"މިއީ ހަގުރާމައިގެ އުކުޅެއް...." ޚާލިދު ބިން ވަލީދަށް ވިސްނި ވަޑައިގަތެވެ.

އެކަން ވިސްނިވަޑައިގެންނެވިއިރު ކިއްލާއާއި މާ ކައިރިއަށް މުޖާހިދުންނަށް ދަތުރުކުރެވިއްޖެއެވެ. ކިއްްލާގެ މަގެއްވެސް ނެތް ފަޅިއަކުން ގޮސް އެންމެ ފުރަތަމަ ކިއްލާގެ ފާރާއި ދިމާލަށް ދިޔައީ ޔަމަންއާއި ރަބީއާ އަދި މުޟަރު ވަންހައިގެ ގަބީލާތަކުގެ ހަގުރާމަވެރިންނެވެ. ކުއްލިއަކަށް ކިއްލާގެ ތެރެއިން ހަގުރާމައިގެ ބެރުތައް ތަޅައިގަތްއަނޑާއެކު ހިލައިގެ ތޫފާނެއް އައިފަދައެވެ. އެކިސައިޒްގެ ހިލަތައް މުސްލިމުންނާ ދިމާލަށް އޮއްސަންފެށިއިރު ހިލައިގެ ފަރުބަދައެއް ކުނޑިކުނޑިވެގެން އޮހިގަތުމެކޭ ތަފާތެއް ނެތެވެ. މުސްލިމުން ހަމަލާތަކުން ރެކެން އައްޑަނަތައް ދިއްކޮށްގެން ކުރިއަށް ޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ކޮޅު ތޫނުކޮށްފައިވާ ހިލަތަކުން ޖެހި މުސްލިމުން ޒަޚަމްވާންފެށިއެވެ. ކިއްލާއާއި ކައިރިވި ގަބީލާގެ މީހުންތައް އަނބުރާލާފައި ދެންތިބި ހަގުރާމަވެރިން ކޮށްޕަމުން ދުއްވައިގަތްއިރު އެކަކުވެސް ސަލާމަތްވާނެކަމަކަށް ހިޔެއްނުކުރެއެވެ. ހިލަ އުކަމުން ދިޔައީ ހުއްޓާނުލައެވެ. ޚާލިދު ގެ އަމުރަށް މުސްލިމުންގެ ލަޝްކަރު ހުއްޓުނެވެ. މި ހިލަތަކުން ރެކިގެން ހަލަބު ކިއްލާގެ ފާރާއި ހަމަޔަށް ދެވޭނެ ގޮތަކާއިމެދު އެކަލޭގެފާނު ފިކުރުކުރެއްވި އެވެ. އަބޫއުބައިދާ ތީރު އުކާ ހަގުރާމަވެރިންނަށް އެންގެވީ އުސްތަނަކަށް އަރާ ކިއްލާއާއި ދިމާލަށް ދުނި އުކާ ސިފައިން ހުއްޓުވުމަށެވެ. ނަމަވެސް އެ ދުނިތައް ކިއްލާއާއި ހަމަޔަށް ފޯރިކަމުގައި ވިޔަސް ސިފައިންނަށް ގެއްލުމެއް ނުލިބުނެވެ. ގިނަ ތީރުތައް ފާރުގައި ޖެހިފައި ބޭރަށް ވެއްޓުނީއެވެ.

މުސްލިމުންގެ ހާލަތު ފެނިވަޑައިގެންނެވުމުން ޔޫގަންނާ އުފާކުރެއްވިއެވެ. އޭނަ އަމުރުކުރެއްވީ ހިލަ އުކުން ގިނަކުރުމަށެވެ.

ރޫމީން ފޯރިއާއެކު ބެރުތަޅާ ހިލައުކުން އަވަސްކޮށްލައިފިއެވެ.

