އެހުރިހާ ކަމުން ނިމުމަށްފަހު ރޫމީންގެ އޮފިސަރުންނާއި ސިފައިންތައްވެސް ކޭމްޕްތަކަށްގޮސް އެތަން ހުސްވުމުން ޔޫގަންނާ އަބޫއުބައިދާއަށް ބައްލަވާލެއްވިއެވެ.

"އަޅުގަނޑު މުސްލިމަކަށްވުމަށްފަހު މިހާރު ބޭނުންވަނީ އަޅުގަނޑުގެ އާއިލާވެސް މިދީނަށް ވައްދަން....."

"އެންމެ ރަގަޅު. އެބޭފުޅުން ގެންނަވާ. މާތްﷲ މަނިކުފާނުގެ އާއިލާއަށް ހިދާޔަތް ދެއްވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްދެއްވާށި................."

***

ޔޫގަންނާ ގަނޑުވަރަށް ވަޑައިގެންނެވިއިރު އެތަން އޮތީ ހިމޭންކޮށެވެ. އެއްވެސް މީހެއްގެ ހިލަން ނުވުމުން މާޔޫސްކަމާއެކު އެނބުރި ވަޑައިގަންނަވަން އުޅުއްވަނިކޮށް ދަރިކަލުން ދާނިޔަލްއާއި ދިމާވެ ވަޑައިގަތެވެ. ދާނިޔަލް ކޮޓަރިކޮޅުތެރޭ ވާ ބިންގަރާސް ޗެކްކޮށްލެއްވުމަށް ދެންނެވުމުން ހިތްހަމަޖެހުމެއް ލިބިވަޑައިގަތެވެ. ނުރައްކަލުގެ ވަގުތުގައި ޒައިތޫން އެ އެޅުއްވީ ރަގަޅު ފިޔަވަޅެކެވެ. ޔޫގަންނާއާއި ދާނިޔަލް އެ އަޑީ ބިންގަރާހަށް ވެންނެވުމުން އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ފައުޅުވިއެވެ. ނަމަވެސް ހިނދުކޮޅަކަށެވެ. ޔޫގަންނާގެ ވާހަކަ ފުޅުން ޒައިތޫންމެންގެ ހިތަށް ބިރުވެރިކަން ވަނެވެ. މުސްލިމުން ކިއްލާ ފަތަހަކޮށްފިއެވެ. އޭނަވެސް އެ ދީން ޚިޔާރުކުރައްވައިފިއެވެ. ޒައިތޫން ކަންބޮޑުވުމާއެކު މޭފުޅުގައި އަތުން ސަލީބުގެ ނިޝާން ކުރަހާ ލެއްވުނެވެ.

"މަލަކާ. ގަދަކަމުން ދީނަށް ވެއްދުމެއްނެތް. އެކަމަކު މުސްލިމުންގެ ވެރިޔާގެ ވާހަކަފުޅު އައްސަވާފައި ގޮތެއް ނިންމާނީ. ދަމާ ހިނގާ........."

"އަޅުގަނޑުމެން ކުޑަކޮށް ތައްޔާރުވެލައިގެން ދާނީ..." ޒައިތޫން ހުންނެވީ ނުތަނަވަސްކަމުގައެވެ.

ޚާދިމާއަކަށް އަންގަވައިގެން ހޫނު ފެން ގެންނަވާފައި އަތްފައިންޕުޅު ދޮންނެވުމަށްފަހު އިސްތަށިގަނޑު އޮމާންކުރެއްވުމަށްފަހު ލޫސީވެސް ފަށުވި ފިޔާތޮށިކުލައިގެ ހެދުމެއްލައިގެން އިސްތަށިގަނޑު ރަންކުލައިގެ ފަށަކުން އައްސާލިއެވެ. ދާނިޔަލްއާއި މަރިޔަމްވެސް ޔޫގަންނާއާއެކު މުސްލިމުންތިބި އޮފީހަށް ދާން ހިނގައިގަތެވެ. ޚާދިމާއިން އެންމެ ފަހަތުގައި ތިބެގެންނެވެ. ލޫސީގެ ހިތް ބިރުން ވިރެނީއެވެ. އޭނަ މުސްލިމަކަށް ވެއްޖެއްޔާ ލާވަންއާއި ގުޅޭނީ ކިހިނެއްހެއްޔެވެ؟ ދާރިއަސްއަކީ ނަސާރާ ދީނަށްޓަކާ މަރުދޭފަދަ މީހެކެވެ. ޚުދު ލާވަންގެ ހިތުގައިވެސް ދީނަށް ޚާއްސަ ލޯތްބެއް އޮވެ އަޅުކަންތަށް ކުރުމަށް ވަގުތު ދެއެވެ. ވީއިރު އޭނަ އިސްލާމް ވެއްޖެއްޔާ ލޯބިވެރިޔާއާއި ވަކިވުމުގެ ބިރު ބޮޑެވެ. ހަދަންވީ ގޮތަކާއިމެދު މަރިޔަމްއާއި މަޝްވަރާ ކުރެވޭކަށްވެސް ވަގުތެއް ނެތެވެ. އެމޫނު މަލެއްފަދައިން މިލައިފިއެވެ. މާޔޫސްކަމުގެ ހިޔަނި ހުރިހާ ދިމާލަކުން ފެންނަފަދައެވެ. ބަގީޗާގެ ތެރެއިން ހިނގާފައި އޮފީހާއި ދިމާލަށް ދިޔައިރު ފިލަންވެސް ލޫސީގެ ހިތަށް އެރި ކިތަންމެ ފަހަރެއް އައެވެ. ބައްޕާފުޅުގެ ފަހަތުންގޮސް އެތަނުގެ ދޮރުން ވަންއިރަށް ފެނުނީ އިސްކޮޅުން ބިޔަ އަރަބި މުޖާހިދުންނެވެ. އެންމެންގެ ހައިބަތާއި ގަދަރުވެރިކަމުން ހިތް ރޫރޫ އަޅާވަރުވިއެވެ. ލޫސީއާއި ދިމާލަށް ބެލުނު ލޯތައް ވަރަށް އަވަހަށް ތިރިކޮށްލައިފިއެވެ.

"އަވަހަށް އިށީދެ ވަޑައިގަންނަވާ..." އަބޫއުބައިދާ އެބޭފުޅުންނަށް ބައްލަވާލެއްވުމަށްފަހު ވިދާޅުވިއެވެ.

