"ތިކަން މަންމައަށް އެނގޭ. އެއީ މަންމަގެ ސިންގާ. އެކަމަކު މަންމަ ބޭނުންވީ ދާނިޔަލް މީހަކާއި އިނދެގެން ފިރިހެނެއްގެ ގޮތުގައި ހުރެ އެހިސާބަށް ދިޔުން..މަންމަ އެބަހުރި ދާނިޔަލްއާއި އެކަށީގެންވާވަރުގެ ބައިވެރިޔަކު ހޯދާފައި..."

"މަންމާ އެއީ ކާކުތޯ؟ " ލޫސީ ޝައުގުވެރިވިއެވެ. މަރިޔަމްގެ ނަން ސިކުނޑީގެ ކަނެއްގައި ފިޔަޖަހައިލުމުން ބިރުވެރިކަމެއް އިހުސާސްކުރެވުނެވެ.

"ދާރިއަސްގެ އަންހެންދަރިފުޅު...ޒާރާ..."

"އާހް...." ލޫސީއަށް ދެލޯ މަރާލެވުނެވެ. އެ ކައިވެނި ހަމަޖައްސައިފިއްޔާ ބޭބެގެ އުއްމީދުތަކުގެ ގަނޑުވަރު ފުނޑުފުނޑުވެގެން ބިމަށް ފައިބަފާނެކަމުގައި ބުނަން އުޅެފައިވެސް އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. މަންމާފުޅުގެ މާޔޫސްވެފައިވާ މޫނު ދެކުމަށްވުރެ އަމިއްލަ ހިތަށް ހިލަ އުކުންވެސް މާ ހިތަށް ފަސޭހަވާނެއެވެ. ލޫސީއާއި ލާވަން އަދި ދާނިޔަލް މަރިޔަމް ގުޅުނުނަމަ އެންމެންގެ ހަޔާތް އާބާދުވީހެވެ. ނަމަވެސް މާތް ރަސްކަލާގެ އިރާދަކުރެއްވިގޮތަކަށް ނޫނީ ދުނިޔޭގައި ލެއްވި އެއްވެސް މަޚުލޫގެއްގެ ހަޔާތުގައި ކުލައެއް ނުޖެއްސޭނެއެވެ.

***

ފަތިސްނަމާދުގެ ޖަމާއަތަށްފަހު އަބޫއުބައިދާ ޚާލިދުއާއި ކުރިމަތިފުޅުލެއްވިއެވެ. އެކަލޭގެފާނުގެ ލޯފުޅު ނިދީގެ ސަބަބުން ބަރުވެފައިވާކަން ފާހަގަކުރެވުނެވެ.

"އަބޫ ސުލައިމާނު. ކަލޭގެފާނު ގެ އަޚު އަބޫއުބައިދާއަށް ހިތާމައާއި ފިކުރުގެ ސަބަބުން ރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަޖަހާނުލާކަން ކަލޭގެފާނުއަށް އެނގިލައްވާތޯ؟ މިލިބުނު ނަސްރާއި ފަތަހުގެ ސަބަބުން މާތްﷲއަށް ހަމްދާއި ޝުކުރުކުރުމުގައި ދެމި ހުރިއިރުވެސް އަހަރެންގެ ހިތްވަނީ ކައުބުއާއި އެކަލޭގެފާނާއެކު ވާ މުސްލިމު އަޚުންނާއެކީގައި. ހަލަބުން އައި ވަފުދުގެ މީހުން އެމީހުންގެ ރަސްގެފާނު ޔޫގަންނާ ހަގުރާމައަށް ނުކުމެ އުޅޭކަން އެނގުމުން ކައުބުއާއިމެދު ބިރުހީވެއްޖެ. އަދި އެލަޝްކަރުގެ އެއްވެސް ނިޝާނެއް ފެނުނީއެއް ނޫން. އެންމެން ޝަހީދުކޮށްލީކަން ނޭގޭ."

ޚާލިދު: " މާތްﷲ ގަންދީ ހުވާކުރަން. އަޅުގަނޑަށްވެސް ރޭ ނިދީގެ އެއްވެސް އަރާމެއް ނުލިބުނު. މުޅިރޭ ހިތާމައިގާ އޮވެވުނީ. އަޅުގަނޑުމެން ހަދަންވީގޮތެއް އަމުރުކުރައްވާ."

އަބޫއުބައިދާ : "އަވަހަށް ދަތުރު ފައްޓަވާ. މާތްﷲގެ ރަސްކަންފުޅަށްޓަކާ ކައުބުއާއި މުޖާހިދުންނަށް އެހީވެދީ............."

ޚާލިދު އެއްހާސް ސަވާރުންނަށް ތައްޔާރުވުމަށް ވަގުތުން އެންގެވިއެވެ. އަދި ފޭލިގެއަށް ވަދެވަޑައިގެން ހަތިޔާރުތައް ހިއްޕަވައިގެން އަހަށް އަރާ ވަޑައިގެންނެވިއެވެ. ހަލަބާއި ދިމާލަށް ބާރަށް ދަތުރުކުރަމުން ދިޔައިރު ބިންގަނޑު ފަށްޖަހަމުން ދިޔަފަދައެވެ.

***

ހަނދުވަރުގެ ރިހި އަލިން މުޅި ވާދީ އޮތީ ދިއްލާލާފައެވެ. ކައުބުއާއި މުޖާހިދުން ވަރުބަލިކަމާއެކުގައިވެސް ކަނޑިން ދޫކޮށްނުލާ ހިތްވަރުކުރަމުން ދިޔައީ ޝަހީދުވުން މޮޅުކަމަށް ދެކެގެންނެވެ. އޭރު މުޅި ވާދީގެ ހިމޭންކަން ކަނޑުވާލާފައިވަނީ ކަނޑިތައް އެކަނި އަނެކައްޗާއި ޖެހޭ ތޫނު އަޑާއި ޒަޚަމްވަމުންދާ މީހުންގެ ރުއިމުގެ އަޑުންނެނެވެ. ދޭތެރެއަކުން ﷲއަކްބަރުގެ ހިތްގައިމު އަޑު ޖައްވުގެ ތެރެއަށް އަރައިގެން ދެއެވެ. ޔޫގަންނާ އޭނަގެ ލަޝްކަރު ފެންގަނޑާއި ދިމާލުން ތަންކޮޅެއް ފަހަތަށް ޖައްސާލާފައި ވަރުގަދައަށް ހަމަލާދޭން އަމުރުކުރެއްވިއެވެ. ރޫމީންވެސް ފުރާނަ އަތްމައްޗަށް ލައިގެން ބިރު ކުޑަކަމާއެކު ހަމަލާދީފިއެވެ.

