ލޫސީ ތެދުވުމުން ފައި ރޫރޫއަޅާ ގޮތްވިއެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"ދެވޭނެ. އަވަސްކުރޭ. އެ ހޮހަޅައަށް ވަދެ އެތެރެއިން ދޮރު ތަޅުއަޅުވައިލީމަ އޭނަ މިތާ ހައްޔަރުވާނެ..." ލޫސީ ގުދުވެ ހިލަމަތީ ހުރި ބައްތިނެގިއެވެ. ފަސް އެނބުރި ބަލައިނުލާ ކުރިއަށް ދިޔަގޮތަށް ހޮހަޅުން ނިކުތް ހިސާބަށް ދެވުނުއިރު މޫނަށް އަނދިރިވާގޮތްވިއެވެ. މަޑުމަޑުން ހިލަގަނޑެއްގައި ހިފަހައްޓައިލެވުނެވެ. މާޔޫސްކަމާއިއެކު އުޑާއި ދިމާލަށް ބަލައިލަމުން ދުޢާ ކުރެވުނީ އެކެހިވެރިޔާގެ ފަރާތުން ސަލާމަތްކުރެއްވުމަށެވެ.

ހިކިފަތްތަކުގެ މުރުމުރުއަޑު އިވެން ފެށުމާއެކު ސާޖީ އަންނަނީކަން ޔަގީންވެ ހިތުގައި ވި އުއްމީދުގެ ހުޅުކޮޅު ކަނިވިއެވެ.

"ސާހިބު ކަމަނާ ހާލުކޮޅު ކިހިނެއްތޯ؟ "

"މާތް ރަސްކަލާނގެ އިރާދައާއެކު ރަގަޅު.."

"އަޅުގަނޑުގެ ސަބަބުން މި ދިމާވި ކަންތައްތަކަށްޓަކާ މާފުކޮށްދެއްވާ.." ސާޖީގެ ވާހަކަތައް ބަދަލުވެފައި ހުރުމުން ލޫސީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މީނައަށް ހެޔޮވިސްނުން ލިބުނީ ބާވައޭ ހިތަށް އެރިއެވެ. ތިމާއަށް ކުރެވުނީ ބޮޑު ކުށެއްކަމާއި ރަސްގެފާނަށް އެނގިވަޑައިގަންނަވާ އިރަށް ހޯދަން މަސައްކަތްކޮށް ފުރާނައަށް ގެއްލުންވެދާނެކަން އެނގިގެން އިސްލާހުވީއެވެ. އޭނަ މިއައީ ލޫސީއަށް ޚަޒާނާ ހޯދަދޭންތާއެވެ. ރަސްގެފާނަށް މި މީހާ އަތުލެވުނަސް އެފަދަ އުޒުރެއް ދައްކައިގެން ސަލާމަތްވާނީވެސް އޭނަގެ ނުބައި ނިޔަތުން އެއްކިބާވެ އިޚުލާސްތެރިވެ ލޫސީ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެވުނިއްޔާއެވެ.

"އިންސާނުންނަށް ކުށެއްކުރެވުނީމަ އެކުށަށްޓަކާ ހިތާމަކޮށް މާފަށްވެސް އެދޭނެ އެކަން ތަކުރާރުނުކުރަން ނިޔަތްގަންނަން ޟަމީރު ބުނެދޭނެ. އެފަދަ މީހުންނަކީ ހަގީގަތުގައި ރަގަޅުބަޔެއް. ކަލެއަށް އެކަންތައް ވިސްނި މާފަށް އެދުނުކަމަށްޓަކާ އުފާކުރަން.." ލޫސީ ބުނެލިއެވެ.

"އަޅުގަނޑު މިއައީ މޭވާކޮޅެއް ބިނދެލައިގެން. ފެން ހަމެއްވެސް އެބައޮތް. ފަރިއްކުޅުއްވައިގެން ފެންފޮދު ހިއްޕަވާ..." ވަރުބަލިކަމާއި ބަނޑުހައިކަމުގެ ސަބަބުން ކޮޅަށް ހުންނާނެ ހަކަތައެއް ނެތުމުން އެތާ އިށީދެ ސާޖީ ދިއްކޮށްލި މޭވާތަކުގައި ހިފިއެވެ. މޭވާ ކައިގެން ފެން ބުއިމުން ކޮންމެވެސް ވަރަކަށް ހަށިގަނޑުގައި ވަރުޖެހުނެވެ. މިތަނުން ސަލާމަތްވާނެ ގޮތަކާއިމެދު ފިކުރުކޮށް އެކަމަށް މަސައްކަތެއް ކޮށްލެވޭނީވެސް ހަށިގަނޑުގައި ވަރުހުރެގެން ކަން ވިސްނި ލޫސީ ގަސްތުކުރީ ވީހާވެސް ރަގަޅަށް ކެއުމަށެވެ. ލޫސީ އަމިއްލައަށްގޮސް ގަސްތަކުން މޭވާ ބިނދެގެން ޚަންޖަރުގެ އެހީގައި މޭވާ ކެއެވެ. އެއަށްފަހު ކުރިން އޮށޯވެގެން އޮތް ހިލަގޮނޑީގައި އޮށޯވެލައިގެން ޚިޔާލުތަކަށް ގެއްލިފައި އޮތެވެ.

ސާޖީ އިރުގަނޑެއްފަހުން އައިސް އޭނަ ގެނައި ކޮތަޅުން ރަޖާއެއް ނަގާ ދިއްކޮށްލިއެވެ.

"މި ރަޖާމަތީ އޮށޯވެލީމަ ހަށިގަނޑަށް އަރާމުވާނެ. ނޫނީ ގަޔަށް ތަދުވާނެ. ކަމަނާއަކީ މަޚުމާޖެހި މަޑު ގޮދަޑިތަކުގައި އަވަހާރަފުޅު ލައްޕަވާ ރަސްދަރިކަނބަލެއް. އެކަން ހަދާން ނައްތައެއްނުލާނަން. ވަރަށް އަވަހަށް އެފަދަ އަރާމާ އުފާ އަލުން ލިބޭނެ....." އޭނާގެ ވާހަކައިން ލޫސީ ކިތަންމެ ހިތް ހަމަނުޖެހުނަސް އެއްބަސްވީ ސަބަބެއްނެތިއެއް ނޫނެވެ. ހަގީގަތުގައި މި ހިލަގޮނޑީގައި އޮތުމަކީ ތަކުލީފެކެވެ. އަދި ފިނިގަދަކަމުން ހިމާޔަތްވާނެ އިތުރު ރަޖާއަކަށް އޭނަ ހުރިީ ބޭނުންވެފައެވެ. ސާޖީގެ އިހުސާންތެރިކަން ގަބޫލުކުރަން ބޭނުން ނުވިޔަސް މަޖުބޫރީ ހާލަތުގެ ސަބަބުން އެ ރަޖާ އަތުލިއެވެ. ރަޖާ ފަތުރާލުމަށްފަހު ސާލު ގައިގާ އަޅައިގެން ލޫސީ އޮށޯވެލުމުން ސާޖީ ކަޅި ޖަހާނުލާ ބަލާވަރުން އުދަގޫވެގެން ހިތާހިތުން އެތިވަރު ގޮވައިގަންނަމުން މޫނުވެސް ފޮރުވިއެވެ.

