"ރޭގަނޑާއި ދުވާލަކީވެސް ޚަޒާނާފޮށިގަނޑެއްފަދަ އެއްޗެކެވެ. އޭގެ ބޭނުންކުރާގޮތް އަދި ހޭދަކުރާގޮތާއިމެދު ފަރުވާތެރިވާށެވެ."
ޒާދާ ހޮސްޕިޓަލުގެ ލައުންޖަށް ވަންއިރު ފެނުނު ރީތި ހިތްގައިމު ޝަޚުސިއްޔަތަކުން ހިތަށް އަސަރުކުރުވިއެވެ. އޮޅުން ފިލުވައިލިއިރު އެއީ އަލަށް ހޮސްޕިޓަލުގެ ވަޒީފާއަށް ވަން ޑޮކްޓަރެކެވެ. އެންމެ އަޅައިގަންނަނީ އެރީތި ލޮލުގައެވެ. މަޑުމައިތިރިކަމާއެކު ލަދުރަކިކަމެއް ހުރުމާއެކުވެސް ފިރިހެންވަންތަކަމުގެ ދެވަނައެއްނެތެވެ. އަންހެންކުދިން ހިތްކިޔާހާ ސިފަތައް އެއްކޮށްލައިގެން ހުރިއިރު ވަށައިގެން ހިނގާ އެއްވެސް ކަމަކަށް އޭނަގެ ސަމާލުކަމެއްނެތެވެ. ޒާދާ ކައިރިވެލުމުން އެޒުވާނާގެ ގައިން ދުވީ ތާޒާލުއި ވަހެކެވެ. ބޮޑީޝޮޕް ނޫނީ ސެންޓެއްގެ ވަހެވެ. ޒާދާ ކަރުކެހިލިއެވެ.
"އެކްސްކިއުޒް މީ...."
"ޔެސް..." އެޒުވާނާ ކުޑަކޮށް ބަލައިލިއެވެ.
"އީދު މުބާރަކް......" ޒާދާ ވަގުތުން އަތްދިއްކޮށްލިއެވެ. އެއީ އެކުވެރިކަމުގެ ރަމްޒެއްކަމަށް ޒާދާގެ ޟަމީރު އެންގިއެވެ. އެކަމަކު އެޒުވާނާ ފަސްޖެހުނުހެން ހީވުމާއެކު އަތްތިރިކޮށްލިއެވެ."އަޅުގަނޑަކީ ޒާދާ. އެމްބީބީއެސް ހަދަމުން ސަމަރގައި ހިތަށް އެރީ ވޯކް އެކްސްޕީރިއެންސަށް އަންނާނީއޭ. ތިއީ މިތާ ޑޮކްޓަރެއްތޯ؟"
އެ ޒުވާނާ ވާހަކަދައްކަން ބޭނުންވިހެނެއް ހިޔެއްނުވިއެވެ. ކުޑަކޮށް ބުމަ އަރުވާލާފައި ހުރިހާ ސަމާލުކަމެއް އަތުގައިވާ ފައިލަށް ދިނެވެ.
ޒާދާ ލަދުގަތެވެ. މިއީ އަދި އެހެން ޒުވާނުންނާއި ތަފާތު މީހެކެވެ. ތަގުވާވެރީކަން ނޭގެއެވެ. ރީތި އަންހެންކުދިންނަށް ނުބަލަން ހުވާކޮށްގެން ހުރި މީހެއްފަދައެވެ. އަނެއްކާ އަންބަކުހުރީ ހެއްޔެވެ؟ އެކަމަކު ކައިވެންޏެއް ކުރާހާ ދުވަސްވީހެނެއް ހިޔެއްނުވެއެވެ. މުޅި ދުވަހު ޒާދާ އެޒުވާނާގެ ސަމާލުކަން ހޯދުމަށް އޮންކޮލޮޖީ ޑިޕާޓްމެންޓްގައި ބުރުޖެހިނަމަވެސް އެޒުވާނާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުނެވެ.
