ޟިރާރު ފޭލިގެއިން ނުކުމެވަޑައިގެންނެވީ ނޭޒާއެއް ހިއްޕަވައިގެންނެވެ. ހަމައެކަނި ހަރުވާޅުގައެވެ. ދަހަނާކޮޅެއްވެސް އަޅުއްވާކަށް ބޭނުންފުޅެއްނުވެއެވެ. ފުންމައިގެން އަރާ ވަޑައިގަތީ އޭނަގެ އަސްކޮޅަށެވެ. "އެމީހުންގެ ވެރިކަލޭގެ ބޯ މި ނޭޒާގެ ކުރީގައި ޖަހައިގެންނޫނީ ހިތަށް ހަމަޖެހުމެއް ނުލިބޭނެ...."

ޚާލިދު ހިނިފުޅުވަޑުވައިލެއްވިއެވެ."އަޅުގަނޑުގެ މިކަނޑިން އެކަލޭގެ ބޯ ކަނޑާލީމަ ކަލޭގެފާނު ދެން އޮތް ބައި ފުރިހަމަ ކުރައްވާ...."

"އެންމެ ރަގަޅު. އެކުވެރިކަމަކީ ގަދަފަދަ ބާރެއް ވަކިވެގަތުމަކީ ނިކަމެތިކަމެއް ވީމަ ކަލޭގެފާނާއި އެއްކޮށް އަޅުގަނޑު މިހިރީ ތިކަމުގައި ބައިވެރިވާން. އެކަމަކު ހާދަހާ ވާ ފިނިގަދައޭ. ރަޖާ ނުގެންގޮސް ނުވާނެ..." ޟިރާރު ޚާދިމަކަށް އެންގެވުމުން ކެހެރި ރަޖާއެއް ގެނެސްދިނުމުން ގައިގާ ރަގަޅަށް އޮޅާލެއްވިއެވެ.

ޚާލިދގެ ލަޝްކަރު ދަތުރުފެށިއިރު އެންމެ ކުރީގައި އިންނެވީ ޟިރާރުއެވެ. ނޭޒާ ދިއްކޮށްލައިގެން އިންނެވިގޮތުން ދުޝްމިނަކަށް ހަމަލާދޭން ތައްޔާރަށް އިންނެވިފަދައެވެ. އަސްތައް ބާރަށް ދަތުރުކުރަމުންގޮސް އިސާހިތަކު ލޮލުކޮޅަށް އޮބާލައިފިއެވެ. ދާދިއަވަހަށް މުޖާހިދުންގެ ލަޝްކަރު ހަގުރާމަ ހިނގި މައިދާންއަށް ފޯރައިފިއެވެ. ހަށިތައް މައިދާނަށް އެކި ގޮތްގޮތަށް އުކިފައިވާ މަންޒަރު ބަލައިލުމަކީ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. މުޅި އެހިސާބުގައި އޮތީ މަރުވެފައިވާ މީހުންގެ ހަށިތަކެވެ. އެހިސާބުގެ ވިލެޖްގެ ރޫމީންގެ މީސްކޮޅެއް މަރުވެފައިވާ ހަގުރާމަވެރިން ކައިރީ އިށީދެ ތިބިއިރު މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އެމީހުންނަށް މުސްލިމުންގެ ލަޝްކަރު ފެނުމުން ތެދުވެ އަދަބުވެރިކަމާއެކު ސަލާމް ކުރަންފެށިއެވެ.

ބައެއް މީހުން ބިރުން ދެލޯ ބޮޑުކޮށްގެން ބަލަން ތިބިއިރު އަނެއް ބައިމީހުންގެ ލޮލުން ކަރުނަ އޮހިގެންފިއެވެ. ޚާލިދުއާއި ޟިރާރު އެތަނުން އުމުރުން ދުވަސްވީ މުސްކިުޅި ފިރިހެނަކަށް ގޮވާ ކައިރިއަށް ގެންނެވިއެވެ. އެމީހާ ޚާލިދުގެ ފައިމައްޗަށް ތިރިވާން އުޅުމުން ކޮނޑުގައި ހިފާ ތެދުކޮށްލިއެވެ.

"ކަލޭމެން ކުރީ ވަރަށް ދެރަކަމެއް. އަހަރެމެންގެ ގާފިލާއަށް ހަމަލާދީ ސާމާނު އަތުލައިގަނެ މުޖާހިދުން ޝަހީދުކޮށްލީ. ކީއްވެ ސުލްހަވެފައި އުވާލީ؟ " ޚާލިދު ސުވާލުކުރެއްވިއެވެ.

"މާތް ސާހިބާ. އަޅުގަނޑުމެން މިތިބީ ސުލްހައިގެ އެއްބަސްވުންމަތީ. އަޅުގަނޑުމެންގެ އެއްވެސް ކުށެއްނެތް. މިއީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރިކަމެއްނޫން....." ރޫމީންގެ މީހާ ބުނެލިއެވެ.

"މިހިސާބުގައި އިތުރު ކިއްލާއެއްނެތް. ދެން ކަލޭމެން ހަގުރާމަ ނުކުރަންޏާ ކޮންބަޔަކު މުސްލިމުންނާ ދިމާކުރީ؟ ކޮންބަޔަކު ސާމާނު ފޭރިގަތީ؟ ކަލޭމެން ދޮގުހަދަނީތަ؟" ޟިރާރު ބުމަ ކައިރިކޮށްލެއްވިއެވެ.