މެންދުރުވަގުތު ޖެހުނުއިރުވެސް ރޫމީން ހިލައުކުން މަޑުޖައްސައެއްނުލިއެވެ. މުސްލިމުން ފަހަތަށް ނުޖެހި ކުރިއަރަން ހަދައިގެން ކޮންމެވެސް ވަރަކަށް މުޖާހިދުން ޝަހީދުވިއެވެ. އެންމެފަހުން އިތުރު ގޮތެއްނެތިގެން ފަހަތަށް ޖެހެން ޚާލިދު އެންގެވުމުން ރޫމީންނަށް އިތުރު ފޯރިއެއް ލިބި ބެރުތަޅާ ލަވާ ހަޅޭކުގެ އަޑު މުޅި ފަޒާގައި ހަރުލައިފިއެވެ. މެންދުރު ނަމާދުވަގުތު ވުމުން އަބޫ އުބައިދާގެ އެންގެވުމަށް ލަޝްކަރު ދެބައިކޮށް އެއްބައި މުޖާހިދުން ވުޟޫކޮށްގެން ނަމާދުގެ ޖަމާއަތަށް އައެވެ. ހަގުރާމައިގެ ވަގުތު ނަމާދުކުރާ އުސޫލުން ކުރީ ރަކުއަތް ނުލިބުނު މީހުންނަށްވެސް ފަހުން ބައިވެރި ވެވުނެވެ.

ހަގުރާމައިގެ ވަގުތުވެސް އަރަބި ހަގުރާމަވެރިން އަޅުކަމަށް ފަރުވާ ބަހައްޓާވަރު ފެނި ރޫމީން އަޖައިބުވެ އެވާހަކަދެއްކިއެވެ. މުސްލިމުންނަށް ނަސްރު ލިބުމުގެ އަސްލަކީ އެއީ ބާވައޭ ހިތަށް އެރިއެވެ.

ނަމާދަށްފަހު ދެގުނަ ހިތްވަރު ލިބިގެން މުސްލިމުން އަނެއްކާ ކިއްލާގެ ފާރައި ކައިރިއަށް ދާން މަސައްކަތްކުރިއެވެ. ޚާލިދު ޟިރާރު އަދި ކައުބު ފަދަ ހިތްވަރުގަދަ މުޖާހިދުންނަށްވެސް އެ ހިލަގަނޑުތަކުން ސަލާމަތްވެގެން އެހިސާބަށް ދިޔުމުގައި ނުކުޅަދާނަވިއެވެ. ރޫމީންތައް ފޯރިއާއެކު ހިލައުކުން އަވަސްކުރުމުން މުސްލިމުންނަށް ނުކުޅަދާނަވެގެން އަނބުރާލާފައި ދުވަންފެށިއެވެ. އޭރު ބޯ ވިލާތަކުގެ ސަބަބުން އިރު ނިވާވެ ދުންފިނިގަނޑެއްހެން ފެންނާން އޮތެވެ.

ޔޫގަންނާ އަމުރުކުރެއްވީ ކިއްލާގެ ދޮރު ހުޅުވާލާފައި ފިލަން ދުވާ މުސްލިމުންނަށް ހަމަލާދިނުމަށެވެ.

"ސާހިބާ. މިހާރު އިރުއޮއްސި އަނދިރިވެއްޖެ. މި އަނދިރީ ތެރޭ މުސްލިމުން ވަކިކުރަން ފަސޭހައެއްވެސް ނުވާނެ. އަޅުގަނޑަށް އެމީހުންގެ ފަހަތުންދާކަށް ނުފެނޭ. އެމީހުން އެދިޔައީ ހިތިގޮތަކަށް ބަލިވެގެން. ލަދުން އެނބުރި އަންނާކަށް ނުކެރޭނެ...."

"ހޫމް މިހާރު މުސްލިމުންނަށް ފިލާވަޅެއް ދަސްވެފައިވާނީ. އެހެން ކިއްލާތަކަށް ހަމަލާދީ ފިނޑި ރޫމީންތައް ބަލިވިޔަސް ހަލަބު ފަތަހަ ކުރުމަކީ ނުވާނެކަމެއް. ކާރކަސް. އަހަރެންގެ ހިތްވަރުގަގަ ކުޅަދާނަ ސިފައިންނަށް އަހަރެންގެ ފަރާތުން މަރުހަބާ ކިޔާފައި އެންމެން ރަަގަޅަށް އަރާމުކުރަން އަންގާ..."

ކާރކަސް އެ އަމުރުފުޅު ސިފައިންނަށް އަންގައިފިއެވެ.

މުސްލިމުން ފިލަންދުވާ މަންޒަރު ފެނިވަޑައިގަތުމުން އަބޫ އުބައިދާ ގޮވައިލެއްވިއެވެ.

