"ތިއީ ކޮންކަހަލަ ކަމެއް. ކަލޭ ފިޑި އަންހެނެއް ފަދައިން ރޯއިރު ލަދުގަންނަން ޖެހޭނެ. މޮޔަކަމުގެ އިންތިހާ. ތިގޮތަށް ކަރުނަ އޮއްސުމުގެ ބޭނުމެއް ނިކަން ބުނެބަލަ. ކިތަންމެ ވަރަށް ރުޔަސް މަގޭ ހިތަށް އަސަރެއް ނުކުރާނެ. ތިޔަ ޒާތުގެ ކަރުނައަކީ އަގެއް ހުރި އެއްޗެއް ނޫން. މިއަދަށްފަހު ތި ކަރުނަ ދެކޭކަށް އަހަރެން ނާންނާނަން. އަދި ތި މޮޔަ ކަންތައް ހުއްޓާނުލައިފިއްޔާ ވީހާވެސް ހަރުކަށި އަދަބެއް ދޭނެކަން ހަދާން ކުރާތި..."

ދާރިޔަސްގެ ރަހުމް ކުޑަކަމުން އެންމެންގެ ބަސްތައް ހުއްޓުނެވެ. ދާރިއަސް އެތަނުން ނުކުމެ ވަޑައިގަތުމުންވެސް ލާވަންގެ ކަރުނަތަކަކަށް ނިމުމެއް ނައެވެ. އެމަންޒަރު ފެނި މަލަކާއާއި ލޫކާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ.

"ބޭބޭ. އަޅުގަނޑު މި ދުނިޔެއާއި ވަކިވުމަށް އެދި ދުޢާކޮށް ދެއްވާ....."

"ތިދައްކަނީ ކޮން ކަހަލަ ވާހަކައެއްތަ؟ ކޮއްކޮ ނެތް ދުނިޔެއެއްގައި ކޮން އުފަލެއް ހިތްހަަމަޖެހުމެއް ލިބޭނީ. ކޮއްކޮއަށް ވުރެ ކުރިން ބޭބެ އަމިއްލައަށް މަރުވެދާނަން..." ލޫކާ ހިތާމައިން ފުރިިގެންވާ ގޮތަކަށް ބުނަމުން ލާވަންގެ މޫނާއި މޫނު ޖެހޭގޮތަށް އޮށޯވެލިއެވެ.

"ނޫން. އަޅުގަނޑު ނެތުމަށްފަހު މަންމަގެ ހިތްޕުޅު ހަމަޖައްސަވާދެއްވަން ބޭބެ ހުންނަވަންވާނެ. އެކަމަކު އޭރުން ލޫސީއަށް ވާނީ ކިހިނެއް؟ އަޅުގަނޑު މަރުވެއްޖެއްޔާ ލޫސީވެސް މަރުވެދާނެ. މިހެންވާންވީ ކީއްވެތަ؟ ކީއްވެ މަރުވާންވީ؟ އަޅުގަނޑު މަރުވެގެންވެސް ނުވާނެ. އެކަމަކު ބައްޕާޕުޅު އަޅުގަނޑު ގަތުލުކޮށްލައްވައިފި. އަޅުގަނޑުގެ ގާތަށް އަނެއް ދުނިޔެއަށް ލޫސީވެސް ގެނެސްދެއްވާ....." ލާވަން ހެމުން ހަމަނުޖެހޭ ވާހަކަތަކެއް ދައްކަން ފެށިއެވެ. ލާވަންގެ ބުއްދި ގޯސްވެ ފާޑު ފާޑު ވާހަކަދައްކަން ފެށުމުން ޑޮކްޓަރގެ މޫނުމަތިންވެސް ހާސްކަން ފެނިލިއެވެ.

"އިހަށް ތިބޭފުޅުން ކޮޓަރީގައި ތިއްބެވުން ރަގަޅުކަމަކަށް ނުވާނެ. ޝެހެޒާދާ އެކަނި އޮންނެވީމަ ހަމަޖެހިދާނެހެން އަޅުގަނޑަށް ހީވޭ......"

"ނޫން ކޮއްކޮ މި ހާލުގައި އޮތްވާ އެކަނި ދޫކޮށްލާފައި ދާކަށް ނުކެރޭނެ..." ލޫކާ ލާވަންގެ ގައިގާ ހިފަހައްޓައިލިއެވެ. ލާވަން ހީހީފައި އަނެއްކާ ރޯންފެށިއެވެ.

"މަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ. އަޅުގަނޑު ކޮއްކޯފުޅު އަރިހުގައި މަޑުކޮށްލާނަން...." ޑޮކްޓަރ ބުނެލިއެވެ.

"އެކަމަކު އަޅުގަނޑު ކޮއްކޮއާއި ވަކިވާކަށް ބޭނުމެއްނޫން. ކޮއްކޮ އަޅުގަނޑުމެންނަށް ބޭނުންވާނެ. މި ހާދިސާގެ ސަބަބުން ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައި އެވަނީ...."

"ކޮއްކޯފުޅުގެ ހާލު ރަގަޅުވުމަށް މަނިކުފާނު އެދިވަޑައިގަންނަވަންޏާ ބޭރަށް ނުކުމެވަޑައިގެންނެވުން ރަގަޅީ." ޑޮކްޓަރ ލަފާދިނެވެ.

"ތެދެއް ލޫކާ. ޑޮކްޓަރުން މިފަދަ ކަންތައްތަކުގައި ތަޖުރިބާ ހުންނާނެ. ބޭރަށް ދަމާ ދަރިފުޅާ. މިވަގުތު އެންމެ ރަގަޅުވާނީ ޑޮކްޓަރު ގެ އިރުޝާދުތަކަށް އަމަލުކުރުން....." މަލަކާ ލޫކާގެ ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ.