"އަޅުގަނޑަށްވެސް އެކަން އެނގޭ. މިހިސާބުގައި ކިިއްލާއެއްނެތް. އަޅުގަނޑުމެންވެސް މިތަނަށް އައީ މިތަނުގައި ހަގުރާމަ ހިނގާ މީހުން މަރުވިކަން އެނގިގެން. އަޅުގަނޑުމެން އެކަން ހިނގިގޮތް އޮޅުން ފިލުވަން މަސައްކަތް ކުރިން. މިއީ ހަލަބުގެ ކިއްލާއިން ޔޫގަންނާ ފޮނުއްވި ލަޝްކަރުކަމާއި ކޮމާންޑަރަކަށް ގައިދަމޫން ކިޔާ ތަޖުރިބާ ކާރު އޮފިސަރެއް އައިކަން އެނގުނު. މުސްލިމުންނާއި ހަގުރާމަކޮށް ލޭ އޮހޮރުވައިލީ އެމީހުން. އަޅުގަނޑުމެންނެއް ނޫން...." އޭނަ ތަފްސީލު ކިޔާދިނެވެ.

"އަހަރެމެން ކިއްލާ ހިސާރަކޮށްގެން ތިއްބާ ތިބުނާ ލަޝްކަރަށް ކިއްލާއިން ބޭރަށް އައުމަކީ އެކަށީގެންވާކަމެއް ނޫން..." ޚާލިދު ވިދާޅުވިއެވެ.

"ތިބޭކަލުން ކިއްލާ ހިސާރަކުރިޔަސް ފަރުބަދައާއި ދިމާލުން އެހާވަރަށް ނުބަލާ. ގައިދަމޫން މެން ނުކުތްކަމަށްވަނީ ސިއްރު ދޮރަކުން ފަރުބަދަތަކާއި ވީ ފަޅިން..."

"ސުބުހާނަﷲ. އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވުނީ.." ޟިރާރު ވިދާޅުވިއެވެ.

"އެކަމަކު އޭނައަށް ދުވާލަކު ކިއްލާއަށް ނުވަދެވޭނެއްނު. މިހާރު އެމީހުންވާނީ ކޮންތާކު؟ " ޚާލިދު ސުވާލުކުރެއްވިއެވެ.

"ގައިދަމޫންފަދަ ތަޖުރިބާކާރު އޮފިސަރަކު އެހާ ޅައެއްޗެއް ނާޅާނެ. އޭނަ ދަތުރުކުރާނީ ރޭގަނޑުކަން އަޅުގަނޑަށް ހަމަ ޔަގީން. ދުވާލު ފަރުބަދަތެރޭ ފިލާފައި ތިބެފައި ރޭގަނޑުވުމުން ކިއްލާއަށް އަނބުރާ ދާނީ..." ރޫމީންގެ މުސްކުޅިޔާ ފަރުބަދަތަކާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

"ކަލޭމެންގެ ބައިވެރިވުމެއް ނެތްތަ؟ " ޟިރާރުގެ ނަޒަރާއި ހައިބަތުންވެސް މުސްކުޅިޔާ ބިރުގަނެ އަތް ތުރުތުރުލާންފެށިއެވެ.

"އަޅުގަނޑު ހުވާކުރަން އެއްވެސް ގޮތަކުން އަޅުގަނޑުމެންގެ ބައިވެރިވުމެއް ނެތް..."

"ޔަގީންތަ؟"

"އަޅުގަނޑުމެން ތިޔަ ހަގުރާމައިގާ އެއްވެސް ގޮތަކުން ބައިވެރިވީނަމަ ކްރައިސްޓްގެ ޝަފާއަތް ދުވަހަކު ނުލިބުނަސް ހެޔޮ...." މުސްކުޅިޔާގެ އެ ބޮޑު ހުވައިން ޚާލިދުއާއި ޟިރާރުއަށް މި އަވަށު މީހުންގެ ކުށެއްނެތްކަން ޔަގީންވިއެވެ. އެމީހުންނަށް ޚާލިދުއާއި ޟިރާރު ވާހަކަދައްކާ ޔަގީންކަން ދިނީ ސުލްހައިގާ ދެމި ތިބެއްޖެނަމަ އެމީހުންގެ ފަރާތުން ރައްކާތެރިކަން ލިބޭނެކަމަށެވެ. ބިރުނުގަތުމަށް ބުނެލަމުން ޟިރާރު އެމުސްކުޅިޔާގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"މާތް ސާހިބާ. އަޅުުގަނޑުމެން އެދެނީ ކާމިޔާބު ލިބުމަށް. އަނިޔާވެރިކަމަށް އަޅުގަނޑުމެންވެސް ނުރުހެން.."

"އެހެންވިއްޔާ އެމީހުން ފިލާތިބި ތަން ދައްކާދޭންވީނު." ޚާލިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެމީހުން ވީތަނެއް އެނގޭނީ ކިހިނެއްތޯ؟ އެމީހުން ދިޔަފަހުން މި ހަގުރާމަ ހިނގިކަން އެނގިގެން މިތަނަށް މިއައީ......."

"އެންމެ ރަގަޅު. އެމީހުން ދިޔަ މަގު ކަލޭމެންނަށް އެނގޭނެތަ؟ "

"ލައްބަ. އަޅުގަނޑު ތިޔަ ބޭކަލުންނާއިއެކު ގޮސް އެމަގު ދައްކަފާނަން....." މުސްކުޅިޔާ ޚާލިދުއާއި ޟިރާރުއާއެކު ހިނގައިގަތުމުން މުޖާހިދުންވެސް އެބޭކަލުންގެ ފަހަތުން އަންނަން ފެށިއެވެ.