ލޫސީގެ ރީތިމޫނު ދެކޭހިތުން ބޭގަރާރުކަމާއެކު ކަޅިހުއްޓިފައި ހުރި ސާޖީގެ ނަސީބު އޭނައާއި އެހީނުވިއެވެ. އެތައް އިރެއްވާންދެން ފާރަލައިގެން ހުރެފައި އެންމެފަހުން އޭނައަށް ޔަގީންވިއެވެ. ލޫސީ ނިދީއެވެ. އޭނަވެސް ހުރީ ނިންޖަށް އެހާ ބޭނުންވެފައެވެ.

ސާޖީ ޗާޓުހިފައިގެން ވާދީގެ ތެރެއިން ހިނގާލަފައި ދަމުންގޮސް މަޑުކޮށްލީ ތަންކޮޅެއް ތިރި ހިސާބެއްގައެވެ. ފަރުބަދައިގެ މަތިން ތިރިއަށް ދެމިގެން އައިސްފައިވާ ފައްވާރާއަކުން ފެން ފައިބަމުންދާ ފެންގަނޑުގައި ފުދޭވަރަކަށް އޮއިބާރެވެ. އެ ފެންގަނޑު ދަމަމުންދަނީ ހޮހަޅައެއްގެ ތެރެއަށެވެ. ކުދި ކުދި ދޫނިތައް ލަވަ ކިޔަމުން ގަސްތަކުގެ ގޮފިތަކުގެ މަތިން އެއްވެސް ފިކުރެއްނެތި މިނިވަންކަމާއެކު އުދުހެއެވެ. ވައި މަޑުވެފައި ހިޔާ ދޭ އަރާމު ހިސާބެކެވެ. އޭނަގޮސް ހިލަތަކެއްގެ މަތީގައި އިށީދެ ޗާޓު ނިއުޅުވާލައިގެން ބަލަންފެށިއެވެ. ވަދީގެ ގިނަތަންތަން އެނގޭނެގޮތަށް އޭގައި ތިކިތައް ކުރަހާފައި ހުއްޓެވެ. ގަސްތަކާއި ހިލަގޮނޑިއާއި ފެންގަނޑަށް ދާންދެން ފާހަގަކޮށްފައެވެ. އެކަމަކު ޚަޒާނާ ގެ އެއްވެސް ކަހަލަ ފާހަގައެއް ހޯދަ ހޯދާ ނުފެނުނެވެ. ވިސްނަން ހަދައިގެން ބޮލަށް ބަރުވެ ބޮލުގައި އެއްޗެއް ބާރަށް އައްސާފައި ވާފަދައެވެ. ބޮލުގައި ބާރަށް ހިފަހައްޓާލައިގެން އިނދެ ފައި އެންމެފަހުން ހިލަތަކުގެ މަތިން ފައިބައިގެންގޮސް ހިޔާދޭ ބޮޑުގަހެއްގެ ހިޔަލުގައި މަޑު ވިނަގަނޑުމަތީގައި ހަށިގަނޑު ދަމާލައިފިއެވެ. ދެބަ ދޭތެރޭގައި އޮތް ފަދަ ގޮތަކަށް ލޯ މަރާލައިގެން އޮވެފައި ބައެއްފަހަރު ސިހިފައި ލޯ ހުޅުވާލައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި ކުއްލިއަކަށް ތެދުވެގެން ވަށައިގެން ހޯދާލާފައި މިއޮވެވުނީ ކޮންތާކު ބާވައޭ ހިތަށް އެރިއެވެ. އެއާއެކު ދެފަޔަށް ބާރުލާފައި ހިނގައިގަތެވެ.

އިރުއޮއްސެން ކައިރިވެ އިރުގެ ދޯދިތައް ގަސްތަކުގައި ބޮސްދެމުން ރަން ކުލަޖައްސަން ފަށައިފިއެވެ. ލޫސީ މާގަހެއްގެ ގޮފިގަނޑެއް ލަނބާލައިގެން މާތައް ބިންނަން ހުރި މަންޒަރަކީ ސާޖީ ދެކުނު އެންމެ ހިތްފަސޭހަ މަންޒަރެވެ.

"ސާހިބު ކަމަނާ މިހާރު ހާލު މުޅިން ރަގަޅުވެއްޖެ ކަމަށް ފެނޭ. މާތައް ބިންނަން ހުރި މަންޒަރު ފެނުމުން ހިތަށް ފިނިކަމެއް ލިބިއްޖެ......."

"ތިއައީ ކޮންތަނަކުން.." ލޫސީ އެހިއެވެ.

"ވާދީތެރެ ބަލައިލަން ދިޔައީ. އަޅުގަނޑު މިތަނަށްވެސް ލޯބި ޖެހިއްޖެ. މިއީ ދުނިޔެމަތީގެ ސުވަރުގެ. މިތަނުގެ މަލިކާއަކީ ތިއީ. އެހެންވެ މިތަން ސުވަރުގެއެއްހާ ފުރިހަމަ. ކަމަނާ ނެތިއްޔާ ކިތަންމެ ރީތި ތަނެއްވެސް ޖަހަންނަމައަކަށް ވާނީ. އަޅުގަނޑު މިއަދު ވަރަށް އުފާކޮށްފިން. މި ހިތްފަސޭހަ ވާދީއަކީ ދެމީހުންގެ ތަނެއް.........."

އޭނާގެ ވާހަކަ ހުރިގޮތުން ރުޅިގަދަވެގެން ގޮސް ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ހާލަތު ވިސްނާފައި ކެތްތެރިކަން އިސްކުރިއެވެ.

"ޚަޒާނާ ވެސް ފެނިއްޖެ ދޯ. " ލޫސީ ސުވާލުކުރިއެވެ.

"އަޅުގަނޑު ހޯދަން ވަރަށް އުޅެފިން. އެކަމަކު އަދި ނުފެނޭ........"

އޭނަގެ ވާހަކައިން ލޫސީއަށް ޔަގީންވީ ޗާޓު ބަލައިގެންވެސް އޭނައަށް ޚަޒާނާ ހުރިތަން ހޯދައި ނުގަނެވުނުކަމެވެ.

