"އަހަރެން އެކަނި އިންދާ ފެނުނީމަ އަނެއްކާ އެ ނުބައި މީހާގެ ނިޔަތް ގޯސްވެދާނެ. ނުބައި އަމަލެއް ހިންގަން ގަސްތުކޮށްފާނެ. އޭގެ ކުރިން އެބަޖެހޭ މިތަނުން ނިކުންނަން. އެމީހާއާއެކު ހުރުމުން މިތަން ނާމާން ބިރުވެރި ތަނަކަށް ބަދަލުވެއްޖެ. އަދި އަބުރާއި އިއްޒަތާއިމެދުވެސް ވިސްނަން ޖެހޭ. މިތަނުން ނިކުމެގެންގޮސް އަރަބިންގެ އަތްދަށުގައި ހައްޔަރުވާން ޖެހިދާނެ. ރޭ ނިދުނީއެއްނޫން. ނުނިދުމުގެ ސަބަބުން ބޮލުގައި އެބަރިއްސާ. ބޭރަށް ނިކުންނާނެ މަގު އެބަ އެނގޭ. އެކަމަކު އަރަބިން ހައްޔަރުކޮށްފިއްޔާ ވާނީ ކިހިނެއްތަ؟ އެކަަމަކު އެނޫން ގޮތެއް އެބައޮތްތަ؟ އެއްގޮތަކީ ސާޖީއާއެކު މި ވާދީގައި ހުރުން. ދެވަނަގޮތަކީ އަރަބިންގެ އަތްދަށުގައި ހައްޔަރުވުން. ކޮންމެގޮތެއް ވިޔަސް އެމީހާގެ ފޫހި މަކަރުވެރި ސޫރަ ދުށުމަށްވުރެ އަރަބިންގެ އަތްދަށުގައި ހައްޔަރުވުން މާ ރަގަޅުވާނެ. ނޫނީ އެމީހާ މިފިނި ރޭ އެނބުރި އައިސް ދެން ކަންތައް ކުރާނެ ގޮތް އެނގެނީއެއްނޫން. އެންމެ ރަގަޅުވާނީ އަރަބިންގެ އަތްދަށުވުން. ޔަގީނުންވެސް މި ނަފްރަތު ކުރެވޭ މޫނަށްވުރެ އަރަބިންވެސް މާ ރަގަޅުވާނެ. ވަގުތެއް ނެތް. އަވަސްކުރަންވީ..." އެ ޚިޔާލު އައުމާއެކު ލޫސީ އަވަސްވެގަތީ މި ވާދީއިން ނުކުމެގެން ސާޖީއާއި ވީހާ ދުރަށް ދިޔުމަށެވެ.

އަނދިރިކަމުން ލޫސީގެ ހިތަށް ބިރުވެރިކަން ވަނަސް އޭނަ ފިޔަވަޅުތަކަށް ހުއްޓުމެއް ނައެވެ.

އޭރު ގަނޑުފެންވެސް ވެެހެންފެށިއެވެ. ފިނި ވައިރޯޅިތައް ހަށިގަނޑުގައި ޖެހުމުން ރޫރޫ އަޅައިގަނެެއެވެ. ލޫސީ ކެހެރި ސާލު ރަގަޅަށް ގައިގާ އޮޅާލައިފިއެވެ. ގަސްތަކުގެ ދަށުން ވަދެގެންގޮސް ދޮރާށިން ވަންގޮތަށް ބިންގަރާހުގެ ތެރެއިންގޮސް ވަށައިގެން ހިލަތައް ހުރި ކޮޓަރިއެއްހެން ވާތަނަށް ވަދެއްޖެއެވެ. އަނދިރިކަން ގަދަކަމުން ކަށްވަޅުފަދައެވެ. އޭނަ މަގުވެސް ހަދާން ނެތުނެވެ. އެތައް ފަހަރު މަސައްކަތްކޮށްގެންވެސް އެކަން ކާމިޔާނުވުމުން އަނބުރާލާފައި ވާދީގެ ތެރެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަނދިރިކަމުން ތަނެއް ދޮރެއް ވަކިނުވެ ހުރިިއިރު އޭނަ ކުޑައިރު ގެންގުޅުނު ނެނީ ކިޔައިދޭ ވާހަކަތައް ހަދާންވެ ބިރުވެރިކަން އިންތިހާއަށްގޮސް ރޮވޭގޮތްވިއެވެ. ހަރުފަޔާއި ނަގުލަންދާށިތަކާއި އެހެނިހެން ޖަނަވާރުތައް ފަރުބަދަތަކުގެ ހޮހަޅަތަކުގައި ދިރިއުޅެމުން އިންސާނުންނަށް ގެއްލުންދީ މަރާލާ ވާހަކަތައް އޭނަ ކިޔައިދީފައިވެއެވެ. މިފަދަ ހާލަތެއްގައި އެކަނި ހޮހަޅައިގާ ހުންނާންވުމުން އެހުރިހާ ހަދާންތައް ސިކުނޑީގައި އެނބުރިގަތެވެ. ނަމަވެސް މާތްރަސްކަލާގެ އިންސާނުންނަށް ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެންވެއެވެ. އެފަދަ ތަކެއްޗާއި ކުރިމަތިލުމުގެ ހިތްވަރާއި ކެތްތެރިކަންވެސް ދެއްވާފައިވެއެވެ. އެހެންނޫންނަމަ ބޮޑެތި ޖަންގަލިތަކުގަޔާއި ފަރުބަދަތަކުގައި އިންސާނުން ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟

އަމިއްލަ ފިޑިކަމަށް ޟަމީރު މަލާމާތްކުރިއެވެ.

"އިރާދަކުރެއްވިއްޔާ މަގު ހޯދައިގެން އެނބުރި ކިއްލާއަށް ދާނަން. އޭރު ކޮން ދިމާލަކުންތަ މަގު ހޯދީ؟ " ލޫސީ ފިކުރުކުރަމުން އަތްކާއްތަމުން ކުރިއަށް ހިނގައިގަތްތަނާ ފާރުގައިވާ ބާކޮޅަކުން ބައްތިއެއްގެ ފަނޑު އަލިކަމެއް ފެނުމާއެކު ހިތް އަވަސްވިއެވެ. ސާޖީ އޭނަ ހޯދަން އަންނަނީކަން ޔަގީންވެ އޭނަގެ އަތްދަށުން ސަލާމަތްވާނެ ގޮތަކާމެދު ޚިޔާލުކުރިއެވެ. އެމީހާގެ އަތްދަށުވުމަށްވުރެ އަމިއްލައަށް މަރުވުން މާ ރަގަޅޭ ހިތަށް އަރާފައި ފާރުގައި ބޯ ތަޅައިގަންނަން ނިންމިތަނާ އައި ވައިރޯޅިއެއްގައި އެ ބައްތި ނިވުނެވެ. ލޫސީ އުފާކޮށްފައި ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. މި ކަށްވަޅުފަދަ އަނދިރިކަމުގެ ތެރެއިން އޭނަ ހޯދުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަކަމެއް ނޫންކަން އެނގުމުން އަނދިރިކަމަކީވެސް އެކުވެރިއެއްކަމަށް ނިންމިއެވެ. އެކޮޓަރިތެރެއަށް ބައްތީގެ އަލި އެޅުނު ވަގުތު އޭނައަށް ދާންވީ މިސްރާބު އެނގުނެވެ. އެދިމާލަށް އިޝާރާތްކޮށްގެން ހުރީ މަގު އޮޅިދާނެކަމަށްޓަކައެވެ. ކުއްލިއަކަށް ފިޔަވަޅުތަކުގެ އަޑުއިވުމުން ސާޖީވެސް އެތަނުގައި އުޅޭކަން ޔަގީންވިއެވެ. ފާރަށް ލެނގިލައިގެން ލޫސީ ބުދެއްހެން ހުރިއިރުވެސް މަގާއި ދިމާލަށް އިނގިލި ދިއްކޮށްލައިގެން ހުއްޓެވެ. ސާޖީއަށްވެސް އަަނދިރީގެ ތެރެއިން މަގު ހޯދުން ފަސޭހައެއްނުވިއެވެ. ހިލަތަކުގައި އަތް ކާއްތަމުންގޮސް ލޫސީގެ ގައިގާ އަތް ޖެހުމާއެކު ބިރުން އަތް ދަމައިގެންފިއެވެ. އެއާއެކު ލޫސީވެސް ފަހަތަށް ޖެހުނެވެ. ލިބުނު ދަނޑިވަޅުގައި ވަގުތު ގެއްލުވައިލުމެއްނެތި ލޫސީ އަވަސްއަވަަހަށް ކުރިއަށް ހިނގައިގަތީއެވެ. ހޮހަޅައިގެ ނިމޭ ހިސާބަށްގޮސް ފާރުކައިރީ އިށީދެ މަގު ހޯދައިގެން އެތަނުން ހޮހަޅައިގެ ތެރެއިން ވެސް ނުކުމެއްޖެއެވެ.