ކައުބު ގަންސްރިންގެ މަގާއި ދިމާލަށް އެތައް ފަހަރަކު ނަޒަރު ހިންގަވާލެއްވީ މުސްލިމުންގެ ދިދަތަކުގެ ނިޝާނެއް ފެނުމުގެ އުއްމީދުގައެވެ. ނަމާދުކުރުމެއް ކެއުމެއް ބުއިމެއްނެތި ހަގުރާމައިގާ ދެވަނަ ދުވަހަކަށް މިދަނީ އަލިވިލެމުންނެވެ. ކައުބުއަށް މުޖާހިދުންގެ ބާރު ކޮންމެވެސް ވަރަކަށް ބަލިވާތަން ފެނި އަސަރާއެކު ދުޢާކުރެއްވީ މަދަދު ދެއްވުން އެދިއެވެ.

އެންމެ ފޯރިގަދަވި ވަގުތު ޔޫގަންނާއާއި އޭނަގެ ކޮމާންޑަރުން މަޑުކޮށްގެން ތިބި ހިސާބަށް ލަޝްކަރު ފަޅާލާފައި ހަގުރާމަވެރިއަކު ވަދެގެން އައެވެ.

"މާތް ސާހިބާ. ހަލަބުގެ އަހުލުވެރިންގެ ކަންތައް މަނިކުފާނަށް އެއްވެސް ވަރަކަށް އެނގިވަޑައިގަންނަވާތޯ؟އެތާގެ ބަޔަކު މުސްލިމުންނާއި ސުލްހަވެއްޖެ.."

ޔޫގަންނާގެ މޫނުމަތިން ހައިރާންކަމާއި ކަންބޮޑުވުން ފައުޅުވެގެން ދިޔައެވެ.

"ކަލެއަށް ތިކަން އެނގުނީ ކިހިނެއްތަ؟ "

"އަޅުގަނޑު މިއައީ އަރަބިންނާއި ސުލްހަވީ މީހުންނާއި ވާހަކަދައްކާފައި. އަޅުގަނޑު އެންމެ ބިރުގަންނަނީ އެމީހުން ހަލަބުގެ ތެރެއަށް ވަންނަން ހުރި ސިއްރު މަގު ދައްކާފާނެތީ...އެއީ އަދި މަނިކުފާނުވެސް ދެނެވަޑައިގަންނަވާ މަގެއްހެން ހިޔެއްނުވޭ."

ޔޫގަންނާ އޭނަގެ ކޮމާންޑަރުންނާއި މަޝްވަރާކުރަން ފެށީ ދެން ހަދާނެ ގޮތަކާއިމެދުގައެވެ. ބާޣީއިންނާއިމެދު ކަންތައްކުރަންވީ ގޮތަކާއި މެދުގައެވެ.

އޭރުވެސް މުސްލިމުން އަތްފައި ލޮޑުވެ ވަރު ހުއްޓެމުންދިޔައިރުވެސް އަޖައިބުވާފަދަ ހިތްވަރަކާއެކު ހަގުރާމައިގެ މައިދާނުގައި ސާބިތުވެ ތިބެ ރޫމީން ކޮށާތިރިކުރަމުން ދިޔައެވެ. ކުއްލިއަކަށް ރޫމީންގެ ލަޝްކަރާއި ދިމާލުން ހަޅޭކުގެ އަޑު އިވެންފެށުމުން އެންމެނަށް ހީކުރެވުނީ ލަޝްކަރަށް މަދަދުދޭން އިތުރު ބަޔަކު އައީކަމުގައެވެ. މުސްލިމުން އެންމެ ފަހު ވަގުތުވެސް މާތްﷲއަށް ދުޢާކުރަމުން ތަކުބީރު ކިޔަމުން ރޫމީންނަށް ހަމަލާ ދިނެވެ. ރޫމީންގެ ޝެހެންޝާހު ގެ އާ ލަޝްކަރެއް އައީކަމުގައި ހީކުރެވި ކައުބު އެވަގުތު ކިޔަމުން ދިޔައީ މިފަދަ ވަގުތެއްގައި ކިޔަން ވާ ދުއާއެކެވެ. ކައުބު ދުޢާ ނިންމިތަނާހެން ފެނުނީ ކުއްލިއަކަށް ރޫމީންގެ ލަޝްކަރު އަޅާ އިތިކޮށް ދުއްވައިގަތެވެ. ކައުބުއަށް ހީފުޅުވީ އެމީހުން ވަގުތުން އެތަނުން ވިއްސިވިހާލިގެން ދިޔުމަށް އުޑުން އެންގެވުނުހެންނެވެ. ނޫނީ ބަދުރު ހަގުރާމައިގާ ފަދައިން މަލާއިކަތުން އުޑުން ފައިބާ ވަޑައިގެންނެވީކަމުގައެެވެ. ނަމަވެސް އެއިން ބޭކަލެއްގެ އެއްވެސް ނިޝާނެއް ފެނުނީއެއް ނޫނެވެ.

ކައުބުއަށް ލިބުނު ހިތްވަރުގައި ރޫމީން ފަހާ އެކަލޭގެފާނު އެކަނިމާ އެކަނި އަސްދުއްވައިލެއްވިއެވެ. މުޖާހިދުންތަކަށް އެމަންޒަރު ފެނިގެން އެކަލޭގެފާނަށް ގޮވާލެއްވިއެވެ.