"ޔަގީންތަ؟ ޗާޓުން ބެލީމަވެސް ނުފެނުނީތަ؟ "

"ޗާޓުގައި މި ގޮނޑިއާއި ގެންފަނޑަށް ދާންދެން ފާހަގަކޮށްފައިވާއިރު ޚަޒާނާގެ އެއްވެސް ކަހަލަ ނިޝާނެއް ނެތް..." ސާޖީ މާޔޫސްކަމާއެކު ބުނެލިގޮތުން ލޫސީ ހިތާހިތުން އުފާކުރިއެވެ. އޭނައަށް ޚަޒާނާ ހުރިތަން ޗާޓުންވެސް ހޯދައިގަންނަން ނޭގުނުކަން ޔަގީންވިއެވެ.

"އަހަރެންވެސް ހޯދަން މަސައްކަތްކުރިން. އަހަންނަށް ހީވަނީ މިވާދީގައި ޚަޒާނާއެއްނެތީހެން..........." ލޫސީ ސާޖީއަށް އޮޅުވައިލަންވެގެން ބުނެލިއެވެ.

"ނޫން. ޔޫހަންނާ އެ ޚަޒާނާގެ ވާހަކަ ވިދާޅުވި. ބަހާރުވާދީގައި ޚަޒާނާއެއް ވާނެއޭ. އެ ޚަޒާނާގެ ޗާޓު ކަމަށް ވިދާޅުވެ މި ދެއްކެވި. އޭނަ ފަހަރެއްގައިވެސް ކަމަނާއަށް ކެއްސެއް ދެއްވަފާނެހެން ހިޔެއްނުވޭ. މިތާ އެ ޚަޒާނާވާނެ. ޔޫހަންނާ ފަހަރެއްގައިވެސް ސަމާސާއަކަށް ހަދާފައި މިހާ ބޮޑުކަމެއް ނުކުރައްވާނެ. ބަހާރުވާދީ އާއި ޚަޒާނާއަކީ ހުވަފެނެއްނޫން. ހަގީގަތް. އަޅުގަނޑުމެން އެބަޖެހޭ ޚަޒާނާ ހުރިތަން ކޮންމެހެންވެސް ހޯދަން"

"އެކަމަކު އެ ޚަޒާނާ ފާހަގަ ކުރައްވާފައެއް ނެތް....."

"ފަހަރެއްގައި ހަދުމަފުޅުނެތުނީކަމަށް ވާނީ...." ސާޖީ ބުނެލިއެވެ.

ސާޖީގެ ވާހަކަ ހުރިގޮތުން އެ ޗާޓުގައި ހުރި ތިކިތަކުން ޚަޒާނާ ހޯދައިގެންފާނެކަމުގެ ބިރު ލޫސީގެ ހިތުގައި އާވެގަތެވެ. ފަހަރެއްގައިވެސް މި ކެހިވެރި ނުލަފާ ކަލޭގެއަށް ބޮޑުބޭބެ ދިން ހަދިޔާއިން ކުޑަ މިންވަރެއްވެސް ދޭކަށް ހިތެއް ނުރުހެއެވެ. ކެހިވެރިކަމާ މަކަރުވެރިކަމުން އޭނަ ހައްލާލައިގެން މި ވާދީގެ ތެރެއަށް ގެނައީއެވެ. މީނާއަށް އެކަށީގެންވާ ސަޒާއެއް ލިބޭނެއެވެ.

"އަހަންނަށް ހީވަނީ ބޮޑުބޭބެ ޚަޒާނާ ހުރިތަން ފާހަގަނުކޮށް ހުއްޓާ އަވަހާރަވީހެން. ނޫނީ އަޅުގަނޑު ކައިރީ ވިދާޅުވާން ހުއްޓާ ފުރުސަތު ނުލިބުނީ. ފާހަގަކޮށްފިއްޔާ އެހެން މީހަކު ޚަޒާނާ ހޯދަފާނެތީ ކަަމަށްވެސް ވެދާނެ. އެ ސިއްރު އަހަރެން ކައިރީ ވިދާޅުވާން ހުއްޓާ ކުއްލިއަކަށް އަވަހާރަވީ...."

ލޫސީގެ ޖުމްލަތަކުން އޭނަ ހިތާމަކުރިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އެ ޚަޒާނާ ލިބުމުން މިރީތި ވާދީގައި ގަނޑުވަރެއް އަޅައިގެން އޭނައާއި ލޫސީ މިތަނުގައި ޝާހީކޮށް އުޅުމަށެވެ. ލޫސީފަދަ ރަސްދަރިކަނބަލަކު ގެންގުޅެންވާނީ އިއްޒަތުގައެވެ. އެފަދަ ގޮތަކަށް ޝާހީކޮށް ގެންގުޅެވޭނީ އެފަދަ ޚަޒާނާއެއް މިލްކުވެގެންނެވެ. ރިހި ފޮތްޗެއް އަތުގައި ނެތް މީހަކަށް ލޫސީ ގެންގުޅެވޭނެ ގޮތެއް ވިސްނުމަކަށް ނާދެއެވެ. އޭނަ މާޔޫސްވެފައި އެކި ގޮތްގޮތަށް ޚިޔާލުކުރިއެވެ. ކުއްލިއަކަށް އޭނަގެ މޫނު އަލިވީ ލޫސީ ބުނެފައިވާ ވާހަކައެއް ހަދާންވެފައެވެ.

"ކަމަނާ އަށް ބޮޑުބޭބެ ސިޓީފުޅެއް ފޮނުވި ވާހަކަ ވިދާޅުވީމެއްނު. އެސިޓީފުޅުގައި އެވާހަކަ ނެތްތަ؟ "

ސާޖީގެ އެ ސުވާލުން ލޫސީ ފިކުރުބޮޑުވެ މޫނުގެ ކުލަ އޮއްސުނެވެ. ވިސްނާނުލާ އަނގަ ތަޅަން ހަދައިގެން ދައްކަންނުޖެހޭ ވާހަކަތަކެއް އޭނައަށް ވަނީ މި މަކަރުވެރިޔާ ގާތު ހާމަކުރެވިފައެވެ.

"އާނ. ޗާޓާއި އެކު ސިޓީއެއް އޮތް..."

ލޫސީގެ ޖުމްލައާއެކު ސާޖީ ފުންމައިގެން ތެދުވުނުއިރު އުފަލުން މޫނު އަލިވެގެން ހިނގައްޖެއެވެ.

"އެސިޓީގައި ޚަޒާނާގެ ވާހަކަ ނެތްތަ؟ " ސާޖީ އުފާވެރިރާގެއްގައި އެހިއެވެ.

"އޮތް..." ލޫސީ ބުނެލިއެވެ.

