"މައިންބަފައިންނާއެކު ވަގުތު ހޭދަކުރާށެވެ. އެމީހުންނަށް އޯގާތެރިވެ ޚިދުމަތްކޮށްދޭށެވެ. މީރު އެއްޗެހި ގެނެސް ހަދިޔާތައް ދީ އުފާވާފަދަ ކަންތައް ކޮށްދޭށެވެ. ސަަބަބަކީ ކޮންމެވެސް ދުވަހަކުން ތިބާ ފޯނުން ނަޒަރު ވަކިކޮށްލާހިދު އެމީހުން ފެންނާން ނެތް ދުވަހެއް އައިސްދާނެއެވެ."

***

ބާސިލްއާއި ޒާދާ ވާހަކަދައްކަން ފެންސްްކައިރީ މަޑުކޮށްލައިގެން ތިބިއިރު ދެޒުވާނުންވެސް ތިބީ އެއްކުލައެއްގެ ޖެކެޓްލައިގެންނެވެ. ފަޒާގައިވަނީ އަރާމު ފިނިކަމެކެވެ. ޒާދާއާއި ބައްދަލުކުރަން ބާސިލްއައުމުން ޒާދާ އުފާވިއެވެ. ބާސިލްއާއި ދިމާލަށް މިއަދު ބެލުނީވެސް ތަފާތު ނަޒަރަކުންނެވެ. އަލަށް ފެނިގެން ބަލާފަދައެވެ. އެވަގުތު އެތަނަށް އައި ޔަޒީދުއަށް އެމަންޒަރު ފެނުމާއެކު ލޭކެކިގަތެވެ. ކާރުން ފައިބައިގެން އެދިމާލަށް އައީވެސް ޚަރީފުގެ ވައިރޯޅިއެއްހެންނެވެ.

"ޒާ...ކާކާއި ތި ވާހަކަދައްކަނީ؟ މިއީ ކާކުތަ؟"

"ކަލެއަކީ ކާކު؟"ބާސިލްގެ ބުމަ ކައިރިވިއެވެ.

"ކާމްޑައުން.....ތިހާ އަންޕޮލައިޓްކޮށް ވާހަކަދައްކަން ނުފެށިޔަސް ރީތިކޮށް އަހާލެވިދާނެ ދޯ.....މިއީ ބާޒް...ބާސިލް....އަހަރެންގެ ފިއާންސޭ......"ޒާދާ ޔަޒީދުއަށް ބާސިލް ތައާރަފުކޮށްދިނެވެ.

"ވަޓް؟" ޔަޒީދުގެ މޫނުގެ ކުލަ އޮއްސުނެވެ.

"އެހާ ވަރުގަދަ ޝޮކެއް ލިބޭވަރުގެ ކަމެއް އަދި ނުވޭ. ދެމީހުން ފަހުން ވާހަކަދައްކަމާ.....ބާސިލްއަކީ ދަންނަ މީހަކީތަ؟"

"އެނގެނީއެއްނޫން....އެކަމަކު.."ޔަޒީދު ވަކިންބޮޑަށް ތުން ފިތައިލިއެވެ.

"އައި ތޯޓް ބާސިލްގެ ހުރި ނުބައި ސިފައެއް އެނގިގެން އެކަމާއި ހިތްހަމަނުޖެހިގެން އުޅެނީކަމަށް...ކަމެއް ނެތިއްޔާ އަހަރެމެންގެ ގުޅުމަށް އެއްބަސްވޭ ބްރަދާ. ސީރިޔަސްކޮށް ތިވައްތަރަށް އުޅޭ މީހުންދެކެ ވަރަށް ފޫހިވޭ. އަހަރެން ކޮންމެ ކަމެއްކުރިޔަސް ތި ބޭފުޅާ ބެހޭކަށް ނުޖެހޭނެ...އޯކޭ؟"

"ޒާދާ..."ޔަޒީދު ކުރިއަށް އެޅި ފިޔަވަޅާއެކު ބާސިލް އޭނަގެ ކުރިމައްޗަށް އެރިއެވެ.

