"ކުއްލިއަކަށް ކަމަނާއަށް މިފަދަ ބޮޑު ބަދަލެއް އައީ ކިހިނެއްތޯ؟ އަޅުގަނޑުގާތު ވިދާޅުވެދެއްވާ............" މަރިޔަމް އެހިއެވެ.

ލޫސީ ބުނާނީ ކީކޭހެއްޔެވެ؟ އޭނައަށް ވެގެން އުޅޭގޮތެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. ހަމައެކަނި ވިސްނެނީ ލާވަންއާއި މެދުގައެވެ. ލާވަންގެ ހަދިޔާއާއިމެދުގައެވެ.

"މަރިޔަމް ބުނެބަލަ. މަރިޔަމްއަށް ދާނިޔަލް ފެނުނީމަ ކިހިނެއްވަނީ؟ ތެދަށް ބުނެބަލަ...."

"ސާހިބު ކަމަނާ. އަޅުގަނޑުގެ ހިތުގައި އެބޭފުޅާއަށްޓަކާ އިހުތިރާމްއާއި ގަދަރުނޫން އެއްޗެއް ނެތް....." މަރިޔަމް ކަރުކެހިލާފައި ކިޔާލިއެވެ.

"މަރިޔަމް ލާވަން އަތުން ފިނިފެންމާ ހޯދީ ކީއްވެ؟ އެމަލަށް ކީއްކުރީތަ؟ " ލޫސީއެހިއެވެ.

"އެމާ އެއްލާލައިފިން. އެމަނިކުފާނު އަސްލު އެގޮތަށް ހެއްދެވީ ހިތްޕުޅުގައި ކަމަނާއަށްޓަކާ އޮތް ޖަޒުބާތެއް ފޮރުވަންކަން އަޅުގަނޑަށް އެނގޭ. ޝެހެޒާދާގެ ހިތްޕުޅުގައިއޮތީ ހަމައެކަނި ކަމަނާ......."

"މަރިޔަމް ތިބުނީ ކީކޭ؟ " ލޫސީ ޝައުގުވެރިވިއެވެ.

"މިދެންނެވީ އޭނަގެ ބޭނުންފުޅަކީ ހަމައެކަނި ލޫސީއަށް މަލެއް ދިނުމޭ....."

"ޝެހެޒާދާ ލާވަންގެ ހިތްޕުޅުގައި އޮތް އެއްޗެއް ދެނެގަތުމުގެ ގާބިލްކަން މަރިޔަމްއަށް ލިބުނީމަ ހައިރާންވެއްޖެ. އަހަންނަށް ގަބޫލެއް ނުކުރެވޭ. ލާވަން އެންމެނަށް ހަދިޔާ ދެއްވީ ވަކި ނިޔަތެއް އޮވެގެނެއްނޫން. ވަރަށް ހިތްޕުޅު ސާފު މާތް ބޭފުޅެއްގެ ގޮތުގައި މަށަށް އޭނަ ފެނުނީ....."

މަރިޔަމް އެއްޗެކޭ ބުނަން އުޅެނިކޮށް ކޮޓަރީގެ ފަރުދާތައް ހިއްލާލާފައި ލޫސީގެ މަންމަ ޒައިތޫން އެތަނަށް ވަދެއްޖެއެވެ. ދަރިކަނބަލުން ކޮޓަރިން ނުނިކުމެ އުޅޭ ޚަބަރު ލިބުމާއެކު ޒައިތޫން ހުރިހާ މަސައްކަތެއް ހުއްޓާލާފައި އަވަހަށް އައީ ދަރިފުޅަށްވެގެން އުޅޭގޮތް އޮޅުން ފިލުވާށެވެ. ލޫސީއަށް މަންމަގެ ސުވާލުތަކުން ހާސްކަމެއް ލިބުނެވެ. މަންމަ ގާތު ތެދުބުނުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫނެވެ. ދޮގުހަދާކަށްވެސް ނުކެރުނެވެ. އޭނަގެ ބައްޔަކީ ކޮބާކަމެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. ގޮތްނޭގޭ ބައްޔެއް ޖެހިއްޖެއެވެ. ނަމަވެސް ހުމުގެ އަސަރެއް ނެތެވެ. ތަނަކަށް ތަދެއްނުވެއެވެ. އެނގެނީ ހުރިހާ ކަމެއްގެ އަސްލަކީ ލާވަންކަމެވެ. މަންމަ ފިކުރުބޮޑުވެދާނެތީ ލޫސީ ތެދުވެ ކާންފެށިއެވެ.

***

ލާވަންއާއި ލޫސީ ދެވަނަފަހަރަށް ދިމާވީ ޔޫގަންނާއާއެކު ގަނޑުވަރުގެ ބަގީޗާތެރެއަށް ވަދެފައެވެ. އެދުވަހު ލޫސީ ހުރީ އޭނަގެ އެކުވެރި މަރިޔަމްއާއެކުގައެވެ. ލޫސީ އާއި ސަލާމްކޮށްލުމަށްފަހު ލާވަން އަނބުރައިގަތުމުން ހާސްކަމާއެކު މާ ގެނެސް ދެ އަންހެންކުދިންވެގެން މާތައް ލާވަންގެ ނޭފަތުގައި ޖެއްސީ ރަސްގެފާނުގެ އަމުރަށެވެ. ޔޫގަންނާ ހީކުރެއްވީ މާ ބޮޑަށް ހޫނުވެގެން ލާވަން އަނބުރައިގަތީކަމަށެވެ. ނަމަވެސް ހަގީގަތަކީ ލާވަންއަށް އޭނަގެ ހިތުގެ މައްޗަށް ބާރު ނުފޯރުވުމެވެ. އަދި ނުކައި ނުބޮއިވެސް ހުރެވުމެވެ.

"މަނިކުފާނުގެ ގަނޑުވަރަށް ވަޑައިގަންނަވާ..." ޔޫގަންނާ އަމުރުކުރެއްވިއެވެ.