"ލޯބިވާ ލޫސީ. އަޅުގަނޑުމެންގެ ހަޔާތުގެ ތަޅުދަނޑިއަކީ އެ ޚަޒާނާ..." ސާޖީގެ ވާހަކައިން ލޫސީގެ ހިތް ރުޅިންގޮސް އަނދަންފެށިއެވެ. ކެތްނުކުރެވޭވަރުވިއެވެ. މި ލަދުކުޑަމީހާ އަނެއްކާވެސް އެއްކަލަ ވައްތަރަށް ވާހަކަދައްކަން ފެށީއެވެ. ނަމަވެސް ކެތްކުރުން ނޫންގޮތެއް ނެތެވެ. އެކަނިވެރި ހާލަތާއިމެދު ވިސްނާފައި ޖެހޭނީ ވިސްނުން ކުރިއަށް އިސްކޮށް ރުޅިވެސް މަޑުކުރާށެވެ. ދޮގުހެދުމުގެ ނުބައި ސިފަ ނެތުމުން ލޫސީ ދޮގުނަހަދާ ކޮންމެ ވާހަކައެއް ދައްކަމުން ދިޔައީ ތެދު ތެދަށެވެ.

"އަޅުގަނޑަށް އެ ޚަޒާނާ ލިބުނީމަ ހަލަބުގައި ހުރިވަރުގެ ދެގުނަ ބޮޑު ގަނޑުވަރެއް އަޅާނަން. ޚިދުމަތްކޮށްދޭން ޣުލާމުންނާއި ކަނީޒުން ތިބޭނެ. ހުރިހާކަމެއް ފުރިހަމަވާނެ. އަޅުގަނޑުމެން ދެކަނބަލުންގެ ގޮތުގައި އެކަނި މި ވާދީގައި އުޅޭނީ. އޭރުން ކިހާ އުފާވެރިކޮށް އުޅެވޭނެތޯ. އަޅުގަނޑުމެންގެ ވަކި ރަސްކަމެއް އޮންނާނީ. ރަސްގެފާނަށްވެސް އޭރުން ބާރެއް ނުފޯރޭނެ. ބޭނުންވަރަކަށް ސިފައިންވެސް ގެނެސް ވަކި ރަސްކަމެއް މިތާ އޮންނާނީ. ޝެހެންޝާހުވެސް އަޅުގަނޑުދެކެ ބިރުން ޖިޒީއާއި ހަދިޔާބަދިޔާ އަހަރުން އަހަރަށް ފޮނުވާނެ. އެނުލަފާ އަރަބިންބަލިކޮށްލާ އެމީހުންވެސް އަޅުވެތިކޮށްލާނަން. އަޅުގަނޑުމެން އުޅޭނީ ނިކަން އިއްޒަތުގައި.............." ސާޖީ ޚިޔާލީ ފޮލާގެ ވާ ފަށް ނިކަން ދުރަށް އެއްލާލައިފިއެވެ. އުފަލުންގޮސް ހުރިހާ ދަތްތައް ދިލުވާލައިގެން އިންއިރު ހީވަނީ ދުނިޔޭގެ ހުރިހާ އުފާތައް މުށުތެރެއަށް ލެވިގެން އުޅޭ މީހެއް ހެންނެވެ.

އޭނާގެ މި ވާހަކަތަކުން ވީ ފޫއްސެއްގެ ބޮޑުކަމުން ހޮޑުނުލެވުނީވެސް ކިރިޔާއެވެ. އަރަބިންނަަކީ އޭނަ އެންމެ ނަފްރަތުކުރާ މީހުންނެވެ. މިހާރު އަރަބިންނަށްވުރެ މި މީހާދެކެ ރުޅިއައެވެ. އެއްޗެކޭ ބުނަން ހިތަށް އެރިޔަސް ހިމޭންކަން ޚިޔާރުކުރުން ރައްކާތެރިކަމަކަށް ދެކުނެވެ. އެހެންވެ މަޑުން އިނީއެވެ.

"ލޯބިވާ ކަމަނާ. މިހާރު ބަނޑުހައިފުޅުވާނެ. އެބައަންނަން އެއްޗެއް ހިފައިގެން..."

"ކަލޭ އައީ ކާއެއްޗެހި ހިފައިގެންތަ؟ "

"ޢާދެ ލޯބިވާ ކަމަނާ. އަޅުގަނޑު މިތަނަށް އައީ މިތަނުގައި އެންމެ ދުވަހަކު ހުންނާކަށް ނޫން. އަބަދަށްޓަކާ މިތާ ހުންނަން ރާވައިގެން އެހެންވީމަ ހުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ނޫންތޯ؟ އަޅުގަނޑު ގެނައި ގޯނީގައި ހުރިހާ އެއްޗެއް ހަމަޔަށް ހުންނާނެ. އެބައަންނަން ފަރިއްކޮޅު ހިފައިގެން.......... " ސާޖީ ފަޚުރުވެރިކަމާއެކު އެހެން ބުނެފައި ދާން ހިނގައިގަތީ ބައްތިވެސް ހިފައިގެންނެވެ. ލޫސީ ބޮލުގައި އަތުން ޖަހައިލިއެވެ.

އިރުއޮއްސުމުން އަނދިރިކަން ފަރުބަދަތައް ވަށައިލީ ޗާދަރެއް ފަދައިންނެވެ. ދުވާލު އަލީގައި އެއޮތް ރީތިކޮށް ފެނުނު ވާދީތެރޭގައި އެކަނިމާ އެކަނި ހުރި އިންސާނެއްނަމަ ބިރުން ފިތްކަނޑައިގެންދާހާ އަނދިރިއެވެ. ފަރުބަދަތަކާއި ގަަސްތައް ފެންނަނީ ފުރޭތަތަކެއް ފަދައިންނެވެ. އެރީތި ވާދީ ބިރުވެރި ނާމާން ޖަންގައްޔެއްފަދައެވެ. ދޫނިތަކުގެ އަޑު ކެނޑި ހީރިތަކުގެ ގޮވުމުގެ އަޑު އެއް ވާނަކަށް ހިފައިލިއެވެ. ފިނިކަން ގަދަވެއްޖެއެވެ. ސާޖީ ހަނި ގޯޅިގަނޑަކުން ކުރިއަށް ހިނގަމުން ދިޔައީ ބައްތީގެ އަލިން މަގު ހޯދަމުންނެވެ. ވައިމަޑުކަމުން ބައްތީގެ ހުޅުކޮޅުވެސް ހެލިލަނީ ހަމައެކަނި އޭނަގެ ހަރަކާތްކުރުމުންނެވެ. އޭނާގެ މިސްރާބު ހުރީ އަނެއް ފަޅީގައި ހުރި ފަރުބަދަތަކާއި ދިމާލަށެވެ. އެ ފަރުބަދައިގާ ބޮޑެތި ހޮހަޅުތައް ގިނައެވެ.

