"ތިމާގެ މުއްސަދިކަމާއި ނުފޫޒާއި އާރާއި ބާރާއިމެދު ފަޚުރުވެރިވެ ބޮޑާނުވާށެވެ. އަދި އެހެން މީހުންގެ ނިކަމެތިކަމަށް މަލާމާތްނުކުރާށެވެ. ހާލަތު ބަދުލުވާން ނަގާނީ މަދު ވަގުތުކޮޅެކެވެ."
***
ބާސިލްއާއި ދަނީޒް ފެރާރީ ކާރުގައި ރޭސްޖަހައިލިގޮތުން ދެކެން ތިބޭމީހުންގެ މޭގަނޑު އަނގަޔަށް އަންނާނެއެވެ. ބާސިލް ހީހީފައި އަދިވެސް ކާރުގެ ދުވެލި ބާރުކޮށްލިއިރު ގަސްތައްވެސް ވާދަޔަށް ދަތުރުކުރާފަދައެވެ. ދަނީޒްގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ.
"ބާޒް. ތަންކޮޅެއް މަޑުން ދުއްވަބަލަ. މަގޭ މައިންބަފައިން އެކަނިވެރިވާނެ. ހުރި އެންމެ ދަރިއޭ މީ..."
ބާސިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ސަތޭކަ މޭލަށް ދުވެލި ތިރިކޮށްލައިފިއެވެ.
"ޒާދާގެ ޚަބަރެއްނުވެ ކިތައް ދުވަސްމިވީ..."
"ހަފްތާއެއްނުވެއެއްނު...ހާސްނުވޭ. އަހަންނަށް މިހާރު ކްލޫއެއް ލިބިއްޖެ..."
"ސީރިޔަސްތަ؟" ދަނީޒް އެހިއެވެ.
"ޓެރަރިސްޓުން އެކުއްޖާ ގެންގޮސް ގެއެއްގައި ހިފަހައްޓައިގެން އުޅެނީ.ސަލާމަތްކުރަން ދާން ކެރޭނެތަ؟"
"ނޫން މަށަކަށް ލާހިކެއްނޫން..."
"ހާދަ ފިނޑިމީހެކޭ ދޯ. ތިހާވަރުން ދުނިޔޭގައި އުޅޭނީ ކިހިނެއްތަ؟ މަރަށް ފިލަން އުޅުނަސް އެކަމެއްނުވާނެ. ވަގުތު ޖެހުނީމަ އެނދުގައި އޮތަސް ދާންޖެހޭނީ. ރިސްކް ނަގަން ބޭނުން ނޫނިއްޔާ އެނދުން ނުތެދުވެ އޮންނާން ޖެހޭނީ..."
"އެވަރެއްނޫން ދެން އެކަމަކު ހައިރިސްކް ނަގާވަރަށް ވުރެ ލައިފްދެކެ ލޯބިވޭ. އެހެންވެ ތީނައާއެކު ކާރަކަށް އަރަންވެސް ޖެހިލުންވޭ..."
ބާސިލް ކާރު މަޑުކޮށްލީ ޝަހަރާއި ތަންކޮޅެއް ދުރުގައިވާ ފަރުބަދަމަތީގެ ހިސާބަކަށެވެ. ގަސްތައް ބޯވެފައި ފެހިކަން ގަދަކަމުންނާއި ލޯތަކަށް ފިނިކަން ގެނެސްދެއެވެ. ވަލުތެރޭގައި އެއްވެސް މީހެެއްގެ އެހީތެރިކަމެއްނެތި ފޮޅިފައިވާ ކުލަކުލައިގެ މާތައް އިތުރަށް މަންޒަރު ފުރިހަމަކޮށްދީފައިވިއެވެ. ދެމީހުން އެއްކޮށް މައްޗަށް އަރަމުން ހިނގާފައި ދިޔައީ ކުރިމަތިން ފެންނާން ހުރި ވިކްޓޯރިއަން ކޮޓެޖްއާއި ދިމާލަށެވެ. ޗޮކްލެޓާއި ކްރީމް އަދި ދޮރުތައް ހުދުކުލައިގާވާ އެ ގެ ގަސްތަކުގެ ތެރެއިން ފެންނަނީ ހައިބަވަންތަގޮތަކަށެވެ. ތިންނިދާ ކޮޓަރި އެކުލެވޭ އެގޭގެ ކޮންމެ ހިސާބެއްވެސް މީހުންގެ ހިތްތަކުން ޖާގަ ހޯދާނެއެވެ.
