ލޫސީގެ ޚިޔާލަށް ލާވަން ވެރިވެގަތެވެ. ހުރިހާ އެންމެން އޭނަ ދެކެން އައިއިރުވެސް އެ އަނިޔާވެރިޔާއަށް އަންނަން ނުކެރުނެވެ. ނުލަފާ ފިރިހެނެކެވެ. ދުވަހަކު އޭނަ މާފެއް ނުކުރާނެއެވެ. ލޫސީގެ ޚިޔާލު އެހިސާބަށް ދިޔަތަނާ ޚާދިމާއަކު އައިސް ޝެހެޒާދާ ލާވަން ބައްދަލުކުރަން އައިސް އެބަހުރިކަމުގައި ބުނުމުން ލޫސީ ސިއްސައިގެން ދިޔައެވެ.

ލާވަން އެކޮޓަރިއަށް ވަނުމުން ބަލަން އޮވެވުނީ އެތައް އަސަރުތައް އެކުލެވޭފަދަ ނަޒަރަކުންނެވެ. ލާވަން ހިނިތުންވެލާފައި ހާލުގެ ވާހަކަ އޮޅުން ފިލުވަން ސުވާލުކުރިއެވެ. ލޫސީ ތުންފިތާލައިގެން ދުރަށް ބަލަން އޮތީއެވެ. ލާވަންއަށް ހައިރާންކަމެއް ލިބި ދެވަނަފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް ސުވާލުކުރުމުންވެސް ލޫސީ ކަހާތަން ހިރުވާވެސް ނުލިއެވެ. ލޫސީ ބަލިވުމަށްފަހު ވާހަކަ ނުދެއްކެނީ ބާވައޭ ހީކުރެވުނެވެ. ގަސްތުގައި އަނގައިން ނުބުނަން ވީ ސަބަބެއް އޭނާގެ ވިސްނުމަކަށް ނައެވެ. ޚާދިމާއެއްގެ ގާތުން އެކަން ޔަގީންކުރަން އެހުމުން ބުނީ ލާވަން އައުމުގެ ކުރިން ލޫސީ ހަމަ އެންމެ ރަގަޅުކަމުގައެވެ.

"ވީއިރު އަޅުގަނޑާ ވާހަކަ ނުދައްކަވަން ނިންމެވީތޯ؟" ލާވަން ފެންކަޅިވީތަން ފެނުމުން ލޫސީއަކަށް އިތުރަށް ކެތް ނުކުރެވުނެވެ.

"އަޅުގަނޑު ދެކެން ވަޑައިގަންނަވަން އަދި ކިރިޔާ ވަގުތެއްވީ؟ " ލޫސީ ޝަކުވާކުރިއެވެ.

"އަޅުގަނޑަށް ދާނިޔަލް ދެކެން މި ގަނޑުވަރަށް ދެތިން ދުވަހު އައިން. އެކަމަކު މިތަނަށް އައުމުގެ ހިތްވަރެއް ނުލިބުނު. އެހެން މީހުންނަށް ޝައްކުވެދާނެތީ.." ލާވަން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

"ކޮންކަމަކަށް ތޯ ޝައްކުވާނީ.." ލޫސީ އޮތީ ނުރުހިފައެވެ.

"އަޅުގަނޑުމެންގެ ގުޅުމެއް އޮތްކަން....."

"މަރިޔަމްއާ އެފަދަ ގުޅުމެއް އޮތްކަމަށް މުޅި ޝަހަރުގައި އެވާހަކަތައް ދެކެވުނަސް ޝެހެޒާދާއަށް އެއީ ހަމަ ރީތިކަމަކަށް ވަނީ......" ލޫސީ ރުޅީގެ އަސަރު އެކުލެވޭ ގޮތަކަށް ވާހަކަދެއްކިއެވެ.

