އާދައިގެ މަތިން އިރު އެރުމާއެކު ގަންސްރޭންގެ އީސާއީން ވިޔަފާރީގެ ސާމާނުތައް ހިފައިގެން އަރަބިންގެ ލަޝްކަރުގެ ތެރެއަށް އައިސް ގަނެ ވިއްކުމުގެ ވިޔަފާރިފެށިއެވެ.

***

ގަންސްރޭނުން ހަލަބަށްދާން އޮންނަ މަގަކީ ދަތުރުކުރަން އެއްގޮަތަކަށްވެސް ފަސޭހަތަނެއް ނޫނެވެ. ހަނި އަދި ނުރައްކާތެރި މަގެކެވެ. އެތަނާއި އިންވެގެން އޮންނަނީ ލުބުނާންގެ ފަރުބަދަތަކެވެ. އެއްފަރާތުގައި އޮތީ އުޑުގެ ވިލާތަކާ ހަމަޔަށް އުފުލިގެންވާ ފަރުބަދަތަކެވެ. އަނެއް ފަރާތުގައި އޮތީ ކިސަޑުހެދިފައިވާ ދަތި ބިމެކެވެ. އެމަގުން ދެ އަސްވާރުންނަށް ދަތުުރުކުރެވެނީ ހަމަ ކިރިޔާއެވެ. އަހުގައި ފައި ކައްސާލައިފިއްޔާ އެ ހަގުރާމަވެރިއަކު ފުރާނައިން އަތް ދޮވެލަން ޖެހިދާނެއެވެ. އެހާވެސް ނުރައްކާތެރިކަމުން ފުރިގެންވާ ބިރުވެރި މަގެކެވެ.

އެއީ ދުވަލުގެ އެންމެ ހޫނުގަދަ ވަގުތެވެ. އިރުގެ ހޫނު ދޯދިތައް ފަރުބަދައިގެ ބޮޑެތި ހިލަގަނޑުތަކަށް އެޅުމުން ވިދައެވެ. އަދި ދިލަހޫނުކަމުން އެންމެން ފިއްސާލާފައެވެ. އެހާ ހޫނުގައި ދަތުރުކުރާން ޖެހުމުން ކަރުހިއްކައިގެންގޮސް އަރަބިން ހަލާކުވާވަރުވިއެވެ. އަސްތައްވެސް ވަރުބަލިގެ ދޫތައް ބޭރަށް ނުކުމެފައެވެ. އެސޮރުމެންގެ ފައިތައް ގަދަކަމުން ނަގަމުންދާ ފަދައެވެ. މިއުދަގޫ މަގު ކަޑައްތުކުރަމުން ދަނިކޮށް ދުރުން ފެހިކަންގަދަ ތަނަވަސް މައިދާނެއް ފެނުމުން އެންމެންނަށް ހަރުއަޑުން ﷲއަކްބަރުއޭ ތަކުރާރުކޮށް ކިޔާލެވުނެވެ. މާޔޫސްވެފައިވާ މޫނުތަކަށް އުޖާލާކަމެއް ލިބުނެވެ. މާތްﷲއަށް ހަމްދުކުރިއެވެ.

ކައުބު ބިން މާލިކު އޭނަގެ ލަޝްކަރަށް އަމުރުކުރެއްވީ ވާދީއަށް ފައިބާ އިރުކޮޅެއްވާންދެން އަރާމުކޮށްލުމަށެވެ. ބޮޑެތި ހިޔާދޭ ގަސްތަކުން ފުރިފައިވާ އެ ރީތި ވާދީއަށް އާދެވުމުން އެމީހުން އުފުލި ހުރިހާ އުދަގޫތައް ހަދާންނެތިއްޖެއެވެ. އަސްތަކުން ފޭބުމަށްފަހު ހިޔަލުގައި އިށީނެވެ. ކައުބު އޭނަގެ ޚިތާލްއަށް ސަވާރުވެގެން އެހިސާބުން ފެންގަނޑެއް ފެނޭތޯ އެކި ކޮޅުކޮޅަށް ދަތުރުކުރެއްވިއެވެ. އެހެން އުޅުއްވަނިކޮށް ގަސްތަކުގެ ނިވަލުން ސާފު ފެންގަނޑެއް ފެނުމުން ކައުބު ހަގުރާމަވެރިންނަށް ގޮވާލެއްވިއެވެ. ފެނަށް ޖެހިފައިވާ މުޖާހިދުން ފެންގަނޑާއި ދިމާލަށް ދުއްވައިގަތީ ފެނަށް ޖެހިފައިވާ ބަޔެއް ހެންނެވެ. ކައުބުއަށް އެ މަންޒަރު ފެނިވަޑައިގަތުމުން ކަންބޮޑުވެވަޑައިގަތެވެ. ފެން ބޮވައިގެން ތިބެ މާ ގިނައިން ފެން ބުއިމުން މުޖާހިދުންނަށް ގެއްލުމެއް ވެދާނެކަން ނޭގެއޭ ހިތްޕުޅަށް އަރާ ވަޑައިގަތެވެ.

"އޭ މާތްﷲ ގެ އަޅުންނޭ. އިހަށް ފެން ނުބޯތި....." ކައުބު ހަރުއަޑުފުޅުން ވިދާޅުވިއެވެ.

އަރަބި މުޖާހިދުން ތިބީ ފެން ބޮވައިގަނެގެން އަނގަޔާއި ކަރުތެރެ ހިކިފައެވެ. އެއްބައިމީހުން ތަށިތަށް ފެންގަނޑަށް ގަންބާލަނީއެވެ. އަނެއް ބަޔަކު ފެންނަގާ ތުނބުގައި ޖައްސާލައިފިއެވެ. އަނެއްބަޔަކު ފެންއަތްގޮށިން އަނގަޔަށް ފެންއަޅަން ތައްޔާރުވެފައެވެ. ނަމަވެސް ވެރިޔާގެ އަމުރާއެކު މުޖާހިދުން ފެންތަށިތައް އުކާލުމަށްފަހު ކިޔަމަންތެރިކަމާއެކު އެދިމާލަށް އެނބުރުނީ ދެން ކުރައްވާ އަމުރެއްގެ އިންތިޒާރުގައި ތިބިހެންނެވެ. ކަރުހިއްކައިގެންފައިވާ މުޖާހިދުން ކިޔަމަންތެރިވީވަރު ފެނިވަޑައިގެން ކައުބުގެ ލޯފުޅު ކަރުނުން ފުރުނެވެ.

"ތިގޮތަށް މުޖާހިދުން ވެރިންނަށް ކިޔަމަންތެރިވާނަމަ މާތްﷲގެ ރުހިވޮޑިގަތުން އެމީހަކާއި އެކު ވާނެ.އަދި މާތް ﷲ ރުހިވޮޑިގަންނަވާ ބަޔަކަށް ފަހަރެއްގައިވެސް މުސީބާތެއް ކުރިމަތިއެއްނުވާނެ."