"ކަލޭގެފާނަށް ކުރެވުނުވަރުން އަދިވެސް ހިތްޕުޅު ހަމަޖެހި ވަޑައިނުގަންނަވަނީތޯ؟ހިތްޕުޅު ހަމަޖައްސަވާލައްވައިގެން އަރާމުކުރައްވާ. އަޅުގަނޑުމެންވެސް ލޮޑުވެ އަރާމުކޮށް ނަމާދުކޮށްލަން ބޭނުންވެފައި މިތިބީ. އަސްތައްވެސް އަރާމުކޮށް ވިނަކާން ބޭނުންވާނެ. އެމީހުން އަނބުރާ ދިޔައީ މާތްﷲގެ މިންވަރުފުޅުން."

މުސްލިމުން އެންމެ ފުރަތަމަ ވުޟޫކުރުމަށްފަހު ނަމާދުކޮށްގެން ކައިބޮއި ހަދައިގެން އަރާމުކުރަން ޖައްސާލައިފިއެވެ. މުސްލިމުންގެ ލަޝްކަރު ގަސްތަކުގެ ހިޔަލުގައި ނިދަންތިބިއިރު ފޯރިމެރުމުގައި އެކަކު ހުއްޓެވެ. ޚާލިދުގެ ލަޝްކަރުގެ ދިދަ ފެނިފައި ފުރަތަމަ އޭނައަކަށް ނޭގުނެވެ.

"އޭ މާތްﷲގެ ދީން ހިމާޔަތްކުރާ މުޖާހިދުންނޭ. ހަތިޔާރުނަގާ." އޭނަ ހަޅޭއްލަވައިގަތް އަޑަށް އެންމެން ނިދިން ހޭލާފައި ހަތިޔާރުތަކުގައި ހިފީ ސިންގާތަކެއްހެންނެވެ. އަދި އަހަށް ސަވާރުވެގެން ކުރިމަތިން އަންނަ ލަޝްކަރާއި ދިމާލަށް ދަތުރުކުރަން ފަށާފައި އެއީ ކޮންބަޔެއްކަން އެނގުމުން އުފާވެރިކަން ލިބުނެވެ.

"ޔާﷲ. މިއީ މުސްލިމުންގެ ދިދަ. މިއަންނަނީ މުސްލިމުން. އަޅުގަނޑުމެންގެ ލަޝްކަރު...."

ޚާލިދު ވަޑައިގަތްތަނާ މާގިނައިރުތަކެއްނުވެ އަބޫއުބައިދާވެސް އެ ލަޝްކަރާއި ބައްދަލުކުރެއްވިއެވެ. އެކަކު އަނެކަކާއި ސަލާމްކުރައްވާ ހާލު އޮޅުންފިލުއްވުމުގައި ވަގުތުތަކެއް ހޭދަކުރެވުނެވެ. ކައުބު ފެނުމުން އަބޫއުބައިދާ މާތްﷲއަށް ހަމްދުކުރެއްވިއެވެ. ނަމަވެސް ހަގުރާމައިގާ ޝަހީދުވެ ބިންމައްޗަށް އުކިފައިވާ ހަށިތައް ފެނުމުން އުފާވެރިކަން މޮޅިވެރިކަމަށް ބަދަލުވުމާއެކު އެންމެންގެ ލޯތައް ފެންކަޅިވިއެވެ.

އަބޫއުބައިދާ ކަންތައްވީ ގޮތް އެއްސެވުމުން ކައުބު ކުރުގޮތަކަށް ކިޔާދިނެވެ. ސަތޭކަ ހަތްދިހަ މުޖާހިދުން ޝަހީދުވީއިރު ރޫމީންގެ ހާހަކަށްވުރެ ގިނަމީހުން ގަތުލުވެގެން ދިޔަކަމުގައިވިއެވެ.

"އަޅުގަނޑު ޝަހީދުވެގެން ދިޔަނަމަ. އަޅުގަނޑުގެ ދިދައިގެ ދަށުގައި މިހާ ގިނަ މުޖާހިދުން ޝަހީދުނުވިނަމަ. ނަމަވެސް ހުރިހާ ސަބަބުތައް މެދުވެރިކުރައްވާ ފަރާތް އަޅުތަކުންނަށް ފުދޭ..."

އަބޫއުބައިދާގެ އަމުރުފުޅަށް ހުރިހާ ޝަހީދުންގެ ހަށިތައް ނަގައިގެން ގެނެސް އެއްފަރާތުގައި އަތުރައިލިއިރު ހަށިތަކުން ތާޒާ ލޭ އޮހި އޮހި ހުއްޓެވެ. ޝަހީދުން ހިނެވުމެއް ނޯންނާނެތީ ހަތިޔާރުތަކާއެކު ވަޅުލިއެވެ. އެއަށްފަހު ކަށުނަމާދުކުރެއްވިއެވެ. އަބޫއުބައިދާ ވިދާޅުވިއެވެ.

"ރަސޫލާ ސައްލައްﷲއަލައިހި ވަސައްލަމު ހަދީސްކުރެއްވި އަޑު އަޅުގަނޑު އެހިން. ގިޔާމަތްދުވަހުގައި މާތްﷲގެ މަގުގައި ހަގުރާމަކޮށް ޝަހީދުވާ މުޖާހިދުން މާތްﷲގެ ހަޟުރަތަށް ހާޟިރުވާނީ ހަށިތަކުން ލޭ އޮހޮރެމުންދާ ހާލުގައި. ލޭގައި ދުވާނީ ގޮމަކަސްތޫރީގެ މީރުވަސް. ސުވަރުގެއަށް ޝަހީދުން ވަންނައިރު އެހަށިތަކަށް އަލިއެޅި ވިދާބަބުޅާނެ......"

ދެން އެކަލޭގެފާނު ޚާލިދު ޒިރާރު ކައުބު އަދި ޝުރަހްބީލްއަށް ނަޒަރު ހިންގަވާލެއްވިއެވެ.

