އަމިއްލައަށް އިސްވެ ދާން ނިންމި ދެމުޖާހިދުން ތެދުވުނުތަނާހެން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ހުރިހާ މުޖާހިދުން ހަތިޔާރުތަކާއިގެން ތެދުވުނެވެ. ދާމިސް އަތުލައިގެން ރޫމީން އެމީހުން ތިބިތަން ޔަގީންވެ ހޯދަން އަންނަނީކަން އެނގުނެވެ. ސިހުމެއް ލިބުނަސް އެމީހުން ތިބީ މަތްﷲގެ މަގުގައި ޝަހީދުވުމުގެ ނިޔަތް ގަނެގެން ހަގުރާމައަށް ދަހިވެތިވެފައެވެ. ކަނޑިތައް އުރައިން ދަމައިގަތުމުން އެތާ ތިބި ރޫމީންތައް ބިރުން ހަލާކުވާވަރުވިއެވެ.

އޭރު ހޮހަޅައިގާ ވާ އަލިފާންގަނޑުތައް ނިވި ތަނަށް އަނދިރިކަން ވެރިވެފައިވެއެވެ. ދުރުން އިވެމުން އައި ފިޔަވަޅުގެ އަޑު ކައިރިވުމުން މުޖާހިދަކު ސުވާލުކޮށްލިއެވެ.

"ތިއީ ކާކުތަ؟ " އެ އަޑު ހޮހަޅައިގެ ތެރޭ ގުގުމާލައިފިއެވެ.

"މިއީ ދާމިސް. ބާރަށް ވާހަކަ ނުދައްކައްޗޭ...." ދާމިސް މުޖާހިދުން ތިބި ހިސާބަށް އައީ އިތުރު ރޫމީންގެ މީހަކު ގޮވައިގެންނެވެ. އޭނަވެސް ހުރީ ބިރުން ރޫރޫ އަޅައެވެ. އަލިފާންގަނޑަށް ދަރު އެޅުމުން ރޯވެގަތް އަލިފާނުގެ އަލީގައި ދާމިސްފެނުމުން މުޖާހިދުން އުފާވެ އޭނަގެ ނިތްކުރީގައި ބޮސްދީ އުފާފައުޅުކުރިއެވެ.

"ހާދަ ލަހުން ތި ދުރުވީ؟ އަޅުގަނޑުމެން ވަރަށް ކަންބޮޑުވެ ދިގު އިންތިޒާރެއް ކުރަން ޖެހުނު. އުއްމީދު ކެނޑިގެން އެންމެފަހުން ދެ މުޖާހިދުން ޚަބަރު ބަލައިލަން ފޮނުވަން އުޅެނިކޮށް ތި ދުރުވީ. ޚަބަރަކީ ކޮބާތޯ؟ " މުޖާހިދަކު ސުވާލުކުރިއެވެ.

"މާތް ﷲ ހުރިހަ މުޖާހިދުންނަށް ރަހުމަތް ލައްވާށި. އަހަރެން މިއައީ ކިއްލާގެ ދޮރާށި ކައިރިއަށް ގޮސްފައި. ސިއްރިއްޔަތުގައި އެތާ ފިލާ ހުއްޓާ އެހެން ލާފައި ރޫމީންގެ މީހުން ދާތަން ފެނުނު. އެމީހުންގެ ބަހުރުވައިން އަނގަ ތަޅަމުން. އަރަބިބަސް ދަަންނަ މީހަކާއި ދިމާވޭތޯ ހުރުމުން އެމިހުންނާ އަޅާނުލީ. އެހެން ހުރެފައި މާޔޫސްވާން ފެށުމުން ދާން ހިނގައިގަތް ތަނާ ބާރު އަޑުފަށެއް އިވިގެން ތަހުގީގުކުރަން ދިޔައީ. މިމީހާ ފާރުމަތުން ފުންމައިލީމަ ޖެހުނުލެއް ބަރުކަމުން ހޭނެތުނު. ދެން ގައިގާ ހިފާ ތަޅުވާ ހަދަނިކޮށް ހޭއެރުމުން ގޮވައިގެން މިއައީ. ނަސީބު ދެރަކަމުން މީނައަކަށްވެސް އަރަބި ބަހެއްނޭގޭ. މިއެންމެން ބަލަހައްޓާ. އަދިވެސް ޚަބަރެއް ވޭތޯ ބަލާފައި އަންނާނަން. މިމީހުުންގެ ބަހުރުވަ އަދި ރާގުވެސް ހާދަ ހަޑިއޭ.. މަތްﷲ ލައުނަތް ލައްވާށި......" ދާމިސް އަނެއްކާވެސް ހިނގައިގަތެވެ. އެމީހާވެސް ވާހަކަދައްކަނީ ގްރީކް ބަހުންނެވެ. އޭނަގެ ނިތްކުރީގައި ފުން ޒަޚަމުން ލޭ އޮހެމުން ދިޔައެވެ. މުޖާހިދަކު ފަގުޑިން ތަންކޮޅެއް ކަނޑާފައި އޭނަގެ ޒަޚަމް ބަދެލަދިނުމުން ޝުކުރުވެރި ނަޒަރަކުން ބަލަން އިނެވެ.

"މީނަ ފުންމައިލަން ޖެހުނު ކޮންމެވެސް ސަބަބެއް އޮންނާނެތާ. އެކަމަކު މި ބަސް ނޭގޭކަން ދެރައީ. މިމީހުންގެ ބަހުރުވައާއި އަރަބި އެނގޭ މީހަކު ގޮވައިގެން މިފަހަރު އަންނާނީ..."

"މިފަހަރު މާ ލަސް ނުކުރައްވާތި. ކުރީފަހަރުވެސް އެންމެން ހާސްވާން ޖެހުނު..."