"މިތަނުގައި ޒާދާ އުޅެނީ؟" ދަނީޒް ލޯބޮޑުކޮށްލިއެވެ.
"ފެނުނީމައެއްނު ޔަގީންކުރެވޭނީ...ކެތްތެރިވެބަލަ......."
"އަހަރެމެން ފެނުނީމަ ޒާދާ ވަކިން ރުޅި އަންނާނެ. ކޮށްދޭ އިހުސާންތެރިކަމެއްވެސް ބަލައިނުގަންނާނެ.."
"ޕޮޒިޓިވްކޮށް ވިސްނަން ދަަސްކުރޭ. ޒާދާގެ ހިތުގައި އަހަންނަށްޓަކާ އިހުސާސްތަކެއްވެ ލޯބިވާ ދުވަހެއް އަދި އަންނާނެ. އަހަރެން ގަބޫލުކުރާގޮތަކީ އެއީ. އަހަރެންގެ ގާތުގައި އާދޭސްކުރާނެ....ނެގެޓިވް ތިންކިންއަކަށް މަގޭ ވިސްނުމުގައި އެއްވެސް ޖާގައެއް ނުދޭނަން. އަހަރެން ބޭނުންވި އެއްޗެއް ހާސިލުކޮށްފައި ނޫނީ ނުހުއްޓާނަމޭ ކިތައް ދުވަހު ބުނާނީ. މިފަހަރު ބޭނުމީ ޒާދާ އެގޮތަށް ފޮނިވީމަ އޭނަ ލައްވާ އާދޭސްކުރުވަން. ކޮންމެހެން އަހަރެންގެ ހިތުގައި އޭނައަށް އެއްވެސް އެއްޗެއް އޮވެގެނެއްނޫން. ލޯތްބެއްވެސް ނުވޭ........."ބާސިލްގެ ބުމަކުޑަކޮށް ގޮށްޖެހުނެވެ.
***
ޒާދާ ދޮރުގައި ތަޅަމުން މީހެއްގެ އެހީއަކަށް އެދެނިކޮށް ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަތީ މޫނުގައި މާސްކު އަޅައިގެން ރައިފަލް ހިފައިގެން ތިބި ނުރައްކާތެރި ބަޔެކެވެ. އެ ޔުނިފޯމާއި މޫނުގައި އަޅާފައިވާ މާސްކުން ވަގުތުން ސިކުނޑިއަށް ނަގައިގަނެވުނީ ނިރުބަވެރި ޖަމާއަތެކެވެ. އޭނަ ހައްޔަރުވެފައި މިވަނީ އެފަދަ ބަޔެއްގެ އަތްދަށުގައިހެއްޔެވެ؟ ޒާދާއަށް ހިންދިރުވައިލެވުނެވެ.
"ތިއީ ކޮންބަޔެއް؟ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީީ ކޮބައިތަ؟" ޒާދާ ބިރު އެއްފަރާތްކޮށްލާފައި ސާބިތުކަމާއެކު އެހިއެވެ.
"އަހަރެމެން ބޭނުންވަނީ ފައިސާ. ބައްޕައަށް ގުޅާފައި ބުނޭ އެއްމިލިއަން ޑޮލަރު ހިފައިގެން އައީމައޭ ބައްޕަގެ ދަރި ސަލާމަތްވާނީ. ނޫނީ....." އެ މީހާ ރައިފަލް ޖައްސައިލީ ޒާދާގެ ނިތްކުރީގައެވެ.
ކަމުގެ ހުރި ނުރައްކާތެރިކަން ވިސްނުމާއެކު ޒާދާ ބިރުން ނޭވާ ހިފަހައްޓައިލިއެވެ. ވީއިރު ބަޔަކު އޭނަ ކިޑްނެޕްކޮށްލީ ފައިސާއާއިހެދިއެވެ.
"އަހަރެންގެ އަތުގައި ފޯނެއްނެތް..."