"އެފަދަ ކުށްހީތަކެއްގެ މައްޗަށް ވާހަކަދެއްކިޔަސް އަޅުގަނޑު އަދި މަރިޔަމްއަށް ވާނެ ގެއްލުމެއް ނެތެއް ނޫންތޯ. އެކަމަކު އަޅުގަނޑު ލޫސީދެކެ ލޯބިވާކަން ރަސްގެފާނަށް އެނގި ވަޑައިގެންފިއްޔާ ނަތީޖާ ތަފާތުވާނެ. އަޅުގަނޑުމެން މަރިޔަމްއާއެކު ބައްދަލުކުރަނީވެސް އެހެންމީހުން ގެ ލޯތަކަށް ހަގީގަތް ފަރުދާކުރާކަށް ނު. ދެން ކީއްވެ މިހާރު އެކަމާއި ހިތްހަމަ ނުޖެހެންވީ..............." ލާވަން ވިސްނައިދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

"ތިޔަ ހިތުގައިވަނީ މަރިޔަމްގެ ލޯތްބޭ ވިދާޅުނުވާން ތިއުޅުއްވަނީ ކީއްވެ؟ " ލޫސީއަށް ކެތްނުކުރެވިގެން ބުނެލެވުނެވެ،

"މަރިޔަމްގެ ލޯތްބޭ. ލޫސީ ތި ވިދާޅުވަނީ ކީކޭ؟ އަދިވެސް ހުންފުޅުހުރީތަ؟ " ލާވަން އަތުގައި ހިފާލަން އުޅުމުން ލޫސީ އަތް ދުރުކޮށްލިއެވެ.

"ހުމުގެ އަސަރުކޮށް ސިކުނޑި ސަކަރާތްވެގެނެއް ނޫނޭ. އަޅުގަނޑަށް އެނގޭ. ކިތަންމެ ފަހަރު ދެކެފިން މަރިޔަމްއާއި އެކު........."

"ވެދާނެ. އެކަމަކު ތިއިން އެއްވެސް އިރެއްގައި މަރިޔަމްއަކާ އަނގައިން ނުބުނަމޭ...." ލާވަން ދެރަވިއެވެ.

"އިތުރުފުޅު ހެއްދެވިޔަސް ގަބޫލެއް ނުކުރެވޭނެ. ލާވަންގެ ހިތްޕުޅުގައިވަނީ މަރިޔަމް..." ލޫސީ ޔަގީންކަމާއެކު ބުނެލިއެވެ.

"ދެން ހިތް ނަގާފައި ދައްކަންވީ." ލާވަން ބޯ ހޫރައިލިއެވެ. ލޫސީއަށް ވެގެން މިއުޅެނީ ކީއްހެއްޔެވެ؟ އޭނަގެ ބޮލުގައި ރިއްސަން ފަށައިފިއެވެ.

"ހިތަކީ އޭގައި ތެދާއި ދޮގު ލިޔެވިފައިވާ ފޮތެއްނޫން. އެ ނަގާފައި ދެއްކިޔަސް ލިޔެފައެއް ނުހުންނާނެ. އެއީ މަހާއި ލެއިންވާ އެއްޗެއް. ކޮންމެހެން ޅެން ބަހުރުވައިން ވާހަކަފުޅު ނުދެއްކެވިޔަސް ރަގަޅުވާނެ...." ލޫސީ ބުމަ ކައިރިކޮށްލިއެވެ.

"ކިހިނެއް ހެދީމަ ގަބޫލުކުރައްވާނީ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ" ލާވަން މޮޅިވެރިވިއެވެ. ލޫސީ މިހިރީ ހީކުރިވަރަށް ވުރެ ބޮޑަށް ޝައްކާއި ވަހުމުގެ ޝިކާރައިގާ ހައްޔަރުވެފައެވެ.

ލާވަން މަރިޔަމްއާއިމެދު އެފަދަ އެއްވެސް ގުޅުމެއްނެތް ކަމަށް ހުވާކުރިއެވެ.

"ކްރައިސްޓްގެ ނަމުގައި ދޮގު ހުވާކޮށްގެން ފާފަވެރި ވަޑައިނުގަންނަވާ....." ލޫސީ އެވަރުންވެސް ގަބޫލެއް ނުކުރިއެވެ." މަރިޔަމްވެސް މި ގަނޑުވަރުގައި އެބައުޅޭ. އޭނަ ގެނައި ހަދިޔާތައް އެހެރީ. އެވެސް އަޅުގަނޑު ބޭނުމެއްނޫން. މަރިޔަމްއަކީ އެންމެ ގާތް އެކުވެރިޔާއަށް ކެހިދިން ފަރާތެއް. އެފަދަ ކެހިވެރިއަކު ދޭ އެއްޗެއްގައި ހިފާކަށް ގަސްތެއް ނުކުރަން. އެވެސް ގެންދަވާ....."