އެންމެން އިށީދެ ހަމަޖެހުނެވެ.

"މިއީ އަޅުގަނޑުގެ އަންހެނުން ޒައިތޫން. މިތިބީ ދެދަރިން އަދި މި ދަރިފުޅުގެ ގާތް އެކުވެރިޔާ. ދެން މިތިބީ އަޅުގަނޑުގެ ގަޑުވަރުގައި މަސައްކަތްކުރި ކުދިން..." ޔޫގަންނާ އެންމެންގެ ތައާރަފެއް ދެއްވިއެވެ. އަބޫއުބައިދާއަށް ސިހުމެއް ލިބިވަޑައިގަތެވެ.

"މި އަންހެންކުއްޖަކީ މަނިކުފާނުގެ ދަރިކަނބަލެއްތޯ؟"އަބޫއުބައިދާ ސުވާލުކުރެއްވިއެވެ.

"ލައްބަ. މިއީ އަޅުގަނޑުގެ އަންހެން ދަރިފުޅު......"

"މިބޭފުޅާގެ ނަމަކީ ލޫސީތޯ؟ "

"ލައްބަ. އެހެން ކިޔަނީ. ކަލޭގެފާނަށް އެނގިވަޑައިގެންނެވީތީ ހައިރާންވެއްޖެ...." ޔޫގަންނާ ވެސް ހައިރާންކަމާއެކު ވިދާޅުވިއެވެ.

"މީގެ ކުރިން އަޅުގަނޑަށް އެނގިފައިވާ ގޮތުން ލޫސީއަކީ ޔޫހަންނާގެ ދަރިކަނބަލެއް. އަދި އެކަމަނާގެ ކައިވެނީގެ ކަންތައް ހަމަޖެހިފައިވާކަންވެސް އަޅުގަނޑަށްވަނީ އެނގިފައި....." އަބޫއުބައިދާގެ ވާހަކަފުޅުން ޔޫގަންނާއަށް އިތުރު ހައިރާންކަމެއް ލިބިވަޑައިގަތެވެ. ޒައިތޫންވެސް ޔޫގަންނާއަށް ބައްލަވާލެއްވީ މިއިވޭ ވާހަކައިން ކަންބޮޑުވެފައިވާ ފަދަ ނަޒަރަކުންނެވެ.

"ޔޫހަންނާގެ ކުއްޖެކޭތޯ؟ އެހެންވާންވީ ކިހިިނެއްތޯ؟ އަޅުގަނޑުގެ ކޮއްކޮ ޔޫހަންނާ ދުވަހަކުވެސް ކައިވެންޏެއް ނުކުރޭ. ފައްޅިއެއްގައި ފާދިރީއަކަށް އުޅުނީ. މިއީ އަޅުގަނޑުގެ ދަރިފުޅު. އަދި އޭނަގެ ކައިވެންޏާއި ބެހޭގޮތުން އަޅުގަނޑު ވިސްނާފައެއްވެސް ނެތް. ތިއީ ކާކު ކަލޭގެފާނަށް ދެއްވި މައުލޫމާތެއް ތޯ؟ މުޅިން ދޮގު ބަޔާނެއް ތިއީ..." ޔޫގަންނާ އަޖައިބުފުޅުވެގެން އިންނަވަފައި ވިދާޅުވިއެވެ. ދާނިޔަލްގެ ނިތްކުރިއަށްވެސް ރޫތަކެއް އެރިއެވެ. މަރިޔަމްއާއި ދެކުދިންގެ ނަޒަރު ބަައްދަލުވިއެވެ.

"ފުރަތަމަ މަނިކުފާނުގެ އާއިލާއަށް އިސްލާމް ދީނަށް ވަނުމުގެ ކަންތައް ނިންމާފައި އެވާހަކަ ދައްކާނީ.." އަބޫއުބައިދާ އިސްލާމްދީނާ ބެހޭގޮތުން ދެއްކެވި ވާހަކަތައް ފަރުވާތެރިކަމާއެކު އަހަން އެ އާއިލާގެ އެންމެން ތިއްބެވެ. އޭގެފަހުން ޒަައިތޫން ލޫސީގެ ގާތު މަޑުމަޑުން އެއްޗެކޭ ބުނެލުމުން ލޫސީ އިސްއުފުލާ ބަލައިލިއެވެ.

"އަޅުގަނޑުމެން މިތިބީ އިސްލާމްދީނަށް ވަންނަން އެދިގެން....." ލޫސީގެ މޫނަށް ފިޔާތޮށިކުލަ ވެރިވެގެން ދިޔުމާއެކު ބުނެލިއެވެ. އެޖަވާބުން މުސްލިމުންގެ ހިތްތަަކަށް އުފާވެރިކަން ލިބުނެވެ. އަބޫއުބައިދާ ޝަހާދަތުގެ ދެކަލިމަ ވިދާޅުވުމުން ޔޫގަންނާގެ އާއިލާގެ އެންމެން ޝަހާދަތް ކިޔާ އިސްލާމްދީނުގެ ހިދާޔަތް ލިބިގަތެވެ. މުޖާހިދުން ތަކުބީރު ކިޔެވެ. އަބޫއުބައިދާ ހުރިހާ އެންމެނަށް ކުރިމަތި ލައްވައިގެން އިންނަވާ ވާހަކަފުޅު ދެއްކެވިއެވެ.