"ސަރ....ތިބޭފުޅާއަކީ ކާކުކަމެއް ކޮން އިންޓެންޝަނެއްގައި އައި މީހެއްކަމެއްވެސް ނޭގޭ އެކަމަކު ޔަގީނުންވެސް އަހަރެމެން ދެމީހުންވެސް ތިކަމަށް އޯކޭއެއްނޫން...އިތުރަށް އެންމެ އެއްޗެއް އަޑުއަހަންވެސް ބޭނުމެއްނޫން. ޖަސްޓް ލީވް..."ބާސިލްގެ އިންޒާރުގެ ރާގާއި ތޫނު ނަޒަރުން ޔަޒީދުގެ ހިތް ބިރުގަންނަވާލައިފިއެވެ.

އޭނަ ވަގުތުން މޫނު އަނބުރައިލިގޮތަށް ބާރުބާރަށް ހިނގައިގަތީ ފަސް އެނބުރިބަލައިލުމެއް ނެތިއެވެ. ޒާދާއަށް ހީގަނެވުނީއެވެ. އޭނައަށް އެވަގުތުވެސް ބާސިލް ފެނުނީ ހީރޯއެއްގެ ގޮތުގައެވެ. ޔަޒީދު އެހާ ބިރުގަނެ މުސަޅެއްހެން ފިލާ ރައްކާވީ ބާސިލްގެ ޝަޚުސިއްޔަތާއި އަޑުގައި ވި ބާރަކުންނެވެ. ޚުދު އޭނައަށްވެސް އަސަރުކޮށް ގައިން ހީބިހިނަގާގޮތްވިއެވެ. ބާސިލްއަށް ހިތްލެނބޭ ސަބަބަކީވެސް އެއީއެވެ.

***

ޒާދާ އޭނަގެ މަންމަގެ ސިއްރު ބާސިލްއަށްވެސް ހާމަކުރަން ބޭނުމެއްނުވިއެވެ. ކައިވެނިން ބޭރުގައި މަންމައަށް ދަރިއަކު ލިބުނުކަމާއި އެދަރިފުޅު އެހެން ބަޔަކު އެޑޮޕްޓްކުރުމަށްފަހު އެތައް ޒަމާނެއްފަހުން މަންމަ ދަރިފުޅު ބޭނުންވެ ހޯދިކަން އެނގުމުން ބާސިލް އެމީހުންނާއިމެދު ދެކޭނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. އެކަން ހާމަކުރަންވެސް ބައެއްފަހަރު ޒާދާ ބޭނުންވިއެވެ. އޮޅުވައިލައިގެން ލޯބި ހޯދުމަށްވުރެ ހަގީގަތް އެނގިގެން ކުރިއަށް ދިޔުމުން ދެމީހުންނަށްވެސް ފަސޭހަވާނެއެވެ. އެކަމަކު އެއީ މަންމަގެ ސިއްރެވެ. އެސިއްރު ހާމަކުރުމަކީ މަންމަގެ އަތްމަތީގައި އޮތްކަމެކެވެ. އޭނަ ގަސްތުކުރީ އިހަށް ޔަޒީދުގެ ވާހަކަ އެއްފަރާތްކޮށްލުމެވެ. މަންމަގެ ދަރިއަކަށްވިޔަސް އޭނަގެ ބޭބެއެއްކަމަށް ޟަމީރު ގަބޫލުނުކުރަނީ އެފިރިހެނާގެ އެހެރަ ނުބައި ޚަސީލަތަކުންނެވެ. ހަގީގަތް ނޭގުނަސް އެގޮތަށް ތިމާގެ ކޮއްކޮއަކާއި އަޅައިގެން އުޅުމުން ދޭހަވަނީ ބޭބެއެއްގެ ސިފައެއް ލިބިފައިނުވާކަމެވެ.