އެހިސާބުގައި އޮތް ތަންކޮޅެއް ފުޅާ ދިމާލަކުން ދޮޅުކިލޯ މީޓަރަށް ހިނގުމަށްފަހު ފަރުބަދައިގެ މައްޗަށް އަރާންފެށިއެވެ. ވަށައިގެން ފެންނާން ހުރީ މުޅިންވެސް އުސް ފަރުބަދަތަކެެވެ. ބޮޑެތި ހިލަގަނޑުތަކެވެ. ފުން ހޮހަޅަތަކެވެ. ބިރުން ފިތްކަނޑައިގެން ދާވަރުވެއެވެ. މަގުތައް އުސްކަމުން ބިރުވެރިކަން އިހުސާސްކުރުމުގެ އިތުރުން މިތަނުން ކައްސާލައިގެން ވެއްޓޭ މީހަކަށްވެސް މަރު އެތިފަހަރަކަށް ވާނެއެވެ. މިފަހަރުވެސް އެތައް ހިސާބަކަށް ހިނގިފަހުން ކުރިމަތިން ފެންނާން އޮތީ ތަނަވަސް ހިތްގައިމު މައިދާނެކެވެ. ފެހިކަން ގަދަ ވިނަތައް ދޫލައެއް ހެން ލޮލުކޮޅަށް އޮބާލާފައެވެ. ބައެއް ދިމާލުގައި އެކި ވަަރުގެ ހިލަތައްވެސް ފެނެއެވެ. އެކި ވައްތަރުގެ ހިޔާދޭ ގަސްތަކުގެ އިތުރުން ކަށިގަސްތައްވެސް ބައެއް ދިމާލުގައި ބޮޑިއަކަށް ހެދިފައިވިއެވެ. ވިނަތަކުގައި ވައިލެޓާއި ރަތް އޮރެންޖް ރީދޫ އަދި ހުދުކުލައިގެ ކުދި މާތައް ފޮޅިފައެވެ. ފިނިފިނި ވައިރޯޅިތައް ޖެހެމުންދާއިރު އިރުއޮއްސެން އުޅޭކަމުގެ ހެކިތައް ވަށައިގެން ފެނެއެވެ.

"މާތް ސާހިބާ. ގައިދަމޫން އާއި ލަޝްކަރު އަންނާނީ މި މަގުން. މިހިރަ ހިލަތަކުގެ ނިވަލުގައި ތިއްބަވަންވީ ނޫންތޯ....."

"މިނޫން މަގެއް ނޯންނާނެތަ؟ " ޚާލިދު ސުވާލުކުރެއްވިއެވެ.

"ލައްބަ ސާހިބާ.." ރޫމީންގެ މީހާ އަދަބުވެރިކޮށް ގުދުވެލިއެވެ.

"އޭ މުޖާހިދުންނޭ މިތާ ކުޑަކޮށް އަރާމުކޮށްލާ.."

"މިތާ ފެންގަނޑެއް އޮންނާނެތަ؟ " ޚާލިދު ވަށައިގެން ބައްލަވާލެއްވިއެވެ.

"ބޯން ކަމުދާ ފެންގަނޑެއް އޮންނާނެ. އަޅުގަނޑާއެކު ވަޑައިގަންނަވާ..."

ޚާލިދު އެކަލޭގެފާނުގެ އަސްވެސް ވިނަކާން ދޫކޮށްލައްވާފައި މުސްކުޅި ރޫމީންގެ މީހާއާއެކު ހިނގައިގަތީ ބޮޑެތި ހިލަތައް ހުރި ދިމާލަށެވެ. އެހިލަތަކުގެ މަތިން އަރާކަށް ފަސޭހައެއްނޫނެވެ. މުސްކުޅިކަމާއެކު ގައިގާ ވަރުނެތުމުން އެފަދަ ހިލަތަކުގެ މައްޗަށް އަރާ ފައިބަން ފަސޭހަނުވިޔަސް އޭނަ މުސްލިމުން ހިތްހަމަޖަައްސައިދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޚާލިދު ގޮވައިގެން ގޮސް އެތަނުން ހިލައެއްގެ މައްޗަށް އެރިއެވެ. އެގޮތަށް އެކި ހިލަތަކުގެ މަތިން އަރަމުން ގޮސް ތަންކޮޅެއް އަޑިވެފައި އޮތް ހިސާބަކަށް ފައިބާފައި އެއްފަރާތަކަށް ހިނގައިގަތްތަނާ ރީތިކޮށް ގަސްތައް ހެދިފައިވާ ވާދީއަކަށް ނުކުމެވިއްޖެއެވެ. ބިންމަތީގައި ކުލަކުލައިގެ ކުދި މާތައް ފޮޅިފައެވެ. އެގަސްތަކުގެ ދޭތެރެއިން ފެންގަނޑެއް ފެންނާން އޮތެވެ.

"އެއޮތީ ސާފު ފެންގަނޑެއް. ބޯންވެސް ކަމުދާނެ.." އޭނަ ބުނެލިއެވެ.

"ޝުކުރިއްޔާ..." ޚާލިދު ކަނޑިން ގަސްތަކުގެ ގޮފިތައް ކަނޑަމުން މަގެއް ހެދިއެވެ. އެކަލޭގެފާނު އެންމެ ކުރިން ވުޟޫކުރުމަށްފަހު ފެންފޮދު ހިއްޕެވިއެވެ.

"އެހެންމީހުން ގާތު އަންނަން ބުނެދީ...."

