމުގެ ސަބަބުން ކުށަށް އަރައިގަންނަން މީހުން ފަސްޖެހެއެވެ. ނަމަވެސް ހަގުރާމައިގެ ހާލަތުގައި އޮތުމުންނާއި ކުރިމަތިވެފައިވާ މުސީބާތްތަކުގެ ސަބަބުން ޔޫގަންނާ ގެ ހިތްޕުޅު ކޮންމެވެސް ވަރަކަށް މަޑުވެ މީހުންނަށް މާފުދެއްވަން ފެއްޓެވީއެވެ. ފަހަރެއްގައި ސިފައިންގެ މީހަކަށް ނޫނީ އޮފިސަރަކަށް ކުށެއް ކުރެވުނަސް އެކަން ތަކުރާރުނުކުރަން ނަސޭހަތް ދެއްވަނީއެވެ. އޭނަގެ ތަބީއަތަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ އޭނައަށްވެސް ނޭގިއެވެ. ކާރކަސްވެސް ހުރީ ފިކުރުބޮޑުވެފައެވެ. އަމިއްލަ ކުށް ގަބޫލުކުރެވުނެވެ. ސާޖިސް ގެއްލުމަކީ އާދައިގެ ކަމެއްނޫންކަމަށް ހިތް ބުނަން ފެށިއެވެ. އޭނަ ލޫސީއާއި ބެހޭގޮތުން ރަސްގެފާނާއި ސުވާލުކުރަން އުޅެފައިވެސް އެފަދަ ހިތްވަރެއް ނުލިބުނެވެ. ރަސްގެފާނު ކޯފާ އިސްކުރައްވަފާނެތީ ބުއްދިވެރިގޮތަކަށް ފެނުނީ އަވަހަށް އެތަނުން ނުކުތުމެވެ. ކާރކަސް ސަލާމް ކޮށްފާ ސެލިއުޓް ނެގުމަށްފަހު އެތަނުން ނުކުމެގެން ދިޔައީއެވެ.

ލޫސީ ބަހާރުވާދީގައި ވާކަން އެނގުމުން އާއިލާއަށް ހަމަޖެހުމެއް ލިބުނެވެ. ޔޫގަންނާ އަންގަވައިގެން ޚާދިމާއިން ފަރިއްކޮޅު ގެނައުމުން ފަރިއްކޮޅަށް އިންސާފު ކުރެއްވުމަށްފަހު އިންތިޒާރުކުރަން ފެށީ ރޭގަނޑަށެވެ. މަޑުމަޑުންގޮސް އަވީގެ ކުލަ ރަން ކުލައަށް ބަދަލުވެ ކޮޓަރި ތެރެއަށް އަނިދިރިކަން ގަދަކޮށްލައިފިއެވެ. ޚާދިމާއިންތައް އަވަހަށް ބައްތިތައް ދިއްލާލައިފިއެވެ. އޭރުވެސް ޔޫގަންނާއާއި އާއިލާގެ ބޭފުޅުން ކޮޓަރިކޮޅުގައި ލޫސީގެ އިންތިޒާރުގައި ވަގުތުތައް ގުނަމުންދަނީއެވެ. ބަސް މަދެވެ. އެންމެން ފިކުރުގައެވެ.

"ހާދަ ލަސްއެބަވެއޭ..." އިރުއިރުކޮޅާ ޒައިތޫނަށް ފުން ނޭވާފުޅެއް ދޫކޮށްލެވެއެވެ.

"ކަންބޮޑުނުވޭ މަލަކާ. އަހަރެންގެ ހިތް ބުނަނީ ލޫސީ ސަލާމަތުން އެނބުރި އަންނާނެއޭ...." ޔޫގަންނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެވެސް ދުއާއަކީ އެއީ. ނަމަވެސް ހާދަ އިރެކޭ..."

ވަގުތުތައް ވޭތުވަމުން ދިޔަވަރަކަށް ހިތްތައް އަވަސްވެ ކަންބޮޑުވުމާއި ނުތަނަވަސްކަން އިތުރުވިއެވެ. ފަރުދާ ހެލިލިހެން ހީވިޔަސް ލޫސީ އަންނަނީކަމުގައި ހީވެ ބަލައިލެވެނީ އުއްމީދުގެ ނަޒަރަކުންނެވެ. ކިރިޔާ ފިޔަވަޅެއްގެ އަޑު އިވުނަސް ތެދުވެގެން ގޮސް ބަލައިލެވެއެވެ. ރޭގަނޑުގެ ވަގުތުތައް ވޭތުވަމުންގޮސް ތިންބައިކުޅަ އެއްބައި ވޭތުވިފަހުން އެންމެނަށް ލޫސީއަށް މުސީބާތަކާއި ކުރިމަތިވީކަމަށް ޝައްކު ކުރެވި ހިތްތައް ބިރުގަނެއްޖެއެވެ. އުއްމީދުގެ ހުޅުކޮޅުތައް ނިވޭގޮތްވިއެވެ.