 

***

"ޑީއެންއޭ ޓެސްޓް ހެދީމަވެސް ޔަގީންވެއްޖެ. ޔަޒީދުއަކީ މަގޭދަރި އެކަމަކު ހިތުގައި އަދި ކުލުނާއި ލޯބި ނުޖެހެނީ ދުރުގައި ހުރީމަކަން ޔަގީން...." ޖީލަންއާއި ކާއިނާތު ކާކޮޓަރީގައި ހޫނު ލާޓޭ ބޯންތިބިއިރު ޚަރީފުގެ ފަތްތައް ވާރޭހެން ފައިބަމުންދާ މަންޒަރު ފުޅާ ކުޑަދޮރުތަކުން ފެންނަމުން ދިޔައެވެ.

"ޒާދާއާއި ރާހާ ބޭބެއާއިމެދު ދެކެނީ ކިހިނެއް؟"

"ޒާދާ އޭނަގެ ސޫރަ ފެނުނަސް ރުޅިއާދޭ...."ޒާދާ އޭނަގެ ބޭބެއާއިމެދު އެހާ ދަށް ނަޒަރަކުން ދެކޭ ވާހަކަ ބުނަން ކާއިނާތު ޖެހިލުންވިއެވެ. ކާއިނާތު ގާތުވެސް ޔަޒީދު ނުސީދާކޮށް ޒާދާއާއި އިންނަން ބޭނުންވާކަން ހާމަކޮށްފިއެވެ. ޔަޒީދުއަށް ޒާދާއަކީ ކާކުކަން ނޭގެނީއެވެ. އެއްބަނޑުއެއްބަފާކަމުގެ ލޯބި އިޝްގީ ލޯބީގެ ގޮތުގައި ދެކެވުނީއެވެ. ކުށްވެރިޔަކީ ޔަޒީދެއްނޫނެވެ. އޭނައެވެ. އޭނަގެ މާޒީގެ ފާފައެވެ."އަދި ރަގަޅުވާނެ އިންޝާﷲ..."

"އަދްރިއަންވެސް އަހައިފި މިހާ ގިނައިން ޔަޒީދު މިގެއަށް އަންނަނީ ކީއްވެހެއްޔޭ؟ އޭނަވެސް ހިތްހަމައެއްނުޖެހޭ..."

"ހަގީގަތް ބުނޭ..އަދްރިއަން ރުޅިއަޔަސް އޭނައަށްވެސް އެ ސިއްރު އެނގުން ހައްގު ކާއީ.............."

"އޯލްރައިޓް.."ކާއިނާތު ވިސްނާލުމަށްފަހު ނޭވާ ދޫކޮށްލިގޮތުން ހީވަނީ އެހުރިހާއިރުވަންދެން ނޭވާ ހިފަހައްޓައިގެން އިނީހެންނެވެ.

 

***

ޖައްވަށްކުރާ ދަތުރެއްގައި ބައިވެރިވާނެ ފުރުސަތު މެހެރާޒްއަށް ލިބުނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. މެހެރާޒް ތަރިތަކުގެ އިލްމަށް ޝައުގުވެރިވީފަހުން އެތައް ފޮތްތައް ބަލާ ކިޔަވަމުންދަނިކޮށް ކުންފުންޏަކުން ވަޒީފާއަށް އިންޓަވިއުކޮށްފައިވާ އިޝްތިހާރެއް ފެނުނީއެވެ. އާދައިގެ މަތިން އެގޮތަށް ފެންނަ ކޮންމެ ފުރުސަތަކަށް މެހެރާޒް ކުރިމަތިލަނީ އުއްމީދާއެކުގައެވެ. ކުރިމަގު ބިނާކުރުމަށްޓަކާ އަލިދޯދި ފަށުގައި ހިފަހައްޓައިގެން ހުންނަން އޭނަގެ ޟަމީރު އަބަދުވެސް ވިސްނައިދެއެވެ. އެކުވެރި އެލިޒަބަތްވެސް އެހާވަރަށް ނަސޭހަތްތެރިވެއެވެ. އޭނަ ވަޒީފާއަށް ދާން ފަށައިގެން ހަފްތާއެއްހާ ދުވަސްތެރޭގައި ކުންފުނިން ކުރަން ބޭނުންވި ތަޖުރިބާއެއްގައި ކެޕްސޫލެއްގައި ޖައްވަށް ފޮނުވަން ފުރުސަތު ލިބުނެވެ. އެކަނި ޖައްވަށް ދިޔުމުގެ ތަޖްރިބާއެއް ނެތަސް ތަމްރީނުތަކަށްފަހު އެކަން ކުރެވިދާނެކަމުގައި އޭނަވެސް ދެކުނެވެ. ފައިސާއާއި މަޝްހޫރުކަމަށްވުރެވެސް އޭނަ އުފާވީ ޖައްވަށް ދަތުރުކުރުމުގެ ފުރުސަތެއް ފަހިވީކަމަށްޓަކައެވެ.

