ސާޖިސް: " އާދެ މާތް ސާހިބާ ލޫސީވެސް މިކަމަށް އެދިވަޑައިގެން ހުންނެވީ. އޭނަ ވަރަށް ގަބޫލު...."

"އެންމެ ރަގަޅު. ސުލްހަވާން ކޮން ޝަރުތެއް ހުށަހަޅަނީ؟ "

ސާޖިސްގެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން ޚިޔާލީ ފޮލާ ކެއްކެންފެށިއެވެ. ލޮލުގެ ކުރިމަތީ ސިފަވާންފެށީ ހަލަބުގެ ވާދީގައި ފެންގަނޑުކައިރީ ބޮޑު ގަނޑުވަރެއް އަޅާފައި ބަގީޗާގަސްތައް އިންދާ އޭނައާއި ލޫސީ އުޅޭނެ އުފާވެރި ދިރިއުޅުމެވެ. ޚިޔާލީ ދުނިޔެއަކަށް ފީނައިގެން އިނދެފައި އަބޫއުބައިދާ ގޮވައިލެއްވުމުން ބޯ ކަހާލާފައި ހިނިތުންވެލައިފިއެވެ.

"އަޅުގަނޑު އެހާ ބޮޑު ޝަރުތެއް ހުށަހަޅާކަށް ނެތިން. ކިއްލާ ފަތަހަކުރެއްވުމަށްފަހު އަޅުގަނޑަށް ޝެހެޒާދީ ލޫސީ ދެއްވަނިކޮށް ނިމުނީ. އެނޫން އެއްވެސް އިތުރުކަމެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން ސުލްހަ ހުށަހަޅަން އެކަމަނާ އަޅުގަނޑަށް ދެއްވީ ޚަޒާނާއެއްގެ ޗާޓު. އެޗާޓު މިއޮތީ. މިއީ އެކަމަނާގެ ބޮޑުބޭބެ ޔޫހަންނާ އަވަހާރަވުމުގެ ކުރިން އެކަމަނާއަށް ދެއްވި ހަދިޔާ. ކައިވެނީގެ ހަދިޔާ. އެކަމަކު މިދީފައިވެސް ސުލްހަވެ މުސްލިމުންގެ ރައްކާތެރިކަން ބޭނުންވާތީ އަޅުގަނޑު ފޮނުއްވީ..." ސާޖިސް ކަރުކެހިލިއެވެ. އޮޅިގެން މުޖާހިދެއްގެ މޫނަަށް ބަލައިލަންވެސް ފަސްޖެހިފައެވެ.

އަބޫ އުބައިދާ އާއި މުޖާހިދުން ފަރުވާތެރިކަމާއެކު އެ ޗާޓު ފަތުރުއްވައިގެން ބައްލަވަމުން ދިޔައެވެ.

"އެކަމަނާގެ ސިޓީ ކޮބާތަ؟ " ޟިރާރު އެއްސެވިއެވެ.

"ސިޓީއެއް ނުދެއްވާ." ސާޖިސް ކަންބޮޑުވެ ތުންފަތް ހަފަންފެށިގޮތުން ދޮގުވެރިކަމާ މަކަރުވެރިކަން ފައުޅުވެއެވެ.

"އަހަރެމެން ދެނެހުރިގޮތުން ޔޫހަންނާ އަވަހާރަވީއިރު އޭނަ އިސްލާމްވެ ވަޑައިގެންނެވި. އޭނަގެ އަނބިދަރިންނާއި މުދާ ރައްކާތެރިކުރުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި ދެކެން. އެހެންވީމަ އަހަރެމެންގެ މުދަލާއި ދަރިިން ރައްކާތެރިކުރާ ފަަދައިން އޭނަގެ ދަރިންވެސް ރައްކާތެރިކުރާނަން. ޔޫހަންނާގެ އެއްވެސް މުދަލެއްގައި އަހަރެމެން އަތެއްނުލާނަން. މިއީ ޔޫހަންނާގެ ދަރިކަނަބަލުންގެ އެއްޗެއް. މިގެންގޮސް އެކަމަނާއަށް ދީ. ޔޫހަންނާ އޭނަގެ މުދަލާއިމެދު ވަސިއްޔަތެއްކުރިނަމަ އެ ވަސިއްޔަތަކަށްވެސް ރައްކާތެރިވާން ޖެހޭނެ..." އަބޫއުބައިދާގެ ވާހަކަފުޅުން ސާޖިސް އަނގަ ހުޅުވި ދެލޯވެސް ބޮޑުވީ ލިބުނު ހައިރާންކަމަކުންނެވެ.

އޭނަ އަޑުއަހާގޮތުން މުސްލިމުންނަކީ ދަހިވެތި އަމިއްލަ އެދުންބޮޑު ބަޔެކެވެ. އުނުނިވާކޮށްލާނެ ފޮތިކޮޅެއްނުލިބި ބަނޑުހައިކަންމަތީ އުޅޭ ފަގީރު ބަޔެކެވެ. ނަމަވެސް އެމީހުން ފެނުމުން ވަރުގަަދަ ސިންގާތަކެއް ފަދައިން ހައިބަތު ހުރެފައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ހުރިހާ މާތް ސިފަތަކެއް ފެންނާން މިހިރީއެވެ. ދަހިވެތިކަމަކީ އެމީހުންނާއި ގުޅޭ ކަމެއްނޫނެވެ. ހެދުނު ދޮގުތަކުގެ މައްޗަށް އަމިއްލަ ނަފުސް މަލާމާތްކުރިއެވެ. ދޮގުނަހަދާ ވާހަކަދެއްކުނު ނަމަވެސް އޭނައަށް މުސްލިމުންނާ ސުލްހަވެވުނީސް ކަން ނޭގެއެވެ. އެކަމަކު ތެދު ބުނުމުގެ ވަގުތު ފާއިތުވެގެން ހިގައްޖެއެވެ. ދެން ވާހަކަ ބަދަލުކޮށްފިއްޔާ އޭނަގެ އަގުވެއްޓި އިތުބާރުވެސް ގެއްލިދާނެއެވެ. އޭނަ އިރުކޮޅެއްވާންދެން ވިސްނަން އިނެވެ. އެއްފައިމަތިން އަނެއްފައި މައްޗަށް ބަދަލުވެ ނުތަނަވަސްކަންމަތީގައި ދެފަރާތަށް ކިރިކިރިއެވެ.