"އޭ މުސްލިމުންނޭ ތިގޮތަށް ފިލަން ދުވާއިރު ގިޔާމަތްދުވަހު މާތްﷲގެ ހަޟުރަތުގައި ދޭނީ ކޮން ޖަވާބެއްތަަ. ނަމަވެސް މިއަދު މިހިނގި ހަގުރާމައިން ކަލޭމެން ކުށްވެެރި ކުރެވޭނެ ގޮތެއްވެސް ނެތް. އެންމެންވެސް ވަރަށް ހިތްވަރުކޮށްފި. އެތައް ބަޔަކު ޒަޚަމްވެ ޝަހީދުވެސް ވެއްޖެ. މިހާރު ކުރަންވީ ކަމަކީ ޝަހީދުން ވަޅުލާ ޒަޚަމްވީ މުޖާހިދުން ގެ ގައިގާ ބޭސް އެޅުން......." އަބޫއުބައިދާގެ އަޑުފުޅު އިވުނު މުޖާހިދުން ހުއްޓި އެހެން ހަގުރާމަވެރިން ހުއްޓުވާ މުސްލިމް ލަޝްކަރު އެއްކޮށް މަޑުކޮށްލައިފިއެވެ. އެންމެން ފޭލިގެއަށް ދިޔައީ ދެރަވެ ލަދުވެސް ގެންފައެވެ. ހަގުރާމައިގާ ލިބުނު ނާކާމިޔާބުގެ ކުލަވަރު އެންމެންގެ މޫނުމަތިން ފެންނާން ހުއްޓެވެ. އެންމެ ކުރިން އިސްކަން ދިނީ ނަމާދުކުރުމަށެވެ.

ފިނިކަން ގަދަކަމުން ގަނޑުފެން ފައިބަން އުޅޭފަދައެވެ. މުސްލިމުން އަލިފާންތައް ރޯކުރީ އެހެން ރޭތަކަށްވުރެ ގިނައިންނެވެ. ފިނިން ސަލާމަތްވުމަށެވެ. އެއަށްފަހު ހިކި ގޮފިތަކުގައި ރޯކޮށްލައިގެން ހަގުރާމައިގެ މައިދާނަށްގޮސް ޝަހީދުވެފައިވާ މުޖާހިދުންގެ ހަށިތައް ހޯދުމުގައި އަވަދިނެތި އުޅުނެވެ. އަނިދިރިކަން ގަދަކަމުން ޖެހިގެން ހުންނަ މީހާވެސް ފެންނަވަރެއް ނޫނެވެ. ވަޔާއެކު ހުޅުތައް ހެލިލާއިރު ދުރުން ބަލާމީހުންނަށް އެ މަންޒަރު ފެންނާނީ ބިރުވެރިކޮށެވެ. ކިއްލާގެ ފާރުތައް މަތީ ފޯރިމަރަން ތިބި ސިފައިންނަށް އެ މަންޒަރު ފެނުމުން ހިތުގައި ބިރުވެރިކަން ހިނގައިލިއެވެ. އެކި ދިމާލުން ހުޅުތައް ހެލިލާއިރު އިންސާނުންގެ ސޫރަ ހިޔަނިވާހެންވެސް ހީވިއެވެ. އެކަމުން ހިތްތަކަށް ވަހުމް ވަދެ އެހެން ސިފައިންނަށް ގޮވާ ގެނެސް ދެއްކިއެވެ. އެ ޚަބަރު ކާކަސްއަށް ފޯރާ އެންމެ ފަހުން ޔޫގަންނާވެސް ފާރުމައްޗަށް އަރާވަޑައިގެންފިއެވެ. އެ ފެންނަ އަލިފާން ތަހުގީގުކުރަން އޭނަ ކާކަސްއަށް އެންގެވިއެވެ. ކާކަސް ހުރީ ޖެހިލުންވެފައެވެ.

"އަޅުގަނޑަށް ފެންނަނީ މާދަން ތިކަން ބަލަން. މިއީ ކޮންފަދަ ބިރުވެރި ކަމެއްކަން އެނގެނީއެއްވެސް ނޫން. އަމިއްލައަށް އަޅުގަނޑުމެން އެކަމުގެ ތެރެއަށް ފުންމާލުން ރަގަޅުހެން ހިޔެއްނުވޭ.." ކާކަސް ބުނެލިއެވެ.

"ނޫން. ސަތޭކަވަރަކަށް ސިފައިންގޮސް އެކަން ބަލަން އެބަޖެހޭ. ހަގުރާމައިގެ ވަގުތު އިހުމާލުވާކަށް ނުވާނެ..." ޔޫގަންނާ އެންގެވިއެވެ.