ޒާދާއަށް އެވަރުން އެނގުނީ އެންމެ އެއްޗެކެވެ. އެ ޑޮކްޓަރުގެ ނަމަކީ އިދްރާކް އަޒީޒުއެވެ. އެ މިޒާޖާއި ރީތިކަމާއި ނަންވެސް ގުޅެއެވެ. އެހާ ނާދިރެވެ. މިވީހާ ތަނަށް އިދްރާކް ކިޔާ މީހަކާއި ދިމާވެފައެއްނެތެވެ. މިއީ ތުރުކީ ނަމެއްހެއްޔެވެ؟ ތުރުކީ ނަންތައްވެސް ލޯތްބެވެ.
މެންދުރު ކާން އިށީންއިރު ދޮރުފޮތިތައް ކަހާފައި ހުރުމުން މަޑު އަވީގެ އަސަރު ކާކޮޓަރިތެރެއަށް ފެތުރިފައިވުމުން ވަކިން އަލިކަމަށް ދައްކައެވެ. ކާއިނާތުއާއި އޭނަގެ ލޯބިވާ ދެ އަންހެންދަރިން ޒާދާއާއި ރާހާ ކެއުމަށް އިންސާފުކުރަން ތިއްބެވެ. ކާއިނާތު ދަސްކޮށްދީފައި އޮންނަނީ ސުންނަތަށްވާތީ ކަނައަތުން ކެއުމަށެވެ. އުލާއި ސަމުސަލުން ކެއުމަށްވުރެ ކާއެއްޗެހީގެ ރަހަވެސް އަތުން ކެއުމުން މީރުކަމަށް ކައިނާތުގެ ތަޖުރިބާއިން އެނގެއެވެ. ރާހާގެ ސްކޫލްގެ ޚަބަރު އޮޅުން ފިލުވުމަށްފަހު އާދައިގެ މަތިން ޒާދާގެ ދުވަހާއި ބެހޭގޮތުން ކާއިނާތު ސުވާލުކޮށްލިއެވެ.
"މަންމާ..އިއްޔެ ދިމާވި ވަރަށް ހެންޑްސަމް ޑޮކްޓަރަކާއި...."
"ޒާ ލައިކް ވާ ކުއްޖެއް ފެނުނީ ދޯ..."
"ހަހަ މަންމާ ނޯ......އެކަހަލަ ކަމެއްނޫން. ބަޓް ހީސް ރިއަލީ ޑައުން ޓު އާތް..ވަރަށް ހަމްބްލް....އެކަހަލަ ބޯއިސް ވަރަށް ނުފެނޭ. ހީ ހޭޒް ސަމްތިން އައި ލައިކް...."
"ކާކުގެ ދަރިއެއް؟ އަނެއްކާ މުސްލިމް ކުއްޖެއްތަ؟"ކާއިނާތުއަށް ވަގުތުން އަހައިލެވުނެވެ.
"ތަފާތު ނަމެއް. ޔަގީނުންވެސް ބައްޕަގެ ނަމުން މުސްލިމްހެން ހީވޭ...އިދްރާކް އަޒީޒު...."
""ވާއު..އިޒްރާކް......"ރާހާ ރާގެއް ލާފައި ކިޔައިލިއެވެ."
"ނޯ ސްޓުޕިޑް. ހިޒް ނޭމް އިޒް....އިދްރާކް....." ޒާދާ އަކުރުތަކަށް ބާރުލާފައި ކިޔައިލިއެވެ.
"އިޝްރާކް.......އޯކޭ......." ރާހާ އެނަން ރަގަޅަށް ކިޔާކަށް ނޫޅުނެވެ. ޒާދާ ހަށަން ބަދެލަމުން ތުން ފިތައިލީ ރާހާގެ އެ މިޒާޖުން ރުޅިގަދަވާގޮތްވެފައެވެ. ރާހާގެ ކޮޓަރިއަށް ވަން މީހަކުވެސް ބޯ ހަލާކުވާނެއެވެ. އެއްވެސް ތަރުތީބެއް ނެތި އެއްޗެހި އުކާފައި ހުންނައިރު އޭނަގެންގުޅޭ ފޮތްތަކާއި ސާމާނުތައްވެސް ގިނަފަހަރު ހުންނާނީ ދޫލަމަތީގައެވެ. ކުރެހުމުގައި ވަގުތުތައް ހޭދަކުރާ ކުއްޖަކަށްވިޔަސް ނަސީބަކުން ކުރެހުމަށް ޚާއްސަ ވަކި ކޮޓަރިއެއް ހުންނަކަމުން އެކަމުގެ އަސަރު ކޮޓަރިއަކުން ފެންނާކަށް ނުހުރެއެވެ. ދެބެން އެކަަކު އަނެކަކާއި ކޫސަނި ތޮޅުންތަކާއި އަރައިރުން ހިންގިޔަސް އެދޭތެރޭގައި ލޯތްބާއި ކުލުނުވެސް ވެއެވެ.
