"ތި ވާހަކަ ކުރިންވެސް އެހިން. އެެހެން ވިއްޔާ މި ހިސާރަކީ ބޭކާރުކަމެއްނު. އެގޮތަށް ފޯރިއަށް ތިބޭމީހުން ދުރަށް ދާ ދަނޑިވަޅު ބަލާފައި ލަޝްކަރުގެ އެއްފަރާތުން އަރާ މުސްލިމުންނަށް ހަމަލާދިނުމަކީ ފަސޭހަކަމެއް. އެހެންވީމަ މިތަނުގެ ފޯރިމަރާ ގޮތް އެއްގޮތަކަށްވެސް އަހަންނަށް ކަމަކުނުދޭ. އަހަންނަށް ފެންނަގޮތަކީ އެކި ދިމާލުގައި މުސްލިމް ހަގުރާމަވެރިން ފިލާތިބުން. އޭނައަށް ލަޝްކަރު ހިމޭންވެ އެންމެން ނިދާކަމަށް ހީކުރެވި ލަޝްކަރާއި ކައިރިވީމަ އެންމެން ނިކުމެ އޭނަ ހިފާ ހައްޔަރުކޮށްލާނީ. މިގޮތާއިމެދު އަބުދުﷲ ބުނަނީ ކީކޭތަ؟ " ދާމިސް އެހިއެވެ.

"ތިއީ ބުއްދިވެރިގޮތެއް ކަމަށް އަހަންނަށް ފެނޭ. މާދަން އަބޫއުބައިދާއަށް ތި ޚިޔާލު ހުށަހަޅާނީ.."

ދެމީހުންގެ ވާހަކަތައް އެހިސާބަށް ދިޔަތަނާ ދާދި ކައިރިން ކަނޑިތެޅޭ އަޑުކަހަލަ އަޑެއް އިވުމުން ދެމީހުން އެއްފަހަރާ ތެދުވެއްޖެއެވެ. އެ އަޑު އިވުނު ހިސާބުގައިވާ އަލިފާންގަނޑުތައް ހުލިވަމުން ދާތީ އަނދިރިކަން ގަދަކަމުން ތަނެއް ދޮރެއް ނުފެނުނެވެ. އަބުދުﷲ ފުރަތަމަ ވިސްނީ އެއީ މުސްލިމުން ހަތިޔާރު ސާފުކުރަނީ ކަމުގައެވެ. އެކަމަކު ޝައްކުމަތީހުރެ ކައިރީގައި ހުރި އަލިފާންގަނޑަށް ދަރު އެޅިއެވެ. އެއާއެކު ރޯވެ އަނދައިގަތެވެ. އެވަގުތު ދާދި ކައިރިން ކަނޑީގެ އަޑާއެކު ބަޔަކުގެ ހަޅޭކުގެ އަޑު އިވުމާއެކު ދާމިސްއާއި އަބަދުﷲއަށް ޔޫގަންނާ ހަމަލާދީގެން މުސްލިމުން ނިދާފައި ތިއްބާ ގަތުލުކުރަނީކަން ޔަގީންވިއެވެ. އެމީހުންވެސް ރަޖާތައްވެސް އެއްލާލާފައިކަނޑިއާއި އައްޑަނަ ހިފައިގެން އެއަޑު އަންނަ ދިމާލަށް ދުއްވައިގަތެވެ. އޭރު ނިދާފައި ތިބި މުސްލިމުން ތެދުވެ ހިތްވަރާއެކު ރޫމީންނާއި ހަގުރާމަ ކުރަނީއެވެ. ދާމިސްވެސް ފޯރިއާއެކު ޅެމެއް ކިޔަމުން ރޫމީންގަނޑު އެންމެ ގިނަ ދިމާލަށް ވަދެގެން ކަނޑި ހިންގާލައިފިއެވެ.

"އަހަންނަކީ ދާމިސްއެވެ. ބިރުގެ ބައްޕައެވެ.

އަހަރެންގެ ވަރުގަދަ ހަމަލާގައި އެންމެން ބިމަށް ތިރިކޮށްލާނަމެވެ.

އަހަންނަކީ ސިންގާއެއް، ބަތަލެއް، އަދި ހަގުރާމައިގެ ތަޖުރިބާކާރަކީމެވެ.

ދުޝްމިނުންގެ ވަކި ވަކި މީހުންތައް ތަޅާ ރޯ ގަންނަވާނަމެވެ." ދާމިސްގެ ޅެމާއެކު ދުޝްމިނުންނަށް ހަމަލާދިންލެއް ވަރުގަދަކަމުން ކުޑައިރުކޮޅެއްނުވެ އެހިސާބު ލެއިން ތެމިއްޖެއެވެ.

ރޭގަނޑުގެ ވަގުތުކަމުން އެ މަންޒަރާއި އަލިފާނުގެ އަލީގައި ހަރަކާތްކުރާ ހިޔަނިތައް ފެންނަނީ ބިރުވެރިކޮށެވެ. ޒަޚަމްވާ މީހުންގެ ކުކުރުމާއި ހަޅޭކުގެ އަޑު ފަޒާގައިވި ހިމޭންކަން ނެތިކޮށްލައިފިއެވެ.

ޔޫގަންނާ ރޫމީންނަށް ހިތްވަރު ދެއްވަމުން ހަގުރާމައިގެ އެންމެ ވަރުގަދަ ހިސާބުގައި ހުންނެވިއެވެ. ދާމިސްވެސް އައި ފޯރިއާއެކު އޭރު ހުރެވުނީ ރޫމީންގެ ބައިގަނޑު ތެރެއަށް ވަދެވިފައެވެ. އޭނަގެ ކަނޑިން ރޫމީންތައް ކޮށާ ތިރިކުރަމުން ދިޔައީ ބިރުކުޑަމާއެކުގައެވެ. ފަޖުރުގެ އަލިކަން ފައުޅުވެ އަލިކަން ބިމަށް ފެތުރެން ފެށުމުން ޔޫގަންނާ އޭނަގެ ލަޝްކަރަށް ކިއްލާއަށް އެނބުރިދާން އަމުރުކުރެއްވިއެވެ. ދާމިސް އާއިއެކު ވީ އަރަބީންނާއެކު އެމީހުން ހަގުރާމަކުރަމުން ދިޔައެވެ. ރޫމީންތައް އަވަސްއަވަހަށް ކިއްލާއާއި ދިމާލަށް މިސްރަބުޖެހުމުން ދާމިސް ހަގުރާމަވެރިންނަށް ގޮވައިލެއްވިއެވެ.

"ރޫމީން އެދަނީ ކިއްލާއަށް ވަންނަން. އެމީހުންނާއެކު ކިއްލާއަށް ވަންނަން އާދެ.." އޭނަގެ އަޑު އަހާފައި އޭނަގެ ގަބީލާގެ ބަޔަކު ފަހަތުން ދިޔައެވެ. އޭރު އަބޫއުބައިދާ ހަރުއަޑުފުޅުން އަމުރުކުރެއްވީ ރޫމީންގެ ފަހަތުން ނުގޮސް އެނބުރި އައުމަށެވެ.

