"ދިރިއުޅުން ބައެއްފަހަރު ވަރަށް ހިތި އުދަގޫ އެއްޗަކަށް ވެގެން ހިނގައިދާނެއެވެ. އެކަމަކު އެއީ މަޑުމަޑުންގޮސް ތިބާ ރަގަޅު މަގަށް، "އަލްހާދީ"އާއި ހަމަޔަށް ގެންދަން ،ހިދާޔަތް ލިބުމަށް ކޮށްދެވޭ ހަދުމަ ތަކެކެވެ."
***
"އައިލް ގެޓް އިޓް..."މިފަހަރު އެހެން އަންހެންކުއްޖެއްގެ އަޑެވެ. މެހެރާޒްގެ އަތްފައި ކުރިއަށްވުރެ ފިނިވިއެވެ. ދޮރު ހުޅުވާލާފައި ނުކުތް އަންހެންކުއްޖާ ހުރީ މުޅިން ނޫކުލައިގެ އެއްޗެހީގައި ފޮރުވިގެންނެވެ. ފެންނަން ހުރީ މޫނުކޮޅެވެ. އެ ސިފަތައް އެއްފަހަރާ ސިކުނޑީގައި މަންޒަރެއްހެން ކުރަހައިލެވުނީ އޭނަވެސް ހައިރާންވާހާ އަވަހަށެވެ. މެހެރާޒް ޕިއްޒާ ފޮށިތައް ދިއްކޮށްލިއެވެ. އޮޅިގެން އޭނަގެ ފިނި އިނގިލިތައް އެކުއްޖާގެ އަތާއި ބީހިލިއެވެ.
"ތެންކިއު...."އަންހެންކުއްޖާ ބަލާވެސް ނުލިއެވެ.
"ޓިޕްސް ދޭންޖެހޭނެ ދޯ..." އެތެރޭގައި ހުރި އަންހެންކުއްޖާ ކިޔާލައިފިއެވެ. މެހެރާޒް ދާން ހިނގައިގަތްތަނާ ފަހަތުން އައިސް އެކުއްޖާ އޭނަގެ އަތަށް ފައިސާކޮޅެއް ދިނުމުން މެހެރާޒް އޭގައި ހިިފިއެވެ. އަނބުރާ ދޭން ހިތަށް އަރާފައިވެސް މަޑުމަޑުން އަލްހަމްދުލިﷲ އޭ ބުނެފައި ވޮލެޓަށް އެ ލައިގެން ހިނގައިގަތެވެ. ދެން އޮތް އެޑްރެސް ނޭގިގެން ތަންކޮޅެއް ގިނައިރު ދުއްވަން ޖެހި ބޮސް އޭނައާއިމެދު ހިތްހަމަނުޖެހި ހަޅޭއްލަވަންވެސް ޖެހުނެވެ. ދެން އޮތް އެޑެރެހަށް ގޮސް ރަގަބީލު އަޅާ އަޅާ އެތާ ހުރެ ނިދިޖެހުނުއިރުވެސް މީހެއްގެ ޚަބަރެއްނުވިއެވެ. އަނެއް ގެއިން އޭނަގެ މޫނުމަތީގައި ޕިއްޒާއިން ނުޖެހީ ކިރިޔާއެވެ. ޕިއްޒާ ގެނައިލެއް ލަސްވެގެން އެ ފިރިހެން ގްރޫޕް ރުޅިއައިސް ރަތްވެފައި ލޯ އަޅައިގެން ތިބިތަން ފެނުނަސް އޭނަ ހުރީ ހަމަޖެހިލައިގެންނެވެ. ފިރިހެނަކު ގަޔަށް އަތްލައިފިއްޔާ އޭނަވެސް ހިމޭނުން ނުހުންނާނެއެވެ. ޕިއްޒާ ގެންގޮސްދިނުމުގެ ޚިދުމަތަކީ ފަސޭހަކަމެއްނޫނެވެ. އެތައް އުދަގޫތަކާއި ބުރަކަންތައްތަކުގެ އިތުރުން ހިތްހަމަނުޖެހިފައިވާ ފަރާތްތަކުގެ ނުރުހުމުގެ ބަސްތަކާއި ކުރިމަތިލާންވެސް ޖެހެއެވެ. ނަމަވެސް ބައެއްފަހަރު ޚިދުމަތްލިބިގަންނަ ފަރާތްތަކުން ޝުކުރުވެރިވުމާއެކު ފައިސާދޭފަހަރުވެސް އަންނަނީ މަދުންނޫނެވެ.