އޭރު ހަނދު އަރާ މުޅި ހިސާބަށް އަލިކޮށްލާފައިވެއެވެ. ސްނޯ ފައިބާފައިވުމުގެ ސަބަބުން ހިލަތައްމަތީގައިވެސް ފުނި ފުންޏަށް ސްނޯއެވެ. ހޮހަޅައިގެ ތެރޭ ހުރިއިރު އިހުސާސްނުވިޔަސް އެތަނުން ނުކުތުމާއެކު ގަދަ ފިނި ވަށައިގެން ހަމަލާދިނެވެ. ކިތަންމެ ރަގަޅަށް ގައިގާ ސާލު ލައިގެން ނިވާވެގެން ހުރިނަމަވެސް ފިންޏަށް ކެތްނުކުރެވިގެން މުޅި ހަށިގަނޑު ރޫރޫ އަޅަންފެށިއެވެ. ދުރުން އަރަބިންގެ ލަޝްކަރުގައި ޖަހާފައިވާ ބޮޑެތި އަލިފާންގަނޑުތައްވެސް ދުންފިނީގެ ތެރެއިން ފެންނައިރު ހިތްތައް ބިރުގަންނަވާފަދައެވެ. އެއްވެސް ކުރިއަށް ހިގަމުން ދިޔައިރު އަރަބިންނަށް ފެނިގެން ހައްޔަރުކޮށްފާނެކަމުގެ ބިރުވެސް އެހާ ބޮޑެވެ. ކިރިޔާ އަޑެއް އިވިލިޔަސް ސިހެނީ ސާޖީ އޭނަގެ ފަހަތުން އަތުވެދާނެކަމުގައެވެ. ފިޔަވަޅުތައް ކުރިއަށްވުރެ އަވަސްކޮށްލިއެވެ. ފަހަތަށް ބެލުމެއްނެތި ކިއްލާއާއި ދިމާލަށް ހިނގައިގަތްއިރު ކިއްލާގެ ފާރުތައް މަތީގައި ސިފައިން ހަރަކާތްތެރިވާ މަންޒަރުވެސް ފެންނަނީ ހިޔަނިތަކެއްހެންނެވެ. އެމީހުންނަށް ގޮވަން ހިތަށް އަރާފައިވެސް އަރަބިންނަށް އިވިދާނެތީ އެ ޚިޔާލުދުކޮށްލާފައި ހިނގައިގަތީ ސާޖީއާއެކު ކިއްލާއިން ނިކުތް ސިއްރު ދޮރާށިން ވަންނަން ގަސްތުކޮށް އެދިމާލަށެވެ. ބޮޑެތި ހިލަތައް އެކިގޮތްގޮތަށް އުފުލިފައިވާއިރު އެއިން ހިލައެއް ގުޑުވާލުން ފަސޭހައެއްނުވިއެވެ. ފިނީގެ ތެރޭ މަސައްކަތްކުރުމުން ހިތަށް ބާރު ބޮޑުވެ ވަރުބަލިވާގޮތްވިއެވެ. ނަމަވެސް ހިތްވަރާއެކު މަސައްކަތްކުރިއެވެ.

ކިއްލާތެރެއަށް ނުވަދެވުމުން ހިތާމައާއެކު ހިލަގަނޑެއްގެ ނިވަލުގައި އިށީދެގެން އިންއިރު ދޭތެރެއަކުން ނަޒަރު ޝަހަރާއި ދިމާލަށްވެސް ހުއްޓުނެވެ. އެކެހިވެރި ކަލޭގެ އަތުވެދާނެކަމުގައި ހިތައެވެ.

ބަލިކަށިވެ ނިންޖަށް ބޭނުންވެފައި ހުރިވަރުން ހިލަތަކުގެ މަތީ އޮށޯވެލައިގެން އޮވެ ދެލޯ މަރާލައިފިއެވެ. ކޮންމެވެސް ވަރަަކަށް ދެބަދޭތެރޭގައި އޮޮތްވާ ފިޔަވަޅުތަކެއްގެ އަޑު އިވުމުން ބިރުން ހަޅޭއްލަވައިގަންނަން އުޅެފައިވެސް ތުންފަތުގައި އަނގަމަތީ އަތް އެޅިއެވެ. ލޯ ހުޅުވައިލިއިރު ފެނުނީ ޝަހަރާއި ދިމާލަށް ހިނގާފައި ދިޔަ ދިހަވަރަކަށް މީހުނެެވެ. އޭނަ ހީކުރީ ސާޖީގެ އެކުވެރިންކަމަށެވެ. އެއީ ޔޫގަންނާ ދާނިޔަލް އަދި ޝާހްޒާދާ ލައުންކަން ލޫސީއަށް އެނގުނުނަމައެވެ. އެވަގުތު އެއީ ލޫސީގެ އާއިލާކަން އެނގުނުނަމަ ކިހާ އުފާވީސްހެއްޔެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ވަގުތު ކަނޑައަޅުއްވާފައިވާތީ ކުޑަކޮށް ލަސްވީއެވެ. އެމީހުން ހިނގާފައިގޮސް ދުންފިނީގެ ތެރެއަށް ގެއްލުނެވެ،

ލޫސީ ދެވަނަފަހަރަށްވެސް ތެދުވެ މަސައްކަތް ފެށިއެވެ. އެކި ދިމާލަށް ހިނގާފައި ހިލަތައް ގުޑުވަމުންގޮސް އަތުގައި ރިއްސާ ގޮތްވިއެވެ. މިހާރު ފަތިސްވަނީއެވެ. ކޮންމެގޮތެއް ހަދާފައިވެސް ކިއްލާއަށް ވަންނާން އެބަޖެހެއެވެ. ނޫނީ އަރަބިންގެ އަތްދަށު ހައްޔަރުވާނީއެވެ. އެންމެފަހުން ފިނިގަދަވެގެންގޮސް ކެތްނުވާވަރުވުމުން ކުރިން އޮތްތާ އޮށޯވެ ގައިގާ ސާލު އޮޅާލައިފިއެވެ. ރޫރޫއަޅަމުންގޮސް ކަކޫ މޭގައި ޖެހި ދަތްދޮޅީގެ ކަށިގަނޑަށްދާންދެން ތެޅޭ އަޑު އިވުނެވެ. ފައިގެ އިނގިލިތައް ގަނޑުވެގެންގޮސް އިހުސާސްތައް ކެނޑިއްޖެއެވެ. ނޭވާލާނެ ވަރެއްވެސް ނެތެވެ. މުޅި ހަށިގަނޑުވެސް ގަނޑުފެންގަނޑެއްހާ ފިނިވެއްޖެއެވެ. އެވަގުތު ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑު އިވުނެވެ.

"އެތާ ކޮންމެވެސް މީހެއް އެބައޮތް.." ލާވަންގެ އަޑު ކަންފަތުގައި ޖެހުމުން ލިބުނު އުފާވެެރިކަމާއެކު ޖަވާބުދޭން ބޭނުންވިޔަސް އެކަމަށް ނުުކުޅެދުނެވެ. ދޫ ހަރަކާތެއްނުކުރިއެވެ.

ފިނިގަދަވެގެެންގޮސް ސިކުނޑިއަށް މާބޮޑަށް އަސަރުކޮށްގެން ލޫސީ ހޭނެތުނީއެވެ.

ޔޫގަންނާ ލޫސީ ކޮނޑަށް ލައްވައިގެން އަވަސްވެގަތީ ކިއްލާއަށް ވަޑައިގަތުމަށެވެ. އެންމެން އެ ސިއްރު މަގު ކަޑައްތުކޮށް ދާދިއަވަހަށް ކިއްލާގެ ތެރެއަށް ވަދެއްޖެއެވެ. އެންމެން ނުުކުތުމުން ކާރކަސް އެމަގަށް ވަންނަން ހުރި ތާގައި ބޮޑެތި ހިލަތައް ޖައްސާ އެމަގު ބަންދުކޮށްލައިފިއެވެ.

***

އެންމެނަށް ކިއްލާތެރެއަށް ވަދެވުނުއިރު ފަތިހުގެ އަލިކަން ފައުޅުވެއްޖެއެވެ.

ޔޫގަންނާ ކޮޓަރިއަށް ވެދެވަޑައިގެންނެވިއިރު ޒައިތޫނި އިންތިޒާރުގައި އިންނެވިއެވެ. މަރިޔަމްވެސް އެކަމަނާގެ އަރިހުގައި ވާހަކަދައްކާލަން އިނެވެ. ސާލުތެރޭ ފޮރުވިފައި އޮތް ކުއްޖާ އެނދުމަތީގައި ބޭއްވުމުން ޒައިތޫން ކަންބޮޑުވިއެވެ.

"ކޯންޗެއްތޯ؟ "

"މިއީ ލޫސީ....."

"ޖީސަސް. މި ދަރިފުޅަށް ކިހިނެއްވެފައި މިއޮތީ..." ޒައިތޫން ރަޖާ ނައްޓައިލިއިރު އެ ފިޔާތޮށި މޫނުއޮތީ ނޫކުލަ އަރާގޮތް ވެފައެވެ. "މާތްކަލާކޯ. މި ކުއްޖާއަށް މިއޮތީ ކިހިނެއްވެފައި. ދަރިފުޅާ........ލޯ ހުޅުވަބަލަ..."