"ދެން އަޅުގަނޑާއި ލޫސީ ހަދަންވީ ކިހިނެއްތޯ؟ "

"ލޫސީގެ ބައްޕަ މުސްލިމަކަށްވީމަ އެކުއްޖާ ރައްކާތެރިކުރާނަން. އަދި ކައިވެންޏަށްފަހު ކަލޭވެސް އަހަރެމެންގެ ޒިންމާއެއް ކަމުގައިވާނެ. އެކަމަކު އަދި ކަލެއާއިމެދު ކަންތައް ކުރާނީ އެހެން ރޫމީންނާއިމެދު ކަންތައް ކުރާފަދައިން.." އަބޫއުބައިދާގެ ޖުމްލައިން އޭނަ ބިރުން ރޫރޫ އަޅައިގަތެވެ. ގަތުލުކުރެވުނު ރޫމީންގެ މަންޒަރު ހިތަށް ސިފަވިއެވެ. މަރުގެ ހިޔަނި ކުރިމަތިން ފެންނާން ފަށައިފިއެވެ. ކެހިވެރިންނަށް އަބަދުވެސް ކުރިމަތިވާނީ ގެއްލުމާއި ހަލާކުކަން އެނގި ފިކުރުކުރާންފެށީ މުސްލިމުންގެ އަތްދަށުން ސަލާމަތްވާނެ ގޮތަކާމެދުގައެވެ. ނަމަވެސް އެއީ މުސްތަހީލުކަމެކެވެ. އަރަބިންގެ ކުޅަދާނަކަމުން އެފަދަކަމެއް ހިތު އެޅުމަކީވެސް މޮޔަކަމެކެވެ.

"އަޅުގަނޑު......ގެ ހުކުމަކީ މަރު ތޯ؟ "

"ނޫން. ކަލޭ ބަންދުގައި ބަަހައްޓާނީ....."

އެ ޖުމްލަ އިވުމުން ގަތްބިރުންގޮސް ހިތް ތެޅިގަނެ މީހާ މުޅިން ހާސްކޮށްލައިފިއެވެ. ވީމަ ދެން އޭނަ އަމިއްލަ ސަލާމަތާއިމެދު ވިސްނަމުންގޮސް ކުއްލިއަކަށް އައި ބުއްދިއަކުން މޫނު އަލިވެގެން ހިގައްޖެއެވެ.

"މާތް ސާހިބާ. އަޅުގަނޑަށް ކިއްލާއަށް ވަދެވޭ ސިއްރު ދޮރު އެނގޭ. އެތަނުން އަރަބިން ކިއްލާއަށް ވައްދައިފިއްޔާ އަޅުގަނޑަށް އެކަމުގެ ބަދަލުގައި ލިބޭނީ ކޯންޗެއްތޯ؟"

"އަހަރެމެންނަށް މިވަގުތު ތިއަށްވުރެ އެދެވޭ އެހެންކަމެއް ނެތް. ތިކަންކޮށްދީފިއްޔާ މިތާ ކައިރިން ވިލެޖެއްގެ ވެރިކަން ދީ އަދި އަހަރެމެންގެ ރައްކާތެރިކަމުގައި ކަލެއަށް ދިރިއުޅެވޭނެކަމުގެ ޔަގީންކަން ދެން..." އަބޫއުބައިދާގެ މޫނުފުޅުވެސް އިތުރަށް އަލިވިއެވެ.

"އަޅުގަނޑާއެކު ސިފައިން ފޮނުވާދެއްވާ. މިހާރުވެސް އަޅުގަނޑު އެ ސިއްރު ދޮރާށި ދައްކަފާނަން...." ސާޖިސްގެ ހިތް އަވަސްވިއެވެ. ކިއްލާ އަވަހަށް ފަތަހަވެ ޔޫގަންނާ ގަތުލުވުމަށްފަހު އޭނަގެ ދިރިއުޅުމުގެ ރާނީއަކަށް ލޫސީ ވާނެއެވެ.

"ދުވާލު ކިއްލާ ފާރުކައިރިއަށް ދިޔުން ރައްކާތެރިއެއްނުވާނެ. މިރޭ ކަލޭގެ ވައުދު ފުއްދަން މަޑުކުރޭ...." ޚާލިދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ރޫމީންގެ ލަޝްކަރުގެ ކެޕްޓަނެއް. އަޅުގަނޑު ބަލިނުވިނަމަ ގައިދަމޫންގެ ބަދަލުގައި އެ ލަޝްކަރުގެ ވެރިޔަކަށްވެސް ފޮނުވާނީ އަޅުގަނޑުކަން ޔަގީން....." ސާޖިސްއަށް ނީދެވިގެން ބުނަންފެށިއެވެ.

"ކަލެއަކީ ކެޕްޓަނެއް. އަދި ކަލޭގެ ވައުދު ފުއްދައިފިއްޔާ އަހަރެމެން ގާތުގައިވެސް ކަލޭ ހުންނާނީ ކެޕްޓަނެއްގެ މަގާމުގައި. އެކަމާ އެއްގޮތަކަށްވެސް ހާސްވާނެކަމެއް ނެތް އިނގޭ........" ޟިރާރު ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ހެޔޮކަން.." ޟިރާރުގެ މޫނަށް ބަލައިލުމުން އޭނަގެ ހިތުގައި ހަސަދައިގެ އަލިފާންގަނޑު އުތުރި އަރައިގަތެވެ.

"މިރެއަށް ތައްޔާރުވާން ރަގަޅަށް ކައިގެން އަރާމްކޮށްލާ.." ޚާލިދު އެންގެވިއެވެ.