މެހެރާޒް ގެއަށް އައީ އެލިޒަބަތަށް ހަދިޔާ ގަނެގެންނެވެ.

"ވަރަށް ލޯބި ސްވެޓަރަކާއި ސްކާފެއް..އަދި މި އަނގޮޓިއާއި ތަސްބީހަ.." އެލިޒަބަތްގެ ލޮލަށް ކަރުނަ އައެވެ..."މި ކޭކު.................."

"ލިޒް...އަހަންނަށް ލިބުނު އުފަލާއި ބަލާއިރު ގެނެވުނުވަރު އަދި މަދު..."

"ބުނެބަލަ...ރަގަޅު ގާލްއަކާއި ދިމާވީތަ؟" އެލިޒަބަތް މެހެރާޒްގެ ކޯތާފަތުގައި ފިރުމައިލިއެވެ." ލިޒް ދުނިޔޭގައި ހުއްޓާ އެ ފަދަ ދުވަހެއް ދައްކަވާށި..."

"އާމީން. އެކަމަކު އެއަށްވުރެވެސް މަތިވެރި އުފަލެއް..މިއުޅެނީ ޖައްވަށްދާން އިންޝާﷲ...............ކުންފުންޏަކުން ހުށަހެޅުމެއް ލިބިއްޖެ."

"ﷲއަށް ޝުކުރުހުރި..އަހަންނަށް ދެވޭނެތަ؟"

"ދަބަސްޕެކްކުރާއިރު ލިޒް ލައިގެން ދާން ޖެހޭނީ....ބަލަމާ.."މެހެރާޒް ސަމާސާ ރާގަކަށް ބުނެލިއެވެ.

"މާޒްއަށް ފުރުސަތު ދިނީ ކީއްވެ؟ ނުރައްކާތެރި ދަތުރަކީތަ؟ ރިސާޗަކަށްވެސް އެމީހުން ފޮނުވަފާނެ...ލިޒް ބިރުގަނޭ. އެމީހުން މަންކީތައްވެސް ސައިންޓިފިކް ރިސާޗްތަކަށް ޖައްވަށް ފޮނުވި. ފުރަތަމަ ފޮނުވި މަންކީއަށް ސިކްސްޓީތްރީ ކިލޯމީޓަރައި ހަމައިން ހާސްވެގެން މަރުވީ...އެގޮތަށް ކިތައް ރާމާމާކުނު މަރާލެވުނު...."

