"ކޮންމެ ކަމެއް ލަސްވުމުގައި ތިބާއަށް ނޭގޭ ހެޔޮކަމެއްވެސް އޮވެދާނެއެވެ. މާޔޫސްނުވާށެވެ. ކެތްތެރިވާށެވެ."

***

ޒާދާ އަށް ހޭލެވުނުއިރު އޮވެވުނީ އެލެސްކަން ކިންގް އެނދެއްގައެވެ. ކޮޓަރީގެ ތެރެއަށް ވެރިވެފައިވާ އޮރެންޖްއަލި ހުދު ރަޖާއަށް އެޅިފައިވާއިރު ރަންގަނޑެއްފަދައިން ފެނެއެވެ. އަރާމު ފިންޏެކެވެ. ސީލިންއަށް ބަލައިލެވުނުއިރު ބޮލާއި ދިމާލުން އެލުވާފައިވާ ރިހި ޗާންދަލިޔާގައި އެލުވާފައިވާ ފަށްތައް އެކަތި އަނެކައްޗާއި މައްލަވަކުރަމުން ދިޔައެވެ. ވަށައިގެން ހޯދާ ބަލައިލުމާއެކު އޭނައަށް މިއޮވެވުނީ ގޭގައި ނޫންކަން އެނގުނެވެ. ގެ ކީއްކުރަންހެއްޔެވެ؟ ދެކެފަރިތަ ތަނެއްވެސް ނޫނެވެ. މުޅިން އާ ތަނެކެވެ. ފުންމައިގެން ތެދުވުނުގޮތަށް އޭނަގޮސް ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. މަންޒަރުތައް ހިތްގައިމެވެ. ތިރިތިިރިއަށް ދާންދެން ހެދިފައިވާ ގަސްތަކުގެ ސަބަބުން މިގެ މިހުރީ އުސްތަނެއްގައި ކަން އެނގުނެވެ.

މިއީ ކޮންތަނެއްހެއްޔެވެ؟ ފޯނު ހޯދަން ޖިންސްގެ ޖީބުގައި އަތް ޖައްސައިލެވުނެވެ.

"ފޯނު ކޮބާ؟ އެރީކާ.....އެރީ....." ޒާދާ އޭނަގެ އެކުވެރިޔާއަށް ގޮވަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ.

ބޭރުން ދޮރު ތަޅުލާފައި ހުރިކަން އެނގިގެން ސިކުނޑީގައި އިންޒާރުގެ ރަނގަބީލު އަޅާލައިފިއެވެ. އެރީކާއަށް އިތުބާރުކޮށްގެން އެކުއްޖާގެ ގެއަށް ވަނުމުން މިލިބުނީ ކޮންފަދަ ލަނޑެއްކަމެއްވެސް ނޭގެއެވެ. ބިރުވެރިކަމާއެކު ހިތް ތެޅެންފެށިއެވެ.

"ކޮންމެވެސް މީހަކު ދޮރު ހުޅުވަބަލަ. ޕްލީޒް..."ޒާދާ ނާޒުކް ދެއަތުން ދޮރުގައި މަޑުމަޑުން ތަޅާތަޅާ އެއްވެސް އިންސާނެއްގެ ހިލަމެއްނުވިއެވެ. ކުޑަދޮރު ކައިރިއަށް ގޮސް ހުޅުވަން މަސައްކަތްކުރިޔަސް އެއީ ބޯ ބިއްލޫރިން ހަދާފައިވާ ބިތްގަނޑެކެވެ. އެތަނުން ނިކުމެވޭނެ ގޮތެއްވެސް ނެތެވެ.

ޒާދާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި އޮމާން ކޯތާފަތުން ތިރިއަށް ދެމިގަތެވެ. އޭނަ ހަނދާންކުރީ ހެއްދެވި ފަރާތާއި މައިންބަފައިންނެވެ. ކޮއްކޮއެވެ. މަހްރާއެވެ. އާއިލާއާއި އެކުވެރިންނެވެ. އެއްވެސް މީހަކަށް އެނގިގެން އޭނަ ސަލާމަތްކުރަން މަސައްކަތްކުރާނެހެއްޔެވެ؟ ހައްޔަރުވާން ޖެހުނު ސަބަބު އަދި ކޮން މަގުސަދެއްގައިކަން ނޭގުނަސް ވޭތުވަމުންދާ ކޮންމެ މިނިޓެއް އޭނަ ހާސްކުރުވާ ބިރުވެރިކަން އިތުރުކުރުވަމުން ދިޔައެވެ.