ސާޖީ އެތަނުން ހޮހަޅައެއް ސާފުކޮށްފައި އުއި އެއްޗެހި ގެނެސް ތަންމައްޗެއް ތައްޔާރުކޮށްލިއެވެ. ގެނައި ސާމާނުތައް ބެހެއްޓިއެވެ. އޭގެ ތެރޭގައި ކެއްކުމުގެ ސާމާނާއި ތެލި ކަންވާރުފަދަ ތަކެތި ހިމެނެއެވެ. އޭނަ ހިކި މަސްކޮޅެއް ފިހެލުމަށްފަހު ގިތެޔޮ ރޮށި ފިހެލައިގެން މޭވާކޮޅަކާއިއެކު ލޫސީއަށް ކާނާ ހިފައިގެން އެނބުރި އައެވެ. އޭރު ލޫސީ އޮށޯވެލައިގެން އޮތް ހިލަގޮނޑި ހުރީ ހުހަށެވެ. އޭނަގެ ކެހެރި ސާލު ގޮނޑިމައްޗަށް އެއްލާލާފައި އޮތެވެ.

ސާޖީގެ ހިތަށް ބިރުވެރިކަން ވަދެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ލޫސީ އޭނައަށް ފިލައިގެން ދިޔައީ ކަމުގައި ހިތް ބުނުމުން ލިބުނު ސިހުމާއި މޮޅިވެރިކަމުން ހިތް ނުހުއްޓުނީވެސް ކިރިޔާއެވެ.

"ލޫސީ. ލޯބިވާ ލޫސީ.............." އޭނަ ލޫސީއަށް ގޮވަންފެށިއެވެ.

ޖަވާބެއް ނުލިބުނުތާގައި ލޫސީގެ ހިލަމެއްނުވުމުން އޭނަ އެކަނިވެރިކޮށްލާފައި ދިޔައީކަން ޔަގީންވެ ރުޅިއާއި ހިތާމަ އޭނަ ވަށާލައިފިއެވެ. އިރުގަނޑެއްވާންދެންގޮނޑީގައި އިނދެލައިގެން އިނީ ސާލު މޫނުގައި އަޅައިގެންނެވެ. އެހެން އިނދެ ވިސްނާލުމަށްފަހު އޭނަ އަވަސްވެގަތީ އެމީހުން ވާދީއަށް ވަން ދޮރާއި ދިމާލަށް ދިޔުމަށެވެ. ރާސްލާފައިގޮސް އެތަނުން ބިންގަރާސްކޮޓަރިއަށް ވަންތަނާ އަދި ބައްތި ނިވިއްޖެއެވެ. ކަށްވަޅު ފަދަ އަނިދިރކަން އޭނަ ވަށާލުމުން ކުރިއަށްވުރެ ބޮޑަށް ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ތަންތަނުގައި އަތް ކާއްތަމުން ހިނގަނިކޮށް މީހެއްގެ ގައިގާ ޖެހުނު ހެން ހީވުމާއެކު ބިރުން އަތް ދަމައިގަނެވުނެވެ. ޖިންނި ޝައިތާނުންގެ މަތިން ހަދާންވެ ފާޑުފާޑުގެ ވަހުމުން ހިތް ފުރާލައިފިއެވެ. އޭނަގެ ގައިގާ އަތްލީ ޖިންނިއެއް ބާވައެވެ. ޔަގީނުންވެސް މިތާގައި އިންސާނެއް ނޫޅޭނެއެވެ. ނޫނީ ހަރުފަދަ ފަދަ އެއްޗެއްހެއްޔެވެ؟ ހައްތަހާބޮޑަށް ފިނޑިވެ ބިރުވެރިކަމުން ހިތް ފުރިގެން ދިޔުމާއެކު ފާރުގައި ބުރަކަށި ޖައްސާލައިގެން ހުރެވުނީ ހިނގައިގަންނަން ނުކެރިފައެވެ. ލޫސީގެސަބަބުން ލިބުނު ހިތްވަރު ކެނޑި ފިޑިވާންފެށިއެވެ.

"އެއީ ލޫސީއަށް ވެދާނެއްނު . ކީއްވެ ބިރުން ތިއުޅެނީ. މިތާ ލޫސީ ނޫން މީހަކު ނޫޅޭނެ. ހަމަ އެކުއްޖާގެ ގައިގާ އަތްލެވުނީ. މިހާރު ޔަގީންވެއްޖެ." އޭނަގެ ހިތަށް އެހެން އެރުމާއެކު އުއްމީދުގެ ކުޑަ ކުޑަ އަލިކަމެއް ލިބުނެވެ.

"ލޫސީ......." އޭނަ މަޑުމަޑުން ގޮވައިލިއެވެ. އެ އަޑު ބިރުވެރިގޮތަކަށް ބިންގަރާސްތެރޭ ހިފާލާފައި އިރުކޮޅެއްވާންދެން ހުއްޓެވެ. އޭނާ ބިރުންގޮސް ހަލާކުވާވަރުވިއެވެ. ލޫސީފެނޭތޯ އަތް ކާއްތަ ކާއްތާފައި އޭނާ އެތާ ތެރޭ މޮޔައެއްހެން އެނބުރުނެވެ. މިފަހަރު ލޫސީގެ އެއްވެސް ހިލަމެއްނުވިއެވެ.

"ލޫސީ އަނެއްކާ ވީ ވާދީގައިބާ. މިތަނަށް ނާންނަނީ ކަމަށްވެސް ވެދާނެ. ވާދީތެރޭ ލޫސީ ހުރެއްޖެއްޔާ އަހަންނަށް މިކުރެވުނީ ކިހާ ބޮޑު މޮޔަކަމެއް. އަލުން އެނބުރި ދާންވީ. ލޫސީ ހިނގާލަންގޮސް އުޅެނިކޮށް އަނދިރީގެ ތެރޭ މަގު އޮޅުނީކަމަށްވާނީ. މިހާރު ލޫސީ އަހަރެން ނެތިގެން އުޅޭނެކަން ނޭގޭ....." އޭނާގެ ސިކުނޑިއަށް ފާޑުފާޑުގެ ޚިޔާލުތައް ވެރިވަމުން ދިޔައެވެ. އެންމެފަހުން އޭނަ ގަސްތުކުރީ ވާދީގެތެރެއަށް އަލުން ދާށެވެ. އޭނާ މަގު ހޯދަން މަސައްކަތްފެށިއެވެ. އެތައް އިރެއްވީއިރުވެސް އޭނައަށް ބިންގަރާހުން ނިކުންނާނެ ގޮތެއް ނޭގުނެވެ. ހާސްކަމާއި ބިރުވެރިކަމާއެކު އޭނަ ހިލަތައް ގުޑާތޯ މަސައްކަތްކުރިއެވެ.

