ޔޫގަންނާއާއި ސިފައިން ކިއްލާތެރެއަށްވަދެ ކިއްލާ ތަޅުލީއިރުވެސް ލޫސީ ހުރީ ފާރުމަތީގައެވެ. އިރުއޮއްސި އަނދިރިކަން ވެރިވާންފެށުމުން ލޫސީ ވަށައިގެން ހޯދާލިއިރު ލާވަން ފެނުނެވެ. އޭރު ލާވަންގެ ގާތު މަރިޔަމްވެސް ހުއްޓެވެ. މަރިޔަމް ލާވަންއަށް ބަލާލަފައި ހީލިއެވެ. ލޫސީގެ ހިތަށް ކަށިތަކެއް ހެރުނުފަދަ އިހުސާސްތަކެއް ކުރެވި މޭގައި އަތް އަޅާލައިގެން އަވަހަށް ހަރުފަތްތަކުން ތިރިއަށް ފައިބާންފެށިއެވެ. ގަނޑުވަރަށް ވަދެފައި ބޭބެއާއި ބައްދަލުކުރަން އެކޮޓަރިއަށް ވަދެވުނުކަމުން ފެނުނީ ހިތްހުއްޓޭފަދަ މަންޒަރެކެވެ. ދާނިޔަލް ހަގުރާމައިގާ ޒަޚަމްވީއެވެ. މޭމަތީގައި ހުރި ޒަޚަމްގައި ދަގަނޑު ދޮންކޮށްފައި ޖައްސަންވެގެން އޭނަގެ އަނގަޔަށް ދަނޑިގަނޑެއް ލައްވާފައި އޮތެވެ. އޭނަގެ މަންމަ ދާނިޔަލްގެ ގައިގާ ފެންފޮތިލާން އިނެވެ.

"މާތް ރަސްކަލާނގެ އަވަސް ޝިފާއެއް ދެއްވާށި.." ލޫސީގެ ލޮލުން ކަރުނަ އަންނަގޮތްވެފައި އޭނަ ދާނިޔަލްގެ އަތްނަގާފައި މޫނުގައި ޖެއްސިއެވެ. އޭނަގެ ހިތްވަރުގަދަ ޖެހިލުންކުޑަ ލޯބިވާ ބޭބެ ދަނިޔަލް މިހާލުގައި އޮތްތަން ފެނުމުން ހިތް ހަލާކުވާވަރުވިއެވެ. ހިތާމައަކަށްފަހު ހިތާމައެކެވެ. މިހުރިހާކަމެއް ހިތަށް ނަގައިގަނެވޭނީ ކިހިނެއްހެއްޔެވެ؟ ޑޮކްޓަރުގެ މަސައްކަތް ފަރުވާތެރިކަމާއެކު ބަލަން ލޫސީ މަޑުމަޑުން އެއް ފަރާތުގައި ހުއްޓެވެ. ޒައިތޫން ކޮޓަރިކޮޅުން ބޭރަށް ނުކުމެފައި ދެން އައިއިރު އަތުގައިވާ ރުމާލުން ކަރުނަ ފޮހެމުން އައެވެ.

"ޑޮކްޓަރ. ބޭބެގެ މި ޒަޚަމް ރަގަޅުވާނެތޯ؟ ކަނޑީގެ ފުން ޒަޚަމެއް މިހިރީ.."

"އަޅުަގނޑު މިހާރު މިތަނުން ލޭ މަނާކޮށްފިން. ޒަޚަމްގައި ބޭސް އަޅައިފިން. މިބޭސްތައް ގަޑިން ދެނިކޮށް ޝެހެޒާދާ ދާނިޔަލްއަށް ފުރިހަމަ ސިއްހަތެއް ކްރައިސްޓް ދެއްވާނެ...." ޑޮކްޓަރާއި އޭނަގެ އެހީތެރިޔާ ދަބަސް ހިފައިގެން ނުކުމެގެން ދިޔައީ އަދަބުވެރިކަމާއެކު ގުދުވެލާފައެވެ.

"ދަރިފުޅާ. އަދި އެހެން ޚަބަރެއްވެސް އެބައޮތް. ހިތާމަނުކުރާތި. މަރަކީ ކޮންމެ މީހަކަށްވެސް އަންނާނެ އެއްޗެއް. އެމީހެއްގެ އަޖަލު ޖެހުމުން އެންމެ ނޭވާއެއް އިތުރަށް ލުމަކީ އެކަށީގެންވާ ކަމެއްނޫން. ދަރިފުޅާ ލޫސީ...." ޒައިތޫން ލޫސީ ގެނެސް ގާތުގައި ބައިންދާފައި އަތުގައި މަޑުމަޑުން ފިރުމަމުން ވާހަކަދެއްކިއެވެ.

ލޫސީ ދެލޯބޮޑުވިގޮތުން މަންމަ ބުނަން އުޅޭ އެއްޗެއް ނަގައިގަނެވުނުކަން އެނގެއެވެ.

އެދައްކަނީ އޭނަގެ ބޮޑުބޭބެގެ ވާހަކައެވެ.

ބޮޑުބޭބޭފުޅުވަނީ އޭނައަށް ފެނުނު ހުވަފެނުގެ ވާހަކަ ކިޔާދީފައެވެ. ހެދުމުގެ ޖީބުގައި އޮތް ތަޅުދަނޑީގައި ލޫސީއަށް އަތް ޖައްސާލެވުނެވެ. އެތަޅުދަނޑި ބަލާ ބޮޑުބޭބެ ވަޑައިނުގަންނަވާނީ ހެއްޔެވެ؟

"ބޮޑުބޭބެ......އަވަހާރަވެއްޖެ. އެކަމާ ބައްޕާފުޅުވެސް ވަރަށް ހިތާމަކުރައްވާ. މަންމަގެ ހިތްވެސް ހަލާކުވެއްޖެ......."

ލޫސީގެ ލޮލުން ކަރުނައެއް ނައެވެ. ގަނޑުވެފައިވަ ބުދެއްހެން ދަރިފުޅު އިންތަން ފެނުމުން ޒައިތޫނު ދަރިފުޅު ގެނެސް މޭގައިޖައްސަވަލައްވަމުން ހިތްވަރުދޭން މަސައްކަތްކުރެއްވިއެވެ.

"މަންމާ ފެން......" ދާނިޔަލް ކުޑަކޮށް ލޯ ހުޅުވާލަފައި އެދުނެވެ.