"ނޫން މިހާރު އަޅުގަނޑަށް ރަގަޅު. އިއްޔެ ރޯދައަށް ހުރެފައި ރޭވެސް ނުކައި ހުރީމަ ވީގޮތެއްހެން ހީވަނީ....." ލާވަން ބުނެލިއެވެ.

"އަޅުގަނޑުމެން ވަރަށް ބިރުގަނެއްޖެ. އަދިވެސްހިތް އެހާ ބާރަށް އެބަތެޅޭ..." ލޫސީ އިނީ އިސްޖަހާލައިގެންނެވެ.

"އެކަމާ މާފަށް އެދެން...."

"މާފުކޮށްފިން އެކަމަކު މަނިކުފާނު ރަގަޅަށް ފަރިއްކުޅުއްވައިގެން ހުންނަވާތި. އޭރުން މިފަދަ ދެރަގޮތެއް އަލުން ނުވާނީ...." ލޫސީ އެދުނެވެ. އޭރުވެސް ލޫސީގެ ހިތް ހަމައަކަށް ނޭޅެއެވެ. ލާވަން ނުކައި ހުރިކަން އެނގުމުންވެސް އެނާޒުކް ހިތަށް ތަދުވެއްޖެއެވެ. އޭނައަށް އެވާހަކަ ސީދާ ނުބުނެވުނު ނަމަވެސް ކައިގެން ހުންނަން ބުނެވިއްޖެއެވެ. ލަވާންއާއި ލޫސީގެ ދޭތެރޭ ހިނިތުންވުމެއް ބަދަލުކުރެވުނެވެ. ހުދު ހެދުމެއްގައި ލޫސީ ހަމަ ޕަރީއެއްފަދައޭ ލާވަން ހިތަށް އެރިއެވެ.

ލާވަން ލޯބީގެ ދާނުގައި ފުރޮޅިފުރޮޅި އޮންނަ ހާލުދެކެފައި ތޫމާގެ ހިތަށްވެސް ދަތިކަން ލިބި އެކިގޮތްގޮތުން އޭނައަށް އެހީތެރިވެދޭން މަސައްކަތްކުރިއެވެ. ލާވަންގެ އަރުތެރެއަށް ކާ އެއްޗެއް ދަނީވެސް ތޫމާގެ މަސައްކަތުންނެވެ. އެކިގޮތްގޮތަށް ވާހަކަދައްކައިގެންނެވެ. ނަމަވެސް ލޯބީގައި ހުޅު ހިފާފައިވާ ހިތަކަށް ފިނިކަމެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ ދާނިޔަލް ގާތު އޭނައާއި ލޫސީ ބައްދަލުކޮށްދޭށޭ ބުނަން ކެރެނީ ކިހިނެއްހެއްޔެވެ؟ އެރޭ ތޫމާ ލާވަން އާއި ބައްދަލުކުރިއެވެ.

"މާދަމާއަކީ އީދުދުވަސް. ހުރިހާ އެންމެން އަޅުކަން ކުރަން ފައްޅިއަށްދާނެ. އެތަނަށް ދަނިކޮށް ލޫސީއާއި ބައްދަލުވުމަކީ ހަމަ އެކަށީގެންވާކަމެއް...." ތޫމާ ބުނެލިއެވެ.

"ދެވަނަ ފަހަރަށް ލޫސީ ފެނިއްޖެއްޔާ އަހަންނަށް ކޮޅަށް ހުރުމުގެ ހިތްވަރެއް ލިބޭނެތަ؟ "

"އެހެން އެވަނީ މަނިކުފާނު ފަރިއްނުކުޅުއްވާ ލޯބީގެ ހިތާމައިގާ ހަތަރުދަން ހުސްކޮށްލައްވާތީ. ރަގަޅަށް ފަރިއްކުޅުއްވައިގެން އަވަހާރަފުުޅު ލައްޕަވާފައި މާދަން ހެނދުނު ފައްޅިއަށް ވަޑައިގަންނަވާ. ނޫނީ މަނިކުފާނުގެ ހަށިކޮޅުގައި ހަކަތައެއް ނުހުންނާނެ...."

"އަހަރެން ހިތަށް އަރަނީ ލޫސީ ފެނުމުން މަގޭ ހެޔަށް ގޮތެއް ނުވެ ހުންނާނެ ބާވައޭ. ފުރަތަމަ ދުވަހުވެސް އަހަންނަށްވީވަރު އެނގޭނީ އަހަންނަށް. ދާނިޔަލް ކާރީގައި ނެތްނަމަ އަނބުރައިގަތީސް. އެހާ ރީތި އަންހެންކުއްޖެއް......"

"ޔޫގަންނާ އަކީ ވިސްނުން ތޫނު ބޭކަލެއް. ރަސްގެފާނު އަރިހުގައި ކެތްކޮށްލައްވައްޗޭ ނޫނީ ޝައްކެއް ވިޔަސް މަނިކުފާނުގެ ފުރާނަފުޅަށް ގެއްލުމެއްވެދާނެ."

"ތިޔަ ބުނަނީ ތެދެއް. ބަނޑުހައި ނުވޭ އެކަމަކު ކުޑަކޮށް ކެވޭތޯ ބަލާނަން...." ލާވަންގެ ހިތުގައި ވި އުއްމީދު އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ.