އަބޫއުބައިދާ ލަޝްކަރުގެ މީހަކަށް އިޝާރާތްކޮށްލެއްވުމުން އޭނަ ގޮވައިގެން ކުރިން ހުރި ފޭލިގެއަށް ލައިފިއެވެ. ކާންގެނެސް ދިނެވެ. އޭނަ ހުރީ ވަރުބަލިވެ ލޮޑުވެފައެވެ. ފިނިކަން އެހާ ގަދައެވެ. ތަނެއްގައި ބުރަކަށި ޖައްސާލާ ހަށިގަނޑަށް އަރާމުދޭން ބޭނުންވެފައެވެ. ބަނޑުހައިކަންވެސް އޭނައަށް އިންތިހާއަށް އުދަގޫދެނިވި އިހުސާސަކަށްވިއެވެ. ބަނޑުފުރިގެން އަރާ ވަރަށް ކައިގެން އޭނަ ފޭލިގޭގެ ކަނެއްގައި ރަޖާގަނޑު ރަގަޅަށް އޮޅާލައިގެން އޮށޯވެލުމާއެކު ފުން ނިންޖަކަށް ގެނބިއްޖެއެވެ. ގުގުރީގެ އަޑު މުޅި ފޭލިގޭގައި ހިފާލައިފިއެވެ. އެތައް އިރެއްވާންދެން ނިދާފައި ހޭލެވުނުއިރު އިރުއޮއްސި އަނދިރިވެ ދޮރުމަތީގައި އަލިފާން އަންދަން ފަށައިފިއެވެ. ފޭލިގެއަށް އަލިކަންދޭ ބައްތިތަކަކީ އެ އަލިފާން ގަނޑުތަކެވެ. ސިފައިންގެ މީހަކު ފޭލިގޭގެ ދޮރުމަތީގައި ހުރުމުން އޭނަ މިއޮތީ ހައްޔަރުކޮށްފައިކަން ޔަގީންވެ މިތަނުން ސަލާމަތްވާނެ އެއްވެސް ގޮތެއްނެތްކަން ޔަގީންވެއްޖެއެެވެ. އޭނަ އެ ސިފައިންގެ މީހާއަށް ގޮވާ ގެނެސްގެން މޫނާއި އަތްފައި ދޮވެލުމަށްފަހު އަނެއްކާ ރަގަޅަށް ކެއެވެ. ކެއުމަށްފަހު ސިފައިންގެ މީހާ އޭނަ ގޮވައިގެން އަބޫއުބައިދާގެ ފޭލިގެކޮޅަށް ދިޔަ މަގުމަތީގައި އަލިފާންގަނޑު ކައިރީ އަރަބި މުޖާހިދުން ހީހީފައި ވާހަކަ ދައްކަން ތިބިތަން ފެނުނެވެ. އެކި ކަންތައްތަކުގައެވެ.

"މިމީހުންގެ މިހިރަ އެކުވެރިކަމެއް. އެކުވެރިކަމަކީ ގަދަފަދަ ބާރެއް. މިވެސް މި އަރަބިންނަށް ކާމިޔާބުވާ އެއް ސަބަބުކަން ޔަގީން. ރޫމީންގެ ތެރޭ މިފަދަ އެއްބައިވަންތަކަމެއް ދުވަހަކު ނުފެނޭ އެހެންވެ އެމީހުންގެ ހަލާކު އަންނަނީ..." އޭނަ ހިތާހިތުން ކިޔައިލިއެވެ. އަރަބިންނަށް ތައުރީފު ކުރަން ބޭނުންނުވިޔަސް ހިތަށް އަރަނީ އެބަސްތަކެވެ. ހަގީގަތް ގަބޫލުކުރަން ޟަމީރު ދެކޮޅުހެދިޔަސް ކުރާނެ ކަމެއް ނެތެވެ.

އަބޫއުބައިދާގެ ފޭލިގެކޮޅުގައި ސަތޭކަ ވަރަކަށް މުޖާހިދުން ހަތިޔާރު އަޅައިގެން ތައްޔާރަށް ތިއްބެވެ. ސާޖިސް ގުދުވެ އަދަބުވެރިކަމާއެކު ސަލާމްކޮށްލައިފިއެވެ. އަބޫއުބައިދާވެސް ސަލާމުގެ ޖަވާބު ދެއްވިއެވެ.

"އެންމެން މިތިބީ ތައްޔާރަށް. ކަލޭގެ ވައުދު ދެން ފުއްދަންވީ....." އަބޫ އުބައިދާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހިރީ ވައުދުމަތީގައި..." ސާޖިސް ފިނިގަދަވެގެން ދެއަތް އުގުޅަންފެށިއެވެ.

"ކަލެއަށް އޮތީ ހަމައެކަނި ތިބުނާ ސިއްރު ދޮރާށި ހުރިތަން ދެއްކުން. އޭރުން ކަލެއަށް އަހަރެމެން ބުނި އިނާމްތައް ދީ ވައުދު ފުއްދާނަން. އެކަމަކު މިކަމުގައި އެއްވެސް ކެހިވެރިކަމެއް ނުވަތަ މަކަރުވެރިކަމެއް ވާނަމަ ވަރުގަދަ ސަޒާއެއް ލިބޭނެކަން ހަދާނުން ކައްސާލައިގެން ނުވާނެ. އެ ސަޒާއަކީ އަޑުއެހި މީހަކަށް އިބުރަތަކަށް ވާވަރުގެ އަދަބަކަށްވާނެ."

"ލައްބަ މާތް ސާހިބާ. އަޅުގަނޑަށްވެސް ކަންތައް ހުންނާނީ ތިފަދައަކުންކަން އެނގޭ.."

ހަނދުމަހުގެ ފަހު ކޮޅު ކަމުން އަދިވެސް އަނދިރިކަން އިންތިހާއަށް ގަދައެވެ. ފިނިގަދަކަމުން ދެތިން ހެދުން މަތިމައްޗަށް ލައިގެން އުޅޭއިރުވެސް ފިނީގެ އަސަރު ނުކެނޑެއެވެ. ޚާލިދުއާއި އެހެން މުޖާހިދުންނާއެކު ސާޖިސްހުރީ އާރުކާޓީއަކަށް ވެގެން އެންމެ ކުރީގައެވެ. މަގުގައި ހިލަތައް ގިނަކަމުން އެތަނަށް ބީރައްޓެހި އަރަބިން ހިލަތަކުގައި އަޅައިގެންފާ ވެއްޓި އަނިޔާވިފަހަރުވެސް އައެވެ. އެންމެންވެސް ހިނގަމުން ދިޔައީ ރައްކާތެރިކަމާއި އެކު ސިއްރުންނެވެ. އަނދިރިކަން ގަދަކަމާއެކުގައިވެސް ސާޖިސް ފަސޭހައިން އެތަން ހޯދާ އެތަނުން ހިލަގަނޑު ދުރަށް ޖެއްސިއެވެ. އަދި އެތަނުން ވަންނަން ގަސްތުކުރިއެވެ. ނަމަވެސް ފެނުނީ އެތެރޭގައި ބޮޑެތި ހިލަތައް ޖަހާފައި ހުރިތަނެވެ.

"ވަރަށް ދެރަ. މި ތަނުގައި މިވަނީ ބޮޑެތި ހިލަތައް ޖަހާ މަގު ބަންދުކޮށްފައި..." ސާޖިސް ކަންބޮޑުވިއެވެ.

ޚާލިދުވެސް އެތަން ބައްލަވާލެއްވިއިރު ހިލަތައް އެކަނި އަނެކަތްޗަށް ޖަހާ މުޅި އެހިސާބު އޮތީ ބައްދާލާފައެވެ.

"މިއީ ކަލޭ ތިއުޅެނީ އަހަރެމެންނަށް އޮޅުވާލަންތަ..މިހާ ބޮޑެތި ހިލަތައް ޖަހާ މިތަން ބައްދާލާނީ ކިހިނެއްތަ... " ޟިރާރު ނުރުހުންވިއެވެ.