"މާތްﷲގެ ދުޝްމިން ހަގުރާމައިގާ ބަލިވީމަ ހަލަބަށްގޮސް އެމީހުން ސުލްހަވީކަން އެނގި އެކަމުގެ ސަޒާދީ އަނިޔާކުރާނެކަން ޔަގީން. އެހެންވީމަ އަޅުގަނޑުމެން މިހާރު އެމީހުންނަށް ހިމާޔަތްދޭން ޖެހޭނެ. އެކަމަކު ކަލޭމެންގެ ލަޝްކަރު ހަގުރާމައިގެ ސަބަބުން ވަރުބަލިވެ އަރާމުކުރަން ބޭނުންވާނެ. އަރާމުކުރުމަށްފަހު ފުރާ. އަޅުގަނޑު ހަމަ މިހާރު ހަލަބުގެ އަހުލުވެރިންނަށް އެހީވާން ދަތުރު މިފަށަނީ.."

"ނޫން. އަޅުގަނޑުމެން ހަގުރާމައިގެ ވަގުތު އަރާމުކުރާކަށް ބޭނުމެއްނޫން.." ކައުބު ވިދާޅުވިއެވެ.

"އެހެންވިއްޔާ ދަތުރަށް ތައްޔާރުވޭ."

ލަޝްކަރުގެ އެންމެން ދާދިއަވަހަށް ފުރަން ތައްޔާރުވެ އިސާހިތަކު މުޅި ލަޝްކަރު އެއްކޮށް ހަލަބާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ.

***

އިޝްގީ ލޯތްބަކީ ބައެއްފަހަރު އިންސާނާ ހިތާމައާއި ހަސަދަވެރިކަން ފަދަ އުދަގޫދެނިވި ޖަޒުބާތުތައްކަށް ގަންބާލާ އިހުސާސެެވެ. ހިތުގައި އެ ލައްވާ ވަރުގަދަ އިހުސާސްއަކަށް އަމިއްލަ ބާރެއް ފޯރުވޭކަމަކަށްވެސް ނުވެއެވެ. ރަސްކަލެއްގެ ދަރިކަނބަލަކަށްވެ ހުރިހާ ނިއުމަތެއް ލިބުމަށްފަހު އުފަލާއެކު ދިރިއުޅެމުން އައި ލޫސީއަށްވެސް ލޯބީގެ އިހުސާސްތަކުގައި އޮޔާލާ ލޯބީގެ މަންޒިލަކާއި ހަމަޔަށް ދިޔުމުން ލިބުނު އުފާތައް ފޮހެވުނީ އޭނަގެ ބަދުނަސީބުކަމުންނެވެ. ލާވަންއާއި ބައްދަލުވުމުން ހިތާމަތައް ނިމޭނެކަން ހީކުރިޔަސް އެއީ އަދި ހަގީގަތުގައި ހިތާމައިގެ ފެށުމެވެ. އެއްވެސް ކަމަކުން ހިތަށް އުފަލެއް ނުލިބެއެވެ. ނިދުމާއި ކެއުމާއި ކުޅިވަރަކީ އޭނައަށް ބީރައްޓެހި އެއްޗެކެވެ. މަރިޔަމްއަކީ އެންމެ ގާތް އޭނަގެ ހުރިހާ ސިއްރުތައް އެނގޭ އެކުވެރިޔާއަށް ވިޔަސް މިހާރު އެހިތް މަރިޔަމްއަށް ހެވެއްނޫނެވެ. މަރިޔަމްއާއި ރުހޭކަމަށް ލާވަން ބުނުމުގެ އިތުރުން ލާވަންއާއި މަރިޔަމްއާއި ބެހޭގޮތުން އިވިފައި ހުރި ވާހަކަތައް އޭނަގެ ހިތް ކުދިކުދިކުރަނީއެވެ.

މަރިޔަމްގެ ފަރާތުން ހުރިހާ އެއްޗެއް އަހަންވެގެން އޭނަ ގެންނަންވެގެން ޚާދިމާއެއް ފޮނުވީވެސް ހިތަށް ކެތްނުކުރެވިގެންނެވެ.

ޚާދިމާ އައިސްފާ ބުނީ މަރިޔަމް އޮތީ ގަދަ ހުމެއްގައި ބަލިވެކަމަށެވެ.

"ކަލޭ އޭނައާއި ބައްދަލުވިތަ؟ ދެކުނިންތަ؟ "ލޫސީއަށް ޝައްކުވިއެވެ.

"ނޫން. އަޅުގަނޑާއި ދިމާވީ މަރިޔަމްގެ ބޮޑުދައިތަ. އޭނަ އެގޮތަށް ދެންނެވީ.." ޚާދިމާ ކަންބޮޑުވިއެވެ.

"އަދި މާދަން ދާންވާނެ. މޭވާ ކޮޅަކާއި ކާނެ އެއްޗެއް ތައްޔާރުކޮށްލައިގެން ދައްޗޭ..." ލޫސީ ބުނެލިއެވެ. ޚާދިމާ ދިޔުމުން ލޫސީ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތްގޮތަށް ތަފާތު ޚިޔާލުތަކަށް ޣަރަގުވެފައި އޮތެވެ،

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ލޫސީވެސް ތެދުވެ ނާސްތާކޮށްލުމަށްފަހު ކޮޓަރިއަށް ވަންއިރު ނިންމައިގެން ހުރީ މަރިޔަމްގެ ހާލު ބަލައިލަން ޚާދިމާއާއެކު ދިޔުމަށެވެ. ހަގީގަތްއޮޅުން ނުފިލާ ގިނަދުވަސްވާނަމަ އޭނަ މޮޔަވެދާނެއެވެ.