"އަޅުގަނޑަށް ހީވަނީ ލޫސީއަށް ކޮންމެވެސް ކަމެއްވެއްޖެހެން..."

"އަހަންނަށްވެސް އެކަހަލަގޮތެއް ހީވެއްޖެ. އަންނާނެނަމަ އަންނަހާވަރުވެއްޖެ. އިންތިޒާރުވެސް ކުރެވިއްޖެ. މަރިޔަމް. ކާރކަސްގާތުން ސާޖިސްގެ ޚަބަރެއްވިތޯ ހަގުރާމައިގެ މަޙުކަމާއަށް ގޮސް އޮޅުން ފިލުވައިގެން އާދޭ.." ޔޫގަންނާގެ އަމުރުފުޅަށް މަރިޔަމް ދުއްްވައިގަތްްއިރު އޭނަަގެ ހިތްވެސް މަރުވާގޮތްވިއެވެ. ލޫސީއާމެދު އުއްމީދު ކުޑަވެއްޖެއެވެ.

"އަޅުގަނޑަށް ހީވަނީ ލޫސީގެ ޚަބަރު އޮޅުން ފިލުވަން ދެން ބަހާރުވާދީއަށް ދާންވީހެން.." ލާވަންއަށް ހިމޭނުން އިންނަން އުދަގޫވިއެވެ.

"މަރިޔަމް އަންނަން ދެން މަޑުކޮށްލަމާ..."

"އަޅުގަނޑަށް ހީވަނީ އޭނަ ކޮންމެވެސް މަކަރެއް ހަދައިގެން ލޫސީ ގެންގޮސް ހައްޔަރުކުރީހެން. އެހެންނޫނަމަ މިހާރު ކޮއްކޮ އަންނާނެހާއިރުވެއްޖެ.." ދާނިޔަލްވެސް ހިތާމަވެރި ގޮތަކަށް ބުނެލިއެވެ.

"އެދެމީހުންވާނީ ބަހާރުވާދީގައި. އަހަރެން އެތަނަށްގޮސް އޭނަ ހޯދާފައި އެކަށީގެންވާވަރުގެ ސަޒާއެއް ދޭނަން..." ޔޫގަންނާ ކޯފާވެފައި ވިދާޅުވިއެވެ. ޒައިތޫންގެ ހިތްޕުޅަށް ކެތްނުވެގެން ކަރުނަތައް އޮހިގަތެވެ. ޔޫގަންނާއަށްވެސް އަނބިކަނބަލުންގެ ކަރުނަތަކުން ހިތްޕުޅަށް އަސަރުކުރުމާއެކު ތަކުރާރުކޮށް އެދި ވަޑައިގެންނެވީ ހިތާމަ ނުކުރެއްވުމަށެވެ. ލޫސީއާއިމެދު އުއްމީދު ނުގެއްލުވާލުމަށެވެ. އުއްމީދަކީ ހަޔާތުގެ ކޮންމެ ކަމިޔާބެއްގެ ތަޅުދަނޑިކަމުގައި އޭނަ ވިދާޅުވިއެވެ. މާޔޫސްނުވެ އުއްމީދާއެކު އިޚުލާސްތެރި ނިޔަތެއްގައި ކޮށްފި މަސައްކަތުގެ ނަތީޖާ ފޮނިވާނެއެވެ. އެމީހުންނަށް ލޫސީ ފެންނާނެއެވެ. އޭނަ އޭނަގެ ދަރިކަނބަލުން ހޯއްދަވާނެކަމުގެ ޔަގީންކަން ދެއްވެވިއެވެ.

މަރިޔަމް ދުވަމުން އައިސް ކޮޓަރިއަށް ވަންއިރު އޭނަގެ މޫނުމަތި ވަނީ ފިނީގެ ސަބަބުން ރަތްވެފައެވެ. ސާލެއް ގައިގާ އޮޅާލައިގެން ހުރިއިރުވެސް ފިނިކަމުން ރޫ ރޫ އަޅައެވެ.