ޒައިތޫން ލޫސީގެ ގައިގާ ފިރުމާލައްވަމުން ކީރިތިކުރައްވަން ފެއްޓެވުމުން ޔޫގަންނާގެ ލޯފުޅުންވެސް ކަރުނަ އޮހެން ފެށިއެވެ. މަރިޔަމްއާއި ދާނިޔަލްއަށްވެސް ކެތްނުކުރެވިގެން ރޮނީއެވެ. އެންމެނަށް ހީވީ ލޫސީގެ ފުރާނަ ދަނީކަމުގައެވެ. ލާވަން އަވަހަށް ޑޮކްޓަރަކުން ގޮވައިގެން އައުމުން ޔޫގަންނާ މާޔޫސީގޮޮތަކަށް ބައްލަވައިލެއްވިއެވެ.

"ޑޮކްޓަރ އައުމުގެ ބޭނުމެއްވެސް ނެތް. ލޫސީ އަހަރެމެންނާއި ވަކިވެގެން ދަނީ..." ޔޫގަންނާގެ ޖުމްލައިން ލާާވަންގެ ހިތްވެސް ހުއްޓުނުފަދައެވެ. ފެންކަޅިވުމާއެކު އެނބުރުނީ އަނެއް ފަރާތަށެވެ. ޑޮކްޓަރ ލޫސީގެ ހާލު ބަލައިލުމަށްފަހު އުއްމީދުން ފުރިގެންވާ ގޮތަކަށް ހީލިއެވެ.

"ހަށިގަނޑުގައި ހޫނުކަން އަދި އެބަހުރި. އަވަހަށް އަލިފާން އަންދަވާފައި ދެތިން ރަޖާވެސް ގެންނަވާ...."

"ތިހެން ބުނަނީ އަހަރެމެން ހިތް ހަމަޖައްސައިލަން ދޯ. މަރުވެއްޖެ ކުއްޖަކު އަލުން ދިރުވުމަކީ ޑޮކްޓަރަކަށްވެސް ލިބިފައިވާ ބާރެއްނޫން..........." ޔޫގަންނާ ވިދާޅުވިއެވެ.

"ނޫން މާތް ސާހިބާ. އަވަހަށް ވަގުތު ނަންގަވާނުލައްވާ އަޅުގަނޑު މިބުނިކަންތައް ކުރައްވާ." ޑޮކްޓަރުގެ އެންގުމަށް ވަގުތުން އަމަލުކޮށް އަލިފާން މުޖުމަރާތައް ގެނެސް އެނދުގެ ހަތަރުކަނުގައި ބަހައްޓައިގެން އަލިފާން އަންދަންފެށިއެވެ. އަދި ބޯކެހެރި ރަޖާތަކުގެ ތެރޭގައި ލޫސީގެ ހަށިގަނޑު ފޮރުވަލައިފިއެވެ. ޑޮކްޓަރ ލޫސީގެ އަނގަޔަށް ބޭސްއަޅަން މަސައްކަތްކުރިޔަސް ދަތްޕިލާ ޖެހިބާރުވެފައިވާތީ އެމަސައްކަތް ކުރަން އުދަގޫވިއެވެ. އެންމެފަހުން ހިމަ ހޮޅިއެއްގެނެސް ވަރަށް އުދަގުލުން ދަތްތަކުގެ ދޭތެރެއަށް ލައްވައިގެން ބޭސްތައް އަނގަޔަށް ފޮނުވާލައިފިއެވެ. އަދި ފަޔާއި އަތުގައި އޭނަ ތައްޔާރުކުރި ފަތްޕިލާވެލީގެ ބޭސް ލައިފިއެވެ. އޭނަ އެހުރިހާ މަސައްކަތެއްކުރިޔަސް މާ ބޮޑު އުއްމީދެއްނެތެވެ. އެއަށްވުރެ ލޫސީގެ ހާލުދެރައެވެ. ނަމަވެސް އެހެންމީހުން މާޔޫސްނުކޮށް އުއްމީދުތައް އާކޮށްދޭން އޭނަ މަސައްކަތްކުރީއެވެ. މަރިޔަމް ބޭސް ތައްޔާރުކުރުމުގައި ޑޮކްޓަރަށް އެހީތެރިވަމުން ދިޔައިރު ޒައިތޫންއާއި ދާނިޔަލް އަދި ލާވަން އެނދުކައިރީ ކޮޅަށެވެ. ކަންބޮޑުވެފައެވެ.

މުސްލިމުންގެ ތަކުބީރުގެ އަޑު އިވެންފެށުމުން ވީގޮތެއް ނޭގިގެން ޔޫގަންނާ އަވަސްވެ ވަޑައިގަތީ ކިއްލާގެ ފާރުމައްޗަށް ވަޑައިގަތުމަށެވެ. އެތަނަށް ވަޑައިގަތުމުން ލިބިވަޑައިގެންނެވީ އިތުރު ހިތްދަތިކަމެކެވެ. މުސްލިމުން ހައްޔަރުކޮށްގެން ގެނައި ގައިދަމޫންގެ ހަގުރާމަވެރިން ސަފަކަށް އަތުރާލާފައި ގަތުލުކޮށްލީއެވެ. އެ މަންޒަރު ބަލަން ކުޅަދާނަނުވެގެން މޫނުގައި އަތްޕުޅު އެޅުއްވިއެވެ. ޔޫހަންނާ ވިދާޅުވިފަދައިން ހަލާކު މިއޮތީ ވަށާލާފައެވެ. މުސްލިމުންނާ ސުލްހަ ވެވުނުނަމަ އޭނަގެ ސިފައިން ސަލާމަތްކުރެވުނީހެވެ. ހަގުރާމައިގެ މައިދާންގައި ނާކާމިޔާބުވެ ބަލިވަމުންދާއިރު ދަރިކަނބަލުން އެ އޮންނެވީ މަރުގެ ތުންފަތްމަތީގައެވެ. ސަލާމަތްވާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އަނބުރާލާފައި ގަނޑުވަރަށް ވަޑައިގެންނެވުމަށްފަހު ލޫސީގެހާލު އޮޅުން ފިލުވިއެވެ. އަދި އެނދުގައި އިށީދެ ވަޑައިގެންފާ އެހެން އެންމެނަށްވެސް އެންގެވީ އިށީނުމަށެވެ. ޔޫގަންނާ އެއްސެވުމުން ޑޮކްޓަރު ދިނީ އެހާ ހިތްހަމަޖެހޭފަދަ ޖަވާބެއްނޫނެވެ. އަދިވެސް ލޫސީވަނީ ނުރައްކަލުގައެވެ. އޭނައަށް އެނގިހުރި އިލްމެއް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ބޭސްތައް ބަދަލުކުރަމުން ފަރުވާދެމުން ދިޔައެވެ. ވިންދު ބަލާ ޗެކްކޮށްލަމުން އޭނަ ލޫސީގެ ހާލާއިމެދު އުއްމީދު އާވާފަދަ ވާހަކަތައް ދައްކައިގެން އެންމެންގެ ހިތް ހަމަޖައްސާދިނެވެ.

"އަދިވެސް ލޫސީ ހޭނާރާ." ޒައިތޫން ޔޫގަންނާއަށް ބައްލަވާލެއްވިއެވެ.

"ކީއްކުރާނީ؟ ދަރިފުޅު ރަގަޅުވާނެކަމުގެ އުއްމީދެއް އަދިވެސް ނުލިބޭ. މަރާއި ހަގުރާމަ ކުރަނީ.." ޔޫގަންނާގެ ލޯފުޅުން ކަރުނަ ތިކިތައް ފައިބައިގަތެވެ.

އެ މަންޒަރު ފެނުމުން އެހެން އެންމެނަށްވެސް އަސަރުކުރިއެވެ. ޚާއްސަކޮށް ޒައިތޫނަށެވެ.

"ނޫން ޝެހެޒާދީ ލޫސީ އަވަަހާރަވެދާނެކަމުގެ ބިރު ކުޑަވެއްޖެ. ނޫކުލަވެސް ކެނޑި ހަށިގަނޑު ހޫނުވާން ފަށައިފި......" ޑޮކްޓަރ ކޮންމެވެސް ވަރެއްގެ އުއްމީދަކާއެކު ބުނެލިއެވެ.

"ދެން ޑޮކްޓަރވެސް އަރާމުކޮށްލަން އިށީދޭ..އެއްޗެއްވެސް ކާލަންވާނެ....." ޔޫގަންނާ ގެ އެންގެވުމަށް ޚާދިމަކު ގޮނޑިއެއް ގެނެސްދިނެވެ. ޚާދިމާއަކު ސަރުބަތާއި ކާނެ އެއްޗެއްސާއި ކޮށާފައި ހުރި މޭވާ ޑޮކްޓަރަށް ގެނެސްދިނެވެ. ޑޮކްޓަރ މިފަހަރު ލޫސީގެ ހަލު ބަލާލާފައި ލޯ ދިއްލިގެން ދިޔުމާއެކު ބުނެލީ ލޫސީ ސަލާމަތްވެއްޖެ ކަމުގައެވެ. ފުރާނަ ނުރައްކަލުން މުޅިން ބޭރުވެއްޖެކަމުގައެވެ.

"އެކަމަކު އަދިވެސް ލޫސީ ހޭނެތިފައި މިއޮތީ.." ދާނިޔަލް ބުނެލިއެވެ.