"މާތްﷲ އާއި ވަކީލުކޮށްގެން ތިބެން ޖެހޭނީ. ހަގުރާމައިގާ ނުރައްކާތެރި ހާލަތްތައްކުރިމަތި ވާނެ. ހާސްވެ ކަންބޮޑުވުން އެއްފަރާތްކޮށްލާފައި ބިރު ކުޑަކަމާއެކު މައިދާންގައި ފައިތިލަ ސާބިތުކުރުމުން ކާމިޔާބުވާނެ އިރާދަކުރެއްވިއްޔާ. އަހަރެން ނެތަސް ތިއިން ކޮންމެ ބޭކަލަކީ ފަހުލަވާނެއް. އާޚިރަތުގެ ސަވާބާއި ދަރުމަ ހޯދަން ޖިހާދު ކުރުމުގެ ފުރުސަތު މިއޮތީ ލިބިފައި އެހެންވީމަ ހިތްވަރު ކުރައްޗޭ..........."ދާމިސްގެ ވާހަކަ މުޖާހިދުންނަށް ލިބުނު ހިތްވަރަކަށްވިއެވެ.

"އެކަމަކު މިފަހަރު އަވަސްކުރައްވަންވާނެ. ވެރިޔާއަށް ކަމެއް ދިމާވެއްޖެއްޔާ އެހެން ހަގުރާމަވެރިންގެ ހިތްވަރު ބަލިވާގޮތްވެސް ވޭ..............." މުޖާހިދަކު ދެންނެވިއެވެ.

"އިރާދަކުރެއްވިއްޔާ ލަހެއް ނުވާނަން..."

މިފަހަރު ދާމިސް މާ ގިނަވަގުތެއް ނުވެ އަރަބިބަސް ރަގަޅަށް ދަންނަ ނަސާރީ އަރަތްބެއް ގޮވައިގެން ހޮހަޅައަށް ވަނުމުން އެންމެނަށް އުފާވެރިކަން ލިބުނެވެ. އޭނަ އައީ އެމީހާގެ ކަރުގައި އަޅުވާފައި އޮތް ފަގުޑީގައި ހިފާ ދަމަމުންނެވެ. އެދެލޮލުންވެސް ފެނުނީ ބިރުގަތުމާއި ސިހުމެވެ.

މުޖާހިދަކު:" ކަލެއަކީ ޝަހަރު މީހެއްތަ؟ ނޫނީ ކިއްލާއިންތަ؟ "

"އޭނަ:" އަޅުގަނޑަކީ ކިއްލާ މީހެއް. ގައްސާނު ގަބީލާގެ އަހުލުވެރިއެއް،"

ދާމިސް: ވީއިރު ކަލޭ މުރުތައްދުވީތާ..."

"އޭނަ:" ނޫން އަޅުގަނޑު އީސާއީއަކަށް ވީ...."

ދާމިސް:" ކަލެއަށް މިކިއްލާއަށް ވަދެވޭނެ އެއްވެސް ދޮރާށްޓެއް އެނގޭތަ؟ ނޫނީ ވަދެވޭނެ ފަސޭހަގޮތެއް ނެތްތަ؟ "

އޭނަ: :އަޅުގަނޑަށް އެއްގޮތަކަށްވެސް އެކަހަލަ ސިއްރު ދޮރާށްޓެއް ނޫނީ ވަދެވޭނެ އެހެން ގޮތެއް އެނގިފައެއްނެތް. އެނގުނަސް ދީނަށް ޚިޔާނަތްތެރިވުމަކީ ދީނުގައި ހުއްދަ ކަމެއްތަ؟ "

ދާމިސް:"އެތިބަ ރޫމީން ކައިރިންވެސް އަހަބަލަ. އެމީހުންގެ ތެރޭ ޝަހަރުގެ އަހުލުވެރިއެއް ހުރިތޯވެސް އޮޅުންފިލުވަަބަލަ........."

އެރޫމީން ހޮހަޅައިގައިގާ ރޯކޮށްފައި ހުރި އަލިފާންގަނޑު ކައިރިއަށް ގެނައުމުން ނަސާރާ އަރަބިކަލޭގެއަށް އެމީހުންގެ މޫނުފެނި ކޮންބަޔެއްކަން އެނގިގެން ދާމިސްއަށް ދެންނެވިއެވެ.

"މިހިރަ މީހާ ނޫނީ ދެންމިތިބީ ކިއްލާގައި ދިރިއުޅޭ މީހުން. އަޅުގަނޑަށް މިއެންމެން އެނގޭ...."

"މިނަ ފާރުމަތިން ފުންމައިލީ ކީއްވެތޯ އަހާބަލަ...."

ނަސާރާ އަރަބިމީހާ އެމީހާއާއި އިރުގަނޑެއްވާންދެން ވާހަކަދެއްކުމަށްފަހު ދާމިސްއާއި ދިމާލަށް އެނބުރުނެވެ. އަދި ޝަހަރުގެމީހާގެ ވާހަކަތައް ތަރުޖަމާކޮށް ދޭންފެށިއެވެ.

"އޭނަ ބުނަނީ ރަސްގެފާނު ހުންނެވީ ޝަހަރުގެ މީހުން މުސްލިމުންނާއި ސުލްހަވީމަ ވަރަށް ބޮޑަށް ކޯފާވެ އަދި އިންޒާރުގެ މެސެޖްތައް ފޮނުއްވުމުގައި ކަމަށް. އެހެން ހުއްޓާ އަރަބި ލަޝްކަރު ފުރުމުން އޭނަ ވަޑައިގެން ހުރިހާ ވެރިންނާއި ބައްދަލުކޮށް އެންމެން ކިއްލާއަށް ގެންދިޔައިރު މީނަވެސް ގެންދިޔައީ. އަރަބިންނާ ސުލްހަވީކަމަށްޓަކާ އަދަބުދޭންވެގެން އެމީހުންނަށް ކުޅަދާނަ ނުވާވަރުގެ އަދަދަކުން ފައިސާ ހޯދަން އެންގީ. ކަންތައް ވަމުންދާ ގޮތް ފެނި އޭނަގެ އަދަބުން ސަލާމަތްވާންވެގެން ގޮސް ފާރުމަތިން ފުންމާލީޔޯ. ތަންދޮރު އޮޅުންފިލިއިރު އަރަބި ހަގުރާމަވެރިއެއްގެ އަތްދަށުވީ. އޭނައަކީ ޝަހަރު މީހެކޯ. އޭނަ ބުނަނީ ކަލޭމެން އަރަބިންކަމުގައި ވެއްޖެއްޔާ ދޫކޮށްދޭށޭ. އޭނަވެސް ހުރީ އަރަބިންނާ ސުލްހަވެ އެމީހުންގެ ރައްކާތެރިކަމުގެ ދަށުގަޔޯ. ވައުދާއި ޚިލާފުވެ ޚިޔާނަތްތެރި ނުވާށޭ. އަރަބިން ނޫންކަމަށް ވެއްޖެއްޔާ ފިދުޔަ އަތުލާފައި ފޮނުވާށޭ.."