"ފޯނު ގެނެސްދޭނަން...އަދި ކަލޭ ސަލާމަތްކުރަން އައި ފިރިހެނެއްވެސް އަހަރެމެންގެ އަތުގައިޖެހިއްޖެ. އޭނައަކީވެސް މުއްސަންޖެއްގެ ދަރިއެއް. އިތުރު އެއްމިލިއަން ޑޮލަރަށް އޭނަވެސް ސަލާމަތްވާނީ...ކަލީމް.. އޭނަވެސް މިތަނަށް ގެނެސްބަލަ...މަށަށް ހީވަނީ މިކުއްޖާގެ ލޯބިވެރިޔާހެން. އަހަރެމެންނާއި ކުރިމަތިލާން ސަލާމަތްކޮށްދޭން ކޮންމެ ކޮންމެ މީހެއް ނާންނާނެތާ...." އިސްކޮޅުން ދިގު "މޮންސްޓާ"ގެ ބަރު އަޑު ގުގުމައިލިއެވެ.
އޭނަ ސަލާމަތްކުރަން މީހަކު އައޭ ބުނުމުން އެންމެކުރިން މެހެރާޒްގެ މޫނު ސިފަވީ ކީއްވެކަމެއް ނޭގުނެވެ. މެހެރާޒްއާއި މިސްކިތުން ދިމާވެ ވާހަކަދެއްކުމުން ވަގުތުން ހިތުގައި ޖާގައެއްދެވުނެވެ. ކުލުނާއި ހަމްދަރުދީ އުފެދި ޚާއްސަކަމެއް ބެހެއްޓެން މާ ގިނަވަގުތެއް ނުނެގިއެވެ. މެހެރާޒްވެސް އޭނައާއި ވާހަކަދެއްކީ އެހާ ގާތްކޮށެވެ. ޑޮމިނޯސް ޕިއްޒާގައި މަސައްކަތްކުރާކަން އެނގުމުން ޒާދާ އެދުނީ ކޮންމެ ދުވަހަކު އެގެއަށް ޕިއްޒާ ގެނެސްދިނުމަށެވެ. ވީއިރު މެހެރާޒްއަށް ކޮންމެވެސް ގޮތަކުން އޭނަ ކިޑްނެޕްކުރިކަން އެނގުމުން ސަލާމަތްކުރަން އައީކަން ޔަގީނެވެ. ޒާދާ އެހާ ބިރުގެންފައި ނުތަނަވަސްކަމުގެ ތެރޭ ހުރެފައިވެސް ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ފިޔަޖަހާލައިފިއެވެ. ނަމަވެސް ހިނދުކޮޅަކަށެވެ. އެމީހުން ދެވަނަފަހަރަށް ދޮރު ހުޅުވާލުމާއެކު ފެނުނު މޫނަކުން ޒާދާ ސިހި މޫނުގެ ކުލައޮއްސުނެވެ.
"ޔޫ............."
"ހޭއި....ޒާދާ....." ބާސިލްގެ އަތުގައި ބިޑި އަޅުވާފައި ހުރިތަން ފެނުމުން ޒާދާއަށް އެ އަތަށް ބަލަން ހުރެވުނީއެވެ.
"ކަލޭމެން ދެމީހުން ސަލާމަތްވާން ބޭނުމިއްޔާ މުއްސަދި ޕޭރެންޓުންނަށް ގުޅާފައި އަވަހަށް ފައިސާ ގެންނަން ބުނޭ...."
"އަހަރެންގެ ފޯނު ގެނޭ..."ބާސިލް އެދުނެވެ.
"އަހަރެމެންނަށް ދޭންވީމަ އެނގޭނީ. ބޭނުންވަގުތެއްގައި ބޭނުން ގޮތެއް އަހަރެމެން ހަދާނީ. ވީ މޭކް ދަ ރޫލްސް. ކަލޭމެން ޖެހޭނީ ފޮލޯ ކުރަން...އަންޑަސްޓޭންޑް؟" މޮންސްޓާ ގުގުރައިގަތެވެ. އަދި ދޮރު ބަންލާފައި ޖެހުމުން ބާސިލް ބިޑި އަޅާފައި ދެއަތް އުފުލައިލީ ބޮލުގައި ހިފެހެއްޓުމަށެވެ.
"އަހަރެން ހައްޔަރުވީ ޒާދާ ސަލާމަތްކުރަން ހަދައިގެން...ޝުކުރު އަދާނުކުރާނަންތަ؟"
"ސަލާމަތްކޮށްދޭން އަންނާށޭ އެއްފަހަރުވެސް ނުބުނަން..."ޒާދާ ފޫހިވާގޮތްވިއެވެ. އޭނަގެ ހިމާޔަތަށް އައީ މެހެރާޒް ނޫންވީމައެވެ.