"ހިތްވަރުކުރައްޗޭ ލޫސީ..." ޒައިތޫނު ލޫސީގެ ބޮލުގައި ފިރުމާލެއްވުމަށްފަހު ތެދުވެވަޑައިގެންނެވިތަނާ ފެނުނީ ލޫސީ އެނދުމައްޗަށް ވެއްޓުނުތަނެވެ.

"ލޫސީ...." ޒައިތޫނުގެ އަޑަށް ޚާދިމާއިންވެސް އެތަނަށް ވަންއިރު ލޫސީ އޮތީ ހޭނެތިފައެވެ.

***

ކިއްލާގެ ކުދިބޮޑު އެންމެން ކަޅުހެދުން ލައިގެން ހިތާމަކޮށް ކަރުނަ އޮއްސަނީ ޔޫހަންނާ އަވަހާރަވުމާއި ގުޅިގެންނެވެ. ޔުހަންނާގެ ޖަނަޒާގައި އެންމެހާ އިއްޒަތްތެރިންނާއި ސިފައިންގެ މަތީ އޮފިސަރުންވެސް ބައިވެރިވިއެވެ. އޭނަ ފަސްދާނުލާ ނިމިގެން ޔޫގަންނާ ގަޑުވަރަށް ވަޑައިގެންނެވިގޮތަށް ދަރިފުޅު ދާނިޔަލްގެ ހާލު ބައްލަވައިލެއްވިއެވެ. ކޮއްކޮ ވަކިވެވަޑައިގެންނެވިގޮތަށް ދަރިކަލުންނަށް ވެދާނެތީ ކަންބޮޑުވެވަޑައިގަތެވެ. ދާނިޔަލްގެ ހުން އަދިވެސް މަޑެއްނޫނެވެ. ނަމަވެސް އޭނަ ހޭ އަރައިފިއެވެ. އެއީ ހިތްޕުޅަށް ލިބިވަޑައިގެންނެވި ކުޑަ ތަސައްލީއެކެވެ.

ހުރިހާ އެންމެނަށްވުރެ ބޮޑު ހިތާމައެއް ލިބުނީ ލޫސީއަށެވެ. ބޮޑުބޭބެ އަވަހާރަވީކަމުގެ ޚަބަރު ލިބުމުން ހޭނެތުނުގޮތަށް ހަވީރުވާންދެން އޭނަ ހޭ ނާރާ އޮތެވެ. ހަވީރު ފިނިކަން ގަދަވާން ފެށުމުން ލޯ ހުޅުވައިލިގޮތަށް ކަރުނަތައް ހުއްޓޭނެގޮތެއް ނުވިއެވެ. ރުމާވެސް ތެމި ފޯވެއްޖެއެވެ. އޭނަގެ މަންމަ މަސައްކަތްކުރެއްވީ ދަރިފުޅުގެ ކަރުނަތައް ހުއްޓުވުމަށެވެ. އެއްގޮތަކަށްވެސް ނުކެވުނެވެ. އެންމެ ފަހުން ބޮލުގައި ރިއްސަންފެށިއެވެ. ރޭގަނޑު ނިދެންދެން ދޭތެރެއަކުން ރުއިމާއި ހިތާމަކުރުމުގައެވެ. ހެނދުނު ހޭލެވުމާއެކު ބޮޑުބޭބެގެ ހަދާންތައް އޭނަ ވަށައިލިއެވެ. އެ ލޯބިވާ ބޮޑުބޭބެ އެވަނީ އަބަދަށްޓަކާ އޭނައަށް އަލްވަދާއުކިޔާފައެވެ. އޭނަގެ ހިތާމަތައް ފިލުވައިދޭނެ މީހަކު ދެން ނެތެވެ. އޭނަގެ ހިތުގައިވަނީ ހަމައެކަނި ޔޫހަންނާ އަވަހާރަވުމުގެ ހިތާމައެއް ނޫނެވެ. ހިތުގައި އުފެދުނު ނާކާމިޔާބު ލޯތްބާ ހަސަދަވެރިކަންވެސް އޭނަގެ ހިތާމަތައް ދެގުނަ އިތުރުކޮށްފިއެވެ. އޭނަގެ މަންމަވެސް ދަރިފުޅުގެ ހިތާމައިގެ ސަބަބުން ލޮލުން ކަރުނަ ނުހިކެއެވެ.

"ދަރިފުޅާ ލޫސީ. ހިތާމަތަކަށް ކެތް ކުރަންވާނެ. ތި ހިތާމައިގާ އަމިއްލަ ނަފުސްވެސް ހަލާކުގެ ތެރެއަށް ނުލާ.........." މަންމަގެ ވާހަކަތަކުގެ ޖަވާބަކީވެސް ރުއިމެވެ. ޒައިތޫން ދަރިފުޅުގެ ގައިގާ ފިރުމަމުން ވިސްނާދިނެވެ.

"ލޫސީ. ބޮޑުބޭބެ އަވަހާރަވުމަކީ އެންމެނަށް ލިބުނު ބޮޑު ހިތާމައެއް. ރޭގައި ބައްޕަވެސް ވަރަށް ކީރިތިކުރެއްވި. މަންމައަށް ވީވަރު ކުޑައެއްނޫން. ޔޫހަންނާއަކީ ހުރިހާ އެންމެނަށް އެހީތެރިވެ ވަޑައިގަންނަވާ މީހުންގެ ހާލު ބައްލަވާ އޯގާތެރި ރަގަޅު ބޭފުޅެއް. އެކަމަކު އަޖަލުޖެހުމުން ކޮންމެ މީހަކަށްވެސް ޖެހޭނީ މާތްރަސްކަލާގެ ހަޟުރަތަށް ދާން. ދިރިތިބިމީހުން ޖެހޭނީ އެކަން ގަބޫލުކޮށް ކެތްތެރިވާން. ދަރިފުޅުވެސް ދެން ހިތް ހަމަޖައްސާލާ މި ހިތާމަތަކަށް ކެތްކުރެވޭތޯ ބަލާ. ދަރިފުޅުގެ ކަރުނަތައް ފެނުމުން މަންމަގެ ހިތްވެސް ހަލާކުވަނީ."