ދާމިސް" އޭނަ ގާތު ބުނޭ ޝަހަރުގެ އަހުލުވެރިންނަކީ އަހަރެމެންނާއި ސުލްހަ ވެ ހިމާޔަތުގައި ތިބި ބަޔެކޭ އެހެންވީމަ ފިދުޔަ އަތުލާކަށް ނުޖެހޭނެ. އޭނައަށް ރައްކާތެރިކަން ލިބޭނެ. ދެން މިތިބަ މީހުންގާތުން އަހާބަލަ އިސްލާމް ދީނަށް ވަންނާނަން ހެއްޔޭ......."

ނަސާރާ އަރަބި:"ނޫން މި މީހުން ބޭނުމެއްނޫން ދީން ދޫކޮށްލަން...."

ދާމިސް:"ނޫނީ އަހަރެމެން ކިއްލާއަށް ވަންނަން ކޮންމެވެސް މަގެއް ދައްކައިދޭންވީނު...."

ނަސާރާ އަރަބު: " އެކަހަލަ ޚިޔާނާތެއް ވާނެ މީހެއްވެސް މިތާކު ނެތް.."

ދާމިސް: " އެހެންވިއްޔާ އަހަރެމެންނަށް ދުޝްމަނުންނަށް ރަހުމެއް ނުކުރެވޭނެ. ގަތުލުކުރުން ނޫންގޮތެއް ނެތް...."

ރޫމީންތައް އެ އަޑުއަހާފައި ބިރުން ރޫރޫ އަޅަންފެށިއެވެ. ކުރިމަތީގައި މަރުގެ ހިޔަނިވާންފެށިއެވެ. އަތުގެ އިނގިލިތައް ޖޯޑުކޮށްލައިގެން އިސްޖެހިފައި ތިއްބާ ދާމިސް މީހަކަށްފަހު މީހަކު ގަތުލުކުރަން ފެށުމުން މުޅި އެތާގައި ލޭގެ ކޯރުހެދިއްޖެއެވެ. އެކަންތަކުން ނިމިގެން އޭނަ ޚަންޖަރު ސާފުކޮށްލިއެވެ. ޝަހަރުގެ މީހާ ދޫކޮށްލުމުން އަދަބުވެރިކަމާއެކު ގުދުވެފައި ސަލާމްކޮށްލުމަށްފަހު އަރަބިންނަށް ހެޔޮ ދުޢާކުރިއެވެ. އަދި އެތަނުން ނުކުމެގެން ހިނގައިގަތީ ފުރާނަ ސަލާމަތްވިކަމަށްޓަކާ އިންތިހާއަށް އުފާކުރަމުންނެވެ.

***

ދާމިސްއަށް ކިއްލާއަށް ވަންނާނެ ސިއްރު ދޮރާށްޓެއް އަދި ވަންނާނެ އެއްވެސް ގޮތެއް ނުފެނުނަސް އޭނަ ހުރީ މާތްﷲގެ ވާގިފުޅާއެކު ކިއްލާ ފަހަތަކުރަން އަޒުމްކަނޑަ އަޅައިގެންނެވެ. އިންސާނާއަށް ބުއްދިއާއި އިލްމު ދެއްވާ ބުއްދީގެ ބޭނުން ހެޔޮގޮޮތުގައި ހިފަން ބާރު އަޅުއްވާފައިވެއެވެ. މަސައްކަތްކޮށްފިއްޔާ ކާމިޔާބުގެ ރާސްތާ އޮންނާނީ ދާދި ކައިރީގައެވެ. ދާމިސްގެ އަޒުމްގައި ހުރި ވަރުގަދަކަމާއެކު އޭނަގެ ހުރިހާ ޚިޔާލުތައް ހުސްކޮށްފައިވަނީ ކިއްލާ ހިފުމަށެވެ.

"އޭ ހިތްވަރުގަދަ މުޖާހިދުންނޭ. މިއޮތީ އަހަރެންގެ ހިތްވަރާއި ކުޅަދާކަން ދައްކަންވީ ވަގުތު ޖެހިފައި. އަދިވެސް ކިއްލާގެ ތެރެއަށް ވަންނަންވީ ގޮތެއް ޚިޔާލަކަށް ނާދޭ، ކުޅަދާނަ ނޫންކަންތައް ވެސް ފަސޭހަކޮށްދެއްވަނީ މާތްﷲ. ކޮންމެގޮތެއްވިޔަސް ދިރިހުރިއްޔާ އިރުއެރުމުގެ ކުރިން ކިއްލާގެ ތެރެއަށް މާތްﷲގެ އިރާދައާއެކު ވަންނާނަން. އަހަންނާއެކު ތި މުޖާހިދުން މި ޖިހާދަށް ކުރިމަތިލާން ތައްޔާރުތަ؟ " ދާމިސް ސުވާލުކުރިއެވެ.

"ލައްބަ. ކަލޭގެފާނު ކުރެއްވި ކޮންމެ އަމުރަކަށް ކިޔަމަންވާން ތައްޔާރަށް މިތިބީ.."