"ގަޑިއެއްހާއިރު ފަހުން އަންނާނަން..ކޮއްކޯ. ހިތްވަރުކުރޭ...މާތް ރަސްކަލާނގެއާއި ވަކީލުކުރޭ. ދެރަގޮތެއްނުވާނެ.." ލޫކާ ލާވަންގެ ނިތްކުރިއަށް ބޮސްދީފައި ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. މަލަކާވެސް ދަރިފުޅުގެ ގައިގާ ފިރުމާލައްވާފައި ނުކުމެވަޑައިގަތީ އެއްގޮތަކަށްވެސް އެތަނުން ބޭރަށް ވަޑައިގަންނަވާކަށް ނޫނެވެ. މަޖުބޫރުވެގެންނެވެ. މަލަކާ އެކަމަނާގެ ކޮޓަރިކޮޅަށް ވެދެވަޑައިގެން އަޅުކަން ކުރައްވަން ފެއްޓެވިއެވެ. ދަރިފުޅަށް ޝިފާއަށް އެދި ކީރިތި ކުރައްވަމުން ދިޔައެވެ.

***

އައުޒާޒުގެ ފައްޅިތަކުގެ ތެރެއިން ލޫކާ އަށް ކިޔަވާ ދޭ ފާދިރީ އުޅޭ ފައްޅި ހުންނަނީ ގަނޑުވަރާއި މާ ދުރުގައެއް ނޫނެވެ. އެފާދިރީއަކީ އިލްމާއި ހިލްމު ލިބިފައިވާ އުމުރުން ދުވަސްވީ ފާދިރީއެކެވެ. ދުވަސްވުމުގެ ސަބަބުން އިސްތަށިގަނޑު އެއްކޮށް ހުދުވެފައިވެއެވެ. އޭނައަށް އެެންމެން ކިޔާ އުޅޭ ނަމަކީ "ހޯލީ ފާދާރ" އެވެ. އީސާއިން އޭނައަށް ކަމޭ ހިތާ "ސެއިންޓް" އެއްގެ ދަރަޖަ ދެއެވެ. އެންމެންގެ ހިތުގައި އޭނަގެ މާތްކަމާއި ގަދަރު ދެވިފައިވެއެވެ. އެތައް ބަޔަކު އިލްމު އުނގެނެން އޭނަގެ ގާތަށް ޒިޔާރަތްކުރެއެވެ. އިހުގެ އެތައް މުގައްދަސް ފޮތްތަކާއި އިލްމީ ފޮތްތަކުން އެތާގެ ހަރު ފުރިފައިވެއެވެ. ލޫކާ އޭނަގެ ކައިރިއަށް ގޮސް ސަލާމް ކޮށްފައި އަތުގައި ބޮސްދިނެވެ.

""މިއަދު މަނިކުފާނުގެ ލޯފުޅުގައި ކަރުނައިގެ ތެތްކަން އެބަހުރި. ކޮންކަމެއް ދިމާވީތޯ؟ "ފާދިރީ އޯގާތެރިކަމާއެކު ސުވާލުކުރިއެވެ.

"އަޅުގަނޑުގެ ކޮއްކޮގެ ހާލު ވަރަށް ބޮޑު..." ލޫކާ އަސަރާއެކު ކިޔައިދިނެވެ.

"އަޅުގަނޑަށް ތި ޚަބަރު ލިބިފައިވޭ. އެމަނިކުފާނު ގެ ހިތްޕުޅުގައި ޔޫގަންނާގެ ދަރިކނަބަލުން ލޫސީއަށްޓަކާ ލޯބި އުފެދުނީ. ޔޫގަންނާވަނީ އަޅުގަނޑުމެންގެ މި މާތް ދީނަށް ފުރަގަސްދީ އަރަބިން ގެނައި އާ ދީނަށް ތަބާވެފައި. ލޫސީވެސް އިސްލާމްދީނަށް ވެދެވަޑައިގެންނެވުމުން ރަސްގެފާނު އެކަމާއި ކޯފާވީ..." ފާދިރީ އަށް އެ ޚަބަރު ލިބުނުގޮތެއް ނޭގުނަސް ފައްޅިތަކާއި ހަމަޔަށްވެސް ލާވަންގެ ލޯބީގެ ޚަބަރު އަތުވެއްޖެއެވެ.

"އަޅުގަނޑުވެސް އެމަނިކުފާނަށް ޒިޔާރަތްކުރާނަން...."

"ލައްބަ ހޯލީ ފާދަރ...." ލޫކާ ހިނިތުންކޮށްލިއެވެ.

"އަޅުގަނޑު ގުރުބާން ކާހުގައި އެމަނިކުފާނަށް ރަހުމަތްލެއްވުން އެދި ދުޢާކުރާނަން..." ފާދިރީ އިތުރުކޮށްލިއެވެ.

"ހޯލީ ފާދަރ. އަޅުގަނޑު އަދި މިއައީ ވަރަށް ބޮޑުކަމަކާއި ބެހޭގޮތުން ވާހަކަ ދައްކައިލަން ކަމަށް. ކަލޭގެފާނަކީ ވަރަށް ގިނަ އިލްމީ ފޮތްތައް ކިޔަވާ ވިދާޅުވެ ދީނީ ހުރިހާ ކަމެއް އެނގިލައްވާ ބޭކަލެއް. އެހެންވީމަ އަޅުގަނޑު މި ސުވާލުކުރަނީ ކަމެއްގެ ހަގީގަތް ދެނެގަންނަން ވެގެން ވަރަށް އެކަމަށް އެދޭތީ."

"އަޅުގަނޑަށް އެގޭ ކަމެއް ވިއްޔާ މަނިކުފާނަށް އޮޅުން ފިލުވާދޭނަން.." ފާދިރީ ބުނެލިއެވެ.

"ކަލޭގެފާނަށްވެސް މިހާރު އަރަބިންނާއި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތައް އޮޅުން ފިލާފައިވާނެ. އެމީހުންނަކީ ފަގީރު ޖާހިލުބަޔެއް. އެއްވެސް އުޅުމެއް ތަހުޒީބެއްނެތި އެއްބަޔަކު އަނެއްބަޔަކު އަތުން ފޭރި އެއްގަބީލާ އަނެއް ގަބީލާގައި އަރައިރުންވެ ހަގުރާމަކޮށް އުޅުނު ބަޔެއް. ބުނެވޭ ބަހަކުންވެސް ތިމާގެ އަޚާގެ ގައިގާ ކަނޑިން ޖަހާ ފުރާނަ ދުއްވައިލަން ފަހެއް ނުޖެހޭ. އެކަމަކު މިބުނާ މީހުން އާ ދީނެއް ގެނައިފަހުން އެމީހުން އެކުވެރިވެ އެކަތިގަނޑަކަށް ވެއްޖެ. އެމީހުންނަށްވުރެ ބާރުގަދަ ބަޔަކު މުޅި ހިޖާޒު ކަރައަކު ނެތް. އަދި ނުވީތާކަށް އެތައް ތަނެއް ފަތަހަކޮށްފި....."