***
ބާސިލް އާއި އޭނަގެ އެކުވެރިޔާ މާކް ރޭސްކާރުގައި އުދުހިފައި މަގުތައް ކުޑަކޮށްލާފައި ދުއްވިއެވެ. އެކްސިޑެންޓްތަކުން ސަލާމަތްވަނީ ހަމަ ކިރިޔަކިރިޔާއެވެ. އެކާރު ފެންނައިރަށް އެހެން މީހުން އެކަން ދަނެގެން އަވަހަށް ސަލާމަތްވާންވެސް މަސައްކަތްކޮށް އެއްފަރާތަށް ޖެހެއެވެ. އެކަމުން ބާސިލްއަށް އިތުރު ހިތްވަރެއްލިބި ރޭސްޖަހަން ހިތްވަރުލިބެއެވެ. މިފަހަކަށް އައިސް އޭނަގެ ސިކުނޑި ގާނަމުންދަނީ އެންމެ އަންހެންކުއްޖެކެވެ. އެކުއްޖާ އޭނައާއި ދިމާލަށް ބަލާވެސް ނުލާތީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ބޭލުމަށްވުރެ ހުތުރެވެ. އޭނަގެ "އިގޯ"އަށް ކުޑަމީސްކުރެވުނީކަމަށް ދެކުނެވެ.
ބާސިލްއަށް އެކުވެރިޔާ ދަނީޒް ގެނެސްދިން މައުލޫމާތުން އެނގުނީ އެ އަންހެންކުއްޖާގެ ނަމަކީ ޒާދާ ކަމަށެވެ. ޑޮކްޓަރކަން ކިޔަވަމުން ހޮސްޕިޓަލުގައި ތަޖުރިބާ ހޯދަމުންދާ މޮޅު ދަރިވަރެކެވެ. ބާސިލް އެހޮސްޕިޓަލް ކައިރީ ކާރުން އެތައް ބުރު ޖެހުމަށްފަހު ޒާދާ އާއްމުކޮށް އެތަނަށް ދާ ގަޑި ހޯދިއެވެ. ދެރައީ ޒާދާގެ ހަށިފާރަވެރިއެއްފަދައިން އަބަދުވެސް އޭނަގެ ބައްޕަ ގާތުގައި ހުންނަކަމެވެ. ދިމާކޮށްލާނެ އެއްވެސް ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ޒާދާ ގެ ބަގީޗާތެރޭ ވަގުތު ހޭދަކުރާ ތަނާއި އެކުވެރިންނާއެކު އެހިސާބުގައި ހިނގައިލަަން ދާތަން ފެނެއެވެ. ކައިރީގައި ހުންނަ މާ ވިއްކާ ފިހާރައާއި އައިސްކްރީމް ޕާލާ އަދި މިސްކިތަކީ ޒާދާ ގިނައިން ޖައްސާލާ އުޅޭ ތަންތަނެވެ.
ބާސިލް މާ ވިއްކާ ފިހާރައަށް ވަންއިރު ޒާދާ އޯޑަރު ދިނީ ފިޔާތޮށިކުލައިގެ ފިނިފެންމަލަށެވެ. ބާސިލް ޒާދާއާއި ދާދި ގާތުގައި ހުއްޓުނުއިރު މުޅިތަނުގައި ހިފާފައިވީ މާމެލާމެލީގެ މީރުވަހެވެ. ޒާދާވެސް ހުރީ ޖިންސަކާއިއެކު ކަޅު ހެދުމަކާއި އެކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. މޫނުވިދަނީ އުގުޅާފައި ހުރި ކްރީމަކުންކަން ނޭގެއެވެ. އެއްވެސް މޭކަޕެއްނެތެވެ.