"ގަަދައަޅާ މަސައްކަތްކުރާ އެއްވެސް މީހެއްގެ މަސައްކަތް އެފަރާތުން ގެއްލެނި ނުކުރައްވާނެ. އެހެންވެ ވަރުގަދަ އަޒުމަކާއެކު މަސައްކަތްކުރަންވީ. އެފަރާތަށް ޔަގީންކޮށް ވަކީލުކުރާ އަޅުންނާއެކު އަބަދު ވޮޑިގެންވޭ. އަހަރެމެންގެ މި މަސައްކަތަކީ އަދި އެންމެ މާތް ޖިހާދު. މާތްﷲގެ މަގުގައި ޖިހާދުކުރާ މީހުންނަށް ފަތަހައާއި ނަސްރު ދެއްވާނެކަމަށް ވައުދުވެ ވޮޑިގެންފައިވޭ. އެއަށްވުރެ ބޮޑު ނަސީބެއް އުފަލެއް ކޮބާ. ޝަހީދުންނާއިމެދު ބާވައިލެއްވި އާޔަތް ކިޔަވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އާދޭ. ވީމަ ހިއްމަތާއެކު މަސައްކަތްކޮށް މި ކިއްލާ ހިފަން އަހަންނާއެކު އާދޭ. މާތްﷲއަށް ވަކީލުކޮށްގެން ނަސްރަށް އެދި ދުއާކޮށްގެން މަސައްކަތްކުރަމާ. އޭރުން އެފަރާތުގެ މަދަދު ލިބިވޮޑިގަންނަވާ މިންވަރުވެސް އަޅުތަކުންނަށް ދައްކަވާނެ..."

ދާމިސް އެންމެންނަށް އެންގީ ހަތިޔާރުތައް ހިފައިގެން އޭނަގެ ފަހަތުން އައުމަށެވެ. އޭރު ރޭގަނޑުގެ ދެބައިކުޅަ އެއްބައި ވޭތުވެގެން ހިގައްޖެއެވެ. އެމީހުން ނުކުތް ހޮހަޅައާއި ދާދިކައިރިން ހަލަބުގެ ޝަހަރު ފެންނާން އޮތެވެ. ތަންކޮޅެއް ދުރުގައި ހަލަބުގެ ކިއްލާގެ ފާރުތައް އުޑާއި ދިމާލަށް އުފުލިފައިވާ މަންޒަރު ފެންނަނީވެސް ބިރުވެރިކޮށެވެ. އެދިމާލުން ކޮންމެވެސް ވަރަކަށް އަލިވާތީ ފާރުމަތީ ފޯރިމަރަން ތިބި ސިފައިންގެ ހިޔަނިތައް ފެންނާން ހުއްޓެވެ. އަނދިރިކަމާއެކު ފިނިކަމާއި ހިމޭންކަންވެސް އެ ހިސާބުގައި ރަސްކަން ކުރެއެވެ. ޒައިތޫން ފަދަ ގަސްތަކުން ވެއްޓިލާ ހިކިފަތްތައް ބިންމަތީގައި ޖެހިލާ އަޑުވެސް އެހިމޭންކަމުގެ ތެރެއިން އިވެނީ ތަންކޮޅެއް ބާރަށެވެ. ދޭތެރެއަކުން ކުއްތާއެއް ނޫނީ އެހެން ޖަނަވާރެއްގެ ހަޅޭކުގެ އަޑުވެސް އިވިލައެވެ.

އަނދިރިކަން ގަދަކަމުން ޖެހިގެން ހުންނަ މީހާވެސް ވަކިނުވާ ކަނު އަނދިރީގައި އޭނައާއި މުޖާހިދުން ހިލަތަކުން ފުރިފައިވާ ބިންމަތިން ހިގަމުން ބޮޑެތި ހިލަތަކުގެ ނިވަލުގައި ބޮދަމުން ކިއްލާގެ ފާރާއި ދިމާލަށެވެ. ފިޔަވަޅުތަކުގެ އަޑު ނީއްވާ އެންމެން ފާރުބުޑުކައިރިން ދާމިސްއާއެކު ހިނގަމުން ދިޔައެވެ. ހުރިހާ ހިސާބަކުންވެސް އެތެރެއިން ރޫމީން ވާހަކަަދައްކާ އަޑާއި ހޭ އަޑު އިވުމުން ސިފައިން ނުނިދާ ހޭލާ ތިބިކަން ޔަގީންވިއެވެ. ވަރަށް ގަދަޔަށް ކިއްލާގައި ފޯރިމަރާކަން ޔަގީންވުމުން މުޖާހިދުން ކޮންމެވެސް ވަރަކަށް މާޔޫސްވިޔަސް ދާމިސްގެ އުއްމީދު ކުޑަވާގޮތެއްނުވިއެވެ. އެހެން ހިނގަމުންގޮސް އެތައް ބުރުޒެއް ފަސްދިނެވެ. އެންމެ ފަހު ބުރުޒަކާ އަރާހަމަވީއިރު އެ ހިސާބު އޮތީ ހިމޭންކޮށެވެ. ހީވާގޮތުން އެތަން ބަލަހައްޓަން ތިބި ސިފައިން ތިބީ ނިދީގެ ފޮނި އަރާމުގައެވެ. އިރުގަނޑެއް ވާންދެން އެތާ ތިބެވެސް ރޫމީންގެ މީހަކު ވާހަކަަދައްކާ އަޑެއްނީވުނެވެ.

"ހީވާގޮތުން މިތާ ތިބި ސިފައިން ނިދަނީ. މާތްﷲ އަޅަމެނަށް ރަހުމަތް ލައްވާށި. .ނަސީބު ރަގަޅުކަމުން މިދިމާލުގައި މިއޮތީ ވެސް މާ އުސްކޮށް. އެެހެންވީމަ ފާރު ތަންކޮޅެއް ތިރިކޮށް އޮތީ. މިތަނުގައި ނަސީބު އިމްތިހާން ކޮށްލަން ފެނޭ. މިތަނަށް އަރާނެގޮތަކާއިމެދު ތިޔަބޭކަލުންގެ ޚިޔާލު ބޭނުންވޭ.............."