"އެ ހުރިހާ ކަމަކީވެސް އެމީހުން ތެރޭ އުފެދުނު ހިކުމަތްތެރި އިލްމީ އެންމެ ފަރުދެއްގެ މަސައްކަތް..."

"ތިޔަ ދެންނެވި މީހަކީ މުހައްމަދު ބިން އަބުދުﷲ ތޯ؟ ކަލޭގެފާނު އަރަބިންގެ ނަބިއްޔާ މުހައްމަދުއާއި މެދު ދެކިލައްވަނީ ކިހިނަކުންތޯ؟ "

"އަޅުގަނޑުމެންގެ ފޮތްތަކުގައި ވެސް އަދުނާން ވަންހައިން ނަބިއްޔަކު ފޮނުވޭނެ ވާހަކަ އޮވޭ. އެކަލޭގެފާނު ގެންނަވާ ދީން މަޣުރިބުން މަޝްރިގަށް ފެތުރޭނެ ކަމަށް އޮވޭ. ޖީސަސްވެސް އެބޭކަލަކާއި ބެހޭގޮތުން އުފާވެރިކަމުގެ ޚަބަރު ދެއްވާ..."

"އެހެންވިއްޔާ އެންމެ ތެދުވެރި ދީނަކީ އިސްލާމް ދީންކަމަށް ކަލޭގެފާނުވެސް ތިޔަ ބުނުއްވީ؟ " ލޫކާ ހައިރާންވެގެން އެހިއެވެ.

" އެ ބުނާ ދީނަށް ތަބާވުމަށް ހުރިހާ ނަބިއްޔުންނަށްވެސް އަންގަވާފައިވޭ...."

"ތިޔަ ބުނުއްވި ދީން އައުމަށްފަހު ކުރީގެ ހުރިހާ ދީންތައް މަންސޫޚަވާނެތޯ؟ "ލޫކާގެ ސުވާލުން ފާދިރީ ހިމޭންވެއްޖެއެވެ.

"އެހެން ވިއްޔާ ތިޔަ ބުނުއްވި ފޮތްތަކުގައި ވާ ދީނަކީ އިސްލާމް ދީން ތޯ؟ އެނަބިއްޔަކީ މުހައްމަދު ތޯ؟ އެއީ މި އަރަބިންކަން ޔަގީންވަނީ ތޯ؟ "ލޫކާ އެއްފަހަރާ އެތައް ސުވާލެއްކޮށްލުމުން ފާދިރީ ނުތަނަވަސްކަމާއެކު ނިތްކުރީގައި ފިރުމަންފެށިއެވެ. އޭނަ ހައިރާންކަމާއި ކަންބޮޑުވުމާއެކު ލޫކާއަށް ބަލަހައްޓައިގެން އިންނަން ފެށުމުން ލޫކާއަށް ޔަގީންވިއެވެ.

"ދޮގު ނަހައްދަވާ އަޅުގަނޑަށް ސާފުކޮށް ތެދުބަހުން ހަގީގަތް ކިޔާދެއްވާ. އެއީ މަސީހު އުފާވެރިކަމުގެ ޚަބަރު ދެއްވި ނަބިއްޔާގެ އުއްމަތުގެ މީހުން ތޯ؟އަޅުގަނޑު އިތުރު އެއްވެސް މީހަކަށް އަންގާނީއެއްނޫން. މިވާހަކަތައް އަޅުގަނޑުމެން ދެމީހުން ނޫން އެއްވެސް ފަރާތަކަށް ނީވޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. " ލޫކާ އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ.

"މަނިކުފާނު ތިހާވަރުން އެވާހަކަ އޮޅުން ފިލުވުމުގެ މަގުސަދަކީ ކޮބާތޯ؟ "ފާދިރީ އެހިއެވެ.

"އެއީ ތެދުވެރި ނަބިއްޔާ ނަމަ އަޅުގަނޑުވެސް އިސްލާމް ދީނަށް ވަންނަން ކަމަށް.." ލޫކާގެ ޖުމްލައިން ފާދިރީއަށް ޝޮކެއް ލިބި ބިރުވެރިކަމާއެކު މޭމަތީގައި އޮތް ސަލީބުގައި ހިފައިލެވިއްޖެއެވެ. ދައްކަން ނުވާ ވަރަށް ރަސްގެފާނުގެ ދަރިކަލުންނަށް އޭނައަށް އިސްލާމްދީން އޮޅުން ފިލުވާދެވިއްޖެއެވެ.

"ތިޔަކަމާ ބެހޭގޮތުން ދެން އިތުރު ވާހަކައެއް ދައްކާކަށް ނެތިން......" ފާދިރީ ހިތްހަމަނުޖެހޭގޮތްވިއެވެ.

"ހަގީގަތް ފާޅުވުމުން ހުރިހާ އެއްޗެއް ފޮރުވަން ނިންމެވިކަމާއިމެދު ހިތާމަކުރަން. އެކަމަކު އަޅުގަނޑަށް ހުރިޙާ އެއްޗެއް އޮޅުން ފިލައިފި............." ލޫކާ ބުނެލިއެވެ.

"އޮޅުން ފިލީ ކޮންކަމެއްތޯ؟ " ފާދިރީ ހާސްވެ މޫނުނން ދާތިކިތައް ވިދަންފެށިއެވެ.

"އިސްލާމްދީނަކީ ތެދުވެރި ދީންކަމާއި މަސީހު އުފާވެރިކަމުގެ ޚަބަރު ގެނެސްދިން ނަބިއްޔާ ދުނިޔެ ވަޑައިގެންފި ކަމާއި އެ ނަބިއްޔާގެ އުއްމަތުގެ މީހުންނަކީ މުސްލިމުން ކަން........."

"ތިކަން މަނިކުފާނަށް ޔަގީންވެ ވަޑައިގަތީ ކިހިނަކުން ކަމެއް ނޭގުނު.."