"ރޭގަނޑުގެ ކަނު އަނިިދިރީގައި ދުޝްމަނުންގެ ފަހަތުން ދާން އަހަރެން މަނާ ކުރަން......" އެއަޑުފުޅު އަހާފައި އެކަކު ދާމިސްއަށް ގޮވާލާފައި އަބޫއުބައިދާގެ އަމުރުފުޅު އިއްވިއެވެ.

"އޭ އަބޫ ހައުލް. ކޮމާންޑަރު އަމުރުކުރައްވަނީ އަނބުރާ އަންނަން. މާތްﷲ ތިބާއަށް ރަހުމަތް ލައްވާށި..."

"ހިތާމަހުރި. ވެރިޔާ އަމުރުފުޅު ނުކުރެއްވިނަމަ މިރޭ ކިއްލާއަށް ވަންނާނަން...."

"އެކަމަކު ވެރިން ބުނާގޮތަށް ހަދަން ޖެހޭނެއްނު....."

"ޔަގީންކަމެއް. ވެރިންނަށް ކިޔަމަންތެރި ވުމަކީ ފަރުޟެއް.." ދާމިސް އެހެން ބުނުއްވާފައި ރޫމީންގެ ފަހަތުންގޮސް ގޮސް ތިބި މުޖާހިދުންނަށް ހުއްޓޭން އެންގެވިއެވެ.

"ހިތްވަރުގަދަ މުޖާހިދުންނޭ. އަހަރެމެންގެ ވެރިޔާ އަންގަވަނީ އެނބުރި ލަޝްކަރަށް އަންނާން. އއެ ފިޑި ރޫމީން ފިލައިގެން ދިޔަދީ. އެކަމަކު އަދި އަހަރެމެންގެ ކަނޑިތަކުގެ ދަށުގައި އެމީހުން ފަނާކޮށްލާނަން އިންޝާﷲ....." އޭރު އޭނަގެ ގަބީލާގެ އެންމެން އަނބުރާލާފައި އައިސް އޭނަ ގާތުގައި މަޑުކޮށްލައިފިއެވެ.

***

ހުރިހާ މުޖާހިދުން ފަތިސްނަމާދަށް ތައްޔާރުވާން ވުޟޫކޮށް އަވަދިވެގެން ސަފު ހަދާލައިފިއެވެ. އަބޫއުބައިދާ އިސްވެ ހުންނަވާ ނަމާދުކުރެއްވުމަށްފަހު އެކަލޭގެފާނު ފެލިގެއަށް ވަޑައިގަތްއިރު އަރިހިގައި އެތައް މުޖާހިދުންނެއްވިއެވެ. އަޅުން އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރުކޮށްގެން ގެނެސް ފޭލިގެއަށް ވެއްދިއެވެ. އެބޭކަލުން ފަރިއްކޮޅަށް އިންސާފު ކުރައްވަމުން ދިޔައިރު ފޭލިގޭގެ ދޮރުމައްޗަށް ގަނޑުފެން ވެހޭ މަންޒަރު ފެނެއެވެެ. ބައެއް ދިމާލުގައި ބޮނޑިވެލައިގެން އަލިފާންގަނޑުތަކުގެ ހޫނު ފޯރާފަށުގައި މުޖާހިދުން ވާހަކަދައްކައިލަން އިށީދެލައިގެން ތިބިތަން ފެނުނެވެ. ބޯ ރަޖާތަކަށްވެސް ފިނިން ހިމާޔަތްކޮށެއް ނުދެވެއެވެ. އަބޫއުބައިދާއާއި އިސް ކޮމާންޑަރުންގެ ތެރޭ މަޝްވަރާކުރެވެމުން ދިޔައީ ހަލަބްއާއި ބެހޭގޮތުންނެވެ.

އަބޫއުބައިދާ: "އެކަމަކު ހިސާރުގެ ދުވަސް ދިގުދެމިލައިގެން ހިގައްޖެ. ވަގުތު ބޭކާރުވަނީ. ކޮންމެވެސް ގޮތަކަށް ނިންމާލަން ވެއްޖެ"

ޟިރާރު:"އަޅުގަނޑުމެން ޖެހެނީ ކިއްލާއަށް ހަމަލާދީ ދޮރާށްޓާއި ހަމަޔަށް ދާން..."

ޚާލިދު: " އެއްފަހަރު އެކަމުގެ ހިތި ތަޖުރިބާ ކުރެވިއްޖެ އަޅުގަނޑަކަށް އެކަމެއް ނުފެނޭ. މުސްލިމުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ...."

ޟިރާރު:" ތި ވިދާޅުވީވެސް ތެދެއް. އެކަމަކު މިހެން އަބަދަށް ތިބެވޭކަށްވެސް ނެތް."

ޚާލިދު: "މާތްﷲ ކަލޭގެފާނު ދުޅަހެޔޮކަންމަތީ ލަހައްޓަވާށި. ކިންދާ ގަބީލާގެ ފަހުލަވާނުން މިރޭ ވަރުގަދަޔަށް ހަމަލާދިނުމުން ހައިރާންވި. އެމީހުން ކުރިއަށް އަރާ މައިދާނުގައި ފައިތިލަ ސާބިތުކޮށް ދުޝްމިނުން ވިއްސި ވިހާލިކޮށްލާ ލަޝްކަރު ނުރައްކަލުން ސަލާމަތްކޮށްދިން...."

އަބޫއުބައިދާ: " އަބޫ ސުލައިމާން ތި ވިދާޅުވިފަދައިން ކަންތައް ހިނގީ. އެމީހުންގެ ހިތްވަރާއިމެދު އުފާކޮށްފިން. މުޖާހިދުން އުފާކޮށް ފޯރިއާއެކު ހަޅޭއްލެވި އަޑުއެހިން. ދާމިސް ހާދަ މޮޅޭ. އަބޫހައުލް ސިންގާއަކާ އެއްފަދައޭ. އޭނަގެ ހަގުރާމައާއި މިސާލުޖެހޭނެފަދަ ފަހުލަވާނަކު ނެެތޭ.."

ސުރާގާ ބިން މިރުދާސް: މާތް ﷲ ކަލޭގެފާނުގެ އުމުރު ދިގުކުރައްވާ ސަލާމަތުން ލަހައްޓަވާށި. ދާމިސްއާއި އަބޫހައުލް އަކީ އެކަކަށް ކިޔާ ދެނަން. އޭނައަކީ އަބޫތާރިފް ގެ އަޅެއް. އިއްޔެ އައި ލަޝްކަރާއެކު އޭނަވެސް މިތަނަށް އައީ. އެއީ މޮޅު ހަގުރާމަވެރިން ބަލިކޮށްލާ ކުޅަދާނަ ހަގުރާމަވެރިއެއެ. ދުޝަމަނުން ނިކަމެތިކޮށް ލަދުގަންނަވާލާ. މާތް ﷲ ފިޔަވާ އެއްވެސް އެހެން ބާރެއް ދެކެ އޭނަ ކުޑަކޮށްވެސް ބިރެއް ނުގަނޭ ޖެހިލުމެއް ނުވޭ. އެއްވެސް ދެކޮޅުވެރި ޖަމާއަތަކަށް ހަލަލާދޭން އޭނަ ޖެހިލުމެއް ނުވާނެ.. މުޅި އެހިސާބުގައި އޭނަގެ ނަން މަޝްހޫރު.."