ދާމިސްގެ ވާހަކައިން އެންމެނަށް ހައިރާންކަމެއް ލިބުނެވެ. އެއީ ތަންކޮޅެއް އުސް ބިމަކަށްވިޔަސް ސާޅީހަކަށް ފޫޓު ހުންނާނެއެވެ. ހަރުގަނޑަކާ ނުލާ އެރުމަކީ ކުޅަދާނަކަމެއް ނޫނެވެ.

"ތިތަނަށް ހަރުގަނޑަކާއި ނުލާ އެރުމަކީ އެކަށީގެންވާކަމެއް ނޫން. އިންސާނުންނަށް ކުޅަދާނަވާނީވެސް ބައެއް ކަންތައް. މިތަނަށް އެރުމަކީ މުސްތަހީލްކަމެއް. ފާރު ވައްޓާލާފައި ނޫނީ ކޮންމެވެސް ގޮތަުން ދޮރާށި ހުޅުވާލާފައި ވަދެވިދާނެ. ނޫނީ މުއުޖިޒާތަކުން މިކަންވާނީ......"

"އެކަމަކު އެކަށީގެންނުވެއޭ ބުނާ ބަހަކީ އަޅުގަނޑުގެ ޟަމީރު ގަބޫލުކުރާކަމެއްވެސް ނޫން. ހިއްމަތާއެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބު ދެއްވާނެ........." ދާމިސް ބުނެލިއެވެ.

"އެކަމަކު އިންސާނުންގެ ހުދޫދުން ބޭރުގައިވާ ކަންތައް ހުންނާނެ ނޫންތޯ؟"

"އެހެންވެ ބުއްދީގެ ބޭނުންކުރަން ޖެހެނީ މަގޭ އަޚާ...." ދާމިސް ފާރު ކައިރީގައި އަތް ޖައްސާލުމަށްފަހު މުޖާހިދުންނަށް ނަޒަރު ހިންގައިލިއެވެ. "މިކިއްލާ ފަތަހަ ކުރަން ތި ތިބީ ކޮންމެފަދަ ބުރައެއް އުފުލަންވެސް ތައްޔާރަށްތަ؟ "

"ލައްބަ. އަޅުގަނޑުމެންގެ ކޮމާންޑަރު ވެރިޔަކަށް ކަލޭގެފާނު ލެއްވުމުގެ ހިކުމަތެއް އޮންނާނެ. ކަލޭގެފާނަށް އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެނގިލައްވާނެ އަދި ކުޅަދާނަވާނެ. އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ ފަހަތުގައި. މުސްލިމުންނަށް ނަސްރުލިބޭނެ ކަމަކަށް ކުރައްވާ ކޮންމެ އަމުރަކަށް ކިޔަމަންތެރިވާނަން. މާތްﷲ ގަންދީ ބުނަން. އަޅުގަނޑުމެންގެ މަރު އަދި ފުރާނަ އުުދުހިގެން ދިޔުން ހުސްއަތާ އެނބުރި ދިޔުމަށްވުރެ އެތައްގުނަ ހިތަށް ފަސޭހަވާނެ. އެހެންވީމަ އަޅުގަނޑުމެންނަށް އަމުރުކުރައްވާ. އަޑުއަހާނަން އަދި ކިޔަމަންވާނަން. އެކަކުވެސް މިކަމަށް ފަސްނުޖެހޭނެ. އަޅުގަނޑުމެން މަރުވެގެންދާނީ މާތްﷲއަށް ކިޔަމަންތެރިވާ ހާލު ދީނުގެ މަގުގައި ކަނޑިތަކުގެ ހިޔަލުގައި."މުޖާހިދުންގެ ވާހަކަތަކުން ދާމިސްއަށް އިތުރު ހިތްވަރަކާއި ޖޯޝެއްލިބުނެވެ.

"މާތްﷲ ތިޔަބޭކަލުންގެ އަމަލުތައް ގަބޫލުކުރައްވާދޭވެ. ތިޔަ ނިޔަތުގައި ދެމިތިބިނަމަ އަޅަމެނަށް ދުޝްމިނުންގެ މައްޗަށް ނަސްރު ދެއްވާދޭވެ. ކޮންމެފަދަ ބުރައަކާއި އިމްތިހާނަކާއި ކުރިމަތިލާން ތައްޔާރަށް ތިބިކަން އެނގިއްޖެ. އެހެންވީމަ ދެން މިއޮތީ ކިއްލާއަށް ވަދެ އެތައް ހާސް ދުޝްމިނުންނާއި މުގާބަލާކޮށް ތަޅާ ރޯގަންނަވާލާ ވަގުތު ޖެހިފައި. މިތަނުން އެންމެ އިސްކޮޅުން ދިގު ބުންވަރު ވަރުގަދަ ހަތް މުޖާހިދުން މިކޮޅަށް އާދޭ." ދާމިސްގެ އަމުރަށް އެންމެ ވަރުގަދަ ހަތް މުޖާހިދުން ކުރިއަށް އައެވެ. ދާމިސް އޭނަގެ ތަދުބީރު ކިޔާދިނެވެ. އެކަކު ކިއްލާގެ ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީދެ އަނެކަކު އޭނަގެ ކޮނޑަށް އަރާނީއެވެ. އެގޮތަށް ފަހަރަކު މީހަކު ކޮނޑަށް އަރާ ނިމުމުން އެންމެން ތެދުވާނީއެވެ. އެންމެ މަތީގައި ހުންނަ މުޖާހިދަށް ކިއްލާގެ ފާރަށް އަތް ފޯރާނެއެވެ. އޭނަ އަރާ އެތާ ތިބިމީހުން ގަތުލުކޮށްފައި އެހެން މީހުން މައްޗަށް ނަގާނީއެވެ. ދާމިސްގެ ވާހަކަ އަހާފައި ހައިރާންކަމާ ޖޯޝާއެކު އެކަކު އަނެކަކަށް ބަލައިލަމުން ﷲއަކްބަރު އޭ ކިޔާލެވުނެވެ. ހަލަބުކިއްލާ ފަހަތަވި މަންޒަރު ލޯ މައްޗަށް ފެނިލިއެވެ.