"ދެން ބުނެބަލަ އަހަރެމެން ހަދާނީ ކިހިނެއްތަ؟"
"އައި ހޯޕް ޔޫ އާ ނޮޓް އިންވޯލްވްޑް. އަނެއްކާ މިއީ ގޭމެއްތަ؟" ޒާދާގެ ހިތުގައި ޝައްކު އުފެދުނެވެ. އިންސާނުންނަށް އިތުބާރުކުރުމަކީ މިޒަމާނުގައި ފަސޭހަކަމެއް ނޫންކަން އޭނަގެ މަންމަ އެތައްފަހަރު ބުނެދީފިއެވެ.ލޯމައްޗަށް ދައްކާނީ ދަޅަތަކެވެ.
"ބޭނުންގޮތަކަށް ހީކުރޭ. އެކަމަކު ވަރަށް ގިނައިން ޑްރާމާ ބަލަންދޯ. ކްރައިމް ނޮވެލްސްވެސް ކިޔާކަން ނޭގޭ.." ބާސިލްގޮސް ހުއްޓުނީ ދޮރުކައިރީގައެވެ.
"އަހަރެމެން ހައްޔަރުކޮށްގެން އުޅެނީ ޓެރަރިސްޓުންތަ؟"
"ބޮޑަށް ވައްތަރީ ގޭންގަކާއި...." ބާސިލް ކުޑަކޮށް އެނބުރިލިއެވެ.
"އަތުގައި އަޅުވާފައި ހުރި ބިޑި އަކީ މެޓަލް އެއްޗެއް ސޯ ތި ބިއްލޫރިގަނޑު ތަޅާލެވިދާނެހެން ހިޔެއްނުވޭތަ؟"ޒާދާ ސުވާލުކުރިއެވެ.
"ގޭންގެއްވެއްޖެއްޔާ އެމީހުންގެ ވިސްނުން އެހާ ކޮށިވާނެހެން ހިޔެއްނުވޭ. ގޭގެ ވަށައިގެން ސިކިއުރިޓީއިން ތިބޭނެ. ސަލާމަތްވުމަކީ އެހާ ފަސޭހަކަމެއްނޫން. އަހަރެމެންނަށް އޮތްގޮތަކީ އިހަށް އެމީހުންގެ އޯޑަރުތަކަށް އެއްބަސްވެ ފޯނުދިނީމަ ފެމިލީއަށް ގުޅުން....."ބާސިލް ކުޑަދޮރުގައި އަތް ޖައްސައިލިއެވެ. ޒާދާގެ ހިތް ދެފަރާތަށް ކިރެމުން ދިޔައެވެ. ބާސިލްގެ އަތެއް މިކަމުގައި ނުވާނެކަމަށް ހިތްބުނާއިރު ބައެއްފަހަރު އެކަމާއި ހިތް ދެކޮޅެވެ.
މާގިނައިރެއްނުވެ މާސްކު އަޅައިގެން ހުރި ފިރިހެނަކު ތަބަކެއްގައި ކޮފީއާއެކު ނާސްތާ ހިފައިގެން އައެވެ. އަދި ބާސިލްގެ އަތުގައި އަޅުވާފައި ހުރި ބިޑި ނައްޓައިލިއެވެ. އެމީހުންގެ ކެމެރާތަކުން ހުރިހާކަމެއް ފެންނަ ކަމަށާއި މާބޮޑަށް ސްމާޓްވާން ހަދައިފިއްޔާ ފުރާނައިން އަތް ދޮވެލާން ޖެހިދާނެކަމުގެ އިންޒާރުވެސް ދިނެވެ. ބަނޑުހައިވެފައި ހުރިވަރުން ކާން ބޭނުންވިޔަސް ޒާދާ އިންކާރުކުރިއެވެ. ބާސިލް މަޑުމައިތިރިކަމާއެކު ވިސްނައިދިނީ ކެއުމަށެވެ. ދެމީހުން މިތަނުން ސަލާމަތްވާނެ ފުރުސަތެއް ލިބިގެން ނުކުމެވުނަސް ގައިގާ ހަކަތަ ހުންނާނީ ރަގަޅަށް ކައިގެން ކަމުގައި ބުނުމުން ޒާދާވެސް ކޮފީއަކާއިއެކު ބިސްގަނޑުކާންފެށިއެވެ. ބާސިލް ނިކަން ހަމަޖެހިލައިގެން އިނދެ ސްޓޭކްއާއި ފުފިފައި ހުރި މީރު ސްކޮޗް ޕޭންކޭކުތައް ކާންފެށިއެވެ. ސްޓޯބެރީއާއި ބްލޫބެރީ އަދި ގޯލްޑެން ސިރަޕްއާއި ކްރީމްތަކާއެކު ކެއުމުން އަނގައިގެތެރެއަށް ވިރިގެންދާހާ މީރެވެ.