އަބޫއުބައިދާ:" އަހަންނަށް އޭނަގެ އަޑު ރޭ އިވުނޭ ކިއްލާއަށް ވަންނާން އަންނާށޭ ގޮވާ ހަޅޭއްލެވި.."

ސުރާގާ:"ކަލޭގެފާނު މަނާ ނުކުރެއްވިނަމަ ރޭ އޭނަ ކިއްލާއަށް ވަންނާނެ. އެއީ ހިތްވަރުގަދަ ކުޅަދާނަ ފަހުލަވާނެއް..."

އަބޫއުބައިދާ:" އަބޫ ސުލައިމާނަށް ސުރާގާ އެމީހުންގެ ހަގުރާމަވެރިޔާއާއި މެދު ދައްކަވާ ވާހަކަ އިވިލައްވާފައިވޭތަ؟ "

ޚާލިދު: " ލައްބަަ އޭނަގެ ކުޅަދާނަ ވާހަކަ ނުއުމާން ބިން އަޝީރާ އަލް މުހުރީގެ ފަރާތުން އިވިފައިވޭ...."

ޚާލިދު ބިން ވަލީދުގެ ވާހަކަފުޅު އަހަން ހުރިހާ މުޖާހިދުން ތިއްބެވީ ޝައުގުވެރިކަމާ ހައިރާންކަމާއެކުގައެވެ.

މުހުރާގެ އައްސޭރިފަށުގައި ދާމިސްވަނީ އެކަނިމާއެކަނި ގޮސް އެ ގަބީލާގެ ހަތްދިހަ މީހުންނާއި ކުރިމަތިލާފައެވެ. އޭނަ އެތައް ދުވަހަކުއްސުރެ އެމީހުންނަށް ފާރަލާ ޝިކާރަކުރަންވެގެން އުޅުނީ އޭނަގެ ޖަމާއަތަށް ދިން އަނިޔާގެ ބަދަލު ހިފުމަށެވެ. އެމީހުން އޭނަގެ ޖައްބާރުކަމާއި ޝައިތާނީކަމުން ގަންނާކުރެއްވި ބިރުން އެމީހުންގެ ވަޒަން ދޫކޮށް އަނބިދަރިންނާއި މުދަލާއި ގެރިބަކަރިތަކަށް ދާންދެން ގޮވައިގެންގޮސް ފަރުބަދަތަކުގެ ތިރީގައި އައްސޭރިފަށުގައި މަޑުކުރިއެވެ. ދާމިސްގެ މަސައްކަތުންނާއި ފާރަލައިގެން އެމީހުން ތިބިތަން ހޯދައިގަތެވެ. ދާމިސްގެ ޖަމާއަތަށް އެންގުމުން އެކަކުވެސް އޭނައާއެކު އެމީހުންނަށް ހަމަލާދޭން އަންނާކަށް އެއްބަހެއް ނުވިއެވެ. ގައުމުގެ ވާދީތަކާއި ފަރުބަދަތަކާއި އުސް އަދި ތިރި ބިންތަކާއި އަައްސޭރިފަށަށް ދާންދެން އޭނަ ހިތު ދަހެވެ. އޭނަގެ ޖަމާއަތުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް މަދަދެއް ނުލިބުމުން އޭނަ މާޔޫސްވެ އޭނަ ދިރިއުޅޭ ޖަގަހައަށް ގޮސް ކޮނޑުމައްޗަށް ލީ ބޮނޑިއަކަށް ބަދެފައިވާ ހެދުންތަކެވެ.

"ކޮންތާކަށް ތިދަނީ؟ ކޯންޗެއް ހިފައިގެން ތިދަނީ؟ "އަވަށުގެ މީހުން އެހިއެވެ.

"އަހަރެން މިދަނީ ބަނޫ އައް ޝައުރުގެ ފަރާތުން ބަދަލުހިފަންވެގެން ހަމަލާދޭން. އަހަރެން އެމީހުން ބޭޒާރުކޮށް ލަދުގަންނަވާލާނަން......."

ދާމިސްގެ ޖަމާއަތުގެ މީހުންނަށް އެވާހަކަ ގަބޫލުކުރާކަށް ފަސޭހައެއްނުވިއެވެ.

"ތިހާ އަޖައިބު ކުރުވަނިވި ކަމެއް ނުދެކެން. އެމީހުންގެ ބޮޑެތި ފިރިހެނުންގެ ހަތްދިހަ މީހުންވޭ. ކަލޭ އެކަނިމާ އެކަނި ހުރި ނަފުސަކަށް އެމީހުންނާއި ކުރިމަތިލެވޭނެތަ؟ އަހަރެމެންނަށް ހީވާގޮތުން ތި ދައްނީ ޖައްވާދު ކައިރިއަށް...."

ޖައްވާދުއަކީ ހަޟުރަމައުތުގެ ބަނޫހައްޔާސްގެ އަޅު އަންހެންކުއްޖެކެވެ. އެކުއްޖާ ދިރިއުޅެނީ ހަޟުރަމައުތުގެ އަސްފަލް ކިޔާ އަވަށުގައެވެ. ދާމިސް އޭނަދެކެ ލޯބިވާލެއް ބޮޑުކަމުން އޭނައަށް ފައިސާކޮޅެއް ނުވަތަ ޖަމަލެއް ނޫނީ އަހެއްފަދަ އެއްޗެއް ލިބުނަސް ހުރިހާ އެއްޗެއް އެކުއްޖާއަށް ހަދިޔާކޮށްލައެވެ. އާދައިގެ ކުޑަ ހަދިޔާއެއް އެކުއްޖާއަށް ދޭން ދާމިސްގެ ހިތާއި ހަށިވެސް ނުރުހެއެވެ. އެހާވެސް މަތިވެރި ލޯތްބެއް އެހިތުގައި ޖައްވާދުއަށްޓަކާ ވިއެވެ. އެކަން އެނގިފައިވާތީ އަވަށު މީހުން ޔަގީންކުރީ މިއީވެސް ޖައްވާދުއަށް ހަދިޔާ ކުރަން ގެންދާ ތަކެތިކަމުގައެވެ.

"ﷲ ގަންދީ ބުނަން. އަހަންނަކީ ހަގުރާމަވެރިއަކަށް ވާއިރު ތިެހން ބުނަން ހެޔޮވާނެތަ؟ އަހަރެންގެ ބަހުގެ ތެދުދޮގު ނިކަން އަވަހަށް އެންމެނަށް އެނގޭނެ."

"އެކަމަކު ތިގޮތަށް އެކަނިގޮސް އެމީހުންނާ ހަގުރާމަކުރުން އަހަރެމެންނަކަށް ނުފެނޭ..." ދާމިސް އެބަސް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ ހުރީ ވަރުގަދަ އަޒުމެއްގައެވެ.