"ތިޔަބޭފުޅުންނަށް ހިދާޔަތް ދެއްވައިފި. ހުރިހާ ހަމްދަކާއި ޝުކުރެއް ހުރީ މާތްﷲގެ ރަސްކަންފުޅަށް. އަޅުގަނޑުގެ ދުޢާއަކީ މި މާތް ދީންމަތީގައި ފައިތިލަ ސާބިތުކޮށް ދީނަށް ޚިދުމަތް ކުރުމުގައި ތިޔަ ބޭފުޅުން ދުނިޔެއިން ވަކިވެވަޑައިގަންނަވަން ދެން ދެމިތިއްބެވުން. މާތްﷲ ތިޔަ ބޭފުޅުންނަށް އުފާވެރިކަން ދެއްވާށި. ހުރިހާ ހިތާމަތަކެއް ފިއްލަވާ އެންމެހާ ނިއުމަތްތައް ދެއްވާށި. އެކަން އެހެން އޮތީ ހެޔޮ އަމަލުތައް ގިނަކޮށް ފާފަތަކާއި ދުރުހެލިވެގެން. މާތްﷲ ހަދުމަނެތިކޮށް ދުނިޔޭގެ މުދަލާއި ނިއުމަތާއިގެން އުޅެ ޣާފިލުކަންމަތީ ތިބެ ފާފަކުރަމުން ހިގާ މީހާއަކީ ބަދުނަސީބުވެރިއެއް. ސުވަރުގޭގެ މާތް ނިއުމަތްތަކާއި ނަސީބާއި ދުރަށްގޮސް ނަރަކައާއި ކުއްތަންވާ މީހެއް. މިދުނިޔެއަކީ ކުޑަދުވަސްކޮޅެއްގެ މަންޒިލެއް. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އިމްތިހާނަކަށް. އަޅުކަންކުރަން. މިތަނަކީ ފަނާވެގެން ދާނެ ކުޑަދުވަސްކޮޅެއްގެ އުފަލެއް. ހުވަފެނެއްފަދަ ތަނެއް. ހުވަފެނުން ހޭލެވޭއިރު ދާއިމީ ގޮވަތީގައި ތިބެވޭނީ. އަބަަދަކު ޅަ ކޮށް ނޫނީ ޒުވާންކޮށް އަދި މުސްކުޅިކަން މަތީގައިވެސް މިތާކު ނޫޅެވޭނެކަމީ ފެންނަން ހުރި ހަގީގަތް. ކޮންމެ އިންސާނެއްގެ އަޖަލު ހަމަވުމުން އަޅުވެރި ޒާހިދުން އަދި ފާފަވެރިންވެސް މިދުނިޔެއަށް އަލްވަދާއު ކިޔާނެ. މަރަކީ އެމީހާގެ ހިޔަންޏަށްވުރެ ގާތުގައިވާ އެއްޗެއް. ނިމުމެއްނެތް ހަޔާތާއި ކުރިމަތިލާހިނދު ދުނިޔޭގައި ހެޔޮ އަމަލުތައް ކުޅަ މީހުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް. އަދި ނުބައި އަމަލުތައް ކޮށް އަނިޔާވެރި ވެގަތް މީހުންނަށް އޮތީ ނަރަކަ. ކުޑަދުވަސްކޮޅެއްގެ އުފަލަށްޓަކާ ފާފަތައް ކޮށް ނަރަކަައަށް ވަނުމުގެ ބަދަލުގައި ވިސްނުންތެރިން ޚިޔާރުކުރާނެ މަގަކީ މާތްﷲގެ ރުއްސެވުން ލިބުގަތުން. ނަފުސްގެ މައްޗަށް ބުއްދި އިސްކޮށް ދާއިމީ އުފަލާއި ނިއުމަތް ހޯދަން މަސައްކަތްކުރައްވާ........" އަބޫއުބައިދާގެ އަގުުހުރި ނަސޭހަތް އަޑުއަހަން އެންމެން ހިމޭންކަމާއެކު އިސްޖަހައިގެން ތިއްބެވެ. ނަސާރާ އަރަބިއަކު އެވާހަކަތައް ތަރުޖަމާކުރަމުން ދިޔައެވެ.

އަބޫއުބައިދާގެ ވާހަކަފުޅު ނިމެންދެން ޔޫގަންނާ ކެތްތެރިވެ ވަޑައިގެން އިންނެވިއެވެ.

"މާތް ސާހިބާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިދީންމަތީ މަރުވަންދެން ފައިތިލަ ސާބިތުކުރާނަން. ދެން ވިދާޅުވެ ދެއްވަފާނަންތޯ؟ ލޫސީއަކީ އަޅުގަނޑުގެ ދަރިއެއް ނޫނޭ ދެންނެވީ ކާކުތޯ؟ ލޫސީއަކީ އަޅުގަނޑުގެ ކޮއްކޮ ޔޫހަންނާގެ ދަރިއެކޭ ކިޔާ އެހާ ބޮޑު ދޮގެއްހެދި މީހަކު ދެނެގަންނަން އަޅުގަނޑު ބޭނުން....." ޔޫގަންނާ އެއްސެވިއެވެ.

"އެއީ ރޫމީ ލަޝްކަރުން އަޅުގަނޑުމެންގެ ހިމާޔަތް ހޯދައިގެން އައިސް ހުރި ޒުވާނެއް. މިދެންނެވި ޚަބަރުތައް އޮޅުން ފިލީ އޭނަ ގާތުން......." އަބޫއުބައިދާ ވިދާޅުވިއެވެ.

ޔޫގަންނާގެ އިތުރުން ޒައިތޫން ލޫސީ އަދި ދާނިޔަލްވެސް ހައިރާންކަމާއެކު އެވާހަކަފުޅު އަހަން ތިއްބެވެ. ޔޫގަންނާއަށް ހީފުޅުވީ އެ ޒުވާނާ ވާނީ ލާވަން ކަމަށެވެ. އޭނަގެ ބޭނުން ހާސިލުކުރަން ވެގެން މުސްލިމުންގާތަށް ގޮސް އެވާހަކަތައް ދެއްކީކަން ނޭގެއެވެ. ޔޫހަންނާގެ ސިޓީފުޅުން އޭނައަށްވަނީ ލާވަންއާއި ލޫސީގެ ލޯބީގެ ގުޅުމުގެ ޚަބަރު އޮޅުން ފިލާފައެވެ. ލާވަން ކުރި ނުބައި ކަންތައްތަކުގެ ސަބަބުން ނާރުތަކުގައި ކޯފާގެ އަސަރު ހިނގާލައިފިއެވެ. ވީއިރު ކިއްލާތެރެއަށް ވަދެވޭނެ މަގު މުސްލިމުންނަށް ދަސްކޮށްދިން މީހަކީވެސް ލާވަން ކަމަށްވެދާނެއެވެ. ނޫނީ އޭނަގެ އެކުވެރިއަކު ކިއްލާތެރޭގައި ހުރެފައި ދޮރާށި ހުޅުވާލަދިނީ ކަމުގައި ވުމީވެސް އެކަށީގެންވާ ކަމެކެވެ. އަދި ކިއްލާ ފަތަހަވުމަށްފަހު އޭނައާއި ކައިވެނިކޮށްދޭން އޭނަވާނީ މުސްލިމުންގާތު ޝަރުތުކޮށްފައެވެ. ދޮގުތައް ހަދައިގެން އޮޅުވައިލުމުގެ އެހެން ބޭނުމެއް އޮންނާނެ ހެއްޔެވެ؟ ލާވަން ޔަގީންކުރާނީ މި ހަގުރާމައިގާ ޔޫގަންނާ ގަތުލުވާނީ ކަމުގައެވެ. އޭނަ މުސްލިމް ވެދާނެކަމަށް ހީކޮށްފައެއް ނުވާނެއެވެ. އެކިކަހަލަ ޚިޔާލުތައް ހިތުގައި ހިނގައިލާ ލާވަންއަށްޓަކާ ހިތުގައި އޮތް ލޯތްބާއި ކުލުނު ނަފްރަތަށް ބަދަލުވާން އުޅުނެވެ. ނަމަވެސް ބައެއްފަހަރު އެކަން ގަބޫލުފުޅު ކުރަންވެސް ދަތިވިއެވެ. އެމީހަކީ ލާވަން ކަމުގައި ނުވާނެއެވެ. ލާވަން އެހާ ދަށު ދަރަޖައަކަށް ވެއްޓިގެނެއް ނުދާނެއެވެ.