"މާތްﷲއަށް ވަކީލުކޮށްގެން ބިސްމި ކިޔާފައި ފަށަމާ. އަބަދުވެސް ހަދާންކުރަންވާނީ މާތްﷲގެ މަގުގައި ހަގުރާމަކުރާ މުޖާހިދުންނަށް ނަސްރު ދެއްވާނެކަން. މާޔޫސް ނުވާތި......"

ދާމިސް ފާރުގައި ބުރަކަށި ޖައްސާލައިގެން އިށީދެ އެހެން މުޖާހިދަކަށް އޭނަގެ ކޮނޑަށް އަރަން އެންގިއެވެ. މި ނުރައްކާތެރި މަސައްކަތް ދެކެން ބާކީތިބި މުޖާހިދުން ނޭވާ ހިފަހައްޓާލައިގެން ތިބީ ކަމުގެ ބިރުވެރިކަން ދިމާލަށް ފެންނާތީއެވެ. ވާގޮތަކުން އެކަކު އަރި އަޅާލިޔަސް އެންމެން އެކީ ފަނާވެގެންދާނެއެވެ. ނަމަވެސް މުޖާހިދުންނަކީ ކަނޑީގެ ހިޔަލުގައި ބޮޑުވެފައިވާ ބަޔެކެވެ. ދީނަށްޓަކާ މަރުވެގެން ދިޔުމަކީ އެންމެންގެ އުފަލެކެވެ. ޝަހީދުގެ މަތިވެރި ދަރަޖަ ލިބުމަށްވުރެ ބޮޑު އުފަލެއް ނެތެވެ. މި މަސައްކަތުގައި ހަލާކުވެގެން ދިޔަސް އެބޭކަލުންނަށް ވަރިހަމައެވެ. މި އަޖައިބު ކުރުވަނިވި މަންޒަރު ބަލަން ތިއްބާ އެންމެ މަތީގައި ހުރި މުޖާހިދު ފާރުގައި އެލުވިގަތެވެ. ދާމިސްގެ އިޝާރާތަށް އޭނަ ކިއްލާގެ ފާރުމައްޗަށް އަރައިފިއެވެ. އޭނަ ވަށައިގެން ނަޒަރު ހިންގައިލިއިރު އެންމެ ކުރިންވެސް ފެނުނީ މަސްތުގެ ހާލުގައި ނިދާފައި އޮތް ރޫމީންގެ ސިފައިންގެ މީހެކެވެ. މުޖާހިދު އޭނަގެ ދެފައިގާ ހިފާފައި ކިއްލާއިން ބޭރަށް ހޫރުވާލުމާއެކު ތިރީގައި ތިބި މުސްލިމް ހަގުރާމަވެރިން އޭނަ ގަތުލުކޮށް މަސްގަނޑު ފޮރުވައިފިއެވެ. މުޖާހިދު ބުރުޒުމަތިން ހިނގަމުންގޮސް ދޮރަކާއި ހަމަވީއިރު އެތާ ދާލަމަތީ ދެ ސިފައިން ނިދާފައި ތިއްބެވެ. އޭނަ އެދެމީހުންގެ ކަރުގައި ޚަންޖަރުގެ ތިލަ ހިންގައިލުމުން ދުނިޖަހާފައި ލޭ އޮހިގަތް ގޮތަށް ދާލަމަތި ރަތްކޮށްލައިފިއެވެ. އޭނަ އެދެމީހުންވެސް ފާރުމަތިން ބޭރަށް ވައްޓާލުމަށްފަހު އެހިސާބުގައި ހިނގައިލިއިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. ދެން ލައިގެން ހުރި ފަގުޑި ތިރިކޮށްލާފައި ދެން ހުރި މުޖާހިދު ފާރުމައްޗަށް ނަގައިފިއެވެ. ދެން ދެ މުޖާހިދުންގެ ފަގުޑި އެއްކޮށް ގޮށްޖަހައިގެން ތިންވަނަ މީހާ ނެގިއެވެ. އެގޮތަށް ފަހަރަކު މީހަކު ނަގަމުންގޮސް ހަތާވީސް މުޖާހިދުން ކިއްލާގެ ފާރުމައްޗަށް އެރުމުން ބާކީ ތިބީ ދާމިސްއާއި އިތުރު އެހެން ދެ ބޭކަލުންނެވެ.

"މާތްﷲގެ ބަރަކާތާއި އެކު އަވަހަށް ދަތުރު ފަށާ. އަހަރެމެން ކިއްލާއަށް ވަން ވާހަކަ ކޮމާންޑަރަށް ދަންނަވާ. ވީހާވެސް އަވަހަށް ލަޝްކަރު ފޮނުވަން އަންގާ...." ދާމިސް އަނެއް ދެބޭކަލުންގެ ގައިގާ ބައްދާލުމަށްފަހު ހެޔޮ ދުޢާކުރިއެވެ.

ތިރިއަށް ދިއްކޮށްލެވުނު ފަގުޑި ވަލުގައި ހިފައިގެން ދާމިސް ފާރުމައްޗަށް އެރުމަށްފަހު މަތްﷲއަށް ހަމްދުކުރިއެވެ.