"ކޮންމެވެސް އެއްޗެއް އެތެރެހަށްޓަށް ލާން ޖެހޭނެ ނޫނީ އަނެއްކާ އަނބުރައިގެންފާނެ. ކިރުފޮދެއް ނޫނީ ޝަރުބަތުފޮދެއް ބޯލަންވީނު....................." ޒައިތޫނު ލޫސީ ގަޔަށް ލައްކޮށްގެން ތެދުކޮށްލުމުން ދެތިން ސަމުސާ ބޯލާފައި އަނެއްކާ ލޫސީ ބާލީސް މައްޗަށް ވެއްޓިގަތެވެ. ލޮލުގައި ތާޒާ ކަރުނަތައް ގިނަވެގަތެވެ.

"މަންމާ އަޅުގަނޑަކަށް ކެތް ނުކުރެވޭނެ..ބޮޑުބޭނެ ގެނެސްދީ..." ލޫސީ ބަލިކަށި އަޑަކުން ބުނެލިއެވެ.

"މަންމަގެ ފުރާނަފަދަ ލޫސީ. މަރުވެފައިވާ މީހަކު ދިރުވުމަކީ އެކަށީގެންވާ ކަމެއްނަމަ މަންމަގެ ފުރާނަ ގުރުބާންކޮށްގެންވެސް އެކަން ކުރާނަން. އެކަމަކު އެއީ ވާނެކަމެއްނޫން. މަރުވުމަށްފަހު އަލުން މީހަކު އައުމަކީ އެކަށީގެންވާ ކަމެއްތަ؟ މަންމަ ބޮޑުބޭބެ ގެނެސްދޭނީ ކިހިނެއްތަ؟ "ޒައިތޫންވެސް އޭނަގެ ކޯތާފަތް ރުމާލުން ފޮހެމުން ވާހަކަދެއްކިއެވެ.

"އަޅުގަނޑުވެސް މަރުވާނެނަމަ..."

"ދަރިފުޅާ. ތިގޮތަށް ރުއިމުން މަރުވެފައިވާ މީހުންގެ ފުރާނައަށް ދަތިކަން ލިބޭނެކަމެއް ނޭގޭތަ؟ ބޮޑުބޭބެގެ ފުރާނައަށް ކަށްވަޅުގައި ހަމަޖެހިގެން އޮތަދޭން ދަރިފުޅު ބޭނުންނުވަނީތަ؟ނުރޮއި ބޮޑުބޭބެގެ މަހާނަ ކައިރިއަށްގޮސް ދުޢާކޮށްފައި ތާޒާ މާ އެޅީމަ އެފުރާނައަށްވެސް ހަމަޖެހުން ލިބޭނެ......... " ޒައިތޫން އެންމެފަހުން ބުނެލި ޖުމްލައިން ޖާދޫއެއް ފަދަ އަސަރުތަކެއް އެކުއްޖާއަށް ކޮށްފިއެވެ.

ލޫސީ މޫނު ފޮހެލުމުން ޒައިތޫން ޚާދިމާއަކަށް އަމުރުކުރެއްވީ ލޫސީއަށް ހެދުމެއް ގެނެސްދީ ތައްޔާރުކޮށްލަދިނުމަށެވެ. ލޫސީގެ މޫނުގެ ފިޔާތޮށިކަން ކެނޑި ލޯ ދުޅަވެ ރަތްއަރާފައި ހުއްޓަސް އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ޚާދިމާއަކު ހޫނު ފެނުން ލޫސީ ފެންވަރުވާލާފައި ކަޅުހެދުމެއް ލައްވާދިނުމުން އެދޮންމޫނު ކަޅުހެދުމުގެ ތެރެއިން ފެންނައިރު ވިއްސާރަވިލާގެ ތެރެއިން ހަނދު ފައްދާލާހާ ފުރިހަމައެވެ.

"ޚާދިމާއަކު ވެސް ގެންދޭ....." ޒައިތޫން ދަރިފުޅަށް ބައްލަވަން އިންނެވީ ހިތާމައިގެ ނަޒަރަކުންނެވެ.

"ނޫން މަންމާ އަޅުގަނޑު އެކަނި ހިނގައިދާނަން..." ލޫސީ ހިނގައިގަތުމުން ހަށިގަނޑުގައި ހަކަތަ ނެތުމުން ތުރުތުރުލާ ގޮތްވިއެވެ.

ފައްޅި އެހާ ދުރެއް ނޫނެވެ. ނަމަވެސް އެ ރާސްތާވެސް މިއަދު ގިރާކޮށްލަން ގިނައިރުތަކެއް ނެގިއެވެ. ޔޫހަންނާގެ މަހާނަ ހުރި ހިސާބަށް ގޮސްފައި ލޫސީއަށް ފެނުނު މަންޒަރަކުން ހިތް އަވަސްވެ ތުރުތުރު އަޅައިގެންފާ ނުވެއްޓުނީވެސް ކިރިޔާއެވެ. ޔޫހަންނާގެ މަހާނަ ކައިރީ ދުޢާކުރަން ހުރީ ލާވަން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނަ ހުރީ އަނެއް ފަރާތަށް އެނބުރިގެން ކަމަށްވާތީ ލޫސީ ނުފެނުނީއެވެ. ލޫސީ އަވަސްއަވަހަށް މޭބިސްކަދުރު ވެލާތަކެއްގެ ނިވަލަށް ވަދެ ފިލައިފިއެވެ. ފަތްތަކުގެ ދޭތެރެއިން ސިއްރުން ލާވަންގެ ހަރަކާތައް ދެެކެން ހުރިއިރު ހިތް އޮބިއޮންނަ ވަރެއް ނޫނެވެ. ދުޢާ ނިމުމަށްފަހު މާތައް ބަހައްޓާފައި ލާވަންގެ ރީތި ހިނގުމުގައިގޮސް ލޯމަތިން ގެއްލެންދެން އެސްފިޔަޖަހައިލަން ނޭގިފައި ހުރެވުނެވެ. އެއަށްފަހު ޔޫހަންނާގެ މަހާނަކައިރީ ކުޑަކަކޫ ޖައްސާލައިގެން އިށީންގޮތަށް ވަރަށް ގިނައިރުވަންދެން ރުޔެވެ.