"އެއީ ކޮންފަދަ ސުންޕާ ދޮގުވެރި މީހެއް. އެކަލޭގެ އަޅުގަނޑުގެ ކުރިމައްޗަށް ގެނެސްދެއްވަފާންނަތޯ؟ " ޔޫގަންނާ ކޯފާގެ އަސަރުތައް މޫނުފުޅުގައި ހިނގާލުމުން އެދިވަޑައިގެންނެވިއެވެ.

"ހަމަ މިހާރު ގެންނާނަން...."

އަބޫއުބައިދާ އަރަބި މުޖާހިދުންނަށް އަމުރުކުރެއްވުމުން ދެތިން މުޖާހިދުން ތެދުވެގެން ކިއްލާއިން ބޭރަށް ނިކުންނާން ހިނގައިގަތެވެ. ކިއްލާގެ ތެރޭގައި ދެހާހެއްހާ މުޖާހިދުން ކޭމްޕްކޮށްގެން ތިބިނަމަވެސް މުސްލިމް ލަޝްކަރުގެ ގިނަ ބަޔަކު ފޭލިގެ ޖަހައިގެން ތިބީ ކިއްލާއާއި ތަންކޮޅެއް ދުރުގައެވެ. މާގިނައިރުތަކެއް ނުވަނީސް މުޖާހިދުންނާއިއެކު ރޫމީ ސިފައިންގެ މީހަކު އަންނަތަން ފެނުނެވެ. ޔޫގަންނާއާއި އެހެން އެންމެނަށް ސާޖިސްގެ މޫނު ފެނުމުން އިންތިހާއަށް ރުޅިއައެވެ. ޔޫގަންނާވެސް އެނަސީބުކުޑަ ނުބައި ނުލަފާ އިންސާނާއަކީ ލާވަންކަމުގައި ނުވުމުން މާތްﷲްއަށް ހަމްދުކުރިއެވެ. ޔޫގަންނާ އެހާ ގަދަޔަށް ކޯފާއިސްވެފައި ހުންނަވަނިކޮށް ސާޖިސްގެ ސުންޕާ މޫނު ފެނުމުން ވަކިން ބޮޑަށް ކޯފާވެ ކަނޑި އުރައިން ދަންމަވައިގަތެވެ.

"އިހަށް މަޑުކުރައްވާ. ކޯފާ މަޑުކުރައްވާ...." އަބޫއުބައިދާ ވިދާޅުވިއެވެ.

"މާތް ސާހިބާ. މިއީ އަޅުގަނޑުގެ ސިފައިންގެ މީހެއް. ކެހިވެރި މަކަރުވެރިއެއް. މި ކަލޭގެ އަޅުގަނޑުގެ އަތުން ނަރަކައަށް ދިޔަދައްވާ......................."

ޔޫގަންނާގެ ވާހަކަފުޅުން ސާޖިސް ބިރުން ރޫރޫ އަޅައިގަތެވެ. މޭ ގުޑައިލިއެވެ. ހަތަރެސް ފައި ފިނިވެއްޖެއެވެ. ލޮލުގެ ކުރިމަތިން މަރު ހިޔަނިވެލައިފިއެވެ. ނަފްރަތުގެ އަލިފާނުން އޭނަ ފިއްސާލަފާނެ ފަދައެވެ. އޭނަ ކަޅި އެކިފަރާތަށް އުކައިލިއިރު ޔޫގަންނާގެ އާއިލާގެ އެންމެންގެ މޫނުމަތިންވެސް ފެނުނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. މުޖާހިދުންގެ މޫނުން ވަކި ޝުއޫރެއް ނުފެނުނަސް އެމީހުންވެސް އޭނަގެ ހަގީގަތް ހާމަވުމުން ހަމްދަރުދީއެއް ނުވާނެތާއެވެ.

"އަބުދުﷲ. އިހަށް އިށީދެވަޑައިގަންނަވާ. މިމީހާއަކީ އަޅުގަނޑުމެން އަމާންދީފައި ހުރި މީހެއް. އޭނައަށް އަޅުގަނޑުމެން ހިމާޔަތްދީފައި އަދި އަހުދެއް ވެފައިވަނިކޮށް އެ އަހުދު އުވާލުން އިންސާފަކަށް ނުވާނެ." އަބޫއުބައިދާ ގެ އެދިވަޑައިގެންނެވުމުން ޔޫގަންނާއަށް ޖެހިވަޑައިގަތީ އެގޮތް ގަބޫލުކުރައްވާށެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަކީ މުސްލިމެކެވެ. އެމީހުންގެ އަމީރަކަށް މިވަގުތު ހުންނެވީ އަބޫއުބައިދާއެވެ. އެކަލޭގެފާނުގެ އަމުރާއި ނުފޫޒު އޭނަގެ މައްޗަށްވެސް ހިނގާނެއެވެ. މިއަދު އޭނަގެ ރަސްކަމާއި ގަދަފަދަކަން ވަނީ ބަލިކަށި އެއްޗަކަށް ވެފައެވެ. މިތާކު އޭނަގެ ހުކުމެއް ނުހިގާނެއެވެ.

"ސާޖިސް. ކަލޭ ބުނީމެއްނު ކަލޭ ގެ ކައިވެނި ލޫސީ އާއި ހަމަޖެހިފައޭ ވަނީ. ލޫސީ އަކީ ޔޫހަންނާގެ ބޭފުޅެއްތަ؟ " އަބޫއުބައިދާ އެއްސެވިއެވެ.

ސާޖިސްގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުވެރިކަން ފެނިލިއެވެ. އޭނަ ހިކިފައިވާ ތުންފަތުގައި ދޫ ހާކައިލިއެވެ. ބިރުންގޮސް އެއްވެސް މީހެއްގެ މޫނަށް ބަލައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އޭނަ ޔަގީންކޮށްފައިވަނީ ހަލަބް ކިއްލާ ފަތަހަވުމަށްފަހު ޔޫގަންނާ ގަތުލުވާނެ ކަމުގައެވެ. ނޫނީ ފިލައިގެން އަބަދަށްޓަކާ ދާނީ ކަމަށެވެ. މުސްލިމުންނާއި ސުލްހަވެދާނެ ކަމަކަށް އޭނަ ފަހަރެއްގައިވެސް ހީކޮށްފައެއް ނެތެވެ. އަދި ޔޫގަންނާ މުސްލިމް ވެދާނެއޭ ހީކުރާނީ ކާކުހެއްޔެވެ؟ އޭނައަކީ މުސްލިމުންދެކެ އިންތިހާއަށް ނަފްރަތުކުރި ކުޅަދާނަ ރަސްކަލެކެވެ. ހަލަބުގެ ކިއްލާ ފަތަހަވުމުން ޔޫގަންނާ ގަތުލުވާނެކަމަށް ނޫނީ ފިލައިގެންދާނެ ކަމަށް ހީކުރިޔަސް ވީ އެހެނެއް ނޫނެވެ. ޔޫގަންނާ މިހުންނެވީ މުސްލިމަކަށްވެ އެމީހުންނާއެކީގައެވެ. ދެން ދޮގު ހަދަންވެއްޖެއްޔާ އޭނަގެ ނިމުން ފިސާރި ބިރުވެރި ވެދާނެއެވެ. އެންމެ ރަގަޅުގޮތަކީ ތެދުބަހުން ވާހަކަ ދެއްކުމެވެ. ދޮގުހެދިއިރު މިފަދަ ގޮތަކަށް ހުރިހާ މުސްލިމް މުޖާހިދުން އަދި ރޫމީ ސިފައިންގެ ކުރިމަތީ ނިކަމެތިވެ ބޭޒާރުވެދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. ދޮގުހެދުމުގެ ނުބައިކަން އެންމެ ނުބައިގޮތުގައި އޭނައަށް ތަޖުރިބާ ކުރެވިއްޖެއެވެ.

"މާތް ސާހިބާ. އަޅުގަނޑަށް މާފުކުރައްވާ. އަޅުގަނޑަށް ސާހިބާއަށް ވަރަށް ބޮޑަށް އޮޅުވާލެވި ދޮގުތައް ހެދިއްޖެ............." ސާޖިސް އަބޫއުބައިދާގެ ފައިންޕުޅު ކައިރިއަށް ވެއްޓިގަތެވެ.

"ބިރުނުގަނެ ހަގީގަތް ހާމަކުރޭ. ކަލޭ ދޮގުހަަދަން ޖެހުނީ ކީއްވެތަ" އަބޫއުބައިދާ އޭނަގެ އަތުގައި ހިފާ ނަންގަވާފައި ވިދާޅުވިއެވެ. "އިށީދެ ތެދުބަހުން ވާހަކަދައްކާ....."