***

ދާނިޔަލް މަރިޔަމް ކާން ހިފައިގެން ނައުމުން ހައިރާންވިއެވެ. އެތަނަށް ވަން ޚާދިމާ ގާތު ސުވާލުކުރުމުން ބުނީ މަރިޔަމް ނުދެކޭ ކަމުގައެވެ. އެހެން ހުރެފައި މަރިޔަމް ގެއްލިދާނެކަމަށް އޭނަ ނުދެކެއެވެ. ކޮންމެވެސް މުސީބާތެއް ކުރިމަތީބާވައެވެ. ނޫނީ ބަލިވީހެއްޔެވެ؟ ފިނިމޫސުމްގެ ސަބަބުން ފާޑުފާޑުގެ ހުންވެސް އެބައޮތެވެ. ދާނިޔަލް ކާއެއްޗެހީގައި އަތްވެސްނުލާ ތެދުވެގެން ދިޔައީ ފިކުރުބޮޑުވެފައި ހުރެއެވެ. ފައްޅިއާއި ކިއްލާގެ އެތަން މިތަން ހޯދަންފެށިއެވެ. އެއްވެސް މީހެއްގެ ގާތުގައި އަހާކަށް ނުކެރުނެވެ. އެންމެފަހުން މާޔޫސްވެ ހުރެ ލޫސީގެ ކޮޓަރީގެ ދޮރުގެ ފަރުދާ ހިއްލާލާފައި ވަނެވެ. ތެޔޮ ބައްތީގެ އަލީގައި އަޅުކަމާއިގެން މަޝްޣޫލުވެގެން ލޫސީ އިނެވެ. އެކަންތަކުން ނިމިގެން އެނބުރި ބަލާލިއެވެ.

"އަޅުގަނޑު ހީކުރީ މަރިޔަމް ކަމަށް. ނުފެނި ވަރަށް ގިނައިރު ވެއްޖެ..."

"އެހެންތަ؟"

"މަންމާފުޅު ގާތުގައި ކަން ނޭގޭ. ހަގުރާމައިގެ ކަންތައް ކިހިނެއްތޯ؟ "ލޫސީ ސުވާލުކުރިއެވެ.

"ބައްޕާފުޅުވީ ސިފައިންގެ ކޮމާންޑަރުންނާއެކު ބައްދަލުވުމެއްގައި. މުސްލިމުން އަދިވެސް ހަމަލާދީފާނެކަމަށް ބެލެވޭ. އަދި އެމީހުންގެ ފަރާތުން ސަލާމަތްވެވުނީ ކަމަށް ނިންމައިގެންވެސް ނުވާނެ. ނިދުމުގެ ކުރިން ކޮއްކޮގެ ހާލު ބަލައިލަން ހިތަށް އެރީ. ވަރަށް އުފާވެއްޖެ އަޅުކަމުގައި އިނީމަ. ބޭބެއަށްވެސް ހެޔޮ ދުއާކޮށްދެއްޗޭ..." ދާނިޔަލް ލޫސީގެ ބޮލުގައި ފިރުމައިލިއެވެ. އޭނަގެ ފިކުރުބޮޑުވެ ނުތަނަވަސްވެފައި މިވަގުތު ހުރި ސަބަބަކީ މަރިޔަމްއެވެ. މަރިޔަމްގެ ހާލު ނޭގުމެވެ. އެކުއްޖާ ނުފެނިގެން ގަނޑުވަރުގައި އަތް ފުނާ އެޅިއްޖެއެވެ. އެކަމާހުރެ ހިތަށް ވެފައިވާ ވަރު ބަޔާންކޮށްދޭން ނުކުޅެދެއެވެ.

"މިރޭ މާ ބޮޑަށް ހިތް ނުތަނަވަސްވެ ނުނިދިގެން އަޅުކަމުގައި އިނީ. އެކަމަކު ހިތާމަތަކަށް ލުޔެއް ނުލިބުނު. ހިތް ބިރުގަންނަނީ ކީއްވެކަމެއްވެސް ނޭގޭ. ތަކުރާރުކޮށް ފެންނަނީ ތޫފާންތަކާއި ނުރައްކާ ކުރިމަތިވާތަން. މަރިޔަމް ނެތި މިރޭ އެކަނި ނިދަން އޮންނާކަށް ނުކެރޭނެ. އަޅުގަނޑު މިދަނީ މަރިޔަމް ވީތަނެއް ބަލައިލަން......" ލޫސީ ޖަވާހިރު ޖަހާފައި ހުރި ސާލު ނަގާ ގައިގާ އޮޅާލުމަށްފަހު ކޮޓަރިން ނުކުތެވެ. މަގުތަކަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ކަޅުފޮއި ރެއެއްކަމުން ޖެހިގެން ހުންނަ މީހާވެސް ވަކިކުރެވޭ ވަރެއްނޫނެވެ. ދާނިޔަލްއާއިއެކު ލޫސީ ބައްތިއެއް ހިފައިގެންގޮސް ގަނޑުވަރުގެ އެތަން މިތަން ހޯދިއެވެ. ގިނައިރުވަމުން ދިޔަވަރަކަށް ދެކުދިންގެ ހިތްވެސް ނުތަނަވަސްވާން ފެށިއެވެ. ޚާދިމާއިންނާ ސިފައިންނާ ސުވާލުކުރިއިރުވެސް މަރިޔަމް ވީ ތަނެއް ދެނެހުރި މީހަކު ނުވިއެވެ. އެންމެފަހުން ލޫސީއާއި ދާނިޔަލް ޒައިތޫންގެ ކޮޓަރިއަށް ދިޔައިރު މަންމާފުޅު އޮންނެވީ ހަށިކޮޅުގައި ރަޖާ ތުރުކުރައްވައިގެން ސަދުވާވެސް ދަމާލައިގެންނެވެ. ހޫނުފެން ހަމެއް ފައިލާކޮޅުގައި އޮތެވެ. އަރާމު ތަންމައްޗެއްގެ ހިމާޔަތުގައެވެ.

"ދަރިންނޭ ކޮންކަމެއްތަ؟ ނުވެސް ނިދަނީތަ؟ " ޒައިތޫން ސަދުވާ ދުރުކޮށްލާފައި އިށީދެ ވަޑައިގެންނެވިއެވެ. ލޯފުޅުގައިވަނީ ނިދީގެ އަސަރެވެ.