ގިނަ ޕިއްޒާތައް ފޯރުކޮށްދީ މަސައްކަތުގައި ގިނައިރުއުޅުނުވަރަކަށް އަތަށް އަރާ ފައިސާ ގިނަވާނެއެވެ. ފައިސާގެ ބޭނުން ޖެހިފައިވާވަރުން ޕާޓްޓައިމް ޖޮބްގައި އުޅެމުން ޕެޓްރޯލްސްޓޭޝަނެއްގައިވެސް އޭނަ މަސައްކަތްކުރެއެވެ. ޖެހުނު ކޮންމެ މަސައްތަކެއްކުރަން މެހެރާޒް ހުންނަނީ އަޒުމް ކަނޑައަޅައިގެންނެވެ.
***
މެހެރާޒް މަސައްކަތް ނިންމައިލުމަށްފަހު އެ ދުވަހަކީ ގޯސް ދުވަހެއް ކަމުގައި ނިންމިއެވެ. އެންމެފަހުގެ ކަސްޓަމަރ ލަސްވެގެން އޭނަގެ މޫނަށް ހޫރުވައިލި ޕިއްޒާގައި ނަސީބަކުން ހިފުނެވެ. އެ ޗިކެން ސުޕްރީމް ޕިއްޒާ އެއްލައިލަން ނުކެރުމުން އަމިއްލަ ޖީބުން ފައިސާ ދައްކާފައި ގެއަށް ގެންދާން އޭނަ ނިންމިއެވެ. ހޫނުމޫސުމް ފެށުނަސް އަދިވެސް ހަވީރުއަތަށް އަޅާއިރު މާހައުލު ފިނިވެއެވެ. ހިތްގައިމު ވައިރޯޅިތައް އޭނަގެ މޫނާއި އިސްތަށިގަނޑާއި ސަމާސާކުރަންފެށުމުން ސިކުނޑިއަށްވެސް ފިނިކަމާއި އަރާމުކަމެއް ލިބި ދުވަހުގެ އުދާސްތައްވެސް ފިލައިގެން ދިޔައެވެ. ގުދުރަތުގެ އެ ފިރުމައިލުމުން ތަސައްލީދިން ފަދައެވެ. އެންމެފަހުން އޭނަ ދިރިއުޅޭ ގެއާއި ދިމާލަށް މިސްރާބުޖެހި އިރު ސިޓީގެ ހަލަބޮލިކަން ކެނޑި މަގުތައް ހަނިވެ އެއް ފާޑަކަށް ހަދާފައި ހުރި ގެތައް ފެންނާންފެށިއެވެ. ކޮންމެ ގެއެއްގެ ކުރިމަތީގައި ފެހިކަން ގަދަ ވިނަގަނޑާއި މާ ގަސްތަކެވެ.
ކުއްލިއަކަށް މެހެރާޒްގެ ނަޒަރުގައި އަޅައިގަތީ އެއްފަރާތުގައި އޮތް ޕާކަށް ވަން އޭނަގެ ގާތްއެކުވެރިޔާ އެލިޒަބަތެވެ. އުމުރުންދުވަސްވުމުގެ ސަބަބުން ބުރަކަށިގުދުވެ އަސާގެ އެހީގައި ހިނގުނަސް އޭނަގެ ބުއްދިރަގަޅެވެ. އާއްމުކޮށް ލައި އުޅޭ ހެދުމުގެ މަތިން ސާލެއް އޮޅާލައިގެން ހުންނައިރު އަރަނީ އެންމެ ބޫޓަކަށެވެ. މެހެރާޒްއަށް ލިބޭ އެއްޗެއް ދޭތެރެއަކުން ހިއްސާކުރާއިރު އެލިޒަބަތްވެސް އެފަދައެވެ. ކޮންމެ އުމުރެއްގެ ކޮންމެ ދީނެއްގެ ބަޔަކަށްވެސް އެކުވެރިވެވިދާނެކަމީ އުމުރުގައި ފަރަގުހުރި ދެމީހުންގެ އެކުވެރިކަމުން ދައްކުވާދިންކަމެކެވެ. އެކުވެރިކަމުގެ ރީތި މިސާލެކެވެ.
"ހޭއި ލިޒް...ކިހިނެއް؟" މެހެރާޒް އެލިޒަބަތް ގެނެސްގޮސް މޭޕްލް ގަހެއްގެ ދަށުގައި ހުރި ބެންޗުގައި ބޭންދިއެވެ.
"ރަގަޅު...މަސައްކަތް ނިންމައިފާ ތިއައީ ދޯ...."