"ވެރިޔާއަށް ކިޔަމަންވުމަކީ އަޅުގަނޑުމެންނަށް ވާޖިބެއް. ކަރުހިއްކައިގެން ފުރާނަ ދިޔަސް ވެރިޔާއަށް ކިޔަމަންތެރިވުމުގައި އެންމެ ފަހު ނޭވާ ދޫކޮށްލާނީ...."

"މިވަގުތު މާބޮޑަށް ކަރުހިއްކައިގެންފާ ތިބުމުން ގެއްލުންވާވަރަށް ފެން ބުއިމަކީ އެކަށީގެންވާކަމެއް. އެންމެ ފުރަތަމަ ވުޟޫކުރޭ. އެއަށްފަހު ފެން ބޮައިގެން ދެން އަސްތަކަށް ފެން ދެއްވާ....." ކައުބު އެންގެވިއެވެ.

އަރަބިންގެ ތެރެއިން އެކަކު ވުޟޫނުކޮށް އަވަހަށް ފެން ބޮއިގެން އޭނަގެ އަހަށް ފެންދިނެވެ. އަދި ފިލައިގެން ކަހަލަ ގޮތަކަށް ގޮސް ގަސްތަކުގެ ތެރެއަަށް ވަދެގެން ފަރުބަދަތަކުގެ އަނެއް ފަޅިއާއި ދިމާލަށް ދާން ހިނގައިގަތެވެ. މުޖާހިދުން ވުޟޫކުރުމާއި ފެންބުއިމުގާ މަޝްޣޫލުވެގެން ތިބުމުގެ ސަބަބަން އެމީހަކަށް ސަމާލުކަމެއް ނުދެވުނެވެ. ފަރުބަދައިގެ އަނެއް ފަރާތަށް ދެވުމާއެކު ހަލަބާއި ދިމާލަށް އަސް ދުއްވައިލީ ފުދޭވަރަކަށް ބާރަށެވެ. އެތަނަވަސްމަގުން ޖާސޫސް ދަތުރުކުރަމުންގޮސް ދެތިން މޭލަށް ދަތުރުކުރެވުނުތަނާ ރޫމީންގެ ލަޝްކަރު ހިރަފުސް ބުރުވާލާފައި އަންނަތަން އޭނައަށް ފެނިއްޖެއެވެ. އޭނަ އަހުން ފައިބައިގެން އެލަޝްކަރުގެ އިންތިޒާރުގައި ހުއްޓެވެ. ދުރުން އައި ލަޝްކަރަށް އޭނަ އަތުން ސަލީބުގެ ނިޝާން މޭމަތީގައި ކުރަހާލީ އޭނައަކީ ރޫމީއެއްކަން އަންގަންވެގެންނެވެ. އޭނަގެ އެ ނިޝާން ފެނުމުން އެ ލަޝްކަރު މަޑުކޮށްލައިފިއެވެ. އަދި އެތަނުން އެކަކު އޭނަގެ ކައިރިއަށް އަތުވެއްޖެއެވެ. އޭނަ ލައިގެން ހުރި ހެދުމާއި މޭމަތީގައި އޮތް ސަލީބުން އެއީ ރޫމީންގެ ލަޝްކަރުގެ އޮފިސަރެއްކަން އެނގުނެވެ.

އޮފިސަރު: "ކަލޭ ގެނައީ ކޮން ޚަބަރެއްތަ؟މުސްލިމުންގެ ލަޝްކަރު ކޮބާތަ؟ "

ޖާސޫސް:" މި ލަޝްކަރުގެ ވެރިޔަކީ ކާކު؟ "

އޮފިސަރު: "އަހަރެމެންގެ ރަސްގެފާނު ޔޫގަންނާ"

ޖާސޫސު: " އަހަރެން ވަރަށް މުހިއްމު ޚަބަރުތައް ގެނައިން އެކަމަކު އެމަނިކުފާނުގެ އަރިހުގައި ނޫނީ ނުދެންނެވޭނެ. ....."

ޖާސޫސް މިހެން ބުނުމާއެކު އޮފިސަރު އޭނަގެ އަތުގައި އޮތް ދިދަ ވިހުރުވާލައިފިއެވެ. އޭނަގެ އިިޝާރާތަށްފަހު ޖާސޫސް ގޮވައިގެން ހިނގައިގަތީ ލަޝްކަރުގެ ތެރެއަށެވެ. އެއްވެފާ އޮތް ސިފައިން ދުރަށް ޖައްސަމުން އޭނަ އެކަލޭގެ ގޮވައިގެން ޔޫގަންނާ އިންނެވި ހިސާބަށް ދިޔައިރު ރަސްގެފާނު އިންނެވީ އިއްޒަތުގައެވެ. ހޫނުން ސަލާމަތްކުރަން އޭނަގެ އިސްތަށިފުޅަށް ސަދުވާކޮޅު އުފުލާލައިގެން ހަތަރު ސިފައިން ތިއްބެވެ.

އޮފިސަރު: "މާތް ސާހިބާ. އަރަބީންގެ ޖާސޫސަކު މިހިރީ. އޭނަ ގެނައި ޚަބަރުތައް ދެންނެވޭނީ ހަމައެކަނި ރަސްގެފާނު ކައިރީގައޭ ބުނީ. އެހެންވެ މި ގެނައީ......"

ޔޫގަންނާ: " ރަގަޅު. ހަގުރާމައިގެ ނުރައްކާތެރި ދުވަސްވަރު ހުރިހާ އިރެއްގައިވެސް ރައްކާތެރިވެގެން ތިބެން ޖެހޭނީ. ކަލޭ ގެނައި ޚަބަރަކީ ކޮބާ؟ "

ޖާސޫސް: " ސާހިބާ އަޅުގަނޑު މިއަންނަނީ ގަންސްރޭނުން. މުސްލިމުން ހަލަބާ ދިމާލަށް ދަތުރުކުރަން ފަށައިފި. އަދި އޭގެ ތެރެއިން ލަޝްކަރެއް ވަރަށް ކައިރީގައި އެބަވޭ....."

ޔޫގަންނާ:" އެލަޝްކަރު ކޮބާތަ؟ "

ޖާސޫސް:" މިފަރުބަދަައިގެ އަނެއް ފަރާތުގައިވާ ވާދީގައި އެމީހުން މަންޒިލްކޮށްގެން އެބަތިބި....."