"ލޯބިވާ ލޫސީ. އަޅުގަނޑު މަރިޔަމްދެކެ ލޯބިވާކަމުގެ އިލްޒާމު ބޮލުގައި ނާޅުވާ. އެހެން ކޮންމެ އެއްޗެއް ވިދާޅުވިޔަސް އަޑުހަން ކެތްވެދާނެ..." ލާވަންގެ މޫނަށް ވެރިވީ ހިތާމަވެރި ކުލަވަރަކީ އޭނަ ގަސްތުގައި ކުރާ ކަމެއް ކަމާއިމެދު ޝައްކުވިއެވެ.

"އެއެއްނޭގޭ. ބޮޑުބޭބެގެ މަހާނަ ކައިރިންނާ މަރިޔަމްގެ ކައިރިންވެސް ދެމީހުން އެކީ ފެންނަނީ...." ލޫސީ ބުނެލިއެވެ.

"ތިހެންވެދާނެ. އެކީގައި ނުފެންނާނެއެކޭ އަޅުގަނޑުވެސް ނުދަންނަވަން. އެކަމަކު އެއިން އެއްވެސް އިރެއްގައި އަޅުގަނޑު މަރިޔަމްއަކާ އަނގައިން ނުބުނަން. އެއި ލޫސީ މަނާކުރައްވާފައިވާތީ. އަޅުގަނޑު ލައްވާ ވައުދުކުރެއްވި ހިސާބުން ފެށިގެން އެގޮތުގައި މިހިރީ. ގަބޫލުކުރައްވާ ލޯބިވާ ލޫސީ. އަޅުގަނޑުގެ ހިތުގައި މަރިޔަމްއަށް އެއްވެސް ޖާގައެއްނެތް................"

"ކޮބާ ހެއްކަކީ؟ " ލޫސީ ސުވާލުކުރިއެވެ.

"ހެއްކެއް ނުދެއްކޭނެ. މާތް ރަސްކަލާނގެ ރަސްކަންފުޅު ދެކެދެނެވޮޑިގެންވޭ. ދަންނަވަންތޯ. ތިވިދާޅުވި ކޮންމެ ފަހަރަކު އަަޅުގަނޑާއި މަރިޔަމް ދިމާވި. ނަމަވެސް އަޅުގަނޑު ހުރީ ވައުދުމަތީ. އޭނަ ވާހަކަދައްކަން މަސައްކަތްކުރި. މަރިޔަމްއަކީ ކުރިން ދަންނަ ކުއްޖެއްވެސް ނޫން. ނަމަވެސް އީދުދުވަހު ކާކަސް އާއެކު މަރިޔަމް ފެނުނު. މަރިޔަމްއަކީ ކާކަސް އަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަން އެދުވަހު އެނގުނީ. އަދި އެދުވަހު މަރިޔަމްއަކީ ލޫސީގެ އެކުވެރިއެއްކަން އެނގުމުން އޭނައާއި އެކުވެރިވީވެސް މަގުސަދު ފުރިހަމަވާން ފަސޭހަ ކަމަށް ބަލާފައި. އެފަހުން މަރިޔަމް ބުނެގެން ބަގީޗާއަށްވެސް އައީ. އެގެކައިރިއަށްވެސް ދިޔައިން. އެކަންޏެއްނޫން. ތޫމާއާއެކީ. ތޫމާ އެތެރެއަށް ވައްދާފައި އިންތިޒާރުގައި ބޭރުގައި ހުއްޓާ ލޫސީއަށް ފެނުނުކަމަށްވާނީ. އަޅުގަނޑު ލޫސީއަށް ފޮނުވި ހަދިޔާ ހަވާލުކުރަން އެގެއަށް ދިޔައީ. މަރިޔަމް ހަދިޔާ ނުދެނީތަ؟ " ލާވަން ކަންބޮޑުވިއެވެ.