ދާމިސް ބަކަރުހުއިހައްޕާ ތަނަށްގޮސް އޭނަގެ ޖަމަލު ނެރެ ކަނޑިއާއި އައްޑަން އަދި އޭނަގެ ސާމާނު ވެސް ޖަމަލަށް އެރުވިއެވެ. މުޅި ދުވާލާއި ރޭގަނޑު އޭނަ ހޭދަކުރީ ދަތުރުމަތީގައެވެ. ރޭގަނޑުގެ ފަހުބައިގާ ދުޝްމިނުންތިބި ސަރަހައްދާއި ކައިރިއަށް ފޯރިއެވެ. އެއީ ވާދީއެކެވެ. އޭނަ ޖަމަލުމަތީގައިވާ ސާމާނު ބޭލުމަށްފަހު ޖަމަލު ވިނަކާން ދޫކޮށްފައި ހިލަގަނޑުގެ ފަހަތުގައި މަޑުކޮށްލީ ދުޝަމަނުން ގެ ލޯތަކުން ސަލާމަތްވުމަށެވެ.

ދާމިސްގެ ޖަމަލު ވިނަކައި ނިމުމުން ގަހަކަށް ބަނދެލާފައި އެސޮރުގެ އަނގަައިގާ ފޮތިގަނޑެއް އެއްސީ ހަޅޭއްލަވަފާނެތީއެވެ. އޭނަދެން ކުރަންފެށީ ބުރަ މަސައްތަކެވެ. އަކޭޝާ ގަހުން ގޮފިތައް ކަނޑާފައި މީހެއްގެ އިސްކޮޅު ހުންނަވަަރަށް ބުރިކޮށްލާފައި ބިމަށް ހަރާލައިފިއެވެ. ހަތްދިހަވަރަކަށް ގޮފިތައް އެގޮތަށް ކޮޅަށް ޖަހާ ހަރުވާޅާއި ރަތް ވައިލެޓްކުލައިގެ ރޯބްތައްވެސް މަހާލައިފިއެވެ. އަދި ބޯ ހުންނަންވީ ދިމާލުގައި ހިލަގަނޑެއް ޖަހާ ފަގުޑި އެޅުވިއެވެ. މިހާރު ސިފަވަނީ އެތާ ތިބި ފިރިހެނުންހެންވެ. އެމަސައްކަތްތައް ނިންމާލަފައި އޭނަ މިސްރާބުޖެހީ އަވަށަށް އެރުމަށެވެ.

އޭރު ރޭގަނޑުގެ ބޮޑުބައި ފާއިތުވެ ހިގައްޖެއެވެއެވެ. ދާމިސް ހަދަންވާ ގޮތާއިމެދު ވިސްނަމުން ގެތަކުގެ ވަށައިގެން ހިނގާ އުޅުނެވެ. ފަތިސްވުމުން އޭނަ އައްސޭރިފަށަށް ގޮސް ހަޅޭއްލަވަން ފެށިއެވެ.

"ކަލޭމެންގެ އަޖަލު ޖެހިއްޖެ. އަހަންނަކީ އަބޫހައުލް. ހެދުނު ހެނދުނާ ކަލޭމެން ބައްދަލު ތިކުރީ ކަލޭމެންގެ ހަލާކާއި އެކު. އޭ ކިންދާ އޭ އަބޫތާރިފް. ބަދަލުހިފަން އަވަސްކުރޭ.."

އޭނަގެ ހަޅޭއްލެވުމުގެ އަޑަށް މުހުރާ ގަބީލާގެ ފިރިހެނުންގެ ހިތަށް ބިރުވެރިކަން ވަދެ އަންހެނުން ހަޅޭއްލަވާ ރޮމުން ކޮޅުކޮޅަށް ދުވަންފެށިއެވެ. ދާމިސް ފަހަތުން އަންނާތީ ގަންނާކުރެއްވި ބިރުން އެމީހުންގެ ސަލާމަތަށް އަވަސްވެގަތީ ފަރުބަދަތަކުގެ ތެރެއަށް ވަދެ ފިލުމަށެވެ. ފިލާފައި ތިއްބާ ފަހުން ވިސްނުނީ ދާމިސްހުރީ އެކަނި ކަމެވެ. ދެން ހިތްވަރު އާލާވެ އޭނައާއި ދިމާކުރަންވެގެން ކުރިމަތިލައިގެން އަންނާން ފެށިއެވެ. ދާމިސް ފަހަތަށް ޖެހެމުން ދިޔަސް އެގަބީލާގެ މީހުން އޭނަގެ ކަނޑީގެ ޝިކާރައަކަށް ހަދަމުން ދިޔައެވެ. އޭނައާއި ކުރިމަތިލާ ކޮންމެ މީހަކު މަރުގެ ކޫޒުން ފެންބޮއެވެ. އެންމެފަހުން އެ މީހުން ގަސްތުކުޅައީ ފަރުބަދަމަތިން އަރައިގެން ގޮސް ދާމިސްގެ ފަހަތުން ހަމަލާދިނުމަށެވެ. އެމީހުން ޖަމާއަތް އެއްވެ ފަހަތުން އަންނަން ބަލައިލިއިރުރ ރަށްބޭރުގައި އޭނަ ހަރުކޮށްފައިވާ ގޮފިތަކާއި ހަމަޔަށް އާދެވިއްޖެއެވެ. ބޭޒާރުވެދާނެތީ ދާމިސް އަވަހަށް ހަޅޭއްލަވައިގަތެވެ.

"އޭ ކިންދާ އޭ އަބޫތާރިފްގެ އެކުވެރިންނޭ. އަހަރެންގެ ފުރާނަވެސް ކަލޭމެންނަށްޓަކާ ގުރުބާން ކޮށްފާނަން. އަހަރެން ޒަަޚަމް ނުވަނީސް އެކަކުވެސް ތިބިތަނުން ގުޑާނުލައްޗޭ. އަހަރެން އެކަނިވެސް މިފިޑި މީހުން ބަލިކޮށްފާނަން. އަހަންނަށް އަނިޔާއެއް ވެއްޖެއްޔާ އެންމެން އެއްފަހަރާ ހަމަލާދީ.."

ފަތިހުގެ ފަނޑު އަލިކަމުގެ ތެރެއިން އެގޮފިތަކުގައި ހެދުން އަޅުވާފައިވާ ގޮތުން ހަމަ ހީވަނީ ހަމަލާދޭން ތައްޔާރަށް ތިބި ހަގުރާމަވެރިންހެންނެވެ. ބަނޫމުހުރާ މީހުން ބިރުން ފަހަތަށް ޖެހި އަވަށަށްވަދެ އަވަސްއަވަހަށް އަނބިދަރިންނާއި އަޅުން އަދި މުދާތަކާއި ފަރުނީޗަރުގެ ތެރެއިން ގެންދެވުނު ވަރަކަށް ހިފައިގެން އެހިސާބުގަނޑު ދޫކޮށް ފިލައިފިއެވެ. ދާމިސް އަވަށަށް އެރިއިރު ރަށުގައި ތިބީ އަޅުންނާއި ކުޑަކުދިން އަދި މުސްކުޅިންނެވެ. އޭނަ އެހުރިހާ އެންމެން ގޮވައިގެން ސަލާމަތުން ރަށަށް އައިސް އެވާހަކަ ކިޔާދިނުމުން ގަބީލާ މީހުން އަޖައިބުވިއެވެ. ފޮތިބޮނޑިއަކާ އެންމެ ކަނޑިއަކާއި އައްޑަނައެއް ހިފައިގެން އެކަނިމާއެކަނި ގޮސް އޭނަ ނަސްރު ހޯދައިފިއެވެ. އެފަދަ ކިތަންމެ ކަމެއް އޭނަގެ ފަރާތުން ހިނގާފައިވާ ވާހަކަ ސުރާގާވެސް ދެންނެވިއެވެ.