ސިފައިން ތައްޔާރުވަނިކޮށް ވާރޭވެހެން ފެށުމުން ކާރކަސް އުފާކުރިއެވެ. ނަސީބު އޭނައާއި އެހީވީއެވެ.

"އެންމެ ރަގަޅު. ވާރޭވެހެނިކޮށް މި ފިނީގައި ސިފައިން ނުކުތުން ރަގަޅެއްނުވާނެ. މާދަން ހެދުނު ތަހުގީގު ކުރައްޗޭ. ކޮންމެހެންވެސް ތި އަލިފާނުގެ އަސްލު އެނގެން ބޭނުން.." ޔޫގަންނާ އެންގެވިއެވެ. އެ ޒަމާނުގައިވެސް ޖިންނި ޝައިތާނުންގެ ވާހަތަކައް އެމީހުންވެސް ގަބޫލުކުރެއެވެ. އެފަދަ ކަންތައްތަކަށް ޖެހިލުންވެއެވެ.

މުސްލިމުންގެ އެގާރަ މުޖާހިދުން ހަގުރާމައިގާ ޝަހީދުވިއެވެ. އޭގެތެރޭގައި އާމިރު ބިން އަސްލާ މާލިކް ބިން ޚަޒަލް ހައްސާން ބިން ޚަޒާލަ މަރްވާން ބިން އަބުދުﷲ ސުލއިމާން ބިން ފާރިކް އައްތާފް ބިންސާލިމް ސުރާގާ ބިން މުސްލިމް ހިމެނުނެވެ. ބައެއް ހަގުރާމަވެރިންނަށް އެހެން ބޮޑެތި އަނިޔާވެ މަދު މީހަކު ކޮރުވިއެވެ. މުޅި އުމުރަށް ނުކުޅެދޭ މީހުންނަށްވެސް މަދު ބަޔަކުވިއެވެ.

މުސްލިމުން އެތައް ސަތޭކަ އަލިފާންގަނޑު ރޯކޮށްލައިގެން ތިއްބަސް އެމީހުން އަތުގައި ފޭލިގެއާއި ރަޖާތައް މަދެވެ. ޝާމްފަދަ ފިނި ހިސާބެއްގައި ބައެއް ދުވަހު ފަނޑުފެނާއި ސްނޯވެސް ފައިބާތީ މިފަދަ ގަދަ ފިންޏަށް ކެތްކުރުމަކީ އަރަބިންނަށްވެސް ފަސޭހަކަމެއް ނޫނެވެ. މިރޭވެސް ފިނި ފައިބާން ފެށުމުން ބޯ ރަޖާތައް ލައިގެން އަލިފާން ކައިރީ ތިބިއިރުވެސް ރޫރޫ އަޅައިގެން ހަލާކުވާވާރުވިއެވެ. އަބޫއުބައިދާއަށް އެ މަންޒަރު ފެނި ވަޑައިގެންނެވުމުން ޣުލާމެއް ގެންނަވާފައި އެންގެވީ ފޭލިގެތަކުގައި ނިދާފައި ތިބި މުޖާހިދުންނަށް ގޮވާ ފިނީގައި ތިބި މީހުންނަށް ހިޔާވަހިކަން ދިނުމަށެވެ. މައިދާން ހުސްވިފަހުން އަދި ތޫފާނެއްފަދައިން ގަދަޔަށް ގުގުރާ ވިދަންފެށިއެވެ. ފޭލިގެ ތެރޭ ބޮނޑިވެގެން އެތައް އިރަކުތިބިފަހުން ވިއްސާރަ މައިތިރިވެލައިފިއެވެ. ފަތިސްނަމާދަށް ބަންގި ދިނުމުން އެހާ ފިނީގައިވެސް މުޖާހިދުން ހިތްވަރުކޮށްފައި ނުކުމެ ނަމާދަށް ތައްޔާރުވިއެވެ.