ޔޫގަންނާ:" ހާދަ ކައިރީގައޭ، އެ ލަޝްކަރުގެ އަދަދު ކިހާވަރެއްވާނެތަ؟

ޖާސޫސް:" އެންމެ ހާހެއްހާ މީހުން އުޅެނީ"

ޔޫގަންނާ: " އެންމެ ހާހެއް ވިއްޔާ އެންމެންގެ ބޯތައް ކަނދުރާއާއި ވަކިކޮށްލުމަކީ ދާދި ލުއި ފަސޭހަކަމެއް. އެމީހުންގެ ވެރިއަކީ ކާކުތަ؟ "

ޖާސޫސް: " އެމީހުންގެ ވެރިއަކީ އެހާ މަޝްހޫރު ހަގުރާމަވެރިއެއްނޫން. ޚާލިދު އަދި ޒިރާރުހާ ނުރައްކާތެރިއެއް ނުވާނެ. އެއީ އަރަބީންގެ ގަބީލާއެއްގެ ވެރިއެއް.."

ޔޫގަންނާ:" ތިއީ ކްރައިސްޓްގެ އޯގާތެރިކަން. އަހަންނަށް ހީވަނީ މުޅި ލަޝްކަރުގެ ދުވަސް ދިޔުމުގެ ކުރިން ތިބުނާ މީސްކޮޅުގެ މަރު ކައިރިވެގެން އަހަރެމެންގެ ކަނޑިތަކުގެ ދަށަށް މާތްރަސްކަލާނގެ ފޮނުއްވީހެން. އެމީހުންނާ ހަގުރާމަކޮށް ބަލިކޮށްލަން އެބަޖެހޭ...."

ޔޫގަންނާ އޮފިސަރާއި ދިމާލަށް އެނބުރިވަޑައިގަތެވެ. " ފަސްހާސްމީހުންނާއެކު މި ފަރުބަދައިގެ ނިވަލުގައި ފިލާ ތިބޭ. އަނެއް ފަސްހާސް މީހުންގޮސް މުސްލިމުންކޮޅު މަރައިލާ..."

އޮފިސަރު ލަޝްކަރު ދެބައިކޮށްލާފައި ރޫމީންގެ ފަސްހާސް ހަގުރާމަވެރިންގެ ލަޝްކަރު ފަރުބަދައިގެ އަނެއް ފަޅިއަށް ހަގުރާމައަށް ފޮނުވިއެވެ. ރޫމީންގެ ލަޝްކަރު ވަރަށް އަވަހަށް އެ މަގުތައް ކަޑައްތުކޮށް ވާދީގެ ތެރެއަށް ފަބައިގަތެވެ. އެމަގުތަކުގެ ގުދުތައް ގިނަކަމުން އެތާ ތިބި ހަގުރާމަވެރިންނަށް އެއައި ލަޝްކަރު ނުފެނުނުތާ ރޫމީންނަކަށްވެސް ވާދީގައިވާ މުސްލިމުންނެއް ނުފެނުނެވެ. ވާދީއަށް ފޭބުމާއެކު ހަގުރާމައިގެ ތާޅަފިލި ފުންމާލިއެވެ. އޭރު މުސްލިމުން ފެންބޮއިގެން ކެއުން ތައްޔާރުކުރުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު ގަސްގަހުގެ ހިޔަލުގައި އޮށޯވެލައިގެން އަރާމުކޮށްލަނީއެވެ. ކައުބުއަށް ރޫމީންގެ ލަޝްކަރު ފެނިވަޑައިގަތުމާއެކު އަވަހަށް އަހށް ސަވާރުވެވަޑައިގެން މުސްލިމުން އަހަށް ސަވާރުވާން ހަރު އަޑުން އެންގެވިއެވެ.

މުސްލިމުންނަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް އެހެން ހުރިހާކަމެއް ދޫކޮށްލާފައި އަސްތަކާއި ދިމާލަށް ދުއްވައިގަތެވެ. ކައުބު މުޖާހިދުންނަށް ނަސޭހަތް ތެރިވެވަޑައިގެންނެވިއެވެ. "ނަސޭހަތް ދޭކަށް މާގިނަ ވަގުތެއްނެތް. ބުނަން ބޭނުންވާހާ އެއްޗަކީ ދީނަށްޓަކާ ހަގުރާމަކުރާށޭ. ޝަހީދުވުމުގެ ފުރުސަތު މިއޮތީ ލިބިފައި. ދުޝްމިނުންގެ އަދަދު ފަސްހާސްވަރު ވާނެކަމަށް ލަފާކުރެވޭ. ޔަރުމޫކުގައި ދިހަލައްކަ ރޫމީންނާއި މުސްލިމުންގެ ފަސްދޮޅަސްހާސް މީހުން ހަގުރާމަކޮށް ފަތަހަ ލިބުނު ހަދާން އެންމެން ހުންނާނެ. އަދި އޭގެ ތެރެއިން މުރުތައްދުންނާއި މުނާފިގުން ދޫކޮށްލީމަ ބާކީތިބި ހަގީގީ ތިރީސްހާސް މުޖާހިދުންނަށް މާތްﷲ ނަސްރުދެއްވި. ކޮންމެ މުޖާހިދަކު ރޫމީންގެ ފަސްމީހުންނާއި ކުރިމަތިލާ ހަގުރާމަކުރޭ. އަހަރެމެންނަކީ ފިނޑިންނޫންކަން އެމީހުންނަށް ސާބިތުކޮށްދީ. މާތްﷲގެ މަގުގައި ހިތްވަރާއެކު ހަގުރާމަކުރޭ. ޝަހީދުވާ މީހުންނަށް ހުރީ ސުވަރުގެ............"

މުސްލިމުންގެ ލޭގައި ފޯރިއާއި ޖޯޝްހިނގައިލިއެވެ. އެ ވާހަކަފުޅުން އުފާވެރިކަމެއް ލިބުނެވެ. ﷲއަކްބަރުގެ އަޑުން މުޅިވާދީ ގުގުމައިގެން ދިޔައެވެ. ރޫމީންތައް ހަގުރާމައިގެ ބެރުތައް ތަޅަމުން ކައިރިވާންފެށިއެވެ.

"ތިޔަބައިމީހުންގެ ތެރެއިން އެނބުރި އަނބިދަރިން ކައިރިއަށް ދާން ބޭނުން ކޮންމެ މުސްލިމަކަށް މިތަނުން ދިޔުމުގެ ހުއްދަ ދީފިން."ކައުބު ވިދާޅުވިއެވެ.

މުޖާހިދެއް: "މާތްﷲ އާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމުގެ ރުހިވޮޑިނުގަތުން ލިބޭކަށް ނޭދެން. އަޅުގަނޑުމެން ފުރާނަ ހަށިތަކުން ވަކިވަންދެން ހަގުރާމަކުރާނަން...."

ކައުބު:" ރޫމީންގެ ލަޝްކަރު މާ ގިނަ އަހަރެމެންގެ މުޖާހިދުން މާ މަދު........."