ތޫމާ ކޮޓަރިން ނުކުމެ ޚާދިމާއިން ގާތު ކާން ގެންނަން ބުނުމައެކު ދެތިން އަންހެންކުދިން ކާނާ ދޮލަގު ގެނެސް ބަހައްޓައިފިއެވެ. އޭރު ރޭގަނޑުގެ ބޮޑު ބަޔެއް ވޭތުވެ ހިމޭންކަން މުޅި މާހައުލަށް ވެރިވެއްޖެއެވެ. ދޭތެރެއަކުން ކުއްތާ ވައްވައް ޖަހާ އަޑު ފިޔަވާ އެހެން އަޑެއް ބަޑެއް ނީވެއެވެ. ލާވަން ކައި ނިމުމުން ތޫމާވެސް އޭނަގެ ގެއަށް ދާން ނުކުމެއްޖެއެވެ. ކިޑިކީއިން ބޭރަށް ބަލައިލިއިރު ހަނދުވަރުގެ ފަނޑު އަލި ފިޔަވާ މާ ބޮޑު އަލިކަމެއް ނެތެވެ. އޭނަ ކޮޓަރީގައި ހުރި ބައްތިއަށް ފުމެލާފައި ނިއްވައިލިއެވެ. އުއްޑުން ނިތްމަތީގައި އަތް ބާއްވާލައިގެން އޮތްއިރު ޚިޔާލުގައި އެނބުރެނީ ލޫސީގެ ތަސްވީރެވެ. އެހެން އޮވެ ދެފަރާތަށް އިރުއިރުކޮޅާ ފުރޮޅިލައެވެ. ހާސްކަމުގެ ފިނި ނޭވާއެއް ދޫކޮށްލައެވެ.

ނިދީގެ އަރާމުގައި ލާވަންއަށް އޮވެވުނީ ކުޑައިރުކޮޅަކަށެވެ. ފަޖުރުގެ އަލިކަން ފައުޅުވީހިނދު ހޭލެވިއްޖެއެވެ. ޚާދިމަކު ހޫނު ފެން ގެނެސްދިނުމުން ފެންވަރާ އާ ހެދުމެއް ލައިގެން ތައްޔާރުވެލީ ފައްޅިއަށް ދިޔުމަށެވެ. ކޮޓަރިން ނުކުތްތަނާ ސިފައިންގެ މީހަކު އައިސް ވަރަށް އަދަބުވެރިކަމާއެކު ސެލިއުޓްކޮށްލިއެވެ.

"ސާހިބާ ވަޑައިގަތުމަށް އަޅުގަނޑުމެންގެ ރަސްގެފާނު އެބަ ދަންނަވާ...."

ލާވަންގެ ހިތުގައި ހިނގައިލި އުފާވެރިކަމުގެ އަސަރުތައް އޭނަގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. ސިފައިންގެ މީހާއާއިއެކު ގޮސް ގަނޑުވަރާއި އަރާ ހަމަވީއިރު އެތާގައި އެތައް ސިފައިންނެއް ތިބެފައި ސެލިއުޓްކުރަން ފެށިއެވެ. ބޭރުން ބަލާލާއިރު ކިއްލާއެއްހެން ހުއްޓަސް ގަނޑުވަރުގެ ދޮރާށިން ވަނުމާއެކު އާޝޯޚުވާހާ އެތަން ފުރިހަމައެވެ. ރީތި ބަގީޗާއާއި ތަނަވަސް މަގުތަކެވެ. ހިނގަން އޮތް ތަޅުން ހުދު މާބްލް ޖަހާފައެެވެ. ދެފަރާތުގައި އިންދާފައިވާ މީރުވަސްދުވާ މާމެލާމެލިން ބަރާވެފައިވާ ގަސްތައް އެއްވަރަކަށް ކޮށާލާފައެވެ. އެކި ކުލައިގެ ފިނިފެންމާތައް ފަރިވެ ފޮޅިފައެވެ. ގަނޑުވަރުގެ ދޮރާއި ހަމަވުމުން އަންހެންކުދިން ކޮޅެއް ލާވަން އަށް މަގު ދައްކާފައި ގެންގޮސް ވެއްދީ ތަނަވަސް ކޮޓަރިއަކަށެވެ. އަގުބޮޑު ފަރުނީޗަރާއި ކުރެހުން އެޅިފައިވާ މަޑު ދޫލައެވެ. ކޮޓަރީގެ މެދުގައިވާ މާބްލް ބޮޑުމޭޒުގައި އެކި ވައްތަރުގެ ކާ އެއްޗެހި އަތުރާފައެވެ. ދުވާ މީރުވަހުން ބަނޑުފުރޭހާވިއެވެ. މޭޒުގެ ވަށައިގެން އިށީދެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭ ގައި ޔޫގަންނާ ޒައިތޫން ޔޫހަންނާ ދާނިއަލްއާއި ލޫސީވެސް ހިމެނި ވަޑައިގަންނަވައެވެ. އެންމެންވެސް ޖަރީކުރި އަގުބޮޑު ހެދުންތަކުގައެވެ. ޒައިތޫންއާއި ލޫސީގެ ބޮލުގައި ވާ ތާޖުގައި އަލިމަހުން ކުރެހުން އެޅިފައެވެ. ލޫސީގެ ހަތަރެސްފައި ފަޅުފިލުވާލާފައިވަނީ އަލިގަދަ ޖަވާހިރުތަކުންނެވެ. އެކަމުގެ ސަބަބުން ލޫސީގެ ރީތިކަން އެތައް ގުނަ އިތުރުވެފައިވިއެވެ.

ޔޫހަންނާ ތުރުކުރައްވައިގެން އިންނެވީ އުއި ދެރަފޮތިން ފަހާފައިވާ ލިބާހެކެވެ. ދީނަށްޓަކާ ގޮސް ހުސްވެފައިވާ ޔޫހަންނާއަކަށް އެފަދަ ޒީނަތްތެރިކަމަކަށް ބޭނުންވެގެން ނުވެއެވެ. ނަމަވެސް އެހެން ބޭފުޅުންނެކޭ އެއްފަދައިން ޔޫހަންނާގެ މޭމަތީގައިވެސް ވިދަ ވިދާއޮތް ރަނުގެ ސަލީބުގައިވަނީ އަލިމަހާއި ޔާގޫތުފަދަ އަގުބޮޑު ޖަވާހިރުތަައް ހަރުކޮށްފައެވެ.

ލާވަން އިށީންނަން ޖެހުނީ ލޫސީގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

ސިއްރުން އެކަކު އަނެކަކަށް ބެލެމުން ދިޔައީ ބޭ އިޚުތިޔާރުގައެވެ. ހިނިތުންވުންތައް ވެސް ރައްދުކުރެވެމުން ދިޔައެވެ.