***

އިދްރާކް އޭނަގެ ކޮޓަރީގެ އެނދުގައި އޮށޯވެލައިގެން އޮތްއިރު ކޮންމެވެސް ވަރަކަށް ޒާދާގެ މަތިން ވިސްނުނެވެ. އޭނައާއި ވާހަކަދައްކަން ޒާދާ ކިތަންމެ ފަހަރަކު މަސައްކަތްކުރިއެވެ. އެކުއްޖާ ގެއްލުމުން ހިތަށް ނުބައި އަސަރުތަކެއްވެސް ކުރިއެވެ. އެއްވެސް މީހަކަށް ދެރައެއް ހިތާމައެއް ލިބެން އޭނަގެ ހިތް ނޭދެނީއެވެ.

"ދަރިފުޅު...... ޑޮކްޓަރ އަދްރިއަން އިދްރާކް އާއިމެދު ޝައްކުކުރަންވީ ސަބަބަކީ ކޮބާ؟ އެއްކޮށް މަސައްކަތްކުރާ ކިތަންމެ މީހުންނެއް އުޅޭނެ. އަނެއްކާ މަންމައަށް ނޭގި ގުޅުމެއް އޮތީތަ؟ އެކުއްޖާ ގެއްލުމާއި ދަރިފުޅުގެ ގުޅުމެއް އޮތިއްޔާ ބުނެބަލަ............." އޮލީވިއާ އެކޮޓަރިއަށް ވަނެވެ. އިދްރާކްގެ މޫނުމަތި އަދިވެސް ރަތްވެފައިވަނީ ހުމުގެ ސަބަބުންނެވެ. އޮލީވިއާ އިދްރާކްގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.

"ނޫން މަންމާ. ކުރިންވެސް ބުނިހެން ޒާދާއަކީ އެއްކޮށް ވޯކް ކުރާ މުވައްޒަފެއް....."

ކޮފީ މަގެއް ހިފައިގެން ހުރި ބާސިލް އިދްރާކް އޮތް އެނދުގެ މަގަތުގައި އިށީނެވެ.

"ބާޒް....އެ ބުނާ ގާލް އެނގޭތަ؟"

"ޔަޕް.. ޕިއްޒާ ބޯއި އާ ވާހަކަދައްކަން ހުއްޓާ ފެނުނީ. އެ ވާހަކަ ފުލުހުން ގާތު މެންޝަން ކުރަން ހަނދާނެއްނެތް. މޭބީ އެކުއްޖާ ގެއްލުމާއި އެ ފިރިހެނާއާއި ގުޅުމެއް އޮވެދާނެ...އެކްސްޓްރީމިސްޓް ވައްތަރަށް އުޅުން ހުރީމަ ޝައްކު...."ބާސިލް ކޮފީތަށި ހުސްކޮށްލާފައި ބޯދަށަށް އަތްލައްވައިގެން ސީލިންއަށް ބަލަން އޮތީ ފުން ވިސްނުމެއްގައެވެ."އަހަރެމެންވެސް މިއުޅެނީ ޒާދާ ހޯދުމުގައި ބައިވެރިވާން..."

"އެއީ ކީއްވެތަ؟" އޮލީވިއާ މާނަވީ ނަޒަރަކުން ބަލައިލިއެވެ.

"ސަބަބަކީ އިދްރާކްގެ ބޮލުގައި އެޅުވީމަ. އެއީ ދޮގެއްކަން ސާބިތުކޮށްދޭން އަހަރެމެންވެސް ޖެހޭނެ، ދެއަތް އުރާލައިގެން ހުރުމަކުން ނުފުދޭ.."

"ނޯ އައިމް ފައިން ބާޒް. މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ނުވަންނަމާ.."އިދްރާކް ދެކޮޅުހެދިއެވެ."ލެޓް ދަ ޕޮލިސް ޑިޕާޓްމެންޓް ޑޫ ދެއާ ވޯކް..."

"ބާސިލް..މަންމައަަށް ހީވާގޮތުން ޒާދާއަކީ ކޮންމެ ކޮންމެ ކުއްޖެއްނޫން.....އެކުއްޖާ ދަންނަންތަ؟"

"ހެހެ..."ބާސިލްގެ މޫނަށް މަޑުމަޑު ރަތްކުލައެއްވެރިވިއެވެ.

"ބާސިލް.......ބުނެބަލަ.."