"އިރުކޮޅަކުން ހޭ އަރާފާނެ. މިހާރު ރަގަޅަށް ނޭވާލަން ފަށައިފި. ވިންދުވެސް ރަގަޅު. އެކަމަކު އެއްވެސް ބޭފުޅަކު އަޅުގަނޑު އަންގަންދެން ވާހަކަ ނުދައްކަވާ ތިއްބަވާތި..."

ޔޫގަންނާވެސް ލޫސީގެ އަތާއި ފައިގާ އަތްލުމުން ހޫނުކަން އިހުސާސްވިއެވެ. އޭރު ލޫސީގެ މޫނުގައި އާއްމުކޮށް ހުންނަ ފިޔާތޮށިކުލަ މަޑުމަޑުން ވެރިވެއްޖެއެވެ. ކުޑަކޮށް އެސްފިޔަވެސް ހަރަކާތްކޮށްލައިފިއެވެ. މޭމަތިން ނޭވާލުމުގެ އަސަރު ކުރިން ނުފެނުނަސް މިހާރު ނޭވާލާކަން ބަލައިލާއިރަށް އެނގެއެވެ. އެންމެން އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންކޮށްލައިފިއެވެ. ލޫސީ ހޭއެރުމާއެކު ޒައިތޫން ވާހަކަފުޅު ދައްކަވަން އުޅުއްވުމުން ޑޮކްޓަރ އެކަން މަނާކުރިއެވެ. އަދި ލޫސީގެ އަނގަޔަށް ބޭސް ފޮދެއް އެޅުމުން މޫނު ކުރިއަށްވުރެ ރަތްވެ ބަލިކަށިގޮތަކަށް އެއްޗެކޭ ބުނަން މަސައްކަތްކުރިއެވެ. ޒައިތޫން ތެދުވެވަޑައިގެންނެވުމުން ޑޮކްޓަރ އެންގެވީ އަދި އިހަށް މަޑުން ތިއްބެވުމަށެވެ.

ލޫސީ ލޯ ހުޅުވާލާފައި އެއްޗެކޭ ބުނަން މަސައްކަތްކުރި ނަމަވެސް ވާހަކަދައްކާނެ ހަކަތައެއް ނެތެވެ.

"ސާހިބު ކަމަނާ. އަދި ވާހަކަފުޅު ދައްކަވަން މަސައްކަތްނުކުރައްވާ. މި ބޭސްފޮދު ހިއްޕެވީމަ ވާހަކަފުޅު ދައްކަވަން ފަސޭހަވާނެ...އަވަހަށް ހިއްޕަވާ.." ޑޮކްޓަރ ދިން ބޭސް ސަމުސަލެއް ދިރުވާލުމަށްފަހު ލޫސީ ލޯ މަރާލައިފިއެވެ. އިރުކޮޅެއްފަހުން ލޯ ހުޅުވާލާފައި ޑޮކްޓަރާއި ދިމާލަށް ބަލައިލިއެވެ.

"އަހަރެން މިއޮތީ ކޮންތާކު؟ "ލޫސީގެ ސުވާލަށް ޖަވާބުދޭން ޒައިތޫންއަށް ޑޮކްޓަރ އިޝާރާތްކޮށްލުމުން އުފަލާއެކު ދަރިފުޅުގެ މޫނުގައި ބޮސްދެއްވިއިރު ކަރުނުން ލޯ ތެމިއްޖެއެވެ. މިފަހަރު އުފާވެރިކަމުގެ ކަރުނައެވެ.

"ދަރިފުޅު ތިއޮތީ ގަނޑުވަރުގައި އަމިއްލަ ކޮޓަރީގައި...."

"އެއްވެސް ތަނެއްގައި ތަދެއް އެބަހުރިތޯ؟ " ޑޮކްޓަރ ސުވާލުކުރިއެވެ.

"އާން މޭގައި އެބަ ރިއްސާ.." ލޫސީ ވަރުދެރަގޮތަކަށް ބުނެލިއެވެ.

"އަހަންނަށް ހީވިއޭ.." ޑޮކްޓަރ ބޭހެއް ތައްޔާރުކޮށްލާފައި މަރިޔަމްގެ އަތަށް ދީފައި އެދުނީ މޭމަތީގައި އެބޭސް ލުމަށެވެ. މަރިޔަމް ލޫސީގެ ހެދުމުގެ ގޮށްތައް ނައްޓާލާފައި އެ ބޭސް ލާދޭންފެށިއެވެ. ކޮޓަރިތެރޭ ތިބި މީހުންނަށް ބަލާލާފައި ލާވަން ފެނުމުން ލޫސީގެ މޫނު ރަތްވާގޮތްވިއެވެ. ލަދުގަތެވެ. ނަމަވެސް އިރުގަނޑެއްފަހުން ހަމަޔަކަށް އެޅިގެން އެންމެނާއި ވާހަކަދައްކަން ފެށިއެވެ. ދާނިޔަލް ވަރަށް ބޮޑަށް ނިދިއައިސްފައިވާތީ އަރާމުކޮށްލަން ބޭނުންކަމަށް ބުނެފައި އެތަނުން ނުކުތީއެވެ.

ޑޮކްޓަރ: "މިހާރު ޝެހެޒާދީގެ ހާލުކޮޅު މުޅިން ރަގަޅު...."

ޔޫގަންނާ: "އެކަމަކު ހާދަ ހޫނޭ"

ޑޮކްޓަރ: "ލައްބަ ހުން އެބަހުރި އެކަމަކު އެކަމަށް ބޭސްއެރުވީމަ ރަގަޅުވާނެ. މަނިކުފާނު ރޭއްސުރެ ހޭލާ އުޅުއްވީމަ އާލާސްކަންފުޅެއް ޖެހިވަޑައިގެންފާނެތި އަޅުގަނޑު ބިރުގަނޭ. ދެން މަނިކުފާނުވެސް އަރާމުކުރައްވާ. ދަރިކަނބަލުންނަށް ދެން އެއްވެސް ބިރުފުޅެއްނެތް.................."

ޒައިތޫން: "ތެދެއް އަރާމުކުރައްވަން ވަޑައިގަންނަވާ އަޅުގަނޑު ލޫސީ ކައިރީގައި އިންނާނަން"

ޔޫގަންނާ: "މަލަކާވެސް ރޭ ހުންނެވީ ހޭލައެއްނު. އެހެންވީމަ އެންމެކުރިން އަރާމުކުރަންވާނީ މަލަކާ...."

ޒައިތޫން: "ދެން ލޫސީ ކައިރީ އިންނާނީ ކާކުތަ؟ "

މަރިޔަމް: "އަޅުގަނޑު ހުރެދާނަން"

ޔޫގަންނާ: "ލާވަންވެސް އަރާމުކުރައްވަން ގެއަށް ވަޑައިގަންނަވާ"

ލާވަން: "އަޅުގަނޑުވެސް މަރިޔަމްއާއެކު މަޑުކޮށްލާނީ."

ޔުގަންނާ:" އެކަމަކު ރޭއްސުރެން ލަވަންވެސް އުޅުއްވީ މިކަންތައްތަކުގާއި ބުރަކޮށް. އެހެންވީމަ ގިނައިރު އަރާމެއްނެތި ހުންނަވަންވީމަ ގެއްލުމެއް ލިބިދާނެ.."

ލާވަން: "ނޫން އަޅުގަނޑަށް އުދަގުލެއްނުވާނެ. ނިދި އަންނަގޮތްވެއްޖެއްޔާ ގޮނޑީގައި އިނދެވެސް އަޅުގަނޑު ނިދާފާނަން..."

ޔޫގަންނާއަށް އެކަން ގަބޫލުފުޅު ކުރެވުނު ކަމަކަށް ނުވިއެވެ. ޚާދިމުންނަށް އަމުރުކުރައްވައިގެން އެކޮޓަރިއަށް އިތުރު އެނދެއް ގެނުވިއެވެ. އޭރުން ލާވަން ނިދަން ބޭނުންވިޔަސް އަރާމުގައި އޮށޯވެލެވޭނެތާއެވެ. ބާލީސްތަކާއި ކެހެރި ރަޖާއެއްވެސް އޮތެވެ. ކޮޓަރީގެ ތެރޭ އަނދަ އަނދާވި އަލިފާން ނިވުމުން ކޮންމެވެސް ވަރަކަށް ފިނިވެސް ވާންފެށިއެވެ. ޑޮކްޓަރު ލޫސީގެ ހާލު ބަލާލާފައި ބުނީ ހުން ވަރަށް ގަދަކަމަށާއި އޭނަ ދޭ ބޭހުން ލޫސީއަށް ނިދޭނެކަމުގައެވެ.