"ކޮން ދުވަހަކު؟ "

"އަދިވެސް ތި ޝައްކުކުރައްވަނީ. ލޫސީ އަޅުގަނޑާއި މަރިޔަމްގެ ލޯބީގެ އެއްވެސް ގުޅުމެއް އޮތިއްޔާ ކްރައިސްޓް ލައުނަތް ލައްވާނެ." ލާވަން ގެ ވާހަކަތައް ގަބޫލުކޮށްގެން ލޫސީ ތަންމަތިން ތެދުވެ އިށީދެއްޖެއެވެ. ލާވަންވެސް ލޫސީގެ ކައިރިއަށް ގޮނޑި ޖައްސާލިއެވެ.

"ނޫން މިހާރު ގަބޫލުކޮށްފިން....." ލޫސީ ލަދުވެތި ހިނިތުންވުމަކާއެކު އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ހޭވިފައިވާ އިސްތަށިތައް އެއްކޮށްލަމުން ހުޅިއެއް ޖަހައިލިއެވެ.

"ވީއިރު ލޫސީގެ ބަލީގެ އަސްލަކީ ޝައްކާއި ވަހުމް؟ " ލާވަން ލޫސީގެ އަތުގައި ފިރުމާލިއެވެ. "އެއްގޮތަކަށްވެސް އެކަހަލަ ޝައްކު ނުކުރައްވައްޗޭ. އަޅުގަނޑަކީ ލޫސީގެ މީހެއް.."

"ވީއިރު އަޅުގަނޑަށް ހީވަނީ މަރިޔަމް ލާވަންއާއި އަޅައިގެން ފަހަތުން އުޅެނީހެން. ތި ވިދާޅުވި ހަދިޔާތަކެއްވެސް ގެނެސްނުދޭ...." ލޫސީ އިސްޖަހައިލިއެވެ.

"އަޅުގަނޑުގެ ހިތުގައި ހިނގައިގަތް ހަސަދަައިގެ އަލިފާނުން މީހާ ބަލިކަށިވެ ބަލިތަކަށް ހުށަހެޅުނީ. އަޅުގަނޑު ދެން ލާވަން މަރިޔަމްއާ ވާހަކަދެއްކުން މަނާ ނުކުރާނަން. ހިތް މުޅިން ސާފުވެއްޖެ. ކުށްކުރެވުނީ އަޅުގަނޑަށް ކަމުގައި ގަބޫލުކޮށްފިން. ކަންކަމުގެ ދެކޮޅު ނުބަލާ ޝައްކު ކުރެވުނީތީ މާފަށް އެދެން..." ލޫސީ ހިތާމައާއިއެކު ބުނެލިއެވެ.

"ނޫން މާފަށް ނޭދުނަސް މާފުކޮށްފިން.."

އެވަގުތު މަރިޔަމް ކޮޓަރިއަށް ވަނީއެވެ. ލާވަންއަށް ސަލާމްކުރުމުން ޖަވާބު ދިނުމުން މަރިޔަމް ދެލޯ ބޮޑުކޮށްފައި ގުދުވެ މޫނަށް ރަގަޅަށް ބަލާލިއެވެ.

"މިއީ ހަމަ ސާހިބާ ތޯ؟ މިއޮތް ހުރިހާ ދުވަހު އަޅުގަނޑު ހީކުރީ ސާހިބާ ހުންނެވީ ކަންފަތްޕުޅުގެ އިވުމުން މަހުރޫމްވެފައި ކަމަށް. އަޅުގަނޑު އަނގައިން ބުނި ކޮންމެ ފަހަރަކު ލަދުގަންނަވާލެއްވީ. ކިތަންމެ ނިކަމެއްޗަސް ފަގީރަސް އެހެން ހައްދަވާކަށް ނުވާނެ......"

"މަރިޔަމް. ކުށްވެރިއަކީ ޝެހެޒާދާ އެއްނޫން. އަޅުގަނޑު ލާވަން އަރިހު މަރިޔަމްއާއި ވާހަކަ ނުދައްކަން ވައުދުކުރުވިން. ލާވަންއަށް މަޖުބޫރުވީ. އެކަމާ މާފުކޮށްދީ....." ލޫސީ ބުނެލިއެވެ.

"އަޅުގަނޑަށް ވިސްނިއްޖެ. ލޯބީގައި އެފަދަ ޝައްކުތަކެއް ކުރެވޭނެ..." މަރިޔަމް ހިނިގަނޑެއް ޖެހިއެވެ.