"މިއީ މިއަޅާގެ ކަށްވަޅުކަމުގައި ވަނީ ބާ. މިތަނުން ނުކުންނާނެ ގޮތެއް ހޯދަ ހޯދާ ނުފެނުނު. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާދޭވެ. ނޫނީ މިއަޅާގެ ހިތް ހަލާކުވެދާނެ. ލޫސީގެ ހިތުގައި މިއަޅާގެ މައްޗަށް ކުލުނާއި ލޯބި ޖައްސަވާދެއްވާދޭވެ......" އޭނާ ހުރިތަނަށް ތިރިވަމުން މޫނުގައި އަތް އަޅައިގެން ދުޢާކުރަންފެށިއެވެ. ރޯންފެށިއެވެ.

***

ލޫސީއާއި ސާޖީ ކިއްލާއިން ނުކުތް ރޭ ފަތިހު އިރުއެރިތަނާހެން ލޫސީގެ މަންމާފުޅު ޒައިތޫނު އެކޮޓަރިއަށް ވަޑައިގަތެވެ. ކޮޓަރިން ލޫސީ ފެނިވަޑައިނުގަތުމުން ހީފުޅު ކުރެއްވީ ބޮޑުބޭބެގެ މަހާނައަށް މާ އަޅަން ދިޔައީ ކަމުގައެވެ. މިހާ ހެނދުނާ އެކޮޓަރިއަށް ވަޑައިގަތީވެސް ލޫސީ އާއި ދައްކަވަން ޖެހޭ ވާހަކައެއް އޮތީމައެވެ. ޔޫހަންނާ އަވަހާރަވުމުގެ މާ ކުރީއްސުރެން ލޫސީ އުޅެނީ ކޮންމެވެސް ކަހަލަ ހިތާމައެއްގައެވެ. އެކަމުގެ ސަބަބު އޮޅުން ފިލުވަން އެކަމަނަ ބޭނުންފުޅުވިއެވެ. ރޭވެސް އެކަމަނާއަށް އަވަހާރަފުޅު ނުލެއްޕެވުނެވެ. ދަރިފުޅުގެ ހިތާމައިގެ ސަބަބުން އެކަމަނާއަށްވެސް ކެތްނުކުރެވޭފަދަ ހިތާމައެއް ލިބި ވަޑައިގެންފިއެވެ. އެކަމަނާ ބޭނުންފުޅުވަނީ ލޫސީ އަބަދު އުފަލުގައި ހުންނެވުމަށެވެ.

އެތައް އިރަކު އިންތިޒާރު ކުރެއްވިއިރުވެސް ދަރިކަނބަލުންގެ ޚަބަރެއްނުވިއެވެ.

ދާނިޔާލް ގާތުން އެހުމުން ބުނީ މަރިޔަމްއާއެކު ވެދާނެކަމުގައެވެ. ޒައިތޫންގެ ނަޒަރު ދެން ހުއްޓުނީ ލޫސީގެ އެނދަށެވެ. އެނދުގައި ރޭ ލޫސީ ނިދިހެނެއް ހިޔެއްނުވެއެވެ. ކޮޓަރީގެ ހުރިހާ ތަނެއް ބައްލަވާލެއްވުމަށްފަހު ކަންބޮޑުވެ ވަޑައިގަތުމާއެކު ލޮލުގައި ކަރުނައިގެ އަސަރު ހިނގާލައިފިއެވެ. ޚާދިމާއަކާއެކު މަރިޔަމް ކޮޓަރިއަށް ވަންތަން ފެނުމުން ޒައިތޫންގެ ހިތްޕުޅު އަވަސްވިއެވެ.

"މަރިޔަމް. ލޫސީ ކޮބާ؟ "

"ލައްބަ. އަޅުގަނޑުވެސް މިއައީ ލޫސީއަށް ކިރުތަށްޓަކާ މޭވާކޮޅެއް ހިފައިގެން..." މަރިޔަމް ތަބައް އެއްފަރާތުގައި ބެހެއްޓިއެވެ.

"މަރިޔަމް ކޮންތާކު އުޅެފައި ތިއައީ. ލޫސީ ވީތަނެއް ނޭގިގެން އަހަރެން މިއުޅެނީ...... "

"އަޅުގަނޑު ހެނދުނު މިކޮޓަރިއަށް ވަދެފައި ހީކުރީ ލޫސީ ޔޫހަންނާގެ މަހާނައަށް މާ އަޅަން ދިޔައީކަމަށް. އަޅުގަނޑު ކުޑަކޮށް ބޮލުގައި ރިއްސާތީ ޖައްސާލިތަނާ ނިދުނީ. މާފުކުރައްވާތި. ލޫސީ ކޮބާތޯ. އަޅުގަނޑު ރޭއްސުރެން ނުދެކެން..."

"އަޅުގަނޑުވެސް ހެދުނު ފަރިއްކޮޅު ހިފައިގެން އައިއިރުވެސް އެކަމަނާ ކޮޓަރިއަކު ނޫޅުއްވާ.." ޚާދިމާވެސް ބުނެލިއެވެ.

"ރޭއްސުރެ އެކަކުވެސް ލޫސީ ނުދެކެނީތަ؟ " ޒައިތޫނު ހައިރާންވިއެވެ.

"ލައްބަ." ޚާދިމާ އަދަބުވެރިކަމާއެކު ހުއްޓިލަމުން ބުނެލިއެވެ.

"މަރިޔަމް. ޚާދިމާއިން ގޮވައިގެންގޮސް އަަވަހަށް ޔޫހަންނާގެ މަހާނަ ކައިރިއާ ބަގީޗާ އަދި ފައްޅިއާއި ގަނޑުވަރުގެ ތަންތަން ހޯދާ. އަހަރެންގެ ގަޔަކު ހިތްވަރެއްނެތް. ލޫސީ ނުބުނެ ކޮންތާކަށް ދިޔައީ. ދިޔަސް މިހާ ގިނައިިރެއްނުވާނެ.." ޒައިތޫން އެނދުގައި އިށީދެ ވަޑައިގެންނެވިއިރު މޫނުފުޅުމަތިން މާޔޫސްކަމާއި މޮޅިވެރިކަން ފެނެއެވެ. އެކަމަނާގެ ނަސާރާ ދީނުގައި އޮންނަފަދައިން ބައިތުލްމަގުދިސްއަށް ކުރިމަތިލަމުން ދުޢާކުރަން ފެށިއެވެ.

މަރިޔަމް އެންމެ ކުރިން އެ ޚަބަރު ދެންނެވީ ދާނިޔަލްއަށެވެ. ދާނިޔަލްއާއި މަރިޔަމް އަދި ޚާދިމާއިންވެސް ފެނުނު ކޮންމެ މީހެއްގެ ކައިރިން ލޫސީއާއި ބެހޭގޮތުން އެހިއެވެ. އެއްވެސް މީހަކު ލޫސީ ދެކުނުކަމަކަށް ނުވިއެވެ. އިސާހިތަކުން ހުއިތަކެއްގައި އަލިފާން ހިފާ ފަދައިން އެ ޚަބަރު މުޅި ގަނޑުވަރުގައި ފެތުރުނެވެ. ލޫސީ ވީތަނެއް ނޭގިގެން އުޅޭކަން ގަނޑުވަރުގެ ހުރިހާ އެންމެނަށް އެނގުނެވެ، މަރިޔަމްމެން ޔޫހަންނާ މަހަނާއާއި ހަމަޔަށް ދެވުނުއިރު ޔޫގަންނާ އަދި ކާރކަސްވެސް އެތާގައި ދުޢާކުރައްވަން ތިއްބެވިއެވެ.