މުޖާހިދެއް: "އަޅުގަނޑުމެން މާތްﷲ އަށް އިތުބާރުކުރަން. ނަސްރު ދެއްވާނެ"

ކައުބު މުސްލިމުންގެ ލަޝްކަރުތައް ތަރުތީބުކުރައްވާފައި ފުރަތަމަ ސަފުގެ ވެރިކަން ދެއްވީ ސައީދުއަށެވެ. އެއީ ރަތްދޮންކުލަ ލިބިފައިވާ މުޖާހިދެކެވެ. ތަބޫކު ހަގުރާމަފަދަ ހަގުރާމަތަކުގައި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއާއެކު ހަގުރާމަކުރެއްވި ކުޅަދާނަ ތަޖުރިބާކާރު ހަގުރާމަވެރިއެކެވެ. ސައީދު އޭނަގެ ސަފުގައި ހިމެނޭ މުޖާހިދުންނަށް ކެތްތެރިކަމާއެކު ހަގުރާމަކުރައްވަން އެންގެވިއެވެ.

ޔޫގަންނާވެސް އޭނަގެ ލަޝްކަރުގެ ސިފައިންނަށް ނަސޭހަތްދެއްވަމުން ގެންދެވިއެވެ. އޯޑަރު އައުމާއެކު ހަގުރާމަކޮށް މުސްލިމުންކޮޅު މަރާލުމަށް އެންގެވިއެވެ. ޔޫގަންނާ ލަޝްކަރުގެ މެދަށް ވަޑައިގަތުމާއެކު ރޫމީ ސިފައިން ބެރުޖަހަމުން ނޭޒާތައް ދަމާލައިގެން ހަމަލާދީފިއެވެ. މުސްލިމުންވެސް އައްޑަނަތައް ދިއްކޮށްގެން ﷲއަކްބަރު ކިޔަމުން ހަގުރާމަ ފަށައިފިއެވެ. ރޫމީ ލަޝްކަރުގައި ތީރު އުކާމީހުން ގިނަކަމުން ކައުބުވެސް އެއްބައި ހަގުރާމަވެރިން ފަރުބަދަައިގެ މަތީގައި ތިބެން އަމުރުކުރެއްވިއެވެ. ހަގުރާމަ ފަށައިގަތުމުން ބަލިވާންފެށީ މުސްލިމުންނެވެ. މުސްލިމުން ފަހަތަށް ޖެހުމުން ރޫމީން ނިކަން ފޯރިއާއެކު ހަޅޭއްލަވައިގަތެވެ.

"ދުޝްމިނުން ބަލިވަނީ. ހަމަލާ ވަރުގަދަކުރޭ. އަވަހަށް ބަލިކޮށްލާ.............." ޔޫގަންނާ ހަރު އަޑުން ވިދާޅުވިއެވެ.

ރޫމީން ކުރިއަށް ޖެހި ތީރުތައް އުކައިގަތުމުން ކައުބު ފެންގަނޑާއި ދިމާލަށް ފަހަތަށް ޖެހެން މުސްލިމުންނަށް އެންގެވިއެވެ.

"އެއުޅެނީ ހިތުން ފިލައިގެންދާން. އެކަކަށްވެސް ދިޔަ ނުދޭތި. އެންމެން ފަނާކޮށްލާ........ " ޔޫގަންނާ ވިދާޅުވިއެވެ. ރޫމީން ހިތްވަރު އާވެ ކުރިއަށް ޖެހެމުން ދިޔައިރު މުސްލިމުން އައްޑަނަތައް ދިއްކޮށްގެން ތީރުތަކުން ސަލާމަތްވާން މަސައްކަތްކުރިއެވެ. ރޫމީންގެ ލަޝްކަރު ގިނަކަމުން އެމީހުން ތިބީ ނިކަން ބޮޑާވެފައެވެ. ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަމުގައި އަދިވެސް ކުރިއަށް ޖެހުނެވެ. ރޫމީން ހީކުރީ ފަހަތަށް ޖެހެމުންދާ މުސްލިމުން ބަލިވެގެން ދުއްވައިގަންނާނެ ކަމަށެވެ. އެވަގުތު ފަރުބަދައިގެ މަތިން ވާރޭގެ މިސާލުގައި ތީރުތައް ރޫމީ ލަޝްކަރާއި ދިމާލަށް އޮހިގަތުމުން ހައިރާންކަން ލިބިފައި ތިބި އެތައް ރޫމީންނެއް އެއްފަހަރާ ބިންމައްޗަށް ވެއްޓުނެވެ. އޭރު ރޫމީންވަނީ އެމީހުންގެ މެދުގައެވެ. މުސްލިމުން ފޯރިއާއެކު ތީރުތައް އުކުމުގައެވެ. ޔޫގަންނާ ހައިރާންފުޅުވެ ކަންބޮޑުވެވަޑައިގަތުމާއެކު ދެން ހައްދަވާނެ ގޮތަކާއިމެދު ވިސްނެވިއެވެ. އޭނައަށް ގެއްލުންވީ ލަޝްކަރު ކުރިއަށް ޖެއްސުނީމައެވެ. މިހާރު ފަހަތަށް ޖެއްސޭކަށްވެސް ނެތެވެ. ރޫމީންގެ ވަށައިގެންނާއި ބޯމަތިން އަންނަ ތީރުތަކުން ސަލާމަތްވާން ހަދައިގެން ސަފުތައް ރޫޅިއްޖެއެވެ. ޔޫގަންނާ އަމުރުކުރައްވަނީ ކުރިއަށް ޖެހުމަށެވެ. އެއީ އޭނަ ހެއްދެވި ދެވަނަ ގޯހެވެ. ރޫމީން އައްޑަނަތައް އުފުލާލައިގެން ކުރިއަށް ދާން މަސައްކަތްކުރިއެވެ. މުސްލިމުން ތީރުގެ ހަމަލާތައް ވަރުގަދަކުރިއެވެ. ކުރިމަތިން އަންނަ ތީރުތަައް ދިފާއު ކުރެވުނަސް ފަހަތުން އަންނަ ތީރާއިމެދު ކުރާކަށް އެއްވެސް ކަމެއްނެތެވެ. ރޫމީންތައް މަރުވެގެން ބިމަށް ތިރިވާތަން ބަލައިލި ކޮންމެ ދިމާލަކުން ފެނުނެވެ. ފަހަތަށް ދެވޭނެ ހުރިހާ މަގެއްވެސް ރޫމީންނަށް ބަންދުވިއެވެ.

ހަވީރުވެގެން އައިއިރު ހޫނުކަން ކޮންމެވެސް ވަރަކަށް މަޑުވެ ފަޒާ ފިނިވެލައިފިއެވެ. ރޫމީންގެ ހަމަލާތައް ދެކެވަޑައިގެންފާ ސައީދު އޭނަގެ އަރިހުގައި ތިއްބެވި މުޖާހިދުންނަށް އިރުޝާދުތައް ދެއްވިއެވެ.