***

އަބޫއުބައިދާ ސުރާގާއަށް އެންގެވީ އެ ހިތްވަރުގަދަ ޒުވާން މުޖާހިދު އެ ފޭލިގެއަށް ގެންނެވުމަށެވެ. އިރުގަނޑެއްނުވެ ދާމިސް ދެރަޖާ ގައިގާ އޮޅާލައިގެން އަތް އުގުޅަމުން އެތެރެއަށް ވަނެވެ. އިސްކޮޅުން ދިގު ބިޔަ ޖާނުވަރުގަދަ ޒުވާނެކެވެ. މޫނުމަތިން ފެންނަނީ ޖެހިލުންކުޑަކަމެވެ. އިސްލާމީ ރީތި ސަލާމުން ސަލާމް ގޮވައިލުމުން ހުރިހާ މުޖާހިދުންވެސް ހިނިތުންވެލަމުން ސަލާމް ބަލައިގަތެވެ. ޚާލިދު ޟިރާރު ފަދަ ސަހާބީންވެސް ބައްލަވަން ތިއްބެވީ ރުހުމުގެ ނަޒަރަކުންނެވެ.

"ތިއީ ދާމިސްތަ؟ "

"ލައްބަ. މާތްﷲ ކަލޭގެފާނުގެ އުމުރު ދިގުކުރައްވާ ރަހުމަތް ލައްވާށި..." ދާމިސް އަދަބުވެރިކަމާއެކު ހުއްޓުނެވެ.

"އަހަންނަށް ކަލެއާއި ބެހޭގޮތުން ހައިރާންކުރުވަނިވި ވާހަކަތަކެއް އިވިއްޖެ. އެވާހަކަތަކުގެ ތެދުކަން ލޮލަށް ފެނުމުންވެސް ގަބޫލުކުރެވިއްޖެ. ކުޅަދާނަކަމާއި ބިރުކުޑަކަން މޫނުމަތިން އެބަފެނޭ. އެކަމަކު އިވިފައިވާ ގޮތުން ކަލޭމެން އާއްމުކޮށް ހަގުރާމަކޮށްފައިވަނީ ހާމަ މައިދާންތަކުގައި. ފަރުބަދަތަކާއި ކިއްލާތަކުގައެއްނޫން. އެކަމަކު ބިރުކުޑަކޮށްލާފައި ދުޝްމަނުންގެ ފަހަތުންގޮސް ފުރާނަތައް ނުރައްކަލަށް ހުށަހެޅީ. އަމިއްލަ ނަފުސަށް ރަހުމްކޮށް ޔޫގަންނާއާއިމެދު ފަރުވާތެރިވޭ. އޭނައަކީ އެހެން ފަހުލަވާނުންނާއި އަޅާ ކިޔޭ މީހެއްނޫން. ވަރަށް ވިސްނުންތޫނު ހިތްވަރުގަދަ ރަސްކަލެއް.."

ދާމިސް:" މާތްﷲ ކަލޭގެފާނު ސަލާމަތުން ލަހައްޓަވާށި....އަޅުގަނޑު މުހުރާއަށް ހަލަމާދީ އެމީހުން ބަލިކޮށްލިއިރު އެމީހުންވެސް އުޅުނީ އުސް ފަރުބަދަތަކެއްގެ އަނެއް ފަޅީގައި. ބޮޑެތި ހިލަތަކުން ފުރިފައިވާ އުދަގޫ ހިސާބެއްގައި ހަގުރާމަކުރީ..."

އަބޫއުބައިދާ:" ދާމިސްއަކީ ކުޅަދާނަ ފަހުލަވާނެއްކަމަށް ގަބޫލުކޮށްފިން. މި ކިއްލާއާއި މެދު ޚިޔާލަކީ ކޮބާ؟"

ދާމިސް: " މާތްﷲ ކަލޭގެފާނަށް ރަހުމަތް ލައްވާށި. މިތަނަށް އައިސް ފުރަތަމައަށް ނިދިޖެހުނުތަނާ ހެން އަޅުގަނޑަށް ހުވަފެނެއް ފެނުނު. އެހުވަފެނުގައި އަޅުގަނޑުގެ އެކުވެރިން ތިބީ ހާމަ ބިމެއްގައި ކުރިއަށް އަދި ފަހަތަށް ނުދެވި ތިބި ތަނުގައި ޖަގަހަ ޖަހައިގެން. މަގުމަތީގައި ހުއްޓިގެން ތިބީ ކީއްވެހެއްޔޭ އެހީމަ އެކުވެރިން ބުނީ ކުރިމަތީގައި އެހެރަ ފަރުބަދައަށް އެރޭނެ ގޮތެއް އަދި ދާނެ މަގެއްވެސް ނުފެނިފައޯ. އަޅުގަނޑު ދެންނެވިން ފަރުބަދައިގާ ހޮއި ހެދިފައި އެހެރަ ތަނުން ދެވޭން ނޫންހެއްޔޭ. އެކުވެރިން ބުނީ އެކަމެއް ނުވާނެއޭ. އެތާގައި މާސިންގާ ނާގަހަރުފައެއް އެބައޮތޭ. އެމަގުންދާން އުޅޭ ކޮންމެ މީހަކު ފުރާނައިން އަތް ދޮވެލާން ޖެހެއޭ. މިހާރުވެސް އެތައް ފިރިހެނުންނާއި ހަގުރާމަވެރިންނެއް ފަނާކޮށްލައިފިއޭ. އަޅުގަނޑު ބުނެފިން ކޮންމެ ގޮތެއް ހަދާފައިވެސް އޭގެ ފަހަތުން ގޮސް ހަމަލާދޭންވީއޭ. އަޅުގަނޑު ކޮންމެވެސް ގޮތަކުން ފަހަތަށްގޮސް ކަނޑިން ޖަހާ އެސޮރު ގެ ދުވަސް ދުއްވައިލީ. އުދަގޫތަކާ ދަތިތަކަކަށްފަހު އަޅުގަނޑުމެންގެ މަންޒިލަށް ފޯރީ. ހޭލެވުނުއިރު ހިތަށް ބުނަން ނޭގޭފަދަ އުފާވެރިކަމެއް ލިބި ހަމަޖެހިފައި ހުރީ. އިރާދަކުރެއްވިއްޔާ މި ކިއްލާ އަޅުގަނޑުމެންނަށް ފަތަހަކުރެވޭނެ...."

އަބޫއުބައިދާ: "ތިއީ މުސްލިމުންނަށް އުފާވެރި ޚަބަރެއް އަދި ކާފަރުންނަށް ހުރި ބިރުވެރިކަން. ތި ހުވަފެނުގެ ތައުބީރުން ދައްކަނީ މުސްލިމުންނަށް ފަތަހަލިބޭނެކަމަށް. ދާމިސް އިށީދޭ..."

އަބޫއުބައިދާާ އެހެން ސަހާބީންނަށްވެސް އެފޭލިގެއަށް ދައުވަތުދެއްވިއެވެ.