"މަރިޔަމް ހުން އައީ ކަމަކަށް ނުވާނެ. ލާވަންއާއި ދެމީހުން އެކީ އުޅެން ހަދައިގެން އެހެން ކަމަކަށް ވަގުތެއް ނުވީކަން ނޭގޭ. އެ ބޭވަފާތެރި އަންހެނާއާއި ބައްދަލުކުރާނެ ކަމެއްނެތް. އަހަންނަށް ހެދުނު ގޯހަކީ ލޯބީގެ ސިއްރުތައް އޭނަ ގާތު ހާމަކުުރެވުނުކަން. އެއީ އެކަހަލަ މީހެއްކަމަކަށް އަހަރެން ހިޔެއް ނުކުރަން. އެކަމަކު މަރިޔަމްގެ ކުށެއްވެސް ނެތް. ކުށްވެރިޔަކީ ލާވަން. އޭނަ މަރިޔަމްއަށް މާ ދިނީ. މަރިޔަމްއާއި ރުހޭ ވާހަކަ ބުނީ. އަހަންނަށް އޮޅުނީ. އެކަމަކު ލާވަން އަހަރެންދެކެ ލޯބިވާކަމުގައި އެއްބަސްވި. ބޭވަފާތެރިއަކީ ލާވަން.....އާހް ހިތާމަހުރި. މިހިތާމަތައް ފިލާނީ ކިހިނެއްތަ؟ " ލޫސީގެ ލޮލުން އޮހިގަތް ކަރުނަތައް ފަށުވި ރުމާލުން ފޮހުނުވަރަކަށް ވީ ގިނައެވެ. އޭނަގެ ނޭފަތުކުރިއާއެކު ރަތްވެ ދެލޯ ދުޅަވެއްޖެއެވެ.

ހިތާމައިގެ ކޮޅެއްނެތް ހިތާމައިގާ އިންދާ ކޮޓަރީގެ ފަރުދާ ހިއްލާލާފައި އެތެރެއަށް ވެދެވަޑަައިގެންނެވީ އޭނަގެ ބޮޑުބޭބެ ޔޫހަންނާއެވެ. ލޫސީ އަދަބުއަދާކުރަން ތެދުވެއްޖެއެވެ. ޔޫހަންނާ އަށް ލޫސީގެ ލޮލުގައިވާ ކަރުނަތައް ފެނި ކަންބޮޑުވުމާއެކު އިސްތަށިގަނޑުގައި ފިރުމާލެއްވިއެވެ.

"ލޯބިވާ ދަރިފުޅާ. ކިހިނެއްވީ؟ ރޮނީ ކީއްވެތަ؟ "

"ބޮޑުބޭބެ އަޅުގަނޑު މަރުވުމަށް އެދި ދުޢާކޮށްދެއްވާ. އަޅުގަނޑު ދުނިޔޭގައި ހުންނަން ފޫހިވެއްޖެ....." ލޫސީގެ ދެލޯ އަނެއްކާ ކަރުނުން ފުރިއްޖެއެވެ.

ޔޫހަންނާ އެނދުގައި އިށީދެ ވަޑައިގެންފާ ލޫސީ ގެނެސް ގާތުގައި ބޭންދެވިއެވެ. އަމިއްލަ ދަރިއަކު ނެތުމުން ބޭބޭފުޅުގެ ދަރިންނަށް އެހިތުގައި އާދަޔާ ޚިލާފު ލޯތްބެއް ވެއެވެ. ޚާއްސަކޮށް ލޫސީއަށެވެ.

"ލޫސީ. ކިހިނެއްވީ؟ ތިޔަ ހިތާމައިގެ އަސްލަކީ ކޮބާތަ؟ ބޭބެއާއި ބައްޕާފުޅު ނެތުމުގެ ސަބަބުން ލިބިފައިވާ ހިތާމައިގެ އިތުރުން އެހެން ކަމަކާއި ކަންބޮޑުވެ ފިކުރުކުރާކަން އެނގޭ. ތިގޮތަށް ރޯތަން ފެނުނީމަ ބޮޑުބޭބެެގެ ހިތްވެސް ހަލާކުވާވަރު އެބަވޭ. ބޮޑުބޭބެއަށް އިތުބާރުކުރޭ. ތި ހިތާމަކުރާ ސަބަބެއް ބުނެދީ. އޭރުން އެހީއެއްވެސް ވެވިދާނެ.."

"ކަރުނައަކީ އަޅުގަނޑުގެ ނަސީބުގައިވާ ލިޔުއްވާފައިވާ އެއްޗެއް. ދުވަހަކު މި ހިތާމައަށް ނިމުމެއް އަންނާނެހެން ހިޔެއްނުވޭ. ކްރައިސްޓްގެ ސަބަބުން އަޅުގަނޑު އުޅުނީ ވަރަށް އުފަލުން. ނަމަވެސް މިހާރު ބޭނުންވަނީ ހަމައެކަނި ރުއިން...." ލޫސީ ރުމާލުން ކޯތާފަތް ފޮހެލިއެވެ.

"އަނެއްކާ މަރިޔަމްއާއި ދެކުދިން މައްސަލަ ޖެހުނީތަ؟ އޭނަވެސް މިހާރު ގަނޑުވަރަކަށް ނާދޭ. ދެކުދިން ރުޅިވީތަ؟ " ޔޫހަންނާ އެއްސެވިއެވެ.

މަރިޔަމްގެ ނަން އިވުމުން ލޫސީގެ މޫނުގެ ކުލަވަރު ބަދަލުވެ ތުންފިތާލެވިއްޖެއެވެ.

"ޝެހެޒާދާ ލާވަންގެ އަރިއަހުން ފުރުސަތެއް ނުލިބިގެން ނާދެވެނީ.." ލޫސީއަށް ބުނެވުނެވެ.

"ދަރިފުޅުގެ ހިތް މަރިޔަމްގެ މައްޗަށް ނުބައިވީތާ. މިހާރު އެނގިއްޖެ. އެކަމަކު ދުވަހަކުވެސް ލާވަންއާއިއެކު މަރިޔަމް ހުއްޓާ ނުދެކެން. ފައްޅިއަށް މަރިޔަމް އައީމަ ބޮޑުބޭބެ އޮޅުން ފިލުވާނަން.." ޔޫހަންނާގެ ޖުމްލައިން ލޫސީ ކަންބޮޑުވެފައި އަތުގައި ހިފައިލިއެވެ.