"މަންމާ. އަަހަންނާއި ދަނީޒްއަށްވެސް ޒާދާ އެނގޭ..އިންފެކްޓް އައި ލައިކް ހާރ..އެއީވެސް ޒާދާ ސަލާމަތްކުރަން ޖެހޭ އެއް ރީޒަން.."

"އެހެންވިއްޔާ ތި ކަން ފުލުހުންނަށް އެނގިގެންނުވާނެ. ސަބަބަކީ އޭރުން ޑޮކްޓަރ އަދްރިއަން ޔަގީންކުރާނީ ޒާދާ ގެއްލުމާއި މިގެއާއިކަން ގުޅުމެއްވާނީ. ހުރިހާ ފްރަސްޓްރޭޝަނެއް އެއްކޮށް އިދްރާކްއަށް ބާލާފައި ދުރުވީ. ސަސްޕެކްޓްކުރީ އިދްރާކްއަށް އެއްކޮށް މަސައްކަތްކުރާތީ އަދި ބާސިލްއާއި ޒާދާގެ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ ޔަގީންކުރާނެ...."އޮލީވިއާގެ ނިތަށް ރޫތައް ގިނަވިއެވެ."ބައްޕައާއި މި ވާހަކަ ހިއްސާކޮށްލަން އެބަޖެހޭ..އައިމް ވޮރީޑް. ކިހިނެއް މި ސްޓޯރީގެ ނިމުން އަންނާނީ.."

"ޑޯންޓް ވޮރީ މަމް. އަޅުގަނޑާއި ޒާދާގެ ވާހަކައިގެ ނިމުން ރީތިވާނެކަމަށް އުއްމީދުކުރަނީ......" ބާސިލްގެ އަޑުގައި ބޮޑާކަމެއްވިއެވެ.

 

***

ގޭތެރޭގައި ދެކެވެންފެށި ވާހަކައަކުން މަހްރާގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އެންމެންގެ ތުހުމަތުގެ އިނގިލި ދިއްކުރަންފެށީ ނިރުބަވެރި ޖަމާއަތަކަށެވެ. އެގެއަށް ޕިއްޒާ ގެނެސްދޭ ޒުވާނެއްކަމަށްވާ މެހެރާޒްއަށެވެ. މިސްކިތުން ދިމާވެގެން ޒާދާ އެ ޒުވާނާއާއި ކޮންމެވެސް ވަރަކަށް ވާހަކަދެއްކީ ޒާދާ ގެއްލުނު ދުވަހުގެ ކުރީ ރޭގައެވެ. ހަގީގަތުގައި ކުރިއަކުން ޒާދާވެސް އަނެއްހެން އެ ޒުވާނާއާއި މުއާމަލާތުކޮށެއް ނޫޅެއެވެ. ޕިއްޒާ ޑެލިވަރީ ބޯއިއެއްކަން އެނގުމުން ޒާދާ ގޮސް އޭނަ ގާތުން ޑޮމިނޯސް ޕިއްޒާގެ ޚަބަރު އޮޅުން ފިލުވީއެވެ. މަހްރާއަށްވެސް އެ ޒުވާނާ ފާހަގަކުރެވުނީ މުސްލިމެއްކަން އެނގުމުންނެވެ. މެހެރާޒްގެ ބޮލުގައި އެ ތުހުމަތު އެޅުވުމުން މަހްރާގެ ހިތަށް އުދަގޫވިއެވެ.

"މެހެރާޒް ވަރަށް ސްވީޓް. އޭނަ އެކަހަލަ ކަމެއްނުކުރާނެ..އަހަރެންގެ ހިތް ބުނަނީ އެހެން އަހަރެން ގަބޫލެއްނުކުރާނަން. ފުލުހުން އެހިޔަސް ދެކޮޅުހަދާނީ. ހަމައެކަނި ޕިއްޒާ ޑެލިވަރީކޮށްދޭށޭ ބުނި ވާހަކަ ބުނާނީ..." މަހްރާ ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން ދިޔައެވެ."އެހާ މަޑުމައިތިރި އަދި ޕުއާ ކުއްޖަކަށް ކުށަކާއި ނުލާ އަނިޔާ ލިބިގެންނުވާނެ. ފުލުހުން އަބަދުވެސް ނުފޫޒުގައި ޖެހި އަނިޔާ އިސްކުރާނެ. މޮޅެތި މީހުން ކުށްތަކުން ބަރީއަވެ ނިކަމެތިމީހުންނަށް ނުހައްގު އަދަބުލިބޭނީ. ކިހާ އަންފެއާ. އެހެންވެގެން ނުވާނެ...ޖަސްޓިސް ފޯ މެހެރާޒް..."