" ލޫސީ ސާހިބުކަމަނާ. ދެންމެ މަންމާ ފުޅު ގެންދަވާ ވަރަށް ކޯފާވެފައި ވާހަކަފުޅު ދެއްކެވީ. އަޅުގަނޑަށް އަމުރުކުރެއްވީ ހިޔަނިހެން ސާހިބުކަމަނާގެ ގާތުގައި ހުންނަވަން. ލޫސީގެ ބަލި ބޮޑުވީ ގާތް އެކުވެރިޔަކު ނެތުމުން ކަމުގައި މަންމަ ވިދާޅުވެ ގަނޑުވަރަށް ނާންނާތީ މައްސަލަ ޖެއްސެވި. އަޅުގަނޑަކީ އުޒުރުވެރިއަކިން. މަންމަ އަރިހުވެސް ދިމާވި ހާދިސާގެ ތަފްސީލް ކިޔާދިނިން....." މަރިޔަމް ގޮނޑީގައި އިށީދެފައި އޭނަގެ މަޖުބޫރީ ކިޔައިދިނެވެ. އެ ވާހަކަތައް އަހަން ލޫސީ އިނީ ލަދުގެންފައެވެ. ދެރަވެސްވިއެވެ. މަރިޔަމްއާއިމެދު ޝައްކު ކުރެވުނީ އޭނަގެ މޮޔަ ހިތުގެ ސަބަބުންނެވެ. އޭނާއަށް ފިލާވަޅެއް ދަސްވެއްޖެއެވެ.

މަރިޔަމް ގެނައި ފޮތިބޮނޑީގެ ތެރެއިން އޭނަ ލާވަން ދިންހާ ހަދިޔާތައް ނެރެ ލޫސީގެ އަތަށް ދިނެވެ. އޭނަ ލަދުގަތީ ލާވަންގެ ނަޒަރު އޭނައަށް ހުއްޓިފައިވުމުންނެވެ. ލޫސީ ތެދުވެ އެހުރިހާ އެއްޗެއް އަލަމާރިއަށް ލާ ރައްކާކުރިއެވެ. މޫނަށް ވެރިވެފައިވާ ފިޔާތޮށިކުލަ އޭނަ އިތުރަށް ރީތިކޮށްދިނެވެ.

"ބޮޑުބޭބެ އަޅުގަނޑު ގޭ ބަންދުން ފިލުވައިލި ސަބަބެއް ނޭގޭ. ހުއްދަ ލިބުމާއެކު އަމާނާތް ރައްދުކުރަން މިއައީ. މިހާރު ކިހިނެއްތޯ؟" މަރިޔަމް އެހިއެވެ.

"މަރިޔަމް އައުމުން ބަލި ރަގަޅުވެއްޖެ. ކުރިން އައި ނަމަ...."

"އެކަމަކު އަޅުގަނޑުގެ ހިތް ހަލާކުވެއްޖެ. ޝެހެޒާދާ ދާނިޔަލްވެސް ކޯފާވެގެން އަޅުގަނޑަށް އެންމެ ނަޒަރެއްވެސް ނުދެއްވާ ވަޑައިގަތީ. އެކަމަކު ކުޑައިރުގެ އެކުވެރިޔާ." މަރިޔަމް ހީހީފައި އެހެން ބުންޏަސް ހަގީގަތުގައިވެސް އޭނަގެ ހިތަށް އަސަރުކުރީތާއޭ ލޫސީގެ ހިތަށް އެރިއެވެ. ދާނިޔަލްއާއި ޒާރާގެ ކައިވެނީގެ ވާހަކަ މަންމަ ނުބުނޭ ބާވައެވެ. ލާވަންއަށް އެނގޭހެއްޔެވެ؟