"ޝެހެޒާދީ އަވަހާރަފުޅުލައްޕަވާފައި އަމިއްލައަށް ހޭފުޅު ލެވެންދެން ބޭއްވެވީމަ ރަގަޅުވާނެ. އަޅުގަނޑު އައުމުގެ ކުރިން ހޭފުޅު ލެއްވުނިއްޔާ މިހިރަ ބޭސް ދޭންވާނެ. ދެން ކޮޓަރީގައި ގިނަ މީހުން ތިބުން ރަގަޅެއްނުވާނެ. އަޅުގަނޑުވެސް މިވަގުތު ހުރުމުގެ ބޭނުމެއްނެތް........." ޑޮކްޓަރ އޭނަގެ ދަބަސްތައް ނެގިއެވެ. ޑޮކްޓަރާއެކު ޚާދިމުންވެސް އަދަބުވެރިކަމާއެކު ސަލާމްކޮށްލާފައި ކޮޓަރިން ނުކުތެވެ. ޔޫގަންނާއާއި ޒައިތޫންވެސް އިރުކޮޅަކުން އެތަނުން ނުކުމެ ވަޑައިގެންނެވިއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިވަޑައިގެންފައިވާކަން މޫނުފުޅުން ފެންނާން ހުއްޓެވެ. އެންމެން ނިކުމެ ކޮޓަރިތެރޭ ލާވަންއާއި މަރިޔަމް އެކަނިވުމާއެކު ލާވަން ލޫސީއޮތް އެނދުގެ ކުރިމަތީ ބަހައްޓާފައިވާ އެނދުގައި އިށީދެ ކަޅިވެސް ޖަހާނުލައި ލޫސީއަށް ބަލަން އިނެވެ.

"މަނިކުފާނުގެ ތޫނު ނަޒަރުން އަބަދު ތިހެން ބައްލަވަން ވެއްޖެއްޔާ އެކަމަނާއަށް އެސްފީނާ ޖެހިދާނެ. ތިހެން ނަހައްދަވާ......" މަރިޔަމް ސަމާސާގޮތަކަށް ބުނެލިއެވެ.

"ތިވާނީ ތެދަކަށް. ދެވަނަފަހަރަށް އެކަމަނާ ބަލިވީ.." ލާވަން ހީލިއެވެ. ލޫސީގެ ހުން ފިޔަވާ އެހެން މައްސަަލައެއްނެތްކަން އެނގޭތީ އޭނަގެ ހިތަށް ލިބުނު ތަސައްލީ ފެންނަނީ ހިނިތުންވުމުގެ ސިފައިގައެވެ.

އޭރު މެންދުރުވެ ކޮންމެވެސް ވަރަކަށް ފިނިކަން ކެނޑިއްޖެއެވެ. މަރިޔަމް ކިޑިކީއިން ބަލައިލިއިރު އަވިގަދަވުމުން ސްނޯތައްވެސް ވިރިގެން ފައިބާތަން ފެނެއެވެ. ގަސްތަކުގައި ހަރުލާފައިވާ ގަނޑުފެންތައްވެސް ފެނަށްވެގެން ތިކި ތަޅަނީއެވެ. ބަލައިލަން ނިކަން ރީތި މަންޒަރެކެވެ. އަވީގެ ދޯދިތައް ފަރުދާތައް ފޫ އަޅުވާލާފައި ކޮޓަރިތެރެއަށް ވެރިވެ ލޫސީގެ މޫނަށް އެޅިފައިވާއިރު އެމޫނު ފެންނަލެއް ނިކަން ހިތްގައިމެވެ. ގައިގާ އޮޅާފައިވާ ކަޅު ސާލުގެ ތެރެއިން ވިދާ ޖަވާހިރެއްހާ ރީއްޗެވެ. ލާވަން އަދިވެސް އިނީ ލޫސީގެ މޫނަށް ބަލާށެވެ.

"ހާދަވަރަކަށޭ އެކަމަކު މަނިކުފާނު ތި ބައްލަވަނީ." މަރިޔަމް ލޯ ބޮޑުކޮށްލިއެވެ.

"މަރިޔަމް ހިތް ހަމަނުޖެހެނީތަ؟ " ލާވަން އެހިއެވެ.

"ނުރުހުނަސް ލޯބިވާ މީހުންގެ ނަޒަރު ލޯބިވާ މީހުންނަށް ހުއްޓޭނެ އެކަން މަނައެއްވެސް ނުކުރެވޭނެ. އެކަމަކު އަޅުގަނޑުވެސް އެކަމަނާދެކެ ހާދަ ލޯބިވެޔޭ..." މަރިޔަމް ހީލިއެވެ.

"ލޫސީ ލޯބިވާ ކޮންމެ މީހެއް އަދި އެއްޗެއްދެކެ އަަހަރެން ލޯބިކުރަން..."

"ބޭވަފާތެރިވާ ކަހަލަ ވާހަކަ ނުދައްކަވާ...." މަރިޔަމް ކަޅި އަޅައިލިއެވެ.

"މަރިޔަމް. ޑޮކްޓަރ އެވަރަށް ބުނީމަވެސް ކަލޭ އަޑުގަދަކުރަނީ. "

"މާފުކުރައްވާ. އަޅުގަނޑަށް ހަމަ މަނިކުފާނުގެ ނަޒަރުން އުދަގޫވެގެން ވާހަކަދެއްކެނީ. މިހާރު އަޅުގަނޑުވެސް ނިދިއަންނާން ފަށައިފި..."

"އެންމެ ރަގަޅު. އެނދުގައި އޮށޯވެލާ.." ލާވަން ތެދުވެއްޖެއެވެ.

"ނޫން މަނިކުފާނަށްޓަކާ ގެނުވި އެނދެއްގައި އޮންނާކަށް ލާހިކެއްނޫން. އަޅުގަނޑު ހަމަ ގޮނޑީގައި އިށީދެލާފައި އަރާމުކުރާނީ......." އެވަގުތު ޚާދިމާއަކު ކާނާ ހިފައިގެން އައުމުން ދެމީހުން ރަގަޅަށް ކައިގެން ތަށިތައް ގެންދަން ޚާދިމާ ގާތު ބުނެލިއެވެ. މަރިޔަމް ކިޑިކީ ކައިރީ ހުރި ދިގު ގޮނޑިއެއްގައި ޖައްސައިލިގޮތަށް އިރުކޮޅަކުން ފެނުނީ ގަދަ ނިދީގައި އޮތްވައެވެ. އޭނަވެސް ރޭ ނުނިދާ ހޭލާ ހުރުމުންނާއި މަ ގިނައިން ކެއުމުގެ ސަބަބުން ވަރުބަލިވީއެވެ. ލާވަންއަށް ނިންޖަކީ ބީރައްޓެހި އެއްޗެއްފަދައެވެ. ރެއާއި މިއަދު ނުނިދާ ހުއްޓަސް ނިދީގެ އެއްވެސް އަސަރެއްނެތެވެ. ހުރިހާކަމަކަށްވުރެ އޭނައަށް ހިތްހަމަޖެހުން ލިބުނީ ލޫސީގެ މޫނަށް އެގޮތަށް ބަލަން އިނުމެވެ. ވަގުތުތައް ހަލުވިކަމާއެކު ވޭތުވަމުންގޮސް އިރު އޮއްސި އަނދިރިކަން ގަދަވާން ފެށިއިރަށް ޚާދިމާއަކު އެކޮޓަރީގައި ބައްތިތައް ދިއްލާލައިފިއެވެ. ބައްތީގެ އަލީގައިވެސް ލޫސީގެ ރީތިކަން ތަފާތުކޮށް ފެނުނެވެ. އޭރުވެސް މަރިޔަމް އިނީ ގަދަ ނިދީގައެވެ. ވަގުުތުތަކެއް ފާއިތުވީފަހުން ލޫސީ ލޯ ހުޅުވާލާފައި ވަށައިގެން ހޯދާ ބަލައިލިއިރު ލާވަން ފެނުމުން އޭނައަށް ގޮވައިލިއެވެ. ލާވަން އަވަހަށް ބޭސްތަށި ހިފައިގެންގޮސް ލޫސީގާތަށް ދިޔައެވެ.

"އެންމެ ފުރަތަމަ މިބޭސް ތަށި ހިއްޕަވާ...."

ލާވަން ލޫސީގެ ބޯދަށަށް އަތް ލައްވާފައި ތެދުކޮށްލަދިނުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ބޭސްތަށި ބޯލާފައި އަނެއްކާވެސް ބާލީސްތަކުގައި ލެނގިލިއެވެ.

"ލޫސީ ހާލު ކިހިނެއް؟ އަދިވެސް މެޔަށް ތަދުވޭތޯ؟ " ލާވަން އަހައިލިއެވެ.

"ނޫން. އަޅުގަނޑު މިހާރު މުޅިން ރަގަޅު."

"އެކަމަކު އަދިވެސް ހުން ހާދަ ގަދައޭ.." ލާވަން ލޫސީގެ އަތާއި ނިތްކުރީގައި އަތް ޖައްސައިލިއިރު އަނދަ އަނދާވާހެން ހީވިއެވެ.

"މިހާރު ކިހާއިރެއްވީތޯ؟"

"ރޭގަނޑުވެއްޖެ...."

"އަޅުގަނޑަށް ހާދަ ގިނައިރުވަންދެން ނިދިއްޖެއޭ..."

"ނޫން ރޭ ލޫސީ ޚަބަރުހުސްވެފައި އެންމެން އެކަމާއިހެދި ބިރުން އުޅުނީ. އެކަމަކު ހެދުނުން ފެށިގެން ހަމަ ގަދަޔަށް ނިދިފައި އޮތީ. ރަސްގެފާނުގެ އަމުރަށް މިކޮޓަރިއަށް އެނދު ގެނައީ. އަޅުގަނޑާއިމެދުވެސް އެމަނިކުފާނު ވަރަށް ވިސްނަވާ. އެ އިހުސާންތެރިކަން ހިތަކުން ނުފިލާނެ......." ލާވަންގެ ޖުމްލައިން ލޫސީ ހިނިތުންވެލިއެވެ.