މަހްރާ ޒާދާގެ ފޯނަށް ގުޅިއެވެ. އަދިވެސް ލިބެނީ ހަމަ އެއް މެސެޖެވެ. މަހްރާގެ ލޯ ފެންކަޅިވިއެވެ. ޒާދާއާއި މެހެރާޒްއަށް ރަގަޅުގޮތެއްވުމަށް އެދި ދުޢާކުރެވުނެވެ.

"ސުބުހާނަﷲ ކީއްވެ މެހެރަޒްއަށް ދުޢާކުރެވުނީ؟ އިޓްސް ސިމްޕަލް. ނިރުބަވެރިއެކޭ ކިޔައިގެން މުސްލިމް ކުއްޖަކަށްވީތީ އޭނަގެ ބޮލުގައި ތުހުމަތު އެޅުވީމަ. ޒާދާއާއި އެކުއްޖާ ވާހަކަދެއްކިއޭ ކިޔާފައި އޭނަ ކުށްވެެރިއެއް ނުކުރެވޭނެ...."މަހްރާގެ ސިކުނޑީގެ ކަނަކުން އެ އަމަލު ދިފާއުކޮށްދެވުނެވެ.

***

މެހެރާޒް އެޕާޓްމެންޓަށް ވަންއިރު އައިރިސްއޮތީ ބިލިގާ ފުރެންދެން ފެން އަޅާލައިގެން އޭގެ ތެރޭގައެވެ. އެންމެ އާދައިގެ އެޕާޓްމެންޓްތަކުގައިވެސް ބިލިގާތައް ހުންނަކަމުން އައިރިސްމެންފަދަ އަންހެންކުދިންނަށް ލިބޭ ހިތްހަމަޖެހުމަކަށްވެއެވެ. މެހެރާޒް ފެނުމުން އައިރިސް ފޯނުން ވާހަކަދައްކަން އޮވެފައި ކަނޑައިލިއެވެ.

"މެހެރާޒް ދައްކައިލީތަ؟ އަހަންނަށް މީހަކު ގުޅާފައި ބުނި މެހެރާޒްގެ ޖަމާއަތުން އަންހެންކުދިންތަކެއް ވަގަށް ނަގައިގެން ގެންގޮސްގެން ފުލުހުން ސާޗްކުރާ ވާހަކަ...އެއީ ތެދެއްތަ؟"

"ތިބުނި އެއްޗެއް ނޭގުނު."

މެހެރާޒްމެން ވާހަކަ އޮޅުވައިލަން މޮޅުވާނެ. ނިމޭއިރު އަހަރެންގެ ދަރީގެ ބައްޕަ ނިރުބަވެރިއަކަށްވެއްޖެއްޔާ އެދަރިފުޅަށް ލިބޭނެ ބޮޑު ނިކަމެތިކަމެއްނު. ކޮންފަދަ ބޮޑު މުސީބާތެއްތަ؟ހެންޑްސަމް އެކަމަކު އެހާ ނުރައްކާތެރި މީހަކާއި ޖެހިފައި މިއޮތީ. މިކަމުން ސަލާމަތްވާނެ ގޮތެއް އަދި ނުވިސްނޭ. އެކަމަކު ރީތިކަމުން ދޫކޮށްލާހިތެއްނުވޭ. އަންހެންކުދިން އެންމެ ލައިކްވާނެ ކޮމްބިނޭޝަން ރީތި އަދި ނުރައްކާތެރި................."އައިރިސް ފާޑަކަށް ހީގަތެވެ.

"ކޮން އަންހެންކުދިންތަކެއް ވަގަށް ނަގައިގެން އުޅެނީ؟" މެހެރާޒް އެހެން ވާހަކައަކަށް ޝައުގެއްނެތެވެ.

"އަމިއްލައަށް ކުރިކަމެއްވީމަ އެނގޭނެއްނު. އެކްޓްކުރަން މޮޅުކަމުން މީނައަށް އަދި ހޮލީވުޑުން ޗާންސްލިބޭނެ.."