މުސްލިމުން އެފެންގަނޑުން ވުޟޫކޮށްގެން ފެންބޮއި އަސްތަކަށް ފެންދީ ހެދިއިރުވެސް ރޫމީންގެ މުސްކުޅިޔާ މުސްލިމުންނާއެކުވިއެވެ. އެމީހުން އޭނައަށް ކާންވެސް ދިނެވެ. އިރުއޮއްސުމުން ވާދީ ވަށައިލި އަނދިރިކަން ފަރުބަދަތައްވެސް ނާމާން ކޮށް ދައްކުވާދިނެވެ. ގަަސްތައް ހެލިލާއިރުވެސް ފުރޭތަތައް ހަރަކާތްކުރާ ފަދައެވެ. އިރުއޮއްސުމާއެކު މުޖާހިދަކު ހިލަގަނޑެއްގެ މަތީގައި ހުރެ ބަންގިދިނުމުން ފަޒާގައި އެ އަސަރުގަދަ އަޑު ގުގުމައިލިގޮތުން ގައިން ހީބިހިނަގާނެއެވެ. މުޅި ލަޝްކަރުގެ އެންމެން އިމާމުގެ ފަހަތުގައި ތިބެގެން ޚުޝޫއަތް ތެރިކަމާއެކު ނަމާދުކުރި މަންޒަރު ބަލަން ރޫމީންގެ މުސްކުޅިޔާ އަޖައިބުވެ އަންތަރީސްވެފައި ހުއްޓެވެ. ވަރަށް ދެކޭ ހިތްވާފަދަ މަންޒަރަކަށްވިއެވެ. މަޣުރިބުކުރުމަށްފަހު އެންމެން ހިލަތަކުގެ ފަހަތުގައި ފިލާ ތިބެ އިޝާނަމާދު ވަގުތުވެސް ޖެހުނެވެ.

އިޝާ ނަމާދަށްފަހުވެސް ހިލަތަކުގެ ފަހަތުގައި ރޫމީންގެ އިންތިޒާރުގައި ވަގުތުތައް ގުނަ ގުނާ ތިބެ ތިބެ އެމީހުންގެ ހިލަމެއްނުވެއެވެ. ހަނދުއަރާ މުޅި މައިދާނަށް އަލިކޮށްލުމުން ކުރިން ކަޅު ފުރޭތަތަކެއް ފަދައިން ފެނުނު ހިލަތައްވެސް ހުދު އަލިން ވިދަން ފެށިއެވެ. ނިކަން ޗާލެވެ.

"ބޭބެއަށް ނޭގުނަސް ހަލަބު ކިއްލާއަށް ދަތުރުކުރަން އެހެން މަގެއްވަނީ ކަމަށް ވެދާނެ. އެ ލަޝްކަރު މާ ކުރިން ދިޔައީ ކަމަށް ހީވާން ފަށައިފި. މިހާރު މާ ބޮޑަށް ލަސްވެއްޖެ. އަހަރެމެން ދާންވީ ކަން ނޭގޭ އެހެން ދިމާލެއް ބަލައިލަން............" ޚާލިދު ވިދާޅުވިއެވެ.

"ނޫން އަޅުގަނޑަށް ޔަގީންކަން އެބައޮތް. މިނޫން މަގަކުން ހަލަބަކަށް ނުދެވޭނެ..."

"ދެން އެމީހުން ކޮބާތަ؟ " ޚާލިދު އެއްސެވިއެވެ.

"ގައިދަމޫންއަކީ ތަޖުރިބާކާރު އޮފިސަރެކޭ އަޅުގަނޑު ދެންނެވި ސަބަބަކީ މިއީ. އޭނަ ދަތުރުކުރާނީ ވިސްނާފައި. މުސްލިމުން ބަދަލު ހިފަން އަންނާނެކަން ވިސްނޭނެ. މުސްލިމުން ބަދަލު ހިފަން އައިކަމުގައިވިޔަސް އިންތިޒާރުގައި ތިބެ ތިބެފައި ދިޔައީމަ ނޫނީ ފިލާ ތިބިތަނަކުން ނުނިކުންނާނެ. މިހިސާބުގައި ހޮހަޅަތައްވެސް ހުންނާނެ. އެހެންވީމަ ކޮންމެވެސް ތަނެއްގައި ފިލާފައި އެމީހުންވާނެ ކަން އަޅުގަނޑަށް ޔަގީން.. އިތުބާރު ކުރައްވާ. އަދި އިންތިޒާރުކުރައްވާ............"ރޫމީންގެ މުސްކުޅިޔާ ޔަގީންކަމާއެކު ބުނެލިއެވެ. އޭނަވެސް ހުރީ ވަރުބަލިވެ ނިންޖަށް ބޭނުންވެފައެވެ. ހިލަގަނޑެއްގައި ބުރަކަށި ޖައްސާލައިގެން އިށީދެ މޭގައި އަތް ޖައްސާލައިގެން އިނެވެ. ޟިރާރު އޭނަ ފިނިވެގެން އުޅޭ މަންޒަރު ފެނި ރަޖާވެސް ދިނެވެ. އެމީހާގެ ހިތް ޝުކުރުން ފުރުނެވެ. މުސްލިމުންނަށްޓަކާ ހިތް ތައުރީފުން ފުރުނެވެ. މިހާ ޚުލްގު ހެޔޮ އަޅުކަމަށް ފަރުވާތެރި އަޅުންނަށް މާތް ރަސްކަލާނގެ ކާމިޔާބު ދެއްވާނެއެވެ.