ސާޖިސް ތެދުވުނުއިރު އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

"އިއްޒަތްތެރި ސާހިބާ. ލޫސީއަކީ ޔޫހަންނާގެ ބޭފުޅެއްނޫން. އަޅުގަނޑުމެންގެ މާތްވެގެންވާ ރަސްގެފާނު ޔޫގަންނާގެ ދަރިކަނބަލުން. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން ލޫސީއަށް ލިބިފައިވާ ރީތިކަމަކީ އިންސާނާގެ ބުއްދިވެސް ފޮހެލާފަދަ ރީތިކަމެއް. އަޅުގަނޑަށް އެކަމަނާގެ ސޫރަ ފުރަތަމަ ދުވަހު ފެނުނު އިރުއްސުރެން އެރީތިކަމަށް ދީވާނާވި. އެއީ ކުޅަދުންވަންތަކަމުގެ ނަމޫނާއެއް. އެކަމަކު އަޅުގަނޑަކީ ސިފައިންގެ އާދައިގެ މީހެއް. އެކަމަނާއަކީ އަޅުގަނޑުމެންގެ ރަސްގެފާނުގެ ދަރިކަނަބަލުން މިހާ ތަފާތުކަން ބޮޑު ދެފަރާތް ގުޅުމަކީ އެކަށީގެންނުވާ ކަމެއްކަން ޔަގީންވި. އަޅުގަނޑު އެހެންވެ އެލޯބި ހަދާން ނައްތައިލަން ވަރަށް މަސައްކަތް ކުރިން. ހިތަށް ވިސްނާދިނިން. ނަމަވެސް ހިތުގައިވާ ލޯބި ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުންގޮސް ސިކުނޑީގެ މައްޗަށް ހިތް ކުރިއަތުލައިފި. އަޅުގަނޑު އެކަމަނާ ހާސިލުކުރަން ވެވުނު މަސައްކަތެއް ކުރަން ނިންމިން. އަޅުގަނޑު ދީނީކަންތައް އޮޅުން ފިލުވުމާއި އެހެން ކަންތައްތަކުގައި ވަރަށް ގިނައިން ޔޫހަންނާ ގާތަށް ގޮސް އުޅެން. އެއީ މީހުންނަށް ނިކަން ހެޔޮ ލަފާ ބޭފުޅެއް. އެއްދުވަހު އަޅުގަނޑު އެމަނިކުފާނުގެ އޮފީހަށް ދިޔައިރު އިންނެވީ މޭޒުމަތީގައި ކަރުދާސްގަނޑެއް ފަތުރުއްވައިގެން އެއަށް ބައްލަވަން. އޭގައި ވަރަށް ގިނަ ނިޝާންތަކެއްހުރި. އަޅުގަނޑު ސުވާލުކުރެއްވީމަ ވިދާޅުވީ އެއީ ބަހާރު ވާދީގެ ޗާޓޭ. އަޅުގަނޑު އޭގެ ކުރިން ދުވަހަކުވެސް އެތަނުގެ ނަމެއް ނާހަން. އެމަނިކުފާނު ވިދާޅުވީ ހަލަބު ޝަހަރާއި ކައިރީގައި އޮންނަ ތަނެއްކަމަށާއި އެއީ ހިތްފަސޭހަ ތަނެއްކަމުގައި އަދި ވިދާޅުވި. ކަލޭވެސް އެއްފަހަރަކު އެތަނަށް ގެންދާނަމޭ. އަޅުގަނޑު އެހިން އެތާގައި ކޯންޗެއް ހެއްޔޭ ހުންނާނީ. ވިދާޅުވީ ލޫސީއަށްޓަކާ ވާ ޚަޒާނާއެއްވެސް ވާނެއޭ. ދެވަނަ ފަހަރު އަޅުގަނޑަށް އޭނަގެ އަރިހަށް ޒިޔާރަތް ނުކުރެވެނިކޮށް އެބޭފުޅާ ޝަހީދުވީ. އެއަށްފަހު ލޫސީއަށް އޮޅުވާލައިގެން އެތަނަށް ދިޔުމުގެ ޚިޔާލު ހިތުގައި އަށަގެންފި. އަޅުގަނޑު ފާރަލައިގެން އުޅެފައި އެކަމަނާގެ ބޮޑުބޭބޭފުޅުގެ މަހާނަ ކައިރިއަށް ވަޑައިގެން އުޅުއްވަނިކޮށް އަރިހަށް ގޮސް ވާހަކަދައްކައިގެން ބަހާރުވާދީއަށް ގެންދާން ހަވާލުވެފައިވާކަމުގަިއ ހެދުނިން. އެކަމާ އެއްބަސްކުރުވައިގެން ރޭގަނޑު ދަންވަރު ސިއްރު މަގުން ކިއްލާއިން ނުކުމެ އެ ވާދީއަށް ގެންދިޔައީ. ޖެހިގެން އައި ރޭ އެކަމަނާއަށް ފަރިއްކޮޅާއި އަވަހާރަފުޅު ލެއްޕެވުމުގެ އިންތިޒާމް ހަމަޖައްސަނިކޮށް އެކަމަނާ ވާދީއިން ނުކުމެ ވަޑައިގެންނެވީ. އެކަމާއި އަޅުގަނޑަށް ބިރުވެރިކަން ލިބުނު. ކަންތައްވީގޮތް ރަސްގެފާނަށް ދަންނަވާއިރަށް އަޅުގަނޑު ހޯއްދަވާ ގަތުލުކުރައްވާނެކަން ޔަގީންވި. އެހެންވެ ކިއްލާއަށް ނުގޮސް މުސްލިމުންގެ ފޭލިގެތަކަށް ދާން ނިންމީ. އަޅުގަނޑަކީ ކުށްވެރިއެއް. މަކަރުވެރިއެއް. އެހުރިހާ ކަމެއް އެގޮތަށް ދިމާވާން ޖެހުނު އަސްލަކީ އަޅުގަނޑުގެ ހިތުގެ ނުކިޔަމަންތެރިކަން. އަޅުގަނޑަށް ކުރެވުނު ކުށްތަކަށް ލަދުވެތިވެ މާފަށް އެދެން. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކާ އާދޭހާއެކު އެދެނީ އަޅުގަނޑު ކުޅަ ކަންތައްތަކަށް މާފު ދެއްވުން. ލޫސީވެސް އަޅުގަނޑަށް މާފުކޮށްދެއްވާ. ރަސްގެފާނުވެސް އަޅުގަނޑަށް ރަހުމް ކުރައްވާ...." ސާޖިސް އަތް ޖޯޑުކޮށްލަމުން ރަސްގެފާނު އިންނެވި ދިމާލަށް ބެލިނަމަވެސް ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ.

އަބޫއުބައިދާއާއި މުސްލިމުން ހިމޭންކަމާއެކު އޭނަގެ ލޯބީގެ ފަސާނާ އަހަމުން ދިޔައިރު ލޫސީ ލަދުން މަރުވާވަރުވިއެވެ. ޔޫގަންނާ ކޯފާގަދަވެގެންގޮސް ލޯފުޅަށް ރަތްކުލަ އަރައިފިއެވެ.

"މި ކެހިވެރި ކަލޭގެ މަކަރުވެރިކަމުން ލޫސީ މަރުނުވީ ހަމަ ކިރިޔާ. މުޅި އެފިނި ރޭ ފިނިން ސަލާމަތްވާނެ ފޭރާމަކާއި ނުލައި ލޫސީ ހޭދަކުރީ. އަޅުގަނޑަށް ފެނުނުއިރު އެކުއްޖާ މުޅިން ގަނޑުވެފައި އޮތީ. އަޅުގަނޑަށް ނުދެވުނުނަމަ މިދަރިފުޅު އަބަދަށްޓަކާ ގެއްލުނީސް. އެތައް ދުވަހެއްވާންދެން ގަދަ ހުމެއްގައި މަރާ ހަގުރާމަކޮށްފައި އެކަމުން ސަލާމަތްވީ. މީނަ ކުރީ މާފު ދެވޭ ކަހަލަ ކުށެއްނޫން...މާތް ސާހިބާ...." ޔޫގަންނާ ކޯފާ މަޑުކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ލޮލުން އަލިފާނުގެ ކަނިތައް ބުރާފަދައެވެ. އޭނައަށް ބާރެއް އޮތްނަމަ މިހާރު ސާޖިސްގެ ބޮލާއި ހަށިގަނޑު އޮންނާނީ ދެތަނުގައެވެ.

"ތިކަމުގައި ސާޖިސްގެ އެހާ ބޮޑު ކުށެއް ނެތް. ހުރިހާ ކަމެއް ދިމާވަނީ އަންހެންކުދިން ނިވާވެގެން ނޫޅުމުން. އަަރަބިންގެ ތެރޭވެސް އަންހެނުން ފަރުދާއަކާ ނުލާ އުޅުނު އިރު މިބާވަތުގެ ކިތަންމެ ކަމެއް ހިނގާފައިވޭ. އަޅުގަނޑުމެންގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ވަޑައިގެންނެވުމަށްފަހު އަންހެނުން ފަރުދާވުން ވާޖިބު ވުމުން އެފަދަ ނާތަހުޒީބީ އަމަލުތައް މުޅިންހެން ހުއްޓުނު...." އަބޫއުބައިދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭ އަންހެންކުދިން ފަރުދާވެގެން އުޅޭކަށް ނޯވޭ. އަންހެންކުދިން އެކުއްޖެއްގެ ހަޔާތުގެ ބައިވެރިޔަކު އަމިއްލައަށް ހޯދަނީ...."