"ކްއީން އެލިޒަބަތްގެ ފެވެރިޓް ބްރޭކްފާސްޓް..."ބާސިލް ބުނެދިނެވެ.
"ތިއީ ކްއީންތަ؟" ޒާދާ މަލާމާތްކޮށްލިއެވެ."މަގޭ ފެވެރިޓެއްނޫން....."
ބާސިލް ހިނިގަނޑެއް ޖަހައިލިއެވެ.މިއީ އާދަޔާ ޚިލާފު އަންހެންކުއްޖެކެވެ. ހައްޔަރުގައި ހުރެގެންވެސް ގޮތްދޫކުރުމެއްނެތެވެ.
"މިހާ އިއްޒަތުގައި ގެންގުޅެންޏާ އަހަންނަށް ހެޔޮ ކިތަންމެ ޒަމާނެއްވާންދެން މި މީހުންގެ ހައްޔަރުގައި ބެހެއްޓިޔަސް. ކީކޭ ޒާދާ ބުނަނީ؟"
ޒާދާ ކަޅިއަޅައިގަތްގޮތުން ބާސިލް އެތެރެ އެތެރެއިން ހީހީ ހަލާކުވާވަރުވިއެވެ. މިވަރު އަންހެންކުއްޖަކާއި އުމުރު ދުވަހުވެސް ދިމާވާނެކަމެއް ނޭގެއެވެ.
ކައިނިމުނުތަނާ މާސްކުއެޅި މީހަކު އައިގޮތަށް ޒާދާއާއި ބާސިލްގެ އަތް އެއްކޮށް ބިޑި އަޅުވައިފިއެވެ. ބާސިލްގެ ވައަތާއި ޒާދާގެ ކަނައަތެވެ.ޒާދާއަށް ގަދަދައްކާނެ ވަގުތެއްވެސް ނުވެ އެމީހަކު ކުއްލިއަކަށް އަތުގައި ހިފެހެއްޓިގޮތަށް ބިޑިއެޅުވީއެވެ.
"ދެލޯބިވެރިންނަށް ރަގަޅުވާނެއްނު މިހެން ވީމަ.."އެ ޒުވާނާ ހިނިގަނޑެއް ޖަހައިލިއެވެ.
"ހޭއި...މިސްޓަރ..އަހަރެމެންނަކީ ލޯބިވެރިންނެއްނޫން. ދިސް އިޒް ޑިސްގަސްޓިން. ކަލޭމެންގެ ނަމުން ހީވަނީ މުސްލިމުންހެން ދެން މުސްލިމުންވެއްޖެއްޔާ އަންހެންކުދިންގެ ޕްރައިވެސީއަށްވެސް ގަދަރުކުރަންޖެހޭނެ. މިހާރު މި ނައްޓާލާ..."ޒާދާއަށް ބުނެވުނީ ބާރަށެވެ.
"ކެޕްޓިވިޓީގައި ހުރިމީހާ އަހަރެމެންނަށް އަމުރު ތިކުރަނީ؟ ކޮންވައްތަރެއް ތިއީ؟ ބިރެއްވެސް ނުގަނޭތަ؟ ބޮސް އަންނަންދެން ހުރޭ....ތި އަނގަ މައިތިރިވާނެ..."
ޒާދާ އެތެރެއެތެރެއިން ހަޅޭއްލަވައިގަތެވެ.
"ޒާދާ. އެމީހުން ބޭނުންވަނީ ފައިސާ. އެހެންވީމަ ބުނާގޮތަށް ހަދާބަލަ އޭރުން ދެމީހުންނަށްވެސް އެންމެ ރަގަޅުވާނީ..." ބާސިލް ބުނެދިނެވެ.
"މޭންއަކަށްވެސް ނުވިއެއްނު. އެމީހުންނާއި ފައިޓްކޮށްލާކަށްވެސް ނުކެރުނު...."ޒާދާގެ އަޑުގައި މަލާމާތުގެ އަސަރު އެކުލެވުނެވެ.