***

ރޭ ދެބައިވެ ހަނދުވެސް ހުޅަގު ފަރާތަށް ޖެހިލައިފިއެވެ. ފިނިކަން ގަދަވެ އެންމެންންވެސް ތިބީ ހިޔާވަހިކަމަށް ބޭނުންވެފައެވެ. އަރާމު ތަންމަތި ދޫކޮށް މުޖާހިދުން ނުކުމެތިބީ އެމީހުންގެ އެކުވެރިންގެ މަރުގެ ބަދަލު ހިފުމަށެވެ. ރޫމީންގެ ލެއިން ބިންގަނޑު ތެންމާލުމަށެވެ. މިއޮތް ފިނި ރޭ އަރާމު ނިންޖަކަަށް ބޭނުންވާއިރުވެސް އެމީހުން އެއަށްވުރެ އިސްކަން ދިނީ ހަގުރާމަކުރުމަށެވެ. އެނޫންގޮތަކުން ހިތް ހަމަޖެހޭނީވެސް ކިހިނެއްހެއްޔެވެ؟ ވަރުބަލިކަމާ ނިންޖާއި ހަގުރާމަކުރުމުގައި ވަގުތުތައް ވޭތުވެގެން ދިޔަފަހުން ޚާލިދު ޟިރާރުއަށް ގޮވާލެއްވިއެވެ.

"ކަލޭގެފާނަކީ އަހުގެ ފިޔަވަޅުތައް ދުރުންވެސް އަޑުއިވި ވަޑައިގަންނަވާ ބޭކަލެއް. އެކޮޅަށް ވަޑައިގެން ޚަބަރު ބައްލަވާ ދެއްވާ..."

"އެންގެވިގޮތެއް.." ޟިރާރު ތަންކޮޅެއް ކުރިއަށް ހިންގަވަމުންގޮސް ބިންގަނޑުގައި ކަންފަތް ޖައްސަވައިގެން އިރުކޮޅެއްވާންދެން އޮންނެވިއެވެ.

"އަސްތަކުގެ މޮއްގަނޑުގެ އަޑު ދުރުން އެބައިވޭ....."

"އަލްހަމްދުލިﷲ...."

ހިމޭން ވާދީގެ ތެރެއަށް ވެރިވެފައިވާ ހިމޭންކަން ކުރިއަށް ވުރެ ފުންވިއެވެ. ހިމޭންކަމާއެކު ރޫމީންގެ ލަޝްކަރަށް އިންތިޒާރުކުރަނިކޮށް ހިމޭންކަން ފޫ އަޅުވައިލީ ރޫމީންގެ ލަޝްކަރުގެ އަހުގެ ފިޔަވަޅުތަކުންނެވެ. އެ ލަޝްކަރު އަންނަނީ ވަރަށް ރައްކާތެރިވެގެން ފަރުވާތެރިކަމާއެކުގައެވެ. ސޫތްޕެއް ގޮވާލިޔަސް އެދިމާލަކަށް ބަަަަލައިލަނީ ކަންބޮޑުވެފައިވާ ނަޒަރުންނެވެ. އެންމެ ކުރީގައި ހުރީ ގައިދަމޫންއެވެ. ރޫމީންގެ ދިދަ އޮތީ އޭނަގެ އަތުގައެވެ. މޭމަތީގައި ވާ ސަލީބަށް ހަނދުގެ އަލި އެޅި ވިދައެވެ. ގައިދަމޫން ބޮޑާ ފޮނިބަސްތައް އިއްވަމުން ދިޔައެވެ.

"މުސްލިމުން އަހަރެމެން ހޯދަން މިވާދީތަކަށް އަންނާނެ. ނުފޮރުޅާނެ ހިލައެއް ނުވާނެ. އެކަމަކު މާތްރަސްކަލާގެ ކުޅަދުންވަންތަކަމުން އެމީހުންގެ ލޯތަކަށް އަހަރެމެން ފަރުދާކުރެއްވީ. އެމީހުން އުޅެ އުޅެ ޚަބަރެއްނުވީމަ އިންތިޒާރުގައި ތިބެފައި ދިޔައީކަމަަށްވާނީ. އެކަން ދެނެގެން ދަތުރުކުރަން މިގަޑި ޚިޔާރުކުރީ. ރަސްގެފާނު އަޅުގަނޑަށް މަރުހަބާ ކިޔާނެ. ވަރަށް އުފާކުރައްވާނެ. އަހަރެންގެ މަގާމުވެސް މަތިވާނެ. ކާރކަސްއާއި ޖެހިގެން އެންމެ މަތީ ކޮމާންޑަރަކަށް ދެން ހުންނާނީ އަަހަރެން. ފަހަރެއްގައި ކާރކަސްގެ މަގާމުވެސް އަހަންނަށް ދެއްވަފާނެ. އަހަރެން ކިހާ ގަދަ. ކިހާ ފަސޭހަކަމާއެކު މުސްލިމުން ކޮޅު ކަތިލާލާފައި އެމީހުންގެ ސާމާނު ފޭރިގަތީ. އެޖާހިލު އަރަބިން ނިކަން ބިރުގަންނާނެ. އަހަންނަށް ކާމިޔާބުވިޔަސް މުސްލިމުންނާއި ހަގުރާމަކުރުމަކީ އެހެންމީހުންނަކަށް ކުޅަދާނަކަމަށް ނުވާނެ. މިވަރުގެ ކާމިޔާބެއް އެހެންމީހަކަށް ނުހޯދޭނެ. ކިހާ ފަސޭހައިން އެމީހުންގެ އަތުން ފޭރިގަތީ. މާތް ރަސްކަލާނގެ އަހަރެންގެ ހިތަށް ނުވެސް ގެނެވޭފަދަ މަގާމެއް ދެއްވީ...." ގައިދަމޫން ފޮޮނިކަނޑަމުން އަސް ދުއްވަމުން ދިޔައެވެ. އެމީހުން ހަގުރާމަކުރީ އެންމެ ފަންސާސް މީހުންނާކަން އޭނަ އެހާ އަވަހަށް ހަނދާން ނައްތާލައިފިއެވެ. ބޮޑާކަމަކީ އިންސާނާއަށް ލިބޭނެ އެންމެ ނުބައި އެއް ސިފައެވެ.