"ބައްޕާފުޅާ. ލޫސީ ދެކެވަޑައިގެންނެވީމުތޯ؟ "ދާނިޔަލް އެހިއެވެ.

"ނޫން ދަރިފުޅާ. ކިހިނެއްވީ.." އެންމެން ހާސްވެފައި ތިބިވަރު ފެނި ޔޫގަންނާ ސުވާލުކުރެއްވިއެވެ.

"ލޫސީ ކޮޓަރިއަކު ނެތް. ގަނޑުވަރުތެރެވެސް ބަލައިފިން. ފަތިހުއްސުރެން ލޫސީ ގަނޑުވަރުގައި ނޫޅޭކަމުގައިވަނީ. މަންމާފުޅުވެސް ވަރަށް ހޯއްދަވައިފި...." ދާނިޔަލް ދެންނެވިއެވެ.

"ލޫސީ ވަކި ދާނީ ކޮންތާކަށް؟ ބަގީޗާތެރެވެސް ބެލިންތަ؟ " ޔޫގަންނާ ކަންބޮޑުވުމައެކު މޫނުފުޅުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.

"ހުރިހާތަނެއް ހޯދައިފިން.." ދާނިޔަލް ބުނެލިއެވެ.

"ހެދުނުން ފެށިގެން އެކަކުވެސް ލޫސީ ނުދެކެނީތަ؟ " ޔޫގަންނާ އަނެއްކާވެސް ސުވާލުކުރެއްވިއެވެ.

"އެންމެންގާތުން އަހައިފިން. އެކަކާވެސް ދިމާނުވާކަމަށް ވަނީ..."

"ލޫސީ ވަކިދާނީ ކޮންތާކަށް.." ޔޫގަންނާގެ ހިތްޕުޅުވެސް ތެޅިލައިފިއެވެ." މިފަދަ ދުވަސްވަރެއްގައި އަދި ކިއްލާއިން ބޭރަށް ލޫސީ އެކަނިމާއެކަނި ހިނގައިދާނެއޭ ހިތެއް ނުބުނޭ."

"ކާރކަސް. މުޅި ކިއްލާއާއި ބުރުޒާއި ހުރިހާތަނެއް ފާސްކުރޭ. ދާނިޔަލްއާއި މަރިޔަމް އަހަންނާއެކު އާދޭ..." ޔޫގަންނާ ގެ ފަހަތުން ދާނިޔާލް އާއި މަރިޔަމް ހިނގައިގެންފިއެވެ. ކަމުގެ ހުރި ސީރިޔަސްކަން ވަގުތު ވޭތުވަމުންދާ ވަރަކަށް އެންމެންގެ ހިތްތަކަށްވެސް ވަންނަން ފެށިއެވެ. ހިމޭންކަމާއެކު ކުރިއަށްގޮސް ލޫސީގެ ކޮޓަރިއާއި އަރާ ހަމަވިއެވެ. ޒައިތޫން އެނދުގައި އިށީދެގެން އިންއިރު ލޯ ތެމިފައިވާ ގޮތުން ކީރިތި ކުރައްވާފައިވާކަމަށް ހެކިދިނެވެ.

"އަޅުގަނޑުމެންގެ ލޫސީ އަދިވެސް ނުފެނޭތޯ؟ " ޒައިތޫންގެ އަޑުފުޅުގައި ހާސް ހިތާމައާއި މޮޅިވެރިކަމެވެ.

"އަދި ނުފެނޭ.." ޔޫގަންނާވެސް ހިތާމަވެރި ރާގަކަށް ވިދާޅުވެއްޖެއެވެ.

"އެދަރިފުޅަށް ދިމާވީ ކޮންފަދަ މުސީބާތެއްކަމެއްވެސް ނޭގޭ. މާތްރަސްކަލާގެ ރަސްކަންފުޅަށްޓަކާ އެ ދަރިފުޅު ހުރިތަނަކުން ހޯއްދަވާ..........." ޒައިތޫނު ކީރިތި ކުރައްވަމުން ތެދުވެ ވަޑައިގެންނެވުމުން ހަށިކޮޅުން ވަރު ހުސްވެ ވެއްޓި ވަޑައިނުގަތީ ކިރިޔާއެވެ. ޔޫގަންނާ ހުޝިޔާރުކަމާއެކު ކުރިއަށް ޖެހި ވަޑައިގެން ޒަައިތޫނުގެ ހަށިކޮޅުގައި ހިފެހެއްޓެވިއެވެ.

"ލޯބިވާ މަލަކާ. ހިތާމަ ނުކުރޭ އިރާދަކުރެއްވިއްޔާ ލޫސީ ފެންނާނެ....."

"ތެދެއް މަންމާ. އަޅުގަނޑުމެން މަސައްކަތް ހުއްޓާލާނީ ލޫސީ ފެނުނީމަ." ދާނިޔާލްވެސް މަންމަގެ ގައިގާ ހިފަހައްޓާލަމުން މަޑުމަޑުން ބުނެލިއެވެ.

"އާނ ދަރިފުޅާ. ލޫސީ ނެތި މަންމަ ދުނިޔޭގައި ދިރި ހެޔޮހާލުގައި ހުންނާނީ ކިހިނެއް. މަންމަގެ ހިތް ހަލާކުވެދާނެ. އެއީ މަންމަގެ ހިތަށް ކެތްވާނެކަމެއްނޫން..." ޒައިތޫން ވިދާޅުވިއެވެ.

ޔޫގަންނާ ވައުދުވީ ލޫސީ ހޯދާނެކަމުގައެވެ. މަރިޔަމް ޒައިތޫން ގާތު ހުންނަވަން އޭނާ އެންގެވިއެވެ. އަދި ދާނިޔަލް ގޮވައިގެން ކޮޓަރިން ބޭރަށް ނުކުމެ ވަޑައިގަތުމުން ޒައިތޫން މަރިޔަމްއަށް ނަޒަރު ހުއްޓަވާލެއްވިއެވެ.

"އަހަރެންގެ މަރިޔަމް. ތިއީ ލޫސީގެ އެންމެ ގާތް ސިއްރުވެރި އެކުވެރިޔާ. ލޫސީ ދިޔަތަނެއް މަރިޔަމްއަށް އެނގޭނެ....."