"ސާހިބާ...." މަރިޔަމް ބުނަން އުޅުނެވެ.

"ސާޖިސް ނާންނަނީތަ؟ "

"ނާދޭ..." މަރިޔަމްގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

ދާނިޔަލްއާއި މަރިޔަމްގެ ނަޒަރު ބައްދަލުވިއެވެ. ދާނިޔަލް ކުޑަކޮށް ބޯ ހޫރާލާފަ އެދުނީ ނުރޮއި ކެތްތެރިވުމަށެވެ. މަރިޔަމް އޭނަގެ އާފަލެއްފަދަ މޫނުގައިވާ ކަރުނަތައް ފޮހެލައިފިއެވެ.

"މަލަކާ. ހިތާމަ ނުކޮށް ކެތްކުރޭ. އަހަރެމެންގެ ދަރިފުޅު ހޯދަން ބަހާރުވާދީއަށް މިދަނީ. މަރިޔަމް އަަހަރެން އަންނަންދެން މަލަކާ ގާތު މަޑުކުރަން ވާނެ..." ޔޫގަންނާ މަލަކާގެ ނިތްކުރީގައި ބޮސްދެއްވުމަށްފަހު މަޑުމަޑުން ވާހަކަތަކެއް ދެއްކެވިއެވެ. ދާނިޔަލްއާއެކު ލާވަންވެސް ތެދުވެގެން ހިނގައިގަތުމުން ޔޫގަންނާ ބައްލަވައިލެއްވިއެވެ.

"ސާހިބާ. " ލާވަން ލަދުންހުރެފައިވެސް ގޮވައިލެއްވިއެވެ. އޭނަވެސް ރަސްގެފާނުދެކެ ބިރުގަނެއެވެ. ޖެހިލުންވެއެވެ. ހަތަރުކަޅި ހަމަކުރަންވެސް ފަސޭހައެއް ނޫނެވެ. އިތުރަށް އެއްޗެކޭ ބުނަންވެސް ނުކެރިފައި އިސްޖަހައިލެވުނީއެވެ.

"ލާވަންވެސް ވަޑައިގަންނަވަން ބޭނުންފުޅުވަނީ؟ " ޔޫގަންނާ ސުވާލުކުރެއްވިއެވެ.

"ލައްބަ އަމުރުފުޅު ދެއްވައިފިއްޔާ ދާން ބޭނުން.." ލާވަން ބުނެލިއެވެ.

"މިއޮތް ފިނިރޭ ބޭރަށް ނުކުތުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއްނޫން. ނަމަވެސް މަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުކަމަަށް ވަންޏާ ތައްޔާރު ވެ ވަޑައިގަންނަވާ. އަދި ބުރުޒަށް ވަޑައިގަންނަވާ..." ޔޫގަންނާ މިހެން ވިދާޅުވެފައި ދާނިޔަލް ގާތުވެސް އަންނާން އެންގެވިއެވެ. ގަނޑުވަރުން ބޭރަށް ނުކުތްއިރު ހަނދުވަރުގެ އަލިން ހުރިހާތަނެއްވަނީ ފެންވަރުވާލާފައެވެ. ބަގީޗާގެ ގަސްތަކުގައިވާ މާތަކުން ފަޒާގައި ހުވަދުލާފައެވެ. އެކަމުންވެސް ލިބުނު ހިތްހަަމަޖެހުމެއް ނެތެވެ. ލާވަން ބަރުވެފައިވާ ހިތަކާއެކު ހިނގައިގަތީ އޭނަ ދިރިއުޅެމުންދާ ގެއާއި ދިމާލަށެވެ.

"ޝެހެޒާދާ ލާވަން." މީހަކު ބާރަކަށް ގޮވައިލުމުން ލާވަން ބަލައިލިއެވެ.

"ތޫމާ. އަހަރެން މިދަނީ ރަސްގެފާނާއިއެކު ލޫސީ ހޯދަން ބަހާރުވާދީއަށް ދާން ތައްޔާރުވާން..."

"ބަހާރު ވާދީއަށޭ؟ " ތޫމާ ދެލޯ ބޮޑުކޮށްލިއެވެ.