ލޫސީ ޚާދިމާއަކަށް އަންގައިގެން ގަހުވައާއި ސަރުބަތު އަދި މޭވާއާއި ޕާނާއި ޗީޒް ޒައިތޫނި ފަދަ ތަކެތި ގެނެސް ކެއުން ތައްޔާރުކޮށްފިއެވެ. މަރިޔަމް ނުކާން އުޅުމުންވެސް ލޫސީ އާދޭސްކޮށްގެން އެންމެ ފަހުން ބައިވެރިވިއެވެ. ތިން ޒުވާނުން އުފާވެރި މާހައުލެއްގައި ކަމުން އެކި ވާހަކަދައްކަމުން ދިޔައެވެ. ޒައިތޫންއާއެކު ޑޮކްޓަރު ވަނުމުން އެންމެން ތެދުވެ އަދަބު އަދާކުރިއެވެ. ލޫސީގެ މޫނުމަތިން ފެނުނު އުފާވެރިކަމާއި ރަތްކުލައިން ސިއްހަތު މުޅިން ރަގަޅޭ ބުނެވިދާނެއެވެ. ޑޮކްޓަރުވެސް އަޖައިބުވެފައި ވިންދާ އެއްޗެހި ބަލާފައި މިހާރު ބަލީގެ އެއްވެސް އަލާމާތް ވަރަށް ކުޑަކަމުގައި ބުނެލައިފިއެވެ.

"ވަރަށް އަޖައިބުވެއްޖެ. ކުއްލިއަކަށް ހުން ވިހެލީ. ވިންދުވެސް މުޅިން ރަގަޅު..." ޑޮކްޓަރު ހައިރާންކަން ފައުޅުކުރިއެވެ.

"ސާހިބު ކަމަނާ އެހާ ހާލުކޮޅު ދެރަވިތޯ؟ "

"ހޭފުޅުވެސް ނެތް. އެހާ ވަރުބަލިކޮށް އޮންނެވީ. މިއީ ހަމަ ކަރާމާތެއް."

"އަޅުގަނޑަށް ރޭގަވެސް އާދެވުނުނަމަ އެއްކޮށް ބަލި ފަސޭހަވީސްކަން ގައިމު. އަޅުގަނޑު ފެނުމާއެކު ޝެހެޒާދީގެ ސިއްހަތު ރަގަޅުވީ.." މަރިޔަމް ފަޚުރުވެރިކަމާއެކު ބުންޏެވެ. ޒައިތޫންއަށް ޝައްކުގެ ނަޒަރަކުން ލާވަންއަށް ބައްލަވާލެއްވުނެވެ. ޔޫހަންނާގެ އަވަހާރަވުމުގެ ހިތާމައިގެ ތެރެއިން އޭނައަށް ނޭގި އެހެން ކަމެއްވެސް ހިނގަނީބާވައެވެ. އޭރު ޝެހެޒާދާ އިނީ އިސްޖަހައިގެންނެވެ. ލަދުންނެވެ. ޒައިތޫންގެ ހިތްޕުޅަށް ފިނިކަން ގެނެސްދިން މަންޒަރަކަށް އެކަންވިއެވެ. ދެ ރަސްކަން ގުޅައިލަން މި ދެކުދިންގެ ކައިވެނިވެސް ކުރުވަން ރަސްގެފާނަށް ލަފާ އަރުވަންވީއެވެ. ދާނިޔަލްއާއި ޒާރާ އަދި ލާވަންއާއި ލޫސީގެ ކައިވެނި ކުރެވުމުން އައުޒާޒް އަދި ހަލަބުކިއްލާގެ ގުޅުން ވަރުގަދަވެ އެކަތިގަނޑަކަށް ވާނެއެވެ.

***

ލޫސީ އާއި މަރިޔަމް އެކީގައި ބޮޑުބޭބެގެ މަހާނައަށް މާ އެޅުމަށްފަހު ފައްޅިން ގެނައި ފޮތްތަކެއް ހިފައިގެން އައިގޮތަށް އެފޮތް ކިޔަން ގަޑިއެއްހާއިރުވާންދެން ލޫސީ އޮތެވެ. އިސްލާމްދީނާއިމެދު ކޮންމެވެސް ވަރަކަށް ޝައުގުވެރިވާ ފަދަ ލިޔުންތަކެއްވެސް ހުއްޓެވެ. ބޮޑުބޭބެއާއި ބެހޭގޮތުން މަރިޔަމް ދެއްކި ވާހަކަތަކުން ހިތަށް ލިބިފައިވާ ނުތަނަވަސްކަން އޭނަ ހިއްސާކުރީ ދާނިޔަލްއާއެވެ.