"ބޮޑުބޭބޭފުޅު މިހާރު ތިއޮންނެވީ މިކެހިވެރި ދުނިޔެއާއި އަބަދަށްޓަކާ ވަކިވެ ވެލީގެ ދާނުގައި އަވަހާރަފުޅު ލައްޕަވާފައި. ބޮޑުބޭބެދެކެ ލޯބިވާ ކޮއްކޮ މިވަނީ ނިމުމެއްނެތް ފުން ހިތާމައިގާ. ކެތް ކުރެވެނީއެއްނޫން. މިގޮތަށް ރުއިމުން ބޮޑުބޭބެގެ ފުރާނައަށް ދަތިވާނެކަން އެނގޭއިރުވެސް ކަރުނަތައް ނުހުއްޓުނު. އަޅުގަނޑު ހިތްހަމަޖައްސައިދޭނެ މީހަކު ނެތް. އެއްވެސް މީހަކަށް އަޅުގަނޑުގެ ހިތުގެ ހާލަތު އޮޅުމެއް ނުފިލާ. އަޅުގަނޑުވެސް ބޮޑުބޭބެއާއެކު ގެންދެވިނަމަ. ކްރައިސްޓް ބޮޑުބޭބެއަށް ސުވަރުގޭގެ ރަހުމަތް ލައްވާށި......" ލޫސީ ކަރުނަތައް ފޮހެލާފައި ތެދުވެގެން ހިނގައިގަތީ ބަގީޗާއާއި ދިމާލަށެވެ.

ގަސްތަކުން މީރުވަސްދުވާ މާތައް ބިނދެގެންގޮސް ޔޫހަންނާ މަހާނަމަތީގައި ލާވަން ބެހެއްޓި މާތައް ނަގާ އެއްލާލައިފިއެވެ.

"މިމާތަކުން ބަރަކާތް ލިބޭނީ މަރިޔަމްއަށް. ހިތް ހަލާކުކޮށްލައިފި....."

ލޫސީ ބޮޑުބޭބެއަށް ހެޔޮ ދުޢާކުރުމަށްފަހު ވަސިއްޔަތް މަތިން ހަދާންވެގެން ހިނގައިގަތީ ފައްޅިއާއި ދިމާލަށެވެ. ބޮޑުބޭބެގެ އަލަމާރި ހުޅުވާލިއިރު ބައިވަރު ދީނީ އަދި އިލްމީ ފޮތްތަކާއެކު ކަރުދާސްތަކެއްވެސް ހުއްޓެވެ. އެއްފަރާތެއްގައި ވަކިން އޮތް ރަތްކުލައިގެ ރިބަނުން ބަނދެލާފައި އޮތް ކަރުދާސްބޮނޑިއެއް ފެނިގެން އެ ނަގައިގެން އަވަސްވެގަތީ ގަނޑުވަރަށް އައުމަށެވެ. ވެފައިވާ ވަރުބަލިކަމާއެކު ކުޑަ ނާރިގު ޝަރުބަތުފޮދަކުން ކަރު ތެރެ ތެންމާލާފައި ކަރުދާސްތައް ނިއުޅާލައިފިއެވެ. އެތަނުން އެކައްޗަކީ ޗާޓެކެވެ. ފަރުބަދައަކާއި ތިކިތައް ޖަހާފައިވެއެވެ. ދެން އޮތީ ސިޓީއެކެވެ.

ލޯބިވާ ދަރިފުޅު ލޫސީއަށް

ދަރިފުޅުކުރާ ހިތާމަ ހިތުގައި ފޮރުވައިގެން ހުއްޓަސް ބޮޑުބޭބެއަށް އިހުސާސްކުރެވޭ. އެއީ ޝެހެޒާދާ ލާވަންގެ ލޯބީގެ ސަބަބުން ކުރާ ހިތާމަކަން އެނގޭ. އެއީ ދަރިފުޅާއި އެންމެ އެކަށީގެންވާ ބައިވެރިޔާ. ކޮންމެވެސް ދުވަހަކުން ކަލޭމެން ދެކުދިންގެ ކައިވެނި ކުރެވޭނެކަމަށް އަހަރެންގެ ހިތް ބުނޭ. ކަލޭގެ ކައިވެނީގެ ދުވަހު ބައިވެރިވުމުގެ ނަސީބު ނުލިބުނީތީ ހިތާމަކުރަން ދަރިފުޅާ. އެކަމަކު އެއުފަލުގައި އަހަރެންގެ ރޫހު ބައިވެރިވާނެ. އެދުވަހަކުން އާއިލާއާއި އެކުވެރިންގެ ފަރާތުން ވަރަށް ގިނަ ހެޔޮއެދުންތަކާއި ހަދިޔާތައް ލިބޭނެ. ބޮޑުބޭބެއަކީ ފާދިރީއަކަށްވުމުން އެންމެ އަގުބޮޑު އެއްޗެއް ނުދެވުނަސް ބޮޑުބޭބެވެސް އެކަށީގެންވާފަދަ އެއްޗެއް ދޭނަން އަދި އެއީ ދަރިފުޅަށް ކަމުދަނެ އެއްޗަކަށްވާނެ ކަމަށް އުއްމީދުކުރަން.

ދަރިފުޅާ ލޫސީ. ހަލަބުގެ ޝަހަރުގައި ހޮހަޅައެއްވާނެ. އެއީ އަމާންތަނެއް. ކަންބޮޑުނުވެ އެ ހޮހަޅައަށް ވަދެގެން ކުރިއަށް ދާއިރު ކަނާތްފަޅިން ހިލަތަކުން ފޮރުވިފައިވާ މަގެއް އޮންނާނެ. ހޮހަޅަ އަނދިރިވާނެތީ އެތަނަށް ވަންނަން ބައްތި ގެންދަން ހަދާން ކުރަންވާނެ. މިބުނާ ހިލަތަކުގެ ތެރޭ ފޮރުވިފައިވާ މަގުންގޮސް އަނދިރި ގުދަނެއް ފަދަ ތަނަކަށް ނުކުމެވޭނެ. އެކޮޓަރީގެ ކަނައަތް ފަޅިންވެސް ހިލަތަކުން ފޮރުވިފައިވާ މަގެއް ފެންނާނެ. އެތަނުން ކިރިޔާ އެންމެ މީހަކަށް ދެވޭނެ ޖާގަ ހުންނާނީ. އެތަނުން ގޮސް ނިކުމެވޭނީ ރީތި ބޮޑު މައިދާނަކަށް. އެ މައިދާނުގެ ޗާޓު މިސިޓީއާއެކު ވާނެ. އޭގައި ތިކި ޖަހާފައިވާ ތަންތަން ކޮންނާތި. މިޗާޓު ގެއްލުވާނުލާ ފަރުވާތެރިކަމާއެކު ގެންގުޅޭތި ދަރިފުޅާ. ނޫނީ ހިތާމަކުރަން ޖެހިދާނެ. ދެން އޮތް ސިޓީ ކިޔާލަންވާނީ ކައިވެންޏަށްފަހުގައި ދަރިފުޅާ.