"ހުސް އަތުން މެޝިންގަންތަކާއި އެހެން ހަތިޔާރުތަކާއި ހަގުރާމަކުރެވޭނެތަ؟"
ޒާދާގެ ހިތުގައި ބާސިލްއަށްޓަކާ ހަމްދަރުދީ އުފެދުނެވެ. ހަގީގަތުގައިވެސް އޭނަ ސަލާމަތްކޮށްދޭން އައުމުން ބާސިލްވެސް އެ ގޭންގްގެ އަތްދަށުވީއެވެ. ތައުރީފު ހައްގެވެ. ބާސިލް ހިމޭނުން ހުންނަނީވެސް އޭނައަށް އަނިޔާއެއް ލިބެން ނޭދޭތީކަމަށްވެދާނެއެވެ. ހަގީގީ ފިރިހެނުންނަކީ މިއީހެއްޔެވެ؟ ބާސިލް އަމިއްލަ ނަފުސަށްވުރެވެސް އިސްކަން އެދެނީ އޭނައަށެވެ. ޒާދާގެ ހިތުގައި އުފާވެރިކަމުގެ އެންމެ ވިންދެއް ނަމަވެސް ޖަހާލައިފިއެވެ.
***
ޒާދާގެ ޚަބަރެއްނުވުމުން ގޭތެރޭގެ ދިރުން އެއްކޮށް ކެނޑި ފަޅު ފުށްޓަރެކޭ ތަފާތެއްނެތެވެ. މުޅިގެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ޒާދާ ދިޔައީ ގޭގެ ރޫހު ހިފައިގެންނެވެ. އަދްރިއަންއާއި ކާއިނާތުއަށް އާއިލާއާއި އެކުވެރިންގެ ހިތްވަރާއި އަޅާލުން ލިބުމުން ތެދުވެ އުޅެވޭވަރުވިޔަސް ދެމީހުންގެވެސް ހިތްވަރެއްނެތެވެ. ކެއުމާއި ނިދުން މަދުވެ ދެމީހުންގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ވަރުބަލިކަމެވެ.
"ރާހާ ކީއްކުރަން ސީޓީ ސްކޭން ހަދަންވީ؟ކޮބާ އެކްސްރޭ؟" އަދްރިއަން އާއި ކާއިނާތު ސިޓިންރޫމްގައި ތިބިއިރު ދައްކަނީ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެކެވެ.
"ބޭއްވުނުތަނެއް ނޭގޭ.."ކާއިނާތު ރުޅިއަންނަގޮތްވިއެވެ." އަމިއްލަ ދަރިފުޅު އެހާ ބަލިވާއިރުވެސް ޑޮކްޓަރަކަށްވެ ހުރެ އަޅާނުލެވޭ. ދެން އެހެން ޑޮކްޓަރެއްގެ އެޑްވައިސްއަށް ސީޓީއެއް ހަދަންވީމަ މައްސަލަ ޖެއްސުމުގެ ބޭނުމެއް ނުވިސްނުނު..."
"ބޭކާރު ރޭޑިއޭޝަންއަށް ރާހާ އެކްސްޕޯސްކުރުމުގެ މާނައެއްނެތީމަ.."
"ތިއީ ޑޮކްޓަރުންގެ މައްސަލައެއް..."ކާއިނާތު ތެދުވެގެން ދާން ހިނގައިގަތުމުން އަދްރިއަން ދަތްދޮޅީގައި އަތް ޖައްސާލައިގެން ދުރަށް ބަލަން އިނެވެ. އެތައް ޚިޔާލުތަކުން އެސިކުނޑިއަށް ބުރަވެފައިވާ ވަރު ލޮލުންވެސް ފެންނާން ހުއްޓެވެ. ވިދުން ފަނޑުވެ މޮޅިވެރިކަމުގެ ހިޔަނި އެޅިފައެވެ. ފެންކަޅިވެފައެވެ.
***
އަދްރިއަންގެ ހުއްދަނެތި ކާއިނާތު ރާހާ ގެންގޮސް ސީޓީސްކޭން ހެއްދިއެވެ. ރިޕޯޓްލިބުމުން ޑޮކްޓަރ އެދުނީ އޭނަ އޮފީހަށް އައިސްދިނުމަށެވެ. ކާއިނާތުގެ ހިތުގައި ބިރުވެރިކަން ވަކި ހިއްޕައިލިގޮތުން މުޅިހަށިގަނޑަށްވެސް ފިނިވެ އައްސިވެލައިފިއެވެ. ޑޮކްޓަރުގެ އަޑުންވެސް ކަމެއް ގޯސްވެފައިވާކަން ދެނެގަނެވުނެވެ.