"ޔޫގަންނާއަކީ އީސާއީދީނަށްޓަކާ ގުރުބާންވެ ވަޑައިގަންނަވަން ހުރި ފުރިހަމަ އީސާއީއެއް. ދީނަށްޓަކާ ހުރި ލޯބީގެ ބޮޑުކަމުން އަމިއްލަ ކޮއްކޯފުޅުވެސް އޭނަގެ އަތުން ޝަހީދުކޮށްލީ. އެ ރަސްގެފާނު އިސްލާމްވެ ވަޑައިގެންފި. ޔޫގަންނާފަދަ ވިސްނުންތޫނު ހަރުދަނާ މީހަކު ކާބަފައިންގެ ދީން ދޫކޮށްލާނީ ސަބަބަކާހުރެ. އިސްލާމްދީނަކީ ތެދުވެރި ދީންކަން ޔަގީންވީމަ..އެއީ ވިސްނުނު ކަމަކީ....." ލޫކާގެ އަޑު ޖޯޝުން ބާރުވިއެވެ.

"މަނިކުފާނު ދެން އެހެން ފަހަރަކުން ތި ކަމާއިމެދު މަޝްވަރާ ކުރާނީ. ޝެހެޒާދާގެ ހާލުކޮޅު ދެކެން ދާންކަމަށް މިއުޅެނީ..."

"އަވަހަށް ދަމާ ހިނގާ. ކޮއްކޮގެ ހާލު ސީރިޔަސް. ކޮއްކޮއަށްޓަކާ ދުޢާކޮށް ދެއްވައްޗޭ....." ލޫކާ ފެންކަޅިވިއެވެ.

"ޔަގީން. އަޅުގަނޑުގެ ހިތުގައިވެސް އެމަނިކުފާނަށްޓަކާ ޚާއްސަ ލޯތްބެއްވޭ..އެންމެންވެސް ލޯބިވާ ރަގަޅު އަޚުލާގެއްގެ ވެރި ޝެހެޒާދާއެއް ވީމަ ލޯބިނުވާނީ ކާކުތޯ އަޅުގަނޑު އެތައް ފަހަރު ދުޢާކޮށްފިން....."

ދެމީހުންނަށް ގަނޑުވަރާއި ހަމަޔަށް ފޯރިއިރު ލާވަން އޮތީ ޚަބަރުހުސްވެފައެވެ. މަލަކާ ގެ ލޯފުޅުން ކަރުނަފޮދު ނުހިކެއެވެ. ފާދިރީ ފެނުމުން ޑޮކްޓަރާއި މަލަކާވެސް ތެދުވެ ވަޑައިގަތީ އޭނައަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ. ފާދިރީ އިށީންނަން ގޮނޑިއެއް ދެއްކުމުން އިށީދެ ލާވަންގެ ޚަބަރު އޮޅުން ފިލުވިއެވެ.

"ލާވަން ހީވަނީ މަރުވެފައި އޮތްހެން.." ލޫކާ ހާސްކަމާއެކު ލާވަންގެ މޫނުގައި އަތް ޖައްސައިލިއެވެ. މަޑުމަޑުން ގޮވަން ފެށިއެވެ.

"ޝެހެޒާދާގެ ހާލުކޮޅު ވަރަށް ގޯސް. ހައްތަހާ ގޯސްވަމުން މިދަނީ...." ޑޮކްޓަރވެސް ކަންބޮޑުވެފައިވާ ފަދަ އަޑަކުން ބުނެލުމުން ލޫކާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"ކޮއްކޮގެ ފުރާނައަށް ގެއްލުމެއް ވެދާނެތަ؟ "

"އެހެން ހީވޭ. އުއްމީދު ކުޑަވެއްޖެ...."

ޑޮކްޓަރގެ ވާހަކަތަކުން ނާއުއްމީދީވުމުން ލޫކާވެސް ހުރިތަނަށް ތިރިވެ ދެއަތުތެރޭ މޫނު ފޮރުވައިފިއެވެ. އިނގިލިތަކުގެ ދޭތެރެއިން ކޯދުލާފައި ކަރުނަތައް އޮހޭތަން ފެނި ފާދިރީގެ ލޮލުންވެސް ކަރުނައައެވެ. އެންމެންގެ ރުއިމުން ކަންބޮޑުވެފައިވާ ޑޮކްޓަރ މަސައްކަތްކުރީ އެންމެނަށް ހިތްވަރުދިނުމަށެވެ.

"ހިތްވަރުކުރައްވާ. ތިޔަބޭފުޅުންގެ އަމިއްލަ ނަފުސަށް ނުވިސްނެވިޔަސް ޝެހެޒާދާގެ ހާލުކޮޅާއިމެދު ވިސްނަވާ. އެބޭފުޅާ ހޭއަރާއިރު ތިޔަބޭފުޅުން ކީރިތިކުރައްވާ މަންޒަރު ފެނުމުން އަދި މިއަށްވުރެ ހާލުކޮޅު ދަށަށްގޮސްދާނެ ކަމުގެ ބިރުހީވޭ...." ޑޮކްޓަރ ލޫކާގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވައިލިއެވެ.

"ކެތްކުރާނީ ކިހިނެއް؟ ކޮއްކޮއަކީ އަހަރެންގެ ފުރާނަ. އަމިއްލަ ނަފުސަށްވުރެ ކޮއްކޮދެކެ މިހިތުގައިވާ ލޯބި މާ ބޮޑު. އަހަރެންގެ ހިތް މުޅިން ހަލާކުވެއްޖެ....."

ލޫކާގެ ވާހަކައަށް ޖަވާބެއް ދޭން ޑޮކްޓަރ އަނގަ ހުޅުވައިލިވަގުތު އެތަނަށް ދާރިޔަސް ވެދެވަޑައިގެންނެވިއެވެ. އޭރުވެސް މޫނުމަތިން ފެންނަނީ ކޯފާއާއި ކިބުރުވެރިކަމުގެ ކުލަވަރެވެ. ހިތްހެޔޮކަމުގެ ޒައްރެއްވެސް މޫނަކުން ނުފެނެއެވެ. އެއްވެސް އަސަރެއް ނެތް ފިނި ގަނޑުފެންކުލައިގެ ލޮލެކެވެ. ގަނޑުފެނަށްވުރެ ފިނި ދެލޮލުން ބައްލަވައިލެއްވި ގޮތުންވެސް އެ ހިތްޕުޅުގައި އެއްވެސް ރަހުމެއްނުވާނެކަން އެންމެނަށް ދެނެގަނެވުނެވެ. އެކަމަކު އެއީ އެންމެންގ ވެރިޔާއެވެ. އެންމެން އޭނައަށް އަދަބު އަދާކުރަމުން ފުންމައިގެން ތެދުވެއްޖެއެވެ.