ކުއްލިއަކަށް ﷲއަކްބަރުގެ އަޑުން މުޅި ވާދީ ގުގުމާލައިފިއެވެ. ރޫމީން ސިހިއްޖެއެވެ. އަސްތައް ބިރުން ކޮޅުކޮޅަށް ދުވަން ފެށިއެވެ. ހަދާނެގޮތް ހުސްވެފައި ތިއްބާ ހިލަތަކާއި ގަސްބޮނޑިތަކުގެ ފަހަތުން މުސްލިމުން ނިކުންނާންފެށިއެވެ. ވާދީގެ ހިމޭންކަން ކެނޑި ހަލަބޮލިވެއްޖެއެވެ.

"މި މީހުންގެ މިއޮތް ހިތްވަރު..." ގައިދަމޫންއަށްވެސް ބުނެވުނެވެ.

"މިއީ އިންސިންނެއް ނޫން. ޖިންނީންނާއި ހަގުރާމަ ކުރާނެ ހިތްވަރެއް އަހަރެމެންގެ ނެތް. ހިނގާ ސަލާމަތްވަމާ..." އެކަކު ބުނެލިއެވެ. ނަމަވެސް ފިލައިގެން ދާނެ ފުރުސަތެއްވެސް ނުލިބުނީ މުސްލިމުން ހަތަރުފަރާތުން ވަށާލާ އަރައިގަތުމުންނެވެ. ކަނޑިތައް އުފުލާ ލުން މަޖުބޫރުވެ ރޫމީންވެސް ހަގުރާމައަށް ވަންނަން ޖެހުނެވެ. ނުރުހުމާއެކު ހިތާ ދެކޮޅަށެވެ. ބޯމަތިން ކަނޑީގެ ހަރަކާތްތަކެވެ. ކަނޑީގެ ތޫނު މިޔަތަކުގެ ދަޅައެވެ. ހަގުރާމަވެރިންގެ ހަޅޭކުގެ އަޑެވެ. އުދުހިގެންދާ ބޯ ތަކާއި ގުނަވަންތަކެވެ. ގަތުލުވަމުންދާ ހަގުރާމަވެރިންގެ މަސްގަނޑުމަތިން އަސްތައް ދުވަމުން ދާ މަންޒަރުން ހިތްތަކަށް ބިރުވެރިކަން ވަންނާނެއެވެ. ހަގުރާމައިގެ ފޯރިގަނޑުގެ ތެރެއަށް ވަދެވި ޚާލިދުގެ ކަނޑިކޮޅުގެ ހަރަކާތްތައް އަވަސްކަމުން އަތު ބުރުވެސް ހެކަ ނާޅައެވެ. ރޫމީންތައް އެކަލޭގެފާނު ފެންނައިރަށް ދުއްވައިގަންނަނީ ހޭ ކަނޑާލާފައެވެ. ދެން ހުންނެވީ ޟިރާރުއެވެ، އެކަލޭގެފާނުގެ ނޭޒާއަކީ ކާފަރުންނަށް ހުރި މަރުގެ ހަތިޔާރެކެވެ. އޭގެ ކުރިމައްޗަށް އަރައިފި މީހަކު ސަލާމަތެއް ނުވެއެވެ. ތޮރުފައިލަނީ އެއްވެސް ރަހުމެއްނެތިއެވެ. އެހެން އުޅެމުންގޮސް ގައިދަމޫން ފެނިވަޑައިގަތުމުން ނޭޒާ އޭނައާއި އަމާޒުކޮށްފައި ފޮނުވައިލެއްވީ ބާރަކަށެވެ. އެ ތޫނު ނޭޒާ ގައިދަމޫންގެ މޭ ފޫ އަޅާލާފައި ނުކުތީ ބުރަކަށިންނެެވެ. ކަރުތެރެއިން ނުބައި ގޮތަކަށް ހަޅޭއްލަވައިގެންފާ އޭނަ ކަޅި މައްޗަށް އަރައިގެން ދިޔައެވެ. ފޮނިކަމާއި ބޮޑާކަން އޭނަގެ ހަލާކުކަމުގައިވެ ނެތިގެން ދާން މާގިނަ އިރުތަކެއް ނުނެގިއެވެ.

ގައިދަމޫންގެ މެޔަށް ވަދެފައި ހުރި ނޭޒާ ބާރު ލައްވާފައި ޟިރާރު ދަންމަވައިގަތުމުން އޭނަ އަހުގެ ބުރަކަށިމަތިން ބިމަށް ވެއްޓުމާއެކު ބޯ ކަނޑުއްވާފައި ނޭޒާއަށް އުފުލާލައިފިއެވެ.

ރޫމީންނަށް އެ މަންޒަރު ފެނުމާއެކު ހިތްވަރު ބަލިވެއްޖެއެވެ.