ބޮޑުބޭބެގެ ހުރިހާ ހެޔޮ ދުއާއެއް އަބަދުވެސް ދަރިފުޅާއެކު ވާނެ. ދަރިފުޅުގެ ހުވަފެންތައް މާތްރަސްކަލާގެ ފުރިހަމަކޮށް ދެއްވާނެ. ޝެހެޒާދާ ލާވަންއާއި ކަލޭގެ ކައިވެނީގެ އުފާތަކުގައި ބޮޑުބޭގެ ރޫހު ބައިވެރިވާނެ. ވަކިވެފައިވީކަމުގައި ވިޔަސް ބޮޑުބޭގެ ރޫހު އަބަދުވެސް ދަރިފުޅާއެކު ވާކަމަށް ދެކިގެން ހިތާމަނުކޮށް ހިތްވަރު ކުރައްޗޭ. ކޮންމެ ދުވަހަކު ބޮޑުބޭބެގެ މަހާނައަށް މާތައް އަޅާދޭންވާނެ. އަދި ބޮޑުބޭބެގެ ފާފަ ފުއްސަވާދެއްވުމަށް އެދި މަތިވެރި މާތް ރަސްކަލާނގެ ހަޟުރަތުގައި ގިނަގިނައިން ދުޢާކޮށްދެއްޗޭ.

އަބަދުވެސް ލޯބިވާ ބޮޑުބޭބެ

ޔޫހަންނާ

ސިޓީ ކިޔާފައި ލޫސީގެ ހިތާމަ މާ ބޮޑުވިއެވެ. ކަރުނަތައް އޮބިނޯވެގެން ފައިބައިގަތެވެ. ބޮޑުބޭބެގެ އޯގާތެރިކަމާއި ލޯބީގެ މިންވަރު ފެނި ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އަވަހާރަވުމުގެ ވަގުތުގައިވެސް ބޮޑުބޭބެ އޭނަގެ މުސްތަގުބަލާއިމެދު ވިސްނާ ކައިވެންޏަށްޓަކާ އަތްޕުޅުގައި ހުރި އެއްޗެއް ވިއްޔާ ދެއްވައިފިއެވެ. އަޖައިބުވެ ހައިރާންވިއެވެ. ދެން އޮތް ސިޓީ ވެސް ކަނޑާލުމުގެ ޝައުގުވެރިކަން ހިތުގައި ހިނގައިގަތް ނަމަވެސް ވަސިއްޔަތާއި ޚިލާފުވާކަށް ނުކެރުނެވެ. ކަރުދާސްތައް އެއޮތްގޮތަށް ރިބަންފަށުން ބަދެލާފައި އަލަމާރީގެ އެންމެ އެތެރޭގައި ރައްކާކޮށްލައިފިއެވެ. އެއަށްފަހު އޭނަގެ ބޭބެ ދާނިޔަލްގެ އަރިހަށް ޒިޔާރަތްކުރިއެވެ.

މެންދުރު ވަގުތުވީއިރު އިރުގެ އަވި ކޮޓަރީގެ ކުޑަދޮރުގައިވާ ފަރުދާތައް ފުރޭނިގެން ކޮޓަރިތެރެއަށް ރަސްކަން ކުރަންފެށިއެވެ. ޚިޔާލުތަކާ ފިކުރުގެ ތެރެއަށް ޣަރަގުވެ އެނދުގައި އޮށޯވެލައިގެން އޮތްވާ ޒައިތޫން ޚާދިމާއަކާއެކު ކޮޓަރިތެރެއަށް ވެދެވަޑައިގަތެވެ. ތަބައް މޭޒުމަތީގައި ބަހައްޓާފައި ޚާދިމާ ހުރީ އެއްފަރާތުގައި އަދަބުވެރިކަމާއެކު ހުއްޓިލައިގެންނެވެ.

"ދަރިފުޅާ. ކޮންމެވެސް އެއްޗެއް ކައިގެން ގައިގާ ވަރު ޖެހޭނީ...."

"ނޫން މަންމާ އަޅުގަނޑު ބަޑުހައިނުވޭ..."

"ހަމައެކަނި ޝަރުބަތު ތަށްޓަކުން ފުއްދާލައިގެން މުޅި ދުވަހު ތިހިރީ. އެއްގޮތަކަށްވެސް ނުކައި ހުރެގެން ނުވާނެ. ނޫނީ ދަރިފުޅު ބަލިވެދާނެ"

"މިއީ އަޅުގަނޑުގެ ބަދުނަސީބު. މަންމަވެސް އެކަމާހެދި އުދަގޫތައް އުފުއްލަވަން ޖެހިވަޑައިގަތީ. ބަނޑުހައި ނުވިޔަސް މަންމައާއެކު ކެވޭތޯ ބަލާނީ......"

ޒައިތޫންއާއެކު ކުޑަކޮށް ކައިގެން ޝަރުބަތު ބުއިމުން ކޮންމެވެސް ވަރަކަށް ވަރުޖެހުނެވެ. ފަރިއްކުޅުއްވުމަށްފަހު ލޫސީއާއި ވާހަކަދައްކާލަން އިންނަވާފައި ޒައިތޫން ވަޑައިގަތުމުން ލޫސީގެ ބައިވެރިޔަކަށްވީ ހިތާމައާއި ފިކުރުތަކެވެ. ޚާއްސަކޮށް ލާވަންގެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް އުދަގޫކުރަން ފެށިއެވެ. ލާވަންގެ އެކި ހަދަންތައް އޭނަގެ ހިތުން ނެރެލެވޭނެގޮތެއް ނުވިއެވެ. ލާވަން ދިން މާތަކާ އޭނަގެ ވާހަކަތަކެވެ. ލޯބި ހުށަހެޅިގޮތެވެ. ބޮޑުބޭބެ މަހާނަ ކައިރިން ފެނުނުއިރު ފަހަތުންވެސް އޭނަގެ ރީތިކަމެވެ. އެކި ހަދާންތައް ސިކުނޑީގައި ކޮށްޓަންފެށިގޮތަށް ރޮއްވާލައިފިއެވެ. ލޯ މަރައިލިޔަސް ހުޅުވިޔަސް ލާވަންގެ ތަސްވީރު ގޯނާކުރަނީއެވެ.