"އަބަދަށްޓަކާ މިތަނުގައި އިނދެވޭނެ ނަމައޭ ހިތަށް އަރާ. ލޫސީގެ މޫނަށް ބަލަން މިގޮތަށް އުމުރު ހޭދަކޮށްލެވިދާނެ......މާތް ރަސްކަލާނގެ އެކަމަށް މިންވަރު ކުރައްވާނެނަމަ....." ލާވަން ވިސްނިއެވެ.

"ލާވަން ބަލަން އިނުމުން ހިތް ތެޅޭވަރުން އަހަރެން ބިރުވެސް އެބަގަނޭ. އެކަމަކު ލާވަން ދުރަށް ދާކަށް ބޭނުމެއްނުވޭ..." ލޫސީގެ ހިތުގައިވެސް ހިގަމުން ދިޔައީ ލައުންގެ ޚިޔާލުތަކެވެ.

ފަރިއްކޮޅު ނިމުމަށްފަހު ޖެހިގެން ހުރި ކޮޓަރިއަށް ވަދެފައި މިފަހަރުވެސް ލާވަންއާއި ލޫސީއަށް ތިބެން ޖެހުނީ ކުރިމަތީގައެވެ. ދެކެވުނު ވާހަކަތަކުގެ ތެރޭ ދެކުދިން ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއެވެ. ލޫސީ އިނީ ލަދުން އިސްޖަހާލައިގެންނެވެ. އަޅުކަން ކުރާން ފައްޅިއަށް ދާން ނުކުމެފައި ދެކުދިންނަށް ތިބެވުނީ އެންމެ ފަހަތުގައެވެ. ފުރުސަތުގެ ބޭނުން ހިފާ ލާވަން މާ ބަގީޗާއިން ރަތްކުލައިގެ ފިނިފެންމަލެއް ބިނދެލާފައި ލޫސީއަށް ދިއްކޮށްލުމާއެކު މަލުގައި ހިފައިފިއެވެ.

"އާހް......"

ކުރީގައި ތިއްބެވި ޔޫހަންނާ އަދި ދާނިޔަލްއަށްވެސް އެ އަޑު އިވިފައި އެނބުރި ބަލާލައިފިއެވެ.

"ލާވަން ކިހިނެއްވީ؟ ހާލު ރަގަޅުތަ؟ "ދާނިޔަލް އެހިއެވެ.

"ފިނިފެންމަލެއް ބިންނާން އުޅެނިކޮށް ކަށްޓެއް ހެރުނީ......." ލާވަން ބުނެލިއެވެ.

"ލޫސީ އަތަށް ކަށްޓެއް ހަރާނުލާ މަލެއް ބިނދެފި. ތި މާ ލާވަންއަށް ދޭންވީނު ......." ދާނިޔަލް ބުނެލުމުން އޭނަ ސިހޭގޮތްވިއެވެ. އެއީ ދެންމެ އޭނަ ބިނދެފައި ލޫސީއަށް ދިން މަލެކެވެ. ވީއިރު އޭނައަށް އެ މާ އަތުލެވޭނީ ކިހިނެއްހެއްޔެވެ؟ ލޫސީވެސް ހިނިތުންވެލާފައި އެ މާ ދިއްކޮށްލިއެވެ.

"އަޅުގަނޑު އަމިއްލައަށް ބިނދެފާނަން...."

"އަތަށް ކަށްޓެއް ހަރާނުލާ މާ ބިންނަން ދަސްކުރަންވާނެ...." ދާނިޔަލް ބުނެލިއެވެ.

"ސާހިބާ މި މަލުގައި ނުހިއްޕެވީ ކީއްވެގެންތޯ؟ " ލޫސީ މަޑުމަޑުން އެހިއެވެ. ލާވަން އެވަގުުތު ބޭނުންވީ ލޫސީގެ އަތުގައި ހިފާލުމަށެވެ. ނަމަވެސް އެކަހަލަ ކަމެއް ކުރަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ލޫސީގެ އާއިލާގެ ބޭފުޅުން މިތިއްބެވީ ދާދި ކައިރީގައެވެ. އެކުދިން ހިނގުން ކުޑަކޮށް ލަސްކުރިޔަސް މާ ދުރުގައެއް ނޫނެވެ. ގަނޑުވަރުގެ ބޭރު ދޮރާށިން ނުކުތްއިރު މަގުގެ ދެފަރާތުގައި ސިފައިންގެ ސަފުތަކެވެ. އެންމެން ސެލިއުޓްކުރަން ފެށިއެވެ. ފައްޅި ހުރީ އެ ގަނޑުވަރާއި ދާދި ކައިރީގައެވެ. ފައްޅިވެސް ވަނީ ތަނަވަސް ބަގީޗާއެއްގެ މެދުގައެވެ. އެންމެން އެ ބަގީޗާގެ ތެރެއިން ގޮސް ފައްޅީގެ ދޮރާއިއަރާ ހަމަވިއެވެ. ފައްޅިގެ ތެރެއިން އިސް ފާދިރީންތައް ނުކުމެ ޔޫގަންނާއާއި އާއިލާއަށް އިސްތިގުބާލްކޮށް އެތެރެއަށް ވެއްދިއެވެ. އިސް ފާދިރީ އެންމެނަށް ހެޔޮ ދުއާކުރިއެވެ. އެއަށްފަހު އަޅުކަން ކުރަންފެށިއެވެ. ދެން އޮތީ ދީނީ ދަރުސްއެވެ. ފާދިރީ ދަރުސް ނިންމާލަމުން ރަސްގެފާނަށް ކާމިޔާބު ލިބުމަށް އެދި ދުޢާކުރިއެެވެ.