"ތީރުތައް އުކުން ހުއްޓާލާފައި އަދާވާތްތެރިންނަށް ނޭޒާއިން ހަމަލާދީ...." ސައީދުގެ އަމުރުފުޅު އައުމާއެކު މައިދާންގާ އެންމެ ގަދަފަދަ ހަގުރާމައެއް ފެށުނެވެ. ނޭޒާގެ ހަމަލާ ނިކަންވަރުގަދަވިއެވެ. އެންމެފަހުން ކަނޑީގެ ހަމަލާތައް ބަދަލުކުރަންފެށިއެވެ. އިރުގެ ރަންދޯދިތައް ކަނޑިއަށް އެޅި ވިދާތަން މީސްތަކުންގެ ބޯމަތިން ފެނެއެވެ. މުސްލިމުންގެ ކަނޑިތަކުން ތިކި ޖަހަޖަހާ ހުރީ ރޫމީންގެ ލެއެވެ. ކަނޑިތައް އެކަތި އަނެކައްޗާއި ޖެހޭ އަޑާއި ޒަޚަމްވާ ހަގުރާމަވެރިންގެ ރުއިމާއި އަސްތަކުގެ ގޮވުން މުޅި މައިދާންގައި ގުގުމާލިއެވެ. ހަގުރާމަވެރިންގެ އަތްފައި ކެނޑިގެން ވެއްޓޭ މަންޒަރުން ހިތްތަކަށް ބިރުވެރިކަން ވަންނާނެއެވެ. ފެހިކަން ގަދަ ވިނަގަނޑުތައް ލެއިން ކުލަ ޖެހެމުން ދިޔައެވެ. މަރުވެފައިވާ ހަށިތައް މަތީގައި އަސްތައް ދެކޮޅަށް ދުވެއެވެ. ރޫމީން މުސްލިމުންގެ މަދު މީސްކޮޅު ނައްތައިލަން މަސައްކަތްކުރާވަރަކަށް އެމީހުންގެ ޖޯޝް އިތުރުވިއެވެ. ރޫމީން ހިތްވަރާއެކު ހަގުރާމަކުރިިއރު މުސްލިމުން ތަކުބީރުކިޔަމުން ހަމަލާދެމުން ދިފާއުވަމުން ދިޔައިރު ސައީދުގެ ކަނޑި ހަތަރުފަރާތަށް ހިންގައިލަނީ ކުޅަދާނަކަމާއެކުގައެވެ. އޭނަގެ ކުރިމައްޗަށް ނިކުތް ރޫމީއަކު ބިރުން ދުވެ ނުފިލާނަމަ އަބަދުގެ އަބަދަށްޓަކާ ނިންދަވާލައެވެ. ސައީދު ފެނިވަޑައިގަތުމުން އޭނަ ހުރެގެން މުސްލިމުން ބަލި ނުކުރެވޭނެކަން ދެކެވަޑައިގެން ޔޫގަންނާ ކަނޑި ހޫރާލެއްވިއެވެ. ދެތިންފަހަރުވެސް ސައީދު އެހަމަލާއިން ދިފާއުވުމުން ޔޫގަންނާ ހައިރާންފުޅުވިއެވެ. އޭނަގެ ކަނޑި މިފަހަރު ނޫނީ ހުހަށް ދުއްވާލާކަށް ނުޖެހެއެވެ. އޭނަގެ ކަނޑިއަކީ މުޅި ޝާމްގައި މަޝްހޫރު އެއްޗެކެވެ. ތިންވަނަ ފަހަރު ސައީދު އޭނަގެ ކަނޑީގައި ޖެއްސެވުމުން މެދުން ބިންދައިގެން ދިޔަ ވަގުތު ޔޫގަންނާއަށްވެސް ބިރުވެރި ވަގުތަކަށްވިއެވެ. ޔޫގަންނާ ބިނދިފައިވާ ކަނޑި ސައީދުއާއި ދިމާލަށް އަމާޒުކޮށް ހޫރާލެއްވިއެވެ. ސައީދު ދިފާއުވީއިރު ޔޫގަންނާގެ ހަގުރާމަވެރިންތަކެއް އޭނައާއި ހަމަލާދިނެވެ. އޭގެތެރެއިން ދެމީހުން ގަތުލުކުރެއްވި ތަނާ ރޫމީންގެ މީހަކު އެއްލި ނޭޒާއެއް އޭނަގެ ކަނައަތުގެ މުލައްދަނޑިއަށް ހެރިއްޖެއެވެ. އެ ނޭޒާ ދަމައިގަތުމުން ލޭ ފައިބައިގަތީ ހޯސްލާފައެވެ. ފަގުޑިން ބައެއް ކަފާލާފައި ޒަޚަމްގައި ބާރަށް އޮޅާލެއްވުމުންވެސް ލޭ މަނާނުވެ ބޯކޮށް އަންނަމުންދިޔައެވެ. އޮހޮރުނު ލޭގެ ގިނަކަމުން ސައީދު ވަރުބަލިފުޅުވީ ނަމަވެސް އޭނަގެ ހިތްވަރު ބައްޔެއްނޫނެވެ. މޫނުމަތިން ފެނުނީ ހިތްވަރުގަަދަކަމެވެ. ހަލާކުވެފައިވާ އަތުން ދިދައިގާ ހިފަމުން އަނެއް އަތުން ކަނޑީގައި ހިފެހެއްޓެވިއެވެ. މުސްލިމުންނަށް ސައީދު ޒަޚަމްވީތަން ފެނި މޮޅިވެރިވިއެވެ. އޭނަ ދިފާއުކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ވަށާލާފައިވާ ރޫމީންގަނޑު ސައީދުއަށް ހަމަލާދީ އިތުރަށް ޒަޚަމްކޮށްލިއެވެ. އޭނަގެ ބާރުފުޅު ދޫވެ ދިފާއުކުރެއްވޭނެ ހަކަތައެއްވެސް ނެތެވެ.

އޭރު އިރުވެސް ފަރުބަދަމަތިން ހުޅަގަށް ދަތުރުކުރަމުން ދިޔައެވެ. އިރުގެ ދޯދިތައް މަޑުވެ އަލިކަން ފަނޑުވެއްޖެއެވެ. ރޫމީންގެ ފަހަތުން ކުއްލިއަކަށް އައި މުސްލިމުން ތަކުބީރުގެ އަޑާއެކު ހަމަލާ ވަރުގަދަކޮށްލުމުން ރޫމީން ސިހިފައި ބަލައިލިއެވެ. ޔޫގަންނާގެ އޯޑަރަށް ރޫމީން ފަހަށް ޖެހެން ބަލައިލިއިރު އެފަރާތުގައި ތިބި މުސްލިމުން ވަރަށް ގިނަ ރޫމީން ގަތުުލުކޮށް ނިންމާލައިފިއެވެ. ކުއްލިއަކަށް ފަހަތުން އެހަަމަލާ ދިނީ ކޮންތާކުން ނުކުމެގެން އައި މުސްލިމުންނެއް ބާވައޭ ހިތަށް އެރިއެވެ.