"ބައްޕާފުޅު. ކޮއްކޮ........." ލޫކާ އެއްޗެކޭ ބުނަން އުޅުމުން ދާރިޔަސް ވާހަކަ މެދުކަނޑައިލިއެވެ.

"ކަލޭގެ ބަސްނާހާ ކޮއްކޮ މަރުވާން ދޫކޮށްލާ ލޫކާ......"

"މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކާ ކޮއްކޮގެ ފުރާނަ ސަލާމަތްކޮށްދެއްވާ.." ލޫކާ ކަރުނުން ފުރިގެންވާ ދެލޮލުން އޭނަގެ ބައްޕައާއި ހަތަރުކަޅި ހަމަކުރިއެވެ.

"ނޫން. ބަސްނާހާ ނުކިޔަމަންތެރި ދަރިން ދުނިޔެއިން ވަކިވެއްޖެއްޔާ މަށަށް މާ ރަގަޅު...."

"ބައްޕާފުޅާ. އޭނަގެ ހިތުގެ މައްޗަށް ބާރުނުފޯރާތީ އެހެން އެވީ. އޭނައަށް އެވަނީ މަޖުބޫރުވެފައި. ކޮއްކޮގެ ހާލު ހައްތަހާ ގޯސްވަނީ....................."

"ތިޔަކަހަލަ މޮޔަ ހިތާއި އެކަހަލަ ހިތެއްގެ ވެރިޔަކަށް އެންމެ ފައިދާ ހުރިގޮތަކީ ދުނިޔެއިން ނެތިކޮށްލުން........" ދާރިޔަސް ރަހުމެއްނެތް ގޮތަކަށް ވިދާޅުވިއެވެ. "ޑޮކްޓަރ. ލާވަން ކިހިނެއްތަ؟ "

"އެމަނިކުފާނުގެ ހާލުކޮޅު ރަގަޅެއްނޫން. ދަށަށް ދަނީ."

"އަޅުގަނޑަށް ހީވާގޮތުން ބަލިމީހާގެ ކައިރީ މިހާ ގިނަމީހުން އެއްފަހަރާ ތިބީމަ ބަލިމީހާއަށް އުދަގޫތަކެއް ތަހައްމަލު ކުރަންޖެހޭނީ. ޝެހެޒާދާއަށްވެސް ބޭނުންފުޅުވާނީ މިވަގުތު ގިނިކަންޏާ އޮންނެވުން..." ފާދިރީ ބޭނުންވީ އެތަނުގައި އަރައިރުމެއް ހިނގިޔަ ނުދިނުމެވެ.

"ލައްބަ. ހޭފުޅު އަރާއިރު އެކަނި އޮންނެވުން އެންމެ ރަގަޅުވާނީ. އަޅުގަނޑަށްވެސް ފެންނަގޮތަކީ ހުރިހާ ބޭފުޅުން މިކޮޓަރިކޮޅުން ނުކުމެވަޑައިގަތުން........"ޑޮކްޓަރ އަދަބުވެރިކަމާއެކު ދާރިޔަސްއަށްވެސް ނަޒަރު ހުއްޓާލައިފިއެވެ.

"ލާވަން ކައިރީ ޑޮކްޓަރ ބަހައްޓާފައި އެންމެން ބޭރަށް ނުކުމޭ.." ދާރިޔަސް އަމުރުކުރެއްވިއެވެ.

"އެންމެ ރަގަޅުގޮތަކީ އެއީ...." ފާދިރީ ހިނިތުންކޮށްލިއެވެ.

"އަޅުގަނޑު......." މަލަކާ އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ.

"ތިއީ ބޭކާރު ކަންތައްތަކާ ހިތާމަ ކުރާ މީހެއް. މިކަހަލަ މޮޔަ ދަރިއެއްގެ ފަހަތުން ތިމާގެ އަގުހުރި ފުރާނަ ދުއްވާލުމަށްވުރެ މޮޔަ ތާކުންތާކު ނުޖެހޭކަމެއް މީހަކު ނުކުރާނެ. އޭނަގެ އަޖަލު ޖެހުމުން އިންސާނަކަށް ނުފިހެއްޓޭނެ. މަރަކީ އެންމެނަށް އޮތް އެއްޗެއް. ހިތާމަކުރިޔަސް ނުކުރިޔަސް މަރު އަރާ ހަމަކުރާނެ. އެންމެން ބޭރަށް ނުކުމޭ..." ދާރިޔަސް ދެވަނަފަހަރަށް ވިދާޅުވުމުން މަލަކާ ލޯފުޅުގައިވާ ކަރުނަފޮދު ފޮއްސަވަމުން ނުކުމެ ވަޑައިގެންނެވިއެވެ. ފިރިކަލުންގެ ރަހުމެއްނެތްވަރު ފެނި ހިތުގައި ފޫހިކަމެއް ހިނގައިގެންފިއެވެ.

***

ބައިގަޑިއެއްހާއިރު ފަހުން ލާވަން ހޭއެރީއެވެ. ވަށައިގެން ހޯދާ ބަލައިލަމުން ޑޮކްޓަރާއި ހަމައިން ނަޒަރު ހުއްޓުނެވެ.

"އަދި އިހަށް މަނިކުފާނު ވާހަކަފުޅު ނުދައްކަވާ މި ބޭސްފޮދު ހިއްޕަވާ..." ޑޮކްޓަރގެ މޫނު އުޖާލާވިއެވެ. ލާވަން ހޭއެރުމުން އޭނަގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެއް ލިބިއްޖެއެވެ. ލާވަން ބަސްއަހައިގެން އެ ރިހިސަމުސަލުގައިވާ ބޭސްފޮދު ބޯލައިފިއެވެ. ކުޑައިރުކޮޅެއްވާންދެން ތަނަށް ހިމޭންކަން ފެތުރިފައި އޮތެވެ. ލާވަން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތްތަން ފެނިފައި ޑޮކްޓަރ ލާވަންގެ ގާތަށް ޖެހިލިއެވެ.