"ރިސާޗްތައް ހަދަމުންގޮސް އެންމެފަހުން ނަވާރަސަތޭކަ ފަސްދޮޅަސް އެކެއްގައި އިންސާނަކު ފުރަތަމަ ފަހަރު ޖައްވަށް ދިޔައީ..ޑޭންޖަރަސް މިޝަންއެއް ނަމަވެސް އެއީ ދެން ޖައްވީދަތުރުތަކުގެ ފެށުން..ލިޒް ކަންބޮޑުނުވޭ. ދުނިޔެއަކީ ކުރު ދަތުރެއް ކޮންމެވެސް ދުވަހަކުން މަރުވާނެ. ކުޑައިރުއްސުރެ ވަރަށް ގިނައިރުވާންދެން އުޑާއި ދިމާލަށް ބަލަން އިނދެވޭ. އެހިސާބަށް މީހުން ގޮސް އުޅޭކަން އެނގުމުން ޖައްވަށް ދަތުރުކުރުމުގެ ހުވަފެން ދެކެވެންފެށުނު. ނަމަވެސް އޭރު އެހުރިހާ ހުވަފެންތަކާއި އުއްމީދުތައް ހިތުގެ ކަނެއްގައި ފޮރުވާފައި އޮތީ............"މެހެރާޒް އެސްޓްރޮނޮމީއަށް އޮތް ޝައުގުގެ ވާހަކަ ކިޔައިދިނުމުން އެލިޒަބަތް ހިނިތުންވެލިއެވެ."އެެހެންނޫނަސް މި ދަތުރުކުރުމުން ލިބޭފައިސާއިން ލިޒްއަށް ގެއެއް ގަނެދީ ހައްޖުދަތުރެއްވެސް ކޮށްލެވޭނެ.."

"ލިޒްއަކީ އުމުރުހުސްވެ މާދަންވެސް ވެލީގެ ދާނުގައި ނިދަން ޖެހިފައިވާ އަޖޫޒެއް. ތި ފައިސާއިން މާޒް އުފަލުގައި އުޅުނީމަ އަހަރެންގެ ފުރާނަވެސް އެ އުފަލުގައި ބައިވެރިވާނެ. އަހަންނަށް ގެއެއް ގަނެދިނަސް މުދަލެއް ހުއްޓަސް ވާރުތަވާނީވެސް މާޒްއަށް...އެހެން ކާކު ދުނިޔޭގައި ހުރީ؟ އޯލްމައިޓީ އަހަންނަށް ދެއްވި ރަހުމަތްތަކާއި ނިއުމަތްތައް ގުނާ އަދަދު ނުކުރެވޭ. އެއިންވެސް އެންމެ ބޮޑު ރަހުމަތަކީ ތިއީ.............." އެލިޒަބަތްގެ ލޯ ފުރުނީ ޝުކުރުގެ ކަރުނައިންނެވެ.

"އިރާދަކުރެއްވިއްޔާ އަދި ލިޒްގެ އުމުރު ތިހާކުރެއްނުވާނެ..ސޯ.....ލިޒްގެ ހުއްދަ އެބައޮތް އަހަރެން މި މިޝަންގައި ބައިވެރިވާން؟"

"ގުޑް ލަކް މާޒް...މާތްﷲ ތި ދަތުރުގައި ބަރަކާތް ލައްވާށި." އެލިޒަބަތް ހިތްވަރުދިނެވެ."އައިރިސްއާއި ކިއެރާގެ ޕޭރެންޓުން ރިގްރެޓްކުރާ ދުވަހެއް އައުމަށް އެދި ދުޢާކުރާނަން. އެމީހުން މާޒްއަށް ހިއުމިލިއޭޓްކޮށް ދެރަކޮށްލީ އަތުގައި ފައިސާނެތީމަ. އިރާދަކުރެއްވިއްޔާ އަދި އަހަރެމެންގެ މާޒްގެ ފަހަތުން އަންހެނުންގެ ކިއޫއެއް އޮންނާނެ. އޭގެ ތެރޭގައި އައިރިސްއާއި ކިއެރާގެ މައިންބަފައިން ހިމެނޭނެ. ކިއެރާގެ ކުށެއްނެތި ގަދަކަމުން ވަކިކުރުވީ..އެކަމަކު މާޒް އިންނާނީ މެހެރާއާއި..ނަންވެސް ކިހާ އެއްގޮތް. އެހެން ކުދިންގެ ހިތްތައް ކުދިކުދިކޮށްލާފައި މާޒްއާއި މެހެރާގެ ކައިވެނި ކުރެވޭނެ...."