އޭރު މުސްލިމުންނަށް ބޮޑު ހިތާމައަކާއި ކުރިމަތިވެއްޖެއެވެ. ސައީދުގެ ހަށިކޮޅުން ފައިބަމުން ދިޔަ ލޭ މަނާނުވެ އޭނަ އަސްމަތިން ވެއްޓިވަޑައިގެންނެވީއެވެ. އޭރު އޭނަ އަތްޕުޅުގައި އޮތް ދިދަ އެހެން މުޖާހިދަކާއި ހަވާލުކުރިއެވެ. ސައީދަށް ފެނިވަޑައިގެންނެވީ ރޫމީން ބަލިވެގެން ދުވާތަނެވެ.

" އަޚުންނޭ. އަހަންނާމެދު ވިސްނާނެކަމެއް ނެތް. އަހަރެން ސަލާމަތެއްނުވާނެ. އެމީހުންގެ ފަހަތުން ދޭ.." ސައީދު ވިދާޅުވިއެވެ. އެކަމަކު މުސްލިމުންނަށް އެމީހުންގެ އިއްޒަތްތެރި އޮފިސަރު ދޫކޮށްފައި ދެވޭނީ ކިހިނެއްހެއްޔެވެ؟ އެންމެން ތިބީ ވިނަތައް މަތީ ކުޑަކަކޫމައްޗަށް ތިރިވެ އޭނަ ވަށާލައިގެންނެވެ. އޭރު ސައީދުގެ ލޯ ފުޅުން ދިޔައީ މެރެމުންނެވެ. ކައުބުއަށް އެތަނަށް ވަޑައިގެންނެވުނުއިރު ސައީދުގެ ހާލުކޮޅު ފެނުމުން ލޯ ފުޅުން ކަރުނަ އައެވެ. ސައީދު ލޯފުޅު ހުޅުއްވާފައި ހިނިތުންވެލެއްވިއެވެ.

"ކައުބު...އަޅުގަނޑު ވަރަށް އުފާވެއްޖެ، މާތްﷲ އަޅުގަނޑަށް ޝަހީދެއްގެ ދަރަޖަ ދެއްވައިފި..."

"ސައީދު. އަަޅުގަނޑު ޝަހީދުވިނަމަ. ކަލޭގެފާނާއި ބެހޭގޮތުން އަޅުގަނޑު އަބޫއުބައިދާއަށް ދޭނީ ކޮން ޖަވާބެއް..."

ސައީދު: "ފެން........."

މުޖާހިދަކު ތަށްޓެއް ހިފައިގެން ފެންގަނޑާއި ދިމާލަށް ދުއްވައިގަތްއިރު ކައުބު ސައީދު ނަންގަވާފައި ރަޖާގަޑެއްގެ މަތީ ބޭއްވިއެވެ. މުޖާހިދު ގެނައި ފެނުން އެތިފޮދެއް އަނގަޔަށް އެޅިއެވެ.

ކައުބު: "ކަލޭގެފާނު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ ފައިންޕުޅުދެކޭނެކަން ޔަގީން. އަޅުގަނޑުގެ ސަލާމް ދަންނަވާތި..." ސައީދު ލޯފުޅު ހުޅުއްވަވާފައި ހަތަރުފަރާތަށް ބައްލަވާލައްވަމުން ޝަހާދަތުގެ ދެކަލިމަ މަޑުމަޑުން ކިޔާލުމާއެކު އުޑާއިދިމާލަށް ބައްލަވާލެއްވިއެވެ. ހުރިހާ މުސްލިމުންނަށް އޭނަ ޝަހީދުވުމުން ފުން ހިތާމައެއްލިބި ހިތްވަރު ބަލިވިއެވެ. ނަމަވެސް ކައުބު އަމުރުކުރެއްވީ އެދިމާލުގައި ހަގުރާމަކުރަމުންދާ ދުއިސައްތައެއްހާ މީހުންނާއި އެހީވާން ދިޔުމަށެވެ. ރޫމީން ދިމާކޮށްލައިގެން އުޅެނީ ފަރުބަދަމަތީގައި ދުނި އުކަން ތިބި މުޖާހިދުންނާއެވެ. އެމީހުން ދަނޑިވަޅު ބަލާފައި ފަހަތުންގޮސް އޭރު ހަމަލާދީ އެތައް ރޫމީންނެއް ނައްތާލިނަމަވެސް މިހާރު ޔޫގަންނާގެ މުޅި ލަޝްކަރު ހަތަރުފަރާތުން ވަށައިލާ އެމީހުންނަށް ނުރައްކާކޮށްފިއެވެ. ހިތްވަރާއެކު ދިހަ މީހުންގެ ގްރޫޕް ހަދައިގެން ހަގުރާމަ ކުރަނީއެވެ. މުސްލިމުންގެ ޖެހިލުންކުޑަކަމާ ހިތްވަރުގެ ސަބަބުން ޔޫގަންނާ ނިކަން ބޮޑަށް އަޖައިބުފުޅުވިއެވެ. ލަޝްކަރަށް ހަމަލާ ވަރުގަދަ ކުރަން ހަޅޭއްފުޅު ލައްވަމުން އޭނަ ދިޔައެވެ.

އޭރު އިރު އޮއްސި އަނދިރިކަން ކައުނު ވަށާލައިފިއެވެ. ދެފަރާތުންވެސް ހުއްޓާނުލާ ހަގުރާމަ ކުރިއިރު ރޫމީން ބޭނުންވީ ފިލައިގެން ދިޔުމަށެވެ. އެތަން ދެކެ މުސްލިމުންގެ ހިތްވަރު އާލާވެ ތަކުބީރު ކިޔަމުން ރޫމީންގެ ބޯތައް ކަނޑީގެ ޝިކާރައަކަށް ހަދަން ފެށިއެވެ. އެކި ދިމާލުން ރޫމީންގެ ބޯތައް އުދުހިގެންދާ މަންޒަރު ފެނެއެވެ. މާގިނައިރެއްނުވެ ރޫމީން ހުސްވެދާނެކަން ޔަގީންވެ ޔޫގަންނާ އޭނަގެ ލަޝްކަރަށް އަމުރުކުރެއްވީ ވާދީގެ އިތުރު އިރުމައްޗަށް ފަހަތަށް ޖެހުމަށެވެ. މިއީ ޔޫގަންނާއަށް ހެއްދެވުނު ތިންވަނަ ގޯހެވެ. ޔޫގަންނާގެ އަމުރަށް މުސްލިމުންގެ ދެބައިވެފައިވާ ލަޝްކަރުންން ފަހަތަށް ޖެހުމުން މުސްލިމުން އަނެއްކާ އެއްވެ ކުރިއަށްވުރެ އާރާއި ބާރާއިއެކު ހަމަލާދީފިއެވެ. މި ހަމަލާއަކަށް ރޫމީންނަށް ކެތެއް ނުކުރެވުނެވެ. ޔޫގަންނާ ހުއްޓުވަން މަސައްކަތް ކުރެއްވި ނަމަވެސް މޮޔައިންތަކެއްފަދައިން ފިލަން ދުއްވައިގަތެވެ. މުސްލިމުން ރޫމީންގެ ފަހަތުން ގޮސް ގަތުލުކުރަމުން ދަނިކޮށް ރޫމީންގެ އާ ލަޝްކަރު ދައްކާލައިފިއެވެ. އެއީ ޔޫގަންނާ ވާދީއަށް ވަޑައިގެންނެވިއިރު ފަރުބަދައިގެ އަނެއް ފަރާތުގައި ބޭއްވި ލަޝްކަރެވެ. ކައުބުއަށް އެ މަންޒަރު ފެނިވަޑައިގަތުމާއެކު މުސްލިމުންނަށް އަމުރުކުރެއްވީ ރޫމީން ފަހާ ނުދުވުމަށެވެ. އަދި ކުރިން އެމީހުން ތިބި ވާދީއަށް އައިސް ޚާލިދުގެ ލަޝަކަރަށް އިންތިޒާރުކުރަން ފެށިއެވެ. އަދިވެސް އެ ލަޝްކަރުގެ އެއްވެސް ޚަބަރެއްނުވެއެވެ.