"ނޭގޭ ޝަހަރު ކައިރީގައި ފަރުބަދަތަކުގެ ތެރޭ އޮތް ވާދީއެއްކަމަށްވަނީ... ލޫސީ އަށްޓަކާ ޔޫހަންނާ ދެއްވި ޚަޒާނާއެއް ބަލާ ދިޔަފަހުން ޚަބަރެއްނުވޭ" ލާވަން ކިޔާދިނެވެ.

"ރޭގަ އަޅުގަނޑުމެން ހިނގާފައި ދަނިކޮށް ކަޅުސާލެއް ލައިގެން ހުރި އަންހެނަކު ތީނު ގަސްތަކުގެ ތެރޭ ފިލާ ހުއްޓެއްނު. އެއީ އަނެއްކާ ލޫސީއަށް ވެދާނެބާ..." ތޫމާގެ އެ ޖުމްލައާއެކު ލާވަންގެ ހިތާއެކު މުޅި ހަށިގަނޑުވެސް ފިނިވެ ގަނޑުފެންކޮޅަކަށްވިއެވެ. ވިސްނާލުމާއެކު ހިތަށް ކުރި އަސަރަކުން ފެންކަޅިވިއެވެ. ތޫމާ އެހީކުރީ ރަގަޅަށެވެ. އެވާނީ ލޫސީކަމުގައެވެ.

"ތިބުނީ ހަމަ ތެދެއް ތޫމާ. އެވާނީ ލޫސީއަށް. ރޭގައި ބަލާލެވުނު ނަމަ ކިހާ ރަގަޅުވީސް. އަހަރެންގެ މޮޔަކަން...." ލާވަން ދެލޯ މަރައިލިއެވެ.

"އަޅުގަނޑު ރޭގަ ދެންނެވީމަވެސް މަނިކުފާނު މަޑުނުކުރައްވާ ވަޑައިގަތީ.."

"ލޫސީއާއިމެދު ވިސްނަން ހަދައިގެން ރޭގަ އެގޯސް ހެދުނީ. ކީއްކުރާނީ. މާތް ރަސްކަލާގެ މެދުވެރިކުރެއްވިގޮތް. ދެން އޮތްގޮތަކީ އެބުނާ ބަހާރުވާދީއަށްގޮސް މުޅި އެތަން އެފުށް މިފުށަށް ޖަހައިގެންވެސް އެބުނާ ސިފައިންގެ މަކަރުވެރި ކަލޭގެ ހޯދާފައި އަހަރެންގެ އަތުން އޭނަ ސަލީބަށް އެރުވުން. ހަމަ ތެދެއް މިބުނީ މަގޭ އަތުން އޭނަ މަރުވާނެ......" ލާވަން އުޅޭ ގެއާއި ހަމަޔަށް ފޯރުމުން އެތެރެއަށްވަދެ އަވަހަށް ހަގުރާމައިގެ ހެދުން އެޅިއެވެ. ދަހަނާތައް އަޅާ ކަނޑިއާއި ޚަންޖަރުވެސް ކަމަރަށް ޖެހިއެވެ. ކެހެރި ބޯ ސާލެއް ރަގަޅަށް ގައިގާ އޮޅައިލިއެވެ.

"ކަލޭ ދާނަންތަ؟ "

"އަޅުގަނޑު ވަރަށް ދާން ބޭނުން...." ތޫމާ އަވަހަށް ދެންނެވިއެވެ.

"އަރަބިން ކިއްލާ ހިސާރަކޮށްގެން ތިބީމަ ޝަހަރާއި ހަމަޔަށް ސަލާމަތުން ފޯރުމަކީ ފަސޭހަކަމަކަށް ނުވާނެ. ބައެއްފަހަރު ހިތަށް އަރަނީ އަރަބިންގެ އަތްދަށުގައި ލޫސީ ހައްޔަރުވީބާވައޭ. އެހެން ހިތަށް އެރިޔަސް ހިތް ހަލާކުވާވަރުވޭ. އަވަހަށް ތައްޔާރުވޭ. ފިނިރެއަކަށްވީމަ ސާލެއް ކޮންމެހެންވެސް ގެންދަންވާނެ. ފަރުބަދަތައް ހިސާބު ވަކިން ފިނިގަދަވާނެ،" ލާވަން ބުނެލިއެވެ. ލާވަން އެކީ ގެންދާ ވާހަކަ ބުނުމުން ތޫމާ ޝުކުރު އަދާކުރިއެވެ.