"ނޫނޭ މަސީހު ގަންދީ ހުވާކޮށްފައި ބުނަން. އަޅުގަނޑު ރޭގައި ބޭރަށް ނުކުތީ މި ތަނުން...."

"މި ކިއްލާއަށް ވަންނާނެ އެހެން މަގެއް ކަލެއަށް އެނގޭތަ؟ "

"ނޫން އަޅުގަނޑު ދަންނަނީ ހަމައެކަނި މި ސިއްރު ދޮރު." ސަޖިސްވެސް މާޔޫސްވިއެވެ. މިރޭ ކިއްލާއަށް ވަދެގެން މިތަން ފަތަހަކުރެވުނު ނަމަ އޭނަގެ ނަސީބު އަތުގައި ހިފީހެެވެ. ނަމަވެސް ޔޫގަންނާއަށް އޭނަ އަރަބިން ކިއްލާތެރެއަށް ވައްދަފާނެކަން ޔަގީންވެ ބޮޑެތި ހިލަތައް ޖަހާ މި މަގު ބަންދުކުރެއްވީއެވެ. ޚާލިދުއާއި މުޖާހިދުން އެތާ ހުރި ބޮޑެތި ހިލަތައް ނައްޓާން މަސައްކަތްކުރި ނަމަވެސް އެހިލަތައް ގުޑުވައިލެވޭނެގޮތެއް ނުވިއެވެ. ހިލަތައް އެގޮތަށް އަތުރާފައި ހުރުމުން އެއީ ހުސް މަސައްކަތެއްކަން ޔަގީންވެ ވަޑައިގެންނެވިއެވެ. އިރުގަނޑަކަށް މަސައްކަތްކުރުމަށްފަހު ޚާލިދު ނިންމެވީ އެނބުރި ލަޝްކަރަށް ވަޑައިގަތުމަށެވެ. އޭރު ހަނދު އަރާ މައިދާން ކޮންމެވެސް ވަރަކަށް އަލިކޮށްލައިފިއެވެ. މާގިނައިރެއް ނުވެ މުޖާހިދުން އަބޫއުބައިދާއާއި ބައްދަލުކުރީ ފޭލިގޭގެ ބޭރުންނެވެ. އެއޮތް ގަދަ ފިނީގައިވެސް ރަޖާ ތުރުކުރައްވައިގެން އެކަލޭގެފާނު ހުންނެވީ މުސްލިމުންގެ އިންތިޒާރުގައެވެ.

"ސިއްރު މަގު ފެނިއްޖެ ދޯ.."އަބުއުބައިދާ އެއްސެވީ ގާތްގަނޑަކަށް ޔަގީންކަމާ އެކުއެވެ.

"ފެނުނު އެކަމަކު ބޭކާރުކަމަކަށްވީ.." ޚާލިދު ވިދާޅުވިއެވެ.

"އެއީޔޯ..."

"ބޮޑެތި ހިލަތައް އަޅާ އެއްކޮށް ބަންދުކޮށްލާފައި އޮތީ. އެމަގުން ވަނުމަކީ މުސްތަހީލްކަމެއް...."

އަބޫއުބައިދާ ސާޖިސްއަށް ޝައްކުން ފުރިގެންވާ ނަޒަރަކުން ބައްލަވާލެއްވިއިރު އެހެން މުޖާހިދުންގެ ނަޒަރުވެސް އޭނައަށް ހުރުމުން ހާސްވާންފެށިއެވެ.

"މާތް ސާހިބާ. އަޅުގަނޑު މަސީހު ގަންދީ ބުނާ ތެދެއް މިއީ. އެމަގުން އަޅުގަނޑު ކިއްލާއިން ނުކުތީ. އަޅުގަނޑަށް ލަފާކުރެވެނީ އަރަބިންނާއި ގުޅިގެން ކިއްލާއަށް ވައްދަން މަސައްކަތްކޮށްފާނެކަން ރަސްގެފާނަށް ވިސްނިވަޑައިގެން އޭނަގެ އަމުރަށް އެ މަގުބަންދުކޮށްލީހެން. އަޅުގަނޑަށް ގާތްގަނޑަކަށް މިހާރު ޔަގީންވެއްޖެ...." ސާޖިސްގެ ވާހަކަ އިވިފައި އަބޫއުބައިދާ އިރުކޮޅެއްވާންދެން ޚިޔާލެއްގައި އިންނެވިއެވެ. އެ ވަގުތުކޮޅު ސާޖިސްގެ ހަޔާތުގައި ގަރުނަކަށްވުރެ ދިގުހެން ހީވިއެވެ. އަބޫއުބައިދާ އެ ޚިޔާލުކުރައްވަނީ އޭނައާއި ދޭތެރޭ ހުކުމް ކުރާނެ ގޮތަކާމެދު ކަން ވިސްނި އިންތިހާއަށް ނުތަނަވަސްވެއްޖެއެވެ. އަބޫއުބައިދާ އެތާ ތިބި އަރަބިންނަށް ބައްލަވާލެއްވިއެވެ.

"މީނަ ގެންގޮސް ކުރިން ހުރިގޮތަށް ފޭލިގޭގައި ކަލޭމެންގެ ބެލުމުގެ ދަށުގައި ބަހައްޓާ. ކިއްލާ ފަހަތަވުމަށް ފަހުގައި އެބުނާ ތަނަކީ ސިއްރު މަގަކަށް ވަންޏާ އަހަރެމެންގެ ވައުދާ އެއްގޮތަށް އަމަލުކުރާނަން...."

އެހުކުމް އަޑުއިވުމާއެކު ސާޖިސް ހެޔޮ ދުޢާކުރިއެވެ. މުސްލިމުންގެ އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު އަޖައިބުވެސް ވިއެވެ. ހުކުމްތަކުގެ ރަގަޅުކަމާއިމެދު ފިކުރު ހިންގައިލެވުނެވެ. މިގޮތަށް އެންމެން ޝަރީއަތް ކުރާނެނަމައެވެ. މަރުގެ ހުުކުމް އަންނާނެކަމަށް ހިތާ ހުއްޓާ އައި ހުކުމަކުން ހިތަށް އުފާވެރިކަން ލިބިއްޖެއެވެ. އެމީހުން އޭނަ ގެންގޮސް ކުރިން ބެހެއްޓި ފޭލިގެއަށް ލައިފިއެވެ. އޭނަ އަވަހަށް ރަޖާގަނޑު ގައިގާ އޮޅާލައިގެން ނިދީގެ އަރާމެއް ލިބޭތޯ މަސައްކަތްކުރިއެވެ.