"ޕިއްޒާއެއް ގެނައިން...ކާލަމާ ދޯ..."މެހެރާޒް ޕިއްޒާ ފޮށި ހުޅުވައިލުމަށްފަހު އެލިޒަބަތް އަތަށް ޓިޝޫއަކަށްލާފައި އެއްފޮތި ދިއްކޮށްލައިފިއެވެ.
"މާތް ރަސްކަލާނގެ ރަހުމަތް ލައްވާށި." އެލިޒަބަތް ޕިއްޒާ ރަހަބަލާފައި މީރުވެގެން ކުދި އެތިކޮޅުންކާންފެށިއެވެ.
"އަހަރެންގެ ވައިފް ޕްރެގް ވާހަކަ ބުނިންތަ؟"
"ނުބުނޭ.......މަރުހަބާ މާޒް...ތިއީ ވަރަށް އުފާވެރި ޚަބަރެއް. ދަރިންނަކީ މާތްރަސްކަލާނގެ ދެއްވާ އެންމެ ބޮޑު ނިއުމަތް....އަހަންނަށްވެސް ތިންފަހަރު އުނގު ފަޅުފިލުވައިލަން ލިބުނު. އެކަމަކު ތިން ދަރިންވެސް ޅައިރު ވަކިވެގެން ދިޔައީ..ހިތަށް ހަމަޖެހުން ލިބެނީ ސުވަރުގެއިން ދިމާވާނެކަމުގެ ޔަގީންކަން އޮތީމަ. އިންސާނާގެ އުމުރަކީ ކުރު އެއްޗެއް. އަހަރެން ޒުވާން އުމުރު އަދިވެސް ހިތުން ފިލައިގެން ނުދޭ. މިހާރު ގުދެއްލާފައި އަސާގެ އެހީގައި ނޫނީ ނޫޅެވުނަސް އޭރު ބައިވެރިޔެއްވެސް ހުރި...."އެލިޒަބަތްގެ ލޯ ފެންކަޅިވިއެވެ.
މެހެރާޒް އެލިޒަބަތްގެ އަތްމަތީގައި އަތްތިލަ ބޭއްވިއެވެ. މަޑުމަޑުން ފިރުމައިލިއެވެ. މާމައެއްގެ ލޯބި ނުލިބުނަސް އެލިޒަބަތްއާއި އޮތް ގާތްކަމުން އޭނައަށް އިހުސާސްވަނީ މާމައެއްގެ ލޯތްބާއި ގާތްކަމެވެ. އެކުވެރިކަމެވެ. ދުނިޔެއިން އޭނައަށް ކުލުނު ނޫނީ ލޯބި ދިން މީހެއްނެތެވެ. ކިރިޔާވެސް އެ ޖަޒުބާތު ދަސްވީ އެލިޒަބަތްގެ ސަބަބުންނެވެ.
އެލިޒަބަތްއާއި ދެމީހުން އެތައް އިރެއްވާންދެން ތާސްކުޅެން ނޫނީ ރާޒުވާ ކުޅެން އެ ޕާކްގައި ތިބެއެވެ. ބައެއްފަހަރު އެކީގައި ހިނގާލަންދެއެވެ. ކުޑަކޮށް ޕިކްނިކް ހަދާލައެވެ. މިރޭވެސް ޕިއްޒާ ޑޭޓެއްކަމަށް މެހެރާޒް ނިންމިއެވެ.
އެލިޒަބަތް ދިޔަފަހުން މެހެރާޒް ގެއަށް ދާހިތްނުވެފައި ބެންޗްގައި އޮށޯވެލައިގެން އޮތްވާ އަނދިރިވަމުންގޮސް އުޑުމަތިން ތަރިތައް ފައުޅުވާންފެށިއެވެ. އޭނައަށް ބަލަހައްޓައިގެން އޮވެވުނީ އެތަރިތަކަށެވެ. އެހެން އޮތްވާ ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.
***
ޒާދާއާއި މަހްރާ އެނދުގައި އޮށޯވެލައިގެން ތިއްބެވެ. ދެކުދިންވެސް އިސްތަށިގަނޑު އެނދުން ތިރިއަށް ފައިބާގޮތަށް އޮށޯވެލައިގެން ތިބީ ލެކްޗާއެއް ބެލުމުގައެވެ. ޒާދާ އެހާ ޝައުގެއްނެތަސް މަހްރާގެ ސަބަބުން ދީނީ ލޯބި ދޭތެރެއަކުން އިތުރުވެއެވެ. އީމާންތެރިކަމަކީ ދޭތެރެއަކުން ޟައީފުވާއެއްޗަކަށްވާއިރު ޒާދާއަށް މާ ބޮޑަށް އެކަމުގެ އަސަރުތައް ކުރެއެވެ. ކިތަންމެ ވަރަކަށް ދީނާއި ދޯޅުވާން މަސައްކަތް ކުރިޔަސް މަހްރާއާއި އެއް ލެވެލްއަކަށް ނުދެވެއޭ ހިތް ބުނެއެވެ.