***

ލޫސީގެ އުމުރު ހޭދަކޮށްފައިވަނީ ޝާހީ ގަނޑުވަރެއްގައި ހިތާމައިގެ ހިޔަނިވެސް ނޭޅިއެވެ. ފުރާވަރުގެ އެެހެން އަންހެންކުދިން ފަދައިން އޭނަވެސް އުޅުނީ ކުޅުމާއި އަސްދުއްވުމުގައެވެ. ބައެއްފަހަރު ބޭބެއާއެކު ހަގުރާމައިގެ ހުނަރުތައްވެސް ދަސްކޮށްލައެވެ. ޚާދިމާއިން ތިއްބަސް ލޫސީ ކާއެއްޗެހި ހެދުމާއި ވިޔުމަށް ޝައުގު ހުރެއެވެ. އަތްތެރި މަސައްކަތް ދަސްކުރެއެވެ. ބާކީ އޮންނަ ވަގުތު އެކުވެރި އަންހެންކުދިންނާއިއެކު ބަގީޗާއާއި ކޯރުކައިރީގައެވެ. މަޖާކުރުމުގައެވެ. ރޭގަނޑު ކޮންމެވެސް ވަރަކަށް ކިޔެވުމަށްފަހު އަރާމު ދާނުގައި ނިދާލަނީ އެއްވެސް ޚިޔާލެއް ނެތިއެވެ. ނަމަވެސް ލާވަންއާއި ދިމާވުމަށްފަހު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. އޭނަ އެކުވެރިންނާއި ދުރުހެލިވެ ވަކިން އުޅެންފެށިއެވެ. އަބަދު ހީ ހީ ހުންނަ އަންހެންކުއްޖާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރެއް ނުފެނެއެވެ.

އީދަށްފަހު ދެ ހަފްތާ ވޭތުވެގެން ދިޔައިރު ދެ ގަރުނުކަމުގައި ލޫސީއަށް އިހުސާސްކުރެވުނެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ގައިދުވެގެން އިންނައިރު ސިކުނޑީގައި ރަސްކަން ކުރަނީ ލާވަންގެ ތަސްވީރެވެ. އޭނަ ދިން މާތައް ހިކިފައިވިޔަސް އެމާތަކުގައި ފިރުމެއެވެ. ގަދަކަމުން ކާއެތިކޮޅެއް ދިރުވައިލަނީ މަންމަމެންނަށް ޝައްކެއް ވެދާނެތީއެވެ. އޭނައަށް ލާވަންގެ ސަބަބުން ޖެހިގެން މިއުޅޭ ބައްޔަށްދޭނެ ނަމެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. މަޑުދާންމައްޗެކޭ އަނގުރު އަލިފާނެކޭ ތަފާތެއްނެތެވެ. ކަނު އަނދިރީގައި އެކަނިވެރިކަން އޭނަ ވަށާލައިގެން އޮވެ ރޭގަނޑުގެ ހަތަރުދަން ވޭތުވެދެއެވެ. ހިތާމައިގެ ސަބަބުން މިލާފައިވާ މަލެކޭ އޭނަ ތަފާތެއް ނެތެވެ.

އެންމެ ގާތް އެކުވެރިޔާ މަރިޔަމް ޒިޔާރަތްކުރުމުން ލޫސީއަށް އުފާވެރިކަމެއް ލިބުނެވެ. އެތައް ދުވަހަކަށްފަހު ތުންފަތްމަތިން ހިނިތުންވުމުގެ އަސަރެއް ފެނިލިއެވެ. އެދުނީ އޭނަ ފެންވަރަން އެހީވުމަށެެވެ. ބިލިގާއަށް ހޫނު ފެން އެޅުމަށްފަހު ލޫސީ ފެންގަނޑުތެރޭ އޮށޯތެވެ. ފެހިކުލައިގެ މީރުވަސްދުވާ ސައިބޯންޏަކުން އޭނަގެ ހަށިގަނޑުގައި މީރުވަސް ހިފައިލިއެވެ.

"މަރިޔަމް. ޝެހެޒާދާ ދާނިޔަލްއާއި ދިމާވިތަ؟ "ލޫސީ އެހިއެވެ.

"ޝަހަރުން ބޭރަށް އަހުގައި ވަޑައިގަންނަވަނިކޮށް ދިމާވި....." މަރިޔަމް ލޫސީގެ ގައިން ސައިބޯނި ފިލުވާ މިލަ އުނގުޅާދިނެވެ.

"އެކަނިތަ؟ " ލޫސީގެ ހިތް އަވަސްވިއެވެ.

"ޝެހެޒާދާ ލާވަންއާއެކު....."

"މަރިޔަމްގެ ނަސީބު ކިހާ ރަގަޅު. އަހަންނަށް ލާވަން ފެނުމުގެ ނަސީބެއް ނުލިބި ދެ ހަފްތާ މިވީ. ލާވަން ދެކެން ބޭނުންވޭ...." ލޫސީ ހިތާހިތުން ކިޔާލައިފިއެވެ. އޭރު މަރިޔަމް ލޫސީގެ ދިގު އިސްތަށިގަނޑު ނިއުޅުވާލައިގެން ސައިބޯނި ލާފައި ދޮންނަނީއެވެ. އިސްތަށިގަނޑުގެ ބުޑަށް މަސާޖްވެސް ކޮށްލަދިނެވެ.

"މިގޮތަށް މަސާޖު ކޮށްލީމަ ރަގަޅަށް ނިދޭނެ..." މަރިޔަމް ބުނެލިއެވެ.

"މަރިޔަމްގެ ގާތުން އޮޅުން ފިލުވަން ޖެހޭ ވާހަކައެއް އެބައޮތް. މަރިޔަމްއަކީ އެންމެ ސިއްރު އެކުވެރިޔާއަށް ވުމުން އަހަރެންގެ ބަލި މަރިޔަމްއާއި ހިއްސާކުރަން މިޖެހުނީ. އަހަންނަށް މިވަނީ ގޮތްނޭގޭ ހާސްވާފަދަ ކަންތައް ގަނޑަކާއި ދިމާވެފައި. އަހަރެން މިވަނީ މަރިޔަމްގެ އެހީއަށް ބޭނުންވެފައި....................." ލޫސީ ހާސްކަމުގެ ނޭވާއެއް ދޫކޮށްލިއެވެ.