***

މުސްލިމުން ހަލަބުގެ ކިއްލާ ހިސާރަކުރުމުން ދިގުދެމިގެން ދިޔަތާ ފަސްވަރަކަށް މަސްވީއިރުވެސް މޫމިނުންގެ ޚަލީފާ އުމަރުބިން ޚައްތާބު އަށް އެލަޝްކަރުގެ އެއްވެސް ޚަބަރެއް އޮޅުން ފިލާ ވަޑައިނުގަންނަވައިގެން އެކަލޭގެފާނު ހުންނެވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެންމެފަހުން އެކަލޭގެފާނު އަބޫއުބައިދާއަށް ފަތްކޮޅެއް ފޮނުއްވިއެވެ.

"މާތްﷲގެ އަޅު އުމަރުގެ ފަރާތުން ގަވަރުނަރު އަބޫއުބައިދާއަށް

މާތްﷲފިޔަވާ އެހެން އިލާހަކު ނުވާ މަތިވެރި ގަދަކީރިތިވަންތަ މާތްރަސްކަލާނގެއަށް ހުރިހާ ތައުރީފާއި ސަނާ ހުއްޓެވެ. އަދި ރަސޫލާ ސައްލަﷲ އަލައިވަސައްލަމްއަށް ސަލަވާތާއި ސަލާމް ހުއްޓެވެ.

އަބޫއުބައިދާއެެވެ. ކަލޭގެފާނުގާއި މުސްލިމުންގެ ލަޝްކަރުގެ އެއްވެސް ޚަބަރެއް ލިބެމުން ނުދާތީ އަހަރެންގެ ހިތާއި ހަށިގަނޑަށް އެކަމުގެ އުދަގޫތައް ފޯރަމުން އެބަދެއެވެ. ދުވާލާއި ރޭގަނޑުވެސް އަހަރެންގެ ހިތްވަނީ ތިޔަ ލަޝްކަރުގެ މުޖާހިދުންނާއެކުގައެވެ. އެއްވެސް މައުލޫމާތެއް ނުލިބޭތީ އަދި ރަސޫލަކުވެސް ނާންނާތީ އަހަރެންގެ ޚިޔާލުތައް ނުތަނަވަސްވެ ފިކުރުތަކުގެ ތެރޭގައި ވަމެވެ. އެއްވެސް ޣަނީމާއެއް އެއްޗެއް ލިބުނުކަމަކަށްވެސް ކަލޭގެފާނު ނުލިޔުއްވަމުއެވެ.

ކަލޭގެފާނަށްވެސް އަޅުގަނޑުގެ ޖިސްމު ތިތާ ނުވިޔަސް ހިތާއި ސިކުނޑިވަނީ ތި ލަޝްކަރާއެކުކަން އެނގިލައްވާނެއެވެ. މެދުކެނޑުމެއްނެތި އަބަދުވެސް ތިޔަބައިމީހުންނަށް ހެޔޮ ދުޢާކުރަމުއެވެ. ލޯބިވާ މަޔަކު ދަރިއަކަށްޓަކާ ކަންބޮޑުވާނެވަރަށް އަހަރެންވެސް ވަނީ ނުތަނަވަސްވެފައެވެ. މި ސިޓީ ލިބުމުން މުސްލިމުންނަށް އެހީތެރިވެދޭން އޮތްހާ ކަމެއް ކަލޭގެފާނު ކުރައްވާނެކަމަށް އުއްމީދުކުރަމެވެ. ވައަލައިކުމުއް ސަލާމް ވަރަހުމަތުﷲ ވަ ބަރަކާތުހޫ

އަމީރުލް މުއުމިނޫން އެ ފަތްކޮޅުގައި ސިއްކަ ޖައްސަވާ ބަންދުކުރައްވާފައި އެފަތްކޮޅު އަބޫއުބައިދާއަށް ރައްދުކޮށްދެއްވަން ހަވާލުކުރެއްވިއެވެ.

އަބޫއުބައިދާގެ އަތްޕުޅަށް އެފަތްކޮޅު އެރުމުން ހިތާމަފުޅުކުރެއްވިއެވެ. އަދި މުޖާހިދުން އެއްކުރައްވާފައި ކިޔާދެއްވިއެވެ.

"އަހަރެމެންގެ އަމީރު ހެޔޮދުޢާ ކުރައްވާ އަހަރެމެންގެ މަސައްކަތާއިމެދު ހިތްހަމަޖެހޭނަމަ މާތްﷲވެސް އަޅަމެނަށް ރުހޮވޮޑިގަންނަވާނެ. އަޅަމެންނަށް އަންގަވާފައިވަނީ ވެރިންނަށް ކިޔަމަންވާން.." އަބޫއުބައިދާ ވިދާޅުވިއެވެ.

އެކަލޭގެފާނުވެސް އުމަރުގެފާނަށް ޖަބާދުދެއްވަން ފަތްކޮޅެއް ލިޔުއްވިއެވެ. ގިންސަރިންއަށް ފަހު ހަލަބުގެ ޝަހަރާއި ސުލްހަވެއްޖެ ކަމަށާއި އެކަމަކު ރަސްގެފާނު ޔޫގަންނާ އޭނަގެ ސިފައިންނާއިގެން ކިއްލާ ތެރޭ ރައްކާތެރިވެގެން ހުންނެވިކަމާއި ކިއްލާ ހިސާރަކޮށްގެން އަދިވެސް ދެމިތިބިކަމަށް ލިޔުއްވިއެވެ. ޔޫހަންނާ އިސްލާމްވެ ވަޑައިގަތުމުގެ ހާދިސާވެސް ލިޔުއްވިއެވެ. ހިނގި ކުރިމަތިލުންތަކުގެ ތަފްސީލު ދެއްވާ ޝަހީދުވި ބޭކަލުންގެ ނަންވެސް ހިމެނުއްވިއެވެ. އެތައްފަހަރު އެގޮތަށް ކެހި ދެއްވާ ކުއްލިއަކަށް މުސްލިމުންނަށް ހަމަލާދޭކަމަށް ލިޔުއްވިއެވެ. ހިސާރަކުރުން ދިގުދެމިލައިގެން ދާތީ މިހާރު ގަސްތުކުރައްވަނީ އެތަން ދޫކޮށް ހަލަބްއާއި އެންތިއޯކް ދޭތެރޭގައިވާ ރަށްތަކަށް ހަމަލާދޭންކަމަށް ލިޔުއްވިއެވެ.

އެފަތްކޮޅާއި ހަވާލުކުރެއްވީ އަބުދުﷲ ބިން ގުރުތު ޖަދުއަ ބިން ޖުބެއިރުއެވެ.