"ނޫން ބޮޑުބޭބެ. އޭނަ ކައިރީގައި އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަވާ.." ލޫސީ ބޯ ހޫރައިލިއެވެ.

"އެންމެ ރަގަޅުދަރިފުޅާ. ކަލެއަށް ފެންނަގޮތެއް. މިއަދު ލޫސީއާއި ބައްދަލުކުރަން މިއައީ ހިތް ނުތަނަވަސްވާތީ. އެކަމަކު ދަރިފުޅު ތިވަނީ މާ ބޮޑުހިތާމައެއްގައި. ދެން ކިހިނެއް ބޮޑުބޭބެގެ ކަންބޮޑުންތައް ހިއްސާކުރެވޭނީ." ޔޫހަންނާ ވިދާޅުވިއެވެ.

"ބޮޑުބޭބެ. ބޮޑުބޭބެ ފެނުމުން އަޅުގަނޑު މިހާރު ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިއްޖެ. ބޮޑުބޭބެގެ ހިތްޕުޅު ނުތަނަވަސްވަނީ ހަގުރާމައާއި ހެދިތޯ؟ "

"އެކަމާވެސް ގުޅުމެއް އެބަހުރި. ރޭގަ ބިރުވެރި ހުވަފެނެއް ފެނިއްޖެ. ހުޅަގުން އަރައިގެން އައި ބޮޑު ފެންގަނޑެއް ހަލަބުގެ ތެރެއަށް އަރައިގަތީ. އެންމެންވެސް އެ ފެންގަނޑު ވަނަނުދޭން މަސައްކަތްކުރި. ނަމަވެސް ތޫފާނެއް ފަދައިން މުޅި ރަށުގައި ފެންބޮޑުވެ އަންހެނުންނާއި ކުޑަކުދިން ރޮއެ ހަޅޭއްލަވާ ކޮޅުކޮޅަށް ދުވެ އެތައް ބަޔަކު ގެނބުނު. އޭރު ރަސްގެފާނު ހުންނެވި އުސް ހިލަގަނޑެއްގެ މަތީގައި. ވަރަށް ކަންބޮޑުވެފައި ހުންނެވީ. އެތަނަށް އަރަން މަސައްކަތްކުރާ މީހުން ކޮށްޕާ ފެންގަނޑަށް ގަންނަވާލީ. އިރުކޮޅަކުން ފެންގަނޑު ލޭގެ ކުލަ ޖެހިއްޖެ. ބޮޑުބޭބެވެސް މީހުން ސަލާމަތްކުރަން މަސައްކަތްފެށުމުން ރަސްގެފާނު ހެއްދެވި ގޮތަކީ ކޮށްޕާ ފެންގަޑަށް ލީ. އޭރު ހުރިހާތަނެއްވީ ރަތްކުލަ އަރާފައި. އެހިސާބުން ހޭލެވުނުއިރު ފިނިދަލެއް ހިއްލާ ބިރުން ރޫރޫ އަޅާ. އެހުވަފެން ފެނުނުފަހުން ނުތަނަވަސްކަމެއްގެ ތެރޭ ގައި މިހުރެވެނީ. ކޮންމެވެސް ނުބަޔެއް ވާން އެބައުޅޭ..." ޔޫހަންނާ އޭނަގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ހިއްސާކުރެއްވިއެވެ.

"ބޮޑުބޭބޭފުޅާ. މިދުވަސްވަރު މުޅި ޝާމުކަރައިގާ މިއޮތީ ލޭއޮހޮރުވުން. މުސްލިމުން ހަގުރާމައިގެ އަލިފާން ރޯކޮށްލައިފި. އެހެންވެ އެ ޚިޔާލުތަކުން ސިކުނޑިތައް ފުރިފައިވަނީ. ނިދީގައި އެކަހަލަ ހުވަފެންތައް ފެންނަ ސަބަބަކީ އެއީ ކަމަށްވެދާނެ. އަޅުގަނޑަށްވެސް އެކަހަލަ ހުވަފެންތަކެއް ފެނިގެން ބޭބެއަށްވެސް ދެންނެވިން. އެހެންވީމަ ބޮޑުބޭބޭފުޅުވެސް ހިތްޕުޅު ހަމަޖައްސަވައިގެން ހުންނަވާ..." ލޫސީ ހިނިތުންވެލިއެވެ.

"ނޫން ދަރިފުޅާ. ބޮޑުބޭބެގެ މަރުގެ ވަގުތު އެބަޖެހޭކަމުގައި ހިތް ބުނޭ. މިކަހަލަ ހުވަފެނެއް އަދި ދުވަހަކުވެސް ނުދެކެން.." ޔޫހަންނާ ވިދާޅުވިއެވެ.

"ކްރައިސްޓް އެގޮތަށް އިރާދަ ނުކުރައްވާށި. ހަގުރާމައިގާ މަރުވާނީ ސިފައިން. ބޮޑުބޭބޭފުޅަކީ ފާދިިރީއެއް. ވީމަ ބޮޑުބޭބޭފުޅު ސަލާމަތުން ހުންނަވާނެ." ލޫސީ ޔޫހަންނާއަށް ބަލައިލީ ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުންނެވެ. އަބަދުވެސް އޭނައަށް އެންމެ ޚާއްސަ އެކަކީ ބޮޑުބޭބެއެވެ. ބައްޕާފުޅަށްވުރެވެސް ގާތްކޮށް އުޅެވޭ ފަރާތަކީ މިއީއެވެ.

"ދިމާވާން އުޅެނީ ކޮންފަދަ ބޮޑު މުސީބާތަކާއި ކަމެއް ނޭގޭ. ދުނިޔެއިން އެންމެ ލޯބިވާ ދަރިއަކީ ތިއީ. މިއަދު ދަރިފުޅާއި ވަކިވާކަށް ހިތެއް ނުރުހޭ.."