"ޑޮކްޓަރ އަބަދު ތިހުންނަނީ ޚިދުމަތުގައި. ވަރުބަލިވެސްވާނެ..އަޅުގަނޑަށްޓަކާ ތިޔަ ބުރަ ނުއުފުއްލަވާ...." ލާވަން ވަރުދެރަ އަޑަކުން ބުނެލިއެވެ.

"މަނިކުފާނަށް ޚިދުމަތްކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް...." ޑޮކްޓަރ ހިނިތުންވެލިއެވެ.

"ޑޮކްޓަރގެ ހެޔޮކަމަށްޓަކާ ހިތް ޝުކުރުން ފުރިފައި މިވަނީ. އެކަމަކު އަޅުގަނޑުގެ ހިތަށް ޝިފާއެއް ލިބޭނެކަމެއް ނޭގޭ. އަޅުގަނޑުގެ ހިތް ހަލާކުވެއްޖެ. ހަލާކުވެފައިވާ ހިތަކަށް ބޭހަކުން ރަގަޅެއްނުވާނެ. ދިރިހުރުމާއިމެދު އެއްވެސް އުއްމީދެއްނެތް....."

"ދިރިހުރުމާއިމެދު މަޔޫސްވެ ނުލައްވާ ޝެހެޒާދާ. މާތްރަސްކަލާނގެ ރަހުމަތުން މަނިކުފާނަށް ޝިފާ ލިބޭނެ..'" ޑޮކްޓަރ ބުނެލިއެވެ.

ލާވަން ކުޑަކޮށް ހިނިތުންވެލިއެވެ.

ޑޮކްޓަރާއި ލާވަން ވާހަކަދައްކަން ތިއްބާ އަނދިރިކަން ހަތަރުފަރާތް ވަށާލައިފިއެވެ. ކޮޓަރިއަށް ވަން ޚާދިމާއަކު ބައްތިތައް ދިއްލާލުމުން އޮރެންޖް އަލި މުޅިތަނަށް ފެތުރިއްޖެއެވެ. ހިޔަނިތައް ނަށަންފެށިއެވެ. ފިނިކަން ގަދަވާން ފެށުމުން ޑޮކްޓަރ ލާވަންގެ ގައިގާ އިތުރު ރަޖާއެއް އަޅާ ފޮރުވިއެވެ. ޑޮކްޓަރ ލާވަންއާއި ވާހަކަދައްކަމުން ދިޔައެވެ. އިރުކޮޅެއްނުވެ މަލަކާއާއި ލޫކާ ކޮޓަރިއަށް ވަނެވެ. ލާވަން ވާހަކަދައްކާ މަންޒަރު ފެނުމުން މަލަކާއައި ލޫކާއަށް އުފަލުންގޮސް ލާވަންގެ ގައިގާ ބައްދައިލެވިއްޖެއެވެ. އޭނަގެ ހާލު ކުރިއަށްވުރެ އެތަންތަނެއް ރަގަޅުކަމުގައި ހީކުރެވުނެވެ. ޑޮކްޓަރވެސް މަލަކާއާއި ލޫކާއަށް ހިތްވަރުދީފައި ކޮޓަރިން ނުކުމެން ދިޔައީ އަދި އަންނާނެކަމަށް ބުނެ ބޭސްދޭންވީ ގޮތް ބުނެދީފައެވެ.

 

 

***

ދުވަސްތައް ވޭތުވަމުން ދިޔައީ ހަލުވިކަމާއެކުގައެވެ. ލާވަންގެ ހާލު ރަގަޅުވުމުގެ ބަދަލުގައި އަނެއްއަތަށް އެޅިއެވެ. ހައްތާ ނުބައިވާންފެށީއެވެ. ކުރީކޮޅު ރަގަޅުހެން ހީވިއިރެއް ދިޔައެވެ. ނަމަވެސް ފަހުން ޑޮކްޓަރ ދޭ ބޭހަކުންވެސް އެންމެ އެދެވޭ ނަތީޖާއެއް ނުނިކުތެވެ. ޑޮކްޓަރވެސް ހާސްވާ ދަރަޖައަށް ހިގައްޖެއެވެ. އެންމެފަހުން ލާވަން ބޭސް ބޯން އިންކާރުކުރާން ފެށިއެވެ. ކެއުމާއި ބުއިން އެއްކޮށް ހުއްޓިއްޖެއެވެ. ގަދަކަމުން އަނގަޔަށް އަޅާ އަންނާރު ތިއްކެއް ކަރުތެރެއަށް ނުދާނަމަ މިހާރު ފުރާނަ އެ ނިކަމެތި ހަށިގަނޑު ދޫކޮށްފައި ދިޔައީހެވެ. ލާވަންގެ ގައިގާ ކޮޅަށް ހުންނާނެ ވަރެއް ނުހުރެއެވެ. ނުއެއް ނިދެއެވެ. ލޮލުގައި ކަރުނައެވެ. އަބަދުހެން އޮންނަނީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނަގެ ހާލު ދެެކެން އަންނަ އެންމެނަށް ރޮވޭވަރުވެއެވެ. ލާވަންގެ ބަލިހާލު ކިތަންމެ ބޮޑުވިޔަސް އޭނަގެ ބައްޕާފުޅުގެ ހިލަގަނޑެއްފަދަ ހިތަކަށް އެކަމުން އަސަރެއް ނުކުރިއެވެ. އޭނަ ހުންނެވީ އޭނަގެ ގޮތުގައެވެ. ލާވަންގެ ހާލު ނުރައްކާތެރި ފަތްތަރަކަށް ދިޔުމުން ގައުމުގެ އަމީރުންނާއި ވަޒީރުން ފައްޅިތަކުގެ ފާދިރީއިންނާއި މަލަކާ އަދި ލޫކާވެސް ދާރިޔަސްއާއި ވާހަކަދައްކާ ޚިޔާލު ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއްނުވިއެވެ. އޭނަ ހުންނެވީ ދަރިފުޅު މަރުވިޔަސް ގޮތުގައި ހިފަހައްޓަން ނިންމައިގެންފަދައެވެ.