"ހަތިޔާރު ބަހައްޓާ.." ޚާލިދު އަޑުކޮޅަށް ގޮވައިލެއްވުމާއެކު ހިތްވަރު ބަލިވެ މާޔޫސްވެފައިވާ ރޫމީންތައް ބަސްއަހާ ކުޑަކުދިންހެން ހަތިޔާރު އުކާލައިފިއެވެ.

އެބައިމީހުން ހައްޔަރުކޮށްފައި ގުނާލިއިރު ތިންސަތޭކަ ހަގުރާމަވެރިންނެވެ. ހަސަތޭކަ މީހުން މަރުވީއެވެ. މުޖާހިދުންގެ ދިހަ ބޭކަލުން ޝަހީދުވިއެވެ. އެއީ މުޖާހިދުންނަށް މާތް ﷲ ދެއްވި ނަސްރެކެވެ. އެކަމާ އެންމެންވެސް އުފާކުރިއެވެ. ޝަހީދުންގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލާ ނިމިގެން ރޫމީންގެ އަތުން އަތުލި ސާމާނުތަކާއި ހައްޔަރުކުރި ރޫމީންގެ ހަގުރާމަވެރިންނާއެކު މިސްރާބުޖެހީ ހަލަބާއި ދިމާލަށެވެ. ކާބޯތަކެއްޗާއި އެެހެނިހެން ސާމާނު އަރުވާފައި ހުރި ހިމާރާއި ޖަމަލުތައް ލަޝްކަރުގެ ފަހަތުގައެވެ. ހަލުވިކަމާއެކު ދަތުުރުކޮށް އަބޫއުބައިދާގެ ލަޝްކަރާއި ހަމަޔަށް ފޯރިއިރު ފަތިސްނަމާދުކޮށްގެން އެކަލޭގެފާނު ހުންނެވީ ޚާލިދުމެންގެ އިންތިޒާރުގައި އުސްފަސްގަނޑަަކަށް އަރުއްވާފައެވެ. ޚާލިދު ހަގުރާމައިގެ ތަފްސީލު އެކަލޭގެފާނަށް ދެންނެވިއެވެ. އަބޫއުބައިދާ އެންގެވީ ގައިދީންތައް ކިއްލާ މީހުންނަށް ފެންނަ ހިސާބުގައި ގަތުލުކުރެއްވުމަށެވެ. އޭރުން އެމީހުންގެ ހިތްވަރު ބަލިވެ މުސްލިމުންނަށް ގޯނާ ކުރާކަށް ނުކެރޭނެއެވެ. މުސްލިމުން ތަކުރާރުކޮށް ﷲއަކްބަރު ކިޔަންފެށުމުން ކިއްލާއިން ސިފައިންތައް ކިއްލާގެ ފާރުތައް މައްޗަށް އެރީ ވެގެން އުޅޭގޮތް ބެލުމަށެވެ. ފެނުނީ ބިރުން އަވަދިވާފަދަ މަންޒަރެކެވެ. ރޫމީންގެ އެތައް ސިފައިންނެއްގެ ބޯތައް ނޭޒާތަކުގެ ކުރީގައެވެ. އެތައް ބަޔަކު ގައިދީންގެ ގޮތުގައި ހައްޔަރުކޮށްފައެވެ. ޔޫގަންނާއާއި ކާރކަސްވެސް ފާރުމަތީގައި ތިއްބެވިއެވެ.

"އެމީހުން އެއުޅެނީ އެ ސިފައިން ގަތުލުކުރަން..." ކާރކަސްއަށް ބުނެވުނެވެ. "ހާދަ ދެރައޭ. މުސްލިމުންގެ ބޯ ކަނޑާނުލެވުނުނަމަ އަސީރުން މިއަދު ބަދަލުކުރެވުނީސް..."

އެމީހުންގެ ކުރިމަތީގައި ފަހަރަކު ރޫމީއެއްގެ ބޯ ކަނޑާލާފައި އެއްލައިލެވުނު ނުރުހުވޭ މަންޒަރު ބައްލަވަން ކެތްނުކުރެއްވިގެން ޔޫގަންނާ މޫނުގައި އަތް އެޅުއްވިއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރިވުމުން ކުރެވޭނެ ހިތާމައާއި ވޭނުގެ ހިތިކަން މިއަދު ރޫމީންގެ އަރުތެރޭ ރަގަޅަށް ލައިފިއެވެ.

***

ލޫސީ ވަރަށް ގިނައިރުވާންދެން ޚަބަރު ހުސްވެފައި ހިލަގޮނޑީގައި އޮތެވެ. އެއްވެސް ހަރަކާތެއްނެތި އެހެން އޮތްއިރު ނޭވާލާކަމެއްވެސް ނޭގެއެވެ. ރަންކުލައިގެ ބޯ އިސްތަށިގަނޑު ވަޔާއެކު ވިހުރުވި ވިިހުރުވިއޮތެވެ. މޫނުމަތީ އާއްމުކޮށް ހުންނަ މަޑު ފިޔާތޮށިކުލަ ކެނޑި ހުުދުކުލައެއް އަރާފައެވެ. އަތެކޭ ގަނޑުފެންގަނޑެކޭ ތަފާތެއްނެތެވެ. އެހާ ފިންޏެވެ. މޫނުގައި ދިރުމެއް ނެތެވެ. ބިރުންގޮސް ހިތް ފަޅައިގެން މަރުވީބާވައެވެ. ސާޖީ އޭނާގެ އަތުގައި ހިފާފައި ވިންދު ބަލައިލިއިރު ނިކަން ފަނޑުކޮށް ވިންދުގެ އަސަރުހުރިހެން ހީވިއެވެ. ހިތަށް ކުޑަ ކުޑަ ހަމަޖެހުމެއް ލިބުނީ ލޫސީ މަރުނުވާކަން އެނގިފައެވެ. އޭނަ އަދިވެސް އިނީ ހިތް ބިރުގެންފައެވެ. މާޔޫސްވެފައެވެ. ލޫސީއާއިހެދި ދީވާނާވެ މޮޔަވެގެން އޭނަ އެކުއްޖާ މިތަނަށް ގެނެވުނުކަމުގެ މޮޔަހީވިއެވެ. ކިތަންމެ ލޯބިވިޔަސް ކުރެވުނީ ރަގަޅުކަމެއްނޫން ކަމަށް ހިތްވެސް ގަބޫލުކުރިއެވެ.