"ތިކަން އެނގޭ. ލާވަން މިތާ ތި އިންނަވަނީ ކޮންއިރަކުން ފެށިގެން......."

ލޫސީގެ އެ ސުވާލަށް ޖަވާބުދޭން އޭނަ ފަސްޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. ލޫސީ ހީކުރާނީ އޭނަގެ އިހުސާންތެރިކަން ދައްކަން އުޅެނީކަމުގައެވެ. އެގޮތް ލާވަން ބޭނުމެއްނޫނެވެ. ނަމަވެސް ޖަވާބު ލިބުން ލަސްވާންފެށުމުން ލޫސީ ތަކުރާރުކޮށް އެހެން އަހަން ފެށުމުން ކޮންމެވެސް އެއްޗެކޭ ބުނެލަން މަޖުބޫރުވިއެވެ.

"ހެދުނުން ފެށިގެން....."

"އަޅުގަނޑު ކިއްލާއަށް ގެނައީ ކޮންބަޔެއްތޯ؟ "

"ރަސްގެފާނާއި ދާނިޔާލް އަދި އަޅުގަނޑާއި އެހެންމީހުންވެސް ދިޔަ. އެންމެންހެން އުޅުނީ ހޭލައޭ ބުންޏަސް ދޮގަކަށްނުވާނެ............"

"އެހެންވިއްޔާ ރޭއްސުރެން ލާވަންވެސް އުޅުއްވީ އެއޮތް ފިނީގައި ބޭރުގައި. ކިހާ އުދަގުލެއް އުފުއްލަވަން ޖެހި ވަޑައިގަތީ..."

"ލޫސީ ނުފެނުނުނަމަ އުދަގުލަކަށްވާނީ. ނަމަވެސް މާތްރަސްކަލާނގެ އިރާދަފުޅުން ހުރިހާކަމެއް ރަގަޅުވީ...."

"އެކަމަކު މިހާރު ލާވަންވެސް ހުންނަވާނީ ވަރުބަލިފުޅުވެ ނިންޖަށް ބޭނުންވެފައި ނޫންތޯ؟ އަޅުގަނޑަށް މިހާރު ރަގަޅު އެހެންވިމަ ބޭނުންވަނީ ލާވަން ތި އެނދުގައި އޮށޯވެ ވަޑައިގަތުން.." ލޫސީ ބުނެލިއެވެ.

"އަޅުގަނޑާމެދު ކަންބޮޑުނުވޭ. އަދިވެސް ލޫސީގެ ހުންވެސް އެބަހުރި. އަޅުގަނޑު ބޭނުމީ ލޫސީގެ ބަދަލުގައި ތިތާ އޮތުން.."

"އަޅުގަނޑުގެ ހާލު ހައްތާ ބޮޑުވާނީ. ނޫނީ އޮށޯވެ ވަޑައިގަންނަވާ . އަޅުގަނޑަށް ތިކަމުން ވަރަށް އުދަގޫ އެބަވޭ............." ލޫސީ ވިދާޅުވިއެވެ.

"ލޫސީ ހުމާއި އުޅެނިކޮށް ނިދޭނެގޮތެއް ވިދާޅުވެ ބައްލަވާ.."

"ހައްތަހާ ހުން ގަދަވުން ނޫންކަމެއްނުވާނެ. ބަލިމީހާއަށް ޝިފާ ލިބޭނީ ހިތްހަމަޖެހުނީމައެއްނު...."

"މާގިނައިން ވާހަކަނުދައްކަވަން ޑޮކްޓަރުވެސް އަންގަވާފައި އޮތީ. މިހާރުވެސް އެހާ ނާޒުކް ވަރުދެރަ...ހުމާ ފިހެނީ. އެއްޗެއް ބޯލަންވީނު. އެބަގެނުވަން ޝަރުބަތު. ގިނައިން އެއްޗެހި ބޭނުންކުރީމަ އަވަހަށް ބަލި ރަގަޅުވާނެ. " ލާވަން ކޮޓަރިން ބޭރަށްގޮސް ޚާދިމައެއް ލައްވާ ޝަރުބަތު ތަކާއި މޭވާ ގެނުވައިފިއެވެ. ލޫސީ އުޅުނީ ނުކާށެވެ. ޝަރުބަތުތަށީގައި ހިތި ރަހަދެނީ ކަމުގައި ބުނުމުން އާދޭސްކޮށްގެން ކޮންމެވެސް ވަރަކަށް ބޮއިފިއެވެ. މޭވާކޮޅެއްވެސް ކައިލިއެވެ. ލާވަން އަނގައި ލަވާ ކާންދިނުމުން ވަކިން މީރުހެންވެސް ހީވިއެވެ.

"މިހާރު އަޅުގަނޑުގެ ގައިވާ ވަރުޖެހިއްޖެ. ދެން ލާވަން އަރާމުކުރައްވާ. ޖީސަަސްއަށްޓަކާ.." ލޫސީ ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން ލާވަންއަށް ގޮތް ހުސްވިއެވެ.

"ލޫސީ ބަލިވެއުޅެނިކޮށް އަރާމުކުރުމަކީ ކުރަން އެކަށީގެންވާކަމެއްނޫން. އެކަމަކު މަޖުބޫރުވީމަ މި އޮށޯންނަނީ..."

"ވަރަށް އުފާވެއްޖެ.." ލޫސީ ހިނިތުންވެލައިފިއެވެ.

"ލޫސީ އުފާވަންޏާ ފުރާނަވެސް ދީފާނަން..." ލާވަން ލޫސީގެ އަތުގައި ފިރުމާލުމަށްފަހު އެނދުގައި އޮށޯތުމާއެކު އިރުކޮޅެއްނުވަނީސް ފުން ނިންޖަކަށް ގެބުނެވެ. ލޫސީ ތެދުވެގެންގޮސް ލާވަންގެ ގައިގާ ރަޖާ އަޅާދިނެވެ. އަދި މަރިޔަމްއަށްވެސް ގޮވާލާފައި އެދުނީ ކޮޓަރިއަށް ގޮސް އޮށޯވެލުމަށެވެ. އޭރު ލޫސީގެ ހުން މަޑުވެއްޖެއެވެ. މަރިޔަމްއަކަށް އެކަމަކު ލޫސީ ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. އެހެންވެ ކުޑަކޮށް ކާލައިގެން ގޮނޑިމަތީ ރަޖާ ފަތުރާލައިގެން އޮށޯވެއްޖެއެވެ. ލޫސީ ހިތްހަމަޖެހިފައި ލާވަންގެ މޫނަށް ބަލަން އޮތެވެ. ރޭގައި ލާވަން އެގޮތަށް އޭނައަށް ބަލަން އިނުމުގެ ބަދަލުގައި މިރޭ ލޫސީ އޮތީ ލޯބިވެރިޔާގެ މޫނުން ނަޒަރު ވަކިނުކުރެވިފައެވެ. ދޭތެރެއަކުން މަންމަ ނޫނީ ބައްޕަ ނޫނީ ދާނިޔަލް އޭނަގެ ހާލު ބަލައިލަން ވެދެވަޑައިގެންނެވިއެވެ.

ޔޫގަންނާ އަންގަވައިގެން ސިއްރު ދޮރުވެސް ބަންދުކުރައްވައިފިއެވެ. އެތަން ހުޅުވާފައި ހުރުން ނުރައްކާތެރިކަމުގައި އޭނައަށް ވިސްނިވަޑައިގަތީއެވެ. ސާޖިސް ގޮސް މުސްލިމުން ގެ ލަޝްކަރު އެމަގުން ކިއްލާއަށް ވެއްދުމަކީ މިވީގޮތުން އެކަށީގެންވާކަމެކެވެ.