އެ އުސޫލުގައި ހަރުދަނާކަމެއްނެތް. މުޅިންވެސް ގެއްލުމާއި ހަލާކުގެ ތެރެއަށް ފުންމައިލެވެނީ. އެކުއްޖަކު އަމިއްލައަށް ހަޔާތުގެ ބައިވެރިޔަކު އިންތިޚާބުކުރާއިރު އެތައް ފިރިހެނުންނެއް އެކުއްޖާގެ ރީތިކަން އެއްވެސް ނިވާކަމެއްނެތި ދެކޭނެ. އެތައް ފިރިހެނުންނެއްގެ ހިތުގައި އެކުއްޖާއާއިމެދު ލޯބި އުފެދޭނެ. އެނގިގެންނާއި ނޭގިވެސް އެކަންތައް ދިމާވާނެ. އެކަމުގެ ސަބަބުން އެތައް ފިތުނައަކާއި ފަސާދައެއް އުފެދި މައްސަލަތައް ޖެހޭނެ. އެހެންވީމަ ފަރުދާވުމުން މިބުނާފަދަ ފިތުނަތަކުން ސަލާމަތްވެވޭނެ........"

"އެކަމަކު ފެންނަން ހުންނަ ރީތިކަމަށްވުރެ ފޮރުވިފައިވާ ރީތިކަން ބަލާ ހިތްވާނެ ނޫންތޯ؟ " ޔޫގަންނާ އެއްސެވިއެވެ.

"ރީއްޗަށް ހެއްލުންތެރިވާ މީހުން ތިގޮތަށް އަމަލުކުރާނެ. ނަމަވެސް މިބުނާފަދަ ފިތުނަތައް އާއްމުވެގެނެއް ނުދާނެ. ފަރުދާވެގެން އުޅުމުން ފިރިހެނުންނާއި އަންހެނުންނަށްވެސް އެކަމުގެ ރައްކާތެރިކަން ލިބި ފިތުނަ ކުޑަވާނެ. އެގޮތަށް އިސްލާމްދީންގައި އަންގަވާފައިވަނީ. އަދި އަޅުގަނޑު ސާޖިސްއަށް ވެފައި އޮތް ވައުދެއް އެބައޮތް...." އަބޫއުބައިދާ ވިދާޅުވިއެވެ.

"އެއީ ކޮން ވައުދެއްތޯ؟"

"ކިއްލާ ހިސާރަކޮށްގެން އުޅުނު ދުވަސްވަރު މި ކިއްލާގެ އެއްވެސް ސިއްރު ދޮރާށްޓެއް މަނިކުފާނު ބަންދު ކުރެއްވިންތޯ؟ "

"ލައްބަ. އޭނަ ލޫސީ ގޮވައިގެން ކިއްލާއިން ބޭރަށް ނުކުތްގޮތަށް އަޅުގަނޑަށް ލޫސީ ފެނުނީ ޖެހިގެން އައި ރޭ. ނަމަވެސް އެ ކެހިވެރި ކަލޭގެ ނުފެނުމުން އަޅުގަނޑަށް ގާތްގަނޑަކަށް ޔަގީންވި އޭނަ މުސްލިމުން ގާތަށްގޮސް އެ ދޮރާށި ދައްކާ ކިއްލާއަށް މުސްލިމުން ވައްދާނެކަމަށް. އެހެންވެ އެދުވަހު ހެދުނު އެ ދޮރާށި ބަންދުކުރީ....."

"ތިޔަ ކަންތަކުގާ އަޅުގަނޑު އޭނައަށް ވައުދުވިން. އޭނަ ކިއްލާއަށް ވަދެވޭނެއޭ ކިޔާފައި ދެއްކި ތަނަކީ ކިއްލާއަށް ވަދެވޭނެ ދޮރާށި ކަމުގައި ވަންޏާ އެތަން ފަހުން ބަންދުކޮށްފައި ވިކަމުގައި ވިޔަސް އޭނަ ދޫކޮށްލާނެކަމަށް ވައުދުވެފައި ވީ."

"ނޫން ނޫން ތިހެން ނަހައްދަވާ. އޭނައަކީ މަކަރުވެރި ނުލަފާ މީހެއް. ޚިޔަނާތްތެރިޔެއް. އޭނައަށް އެކުރި ކުށުގެ އަދަބު ނުދީ ދޫކޮށްލައްވައިފިއްޔާ ދެން ކޮށްލާނެ ނުބައި އަމަލެއް އެނގެނީއެއްނޫން. އޭނައަށް ސަޒާއެއް ދެއްވާ..." ޔޫގަންނާ ކަންބޮޑުވެފައި ވިދާޅުވިއެވެ.

"މަނިކުފާނު ތިޔަވިދާޅުވީ ކަންއޮތްގޮތަށް ތެދެއް. އޭނައަކީ މަކަރުވެރި ހީލަތްތެރިއެއް. ވަރަށް ދޮގު ހަދާ އޮޅުވާލައިފި. އެކަމަކު އަޅުގަނޑު ކުރި ވައުދާއި ޚިލާފެއް ނުވާނަން. އޭނަ މިނިވަން ކުރާނަން...." އަބޫއުބައިދާގެ ޖުމްލައިން ޔޫގަންނާއަށް އިތުރަށް ރައްދު ދެއްވާކަށް ނުކެރުނެވެ. އަބޫއުބައިދާ ސާޖިސްއާއި ދިމާލަށް އެނބުރި ވަޑައިގަތެވެ.

"ކަލޭ އަމިއްލައަށްވަނީ ކުށްވެރި އެއްކަމަށް ކެހިވެރިއެއްކަމަށް އިއުތިރާފްވެފައި. ކަލޭކޮށްފައި ހުރީ އަދަބުކުޑަ ވިޔާނުދާ އަމަލުތައް. އެފަދަ ކަންތައްތަކަށް ހީނުކުރާވަރުގެ ބޮޑެތި ސަޒާއޮވޭ. ނަމަވެސް އަހަރެންވަނީ ކަލެއަށް ވައުދެއްވެފައި. ހަލަބުގެ ކިއްލާއަށް ވަންނަން ހުރި ސިއްރު ދޮރާށިކަމަށް ކަލޭ ދެއްކިތަނަކީ ފަހުން ބަންދުކުރިޔަސް ކުރީގެ ސިއްރު ދޮރާށިކަން އެނގިއްޖެއްޔާ މިނިވަންކޮށްދޭނެ ކަމުގައި ބުނިން. އެހެންވެ އަހަރެން ވައުދުކުރިގޮތަށް އަމަލުކުރަން ކަލޭ މިނިވަން މިކުރަނީ. އެކަމަކު ކަލޭ މީގެފަހުން މިފަދަ އެއްވެސް ނުބައި އަމަލެއް ނުހިންގުމަށާއި މީހުންނަށް ކެހިނުދޭން ހުވާކުރަން ޖެހޭނެ. އަދި ހުވަޔަށްފަހު މިފަދަ އެއްވެސް އަމަލެއް ކޮށްފިކަމުގައި ވާނަން އެކަމުގެ ސަޒާއަކީ މަރުކަން ދަންނާތި...." އަބޫއުބައިދާގެ ވާހަކަފުޅުން ސާޖިސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ޔަގީންކުރީ ޔޫގަންނާގެ ކަނޑިއެތިފަހަރުން މިންޖުވެ މިތަނުން ނުނިކުމެވޭނެ ކަމަށެވެ.