"ﷲއަކްބަރު. މާތްﷲ އަޅަމެންނަށް ނަސްރު ދެއްވާ އަޅުގަނޑުމެންނަށް އެހީތެރިވޮޑިގަންނަވާ. އޭ ހިތްވަރުގަދަ މުޖާހިދުންނޭ. އަހަރެމެންގެ އަޚު ދާމިސްގެ ހުވަފެނާއިމެދު ވިސްނައިފި މީހަކަށް އިބުރަތެއް. ފިލާވަޅެއް އަދި އިންޒާރެއްވެސްމެ. ހުރިހާ މަތިވެރި ތައުރީފަކާއި ސަނާއެއް ހެއްދެވިފަރާތަށް އަދި މުހައްމަދު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތާއި ސަލާމް ލައްވާށި. އެކަލޭގެފާނުގެ މާތް ދޫފޫޅު މެދުވެރިކުރައްވާ މާތްﷲ ބާވައިލެއްވި ފޮތުގައި އަޅަމެންނަށް ދުޝްމިނުންގެ މައްޗަށް ނަސްރާއި ފަތަހަދެއްވާނެކަމަށް މަތިވެރިވަންތަ މާތްރަސްކަލާނގެވަނީ ވައުދުކުރައްވާފައި. އަދި އުފާވެރިކަމުގެ ޚަބަރުތައް ދެއްވާފައިވޭ. މާތްﷲ ފަހަރެއްގައިވެސް ވައުދާ ޚިލާފު ވޮޑިއެއް ނުގަންނަވާނެ. އެކަލާނގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަސްރުދެއްވާނެ. އަހަރެންވަނީ އަމިއްލަ ނަފުސަށް ވައުދުވެފައި. މި ކިއްލާ ފަތަހަ ވާން ހުރެއްޖެއްޔާ ވެވުނު މިންވަރަކުން މަސައްކަތްކޮށް އެންމެ ރަގަޅަށް ކަންތައްކުރަން މިހިރީ. އަހަރެންގެ ހިތް ބުނާގޮތުން އިރާދަކުރެއްވިއްޔާ މި ކިއްލާއާއި އަހުލުވެރިންގެ މައްޗަށް ކާމިޔާބު ލިބޭނެ. ޝައިތާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވާ ރަގަޅުކަންތައް ކުރުމުގެ ގާބިލުކަންދެއްވަނީވެސް މަތިވެރި މާތްﷲ. މިހާރު ކުރެވޭ އިހުސާސްތަކުގެ އަސާސަކީ ދާމިސްގެ ހުވަފެން. އެހުވަފެން އިޝާރާތްކުރަނީ ފަތަހައާއި ދިމާލަށް..." އަބޫއުބައިދާ ވާހަކަފުޅުދެއްކެވިއިރު އެންމެ ބޭކަލުން ތިއްބެވީ ހިމޭންކަމާއެކު އަޑުއަހާށެވެ.

އަބޫައުބައިދާ ދާމިސްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާފައި އެދިވަޑައިގަތީ އަދި އެއްފަހަރު އެ ހުވަފެން ކިޔާދިނުމަށެވެ. ދާމިސް ކިޔާދިނުމުން އަބޫއުަބައިދާ އެ ހުވަފެނުގެ ތައުބީރު ކިޔާދެއްވިއެވެ.

މުޖާހިދުންގެ ކޮމާންޑަރުން އުފާވެފައި ދެން އެމީހުންނަށް އަމުރުކުރައްވަނީ ކޮންކަަމަކަށްތޯ އެހިއެވެ.

"ސިއްރާ ފާޅުގައި މާތްﷲއަށް ކިޔަމަންތެރިވެ ބިރުވެތިވޭ. އުފަލައި ހިތްވަރާއެކީ ދުޝްމަނުންނާއި ދެކޮޅަށް ހަގުރާމަކުރަމުންދޭ. މިހާރު އެނބުރި ކޭމްޕްތަކަށްދޭ. މާތްﷲ ރައްކާތެރިކަން ދެއްވާށި. ހަގުރާމައިގެ ހަތިޔާރުތައް ތައްޔާރުކޮށް މާދަން ހަގުރާމަކުރަން ދާން ތައްޔާރަށް ތިބެންވާނީ. ތިޔައިން ބޭކަލެއްގެ ޚިޔާލު ތަފާތުވެ އެހެން ހުށަހެޅުމެއް ނެތިއްޔާ. މަޝްވަރާކޮށްފައި ނޫނީ ގޮތެއް ނުނިންމާނަން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ." އަބޫއުބައިދާ ވިދާޅުވިއެވެ.

"މާތްﷲ ކަލޭގެފާނަށް ނަސްރު ދެއްވާށި. އެއީ ހުރިހާކަމެއް ބައްލަވާ ވޮޑިގެންވާ ދެކެދެެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެ. އެކަލާނގެ އިރާދަކުރެއްވިގޮަތަކަށް މެނުވީ އެއްވެސް ކަމެއް ނުހިގާނެ..މިކިއްލަ ފަތަހަ ކުުރުމުގައި މާތްﷲގެ މަގުގައި ފުރާނަ ދުއްވާލަން ތައްޔާރަށް މިތިބީ." މުޖާހިދުން އަބޫއުބައިދާއަށް ސަލާމްކޮށްފައި ފޭލިގެތަކަށް ގޮސް ހަތިޔާރުތައް ސާފުކޮށް ކަނޑިތައް ތޫނުކޮށް އަސްތަކުގައި ލަގަން އެޅުވިއެވެ. ވެރިޔާގެ އަމުރަށް ކިޔަމަންތެރިވެ އަމުރުކުރެއްވި ގޮތަކަށް ހަގުރާމަކުރުން އެއިން ބޭކަލެއްގެ ފަސްޖެހުމެއް ނެތެވެ.

***

ފަތިސްނަމާދަށް ފަހު އަބޫއުބައިދާގެ ފޭލިގެކޮޅުގައި ތިއްބެވި މުޖާހިދުންނާއެކު ދާމިސްވެސް ވިއެވެ.

"މާތްﷲ ރަހުމަތްލެއްވި ދަރިފުޅާ. ކިއްލާ ފަތަހަކުރަން އެއްވެސް ޚިޔާލެއް އެބައޮތްތަ؟ "އަބޫއުބައިދާ ދާމިސްއާއި މުޚާތަބުކުރެއްވީ އޯގާތެރިކަމާއި ކުލުނުން ފުރިފައިވާ ގޮތަކަށެވެ.

ދާމިސް:"އެއީ ވަރުގަދަ ކިއްލާއަކަށްވެފައި ޔޫގަންނާގެ ދުރުވިސްނޭކަމާއި ބުއްދިވެރިކަމުން މިގޮތަށް ހިސާރަކޮށްގެން އަހަރެއްވިޔަސް މިތަން ފަތަހައެއް ނުކުރެވޭނެ. އެކަމަކު އަޅުގަނޑު މިދަންނަވާގޮތަށް އަަމަލުކުރައްވައިފިއްޔާ ފަހަރެއްގައި ކިއްލާގެ ތެރެއަށް ވަދެ އެމީހުން ބަލިކޮށްލެވުމަކީ މާތްﷲގެ އިރާދައާއެކު އެކަށީގެންވާކެމެއް.އަދި އެމީހުންގެ ގެދޮރު އަތުލައި އެބިންތައް މިލްކުވާނެ.. އެމީހުން ހިތުން ނުފިލާވަރުގެ ކެއްސެއް ދެމާ.."