***

ސާޖިސް އެކޮޓަރީގައި ބަންދުވެފައި ހުރިއިރު އޭނަ ހީކުރީ މި ވާނީ އޭނަގެ ކަށްވަޅުކަމަށެވެ. އޭނަ ލޫސީއަށް އޮޅުވާލާ މަކަރު ހަަދައިގެން ގެނައުމުން ލިބުނީ ހިތަށް ނާރާވަރުގެ ނުބައި ލަނޑެކެވެ. މި ކަށްވަޅެއްފަދަ ހުރަގޭގައި އޭނަ ތާށިވެ ނުކުންނާނެ އެއްވެސް ގޮތެއް ނެތިއްޖެއެވެ. ދެކޮޅަށް ހިނގަނިކޮށް މީހެއްގެ ގައިގާ ޖެހުނުހެންވެސް ހީވިއެވެ. ބިރުން އަތް ދަމައިގެންފާ ފަހުން އެކަމާ ހިތާމަކުރިއެވެ. އެއީ ލޫސީއަށްވެދާނެބާވައެވެ. ސާޖިސްއަކީ އަބަދުވެސް މަކަރުވެރި މީހެކެވެ. އޭނަ ސިފައިންގެ މިހާރު ހުރި މަގާމަށް އާދެވުނީވެސް ކޮންމެވެސް މާތް މީހެއްގެ އެހީތެރިކަމުގައެވެ. އޭނަ ހުންނަނީ ސިފައިންގެ ސާޖެންޓަކަށެވެ. ނަމަވެސް ހަގުރާމައަކާއި ޖެހޭއިރަށް އޭނަ ބަލިވާނެއެވެ. މަކަރުހަދާނެއެވެ. ހަކީމެއްގެ ގާތަށްގޮސް ބޭސް އަތުލައިގެން އޭނަ ހުންނާނީ ބަލި މީހެއްގެ ގޮތުގައެވެ. ޖިންނި ފުރޭތައިންދެކެ ގަންނާކުރައްވާ ބިރަކުން ރޭގަނޑުވެއްޖެއްޔާ އެކަނި ބޭރަށް ނިކުންނަންވެސް ކެރޭމީހެއް ނޫނެވެ. މަކަރުވެރިކަމުން ލޫސީ ގޮވައިގެން ބަހާރުވާދީއަށް އައުމަށްފަހު ލޫސީ އެވަނީ ފިލައިގެން ގޮސްފައެވެ. އޭނަ މިވަނީ ހާލުގައި ޖެހިފައެވެ. ހުރިހާ ފިކުރުތައް އެއްވެ ހިތާމައާއި މޮޅިވެރިކަން ވަށާލާ ކުޑަކުއްޖެއްހެން އޭނަ ރުޔެވެ. އެންމެފަހުން ހަށިގަނޑުގައި ސާލު އޮޅާލައިގެން ފާރުބުޑުގައި އިށީދެގެން އިނީ ހަދާނެގޮތަކާއިމެދު ވިސްނާށެވެ. ކުއްލިއަކަށް ބައްތިތަކެއްގެ އަލި ފެނުމުން ހިތަށް ބިރުވެރިކަން ވަދެ މޫނާއެކު ސާލު އަޅައިގެން އޮށޯވެ ސިއްރުން ބަލަމުން ދިޔައެވެ. އެންމެ ކުރީގައި ހުރީ ސިފައިންގެ މީހެކެވެ. ދެން ހުންނެވީ ޔޫގަންނާއެެވެ. ދާނިޔަލްއާއި ލާވަން އަދި ތޫމާއެވެ. ކާރކަސްއެވެ. އެންމެން އަންނަތަން ފެނުމުން ހިރިލާންވެސް ނުކެރި އޮތްވާ އެމީހުން ގޮސް ވާދީގެ ތެރެއަށް ނުކުތްތަން ފެނުނެވެ. އޭނައަށް ބައްތީގެ އަލީގައި މަގު ދެނެގެނެވިއްޖެއެވެ. އަވަސްވެގަތީ އެތަނުން ނުކުތުމަށެވެ. ހޮހަޅުގެ ކޮޅާއި ހަމަޔަށްގޮސް ހިލަގަނޑު ދުރުކޮށްލާފައި އޭނަ ނުކުންނަން ހިނގައިގެންފާ ސިއްރުން ބަލައިލިއިރު ނަސީބަކުން ސިފައިންގެ މީހަކު ފެންނާކަށް ނެތެވެ. ޔޫގަންނާ އާއި ސިފައިން ހާސްވެފައި ތިބިވަރުން އެކަމަށް ސަމާލުކަން ނުދެވުނީއެވެ. އެތާ ފާރައަށް ސިފައިންގެ މީހަކު ބެހެއްޓިނަމަ އޭނައަށް ސަލާމަތެއް ނުވެވުނީހެވެ.

ސާޖިސް ހޮހަޅައިން ނުކުމެ ވަށައިގެން ހޯދާ ބަލައިލީ ކަންބޮޑުވެފައި ހުރެއެވެ.

ހުރިހާ ދިމާލެއް ފެންނަނީ އަމާންކޮށެވެ.

***

ހަނދުވަރުގެ އަލި ފެތުރިފައި އޮތަސް ބޯ ދުންފިނީގެ ސަބަބުން ދުރުފެންނަވަރު ނިކަން ކުޑައެވެ. ކޮންމެވެސް ވަރަކަށް ސްނޯ ފައިބަމުންދާއިރު ފަޒާގެ ފިނި ގަދަކަމުން އެއް ރަޖާއިން ހަށިގަނޑަށް ދެވޭނެ ހިމާޔަތެއް ނެތެވެ. ރޫރޫ އަަޅާގޮތްވިއެވެ. ނޭވާލިޔަސް ނޯށުން އަރާ އާވި ފެތުރިގެން ދެއެވެ. އޭނަ ތަންކޮޅެއް ދުރަށްގޮސް ހިލަގަނޑެއްގެ ނިވަލުގައި އިށީދެލައިގެން ފިކުރުކުރާންއިނެވެ. އެއްފަރާތުން އުޑުގެ ވިލާތަކާއި ހަމަޔަށް ފާރުތައް އުސްކޮށްފައިވާ ވަރުގަދަ ކިއްލާއެވެ. ފޯރިމަރަން ތިބި ސިފައިންގެ ހިޔަނިތަކެވެ. އަނެއްކޮޅުން ފެންނަން އޮތީ ޝަހަރުއެވެ. އެދިމާލުގައިވަނީ ހިމޭންކަމެވެ. ހަލަބުގެ ކިއްލާއާއި ދިމާލުން އެތައް ސަތޭކަ އަލިފާން އަންދައިގެން އެވަނީ މުސްލިމުންގެ ލަޝްކަރެވެ. ކިއްލާއަށް ދިޔުމަށްވުރެ ނުރައްކާތެރި އަދި މޮޔަކަމެއް ނުކުރެވޭނެއެވެ. ޔޫގަންނާއާއި އޭނަގެ ގްރޫޕުން އެވަޑައިގަތީ ލޫސީ ހޯއްދެވުމަށެވެ. މުޅި ވާދީގައި އަތްފުނާ އަޅައިގެންވެސް ރަސްގެފާނު ލޫސީ ހުރިތަނަކަން ހޯއްދަވާނެއެވެ. ލޫސީ އޭނަގެ ބައްޕާފުޅަށް ހުރިހާ ވާހަކައެއް ކިޔާދެއްވާނެއެވެ. އޭނަ ފެންނައިރަށް ދެއްވާނެ އަަދަބެއް ހިތަށް އެރިޔަސް ބިރުން ރޫރޫ އަޅައިގަނެއެވެ. ދެން ދާން އޮތްތަނަކީ ޝަހަރެވެ. ޝަހަރު މީހުން މުސްލިމުންނާއި ސުލްހަވުމަށްފަހު ކިއްލާ މީހަކު އަތުޖެހިއްޖެނަމަ މުސްލިމުންނާއި ހަވާލުކުރަން ޝަރުތުކޮށްފައިވެއެވެ. އެހެން އަތުލާމީހުންނަށް އޮތް އަދަބެއްވެސް އެނގެނީއެއް ނޫނެވެ. އޭނައަށް މިހާރު ހަދާނެގޮތް ހުސްވެ މާޔޫސްކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ. ލޫސީފަދަ އޭނަގެ ފެންވަރާއި އެކަށީގެންނުވާ ރަސްދަރިކަނބަލަކަށް ހިތް ކިޔައިގެން އެކުއްޖާއަށް މަކަރާއި ހީލަތް ހެދުމުން ލިބުނު ލަނޑުން އޭނަ އަމިއްލަ ޟަމީރުވެސް މަލާމާތްކުރަންފެށިއެވެ. އެހެން ނެހެދުނު ނަމަ އޭނަ ހުންނާނީ ކިއްލާގައި އަރާމުކޮށް ކައިގެން ފިނިން ރައްކާތެރިވެގެންނެވެ.

މަޑުން އިންނާން ފެށުމުން ވަކިން ގަދަޔަށް ފިނީގެ ހަމަލާތައް ހަށިގަނޑަށް ވާސިލުވިއެވެ. ރަޖާގެތެރެއިންވެސް ފިނިކަން އެތެރެއަށް ވަދެ ހަށިގަނޑުވެސް ގަނޑުކޮށްފާނެފަދައެވެ.