"މަރިޔަމް ފާޑުފާޑުގެ ވާހަކަތައް ހިފައިގެން އައިސް ކިޔައިދިނީމަ އަދި ކޮއްކޮ ގަބޫލުކުރާނެ. ބޮޑުބޭބެ އިސްލާމްދީން ގަބޫލެއް ނުކުރޭ. ތީ ހައްތާ ހަދަހަދައިގެން ދައްކާ ވާހަކަ.." ދާނިޔަލް ރުޅިއަންނަ ގޮތްވިއެވެ.

"ބޭބޭ. އަރަބިން މިތަން ފަތަހަ ކޮށްފިއްޔާ ކިހިނެއް ހަދާނީ..އެމީހުން ފަތަހަ ކުރާ ތަންތަނުގައި ތިބޭ އަންހެންކުދިން ޖާރިޔާއިންނަށް އަދި އަޅުންނަށް ހަދައިގެން ގެންދޭ.." ލޫސީގެ ހިތުގައި ވާ ބިރުވެރިކަން ހިއްސާކުރިއެވެ.

"ކަންބޮޑުނުވޭ ލޯބިވާ ކޮއްކޯ. އަބަދުވެސް ކޮއްކޮއަށް ހިމާޔަތްދޭނަން. ބޭބެ ދުނިޔޭގައި ހުރިހާ ހިނދަކު އަރަބިންނަށް ކޮއްކޮއަށް ގެއްލުމެއް ނުދެވޭނެ. އެއިން މީހަކު ކަސިޔާރު ނަޒަރަކުން ބަލައިލިޔަސް އެމީހެއްގެ ލޯ ކޮނެލާނަން........." ދާނިޔަލް ޔަގީންކަން ދިނެވެ.

ލޫސީ ބިރުގަންނަނީ އެފަދަ ދުވަހެއް އަތުވެދާނެތީއެވެ. އޭނަގެ ބައްޕަ ފަހަރެއްގައިވެސް އިސްލާމްދީން ގަބޫލެއް ނުކުރާނެއެވެ. ބައްޕަ ދީނާއި ގައުމަށްޓަކާ ޖާނާއި ފުރާނަވެސް ގުރުބާންކޮށްލާނެއެވެ. އަރަބި މުޖާހިދުން އެތިބީ ކިއްލާއަށް ހަމަލާދިނުމުގެ މަގުމަތީގައެވެ. ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.

***

މުސްލިމުންގެ ލަޝްކަރުގެ ފޭލިގެތައް ވަނީ ހަލަބުގެ ޝަހަރުގެ ރަށްބޭރުގައިވާ މައިދާނުގައި ޖަހާފައެވެ. ދުރުދުރަށްދާންދެން އެ ފޭލިގެތައް ފެންނާން ހުއްޓެވެ. މުސްލިމުން އިރުއޮއްސުމުން ބޮޑެތި އަލިފާންގަނޑުތައް ރޯކޮށްލައިގެން ނަމާދުކުރުމާއި ކެއްކުމާއިގެން ހޭލަމޭލާ އުޅުނެވެ. ހެނދުނު ކިއްލާއަށް ހަމަލާދޭން މަޝްވަރާތައްވެސް ކުރެވުނެވެ. ފަތިސް ނަމާދަށްފަހު މުސްލިމުންގެ ލަޝްކަރު ތައްޔާރުވެ ހަލަބުގެ ކިއްލާއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކިއްލާގެ އުސް ފާރުތައް މަތީގައި ޔޫގަންނާ މުސްލިމުންގެ ހަރަކާތްތައް ބައްލަވަން ހުންނެވިއެވެ. މުޖާހިދުން ހައިރާންވީ ރޫމީންގެ ލަޝްކަރު ހަމަލާދޭން އުޅުމުގެ ބަދަލުގައި ހިމޭންކަން ޚިޔާރުކުރީމައެވެ.

"މިއީ ހަގުރާމައިގެ އުކުޅެއް...." ޚާލިދު ބިން ވަލީދަށް ވިސްނި ވަޑައިގަތެވެ.

އެކަަމަކު އެހިސާބަށް ވިސްނުންފުޅު ހިންގެވިއިރު ކިއްލާއާއި މާ ކައިރިއަށް މުޖާހިދުންނަށް ދަތުރުކުރެވިއްޖެއެވެ.

- ނުނިމޭ -

ކޮމެންޓް 0