"ހާސްވާން ޖެހުނު ސަބަބު ކަމަނާ ކިޔާދެއްވާ..." މަރިޔަމް މަޑު ތުވާއްޔެއް ގެނެސް ލޫސީގެ އިސްތަށިގަނޑުގައި އޮޅާލިއެވެ. ފެންވަރާލުމުން ލިބުނު އަރާމުގައި ނިދިއަންނަ ގޮތްވިއެވެ.

"ޖީސަސް ގަންދީ ހުވާކޮށްފައި ބުނާ ތެދެއް. އަހަރެންގެ ހިތަށް ވެގެން އުޅޭގޮތް އަމިއްލައަކަށް ދެނެގަންނާކަށް ނޭގުނު...."

"ރަސްގެފާނު މަންމާފުޅު ނޫނީ ބޭބޭފުޅާއި ދެބަސްވާފަދަ ކަމެއް ހިނގީތޯ؟ "މަރިޔަމް އެހިއެވެ.

"ނޫން ނޫން...."

"ކޮންކަމަކަށް ހިތް ބޭނުންވަނީ؟ " މަރިޔަމް ސުވާލުކުރިއެވެ.

"އަބަދު އޮށޯވެލައިގެން އޮންނަން ހިތްއެދެނީ. އެކަމަކު ނިންޖެއް ނާދޭ. ކާހިތެއް ނެތް. ކުޅޭހިތެއް ނެތް. ބޭބެމެން ގެނެސްދެއްވާފައިވާ ބުދުތައްވެސް ހުރި ގޮތަށް އަލަމާރީގައި އެހެރީ. އަދި އަޅުކަން ކުރަން ފައްޅިއަށް ދާކަށްވެސް ބޭނުމެއްނުވޭ......." ލޫސީ ބިލިގާއިން ތެދުވުމުން މަރިޔަމް ލޫސީ ހެދުން ލައްވަން އެހީތެރިވެދިނެވެ. ފައިތިލައާއި ހަމަޔަށް ދިގުކޮށް އޮތް ފަށުވިހެދުން ލައްވާފައި ގޮށް އަޅުވާލަދިނެވެ.

"ތަނެއްގައި ރިހޭތޯ؟ "

"އާނ.....އެބަ ރިއްސާ..."ލޫސީ މޭގައި އަތް ޖެއްސިއެވެ.

"ތިވާހަކަ ކުރިން ބުނިނަމަ. އެއްވެސް މީހަކާއި ގަޔާވާ ކަހަލަ ގޮތެއް އެބަހުރިތޯ؟ " މަރިޔަމް ލޫސީ ގޮނޑީގައި ބޭންދިއެވެ. ރަންކުލައިގެ ފުނަލަކުން އިސްތަށިގަނޑުގައި ފުނާއަޅާދޭން ފެށިއެވެ.

"ހިތުގައި ރިއްސަންޏާ ހަކީމަކަަށް ދައްކަން ޖެހޭނީ. ބޭސް ކުރުން ލަސްވެއްޖެއްޔާ ފުރާނައަށް ނުރައްކާވެދާނެ."

"މިއީ ހަކީމަކަށް ރަގަޅުކުރެވޭނެ ބައްޔެއްނޫން. މަރިޔަމްއަށް އެނގޭތަ؟ އަހަރެންގެ ހިތަށް ހާސްކަންލިބި އުދަގޫތައް ވާންފެށީ ޝެހެޒާދާ ލާވަން ގަނޑުވަރުގެ ބަގީޗާއަށް ވަޑައިގެން ހޭފުޅު ނެތިގެން ވެއްޓި ވަޑައިގެންނެވި ފަހުން. ކުއްލިއަކަށް ހާސްވެ ނޭވާވެސް ނުހިނގި. ހިތް ތެޅިގަތްގޮތުން ބޭރަށް ނުކުމެދާހެން ހީވި. ޝެހެޒާދާ ލާވަން ހޭފުޅު އެރުމަށްފަހު ހިތް ހަމަޖެހުނު. އެކަމަކު އެކަނިވެރިވުމުން އެ އިހުސާސްތައް އަނެއްކާ ކުރެވޭ..."

ލޫސީގެ ވާހަކައިން މަރިޔަމްއަށް ވަގުތުން ހުރިހާކަމެއް އޮޅުން ފިލައިފިއެވެ. ލޫސީގެ ހިތުގައި މިވަނީ ޝެހެޒާދާ ލާވަންގެ ލޯތްބެވެ.

"ޝެހެޒާދާ ލާވަން ދެކެލައްވަން ބޭނުންފުޅުތޯ؟ " މަރިޔަމް ސުވާލުކުރިއެވެ.

"ވަރަށް ބޮޑަށް ބޭނުން. އީދު ދުވަހު އެކީ ކައިގެން އަޅުކަން ކޮށް ވާހަކަވެސް ދެއްކޭ ގޮތްވި. އެކަމަކު އެފަހުން ހިތުގެ ހާލު މިހާރު މާ ބޮޑުވެއްކެ. އެކަމަކު ޝެހެޒާދާގެ ކައިރިއަށް ދިޔުމަށްފަހު ބޭނުންވަރަކަށް ބަަލައިލާކަށް ނުކެރޭ..."ލޫސީ ބުނެލީ މޮޅިވެރިކަމާއެކުގައެވެ.

މަރިޔަމް ލޫސީގެ އަތުގައި ހިފައިގެން ގަނޑުވަރުގެ ބަގީޗާތެރެއަށް ދާންކަމަށް ނުކުތެވެ.

"ކަމަނާގެ ހިތްޕުޅުގައި ތިވަނީ ޝެހެޒާދާ ލާވަންގެ ލޯބި....." މަރިޔަމް ނިކަން މަޑުމަޑުން ބުނެލިގޮތުން ކިރިޔާ ލޫސީގެ ކަންފަތަށް ފޯރީއެވެ. ވައިރޯޅިއަށްވެސް ސިއްރުން ބުނެލާފަދައަކުންނެވެ. އެހެން މީހަކަށް އިވިއްޖެނަމަ އޭނަގެ ފުރާނަވެސް ހަށިގަނޑާއި ވަކިވެދާނެއެވެ.