މުސްލިމުން ތިބީ ހެނދުނުއްސުރެ ބަނޑުހައިކަމުގައެވެ. ކާން ތައްޔާރުކުރަނިކޮށް ދުޝްމިނުން އަރައިގަތީއެވެ. ހެދުނު އެމީހުންނަށް ލިބުނު ފެންފޮދެއް ނޫނީ އަރުތެރެއިން ދިޔައީއެއް ނޫނެވެ. އެހެންވެ އެންމެނަށް ލޮޑުކަން ލިބި އަރާމުކޮށްލަން ބޭނުންވެފައިވާ ދަނޑިވަޅެކެވެ. މެންދުރުވަންދެން ގަދައަވީގައި ހަގުރާމަކޮށްފައި ބޮޑު ލަޝްކަރަކާއި ހަގުރާމަކުރުމުގެ ސަބަބުން ކަންނެތްވެ ބަޑުހައި ހޫނުކަމާއި ކަރު ހިއްކައިގަނެގެން ތިބެެވެނީއެއް ނޫނެވެ. ފިތުރީގޮތުންވެސް އެމީހުން ތިބީ އަރާމަށް ބޭނުންވެފައެވެ. ނަމަވެސް އެފަދަ ފުރުސަތެއް ނުލިބެއެވެ.މާތް ﷲ އެ މުޖާހިދުން އިމްތިހާނު ކުރައްވަނީއެވެ.

އިރުއޮއްސި ބައެއް ދިމާލުން ތަރިތައް ފިޔަޖަހަން ފަށައިފިއެވެ. ހަނދުވެސް ރަންކުލައިގެ ބޯޅައެއްހެން ފަލަކުގައި ފައުޅުވެއްޖެއެވެ. ހަނދުވަރުގެ ނަލަ ނަލަ ދޯދިތަކުން ވާދީއަށް ވެރިވި އަނދިރިކަން ނައްތާލާ ފަނޑު އަލިކަމެއް ފަތުރާލައިފިއެވެ. އޭރު ޔޫގަންނާވެސް އޭނަގެ އާ ލަޝްކަރުގެ ސަފުތައް ތަރުތީބު ކުރައްވަނީއެވެ. ކައުބު އަހަށް ސަވާރުވެ ވަޑައިގެން އޭނަގެ ލަޝްކަރަށް ނަސޭހަތް ދެއްވިއެެވެ. ރަސޫލާ ސައްލަﷲއަލައިހި ވަސައްލަމްވެސް ބަނޑުހައިފުޅުކަން މަތީ ހަގުރާމަކުރެއްވިކަން ހަދާންކޮށްދިނެވެ. ރޫމީންގެ ފިނޑިކަން ލޮލުން ދެކެފައިވާއިރު މީސްތައް ގިނަކަމުން ކަންބޮޑުވާން ނުޖެހޭނެކަމަށް ވިދާޅުވެ ހިތްވަރުދެއްވިއެވެ. އޭރު ޔޫގަންނާ ހަގުރާމައިގެ ބެރުޖަހަން ފެށުމުން ރޫމީންގެ ލަޝްކަރު ހަޅޭއްލަވަމުން އައިސް މުސްލިމުންގެ ލަޝްކަރުމައްޗަށް ޖެހިގަތެވެ. އެ ވަރުގަދަ ހަމަލާއަށް ކެތްނުކުރެވި މުޖާހިދުން ފަހަތަށް ޖެހެންފެށުމުން ކައުބު ހަރުއަޑުފުޅުން އެހެން ނަހަދާ ހިތްވަރުކުރަން އެންގެވިއެވެ.

"މިހާރު ތި ފަހަތަށް ޖެހެންފެށީ. ތިގޮތަށް ހަގުރާމައިގާ ފިލަން ދުވާފައި މާތްﷲ ގެ ހަޟުރަތަށް ކުއްތަންވާން ކެރޭނެތަ؟ ފއަހަރެން އެންމެ ފަހު ނޭވާއާއި ހަމަޔަށް ހަގުރާމަ ކުރާނަން. ފިިލައިގެން ދާން ބޭނުމިއްޔާ ދޭ........." ކައުބުގެ އެ ވާހަކަފުޅުން އެންމެނަށް އަސަރުކޮށް އަނބުރާލާފައި ދިޔަ މުޖާހިދުންވެސް ލަޝްކަރާ ގުޅުނެެވެ. މައިދާނުގައި ފައިތިލަ ސާބިތުކުރިއެވެ. ކަނޑިތަކުން ރޫމީންތައް ތަޅާ ތިރިކުރަންފެށިއެެވެ. ރޫމީން ހީކުރި ގޮތާއި ޚިލާފަށް މުސްލިމުން ދައްކައިލި ހިތްވަރަކުން އެންމެން ހައިރާންވެ އަންތަރީސްވިއެވެ. ޔޫގަަންނާ އޭނަގެ ލަޝްކަރަށް ހިތްވަރު ދެމުން ހަގުރާމައިގެ ތެރެއަށް ވެދެވަޑައިގެންނެވިއެވެ. އަދި އޭނަގެ ލަޝްކަރަށް ފަހަތަަށް ޖެހެން އަމުރުކުރެއްވިއެވެ. މުސްލިމުންގެ ހަމަލާތައް ވަރުގަދަކަމުން އެމީހުންނަށް ކެތްކުރެވެނީއެއް ނޫނެވެ. ދަންވަމުން ދިޔަ ވަރަކަށް ހަގުރާމަވެސް ހޫނުވިއެވެ. ޔޫގަންނާ އޭނަގެ ލަޝްކަރުގެ އެއްބަޔަށް ދުރުންގޮސް ފެންގަނޑު ކައިރިއަށްދާން އަމުރުކުރެއްވިއެވެ. ހަގުރާމައިގެ ފޯރިގަދަކަމުން ރޫމީންގެ އެ ރޭވުން މުސްލިމުންނަކަށް ރޭކާނުލިއެވެ. ކުއްލިއަކަށް ރޫމީން ފަހަތުން އައިސް ހަމަލާ ދިނުމުން މުސްލިމުން ހަލާކު ނުވީ ކިރިޔާއެވެ. ބައެއް ހަގުރާމަވެރިން އަސްތައް އަނބުރާލާފައި ދުއްވައިގަތެވެ.