އެދެބޭކަލުންގެ އަސް ހަރުދުވެއްޔެއްގައި އަލްއަތީކާ މަގުން ދަތުރުކޮށް ތީމާކައިރީ އޮންނަ އަރަބި ކިއްލާއެއްކަމަށްވާ ސަކާސިކާއާއި ކައިރިކޮށްލީ އަލްޖައްފާރުވެސް ހުރަސްކޮށްފައެވެ. އެތަނުން ހަގުރާމައިގެ ދަހަނާ އަޅާފައި ވިދުންގަދަ ހެލްމެޓެއް އަޅައިގެން ހުރި ސަވާރަކާއި ދިމާވިއެވެ. އޭނަ ނޭޒާ ހިފަހަައްޓައިގެން ހުރި ގޮތުން ހީވަނީ ދެންމެ ހަގުރާމައެއް ނިންމާފައި އައީހެންނެވެ. ނޫނީ ހަަމަލާދޭން ތައްޔާރަށް ހުރި ހެންނެވެ.

"އަހަރެމެންނާއި ކުރިމަތިލައިގެން މިއަންނަ ސަވާރު އެބަފެނޭތަ؟ މިތަނުގައި އަދި މިގޮތަށް؟ " ގުރުތު ވިދާޅުވިއެވެ.

"އަހަރެމެންގެ ސަރަހައްދުގައި އުޅޭ އަރަބި ހަގުރާމަވެރިއެއްދެކެ ބިރުން އުޅުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނޭ....." ޖަދުއާ އަސް މަޑުކޮށްލެއްވިއެވެ.

އެ ސަވާރު އަރާ ހަމަވެފައި އެބޭކަލުންނާއި ސުވާލުކުރެއްވިއެވެ.

"ތިއީ ކޮންބަޔެއް އަދި ތި ދަނީ ކޮންތާކަށް؟ "

"އަޅުގަނޑުމެންނަނީ އަމީރުލްމުއުމިނޫންއަށް އަބޫއުބައިދާ ރަޟިޔައްﷲ އަންހުގެ ފަތްކޮޅު ހިފައިގެން ދަތުރުކުރަމުންދާ މީހުން. ތިއީ ކޮންބޭކަލެއްތޯ؟ "

"އަހަންނަކީ ހިލާލް ބިން ބަދުރުއް ތާއީ."

"ހަގުރާމައިގެ ހަތިޔާރު ހިއްޕަވައިގެން ދުރުވަނީ ކީއްވެތޯ؟ "

"އަމީރުލްމުއުމިނޫންގެ ފަތްކޮޅެއް ލިބުމުން ސީރިޔާގައި ކުރަމުންދާ ޖިހާދުގައި ބައިވެރިވާން މި ދަތުރުކުރަނީ. ވާދީގެ ތިރިން ތި ދެ ބޭކަލުން ފެނުނީމަ ޚަބަރު ބަލައިލަން މިއައީ. އަހަރެންގެ ފަހަތުގައި ލަޝްކަރެއް އެބައޮތް." ހިލާލު އެބޭކަލުންނާއި ވަދާއުގެ ސަލާމްކުރައްވާފައި އޭނަގެ ލަޝްކަރާއި ހަމަވެފައި ދެ ސަހާބީންގެ ޚަބަރު ދެއްވިއެވެ. އަދި ހަލަބާއި ދިމާލަށް ދަތުރުކުރައްވާން ފެއްޓެވިއެވެ.

***

އިބުނު ގުރުތުއާއި ޖަދުއާއަށް މަދީނާއާއި ހަމަަޔަށް ފޯރުމާއެކު އެންމެކުރިން ވެންނެވީ މިސްކިތަށެވެ. އަމީރުލްމުއުމިނޫން އުމަރު ބިން ޚައްތާބުއާއި މުސްލިމުންނަށް ސަލާމްކޮށްލެއްވިއެވެ. އެފަތްކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް އެރުވުމުން ކިޔާލެއްވުމަށްފަހު ދުއާއަށް އަތްމައްޗަށް ނެންގެވިއެވެ.

"ހުރިހާ ނުބައިކަމެއްގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރައްވާދޭވެ.."

ޖަމާއަތުގައި ނަމާދުކުރައްވާ ނިމިގެން މުސްލިމުންނަށް އެފަތްކޮޅު ކިޔާދެއްވުމުން އެންމެން އުފާކުރިއެވެ. ޚަޒަރުލް މައުތުގެ މީހުން އަދި ޔަމަންގެ ގަބީލާތައްކަމަށް ވާ ހަމްދާން މަދާން ސަބާ އަދި މާރިބުފަދަ ތަންތަނުގެ ހަގުރާމަވެރިން އެކަލޭގެފާނު އަރިހުގައި އިހުތިރާމްއާއެކު ދެންނެވީ އެމީހުން ސީރިޔާއަށް ފޮނުއްވުމަށެވެ.

އުމަރު ބިން ޚައްތާބު:" ކަލޭމެންގެ ކިތައް ހަގުރާމަވެރިންތަ؟ "

ޔަމަނުގެ ވެރިއެއް: "އަޅުގަނޑުމެންގެ އަހުގައި ސަވާރުވާ ހަތަރުސަތޭކަ މީހުން. ތިންސަތޭކަ މީހުން ކޮންމެ ޖަމަލެއްގައި ދެމީހުން. އަދި ސަވާރީއަކާއި ނުލާ ހިނގާފައި ދާނެ އެތައް ހަގުރާމަވެރިން އެބަތިބި. އެމީހުންނަށްޓަކާ ކަލޭގެފާނަށް ސަވާރީ ހަމަޖައްސާލަދެވިދާނެތޯ؟ "

އުމަރު ބިން ޚައްތާބު: " ފައިމަގުގައި ކިތައް ހަގުރާމަވެރިންތަ؟ "

" ސަކޭތަ ސާޅީސް"

އުމަރު ބިން ޚައްތާބު: " އަރަބިން ނޫނީ އަޅުންތަ؟ "

" އަރަބިން އަދި އަޅުންވެސް. ދުޝްމިނުންނާއި ދެކޮޅަށް ޖިހާދުގައި ބައިވެރިވާން ވެރިން ހުއްދަދީފައި އަޅުންނަށް އެވަނީ"

އުމަރުބިން ޚައްތާބު އެކަލޭގެފާނުގެ ދަރިކަލުން އަބުދުﷲއަށް ގޮވައި އަރިހަށް ގެންނެވިއެވެ. "ދަރިފުޅާ. ސަދަގާތަށް ލިބިފައިވާ ޖަމަލުގެ ތެރެއިން ހަތްދިހަ ޖަމަލު ހަގުރާމައިގެ ހަތިޔާރާއި ކާނާ އަޅާ ބަރާކޮށްފައި ގެނެސް މިމީހުންނާއި ހަވާލުކުރޭ." ބައްޕާފުޅުގެ އެންގެވުމަށް އިޖާބަދެއްވާ އަބުދުﷲ ވަގުތުން ޖަމަލުތައް ގެނެސް އެމީހުންނާއި ހަވާލުކޮށްފައި އެދިވަޑައިގެންނެވީ ވީހާވެސް އަވަހަށް މުސްލިމުންގެ އަޚުންނާއި ބައްދަލުކޮށް ދުޝްމިނުންނަށް ހަމަލާދިނުމަށެވެ.