މެހެރާޒްގެ ނަޒަރު ދަތުރުކުރީ އައިރިސްގެ ހާމަޔަށް ހުރި ބަނޑުކޮޅަށެވެ. އޭނަ އައިރިސްގެ ރުންކުރު ރުޅިގަދަ މިޒާޖާއި ވިހަގަދަ ބަސްތަކަށް ކެތްކުރަނީ ހަމައެކަނި އެ މައުސޫމް ކުއްޖާއަށްޓަކައެވެ. ނަމަވެސް އައިރިސްއާއި ޒުވާބުކޮށް ހަގުރާމައިގެ ނާމާން ވިލާގެ ހިޔަނިވެލާއިރަށް މެހެރާޒް އޭނަގެ ނަފުސާއި ދަރިފުޅުގެ ހައްގުގައި މަސައްކަތްކުރަނީ އެ މާހައުލުން ދުރަށް ޖެހިލުމަށެވެ. އެތައްފަހަރު އައިރިސް ހޫރާލާ އެއްޗެހިން ޖެހި އަނިޔާވެ ގައިގާ ލަކުނުލާފައިވެއެވެ. ގިނަފަހަރު ދިފާއުވެސް ނުވެވެނީ އޭނަ ގެ ނިދީގައި އައިރިސްގެ އަނިޔާތައް ލިބޭތީއެވެ. މިފަހަރުވެސް މެހެރާޒް އިތުރަށް އެ ވާހަކަ ކުރިއަށް ގެންދަން ނަހަދާ އެތަނުން ނުކުމެގެން ދާން ހިނގައިގަތުމުން ފޯނުގެ ހަމަލާއަށް ބޮލުގެ ފުއްކިބައަށް އެރިއެވެ. ފޯނާއިއެކު އޭނަގެ ބޮލަށްވެސް ލިބުނު ގެއްލުން ކުޑައެއްނޫނެވެ. އައިރިސްގެ ތޫނު ހަޅޭކުގެ އަޑު އެޕާޓްމެންޓްތެރޭގައި ހިފައިލިއެވެ.

ސްކޮޓްލޭންޑްގެ ވެރިރަށް އެޑިންބްރާގެ ހިތްގައިމު ގޮނޑުދޮށް ތަންކޮޅެއް ހަލަބޮލިއެވެ. ދުރުދުރަށްދާންދެން ނޫކުލައިގެ ދޫލައެއްހެން ކަނޑާއި އުޑުމަތި ފެންނައިރު ޖެހޭވައިރޯޅިތަކުން ލޮނާއި ސީވީޑްގެ ވަސް ނޭފަތަށް ގެނެސްދެއެވެ. ކުލަކުލައިގެ ވެއްޔާއި ދޮންވެލިން ޖަރީވެފައިވާ ގޮނޑުދޮށަށް މެހެރާޒްވެސް އަންނަނީ އެކި އުދާސްތަކާއި ހިތްހަމަނުޖެހުމުގެ ގުދުރަތީ އެއް ފަރުވާއަކަށް ގޮނޑުދޮށުގައި ހިނގައިލުމުންވެސް ފުދޭތީއެވެ. މިއަދުވެސް އެތަނުގައި އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އައިކަމުގައިވިޔަސް މީހުން ގިނަ ދުވަހެއްކަމުން އެފަދަ ހިމޭންކަމެއް ނުލިބުނެވެ.

މެހެރާޒް ސިކުނޑި ހުސްކޮށްލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލައިގެން އިންދާ ކުރިމަތިން ފުލުހުންގެ ދެމީހުން ފެނުނެވެ. މެހެރާޒްއާއި ސުވާލުކުރަން ފެށީ ޒާދާއާއި ބެހޭގޮތުންނެވެ. މެހެރާޒް ޒާދާއާއި ބައްދަލުވެގެން ދެެއްކި ވާހަކަތައް ކިޔާދިނެވެ. ނަމަވެސް ފުލުހުންގެ މަލާމާތާއި ނުރުހުމުގެ ނަޒަރުން އޭނަ ސަލާމަތެއްނުވެވުނެވެ. އެމީހުން މެހެރާޒް ގެންގޮސް ފުލުހުންގެ ކާރުގެ ތެރެއަށް ގަންނުވާލާފައި ދުއްވާލުމުން މެހެރާޒް އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.

 

***

ޑޮކްޓަރ އޮލީވިއާ ރާހާގެ ބުރަކަށީގެ ތިރީގައި ހަރުކޮށް އޮތް ތަންކޮޅު ބަލައިލުމަށްފަހު އެކްސްރޭއެއް ނަގަން އެދުނެވެ. ފަހަރެއްގައި ސީޓީއެއް ހަދަން ޖެހިދާނެކަމުގައިވެސް ބުނެލިއެވެ.