"މަހްރާ...އެކަމަކު..އެއީ އެކަށީގެންވާކަމެއްނޫން. ހުރިހާގޮތަކުން ޕާފެކްޓް އަންހެންކުއްޖެއް. އަހަންނަށްވުރެ މާ ރަގަޅުބައިވެރިއެއް އެކުއްޖާއަށް ލިބިދާނެ ލިޒް.." މެހެރާޒްގެ އަތްތިލަ ފިނިވެ ހިތުގެ ވިންދު އަވަސްވިއެވެ. މޫނަށް ރަތްކުލައެއް ފާއްދާލައިފިއެވެ. މަހްރާގެ ނަން އިވުމުންވެސް ހިތުގެ ވިންދަށް ބަދަލެއް އަންނަކަން ޚުދު އޭނަވެސް ދަނެއެވެ. ހަޔާތުގެ ބައިވެރިޔަކަށް އޭނަވެސް އެދެނީ އެފަދަ މާތް އަންހެންކުއްޖެކެވެ. ނަމަވެސް އޭނަގެ ނަސީބު އެހާ ރަގަޅުވެދާނެހެއްޔެވެ؟ ދުޢާކުރުމުން ނުވާނެކަމެއް އޮވެދާނެހެއްޔެވެ؟ ދުއާއަކީ ބާރުގަަދ ހަތިޔާރެކެވެ. އޭނަގެ ދުޢާއަކީ އޭނަގެ ހަޔާތަށް މަހްރާގެ ތަރި އެރުމެވެ. އެ ހަޔާތަށް އަންނާނެ އަލިކަމަކީ އެއީއެވެ.

 

***

ސައިރަސްއާއި ނަތާޝާ އަދި ދަނީޒް ސިޓިންރޫމްގައި ވާހަކަދައްކާލަން ތިބިއިރު ދަނީޒްގެ ޝައުގުވެރިކަންވެސް ހުއްޓިފައިވީ ސައިރަސްގެ ޖައްވީ ޕްރޮގްރާމްގެ ވާހަކައަށެވެ. އާއްމުކޮށް އެފަދަ ވާހަކަތައް ހިއްސާ ނުކުރިޔަސް ކުންފުނީގެ އެންމެފަހުގެ ޖައްވީ މިޝަންގެ ވާހަކައާއި ދަތުރުލިބުނު ފަރާތުގެ ވާހަކަ ދެއްކީ ފޯރިއާއެކުގައެވެ.

"މެހެރާޒް؟ އޭނައަކީ ޓެރަރިސްޓެއްނު...."

"އެކަހަލަ ރިކޯޑެއްނެތް. ތުހުމަތުތަކެއްގައި އަދި ޖަލަށްލިޔަސް އެއްވެސް ހެއްކެއްނެތް. ބައެއްފަހަރު މުސްލިމުން ނުހައްގުން އަދަބުދެވިފައިހުރޭ. މެހެރާޒްއަކީ ހަމަ އެކަމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓް...."ސައިރަސް ގެ އަޑުގައި ސީރިޔަސްގޮތެއް ހުއްޓެވެ.

"ޑޭޑް. އަޅުގަނޑު ގޮސްދާނަން...އޭނަގެ ބަދަލުގައި...މިހާ ސަޅި ޗާންސެއްދެން ނުލިބޭނެ............"

"ނޫން. ދަރިފުޅަކަށް ނުދެވޭނެ. އެހާ ރިސްކީ މިޝަނެއްގައި ގޮސް ދަރިފުޅަށް ކަމެއްވެއްޖެއްޔާ މަންމައަށް ވާނެގޮތެއް ނުވިސްނަންތަ؟ މަންމަ މޮޔަވެދާނެ...."ނަތާޝާއަށް ދަނީޒްގެ އަތުގައި ހިފައިބާރުކޮށްލެވުނެވެ.