"ލޯބި......" ލޫސީ ފެހިކުލައިގެ ދެލޯ ކުޑަކޮށްލަމުން ކަންބޮޑުވެފައިވާ ގޮތަކަށް ކިޔައިލިއެވެ.

"ލައްބަ ކަމަނާ....."

"މަރިޔަމް. ދެން ވާނީ ކިހިނެއްތަ؟ " ލޫސީ ކަންބޮޑުވުމާއެކު ފިނިވެފައިވާ އަތުން މަރިޔަމްގެ އަތަށް ބާރުކޮށްލިއެވެ.

"ރަސްގެފާނަކީ އަވަހަށް ކޯފަ އިސްކުރައްވަ ބޭފުޅަކަށްވީމަ ތި ކަމަށް ހުއްދައެއް ނުދެއްވާނެކަން އަޅުގަނޑަށް ހަމަ ޔަގީން...ކަމަނާ ޝެހެޒާދާގެ ލޯބި ހިތުން ފޮހެލައްވާ. އަދި ކަމަނާގެ އުމުރުން ކިހާ ޅަ. ފުރާވަރަށް އެޅީ ކިރިޔާ. އަދިވެސް ބޮޑުމީހުންގެ ތެރޭ ނުހިިމެނޭ. ވީމަ އަޅުގަނޑުގެ ބަސް ގަބޫލުކޮށް ޝެހެޒާދާގެ މަތިން އެއްކޮށް ހަނދާން ނައްތާލައްވާ...." މަރިޔަމް ކަންބޮޑުވެފައި ހުރެ ވިސްނައިދޭން މަސައްކަތްކުރިއެވެ.

"މަރިޔަމް އަހަންނަށް ހިތުގެ މައްޗަށް ބާރުފޯރުވޭ ގޮތެއްނުވޭ. ހެޔޮނުވާނެ. ކޮންމެވެސް ތަދުބީރެއް ކޮށްދީ.... ނޫނީ އަހަންނަށް ކެތެއްނުވާނެ. އަހަރެން މަރުވެދާނެ..."ލޫސީގެ ހިތުގައިވާ ލޯބި އޭނަގެ ދެލޯކަރުނުން ތެންމާލައިފިއެވެ. މަރިޔަމް އަޖައިބުވެ އަންތަރީސްވެފައި ބަލަން ހުއްޓެވެ. މި ލޯބީގެ ނިމުމާއިމެދު އޭނަ ވިސްނަނީއެވެ.

އުމުރުން ޅަ ކަމުން ލޯތްބަކީ ކޯންޗެއްކަމެއް ލޫސީއަކަށް އެނގިފައެއްނުވެއެވެ. އެނގުނީ މަރިޔަމް ބުނެދިނުމުންނެވެ. އޭނައަށް ވެގެން މިއުޅޭ އެއްޗެއް ޔަގީން ކުރެވުމުން އެކަމާއި ބިރުވެސް ގަތެވެ. މަރިޔަމް ބުނި ފަދައިން ބައްޕާފުޅަށް އެނގިވަޑައިގެންފިއްޔާ ކޯފާ އިސްކުރައްވާ ކުރައްވާނެކަމެއްވެސް އެނގެނީއެއް ނޫނެވެ. ދެން ހުރީ ބޭބެއެވެ. ބޭބެގެ މިޒާޖު ބައްޕައާއި ތަފާތެއް ނެތެވެ.

"މަރިޔަމް ބުނެބަލަ އަހަރެން ހަދާނެ ގޮތެއް ބުނެބަލަ. އަހަރެން ލާވަންއާއި ބައްދަލުކުރަން ބޭނުން........" ލޫސީގެ ލޮލުން ކަރުނަތިކިތައް ތިރިއަށް ދެމިަތެވެ.

"ނިމުން އަންނާނެ ގޮތަކާއިމެދު ކަމަނާ ވިސްނާ ވަޑައިގަންނަވާ..."

"ނިމުމާއިމެދު ވިސްނާކަށް ބޭނުމެއްނޫން. ހުރިހާކަމެއް މާތް ރަސްކަލާނގެއާއި ވަކީލުކޮށްފިން. އަހަންނަށް ދެން ކެތެއް ނުކުރެވޭނެ ލަވާން ދެކެން ބޭނުން މަރިޔަމް އެހީވެދީ.........." ލޫސީ ގިސްލަމުން ބުންޏެވެ.

"ލޯބި ވެވިއްޖެއްޔާ އެހެން މީހަކު ދޭ ނަސޭހަތެއް އަޑުއެހުމަކީ ލޯބިވެރިންނަށް ކުޅަދާނަ ކަމެއްނޫން. އެއަށްވުރެ ލޯބީގެ ބާރު މާ ގަދަވާނެ. ވީމަ ޝެހެޒާދާ ލާވަން ގާތު ދަންނަވައިގެން އޭނަ ކަމަނާއާއި ބައްދަލުކުރުވަން އަޅުގަނޑު މަސައްކަތް ކުރާނަން..." މަރިޔަމްއާއި ލޫސީ ޒައިތޫނި ގަހެއްގެ ހިޔަލުގައިވާ ދިގު ގޮނޑިއެއްގައި ޚިޔާލު ބަދަލުކޮށްލާން އިރުކޮޅެއް ވާންދެން ތިއްބެވެ.

ދެކުދިން ވާހަކައިގާ ތިއްބާ ލޫސީގެ ބޮޑުބޭބޭފުޅު ޔޫހަންނާ ވަޑައިގަންނަވާތަން ފެނުނެވެ. ފާދިރީ ހެދުމުގައި ހުންނެވިއިރު ކަރުގައި ސަލީބެކެވެ. ދެކުދިންވެސް އަދަބު އަދާކުރުމުގެ ގޮތުން ފުންމައިގެން ތެދުވެއްޖެއެވެ. ޔޫހަންނާ އެކުދިންނަށް ހެޔޮ ދުޢާކުރެއްވުމަށްފަހު އިށީންނަން އެދުނެވެ. އަދި ލޫސީ ރޮނީ ކީއްވެހެއްޔޭ އެއްސެވިއެވެ.