"މަރިޔަމްގެ ލޯބިވެރިޔާގެ ހަދާންތައް އަހަންނަށް އުދަގޫ ކުރަނީ ކީއްވެތަ؟ އެ އަނިޔާވެރިޔާ އަހަރެންގެ މޮޔަ ހިތުގައި ރަސްކަން ކުރަންވީ ސަަބަބެއް ނޭގޭ. މި ބަސްނާހާ ހިތަށް ނުވިސްނެނީ ކީއްވެ؟ އޭނަގެ ޚިޔާލުކުރުމުން ލިބޭނެ ފައިދާއެއްނެތް. ހަގީގަތަކީ އޭނައަކީ ކެހިވެރި ބޭވަފާތެރިއެއްކަން. ދޮގުވެރިއެއްކަން......." ލޫސީ ރުޅިއަންނަ ގޮތްވެފައި ތެދުވެގެންގޮސް ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ.

އިރުއޮއްސެން ކައިރިވެފައިވާތީ އަވީގައި ރަންކުލަ ހިއްޕާލައިފިއެވެ.

ކޮންފަދަ ރީތި މަންޒަރެއްހެއްޔެވެ؟ މިގަޑީގައި އެންމެ ހިތް ހަމަޖެހޭނީ ބޮޑުބޭބެގެ މަހާނައަށް ގޮސް މާ އަޅާ ދުޢާކޮށްލެވުނީމައެވެ. ފިނިގަދަކަމުން ހެދުމުގެ ބޭރުން ސާލެއް އޮޅާލުމަށްފަހު ލޫސީ ހިނގައިގަތީ ފައްޅިއާއި ދިމާލަށެވެ. މަހާނަ ފެންނަ ހިސާބަށް ގޮސްފައި ފިޔަވަޅުތައް ހުއްޓުނެވެ. މަހާނަ ކައިރީ ލާވަންއާއެކު މަރިޔަމްވެސް އެބަހުއްޓެވެ. އޭރު މަރިޔަމް ލާވަންއަށް ބަލައިލަމުން ހިނިތުންވެލަނީއެވެ.

"ކްރައިސްޓް. މިއީ ކޮންފަދަ ކަމެއް............." ލޫސީގެ ހިތުގައި މީހަކު އެތިފަހަރެއް ޖެހިހެން ހީވިއެވެ. އިރުއޮއްސޭ ގަޑީގައިވެސް އެދެމީހުން މާ ފޮޅުވުމުގައެވެ.

ލޫސީގެ ހިތުގައި އަލިފާން މަޅިއެއްރޯވެގެން އަނދަންފެށިފަދަ ނުބައި އިހުސާސްތަކެއް ކުރެވުނެވެ. އިސާހިތަކު އެ އަސަރުތައް މުޅި ހަށިގަނޑުގައި ހިނގައިގެންފިއެވެ. އޭނަ ފަހަތަށް ޖެހުމަށްފަހު ގަސްތަކުގެ ނިވަލުގަ ބޮދަމުން ފައްޅިއާއި ގަނޑުވަރާއި ދެމެދުވީ ރާސްތާ ހިނދުކޮޅެއްގެ ތެރޭ ކަޑައްތުކޮށްލާފައި ކޮޓަރިއަށް ވަދެ މުޅި ގައިގާ ރަޖާ އެޅިއެވެ. ހިތުގައި އަޅައިގަތް ވޭން ގަދަވަމުންގޮސް ކެތްނުކުރެވޭވަރުވެއްޖެއެވެ. ލާވަންއާއި މަރިޔަމް އެއްކޮށް ފެނުމުން ކެތްނުކުރެވޭފަދަ ހިތާމައެއް ލިބިއްޖެއެވެ. ހުމުގެ އަސަރު ގަދަވެ ހީކަރުވައިގެން ކަކޫގެނެސް މޭގައި ޖައްސާލެވިއްޖެއެވެ.

އިރުއޮއްސި އަނިދިރިވުމުން ކޮޓަރީގައި ބައްތިތައް ދިއްލަން ޚާދިމާއަކު ވަނެވެ. ލޫސީ އޮތްގޮތުން ކަންބޮޑުވުމާއެކު ކައިރިއަށް ޖެހިލާފައި ލޫސީއަށް ދެތިންފަހަރު ގޮވައިލިއެވެ. ޖަވާބެއް ނުލިބުމުން ނިތްކުރީގައި އަތްލިއިރު ހުމާއި އަނދަނީކަން އެނގި އަވަހަށް ދުއްވައިގަތީ އެ ޚަބަރު ޒައިތޫނަށް ދެންނެވުމަށެވެ.

ޒައިތޫނަށް އެ ޚަބަރު ލިބިވަޑައިގެންނެވުމާއެކު އަވަސްވެގަތީ ދަރިފުޅުގެ ހާލު ބެލުމަށެވެ.

"ލޫސީ. ލޫސީ. ކިހިނެއްވެފަ ތިއޮތީ.." ޒައިތޫން ލޫސީއަށް ގޮވުމުން ލޯ ހުޅުވާނުލުމުން ކަންބޮޑުވިއެވެ. " އަވަހަށް ޑޮކްޓަރަކު ގެނެސްދީ"

ޚާދިމާ ދެފަޔަށް ބާރުލާފައި ދުއްވައިގަތްގޮތަށް މުޅި ގަނޑުވަރަށް އެ ޚަބަރު ފޯރުކޮށްދީފިއެވެ. ޔޫގަންނާވެސް ވަގުތުން ޑޮކްޓަރަކު ގޮވައިގެން އެކޮޓަރިއަށް ވެދެވަޑައިގެންނެވިއިރު ޒައިތޫނު ކީރިތިކުރައްވަނީއެވެ. ލޫސީގެ މޫނު ރަތްކަމުން އާފަލު ކުލަ އަރާފައެވެ. ނޭވާ ލާހެނެއްވެސް ހިޔެއްނުވެއެވެ. ޔޫގަންނާ ދަރިފުޅުގެ އަތުގައި ހިފައިލިއެވެ.

" ދަރިފުޅު މާގަދަޔަށް ހުންއައީ. އަހަރެން މިއައީ ޑޮކްޓަރުވެސް ގޮވައިގެން ޒަައިތޫން ދެރަނުވޭ. ދަރިފުޅަށް އިސާހިތަކު ރަގަޅުވެދާނެ....." ޔޫގަންނާ ވިދާޅުވިއެވެ.