"މަންމާ. މިއުޅެނީ މަރިޔަމް ގެއްލިގެން...."

"އެނުލަފާ ކުއްޖާގެ ވާހަކަ ނުދައްކާ..." ޒައިތޫން ކޯފާގެ ރާގެއްގައި ވިދާޅުވިއެވެ.

"މަންމާ އަނެއްކާ ކިހިނެއްވީތޯ؟ " ލޫސީ ކަންބޮޑުވެގެން ދާނިޔަލްގެ މޫނަށްވެސް ބަލައިލިއެވެ.

"ލޫސީއަށް އޮޅުވާލައިގެން ސިފައިންގެ ދަށު ދަރަޖައިގެ މީހަކު ބަހާރުވާދީއެއްގެ ހުވަފެން ދައްކައިގެން ގެންދިޔަ ދުވަސް އަދި މަންމަމެން ހަދާންނެތޭހާ ދުވަސް ނުވޭ. އެއީ ތަފާތު ހާދިސާއެއް. އެކަމަކު މަރިޔަމް ފިލައިގެން ދިޔައީ އޭނަގެ ރުހުމުގައި ކަމުގައި ވަނީ. ޚާދިމާއަކު މަންމަ ގާތު ބުނީ. މުސްލިމުން ހިސާރު ދޫކޮށްލުމުން ދޮރާށި ހުޅުވާލާފައި ކޮންމެވެސް ވަރަކަށް ސިފައިން ނުކުމެ އެހެން ހަދާ. ލިބުނު ފުރުސަތުގައި މަރިޔަމްވެސް ސިފައިންގެ ހެދުން އަޅައިގެން ނުކުތް ކަމަށް އެކުއްޖާ މަންމަގާތު އިއުތިރާފުވި. ދެން ދަރިފުޅު މަރިޔަމް ކިޔާ އެކުވެރިއެއް ހުރިކަން ހަދާން ނައްތާލާ..................." ޒައިތޫން އަމުރުކުރެއްވިއެވެ.

"އެކަމަކު މަންމާ. މަރިޔަމްގެ ބޮލުގައި ކުރީފަހަރުވެސް ނުބައި އިލްޒާމެއް އެޅުނީ....."

"ލޫސީއަށް މަންމަގެ ވާހަކަތައް ގަބޫލެއްވެސް ނުކުރެވޭނެ. މަޑުކުރޭ އެ ޚާދިމާ ހަމަ މިހާރު މިގެންނަނީ. އޭނަ ތަފްސީލުކޮށް ކިޔާދިނުމުން ގަބޫލުކުރެވޭނީ...."

ޒައިތޫންގެ އެންގެވުމަށް އެބުނާ ޚާދިމާއެއް ހާޟިރުވިއެވެ. ހިތަށް އެއްޗެއް ނާރުވާ ހެދުނުހާ ދޮގެއް މަތިމައްޗަށް ހެދިއިރު ލޫސީއަށް އެވާހަކަ ގަބޫލުކުރަން ފަސޭހައެއްނުވިއެވެ. ޚާދިމާ ބުނި ގޮތުން ސިފައިންގެ ތެރޭ މަރިޔަމްގެ ލޯބިވެރިޔަކު ހުއްޓެވެ. އެދެމީހުން ހަގުރާމައަށް ފިލަންވެގެން އެހެން ޝަހަރަކަށް ދާންވެގެން ނައްޓައިލީއެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނީ މަރިޔަމް ނަހަލާލަށް ބަލިވެ އިނީމައެވެ. ދާނިޔަލްގެ ނަޒަރު އެ ޚާދިމާގެ މޫނަށް ހުއްޓިފައިވިއެވެ. މަރިޔަމްއާއި ބެހޭގޮތުން އޭނަ ދޮގުހަދަނީކަން ޔަގީންވެ އަދި ވަކިން އޭނައާއި ސުވާލުކުރަން އޭނަ ނިންމިއެވެ. ޒައިތޫން ވެސް ނިދި ފިލައިފިއެވެ. ހޫނު ގަހުވަ ގެނެސްދޭން ޚާދިމާއަކަށް އެންގެވުމަށްފަހު ދެ ދަރިންނާ އެކި ވާހަކަތައް ދައްކަވަން އިންނެވީއެވެ. ހޫނު ގަހުވައިން ގަަދަ ފިނިކަމުގެ އަސަރުތައް ކެނޑޭގޮތްވިއެވެ. ރަސްގެފާނު ވަޑައިގަތުމުން ޒައިތޫން ޚަބަރު އޮޅުން ފިލުއްވި ނަމަވެސް މަރިޔަމްގެ ވާހަކައެއް ނުދައްކަވައެވެ. ދަންވީއިރުވެސް ވާހަކައިގަ ތިބުމުން ވަގުތު ވޭތުވެގެން ދިޔަގޮތެއްވެސް ނޭގުނެވެ. ކުއްލިއަކަށް ކިއްލާ ތެރެއިން އަޑުފަށްގަނޑު ގަދަވެއެވެ. ހަޅޭއްލަވާ އަޑު އެހިސާބަށްވެސް އިވުނެވެ.

"މުސްލިމުން އަރައިގަތީތަ؟ " ޒައިތޫން ބިރުފުޅުގަތުމާއެކު ދަރިކަނބަލުން ގެންނަވާ މޭގައި ޖައްސަވާލެއްވިއެވެ.

"ކަންބޮޑުނުވޭ މަލަކާ. އެބައަންނަން އެކަންތައްތަކުގެ ޚަބަރު ބަލާފައި.." ޔޫގަންނާގެ ފަހަތުން ދާނިޔަލް ހިނގައިގަތުމުން ޒައިތޫން ހާސްކަމާއެކު ގޮވައިލެއްވިއެވެ.

ނުނިމޭ

ކޮމެންޓް 0