ލާވަންގެ ހާލު އެހާ ބޮޑުވުމުން އެކޮޓަރިއަށް ޚާދިމުން ވަނުންވެސް މަނާ ކުރެވިއްޖެއެވެ. އާއިލާ މީހުންގެ އިތުރުން ޑޮކްޓަރު ފިޔަވާ އެއްވެސް މީހަކަށް އޭނަގެ ކައިރިއަށް އަންނާކަށް ހުއްދައެއްނެތެވެ.

ފައްޅިތަކުގައި ލާވަންއަށް ޝިފާ އެދި ދުޢާކުރަން ފެށިއެވެ.

އިރުއޮއްސެން ގާތްގަޑަކަށް ދެގަޑިއެއްހާއިރުވެ އިރުގެ އަލިކަން ފަނޑުވެ ފިނިވާން ފެށިއެވެ. ކޮޓަރީގެ ތެރެއަށްވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ލާވަންގެ ހާލު ބޮޑުކަމުން އެކަނި ފަރާތަކަށް ފުރޮޅިލެވޭވަރެއްވެސް ނުވެއެވެ. ލޯ ހުޅުވާނެ ހަކަތައެއްވެސް ނެތެވެ. ނޭވާލާހެނެއްވެސް ހިޔެއްނުވެއެވެ. މަލަކާ ދަރިފުޅުގެ ބޯލާކޮޅުގައި އިންނަވާ ދުޢާކުރައްވަމުން ގެންދެވިއެވެ. ލޫކާ ލާވަންގެ ފިނިކަމުން ގަނޑުފެންފޮދެއް ފަދަ އަތުގައި ހިފައިގެންނެވެ.

"މަންމާ. ކޮއްކޮ ރަގަޅުވާނެކަމުގެ އެއްވެސް އުއްމީދެއްނެތް...."ލޫކާ ކަރުނަވީ ލޮލަކުން އޭނަގެ މަންމައަށް ބަލައިލިއެވެ.

"ނޫން ދަރިފުޅާ.ޑޮކްޓަރ މިހާރު ދުރުވާނެ...."

"ޑޮކްޓަރ ދުރުވިޔަސް ކުރާނެ އެއްވެސް ކަމެއްނެތް. މަންމާ މިއީ ކޮއްކޮގެ އެންމެ ފަހު ވަގުތު...." ލޫކާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. މަލަކާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ހޭފުޅުނެތިގެން ވެއްޓިވަޑައިގަންނަވަނިކޮށް ލޫކާއަށް ހިފެހެއްޓުނީ ކިރިޔާއެވެ. ލޫކާއަށް ހަދާނެ ގޮތް ހުސްވިއެވެ. މަންމާފުޅު ގެންގޮސް އަނެއް އެނދުދާންކޮޅުގައި ބޭއްވިއެވެ. ކޮޓަރިތެރެއިން ފެންނަނީ ހިތަށް އެންމެ އުދަގޫވާ އެއް މަންޒަރެވެ. އެއްފަރާތުގައި ކޮއްކޮގެ ދިރިއުޅުމުގެ ބައްތި އަބަދަށްޓަކާ ނިވިގެންދަނީއެވެ. އަނެއް ފަރާތުގައި އެކަމުގެ ހިތާމައިގާ ހޭފުޅުނެތިފައިވާ މަންމައެވެ. ގޮތްހުސްވެ ލޮލުން ކަރުނަ އަންނަމުން ދިޔަ ހާލުގައި އަވަސްވެގަތީ ޑޮކްޓަރު ބަލާ ދިޔުމަށެވެ. ދޮރާއި ހަމަވީއިރު ދާރިޔަސްއާއިއެކު ޑޮކްޓަރ އަންނަތަން ފެނުނެވެ.

"ބައްޕާފުޅު. މިއީ ލާވަންގެ އެންމެ ފަހު ވަގުތު. މިވަގުތުކޮޅުގައިވެސް އޭނަގެ މައްޗަށް ރަހުމްކުރައްވާ ލޫސީއާއިމެދު ގަބޫލުފުޅުކަން އަންގަވާދެއްވަފާނަންތޯ؟ މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކާ. ބައްޕާފުޅު އެހެން ވިދާޅުވީމަ ފުރާނަވެސް ތަންކޮޅެއް ފަސޭހައިން ގޮސްދާނެ......" ލޫކާ އޭނަގެ ބައްޕައަށް އާދޭސްކުރިއެވެ.

ދާރިޔަސް ކޯފާވެގެން ދެލޯފުޅު ރަތްކޮށްލައްވާފައި ލޫކާ ދުރަށް ކޮށްޕަވާލައްވައިފިއެވެ.

" ލޫކާ މޮޔަނުވޭ. އެ ނުލަފާ ދަރި މަރުވާން ދޫކޮށްލާ...."

"ކޮއްކޮ ދެން ރަގަޅުވާނީއެއްނޫން. ވީއިރު ބައްޕާފުޅު އެންމެ ފަހު ވަގުތުގައި ލޫސީއާއި ރުހޭކަމަށް ވިދާޅުވިޔަސް ވަނީ ކޮންކަމެއްތޯ؟ " ލޫކާ ބުނެލިއެވެ.

"ކަލެއަކަށް އެކައްޗެއްވެސް ނޭގޭ. އޭނަ އެހެރީ ލޫސީގެ މައްސަލައިގާ ގޮތް ދޫނުކުރަން ނިންމައިގެން. އަހަރެން ވަކި އަހަރެންގެ ގޮތުގައި ނުހިފަހައްޓަންވީ ސަބަބެއްނެތް..."

"ބައްޕާފުޅާ. އެއީ ގޮތްދޫނުކުރުމެއް ނޫން. މަޖުބޫރު ހާލަތު" ލޫކާ ބުނެލިއެވެ.

"ތިބުނާ ފަދައިން މަށަށްވެސް މަޖުބޫރު. މަގޭ ދަރިއެއް މުސްލިމަކާއި ނީންނާނެ..." ދާރިޔަސްގެ އަޑުގައިވި ހަރުކަށިކަމުން ހިތްތަކަށް ބިރުވެެރިކަން ވަންނާނެއެވެ.