ޑޮކްޓަރު ލޫސިގެ ވިންދާއި އެއްޗެހި ބަލާލާފައި އެކި ސުވާލުތައް ކުރިއެވެ.

"ނޭގޭ ހުން އައިއިރެއް ބުނަން. މެންދުރު އަޅުގަނޑާއެކީީ ކެއީ. އޭރު ހުމުގެ އެއްވެސް އަސަރެއް ނެތް......" ޒައިތޫން ހިތާމަވެރި ނަޒަރަކުން ދަރިފުޅަށް ބައްލަވަން އިންނެވިއެވެ. "ހީވާގޮތުން ޔޫހަންނާ އަވަހާރަވުމުގެ ހިތާމައިން ލޫސީ މިހާލުގައި ޖެހުނީ. މިދަރިފުޅަށް ކަމެއް ވެއްޖެއްޔާ...."

"ސާހިބުކަމަނާ މާބޮޑަށް ހިތާމަ ނުކުރައްވާ. މިބޭސްތައް ދެނިކޮށް ވަރަށް އަވަހަށް ޝިފާ ލިބިދާނެ. ހުންގަދަކަމުން ސިކުނޑިއަށް އަސަރުކުރީ. ފެންލަނިކޮށް ރަގަޅުވެދާނެ..." ޑޮކްޓަރުގެ އަމުރަށް ފެންގެނެސް ފެންފޮތިލާންފެށުމުން ލޫސީ ހޭއަރައިގެން ވަށައިގެން ހޯދާ ބަލައިލިއެވެ. ޑޮކްޓަރ ދިން ބޭސް ސަމުސާ ބޮއިގެން ލޫސީ ދެލޯ މަރާލިއިރުވެސް ހުން ގަދަކަން މޫނަށް ބަލައިލިޔަސް އެނގޭވަރުވެއެވެ.

މުޅި ރޭގެ ހަތަރުދަން ވޭތުވީ އެކަހަލަގޮތަކަށެވެ. އަވަހާރަފުޅު ލެއްޕެވުމެއްނެތި ޔޫގަންނާއާއި ޒައިތޫން ލޫސީގެ ޚިދުމަތުގައި އެނދުގައި އިށީދެލައިގެންނެވެ. ޑޮކްޓަރުވެސް އިރުއިރުކޮޅާ އައިސް އޭނަގެ ހާލު ބަލައިލައެވެ. ގަނޑުވަރުގެ އެއްވެސް މީހަކަށް އެރޭ ނިދުމުގެ އުފަލެއް ހާސިލެއްނުވިއެވެ. ލޫސީއަކީ އެންމެންގެ ހިތުން ޚާއްސަ މަގާމެއް ހޯދާ އެންމެންގެ ލޯބި ހާސިލުކޮށްފައިވާ އެންމެންގެ ޝެހެޒާދީއެވެ. ގަނޑުވަރުގެ ދިރުމެވެ. ހުރިހާވެސް އުފަލެކެވެ. ހެނދުނުވީއިރު ލޫސީގެ ހުން ފިނިވެ ލޯ ހުޅުވައިލެވޭ ވަރުވެއްޖެއެވެ.

"މަންމާ. ބައްޕާ..." ލޫސީގެ އަޑުމަޑުކަމުން ކީ އެއްޗެއް އެހާ ރަގަޅަށް ދޭހަވެސް ނުވިއެވެ.

"ދަރިފުޅާ. ކިހިނެއް؟ "ޒައިތޫނު ލޫސީގެ ގައިގާ ފިރުމާލެއްވިއެވެ.

"ނޭވާލާން އުދަގޫ އެބަވޭ..." ލޫސީ ބުނެލިއެވެ.

"ދަރިފުޅު އެއްވެސް ތަނަކަށް ތަދުވޭތަ؟ " ޔޫގަންނާ އެއްސެވިއެވެ.

"ނޫން ބައްޕާ. އަޅުގަނޑު މިހާރު ރަގަޅު......" ލޫސީ ކުޑަކޮށް ހިނިތުންވެލީ އާއިލާއިން ކަންބޮޑުވެފައިވާވަރު ފެނިފައެވެ. ޑޮކްޓަރުވެސް ހެނދުނުގެ ބޭސް ހިފައިގެން އައިސް ހުއްޓެވެ. ލޫސީގެ ހާލު މަޑުމަޑުން ރަގަޅުވަމުން އަންނަކަން ޔަގީންވެ ވަޑައިގަތުމުން ޔޫގަންނާއާއި ޒައިތޫންވެސް އަރާމުކުރައްވަން ކޮޓަރިއަށް ވަޑައިގަތީއެވެ. އަރިހުގައި ޚާދިމާއިން ޚިދުމަތުގައި ތިއްބެވެ. ދާނިޔަލްގެ ޒަޚަމްތައް މުޅިން ފަސޭހަ ނުވިޔަސް އޭނަވެސް އައިސް އިނީ ކޮއްކޮގެ ކައިރީގައެވެ. ބަނޑުހައިވެގެން އެވާހަކަ ބުނުމުން ދާނިޔަލްގެ އަމުރަށް މޭވާއާއި ސަރުބަތު ގެނެވުނެވެ. އަދި ތައްޔާރުކުރެވުނު ސޫޕްވެސް ގެނެސް އެތިފޮދެއް ބޯލެވުނެވެ. މެންދުރުވާން ވާއިރަށް ތެދުވެ އުޅެވޭވަަރަށް ވަރުޖެހުނެވެ.

ލޫސީ ބަލިވެއުޅޭ ޚަބަރު ލިބުމުން ގަނޑުވަރުގެތެރޭ ބޭފުޅުންނާއި ބޮޑުވަޒީރު އަދިވެސް މަތީ މަގާމުގައި ތިއްބަވާ ބޭފުޅުންނާއި އޮފިސަރުން އޭނަގެ ހާލުދެކެން އައެވެ. އެވަރުންވެސް އޭނަގެ ބަލީގެ ސަބަބު ކަމުގައި ހިމެނޭ ލާވަން ނުފެނުމުން ލޫސީ ވަރަށް ބޮޑަށް ހިތުގައިޖެހި އެކަމާ ފިކުރުކުރިއެވެ. ލާވަން އެކަންޏެއް ނޫނެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ މަރިޔަމްވެސް އޭނަގެ ހާލުދެކޭކަށް ނައެވެ. މިއީ އިންސާފެއް ހެއްޔެވެ؟ ހުރިހާ އެންމެން ދަމުންގޮސް ދާނިޔަލްއާއި ދެކުދިން އެކަނިވުމުން ލޫސީ އެންމެ ފުރަތަމަވެސް ސުވާލު ކުރީ ދާނިޔަލްގެ ހާލާ ބެހޭގޮތުންނެވެ. އެއަށްފަހު ހިތުގައިވާ އުދާސްތައް ބޭބެ ކައިރީ ބަންޑުންކޮށްލިއެވެ.