މުސްލިމުންގެ ލަޝްކަރަށްދާން ޚިޔާލުކުރެވުނެވެ. އެމީހުންނާއި ސުލްހަވާން އެދުނު ބަޔަކާއި ސުލްހަވާނެއެެވެ. ނަމަވެސް އާއްމުކޮށް ސުލްހަވާއިރު ފައިސާ ދައްކަން ޖެހޭނެކަން ހަނދާންވެ އިސްޖެހިއްޖެއެވެ. ދެން ހަދާންވީ ހެދުމުގެ ތެރޭ ރައްކާކޮށްފައިވާ ބަހާރުވާދީގެ ޚަޒާނާގެ ޗާޓެވެ. އެ ޚަޒާނާ ދީގެން ސުލްހަވާނީއެވެ. ކޮންމެވެސް ވަރަކަށް ހިތަށް ހަމަޖެހުމެއް ލިބުމާއެކު އޭނަ ކުރިއަށް ހިނގައިގަތެވެ. އޭރު ވައިބާރުވެ ފިނިކަން އިންތިހާއަށް ގަދަވެއްޖެއެވެ. އޭނަ ހިނގަމުން ދަމުން ދޭތެރެއަކުން އަރާމުކޮށްލަން މަޑުކޮށްލާއިރު އެ ޚަޒާނާއާއިމެދުވެސް ފިކުރުކުރިއެވެ. އެ ނުދޭނަމޭވެސް ހިތަށް އެރީ ސަބަބެއްނެތިއެއް ނޫނެވެ. އެ ޚަޒާނާއާއިމެދު އޭނަ ހާދަ ވަރަކަށް އުއްމީދުކޮށް ރޭވުންތައް ރާވައިފިއެވެ. އަދިވެސް މި އިންތިޒާރުކުރަނީ މުސްލިމުން އަތުން ޔޫގަންނާ ބަލިވެ އޭނައަށް ލޫސީ ލިބިދާނެ ކަމަށެވެ. އެ ޚިޔާލު އަޔަސް އަދި މިވަގުތަށް ފުރާނަ ސަލާމަތްކުރަން މުސްލިމުންނާއި ސުލްހަވުން ނޫންގޮތެއްވެސް ނެތެވެ. ހުރިހާ ކަމަކަށްވުރެ އިންސާނާވެސް ތިމާގެ ފުރާނަދެކެ ލޯބިވާނެއެވެ. އޭނަ އެންމެފަހުން ނިންމީ މި ޚަޒާނާ ދީ ސުލްހަވުމަށްފަހު މުސްލިމުންނާއެކު ދިރިއުޅުމަށެވެ.

މުސްލިމުންގެ ލަޝްކަރާހަމަޔަށް އޭނަ ފޯރިއިރު ފަޖުރުގެ އަލިކަން ފައުޅުވެ ބަންގި ގޮވަނީއެވެ. މިއޮތްގަދަ ފިނީގައި ވުޟޫކޮށްލައިގެން ނަމާދަށް ތައްޔާރުވާ މަންޒަރާއި ބަންގީގެ އަޑުން ހައިރާންވިއެވެ. އެމީހުންގެ ބިޔަކަމާއި ހައިބަވަންތަކަން ފެނިފައި ބިރުން ރޫރޫ އަޅާގޮތްވެ އަނބުރާލާފައި ދާންވެސް ހިތަށް އެރިއެވެ. ގަހެއްގެ ނިވަލުގައި ފިލާ ހުރެގެން އޭނަ މުޖާހިދުން ނަމާދުކުރާ މަންޒަރު ބެލިއެވެ. އެވެސް އަޖައިބުކުރުވަނިވި ހިތްގައިމު މަންޒަރަކަށްވިއެވެ. އަލިފާންތަކުގެ ހޫނުކަމުގައި އެމީހުން އަޅުކަން ކުރަމުން އެދަނީއެވެ. ފިނީގެ ސަބަބުން އެއިން އަލިފާންގަނޑެއްގެ ހޫނުކަމަށް އެދި ކެތްތެރިކަން ކުޑަވިއެވެ. އެންމެފަހުން އޭނަ އަރަބިންގެ ބަޔަކާއި ދިމާލަށް ހިނގައިގަތެވެ. އެމީހުން އޭނައާއި ސުވާލުކުރަންފެށިއެވެ. އަރަބި ބަހުން ވާހަކަދައްކަން އޭނައަށް ނޭގުނުއިރު އެ އަރަބިންނަށްވެސް ރޫމީންގެ ބަހުން ވާހަކަދައްކަން ނޭގުނެވެ. އެހެންވެ އެމީހުން އޭނަ ގެންދިޔައީ އަބޫއުބައިދާގެ ފޭލިގެ ކޮޅަށެވެ. އެ ފޭލިގެ ހުރީ އެންމެ އުސް ދިމާލުގައެވެ. އެތާ ހުންނައިރު ދުރު ދުރަށްދާންދެން ފެނެއެވެ. އޭރު އެކަލޭގެފާނު ފޭލިގެއަކު ނޫޅުއްވައެވެ.

ނިދީގެ ސަބަބުން އެސްފިޔަތައް ބަރުވެގެން ވެއްޓޭއިރުވެސް ގަދަކަމުން ލޯ ހުޅުވާލައިގެން ސާޖިސް ހުރީ އަރަބިންދެކެ ގަންނާކުރެއްވި ބިރަކުންނެވެ. އެހެން ހުއްޓާ ފެންނަން ފެށީ އަރަބިންގެ ލަޝްކަރު އަންނަތަނެވެ. ކޮންމެ ނޭޒާއެއްގެ ކޮޅުގައި ރޫމީންގެ ބޮލެކެވެ. އަނެއް ބަޔަކު ހައްޔަރުކޮށްގެންވެސް އެބަ ގެނެއެވެ. އޭނަ ދަންނަ މީހުންވެސް ފެނުނެވެ. އެއީ މުސްލިމުންގެ ގާފިލާ ފޭރިގަންނަން ދިޔަ ގައިދަމޫންގެ ހަގުރާމަވެރިންނެވެ. އެ ރޫމީންތައް ގެނެސް ގަތުލުކުރި މަންޒަރު ފެނި އޭނަ އަނބުރައިނުގަތީވެސް ކިރިޔާއެވެ. އެމީހުން އެ ޖޯޝާއި ފޯރީގައި އައިސް ފޭލިގޭގެ ބޭރުން އޭނަ ފެނިފައި ގަތުލުނުކުރާނެ ބާވައެވެ.

މާ ގިނަ އިރުތަކެއްނުވެ އަބޫއުބައިދާއާއި ލަޝްކަރުގެ އިސް މުޖާހިދުން ފޭލިގެތެރެއަށް ވެދެ ވަޑައިގެންފިއެވެ. ހިތްވަރުގަދަ މާތް މުޖާހިދުން ފެނިފަ ބިރުން ރޫރޫ އަޅައިގަތެވެ. ރޫމީ ބަސް އެނގޭ މީހަކު ގެންނަވާ އޭނައާ ސުވާލުކުރެއްވިއެވެ.

"ކަލެއަކީ ކާކު؟ "

ސާޖިސް:" މާތް ސާހިބާ. އަޅުގަނޑުގެ ނަމަކީ ސާޖީސް. ޔޫގަންނާގެ ލަޝްކަރުގެ ކެޕްޓަނަކަށް ހުރެފައި ދިމާވި މައްސަލައަކާއިހެދި އަޅުގަނޑު ކިއްލާ ދޫކޮށް މިއައީ. އަޅުގަނޑު ބޭނުމީ ތިޔަބޭފުޅުންނާއި ސުލްހަވުން"

އަބޫ އުބައިދާ:" ހަމައެކަނި ކަލޭ ނޫނީ އެހެން ސިފައިންނާވެސް އެކުގައިތަ ؟ "

ސާޖިސް:"ނޫން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑާއި އަޅުގަނޑުގެ ލޯބިވެރިޔާ ލޫސިއާއި ދެމީހުންނަށްޓަކާ ސުލްހަވުން.."

އަބުއުބައިދާ:" ލޫސީ އަކީ ކާކުތަ؟ "

ސާޖިސް: "އެއީ ޔޫހަންނާގެ އަންހެން ދަރިފުޅު...."

އަބޫއުބައިދާއަށް ސާޖިސް ބިރުން އިންވަރާއި ފަރާތްފަރާތަށް ކަޅިއުކާލަ އަތުގެ އިނގިލިތަކާއި ކުޅޭގޮތުން ދޮގުވެރިކަން އިހުސާސްވެ އިތުބާރުކުރެއްވޭ ގޮތެއްނުވިއެވެ.

އަބޫ އުބައިދާ : "އަހަރެމެން ދަންނަ ގޮތުން ޔޫހަންނާގެ ދަރިއެއް ނުހުރޭ"

ސަޖިސް: "ނޫން މާތް ސާހިބާ މިދެންނެވި ބޭފުޅާ އެކަނި ހުންނެވީ."

އަބޫއުބައިދާ: "ޔޫގަންނާއާއި މައްސަލަޖެހުނީ ކީއްވެތަ؟ "

ސާޖިސް: "ޔޫހަންނާ އަވަހާރަވުމުގެ ކުރިން އަޅުގަނޑުމެންގެ ކައިވެނި ހަމަޖެއްސެވި. ނަމަވެސް ޔޫގަންނާ ބޭނުންފުޅުވީ އައުޒާޒު ކިއްލާގެ ރަސްގެފާނުގެ ދަރިކަލުންނާއި ލޫސީގެ ކައިވެނި ކުރުވަން. އެހެންވެ އަޅުގަނޑު ހިތްހަމަނުޖެހުނީ.." ސާޖިސް ދޮގަކަށްފަހު ދޮގެއް ހެދިއެވެ.

އަބޫއުބައިދާ: "ތި ކައިވެނި ކުރަން އުޅޭކަން ލޫސީއަށް އެނގޭތަ؟ "

ސާޖިސް: " އާދެ މާތް ސާހިބާ ލޫސީވެސް މިކަމަށް އެދިވަޑައިގެން ހުންނެވީ. އޭނަ ވަރަށް ގަބޫލު...."

"އެންމެ ރަގަޅު. ސުލްހަވާން ކޮން ޝަރުތެއް ހުށަހަޅަނީ؟ "

ސާޖިސްގެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން ޚިޔާލީ ފޮލާ ކެއްކެންފެށިއެވެ.

ކޮމެންޓް 0