"ހެލޯ ޒާދާ....ކިހިނެއް؟"
ޒާދާ ސިހިފައި ބަލައިލީ ދަންނަ އަޑެއް ނޫންވީމައެވެ. ކައިރީގައި ހުރި ބީރައްޓެހި ޒުވާނާގެ ދިގު އިސްކޮޅާއި ހަތަރެސްކަން މޫނު އަދި ގަދަ ބުމައާއި ރީތި ދެލޮލުން އަންހެންކުދިންގެ ހިތާއި ކުޅެލާނެކަން ގައިމެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރާ ވަރާއިއެކު ބޮޑާކަންވެސް ފެންނާން ހުރި ދެލޮލެވެ. އެހެން މީހެއްގެ ކުރިމަތީގައި ދުވަހަކު އިސްނުޖަހާނެހާ ވަރުގަދަ ޒުވާނެކެވެ. އޭނަގެ ނަން އެނގުނުގޮތަކާއިމެދު ހައިރާންވެ އަހައިލަން އުޅެފައިވެސް އޭނަގެ ޟަމީރު އެކަމާއިދެކޮޅުހެދިއެވެ. އިދްރާކްގެ ދިމާ އިދިކޮޅެވެ.
"މަންމަގެ ރޫލްތަކުގެ ތެރޭގައި އޮވޭ ބީރައްޓެހިންނާއި އެއްވެސް ވަރަކަށް މުއާމަލާތް ނުކުރުން..............." ޒާދާ އަމިއްލަ ނަފުސަށް ބުނެލިއެވެ.
ޒާދާ އެ ޒުވާނާ ފެނުނު ކަމަށްވެސް ހަދާނުލާ މާ ބުކޭ އަތުލިއެވެ. "ތެންކިއު ލިންޑާ.."
"ބޯއިފްރެންޑަށް ވަރަށް ކަމުދާނެހެން ހީވޭ.."ލިންޑާ އެއް ލޯ މަރައިލީ ބާސިލްއަށެވެ. ލިންޑާގެ ނަޒަރު އެންމެ ފަހަރަކުވެސް ބާސިލްގެ މޫނުން ކައްސާނުލައެވެ. ބާސިލްގެ ބުމަ ގޮށްޖެހުނެވެ.
"ޔަގީންތަ؟" ޒާދާ ލާނެތްގޮތަކަށް ހީލިއެވެ." ކޮންމެ ދުވަހަކު ބުކޭއެއް ގެންގޮސްދިނީމަ ހިތްހަމަޖެހޭ އެއްޗަކާއި ދިމާވާނެ ދޯ......"
ބާސިލް މާތަކަށް ފަރުވާތެރިކަމާއެކު ބަލައިލުމަށްފަހު ދިގުތަނޑިއަކާއި ފެހިކަން ގަދަ ތާޒާ ރަތް ފިނިފެންމަލެއް ނަގާފައި ޒާދާއަށް ދިއްކޮށްލިއެވެ. ލިންޑާއަށް އަތް އަޅައިލެވުނީ މޭގައެވެ. ޒާދާ އޭގައި ހިފުމުން ބާސިލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. ދެވަނަ ސިކުންތުގައި އެ މާ ޖެހުނީ އޭނަގެ ބޫޓުމަތީގައެވެ. ޒާދާގެ އެ އަމަލުން ބާސިލްގެ މޫނަށް ރަތްވެގެން ދިޔުމާއެކު އެކުއްޖާގެ އަތުގައި ހިފާ ހުއްޓުވާފައި މާފަށް އެދެން އަންގަން ބޭނުންވިއެވެ. ނަމަވެސް ޒާދާއަށް ވުމާއެކު އަޅާނުލާ ހުރެ ފަހަތުން އަންނާންފެށިއެވެ. އެވަގުތު އިންޒާރަކާއި ނުލައި ވެހިގަތް ވާރެއިން ދެމީހުން އެއްކޮށް ތެންމައިލިއިރު ޒާދާގެ ހިނގުން އަވަސްކޮށްލިއެވެ.
"ހޭއި......" ބާސިލް ގޮވައިލުމުން ޒާދާގެ ފިޔަވަޅުތައް އަވަސްކުރަމުންގޮސް ދުވުމަކަށް ބަދަލުވިއެވެ. ބާސިލްގެ އަތްް މުށްކެވުނެވެ. ސަބަބަކާއި ނުލައި ވާރޭގައިވެސް ޖެހުނީ އެ އަންހެންކުއްޖާއާއިހެދިއެވެ. އޭނަ ދަނީޒްއަށް ގުޅާފައި އެކުއްޖާގެ ފޮނިކަމުގެ ވާހަކަ އަނެއްކާވެސް ދެއްކިއެވެ.