އަބޫއުބައިދާގެ ފޭލިގެކޮޅުގައި ބައެއް މުޖާހިދުންނާއެކު މަޝްވަރާ ކުރައްވަން އިންނެވިއެވެ. ހަމަލާ ދިނަސް ހިލައުކަންޏާ އެހިސާބަށް ކައިރިވުމަކީ ކުޅަދާނަކަމަކަށް ނުވާނެއެވެ. ޔޫގަންނާ ހުންނެވީ އަހަރެއްހާ ދުވަހުގެ ކާނާ ކިއްލާގެ ތެރެއަށް ޖަމާކޮށްގެން ކަން އެންމެނަށްވެސް އެނގެއެވެ. ހިސާރަކުރިޔަސް ފަހަރެއްގައި ބޭރުން އެހީތެރިވާން ހެރަކްލިޔަސް ލަޝްކަރެއްވެސް ފޮނުވަފާނެއެވެ. ނަމަވެސް އެންމެންގެ މަޝްވަރާއަށްފަހު މިވަގުތަށް ނިންމީ ކިއްލާ ހިސާރަކުރުމަށެވެ.

މުސްލިމުން އަސްތައް މައްޗަށް ސަވާރުވެ ދަތުރުކުރާން ފެށުމުން ރޫމީން ހީކުރީ އެނބުރިދަނީ ކަމުގައެވެ. ނަމަވެސް ހީކުރިގޮތާ ޚިލާފަށް ކިއްލާ ވަށާލާ ހިސާރަކުރިތަން ފެނި އެމީހުންނަށް އެކަން ބޮޑު ޖޯކަކަށްވެގެން ވަރަށް ހީހެދިއެވެ.

"ހާދަ މޮޔައޭ ދޯ. ދެން އަހަރެއްވާންދެން ހަަމަ ކިއްލާ ވަށައިގެން އަހަރެމެންނަށް ބަލަހައްޓައިގެން ތިބޭނީތަ؟ ކުރެވޭނެ ކަމެއް އޮތްހެން ހިޔެއްނުވޭ. އެހެން ތިއްބާ ޝެހެންޝާހު ބޮޑު ލަޝްކަރެއް ފޮނުއްވާ އެންމެން ކޮށާލާނެ..."

"މުސްލިމުން ކިއްލާ ހިސާރަކުރީތަ؟ އެމީހުންނަށް ވަރުގަދަ ބޮނޑިއެއް ދޭންވާނެ. އެންމެފަހުން ހިތިކޮށް ނިމިގެންދާން ޖެހޭނެ...................."ޔޫގަންނާއަށްވެސް އެކަން އެނގިވަޑައިގެންނެވުމުން އެކަމާ މަލާމާތްކުރެއްވިއެވެ.

ދުވަސްގަނޑެއްވާންދެން ހިސާރު ކުރިއަށް ދިއުމުން އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ޣާފިލުވެ ފަރުވާކުޑަކޮށްލައިފިއެވެ. ޚާއްސަކޮށް މުސްލިމުންނެވެ.

ހަނދުމަހުގެ ކުރީކޮޅުކަމުން ދަންވީއިރު އަނދިރިކަމުން ތަނެއް ދޮރެއް ފެންނަވަރެއް ނުވެއެވެ. ނަމަވެސް އުޑުމަތީގައި އެތައް ތަރިތައް ފިޔަޖަހާ މަންޒަރު ނިކަން ހިތްގައިމެވެ. މުރަޟު އަދި ކިލާބުއަށް ނިސްބަތްވާ ޔަމަނުގެ ގަބީލާތަކުގެ މީހުންގެ އަޅުން ވެސް ރޯކޮށްފައިވާ އަލިފާންތައް ނިވާލާ ނިދުމުގައި މަޝްޣޫލުވެއްޖެއެވެ. ގިނަ މުސްލިމުން ޚިޔާލެއް ފިކުރެއްނެތި ނިދާލާފައެވެ. ފޯރިމަރާކަށް އެރޭ އެއްވެސް ބަޔަކުނެތެވެ. އެހާވެސް ޣާފިލުވެފައެވެ.

ޔޫގަންނާ އޭނަގެ ލަޝްކަރުގެ ދުއިސައްތަ ސިފައިންނާއިގެން މުސްލިމުންގެ ފޭލިގެތަކާއި ދިމާލަށް ވަޑައިގެންނެވިއެވެ.

"އަލިފާންތައް އެނިވައިލީ. ވީމަ ކޭމްޕްގެ އެންމެ މިފަރާތުން އަރާ ހަމަލާދޭންވީ....." ޔޫގަންނާ އަމުރުކުރެއްވިއެވެ.