ސާޖީ ފިކުރުބޮޑުވެފައި ލޫސީގެ ނަމުން ގޮވާ ކޮނޑުގައި ހިފާ ތެޅުވިއެވެ.

އެންމެފަހުން އޭނަ ގަސްތަކުގެ ތެރެއަށްވަދެ މީރުވަސްދުވާ މާތައް ބިނދެގެން ގެނެސް ނޭފަތުގައި ޖައްސަން ފެށުމުން މަޑުމަޑުން އަތުގެ އިނގިލިތައް ހަރަކާތްކުރަން ފެށިއެވެ.

"ލޫސީ..ލޫސީ..."

ކުއްލިއަކަށް އެ ދިގު އެސްފިޔަތައް ތަޅުވާލާފައި ޖަވާހިރެއްފަދަ ވިދާ ފެހި ދެލޯ ހުޅުވައިލުމުން ސާޖީގެ ހިތް ޝުކުރުން ފުރުނެވެ.

"ކަމަނާގެ ހާލުކޮޅު ކިހިނެއްތޯ؟ " އޭނަ ސުވާލުކުރިއެވެ. ނަމަވެސް ސުވާލަށް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ލޫސީ ލޯ މަރައިލީއެވެ. ދެވަނަފަހަރަށްވެސް ޚަބަރު ހުސްވެ ފުރާނައަށް ގެއްލުމެއް ވެދާނެކަމުގެ ބިރުން ހުރި ސާޖީ ގަސްތުކުރީ ލޫސީއަށް އެކަނިވެރިވާނެ ފުރުސަތެއް ދީފައި ވާދީތެރޭ ހިނގާލަން ދިޔުމަށެވެ. އޭރުން ފަހަރެއްގައި ހަމަޔަކަށް އެޅި ތާޒާވެދާނެއެވެ. ވަގުތީގޮތުން ޝައިތާނާ އޭނަގެ ސިކުނޑިން ފޭބީކަން ނޭގެއެވެ. ނިޔަތް ބަދަލުވެ އޭނަ ދުރަށް ހިނގައިގަތެވެ. ވަރުބަލިކަމާއި ބަނޑުހައިކަން އަދި ފިނިކަމުގެ އުދަގޫތައް އިހުސާސްކުރަމުން ދިޔަ ލޫސީގެ ސިކުނޑީގައި ވީ ހައިޖާނެކެވެ. އަމިއްލަ ނަފުސް އެތައްފަހަރު ކުށްވެރި ކުރެވުނެވެ. ލޯބިވާ ލާވަންގެ ހަނދާންތަކާއި އާއިލާ މީހުންތައް މަތިން ހަދާންވެ ލޮލަށް ކަރުނަ އައެވެ. ސާޖީގެ ފިޔަވަޅުތަކުގެ އަޑު ދުރުވާހެން ހީވެފައި ކުޑަކޮށް ތެދުވެ ބަލައިލިއިރު ފެނުނީ މާ ދުރަށްގޮސް ގަސްތަކާއި ނިވާވެލިތަނެވެ.

"ހުރިގޮތަށް ހުރި ޝައިތާނެއް. ބައްޕާފުޅަށް މިކަންތައް އެނގިވަޑައިގަންނަވާނެ. އޭރަށް ކަލެއަށް މިކަމުގެ ހިތި ސަޒާ ލިބޭނެ..................." ލޫސީ ތެދުވާން އުޅުމުން އަނބުރައިގަންނަ ގޮތްވިއެވެ. އޭނަ ގެނައި ސާލު ގައިގާ ރަގަޅަށް އޮޅާލަމުން ވަށައިގެންވާ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލައިފިއެވެ. އެ ނުލަފާ ސާޖީއާއިމެދު ވިސްނާކަށް ބޭނުމެއްވެސް ނޫނެވެ. ކުއްލިއަކަށް ވިސްނީ އެމީހާ އައުމުގެ ކުރިން މިތަނުން ސަލާމަތްވެގެން ދިޔުމަށެވެ. އެ މަސައްކަތްކުރުމުގެ ތެރޭ މަރުވެގެން ދިޔަސް ހިތަށް މާ ފަސޭހަވާނެއެވެ.

ލޫސީ ތެދުވުމުން ފައި ރޫރޫއަޅާ ގޮތްވިއެވެ. ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

"ދެވޭނެ. އަވަސްކުރޭ. އެ ހޮހަޅައަށް ވަދެ އެތެރެއިން ދޮރު ތަޅުއަޅުވައިލީމަ އޭނަ މިތާ ހައްޔަރުވާނެ..." ލޫސީ ގުދުވެ ހިލަމަތީ ހުރި ބައްތިނެގިއެވެ.

ނުނިމޭ

ކޮމެންޓް 0