ސާޖިސް އަބޫއުބައިދާ ވިދާޅުވިގޮތަށް ހުވާ ކުރެއްވުމުން އޭނަ ދޫކޮށްލަން އަމުރުކުރެއްވިއެވެ.

ސާޖިސް ބިންމަތީ ނިތްޖަހަން އުޅުމުން އެކަން މަނާކުރައްވާ ކިއްލާއިން ނިކުންނަން އެންގެވިއެވެ. އޭނަ ނިކުމެގެން ދަމުން ހިތާމައާއި މޮޅިވެރިކަމުން ފުރިފައިވާ ގޮަތަކަށް ލޫސީއަށް ބަލައިލިއެވެ. ވަދާއުގެ އެންމެ ފަހުގެ ނަޒަރުން ކަހަލައެވެ. އެ ބެލުމުގައި ހިތްދަތިކަން ވެއެވެ. އޭނަ ލޯމަތިން ގެއްލުމުން އަބޫ އުބައިދާ ބަހާރުވާދީގެ ޗާޓު ނަންގަވާ ލޫސީއަތަށް ދިއްކޮށްލެއްވިއެވެ.

"މިއީ ބަހާރުވާދީގެ ޗާޓު. މިތާގައިވަނީ ކަމަނާގެ ބޮޑުބޭބެ ކަމަނާއަށްޓަކާ ފޮރުވާފައިވާ ޚަޒާނާއެއް. މިޗާޓި ގެއްލުވާ ނުލައި ރައްކާތެރިކަމާއެކު ގެންގުޅުއްވާ. އަދި އެކަށީގެންވާ ވަގުތަކު އެތަނަށް ވަޑައިގެން އެ ޚަޒާނާ ހޯއްދަވާ، ކަމަނާއަށް ބަރަކާތްލައްވާށި...." އަބޫއުބައިދާ ވިދާޅުވިއެވެ. ޔޫގަންނާ އިންނެވީ އަޖައިބުވެފައެވެ. މުސްލިމުންގެ އަމާނާތްތެރިކަމާއި ވައުދަށް ހުރުމަތްތެރިކަން ހިތާވަރުން މީހަކު އަޖައިބުނުވާ ވަރެއް ހެއްޔެވެ؟ އެއޮތް ބޮޑު ޚަޒާނާވެސް އެމީހުންނަކަށް މުހިއްމެއްނުވިއެވެ. އަމާނަތްތެރިކަމާއެކު ރައްދުކޮށްދިނީއެވެ. އިތުރަށް އިސްލާމްދީނަށް ލޯބި ޖެހިވަޑައިގަތެވެ.

"ދަރިފުޅާ. ދެން ގަނޑުވަރަށް ވަޑައިގަންނަވާ. ފަރުދާއަކާއި ނުލާ ދެން ބޭރަށް ނުކުމެ ވަޑައިނުގަންނަވައްޗޭ. އަދި ދީނުގައި އަންގަވާފައިވަނީ މަހުރަމަކާއެކު ނޫނީ ދަތުރު ނުކުރަން. އެވެސް އަންހެންކުދިންގެ ރައްކާތެރިކަމަށްޓަކާ އޮންނަ ހުކުމްތައް ކަން ދަރިފުޅަށްވެސް ވިސްނި ވަޑައިގަންނަވާނެ.."

ޒައިތޫންއާއި އެކު ލޫސީ މަރިޔަމް އަދި ދާނިޔަލްވެސް އެތަނުން ނުކުމެގެން ހިގައިގަތީ ގަނޑުވަރާއި ދިމާލަށެވެ. ލޫސީގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ލާވަންއާއިމެދު އޭނަގެ ހިތް ބިރުގަންނަނީއެވެ. ޒަައިތޫން ކޮޓަރިކޮޅަށް ވެދެވަޑައިގަތުމުން ލޫސީ މަރިޔަމްއާއެކު ވާހަކަދައްކަން އިރުކޮޅަކު އިނެވެ. މުސްލިމުންގެ ހެދުންތައް ހޯދަން ވާހަކަދެކެވުނެވެ. އެވާހަކައިގެ ތެރޭ މަރިޔަމް ޒައިތޫން އޭނަ ބިންގަރާހަށް ލީ ވާހަކަދެއްކުމުން ލޫސީއަށް ހައިރާންކަމެއް ލިބުނެވެ. ގަބޫލުކުރަން ދަތިވިއެވެ. ނަމަވެސް ގަނޑުވަރު ތެރޭގެ ސިއްރުތަކަކީ ބައެއްފަހަރު އެކަހަލަ އެއްޗެކެވެ. މަންމާފުޅުގެ ނިޔަތް އެހެންމީހަކަށް ނޭގޭނެއެވެ. ނަމަވެސް ލޫސީ ދެކުނުގޮތުން އެއީ މަންމާފުޅުގެ އަމިއްލަ ނިންމެވުމެކެވެ. ދާނިޔަލްއާއި ޒާރާ ގެ ކައިވެންޏަކީ މަންމާފުޅުގެ ހުވަފެނެކެވެ.

މަރިޔަމް ގަނޑުވަރުތެރޭ އުޅެނިކޮށް ދާނިޔަލް ގޮވައިލިއެވެ.

"މަރިޔަމް ކިހިނެއް ތިހަދަނީ؟ " ދާނިޔަލް ކުރިމަތިން ފެނުމުން މަރިޔަމް ސިހޭގޮތްވިއެވެ.

ނުނިމޭ

ކޮމެންޓް 0