"މުސްލިމް މުޖާހިދުންނޭ. ރޫމީންގެ ކުރިމަތީ ފިލައިގެން ދިޔުމަކީ ކޮންފަދަ ހުތުރުކަމެއްތަ؟ އަނބިދަރިން ފިނޑިންގެ ނަމުން ނަންދޭނެ. މަލާމަތްކުރާނެ. އެއަޑު އަހަން ކެތްވާނެތަ؟ " ކައުބުގެ ވާހަކަ ފުޅާއެކު މުސްލިމުން ވަގުތުން އަސްތައް ހުއްޓުވިއެވެ. އަނެއްކާވެސް ޔޫގަންނާގެ ހަގުރާމަވެރިންގެ ތެރެއަށް ވަނެވެ. މުސްލިމުން ތިބީ ބަޑުހައިވެ ވަރުބަލިކަން މަތީގައެވެ. އެމީހުންގެ ގައިގާ ވަރު ހުސްވެ ބަލިވަމުންދަނީއެވެ. ނަމަވެސް ދީނަށްޓަކާ ކުރާ ހަގުރާމައިގާ ދޫދޭކަށް އެއިން އެކަކުވެސްނެތެވެ. ދޭތެރެއަކުން ތަކުބީރުގެ އަޑު އިވޭތީ މުސްލިމުން އަދި ދިރިތިބިކަން އެނގެއެވެ.

***

މަރިޔަމް ބަކަރިން ކިރު ފެލުމަށްފަހު ތެދުވެ ހިންދެމިލިއެވެ. އެއްވެސް ކަމެއް ކުރާވަރަށްވުރެ ލޮޑުވެ ކަންނެތްކަން އިހުސާސްކުރެވުނަސް ހެދުނު ނާސްތާ ތައްޔާރުކުރަން ޖެހޭނެއެވެ. ފައިތިލައާއި ހަމަޔަށް އޮތް ފެހިކުލައިގެ ލިބާހާއިއެކު އައްސާލާފައިވާ އިސްތަށިގަނޑުގެ ސަބަބުން ސާދާކޮށް ފެނުނަސް އޭނަ ވަރަށް ރީއްޗެވެ. އެހިސާބުގައި ތިބި ޒުވާން ފިރިހެންކުދިންތަކެއްގެ ނަޒަރު އޭނައަށް ހުއްޓިފައި ތިބިތަން ފެނުމުން މަރިޔަމް ތުން އޫކޮށްލައިފިއެވެ. އަވަށްޓެރިންގެ ތެރޭ އޭނައާއި އަޅައިގަނެގެން އުޅޭ ފިރިހެންކުއްޖަކު ހުރެއެވެ. ނަސީބަކުން އެވަގުތު އެތާ ތިބީ އޭނަގެ އެކުވެރިންނެެވެ.

"ރަސްގެފާނު ހަގުރާމަކުރައްވާއިރު މި ރަނޑާލިންނަށް ކުރަން އެނގޭކަަމަކީ މިއީ ދޯ...." މަރިޔަމް ހިތާހިތުން ކިޔާލިއެވެ. ބާރުބާރަށް ހިނގާފައިގޮސް އޭނަގެއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

މަރިޔަމް ކިރު ހޫނު ކުރަން އަލިފާނަށް އުނދައިލުމަށްފަހު ބާލީ ޕާނާއި ފެހިކުލައިގެ ޗީޒް ސުފުރާމަތީ ފަތުރައިލުމަށްފަހު ދެފައި ވަށްކޮށްލައިގެން އިށީދެއްޖެއެވެ.

"މަރިޔަމް. ޝެހެޒާދާ ލާވަންއާއި މަރިޔަމްގެ އޮތީ ކޮން ގުޅުމެއްތަ؟ " ބޮޑުދައިތަ ކާން އިނދެފައި ކުރި ސުވާލުން މަރިޔަމްގެ މޫނަށް ރަތްކުލަވެރިވެއްޖެއެވެ. ބޮޑުދައިތަ މިހާރު ފެށީ ކޮންވާހަކައެއް ހެއްޔެވެ؟ ހަގީގަތް ކިޔާދީފިއްޔާ ލާާވަންއާއި ލޫސީގެ ލޯބީގެ ސިއްރު ބޭޒާރުކޮށްލެވުނީއެވެ.

"އެއީ އެކުވެރިއެއް....."

"އޭނައަށް ފެނިގެން އެކަމާ ހިތް ހަަމަ ނުޖެހިފައި ހުރީ. ދެމީހުން ހަލަބު ބަގީޗާތެރޭގައި ތިއްބާ ފެނުނީޔޯ......" ފްލޯރާ ޝައްކުގެ ނަޒަރަކުން ބަލަން އިނދެފައި ކިރުތަށި ތުނބުގައި ޖެހިއެވެ. "ރަސްކަލުންގެ ދަރިންނާއި އަޅައިގެން އުޅެނިކޮށް އަހަރެމެންގެ މުޅި އާއިލާއެއްކޮށް ފުރާނައިން އަތް ދޮވެލަން ޖެހިދާނެކަމެއް މަރިޔަމްއަކަށް ނޭގޭތަ؟ އެބަޔެއްގެ ފެންވަރުން އުޅެންވާނީ. އެއީ ކަލޭގެން ފެންވަރެއްނޫން. އެކަހަލަކަމެއް ހިތުގައި އޮތިއްޔާ އެކަމެއް ހިތުން ފޮހެލާ. މަރިޔަމް އަހަރެން ކަމަކު ބުނެފިއްޔާ ކޮށްދޭނަންތަ..."

ފެހިކުލައިގެ ޗީޒްކޮޅެއް އަނގަޔަށް ލައިގެން ހަފަން އިން މަރިޔަމް ބޮޑުދައިތައާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. އެވަގުތު ކޮންމެވެސް ބަޔަކު ދޮރުގެ ފަރުދާ ހިއްލާލާފައި އެތެރެއަށް ވަނެވެ. މަރިޔަމް ހިމޭން ބުދެއްފަދައިން ބަލަން އިނެވެ.

ނުނިމޭ

ކޮމެންޓް 0