"ބައްޕާފުޅު ކޮއްކޮގެ ހާލު ދެކެވަޑައިގަންނަވާ. އެންމެ ފަހަރަކުވެސް އެމޫނަށް ބަައްލަވައިފިނަމަ........."

"މިބުނަނީނު އަހަރެން އޭނަގެ މޫނު ދެކޭކަށް ބޭނުމެއްނޫނޭ. މިވަގުތުވެސް މިއައީ އޭނައަށް ޒިޔާރަތްކުރާކަށް ނޫން އަހަރެން މިއައީ ކަލޭމެންގެ މަންމައާއި ވާހަކަދައްކާލަން..." ދަރިޔަސްގެ ފިނި ނަޒަރު ލޫކާއަށް ހުއްޓުނެވެ.

"މަންމާފުޅުވެސް ކޮއްކޮގެ ހާލު ދެކެން ކެތްނުކުރެވިގެން ހޭފުޅު ނެތިފައި...."

"އޯ. އެހެންތަ؟ އޭނަވެސް އޭނަގެ ދަރިޔާއެކު މަރުވާން ބާއްވާ.." ދާރިޔަސް ކޯފާގެ ކޮޅެއްނެތް ކޮޅަށް ކޯފާއިސްކުރައްވާ އެތަނުން ނުކުމެވަޑައިގަތުމުން ބައްޕާފުޅުގެ ހިތް ހަރުކަމާއިމެދު ހިތާމަކުރިއެވެ. ދުޝްމިނެއް ނަމަވެސް މިވަގުތު ލާވަންއަށް ރަހުމްކުރާނެއެވެ. ތިމާގެ ލެޔަށްވެސް ރަހުމް ނުކުރާނެ މީހަކީ އޭނަގެ ބައްޕާފުޅެވެ. ލޫކާ ދާރިޔަސްގެ ފަހަތުން ހިނގައިގަތެވެ. އެންމެ ފަހު ފަހަރަށް އޭނަ ބައްޕައަށް އާދޭސްކުރާނެއެވެ. ފައިގާ ހިފާވެސް އާދޭސްކުރާނެއެވެ. ކޮއްކޮގެ ހައްގުގައެވެ.

"ބައްޕާފުޅާ ކޯފާ މަޑުކުރައްވާފައި އަޅުގަނޑު ދަންނަވާ އެއްޗެއްގެ އަޑު އައްސަވާ...."

"ކަލޭވެސް ހާދަ ލަދުކުޑަވެގެން ތިއުޅެނީ؟ އަހަރެން ދައްކާ ވާހަކަ ނީވެން ކަލޭގެ ކަންފަތް ބީރުވީތަ؟ އަދަބެއް ސަދަބެއްނެތި އަހަރެން ބުނާ އެއްޗަކަށް ޖަދަލުކުރަން ތިއުޅެނީ. ނޫނީ ކަލޭވެސް ހައްޔަރުކުރުވަފާނަން...... "

"ބައްޕާފުޅާ. ލާވަން ވަރަށް ބަލި. އެއްވެސް އުއްމީދެއްނެތް. ކޮއްކޮގެ އެންމެ ފަހު ވަގުތު ގުނަމުން އެދަނީ. ބައްޕާފުޅު ކޮއްކޮއާއި ވާހަކަފުޅު ދައްކަވާ. އެންމެ ފަހަރަކު...."

"ބުނެފީމެއްނު އަހަރެން އެ ސުންޕާ ދަރީގެ ސޫރަ ދެކޭކަށް ބޭނުމެއްނޫނޭ."

"އެހެންވީއިރު މަންމަގެ ހާލުކޮޅު ބައްލަވަން ކޮޓަރިއަށް ވަންނަވާ..."

"އޭނަވެސް އަހަރެން ބުނާ އެއްޗަކަށް ފަރުވާލެއްނެތި އަމިއްލަ ނަފުސް ހަލާކުގެ ތެރެއަށް އެއްލައިލަނީ. އަހަރެން ލޫކާގެ މަންމައާއި ބައްދަލުކުރާކަށްވެސް ދެން ނޭދެން....." ދާރިޔަސް ހިނގުން ބާރުކޮށްލެއްވިއެވެ.

" މަސީހަށްޓަކާ ކޯފާ މަޑުކުރައްވާ. ރަހުމް ކުރައްވާ. އެއީ ބައްޕަގެ ދަރިއެކޭ....."

"ލޫކާ. އަހަރެންގެ ކުރިމަތިން ކަލޭ ދުރަށް ދޭ. މިވަގުތު މަށަށް އެންމެ ރަގަޅު އަދި އެންމެ މަސްލަހަތުހުރި ގޮތް އެނގޭތަ؟ އަހަންނަށް ރަގަޅީ ލާވަން މަރުވެއްޖެއްޔާ.........." ދާރިޔަސްގެ އެ ހަރުކަށި ޖުމްލައިން ލިބުނު ޝޮކުގައި ލޫކާގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ބައްޕައަށް ލިބިވަޑައިގެންފައިވަނީ ހިލަގަނޑެއްފަދަ ހިތެކެވެ. އެހެންނޫންނަމަ މަރާއި ހަގުރާމަކުރަމުންދާ އަމިއްލަ ދަރިފުޅަށްޓަކާ އެހިތް މަޑުވީސްކަން ޔަގީނެވެ. ލޫކާ ބޭރުގައި ހުރެލާފައި ކޮޓަރިއަށް ވަންއިރު ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މަލަކާ އޭރު ހޭފުޅު އަރައިގެން ދަރިފުޅު ގާތުގައި އިންނެވިއެވެ. ޑޮކްޓަރ ލާވަންގެ ހާލު ބަލައިލުމަށްފަހު ހިތާމަވެރި ނަޒަރަކުން ލޫކާގެ މޫނަށް ބަލަން ހުއްޓެވެ.

"މަނިކުފާނުގެ ކޮއްކޯފުޅު ރަގަޅުވާނެކަމުގެ އޮތް އުއްމީދު ގެއްލިއްޖެ. އެކަމަކު އެންމެ ބޭހެއް އަދިވެސް އެބައޮތް...."

"އެއީ ކ

ކޮމެންޓް 0