"އެއީ އަޅުގަނޑުގެ ހެޔޮ ނަސީބު.އަޅުގަނޑުވެސް އެންމެ އުފާވަނީ ބޮޑުބޭބެ އަޅުގަނޑާއި ވަކިނުވެ ފެންނަން ހުރިއްޔާ..."

ދެބޭފުޅުން ވާހަކައިގާ ތިއްބާ ފަރިއްކޮޅު ތައްޔާރުވީ ވާހަކަ ޚާދިމާއަކު ބުނުމުން ޔޫހަންނާ އެދުނީ ކޮޓަރިއަށް ކާން ގެނައުމަށެވެ.

"މިއަދު ކާން ބޭނުންވަނީ ލޫސީއާއެކު. ދެން ދަރިފުޅު ގާތުން އަދިވެސް ކުރަން ބޭނުމީ އެންމެ ސުވާލެއް. ހިތަށް ލިބިގެން އުޅޭ ހިތާމައިގެ އަސްލަކީ ކޮބާ؟

"އަޅުގަނޑަކަށްވެސް ނޭގޭ. އަޅުގަނޑުގެ ބަލިކަށިހިތަށް ވެގެން އުޅެނީ ކީއްކަން ނޭގި އަމިއްލަ ނަފުސާއި ސުވާލުކުރެވޭ. ހިތުގެ ހަމަޖެހުން ނަގާލައިފި. އަބަދު ހާސްކަމެއްގެ ތެރޭ ހުރެވެނީ..."

"ތިހެން ދިމާވަނީ އާއްމުކޮށް ލޯބީގެ ސަބަބުން.." ޔޫހަންނާ ހިނިތުންވެލެއްވިއެވެ.

"ބޮޑުބޭބޭފުޅާ. ޝެހެޒާދާ ލާވަންއަކީ ކޮންކަހަލަ ބޭފުޅެއްތޯ؟"

"އެއީ ވަރަށް ހިތްވަރުގަދަ ރަގަޅު ޒުވާނެއް. މަޑުމައިތިރި ރަގަޅު އަޚުލާގެއްގެ ވެރިއެއް. އެކަމަކު އެވާހަކަ އޮޅުން ފިލުވީ ކީއްވެތަ؟ " ޔޫހަންނާ އެއްސެވިއެވެ.

"ހަމަ އަހާލީ.." ލޫސީގެ މޫނަށް ކުޑަ ރަތްކަމެއްވެރިވިއެވެ.

"އެނގިއްޖެ. ދަރިފުޅު ނުބުންޏަސް ހުރިހާކަމެއް ވިސްނިއްޖެ. މިދިޔަ އީދުގައި ކަލޭމެން ދެކުދިން ފެނުނީމަ ތަފާތު ގުޅުމެއް އޮތްކަމަށް އެދުވަހުވެސް ޝައްކުވި. އެއީ މާތް ޚާންދާނެއްގެ މާތް ރަސްދަރިކަލެއް. އަދި އެހާ ރީތި. ކަލޭގެ ހޮވުން ހަމަ ވަރަށް ރަގަޅު. ބޮޑުބޭބެ ވަރަށް ރުހި ގަބޫލުވާކަމެއް.." ޔޫހަންނާ އުފާފުޅުވީކަން މޫނަށް ބަލައިލުމުން އެނގުނެވެ.

"އަޅުގަނޑު މޮޔަކަމުން ހުރިހާ ވާހަކައެއް މި ބުނެވުނީ.." ލޫސީ ލަދުގަތެވެ.

"ލޯތްބަކީ ސިއްރުވެފައި އޮންނަ އެއްޗެއްނޫން ދަރިފުޅާ. އެއީ ފާފައެއްވެސް ނޫން. ތެދުވެރި ލޯތްބަކީ ސާފުތާހިރު ޖަޒުބާތެއް." ޔޫހަންނާ ވިދާޅުވިއެވެ. އިރުކޮޅެއްނުވަނީސް ދެ ޚާދިމާއިން ފަރިއްކޮޅު ގެނެސް މޭޒުމަތީ އަތުރާލައިފިއެވެ. އެބޭފުޅުން ކައިރީގައި ހުރި ގޮނޑީގައި އިށީނުމުން ޚާދިމާއިން ފަންކާއިން ވިހެދޭން ފަހަތުގައި ހުއްޓިލައިގެން ތިއްބެވެ. ފަރިއްކޮޅު ނިމުމުން އެކުދިން ތަށިތައް ނަގައިގެން ދިޔުމުން ދެބޭފުޅުން އެކަނިވެރިވިއެވެ. ޔޫހަންނާގެ ހިތުގެ އަޑު ދެވަނަފަހަރަސް ހިއްސާކުރެއްވިއެވެ.

"ދަރިފުޅާ، މިއީ ކަލެއާއެކު އެންމެ ފަހު ފަހަރަށް ކެވޭނެ ދުވަސްކަން ނޭގޭ."

"ބޮޑުބޭބޭފުޅު މިއަދު ތިދައްކަވަނީ ހާދަ ހިތާމަވެރި ވާހަކަތަކޭ. އިރާދަކުރެއްވިއްޔާ އެކަހަލަ ގޮތެއް ދިމާނުވާނެ. އަޅުގަނޑުގެ ހުރިހާ ހިތާމައެއް ހިއްސާކުރާ އެންމެ ގާތް މީހަކީ ތިއީ. އެންމެ ލޯބިވާ ބޮޑުބޭބެއަށް ކަމެއް ވެއްޖެއްޔާ އަޅުގަނޑު ދުނިޔޭގައި ހުންނާނީ ކޮންފަދައަކުން. ތިގޮތަށް ވާހަކަފުޅު ދެއްކެވީމަ ހިތް ހަލާކު އެބަވޭ........"ލޫސީގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"ބޮޑުބޭބެގެ ސިއްހަތު ރަގަޅު. ބައްޔެއްވީއެއް ނޫން. ކުއްލިއަކަށް މަރުގެ އިންޒާރު ލިބެންވީ ސަބަބެއް ނޭގޭ. މިއަދުގެ ފަހުން ދުނިޔޭގައި ހުންނާނެކަމެއް ނޭގޭ. ކުއްލި މަރަކުން މަރުވެދާނެއޭ ހިތް ބުނަނީ. ހަޔާތުގެ އެންމެ ފަހު ދުވަސްކަމާމެދު ޝައްކެއްނެތް. އެހެންވެއްޖެއްޔާ ކުރަންވީ ވަސިއްޔަތެއް އެބައޮތް.." ޔޫހަންނާ ލޫސީގެ ނިތްކުރިއަށް ބޮސްދިނެވެ.