އަމީރުލްމުއުމިނޫންގެ ފަތްކޮޅު އަބޫއުބައިދާއަށް ދޭންވެސް ހަވާލުކުރެއްވިއެވެ.

އެފަތްކޮޅުގައިވަނީ އަބޫއުބައިދާ ނިންމެވިގޮތް ބަދަލުކުރެއްވުމަށެވެ. ހަލަބުގެ ހިސާރަދޫކޮށް ދުރަށް ދިޔުމުން މުސްލިމުންނަށް ލިބިފައިވާ ހިތްވަރުގަދަ ނަން ފޮހެވިދާނެކަމަށާއި އެހެންމީހުންނަށް އެއީ ބަލިކަށިވެ ފަހަތަށް ޖެހުންކަމަށް ހީވެ ހިތްވަރު ލިބިދާނެކަމުގައެވެ. ފަހަތަށް ޖެހިވަޑައިނުގެން ދުޝްމިނުންނާއި ކުރިމަތިލެއްވުމަށް ހިތްވަރުދެއްވިއެވެ. ލަޝްކަރާްއި ގުޅެން ޖިހާދަށް ފެންބޮވައިގެންފައިވާ މުޖާހިދުންތައް ފޮނުވާކަމަށާއި އޭގެ ތެެރޭ ގަބީލާތަކުގެ ވެރިންނާއި އަޅުންވެސް ހިމެނޭކަމުގައެވެ. ވެރިންނަކީވެސް މާތްﷲގެ މަގުގައި ޝަހީދުވާން ތައްޔާރަށް މުޅި ހަޔާތް ވަގުފުކޮށްފައިވާ މީހުން ކަމުގައެވެ. ދޭތެރެއިން ހަގުރާމައަށް ހަތިޔާރާއި އިތުރު ލަޝްކަރުތައް ފޮނުވާނެކަމަށް އެކަލޭގެފާނުގެ ފަތްކޮޅުގައި ވިއެވެ. ސުލްހަވާން އެދޭ މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް އެދި ވަޑައިގެންނެވިއެވެ. ރަށްތަކާއި ސަހަރާތަކާއި ހުރިހާ ދިމާލަކަށް ލަޝްކަރުތައް ފޮނުވާ ފަތަހަކުރެއްވުމަށް ބާރު އެޅުއްވިއެވެ.

***

އާ ލަޝްކަރު ޝާމާއި ދިމާލަށް ދަތުރު ކުރަމުން ދިޔައިރު އިބްން ގުރުތުއާއި ޖަދުއާ ގާތުން ޝާމްގެ ޚަބަރުތައް އޮޅުން ފިލުވިއެވެ. މުސްލިމުން ކޭމްޕްކޮށްފައިވާ ސަރަހައްދާއި ރޫމީންނާއި ހަގުރާމަތަކާއި ލިބުނު ފަތަހައާއި ބެހޭގޮތުންވެސް ސުވާލުތައް އޮހުނެވެ. އިބްން ގުރުތުއާއި ޖަދުއާ އެބޭކަލުންނަސް އެނގިހުރި މިންވަަރަކުން ކިޔާދިނެވެ. ހިސާރުގެ މުއްދަތު މާ ދިގުވާތީ އެންމެންނަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބި އެހެން ތަނެއް ފަތަހަކުރުމާއި ދިމާލަށް ވިސްނުން ހުރިކަމުގައިވެސް އެބޭކަލުން ދެންނެވިއެވެ.

އިބްން ގުރުތު:" ރަސްގެފާނާއި އޭނަގެ ސިފައިން ކިއްލާތެރެއަށް ވަދެ ދޮރާށިތައް ތަޅުލައިގެން ތިބުމުން މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ އަދި ޖެނެރަލުންނަށް ފެނިވަޑައިގަތްގޮތަށް ކިއްލާ ހިސާރަކުރީ. އަދި ކާމިޔާބުވުމުގެ ނިޝާނެއް ނުފެނޭ.."

ޔަމަނީއެއް:" އެހެން ކިއްލާތަކުގެ ވެރިންފަދައިން މިމީހުން ސުލްހަނުވީ ކީއްވެތަ؟ މިސާލަަކަށް ގިންސަރިން..."

އިބްން ގުރުތު:" އަރަބިންނޭ. ޔަރުމޫކަށްފަހު މިހާ ހިތްވަރުގަދަ ފަހުލަވާނަކާ އަދި ދިމާވެފައެއްނެތް. އޭނަ ގަދަފަދަ ފަހުލަވާނުން އެބަ ބަލިކޮށްލާ. ނިދަން ނޫނީ ނަމާދަށް މުސްލިމުން ވަނިކޮށް ކޭމްޕްގެ އެއް ފަރާތުން އަރާ ހަމަލާދީ އަހަރެމެންގެ މީހުން މަރައިލާ ފޭރިގަނެގެން އެބަދޭ. އަހަރެމެންގެ ގާފިލާތަކަށް ހަަމަލާދީފައި އެނގުމެއްނެތި ކިއްލާއަށް އެބަވަދޭ. އަހަރެމެން ހިސާރަކޮށްގެން ތިއްބަސް އޭނަދެކެ ޖެހިލުންވެސް ވޭ..."