"މަރިޔަމް ކިހާ ގޯސް. އޭނަ އަޅުގަނޑު އެންމެ ބަލިވީ ދުވަހު ހާލު ދެކޭކަށްވެސް ނައި. ދުރު މީހުންވެސް އައި. އެކަމަކު....." ލޫސީގެ ލޯ ތެމޭގޮތްވިއެވެ.

"ލޯބިވާ ކޮއްކޯ. ހިތާމަ ނުކުރޭ. މީހަކަށް ދެރައެއް ދީފައި އެހެން މީހަކަށް އުފަލެއް ނުލިބޭނެ...."

ދެކުދިން ވާހަކަދައްކަން ތިއްބާ މަރިޔަމް ކޮޓަރީގެ ފަރުދާތައް ހިއްލާލާފައި ވަންތަން ފެނުނެވެ. ސަލާމް ގޮވައިލިއެވެ. ދާނިޔަލް ބަލާވެސް ނުލާ ބާރަށް ހިނގާފައިގޮސް ނިވާވުމުން މަރިޔަމްގެ ހިތް ހަލާކުވާވަރުވިއެވެ. ދެލޮލުން ކަރުނަ ހިލުނެވެ. އޭނަ އޭރު ހުރީ ފޮތިގަނޑެއްގައި އޮޅާފައިވާ ކޮންމެވެސް އެއްޗެއް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. ލޫސީވެސް ރުޅިވެެރިކަމާއެކު ބަލައިލުމާއެކު އަނެއް ފަރާތަށް އެނބުރި ބާލީހުން މޫނު ފޮރުވިއެވެ.

""ލޫސީ. ހާލުކޮޅު ކިހިނެއް؟ މިއަދު ގަނޑުވަރަށް އަންނަން ފުރުސަތު ލިބުނުކަމީ ނަސީބެއް. ގޭ ބަންދުގައި ހުންނަ މީހަކަށް.." މަރިޔަމް ލޫސީގެ އަތުގައި ހިފައިލާއިރަށް ލޫސީ އަތް ދަމައިގަތެވެ.

"ލޫސީ އަޅުގަނޑުދެކެ ކޯފާ އިސްކުރެއްވީތޯ؟ "

ލޫސީ އަނގައިން ބުނާކަށް ނޫޅުނެވެ.

"އަޅުގަނޑަށް ނޭގިނަމަވެސް ކުށެއް ކުރެވުނިއްޔާ މާފަށް އެދެން. ތިގޮތަށް ކޯފާ އިސްކުރެއްވުމުން ހިތަށް ވަރަށް ބޮޑަށް ދަތިކަން ލިބިއްޖެ. އަޅުގަނޑު މިއައީވެސް ލޫސީ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާނެ ފަަދަ ހަދިޔާއެއް ހިފައިގެން. މިކޮޅަށް އެނބުރި މިއަށް ބައްލަވާ ލައްވާ.." މަރިޔަމްގެ ޖުމްލައިން ވެސް ލޫސީގެ ރުޅި ފިނިވާގޮތެއްނުވިއެވެ.

މަރިޔަމް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޚާދިމާއެއް އެތަނަށް ހާޟިރުވިއެވެ. "އަޅުގަނޑުމެންގެ ސާހިބުކަމަނާ ބައްދަލުކުރައްވަން ބޭނުންފުޅުވޭ.."

"އަޅުގަނޑު މިއަންނަނީ..." މަރިޔަމް ބުނެލިއެވެ.

"ވަރަށް މުހިއްމު ކަމަކު. އަވަހަށް ހިންގަވާ.." ޚާދިމާ ހުރީ އަވަސްއަރުވާލާފައެވެ.

"ލޫސީގެ މަންމާފުޅު އަރިހަށް ގޮސްފައި މިއަންނަނީ. ކޯފާވި ސަބަބެއް ނޭގެނީސް އަޅުގަނޑު ފުރާނަ ދުއްވާލިޔަސް މި ގަނޑުވަރަކުން މި ކޮޓަރިކޮޅަކުން ނުނިކުންނާނަން.." މަރިޔަމް ސަމާސާގޮތަކަށް އެހެން ބުނެލާފައި ދާން ހިނގައިގަތެވެ. މަރިޔަމް ނިކުމެގެންދާން ފެށުމުން ލޫސީ ބަލާލަފައި މަޑުމަޑުން ކިޔާލިއެވެ. "ރީތި ސިފައެއްގައި ހުރި ހިޔަޅެކޭ ކޮބާ ތަފާތަކީ؟ އެހާކެހިވެރި. ކުށަކީ ކޮބާހެއްޔޭވެސް އަހައިލަން ކެރިއްޖެ. އަޖައިބެއް ނުވާނެތަ؟ އަހަރެންގެ ހިތް ހަލާކުކޮށްލާފައި އެދެމީހުން އަދި އަނގައިން ބުނަންވެސް ކެރިއްޖެއެއްނު..."

ލޫސީގެ ޚިޔާލަށް ލާވަން ވެރިވެގަތެވެ. ހުރިހާ އެންމެން އޭނަ ދެކެން އައިއިރުވެސް އެ އަނިޔާވެރިޔާއަށް އަންނަން ނުކެރުނެވެ. ނުލަފާ ފިރިހެނެކެވެ. ދުވަހަކު އޭނަ މާފެއް ނުކުރާނެއެވެ. ލޫސީގެ ޚިޔާލު އެހިސާބަށް ދިޔަތަނާ ޚާދިމާއަކު އައިސް ޝެހެޒާދާ ލާވަން ބައްދަލުކުރަން އައިސް އެބަހުރިކަމުގައި ބުނުމުން ލޫސީ ސިއްސައިގެން ދިޔައެވެ.

ނުނިމޭ

ކޮމެންޓް 0