"ބާޒް....ޑޯންޓް ވޮރީ. އޭނަ އަދި އާދޭސްކުރަމުން ފަހަތުން އަންނާނެ. ތިއީ ކާކުކަން އެކުއްޖާއަށް ނޭގެނީ. އެހެންނޫނަސް އުމުރުގައިވެސް ބާޒްއާއި ދިމާވަނީ އައިރޭޕް ކުރާ އަންހެންކުުދިންނާއި ދޯ......."
ބާސިލް ހިނިގަނޑެއް ޖަހައިލިއެވެ. މިނޫނީ މިފަދަ އަންހެންކުއްޖަކާއި އޭނަގެ ހަޔާތުގައި ދިމާވެފައެއްނެތެވެ. މުޅިންވެސް ކުރިމަތިލާން ޖެހުނީ އޭނަ ފަހަތުން ނުނެއްޓިގެން އުޅޭ ދީވާނާ އަންހެންކުދިންތަކާއެވެ. ޒާދާގެ ދެކޮޅުހެދުންތަކުގެ ސަބަބުން އޭނަ ބޭނުންވަނީ އެކުއްޖާ އޭނަގެ ކައިރީ ހަތިޔާރު ބެހެއްޓުމެވެ.
***
ޒާދާ ކޮޓަރީގައި ހުރި މާވަށިގަނޑުގައި ފިނިފެންމާތައް ޖަހައިލުމަށްފަހު އަވަސްވެގަތީ ނަމާދުކުރުމަށެވެ. އެހާ ރީތި ޒުވާނަކު ފެނުމުން އަޅައިގަންނަގޮތްވެ ހިތް އަވަސްވިނަމަވެސް އެއީ ރަގަޅުމީހެއް ނޫންކަމުގައި ހިތްބުނަނީއެވެ. ޒާދާ ނަމާދުކޮށްގެން އާދައިގެ މަތިން ގުރުއާނުން ތިން ސަފުހާވަރު ކިޔަން އިނީ ކުޑަދޮރުކައިރީގައި ހުރި ގޮދަޑިޖެހި ސީޓުގައި ކުޝަންތަކުގެ ތެރޭގައި ހަމަޖެހިލައިގެންނެވެ. އިރުއިރުކޮޅާ ވާރެއާއި ބޭރުގެ ރީތި މަންޒަރުތަކަށް ހިތް ދޫކޮށްލެވެއެވެ. ބައެއްފަހަރު އެޒުވާނާ ދިއްކޮށްލި މަލަށް އިހާނެތި ވުމުން ދެރަވެސް ވެއެވެ. އެކަމަކު އެގޮތަށް "ފްލާޓް"ކޮށްގެންވެސް ނުވާނެއެވެ. ފޮނިކަމުގެ ހައްދެއްނެތް ޒުވާނަކު އޭނަ ވަގުތުން ހިތްދޭނެ ކަމަށް ހީކޮށް މަލެއް ދީގެންވެސް ނުވާނެއެވެ. ނޫނެކެވެ. އޭނަ ކަންތައްކުރީ އެންމެ ރަގަޅަށެވެ. އެކަމާއިމެދު ވިސްނުމުގެ ބޭނުމެއްނެތެވެ.
***
ބާސިލްގެ އަތަށް ބޮކްސިން އަންގި ލެއްވުމަށްފަހު ހޯމްޖިމްގައި އެލުވާފައި ހުރި ބަރު ޕަންޗިން ބޭގަށް އެތިފަހަރުބާލަމުންގޮސް އޭނަ ވަރުބަލިވެ މޫނުން ދާތިކިތައް އޮހޮރެންފެށިއިރުވެސް އޭނައަށް ހުއްޓައެއްނުލެވުނެވެ. ހިތުގައި އުތުރިއަރަމުން އައިހާ ރުޅިއެއް ބޭލެމުން ދިޔައީ އެއަށެވެ.
"ބާސިލް...ނުނިމޭތަ؟" އިދްރާކްގެ އަޑު އިވުނެވެ.