އިބްން ގުރުތުގެ ވާހަކަ އަޑުއަހަން ތިބި މީހުންގެ ތެރޭގައި ދާމިސް ކިޔާ ފަހުލަވާނަކުވިއެވެ. އޭނައަކީ ކިންދާ ގަބީލާގެ ޝާހީ ވަންހައެއްކަމަށްވާ އަބޫތާރިފް ގެ އަޅެކެވެ. އޭނަ މަޝްހޫރުވެފައިވަނީ އޭނަގެ ނަމުގެ އިތުރުން އަބޫ އަލް ހައުލް ނޫނީ އަބޫ އަލް އަހްވަލްއެވެ. ވަނަމުން "ބިރުގެ ބައްޕަ" ކަމުގައި ކިޔެނީއެވެ. ކަަދުރުރުކެއްހާ ދިގު އިސްކޮޅެއް ހުރެފައި ދެލިކުލައިގެ ހަންގަނޑެއް އޭނައަށް ލިބިފައިވެއެވެ. އެންމެ އުސް އަހަކަށް އެރިޔަސް އޭނަގެ ފައިތިލަ ބިންމަތީގައި ކޭއްތެއެވެ. ޖަމަލަށް އަރައިފިއްޔާ އޭނަގެ ކަކޫ ޖަމަލުގެ ފަޔާއި ދާދި އެއްހަމައެއްގައެވެ. އެހާ ވަރުގަދަ އިސްކޮޅެއް ލިބިފައިވާ މީހެކެވެ. އޭނަގެ ނަން މުޅި ހިސާބުގަނޑުގައި މަޝްހޫރުވެފައިވަނީ ވަރުގަދަ ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައެވެ. އޭނަގެ ކުޅަދާނަކަމުގެ އެތައް ވާހަކަތައް އެންމެނަށް އިވިފައިވެއެވެ. މުހުރާގެ ފަރުބަދަތަކާ ހަޒުރުމައުތުގެ ވާދީތަކާއި ކިންދާގެ ޝަހަރުތަކުގެ އެންމެން އޭނައަށް ގަދަރުކުރެއެވެ. ބަދަވީން ބިރުގަންނަވާ އެމީހުންގެ މުއްސަދިކަން އޭނަ ކިތަންމެފަހަރަކު ލޫޓުވައިލިއެވެ. ބާރުގަދަ އަސްތަކަށްވެސް އޭނައާއި ވާދަކޮށް ކުރި ނޭރެއެވެ. އަރަބިން އެންމެފަހުން އޭނަ ހިފާ ހައްޔަރުކުރިއިރު އޭނަގެ ވަރުގަދަކަމާއިމެދު އެމީހުންވެސް އަޖައިބުވެ އަންތަރީސްވިއެވެ.

ޔޫގަންނާ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ޚަބަރު އަހަން އިން ދާމިސްގެ ލޭ ކެކިގަތެވެ.

"އުފާކުރޭ މަގޭ އަރަބި އަޚާ. މާތްﷲ ގަންދީ ހުވާކުރަން. އަހަރެންގެ އަތުން އޭނަ ބަލިވަންދެން އިރާދަކުރެއްވިއްޔާ ހަގުރާމަކުރާނަން. އަދި އޭނަ ބަލިކޮށްލާނަން..."

"ކަޅު ދަރިއާ. އެތައް ކުޅަދާނަ ފަހުލަވާނުންނެއް އޭނައައި ހަގުރާމަކޮށް ކާމިޔާބުނުވީއިރު ތިގޮތަށް ޚިޔާލީ ފޮލާ ނުކެއްކިއްޔާ ރަގަޅުވާނީ. އެތައް ރަސްކަލުންނަކަށް އޭނަވަނީ ލަނޑުދީ ބަލިކޮށްފައި.."

"އޭ އަބޫއަބުދުﷲ. އަހަރެމެންގެ ދޭތެރޭ މިވާ މުސްލިމް އަޚުވަންތަކަމުގެ ހުރުމަތަކަށްޓަކާ ނޫންނަމަ އޭނައަށްވުރެ ކުރިން ކަލޭގެފާނުގެ ދުވަސް ދުއްވާލާނީ. އެހެންމީހުން ދަށްކުރަން އުޅުމުން އެއްކިބާވޭ. އަހަންނާއި ބެހޭގޮތުން އެނގެން ބޭނުންނަމަ މިތާ މިތިބަ ގަބީލާތައް ކުރެން އަހާ. އަހަރެން ކޮށްފައިވާ ކަންތައް އެނގުމުން ހިތްތަކަށް ސިހުން ލިބި ސިކުނޑި އުދުހިގެން ހިގައިދާނެ. ކިތައް ލަޝްކަރު ހަލާކުކޮށްލިތޯ ކިތައް ހަގުރާމަވެރިން ވިއްސިވިހާލިކޮށްލިތޯ ކިތައް ގާފިލާއަކަށް ހަމަލާދިންތޯ އަހާބަލަ. އެއްވެސް އަވަށްޓެރިންނަކަށް އަހަންނަށް ގެއްލުމެއް އަނިޔާއެއް ނުދެވޭނެ. އަހަންނަކީ ހަމަލާދޭ ފަހުލަވާނެއް ބަލިވެގެން ދުވާނެ މީހެއްނޫން." ދާމިސް ރުޅިވެރިކަމާއެކު އެހެން ބުނެފައި އެތަނުން ދުރަށް ގޮސް ގާފިލާގެ އެންމެ ކުރިއަރައިފިއެވެ.

އަރަބިންގެ ބަޔަކު އިބްނު ގުރުތުއަށް ދާމިސްގެ ކުޅަދާނަކަމާއި ވަރުގަދަކަން ބުނެދޭން މަސައްކަތްކުރިއެވެ.

"އަރަބި އަޚާ. މާތްﷲ ރަހުމަތް ލައްވާނެ. ނުވާނެކަންތައް ވާނެކަންތައްތަކަށް ހަދާވަރުގެ މީހަކާ ކަލޭގެފާނު ވާހަކަދެއްކެވީ. އޭނައަކީ އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ މީހެއް. އެއްވެސް އިންސާނަކު ދެކެ އޭނަ ޖެހިލުމެއް ބިރުގަތުމެއްނެތް. އެންމެ ވަރުގަދަ މަޝްހޫރު ބަތަލުން ދެކެވެސް ޖެހިލުމެއްނުވޭ. ހަގުރާމައިގައި އެންމެ ކުރީ ސަފުގައި އޭނަ ހުންނާނީ. އޭނަގެ އަމާޒު ބަލިކޮށްލާނެ އަދި އެހެން ފަހުލަވާނަކަށް ފަހަރެއްގައިވެސް އޭނަ ބަލިކޮށެއް ނުލެވޭނެ...."

"އާހް. ތި މާ ވަރަކަށް ޚުޝާމަދުކުރަނީ. އެކަމަކު އޭނަ މެދުވެރިކުރައްވާ ރަގަޅުގޮތެއް ވުމަށް އެދި ދުޢާކުރަން..." އަބޫ ގުރުތު ބުނުއްވިއެވެ.

***

ހަގުރާމަވެރި ލަޝްކަރު ވާދީތައް ކަޑަައްތުކޮށް ދާދިއަވަހަށް ހަލަބާއި ހަމަޔަށ

ކޮމެންޓް 0