"ހިނގާ ޕިއްޒާއަކަށް އޯޑަރކޮށްލަން...."ޒާދާ ބަނޑުގައި އަތް ކާއްތައިލިއެވެ.
"އެހާ އަވަހަށް ބަނޑުހައިވީ..."
"އާނ...ޑޮމިނޯއިން ގެންނާނީ ދޯ...މިއަދު ގެންނާނީ އިމްޕޮޒިބްލް ޑަބަލް ބީފް އެންޑް އޮނިއަންއެއް.....މިއޮތް އުޅޭ ނަންތަކުންވެސް މީހަކު ހަމަ ހައިރާންކޮށްލާނެ. މި ނަން ދިން މީހަކަށް މަގޭ އަންލިމިޓެޑް ޕްރެއިޒް....." ޒާދާ ފޯނު ނެގިއެވެ.
މަހްރާ ހިނިތުންވެލިއެވެ."އެތާ ޕިއްޒާމީރު. އެކަމަކު އާންޓް ހަދާ ޕިއްޒާ އެންމެ ލައިކްވަނީ. ހާދަ މީރޭ..."
"ޓޭސްޓް ތަފާތުކޮށްލަންވާނެ..ޑޮމިނޯ ޕިއްޒާ މަށަށް ވަރަށް ކަމުގޮސްފި...."
"މަށަށްވެސް....އެކަމަކު ދެން މި ބައި ނިންމާލާފައި ދާނީ...ކިހާ ސަޅިކޮށް މި ޝޭޚު އެކްސްޕްލެއިންކޮށްދެނީ..."
"އެންމެފަހުން މަހްރާ މެރީކުރާނީ މި ޝޭޚާއި ކަން ނޭގޭ ހެހެ..."
"ހެހެ...."މަހްރާ ހުނުމަކުން ފުއްދައިލިއެވެ."އަދި ކައިވެންޏާއިމެދު ނުވިސްނަން. ބައްޕަމެންނަށް ފެނުނު ކޮންމެ ބޯއިއެއް އޯކޭވާނެ. ސަބަބަކީ ބައްޕަމެން ހޯދާނީ އެންމެ ރަަގަޅު ހަޒްބެންޑްކަމަށް ގަބޫލުކުރެވޭތީ. އަހަރެންވެސް ނަމާދުކޮށްގެން ދުޢާކުރަން ރަގަޅު ސްޕައުސްއެއް ދެއްވަން. ސަބަބަކީ ވަރަށް އިމްޕޯޓެންޓް ދޯ. އެކީގައި ޖަންނަތަށްދާން އަތުގައި ހިފައިލާނެ ބައިވެރިޔެއް........."
ޒާދާގެ ސިކުނޑީގެ ލޯގަނޑަށް އެރީ ބާސިލްއެވެ. އިދްރާކްއެވެ. ދެ ޒުވާނުންވެސް ޒަމާނީގޮތްގަނޑު ހުރެފައި މަހްރާ އެބުނާ އަޅުވެރި ސިފަތަކެއް ފެންނާކަށް ނެތެވެ. އިދްރާކްގެ މިޒާޖުގައި މަޑުމައިތިރިކަމެއް ހުއްޓަސް ދީނަށް ލޯބިކުރާފަދަ ސިފައެއްނެތެވެ. ދެން ހުރީ ބާސިލްއެވެ. އޭނަގެ ވާހަކަހެވީ ނުދެއްކިއްޔާއެވެ. ޒާދާއަށްވެސް ބާސިލްގެ ބޮޑާކަމާއި އުޅުން ހުރިގޮތް ކަމަކުނުދެއެވެ.
***
އަދްރިއަންއާއި ކާއިނާތު ނިދަން ކޮޓަރިއަށް ވަނެވެ. މާސްޓާ ބެޑްރޫމްގެ ބިއްލޫރި ދޮރުތަކުން ބަލާއިރު ފެންނަން ހުރި މަންޒަރުތައް ވަރަށް ހިތްގައިމެވެ. އާފަލާއި ޗެރީ އަދި މޭޕްލް ގަސްތަކެވެ. ފެހިކަންގަދަ ބޯ ވިނަގަޑު ރީތިކޮށް ކޮށާލާފައެވެ. ބައެއް ދިމާލުގައި މާގަސްތައް އިންދާފައިވާއިރު ދުނިޔޭގައި ލެއްވި ކޮންމެ ކުލައެއްގެ މާ އެތަނުގައިވާ ފަދައެވެ.