"މަންމާ. އެނދުގައި އޮތަސް މަރުގެ ވަގުތު ޖެހުމުން އެންމެ ސިކުންތެއް އަވަސްވުމެއް އަދި ލަސްވުމެއްވެސް ނޯންނާނެ. މަރުވެދާނެއޭ ކިޔާފައި އެމީހަކު ބޭނުންވާ ކަންތައް ނުކޮށް ދޫކޮށްލާނީ މޮޔައެއް..ދިރިއުޅުމުގެ ހުރިހާ އުފާތަކެއްވެސް ހޯދަންވާނެ.ޖައްވަށް ދިޔުމަކީ އަހަންނާއި ބާސިލްގެވެސް ޑްރީމެއް."

"އެކަމަކު މަންމަ ތިކަމަށް ހުއްދައެއްނުދޭނަން.."ނަތާޝާ ގަދަކޮށްލިއެވެ.

***

ކާރު ޕާކްކޮށްލާފައި ޒުހަލްއާއި އޮލީވިއާ އިދްރާކް އަދި ބާސިލް ކާރުން ފޭބިއެވެ. އެންމެންވެސް ތިބީ ރީތިކޮށް ހެދުން އަޅާ ޖެކެޓްލައިގެންނެވެ. ބާސިލް ދިގު ޖެކެޓެއްލައިގެން ހުރިއިރު ކަރުގައި ސްކާފެއް އޮޅާލާފައިވިއެވެ. އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވާފަދަ ގޮތެއް މޫނުން ފެންނަނީވެސް ސްމާޓްކަމާއެކު ލިބިފައިވާ ރީތިކަމުންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.

"މިހާ ދީނީ އާއިލާއެއްގެ އަންހެންކުއްޖަކު ބާސިލްއަށް ދީފާނެތަ؟"

"ނޭގޭ މަންމާ. ޒާދާ ހުރީ ގޭގެ މީހުން ނުރުހިއްޖެއްޔާ ފިލައިގެންވެސް އަންނަގޮތަށް...."ބާސިލްގެ ޔަގީންކަން އޮތެވެ.

"އެއްބަސްނުވެއްޖެއްޔާ؟"

"އޭރުން ޒާ ކިޑްނެޕްކުރާނީ.. އެނޫންގޮތެއްނެތް.."ބާސިލް ހިނިގަނޑެއް ޖަހައިލިއެވެ.

"ހާދަ ޔަގީންކަމެއްނެތޭ..."އިދްރާކް ލޮލަށް ގޮތެއްހެދިއެވެ.

"ޒާވެސް އޭނަގެ ޕޭރެންޓުންދެކެ ވަރަށް ލޯބިވާނެ. ރާހާވެސް ބަލިވީމަ ކޮއްކޮ ދޫކޮށްލާފައި އައުމަކީވެސް ކުރެވޭނެކަމެއްނޫން. ޒާ ބުނި އަންނާނަމޯ. އެކަމަކު އަދި ނާދެވުނަސް ނާދެވޭނީ މަޖުބޫރުވީމަ. ލޯބީގެ ހައްގުގައި. ޕޭރެންޓުން އެއްބަސްނުވެއްޖެއްޔާ ބައެއްފަހަރު އެކްސްޓްރީމް އެކްޝަނެއް ނަގަންވެސް ޖެހިދާނެ. ޒާގެ ޕޭރެންޓުން ދީނީކަމުންގޮސް އަހަރެމެންގެ ފެމިލީއާއި މައްސަލަޖެހިދާނެއޭ ހިތްބުނަނީ..." ބާސިލް ބުނެލިއެވެ.

"މަންމަ ކްރިސްޓިއަނެއްކަން އެ ފެމިލީއަށް އެނގޭތަ؟"

"ޒާއަށް އެނގޭނެ.."

ކޮމެންޓް 0