އަބޫއުބައިދާ:"އެއީ ކޮން ކަހަލަ ކެއްސެއްތަ؟ "

ދާމިސް:" މާތްﷲ ކަލޭގެފާނު ހެޔޮ ހާލުގައި ލަހައްޓަވާށި. ސިއްރު ވާހަކައެއް ފެތުރުމަކީ ގެއްލުންދެނިވިކަމެއް. ސިއްރުތައް ހިފަހައްޓައިގެން ހުންނަމީހެއް ވިއްޔާ ކަމުގެ ދެކޮޅު ބަލާފައި ގޮތެއް ނިންމާނީ.."

އަބޫއުބައިދާ:"ދާމިސްގެ ލަފާއަކީ ކޮބާ؟ އަހަރެމެން ހަދަންވީ ކިހިނެއް "

ދާމިސް:"ކަލޭގެފާނު ހިސާރަ ދޫކޮށްލައްވާފައި ލަޝްކަރާއިގެން ދުރަށް ވަޑައިގަންނަވާނީ. އަދި ލަޝްކަރުގެ އެންމެ ހިތްވަރުގަދަ ޖެހިލުންކުޑަ ތިރީސް މުޖާހިދުން އަޅުގަނޑާއި ހަވާލުކޮށް ދެއްވާ. އަދި އަޅުގަނޑުގެ ކޮންމެ އަމުރަކަށް ތަބާވެ ބުނާގޮތަށް ހަދަން ދަންނަވާ. އަޅުގަނޑު މަސައްކަތްކޮށްގެން އިރާދަކުރެއްވިއްޔާ ކިއްލާއަށް ވަންނާނަން..."

އަބޫއުބައިދާ:" ޔޫގަންނާއަކީ ހީލަތްތެރިކަމުން ފުރިފައިވާ މުދައްބިރެއް. އޭނަގެ ފަރާތުން ދާމިސްމެންނަށް ގެއްލުމެއް މެދުވެރިވެދާނެކަމާ މެދު ބިރުހީވޭ. ކަލޭ ޔޫގަންނާގެ ވާހަކަ އަހާފައި ނުވަނީތަ؟ "

ދަމިސް:"ނޫން އަޅުގަނޑަށްވެސް އޭނައަކީ ކާކުކަން ވަރަށް ރަގަޅަށް އެނގިއްޖެ. އޭނައާއި އެކަށީގެންވާވަރުގެ ހީލަތެއް އަޅުގަނޑުވެސް ހަދާފާނަން....."

އަބޫއުބައިދާ:" އެކަމަކު ތި ހަދަން ގަސްތުކުރާގޮތް އަހަރެމެންނަށްވެސް އެނގެންވާނެ.."

ދާމިސް:'އަދި އަޅުގަނޑަކަށްވެސް ނޭގޭ. ހިސާރަ ދޫކޮށްލުމުން ޔޫގަންނާވެސް ފަރުވާކުޑަކުރާނެ އަދި އޭރުން އަޅުގަނޑުވެސް ކިއްލާއަށް ވަންނަން ކޮންމެވެސް ކަހަލަ ހީލަތެއް ހަދާނަން..."

އަބޫއުބައިދާ:"ލަޝްކަރު ދާންވީ ކިހާ ހިސާބަކަށްތަ؟"

ދާމިސް:"ހަމަ މިހާރު ދަތުރު ފައްޓަވައިގެން ގާތްގަނޑަކަށް ހަޔެއްކަ ކިލޯ މީޓަރު ދުރުގައި މަޑުކުރައްވައިގެން ތިއްބަވާނީ. ވީހާވެސް ހަރަކާތްތައް މަދުކޮށް ލޯތަކަށް ވަންހަނާވެގެން ތިއްބެވިއްޔާ ރަގަޅީ. އަދި އެންމެ އިތުބާރުކުރެއްވޭ ފަދަ ޖާސޫސުން އަޅުގަނޑުމެންގެ ހަރަކާތްތައް ދުރުން ބެލުމުގެ އިންތިޒާމު ހަމަޖައްސަވަންވާނެ. އެމީހުންގެ އަތުގައި ޚަންޖަރު ނޫން ހަތިޔާރެއް ހުރުން ރަގަޅެއްނޫން. އަޅުގަނޑުމެންނާ ސީދާ ގުޅުން ނުބައްވާ ދުރުދުރުން އަޅުގަނޑުމެންގެ ހަރަކާތްތައް ދެކޭނީ. އަދި އަޅުގަނޑުމެން ދުޝްމަނުން ކުރިމަތިލުމުން ވީހާވެސް އަވަހަށް އެމީހުންގޮސް ލަޝްކަރަށް އަންގާނީ. އިރުއޮއްސުމުން އެއްހާސް ސަވާރުން ކިއްލާއާއި ދިމާލަށް ފޮނުއްވާނީ. އޭރުން މުޖާހިދުންނަށް ކިއްލާއަށް ވަދެވުނަސް އެހީތެރިވެވޭނެ.."

އަބޫއުބައިދާ ޚާލިދުއާއި އެހެން ބޭކަލުންނަށް ފެނިވަޑައިގަންވާ ގޮތަކާއިމެދު މަޝްވަރާ ކުރެއްވިއެވެ. ހުރިހާ ބޭކަލުންނަށްވެސް ދާމިސްގެ ރޭވުން ވަރަށް ރަގަޅުކަމުގައި ފެނި ތައުރީފުކުރިއެވެ. އަދި ޚާލިދު ވަޑައިގެން އެންމެ ހިތްވަރުގަދަ ކުޅަދާނަ މުޖާހިދުން ނަންގަވަން ފެއްޓެވިއެވެ. އެ މުޖާހިދުން ގޮވައިގެން ފޭލިގެއަށް ވަޑައިގެން ޚާލިދު އެބޭކަލުންނަށް ތައުރީފުކުރެއްވިއެވެ. އިސްލާމްދީނަށްޓަކާ ގުރުބާންވުން އުފަލެއްކަމުގައި ދެކޭ ޝަހީދުވާން ބޭނުންވާ މުޖާހިދުން ކޮޅެކެވެ. ޖިސްމާއި ފުރާނަވެސް މާތްﷲއާއި ރަސޫލާގެ މަގުގައި ހޭދަކުރައްވަން ތިއްބެވި މި ތިރީސް ބޭކަލުން ރޫމީންގެ ތިރީސްހާސް މީހުންނާއި އެއްވަރުވާނެއެވެ.