ފޭލިގެތަކުގެ ތެރެއަށް އެ ސިފައިން ވަނުމާއެކު އެކަކަށް ހޭލެވުނެވެ. ފުރަތަމަ އޭނައަށް ލޯ މައްޗަށް ފެނުނު ކަންތައް ޔަގީނެއް ވެސްނުވިއެވެ. ރޫމީ ބަހުން ވާހަކަދައްކަން ފެށުމުން އެމީހުން އެކިޔާ އެއްޗެއް ނޭގުނެވެ. އަދި ބޭރުން ގިނަ އަދަދަކަށް ސިފައިން ހިމޭންކަމާއެކު އަންނަތަން ދުޝްމިނުން އަރައިގަތީކަން އެނގި އަޑުކޮޅަށް އޭނަ ހަޅޭއް ފަޅޭއްޖަަހައިގަތެވެ. ބައެއްމީހުން އަތް ފައި ހަލުވާނުލެވެނީސް އެސިފައިންގެ އަތްދަށުގައި ހައްޔަރުވެއްޖެއެވެ/

"މުސްލިމުންނޭ. ހަތިޔާރުތައް ނަަގާ......އަވަސް...ކައުބާގެ ވެރި ރަސްކަލާނގެ ގަންދީބުނަން. ރޫމީން އަހަރެމެންނަށް ހަމަލާދީފި............"

އެއަޑަށް ބައެއް މުސްލިމުންނަށް ހޭލެވި ހަތިޔާރުގައި ހިފިއިރު ބައެއް މީހުންގޮސް އަބޫއުބައިދާގެ ފޭލިގެކޮޅަށްގޮސް ޚަބަރު ދަންނަވައިފިއެވެ. އެކަލޭގެފާނުގެ އަމުރުފުޅަށް ޚާލިދުއާއި އެހެން މުޖާހިދުންނަށް އެހިސާބަށް ފޯރާ ހަގުރާމަ ފެށި ރޫމީންގެ ސަތޭކަ ވަރަކަށް ސިފައިން ގަތުލުވިއވެެ. ޔޫގަންނާ ބާކީ ތިބިސިފައިންކޮޅާއެކު އެތަނުން ދިޔައީ ފަންސާހަކަށްހާ މުސްލިމުން ހައްޔަރުކޮށްގެންނެވެ. ގިނައީ މުޟަރު އަދި ރަބީއުވަންހައިގެ މުސްލިމުންނެވެ. އެމީހުން ކިއްލާއަށް ވަދެ ދޮރާށި ބަންދުކޮށްލައިފިއެވެ.

މުސްލިމުން ފަތިސް ނަމާދަށްފަހު ޝަހީދުން ވަޅުލުމުގެ ކަންތަކުގައި އުޅުނެވެ. ފަސްދޮޅަސް މުޖާހިދުން ޝަހީދުވިއެވެ. އެކަންތައް ނިމުނުތަނާހެން ފާރުމަތިން ހަޅޭއްލަވާ އަޑުގަދަކުރަން ފެށުމުން މުސްލިމުންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. އެމީހުންނަށް ފެނުނީ ރޭ ޔޫގަންނާ ލަޝްކަރުގެ ތެރެއަށް ވެދެވަޑައިގެން ހައްޔަރުކޮށްގެން ގެންދިޔަ މުސްލިމުން ސަފަކަށް އަތުރާފައި ތިބިތަނެވެ. ބަދެފައި ތިބުމުން ދިފާއުގައި ކުރެވޭނެކަމެއް ނެތެވެ. އެމަންޒަރު ފެނި މުސްލިމުންނަށް އަސަރުކުރިއެވެ. ސަލާމަތް ކުރަން ބޭނުންވިއެވެ.

ފަހަރަކު މުޖާހިދެއްގެ ބޯ ކަނޑައިލިއިރު އަޑުކޮޅަށް ޝަހާދަތުގެ ދެކަލިމަ ކިޔަމުން ދިޔައެވެ. ކޮންމެ ބޮލެއް ވައްޓައިލީ ކިއްލާއިން ބޭރަށެވެ. މިރަހުމް ކުޑަ ނޭދެވޭ މަންޒަރު ދެކެން ތިބި މުސްލިމުން ހިތާމައާާއެކު ކަރުނަ އެޅިއެވެ. ނުބަލަން ވެގެން އެއްބަޔަކު މޫނުގައި އަތްއެޅިއެވެ. އެންމެންގެ ހިތުގައި ރޫމީންނާއިމެދު ނަފްރަތުގެ ބޯ ފަރުދާއެއް ހިތްތަކުގައި ލެވިއްޖެެވެ. ކުރިއަށްވުރެ ވަރުގަދަކޮށް ކިއްލާ ހިސާރަކޮށް އެކިއްލާ ފަތަހަކުރުމަށް ކުރަންވީ އެހެން ކަންތައްތަކާއިމެދު މަޝްވަރާކުރެވެމުން ދިޔައެވެ.މ