"ބޮޑުބޭބޭ. އަޅުގަނޑު މާބޮޑަށް ބަލިވީ....."

"ޑޮކްޓަރަކު ގެނެސްދޭނަން........"

"ނޫން ބޮޑުބޭބޭ. އަޅުގަނޑަށް ބޭނުންވަނީ ހެޔޮ ދުޢާ. އަަޅުގަނޑު އަނެއްހެން ބަލިވީއެއްނޫން. ތަބީތުގައި ޖެހުނު މައްސަލަތަކެއް. ހަމައެކަނި ހިތްދަތިކަމާއި ނުނިދުމާއި ފިކުރުބޮޑުވުންފަަދަ މައްސަލަތަކެއް އުޅެނީ. އަދިވެސް މިއުޅެނީ މިހެން ދިމާވާންޖެހުނު ސަަބަބެއް ނޭގިގެން. އެކަމަކު ބޮޑުބޭބެގެ ދުއާއަކުން ރަގަޅުވެދާނެހެން ހީވޭ..."ލޫސީ ބުނެލިއެވެ.

"ބޮޑުބޭބެ ދުޢާކޮށްދޭނަން. ކޮއްކޮ ހިތާމައިގާ އުޅޭކަން އެނގުމުން ބޮޑުބޭބެގެ ހިތަށްވެސް އުދަގޫވެއްޖެ. މިހާރު ޑޮކްޓަރެއް ގެނުވާނަން. އަދި ކޮއްކޮގެ މަންމައާއި ބައްޕައަށްވެސް އަންގާނަން......"

"ނޫން ނޫން ބޮޑުބޭބޭ. ނޫން. އަޅުގަނޑު އެހެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫން. ހަމައެކަނި ބޮޑުބޭބެގެ ހެޔޮ ދުޢާއިން ފުދޭ. އަޅުގަނޑުގެ ހަށިގަނޑުގައި ބައްޔެއްގެ އަސަރު ނެތް.........." ލޫސީ ބޮޑޫބޭބެގެ އަތުގައި ހިފައިލަމުން އާދޭސްކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

"އެންމެރަގަޅު ކޮއްކޮ އެދޭގޮތެއް. މިދުވަސްކޮޅު އިސްލާމުން ހަލަބަށް ހަމަލާދޭން އެބައުޅޭ. އެހެންވީމަ މަޝްވަރާތަކުގައި ބައިވެރިވެފައި ފައްޅިއަށް ގޮސްފައި އަދި މިރޭ ކޮއްކޮގެ ހާލު ބަލައިލަން އަންނާނަން. ރަގަޅަށް ކައިގެން އަރާމުކުރައްޗޭ. މަރިޔަމްވެސް ލޫސީ އަށް އެހީތެރިވައްޗޭ." ޔޫހަންނާ އެދިވަޑައިގެންނެވިއެވެ. ޔޫހަންނާ ލޫސީގެ ނިތްކުރީގައި ބޮސްދެއްވުމަށްފަހު ހެޔޮ ދުޢާކުރުމަށްފަހު ވަޑައިގެންނެވީއެވެ. މަރިޔަމް ލޫސީގާތު ބުނީ އެގޮތަށް ސިއްރު ފައުޅުކުރުމަކީ ރަގަޅުގޮތެއް ނޫންކަމުގައެވެ. ޔޫގަންނާގެ ކަންފަތްޕުޅަށް އަރާއިރަށް ނަތީޖާ ގޯސްވެދާނެއެވެ. ލޫސީ ބުނީ ދެން ކެތްކުރާނެކަމުގައެވެ. މަރިޔަމް ދާން އުޅުމުން ލޫސީ ހަދާންކޮށްލަދިނީ ލަވާންއާއި ބައްދަލުކުރުވުމަށް ވި ވައުދުގެ މަތިންނެވެ..

" އަހަރެންގެ ހުރިހާ ހިތާމަތައް ފިލާ އުފާވެރިކަން ގެނެސްދެވޭނީ ހަމައެކަނި މަރިޔަމްއަށް އެކަން ހަނދާން ނައްތައިނުލާ..."

"އަޅުގަނޑު ސާހިބުކަމަނާއަށްޓަކާ ގުރުބާންވެސް ވެދާނަން..."

މަރިޔަމް ބަގީޗާއިން ނުކުމެގެން ހިނގައިގަތީ ފިކުރުބޮޑުވެފައިވާ ހާލުގައެވެ.

ޝަހަރުގެ މަގުތައް އެގަޑީގައި ހަލަބޮލިކަމަށް ފެނެއެވެ. ޖަމަލުތައް މަތީ ތަފާތު ބާވަތްބާވަތުގެ މުދާތައް އުފުލަމުންދާއިރު ބާޒާރުމަތީ ހިނގުމާއި ނުކުޅަދާނައެވެ. ތަފާތު ވައްތަރުގެ ކާނާތަކާއި ޒައިތޫނި އަދި ލުނބޯފަދަ މޭވާ އަދި މަދުތައް ގާޑިޔާތަކުގައި އަތުރާފައެވެ. ބައެއް ދިމާލުގައި އެއްގަމު މަސްތައް ހުރިގޮތަށް އެލުވާފައެވެ. މަރިޔަމް ބާޒާރުމަތީ ހިނގަމުންގޮސް ގެއަށް ބޭނުންވާ ސާމާނުކޮޅެއް ގަނެލައިފިއެވެ. ގެއާއި ދާދި ކައިރިވެފައި ހުއްޓާ އަހުގެ ފިޔަވަޅުތައް ޖެހޭ އަޑަށް ސިހިފައި ބަލައިލިއެވެ.

ނުނިމޭ

ކޮމެންޓް 0