އަބޫއުބައިދާ އެބޭކަލުންނަށް ނަސޭހަތްދެއްވިއެވެ. އެކަލޭގެފާނު ޖިހާދުކުރުމަކީ ފަރުޟެއްކަމުގައި ވިދާޅުވިއެވެ. އަމިއްލަ ގެދޮރާއި އަނބިދަރިން ދޫކޮށް މިފިނިގަދަ ގައުމަށް އައިސް ހަގުރާމަކޮށް ޝަހީދުވެ ދިޔުމަށް އެދިތިބި ދީނަށްޓަކާ ފުރާނަދޭން ތިބި މުސްލިމުންގެ އޮތީ އެއް ބޭނުމެވެ. މާތް ވެގެންވާ ދީނަށް ޚިދުމަތްކުރުމެވެ. މުޖާހިދުންގެ ތެރޭ އަޅުންނާއި ސާހިބުންވެއެވެ. ނަމަވެސް އެންމެންގެވެސް އެދުމަކީ ދީނަށް ނަސްރު ދިނުމެވެ. ދީނަށް ޚިދުމަތްކުރާ ގޮތުގެ ސަބަބުން މާތްﷲއާއި ރަސޫލާގެ އަރިހުގައި ސާހިބާއަށްވުރެ އަޅެއްގެ ދަރަޖަ މަތިވެރިވެދާނެއެވެ. އަޅަކު ވެރިޔާގެ ގޮތުގައި ކަނޑައަޅަން ޖެހިދާނެއެވެ.

"އަހަރެން ދާމިސްއަކީ ކަލޭމެންގެ ވެރިޔާކަމުގައި ޚިޔާރުކޮށް އޭނައަށް ކިޔަމަންގަތުމަށް އަމުރުކުރަން. މާތްﷲ ތިޔަ އެންމެ މުޖާހިދުންނަށް ރަހުމަތް ލައްވާށި. އަޅަކު ވެރިއެއްގެ ގޮތުގައި ކަނޑައެޅިޔަސް ތިޔަބޭކަލުން އެކަމާ ދެކޮޅު ނަހަދާނެކަމަށް އުއްމީދުކުރަން. ﷲގަންދީ ބުނަން. މިއޮތް ބޮޑު ލަޝްކަރުގެ ޒިންމާތައް ކޮނޑުގައި އަޅަން ނުޖެހޭނެނަމަ އޭނަގެ ވެރިކަން ގަބޫލުކޮށް އެ ލަޝްކަރުގައި އެންމެ ކުރިން ދާ މީހަކަށް ހުރީމު. ކަލޭމެން ވެރިޔާއަށް ކިޔަމަންވެ އޭނަގެ އަމުރަށް ބޯލަނބާތި. އަހަރެންގެ ދުޢާއަކީ މާތްﷲ ތިޔަ ލަޝްކަރަށް ނަސްރު ދެއްވުން..." އަބޫއުބައިދާ އެގޮތަށް ވާހަކަފުޅު ދެއްކެވީ ޖާހިލިއްޔަ ޒަމާނުގައި އަރަބިން އަޅުންނާއި ދޭތެރޭ ވަރަށް ދަށް ބަޔެއްގެ ގޮތުގއި ދެކެފައިވާތީއެވެ. އެމީހުންނާ އެއް މަޖުލީހެއްގައި އަޅަކު ބައިވެރިވުމަކީވެސް އެމީހުންގެ ގަދަރަށް އުނިކަން އަންނާނެކަމެއް ކަމުގައި އޭރު ދެކުނެވެ. އަރަބިން މަތިވެރި މި ދީން ގަބޫލުކޮށް އިސްލާމީ އުސޫލުތަކަށް އަމަލުކުރަން ފެށިތާ މާ ގިނަ ދުވަސް ނުވާތީ އަޅަކު ވެރިޔަކަށް ހުރުމުން ގަބޫލުނުކޮށްފާނެކަމުގައި ބެލެވުނީއެވެ.

މުޖާހިދުނގެ ތެރެއިން ބޭކަލެއް: " ކުރިން އަޅުގަނޑުމެން އަޅުންނާއިމެދު ދަށު ދަރަޖައިގެ ނަޒަރަކުން ބެލި ކަމުގައިވިޔަސް މިހާރު އަޅުގަނޑުމެެން ދޭތެރޭ ތަފާތެއްނެތް. އަޅުގަނޑުމެންނަކީ އަޚުން. އަޅަކު ވެރިޔެއްގެ ގޮތުގައި ކަނޑައެޅިޔަސް އަޅުގަނޑުމެން ހިތުން ރުހުމުން ގަބޫލުކުރާނަން. މާތްﷲގެ ހަޟުރަތުގައި މާތްވެގެންވަނީ އެމީހަކު ތަގުވާވެރިވީވަރަކުން. އަޅުގަނޑުމެން މުސްލިމުންނަށް ވެރިންނަށް ކިޔަމަންވުން ފަރުޟުކުރައްވާފައިވާއިރު ނަސާރާ އަޅަކު ވެރިޔަކަށް ލެއްވިޔަސް ގަބޫލުކުރާނަން."

އަބޫއުބައިދާ: މާތް ﷲ ރަހުމަތް ލައްވާށި. ދާމިސް އަބުލްހައުލްގެ ވެރިކަމުގެ ދަށުގައި މި ކިއްލާ ފަތަހަވުމަށް އެދި ދުޢާކުރަން........." އަބޫއުބައިދާ ކޮންމެ ބޭކަލަކާއި ވަކިން ސަލާމް ކުރެއްވުމަށްފަހު ހެޔޮ ދުޢާކުރެއްވިއެވެ. ކާމިޔާބަށް އެދިވަޑައިގެން އަތްޕުޅު އުފުއްލަވާލަައްވާފައި ދުޢާކުރެއްވިއެވެ. އެއަށްފަހު އެދިވަޑައިގެންނެވީ އަރާމުކުރަން ދިޔުމަށެވެ. އަބޫއުބައިިދާ ދެން ވަޑައިގެންނެވީ ރޭގައި ޔޫގަންނާގެ ލަޝްކަރު ހަގުރާމަކުރި ދިމާލަށެވެ. އެތަނުގައި އޮތީ ލޭގެ ކޯރެވެ. ހަށިތައް އެތަން މިތަނަށް އުކިފައިވާއިރު ދެކޭ މީހުންގެ ހިތްތަކަށް ބިރުވެެރިކަން ވަންނާނެއެވެ. މުސްލިމުންގެ ތެރެއިން ސަތޭކަވަރަކަށް މުޖާޙިދުން ޝަހީދުވިއެވެ. ރޫމީންގެ ދުއިސައްތައަށްވުރެ ގިނަމީހުން ގަތުލުވިއެވެ. މުސްލިމުން ޝަހީދުން ވަޅުލުމަށްފަހު ރޫމީންގެ މަރުވެފައިވާ ހަށިތައްވެސް ކުނިވާކަށް ދުލެއް ނުކުރިއެވެ. އެހަށިތައް ވެސް ވަޅުލިއެވެ. އެއަށްފަހު މެންދުރަށް ކެއްކުމާއިގެން އުޅުނެވެ. މެންދުރުފަހުން ލަޝްކަރު ފުރަން ތައްޔާރުވެ ސާމާނުތައް ބަންނާން ފަށައިފިއެވެ.

***

އިޝާނަމާދަށްފަހު މުޖާހިދުން ކައިގެން އަރާމުކުރަން ޖައްސައިލިއިރު އެހެން ރޭތަކާއި ޚިލާފަށް ޖަހާފައި ހުރި އަލިފާންގަނޑުތ

ކޮމެންޓް 0