***

ޔޫގަންނާ އަވަހާރުވުމުގެ ހިތާމަ ޔޫގަންނާގެ ހިތްޕުޅުން ފިލައިގަންދާނެ ގޮތެއް ނުވިއެވެ. އެންމެ ބޮޑު ހިތާމައަކީ ޔޫހަންނާގެ ހަށިކޮޅަށް ވީގޮތެއް އޮޅުން ނުފިލުމެވެ. މުސްލިމުންގެ އަތްދަށުގައިވުމަށްފަހު އެމީހުން ހަދާނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. އެކަމަކު އެހެންމީހުންނަށް އެކަން ވަންހަނާ ކުރައްވަންވެސް އެބަ ޖެހިވަޑައިގަނެއެވެ. އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކީރިތިކުރައްވާ ހައްދަވައެވެ. ކިތަންމެ ހިތްވަރުގަދަ ރަސްކަލަކަށްވިޔަސް އަމިއްލަ ކޮއްކޯފުޅު ތިމާގެ އަތުން ގަތުލުކޮށްލުމަކީ ހިތުން ފޮހެވޭނެކަހަލަ ހާދިސާއެއް ނޫނެވެ. ޔޫހަންނާގެ މަގުބަރާއަށް ކޮންމެ ދުވަހަކު ވަޑައިގެން އޭނަ ދުޢާކުރައްވައެވެ. އަދި މާތައްވެސް އަޅުއްވައެވެ. ޔޫހަންނާގެ މަގުބަރާގައި ސަންގުމަރުމަރުހިލައެއް ރީތި ޑިޒައިންއަކަށް ހައްދަވާފައި ޖެއްސެވިއެވެ. އޭގައި އޮތް އިބާރާތްކޮޅުގައި ވަނީ "މިއީ ރަސްގެފާނު ޔޫގަންނާ ގައުމީ ލޯބީގެ ސަބަބުން އެއްވެސް ކުށެއްނެތި އަވަހާރަކޮށްލެވުނު ކޮއްކޯފުޅު ޔޫހަންނާގެ މަގުބަރާއެވެ. ކްރައިސްޓް އޭނައަށް ރަހުމަތްލައްވާ ސުވަރުގެއަށް ލައްވާށިއެވެ."

ޔޫގަންނާގެ އާއިލާ އެކަންޏެއް ނޫނެވެ. އާއްމުންވެސް އެމަހާނައަށް މާ އަޅާ ދުޢާކޮށްދެއެވެ. ފައްޅީގެ ބަގީޗާ ބަލަހައްޓާ މީހާ ވަނީ އެ މަހާނަކައިރީ ތަފާތު ވައްތަރުގެ މީރުވަސްދުވާ މާގަސްތައް އިންދާ ޒީނަތްތެރިކޮށްލާފައެވެ. އެހެންވުމުގެ ސަބަބުން އެތަން ވަރަށް ހިތްގައިމެވެ.

ލޫސީ އާދައިގެ މަތިން ހެނދުނު ބޮޑުބޭބެ ޔޫހަންނާގެ މަގުބަރާއަށް ޒިޔާރަތްކުރިއެވެ. އަދިވެސް ރޭގަނޑަށް ފިނިފޭބުމުގެ ސަބަބުން ގަސްތަކުގެ ފަތްތައް މަތީ ޝަބްނަމްގެ ތިކިތައް ހަރުލާފައި ހުއްޓެވެ. ފަޒާވެސް ފެންނަނީ ދުންފިނިގަނޑެއްހެންނެވެ.

ކޮންމެވެސް މީހެއްގެ ހިލަން ވިހެން ހީވިއެވެ.

އެއީ ވަރަށް ގިނަފަހަރު ބަގީޗާތެރެއަށް ގޮސްގެން އުޅޭއިރު ކުރެވޭ އިހުސާސްއެކެވެ. ކޮންމެވެސް މީހަކު ޖާސޫސެއްހެން ފާރަލަމުން އަންނަކަމުގެ އިހުސާސެވެ. ދުޢާއަށް އަތް މައްޗަށް ނަގައިގެން ހުރެފައި ގެނައި މާތައް މަހާނައިގެ މަތީ ބެހެއްޓިއެވެ. އޭރު ކޮންމެވެސް ވަރަކަށް ލޮލުގައި ކަރުނަ ހިނގާލައިފިއެވެ.