"އަޅުގަނޑުފަދަ ނިކަމެތި ޚާދިމާއެއް އެކީ ގެންދެވުމަކީ އަޅުގަނޑުގެ ނަސީބު ރަގަޅުކަން އެކަމާ ފަޚުރުވެރިވަން..." ތޫމާ ގުދުވެލަމުން ސަލާމް ކުރިއެވެ.

"ތިއީ ޚާދިމާއެއްނޫން އެކުވެރިއެއް. ކަލޭ ހަދާން އެހާ ބަލިތަ؟ "ލާވަން ސަމާސާކޮށްލިޔަސް އެތެރެފުށުން ހިތް ރޮނީއެވެ.

ލޫސީގެ ހާލާމެދު ނުވިސްނާ އެންމެ ސިކުންތުކޮޅެއްވެސް ފާއިތުވެގެން ދިޔަކަމުގައި ނުވެއެވެ.

އެއީ ފިނިކަން އިންތިހާއަށް ގަދަ ރެއެކެވެ. ފިނިވައިރޯޅިތައް ޖެހިލުމުން ދަތްދޮޅިތަކަށް ދާންދެން ރޫރޫ އަޅައެވެ. ބޯހެދުންތައް ލައިގެން ކެހެރި ސާލު ލައިގެން ތިބޭއިރުވެސް ކެތްވާވަރެއްނޫނެވެ. ވާހަކަދައްކާއިރު އަނގައިންނާ ނޭފަތުން ނުކުންނަ އާވިތައް ދުމުގެ ސިފައިގާ ފެންނަން ހުރެއެވެ. ލާވަންއާއި ތޫމާއަށް ބުރުޒާއި ހަމަޔަށް ފޯރިއިރު ޔޫގަންނާ ދާނިޔަލް ކާރކަސް އަދި އިތުރު ދިހަވަރަކަށް މަތީ އޮފިސަރުން ބައްތިތައް ހިފައިގެން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެމީހުން އައުމާއެކު ހިނގައިގަތީ ހޮހަޅަތައް ހުރި ދިމާލަށެވެ. ސިއްރު މަގު ކަޑައްތުކޮށް އެމީހުން ދާދި އަވަހަށް ކިއްލާއިން ބޭރަށް ނުކުތެވެ.

އޭރު ގަދަޔަށް ދުންފިނި ފައިބާފައިވުމުގެ ސަބަބުން ދުރު ފެންނަނީ ފުސްކޮށެވެ. ހަނދުވަރުގެ އަލި ތޫނު ނަމަވެސް ފިނިގަދަކަމާއެކު ދުންފިނި ބޯކަމުން ހުރިހާ ތަނެއް ފޮރުވާފައިވާފަދައެވެ. ދުރުން މުސްލިމުންގެ ލަޝްކަރުގެ އަލިފާންގަނޑުތައް ފެނެއެވެ. ވައިރޯޅިތަކާއެކު އަލިފާންގަނޑުތައް ހަރަކާތްކުރާ ތަން ފެނުމުންވެސް ބިރުވެރިކަން ހިތަށް ވަދެއެބެ. އެންމެން މަޑުމަޑުން ހިނގާފައި ގޮސް ހޮހަޅައަށް ވަދެ ބައްތިތައް ދިއްލާލައިފިއެވެ. ޔޫގަންނާ ހުންނެވީ އެންމެ ކުރީގައެވެ. ބިންގަރާސް ނިމޭ ހިސާބަށްގޮސް ފައި ކަނައަތްފަރާތުން ހިލަގަނޑެއްގެ މަތީ އޮތް ކަޅުކުލައިގެ އެއްޗެއް ފެނުމުން އެންމެން ހީކުރީ ޖަނަވާރެއްކަމަށެވެ. އެތަނުން ހިލަގަނޑެއް ދުރުކޮށްލުމަށްފަހު އެންމެންވެސް އެ ގުދުރަތީ ހިލައިގެ ކޮޓަރިފަަދަ ތަނުން ބަހާރުވާދީގެ ތެރެއަށް ވަދެއްޖެއެވެ. ވާދީގެ ތެރެއަށް ނުކުތުމާއެކު ގެންގުޅުނު ބާރަ ބައްތި ދިއްލާލައިފިއެވެ. ހަނދުވަރު ދީފައި އޮތް ނަމަވެސް ގަސްގަހާއި ހިލަތަކުގެ ދަށް އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާތީ ބައްތިތައް ދިއްލައިގެން ނޫނީ ނުހޯދޭނެއެވެ. އެމީހުން ހޮހަޅަތަކާއި ފެންގަނޑާއި ގަސްތަކާއި މޭބިަސްކަދުރު ވެޔޮތަކުގެ ދަަށަށް ދާންދެން ރަގަޅަށް ހޯދިއެވެ. ކޮންމެ ދެމީހަކު ގްރޫޕް ހަދާލާފައި ގޮސް މުޅި ވާދީތެރެ ފާސްކުރިއެވެ. ސާޖިސް އަދި ލޫސީގެ ހިލަމެއްނުވިއެވެ.