"އައި ތިންކް ދެން ރަގަޅުވާނީ އަދްރިއަން ރިޓަޔާ ކުރީމަހެން. ފެމިލީއަށް ޓައިމް ނުދެވޭ..........."
"އަދި އެ އުމުރަކަށް ނުދެއެއްނު. އިންސާނިޔައްތަށް ކޮށްދެވޭ ކޮންފަދަ ބޮޑު ޚިދުމަތެއްކަން ކާއީއަށް ނޭގޭތީ ތިހެން ބުނަނީ. ކެންސަރު ޕޭޝަންޓުންގެ ވޭންތައް ކުޑަކޮށްދީ ބަލިމީހުންނަށް ޚިދުމަތްކޮށްދެވުމުން ވަރުބަލިވިޔަސް ހިތަށް ހަމަޖެހުން ލިބޭ. އިތުރު ޓެކްނޮލޮޖީތަކާއި އާ ފަރުވާތައް ހޯދި އޭގެ އަޖުމަވެސް ބަލަމުން މިދަނީ...."އަދްރިއަން އެނދުގައި އިށީނެވެ.
"ރާހާވެސް އަބަދު އައިސްޕެކް ފައިގާ އަޅާތީ މިހުންނަނީ ކަންބޮޑުވެފައި..ކެންސަރާއި އެއްޗެހި ނޭގިވެސް ޖެހޭ. އެމްއާރުއައި އެއްޗެއް ހަދައިލަންފެނޭ. އެހެންވެ މިބުނަނީ އެހެން މީހުންނަށް ޚިދުމަތްކޮށްނިމޭއިރު ފެމިލީއަށް އަޅާނުލެވޭ..."
"ރާހާއަކީ އެތްލީޓެއް. ބާސްކެޓްބޯޅަކުޅޭ ކުއްޖެއް. އެހެންވީމަ އައިސްޕެކް އެޅުމަކީ ތިހާ ބޮޑަށް ކޮންސާންވާވަރު ކަމެއްނޫނެއްނު..."
"ތަދުވެގެން އުޅޭކަންވެސް އެނގޭ...ރާހާ ނުބުނަނީކަންނޭގޭ..."
"ކާއީ ޝައްކުކުރަނީ ދެން ކޮންކަމަކަށް؟"
"ރާހާ ދަންނަ ކުއްޖެއް އެންމެފަހުން ބޯން ކެންސަރު ޖެހިގެން މަރުވީ. އަދްރިއަން ހަނދާން ހުންނާނެއްނު.."
"އޯ....އާނ. ހަނދާން އެބަހުރި. އެކަމަކު ކާއީ. ތިހެން ވިސްނުމަކީ ގޯހެއް..."
"ކޮންޓޭޖަސްނުވާނެތަ؟"
އަދްރިއަން ކާއިނާތުގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިލިއެވެ."ކާއީއަށް ރަގަޅަށް އެނގިގެން ތިއަހަނީ..."
"އަހަންނަކީ އެސްޓްރޮނޯޓެއް. ޖާނަލިސްޓެއް. މެޑިކަލްގެ އަލިފުވެސް ނޭގޭ ހެހެ...."ކާއިނާތު "އެސްޓްރޮނޯޓެކޭ"ބުނާއިރަށް އަދްރިއަންގެ މޫނުގެ ކުލަ ބަދަލުވީކަން ކާއިނާތުވެސް ދެނެގަތެވެ. އަޖައިބަކީ މިހާ ދުވަސްވީއިރުވެސް ސައިރަސް އޭނަގެ ހިތާއި ސިކުނޑި ހިސާރުކޮށްފައިވާކަމެވެ. އެލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދްރިއަންގެ ލޯތްބާއި އަޅައިލުމުންވެސް އެހަނދާންތައް ފިލުވުމުގައި އެހީއެއްނުވިއެވެ.
***
ރާހާ ނުނިދިފައި އޮތީ ފައިގާ ރިއްސާވަރުންނެވެ. ފައިގާ ގޮށެއްކަހަލަ ތަނެއް ފާހަގަވުމުން ނޭގި އަނިޔާއެއްވެފައި އިނީބާވައޭ ހިތަށް އެރިއެވެ. ދޭތެރެއަކުން ވަމުން އަންނަ އުދަގޫތައް ހައްތާބޮޑުވާންފެށިޔަސް ރާހާ އެވާހަކަ އެހެން މީހަކާއި ހިއްސާކުރަން ބޭނުމެއްނުވިއެވެ.