"ނޫން ސާހިބު ކަމަނާ. އަޅުގަނޑަށް އެއްގޮތަކަށްވެސް ލޫސީ ދިޔަތަނެއް ނުބުނޭ. ރޭ އަޅުގަނޑު ގާތު ބުނީ މަރިޔަމް ކޮޓަރީގައި ނިދާލާށޭ. ތިމަންނަ މިރޭ ބޭނުމީ އެކަނިއޮންނާށޭ." މަރިޔަމް އެރޭ ލޫސީއާއި ވަކިވިއިރު ދެއްކި ވާހަކަތަކާއި އަމަލު ހުރިގޮތް ހަނދާނަށް ގެންނަން މަސައްކަތްކުރިއެވެ.

"އެކަމަކު މަރިޔަމްއަށްވެސް އެނގޭނެ. ލޫސީ ކޮންމެވެސް ކަމަކާ ހިތާމަ އެބަ ކުރޭ. އެކަމުގެ އަސްލު އަދިވެސް އަހަންނަކަށް އޮޅުމެއް ނުފިލާ. މަރިޔަމް ގާތު އެފަދަ އެއްވެސް ވާހަކައެއް ނުދައްކާތަ؟ " ޒައިތޫން ސުވާލުކުރެއްވިއެވެ.

މަރިޔަމް ހާސްވިވަރުން ތުންފަތުގައި ދައިގަތެވެ. މިހިސާބަށް ސުވާލު އައުމުން ބިރުގަންނަގޮތްވިއެވެ. ލޫސީއާއި ލާވަންގެ ލޯބީގެ ސިއްރު ފައުޅުކުރުމަކީ ލޫސީ ރުހޭނެކަމެއް ނޫނެވެ. އެއީ ލޫސީގެ ސިއްރެކެވެ. އެ ސިއްރު ހާމަކޮށްފިއްޔާ ދެން ވެދާނެ ގޮތަކާއިމެދު ވިސްނާލަން އެބަޖެހެއެވެ. ލޫސީ ބަދުނާމުވާކަށްވެސް މަރިޔަމް ބޭނުމެއް ނޫނެވެ. ޒައިތޫންގެ އެ ސުވާލަށް ދޮގުހެދުމަކީވެސް ފަސޭހަކަމެއްނޫނެވެ. ނަމަވެސް ލޫސީގެ ހިތާމަ ޔޫހަންނާގެ އަވަހާރަވުމާވެސް ގުޅިފައިވާތީ އޮޅުވާލަން އޭނާ ނިންމިއެވެ.

"ސާހިބު ކަމަނާއަށްވެސް އެ ހިތާމައަކީ ޔޫހަންނާގެ އަވަހާރަވުމާއި ގުޅިފައިވާކަމެއްކަން އެނގިވަޑައިގަންނަވާ ނޫންތޯ؟ " މަރިޔަމް ނުތަނަވަސްކަމާއެކު ޒައިތޫންއާއި ހަތަރުކަޅި ހަމަނުކޮށް ދުރަށް ބަލަމުން ބުނެލިއެވެ.

"އަހަންނަށް އެނގޭ މަރިޔަމް ކޮންމެވެސް ކަމެއް ސިއްރުކުރާކަން. އަހަންނަކީ ލޫސީގެ މަންމަ. އޭނާގެ އިހުސާސްތަކަށް އިހުތިރާމް ކުރާނަން. އަހަންނަށް އެނގޭ. ލޫސީގެ އެހިތާމަ މާކުރީއްސުރެން ފެށިއްޖެ. ޔޫހަންނާ އަވަހާރަވުމުން އެހިތާމަ އިތުރަށް ބޮޑުވިޔަސް އޭގެ މާ ކުރީއްސުރެ ލޫސީ ބަދަލުވެއްޖެ. މަރިޔަމްއަށް ހުރިހާ ކަމެއް ރަގަޅަށް އެނގޭނެ. އަހަންނަށް ސިއްރު ނުކުރޭ މަރިޔަމް..." ޒައިތޫން ވިދާޅުވިއެވެ.

"ސާހިބުކަމަނާ އެކަމަކު......." މަރިޔަމް ކަންބޮޑުވިއެވެ.

"އާނ މަރިޔަމް އަވަހަށް ބުނޭ."

"އެކަމަކު ލޫސީގެ ސިއްރެއް ފައުޅުކުރުމަކީ އޭނަ ރުހޭނެކަމަކަށް ނުވާނެ. އިތުރު އެއްވެސް ފަރާތަކަށް އެ ސިއްރު އެނގިގެން ބޮޑު މައްސަލަތަކެއް ޖެހިއްޖެއްޔާ......" މަރިޔަމް އިސްޖެހިއެވެ.

"އަހަރެން އެއްވެސް މީހެއްގެ ގާތަކު ނުބުނާނަން. ބުނޭ މަރިޔަމް. އަވަހަށް ބުނޭ.." ޒައިތޫން މަރިޔަމްގެ އަތުގައި ހިއްޕަވައިލިއެވެ.

"ލޫސީގެ ހިތުގައިވެސް ލޯޯތްބެއް އުފެދުނީ..."

"ކުރިންވެސް އެކަހަލަ ޝައްކެއްވިއޭ. އެއީ ކާކުތަ؟ " ޒައިތޫންގެ ފިކުރު އިންތިހާއަށް ދިޔައެވެ.

"ޝެހެޒާދާ ލައުން....." މަރިޔަމް ބުނަން ނުބަން ހުރެފައިވެސް މަޖުބޫރުވުމާއެކު އެނަން ކިޔައިލިއެވެ. ޒައިތޫން ސިހިވަޑައިގެން ދިޔުމާއެކު އެނދުގައި އިށީދެވަޑައިގަތްގޮތަށް ބަސްފުޅެއް ވިދާޅުވުމަކާއި ނުލައި ޚިޔާލެއްގެ ތެރޭގއި އިންނެވިއެވެ. މަރިޔަމް އިނީ މުޅިން ފިނިވެފައެެވެ. ލޫސީގެ މަންމާފުޅުގެ ފަރާތުން ލިބޭނެ ރައްދެއް ނޭގިފައެވެ. އޭނާވެސް މިކަމުގައި ކުށްވެރިނުވާނެކަމެއް ނޭގެއެވެ. ލާވަން ލޫސީ ހައްލާލައިގެން ގެންދިޔައީބާވައޭވެސް ހިތަށް އެރިއެވެ. އެކަމަކު ލާވަންއަކީ އެފަދަ ހީލަތްތެރި ޒުވާނެއް ނޫނެވެ.

"އެކަމަކު ޝެހެޒާދާ ލާވަން ފަހަރެއްގައިވެސް ލޫސީ ގޮވައިގެން ފިލާނެހެނެއް ހިޔެއްނުވޭ.." ޒައިތޫން އިރުގަނޑެއް ފަހުން ވިދާޅ

ކޮމެންޓް 0