"ސާހިބުކަމަނާ....." ޒުވާން ފިރިހެނެއްގެ އަޑު އިވުމުން ސިހުމާއެކު ލޫސީ ފަހަތަށް ބަލާލައިފިއެވެ. އެއާއެކު މިޒުވާނާއަކީ އޭނަގެ ބޮޑުބޭބެ ޔޫހަންނާއެކު އުޅޭ މީހެއްކަމަށްވާ ސާޖީކަން އެނގުނެވެ.

"ކިހިނެއްވީ ސާޖީ...."

"ސާހިބުކަމަނާއަށްވެސް އަޅުގަނޑު ބޮޑުބޭބެއާއެކު އުޅޭތަން ވަރަށް ގިނަ ފަހަރު މަތިން ފެނިފައިވާނީ. އަޅުގަނޑަކީ ޔޫހަންނާގެ ސިއްރުވެރިޔާ. އޭނަގެ ހުރިހާ ސިއްރުތައް ދަންނަ ހަމައެކަނި މީހަކަށް ހުންނާނީ އަޅުގަނޑު..." ސާޖީ ބުނެލިއެވެ.

"ތިވާހަކަ ދެއްކުމުގެ މާނައެއް ނުވިސްނުނު..." ލޫސީ ހައިރާންވިއެވެ. ސާޖީ ހުރީ ފިނިން ސަލާމަތްވާން މުޅި ގައިގާ ސާލެއް އޮޅާލައިގެންނެވެ. އޭނަގެ ކަޅި އެކި ދިމާލަށް އުކާގޮތުން ކަމަކާ ބިރުން އުޅޭ ކަހަލައެވެ.

"ސަބަބަކީ ސާހިބުކަމަނާގެ ސިއްރެއް އަޅުގަނޑަށް އެނގިފައިވާތީ...." ސާޖީގެ ޖުމްލައިން ލޫސީ ސިހޭގޮތްވިއެވެ.

"ކޮންކަހަލަ ސިއްރެއްތަ؟ " ލޫސީ ކޮންމެވެސް ވަރަކަށް ނުރުހިފައި ބުމަ ކައިރިކޮށްލިއެވެ.

"ޔޫހަންނާ އަޅުގަނޑާއި މަސައްކަތެއް ހަވާލުކޮށްފައިވޭ. މިހުރިހާ ދުވަހު އަރަބިންނާއި ހަގުރާމަކުރަން ހަދައިގެންނާ ޔޫހަންނާ އަވަހާރަވުމުގެ ސަބަބުން އެ ވަޒީފާ އަދާ ނުކުރެވި މިއޮތީ. އަޅުގަނޑު އަމާނާތްތެރިކަމާއެކު އޭނާ ވިދާޅުވިކަންތައް ފުރިހަމަކޮށްދޭން މިހިރީ. އޭނާ ތަންކޮޅެއްކުރިން އަޅުގަނޑާ ދެއްކެވި ވާހަކައެއްގައި ލޫސީގެ ކައިވެނީގެ ކުރިން އޭނަ މަރުވެދާނެއޭ ކިޔާފައި ވާހަކަފުޅު ދެއްކެވި. އަޅުގަނޑަށް ޗާޓެއް ދެއްކެވި. އޭގައި އެބުނާ ސިއްރުތަނަަށް ސާހިބު ކަމަނާ ގެންގޮސްދޭން އަޅުގަނޑާ ހަވާލުކުރެއްވި........................." ސާޖީގެ އެ ޖުމްލަތަކުން ލޫސީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއެކު ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ.

އެފަދަ ކަމެއްކުރަން ބޮޑުބޭބެ ސިފައިންގެ މީހަކާ ހަވާލު ކުރެއްވީ ކީއްވެހެއްޔެވެ؟

"ބޮޑުބޭބެ އަޅުގަނޑުކައިރީ ނުބުނާ ސިއްރެއް ނުވާނެ. ދުވަހަކު ކަލޭގެ ވާހަކައެއް ނުދައްކަވާ...." ލޫސީ ފަރުވާތެރިކަމާއެކު އެލޮލަށް ބަލައިލިއެވެ.

ނުނިމޭ

ކޮމެންޓް 0