"ޑޮކްޓަރ އޮލީވިއާ. މިއީ ސީރިޔަސް މައްސަލައެއްތަ؟"

"އަޅުގަނޑަށް ސީދާ ޖަވާބެއް ދެންނެވޭނީ އެކްސްރޭ ބެލުމަށްފަހުގައި އިނގޭތޯ...." އޮލީވިއާގެ ހިނިތުންވުމުގައި އެހުންނަ ހޫނުކަމެއް މިއަދުނެތެވެ. އެމޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.

"ސީޓީ ސްކޭން؟ އެއީ ކިހިނެއް ހަދާ އެއްޗެއްތޯ؟"ރާހާ ބިރުގަންނަގޮތްވިއެވެ.

"ނޯ ވޮރީސް ސްވީޓްހާޓް. ހަމަ އިރުކޮޅެއް ވާނީ. މެޝިން ތެރޭ އޮށޯވެލައިގެން އޮތީމަ އެނިމުނީ...ނަތިން ވިލް ހެޕެން އޯކޭ؟" އޮލީވިއާ ސީޓީ ސްކޭން ހަދާގޮތް ވީޑިއޯއަކުން ދައްކާދިނުމުން ރާހާ ހިނިތުންވެލިއެވެ. ނަމަވެސް ކާއިނާތު އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ދެލޯ ކަރުނުން ފޯވެފައެވެ. އޭނަގެ ދިރިއުޅުމަށް މިއެޅުނީ ކާކުގެ އެސްފީނާއެއްހެއްޔެވެ؟ ނޫނެކެވެ. އަބަދުވެސް އޭނަގެ ސިކުނޑިއަށް ޝައިތާނާ ވައްދާނީ އެކަހަލަ ތާކުން ތާކުނުޖެހޭ ބޭކާރު އެއްޗިއްސެވެ. ހަގީގަތަކީ މިއީ އިމްތިހާނުތަކެވެ. ބަގަރާ ސޫރަތުގެ އާޔަތެއް އޭނަވެސް ހިތުދަހެވެ. އޭގެ މާނައާއިމެދު ވިސްނައިލާ ކޮންމެފަހަރަކު ގައިން ހީބިހި ހަލުވައިލައެވެ. ވީއިރު ހަޔާތުގައި ދިމާވާ ކޮންމެ މިފަދަ ބޮޑު މުސީބާތްތަކަކީ އިމްތިހާންކަމަށް ދެކެ ކެތްތެރިވާން ޖެހޭނެއެވެ. އަދި ހަމަ ޒާދާ އެނބުރި އަތުވެދާނެއެވެ. ރާހާވެސް މާބޮޑު މައްސަލައަކަށްނުވެ މި އުދަގޫތަކުން މިންޖުވެދާނެއެވެ. ކާއިނާތު ރާހާ ގޮވައިގެން އެތަނުން ބޭރަށް ނުކުމެ އަވި އައިނު އަޅައިފިއެވެ.

 

***

ބާސިލްއާއި ދަނީޒް ފެރާރީ ކާރުގައި ރޭސްޖަހައިލިގޮތުން ދެކެން ތިބޭމީހުންގެ މޭގަނޑު އަނގަޔަށް އަންނާނެއެވެ. ބާސިލް ހީހީފައި އަދިވެސް ކާރުގެ ދުވެލި ބާރުކޮށްލިއިރު ގަސްތައްވެސް ވާދަޔަށް ދަތުރުކުރާފަދައެވެ. ދަނީޒްގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ.

"ބާޒް. ތަންކޮޅެއް މަޑުން ދުއްވަބަލަ. މަގޭ މައިންބަފައިން އެކަނިވެރިވާނެ. ހުރި އެންމެ ދަރިއޭ މީ..."

ބާސިލް ހިނިގަނޑެއް ޖަހައިލުމަށްފަހު ސަތޭކަ މޭލަށް ދުވެލި ތިރިކޮށްލައިފިއެވެ.

"ޒާދާގެ ޚަބަރެއްނުވެ ކިތައް ދުވަސްމިވީ..."

"ހަފްތާއެއްނުވެއެއްނު...ހާސްނުވޭ. އަހަންނަށް މިހާރު ކްލޫއެއް ލިބިއްޖެ..."

"ސީރިޔަސްތަ؟" ދަނީޒް އެހިއެވެ.

ކޮމެންޓް 0