ލޫސީގެ ލޮލުން ކަރުނަ އޮހިގަތެވެ.

"ބޮޑުބޭބޭފުޅު އަވަހާރަވާންވީ ސަބަބަކީ ކޮބާ؟ އިރާދަކުރެއްވިއްޔާ އެތައް އަހަރެއްވާންދެން ދުނިޔޭގައި ހުންނާނެ........" ލޫސީ ރޮމުން ބުނެލިގޮތުން ޔޫހަންނާގެ ލޯވެސް ކަރުނުން ތެމުނެވެ.

"އަޖަލުޖެހުނީމަ ކޮންމެ ފުރާނައެއްވެސް ހަށިގަނޑާ ވަކިވާނެ ދަރިފުޅާ. އެންމެ ދެރަވަނީ ދަރިފުޅާ ވަކިވާންޖެހޭތީ. ހިތާމަ ނުކުރައްޗޭ. ނުރޯތި.." ޔޫހަންނާ ލޫސީގެ ކޯތާފަތުން ކަރުން ފޮހެދިނެވެ.

"މާތްރަސްކަލާނގެއަށްޓަކާ ތިކަހަލަ ހިތާމަވެރި ވާހަކަ ނުދައްކަވާ. އަޅުގަނޑު ދެރަ ނުކުރައްވާ. ހުރިހާ ހިތާމައަކަށް ކެތްނުކުރެވޭނެ. ހިތާމަައިގާ ވަނިކޮށް ބޮޑުބޭބެ އިތުރަށް ތި ދެރަކޮށްލަނީ........." ލޫސީ ޔޫހަންނާއަށް ބަލައިލީ ކަރުނުން ފުރިގެންވާ މޮޅިވެރި ނަޒަރަކުންނެވެ.

"ލޯބިވާ ދަރިފުޅާ. ހިތާމަ އިތުރުކުރާކަށް ނޫން. އެކަމަކު ހަގީގަތް ގަބޫލުކުރަންވާނެ. މަރަކަށް ނުފިލޭނެ. އެންމެނަކީ މަރުގެ ރަހަދެކޭނެ ބަޔެއް. ލޯބިވާ ދަރިފުޅާ. މަރުގެ މަލާއިކަތާ ވަރަށް ކައިރިވެއްޖެ. ބޮޑުބޭބެ ދުނިޔެއާއި ވަކިވެއްޖެއްޔާ ކޮންމެދުވަހަކު މަހާނައަށް މާ އަޅާދޭންވާނެ. މިހާރު އަބަދުވެސް ކަލެއަށްޓަކާ ހެޔޮ ދުޢާކުރަން. މިއަދަށްފަހު ބޮޑުބޭބެ ދަރިފުޅުގެ ދުޢާއަށް ބޭނުންވާނެ.."

ޔޫހަންނާގެ އެ ވާހަކަފުޅުން ލޫސީގެ ހިތް ފަޅައިގެންދާވަރުވިއެވެ. ލޫސީ ރޮމުން ޔޫހަންނާގެ ގައިގާ އޮޅުލައިގަތެވެ. "ބޮޑުބޭބޭފުޅު ތިފަދަ ހިތާމަވެރި ވާހަކަދައްކަނީ ކީއްވެ"

"ހާދަ ދެރައޭ. އަހަރެން ނެތުމުން ކަލޭގެ ހިތް ހަމަޖައްސާދޭނީ ކާކުބާ." ޔޫހަންނާގެ ލޯފުޅުންވެސް ކަރުނަ އަންނަމުން ދިޔައެވެ.

"ކެތްކުރޭ ދަރިފުޅާ. އިރާދަކުރެއްވިއްޔާ ދަރިފުޅު އުފަލުގައި ލައްވާށި. އަދި ހުރިހާ އެދުމެއް ފުރިހަމަކޮށްދެއްވާށި......." އެހިސާބަށް ވާހަކަދެއްކުނުއިރު ކިއްލާގެ ބޭރުން ހަޅޭކުގެ އަޑުފަށްގަނޑު އިވެންފެށުމުން ލޫސީ ސިހޭގޮތްވެފައި ޔޫހަންނާގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.

"ހީވަނީ ބޭބެ މުސްލިމުންގެ އަތުން ބަލިވެގެން އައީހެން...." ޔޫހަންނާ ވިދާޅުވީ ހިތާމަވެރި ހިނިތުންވުމަކާއެކުގައެވެ.

"މުސްލިމުންނަށް އަޅުގަނޑުގެ ބައްޕަ ބަލިކުރެެވިދާނެތޯ؟ އެއީ ވާނެކަމެއްނޫންހެން އަޅުގަނޑަށް ހީވަނީ. ބައްޕަ އެނބުރި ވަޑައިގަންނަވާނީ މުސްލިމުންގެ އެންމެން ގަތުލުކުރައްވާފައި ނަސްރު ލިބިގެން............" ލޫސީ ކުރިއަށްވުރެ ބާރަށް ޔޫހަންނާގެ އަތްޕުޅުގައި ހިފީ ދޫކުރަން ބޭނުންނުވާފަދަ ގޮތަކަށެވެ. އޭނަގެ ހިތްވެސް ބިރުގަންނަނީއެވެ.

ނުނިމޭ

ކޮމެންޓް 0