"ލޫސީ......." ދާނިޔަލް ބައްތިއަކުން އަލިކުރަމުން ކޮއްކޮއަށް ގޮވަން ފެށިއެވެ.

"ދަރިފުޅާ.." ޔޫގަންނާވެސް ދަރިފުޅު ފެނިވަޑައިނުގަތުމުން މާޔޫސްކަމާއެކު ލޫސީގެ ނަމުން އެތައް ފަހަރު ވިދާޅުވިއެވެ.

ދެތިންފަހަރު މުޅި ވާދީ ފާސްކުރުމުންވެސް އެދެމީހުންގެ ޚަބަރެއް ނުވުމުން ވާދީގައި ލޫސީމެން ނެތްކަން ޔަގީންވެ ވަޑައިގަތުމުން ޔޫގަންނާގެ ހިތްޕުޅު ހަލާކުވާވަރުވިއެވެ. އަރަބިންގެ އަތްދަށުގައި ވީތާއޭ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ފިނިގަދަކަމާއެކު އެންމެން ވަރުބަލިވާވަރަށް މަސައްކަތްކުރިއިރު ފަތިސްވުމުގެ އަސަރުތައް އުދަރެހުން ފައުޅުވާންފެށިއެވެ. ޔޫގަންނާ އަމުރުކުރެއްވީ އަނބުރާ ހަލަބަށް ދަތުރުކުރުމަށެވެ.

ލޫސީ ނުފެނުމުން ލާވަންގެ ހިތަށް ފުން އަސަރުތަކެއްކުރިއެވެ. އެތަނުން އެނބުރި ނުގޮސް ހުންނަން ހިތަށް އެރިއެވެ. ތޫމާކައިރީ އެހެން ބުނުމުން އޭނަ ވިސްނާދިނެވެ.

"ތިހެން ކަންތައް ކުރައްވަން ހަދައިގެން ބޭޒާރުވެދާނެ. ތިޔަ ލޯބީގެ ސިއްރު ފާޅުވާއިރު ރަސްގެފާނު ކޯފާވެގެން ކަނޑިން ގަތުލުކޮށްލަން ފަހެއްނުޖެހޭނެ. އެއީ ކޯފާގަދަ ބޭކަލެއް..." ތޫމާ ހަނދާންކޮށްދިނެވެ.

"ލޫސީ ނެތް ދުނިޔެއެއްގާ އަހަރެން ހުރުމުގެ ބޭނުމެއްނެތް. ރަސްގެފާނުގެ އަތުން ގަތުލުވުން ޝަރަފެއްކަމުގައި ދެކޭނަން."

"ތިއީ ހަމަ ލޯބީގެ ލާމަސީލު މިސާލެއް..." ތޫމާ ބުނެލިއެވެ.

ރޭގަނޑުގެ ފަހު ބައިކަމުން ހުރިހާ ވަގުތަކަށް ވުރެ ފިނިގަދައެވެ. ކޮންމެވެސް ވަރަކަށް ގަނޑުފެން ފައިބަން ފެށިއެވެ. ބައެއް ދިމާލުގައި މަޑުމަޑުން ހުދުކުލައިގެ ތުނި ސާލައެއް ލެވެންފެށިއެވެ. ބޯހެދުންތަކުގައި ތިބިއިރުވެސް ހީކަރުވައިގެން ރޫރޫއަޅަމުންދިޔައެވެ. ލާވަން ކިއްލާއާއި ވީދިމާލަށް ދަމުންވެސް ވަށައިގެން ހޯދަމުން ދިޔައީ ލޫސީ ފެނިލުމުގެ އުއްމީދުގައެވެ. ހޮހަޅައާއި ތަންކޮޅެއް ދުރުގައި ހިލަގަނޑުގެ މަތީގައި އޮތް ކަޅުކުލައިގެ އެއްޗެއް ފެނުމުން ރަގަޅަށް ބަލަންފެށިއެވެ.

ކޮމެންޓް 0